Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތާ ކުޅެލާފާ 6 (ފަހުބައި)

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
August 1, 2024 8 Mins Read
4 Comments

އެރޭ އިސްރާއަށް ޚަލަފްގެ މެސެޖެއް ލިބުނެވެ. އިސްރާ މެސެޖް ހުޅުވާލީ ކުދިންގެ ކަމަކު ފޮނުވާފައި އޮތް މެސެޖެއް ކަމުގައި ހީކޮށެވެ. އޭގެ ކުރިންވެސް މުހިންމު ކަމެއް އޮންނަ ނަމަ ޚަލަފް އެހެން މެސެޖް ކުރާތީއެވެ.

“އަހަންނަކީ އިސްރާގެ ކުށްވެރިއެއް ކަން ގަބޫލު ކުރަން، އަހަންނަށް މާފު ކުރަން ފަސޭހައެއް ނުވާނެ ކަން އެނގޭ، އެހެން ވިޔަސް މާފަށް އެދެން ބޭނުން، އައި އެމް ސޮރީ!”

އިސްރާ އެ މެސެޖަށް އެއްވެސް ޖަވާބެއް ނުދެއެވެ. ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ ޚަލަފް އިސްރާ ދޫކޮށްލި ގޮތުން އުފެދުނު ޝަކުވާ އަދިވެސް އެ ހިތުގައި ފުނިޖެހިފައި ވިޔަސް އެ ޝަކުވާ އަޑުއަހާނެ މީހަކު ނެތެވެ. ޚަލަފްއަށް އެ ޝަކުވާތައް އިއްވާކަށް އިސްރާ ބޭނުމެއްވެސް ނޫނެވެ. ބާރަ އަހަރު ފަހުން އެ ވާހަކަތައް ދެއްކުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ އިސްރާއަށް ހީކުރެވުނު ގޮތާ ޚިލާފަށް ޚަލަފް އިސްރާ ދެކެ ލޯތްބެއް ނުވެއެވެ. ލޯބި ވީ ހަމަ އެކަނި އިސްރާއެވެ. އެ ދުވަހާ ހަމައަށްވެސް އިސްރާއަށް ނުވިސްނުނީ، ލޯބި ވެޔޭ ބުނެ ޚަލަފް އިސްރާ ގާތު ދޮގުހަދާ އޮޅުވާލަންވީ ސަބަބެކެވެ. ޚަލަފް ދެކެ ލޯބި ވިޔަސް އިސްރާ އިސްވެ އެކަން ފާޅެއް ނުކުރެއެވެ. ޚަލަފް ސުވާލު ކުރުމުންވެސް އިސްރާ މަސައްކަތް ކުރީ ސިއްރު ކުރެވޭތޯއެވެ. އެކި ފަހަރު މަތިން ސުވާލު ކޮށްގެންނާ، އިސްރާއަށް އެހެން ގޮތްގޮތުން މަޖުބޫރު ކޮށްގެން އެ ސިއްރު އިސްރާގެ ދުލުން ގަދަކަމުން ބުނުވީ ޚަލަފް އަމިއްލައަށެވެ. ލޯބިވާ ކަމަށް ބުނެ، އެކި ވަޢުދު ވެފައި، އިސްރާގެ ހިތްހަލާކު ކޮށްލަމުން ވަކިވީވެސް ޚަލަފް އަމިއްލައަށެވެ.

އެކަމާ އިސްރާ ސުވާލެއްވެސް ނުކުރެއެވެ. ހިތަށް ލިބުނު އަނިޔާއިން އަރައިނުގަނެވިގެން އުޅެނިކޮށް އިސްރާއަށް ޖެހުނީ ކައިވެނި ކުރާށެވެ. ދިރިއުޅުމުގައި ދެން އޮތް ހަރުފަތަށް އަރަން ތައްޔާރު ނުވެ ހުއްޓާ ދަރިއަކު ލިބުމުން، އެހެން ހުރިހާ ކަމެއް ހަނދާން ނައްތާލާފައި އިސްރާ ދިރިހުރީ ދަރިފުޅަށް ޓަކައެވެ. ކުޑަވެސް ހިތްވަރަކަށް ތިބީ މަންމައާ ބައްޕައެވެ. ގިނަ ދުވަސްތަކެއް ނުވެ، ރައްކާތެރިކަން ދެމުން އައި އެ ހިޔާވެސް އިސްރާގެ ބޯމަތިން ގެއްލުނީއެވެ.

މިއަދު ދެން ޚަލަފް މާފަށް އެދިގެން ވާނީ ކޮން ކަމެއް ހެއްޔެވެ؟ އެ ހުރިހާ ހިތާމައާ ހިތްދަތިކަން އިސްރާއަށް ހަނދާން ނައްތާލެވޭނެ ހެއްޔެވެ؟ މާޒީގެ ތެރެއަށް ފީނައިގެން އިސްރާގެ ހިތަށް އިތުރަށް ތަދުވުން ނޫން ކަމެއް ނުވާނެއެވެ.

 

ދެ ދުވަސް ފަހުން، އާދީއްތަ ދުވަހު ކުދިން ގޮވައިގެން އައިސް، އިސްރާ ދޮރު ހުޅުވުމުން އިރުކޮޅަކު ދޮރުމަތީ ޚަލަފް މަޑުކޮށްލިއެވެ. ޚަލަފް އެއްޗެއް ބުނަން އުޅޭހެން ހީވެ އިސްރާ ޚަލަފްއަށް ބަލަން ހުރީ ކުދިންގެ ވާހަކަ ނޫން ވާހަކައެއް ޚަލަފް ފަށައިފި ނަމަ އަޑު ނާހާނަމޭ ހިތަށް އަރުވައިގެންނެވެ.

