ޤުރުބާން ވުމީ މިހިތުގެ އުފާ 40 ވަނަ ބައި
ފެންކަޅިވެފައި އެމަންޒަރު ބަލަން ޖަންނަތުއަށް ހުރެވުނީއެވެ. ބުނާނެ އެއްޗެއްވެސް ޖަންނަތުގެ ދުލަކަށް ނައެވެ.
އެވަގުތު ތުއްތު ތުއްތު ޔާނާ އުރާލައިގެން އާޔަތު ނުކުތެވެ. އެންމެން އެދިމާއަށް ބަލައިލިއެވެ. އާޔަތު އަތުގައި އިން ފުށްގަނޑެއް ކަހަލަ ދިހަ މަހުގެ ޔާނާ ފެނިފައި ހިދާޔާއަށް މަޑަކުން ނީނދެވުނެވެ. ތެދުވެގެން ގޮސް ޔާނާ އުރާލިއެވެ. އަދި ނިކަން ލޯބިން ކޮލަށް ބޮސް ދިނެވެ. އަދި ބައްދާލި ގޮތުން ހީވަނީ އަމިއްލަ ދަރިއަކު ނުފެނި ދުވަސްތަކެއް ކޮށްފައި ލިބުމުން ބައްދާލި ހެނެވެ. ހިދާޔާ އުޅުން ގޮތުން އާޔަތު ހައިރާން ވެގެން ޖަންނަތުއަށް ބަލައިލިއެވެ. އޭރު ޖަންނަތުގެ ލޮލުން ނިރާލި ކަރުނަތައް ފެނި އާޔަތުއަށް ބުނާނެ އެއްޗެއް ނޭގުނެވެ.
ޖަންނަތުގެ ހިތުގައި ފޮރުވާފައިވާ ލޯބީގައި މީހަކު ކޮށްޓާހެން ހީވިއެވެ. ނަމަވެސް ޖަންނަތު ހިތްވަރު ކުރިއެވެ. މި ހުރިހާ ދުވަހު ފޮރުވާ ރައްކާ ކޮށްފައިވާ ޖަޒބާތުތައް ބޭރުވިޔަ ނުދީ ހިފެއްޓިއެވެ. މޫނުމައްޗަށް އެއްވެސް އަސަރެއް އަޔަނުދީ ހިތުގައިވައި ހުރިހާ ކަމެއް ފަރުދާކުރެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އާޔަތު އެހުރިހާ ކަމެއް ދެނެގަތެވެ. އަދިވެސް އަބީބެ ދެކެ ތުއްތަ ލޯބިވާކަން އާޔަތުއަށް ފަހުމް ވިޔެވެ.
“ޖަންނާ… އެކޮއެ.” ހިދާޔާ، ޔާނާ އުރައިގެން އައިސް ޖަންނަތު ކައިރިއަށް ހުއްޓެމުން ވާހަކަ ދައްކަން ފެށިއެވެ. އެވަގުތު ޔާނާ ޖަންނަތު އާއި ދިމާއަށް ވެއްޓިގަތެވެ. ދުރުގައި ހުރި އާޔަތު އައިސް ޔާނާ އުރާލައިގެން ދިޔައެވެ. ހިދާޔާ ޖަންނަތުއަށް ބަލައިލިއެވެ. އަދި ގަދަކަމުން ހިނިތުންވާން މަސައްކަތް ކުރިއެވެ. ޖަންނަތު ހުރީ ވަރަށް ހިތްވަރު ކޮށްގެނެވެ. ހިދާޔާއަށް ހުރީ ވަރަށް އަސަރުކޮށްފައިކަން މޫނުމަތިން އެނގެއެވެ. ހިދާޔާގެ ލޮލުން ކަރުނަ ފޭދިފައިވާތަން ޖަންނަތުއަށް ފެނުނެވެ.
“ދައްތައަށް މާފުކުރޭ ޖަންނާ،” ހިދާޔާ ނޭފަތް ދަމާލިއެވެ. “ދައްތައަށް އެނގޭ ދެން ކުރެވޭނެ ކަމެއް ނެތްކަން… އެކަމަކު ވެސް ދައްތައަށް މާފުކޮށްދީ… އެދުވަހު ދައްތަ އެހެން ކަންތައް ނުކުރިނަމަ މިއަދު މިކުދިން…” ހިދާޔާ އެޖުމުލަ ފުރިހަމައެއް ނުކުރިއެވެ. ދެން އެވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެވެ. ކުރެވޭނެ ކަމެއްވެސް ނެތެވެ. ވަގުތު ފާއިތުވީއެވެ. ދެން އެދުވަހެއް ނުވެސް އަންނާނެއެވެ. އަނެއްކާ ހިތް އެދޭގޮތަށް ދެނެއް ކަންތަކެއް ނުވެސް ވާނެއެވެ.
“ޖަންނާ، ދައްތައަށް މާފުކޮށްދީ، މިދައްތަގެ ހިތަށް ފިނިކަން ލިބޭނެ،” ހިދާޔާ ޖަންނަތުގެ އަތުގައި ހިފަހައްޓާލަމުން ބުންޏެވެ. “ހެޔޮނުވާނެ.” ހިދާޔާ އާދޭސް ކުރިއެވެ.
“ހިދާޔާއްތާ،” ޖަންނަތުއަށް ނުހުރެވުނެވެ. ޖަންނަތު ހިފަހައްޓައިގެން ހުރި ކަރުތައް ލޮލަށް ގިނަވެ ކޯތާފަތަށް ފޭބިއެވެ. “ހިދާޔާއްތަ ތި ދައްކަނީ ކޮންކަހަލަ ވާހަކައެއް؟” ޖަންނަތު ހިދާޔާގެ އަތުގައި ހިފަހައްޓާލިއެވެ. ހިތުގެ ފުންމިނަށް އަސަރު ކުރިޔަސް ޖަންނަތު ބެލީ ހިތްވަރު ކުރެވޭތޯއެވެ. “އަހަރެން އަބަދުވެސް ހިދާޔާއްތައަށް މާފުކުރަން… އަހަރެންގެ ހިތް އެއްވެސް އިރަކު ހިދާޔާއްތައަށް ބުރައެއްނޫން،” ޖަންނަތު މޫނު ފޮހެލިއެވެ. އަދި ހިނިތުންވެލިއެވެ. “އަހަންނަށް އެނގޭ އެދުވަހު ހިދާއްޔައްތަ ކަންތައްކުރީ ހިދާޔައްތައަށް ފެނުން އެންމެ ރަގަޅު ގޮތަށްކަން… ކޮންމެ އިންސާނަކަށް ވެސް ރަގަޅު ނޫން ނިންމުން ތަކެއް ނިންމި ދާނެ… އަދި އެނިންމުމުން ނަތީޖާ ނުކުންނާނެ ގޮތެއް އެކަކަށްވެސް ނޭނގޭނެ. ގޯސްވެސް ވޭ ނަމަވެސް ބައެއް ފަހަރު ނަތީޖާ ރަގަޅުވާ ގޮތްވެސް ވޭ. ބުނޭނު ކޮންމެ ކަމެއްވެސް ވާނީ ރަގަޅަށޭ،” ޖަންނަތު ހިދާޔާގެ އަތުގައި ފިރުމާލިއެވެ. އަދި ހިނިތުން ވެލިއެވެ. “ދެކިބަލަ، އަހަރެންް މިއަދު މިހިރީ ވަރަށްް އުފަލުގަ.”
“ޖަންނާ،” ހިދާޔާ ވެސް ގަދަކަމުން ހީލަން މަސައްކަތް ކުރިއެވެ. “އަހަރެން ކުރި ކަމެއް ކުރީ އަހަންނަށް ނުވިސްނޭތީ. ޖަންނަ އަކީ ރަގަޅު ކުއްޖެއްކަން އަބަދުވެސް އަހަރެން ހިތުން ގަބޫލު ކުރަން. އެކަމަކުވެސް އެދުވަހު އަހަރެން ހުރީ ޔަތީމު ކުއްޖަކާ އަހަރެންގެ ދަރިން ނުދެވާން ނިންމައިގެން. އަހަރެންގެ ބޮޑާކަންމަތީ ގޮތްދޫނުކުރާން އަހަރެން ހުރީ. އެކަމަކު ހުރިހާ ދެރައެއް ލިބުނީ އަހަންނަށް، އަހަރެންގެ ދަރިފުޅަށް. … ނިކަން ދެކިބަލަ ޖަންނައަށް ލިބުނީ ދެދުނިޔޭންވެސް ޖަންނަދެކެ ލޯބިވާނެ އަދި ޖަންނައަށް އިހުތިރާމް ކުރާ އޯގާތެރި ފިރިއެއް، ނުވިތާކަށް ލޯބިލޯބި ދެކުދިންލިބި ކުޑަ އާއިލާއެއް ތި ބިނާކުރީ. ޖަންނައަށް ލިބުނު އުފަލާއި ހިތްހަމަ ޖެހުން… ނިކަން ދެކިބަލަ މާތްﷲގެ ކުޅަދުންވަންތަކަން… ޝައިތާނާގެ ވަސްވާސްތަކަށް ހެއްލި އަހަރެން ކުރި ކަންތަކުގެ ސަޒާ އަހަންނަށް މިއަދު މި ފެންނަނީ…” ހިދާޔާ ޖަންނަތުއާއި އިތުރަށް ކައިރި ވެލި އެވެ. އަދި ޖަންނަތު އަތުގައި ހިފާލި އެވެ.
“އަހަރެންގެ ހިތަށް ކެތެއް ނުވޭ އަބީއާ ފޯނުން ވާހަކަ ދައްކާއިރު، އެފަކީރުގެ އަޑުން އެނގޭ ދެރަވެފަ ހުންނަވަރު، އަހަންނާ ހެދި އެކުއްޖާ މުޅި ދިރިއުޅުން އެ ހަލާކުކޮށްލަނީ. އަދިވެސް ޖަންނަ ދެކެ އޭނަ ލޯބިވޭ… މީހަކާ ނީނދެ މުޅި ހަޔާތް ވޭތިކޮށްލަން ހިތުލައިގެން ހުރި މީހެއްހެން ހީވަނީ… ޖަންނާ… ” ހިދާޔާ ދައްކަން ފެށި ވާހަކަތަކުން ޖަންނަގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. ހޯސްލާފައި އޭނާގެ ލޮލުން ކަރުނަ ފައިބަން ފެށިއެވެ.
ހިދާޔާ ވާހަކަ ނުނިމެނީސް ނަސީރު ތެދުވެ ހިދާޔާގެ ވާހަކަ ހުއްޓުވިއެވެ. ޖަންނަތުގެ ލޮލުން އައި ކަރުނަ އޭނާ އަމިއްލަ އަތުން ފޮހެލިއެވެ. އޭނަގެ ހިތަށް ވެރިވަމުން ދިޔަ އަސަރުތައް ބޭރަށް ފާޅުވިޔަކަ ނުދޭން މަސައްކަތް ކުރިއެވެ. އޭނާ އަބްޔާން ދެކެ ވީލޯބި އަދިވެސް ހަމަ އެހާވަރަށް ވެޔެވެ. މީހަކަށް ނޭނގުނަސް އެއީ ހަގީގަތެވެ. އެލޯބި ހިތުގެ އެންމެ އަޑީގައި ވަންހަނާކޮށް ފޮރުވާފައި ވަނީ މީހަކަށް އޭގެ އަސަރުވެސް ނުވާނެގޮތަށެވެ. އޭނާގެ ހިތަށް ކިތަންމެ އެއްޗެއް އަރާ ފައިބަމުން ދިޔަސް އެއްވެސް އަސަރެއް މޫނުމައްޗަށް ވެރިވިޔަ ނުދީ ހުރެވޭތޯ ކުރަމުންް ދާމަސައްކަތް ބޭކާރު ވަނީއެވެ.
