ހިތާ ކުޅެލާފާ 5
“އަހަރެން ބުނާ ދުވަހަކުން އިސްރާ އަހަންނާ އިންނާނަންތަ؟ މިއަދު މީހުން ފޮނުވިއްޔާ ރަން ކިޔާނަންތަ؟” ޚަލަފްގެ އަޑުގައި ވީ ކެތްތެރިކަން ކުޑަވެފައި ވާފަދަ އަސަރެކެވެ.
“ޚަލަފް… ބުނެބަލަ… ކިހިނެއް ވީ؟” އިސްރާ ޚަލަފްއާ ކައިރިވެލަމުން ދެ އަތުން ޚަލަފްގެ މޫނުގައި ހިފާލިއެވެ.
ޚަލަފް ޖަވާބެއް ނުދިނެވެ. ދެއަތުގެ ތެރެއަށް އިސްރާ ގެނެސް ޚަލަފްގެ ގަޔާލާ ފިއްތާލަމުން ވައިރޯޅިއަކަށްވެސް އެ ދެމެދަށް ނުވަދެވޭނެހާ ގާތްވެލިއެވެ. އިސްރާއަށް ޖެހުނީ ގަދަ ކަމުން ޚަލަފްގެ އަތުތެރެއިން ދުރަށް ދާށެވެ.
“ޚަލަފް…” އިސްރާ ގޮވާލިއެވެ.
“އަހަރެން ބޭނުންވަނީ އަހަރުމެން ކައިވެނި ކުރުމަށް އެކަކުވެސް ދެކޮޅު ނުހަދާނެ ވަރުގެ ކަމެއް ކުރަން. އިސްރާއަށްވެސް ހަމަ މިހާރު އަހަރެންނާ ކައިވެނި ކުރަން މަޖުބޫރު ވާ ވަރުގެ ކަމެއް ކުރަން. އެ ނޫން ޗޮއިސްއެއް ނެތްވަރުގެ ކަމެއް ކުރަން” އަނެއްކާވެސް އިސްރާ ގެނެސް ބައްދާލަމުން ޚަލަފް ބުންޏެވެ.
“ޚަލަފް ތި ބުނާ އެއްޗެއްގެ މާނަ އަހަންނަށް މި ވިސްނުނީ ރަނގަޅަށްތަ؟” ޚަލަފްގެ އަތުތެރެއިން ނިކުންނަން ގަދަ ހަދާލަމުން އިސްރާ އަހާލިއެވެ.
ޚަލަފް ޖަވާބެއް ނުދީ އެނދުގައި އިށީނދެ ޚަލަފްގެ އުނގަށް އިސްރާ ލުމާއެކު އެއްޗެއް ބުނާނެ ފުރުސަތެއް އިސްރާއަކަށް ނުދިނެވެ.
“ޚަލަފް! މޮޔަވީތަ؟ ކިހިނެއް ވެފަ މިއަދު ތިހިރީ؟ ދޫކޮށްލަބަލަ… އަހަރެން ބިރުގަންނަން ފަށައިފި މިހާރު… ޕްލީޒް… ޚަލަފް!” ޚަލަފްގެ ވާހަކައިންނާ ޚަލަފް އުޅެމުން ދިޔަ ގޮތުން އިސްރާގެ ހިތުގައި ނޭނގޭ ބިރުވެރިކަމެއް އުފެދިއްޖެއެވެ. ޚަލަފްގެ އަތުތެރެއިން ނިކުންނަން އިސްރާ ގަދަ ހަދާލިއެވެ.
ޚަލަފް އިސްރާ ގައިން ދޫކޮށްލާފައި ދެ އަތުން މޫނު ފޮރުވާލިއެވެ.
“ޚަލަފް… ކަމެއް ވީތަ؟” އިރުކޮޅަކު ބަލަން ދުރުގައި ހުރެފައި އިސްރާ ޚަލަފް ކައިރީ އިށީނދެ ޚަލަފްގެ އަތް އެ މޫނާ ދުރުކޮށްލިއެވެ.
އެ ވަގުތު ޚަލަފްގެ ފޯން ރިންގް ވާ އަޑު އިވުނެވެ. ޖީބުން ފޯން ނަގާ ބަލާލާފައި ޚަލަފް އެ ކޯލަށް ޖަވާބު ނުދީ ސްކްރީނަށް ބަލަން އިނެވެ.
“ޚަލަފްގެ މަންމައެއްނު އެ ގުޅަނީ، ކީއްވެ ނުނެގީ؟” އިސްރާ އަހާލިއެވެ. ޚަލަފްއަށް ޖަވާބެއް ނުދެވިގެން އުޅެނިކޮށް ދެވަނަ ފަހަރަށް ފަރުހާނާ ގުޅިއެވެ. އެ ފަހަރުވެސް ޚަލަފް އެ ކޯލެއް ނުނެގިއެވެ. ނަމަވެސް ތިން ވަނަ ފަހަރަށް ގުޅުމުން ޚަލަފް ފޯން ނަގާ ކަންފަތުހައި ޖައްސާލިއެވެ. ޚަލަފްއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް އިވުނީ ފަރުހާނާގެ ރުއިމުގެ އަޑެވެ.
“މަންމާ! ކިހިނެއް ވީ؟ ކީއްވެ ތި ރޮނީ؟” ކުއްލިއަކަށް ތެދުވެފައި ޚަލަފް އެހިއެވެ. އެކޮޅުން ބުނި އެއްޗެއް އަޑު އަހާފައި ޚަލަފްގެ މޫނު ހުދުވެގެން ދިޔައެވެ.
