ޤުރުބާން ވުމީ މިހިތުގެ އުފާ 39 ވަނަ ބައި
ޖަލްސާނިމުމުން ބައެއް މީހުން ތަނުން ދާން ފެށި އެވެ. އެވަގުތު އާޔަތުވެސް ދިއުމަށް ނިކުންނަނީ އެވެ. އަބްޔާން ވެސް އާޔަތު ފަހަތުން ހިގައި ގަތެވެ. ދޮރުން ވަދެގެން އައި މީހާއަށް ބޭރަށް ނުކުނަން ދިޔަ އާޔަތު ނުފެނުމުން ގޮސް ލައިގަނެވުނީ އާޔަތު ގައިގަ އެވެ. އާޔަތު އެމީހާ ގައިގައި ޖެހިފައި ވެއްޓެން ދިޔަ އެވެ. އެވަގުތު އެމީހާ ވެސް އަދި އަބްޔާން ވެސް އާޔަތާއި ދިމާއަށް އަތް ދިއްކޮށްލީ އާޔަތު ހިފެހެއްޓުމަށެވެ.
އަބްޔާން ހިފެހެއްޓުމުގެ ކުރިން އާޔަތު ގައިގައި އެމީހާ ހިފެހެއްޓި އެވެ. އަދި އާޔަތު ކޮޅަށް ނަގާ ބަހައްޓަމުން އާޔަތުއާއި ދިމާއަށް އެމީހާ ފުންކޮން ބަލައިލި އެވެ.
“ސޮރީ.” އާޔަތު ލަދުން ހުރެ ބުނެލި އެވެ. އެމީހާ އާޔަތުއަށް ބަލައިލާފައި ހިނިތުން ވެލި އެވެ. އަބްޔާން ފާޑަކަށް އެދެމީހުނަށް ބަލައިލި އެވެ.
“މިމްރާޙް،” ފަހަތުގައި ހުރިހާ ކަމެއް ބަލަން ހުރި ނަސީރު ގޮވާލި އެވެ. “ކޮބާ ޗުއްޓީ ހަމަވީތަ؟” ނަސީރު އަހާލި އެވެ. މިމްރާޙް އަކީ އަބްޔާންއަށް ވުރެން ހަގު މީހަކަސް އިސްކޮޅުން އަބްޔާންއާއި ދާދި އެއް ވަރެވެ. އަބްޔާންގެ ހުންނަ ކަހަލަ ކަސްރަތީ ހަށިގަނޑެއް ނެތެއްކަމަކު އެއީވެސް ހެދިފައިވާ ފިރިހެން ވަންތަ ސިފަތަކެއް ލިބިފައިވާ މީހެކެވެ. އިސްތަށިގަނޑު ދިގުކޮށްލާފައި ހުއްޓެއް ކަމަކު ޖަހަނީ ސާދާ ވައްތަރެކެވެ. ތުނިކޮން ކޮށާލެވިފައިވާ ތުބުޅި އެކެވެ. ޖާޒުބީ ކުޑަކުޑަ ދެލޯ ލިބިފައިވާ އިރު މޫނުގެ ބައްޓަން ދިގެވެ.
“ލައްބަ، އަޅުގަނޑު ދެންމެ މިއައީ… ލެފިތަނުން ޖަލްސާއެއް އޮތްވާހަކަ އަޑު އިވުމުން ދުން ޖަހާފަ މިދިމާލަށް މިއައީ.” މިމްރާޙް ޖީބަށް އަތް ޖަހާލަމުން ބުންޏެވެ. އޭނާގެ ވާހަކަ ދެއްކުމުގައި ވެސް ސަކަ މިޒާޖެއް ހުއްޓެވެ.
“އެހެންތަ… ހާދަ ރަގަޅޭ… އެކަމަކު ޖަލްސާ ނިމުނު ފަހުން ތި ލައްވާލީ.” ނަސީރު އައިސް އަބްޔާން ކައިރީ ހުއްޓިލަމުން ބުންޏެވެ. “އެހެން ވިޔަސް ދެން ކޮންމެހެން ޖަލްސާ ބޭއްވީ އާޔަތު ތަޢާރަފު ކޮށްދޭން ވެގެން.” ނަސީރު އާޔަތުއާއި ދިމާލަށް އިޝާރާތް ކޮށްލި އެވެ. “އާޔާ، މީ މިތާނގެ އެސިސްޓެންޓް ސުޕަރވައިޒަރ މިމްރާޙް… މިމްރާޙް މީ އާޔަތު… އަހަރުމެންގެ ބިޒްނަސް ޕާރޓްނަރ.”