“ހިދާ… ތިކަމުގަ މިހާރު އެކަކަށް ވެސް ކުރެވޭނެ ކަމެއް ނޯންނާނެ… ތިވާހަކަ ނުދައްކަ ތިބުން ބުއްދިވެރީ…” ނަސީރު އައިސް އެމީހުން ކައިރިއަށް ހުއްޓުނެވެ. އެތާ ތަންކޮޅެއް ދުރުގައި ޔާނާ އުރައިގެން ހުރި އާޔަތުގެ ހިތަށް ވެސް އެތަކެއް ޖަޒުބާތުތަށް އަރާ ފައިބަމުން ދިޔަ އެވެ.
“ތީ ތެދެއް ނަސީރު…،” ހިދާޔާ ލޯ ފޮހެލަމުން ބުނެލި އެވެ. “ޖަންނާ… މިކުދިން ދައްތަ މެންގެއަށް ފޮނުވައްޗޭ… އެއްޗެއް ހިތުގަ ނުބާއްވަ ދައްތަގެ އުފަލަށް މިކުދިން ފޮނުވައްޗޭ.” ހިދާޔާ ޖަންނަތުގެ އަތުގައި ހިފަހައްޓާލަމުން ބުންޏެވެ. ޖަންނަތު ހިނިތުން ވެލަމުން ބޯ ޖަހާލި އެވެ. ހިދާޔާ ޖަންނަތުގެ މޫނުގައި ފިރުމާލި އެވެ. ހަގީގަތުގައި ވެސް ހިދާޔާ އެހުރީ ދެރަވެފަ އެވެ. އޭނައަށް ކުރެވުން ކަންތަކާއި މެދު އިންތިހާއަށް ހިތާމަ ކުރެ އެވެ. އެދުވަސް މިއަދު އަންނާނެނަމަ ހުދު އޭނަގެ އެދުމުގެ މަތިން އަބިޔާނާއި ޖަންނަތު ދެވާނެ އެވެ.
ނަސީރުއާއި ހިދާޔާ އެގެއިން ނުކުންނަށް ހިގައި ގަތެވެ.
ދުވަހަކަށް ފަހު ދުވަހެއް ނިމެމުން އާދުވަހަކަށް އިރުއަރަމުން ދާން ފެށި އެވެ. އާޔަތު ފެކްޓްރީއަށްދާން ގަސްތު ކުރިއެވެ. އާޔަތު ވަޒީފާއަށް ދިއުމުން ޖަންނަތުއަށް ވަރަށް ދަތިވާނެކަން އެނގޭތީ ޒައިދާން ގޭގައި ގެންގުޅެން މީހަކު ގެނަ އެވެ. ވިދޫޝިކާ ކިޔާ ލަންކާ އަންހެނެކެވެ. މަސައްކަތަށް ހީވާގި ތާހިރު އަންހެނެކެވެ. ވިދޫޝިކާ އައުމުން ޖަންނަތުއަށް ވަރަށް ލުއިވެގެން ދިޔައެވެ. ކުޑަ ދެކުދިން ގޮވައިގެން އުޅެން ޖެހުމުން ވިދޫޝިކާ ކައްކާ ކަންތައް ކޮށްދޭތީ ވަރަށް ފަސޭހަވިއެވެ.
އާޒަތު ވެސް ދުވަސްކޮޅަކު ރަށުގެ ސިއްޙީ މަރުކަޒުގައި ޑޮކްޓަރަކަށް އުޅެފައި ފުރައިގެން ދިޔައީ އިތުރަށް ކިޔަވާށެވެ. ކަރުންމަތީގެ ޙާއްސަ ޑޮކްޓަރަކަށް ވުމަށެވެ. އަނެއްކޮޅުން ޒައިދާންގެ ވިޔަފާރި ފުޅާކޮށް ރަށުގައި ވަނީ އިތުރަށް އެހެން ގެސްޓް ހައުސްއެއް ހަދާފަ އެވެ. އެހެން ކަމުން ޒައިދާން އުޅެން ޖެހެނީ ވަރަށް އަވަދި ނެތި އެވެ. ގިނައިން ގެއިން ބޭރުގައި ޒައިދާންއަށް އުޅެން ޖެހެ އެވެ. އެހާ އަވަދި ނެތި އުޅެމުން ވެސް ގޭގައި ހުރީ ވިއްޔާ ކުދިންނާއި ޖަންނަތު އުޅޭ ނޫޅޭގޮތް ބަލާ އެހީވެ އުޅެ އެވެ. ޒައީމާއަށް ވެސް ޖަންނަތުއަށް އެހީވާން ނާދެވެނީ ސާރާގެ ދެކުދިން ބަލަން ޖެހޭތީ އެވެ. ސާރާ އޮފީހަށް ދިއުމުން އެކުދިން ބަލާނެ މީހެއް ގޭގައި ނުހުރެ އެވެ. ޒިޔާދާ ނޫރުއާއި އިނދެގެން ދިރިއުޅެނީ އެގޭގަ އެވެ. ޒީނަތުވެސް މާލެ ބަދަލުވީ މޫސަ މަންމަ ބަލިކަމުން އަބަދު ޑޮކްޓަރަށް ދައްކަން ޖެހޭތީ އެވެ. އާލިޔާ ސެލޫން ހުޅުވައިގެން މާބޮޑު ތަރުހީބެއް ރަށަކުން ނުލިބެއެވެ. އެހެން ކަމުން ސެލޫން ބަންދުކުރީއެވެ.
ހިދާޔާގެ ހިތުގައި ޖަންނަތުގެ ކުދިންނަށް ޓަކައި އުފެދުނު ލޯބީގެ ސަބަބުން ގިނަ ގިނައިން ހިދާޔާ ޖަންނަތުއަށް އެހީވާން އަންނަން ފެށި އެވެ. ކުޑަކުޑަ ޔާނާ އާއި ޔަޒީދު ވެސް ގިނައިން ހިދާޔާ ކައިރީ ގެންގުޅެން ފެށި އެވެ. އެކުދިންނާ އެއްކޮން ޔަޒަންވެސް ހިދާޔާ މެންގޭގައި އުޅެ އެވެ. ހިދާޔާ އެކުދިންނަށް ކުޅޭ އެއްޗިހި ގަނެދީފައި އެގޭގައި ކުޅެން ބައިތިއްބަ އެވެ. ގޯތިތެރޭގައި އުނދޯއްޔަކާއި ސީސޯއެއް ބެހެއްޓީވެސް އެކުދިން ގިނައިން އެގެއަށް ގެނައުމަށެވެ. އެކުދިންނަށް މީރުހާ އެއްޗެއް ކައްކާފައި ހިދާޔާގެ އަތުން އެކުދިންނަށް ކާން ދެއެވެ.
އަހަރެއް ފާއިތުވެގެން ދިޔައީއެވެ. ހިދާޔާ މެންގެ ހީވަނީ ބަހާރު މޫސުމް އައިސްފައި ވާހެނެވެ. ފަޅުވެފައިވާ އެގެއަށް އުޖާލާކަން ގެނުވާފައިވަނީ ކުދިންގެ ސަކަރާތުންނެވެ. އަދި ހިދާޔާގެ ހިތަށް އުފާވެރިކަން ގެނުވަނީ އަބަދު ގޭތެރެއިން މާމާ ކިޔާފަ ގޮވާއަޑު އިވޭތީ އެވެ. ހިދާޔާއަށް ލިބެމުން ދިޔައީ ބުނަން ނޭނގޭހާ އުފާވެރި ކަމެވެ.
ހިދާޔާ ޖަންނަތުއާއި ދޭތެރޭވެސް ކަންތައް ކޮށްދެނީ މަންމައަކު ދަރިއަކަށް ކަންތައް ކުރާ ގޮތަށެވެ. ހިތްހެޔޮ ވެފައި އަޅާލައެވެ. ހިދާޔާއަށް ކުރެވުނު ކަންތަކާއި މެދު ހިތުގައި ޖެހި އަދިވެސް އެކަނި ހުންނައިރު ރޮވެއެވެ. ކުރިން އެހެން ނުހެދުން ނަމަހީ މިއަދު ޖަންނަތު ހުންނާނީ ހިދާޔާ ގާތުގަ އެވެ. ހިދާޔާ އަބަދުވެސް ހިތަށް އަރަ އެވެ. އޭނަގެ އަބްޔާން ހުންނާނީ އުފަލުގަ އެވެ. އޭނަ ގާތުގަ އެވެ.
އާޔަތު ފެކްޓްރީގައި މަސައްކަތް ކުރަން ފެށުމުން މިމްރާޙްއާއި އާޔަތުގެ އެކުވެރިކަން އެތައް ގުނައެއް ބަދަހިވެފައި ވެއެވެ. މިހާރު ދެމީހުނަށް އެއްކޮން ނޫނީ އެއްކަމެއް ވެސް ކުރެވޭ ކަމަކަށް ނުވެއެވެ. ކާގަޑި ތަކުގައި އެކަކަށް އަނެކަކު އިންތިޒާރު ކުރެއެވެ. ނިދުމުގެ ކުރިން ބައްދަލު ނުކޮށް ނުނިދެއެވެ. އެއީ ހަމަ އެކުވެރި ކަންބާއޭ ބައެއް ފަހަރު އާޔަތު ހިތަށް އަރައެވެ.
އެއީ ހަނދުވަރުދޭ ރެޔެކެވެ. އާޔަތުއާއި މިމްރާޙް ތިބީ އަތިރިމަތީ ޖަހާފައި ހުރި ހުދު ގޮނޑިތަކުގައި އިށީނދެގެނެވެ. އެވަގުތު މަޑު ވައިރޯޅިއެއް ޖެހިލަ ޖެހިލާ އޮތެވެ. މޫދަށް އެޅިފައިވާ ހަނދުވަރުގެ ރިހި އަލިން މުޅި މާހައުލަށް ފަނޑު އަލިކަމެއް ވެރިވެފައި އޮތެވެ.
“އާޔާ،” މިމްރާޙްގެ ފިރިހެން ވަންތަ އަޑުން މާހައުލުގެ ހަމަ ހިމޭންކަން ފޫ ދުއްވާލިއެވެ. އާޔަތު އިންގޮތަށް ގޮނޑީގައި އިނީ މޫދާ ދިމާލަށް ބަލާށެވެ. އެހެން އިނދެފައި ހޫން އަޅުވާލިއެވެ. “އާޔާ ދުވަހަކުވެސް ކުއްޖެކާ ރައްޓެހި ނުވަމޭ ބުނީމެއްނު… ކުއްޖެއް ދެކެ ލޯތްބެއްވެސް ނުވޭތަ؟” މިމްރާޙް އެކުރި ސުވާލުން އާޔަތު ކުޑަކޮން ތެދުވެލާ ގޮނޑީގައި ހަމަ ޖެހިލި އެވެ. އަދި މިމްރާޙްއަށް ބަލައިލިއެވެ.
“އަނެއްހެން ލޯތްބެއް ނުވަން އެކަމަކު އެއް އިރެއްގަ ކްރަޝްއެއް ހުރި.” އާޔަތު މިމްރާޙް ކައިރީ ބުންޏެވެ. މިވީހާ ތަނަށް އެއްވެސް ވާހަކައެއް މިމްރާޙަށް އާޔަތު ސިއްރުކޮށްފައެއް ނުވެއެވެ. އެހެން ކަމުން ކަމެއް ސިއްރު ކުރާކަށް އާޔަތު ބޭނުމެއް ވެސް ނޫނެވެ.
“ކާކު އެއީ؟” މިމްރާޙް އަހާލި އެވެ.
