ލޯބިން ބަލާލީމާ 3
“އާރ ޔޫ އޯކޭ؟” އެކުވެރިޔާގެ މޫނަށް ބަލާލަމުން އާލާ އަހާލިއެވެ.
ނައުރީން އެއްޗެއް ނުބުނެ ދެ ކޮނޑު ހިއްލާލިއެވެ.
އާލާ ނައުރީން ގައިގައި ބައްދާލިއެވެ.
“ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށޭ ބުނެއެއްނު؟ ދެން ހަންދާން ނައްތާލަން ޓްރައި ކުރޭ. އިރާދަ ކުރެއްވިއްޔާ ނައު ބޭނުން ހުރިހާ އުފަލެއް ނައުއަށް އަދި ލިބޭނެ” އާލާ ދުރަށް ޖެހިލާފައި ނައުރީންގެ އަތްތިލައަށް ފިތާލިއެވެ.
ނައުރީން އެއްޗެއް ނުބުނެ އިސްޖަހާލިއެވެ.
“ނައު…” އާލާ ގޮވާލިއެވެ.
“ހްމްމް… އައިމް އޯކޭ. މިރޭ ތި ވާހަކަ ނުދައްކާ. އަދި އަހަންނަށް ނާއިކް ނުވެސް ފެނޭ. ހިތަށް އަރާ އަހަންނަށް އިމޭޖިން ކުރެވޭ ގޮތަށް ބާއޭ އާލްގެ ނާއިކް ހުންނާނީ. ކީއްތަ ވާނީ ޕިކްއެއް ފޮނުވާލި ނަމަވެސް؟ އަސްލު އަހަންނަށް ނާއިކް ނުދައްކާ މެރީ ކުރާ ހިސާބަށް އާލް ގޮސްގެންވެސް ނުވާނެ” އަމިއްލަ ހިތްދަތިކަން ފޮރުވާލަމުން ނައުރީން އެކުވެރިޔާގެ އުފަލުގައި ބައިވެރިވިއެވެ.
“އެނގިދާނެތާ. ދެން ގިނަ އިރެއް ނުވެ ނައުއަށް ފެނިދާނެ. އޭރުން ދެން ނައު ގަބޫލިއްޔާ ބުނޭ. ނައުއަށް ނާއިކް ކަމުނުގޮސްފިއްޔާ އަހަރެން ޖެހޭނީ ނާއިކްގެ ހިތް ދެފަޅި ކޮށްލަން” އާލާ ހިނިއައިސްފައި ބުންޏެވެ.
“އާލްއަށް ތިހާ ކަމުގޮސްފިއްޔާ އަހަންނަށްވެސް ކަމުދާނެ، ނުޖެހޭނެ ނާއިކްގެ ހިތް ފަޅިފަޅި ކުރާކަށް” އާލާގެ ކޮނޑުގައި ހިފާ ކައިރި ކޮށްލަމުން ނައުރީން ބުންޏެވެ.
އެ ވަގުތު ޝާދިޔާއާ ސާއިމާ އައިސް، ނިކުންނަން ވީ ކަމުގައި އާލާ ގާތު ބުންޏެވެ.
އަމީންއާ ރަމްލާގެ އިތުރުން ސާއިމާއާ އާޒިމްގެ އެދުމާ އެއްގޮތަށް ކައިވެނީގެ ހަފްލާ ފާހަގަ ކުރެވުނީ ވަރަށް ކުލަ ގަދަކޮށެވެ. މެހެމާނުންނާ ސަލާން ކުރަން ޚާއްސަކޮށް ތައްޔާރު ކުރެވިފައި ހުރި ކުޑަ ސްޓޭޖް މަތީ ފިރިހީމާއާ ޖެހިގެން ހުރި އާލާގެ ރީތިކަން އެރޭ އެތައް ގުނައެއް އިތުރު ވެފައިވާ ކަހަލައެވެ. އާލާ ލައިގެން ހުރި ކިރިޔާ ހުދަށް ނުވާހާ މަޑު ކްރީމް ކުލައިގެ ތިރިއަށް ފުޅާ ވެޑިންގްޑްރެސްގެ އަތް ފުޅާކޮށް ހުރެފައި އަތުކުރިއާ ހިސާބުން ހުރީ ބާރުކޮށެވެ. އަޅައިގެން ހުރި ޝިފޯން ޝޯލްގެ މަތިން ހެދުމުގެ ފަސްބަޔާ ހަމައަށް ފަހަތަށް ވާ ގޮތަށް ތުނި ލޭސްފޮތީގެ “ވެއިލް”އެއް އޮތެވެ. އެ ބައި ބޮލުގައި ހަރުކޮށްފައި ހުރީ ރިހި ކުލައިގެ ކުދިކުދި އެސްޖެހި “ޓިއާރާ”އަކުންނެވެ. ކޮށްފައިވާ މޭކްއަޕްއިން އާލާގެ ރީތިކަން އިތުރު ކޮށްދީފައި ވެއެވެ. އާލާއާ ޖެހިގެން ހުރި ނާއިކް ލައިގެން ހުރީ ނޭވީބްލޫ ކުލައިގެ ސޫޓްއެކެވެ. އެރެއަށް ޚާއްސަކޮށް ނާއިކްވެސް ހުރީ ފުރިހަމައަށް ތައްޔާރު ވެގެންނެވެ.