މިމްރާޙް ހައިރާން ވީ ނަމަވެސް ސަލާންކޮށްލަން އަތް ދިއްކޮށްލި އެވެ. އާޔަތު ލަދުން ހުރެ ސަލާންކޮށްލި އެވެ.
“އާޔާ މަސައްކަތަށް ނުކުންނާނީ އަދި ދުވަސް ކޮޅެއް ފަހުން.” ނަސީރު އިތުރަށް ބުންޏެވެ. މިމްރާޙް ބޯ ޖަހާލިއެވެ. އަދި ހަމ އެ ހިނދުކޮޅުތެރޭ އާޔަތުގެ ފައިން ފެށިގެން ބޮލާއި ހަމައަށް ރަގަޅަށް ބަލައިލި އެވެ. މިމްރާޙްގެ ހުރިހާ ހަރަކާތެއް ބަލަން އަބްޔާން ހުއްޓެވެ. މިމްރާޙް އާޔަތުއާއި ގަޔާވެއްޖެކަން އަބްޔާންއަށް ދެނެގަނެވުނެވެ. ނަމަވެސް އެއްވެސް އެއްޗެއް ނުބުނެ އަބްޔާން ހުއްޓެވެ.
“ނަސީރުބޭ، އަޅުގަނޑު ގެއަށް ގޮސްލަނީ… ވަރަށް ވަރުބަލި ވެއްޖެ.” އާޔަތު ބޭނުންވީ އަވަހަށް އެތަނުން ދާށެވެ. އަބްޔާންގެ ބަސްމަދު ކަމާއި މަޑުމައިތިރިކަމުން އާޔަތުއަށް އުނދަގޫވީ އެވެ. އެހެންޏާ އާޔަތުއަށް ކޮންމެސް ޖެއްސުމެއް ކުރާ އަބްޔާން މިއަދު އެހެރީ އަނގައިގައި ޒިބު އަޅުވައިގެނެވެ. އެއީ ހަމަ އާޔަތުއާއި ހެދި އަބްޔާންއަށް އައިސްފައިވާ ބަދަލެކެވެ. ނަމަވެސް އާޔަތު ކުޑަކޮންވެސް ދެރައެއް ނުވެ އެވެ. އޭނާގެ ހިތުގެ ހާލަތު ބުނެވުމުން އާޔަތު ހުރީ ވަރަށް ހިތްހަމަ ޖެހިފަ އެވެ. އޭގެ ޖަވާބު ކިތަންމެ ހިތިވިޔަސް އާޔަތުއަށް ފަރުވާލެއް ނެތެވެ. މިހާރު ކޮންމެ ގޮތެއް ވިޔަސް އަބްޔާންއަށް އާޔަތުގެ ހިތުގެ ހާލަތު އިނގޭނެ އެވެ.
އާޔަތުގެ ފަހަތުން ނަސީރުވެސް ނުކުތެވެ. އެމީހުން ދިޔަތަން ބަލަން ހުރެފައި އަބްޔާން އައިސް މިމްރާޙް ކައިރީ ހުއްޓުނެވެ.
“މިއްމީ،” އަބްޔާން ނިއްއަރުވާލަމުން އާޔަތުމެން ދިޔަ ދިމާއަށް އިޝާރާތް ކޮށްލިއެވެ. “ކިހިނެއްވަނީ؟” މިމްރާޙްގެ ހިތް އޮތްގޮތެއް ބަލާލާން އަބްޔާން ބޭނުންްވިއެވެ.
“ކަމުދާ ކަހަލަ ސިފަތަކެއް އެބަހުރި،” މިމްރާހް ހިނިގަޑެއް ޖަހާލަމުން ބުންޏެވެ. “އަހަރެން މީ ފުރަތަމަ ނަޒަރުން ލޯބިވާ ކަހަލަ މީހެއް ނޫން… އެކަމަކު އަބީ، ބުނަންތަ ތެދުވާހަކަ އެއް..” މިމްރާޙް އަބްޔާންގެ ކޮނޑަށް އަތްވައްޓާލަމުން ބުނެލި އެވެ. “އެހެން ކުދިންނާ ތަފާތު ގޮތެއް އެކުއްޖާގެ އެބަހުރި… އަބްޔާންއަށް ފާހަގައެއް ނުކުރެވޭތަ؟” މިމްރާހް އަބްޔާންއަށް ބަލައިލަމުން ބުނެލި އެވެ. އަބްޔާން ކޮނޑުއަރުވާލިއެވެ. މިމްރާޙް ފުންނޭވާއެއް ލަމުން އަބްޔާންގެ ކޮނޑުން އަތް ނެގި އެވެ. “ލެޓްސް ސީ..” މިމްރާހް އެންމެފަހުން ބުނެލިއެވެ.