“އަޔާލް މިއަދު ސްކޫލަކަށް ނުދާނެ، ހެނދުނު ހޭލީއްސުރެ ނޭވާ ހިއްލާތީ އުޅެނީ، އިންހޭލަރ އޮންނާނެ ދަބަހުގަ” ޚަލަފް ބުންޏެވެ.

އިސްރާ ބޯ ޖަހާލާފައި ދޮރު ލައްޕާލަން އުޅުނެވެ. ނަމަވެސް ޚަލަފް ދޮރުގައި ހިފެހެއްޓިއެވެ.

“އިސްރާ…” ޚަލަފް އެހެން އެއްޗެއް ބުނަން އުޅުނެވެ.

“އަހަންނަށް މި ކުދިން ބެލޭނީ އަހަރުމެންގެ މެދުގަ ޕަރޒަނަލް އެއްވެސް ކަމެއް ނެތިއްޔާ” ބުނަން ބޭނުން ނުވިޔަސް އިސްރާ ބުނެލިއެވެ.

އިރުކޮޅަކު ބަލަން ހުރެފައި ޚަލަފް ބޯ ޖަހާލީ އިސްރާ އެ ބުނީ ކީކޭ ކަން އެނގޭތީއެވެ. ދޮރުން އަތް ނަގާ ޚަލަފް ފަހަތަށް ޖެހުނެވެ.

އިސްރާގެ އެދުމަށް ޚަލަފް އިޙްތިރާމް ކުރިއެވެ. ކުދިންގެ ވާހަކަ ނޫން ވާހަކައެއް ނުދައްކައެވެ. އެހެން ނަމަވެސް އެ ގޮތުގައި އެކަން ގިނަ ދުވަހަކު ނޯތެވެ.

އެ ދުވަހު ޚަލަފް ކުދިން ގެނައީ ވަރަށް ލަސް ވީ ފަހުންނެވެ. ކުދިން ނުގެންނަ ދުވަހެއް ނަމަ ޚަލަފް ކުރިން މެސެޖް ކޮށްފައި ބުނާނެއެވެ. އެ ދުވަހު ލަސް ވުމުން ސުވާލު އުފެދުނު ނަމަވެސް މެސެޖް ކުރަން ޚަލަފް ހަނދާން ނެތުނީ ކަމަށް ނިންމައިގެން އިސްރާ ހުއްޓާ ބެލް ޖަހާލީ ދިހައެއް ޖަހަން އުޅެނިކޮށެވެ. އިސްރާ ދޮރު ހުޅުވާލުމުން ދެ ކުދިން ވަންނަން ވީ އިރަށް އަވަސް ކޮށްލާފައި ޚަލަފް ދިޔައެވެ.

މެންދުރު އަލްޔާއާ އަޔާލް ސްކޫލަށް ގެންދަން ޚަލަފް އައެވެ. އައިނީ ސްކޫލަށް ލާފައި އިސްރާ އައިސް ގެއަށް ވަންތަނާ ޚަލަފް ގުޅިއެވެ. އަބަދުވެސް ޚަލަފް ބުނަން ބޭނުން އެއްޗެއް ބުނާނީ ވައިބަރ އިން މެސެޖް ކޮށްގެންނެވެ. ކުއްލިއަކަށް ކަމެއް ދިމާވެގެން ނުވަތަ ބޮޑު ކަމެއް ޖެހިގެން ނޫނީ ނުގުޅާނެއެވެ.

އެ ދުވަހު އިސްރާ ފޯން ނެގި އިރު ޚަލަފްގެ އަޑު ބަދަލުވެފައި ހުރި ކަން އިސްރާއަށް ވަގުތުން ފާހަގަ ކުރެވުނެވެ.

“އިސްރާ، އުނދަގޫ ވާނެތަ އަޔާލް ބަލާ ގޮސްދޭން؟” ޚަލަފް އަހާލިއެވެ.

“ނޫން، ދެވިދާނެ” ޚަލަފްއަށް ނުދެވޭ ސަބަބު އެހުމުގެ ބަދަލުގައި އަޔާލް ބަލާ ދާން އިސްރާ އެއްބަސްވީ އިތުރު ވާހަކަތަކެއް ނުދައްކަން ވެގެންނެވެ.

“އިސްރާ…” ޚަލަފް ލަސްލަހުން ގޮވާލިއެވެ.

“ކީކޭ؟” ޚަލަފް ބުނަން އުޅެނީ ކޮންމެވެސް މުހިންމު ވާހަކައެކޭ އިސްރާގެ ހިތް ބުންޏެވެ.

“އެ ކުދިން… އިސްރާ ކައިރީ އެ ކުދިން ބައިތިއްބާދެވިދާނެތަ؟ ދެތިން ދުވަސް ވަންދެން…؟” ފަސްޖެހިފައިވެސް ޚަލަފް އަހާލިއެވެ.

“ޚަލަފް، ބަލިވެތަ ތި އުޅެނީ؟” ނާހަން ހުރެފައިވެސް އިސްރާ އަހާލީ އެހެން ހީވާތީއެވެ.