“މިއްމި ހޭނެ…” އާޔަތު ރަކިވެފައި ހިނިތުން ވެލަމުން ބުންޏެވެ.
“ނުހޭނަން… ހަމަ ތެދެއް މިބުނީ… މިއްމި ވެސް ކުއްޖަކާ ރައްޓެހިވީމޭ… ލޯބިވެސް ވީން… އެކަމަކު އެއީ މާ ގިނަދުވަހު ދެމި ދިޔަ ކަމެއްނޫން.” މިމްރާޙް ބުންޏެވެ.
“މިއްމިގެ ތިވާހަކަ އެންމެ ކުރިން ކިޔައިދީ އޭރުން އާޔާ ވެސް ކިޔައި ދޭނަން.” އާޔަތު ބުންޏެވެ.
“އެއީ މާޒީ… މާޒީގެ ވާހަކަ ދައްކާނެ ކަމެއް ނެތެއްނު.” މިމްރާޙް ބުނެލި އެވެ.
“ތިހެން ވިއްޔާ އާޔާވެސް ދެން ނުދައްކާނަން އެވާހަކައެއް.” އާޔަތުވެސް ބުންޏެވެ. މިމްރާޙް ބޯ ޖަހާލިއެވެ.
“ދެން ނުވެސް އަހާނަން،” މިމްރާޙް ހިނިތުން ވެލި އެވެ. “ބަޓް އައި ވޯންޓު އާސްކް ސަމްތިންގ،” މިމްރާޙް އިނދެފައި ބުނެލިއެވެ. އާޔަތު މިމްރާޙްއާއި ދިމާއަށް އެނބުރިލިއެވެ. މިމްރާޙް އާޔަތުއާއި ދިމާއަށް އޭނާގެ މުއްކަވާލެވިފައިވާ އަތް ދިއްކޮށްލި އެވެ. އަދި މަޑުމަޑުން އެ މުށުތެރެ ހުޅުވާލިއެވެ. އެ މުށޫތެރޭ އޮތީ ރިހި ކުލައިގެ އެސް ޖަހާފައިވާ އަނގޮއްޓި އެވެ.
“އާޔާ… ވިލް ޔޫ މެރީ މީ؟” މިމްރާޙް އާޔަތުއަށް ބަލަހައްޓައިގެން އިނދެ އެހި އެވެ. އާޔަތުގެ ތުންފަތަށް ވެރިވެގެން ދިޔަ ހިނިތުން ވުމުން ވެސް މިމްރާޙްއަށް ޖަވާބު ލިބިގެން ދިޔަ އެވެ.
ހިނުތުން ވުމާއި އެކު އާޔަތުގެ އަތް މިމްރާޙާއި ދިމާއަށް ދިއްކޮށްލިއެވެ. މިމްރާޙް ހިނިތުން ވެލަމުން އާޔަތުގެ އިނގިލީގައި އަނގޮއްޓީ އަޅުވާލަ ދިނެވެ. އަދި ހިނިތުން ވެފައި ހުރެ އާޔަތު އަތުގައި ހިފައި ކޮޅަށް ނެގި އެވެ.
“އައި ލަވް ޔޫ އާޔާ.” މިމްރާޙް ބުންޏެވެ. އާޔަތު ޖަވާބުދޭން ތުންފަތް ހަރަކާތް ކޮށްލި ވަގުތު މިމްރާޙްގެ އަތުގެ ޝަހާދަތް އިނގިލި އާޔަތުގެ ތުންފަތުގައި ޖައްސާލިއެވެ. އަދި ހިނިތުން ވެލިއެވެ. އާޔަތު މިމްރާޙްގެ މޫނަށް ބަލަން ހުރެފައި ކުއްލިއަކަށް މިމްރާޙްގެ ކޮލަށް ބޮސްދިނެވެ.
“އައި ލަވް ޔޫ މިއްމީ،” ހީލަމުން އާޔަތު ބުންޏެވެ. އަދި ދުއްވައި ގަތެވެ. މިމްރާޙު ހިނިއައިސްފައި އާޔަތު ދުވަމުން ދިޔަ ދިމާލަށް ބަލަން ހުއްޓެވެ.
އެ ހަފްތާގައި އާޔަތު ރަށަށް އައެވެ. އާޔަތު ބޭނުންވީ ޖަންނަތު ގާތު މިމްރާޙްއާއި އާޔަތުގެ ގުޅުމުގެ ވާހަކަ ދައްކާށެވެ. ޖަންނަތުއަށް ހުރިހާ ކަމެއް އެނގެން އާޔަތު ބޭނުން ވިއެވެ.
ޖަންނަތު އިނީ ކޮޓަރި އެނދުމަތީ ކުދިންގެ ދޮވެފައި ހުރި އެއްޗިހި ފަތްޖަހާށެވެ. އޭރު ހިދާޔާ ޖަންނަތު ކޮޓަރި އެނދުގެ އެއްކައިރީ އިނީ ޔާނާ އުނގަށްލައިގެން ނިންދަވާށެވެ. ހިދާޔާ ޖަންނަތު ކޮޓަރިން ދާނެ އިރެއްގެ އިންތިޒާރުގައި އާޔަތު ހުއްޓެވެ. ހިދާޔާ އެކޮޓަރިން ދާކަށް ހިޔާލެއް ނުކުރި އެވެ. ޔާނާ ނިދުމުން ވެސް ހިދާޔާ ޔާނާއާއި ދިމާއަށް ބަލަން އިނީ އަމިއްލަ ދަރިއަކާއި ދިމާއަށް މަޔަކު ބަލަން އިންނަ ފަދައަކުން ނެވެ. ތުންފަތަށް ވެރިވެފައި އިން ހިނިތުން ވުމުން ވެސް ހިދާޔާގެ ހިތުގައި ވާ ލޯތްބާއި ކުލުނު ފާޅުވެއެވެ.
ހިދާޔާ އެތަނުން ނުދާނެކަން ޔަގީން ވުމުން އާޔަތު ގަސްތުކުރީ ހިދާޔާ އިންދާ އެވާހަކަ ޖަންނަތު ގާތު ދެއްކުމަށެވެ.
“ތުއްތާ، ކޮބާ ޔަޒަން އާ ޔަޒީއާ؟” އެއްވެސް ކުއްޖެއް ފެންނަން ނެތުމުން އެންމެ ކުރިން އާޔަތު އަހާލި އެވެ.
“ޒައީމާއްތަ އައިސް ދިޔައިރު ކުދިން ގޮވައިގެން ދިޔައީ… މިރޭ ކާންދީފަ ފޮނުވާނަމޭ ބުނީ.” ޖަންނަތު ބުނެލި އެވެ.
“އެހެންތަ..” އާޔަތު ޖެހިލުންވެ ހުރެ ޖަންނަތު ކައިރީ އިށީނެވެ. އަދި ޖަންނަތުއާއި ކައިރިއަށް ޖެހިލާފައި ބުނެލި އެވެ. “އަސްލު މިއުޅެނީ ވާހަކައެއް ބުނަން.. ވެގެން…”
“ބުނެބަލަ،” ޖަންނަތު އާޔަތުއަށް ބަލައިލި އެވެ.
“އަހަރެންގާތު މީހަކު އިންނަން އަހައިފި.” އާޔަތު ނިކަން އަވަހަށް ޖުމްލަ ނިންމާލި އެވެ. ޖަންނަތު ކުރަން އިން މަސައްކަތް ހުއްޓުމަކަށް ގެންނަމުން އާޔަތުއަށް ބަލައިލި އެވެ. ހިދާޔާ ވެސް ކުއްލިއަކަށް އާޔަތުއަށް ބަލައިލި އެވެ.
“ކާކު؟” ޖަންނަތު އަހާލި އެވެ. “ޖަވާބު ދީފަ ދޯ ތިއައީ؟” އާޔަތުގެ މޫނުމަތިން އަރާ ކުލަވަރުން ޖަންނަތުއަށް ހުރިހާ ކަމެއް އެނގުނު ކަހަލައެވެ.
“އާން، ބުނެވިއްޖެ އާނއެކޭ.” އާޔަތު އެހެން ބުނެ ފުން ނޭވާއެއް ލިޔެވެ.
“ދެން ތިހެން ވިއްޔާ ތުއްތަ ބުނާނީ ކީކޭ… އެކަމަކު ކާކުތަ އެއީ؟”
“އެއީ ފެކްޓްރީގެ ސުޕަރވައިޒަރ… ނަމަކީ މިމްރާޙް… ނަސީރުބެއަށް ވެސް އެނގޭނެ. ވަރަށް ހީވާގި ރަގަޅު ހަރުދަނާ މީހެއް. މަށަށް ޔަގީން ތުއްތައާ ދިމާވެއްޖެއްޔާ އަހަރެންގެ ޗޮއިސް ރަގަޅޭ ބުނާނެކަން.” އާޔަތު ޖަންނަތުއާއި ވާހަކަ ދެއްކީ ހިދާޔާ އެތާ އިންކަން ހަދާން ނެތިފައި ހުރެ އެވެ.
“މިމްރާޙް ދޯ؟ މިއަތޮޅު ރަށެއްގެ ކުއްޖެއް އެއީ… އޭނަ މަންމައަކީ އެރަށު ބިނޑިއަނބުރާގޭ ފާއިޒާ…” ހިދާޔާ ދަންނަ މީހަކަށް ވުމުން މިމްރާޙްގެ އާއިލާ އެއްކޮން ކިޔައިދޭން ފެށިއެވެ. ހިދާޔާގެ ވާހަކަ ދިގުވެގެން އާޔަތު އިނީ ފޫހިވެފައެވެ. ހިދާޔާގެ ވާހަކަ ނިމުމަކަށް އައި އިރު އާޔަތު ކިޔައިދޭނެ އިތުރު އެއްވެސް އެއްޗެއް ދެން ނެތެވެ. “އާޔަތު އެބުނީ ތެދެއް… އެކޮއެ ޖަންނައަށް މިމްރާޙް ފެނިއްޖެއްޔާ ބުނާނެ އާޔަތުގެ ހޮވުން އެންމެ ފުރިހަމައޭ… އާ އެހެންޏާ ފަހެ.. އަހަރުމެންގެ އަބްޔާންއަށް ވުރެން ވަކި ހުތުރެއް ނުވާނެ މިމްރާޙެއް ވެސް.” ހިދާޔާ ވާހަކަ ދައްކަމުން ގޮސް އެންމެ ފަހުން ބުނެވުނު ޖުމްލައިން ހިދާޔާއަށް ހުއްޓެވުނެވެ. ޖަންނަތު ވެސް އާޔަތުއަށް ބަލައިލާފައި އިސްޖަހާލިއެވެ.
“ދޮގެއް ނޫނޭ މި ބުނީ.” ހިދާޔާ އަވަސް އަވަހަށް އެހެން ބުނެލާފައި ހީލަމުން އެކޮޓަރިން ނުކުތެވެ. އާޔަތު ހިދާޔާ ދިޔަ ދިމާލަށް ބަލަން އިނެވެ. އަދި ފުންނޭވާއެއް ލަމުން ޖަންނަތުގެ އަތުގައި ހިފާލި އެވެ.
“އަހަރެން ވަރަށް ކަންބޮޑުވޭ ހިދާޔާއްތަ މިހާރު އުޅޭގޮތުން… މާ ބޮޑަށް ރަގަޅުވެގެން އުޅެފަ ތުއްތަ ދެރަވާ ވަރު ކަމެއް އަނެއްފަހަރު ނުކުރާނެބާއޭ އަހަރެން ހިތަށް އަރާ… އެހާ ރަގަޅަށް ކުރިންވެސް އުޅުންނަމަ މިއަދު އަބީބެގެ ނަން ބުނުމަކުން އަހަރުމެން އޮކްވާރޑް ވާކަށް ނުޖެހޭނެ ދޯ.” އާޔަތު އިނީ ހިދާޔާއާއި ހެދި ހިތްހަމަ ނުޖެހިފަ އެވެ. ޖަންނަތު އާޔަތު އަތުގައި ހިފާލި އެވެ.