“މިދަނީ” އެހެން ބުނުމާއެކު ޚަލަފް ނިކުތެވެ.
“ޚަލަފް…!” ގޭ ދޮރާ ހަމައަށް ޚަލަފް އެރުމާއެކު އިސްރާ ގޮވާލިއެވެ.
“ބައްޕަ ވެއްޓިފަ… ހެއެއްނުލާ…” ޚަލަފްއަށް ބުނެވުނީ އެ ވަރަށެވެ.
އާފާގުއަށް ޖެހުނީ ހާޓްއެޓޭކްއެކެވެ. ވަގުތުން ފަރުވާ ދެވުނީތީ އިތުރު މައްސަލަތަކެއް ކުރިމަތި ނުވެ ދެ ހަފްތާ ފަހުން އާފާގު ހޮސްޕިޓަލުން ދޫކޮށްލިއެވެ. ދެން އައި ދެމަސް ތެރޭ އާފާގު ހަމައަކަށް އެޅުނެވެ. އެ ދެމަސް ދުވަސް ވީ ޚަލަފްއާ އިސްރާގެ ދިރިއުޅުން ބަދަލު ކޮށްލި ދެ މަސް ދުވަހަށެވެ.
އާފާގުއަށް ނުރައްކަލެއް ނެތް ކަން ޔަގީން ވި ދުވަހަކީ ޚަލަފް އެންމެ ފަހު ފަހަރަށް އިސްރާއާ ވާހަކަ ދެއްކި ދުވަހެވެ. އެ ދުވަހު އާލިމާއާ ނާފިޒްއާ އެކު އިސްރާ ހޮސްޕިޓަލަށް ގޮސް ހުއްޓާ ޚަލަފް އެދުނީ ވާހަކަ ދައްކާލުމަށެވެ. ދެ މީހުން އާފާގު ބާއްވާފައި އޮތް ކޮޓަރިން ނިކުމެގެން ގޮސް އިށީނީ ބޭރުގައި މީހުން މަޑުކޮށްލަން ބަހައްޓާފައި ހުރި ގޮނޑިތަކުގައެވެ.
“އެހާ ކަންބޮޑު ނުވޭ. އިރާދަކުރެއްވިއްޔާ ޚަލަފްގެ ބައްޕަ ދެން އަންނާނީ ރަނގަޅު ވަމުން” އިސްރާ ބުންޏެވެ.
“އިސްރާ… އައި ކާންޓް މެރީ ޔޫ… އައިމް ސޮރީ. ދެ މަސް ފަހުން އަހަރެންގެ ކައިވެނި އަފާފްއާ ކުރެވޭނެ” އިސްރާއާ ހަތަރުކަޅި ހަމަކޮށްގެން އިނދެ ޚަލަފް ބުނެލިއެވެ.
ލިބުނު ސިހުމުގައި އިސްރާއަށް އެއްޗެއް ނުބުނެވިފައި ޚަލަފްގެ މޫނަށް ބަލަން އިނދެވުނީއެވެ.
“އަހަންނަށް ރަނގަޅީ އިސްރާ ދެން އަހަންނަށް ނުގުޅިއްޔާ. މިއަދުން ފެށިގެން އަހަންނާ އިސްރާގެ މެދުގަ އެއްވެސް ގުޅުމެއް ނޯންނާނެ” ޚަލަފް ބުނަން ބޭނުންވި އެއްޗެއް ބުނެފައި ތެދުވެގެން ދިޔައީއެވެ.
އިސްރާއަށް އަޑު އިވުނު އެއްޗެއް ގަބޫލު ކުރަން ދަތިވިއެވެ. ޚަލަފްގެ ފަރާތުން ފެނުނު ދުރުކަމާ، ބުނެލި ބަސްތަކުގައި ވި ހަރުކަށިކަން ފިޔަވާ އެހެން ކަމެއް އިސްރާގެ ސިކުނޑިއަށް ނަގައެއް ނުގަނެވުނެވެ. ލިބިފައިވި ސިހުމުން ރޯންވެސް ނޭނގިފައި އިސްރާ އިނެވެ.
އިރު އޮއްސުމުން ނާފިޒްއާ އާލިމާއާ އެކު އިސްރާ ގެއަށް އައެވެ. އޭގެ ތިން ދުވަސް ފަހުން އާފާގު ދޫކޮށްލިއެވެ. ހަފްތާއެއް ފަހުން އާލިމާއާ ނާފިޒް އިސްރާއަށް ދިން ޚަބަރަކީ މާލޭގެ ތަނަވަސް އާއިލާއެއްގެ ދެމަފިރިން، އެ މީހުންގެ އެންމެ ހަގު ދަރިފުޅުގެ ފަރާތުން އިސްރާގެ ކައިވެންޏަށް އެދުނު ވާހަކައެވެ. އިސްރާއަށް އެ ކައިވެނި ކުރުމަށް މަންމައާ ބައްޕަ ބާރެއް ނާޅައެވެ. އިސްރާ ގަބޫލު ނަމަ އާނއެކޭ، ގަބޫލު ނޫން ނަމަ ނޫނެކޭ ބުނުމުގެ އިޚްތިޔާރު ދިނެވެ. އިސްރާގެ ޖަވާބަކަށް ވީ އާނއެކެވެ.