“ކުޑަކޮށް ހުން އައިސް، ބޮލުގަ ރިއްސާތީ” ޚަލަފް ބުންޏެވެ.

“ޑޮކްޓަރަށް ދެއްކީތަ؟” އިސްރާގެ އަޑުގައި ކަންބޮޑުވުން އެކުލެވިގެން ދިޔަ ކަން ޚަލަފްއަށް ފޯނުގެ އަނެއް ކޮޅުންވެސް ފާހަގަ ކުރެވުނެވެ.

ޚަލަފް އެއްޗެއް ނުބުނެ އިރުކޮޅެއް ދިޔުމުން އިސްރާ ޚަލަފްގެ ނަމުން ގޮވާލިއެވެ.

“އަދި ނުދައްކަން، އެކަމަކު ބޭސް ކައިފިން” ޚަލަފް ޖަވާބު ދިނެވެ.

“އެ މީހުންގެ ބައެއް އެއްޗެހި ބޭނުން ވާނެ” އަލްޔާއާ އަޔާލްއަށް ބޭނުން ވާނެ އެއްޗެހި ހިފައިގެން އަންނަން ޚަލަފްއަށް އުނދަގޫ ވާނެ ކަން އެނގޭ އިރުވެސް އިސްރާ ބުންޏެވެ.

“އެބަ ބަލަން… މެސެޖް ކޮށްލާނަން…” ޚަލަފްގެ ޖަވާބު އައީ އިރުކޮޅެއް ފަހުންނެވެ.

“އަހަރެން ދާނަން އަލްޔާ ބަލާ، އަލްޔާއާ އައިނީ ގެއަށް ލާފަ އަހަރެން ގޮސްދާނަން… އޯކޭ ވާނެތަ؟” އިސްރާ އިސްވެ ބުންޏެވެ.

“އޯކޭ” ޚަލަފް ދެކޮޅެއް ނަހަދައެވެ.

 

މަޣްރިބް ނަމާދަށް ފަހު ކުދިންނަށް ޤުރުއާން ކިޔަވައިދޭ ޓިޗަރ މާއިދާ އައުމުން އެ ދުވަހު އައިނީއާ އެކު އަލްޔާއާ އަޔާލްވެސް ކިޔަވަން ބައިތިއްބާފައި އިސްރާ ނިކުތީ، އިސްރާގެ އެދުމަށް ކުދިން ގާތު މަޑުކޮށްލަދޭނެ ކަމުގައި މާއިދާ ބުނުމުންނެވެ. މާއިދާއަކީ އިސްރާ ކިޔަވައިދޭ ކުއްޖެއްގެ މަންމައެކެވެ. އޭގެ އިތުރުން އެއީ އިސްރާގެ ރަޙުމަތްތެރިއެއްވެސް މެއެވެ. އެ އިމާރާތުގެ އެހެން ފްލެޓެއްގައި ދިރިއުޅޭތީ ކިޔަވައިދޭން އައިސް އިންނަ ވަގުތުގެ އިތުރުން ފަނަރަ ވަރަކަށް މިނަޓް މަޑުކޮށްލަން މާއިދާއަށް އެހާ އުނދަގޫ ނުވާނެތީއެވެ.

ޚަލަފް އަދިވެސް ދިރިއުޅެނީ އެމީހުންގެ އަމިއްލަ ގޭގައެވެ. ނަމަވެސް ކުރިން އުޅުނު ބައިގައެއް ނޫނެވެ. އިސްރާ ގޮސް ބެލް ޖަހާލުމުން ޚަލަފް އައިސް ދޮރު ހުޅުވާލިއެވެ. ޚަލަފް ފެނުމުން އެ ހުރީ އާދައިގެ ހުމެއް އައިސްފައި ނޫން ކަން އިސްރާއަށް ވަގުތުން އެނގުނެވެ.

“އެއްޗެއް ކައިފިންތަ މިއަދު؟ ކޮން އިރަކު ބޭސް ކެއީ؟” އިސްރާއަށް އަހާލެވުނެވެ. އަދި އިޚްތިޔާރެއް ނެތި ކައިރި ވެލަމުން ޚަލަފްގެ ނިތްކުރީގައި އިސްރާ އިނގިލިތައް ޖައްސާލިއެވެ.

އިސްރާގެ އަޑުންނާ، އުޅުނު ގޮތުން ޚަލަފްއާ މެދު ކަންބޮޑުވެފައި ހުރި ކަން އެނގި ޚަލަފްއަށް އެއްޗެއް ނުބުނެވިފައި ހުރީއެވެ.

“ޚަލަފް، ކޮން އިރަކު އެންމެ ފަހުން ބޭސް ކެއީ؟ ހުމެއް މަޑެއް ނުވެއެއްނު؟” އިސްރާ އަނެއްކާވެސް އަހާލިއެވެ.

“އެ މީހުން ސްކޫލަށް ލާފަ އައިސް ބޭސް ކެއީ. އިސްރާއަށް ގުޅާފަ އޮށޯތް ތަނާ ނިދުނީ” ޚަލަފް ބުންޏެވެ.

“ކައިގެންތަ ތިހިރީ؟” ޚަލަފް ހުރީ ނުކައި ހެން އިސްރާއަށް ހީވިއެވެ.

ޚަލަފް ދެ ފަރާތަށް ބޯ ހަލުވާލިއެވެ.

