ލޯބިން ބަލާލީމާ 2
އާލާ ނާއިކްއަށް ގުޅީ އާޒިމްގެ އޮޕަރޭޝަން ކުރެވި، އާޒިމްއަށް ނުރައްކަލެއް ނެތްކަން ޔަގީން ވުމުންނެވެ. އެރޭވެސް ނާއިކްގެ މެސެޖް ލިބުނެވެ. މެސެޖް ކިޔާލާފައި އިރުކޮޅަކު ފޯނަށް ބަލަން އިނދެފައި އާލާ އެ ނަމްބަރަށް ގުޅާލިއެވެ.
އާލާގެ ނަމްބަރު ސްކްރީނަށް އަރާފައި އިންތަން ފެނުމުން ނާއިކްއަށް ގަބޫލުކުރަންވެސް ދަތިވިއެވެ.
“އާލާ…” ދެވަނަ ރިންގުން ފޯން ނެގުމާއެކު ނާއިކް ގޮވާލިއެވެ.
“ތެންކްޔު!” އާލާ ބުންޏެވެ.
“ކޮން ކަމަކަށް؟” ނާއިކް އަހާލިއެވެ.
“ތެންކްޔު ބުނާ ވަރުގެ ކަމެއް ނުކުރަންތަ؟” ކަންފަތަށް އިއަރބަޑް ޖަހާލާފައި އާލާ މެސެޖްތައް ހުޅުވާލިއެވެ.
“ކޮންމެ ރެއަކު މެސެޖެއް ކޮށްލާތީތަ؟” ނާއިކް ހީލިއެވެ.
“މި ދުވަސްކޮޅު އެއީވެސް ލިބުނު ވަރަށް ބޮޑު ހިތްވަރެއް. ބައްޕައަށް ޓަކާ ދުޢާ ވަރަށް މުހިންމު” ނާއިކްގެ ކޮންމެ މެސެޖެއްގައި އާލާ ހިތްވަރު ކުރުމަށާ، ބައްޕައަށް ޓަކާ ދުޢާކޮށްދޭނެ ކަމަށް ބުނެފައި އޮތެވެ.
“އޭގަ އަހަރެންގެ އަމިއްލަ އެދުމެއްވެސް އޮތީމަ އެހެން އެވީ. އަހަރެން އާލާ ކައިރިން އެދުނީ ރައްޓެހިވާކަށް ނޫން، އަހަރެން އެދުނީ ކައިވެންޏަށް. އެހެންވީމަ އާލާ ބައްޕަގެ ވަލީ އަހަރެން ބޭނުން ވާނެއެއްނު” ނާއިކް ބުނެލި އިރު އަޑުގައި ސަމާސާ ގޮތެއް ހުއްޓެވެ.
“ތި ހީވީ އަދި ރަނގަޅަކަށް ނޫން… އަހަރެންގެ ލައިފް ވަރަށް ކޮމްޕްލިކޭޓެޑް ވާނެ. އަހަންނާ ބެހޭ ގޮތުން ނާއިކްއަށް އަދި އެއްވެސް ކަމެއް ނޭނގޭ” އާލާ އެހެން ބުނި އިރު ހުރިހާ ކަމެއް އެނގުމުން ނާއިކްގެ ޚިޔާލު ބަދަލު ނުވާނެ ބާއޭ ހިތުގައި ސުވާލު އުފެދުނެވެ.
“އަހަންނަށް ނޭނގޭ އެއްޗެއް ވިއްޔާ އާލާ ކިޔައިދީ. އަހަރެން އަޑު އަހާނަން” ނާއިކް ބުންޏެވެ.
“ނާއިކްއަށް އެނގެން ޖެހޭ އެންމެ ބޮޑު ކަމަކީ، އަހަރެންގެ ކައިވެންޏަށް ވަލީ ދެވޭނީ ބައްޕައަކަށް ނޫން… އަހަރެންގެ ފިރިހެން ކޮއްކޮއަށް. އަހަރެންގެ ބައްޕަ ނިޔާވިތާ ފަސް އަހަރު ވެއްޖެ” އާލާ ބުންޏެވެ.
“ތިބުނީ…؟” އާލާ ކިޔާ އެއްޗެއް ނާއިކްއަކަށް ނުވިސްނުނެވެ.
އާލާ ކިޔައިދޭން ފެށިއެވެ.
