ލޯބިން ބަލާލީމާ 4
ކުރިޔާ ޚިލާފަށް ނާއިކްއާ އެކު އެ ގެޔަށް ދިޔުމަށް އާލާ ދެކޮޅު ހަދަން ފެށިއެވެ. ނާއިކް އެކަން މާ ބޮޑު ކަމަކަށް ނުހަދައެވެ. މަންމަ ނުވަތަ ބައްޕަ ގުޅާލުމުން އާލާ ދާން ބޭނުން ނުވާ ނަމަ ނާއިކް އެކަނި ދަނީއެވެ. ބައެއް ފަހަރު ސާއިމާމެން ގެއަށްވެސް ނާއިކް އެކަނި ދާން ޖެހެއެވެ. އަމިއްލަ މަންމައާ ބައްޕަ ކައިރިއަށް ދިޔުމަށް ވެސް އާލާ ބޭނުން ނުވާތީއެވެ. ނާއިކް އާދޭސް ކޮށްގެންވެސް އާލާ ބޭރަށްވެސް ނުނިކުންނަން ފެށިއެވެ.
ކުރިން ނާއިކްގެ އެދުމާ ދެކޮޅު ނުހަދާ އާލާ، ފަހުންފަހުން އައިސް ނާއިކްއާ ދުރުވިއެވެ. އާލާގެ ހާލަތު އެނގޭތީ ނާއިކް ޝަކުވާއެއް ނުކުރެއެވެ. އާލާއާ ދުރުގައި ހުރުން އެއީ ނާއިކްއަށް ކެތް ކުރަން ދަތި ކަމަކަށް ވިޔަސް އާލާއަށް ވަގުތު ދީގެން ހުންނަނީއެވެ. އާލާގެ ރުހުމާއެކު ކައިރި ވާ ފަހަރެއްގައިވެސް އާލާގެ ފަރާތުން ކިރިޔާވެސް ނުރުހުމެއް ފެނިއްޖެ ނަމަ ދުރަށް ދަނީއެވެ. ކުރިން ހެން ލޯބީގެ އެކި ވާހަކައިންނާ ސަމާސާ ބީހުންތަކުން އާލާ ހައްލާކަށް މަސައްކަތެއް ނުކުރެއެވެ.
ދެ މީހުން އެކުގައި ބޭރަށް ނުދާތާ މަހަކަށް ވުރެ ގިނަ ދުވަސް ވީ ފަހުން އެކުގައި ބޭރަށް ދާން އާލާ އެއްބަސް ވީ ނާޔާއާ ރާޔާގެ 15 ވަނަ އުފަން ދުވަސް ފާހަގަ ކުރުމަށް ބޭއްވި ޕާޓީއަށް ދިޔުމަށެވެ.
ކޮންމެވެސް ވަރެއްގެ ވިދުމެއް ހުރި ކަޅު ފޮތީގެ ކަށިމައްޗާ ހަމައަށް އަންނަ އަރިފެޅި ހެދުމާއެކު ކަޅު ކުލައިގެ ބާރު ހަރުވާޅެއް ލާފައި، ކަޅު ކުލައިގެ ވިދާ ކުދިކުދި މާތަކެއް ޖަހާފައިވާ ރަތް ކުލައިގެ ޝޯލްއެއް އަޅައިގެން އެންމެ ފަހު ފަހަރަށް ލޯގަނޑުން މޫނު ބަލާލި އާލާއަށް ބަލަން ހުރި ނާއިކްގެ ތުންފަތުގައި ހިނިތުންވުމެއް ދުވެލީ، އެ ގޮތަށް އާލާ ނުފެންނަތާ ދުވަސްތަކެއް ވެފައިވާތީއެވެ.
“ސޯ ލަވްލީ…” ފަހަތުން އައިސް އާލާ ގައިގައި ބައްދާލަމުން ނާއިކް ބުންޏެވެ.
“ޔޫ ޓޫ ނޮޓް ބޭޑް!” އެނބުރި ނާއިކް ލައިގެން ހުރި ރަތާ ކަޅު ކުލައިގެ ގަމީހުގެ ގިރުވާނު ރީތި ކޮށްލަމުން އާލާ ނާއިކްއަށް ތަޢުރީފް ކޮށްލިއެވެ.
ނާއިކް އާލާއާ ކައިރިވެލިއެވެ. ދެ އަތުން އާލާ ގައިގައި ފިރުމަމުން އާލާގެ މޫނުގައި ބޮސްދިނެވެ.