ހަފްތާއެއް ކުރިން، ކައިވެންޏަށް ރަން ކީ ރޭ އާލާ އަތުގައި ނާއިކް އަޅުވައިދިން އަނގޮޓިއަށް އޭރުވެސް އިރުއިރުކޮޅާ އާލާއަށް ބަލާލެވެއެވެ. ހަމަ އެއާއެކު ކައިރީގައި ހުރި ނާއިކްއާ ދިމާއަށްވެސް އިރުކޮޅަކާ ބަލާލެވެނީ އެއީ ފެންނަ ހުވަފެނެއް ނޫން ކަން ޔަގީން ކުރަން ކަހަލައެވެ. އެގޮތަށް ބަލާލާ ކޮންމެ ފަހަރަކު ހިތާހިތުން އާލާއަށް ނާއިކްގެ ސޫރައަށް ތަޢުރީފް ކޮށްލެވެއެވެ.
އާއިލާއާއި އެންމެ ގާތް އަންހެނުން ތިބީ ރަތާ ރަން ކުލައިގެ ހެދުމާ ބުރުގާގައެވެ. ފިރިހެނުން ތިބީ އަޅިކުލަޔާ ކަޅުކުލައިގެ ގަމީހާ ފަޓްލޫނުގައެވެ. ޕީޗް ކުލައާ ރަތް ކުލައިގެ ހެދުންތަކުގައި ތިބި ކުޑަ އަންހެން ކުދިންތަކާ އެކީ ދުވެފައި އުޅުނު ފިރިހެން ކުދިން ހެދުން އަޅއިގެން ތިބީ ފިރިހެނުންނާ އެއް ގޮތަށެވެ.
ޕާޓީ ނިމި، އެރެއަށް ޚާއްސަކޮށް އާޒިމްއާ ސާއިމާއާ ޝާދިޔާގެ ފަރާތުން އަލަތު ދެމަފިރިންނަށް ހަދިޔާއެއްގެ ގޮތުން ބުކިންގ ހަދާފައިވާ ރިޒޯޓަށް ދާން އާލާއާ ނާއިކްއަށް ނިކުމެވުނު އިރު އެގާރަގަޑި ބައި ވަނީއެވެ. ލޯންޗުގައި އެ ހިސާބަށް ދެވުނީ ބާރަ ޖަހަނިކޮށެވެ.
އާލާ ކުރީގައި ހުރެ ކޮޓަރިއަށް ވަނުމުން ފަހަތުން ނާއިކް ވަދެ ދޮރު ލައްޕާލި އަޑަށް އާލާ ބަލާލިއެވެ. އެއީ ނާއިކްއާ އާލާ އެ ގޮތަށް އެކަނި ވި ފުރަތަމަ ފަހަރަށް ނުވި ނަމަވެސް އެރެއަކީ އެދެމެދުގައި ކުޑަވެސް ކަމެއް ހިނގާނެ ފުރަތަމަ ރެއެވެ. އެހެން ހިތަށް އެރުމާއެކު އާލާގެ ހިތުގެ ތެޅުން އަވަސް ވެލިއެވެ. މަޑުމަޑުން އާލާ ގޮސް ހުއްޓުނީ އިސްކޮޅު ފެންނަ ވަރުގެ ލޯގަނޑު ކުރިމައްޗަށެވެ. ތުރުތުރުއަޅާ އިނގިލިތަކުން ޝޯލްއަށް ޖަހާފައި ހުރި ޕިންތައް ނައްޓަން އާލާ މަސައްކަތް ކުރިއެވެ. ނަމަވެސް އެކަންވީ ހީވެސް ނުކުރާހާ އުނދަގޫ ކަމަކަށެވެ.
ލައިގެން ހުރި ކޯޓް ބާލާ ގޮނޑިއެއްގައި އަޅުވާފައި ނާއިކް އައިސް އާލާގެ ފަހަތުން ހުއްޓުނެވެ. ލޯގަނޑުން ދެމަފިރިންގެ ހަތަރުކަޅި ހަމަ ވުމުން އާލާ އިސްޖަހާލިއެވެ.
“ކެން އައި ހެލްޕް؟” ނާއިކް އަހާލިއެވެ.