ސާއިމާއާ ޝާދިޔާއަކީ ރާއްޖޭގެ އުތުރުގެ ރަށަކަށް ނިސްބަތް ވާ ދެމަފިރިއެއްގެ ދެ ދަރިންނެވެ. ސާއިމާގެ އުމުރުން ބާރަ އަހަރުގައި އެ ކުދިންގެ މަންމަ ވަނީ ނިޔާވެފައެވެ. ސާއިމާއަށް ވުރެ ދެ އަހަރު ދޮށީ ޝާދިޔާ ކައިވެނި ކުރީ ހަމަ އެ ރަށު މީހަކާއެވެ. ޝިޔާމްއާ ޝާދިޔާގެ ކައިވެންޏަށް އަހަރެއް ވީ ތަނާ ދޮށީ ދަރިފުޅު ޔަލްދާ ލިބުނެވެ. މާލޭގެ މުއްސަނދި އާއިލާއެއް އެ ރަށަށް ޗުއްޓީއަށް ދިޔައީ އެ ދުވަސްކޮޅުއެވެ. އާޒިމްއާ ސާއިމާ ދިމާވެ އެކަކު އަނެކަކު ދެކެ ލޯބި ވެވި، ކައިވެންޏާ ހަމައަށް ދިޔައީ ދެ މަހެއްހާ ދުވަހުގެ ތެރޭގައެވެ. ދެ އާއިލާއިންވެސް އެ ކައިވެންޏާ ނުހަނު ރުހުނެވެ. ނަމަވެސް ކައިވެންޏަށް ފަހު ސާއިމާ މާލެއަށް ބަދަލު ވާން ޖެހޭތީ ސާއިމާގެ އާއިލާ ތިބީ ވަރަށް ދެރަވެފައެވެ.
އާއިލާ އެކުގައި މާލެ ބަދަލުވުމަށް އާޒިމްއާ އާޒިމްގެ މައިންބަފައިންވެސް އެދުނެވެ. ނަމަވެސް ސާއިމާގެ އާއިލާއިން ދެކޮޅު ހެދިއެވެ. އޭގެ ފަހުން ގިނަ ދުވަސްތަކެއް ނުވެ ސާއިމާގެ ބައްޕަ ނިޔާވިއެވެ.
ޔަލްދާއަށް ދެ އަހަރުގައި ޝާދިޔާއާ ޝިޔާމްއަށް އެއްމާބަނޑު ދެ އަންހެން ކުދިން ލިބުނެވެ. އަމާނީއާ އާނިޔާއަށް ތިން އަހަރު ވީ ތަނާ ޝާދިޔާ ތިން ވަނަ ފަހަރަށް ބަލިވެއިނެވެ. އަދި އެ ދަރިފުޅަށް އަހަރު ނުވަނީސް އަނެއްކާވެސް ޝާދިޔާ ބަލިވެއިނެވެ.
ކޮންމެ ފަހަރަކުވެސް ޝާދިޔާ ވިހަން ވާ އިރަށް ސާއިމާއާ އާޒިމް ރަށަށް ދެއެވެ. ކައިވެންޏަށް އަށް އަހަރު ވާން ކައިރިވީ އިރު ސާއިމާ ބަލިވެ ނީންނާތީ އޭރު އެ ދެމަފިރިން ވަނީ ރާއްޖެއިންނާ ރާއްޖެއިން ބޭރުންވެސް ފަރުވާ ހޯދަން ފަށާފައެވެ. އެހެން ނަމަވެސް އަދި ކާމިޔާބީއެއް ނުލިބެއެވެ. އަނބިމީހާ ބަލިވެ ނީނދެގެން އެކަމުގެ ޝަކުވާ ކުރާ ވަރަށް ވުރެ ބޮޑަށް ސާއިމާ ދެކެ އާޒިމް ލޯބިވެއެވެ. އާޒިމްއަށް ވުރެ ތިން އަހަރު ހަގު އަސީލް، ހުމައިރާއާ ކައިވެނިކޮށް ހަތަރު އަހަރު ވީ އިރު ދެ ކުދިން ލިބިއްޖެއެވެ. އަސީލްއާ ހުމައިރާގެ ކުދިންނާއިގެން އާޒިމްއާ އަސީލްގެ މަންމައާ ބައްޕަ އުޅޭ އިރު، އާޒިމްއަށްވެސް ދަރިއަކު ލިބޭތޯ އެދެމަފިރިން ދުޢާ ކުރެއެވެ. އާޒިމްއެކޭ އެއްފަދައިން، ދަރިއަކު ލިބުން ލަސްވެގެން ސާއިމާ ކުށްވެރިކޮށް ޝަކުވާ ކުރާ ވަރަށް ވުރެ އެދެމަފިރިންގެ ވިސްނުން ރަނގަޅެވެ. ދަރިންނަކީ މާތްﷲ ދެއްވާ ނިޢުމަތަކަށް ވާ އިރު، އާޒިމްއާ ސާއިމާއަށް އަދި ވަގުތު ނުޖެހެނީ ކަމުގައި އެ މީހުން ގަބޫލު ކުރިއެވެ.
