ރިހާނާ ކުރަމުން ދާ ސުވާލުތައް ވެސް ހައިޒަލްއަށް ރަނގަޅަށް އަޑުވެސް ނީވޭ ކަހަލައެވެ. އަދި އަވަސް ވެފައިވާ ހިތަކާ އެކީ ދޮރު ހުޅުވާލިއެވެ. “ނެއިންންންންންން” ބިންމަތީ ހަރަކާތެއް ނެތިފައި އޮތް ނައިނާ ފެނި ހައިޒަލް މޮޔަވި ކަހަލައެވެ. ދުވެފައި ގޮސް ނައިނާ އަތް ދަނޑި މައްޗަށް އުފުލާލިއެވެ. އަދި ރިހާނާ ކައިރި އެންބިއުލެންސަށް ގުޅަން ބުންޔެވެ.
އެންބިއުލެންސް އަށް ނައިނާ އެރުވުމާއެކު ބާރު ދުވެލީގައި ހޮސްޕިޓަލަށް މިސްރާބު ޖެހިއެވެ. އެއިރުވެސް ހައިޒަލްގެ އަތް ނައިނާގެ އަތުން ދޫ ނުވެއެވެ. އިރުއިރު ކޮޅާ ނައިނާގެ މޫނަށް ބަލާލައެވެ. މި ހުރިހާ މަންޒަރެއް ބަލަން އިން ރިހާނާ އިނީ ހިނިތުން ވެލައިންނެވެ. ނަމަވެސް ހައިރާން ވެފައެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ ސްކޫލު ދައުރު ނިމުނު އިރުވެސް އަންހެން ކުއްޖަކާ ގައިގޯޅި ވާން ފަކުރު ގަންނަ ހައިޒަލް އެއިނީ އަންހެން ކުއްޖެއްގެ އަތުގައި ހިފައިގެންނެވެ. ނަމަވެސް ހައިޒަލް، ނައިނާއާ އެކީ އުޅޭތަން ފެނެއެވެ. އެއިރުއްސުރެ ހައިޒަލް، ނައިނާއާ މެދު ދެކޭ ގޮތް ތަފާތުކަން ރިހާނާއަށް ފާހަގަވެފައި ވެއެވެ.
ނައިނާ ހޮސްޕިޓަލަށް ވެއްދުމާއެކު އަވަސް ފަރުވާދޭ ބަޔަށް ވެއްދުނެވެ. އަވަސް ފަރުވާދޭ ބައިގެ ދޮރުމަތީގައި ދެކޮޅަށް ހިނގަހިނގާ ހުރި ހައިޒަލްއަށް ރިހާނާ ގޮވާލިއެވެ. އަދި އިށީންނުމަށް ބުނެލިއެވެ. ނަމަވެސް ހައިޒަލް ބޯ ހަލުވާލީއެވެ. “ދަރިފުޅާ…. ތި މިތާ އިށީންްދެބަލަ…. މީހުން ވަރަށް ބަލާ އެބަ…..” ރިހާނާ ހޮސްޕިޓަލުގެ ތެރެއަށް ނަޒަރު ހިނގާލަމުން ބުނެލިއެވެ. އެއާއެކު ހައިޒަލްވެސް ހޮސްޕިޓަލުގެ ތެރެއަށް ބަލާލިއެވެ. ތެދެކެވެ! ހެނދުނުގެ ވަގުތު ކަމުން ހޮސްޕިޓަލު ތެރޭގައި ކުރިއަށް ވުރެ މީީހުން ގިނައެވެ.
އަވަސް ފަރުވާދޭ ބައިގެ ދޮރު ހުޅުވާލު އަޑަށް ހައިޒަލްއަށް ޚިޔާލުތަކުން ބޭރު ވެވުނެވެ. “ނައިނާގެ އެހީތެރިޔާއާ ވަކިން ވާހަކަ ދައްކާލަން ބޭނުން…. ވަގުތު ކޮޅެއް ލިބިދާނެތޯ؟..” ޑޮކްޓަރ ތާރާ ބުނެލިއެވެ. ހައިޒަލް ލަހެއްފަހެއް ނުވެ ބޯ ޖަހާލިއެވެ. ޑޮކްޓަރާ އެކީ ހައިޒަލް ހިނގައިގަތުމުން ރިހާނާ ވަނީ ނައިނާ ކައިރިއަށެވެ. ނައިނާ ކައިރި ދެތިން ނަރުހުން ހަރަކާތްތެރި ވާތަން ފެނި، ރިހާނާ މަޑުކޮށްލިއެވެ.