“އަޅާނުލާބަލަ އާޔާ… ހިދާޔާއްތަ އެހެން އުޅެފަ އިރުކޮޅަކާ އަބީގެ ވާހަކަ ދައްކާނެ… ތުއްތަ މިހާރު އެކަމަށް ހޭނިފަ މިހުރީ… އެއީ ހިދާޔާއްތަ އަށް ކަންތައް ކުރެވުން ގޮތުން މާބޮޑަށް ދެރަވާތީ ދެއްކެނީޔޭ… އެކަމާ އަޅާ ނުލާބަލަ…” ޖަންނަތުގެ ހިތުގައިވާ ޖަޒުބާތުތައް ހިންދާލަމުން ހިނިތުންވެލިއެވެ. “ކޮންމެ ގޮތެއް ވިޔަސް ތިބުނާ މިމްރާހެއް ދަސްވާވަރަށް ކިޔައިދީފައެއްނު ހިދާޔާއްތަ އެދިޔައީ… ކިހާ ދުވަހެއް ވެއްޖެތަ މިމްރާޙް ދަންނަން ފެށިތާ؟” ޖަންނަތު އާޔަތު ކުރެން ހުރިހާ ވާހަކައެއް އޮޅުން ފިލުވަން ފެށި އެވެ. އާޔަތު ވެސް އެއްވެސް ވާހަކައެއް ސިއްރުނުކޮށް ޖަންނަތުއަށް ހުރިހާ ވާހަކަތަކެއް ކިޔައި ދިނެވެ.
ޖަންނަތުއާއި ހިދާޔާ ތިބީ ހިރުނދު ގަސްދޮށުގައި އެލުވާފައި ހުރި ޖޯލި ތަކުގަ އެވެ. އޭރު ތުއްތު ތުއްތު ޔާނާ ޖަންނަތުގެ އުނގުގައި އިނެވެ. ޔަޒީދުއާއި އިތުރު ދެކުއްޖަކު އެތާ ކައިރީ ކުޅެން އުޅެއެވެ. ޔަޒަން ތަންކޮޅެއް ދުރުގައި ތިބި އެ އުމުރުގެ ފިރިހެން ކުދިން ކޮޅަކާއި އެކު ފުޓުބޯޅަ ކުޅެން އުޅެއެވެ.
ކޮންމެ ދުވަހަކުވެސް އެގަޑީގަ ހިދާޔާއާއި ޖަންނަތު އެތާ ތިބެއެވެ. ރަށުތެރޭގެ އެކިއެކި ވާހަކައާއި ދިރިއުޅުމުގެ ވާހަކަ ދައްކާލާ ހަދާލަން ލިބޭ ހުސް ވަގުތުކޮޅަކީ އެއީއެވެ. އެހެން ތިބޭއިރު ބައެއް ފަހަރު އަބްޔާންގެ ވާހަކަވެސް ހިދާޔާ ދައްކައެވެ. އަދި އަހްޔާންމެނަށް ދަރިއަކު ނުލިބިގެން އުޅޭ ވާހަކަވެސް ހިދާޔާ ދައްކައެވެ. އާލިޔާ ދަރިއެއް ހޯދަން ބޭނުން ނުވާވާހަކަވެސް ދައްކައެވެ. ހިދާޔާގެ ހިތުގެ ހުރިހާ އުދާސްތަކަކާއި ފިކުރުތަކެއް ޖަންނަތު ކައިރީ އިނދެގެން ކިޔައެވެ. ހިދާޔާގެ ވާހަކަތައް އަޑުއަހަން ޖަންނަތު އިނދެއެވެ. ބައެއް ދުވަސް ދުވަހު ޒައީމާ ވެސް އެތަނަށް އަންނާނެއެވެ. ގިނަ ދުވަސްދުވަހު އަންނާނީ ސާރާގެ ދެބެންވެސް ގޮވައިގެނެވެ.
މިއަދު ޒައީމާ އައީ ތަންކޮޅެއް ލަހުންނެވެ. އައީވެސް ކުދިން ނުލާ އެކަންޏެވެ.
“ކޮބާ ކުދިން؟” ޒައީމާ އައިސް ޖޯލީގައި އިށީނުމުން ހިދާޔާ އަހާލިއެވެ.
“އާން، އެކުދިން ރީތިކޮށްގެން ނުކުންނަން އުޅެނިކޮން ސާރާ ގެއަށް އައިސްފި. ދެން ސާރާ ފަހަތުން ކޮޓަރިއަށް އެކުދިން ދިޔައިމަ އަހަރެން އަވަހަށް މިއައީ.”
“ސާރާ ހާދަ ކުރިން އައި ދުވަހެއް.” ޖަންނަތު އެހެން އެހީ ސާރާއަކީ މެންދުރުފަހު ދަންފަޅިއަށް ކިޔަވަދޭ މުދައްރިސާއަކަށް ވެފައި އަދި މަދަރުސާ ނިމޭގަޑި ނުޖެހޭތީއެވެ.
“އާން، ނުނިމެނީސް އައީ ބޮލުގަ ރިއްސާތީވެޔޯ ކިޔާފަ، އެކުދިން ކޮޓަރިއަށް ނުވައްދަން އަހަރެން އުޅުނިން ސާރާ އެހެން ބުނީމަ. އެކަމު އެކުދިން ހަމަ ސާރާ ފަހަތު އަޅުވާލީމަ ކިހިނެއް ހަދާނީ،” ޒައީމާ ވީގޮތް ކިޔައިދިނެވެ. “އަހަރެން އަދި މިއައީ އެހެން ކަމަކު ވެސް ބުނަންވެގެން. ފިޔާތޮށިގޭގަ ޒައިދާން އެ ހަދާ ރެސްޓޯރެންޓްގެ ބަދިގެޔާ ހަވާލުވާން ވެގެން އަހަރެން މިއުޅެނީ. ގައިމު މަށަށް ކޮންމެސް އެއްޗެއް ލިބޭނެނު އޭރުން. ޒައިދާން ހުރީ އެއްބަސް ވެގެން. އަޅެ ރަގަޅު ކަމެއް ނޫންތަ؟” ޒައީމާ ހިދާޔާއާއި ދިމާއަށް ބަލައިލަމުން އެއްސެވެ.
“ޒައީމާއަށް ވަންޏާ ހަމަ ވަރަށް ރަގަޅު ކަމެއްތީ.” ހިދާޔާ ބުންޏެވެ. ޒައީމާ ނިކަން ހިނިއައިސްފައި އިނެވެ.
ރޭގަނޑު ނިދަން ތައްޔާރުވެގެން އައިސް ޖަންނަތު އެދަށް އެރިއެވެ. އޭރު ޒައިދާން އޮތީ އެނދުގައެވެ. ޖަންނަތު އޮށޯތުމާއި އެކު ޒައިދާން ޖަންނަތު ގައިގައި ބައްދާލި އެވެ. އަދި މޫނުގައި ލޯބިކޮށްލި އެވެ. އަދި ނިކަން މަސްތީ ގޮތަކަށް ޖަންނަތުއަށް ބަލަހައްޓައިގެން އޮތެވެ. އެވަގުތު ދޮރުގައި ޓަކިޖެހިއަޑު އިވުނެވެ.
“ދަރިން ލިބުނީމަ ނެތް މިކަންވެސް ވާކަށް.” ޒައިދާން ހީލަމުން ބުނެލިއެވެ. ޖަންނަތުވެސް ހިނިތުން ވެލަމުން ތެދުވެގެން ގޮސް ދޮރު ހުޅުވި އިރު ޔަޒީދު އޭނަ ގެންގުޅޭ ކުޑަ ‘ޓެޑީ ބެއަރ’ ހިފައިގެން އައިސް ދޮރު ކައިރީ ހުއްޓެވެ.
“ޔަދީ ބިލުން… ދޮންބެ ބުނީ ޔަދީ މަންމަ ކޮތަލިއަށް ދާށޯ…” އަދިވެސް ބައެއް އަކުރު ކިޔަން ނޭގޭ ޔަޒީދު ބުނެލި އެވެ. ޖަންނަތު ޔަޒީދު އުރާލި އެވެ. ޔަޒީދު ޖަންނަތުގައިގައި ބައްދާލި އެވެ. ޖަންނަތު އައިސް ޒައިދާން ގާތު ޔަޒީދު ބޭއްވި އެވެ. ޒައިދާން ޔަޒީދު ނަގާ ބަނޑުމައްޗަށް ލިޔެވެ. ޖަންނަތު ޒައިދާން ކައިރީ އޮށޯތެވެ.
“މިހާރު ދޮންބެ އޮންނާނީ އެކަނި… ދޭ ގޮސް ދޮންބެ ވެސް ގޮވައިގެން އަންނަން… ފެމިލީ ޓައިމް ހަދާލަން…” ޖަންނަތު ޔަޒީދުގެ ކޮލަށް ބޮސްދެމުން ބުނެލި އެވެ. ޔަޒީދު ޒައިދާންގެ ގައިމަތިން ފައިބަމުން ބާރަށް ދުއްވައިގަތީ ޔަޒަން ގޮވައިގެން އައުމަށެވެ. ޒައިދާން ހިނިއައިސްފައި އެނދުގައި އެޮތެވެ.
ޔަޒަން އައިސް މަޑުމަޑުން ކޮޓަރިއަށް ބޯ ދިއްކޮށްލި އެވެ. އެވަގުތު ކުޑަކުޑަ ޔާނާ ކުކުރަން ފެށި އެވެ. ޖަންނަތު ޔާނާ އެނދުން ނަގާ އުރާލި އެވެ.
“ދަރިފުޅާ، ޔަޒަން… އާދޭ އެތެރެއަށް…” ޔަޒަން ދޮރުކައިރީ މަޑުކޮށްލުމުން ޒައިދާން ގޮވާލި އެވެ. ޔަޒަން ބޮޑުވަމުން އަންނަ ވަރަކަށް މައިން ބަފައިންނަށް ކުރާ އިހުތިރާމު ވަނީ އިތުރު ވެފަ އެވެ. ޔަޒަންއަކީ ވަރަށް ބަސްއަހާ ކިޔަމަންތެރި ކުއްޖެކެވެ.
“ޔާނާ ކޮއްކޮ ވެސް އެ ހޭލީ ފެމިލީ ޓައިމް ހަދަން… ޔަޒަން ދޫނި ކީއްވެތަ ޔާނާ ކޮއްކޮ އުރާ ނުލަނީ؟” ޖަންނަތު ޔަޒަންއާއި ދިމާއަށް ޔާނާ ދިއްކޮށްލަމުން އެއްސެވެ.
“ޔާނާ ކޮއްކޮ އަބަދު ރޯނީ ދޮންބެ އުރާލާ އިރަށް. ދޮންބެ ބޭނުމެއްނޫން ކޮއްކޮ ރޮއްވާކަށް….” ޔަޒަން އައިސް އެނދުގަައި އިށީނެވެ. ޖަންނަތު ޔަޒަން އަތަށް ޔާނާ ލައިދިނެވެ. ޔަޒަން ޔާނާއަށް ބަލައިލާފައި ހިނިތުން ވެލި އެވެ. “ހީވަނީ ޔަޒީ ކުޑައިރުހެން ދޯ މަންމާ…” ޔަޒަން ޖަންނަތުއަށް ބަލައިލަމުން ބުންޏެވެ.