“ދޭ އިށީންނަން” ޚަލަފްގެ ބުރަކަށީގައި އަތް ޖައްސާ ސޯފާއާ ދިމާއަށް މަޑުމަޑުން ކޮއްޕާލަމުން އިސްރާ ބުންޏެވެ. އަދި ޚަލަފްގެ ބަދިގޭއާ ދިމާއަށް ދިޔައެވެ.

އިސްރާ ކަބަޑުތަކާ އައިސް އަލަމާރީގެ ދޮރުފަތް ހުޅުވާ، ހުރި އެއްޗެހި ބަލާފައި އެއްޗެހި ނަގާ ކާ މޭޒުމަތީ ބެހެއްޓިއެވެ. ދެން ބޭނުން ވާނެ އެހެން އެއްޗެހި ނަގާ، ވިއްސަކަށް މިނަޓް ތެރޭ ސޫޕްއެއް ތައްޔާރު ކޮށްލިއެވެ.

“މި ބޯލައިގެން ބޭސް ކައިގެން ރެސްޓް ކޮށްލާ. ބާކީ މި ލަނީ ފްރިޖަށް، ޚަލަފް ބަނޑުހައި ވީމަ ހޫނު ކޮށްގެން ކައިގެން ހުންނާތި. ކަމެއް ބޭނުން ވަންޏާ އަހަންނަށް ގުޅާލާ. ކުދިންނާ މެދު ކަންބޮޑު ނުވޭ، ޚަލަފް ރަނގަޅު ވަންދެން އަހަރެން ކައިރީ އެ ކުދިން ތިބޭނީ” ސޯފާ ކުރިމަތީ ހުރި ބިއްލޫރި މޭޒުމަތީ ސޫޕްތައްޓާ ފެންތަށި ލައިގެން ގެނައި ތަބައް ބަހައްޓާފައި އިސްރާ ބުންޏެވެ.

ޚަލަފް ބޯ ޖަހާލިއެވެ. އިސްރާ ތެދުވެ ވައަތް ފަރާތުގައި ހުރި ދެ ދޮރާ ދިމާއަށް ބަލާލާފައި ކުދިންގެ ކޮޓަރިއަކީ ކޮބާތޯ އަހާލުމުން ޚަލަފް އަތުން ދައްކާލިއެވެ. ފަސް ވަރަކަށް މިނަޓް ފަހުން ދަބަހެއް ހިފައިގެން އިސްރާ ނިކުތް އިރު ޚަލަފް އިނީ ސޫޕްތަށި އަތަށް ލައިގެންނެވެ.

“ދަނީ” އިސްރާ ބުންޏެވެ. އެ ވަގުތު އިސްރާއަށް ގޮވާލާފައި ޚަލަފް ދިއްކޮށްލީ ކާޑެކެވެ.

“ކީކާޑް” ޚަލަފް ބުންޏެވެ. ފަސްޖެހިފައިވެސް އިސްރާ އެ ކާޑުގައި ހިފީ، ޚަލަފް ބަލިވެ އުޅޭތީއެވެ. ކަމެއް ދިމާވެގެން އަންނަން ޖެހުނަސް އެ ކާޑް އޮތިއްޔާ ފަސޭހަ ވާނެތީއެވެ.

ތިން ދުވަސް ވީ އިރު ޚަލަފްގެ ހުން މަޑުވެ މީހާ ހަމައަކަށް އެޅުނެވެ. އެ ތިން ދުވަހު، ކޮންމެ ރެއަކުވެސް މަޣްރިބް ނަމާދަށް ފަހު އިސްރާ ޚަލަފްމެން ގެއަށް ގޮސް ޚަލަފްއަށް ކާނެ އެއްޗެއް ތައްޔާރު ކޮށްދެއެވެ. ހުކުރު ދުވަހު މެންދުރު ނަމާދަށް ފަހު އިސްރާ ދިޔައީ ޚަލަފްއަށް މެސެޖް ކޮށްލާފައެވެ. އިސްރާ އަންނަން ދެން ގޭގައި މަޑުކޮށްދިނުމަށް އިސްރާ އެދުނީ އެންމެ ގާތް އެކުވެރިޔާ ރައުނާ ގާތުއެވެ. ރައުނާ ދަރިފުޅު ގޮވައިގެން އައުމުން އިސްރާ ނިކުތީ ގަޑިއެއްހާ އިރު ތެރޭ އަންނާނެ ކަމަށް ބުނެފައެވެ.

އިސްރާ ވަން އިރު ޚަލަފް ވީ ކޮޓަރީގައެވެ. ފުރަތަމަ އިސްރާ ވަނީ ބަދިގެއަށެވެ. ސިންކުގައި ޚަލަފް ސޫޕް ބޮއެފައި ހުރި ދެ ތައްޓާ، ކޮފީ ބޮއެފައި ހުރި މަގެއް އޮތުމުން އިސްރާ ފުރަތަމަ އެ ތަށިތައް ދޮވެލިއެވެ. ފްރިޖް ބަލާލި އިރު ސޫޕް އަޅާފައި ހުރި ތަށީގައި ބާކީ އަދި ސޫޕް ހުރުމުން އެ ތަށި ހުސްކޮށްފައި ދޮވެލިއެވެ. ދެން އެ ދުވަހު ގޭގައި ކައްކައިގެން ގެނައި ފްރައިޑް ރައިސްއާ ޗިލީ ޗިކަން އަދި ކަސްޓަޑްއާ އޮރެންޖް ޖޫސް މޭޒުމައްޗަށް ނަގާ ކާން ތައްޔާރު ކޮށްލިއެވެ.