ކައިވެންޏާ ހަމައަށް ކަންތައް ރޭވީ ކާކު ކަމެއް، ކިހިނެއް ކަމެއް އިސްރާއަކަށް ނޭނގެއެވެ. ދުލުން ބުނަން ވީ ބަހެއް ބުނެ، އަތުން ސޮއި ކުރަންވީ ކޮންމެ ކަރުދާހެއްގައި ސޮއި ކުރީ އިސްރާގެ އަމިއްލަ އިޚްތިޔާރުގައެވެ. ނާހިލްގެ އަނތްބަކަށް އިސްރާ ވީއިރު އެ ހުރިހާ މަންޒަރެއް ބަލަން ޚަލަފް ހުރި އިރު، ޚަލަފްއާ އެކު އެންމެ ގާތުގައި އަފާފް ހުއްޓެވެ. އޭގެ އިތުރުން އެމީހުންގެ އާއިލާވެސް ތިއްބެވެ.
އޭގެ ބާރަ ދުވަސް ފަހުން ޚަލަފްއާ އަފާފްގެ ކައިވެނި ކުރެވުނެވެ. ބޭނުން ނުވިޔަސް އެ ހަފްލާގައި އިސްރާއަށްވެސް ބައިވެރިވާން ޖެހުނެވެ. އިސްރާގެ އާއިލާއަށް ދަޢުވަތު ދިނީ އާފާގު އަމިއްލައަށް ކަމަށް ވީތީއެވެ.
ދުވަސްތަކާ އެކު ދިރިއުޅުންވެސް ކުރިއަށް ދެއެވެ. ކައިވެންޏެއް ކުރެވުނު ނަމަވެސް އަންހެން ދަރިއަކު ފިޔަވާ އެ ކައިވެނިން އިސްރާއަށް ލިބުނު އުފަލެއް ނެތެވެ. މުއްސަނދި މަންމައާ ބައްޕައެއްގެ ހަމައެކަނި ފިރިހެން ދަރިފުޅުގެ އަނތްބަކަށް ވެވުމަކުން އިސްރާއަށް ހިތްހަމަޖެހުމެއް ނުލިބުނެވެ.
ކައިވެނީގެ ކުރީކޮޅު އިސްރާ ދެކެ ނާހިލް ވަރަށް ލޯބި ވިއެވެ. ގޭގައި އަދި ގެއިން ބޭރުގައިވެސް އިސްރާއާ ނުލާ އިރުކޮޅެއްވެސް ނާހިލްއަށް ހޭދަ ނުކުރެވެއެވެ. ދެމަފިރިން ރާއްޖެއިން ބޭރުގައި ހަނީމޫންގައި ދެ މަސް ދުވަސް ހޭދަ ކުރިއެވެ. ނާހިލްއަކީ އެކިއެކި ތަންތަނަށް ދަތުރު ކުރާހިތް ވާ މީހެކެވެ. ފުރަތަމަ ދެ އަހަރު ހޭދަވީ ރާއްޖޭގެ އެކި ރަށްރަށާ ރިޒޯޓްތަކާ، ރާއްޖެއިން ބޭރު އެކިއެކި ގައުމުތަކުގައެވެ. ނާހިލްއާ އެކީ އިސްރާއަށް އެ ދަތުރުތަކުގައި ބައިވެރި ވާން އުނދަގޫ ވީ އިސްރާ ބަލިވެ އިނުމުންނެވެ. އިސްރާ ވިހަން ދެން ނާހިލް އިސްރާ ކައިރީ ހުއްޓެވެ. ނަމަވެސް އައިނީއަށް ދެމަސް ވީ ތަނާ އަނެއްކާވެސް ނާހިލް ދަތުރު ކުރަން ފެށީއެވެ. އެ ދަތުރުތަކުގައި އިސްރާ ބައިވެރި ކުރަން ނާހިލް ބޭނުން ވިއެވެ. އެހެން ނަމަވެސް ދަރިފުޅު ނުލައެވެ. ބޭރު މީހަކާ ތުއްތު ދަރިފުޅު ހަވާލު ކޮށްފައި ދާން އިސްރާ ދެކޮޅު ހެދުން ވީ އެދެމެދުގައި ޖެހެން ފެށި މައްސަލަތަކުގެ ފެށުމަށެވެ. އިސްރާ ގޮވައިގެން ބޭނުން ވާ ދިރިއުޅުން ނޫޅެވުމުން އިސްރާ ދެކެ ނާހިލް ފޫހިވާކަށް ގިނަދުވަހެއް ނުނަގައެވެ. ކައިވެންޏަށް ހަތަރު އަހަރު ވީ އިރު ދެމަފިރިންގެ މެދުގައި ޒުވާބު ނޫނީ ނުކުރެވެއެވެ. ފަސްވަނަ އަހަރުގައި ނާހިލް އިސްރާ ވަރިކުރީއެވެ. އެއަށް ފަހު ގިނަ ދުވަސްތަކެއް ނުވެ އިތުރު ކައިވެންޏެއް ކުރި ހިސާބުން ދަރިއަކު ހުރިކަންވެސް ނާހިލް ހަނދާން ނެތުނީއެވެ. ކޯޓު މެދުވެރިކޮށް ދޭން ޖެހޭ އެއްޗެއް ފިޔަވާ އިތުރު ޚަރަދެއް ދަރިފުޅަކަށް ނުކުރެއެވެ.