އާލާ ބޯ ޖަހާލުމުން ނާއިކް ޕިންތައް ނައްޓާފައި ލަސްލަހުން އާލާގެ ބޮލުން ޝޯލް ވަކިކޮށްލިއެވެ. ކަނދުރާއަށް ނާއިކްގެ ނޭވާގެ އިހުސާސް ވުމުން އާލާ އަތް ހިއްލާ އިސްތަށިގަނޑުގައި ޖަހާފައި އިން ހުޅި ހަރުކޮށްފައި އިން ވޫލްކޮޅު ދަމާލާ އިސްތަށިގަނޑު ނިއުޅާލިއެވެ. އެ ވަގުތު ނާއިކް މަޑުމަޑުން ހީލިއެވެ. އެ އަޑު އިވުމުން ރަކިވެފައި ހުރި އާލާ ނާއިކްއާ ދުރަށް ދެތިން ފިޔަވަޅު އަލާލިއެވެ. ނަމަވެސް ނާއިކް ދެ އަތުން އާލާގެ އުނަގަނޑުގައި ހިފާ ގެނެސް ގައިގައި ޖައްސާލަމުން އާލާގެ ބަނޑާ ދިމާލުން އަތް ހުރަސްކޮށް ދުރަށް ނުދެވޭނެހެން ހިފަހައްޓާލިއެވެ.
އިތުރަށް ދުރަށް ދާން އާލާ މަސައްކަތް ނުކުރުމުން ނާއިކް އެއް އަތުން އާލާގެ އިސްތަށިގަނޑުގައި ހިފާ އެއްފަރާތް ކޮށްލާފައި ކަނދުރާގައި ބޮސްދިނެވެ. އާލާ ކުއްލިއަކަށް އެނބުރި ނާއިކްގެ މޭގައި މޫނު ޖައްސާލިއެވެ. އާލާގެ ނަމުން ނާއިކް ގޮވާލުމުން އާލާ އިސްއުފުލާ ނާއިކްގެ މޫނަށް ބަލާލިއެވެ. ދެ އަތުން އާލާގެ މޫނުގައި ހިފާލަމުން އާލާގެ ތުންފަތުގައި ނާއިކް ބޮސްދިނެވެ.
“ސޯ ބިޔުޓިފުލް…” ދުރަށް ޖެހިލާ އާލާގެ ރަތްވެފައިވާ ތުންފަތުގައި އިނގިލި ޖައްސާލަމުން ނާއިކް މަޑުމަޑުން ބުނެލިއެވެ. އާލާ އިސްޖަހާލަން އުޅުނެވެ. އެއަށް ވުރެ ކުރިން ނާއިކް އަނެއްކާވެސް އާލާގެ މޫނުގައި ހިފާލަމުން ބޮސްދިނެވެ.
“އައި ލަވް ޔޫ…” ނޭވައަކަށް ދުރުވެލާފައި ނާއިކް ބުނެލިއެވެ. އޭގެ ކުރިން އެ ބަސްތައް ނުބުނި ނަމަވެސް ނާއިކް އާލާ ދެކެ ލޯބިވާކަން އާލާއަށް ޔަގީންވެއެވެ. ނާއިކް އެކޭ އެއްފަދައިން އާލާވެސް ނާއިކް ދެކެ ލޯބިވެއެވެ. އެހެން ނަމަވެސް އެ ގޮތަށް ޖަވާބު ދޭކަށް އާލާއަކަށް ނުކެރުނެވެ.
“ނުބުނާނަންތަ؟” ނާއިކް ސަމާސާ ކޮށްލިއެވެ.
އާލާ ދެފަރާތަށް ބޯ ހަލުވާލިއެވެ.
“ދުލުން ނުބުންޏަސް އޯކޭ…” އާލާގެ ފަރާތުން ޖަވާބު ބޭނުން ވަނީ ކިހިނެއް ކަން ނާއިކް ބުނުމުން ލަދުން ހުރެވެސް އާލާ އެ ގޮތަށް ކަންތައް ކުރިއެވެ. އިސްވެ ނާއިކްގެ ތުންފަތުގައި ބޮސްދިނީ އެއީ އާލާގެ ފިރިމީހާއަށް ވީތީއެވެ. ހުރިހާ ގޮތަކުންވެސް އެއީ އާލާގެ ހައްގެއް ކަން އެނގޭތީއެވެ.
ލުއި ހުނުމަކާ އެކު ދެއަތް މައްޗަށް އާލާ އުފުލާލަމުން އެނދާ ދިމާއަށް ނާއިކް ހިނގައިގަތީ އިތުރަށް ކެތް ކުރަން ދަތިވެގެންނެވެ.
ތިން ދުވަހު ރިޒޯޓްގައި ތިބެފައި މާލެއަށް އައިސް އަނެއް ދުވަހު ނާއިކްއާ އާލާ ދެ ހަފްތާގެ ހަނީމޫންއަށް ދިޔައީ މެލޭޝިޔާއަށެވެ.
ހަނީމޫން ނިންމާފައި އާލާއާ އެކު ނާއިކް ބަދަލުވީ މަންމަމެންނާ ވަކިން އެހެން އެޕާޓްމެންޓަކަށެވެ. ކުރިން ދެމީހުންނަށް އެކުގައި ވަގުތު ހޭދަކުރެވިފައި ނެތަސް، ކައިވެނީގެ ފަހުން އެ ވަގުތު ހޯދިއެވެ. ދެ މީހުންވެސް އޮފީހުން ޗުއްޓީ ނެގީ އެ ބޭނުމުގައެވެ.