ފަސްވަނަ ދަރިފުޅު ވިހެއުމަށް ޝާދިޔާ ތައްޔާރުވަމުން ދިޔަ އިރު އެހެން ފަހަރުތަކެކޭ އެއްފަދައިން ދައްތައާ އެންމެ ގާތުގައި ސާއިމާ ހުއްޓެވެ. ހީވެސް ނުކޮށް ހުއްޓާ ސާއިމާއާ އާޒިމްއަށް ދުވަހަކުވެސް ނުލިބޭ ފަދަ އުފާވެރި ޚަބަރެއް ލިބުނީ އެ ރަށުގައި ތިއްބައެވެ.
އަނބުރައިގަނެގެން ސާއިމާ ހޮސްޕިޓަލަށް ގެންދިޔުމުން ހެދި ޓެސްޓްތަކުން ސާއިމާ ބަލިވެއިން ކަން އެނގުނެވެ. ވަގުތުން އާޒިމްގެ މަންމައާ ބައްޕަ އެ ރަށަށް އައެވެ. ޑޮކްޓަރުން ލަފާ ދިނީ ސާއިމާ ވީހާވެސް ގިނަ ވަގުތު އަރާމު ކުރުމަށް ކަމަށް ވާތީ، ޝާދިޔާއަށް އެހީތެރިވުމަށާ، ގޭތެރޭގެ ކަންތައް ކުރުމަށް އެ ރަށުން ދެ ކުދިން ގެއަށް ގެނައީ އާޒިމްގެ މަންމަގެ އެދުމަށެވެ.
ހަތަރުވަނަ މަހުގައި ސާއިމާގެ ދަރިފުޅު ބައިގެންދިޔުން ވެގެން ދިޔައި މުޅި އާއިލާއަށްވެސް ލިބުނު ވަރަށް ބޮޑު ހިތާމައަކަށެވެ. އޭގެ މަހެއް ފަހުން، ދުވަސް ނުފުރާ ޝާދިޔާގެ ބަނޑުގައި ރިއްސަން ފެށުމުން ޖެހުނީ އިމަރޖެންސީގައި މާލެ ގެންދާށެވެ. ދިމާވި މައްސަލަތަކުގެ ތެރޭގައި ދަރިފުޅު ސަލާމަތްވީ ކިރިޔާއެވެ. އެއާއެކު އިތުރު ދަރިއަކު ލިބުމުގެ ފުރުސަތުވެސް ޝާދިޔާއަށް ގެއްލުނީއެވެ.
ސާއިމާ ކުރަމުން ދިޔަ ހިތާމައަށް ކެތް ނުވެގެން އެ ދަތުރުގައި މާލެ އައިސްފައި ޝާދިޔާއާ ޝިޔާމް ރަށަށް ދިޔައީ ދެވަނައަށް އެންމެ ހަގު ދަރިފުޅު، ދެ އަހަރުގެ އާލާ ސާއިމާގެ އުނގަށް ލައިދީފައެވެ. އެ ދުވަހުގެ ފަހުން ސާއިމާއާ އާޒިމްއަކީ އާލާގެ މަންމައާ ބައްޕަ ކަމުގައި ބުނީ ޝިޔާމްއެވެ.
ޝާދިޔާއާ ޝިޔާމްއަށް ޝުކުރު އަދާ ކުރާނެ ބަހެއް އާޒިމްގެ ދުލަކަށް ނައެވެ. ބަދަލުގައި ވަޢުދުވީ އުފަން ދަރިއެއް ފަދައިން އާލާ ބަލާ ބޮޑުކުރާނެ ކަމުގައެވެ.
އޭގެ އަށް އަހަރު ފަހުން ސާއިމާ ބަލިވެ އިނެވެ. ނުވަމަސް ފަހުން ސާއިމާ ވިހެއީ އެއްމާބަނޑު ދެ އަންހެން ކުދިންނެވެ. ނާޔާއާ ރާޔާއެވެ.
ޝާދިޔާގެ ފިރިމީހާ ޝިޔާމް ނިޔާވީ އާލާގެ އުމުރުން ސޯޅަ އަހަރުގައެވެ. ފިރިމީހާ ނިޔާވުމުން، އެކަނި ރަށުގައި ދިރިއުޅުމުގެ ބަދަލުގައި ކުދިން ގޮވައިގެން މާލެއަށް ބަދަލުވުމަށް ސާއިމާއާ އާޒިމް އެދުނެވެ. ނަމަވެސް ޝާދިޔާ ބޭނުންވީ ރަށުގައި ދިރިއުޅޭށެވެ.