“ހައިޒަލްދޯ…؟” ޑޮކްޓަރ ތާރާ ޔަގީން ކޮށްލިއެވެ. ހައިޒަލް ޖަވާބުގެ ގޮތުން ބޯ ޖަހާލީއެވެ. “ފުރަތަމަ ކަމަކަށް ހައިޒަލްތީ ނައިނާގެ ކާކު ތޯ ބުނެދީ…. އަދި ނައިނާގެ އާއިލާ ކޮބާ…” ތާރާ ސުވާލު ކުރިއެވެ. “ނައިނާގެ މައިންބަފައިންނެއް ނެތް…. އަޅުގަނޑު މީ ނައިނާގެ ބެސްޓް ފްރެންޑް…. ނައިނާ މިހާރު އުޅެނީ އަޅުގަނޑު މެން ގޭގަ…” ހައިޒަލް ފައްޗަކަށް އަމުނާލިއެވެ. “ވެލްލް…. ނައިނާއަށް އެއްވެސް ގޮތަކުން ޖިންސީ އަނިޔާ ލިބިފައި ވޭތޯ؟… އައި ނޯ ޝީ އިޒްންޓް މެރިޑް…” ތާރާގެ މި ސުވާލާއެކީ ހައިޒަލްއަށް ސިހުމެއް ލިބުނުކަން ތާރާވެސް ދެނެގަތެވެ. ހައިޒަލް އިސްޖަހާލަމުން ތާރާއަށް ނައިނާގެ ހަޔާތުގެ ވާހަކަ ކިޔައިދޭން ފެށިއެވެ. “ތިކަން ސިއްރު ކުރުމުގެ ނަތީޖާ އިނގޭތަ؟….” ތާރާ މަޑުމައިތިރި ކަމާއެކު ސުވާލު ކުރިއެވެ. ހައިޒަލް ދެންވެސް ބޯ ހަލުވައިލީއެވެ. “ޝީ އިޒް ޕްރެގް… 1 މަންތް…” ހައިޒަލްގެ މޫނުމަތީ މީހަކު އަޅުވާލި ފަދައެވެ. “ނުވާނެ ތިހެނެއް…. ތީ ދޮގެއް ދޯ…” ހައިޒަލް ގަބޫލު ކުރަން ބޭނުން ނުވާކަހަލައެވެ. ނަމަވެސް ތާރާ ދިއްކޮށްލި ގަނޑާއެކު ހައިޒަލްއަށް މަޖުބޫރުވީ ނައިނާ ބަނޑުބޮޑު ކަމަށް ގަބޫލު ކުރާށެވެ. “ދެން އެންމެ ރަނގަޅު ދިޔަޔަސް..” ހައިޒަލް ބަހެއް ނުބުނެ އިންނަން ފެށުމުން ތާރާ ބުނެލިއެވެ.