“ނާއިކް… ވަގުތެއް ނެތް…” ނާއިކްގެ ބީހުންތައް ހުރި ގޮތުން ބޭނުން ވަނީ ކޮން ކަމެއް ކަން އެނގިގެން އާލާ ބުންޏެވެ.
“އަދި ހައެއް އެ ޖެހީ…” ނާއިކް ބުނެލިއެވެ.
“ނާ—” އާލާ ނާއިކްގެ ނަމުން ގޮވާލަން އުޅުނު ނަމަވެސް ނާއިކް ފުރުސަތެއް ނުދިނެވެ.
ފަހަކަށް އައިސް ނާއިކް އެދޭ ގޮތަށް ކަންތައް ކޮށްނުދެވޭ ފަހަރު ގިނަވާކަން އާލާއަށްވެސް އެނގެއެވެ. އެހެން ވަނީ ގަސްތުގައި ނޫން ނަމަވެސް ނާއިކްގެ ހިތުގައި ޝަކުވާ އުފެދޭނެ ކަން އާލާ ގަބޫލު ކުރެއެވެ. އެހެން ނަމަވެސް އާލާއަށް ޓަކާ ނާއިކް ކެތްތެރިވެއެވެ. އާލާގެ ފަރާތުން ކިރިޔާ ނުރުހުމެއް ފެނުނަސް ނާއިކް ވަގުތުން ދުރަށް ދެއެވެ.
“ނާއިކް… މިރޭ ގެއަށް އައިސް…” ލިބުނު ފުރުސަތުގައި އާލާ ބުންޏެވެ.
“އޯކޭ…” ދުރަށް ޖެހިލަމުން ނާއިކް ބުނެލީ އާލާގެ ބަހާ މެދު ޔަގީންކަމެއް ނެތް ފަދަ ގޮތަކަށެވެ.
“އައި ޕްރޮމިސް…” ނާއިކްގެ މޭގައި ދެ އަތްތިލަ ޖައްސާލަމުން އާލާ ބުނެލިއެވެ.
“ޔަގީންތަ؟” އާލާގެ އަތްމަތީ އަތް ޖައްސާ ބާރުކޮށްލަމުން ކެތްތެރިކަމެއް ނެތް ރާގެއްގައި ނާއިކް އަހާލިއެވެ.
ނާއިކް އަހާލި ގޮތުން އާލާގެ ލޯ ފެންކަޅިވެގެން އައެވެ.
“އައިމް ސޮރީ… އަހަންނަށް އެނގޭ މިހާރު ނާއިކްގެ ކަންތައްތައް ނުކޮށްދެވޭ ކަން… އައިމް ސޮރީ… ގަސްތުގަ ނާއިކްއާ ދުރުވަނީއެއް ނޫން… ބައެއް ފަހަރު ވާ ގޮތެއް ނޭނގެ… އެހެން ވާތީ އަހަރެން ދެކެ ނާއިކް ފޫހި ވާނެ ކަންވެސް އެނގޭ…” އާލާއަށް ރޮމުން ޝަކުވާ ކުރެވުނީ އަމިއްލަ ނަފްސާ މެދުއެވެ.
“ހޭ… އާލާ ލަވް… އަދި ރޯކަށް ނުވެއެއްނު…؟ އަހަރެން ދުވަހަކުވެސް އާލާ ދެކެ ފޫއްސެއް ނުވާނެ… އައި ލަވް ޔޫ ޓޫ މަޗް” އާލާ ގައިގައި ނާއިކް ބައްދާލިއެވެ.
“އަހަރެންވެސް ވަރަށް ލޯބިވޭ…” ރުއިމުގެ ތެރެއިން އާލާވެސް ލޯބިވާކަން ހާމަކުރިއެވެ.
“ދެން މޫނު ރީތިކޮށްލައިގެން ހިނގާ ދާން. ލަސް ވެއްޖެއްޔާ އާލާގެ ކޮއްކޮމެންގެ ޝަކުވާ ހުސް ނުވާނެ” އާލާގެ ކޮނޑުގައި ހިފާ ދުރުކޮށްލާފައި ނާއިކް އާލާގެ މޫނު ފޮހެދިނެވެ.