ޚަލަފް ކޮޓަރިން ނިކުތީ އިސްރާ މޭޒު ކައިރީ ޚަލަފް ނިކުންނަން ދެން މަޑުކޮށްލައިގެން އިންދައެވެ. ފެން ވަރައިގެން ނިކުތް ގޮތަށް ހަމަ އެކަނި އުނަގަނޑުގައި އޮޅާލާފައި އޮތް ތުވާލީގައި ހުރި ޚަލަފް ފެނުމާ އެކު އިސްރާއަށް ފުންމައިގެން ތެދުވެވުނެވެ. އިސްރާ ތެދުވިލެއް ބާރު ކަމުން އިށީނދެގެން އިން ގޮނޑި ފަހަތަށް ގޮސް ކަބަޑުގައި ޖެހުނު އަޑަށް، ފޯނަށް ބަލަން ހުރެ ބަދިގެއާ ދިމާއަށް އައި ޚަލަފް ސިހިފައި ބަލާލިއެވެ.

“އިސްރާ!” ޚަލަފްއަށް ބުނެވުނެވެ.

“ކާ އެއްޗެހި ހިފައިގެން އައީ… ސޮރީ ކުރިން ނުގުޅާ އާދެވުނީމަ…” ބޮޑުބައި ހާމައަށް ހުރި ޚަލަފްގެ ހަށިގަނޑުން ނަޒަރު ވަކިކޮށްލާ ދުރު ބަލާލަމުން އިސްރާ ބުންޏެވެ.

“އިޓްސް އޯކޭ… މި އަންނަނީ…” އިސްރާއަށް ވީ ގޮތުން ޚަލަފްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.

ބޯ ޖަހާލަމުން އިސްރާ އެނބުރި ލޯ މަރާލާފައި އެއް އަތުން ކަބަޑުގައި ހިފަހައްޓާލާފައި ބާރުބާރަށް ތެޅެމުން ދިޔަ ހިތާ ދިމާލުން މޭގައި އަނެއް އަތް ޖައްސާލިއެވެ. އަވަސް ކޮށްގެން ގެއަށް ދާންވީ އޭ ހިތަށް އަރާ އިސްރާ އެނބުރުނީ އަލްޔާއާ އަޔާލްއަށް ބޭނުން ވާ ބައެއް އެއްޗެހި ނަގަން އެ ކޮޓަރިއަށް ދާށެވެ. ނަމަވެސް ސިހިފައި އަނގައިން މަޑު ހަޅޭކެއްގެ އަޑު ބޭރުވީ އަޅާލި ފުރަތަމަ ފިޔަވަޅާ އެކު ޚަލަފްގެ މޭގައި މޫނު ޖެހުމުންނެވެ. އެއާއެކު ދުރަށް ޖެހިލުމަށް އިސްރާ ފަހަތަށް ފިޔަވަޅެއް އަޅާލި ނަމަވެސް ޚަލަފް ދެ އަތުން، އިސްރާގެ ކޮނޑަށް ވުރެ ތިރިން ދެ އަތުގައި ހިފެހެއްޓިއެވެ.

“ޚަލަފް!” އިސްރާއަށް ގޮވާލެވުނެވެ.

“ކީއްވެ އެ ދުވަހު އަހަންނާ ސުވާލު ނުކުރީ؟ އިސްރާއާ ނީނދެވޭނޭ ބުނީމަ ކީއްވެ ވީ ގޮތެއް ނޭހީ؟ ކީއްވެ އަހަރެން ދެކެ ރުޅި އައިސް ހަޅޭނުލެވީ؟ ކީއްވެ އެއްވެސް ސުވާލެއް ނުކޮށް އެހެން މީހަކާ އިނީ؟” ޚަލަފް އަހާލީ އިސްރާއާ ކުރަން ބޭނުންވެފައި ހުރި ސުވާލުތަކެވެ.

“ނީނދެވޭނެޔޭ ބުނީމަ ދެން ކޮން ސުވާލެއް އިތުރަށް ކުރާނީ؟ ދެ މަސް ފަހުން އެހެން މީހަކާ އިންނަ ވާހަކަ ޚަލަފް ބުނީމަ އަހަރެން ދެކެ ލޯބި ނުވާކަން ޔަގީންވި. ދެން އަހަރެން ކުރާނެ ސުވާލެއް އޮންނާނެތަ؟ ޚަލަފް އެހެން ކައިވެންޏެއް ކުރާ އިރު މަންމަމެން ބުނި މީހަކާ އަހަރެން ކައިވެނި ނުކުރަންވީ ސަބަބެއް އޮތްތަ؟” ބާރަ އަހަރު ވަންދެން ހިތުގައި އޮތް ޝަކުވާ ދުލާ ހަމައަށް ގެންނަން އިސްރާއަށް އުނދަގޫވިއެވެ. ޚަލަފްއާ ވަކިވި ފަހުން މިއަދާ ހަމައަށް އިސްރާ ކުރިމަތިލަމުން އައި ހިތްދަތިކަމަށް ކެތް ނުކުރެވިގެން އެ ވަގުތު އިސްރާއަށް ރޮވުނެވެ. ޚަލަފްގެ މޭގައި އަތް އަޅާ ކޮއްޕާލަމުން އިސްރާ އެ އަތުތެރެއިން ނިކުމެ ޚަލަފްއާ ދުރަށް ދިޔައެވެ.