ނައިނާ ބާއްވާފައި އޮތް ކޮޓަރިއަށް ވައިން ހައިޒަލްއަށް ފެނުނީ ރިހާނާ ކައިރި ޝަކުވާ ކުރަމުން ދިޔަ ނައިނާއެވެ. ނައިނާ ބޮޑާ ހާކަމުން ދިޔައީ އޭނާ ހޮސްޕިޓަލަށް ގެނައިތީއެވެ. “ދަރިފުޅާ… މަންމައެއް ނޫނޭ ދަރިފުޅު ގެނައީ…. ހައިޒަލްއޭ….” ރިހާނާ ނައިނާގެ ބޮލުގައި ފިރުމާލިއެވެ. ރިހާނާއަށް ޖަވާބު ދޭން އަނގަ ހުޅުވާލި ވަގުތު ދޮރު ކައިރި ހުރި ހައިޒަލް ފެނި ނައިނާއަށް ހިނިތުން ވެވުނެވެ. ނައިނާގެ ހިއްގައިމު ހިނިތުންވުން ފެނި ހައިޒަލްގެ ހިތައް އެރިއެވެ. އެ ވާހަކަ އިނގުނީމަވެސް ހަމަ ތިގޮތައް ހިނިތުން ވެލައިން އޮންނާނެން ހެއްޔެވެ؟
“ނެއިން…..” ހައިޒަލްގެ އަޑު އައި ގޮތުންވެސް ކަމެއް ވެއްޖެކަން އިނގުނެވެ. “ނެއިން… ދުނިޔެއަކީ އިމްތިހާނެއް…. އެކި ކަންކަމާ ދިމާވާނެ….. އައި ނޯ ނެއިންއަކީ ހިއްވަރު ގަދަ ކުއްޖެއް….ނެއިން މިފަހަރުވެސް ކެތް….” ހައިޒަލް ދައްކަމުން ދިޔަ ވާހަކަ މެދުކަނޑާލީ ނައިނާ އެވެ. “ޒެލް…. ތި ވެގެން އުޅޭގޮތް ރަނގަޅަށް ކިޔައިދީބަލަ… ބިރު ގަނޭ އެބަ…” ނައިނާ ހާސްވެފައި ބުނެލިއެވެ. “ނައިނާ… ނައިނާ ބަނޑުބޮޑު….” ހައިޒަލްގެ ވާހަކައިން ތަނުގައި ބޮމެއް ގޮވި ފަދައެވެ. “ނޫން…. އެހެނެއް ނުވާނެ…. އަހަރެން މި ދަރިފުޅު ބަލަނީ ކިހިނެއް…. ޔާﷲ މިއަޅާއަށް ކޮންފަދަ މުސީބާތެއް ތި ޖެއްސެވީ….” ނައިނާ ރޮމުން ކިޔެވެ. “ނެއިން… ހިއްވަރު ކުރޭ…. އެ އަނިޔާވެރިޔާއަށް ހަމަ ޖެހިގެންނެއް މި ދުނިޔެއަކު ނޫޅެވޭނެ…. އިންޝާﷲ ނެއިންއަށް އިންސާފު ހޯދާދޭނަން….” ހައިޒަލް ބުނެލިއެވެ.
“ހައި… ހައިޒަލް…” އަޅައަޅައި ގަންނަމުން ރިހާނާ ގޮވާލިއެވެ. އަދި މިވާގޮތް ކިޔައިދޭށޭ ބުނާފަދައިން ހައިޒަލްއަށް އިޝާރާތް ކޮށްލިއެވެ. “މަންމާ… މި ވާހަކައަކީ އަޅުގަނޑަށް ކިޔައިދެވޭނެ ވާހަކައެއް ނޫން…. މީ ނައިނާގެ ހަޔާތުގެ ވާހަކަ….. ނައިނާ ބޭނުން ނަމަ އަހަރެންގެ މަންމައަށް ކިޔައިދީ….” ހައިޒަލް ލަސްލަހުން ބުނެލިއެވެ. އަދި އެނބުރި އެ ކޮޓަރިން ނުކުތެވެ. “މަންމާ….” ނައިނާ، ރިހާނާއަށް ގޮވައިލިއެވެ. “ދަރިފުޅާ…. މި މަންމައަށް ކިޔައިދީބަލަ…. މަންމަ އަޑު އަހާނެމޭ…” ރިހާނާ ބުނެލިއެވެ. އެ އަޑުވަނީ މައިވަންތަ ކަމުގެ ކުލުނުން ފުރިފައެވެ. ރިހާނާ ބުނެލިގޮތް އިވިފައި ނައިނާއަށް ރޯން ފެށުނީއެވެ. ނައިނާ ރޯން ފެށުމުން ރިހާނާ ނައިނާގެ ގައިގާ ބައްދައިގަތެވެ.
ރޮމުން ގިސްލަމުން ނައިނާ، ރިހާނާއަށް ހަގީގަތް ކިޔައިދިނެވެ. އެއިރު ނައިނާއަށް ގިސްލެވެއެވެ. “ދަރިފުޅާ…. ދެން ހުއްޓާލާ…. މަންމައާ ހައިޒަލް އަަބަދުވެސް ދަރިފުޅާއެކު ވާނެން….” ރިހާނާ ބުނެލިއެވެ. އެވަގުތު އެ ކޮޓަރީ ދޮރުގައި މީހަކު ޓަކިޖަހާލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.



Mi part vx vrh reethi Masha Allah
thankxxx seykube??
Kon irakun tha next part kiyaalan libeynee??
IA vrh avahah kiyaalan libeyne….??