އާލާއަކީ އާޒިމްއާ ސާއިމާގެ އުފަން ދަރިއެއް ނޫން ކަން އާލާއަށް އެނގެއެވެ. އެހެން ވިޔަސް އާޒިމްއާ ސާއިމާ ދެކޭ ގޮތުގައި އާލާއަކީ އެ މީހުންގެ ފުރަތަމަ ދަރިފުޅެވެ. އާޒިމްގެ އާއިލާއިންވެސް އާލާ ބަލައިގަތީ އެ ގޮތަށެވެ. ހަމަ އެހެން ޝާދިޔާއާ ޝިޔާމްއަކީ އާލާގެ މަންމައާ ބައްޕަ ކަން އާލާ ގަބޫލު ކުރެއެވެ. އެ ދެމީހުން ދެކެވެސް އާޒިމްއާ ސާއިމާ އެކޭ އެއްފަދައިން ލޯބިވެއެވެ. ރަށުގައި ތިބި ދައްތަމެންނާ ކޮއްކޮ ދެކެވެސް މާލޭގައި ތިބި ދެ ކޮއްކޮ ފަދައިން ލޯބިވެއެވެ.
“އަދިވެސް އަހަރެންނާ މެރީ ކުރަން ބޭނުންތަ؟” އާލާ އަހާލިއެވެ.
“ތި ކިޔާދިން އެއްވެސް ކަމަކުން އަހަރެންގެ ހިތް ބަދަލެއް ނުވޭ. މެރީ ކުރަން ބޭނުމީ ހަމަ އާލާއާ. އަދިވެސް ޖަވާބެއްގެ އިންތިޒާރުގަ މިހުރީ” ނާއިކް ބުންޏެވެ.
“އަހަރެން އާނއެކޭ ބުންޏަސް، ޔުމާން ވަލީ ދިނަސް ބައްޕަގެ ރުހުންވެސް ނާއިކް ހޯދަން ޖެހޭނެ” އާލާ ބުންޏެވެ.
“އާލާ ބައްޕަ މުޅިން ރަނގަޅު ވެގެން މިކޮޅަށް އަންނަ އިރަށް ދާނަން ހުއްދަ ހޯދަން، އެކަމަކު ބައްޕަގެ ހުއްދަ ހޯދަން ދާން ކެރޭނީ އާލާގެ ޖަވާބެއް ލިބިގެންނެއްނު؟” ނާއިކް ހުރީ ކެތްތެރިކަމެއް ނެތި އާލާގެ ޖަވާބުގެ އިންތިޒާރުގައެވެ.
“އޯކޭ…” ލަސްލަހުން އާލާ އެންމެ ފަހުން ނާއިކް އެދޭ ޖަވާބު ދިނެވެ.
“އާހ!” މޭގައި ފިރުމާލަމުން ނާއިކް އެނދުގައި އޮށޯތެވެ.
ނާއިކްގެ އަޑު އިވުމުން އާލާއަށް ބާރަށް ހީލެވުނެވެ. އެގޮތަށް އާލާއަށް އެ ހީލެވުނީ ދުވަސްތަކެއް ފަހުންނެވެ.
“އާލާ…” ނާއިކް ގޮވާލިއެވެ.
“ކީކޭ؟” ނާއިކް ގޮވާލި ގޮތުން އާލާ ޖަވާބު ދޭން ފަސް ޖެހުނެވެ.
“މާ ހިތް އަވަސް ވެގެން ކަންނޭނގެ މިއުޅެވެނީ… މީޓްކޮށްލާ ހިތް ވަނީ… އެކަމަކު އައި ވިލް ވެއިޓް… އަވަހަށް މެރީ ކުރަން އަހަރެން ބޭނުން، އާލާއަށް އޯކޭތަ؟” ނާއިކްވެސް ފަސް ޖެހުނު ނަމަވެސް ހިތުގައި އޮތް އެއްޗެއް ހާމަކުރިއެވެ.
“ކީއްވެ އެހާ އަވަސް ކުރަން ތިއުޅެނީ؟” އާލާވެސް ކުރީ ހިތުގައި އޮތް ސުވާލެވެ.
“މަންމައާ ބައްޕަ ބޭނުންވޭ އަހަރެން އަވަހަށް މީހަކާ އިންނަން، ދުވަސްތަކެއް ވެއްޖެ އެހެން ކިޔާތާ. ކުރިން އެހާ އަޅައެއް ނުލަން އެކަމަކާ، އެކަމަކު މިހާރު… އަންހެން ކުއްޖަކު ފެނިފަ މި ނޫނީ ހިތަކަށް ނާރާ އެއީއޭ ލައިފްގަ ދެން އެކީގަ އުޅެން ބޭނުންވާ ކުއްޖަކީ. ދެން ސީރިއަސް ވާން ވީއޭ… ސެޓްލް ވުމުގެ ޚިޔާލެއް ކުރިއަކު ނެތް، އެކަމަކު އާލާ ފެނުނު ފަހުން ހިތަށް އަރަނީ، ކަމުދާ ކުއްޖަކު ފެނުނީމަ ދެން ކީއްކުރަންހޭ ލަސް ކުރަނީ. މިހެން ބުންޏަސް އެނގޭ އާލާ އެދޭ ގޮތް ބަލަން ޖެހޭ ކަން. ސޯ އާލާ ބުނެބަލަ، ކިހިނެއް ހަދަން ވީ؟ އާލާ ބޭނުން ވަނީ ކޮން ގޮތެއް؟” ނާއިކް ދެއްކީ އޭގެ ކުރިން ދުވަހަކުވެސް އަންހެން ކުއްޖަކާ ނުދައްކާ ވާހަކަތަކެކެވެ.