“އާން… މިހާރު ޓޫ ކުދިން ހަމަވީ ޔަޒަންއާ އެއްކޮން ފުޓުބޯޅަ ކުޅެން.” ޖަންނަތު ބުންޏެވެ.
“ޔާނާ ކޮއްކޮ ގާރލް ކުއްޖެއްނު މަންމާ… ގާރލް ކުދިން ފުޓުބޯޅަ ނުކުޅޭނެނު..”
“ގާރލްސް ކުދިން ވެސް ކުޅޭނެ ފުޓުބޯޅަ…” ޒައިދާން ބުންޏެވެ.
“ދޮންބެއަށް ވެސް ހީވަނީ ޔަދީއަށް ވުރެން ޔާނާ ކޮއްކޮ މޮޅުވާނެހެން. ބަލާލަބަލަ ޔާނާ ކޮއްކޮގެ ފައި ފަލަކަން.” ޔަޒަން ކުޑަ ކުޑަ ޔާނާގެ ފައިގައި ހިފަހައްޓާލަމުން ބުނެލި އެވެ. “ޔަދީ ގޮތަށް ބޯޅަ ދެކެ ބިރުން ފިލާކަށް ނޫޅޭނެ ކަންނޭގެ ޔާނާކޮއްކޮއެއް.” އެދަން އަރާ އޮތް ޔަޒީދުއަށް ޔަޒަންގެ ވާހަކަ އަޑު އިވުމުން ނިކަން ރުޅިއައިސްފައި ތެދުވި އެވެ.
“ނޫން!” ޔަޒީދު ބުނެލި އެވެ. “ދޮންބެ ދޮގު ހަދަނީ.” ޔަޒީދު ހުރީ ނިކަން ރުޅިއައިސްފައެވެ.
“ޔަދީ، ދޫނި ވެސް ބޯޅަ ކުޅޭއިރު ދޮންބެ ބުނާގޮތް ހެދީމަ މޮޅުވާނީ.” ޖަންނަތު ޔަޒީދުއަށް ބުންޏެވެ.
“ޔަދީ މޮޅޭ މަންމާ.” ޔަޒީދު ހުރީ އޭނަ މާމޮޅު ކަމަށް ނިންމައިގެނެވެ. ޖަންނަތު ކައިރިއަށް ހިނިއައެވެ.
ކުދިންނާއި އެކު އެނދުގައި ވާހަކަ ދައްކާލަން ތިބުމަކީ އެދެމަފިރިން އާނމުކޮން ކުރާ ކަމެކެވެ. އެހެން ކަމުން އެ ވަގުތުކޮޅަށް “ފެމިލީ ޓައިމް”ގެ ނަމުން ނަންދިނީ ޔަޒަންއެވެ. އެއީ އެކުދިންވެސް އެންމެ އުފާވާ ގަޑިކޮޅެވެ.
ހުކުރު ދުވަހުގެ މެންދުރު ކެއުމަށް މިމްރާޙްއަށް އާޔަތު ދައުވަތު ދިނީ ޖަންނަތު ބުނެގެނެވެ. މިމްރާޙް އާއި ބައްދަލު ވުމުން ޖަންނަތުއާއި ޒައިދާން ވަރަށް އުފާކުރި އެވެ. މިމްރާޙް އަކީ ކޮންކަހަލަ މިޒާޖެއްގެ މީހެއްކަން އެދުވަހު އިނގުނެވެ. ހިތުން ރުހުމުން ޖަންނަތު ހުރީ އާޔަތުގެ ހޮވުމާއި މެދު ވަރަށް ހިތްހަމަ ޖެހިފަ އެވެ.
“ތުއްތަ ހީވަނީ ހަމަ އާޔާ ހެން… ތަންކޮޅެއް ހިކި ނަމަ އާޔާއާ ތަފާތެއް ނުވާނެ..” މިމްރާހް ޖަންނަތުއަށް ބުންޏެވެ.
“މިއްމި ތިބުނީ ތެދެއް… ތުއްތަ މިހާރު ފަލައީ… ބޭބީ ލިބުންތާ އަދި އިޔަރ އެއް ނުވޭނު. އަހަރެން ގޮތަށް ހިކިކޮން ތުއްތަވެސް ހުރީ..” އާޔަތު ބުނެލި އެވެ.
“އާޔާ އަށްވެސް ބޭބީއެއް ލިބުނީމަ ފަލަ ވާނެދޯ…” މިމްރާޙް އާޔަތުއާއި ދިމާކޮށްލި އެވެ. އާޔަތު މިމްރާޙްގެ ގައިގައި ޖަހާލި އެވެ.
“ކޮން އިރަކުން މެރީކުރަން ގަސްތު ކުރަނީ؟” ޒައިދާން އިނދެފައި އެހި އެވެ.
“ދެން މެރީ ކުރަންވީ ހަމަ… އާޔަތު ޑޭޓެއް ފިކްސް ނުކޮށްގެން މިއުޅެނީ…” މިމްރާޙް ބުންޏެވެ.
“ދޮންބެއަށް ޗުއްޓީއަށް އާދެވޭ ދުވަސްކޮޅަކާ ދިމާކުރަން އަހަރެން ބޭނުމީ… ވަރަށް ގްރޭންޑް ވެޑިންއެއް ބާއްވަން އަހަރެން ބޭނުމީ.”
“އެހެންތަ،” ޒައިދާން ބުނެލި އެވެ. “އެހެންވިއްޔާ ވެޑިންގެ ހުރިހާ ކަމަކާ ޒައިދާންބެ ހަވާލު…”
ޒައިދާން އެކައިވެނީގެ ހުރިހާ ކަމަކާ ހަވާލުވާން ނިންމިއެވެ. ޒައިދާން އަބަދުވެސް ދެކެނީ އާޔަތުއަކީ ޒައިދާންގެ އަމިއްލަ ކޮއްކޮ ގޮތުގައެވެ. އާޔަތުގެ އާއިލާއަކީ ޒައިދާންްގެ އާއިލާ ކަމަށް ޒައިދާން ބަލައެވެ. އާއިލާގެ ހުރިހާ ޒިންމާއެއް ބޮލުގަ އަޅަން ޒައިދާން ތައްޔާރަށް ހުންނަނީ އެހެންވެއެވެ.
——————————————————————–
ސީ ބްރީޒް ރެސްޓޯރެންޓްގެ ގޯތިތެރެއާއި ވަށައިގެން ވާ މަގުމަތީ ފާރު ވަނީ ރިހި ކުލައިގެ ކުދި ބޮކިތަކުން ޒީނަތްތެރި ކޮށްފަ އެވެ. އެތެރެއަށް ވަދެގެން ދިޔަ އިރު މޭޒުތަކުގައި އަޅާފައިވާ ހުދު ފޮތިތަކާއި އެކު މަޑު ވައިލެޓް ކުލައިން ރިބަން އައްސާފައިވާ ގޮނޑިތައް ތަރުތީބުން އަތުރާލާފައި ހުއްޓެވެ. ޖާގަ ބޮޑު އެ މާހައުލުން ފެންނަމުން ދިޔައީ ވަރަށް ބޮޑު ރަސްމިއްޔާތެއް ފެށެން އުޅޭ ކަމުގެ ނިޝާން ތަކެވެ. ހިޔާކޮށްލާފައިވާ ބައިގައި އަތުރާފައިވާ ކާއެއްޗިހީގެ ތަބައްތައް އޭރުވެސް އަތުރަމުން ދަނީ އެވެ. އިރުއޮއްސެމުން އައި ވަގުތުވެސް ޒައިދާން ގެއަށް ނުގޮސް ހުރީ އެންމެ ކަމެއް ވެސް އުނިވެދާނެތީ ހުރިހާ ކަމެއް އެއްކޮން ނިމުމުން ނޫނީ ނުދާށެވެ. އެއީ އާޔަތުއާއި މިމްރާޙްގެ ކައިވެނީގެ ހަފްލާ އެވެ. ޒައިދާން ވަޢުދުވީ ފަދައިން އެކަން އެންމެ ފުރިހަމަ ކުރަން ޒައިދާން ބޭނުމެވެ.
“ޒައިދާން… ދެން ހިނގާ ރެޑީވާން ދާން… މިހާރު ހުރިހާ ކަމެއް ނިމުނީނު.” ނޫރު ހަރުގަނޑު ހިފައިގެން އަންނަމުން ޒައިދާން ގާތު ބުންޏެވެ. އޭރު ދުރުން މުޒައްފަރުވެސް އެދިމާލަށް އަންނަތަން ފެނުނެވެ.
“މޫސައަށް އާދެވިއްޖެތަ؟” ޒައިދާން ނޫރުއަށް ބަލައިލަމުން އެހި އެވެ. މޫސަމެންގެ ލޯންޗު ހަލާކުވެފައި އޮތުމުން ރަށަށް އަންނާނެ އެއްޗެއް ނެތިގެން މޫސަ އުޅުނެވެ.
“ޒީނަތު ދެކުނިން… އެހެންވީމަ މޫސަ ވެސް އުޅޭނެނު.” ނޫރު ބުނެލި އެވެ.
“މިއަދު އެންމެން އެއްތަންވާނެދޯ… އަބީއާ ޔާނު ނެތީދޯ…” ޒައިދާން ބުނެލި އެވެ. ނޫރު ބޯ ޖަހާލި އެވެ.
އާލިޔާ ނިކަން ފަރުވާ ތެރިކަމާ އެކު އާޔަތުގެ މޫނުގައި ފައުންޑޭޝަން އުނގުޅަމުން ދިޔަ އެވެ. އޭރު އެކޮޓަރީގައި ޒިޔާދާއާއި މިމްރާޙްގެ ކޮއްކޮ ތިއްބެވެ. އާޔަތުގެ މޭކަޕް ކަންތަކާ ހަވާލުވެގެން ހުރީ އާލިޔާ އެވެ. އާޔަތުގެ ހެދުން ފަރުމާ ކުރީ ޒިޔާދާ އެވެ.
“އަވަސް ކުރޭ… އަދި ތިކުދިން ވެސް ތައްޔާރު ވާން ވާނެނު..” އެވަގުތު އެކޮޓަރިއަށް ވަން ޒައީމާ ބުންޏެވެ.
“އެންމެ ކުރިން އާޔާ ރީތިކޮށްފަނު އަހަރުމެނަށް ނޭވާވެސް ލެވޭނީ… ދޯ ޒިޔާދާ..” އާލިޔާ ބުންޏެވެ. އެވަގުތު ޒީނަތުވެސް އައިސް އެކޮޓަރިއަށް ވަނެވެ.
“އަޅޭ… އަހަންނަށް ގަބޫލެއްވެސް ނުކުރެވޭ އަހަރެންގެ އެންމެ ކުޑަ ކޮއްކޮ މީހަކާ އިންނަ ކަމަކަށް… އަހަންނަށް އަދިވެސް އާޔާ ހާދަ ކުޑަޔޭ… ބަލާ ލޯބިކަން… އުރައިގެން އުޅުނީ އިހަށް ދުވަހުޔޭ އަހަރެން ހިތަށް އަރަނީ…” ޒީނަތު އައިސް އާޔަތު ކައިރީ ހުއްޓެމުން ބުންޏެވެ.
އާޔަތުގެ ކައިވެނި ވީ އެންމެންގެ ހިތްތަކުގައި ބިންވަޅު ނެގިގެން ދިޔަ އުފާވެރި އަދި އެހާމެ ފުރިހަމަ ހަފްލާ އަކަށެވެ. އެރަށުގެ އެތަކެއް މީހުންނަށް ދައުވަތު ދެވިފައި ވީއިރު މިމްރާޙް މެން ރަށުގެ ވެސް ގިނަ މީހުން އެކައިވެނީގެ އުފަލުގައި ބައިވެރި ވުމަށް އައެވެ.