ރާޔާއާ ނާޔާގެ އުފަން ދުވަސް ފާހަގަ ކުރުމަށް މާ ގިނަ ބަޔަކަށް ދަޢުވަތެއް ނުދެއެވެ. އެ ދެ ކުދިންގެ އެންމެ ގާތް އެކުވެރިންނާ، އަސީލްގެ އާއިލާ އާ އާލާމެން ދެމަފިރިން ނޫން ބަޔަކު ނާދެއެވެ. ހަމަ އެކަނި އާއިލާ މީހުން ތިބީތީ އާލާ އިނީ ހަމަޖެހިފައެވެ. އޭގެ އިތުރުން އެރޭ ނާއިކްގެ މިޒާޖު ބަދަލުވެފައި ވާތީ އެކަމާވެސް އާލާ އިނީ އުފަލުންނެވެ. ދެ މީހުން ތިބީ އެކަކު އަނެކަކު ފެންނަ ހިސާބުގައި ނަމަވެސް ނާއިކް އިރުއިރުކޮޅާ ލާނެތް އެއްޗެއް ބުނެ އާލާއަށް މެސެޖް ކޮށްލައެވެ. އާލާވެސް އެފަދަ ބަސްތަކަކުން ޖަވާބު ފޮނުވައެވެ. ދެމަފިރިންގެ ހިތުގައިވެސް ވީ ކައިވެނީގެ ކުރީކޮޅުގެ ހަނދާންތަކެވެ. ކުއްޖަކު ނުލިބިގެން ޑޮކްޓަރަށް ދައްކަން ފެށި ފަހުން އާލާއަށް އައި ބަދަލަށް ފަހު ދެ މީހުންގެ މެދުގައި އެފަދަ ސަމާސާތައް އެ ކުރެވެނީ އަލަށްހެން ހީވިއެވެ. ނާއިކްގެ މެސެޖް ކިޔާފައި ބައެއް ފަހަރު ލަދުން އާލާގެ މޫނު ރަތްވެލައެވެ.
އެގާރަ ޖެހި އިރު ނާއިކްއާ އާލާ ތިބީ ގެއަށް ނުދެވިގެން ލަސްވެފައެވެ. އެރޭ އެ ދެމަފިރިންގެ ފަރާތުން ފެންނަމުން ދިޔަ ބަދަލު ސާއިމާއާ އާޒިމްއަށްވެސް ފާހަގަ ކުރެވުނެވެ. އެގާރަ ޖެހިތާ މާ ގިނަ އިރެއް ނުވެ އާލާ އައިސް ގެއަށް ދާން ބޭނުން ވެގެން ބުނުމުން ސާއިމާ ދެކޮޅެއް ނުހަދައެވެ. ދެ ކުދިންނަށް ނާއިކްއާ އާލާގެ ފަރާތުން ހަދިޔާ ދިނީ އެ ވަގުތުއެވެ. ކޮންމެ ކުއްޖަކަށް ފޯނެއް ދިނުމުން ދެ ކުދިންވެސް ތިބީ ވަރަށް އުފަލުންނެވެ.
ގެއަށް ވަދެވުމާއެކު އާލާ އެދުނީ ނާއިކް އިހަށް ކޮޓަރިއަށް ނުވަދެ ސިޓިންގްރޫމްގައި މަޑުކޮށްލުމަށެވެ. ދެކޮޅު ނުހަދާ ނާއިކް ސޯފާގައި އިށީނދެ ޓީވީ ހުޅުވާލިއެވެ. ހިތްއަވަސް ވެފައި އިނދެ އިރުއިރުކޮޅާ ކޮޓަރިއަށް ދިމާއަށް ނާއިކްއަށް ބަލާލެވެއެވެ. ފަނަރަ ވަރަކަށް މިނަޓް ފަހުން ނާއިކްގެ ފޯނަށް އާލާގެ މެސެޖެއް އައެވެ. ދެން ކޮޓަރިއަށް ވަނަސް އެންމެ ރަނގަޅު ކަމަށް ބުނެފައި އޮތް މެސެޖް ކިޔާލި ގޮތަށް ނާއިކް ތެދުވިއެވެ.
ރަތް ކުލައިގެ ސެޓިން ރޯބްއެއް ލައިގެން އެނދުގައި އާލާ އިނެވެ. ނާއިކް ވަނުމުން އާލާ ތެދުވެގެން އައިސް ނާއިކްގެ ކުރިމަތީ ހުއްޓި ރޯބްގެ ވާފަށް މޮހާލިއެވެ.
“އާލާ…” އާލާގެ ކޮނޑުމަތިން ސޮހިގެން ގޮސް ރޯބް ވެއްޓުމުން ނާއިކްއަށް އާލާގެ ނަމުން ގޮވާލެވުނެވެ.