އިސްރާގެ ދިރިއުޅުން އިތުރަށް ދަތިވީ، އައިނީއަށް ތިން އަހަރު ވީ ތަނާ، ދިމާވި އެކްސިޑެންޓެއްގައި އާލިމާއާ ނާފިޒް ނިޔާވުމުންނެވެ. އެއީ ހަ އަހަރު ތެރޭ ޚަލަފްގެ އާއިލާއާ އިސްރާއާ ދިމާވި ފުރަތަމަ ފަހަރެވެ. ސަހަރާއިން އިސްރާއާ އިޒްވާ ފެނުމުން ފަރުހާނާގެ ހިތަށް ކެތް ނުވެގެން އައިސް އާލިމާގެ ދެ އަންހެން ދަރިން ގައިގައި ބައްދާލިއެވެ. ނަމަވެސް ފަރުހާނާގެ އަތުތެރޭގައި އިސްރާ ހުރީ ދިރުމެއް ނެތް ބުދެއް ފަދައިންނެވެ. އާފާގުވެސް އައިސް އިޒްވާއާ އިސްރާގެ ބޮލުގައި ފިރުމާލިއެވެ.
އިސްރާ އިސް އުފުލާ ޚަލަފްއަށް ބަލާވެސް ނުލައެވެ. އެ ތަނުގައި ޚަލަފް ހުރިކަން އިސްރާއަށް ނުވެސް އެނގޭ ފަދައެވެ. ޚަލަފްއަށް އިސްރާ ހުރި ގޮތް ފެނުނު ނަމަވެސް ކައިރިއަކަށް ނުދެއެވެ. އިސްރާއަށް ޓަކާ ހިތް ރޮމުން ދިޔަ ނަމަވެސް އިސްރާއާ ދުރުގައި ހުރުމަށް ޚަލަފް އަމިއްލަ ނަފްސަށް މަޖުބޫރު ކުރިއެވެ. ބަލާލި ކޮންމެ މީހަކަށް، އިސްރާއަށް ޓަކާ ހިތުގައި އޮތް ލޯބި އެދެލޮލުން ސާފުކޮށް ފެނުނީހެވެ. ނަމަވެސް ދެންވެސް ޚަލަފްއަށް ޖެހުނީ އެ އިހުސާސްތައް ފޮރުވާށެވެ.
އަހަރުތަކެއް ފަހުން އަނެއްކާވެސް އިސްރާ ފެނުމުން، އެ ލޯތްބަށް އެއްވެސް ބަދަލެއް ނާންނަކަން ޚަލަފްއަށް ޔަގީންވިއެވެ.
އިސްރާއާ ވާހަކަ ނުދެއްކި ނަމަވެސް ޚަލަފް އިޔާންއާ ވާހަކަ ދެއްކިއެވެ. އެހީއެއް ބޭނުން ނަމަ ފަސް ނުޖެހި ގުޅާލުމަށް އިޔާން ކައިރީ ޚަލަފް ބުންޏެވެ. އިސްރާއާ ވަކިން އިޒްވާ ހުރި ވަގުތެއްގައި އިޒްވާއާވެސް ވާހަކަ ދައްކާ ހިތްވަރު ދޭން މަސައްކަތް ކުރިއެވެ.
ފަރުހަނާއާ އާފާގު އެ ތިން ކުދިން ގާތު އެތައް އިރަކު ތިއްބެވެ. އެއްވެސް ކަމެއް ބޭނުން ނަމަ ފަރުހާނާއާ އާފާގު އެ ކުދިންނަށް ޓަކާ ތިބިކަން ހަނދާން ކޮށްދިނެވެ. މަންމައާ ބައްޕަ ނެތް ދުނިޔޭގައި އެއް ކުއްޖަކު އަނެއް ކުއްޖަކަށް ކުރިއަށް ވުރެ ބޮޑަށް އަޅާލުމަށް ނަސޭޙަތް ދިނެވެ. މަންމައާ ބައްޕަ ނެތް ދުނިޔޭގައި އެ ދެމީހުންނަށް ޓަކާ ދުޢާކުރުމަށް ނަސޭޙަތް ދިނެވެ.
އެ ދުވަސްވެސް ފާއިތުވީއެވެ. އިސްރާ ދިރިއުޅެނީ ހުޅުމާލޭގައި އާލިމާއަށް ލިބުނު ފްލެޓްގައެވެ. އިޒްވާ ދިރިއުޅެނީ އާކިފްއާ ކުދިންނާއެކު އާކިފްގެ ރަށުގައެވެ. ދުރުގައި އުޅެމުންވެސް ވީވަރަކުން ކޮއްކޮއަށް އިޒްވާ އެހީވެއެވެ. ރާއްޖެއިން ބޭރުގައި ކިޔަވަން ހުރި އިޔާންވެސް އިސްރާއަށް އެހީވެއެވެ. ނަމަވެސް އައިނީ ގޮވައިގެން އިސްރާ ދިރިއުޅެމުން އައީ އެކަނިވެރި ދިރިއުޅުމެކެވެ.
މަންމައާ ބައްޕަ ނިޔާވުމަށް ފަހު މަސައްކަތެއް ކުރުމާމެދު އިސްރާ ވިސްނަން ފެށިއެވެ. ވަޒީފާއަކަށް ދެވޭނީ އައިނީ ބަލާނެ މީހަކު ގޭގައި ހުރެގެން ކަމަށް ވާތީ އެކަން ވާކަށް ނެތެވެ. ނާހިލްއާ ކައިވެނި ކުރި ގޮތަށް އިސްރާ ވަޒީފާއިން ވަކިވީ ނާހިލްގެ އެދުމަށެވެ. ނާހިލްގެ އަނތްބެއްގެ ގޮތުގައި އިން އިރު ފައިސާގެ ދަތި ކަމެއް އެއްވެސް ގޮތަކަށް އިސްރާއަކަށް ނުވެއެވެ. އެ ދަތިކަން ދިމާވީ ނާހިލްއާ އިސްރާ ވަކިވުމަށް ފަހުއެވެ.