އާޔަތުއާއި މިމްރާޙް އަށް ހަދިޔާއެއްގެ ގޮތުން ގްރީންވިލާގޭ އާއިލާގެ ފަރާތުން ދީފައިވަނީ ދެމަފިރިންނަށް ދުބާއީ ޓިކެޓާއި ފަސް ދުވަހުގެ ހުރުމާއި ކެއުމެވެ. އާޔަތު އެންމެ އުފާވީ އެކަމާ އެވެ. މާމުއި ހަދުގެ ދުވަސްތައް ހޭދަކުރުމަށް ދުބާއީ ފަދަ ތަނަވަސް ގައުމަކަށް ދިއުމަކީ ކިހާ ހިތްހަމަ ޖެހޭނެ ކަމެއް ހެއްޔެވެ.
ހަމަސް ފާއިތުވެ ހިގައްޖެއެވެ. ޖަންނަތުގެ ކުދިން މަގުމަތީ ކުޅެން އުޅޭތީ ހިދާޔާ ނުކުމެ އެގޭ ޖޯލިފަތިން ޖޯއްޔެއްގައި އިށީނދެގެން އިނެވެ. އެވަގުތު ބަހާރުގެއިން ފަރުޒާނާ ނުކުތެވެ. ފަރުޒާނާ މުޒުނާ ގޮވައިގެން މާލޭގައި އުޅެފައި އެއައީ އެ ދުވަހު ހެދުނެވެ. މުޒުނާ ހަދަމުންދާ ކޯހުގެ ސެމިސްޓަރ ބަންދު ވުމުން އެވަރަކުން މުޒުނާ ރަށަށް އަންނަން ބޭނުންވެގެން އައީ އެވެ.
“އައްދޭ… މަގުމަތީ ހާދަ ކަމެއް އެބަހުއްޓޭ ދޯ…” ފަރުޒާނާ އައިސް ހިދާޔާ ގާތު ޖޯލީގައި އިށީންނަމުން ބުނެލި އެވެ. “ކޮން ގެއެއްގެ ދަރިންތަކެއް މިތާ މި ފަސްބާޑި އަރުވަނީ؟”
“މީ ޖަންނަގެ ކުދިން…” ހިދާޔާ ބުނެލި އެވެ. ފަރުޒާނާ އެކުދިންނަށް ބަލައިލި އެވެ. އޭރު ޔަޒީދު އާއި ޔާނާއާއި ދެބެން ޔަޒަން ފަހަތުން ދުވަނީ ބޯޅަ ހިފައިގެން ޔަޒަން ދުވާތީ އެ އަތުލާށެވެ. “ބަހާރުގޭގައި ހުރިހާ ކުދިން އުޅުން އިރުގެ ހަދާން ވަނީ… ދޯ ފަރުޒާނާ..”
“އާން… ތިބުނީ ތެދެއް… އަހަރެން އަދި ސާރާ ކައިރިއަށް ވެސް ނުގޮސް މިއުޅެނީ… ސާރާގެ ހަގު މީހާއަށް އަހަރެން ނުވެސް އިނގޭނެ ތޯޗެއް.” ފަރުޒާނާ ބުންޏެވެ.
“އާން… އެކުދިން ވެސް މިހާރު ވަރަށް ބޮޑެތިވެއްޖެ… ކުރިން ދުވަހު ޒައީމާއާއި އެކު މިހިސާބު ގަނޑުގައި ކުޅެން އައިސް އުޅުނޭ.”
“ހިދާ ބުނާކަށް މާމަ ކުދިން ލިބުމަކީ ލިބޭ ހާދަ ބޮޑު އުފަލެކޭ… އަހަރެން އޭރު ސާރާއާއި މުޒޭއާ ނުގުޅެން އެހާ ގަދަ ހެދިޔަސް މިއަދު އަހަރެން މިހުރީ ނިކަން އުފަލުން އެކުދިން ގުޅިގެން ލޯބިން އުޅޭތީ… އެމީހުނަށް ދަރިން ލިބުމުން އަހަރެންނަށް ލިބުން އުފާ އަދި ވަކީން ބޮޑު.”
“އާން… ފަރުޒާނާއަށް ތި ނަސީބު ލިބުނުތާ… އަހަރެން މިއުޅެނީ އެހެން މީހެއްގެ ދަރިން ލައްވާ އަހަންނަށް މާމަ ކިއުއްވައިގެން… އަހަރެންހާ ނަސީބު ދެރަ މީހެއް އެބަ ހުރިތަ، އަސްލު އަހަރެންނާ ހެދި ވީގޮތް މީ… މިއަދު އަހަރެން ވަރަށް ހިތާމަ ކުރަން… އަހަރެންގެ އަބީ ނޭގެ ދުވަހަކު މީހަކާ އިންނާނެ ކަމެއްވެސް… އުމުރުން މިހާރު ތިރީހަށް ވުރެން މައްޗަށް ދިޔައީ… އަދިވެސް މީހަކާ އިންނަން ހިޔާލުވެސް ނުކުރޭ… މިހާރު އެކިޔަނީ ރަށަށް ވެސް އަންނަން ހިޔާލު ނުކުރާ ވާހަކަ… ދެން މިހާރު އެންމެ ފަހުން ކިޔެވި މެރިން ރިސާރޗް ކިޔާ އެއްޗަކުން މާމަތިން ފާސް ވެގެން އެތަނުން އޭނައަށް ވަޒީފާ ވެސް ލިބުނީީ. އަނެއްކާ މިހާރު އެހެން އެއްޗެއް ވެސް ކިޔަވަނީޔޯ. އެއީ ވާ ދަރިއެއް.” ހިދާޔާގެ އަޑު ބެދި ފުން ހިތާމައެއްގައި އިންހެން ވާހަކަ ދެއްކި އެވެ. ފަރުޒާނާ ހިދާޔާ ބުރަކަށީ ފިރުމާލި އެވެ.
“އަހަރުމެންގެ ވެސް ބޯދާ ހިޔާލު ހުރީތީ ކުރެވޭ ކަންތައް އެއީ… ދެން ކީއްކުރާނީ..” ފަރުޒާނާ ބުނެލި އެވެ.
ހެދުނު ޖަންނަތު ހޭލި އިރު ބޮލަށް ބަރުވެފައި އެނބުރުން އަރާގޮތް ވިއެވެ. ޖަންނަތު ހޭލައިގެން ފާހާނާއަށް ވަން ކަމެއް ނޭގި ހޮޑުލެވިއްޖެ އެވެ. ޖަންނަތު ލޯގަނޑުން މޫނު ބަލައިލަމުން މޫނު ދޮވެލި އެވެ. ބަނޑުބޮޑު ވާހަކަ ޒައިދާން ގާތު ބުނިތާ މިހާރު ހަފްތާއެއް ވީއެވެ. މިފަހަރު ޖަންނަތު ހުރީ އުފަލަކުންނޫނެވެ. ޔާނާ އެހާ ތުއްތު އިރު ބަނޑުބޮޑުވީމައެވެ. މަޑުމަޑުން ކޮޓަރިން ޖަންނަތު ނުކުމެގެން އައި އިރު ޒައިދާން އުޅެނީ ޔާނާއަށް ސައި ނުދެވިގެނެވެ. އޭރު ޔަޒަންއާއި ޔަޒީދު ތިބީ ޓީވީ ބަލާށެވެ.
“ޒައިދާން…” ބަލި އަޑަކުން ޖަންނަތު ގޮވާލި އެވެ. ޒައިދާން ބަލައިލި އިރު ޖަންނަތުގެ މޫނު މަތިން ފެނުނީ ބަލި މަޑުކަމެކެވެ.
“ޖަންނާ، ބަނޑުބޮޑު ވާހަކަ ހިދާޔައްތަ ގާތު އަދިވެސް ނުބުނަނީތަ؟” ޒައިދާން ސުވާލު ކުރިއެވެ.
“އަދި ނުބުނަން… އެހާ އަވަސް އަވަހަށް ކުދިން ލިބޭތީ މީހުން މަލާމާތް ކުރާނެނު،” ޖަންނަތު ހުރީ ޖެހިލުން ވެފައެވެ. އޭނާގެ ބަޑަށް މިހާރު ދެ މަސް ވަނީ ވެފައެވެ. ނަމަވެސް އަދި އެވާހަކަ އަދި ބޭރުގެ އެއްވެސް މީހެއްގާތު ނުބުނެއެވެ.
“ޖަންނާ، ހާސްނުވޭ… އަވަހަށް ކުދިން ހޯދާ ނިންމާލުން މާ ބުއްދިވެރިހެން މަށަށް ހީވަނީ. ހިދާޔާއްތައަށް ވެސް އަބަދު އަހަރުމެންގެ ކުދިން ބަލައިދީ އެހީވާކަށް ނުހުރެވޭނެނު… އާލިޔާއަށް ކުދިން ލިބުނީމަ އެކުދިން ވެސް ހިދާޔާއްތަ ގާތަށް ގެންނާނެކަން ޔަގީން. އޭރުން އަމިއްލަ މާމަދަރިންނަށް އިސްކަން ދެވޭނެ… އޭރުން ދެން އަހަރުމެންގެ ކުދިންގެ މާމަ ދުރުވެދާނެ.” ޒައިދާން ބުންޏެވެ. ޖަންނަތު ކަންބޮޑުވެފައި ހުރެ އައިސް ޔާނާ ގާތު އިށީނެވެ. “ޖަންނަ ހާސް ނުވެބަލަ… ކޮންމެ ކަމެއްވެސް ރަގަޅަށް ވާނީ… މިއަދު ހިދާޔާއްތަ އަހަރުމެނަށް އެހީވާން ހުރި ވަގުތު ތިހެން ކަންތައް ތިވަނީވެސް އެއީ ކިހާބޮޑު ނިޢުމަތެއް.” ޒައިދާން އައިސް ޖަންނަތުގެ އަތުގައި ހިފާލި އެވެ.
“ބައްޕީ… ނޫން.” ޔާނާ އެންމެ ފަހުން އިން ޕާންކޮޅު ދައްކާލަމުން ޒައިދާން ގާތު ބުންޏެވެ. ޒައިދާން ހިނިތުން ވެލަމުން ޔާނާގެ ބޮލުގައި ފިރުމާލި އެވެ.
“ޔާނާ ދޫނި ތުއްތުކޮން އިންދާ ދޮންތިއަކަށް ވާން މިހާރު ތި އުޅެނީ.” ޒައިދާން ޔާނާ ބޮލުގައި ފިރުމާލަމުން ބުންޏެވެ.
“ވިދޫޝިކާ، ވިދޫޝިކާ؟” ޒައިދާން ގޮވާލި އެވެ.
“ލައްބަ ސަރ.” ވިދޫޝިކާ ބަދިގެއިން ނުކުންނަމުން ޖަވާބު ދިނެވެ.
“ޔާނާ ކައި ނިމިފަ އޭނީ… ޔަޒަންއާ ޔަދީއަށް ސައި ދީ… އިނގޭ.” ޒައިދާން އެހެން ބުނެފައި ހިދާޔާ ގާތު އެވާހަކަ ދެއްކުމަށް ޖަންނަތު ކައިރީ ބުންޏެވެ. އަދި މީހުންގެ އެހީތެރިކަން އަބަދުވެސް އެކަކު އަނެކަކަށް ބޭނުންވާނެކަމާއި އެކުވެރި ކަމަކީ އެއީ ކަމުގައިވެސް ޒައިދާން ބުންޏެވެ.