އެ ގޮތުގައި ދެ އަހަރު ނިމިގެން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. ނާއިކް ދެކެ އާލާ އިންތިހާއަށް ލޯބިވެއެވެ. ހަމަ އެހެން ނާއިކްއަށްވެސް އާލާއާ ދުރުގައި ގިނަ އިރަކު ކެތެއް ނުވެއެވެ. ކޮންމެ ދުވަހަކު އެތައް ފަހަރަކު އެކަކު އަނެކަކު ދެކެ ލޯބިވާ ކަން ބަސްތަކުންނާ އަމަލުން ފާޅު ކުރެއެވެ. ކައިރީގައި ނެތް ވަގުތެއް ނަމަ ފޯނުން އެ މެސެޖް ރައްދު ކުރެއެވެ.
ކައިވެނި ކުރި ދުވަހުން ފެށިގެންވެސް ނާއިކްއަކީ ކެތްތެރިކަން ކުޑަ މީހެކެވެ. އަނބިމީހާއަށް އިންތިހާއަށް ބޭނުން ވާ ފިރިއެކެވެ. ލިބޭ ގިނަ ހުސް ވަގުތު ނާއިކް ބޭނުން ވާނީ އާލާއާ އެކު ހޭދަކުރާށެވެ. ނޫނެކޭ ބުނާނެ ފުރުސަތެއް އާލާއަކަށް ނުދެއެވެ. ރައްޓެހިންނާ އެކު ބޭރަށް ދިޔަޔަސް ނާއިކް މާ ދަންވަންދެން ނޫޅޭނެއެވެ. އެންމެ ލަސް ވިޔަސް އެގާރަ ޖަހަން ވާ އިރަށް ގެއަށް ދާން ބޭނުން ވާނެއެވެ. އެކަމާ ރައްޓެހިން ދިމާ ކުރިޔަސް ނާއިކް އަޅައެއް ނުލައެވެ. އާލާ ދެކެ ލޯބި ވާކަން ރައްޓެހިންނަށް ހާމަ ކުރަނީ ޖެހިލުމެއް ނެތިއެވެ.
ނާއިކްގެ އެދުމަށް ދެކޮޅު ހަދަން ބޭނުން ވިޔަސް އާލާއަށް އެއީ އުނދަގޫ ކަމެކެވެ. އެއަށް ވުރެ ނާއިކް ކުޅަދާނައެވެ. އާދޭސް ކޮށްގެން ނޫނީ ނާއިކްގެ ފަރާތުން ލުޔެއް ނުލިބޭނެއެވެ. ނަމަވެސް އެއީ އާލާ ދެކެ ނާއިކް ލޯބި ވާތީ ކަން އާލާއަށް އެނގެއެވެ.
އެހާ ދުވަސް ވީ އިރު ހައްލު ކުރަން ދަތިވާ ވަރުގެ މައްސަލައެއް އެދެމެދުގައި ނުޖެހެއެވެ. ހިތްހަމަ ނުޖެހޭ ކަމެއް އެކަކު އަނެކަކުގެ ފަރާތުން ފެންނަ ނަމަ އެކަމާ ވާހަކަ ދައްކާ ހައްލު ކުރެއެވެ. ދެ ފަރާތުގެ މައިންބަފައިންނާ އާއިލާއާ ނުހަނު ގާތެވެ. ނާއިކްގެ ފަރާތުން ކަމުނުދާ ސިފައެއް އާޒިމްއާ ސާއިމާއަށް ނުވަތަ ޝާދިޔާއަކަށްވެސް ފާހަގައެއް ނުކުރެއެވެ. އާލާގެ ދައްތަމެންނާ ކޮއްކޮމެންނާ މެދު ނާއިކް ކަންތައް ކުރަނީ އަމިއްލަ ކޮއްކޮމެން ކަމުގައި ދެކިގެންނެވެ.
އެހެން ނަމަވެސް ރަމްލާއަށް ކަމެއް ފާހަގަ ވަމުން ދިޔައެވެ. ނާއިކްއާ އާލާ ކުއްޖަކު ހޯދަން މަސައްކަތް ކުރާކަން އެންމެންނަށްވެސް އެނގެއެވެ. އެހާ ދުވަސް ވީ އިރު އެ މަސައްކަތް ކާމިޔާބު ނުވާތީ އެކަމާ ޝަކުވާ އުފެދެނީ ހަމައެކަނި އާލާގެ ހިތުގައެއް ނޫނެވެ. އެ ކަންބޮޑުވުން ރަމްލާގެ ހިތަށް އުނދަގޫ ކުރަން ފެށުމުން އެ ކަން އަމީންއާ ޙިއްސާ ކުރުމުން، އެއީ ނާއިކްއާ އާލާގެ އަމިއްލަ ކަމެއް ކަމުގައި ބުނެ އެކަމާ ގޮތްކިޔާ ފާޑުކިޔާ ނުހެދުމަށް އަމީން ބުންޏެވެ.