“އަހަރެންގެ ފެމިލީއާ ދިމާ ނުވިޔަސް މިހާރު ނާއިކްއަށް އެމީހުންގެ ވާހަކަ ކިޔާދެވިއްޖެ، އެކަމަކު ނާއިކްގެ ބައްޕަ ނޫނީ ނާއިކްގެ ފެމިލީގަ ދެން ތިބެނީ ކޮން ބައެއް ކަމެއްވެސް އަހަންނަކަށް ނޭނގޭ” އާލާ އެދުނީ ނާއިކްގެ އާއިލާއާ ބެހޭ ގޮތުން ކިޔާދިނުމަށެވެ.
ނާއިކްއަކީ އަމީންއާ ރަމްލާގެ ދެ ކުދިންގެ ތެރެއިން ހަގު ދަރިފުޅެވެ. އެދެމަފިރިންގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅެވެ. އަންހެން ދަރިފުޅު ނިޝްވާ ދިރިއުޅެނީ ފިރިމީހާ ލަޔާންއާ، ދެ ކުދިންނާ އެކު މެލޭޝިޔާގައެވެ. އަމީންއަކީ ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންގެ ތެރޭގައި ހިމެނޭ ފަރާތެކެވެ. އަމީންގެ މައިންބަފައިންގެ ހަމައެކަނި ދަރިއަކީ އަމީންއެވެ. ރަމްލާއަކީ މާލޭ ދެމަފިރިއެއްގެ ތިން ކުދިން ތެރެއިން އެންމެ ހަގު، އަދި ހަމައެކަނި އަންހެން ދަރިފުޅެވެ. ރަމްލާގެ މަންމަ ޒަރީނާއާ އެކު އެ އާއިލާ ދިރިއުޅެނީ އަމީން ގަނެފައިވާ ފްލެޓެއްގައެވެ.
ޢުމުރުން ސައްބީސް އަހަރު ވެފައި ވާ އިރު، މަންމައާ ބައްޕަ އެދެނީ ނިޝްވާ ފަދައިން، ރަނގަޅު ކުއްޖަކާ އެކު ނާއިކް ދިރިއުޅުމެއް ފަށާށެވެ. މާލެއިން ކިޔަވާ ނިމިގެން ނާއިކް ދެން ކިޔެވީ މެލޭޝިޔާއިންނެވެ. ނިޝްވާއާ ލަޔާންއަކީ ޑޮކްޓަރުންނެވެ. އެ ކޮޅުން ކިޔަވާ ނިންމާފައި އެ ތަނުގައި އެ ދެމަފިރިންވެސް ވަޒީފާ އަދާކުރަން ނިންމީ ދެ އާއިލާގެ ރުހުމާ އެކުގައެވެ. ތިން އަހަރު ކުރިން ނާއިކް ކިޔަވައި ނިމިގެން އައި ގޮތަށް އަމީންއާ އެކު އޮފީހުގައި މަސައްކަތް ކުރަން ފެށިއެވެ.
“އަހަރެންގެ ލައިފްގަ ނެތް ކިޔާދޭނެ މާ ބައިވަރު ކަންތައްތަކެއް. އަންހެން ކުދިން އަހަރެންގެ ލައިފްއަށް ނާދެއެކޭ ނުބުނާނަން. އެކަމަކު މި ނޫނީ ދުވަހަކުވެސް ކައިވެންޏަކާ މެދު ނުވިސްނަން. އަހަންނަށް… އަހަންނަށް އާލާ ވަރަށް ކަމުދޭ… އައި ލައިކް ޔޫ އަ ލޮޓް!” ނާއިކްވެސް ކިޔައިދިނެވެ.
އެރޭ ވަރަށް ލަސް ވަންދެން ނާއިކްއާ އާލާ ފޯނުން ވާހަކަ ދައްކަން ތިއްބެވެ. އާޒިމްމެން އައުމުން އާޒިމްގެ ރުހުން ލިބިގެން ނޫނީ ނާއިކްއާ އެކު ބޭރަށް ދާކަށް، އަދި އާލާގެ ގެއަށް ދާކަށް ނާއިކް ނޭދެއެވެ. އެއީ އާލާ އެދުނު ގޮތަށް ވީތީއެވެ.