ގޭގައި ކުޑަ ކުދިންނަށް ކިޔަވައިދޭން އިސްރާ ފެށީ އެހެންވެއެވެ. ފެށި އިރު ގިނަ ކުދިންތަކެއް ނައި ނަމަވެސް، ހުއްޓާނުލާ ކުރިއަށް ގެންދާތާ ހަ އަހަރު ވީ އިރު އިސްރާ އަކީ ބެލެނިވެރިންނާ ކުދިންގެ ލޯބި ހޯދާފައިވާ “އިސްރާ މިސް”އެވެ. އޭރު ކުދިންނަށް ކިޔަވައިދިނުމުގެ އިތުރުން، ގޭގައި ކުދިން ބަލަން މަޑު ނުކުރެވޭ މީހުންގެ ކުދިން ގެއަށް ގެނެސްގެން ބެލުމަކީވެސް އިސްރާ ކުރާ ކަމެކެވެ. އެހެން ނަމަވެސް އެ ގޮތަށް އެންމެ ގިނަވެގެން އިސްރާ ގެންނަނީ ތިން ކުދިންނެވެ.
ސްކޫލް ބަންދު ނިމި ދިރާސީ އަހަރު ފެށެން ވާ އިރަށް އިސްރާވެސް ޗުއްޓީ ނިންމާ މަސައްކަތަށް ތައްޔާރު ވަމުން ދިޔައެވެ. އާ އަހަރަށް ކުރިން އަންނަ ކުދިންނާ އެކު އާ ކުދިންވެސް ވަނީ ކިޔަވަން ބޭނުން ވެގެން ބުނެފައެވެ. އޭގެ އިތުރުން ފާއިތުވި ތިން އަހަރު ވަންދެން އިސްރާ ބަލަމުން ދިޔަ ތިން ކުދިން އެ އަހަރުން ފެށިގެން ނުގެންނާނެ ކަމަށް އެ ކުދިންގެ މަންމަމެން ވަނީ ބުނެފައެވެ.
ހެނދުނުގެ މަސައްކަތް ނިންމާފައި ފެންވަރައިގެން ނިކުތް އިސްރާ ފޯން ބަލާލީ ވައިބަރ އިން މެސެޖެއް އައިސްފައި އޮތުމުންނެވެ. އެ މެސެޖްގައި އޮތީ އިސްރާ ކުދިން ބަލައިދޭ ކަން ރައްޓެއްސެއްގެ ފަރާތުން އެނގިގެން އެކަމާ ބެހޭ ގޮތުން ސުވާލުކޮށްފައެވެ. އިސްރާ ޖަވާބު ދިންތާ ގިނަ އިރެއް ނުވެ، އަށް އަހަރުގެ އަންހެން ކުއްޖަކާ ހަތަރު އަހަރުގެ ފިރިހެން ކުއްޖަކު ބަލާދެވިދާނެތޯ އެހިއެވެ. ބޭނުންވާ މަޢުލޫމާތު ހޯދާފައި އިސްރާ އެއްބަސްވިއެވެ. އަދި ސްކޫލް ހުޅުވޭ ހަފްތާގެ ހޮނިހިރު ދުވަހުން ފެށިގެން އެ ކުދިން ގެނެސްދިނުމަށް ބުންޏެވެ.
ހެނދުނު ހަތެއް ޖެހި އިރަށް ބެލް ޖަހާލި އަޑު އިވުމުން އިސްރާ ދޮރު ހުޅުވާލީ އެ ވަރުގެ ސިހުމެއް ލިބިދާނެ ކަމަކަށް ނޫނެވެ.
ދޮރުމަތީ ދެ ކުދިން ގޮވައިގެން ހުރީ ޚަލަފްއެވެ. ހައިރާންވެފައި އިސްރާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ.
“އިސްރާ!؟” ޚަލަފްއަށް އަހާލެވުނީ ގަބޫލު ކުރަން ދަތި ވެގެންނެވެ.
“މަންމާ!” އިސްރާއަށް ބަލާލެވުނީ އައިނީގެ އަޑު އިވުމުންނެވެ. އައިނީ ގޮވާލީ ދޮރު ހުޅުވި ގޮތަށް އިސްރާ ދޮރުމަތިން ދުރަށް ނުގޮސް ހުރުމުން، ގެއަށް އައީ ކާކުތޯ ބަލަން ބޭނުން ވެގެންނެވެ.
“ދަރިފުޅު، މި ކުދިން ގޮވައިގެން ގޮސް މެޓްމަތީ އިށީނދެ އިހަށް ކުޅެލާ. މަންމަ މި އަންނަނީ” އިސްރާ ބުނުމުން ސުވާލު އުފެދިފައި ހުރެ ޚަލަފްއަށް ބަލާލާފައި އެ ދެ ކުދިން ގޮވައިގެން އައިނީ ކޮޓަރިއަށް ވަނެވެ.
“ވަދޭ” ބޮޑަށް ދޮރު ހުޅުވާލާފައި ފަހަތަށް ޖެހިލަމުން އިސްރާ ބުންޏެވެ.