ނާއިކްއަށް އާލާ ގައިގައި އަތް ޖައްސާލެވުމުގެ ކުރިން ކައިރިވެލީ އާލާއެވެ. ކޮރާލަމުން ނާއިކްގެ ކަނދުރާގައި އަތް ޖައްސާލުމާއެކީ ނާއިކްގެ ބަސް ހުއްޓުވީ އާލާއެވެ. ގަމީހުގެ ގޮށްތައް ނައްޓާލުމާއެކު ނާއިކްގެ މޭގައި އާލާ ފިރުމާލިއެވެ. ނާއިކްގެ ހަރަކާތް އަވަސްވީ އެ ހިސާބުންނެވެ. ނާއިކްގެ ހިތް އެދޭނެ ފަދަ ހުރިހާ ކަމަކަށް އާލާ އިސްނެގީ ފާއިތުވެ ދިޔަ ދުވަސްތަކުގައި ނާއިކްގެ ހިތުގައި ވީ ހުރިހާ ޝަކުވާއެއް ފޮހެވޭނެ ވަރަށެވެ.
އެރޭ ފަތިސް ވީ އެކަކުވެސް ނުނިދާ ތިއްބައެވެ. ފޯނުން ބަންގީގެ އަޑު އިވުމުން ފެންވަރައިގެން ނަމާދު ކޮށްގެން ދެން އާލާ ދުރަށް ދިޔަނުދީ ހިފެހެއްޓީ ނާއިކްއެވެ. އެ ދުވަހު އެކަކުވެސް އޮފީހަކަށް ނުދެއެވެ. އިރުއަރާ ދިޔަ ފަހުން ނިދާފައި ދެ މީހުންނަށްވެސް ހޭލެވުނީ މެންދުރުފަހުއެވެ.
އެ ދުވަހުގެ ފަހުން ނާއިކްއާ އާލާ ހީވީ އަލުން ހަނީމޫންއަށް ގޮސްގެން އުޅުނު ދެމަފިރިން ހެންނެވެ. އެ ދެމެދުގައި ވި ދުރުކަން މުޅިން ނެތިގެން ގޮސް، ކައިވެނީގެ ކުރީކޮޅު އުޅުނުހެން އުޅެން ފެށިއެވެ. އެ ހަފްތާގެ ހަފްތާ ބަންދުގައި އިތުރު ދެ ދުވަހުގެ ޗުއްޓީއެއް ނަގައިގެން ލަންކާގައި ހަތަރު ދުވަސް ހޭދަކުރީވެސް އެފަދައިންނެވެ. މާލެއަށް އައި ފަހުން ނާއިކްއާ އެކުގައި އާލާ މަދުމަދުން ބޭރަށްވެސް ދާން ފެށިއެވެ.
އަމީންއާ ރަމްލާގެ ކައިވެނީގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ކޮންމެ އަހަރަކުވެސް އެދެމަފިރިންނާ ނާއިކްމެންގެ ދެމަފިރިން، ގޭގައި ކެއުމެއް ތައްޔާރު ކުރެއެވެ. އެ ފަހަރު ގެއަށް ދިޔުމަށް އާލާ ގާތު ބުނަން ނާއިކް ފަސްޖެހުނީ، ގެއަށް ދާ ކޮންމެ ފަހަރަކު ޒަރީނާގެ ޝަކުވާ އާލާއާ އަމާޒު ވާތީއެވެ. އެހެން ނަމަވެސް މަންމައާ ބައްޕަގެ އެ ޚާއްސަ ދުވަހު އެ ދެމީހުންގެ އުފަލަށް ހުރަހެއް އެޅިދާނެ ފަދަ ކަމެއް ކުރަން ބޭނުން ނުވާތީ ގެއަށް ދިޔުމަށް ނާއިކް އެދުނެވެ.
އާލާ ދެކޮޅެއް ނުހަދައެވެ. އެހެން ނަމަވެސް ގެއަށް ދާން ތައްޔާރު ވާން ފެށީއްސުރެ އާލާއަށް އައިސްފައިވީ ބަދަލު ނާއިކްއަށް ފާހަގަ ކުރެވުނެވެ.
“އާލާ ލަވް، އެހާ ވަރަށް ނުވިސްނަބަލަ. މިރެއަކު މާމަވެސް އެކަހަލަ އެއްޗެއްސެއް ނުކިޔާނެ. އާލާ މާ ބޮޑަށް ތި ވިސްނަނީ” ނާއިކް ފެންވަރައިގެން ނިކުތް އިރު އަލަމާރި ކައިރީ ޚީޔާލަކަށް ގެއްލިފައި ހުރި އާލާގެ ކޮނޑުގައި ހިފާލަމުން ނާއިކް ބުންޏެވެ.