“އިސްރާ ދެކެ ލޯބި ނުވާތީއެއް ނޫން އަހަރެން އަފާފްއާ އިނީ. އޭރުވެސް، މިހާރުވެސް އަހަރެން ލޯބި ވަނީ އިސްރާ ދެކެ” ޚަލަފްގެ ބަސްތަކާ އެކު އިސްރާގެ ފިޔަވަޅު ހުއްޓުނެވެ. ލަސްލަހުން އެނބުރި ބަލާލީ ޚަލަފް ދެއްކި ވާހަކަ ގަބޫލު ނުކުރެވިފައި ހުރެއެވެ.

“ދެން ކީއްވެ ކައިވެނީގެ ވާހަކަ އަހަންނާ ދައްކާފަ އެހެން މީހަކާ އިނީ؟ ކީއްވެ އެ ގޮތަށް އަހަރެން ދޫކޮށްލީ؟” އިސްރާ އަހާލިއެވެ.

ޚަލަފް އައިސް އިސްރާގެ ދެ އަތްތިލައިގައި ހިފާލިއެވެ.

“ބައްޕަ ހަމަ ކުއްލިއަކަށް ހުރެފަ ބުނީ އަފާފްގެ ކާފައާ އަހަރެންގެ ކާފަގެ މެދުގަ ވެފަ އޮތް ވަޢުދެކޭ އަހަންނާ އަފާފްގެ ކައިވެންޏަކީ، ކާފަގެ ވަޞިއްޔަތެކޭ އެއީ. އިސްރާ ކައިރީ އެ ވާހަކަތައް ކިޔާނުދިނަސް އަހަރެން ބައްޕަ ކައިރީ ބުނިން އެ ކައިވެނި ހުއްޓުވާދޭށޭ. އެކަމަކު ބައްޕަ ގަބޫލެއް ނުވި. އެހެންވެ އަހަރެން އިސްރާގެ ވާހަކަ ބުނީ. އަހަރެން ލޯބި ވަނީ އިސްރާ ދެކެ ކަމާ، ކައިވެނި ކުރާނީ އިސްރާއާ ކަން މަންމައާ ބައްޕަ ކައިރީ ބުނިން. ބައްޕަމެން ބޭނުން ވިޔަސް އަހަރެން އަފާފްއަކާ ނީންނާނަމޭވެސް ބުނިން. ބައްޕައަށް ހާޓްއެޓޭކް ޖެހުނީ އެހެންވެ، އަހަރެންގެ ސަބަބުން. އަހަންނަށް އިތުރު ގޮތެއް ނެތީމަ އެ ކައިވެނި ކުރަން ޖެހުނީ. އިސްރާގެ ކައިވެންޏަކީވެސް ބައްޕަ ހަމަޖެއްސި ކަމެއް. ރަނގަޅު އާއިލާއެއްގެ ތެރެއަށް އިސްރާގެ ކައިވެނި ކުރެވެން މަންމަ އެދުނު ވަރުން ބައްޕަ އެހެން ހެދީ. އެކަމަކު ބައްޕަގެ ފްރެންޑްގެ ދަރިފުޅު ވީ ބައްޕަ ހީކުރި ކަހަލަ މީހަކަށް ނޫން… އަހަންނާ ހެދި މިއަދު އިސްރާއަށްވެސް ތި ދިރިއުޅުން އުޅެން ޖެހުނީ…

އައިމް ސޮރީ އިސްރާ… އަހަންނަށް އަހަރެންގެ ބައްޕަގެ ފުރާނައަށް ވުރެ އިސްރާގެ ލޯބި ކުރިއަށް ނުނެރެވުނީ… އަހަރެންގެ ލޯތްބަށް ވުރެ އިސް ކުރެވުނީ މަންމައާ ބައްޕަ. އެ މީހުން ދޫކޮށްލާފަ އިސްރާ ކައިރިއަށް ދާނެހާ ގޯސް ދަރިއެއް ނޫން އަހަންނަކީ، އެކަމަކު އެއީ އިސްރާ ދެކެ ލޯބި ނުވާތީއެއް ނޫން… އެއްވެސް ސުވާލެއް ނުކޮށް އިސްރާ އަހަންނާ ދުރުވާނެ ގޮތަކަށް އޭރު ވިސްނުނީ އެ ގޮތަށް ވީމަ އެ ދުވަހު އެހެން ބުނީ… އެވަރުގެ ދެރައެއް އަހަރެންގެ ފަރާތުން އިސްރާއަށް ލިބުމަށް ފަހު އަހަރެން ދެކެ އިސްރާ ނަފްރަތު ކުރާނެ ކަން އެނގޭތީ އެވަރުގެ އެއްޗެއް ބުނަން ޖެހުނީ.