ނިޝްވާ ފަދައިން ނާއިކްގެ އާއިލާ ފުރިހަމަ ވުމަށް ރަމްލާ އެދެއެވެ. އާލާއަކީ ރަނގަޅު އަންހެން ކުއްޖެއް ކަން ރަމްލާ ގަބޫލު ކުރެއެވެ. އަމީންއާ ރަމްލާއާ މެދު އާލާ ދެކެނީ އަމިއްލަ މަންމައާ ބައްޕަ ފަދައިންނެވެ. ނާއިކްގެ ކޮންމެ ކަމެއްވެސް އާލާ ކޮށްދެނީ އެންމެ ފުރިހަމައަށެވެ. އާލާއަށް ވުރެ ފުރިހަމަ އަނތްބެއް ނާއިކްއަށް ނުލިބޭނެ ކަން ރަމްލާއަށް ޔަގީންވެއެވެ. އެހެން ނަމަވެސް ދެމަފިރިއެއްގެ ދިރިއުޅުން ފުރިހަމަ ވާނީ ދަރިއަކު ލިބުމުން ކަމުގައި ރަމްލާ ދެކެއެވެ. އެހެން ވިޔަސް އެކަމާ ބަސް ނުކިޔަން ރަމްލާ ހުރީ ކުދިންގެ ޒާތީ ދިރިއުޅުމާ ނުބެހެން ވެގެންނެވެ.
ކައިވެންޏަށް ދެ އަހަރު ވީ އިރު އާލާގެ ހިތަށް އުނދަގޫ ކުރަމުން ދިޔަ ޚިޔާލަކަށް އެކަން ވިއެވެ. ހިތުގައި އޮތް ކަންބޮޑުވުން އާލާ ހިއްސާ ކުރީ ފިރިމީހާއާއެވެ. ނާއިކްގެ ޚިޔާލު އާލާއާ ތަފާތެވެ. ކުއްޖަކު ނުލިބިގެން ނާއިކް ކަންބޮޑެއް ނުވެއެވެ. ނާއިކް ދެކޭ ގޮތުގައި އަދި ވަގުތު ނުޖެހެނީއެވެ. ކުއްޖަކު ނުލިބިގެން ކަންބޮޑުވާން ޖެހޭހާ ދުވަހެއް އަދި ނުވެއެވެ. އެ ޚިޔާލުތަކުން ހިތަށް އުނދަގޫ ވެގެން ނާއިކްއާ ވާހަކަ ދައްކާ ކޮންމެ ފަހަރަކު ނާއިކް އާލާއަށް ވިސްނައިދެނީ އެ ގޮތަށެވެ. ނާއިކްގެ ވާހަކަ އަޑުއަހާފައި އާލާ ދުވަސްކޮޅަކަށް އެކަން ހަނދާން ނެތެއެވެ.
އަމީން މަނާކޮށްފައި އޮތް ނަމަވެސް އެންމެ ފަހުން ރަމްލާ އެ ވާހަކަ ނާއިކްއާ އާލާ ގާތު ދެއްކިއެވެ. އަމީން ހިތްހަމަ ނުޖެހޭނެ ކަން އެނގޭތީ ރަމްލާ އެ ވާހަކަ ދެއްކީ އަމީން ނެތް ވަގުތެއްގައި ލިބުނު ފުރުސަތެއްގައެވެ. އެ ކުދިންނަށް ނޭނގި އޮވެދާނެތީ އެހީ ވުމުގެ ގޮތުންނެވެ.
“އާލާ، ނާއިކް، ކުއްޖަކު ހޯދަން ދަރިފުޅުމެން ޑޮކްޓަރަށް ދައްކާލާކަށް ނުވިސްނަންތަ؟” ސައިބޮއެ ނިމިގެން ސިޓިންގްރޫމްގައި އިށީނދެފައި ރަމްލާ ފެށިއެވެ.
“އަދި ލަހެއް ނުވެއެއްނު؟ އަދި އެންމެ ދެ އަހަރު މިވީ، ދޯ އާލާ؟” ހަމަޖެހިލައިގެން އިނދެ ނާއިކް ބުނެލިއެވެ.
“މިހާރުގެ ކުދިން ބޭނުމެއް ނުވާނެ ދަރިން ހޯދާކަށް. ޅަ އިރު ބޭނުން ވާނީ ހަށިގަނޑު ރީތިކޮށް ބަހައްޓަން. އުމުރުން މާ މައްޗަށް ދިޔައީމަ ދެން ކުދިން ހޯދަން އުޅޭނީ” ރަމްލާ ދެއްކި ވާހަކަ އަޑު އަހަން އިނދެފައި ޒަރީނާ ބުނެލިއެވެ.