“ނުވިސްނަން… މި ތަނުން ކޮން ޝޯލްއެއް އަޅަންވީ؟” އަލަމާރިން ނެގި ދެ ޝޯލް ދައްކާލަމުން ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލާފައި އާލާ އެހީ އާލާ ހާސްވެފައި ވާކަން ނާއިކްއަށް ސިއްރު ކުރަން ބޭނުން ވާތީއެވެ.
“މި” ކަނޑުނޫ ކުލައިގެ ޝޯލްގައި އަތް ޖައްސާލަމުން ނާއިކް ބުންޏެވެ.
އާލާ ތައްޔާރު ވާން ފެށިއެވެ. ފެއްސާ ކަނޑުނޫ ކުލައިގެ މާ ޖެހި ކުރުތާއާ އެކު ނޫ ކުލައިގެ ޖީންސްއެއް ލައިގެން އައިސް އާލާ ޑްރެސިންގްޓޭބަލްގެ ގޮނޑީގައި އިށީނދެ ޝޯލް އަޅާލިއެވެ. ނާއިކް ލީ ނޫ ކުލައިގެ ޑެނިމް ގަމީހެކެވެ.
ރަމްލާ ކައްކާފައި ހުރީ ބިރިޔާނީއެވެ. އާލާ ދިޔައީ ފޮނި އެއްޗެއް ހަދައިގެންނެވެ. އެކިއެކި ވާހަކައިގައި ތިބެ ކެއުން ނިންމާފައި އެންމެން ސިޓިންގްރޫމަށް އައިސް އިށީނެވެ. އަމީންއާ ނާއިކް ފެށީ ވިޔަފާރީގެ ވާހަކައެވެ. ޖެހިގެން ހުރި ސޯފާގައި ރަމްލާއާ ޒަރީނާގެ މެދުގައި އާލާ އިނީ ނާއިކްމެންގެ ވާހަކަ އަޑުއަހާށެވެ.
“މި އަހަރު ޗުއްޓީގަ މަންމަމެން މިއުޅެނީ ތައިލެންޑަށް ދާން. އާލާއާ ނާއިކްވެސް ދާން ވީނު މަންމަމެންނާ އެކީ” ރަމްލާ އާލާއަށް ބުންޏެވެ.
“ރަނގަޅު ވާނެ، އެކަމަކު ދަންޏާ ނާއިކްއަށް އެނގޭނީ” އާލާ ޖަވާބުދިނެވެ.
“ތި ތަނުންވެސް ޑޮކްޓަރަށް ދާއްކާތި! ފަހަރެއްގަ ރަނގަޅު ގޮތެއް ވެދާނެ” އެ ވަގުތު ޒަރީނާ ބުނެލިއެވެ.
“މިހާރުވެސް ބޭސް ކުރަނީނު މާމާ، މި ބޭސް ކަމުން އަނެއްކާ އެހެން ޑޮކްޓަރަކަށް ދެއްކީމަ ކަމަކު ނުދާނެ” އާލާގެ އަޑުގައި ވަނީ މަޑުމައިތިރިކަމެވެ.
އަމީންއާ އެކު ވާހަކައިގައި އިން ނާއިކްއަށް އާލާ ބަލާލިއެވެ. އެ ވާހަކަ ހުއްޓުވަން އާލާއަށް އެއްޗެއް ބުނަން ނުކެރޭނެތީ، އާލާ ބޭނުންވީ ރަމްލާ ނޫނީ ނާއިކް އެއްޗެއް ބުނާށެވެ.
“މަންމާ… ބުނީމެއްނު ތި ވާހަކަ ނުދައްކާށޭ” ޒަރީނާގެ ވާހަކަ އަމީންއަށް ނޫނީ ނާއިކްއަށް އަޑު އިވޭކަށް ރަމްލާ ނޭދެއެވެ. އެހެންވެ ޒަރީނާގެ އަތުގައި ހިފާލަމުން ރަމްލާ ބުނީ މަޑުންނެވެ.
“މިހާ ދުވަސްވީ އިރު އަދިވެސް ނަތީޖާއެއް ނުފެނެއެއްނު؟ އެހެންވެ މިހެން މި ބުނީ. މަންމައަށް އެނގޭ މަންމަ މި ވާހަކަ ދައްކާތީ ރަމްލާ އެހާ ހިތްހަމައެއް ނުޖެހޭ ކަން، އެކަމަކު މަންމަ ބުނާ އެއްޗެއް މި ބުނަނީ ހަމަ އާލާއަށް ރަނގަޅަކަށް” އާލާއަށް އެފަދަ ވާހަކަ އަޑު އަހަން އުނދަގޫ ކަން ޒަރީނާއަށް ރަނގަޅަށް އެނގެއެވެ.