އަދިވެސް އަހަރެން ލޯބި ވަނީ އިސްރާ ދެކެ. އަފާފްއާ އިނދެގެން އަށް އަހަރު ވީ އިރުވެސް، އޭނަ އަހަރެން ދެކެ ލޯބި ވީ އިރުވެސް އަހަރެން ލޯބި ވަނީ އިސްރާ ދެކެ. އަފާފް އަހަންނަށް ވަރަށް ރަނގަޅު، އަހަރެން ދެކެ ވަރަށް ލޯބިވި. އޭނަ އެއްޗެއް ނުބުންޏަސް، ޝަކުވާއެއް ނުކުރިޔަސް އަފާފްއަށް އެނގޭ އަހަރެން އޭނަ ދެކެ ލޯބި ނުވާކަން… އަހަންނަށް އަފާފްއާ އެކީ އުޅެވުނީ އޭނަގެ ރަނގަޅު ކަމާ ކެތްތެރިކަމުން… އަފާފް ދެކެ ލޯބިވާން އަހަރެން މަސައްކަތް ކުރިން، އެކަމަކު ނުވެވުނު…

އަޔާލް ވިހެއުމުގެ ތެރޭގަ ލޭ މަނާ ނުވެގެން އަފާފް ނިޔާވީ. އަފާފްއާ މެދު ޝަކުވާ ކުރާނެ އެއްވެސް ކަމެއް އެ ހުރިހާ ދުވަހު އަހަންނަކަށް ނުފެނޭ، އެއީ ވަރަށް ރަނގަޅު އަނތްބެއް، އަދި އެހާ ރަނގަޅު މަންމައެއް. އައި ފެލްޓް ސޯ ގިލްޓީ އިސްރާ… ހިތް އެދެމުން ދިޔަ އިރުވެސް އެހެންވެ މި ހުރިހާ ދުވަހު އިސްރާ ހޯދަން ނޫޅެވުނީ، އިސްރާ ދެކެ ކިތަންމެ ލޯބި ވިޔަސް އަފާފް ވީ ލޯބީގެ މަތިން ހަނދާންވެ ގިލްޓީ ވީ ވަރުން ދުރުގަ ހުރީ.

އެކަމަކު އަހަންނާ އިސްރާ އަލުން ދިމާވުން މީ އަހަރުމެން ދެ މީހުންނަށް ލިބުނު އިތުރު ފުރުސަތެއް. ޕްލީޒް އިސްރާ… އަހަރެންގެ ވާހަކަ ގަބޫލު ކުރޭ… އަހަރެން ވަރަށް ލޯބިވޭ އިސްރާ ދެކެ…” ޚަލަފް ހުރިހާ ވާހަކައެއް ސާފުކޮށް އިސްރާއަށް ކިޔާދިނެވެ.

“އަހަރެން ހީކުރީ ޚަލަފް ލޯބި ނުވާ ކަމަށް… އެ ދުވަހުވެސް އައިސް އަހަންނާ އިންނަން ބޭނުން ވެގެން އެހެން ވާހަކަ ދައްކާފަ ދެން ދިމާވި ދުވަހު ބުނީ އަހަންނާ ކައިވެނި ކުރާކަށް ބޭނުމެއް ނޫނޭ… އަހަރެން ހީކުރީ ޚަލަފް އަހަރެން ދެކެ ލޯބި ނުވާ ކަމަށް” ރޮވިފައި ހުރެ އިސްރާ ޚަލަފްގެ މޭގައި ބޯ ޖައްސާލިއެވެ.

“އަހަރެން ނުބުނަން އިސްރާއާ ކައިވެނި ކުރަން ބޭނުން ނޫނެކޭ… އެއް ފަހަރުވެސް އަހަރެން ނުބުނަން އިސްރާ ދެކެ ލޯބި ނުވެއެކޭ… އަހަރެން ބުނީ އަހަންނަށް އިސްރާއާ ކައިވެނި ކުރެވޭކަށް ނެތޭ… އައި ސެޑް ދެޓް އައި ކާންޓް މެރީ ޔޫ، އެހެން އަހަރެން ބުނީ… އަހަރެން ދޮގެއް ނުހަދަން… އަހަރެން އިސްރާ ކައިރީ އެއްވެސް ދޮގެއް ނުހަދަން…” ޚަލަފް ބުންޏެވެ.

އިސްރާ ހަނދާން ކުރިއެވެ. ޚަލަފް އެބުނީ ތެދެކެވެ. އެ ދުވަހު ޚަލަފް ބުނީ އިސްރާއާ ކައިވެނި ކުރެވެން ނެތް ވާހަކައެވެ. ކައިވެނި ކުރަން ބޭނުން ނޫނެކޭ ޚަލަފް ނުބުނެއެވެ.

“އައިމް ސޮރީ… ފޮގިވް މީ އިސްރާ… އަހަރެން މިއަދުވެސް އިސްރާ ބޭނުން، ވަރަށް ލޯބިވޭ އިސްރާ ދެކެ… އަހަރެންގެ ދިރިއުޅުމަށް އައިސްދީ އިސްރާ… އަހަރެންގެ ކުދިންގެ މަންމައަކަށް ވެދީ… އަދި އިސްރާގެ ދަރިފުޅަށް ބައްޕައެއްގެ ލޯބި ދޭނެ ފުރުސަތު އަހަންނަށް ދީ…” އިސްރާގެ ދެ އަތްތިލައިގައި ހިފާ މޭގައި ޖައްސާލައިގެން ހުރެ ޚަލަފް އެދުނެވެ.

ރުއިމުގެ ތެރެއިން އިސްރާ އިސް އިފުލާ ޚަލަފްގެ މޫނަށް ބަލާލަމުން ބޯ ޖަހާލިއެވެ.