ޚަލަފް ވަދެ ސޯފާގައި އިށީނެވެ. އިރުކޮޅަކު އެކަކުވެސް އަނގައިން ނުބުނެ ތިބީއެވެ.
އިރުއިރުކޮޅާ އެކަކު އަނެކަކަށް ބަލަން ދެ މީހުން ތިބި އިރު ދެ ހިތުގައިވެސް ވަނީ ކުރީގެ ހަނދާންތަކެވެ. އެކަކު އަނެކަކަށް ޖެއްސުން ކޮށްކޮށްފައި އުޅުނު ދުވަސްތަކެވެ. އޭގެ ފަހުން އެދެމެދަށް އައި ދުރުކަމެވެ. އެ ދުރުކަން ނެތިގޮސް އެދެމެދުގައި ދެން އުފެދުނު ގުޅުމެވެ. އެންމެ ފަހުން ވަކިވާން ޖެހުނު ގޮތެވެ.
އިސްރާއަށްވެސް ވީ ޚަލަފްއަށްވެސް ވީވަރެވެ. މާޒީގެ ހަނދާންތައް އައިސް ހިތަށް އުނދަގޫ ކުރަން ފެށީ، ޚަލަފްގެ ކުރިމަތީ ހުންނަން ޖެހިލުންވާ ވަރަށެވެ. ނަމަވެސް އިސްރާއަށް މަޖުބޫރުވެފައި ވަނީ އެ ލޯބި ސިއްރު ކުރާށެވެ. ލޯބިވީ އިސްރާ އެކަނި ކަން އަމިއްލަ ހިތަށް ހަނދާން ކޮށްދޭށެވެ. ޚަލަފްގެ ހިތުގައި އިސްރާއާ މެދު އެފަދަ އިހުސާސެއް ވީނަމަ އެހާ ފަސޭހައިން އިސްރާ ދޫކޮށްލާފައި އެހެން ކައިވެންޏެއް ނުކުރީހެވެ.
“އެއީ ޚަލަފްގެ ދެ ކުދިންތަ؟” ހިތުގެ ތެޅުން ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން އިސްރާ އަހާލިއެވެ.
ޖަވާބުގައި ޚަލަފް ބޯ ޖަހާލިއެވެ.
“ކީއްވެ މި ގޮތަށް އެ ކުދިން ތަނަކަށް ގެންދަން ޖެހުނީ؟ ކޮބާ އެ ކުދިންގެ މަންމަ؟” ހިތުގައި އުފެދުނު ސުވާލު އިސްރާ ކޮށްލިއެވެ.
“އަޔާލް ވިހެއުމުގެ ތެރޭގަ އަފާފް ނިޔާވީ. އޭގެ ފަހުން އެ ކުދިން ބެލީ މަންމަ. އެކަމަކު ބައްޕަ ބަލިވެގެން މަންމައާ ބައްޕަ ސިންގަޕޯރއަށް ބަދަލު ވީމަ އެހެން ގޮތެއް ހޯދަން ޖެހުނީ. އަލްޔާގެ ކްލާސް ކުއްޖެއްގެ ޕޭރެންޓެއްގެ ފަރާތުން ނަމްބަރު ލިބިގެން މެސެޖް ކުރީ. ހިއެއް ނުކުރަން އިސްރާ ކަމަކަށް…” ޚަލަފް ކިޔާދިނީ ވީހާވެސް ކުރުކޮށެވެ.
“އައިމް ސޮރީ… ޚަލަފްގެ އަންހެނުން ނިޔާވި ކަމެއް ނޭނގޭ” އެ ޚަބަރުން އިސްރާ ހަގީގަތުގައިވެސް ދެރަވިއެވެ. މަންމައެއްގެ ލޯބިން ކުޑަކުޑަ ދެ ކުދިން މަޙްރޫމް ވީތީއެވެ. ބައިވެރިއަކާ ނުލާ ދިރިއުޅުމާއިގެން ކުރިއަށް ދިޔުމަކީ ކިހާ ދަތި، އެކަނިވެރި ކަމެއްކަން އެނގޭތީއެވެ.
“ޚަލަފްއަށް އޯކޭތަ އަހަރެން ކަން އެނގުނީމަ މިގެއަށް އެ ކުދިން ގެންނަން؟” އިސްރާ އަހާލިއެވެ.
“އިސްރާއަށް އޯކޭތަ އަހަރެންގެ ކުދިން ބަލަން ވީމަ؟” ޚަލަފްވެސް ކޮށްލީ ސުވާލެކެވެ.
“މީ އަހަރެން ކުރާ މަސައްކަތް. އަހަރެން ކައިރީގަ ތިބެންޏާ އެ ކުދިންގެ ހުރިހާ ކަމެއް ވީ އެންމެ ރަނގަޅަކަށް އަހަރެން ކުރާނަން” އިސްރާ ބުންޏެވެ.
ޚަލަފް ބޯޖަހާލިއެވެ.
ދެން އެ ދެމެދުގައި ދެކެވުނީ އަލްޔާއާ އަޔާލްގެ ވާހަކައެވެ. އެ ކުދިންނާ ބެހޭ ގޮތުން އޮޅުންފިލުވަން ބޭނުން ކަންތަކާ އިސްރާ ކުރާ ސުވާލުތަކަށް ޚަލަފް ޖަވާބު ވިނެވެ.