“މަންމާ، އާލާ އެއީ ތިބުނާ ކަހަލަ ކުއްޖެއް ނޫން. ތީ އަދި މުޅިން އެހެން ކަމެއް” ޒަރީނާގެ ވާހަކައާ ރަމްލާ އެއްބަހެއް ނުވިއެވެ.
“ދުނިޔޭގަ ހުރިއްޔާ އުމުރު ދާނީ މައްޗަށް. ދަރިން ހޯދައިގެން މިހާރުއްސުރެ އުޅުނީމަ ރަނގަޅަށް ގެންގުޅެވޭނީ. މިހާރުގެ ކުދިންނަކަށް އެކަހަލަ ކަންކަމެއް ނޭނގޭނެ. އަނެއްކާ ނާއިކްއާ އާލާ އެ އުޅެނީ އަހަރުމެންނާ ވަކިން ދުރުގަ. ގިނަގިނައިން އަންނަނީއެއް ނޫން. ކައިރީގަ އުޅޭ ނަމައެއްނު ކިޔާ އެއްޗެއް އަޑުވެސް އިވޭނީ” ރަމްލާ ބުނި އެއްޗެއް އަޑުއެހުމެއް ނެތި ޒަރީނާ ވާހަކަ ދައްކަމުން ދިޔައެވެ.
“މާމާ… އެހެންނެއް ނޫނޭ…” އާލާ މަޑުމަޑުން ބުނެލިއެވެ.
އެހެން ނަމަވެސް ބުނަން ބޭނުން ވި އެއްޗެއް ބުނެފައި ޒަރީނާ ތެދުވެގެން ދިޔައީއެވެ.
ރަމްލާއާ އަމީންއާ ޚިލާފަށް ޒަރީނާއަށް އާލާ ކަމުނުދާ ހެން ނާއިކްއާ ކައިވެނި ކުރީއްސުރެ އާލާއަށް އޮތީ ހީވެފައެވެ. އެ ގެއަށް އަންނަ ކޮންމެ ދުވަހަކު އާލާގެ ފަރާތުން ފެންނަ ކޮންމެވެސް ހިތްހަމަ ނުޖެހޭ ކަމެއްގެ ވާހަކަ ޒަރީނާ ބުނާނެއެވެ. އެކަމާ އާލާ އަޅައެއް ނުލައެވެ. ބައެއް ފަހަރަށް ޒަރީނާ ބުނެލާ އެއްޗެހިން ހިތްހަމަ ނުޖެހިފައި ރަމްލާވެސް އިނދެއެވެ. އެފަދަ ދުވަސްތަކުގައި ޒަރީނާ ބުނާ ބަސްތަކަށް އާލާގެ ކިބައިން މާފަށް އެދެނީ ރަމްލާއެވެ. އެއިން ކޮންމެ ފަހަރަކު އެއީ މާފަށް އެދެން ޖެހޭ ވަރުގެ ކަމެއް ނޫން ކަމަށް އާލާ ބުނެއެވެ.
އެހެން ވިޔަސް އެ ދުވަހު އެ ބުނި ފަދަ އެއްޗެއް އޭގެ ކުރިން ޒަރީނާ ބުނެފައެއް ނެތެވެ.
“މާމަ އެހެން ބުނާ އެއްޗަކަށް ދަރިފުޅުމެން އަޅާނުލާތި އިނގޭ” ޒަރީނާގެ ވާހަކައިން އެ ކުދިން ހިތްހަމަ ނުޖެހިދާނެތީ ރަމްލާ ބުންޏެވެ.
“މަންމާ… އާލާ މިހާރުވެސް އެ ހުންނަނީ އެކަމާ ކަންބޮޑުވެފަ، އެކަހަލަ ވާހަކަ ދެއްކީމަ ހައްތަހާ ބޮޑަށް ވިސްނާނީ… އަދި ލަހެއް ނުވެޔޭ، ވަގުތު ޖެހުނީމަ ކުއްޖަކުވެސް ލިބޭނެ. އެހާ އަވަސް އަރުވާލައިގެން ނޫޅުނަސް އޯކޭ ވާނެ” އާލާގެ މޫނަށް ބަލާލަމުން ނާއިކް ބުނި އިރު، މާމަގެ ސަބަބުން ނާއިކް ހިތްހަމަ ނުޖެހުނުކަން ވާހަކަ ދެއްކި ގޮތުން އެނގެއެވެ.
“މަންމައަށް އެނގޭ ތިކަން. މާމަގެ ގޮތް ނާއިކްއަށްވެސް އެނގެއެއްނު؟ ދަރިފުޅު ދެރަ ނުވައްޗޭ” އާލާ ކައިރީ އިށީނދެ އާލާގެ ކޮނޑުގައި ފިރުމާލަމުން ރަމްލާ ބުނެލީ ނާއިކްއަށް ވުރެ ބޮޑަށް އާލާއާ މެދު ކަންބޮޑު ވާތީއެވެ.