“އަދި އިރާދަ ކުރެއްވިއްޔާ ކާމިޔާބު ވާނެ މާމާ” އިސްޖަހާލަމުން އާލާ ބުނެލިއެވެ.
“ކިހާ ދުވަހަކު ތިހެން މަސައްކަތް ކުރެވިއްޖެ މިހާރު؟ ހަތަރު އަހަރު މިވަނީ އާލާ ތިހެން ކިޔާތާ” ޒަރީނާގެ އަޑުގައި ނުރުހުމުގެ އަސަރު އެކުލެވިގެން ދިޔައެވެ.
“މަންމާ! ދެން ހެޔޮ!” ރަމްލާއަށް ތަންކޮޅެއް ބާރަށް ބުނެވުނެވެ.
“އާލާގެ ހުރި އުނިކަމަކީ ނާއިކްގެ ކުށެއް ނޫނެއްނު؟ އެކަމަކު ކެތްތެރި ވާން މި ޖެހެނީ އަހަރުމެންނަށް” ޒަރީނާ ހިތްހަމަ ނުޖެހިފައި ބާރަށް ބުނެލީ ރަމްލާއަށް ބަލާލަމުންނެވެ. އާލާގެ ކުށް ރަމްލާއަށް ނުފެންނާތީ ހިތްހަމަ ނުޖެހިފައި އިނދެއެވެ.
އާލާ ނުރޯން ހިތްވަރު ކުރި ނަމަވެސް ލޮލަށް ކަރުނަ ޖަމާވިއެވެ. އާލާ އިސްޖަހާލަމުން ލޯ މަރާ ބާރުކޮށްލިއެވެ.
“ރަމްލާ!” އަމީން ބާރަށް ގޮވާލިއެވެ.
ޒަރީނާ ބުނި އެއްޗެއް ނާއިކްއަށާ އަމީންއަށްވެސް އަޑު އިވުނީއެވެ. އަމީންއަށް އެ ވާހަކަ އެއްގޮތަކަށްވެސް ކަމަކު ނުދިޔައެވެ. އެ ވާހަކަ އާލާގެ ކުރިމަތީ ނުދެއްކުމަށް ޒަރީނާއަށް މަނާ ކުރުމަށް އަމީން ވަނީ އެތައް ފަހަރަކު ރަމްލާ ގާތު ބުނެފައެވެ.
“އެހެން މީހުން ކެތް ކުރާ ވާހަކަ ބުނާ އިރު އާލާ ކެތްތެރިވާ ވަރު މާމައަށް އެނގޭތަ؟ މާމަ ތި ބުނާ އުނިކަމަކީ އާލާގެވެސް ކުށެއް ނޫން. އެއީ އާލާ އަމިއްލައަށް ކުރި ކަމަކުން ވީ ގޮތެއް ނޫން. ދެން އޭގަ އާލާގެ ކުށެއް އެބަ އޮތްތަ؟” އަމީން ކައިރިން ތެދުވެގެން އައިސް އާލާގެ އަތުގައި ހިފާ ކޮޅަށް ނަގާ ގައިގައި ޖައްސާލަމުން މަޑުމަޑުން ނާއިކް ބުނެލި އިރު މާމައާ މެދު ހިތުގައި ޝަކުވާ އުފެދިފައި ވިއެވެ. އާލާއަށް ނިސްބަތްކޮށް އެއްވެސް މީހަކު އެއްޗެއް ބުނާ އަޑު އަހަކަށް ނާއިކް ބޭނުމެއް ނޫނެވެ. އެހެން ނަމަވެސް ގެއަށް އަންނަ ކޮންމެ ފަހަރަކު މާމާގެ ފަރާތުން އެ ބަސްތައް އަޑު ނީވި ނުދެއެވެ. ހިތްހަމަނުޖެހުނު ނަމަވެސް ނާއިކް ބެލީ ރުޅިއައިސްގެން އެއްޗެއް ނުބުނެ ވޭތޯއެވެ.
“ކުއްޖަކު ނުލިބެނީ ނާއިކްއަކަށް ނޫން، އާލާއަށް. އެހެން ވީމަ އެ އުފަލުން މަހުރޫމް ވެގެން ނާއިކްއާ އަހަރުމެން ތިބެން ވީ ސަބަބެއް ނުވިސްނޭ. މުޅި އުމުރު ނާއިކް ނުޖެހޭނެ އިންތިޒާރު ކުރާކަށް. ނާއިކްއަށް އެހެން ކައިވެންޏެއްވެސް—” ޒަރީނާއަށް ބުނަން އުޅުނު އެއްޗެއް ފުރިހަމައެއް ނުކުރެވުނެވެ. އެއަށް ވުރެ ރަމްލާގެ އަޑު ގަދައެވެ.