“ދަރިފުޅަށް ކޮން ނަމެއް ކިޔަނީ؟” އެއްފަރާތުގައި އަޅާފައި އޮތް މެޓް މަތީ، ޚަލަފްގެ ދެ ކުދިންނާ އެކު ކުޅެން އިން އިސްރާގެ ދަރިފުޅަށް ބަލަން އިނދެ ޚަލަފް އަހާލިއެވެ.
“އައިނީ” އިސްރާ ޖަވާބު ދިނެވެ.
“ހީވަނީ ހަމަ އެ އުމުރުގެ އިސްރާ ހެން ދޯ؟” ޚަލަފް އަހާލިއެވެ.
އިސްރާ ބޯ ޖަހާލިއެވެ. ދެން ދިޔައީ ހިމޭން ވަގުތުކޮޅެކެވެ. އެ ދެމެދުގައި ދައްކާނެ ވާހަކަ ހުސްވި ފަދައެވެ.
“ދަނީ… ފަހެއް ޖަހަން ވާ އިރަށް އަންނާނަން” ޚަލަފް ތެދުވިއެވެ.
ހަ އަހަރު ވަންދެން ކުރާ ހިތުން އިސްރާ ކުރަމުން އައި މަސައްކަތަށް ފުރިހަމަ ސަމާލުކަން ނުދެވުނު ފުރަތަމަ ދުވަހަށް އެ ދުވަސް ވިއެވެ. ޚަލަފްގެ ދެ ކުދިންގެ ކަންތައް ކުރަމުން ދިޔަ އިރު ތަފާތު އިހުސާސެއް ހިތަށް ކުރުވަމުން ދިޔައެވެ. އެހެން ކުދިންނާ މެދު ނުބެހެއްޓޭ ގާތް ކަމެއް އެ ދެކުދިންނާ މެދު ބެހެއްޓޭ ކަން އިސްރާއަށް އެނގެއެވެ. އެއީ މަންމައާ ބައްޕަ ފިޔަވާ މި ދުނިޔެއިން އިސްރާ އެންމެ ލޯބިވާ މީހާގެ ކުދިންނެވެ.
ތަގުދީރުގައި ކަންތައް ރޭވިފައި ވަނީ ކިހިނެއް ބާއޭ އިސްރާއަށް އަމިއްލަ ހިތާ ސުވާލު ކޮށްލެވުނެވެ. ބާރަ އަހަރު ފަހުން ޚަލަފްއާ އަލުން ދިމާ ވެދާނެއޭ އިސްރާގެ ހިތަށްވެސް ނާރައެވެ. މަންމައާ ބައްޕަ ނިޔާ ވި ދުވަހު ސަހަރާއިން އިސްރާ ޚަލަފްއެއް ނުދެކެއެވެ. ނަމަވެސް އެ ދުވަހު އެތާ ޚަލަފް ހުރި ވާހަކަ އިޒްވާއާ އިޔާންވެސް ބުންޏެވެ. އެ ދުވަހު އިސްރާ ހުރީ އެހެން ކަމަކަށް ސަމާލުކަން ދެވޭ ފަދަ ޙާލަތެއްގައެއް ނޫނެވެ. އެ ދުވަހު ޚަލަފް އިސްރާއާ ވާހަކަ ނުދެއްކީ ކީއްވެ ބާއޭ އެއީ އޭގެ ފަހުން އިސްރާގެ ހިތަށް އަރާ ސުވާލެކެވެ. ނަމަވެސް އެއީ ޖަވާބު ނުލިބޭނެ ސުވާލެއް ކަން އިސްރާއަށް އެނގެއެވެ. އޭރު ޚަލަފް އެއީ އަފާފްގެ ފިރިމީހާއެވެ. މަންމައާ ބައްޕަގެ އާއިލީ އެކުވެރިއެއްގެ ޖަނާޒާގައި ބައިވެރިވާން އައެއް ކަމަކު އެ މީހުންގެ ދަރިންނާ ވާހަކަ ދެއްކުމަކީ މަޖުބޫރު ކަމެއް ނޫނެވެ. އިސްރާއަކީ ޚަލަފްއަށް ހިލޭ އަންހެނެކެވެ. ވީއިރު ޚަލަފް އައިސް އިސްރާއަށް ވަކިން ތަޢުޒިޔާ ކިޔަން ނުޖެހޭ ކަން އިސްރާއަށް އެނގެއެވެ.
ފަހެއް ޖެހި އިރަށް ޚަލަފް ކުދިން ބަލާ އައެވެ. އިސްރާއާ އެއްވެސް ވާހަކައެއް ނުދައްކާ ކުދިން ގޮވައިގެން ދިޔައީއެވެ. ޖެހިގެން އައި ދުވަހަކީ ސްކޫލްގެ ފުރަތަމަ ދުވަހެވެ. އެ ދުވަހު މެންދުރު އަލްޔާއާ އަޔާލް ސްކޫލަށް ގެންދަން ޚަލަފް އައެވެ. އައިނީ ދަނީ ގެއާ ވަރަށް ކައިރީގައި ހުންނަ ސްކޫލަކަށް ކަމުން، އައިނީ ގޮވައިގެން އިސްރާ ދަނީ ހިނގާފައެވެ.