އިތުރަކަށް ނާއިކް ވާހަކައެއް ނުދެއްކިއެވެ. އަމީން އަންނަން ދެން މަޑުވެސް ނުކޮށް އާލާ ގޮވައިގެން ގެއަށް އައީއެވެ.
“ނާއިކް…” ނާއިކް ހުރީ ހިތްހަމަނުޖެހިފައި ކަން އެނގޭތީ ގެއަށް އާދެވުމުން އާލާ ގޮވާލިއެވެ.
“ވަރަށް ޓަޔަޑް، ޖައްސާލަން މި ދަނީ” މަޑުވެސް ކޮށްނުލާ ނާއިކް ކޮޓަރިއަށް ވަނެވެ.
އާލާއަށް ކޮޓަރިއާ ހަމައަށް ދެވުނު އިރު ނާއިކް އޮތީ ފޯން ހިފައިގެން އެނދުގައެވެ.
“ކޮން ކަމެއް ކޮށްގެން ތިހާ ޓަޔަޑް ވީ؟” އެއްޗެހި ބަދަލު ކޮށްގެން އައިސް ނާއިކް ކައިރީ އޮށޯވެފައި އާލާ އެހިއެވެ.
“އަހަރެން ބުނީމެއްނު އަދި ބޭބީއެއް ނުލިބިގެން ލަހެއް ނުވެޔޭ؟” ފޯނުން ނަޒަރު ވަކިކޮށްނުލާ އޮވެ ނާއިކް ބުނެލިއެވެ.
“ނާއިކް…” އާލާ ގޮވާލިއެވެ. އެ ވާހަކަ ދައްކަން ނާއިކް ބޭނުން ނުވާކަން އާލާއަށް އެނގެއެވެ.
ނާއިކް އެއްޗެއް ނުބުނުމުން އާލާ ތެދުވެ ނާއިކް އަތުން ފޯން އަތުލާފައި ހެޑްބޯޑްގައި ލެނގިލިއެވެ.
“ތެދަށް ބުނެބަލަ… ނާއިކް ބޭބީއެއް ބޭނުން ނުވަނީތަ؟” ހިތަށް އެރި ސުވާލު އާލާ ކޮށްލިއެވެ.
“ބޭނުން ނުވަނީއެއް ނޫން. ޕްރެގްނަންޓް ނުވެގެން އާލާ އެކަމާ ވިސްނާ ސްޓްރެސް ވަންޏާ އޭގެ އިފެކްޓް ކުރާނެ. އެހާ ނުވިސްނާށޭ މި ބުނަނީ އެހެންވެ. އަހަންނަށް އެނގޭ މިހާރުވެސް އާލާ ވިސްނާ ވަރު، ދެން އަނެއްކާ މަންމަ އެހެން ބުނީމަ އާލާ ހައްތަހާ ބޮޑަށް ވިސްނާނީ، ދެން އޭގެ އަސަރުވެސް ކުރާނީ ހަމަ އާލާއަށް. އަހަރެން ބޭނުމެއް ނޫން އެހެން ވާކަށް. އެހާ ކެތްތެރިކަމެއް ނެތިގެން އުޅޭކަށް ނުވާނެ، ވަގުތު ޖެހުނީމަ ވާން ހުރި ކަމެއް ވާނެ” އާލާއާ ދިމާއަށް އެނބުރިފައި ނާއިކް ބުންޏެވެ.
“ތިކަން އަހަރެން ގަބޫލު ކުރަމޭ. އެކަމަކު ނާއިކް ނުވިސްނާށޭ ބުންޏަސް އަހަންނަށް ވިސްނޭ… ޕްރެގްނަންޓް ނުވާތީ ވަރަށް ކަންބޮޑު ވޭ… އަސްލު މަންމަ އެ ބުނީ ރަނގަޅު ވާހަކައެއް. ޑޮކްޓަރަށް ދައްކާލުމަކުން ގޯހެއް ނެތެއްނު؟” އާލާ ބޭނުން ވީ ނާއިކްއަށް ވިސްނައިދޭށެވެ.
“ލަވް…” ނާއިކް ލޯބިން ގޮވާލިއެވެ.
“ޕްލީޒް…” އާލާ އަނެއްކާވެސް އާދޭހުގެ ރާގެއްގައި އެދުނެވެ.
“އޯކޭ އޯކޭ، އެކަމަކު މާލެއަކުން ނޫން… ބޭރަށް ދާނީ” ނާއިކް އެންމެ ފަހުން އެއްބަސްވިއެވެ.
ރާއްޖެއިން ބޭރުން ޑޮކްޓަރަށް ދައްކާ، ޓެސްޓެއް ހަދަން ޖެހޭ ނަމަ އެކަންވެސް ކުރުމަށް ނާއިކް އެއްބަސްވީ އާލާއަށް ޓަކައެވެ. ނާއިކް އާލާ ދެކެ ލޯބި ވާތީއެވެ. އާލާގެ އެދުމަކާ ދެކޮޅު ހަދަން ހިތް ނުރުހޭތީއެވެ.