ދޮޅުމަސް ފަހުން އާޒިމްމެން އައި އިރު އާޒިމްގެ ހާލު ކުރިއެކޭ އެއްފަދައެވެ. ބައްޕަ ގައިގައި އާލާ ބައްދާލީ ހެޔޮ ޙާލުގައި ބައްޕަ އަލުން ފެނުނީތީ ހެއްދެވި ފަރާތަށް ޝުކުރު ކުރަމުންނެވެ.
ސާއިމާމެން އައުމާއެކު ޝާދިޔާ ރަށަށް ދާން އުޅުނެވެ. ނަމަވެސް ދުވަސްކޮޅަކަށް މަޑުކޮށްލުމަށް އާލާ އެދުމުން އެ ދަރިފުޅުގެ އެދުމާ ދެކޮޅު ހަދާކަށް ޝާދިޔާއަކަށް ނުކެރުނެވެ. އާއިލާ އެކުގައި އެއްތާކު ބައިތިއްބައިގެން ނާއިކްގެ ވާހަކަ ބުނަން ބޭނުން ވިޔަސް އެ ގޮތަށް ބުނާކަށް އާލާއަކަށް ނުކެރުނެވެ. އެހެންވެ އާލާ ބުނީ ދެ މަންމަ ކައިރީގައި ބައިތިއްބައިގެން އެ މީހުން ކައިރީއެވެ. އެ ވާހަކަ އާޒިމްއާ ހަމައަށް ގެންދިޔައީ ސާއިމާއެވެ.
ޒުވާން އަންހެން ދަރިފުޅު ބޮޑުވެއްޖެ ކަން އެ މީހުންނަށް ޔަގީންވިއެވެ. އުމުރުން އެކާވީސް އަހަރު ވެފައި ވާއިރު އެ ނޫނީ ދުވަހަކުވެސް އާލާ ފިރިހެން ކުއްޖެއްގެ ވާހަކަ މަންމަމެން ގާތު ނުދައްކައެވެ. ދެ ކުދިންވެސް ބޭނުން ވަނީ އަވަހަށް ކައިވެނި ކުރަން ކަމުގައި އާލާ ބުނުމުން ޝާދިޔާވެސް ވީ އުފަލުގެ ކޮޅެއް ނެތް ފަދައެވެ. ރަށުގައި ތިބި ތިން އަންހެން ދަރިން ކައިވެނިކޮށް ހަތަރު މާމަ ދަރިން ލިބިފައި ވީ ނަމަވެސް އާލާގެ ކައިވެނި ކުރެވޭނެ ދުވަހަކަށްވެސް ސާއިމާއެކޭ އެއްފަދައިން ޝާދިޔާ ދިޔައީ އިންތިޒާރު ކުރަމުންނެވެ. އެ މީހުންނެކޭ އެއްގޮތަށް އެ ޚަބަރުން އާޒިމްވެސް އެހާ އުފާވިއެވެ.
އާޒިމް އެދުނީ ނާއިކްއާ ބައްދަލު ކޮށްދިނުމަށެވެ. ހިތް އަވަސް ވެފައި ހުރެ އެރޭ ނާއިކްއަށް ގުޅާ، އަނެއް ދުވަހުގެ ރޭ ގެއަށް އައުމަށް އާލާ ދަޢުވަތު ދިނެވެ. އާޒިމް ފުރަތަމަ ބައްދަލު ކުރަން އެދުނީ ހަމަ އެކނި ނާއިކްއާއެވެ. އޭގެ ފަހުން އާއިލާއާވެސް ބައްދަލު ކުރާނެ ކަމުގައި ބުންޏެވެ.
ނާއިކްއާ ބައްދަލުވެ ވާހަކަ ދައްކާލެވުމުން އެއީ ރަނގަޅު ޒުވާނެއް ކަން އާޒިމްއަށް ޔަގީންވިއެވެ. ޖެހިގެން އަންނަ ހުކުރު ދުވަހުގެ ރޭގަނޑުގެ ކެއުމަށް އެ އާއިލާއަށް ދަޢުވަތު ދިނީ އާޒިމްއެވެ. އެ ވަގުތުން ފެށިގެން ސާއިމާއާ ޝާދިޔާ އުޅުނީ ހުކުރު ދުވަހުގެ ރެއަށް ތައްޔާރު ވާށެވެ.
އާލާގެ އާއިލާއާ ބައްދަލު ކުރުމަށް ދާން ނާއިކް ބުނުމުން ރަމްލާއާ އަމީންއަށް ލިބުނީ ސިހުމެކެވެ. ކައިވެނީގެ ވާހަކަ އަމީންއާ ރަމްލާ އެވަރަށް ދައްކާ އިރުވެސް ނާއިކް އެކަމާ ވިސްނާ ކަމެއްވެސް އެ ދެމީހުންނަށް އެނގިފައި ނެތުމުން ހައިރާން ވީ ނަމަވެސް، އެ ދަޢުވަތު ގަބޫލުކޮށް ވާން އުޅޭ ޅީދަރިފުޅުގެ އާއިލާއާ ބައްދަލު ކުރަން ދާން ދެމަފިރިން ތައްޔާރު ވީ އުފަލާ އެކުއެވެ.