ޖަންނަތު ބަނޑުބޮޑުވި ހަބަރު ހިދާޔާއަށް ލިބުމުން ހިދާޔާ ނިކަން އުފާ ކުރި އެވެ. އަދި އިހުނަށް ވުރެންވެސް ބޮޑަށް ޖަންނަތުއަށް އެހީވާން ފެށި އެވެ. ހިދާޔާ މިހާރު ހީވަނީ ޖަނންނަތުގެ މަންމަ ހެނެވެ. މުޅި ދުވާލުދާ ހަތަރުދަމު ފެންނަނީ މުރަކަގޭގައި އުޅޭތަނެވެ. އެކަމާ އެންމެ އުފާވެފައި ހުންނަނީ ނަސީރު އެވެ. ހިދާޔާ އުޅޭ ގޮތުން ނަސީރުވެސް ހުންނަނީ ޖަންނަތުގެ ކުދިންނަކީ އަމިއްލަ ކާފަ ދަރިން ނޫންކަން ހަދާން ނެތިފަ އެވެ. ކޮންމެ ތާކަށް ގޮސްފައި އަންނަ އިރުވެސް އެކުދިންނަށް ހަދިޔާ ބަދިޔާ ނުގެންނަ ދަތުރެއް ނަސީރު ނުކުރެ އެވެ. އެންމެ ފަހުން އަބްޔާންއާއި އަހްޔާންގެ ގާތަށް ސިންގަޕޫރަށް ގޮސްފައި އައިއިރު އެންމެހާ އަގުބޮޑެތި ހަދިޔާ އެކުދިންނަށް ނަސީރު ގެނެސް ދިނެވެ. ވަކި ޔަޒަންއެއް އެކުދިންނާ ތަފާތެއް ނުކުރެ އެވެ.
އަހްޔާންއާއި އާލިޔާއަށް އަދިވެސް ކުއްޖަކު ނުލިބެ އެވެ. އާލިޔާއާއި ހަލަފް އަދި ކުދިން ހޯދަން ހިޔާލު ނުކުރަނީ އެވެ. އަހްޔާންއާއި ލުއީ ދަރިއަކު ނުލިބިގެން ބޭސް ކުރަނީ އެވެ. އަބްޔާން އުޅެނީ ބުރަކޮންނެވެ. ކިޔެވުމާއި އެކު ވަޒީފާ އަދާކުރާތީ އެވެ. އެއީ އަބްޔާން ބޭނުންވި ގޮތެވެ. ބުރަކޮން އުޅުމުން އެއްވެސް ދުނިޔަވީ ކަމަކާ ވިސްނަން ނުޖެހޭތީ އެވެ. މިހާރު ވައިބަރ ގުރޫޕާއި ސޯޝަލް މީޑިއާ ތަކާވެސް އަބްޔާން ނިކަން ދުރެވެ. އެހެން ކަމުން ރަށުގެ ހަބަރެއް ވެސް ވަނީ އަހްޔާންއާ ދިމާވާ ފަހަރަކު އަހްޔާން މަތިންބައިން އެވާހަކަ ދެއްކުމުންނެވެ. އެހެން އުޅެފައި ހިދާޔާ އަބްޔާންއަށް ގުޅައިގެން ނިކަން ވާހަކަ ދައްކަން އުޅެ އެވެ. ނަމަވެސް އަބްޔާން ހިދާޔާއާ މާގިނައިން ވާހަކަ ދައްކާ ނުހަދަ އެވެ. ޖަންނަތުގެ ވާހަކަ ދައްކަން ފަށާއިރަށް އަބްޔާން ބަހަނާއެއް ދައްކާފައި އަވަހަށް ފޯނު ކަނޑާލަ އެވެ.
ދުވަސްތައް ދަމުންގޮސް ޖަންނަތުގެ ބަނޑަށް ފަސްމަސް ވެއްޖެ އެވެ. އާޒަތު އެއްކޮން ނިމިގެން ރާއްޖެ އަތުވެއްޖެ އެވެ. އާޒަތުއަށް ވަޒީފާ ލިބުނީ މާލެއިންނެވެ. އާޒަތު ރަށުގައި އުޅެން ކިތަންމެ ބޭނުންވި ކަމުގައި ވިޔަސް އެކަން ވާގޮތެއް ނުވި އެވެ.
ޒީނަތުމެން ކުއްޔަށް ތިބޭ ގޭގައި އާޒަތުވެސް ހުރީ ޒީނަތުގެ އެދުމުގެ މަތިންނެވެ. ޒީނަތުއަށް ލައިޤާގެ އިތުރުން ކުއްޖެއް ނުލިބެ އެވެ. މޫސަގެ މަންމަ ނިކަން ބަލިވެ އުޅެފައި ދުނިޔެ ދޫކޮށްފި އެވެ. މިހާރު އެގޭގައި ވެސް އުޅެނީ މޫސަގެ ކޮއްކޮއަކާއި އާޒަތުއާއި ޒީނަތުގެ ދެމައިންނެވެ. މޫސަ ގިނަ ދުވަސް ހޭދަ ކުރަނީ ރަށުގަ އެވެ. މާލެދަނީ މަހަކު ދެފަހަރު ކަހަލަ ގޮތަކަށެވެ. ޒީނަތު ވެސް މޫސަގާތު އުޅެން ބޭނުން ވިޔަސް ލައިޤާ މާލޭގެ ސްކޫލަށް ވެއްދިފައި ހުރުމުން ވަކިކޮށްގެން ނުގެންނަން ވެގެން ހުރީ އެވެ. ލައިޤާގެ ކިޔަވުމަށް ބުރުލެއް އަރާކަށް ޒީނަތު ބޭނުމެއް ނޫނެވެ.
ޔަޒަންއަށް ތޭރަ އަހަރު ފުރޭ އުފަން ދުވަސް ކުލަ ގަދަގޮތެއްގައި ފާހަގަ ކުރަން ޒައިދާން ނިންމި އެވެ. އެހެން ކަމުން ޒައިދާން ނިންމީ ވަރަށްވެސް ބޮޑު ހަފްލާއެއް ބާއްވާށެވެ. ހުރިހާ އެންމެން އެއްތަން ވެލުމަށްވެސް ލިބޭނެ ރަނުގެ ފުރުސަތަކަށް ވާނޭ ކަމަށް ބަލާ އަހްޔާންއާއި އަބްޔާންއަށް ވެސް ޒައިދާން ގުޅި އެވެ. ޒައިދާންގެ ދައުވަތު އަހްޔާން ގަބޫލު ކުރީ ލުއިއަށް އަދި ދުވަހަކު ވެސް ރާއްޖެ ދައްކާ ލެވިފައި ނުވާތީއާއި އަދި ހުދު އަހްޔާން ވެސް ރާއްޖެ ނައިސް ގިނަ ދުވަސް ވެފައި ވުމާއި އެކު އެވެ. އަބްޔާން ރާއްޖެ އަންނަން ބޭނުން ނުވާތީ ޒައިދާން ދައުވަތު ދިނުމާއި އެކު އެތަކެއް ބަހަނާ ދެއްކި އެވެ. ނިކަން ބުރަ ދުވަސް ކޮޅަކަށް ވުމާއެކު ނުދެވޭނެ ކަމަށް ޒައިދާން ގާތު އަބްޔާން ބުންޏެވެ. ނަމަވެސް ޔަޒަންއަށް ނިކަން ރަގަޅު ހަދިޔާއެއް ފޮނުވާނަން ކަމަށް ވެސް ބުންޏެވެ.
އަހްޔާންއާއި ލުއި ރަށަށް ދިއުމުން ހިދާޔާއަށް ހީވީ އީދެއް އައި ހެނެވެ. ލުއިއާއި މެދު ހިދާޔާ ކަންތައް ކުރަން ފެށީ ނިކަން ލޯބިންނެވެ. ހިދާޔާއަށް މާބޮޑަށް ލުއިއާއި ވާހަކަ ދައްކަން ނޭގުނެއް ކަމަކު ލުއިއަށް ކުދި ކުދި ދިވެހިބަސް އިނގޭތީ ލުއިއާއި އެއްކޮން އުޅޭކަށް އުނދަގުލެއް ނޫނެވެ. ކިތަންމެ މުއްސަދި ތަނަވެސް ދިރިއުޅުމެއް އުޅުނަސް ލުއިއަކީ ބޮޑާ ކުއްޖެއް ނޫނެވެ. ލުއިއާއި ޖަންނަތުގެ މިޒާޖު އެއްގޮތް ވުމާއި އެކު ދެމީހުން ނިކަން އަވަހަށް ނިކަން ގާތް އެކުވެރިންނަށް ވެއްޖެ އެވެ. ޖަންނަތުގެ ކުދިންވެސް ލުއިއާއި ނިކަން އެކުވެރި ވިއެވެ. ލުއި އަކީ ކުޑަ ކުދިންދެކެ ނުހަނު ލޯބިވާ މީހެކެވެ. އަދި އަމުދުން ދަރިއަކު ނުލިބިގެން އުޅޭ މީހެއް ކަމުން ޖަންނަތުގެ ކުދިންނާ ދޭތެރޭ ނިކަން ލޯބިން އުޅެއެވެ.
އަބްޔާން ނޫން އެންމެން ޔަޒަންގެ ޕާރޓީގައި ބައިވެރިވާން އެފަހަރު އައެވެ. މާލޭގައި ތިބި ޒީނަތުއާއި އާޒަތުވެސް އެދުވަހު ހެދުނު އަވަހަށް ރަށަށް އައެވެ. އާޔަތު އާއި މިމްރާޙް އަދި ނަސީރުވެސް ޕާޓީ ގަޑި ޖެހުން އިރު ތިބީ ރަށުގަ އެވެ. ރަށުގެ ގިނަ ބަޔަކަށް ދައުވަތު ދީފައިވާ އެ ބޮޑު ހަފްލާގައި ރަށުގެ ބޮޑުންނާއި އެތައް ކުޑަކުދިންނެއް ބައިވެރި ވިއެވެ.
“ޒައިދާންބެ ކީއްވެތަ ޔަޒަންއަށް ތޭރަ އަހަރު އެހާ ކުލަގަދަކޮން ތި ފާހަގަ ކުރަނީ؟” އާޔަތު ޒައިދާން ގާތު އަހާލި އެވެ.
“އާޔާ… ޒައިދާންބޭގެ އެންމެ ބޮޑުދަރިފުޅު ޓީނޭޖަރަކަށް ވީމަ ދެން ޕާރޓީއެއް ބޭއްވުން މުހިންމުހެން ހީވީ… ހަމަ ހިތަށް އެރީ އެންމެން އެއްތަން ކޮށްލަން ވެސް ރަގަޅު ފުރުސަތެކޭ… އަޅެ ރަގަޅެއް ނޫންތަ… ކިހާ ދުވަހެއް ކޮށްފަ އެންމެން އެއްތަންވީ… ބަލާ، ޔާނުވެސް އެއައީނު،” ޒައިދާން އަހްޔާންއާއި ލުއި ތިބި ދިމާލަށް ބަލައިލާފައި ބުންޏެވެ. “އަބީއަށް ވެސް އާދެވުން ނަމަ އެއްކޮން ޕާޓީ ފުރިހަމަވީސް.”
“އަސްލުވެސް ޒައިދާންބޭ… ވަރަށް ދުވަސް ފަހުން އެންމެން މިހެން މިގޮތަށް މިފެނުނީ… އަބީބެ ނެތީމަ އެންމެން ވެސް އެވާހަކަ އެ ދައްކަނީ.” އާޔަތު ބުނެލި އެވެ.
ޕާޓީގެ ހުރިހާ ކަމެއް ނިކަން ފުރިހަމަ ކަމާއި އުފާވެރި ކަމާއެކު ދިޔަ އެވެ. އައިސް ތިބި މެހެމާނުން ދިއުމާއި އެކު އެންމެ ގާތް ގުރޫޕު މީހުން ޔަޒަންއާއި ކުޑަކުދިން އެއްކޮށްގެން އެކި ކަހަލަ ކުޅިވަރު ކުޅެން އުޅުނެވެ. އިރު އޮއްސުމާއި އެކު އަންހެން ވެރިން އެންމެ ތުއްތުކޮން ތިބި ކުދިން ގޮވައިގެން ގެޔާ ދިމާލަށް ދިޔަ އެވެ.