“މަންމާ! ތި ކިޔެނީ ކީކޭ ކަން އެނގޭތަ؟” ރަމްލާއަށް ހަޅޭލަވައިގަނެވުނެވެ.
ނާއިކްގެ މޭގައި މޫނު ޖައްސާލައިގެން އިން އާލާއަށް ލިބުނު ސިހުމުން ރުއިން ހުއްޓި، ނާއިކްއާ ދުރަށް ޖެހިލެވުނު ގޮތަށް ޒަރީނާއާ ދިމާއަށް ބަލަން ހުރެވުނީ ގަބޫލުކުރަން ދަތިވެގެން ކަހަލައެވެ.
ނާއިކްއަށް އެ ބުނި އެއްޗެއް އަޑު އިވުނީ ރަނގަޅަށް ކަން ޔަގީނެއް ނުކުރެވުނެވެ.
އަމީންވެސް ހުރީ ޒަރީނާ އެފަދަ އެއްޗެއް ބުނުމުން ހައިރާންވެ ބަސް ހުއްޓިފައެވެ.
“އަހަންނަށް ބުނެވުނީ އެހާ ގޯސް އެއްޗެއްތަ؟” ޒަރީނާ އަހާލިއެވެ.
“މަންމާ! ތި ބުނާ އުނިކަމެއް ހުރީ ނާއިކްގެ ނަމަ ނާއިކް ކައިރިން ވަރިވެގެން އެހެން މީހަކާ އިންނަން އާލާ ކައިރީ މަންމަ ބުނާނަންތަ؟ ނޫނީ ރަމްލާގެ އެ އުނިކަން ހުރި ނަމަ އަހަރެން އެހެން މީހަކާ އިންނަން މަންމަ އެދޭނަންތަ؟” އަމީން އަހާލިއެވެ.
“ރަމްލާއާ އާލާއާ އަޅައެއް ނުކިޔޭނެ ކަން އަމީންއަށްވެސް އެނގޭނެ” ޒަރީނާއަށް އަމީން ބުނަން އުޅޭ އެއްޗެއް ނުވިސްނެއެވެ. ނޫނީ ވިސްނަން ބޭނުން ނުވަނީއެވެ.
“އާލާ ބޭސް ކުރަނީ ކުއްޖަކު ލިބޭތޯ. ނުލިބޭނެއެކޭ ޑޮކްޓަރުންނެއް ނުބުނޭ. ކަމެއް ހަމަ ބޭނުންވާ އިރަށް އެކަމެއް އެ ވަގުތަކު ވާކަށް ނުޖެހޭނު؟ ބައެއް ފަހަރު ކެތްތެރިވާންވެސް ޖެހޭނެ. ނާއިކްއަށް ދަރިއަކު ނުލިބިގެން މަންމަ ތިހާ ކަންބޮޑުވާ އިރު ނާއިކް ކިހާ ވަރަކަށް ވިސްނާނެ؟ އަދި އާލާގެ ހިތަށް އަރާނެ އެއްޗަކާ މެދު މަންމަ ވިސްނާނުލަންތަ؟ އެ ކުއްޖާ ކިހާ ދެރަ ވާނެ؟ އަހަރުމެން އެންމެންނަށް ވުރެ ބޮޑަށް އޭނަ މިކަމާ ހިތާމަ ކުރާނީ. އަމިއްލަ ނަފްސަށް ވުރެ ކުރިން އެ ކުދިންނާ މެދު މަންމަ ވިސްނާލަބަލަ” ރުޅި އައިސްފައި ހުރި ނަމަވެސް އަމީން ވާހަކަ ދެއްކީ މަޑުމައިތިރކަމާ އެކީއެވެ.