އާލާ ފެނުމުން އަމީންގެ ތުންފަތަށް ވެރިވި ހިނިތުންވުމާއެކު ނާއިކްގެ ބުރަކަށީގައި ޖަހާލަމުން ދަރިފުޅާ ދިމާކޮށްލިއެވެ. އަދި ނާއިކް ބުނުމުގެ ކުރިން، ނާއިކްއާ އާލާ ދިމާވި ގޮތް ރަމްލާއަށް ކިޔާދިނެވެ.
ދެ އާއިލާ ބައްދަލުކޮށް ކައިވެނީގެ ވާހަކަ ދެކެވުނެވެ. ނާއިކްއާ އާލާ އެދުނީ މަހެއް ފަހުން ކައިވެނި ކުރުމަށެވެ. ހުރިހާ ވާހަކައެއްގެ ތެރެއިން އާލާގެ މަންމައާ ބައްޕަގެ ވާހަކަ އަމީންއާ ރަމްލާއަށް ކިޔާދިނީ އާޒިމްއެވެ. އެ ކަމަކުން އަމީންއާ ރަމްލާގެ ވިސްނުމަކަށް ބަދަލެއް ނައެވެ. ހިތުން ރުހުމުން އެދެމަފިރިން އާލާ ބަލައިގަތެވެ.
ނާއިކް ކައިވެނި ކުރަން އުޅޭ ޚަބަރު ނިޝްވާއަށް ލިބުމާއެކު ނާއިކްއަށް ގުޅާފައި ނިޝްވާ އެދުނީ އާލާގެ ނަމްބަރު ދިނުމަށެވެ. އަދި ހަމަ ވަގުތުން އާލާއަށް ގުޅައިގެން ނިޝްވާ ވާހަކަ ދެއްކިއެވެ. އެކަކު އަނެކަކަށް ނުފެނުނު ނަމަވެސް ނިޝްވާއާ އާލާގެ މެދުގައި އެކުވެރިކަން އުގެދުނީ ނުހަނު އަވަހަށެވެ. ކޮއްކޮގެ ހޮވުމާމެދު ނިޝްވާވެސް ހިތްހަމަޖެހުނީ އާލާއާ ވާހަކަ ދެކެވި އާލާގެ ހިތްހެޔޮ ކަމާ އެކުވެރިކަން ފާހަގަ ކުރެވުމުންނެވެ. ވަޒީފާގެ ގޮތުން ކުރިން ނާދެވުނު ނަމަވެސް ކައިވެނީގެ ކަންތަކުގައި ނިޝްވާ ފޯނުން ގުޅައިގެން އާލާއަށް އެހީވެދިނެވެ.
ނާއިކްއާ އާލާގެ ކައިވެންޏާ މެދު ކިރިޔާވެސް ނުރުހުމެއް ފެނުނީ ޒަރީނާގެ ފަރާތުންނެވެ. ޒަރީނާއަށް ކަމުނުދިޔައީ ނުދަންނަ އާއިލާއެއްގެ އަންހެން ކުއްޖަކާ ނާއިކް ކައިވެނި ކުރާތީއެވެ. އަދި އަމްދުން އާޒިމްއާ ސާއިމާއަކީ އާލާގެ އުފަން މައިންބަފައިން ނޫން ކަން އެނގުމުން، ރަމްލާއާ ވާހަކަ ދެއްކީ އާލާއާ މެދު ރަމްލާގެ ޚިޔާލު ބަދަލު ކުރެވޭތޯއެވެ. ނަމަވެސް އާލާއާ ދެކޮޅަށް ޒަރީނާ ބުނާ އެއްވެސް އެއްޗެއް ރަމްލާ އަޑެއް ނޭހިއެވެ. ރަމްލާ އެދުނީ ނާއިކްގެ އުފަލަށް ހުރަސް ނޭޅުމަށެވެ. ޒަރީނާ އާލާއާ ނުރުހޭ ކަން އަމީންއަށް އެއްގޮތަކަށްވެސް އެނގިގެން ނުވާނެ ކަމަށް ބުންޏެވެ. އެއްވެސް އިރެއްގައި އަމީން ނުރުހޭ ފަދަ ވާހަކައެއް ދެއްކުމަކީ ޒަރީނާ ކުރާ ކަމެއް ނޫނެވެ. އެހެން ކަމުން އާލާއާ މެދު އޮތް ނުރުހުން ހިތުގައި ފޮރުވައިގެން ނާއިކްއަށް ޓަކާ ޒަރީނާ ހިނިތުންވެގެން ހުރީ ނާއިކްއަކީ ޒަރީނާ އެންމެ ލޯބިވާ މާމަ ދަރިފުޅަށް ވާތީއެވެ.