ފިރިހެން ވެރިން ތިބެގެން ޖެހިގެން އަންނަ ހުކުރު ވިލޭރޭ ބާބަކިއު ހަދަން ރާވަމުން ދިޔަ އެވެ.
“ޔާނުމެން ދިއުމުގެ ކުރިން ދަތުރެއް ވެސް ދާން ވާނެނު.” ޒައިދާން ބުންޏެވެ.
“އާން… ދާން ވާނެ… ބާބަކިއު ނިންމާފަ ދެން ހުކުރު ދުވަހު ދަތުރުވެސް ދާނީނު… މާދަމާ މިއުޅެނީ ލުއި ގޮވައިގެން ރިސޯޓަކަށް ދާންކަމަށް.” އަހްޔާން ބުންޏެވެ.
“އާން… އެނޖޯއި ކޮށްލާ… އަންނަ ވީކެންޑްގަވެސް އާޒަތު ވާނެ އަދި އަންނަން.” އާޒަތުއަށް ބަލައިލަމުން ޒައިދާން ބުނެލި އެވެ. “ޒީނާ މެންވެސް ގެންނަން ވާނެ.” މޫސައާއި ދިމާއަށް ޒައިދާން ބުނެލި އެވެ.
“އަސްލު އަބީ ނެތީމަ ނިކަން ވައި ދޯ.” ނޫރު ބުންޏެވެ. “އޭނަ ވަރަށް މިސްވޭ.”
“އާން… އޭނަ އައިނަމަ ދޯ.” ޒައިދާން ވެސް ބުނެލި އެވެ.
———————————————————————
ފަސް މަހުގެ ބަނޑާ އެކު ޖަންނަތު އިނީ ގޮނޑިއެއް ބަހައްޓައިގެން ހިރުދު ގަސް ދޮށުގައި އިށީދެގެންނެވެ. ހިދާޔާއާއި ލުއި ޖޯލި އުނދޯލީގައި ތިއްބެވެ. ޔާނާއާއި ޔަޒީދު ކުޅެން އަތިރިމަތީ އުޅެ އެވެ. އެރޭ ބާބަކިއު ހަދަން ތަކެތި ގަންނަން ވެގެން ޒައިދާންއާއި އަހްޔާން ވީ މާލެ ގޮހެވެ. ހަވީރު އަންނަން ދިޔަ މީހުން މިހާރު އަންނަން އުޅޭނެކަން އިނގެ އެވެ. ޒައީމާ ސާރާގެ ދެކުދިން ގޮވައިގެން އެދިމާލަށް އަންނަތަން ފެނުނެވެ. ޔަޒަން ވެސް އެމީހުން ފަހަތުން އާދެ އެވެ. ޒައީމާ ކައިރިއަށް ޔަޒަން މިއަދު ދިޔައީ ޒައީމާ މާމީރު އެއްޗެއް ކެއްކި ވާހަކަ ބުނުމުން އެ ރަހަބަލާށޭ ކިޔާފަ އެވެ.
“ކޮބާ ބާބަކިއު ހަދާ ގުރޫޕު؟” ޒައީމާ އައިސް އެހި އެވެ. ޔަޒަން އާއި ދެންތިބި ދެކުދިން ދުވެލާފައި ކޮއްކޮމެން ގާތަށް ދިޔަ އެވެ.
“އަދި ނާދޭނު… ދޮންތަމެން އައިސް އެބަ އުޅޭދޯ. އާޒަތު ބުނީ ޒައިދާން މެނާ އެކުޔޭ އޭނަ އަންނާނީ.” ޖަންނަތު ބުންޏެވެ.
“އެހެންތަ…” ޒައީމާ އެތަނުން އުނދޯއްޔެއްގައި އިށީންނަމުން އެހި އެވެ. “މިދިމާލުގަތަ އަލިފާންގަނޑު ޖަހާނީ؟” ޒައީމާ އެދިމާ އަތިރިމައްޗަށް އިޝާރާތް ކޮށްލަމުން އެހި އެވެ.
“އޭރުންނެއްނު ރަގަޅުވާނީ… މިދިމާ މިދުވަސްކޮޅަށް ރަގަޅު ވާނީ.” ވައިޖެހޭ ކޮޅެއް ބަލައިލަމުން ހިދާޔާ ބުންޏެވެ. “އަނެއްކާ ޖަންނައަށް ވެސް ދުރަށް ހިނގުމަށް ވުރެން ލުއިވާނެނު މިދަމާލުގަ ހެދިއްޔާ.”
“ނޫރުއާ މުޒޭއާ އުޅުން ކޮން ދިމާލެއްހޯ ކިޔަ ކިޔާފަ.” ޒައީމާ ބުންޏެވެ. އެމީހުން އެވާހަކައިގައި ތިއްބާ މުރަކަ ގެއިން ވިދޫޝިކާ ނުކުމެގެން އަންނަ ތަން ފެނުނެވެ.
“މެޑަމް… މެޑަމް ފޯނު.” ހަދާން ނެތި ގޭގައި ބާއްވާފައި އައި ޖަންނަތުގެ ފޯނު ވިދޫޝިކާ އައީ ހިފައިގެނެވެ. “ކޮންމެސް މީހެއް ބައިވަރު ގުޅަނީ.” ފޯނު ދެމުން ވިދޫޝިކާ ބުންޏެވެ.
ޖަންނަތު ފޯނުގައި ހިފާ ބަލައިލި އެވެ. ޖަންނަތުއަށް ގުޅާފައި ވަނީ އަހްޔާން އެވެ. ޖަންނަތު ހައިރާން ވެފައި އަހްޔާންއަށް ގުޅަން އުޅެނިކޮން ނޫރުއާއި މުޒައްފަރު ނިކަން ބާރަށް އެދިމާއަށް އަންނަތަން ފެނުނެވެ. ދެމީހުން އައީ ދުވެފައި ކަހަލަ ގޮތަކަށެވެ.
“ޖަންނާ…” ހާސްވެފައި ހުރެ ނޫރު ގޮވާލި އެވެ. “ޒައިދާން.. މީ ޒައިދާން..” ނޫރުއުޅެނީ ލިބުނު ޚަބަރުގެ ގޮތުން އވާހަކަ ނުދެއްކި ގެނެވެ.
“ކިހިނެއް ވީތަ؟” ޒައީމާ އުނދޯލިން ތެދުވަމުން އެހި އެވެ. ހިދާޔާވެސް އުނދޯލިން ތެދުވީ މުޒައްފަރުވެސް ހާސްވެފައި ހުރުމުން ކޮންމެސް ބޮޑު ކަމެއް ވީހެން ހީވާތީ އެވެ.
“ޔާނު ގުޅާފަ ބުނީ…. ޒައިދާން އެކްސިޑެންޓް ވެގެން ހޮސްޕިޓަލަށް ގެންދިޔަވާހަކަ، ނޭގެ ކިހާވަރެއްގެ އެކްސިޑެންޓެއް ކަމެއް.” މުޒައްފަރު ބުންޏެވެ.
“ކީކޭ؟ … ޒައިދާން އެކްސިޑެންޓް ވީޔޭ؟” ހާސް ވެފައި ޖަންނަތު ތެދުވިއެވެ. ލުއީ ވެސް ޖޯލިން ތެދުވީ ޒައިދާން އެކްސިޑެންޓްވީ ވާހަކަ ބުނުމުންނެވެ.
ނޫރުއާއި މުޒައްފަރު އެކަކު އަނެކަކަށް ބަލައިލި އެވެ. ހާސްވެފައި ތިބި ގޮތުން ވީކީ ކުޑަ އެކްސިޑެންޓެއް ނޫންކަން އެންމެން ވެސް ދެނެގެންފި އެވެ.
“މާ ބޮޑު ވަރެއް ނުވޭދޯ… އިރާދަކުރެއްވިއްޔާ ބޮޑު އެކްސިޑެންޓެއް ނޫންކަންނޭގެ.” ތެޅި ތެޅި އޮތް ހިތަކާއި އެކު ހިދާޔާ ބުންޏެވެ.
“ޒައިދާން… ހޮސްޕިޓަލަށް ގެންގޮސްގެން އުޅެނީ… ޔާން ބުނީ އެންމެން މާލެ ދިއުން ރަގަޅޯ” ނޫރު އެހެން ބުނި ވަގުތު އެންމެންގެ ހިތަށް ހީވީ ތޫނު އެއްޗެއް ހެރުނު ހެނެވެ. އެންމެނަށް ވެސް އެއްފަހަރާ ބަލައިލެވުނީ ޖަންނަތުއާއި ދިމާއަށެވެ. ޖަންނަތުއަށް ހުއްޓުން އަރާފައި އިރުކޮޅަކު ހުރެވުނީ އެވެ.
“ކުޑަ އެކްސިޑެންޓެއް ނޫންދޯ؟ ސީރިއަސްތަ؟” ޖަންނަތުއަށް ބުނެވުނެވެ. މުޒައްފަރާއި ނޫރުއަށް އެ ސުވާލަށް ޖަވާބު ދޭކަށް ނޭގުނެވެ. އެމީހުނަށް އަހްޔާން ގުޅާފައި ބުނީ ނުރައްކާތެރި އެކްސިޑެންޓެއް ވީ ވާހަކަ އެވެ. އެންމެން ގޮވައިގެން މާލެ އައުމަށެވެ. ކިހާ ވަރެއްގެ އެކްސިޑެންޓެއް ކަމެއް ވެސް ނޫރުމެނަކަށް ވެސް އެގަޑީގައި ނޭގެ އެވެ.
“ހީވަނީ ކުޑަ އެކްސިޑެންޓެއް ނޫންހެން… ޔާން ހާސްވެފަ ހުރިވަރުން ހީވަނީ ސީރިއަސް ހެން.” މުޒައްފަރު ބުންޏެވެ.
“ސީރިއަސް ވިއަސް ޒައިދާންއަށް ބޮޑު ކަމެއް ނުވާނެ…” ޒައީމާ ޖަންނަތުއަށް ބަލައިލަމުން އެހެން މީހުނަށް އިޝާރާތް ކޮށްލި އެވެ. “ހިނގާ އަވަހަށް ރެޑީވެލަން މާލެދާން… އިރާދަކުރެއްވިއްޔާ ދެރަ ގޮތެއް ނުވާނެ.” ޒައީމާ ހަމަ ޖެހޭގޮތް ދައްކަމުން ޖަންނަތުއާއި ދިމާއަށް ބުންޏެވެ. ހިދާޔާވެސް އަވަހަށް ޖަންނަތުއަށް ހިތްވަރު ދެމުން މުޒައްފަރުމެން ގާތު އިތުރަށް ޖަންނަތު ހުއްޓާ އެވާހަކަ ނުދެއްކުމަށް ސިއްރުން އެދުނެވެ.
ނިކަން އަވަހަށް ތައްޔާރު ވެގެން އެންމެނަށް މާލެ ދެވުން އިރު ރޭގަނޑުވެއްޖެ އެވެ. ދިޔަ ގޮތަށް އެންމެން ވެސް ދިޔައީ ހޮސްޕިޓަލަށެވެ.
ހޮސްޕިޓަލަށް ދެވުމުން ލިބުނީ ވަރަށް ވެސް ހިތާމަވެރި ހަބަރެކެވެ. ކުޑަ މިނިޓުކޮޅެއް ކުރިން ޒައިދާން ދުނިޔެ ދޫކުރި ހަބަރެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