“އެއްޗެއް ނުބުނެ ކިހާ ދުވަހަކު އަމީންއާ ރަމްލާ ތިބޭނީ؟ އާލާއަށް ކުއްޖަކު ނުލިބެޔޭ ކިޔާފަ ނާއިކް ކީއްވެ މަސައްކަތް ނުކޮށް ހުންނަންވީ؟ އަހަރެން މި ބުނަނީ ނުބައި ކަމެއްގެ ވާހަކައެއް ނޫން. މީހުން ނުކުރާ ކަމެއްގެ ވާހަކައެއްވެސް ނޫން. ދީނުގަވެސް ހުއްދަ ކަމެއް އެއީ. ނާއިކް އިތުރު ކައިވެންޏެއް ކުރިއޭ ކިޔާފަ އާލާއަކަށް ދެރައެއް ނުލިބޭނެ. އާލާ ބުނެބަލަ…” ޒަރީނާ ހުރީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ. އާލާގެ ފުށުން އަމީންއާ ރަމްލާއަށް ފެންނަނީ ކަމުދާ ކޮން ސިފަތަކެއް ކަމެއް ޒަރީނާއަކަށް ނުވިސްނެއެވެ. ފުރަތަމަ ދުވަހުވެސް އެ އަންހެން ކުއްޖާއާ ޒަރީނާއަށް ގަޔާވެވޭ ގޮތެއް ނުވިއެވެ. އަދި އަމްދުން މިހާރު ކަންތައް ދިމާވެފައިވާ ގޮތުން އާލާ ދެކެ ވެވިފައި ހުރި ފޫހިކަން ވީ އިތުރެވެ.
“މަންމާ، ދެން އެއްވެސް އެއްޗެއް ނުބުނާތި! ކިތައް ފަހަރު ބުނާނީ އެ ކުދިންގެ އަމިއްލަ ކަމެކޭ އެއީ އެކަމަށް ގޮތް ނުކިޔާށޭ؟ ކީއްވެތަ މަންމައަށް އަޑު ނީވެނީ؟” ރަމްލާއަށް ބާރަށް ބުނެވުނީ ޒަރީނާގެ ވާހަކައާ މެދު ނުރުހެވުނު ވަރުންނެވެ.
“މި ގެއަށް އާލާ ގޮވައިގެން އަންނަނީ ހިތަށް އެރިހާ އެއްޗެއް އާލާއާ ދިމާއަށް ކިޔާކަށް ނޫން. އިތުރަށް އާލާއާ ދެކޮޅަށް އެއްޗެއް ބުނާ އަޑު އަހާކަށް ނުހުންނާނަން. މިދަނީ ގެއަށް” އިތުރަށް އަޑުއަހަން ކެތް ނުވާނެތީ އާލާގެ އަތުގައި ހިފައިގެން ނާއިކް ދޮރާދިމާއަށް ދިޔައެވެ.
“ނާއިކް!” ރަމްލާއާ އަމީން އެއްފަހަރާ ގޮވާލީ އެ ގޮތަށް ރުޅި އައިސްގެން ނާއިކް ދާން ނޭދޭތީއެވެ.
“ޕްލީޒް މަންމާ…” ހުއްޓިފައި ރަމްލާއަށް ބަލާލަމުން ނާއިކް ބުނެލީ ހަމައެކަނި އެހެންނެވެ. ނާއިކް ދެރަވެފައި ހުރިކަން އެ ދެލޮލުން ރަމްލާއަށް ފެންނަން ހުއްޓެވެ.
“މަންމައަށް ކިހިނެއްތަ ވެގެން ތިއުޅެނީ؟ ކިހާ ވަރަކަށް ބުނީމަތަ މަންމަ ތި ވާހަކަ ހުއްޓާލާނީ؟” ރަމްލާ އަހާލިއެވެ.
“އަހަރެން އެދެނީ ނާއިކްގެ އުފަލަށް. އެއީ ގޯހެއްތަ؟” ޒަރީނާއަށް ހީވަނީ ނުވިސްނެނީ އެހެން މީހުންނަށް ހެންނެވެ. ތިމާގެ ވިސްނުމުގައި ހުރި ކޮށިކަމެއް ޒަރީނާއަކަށް ނޭނގެއެވެ.
“އާލާ ނޫން އެހެން މީހަކާ އެކީ ކުއްޖަކު ހޯދާކަށް އަހަރެން ބޭނުމެއް ނޫން. އާލާއާ އެކީ ނުލިބުނިއްޔާ ނުލިބުނީ، ލިބިއްޖެއްޔާ އަލްޙަމްދުﷲ!” ގޭ ދޮރާ ހަމަވެފައި ނާއިކް އެނބުރި ބަލާލަމުން ބުނެލިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.








Salaam, here’s part 4. Part 5 on Monday
Maasha allah mi part vx varah varah reethi.
Next kn irakun
Tomorrow In Sha Allah
Mi part vx v Reethi masha allah
Curiously waiting for next part
Keep it up
Heyonuvaane Aaala ah Ehn hadhaakah
Haadha dhera ey
Naaik haada rangalhey
Mi part kiyaafarovijje
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Kithamme lahun kiyaalan libunas Shakuvaa eh neih I understand
Alhugandu ge support Abadhuves libeyne insha Allah
Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
Love you maash ❤️😍