ހިތުގައިވި ކަންބޮޑުވުމުގެ ވާހަކަ ނާއިކް ފިޔަވާ އާލާ ހިއްސާ ކުރި ހަމައެކަނި މީހަކީ ސާއިމާއެވެ. ޑޮކްޓަރަށް ދައްކަން ނާއިކް އެއްބަސް ވުމުން އެ ވާހަކަ އެންމެ ފުރަތަމަ އާލާ ހިއްސާ ކުރީ ސާއިމާއާއެވެ. އާލާ އެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު ސާއިމާގެ ހިތަށް ޑޮކްޓަރަށް ދެއްކުމުގެ ޚިޔާލު އައި ނަމަވެސް އާލާ ކައިރީ އެހެން ބުނަން ނުކެރިފައި ހުރެވުނީއެވެ. ނަމަވެސް އާލާ އެ ވާހަކަ ބުނުމުން އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި ސާއިމާވެސް ބުންޏެވެ.
ޑޮކްޓަރަށް ދައްކާ ޓެސްޓްތައް ހެދުމުން މައްސަލަ ހުރީ އާލާގެ ކަން އެނގުނެވެ. އެކަމާ އާލާ ވަރަށް ރުޔެވެ. އާލާގެ ހިތަށް ކިރިޔާވެސް ހަމަޖެހުމެއް ލިބުނީ އިތުރަށް ހެދި ޓެސްޓްތަކުން، ބޭސް ފަރުވާއަށް ފަހު ބަލިވެ އިނުމުގެ ފުރުސަތު އޮތް ކަމުގައި ޑޮކްޓަރުން ބުނުމުންނެވެ.
މަހެއް ހާ ދުވަހު މެލޭޝިޔާގައި ތިބެފައި އާލާއާ ނާއިކް މާލެއަށް އައީ ތިންމަސް ފަހުން އަނެއްކާވެސް ދާ ގޮތަށެވެ.
އަހަރެއް ވަންދެން ބޭސް ކުރަމުން އައި އިރުވެސް އާލާ ބަލިވެއެއް ނީނެވެ. މައްސަލަ ހުރީ އާލާގެ ކަން އެނގުނު ފަހުން ޒަރީނާގެ ނުރުހުމުގެ ބަސްތައް އިތުރުވަމުން ދިޔައެވެ. ފެންނަ ކޮންމެ ފަހަރަކު އާލާއާ ދިމާއަށް އެއްޗެއް ބުނެނުލާ ދޫކޮށެއް ނުލައެވެ. ބައެއް ފަހަރަށް ޒަރީނާ ބުނެލާ ބަސްތަކުން އާލާ ހިތުގައި ޖެހި ރޮވެއެވެ. މާމައާ ދިމާއަށް އެއްޗެއް ނުބުނަން ވެގެން ނާއިކް ރުޅިއައިސްގެން އާލާ ގޮވައިގެން އެގެއިން ދާންވެސް ޖެހެއެވެ. ޒަރީނާ ގާތު ރަމްލާ އެތައް ފަހަރަކު އެ ގޮތަށް އާލާއާ ދިމާއަށް އެއްޗެހި ނުބުނުމަށް އެދި އާދޭސް ކޮށްފިއެވެ. އާލާއާ މެދު ޒަރީނާ ނުރުހޭ ކަން އަމީންއަށްވެސް ފާހަގަ ކުރެވިއްޖެއެވެ.
ކުރިޔާ ޚިލާފަށް ނާއިކްއާ އެކު އެ ގެޔަށް ދިޔުމަށް އާލާ ދެކޮޅު ހަދަން ފެށިއެވެ. ނާއިކް އެކަން މާ ބޮޑު ކަމަކަށް ނުހަދައެވެ. މަންމަ ނުވަތަ ބައްޕަ ގުޅާލުމުން އާލާ ދާން ބޭނުން ނުވާ ނަމަ ނާއިކް އެކަނި ދަނީއެވެ. ބައެއް ފަހަރު ސާއިމާމެން ގެއަށްވެސް ނާއިކް އެކަނި ދާން ޖެހެއެވެ. އަމިއްލަ މަންމައާ ބައްޕަ ކައިރިއަށް ދިޔުމަށް ވެސް އާލާ ބޭނުން ނުވާތީއެވެ. ނާއިކް އާދޭސް ކޮށްގެންވެސް އާލާ ބޭރަށްވެސް ނުނިކުންނަން ފެށިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.








Salaam dear readers, hope you like this part, next on Satuday.
Mi part vx v Reethi masha allah
Curiously waiting for next part
Keep it up
Heyonuvaane Aaala and naaik dhuru nukurachey
They both are made for each other
Naaik maama haadha goahey
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Kithamme lahun kiyaalan libunas Shakuvaa eh neih I understand
Alhugandu ge support Abadhuves libeyne insha Allah
Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
Love you maash ❤️😍
Masha Allah vrh reethi 😘
Curiously waiting for the next part ❤️
Next submit kohlaifin thr?