އެއާއެކު ޚަލަފް އިސްރާ ގެނެސް މޭގައި ޖައްސާލަމުން ބައްދާލާ އިސްރާގެ ބޮލުގައި ބޮސްދިނެވެ. އޭރު ދެ މީހުންގެ ލޮލުންވެސް ކަރުނަ އާދެއެވެ.

“އައި ލަވް ޔޫ!” ޚަލަފްއާ ދުރަށް ޖެހިލަމުން ލޯ ފޮހެލާ ހަމަ ޖެހިލާފައި އިސްރާ ބުނެލިއެވެ.

ދެ އަތުން އިސްރާގެ މޫނުގައި ހިފާލަމުން ޚަލަފް ކެތްތެރިކަން ކޮޅުންލާފައިވާ މީހެއް ފަދައިން އިސްރާގެ ތުންފަތުގައި ބޮސްދިނެވެ.

“އާދީއްތަ ދުވަހު ފޯމް ލާން ބޭނުން” ޚަލަފް ބުންޏެވެ.

“ޚަލަފްގެ މަންމައާ ބައްޕަ…؟” އިސްރާ އަހާލިއެވެ.

“ކާފައާ ބައްޕަ ވީ ވަޢުދު އަހަރެން ފުއްދައިދިނިން. މިހާރު އަހަރެން ބަނދެވިފަ މިހުރީ އިސްރާއަށް ވީ ވަޢުދުގެ މަތީގަ، އެ ކަން ކުރަން ބޭނުން އަހަރެން މަރުވުމުގެ ކުރިން. ބައްޕަ ގަބޫލު ނުވާންވީ އެއްވެސް ސަބަބެއް މިހާރު ނެތް” އިސްރާ ގައިގައި ބައްދާލަމުން ޚަލަފް ބުންޏެވެ.

 

ތިން ހަފްތާ ފަހުން ޚަލަފްއާ އިސްރާގެ ކައިވެނި ކުރެވުނެވެ. އެ ކައިވެނީގައި އާފާގުއާ ފަރުހާނާ ބައިވެރިވީ ހިތުން ރުހުމުންނެވެ. އިޒްވާގެ އާއިލާއާ އިޔާންވެސް އިސްރާގެ ކައިވެންޏަށް މާލެއަށް އައެވެ. އިސްރާއާ ޚަލަފްގެ ގުޅުމުގެ ވާހަކަ އެނގުމުން އިޒްވާއާ އިޔާން ހައިރާންވިއެވެ. އެ މީހުންނަށް އެކަން އެނގިފައި ނެތުމުންނެވެ.

މަންމަ ނިޔާވެފައި ތިބި އަލްޔާއާ އަޔާލްއަށް، އައިނީ އެކޭ އެއްގޮތަށް އިސްރާގެ ފަރާތުން މަންމައެއްގެ ލޯބި އެންމެ ފުރިހަމައަށް ލިބުނެވެ. ބައްޕަ ދުނިޔޭގައި ހުރެމެ ބައްޕަގެ ލޯބިން މަޙްރޫމްވެފައި ހުރި އައިނީއަށް، އަމިއްލަ ދެ ދަރިންނާ އެއްވަރަށް ޚަލަފް ލޯބި ދިނެވެ.

ބާރަ އަހަރަށް ފަހު އިސްރާއާ ޚަލަފްގެ ލޯބި އެހެން ހުރިހާ ކަމެއްގެ މައްޗަށް ކުރި ހޯދިއެވެ. ހުރިހާ ޝަކުވާއެއް ހިތުން ފިލާ، އެ ދެމެދުގައި ވި ލޯބި އުމުރަށް ދެމެހެއްޓެވުން އެދެމުން، އެންމެ މާތް ގުޅުމުން ދެ ހިތް ގުޅުވާލެވުނީ އެ ގުޅުމަށް ކައިވެނީގެ ނަން ދެމުންނެވެ.

ނިމުނީ

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ޝަލީން 1

Next

ނުލިބޭނެހޭ އަލުން އެހީ 4

Next
August 2, 2024

ނުލިބޭނެހޭ އަލުން އެހީ 4

Previews
July 31, 2024

ޝަލީން 1

4 Comments!

  1. Mar Sha Mar Sha says:
    August 1, 2024 at 9:08 am

    ސަލާމް، މީ މި ވާހަކައިގެ ފަހުބައި. މި ވާހަކަ ކިޔުންތެރިންނަށް ކަމުދިޔަ ކަމަށް މާޝާ ހީކުރަން.

  2. Cutie girl says:
    August 1, 2024 at 11:39 am

    Mi part vx v Reethi masha allah
    Curiously waiting for next story
    Keep it up
    Israa and khalaf love story v Reethi
    Finally Israa khalaf aa gulhunee
    You’re my fav author
    I appreciate your hard work
    V interesting story eh
    V kiyaala hithun kiyani
    Marsha ge hurihaa stories eh ves v Reethi masha allah
    Love you ❤️😍

  3. Aisha says:
    August 1, 2024 at 12:21 pm

    Mi vaahaka vrh reethi… marsha ge aa vaahaka eii nufennaane thr dhn ?

  4. Anonymous says:
    August 1, 2024 at 12:27 pm

    wow.. i am still crying.. vaahaka varah reethi ingey kurinves mar sha ge vaahaka eh veema reethi vaanekan ehen ve varah kiyaahithun kiyaalin. aa vaahakayakah varah inthizaaru kuraanan

Comments are closed.



All Right Reserved!