ނާއިކްގެ ކައިވެންޏަށް ހަފްތާއެއް ކުރިން ދެ ކުދިންނާ އެކު ނިޝްވާ މާލެ އައެވެ. ލަޔާންއަށް އާދެވުނީ ކައިވެނި ކުރަން އޮތް ދުވަހުގެ ކުރީ ދުވަހުއެވެ. ނާއިކްގެ ޙަޔާތުގައި އަންނަ އެންމެ އުފާވެރި ދުވަހުގައި އާއިލާ އެކުގައި ތިބީތީ ނާއިކް ހުރީ އުފަލުންނެވެ.
އާލާގެ އާއިލާ އެންމެން އާލާގެ ކައިވެންޏަށް މާލެ އައެވެ. ވަލީ ދިނީ އާލާގެ އެއްބަނޑު އެއްބަފާ ކޮއްކޮ ޔުމާން ނަމަވެސް އާލާއަށް އެންމެ މުހިންމު ކަމަކަށް ވީ އެ ކައިވެންޏަށް އާޒިމްގެ ރުހުން ލިބުމެވެ. ހެޔޮ ހިތުން، އުފަލާ އެކު ހިތުގެ އެންމެ އަޑިން އެ ރުހުން އާޒިމް ދިނެވެ.
“ބަލާ ދަރިފުޅު، މިހިރީ ކޮން ކުއްޖެއް؟” ކޮޓަރީގެ ދޮރު ހުޅުވާލުމާއެކު ސާއިމާގެ އަޑު އިވިގެން އާލާ އެނބުރި ބަލާލިއެވެ. އެއާއެކު ހަޅޭ ލަވައިގަންނަމުން އިން ތަނުން ތެދުވެގެން އައިސް ސާއިމާ ކައިރީ ހުރި އަންހެން ކުއްޖާ ގައިގައި އާލާ ބައްދައިގަތެވެ.
ދެފަރާތަށް ބޯ ހަލުވާލަމުން ހިނިއައިސްފައި ހުރެ ސާއިމާ ނިކުތީ އެ ދެކުދިންނަށް ވަގުތު ދެމުންނެވެ.
“ވަރަށް ގޯސް! ނާދެވޭނެޔޭ ބުނީމަ އަހަރެން ވަރަށް ދެރަވެފަ ހުރީ” ނައުރީންގެ އަތުގައި ހިފައިގެން އައިސް އެނދުގައި އިށީނދެފައި އާލާ ޝަކުވާ ކޮށްލިއެވެ.
“އަޅެ، އަދިވެސް ގޯސްތަ ވީ؟ ނާންނަން ހުރެފަވެސް އާލްގެ ވެޑިންގއަށް އައީމަ އަހަރެން ކިހާ ރަނގަޅުތަ؟” ތުން ދަމާލަމުން ނައުރީންވެސް އާލާއަށް ދުލެއް ނުކުރިއެވެ.
“ތެންކްޔޫ ސޯ މަޗް މައި ބެސްޓެސްޓް ފްރެންޑް!” ނައުރީންގެ ދެ އަތްތިލައިގައި ހިފާލަމުން އާލާ ހިނިތުން ވެލިއެވެ.
“ޔޫ އާރ ވެލްކަމް” ނައުރީން ބުނެލިއެވެ.
“ކޮން އިރަކު އައީ؟ މަންމަވެސް ނުބުނޭ ނައު އަންނަ ވާހަކައެއް” އާލާ އެހިއެވެ.
“އިއްޔެއޭ އާދެވޭނެ ކަން އެނގުނީވެސް. އަހަރެން ނުބުނާށޭ ބުނީއޭ އާލް މަންމަ ކައިރީ، އޭރުންނެއްނު ސަޕްރައިޒްއެއް ދެވޭނީ. ހަވީރު އައީ. އާލް މަންމަ ހެދުންވެސް ފަހައިދިނީ” ލައިގެން އިން ރަތް ކުލައިގެ ހެދުމަށް އިޝާރާތް ކޮށްލަމުން ނައުރީން ބުންޏެވެ.
“އާރ ޔޫ އޯކޭ؟” އެކުވެރިޔާގެ މޫނަށް ބަލާލަމުން އާލާ އަހާލިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.








Mi part vx v Reethi masha allah
Curiously waiting for next part
Keep it up
Aaala and naaik v gulhey
They both are made for each other
Varah ufaavey thihaa busy koh ulhemun ves vaahaka kiyaalan libeythee
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Kithamme lahun kiyaalan libunas Shakuvaa eh neih its ok
Alhugandu ge support Abadhuves libeyne insha Allah
Love you maash ❤️😍
thank you dear