އެ ގޮތުގައި އެ އަހަރުގެ ފުރަތަމަ ޓަރމް ނިމުނު އިރު އެ ދެމެދުގައި ދެކެވޭ ވާހަކަ ގިނަވި ނަމަވެސް ކުދިންގެ ވާހަކަ ނޫން ވާހަކައެއް އެކަކުވެސް ނުދައްކައެވެ. ބައެއް ފަހަރު އަލްޔާއާ އަޔާލް އާ ދަބަހެއް ގެންނަ އިރު ނުވަތަ އާ ހެދުމެއް ލައިގެން އަންނަ ދުވަހު، އަލްޔާ އަތަށް ދީފައި އައިނީއަށްވެސް އެފަދަ އެއްޗެއް ޚަލަފް ފޮނުވައެވެ. އެ އެއްޗެހީގައި ހިފަން ބޭނުން ނުވިޔަސް ދެކޮޅު ހަދާކަށްވެސް އިސްރާއަކަށް ނުކެރެއެވެ. ނަމަވެސް އައިނީގެ އުފަން ދުވަހު އަލްޔާ އަތަށް ދީފައި އައިނީއަށް ރަން ކެވެލިކޮޅެއް ފޮނުވި ދުވަހަކީ އިސްރާ ޚަލަފްއާ ކުދިންގެ ވާހަކަ ނޫން ވާހަކައެއް ދެއްކި ފުރަތަމަ ދުވަހެވެ.
ޚަލަފް ކުދިން ބަލާ އައުމުން ކެވެލިކޮޅު ލާފައި އޮތް ފޮށި ކޮތަޅާއެކު އިސްރާ ޚަލަފްއަށް ދިއްކޮށްލިއެވެ.
“ތީ އައިނީގެ އުފަން ދުވަސް ވީމަ އަލްޔާއާ އަޔާލްގެ ފަރާތުން ދިން ހަދިޔާއެއް” ޚަލަފް އޭގައި ނުހިފާ ހުރެ ބުންޏެވެ.
“މިހާ އަގުބޮޑު ހަދިޔާއެއްގަ ހިފާކަށް ނުކެރޭނެ. ކުރިން ގެނެސްދޭ އެއްޗެހި އަނބުރައެއް ނުދެމެއްނު؟” އިސްރާ އެދުނީ އެ އަނބުރާ ގެންދިޔުމަށެވެ.
“އިސްރާ، ތީ އަހަރެން އައިނީއަށް ދޭ ހިތުން ދިން އެއްޗެއް. އަލްޔާއާ އަޔާލް އައިނީގެ އުފަން ދުވަސް ވީމަ ހަދިޔާއެއް ދޭން ބޭނުން ވެގެން ބުނީމަ، އެ މީހުންގެ ފަރާތުން ދޭ އެއްޗެއް ކަމަށް ހީކޮށްފަ ވިޔަސް ހިފާބަލަ. ހަދިޔާއެއް ދިނީމަ ނުހިފާ އަނބުރާ ދޭކަށް ނުވާނެ” ޚަލަފް ދެންވެސް ކޮތަޅުގައި ނުހިފިއެވެ.
“ޕްލީޒް ޚަލަފް…” އިސްރާ އެހެން ބުނެފައި އަޔާލްގެ ދަބަހުގެ ޒިބް ކަހާލާފައި ކޮތަޅު އެ ދަބަސް ތެރެއަށް ލިއެވެ.
“އަހަރެން ނޫން އެހެން މީހަކު ދިން ނަމަވެސް ހަދާނީ ތިހެންތަ؟” ޚަލަފް އަހާލިއެވެ.
“ތީ އެހެން މީހެއް ނޫނެއްނު؟” އިސްރާ މަޑުމަޑުން ބުނެލިއެވެ. “އައިނީ ބަލާ ދާ ގަޑި ވަރަށް ކައިރި ވެއްޖެ، އަހަންނަށް ނިކުމެވޭނީ އަދި ތައްޔާރު ވެގެން…” ދޮރު ކައިރި ކޮށްލަމުން އިސްރާ ބުނީ އިތުރަށް އެއްޗެއް ބުނާނެ ފުރުސަތެއް ޚަލަފްއަށް ނުދޭން ވެގެންނެވެ.
އެރޭ އިސްރާއަށް ޚަލަފްގެ މެސެޖެއް ލިބުނެވެ. އިސްރާ މެސެޖް ހުޅުވާލީ ކުދިންގެ ކަމަކު ފޮނުވާފައި އޮތް މެސެޖެއް ކަމުގައި ހީކޮށެވެ. އޭގެ ކުރިންވެސް މުހިންމު ކަމެއް އޮންނަ ނަމަ ޚަލަފް އެހެން މެސެޖް ކުރާތީއެވެ.
“އަހަންނަކީ އިސްރާގެ ކުށްވެރިއެއް ކަން ގަބޫލު ކުރަން، އަހަންނަށް މާފު ކުރަން ފަސޭހައެއް ނުވާނެ ކަން އެނގޭ، އެހެން ވިޔަސް މާފަށް އެދެން ބޭނުން، އައި އެމް ސޮރީ!”
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.








ސަލާމް، ފަސްވަނަ ބައި ކިޔާލާ، ދެން އޮތް ބައި ބުރާސްފަތި ދުވަހު ގެނެސްދޭނަން.
Mi part vx v Reethi masha allah
Curiously waiting for next part
Keep it up
V interesting story eh
V kiyaala hithun kiyani
You’re my fav author
Mi part kiyaafa rovijje
Israa and khalafgulhuvachey
They both are made for each other
Haadha dhera gothekey evee khalaf and Israa ah
I appreciate your hard work
Abaduves support libeyne insha Allah
Love you 😍❤️
wow varah reethi. varah inthizaaru kuraanan next part ah
Masha Allah mi part ves V reeti