މިމްރާހުއަކީ އެއަތޮޅުގެ އެހެން ރަށަކަށް ނިސްބަތްވާ މީހެކެވެ. ފެކްޓްރީގެ ވަޒީފާގައި އުޅޭތާ މިހާރު ދެއަހަރު ވަނީ އެވެ. މަސައްކަތަށް ހީވާގި ނިކަން އެކުވެރި މީހެކެވެ. އެންމެނާވެސް ގުޅޭ ސަކަ މިޒާޖެއްގެ ވެރި އެކެވެ. މިމްރާޙް އައި ފަހުން އަބްޔާންއަށް ވެސް ގިނަ ކަންތައް ތަކުގައި އެހީވާތީ އަބްޔާންގެ ހިތުގައި ވެސް މިމްރާހަށް ވަނީ ހާއްސަ ގަދަރެއް ދެވިފަ އެވެ.
ހެދުނު ހެދުނާ އަބްޔާން ރަށަށް ދިއުމަށް ފުރަން އުޅުނެވެ. ނަސީރު ކިޔައި ގަނެގެން އެންމެ ފަހުން އާޔަތު ގޮވައިގެން ދާން މަޑުކުރީ އެވެ. އާޔަތުއާއި އަބްޔާން އެއް ލޯންޗެއްގައި ދަތުރު ކުރި ނަމަވެސް މިހާރު އެދެމީހުން ވަނީ ދެ ބީރައްޓޭހިންނަށް ވެފަ އެވެ. އެކަކުވެސް އަނެކަކާ އަނގައިން ބުނާކަށް ގަސްތެއް ނުކުރެ އެވެ.
ރަށަށް އައުމަށް ފަހު ދުވަސްކޮޅެއް ވީ އިރުވެސް ދެމީހުންގެ ބީރައްޓެހި ކަމަކަށް ބަދަލެއް ނާދެ އެވެ. ނޫރުއަށް އެކަން ފާހަގަ ވެގެން އަބްޔާންއާއި ދިމާކުރަން ފެށި އެވެ. އެކަމާ އަބްޔާން ގާތަށް ހައްތަހާ އައީ ރުޅި އެވެ. އެހެންވެ ނޫރުއަށް އިތުރަށް އެއްޗެއް ބުނާކަށް ނުކެރުނެވެ.
ދުވަސްތައް އެގޮތުގައި ދިޔަ އިރު ބައެއް ފަހަރު އެންމެން ދަތުރު ރާވައިގެން ދާ އިރުވެސް އަބްޔާން އާޔަތު މާގިނައިން ވާހަކަ ދައްކާ ނަހަދަ އެވެ. އާޔަތު އަބްޔާންއާއި ކައިރި ވެވޭތޯ މަސައްކަތް ކުރިއަސް އަބްޔާން ބަލަނީ އާޔަތުއާއި ވީހާ ވެސް ދުރުން އުޅެވޭތޯ އެވެ. އަދި އާޔަތު ކައިރީ ކޮންމެހެން ބުނަން ޖެހޭ އެއްޗެއް ނޫނިއްޔާ އަބްޔާން ނުވެސް ބުނެ އެވެ.
އެންމެ ފަހުން އާޔަތުއާއި އާޒަތުގެ ޗުއްޓީ ހަމަވެ ފުރާ ދުވަސް ގާތްވި އިރުވެސް އަބްޔާންއާއި އާޔަތުގެ ގުޅުން އޮތީ އެހާތަނަށް ހުއްޓިފަ އެވެ. ނަމަވެސް އާޔަތުގެ ފޭސްބުކް އެކުވެރިންގެ ލިސްޓަށް އާ އެކުވެރިއަކު އިތުރުވި އެވެ. އެއީ މިމްރާޙް އެވެ.
ޖަންނަތުއާއި ޒައިދާން ސިންގަޕޫރުގައި ލޯބީގެ އުފާވެރި ދުވަސްކޮޅެއް ހޭދަކުރި އެވެ. އަހްޔާންގެ ދެމަފިރިންނާއި އާލިޔާއާއި އެކުވެސް ދެތިން ދުވަހަކު އެމީހުން ހޭދަކުރި އެވެ. ނަމަވެސް ގިނަ ދުވަސްތައް ދިޔައީ ދެމަފިރިންގެ އެކަނި ދުވަސް ތަކެއްގެ ގޮތުގަ އެވެ. ލޯބީގެ ދުވަސް ތަކެއްގެ ގޮތުގަ އެވެ. އެކިތަންތަން ބަލަން ގޮސް ދެމީހުނަށް އެކަކު އަނެކަކު އިތުރަށް ދަސްވެ ދެމީހުންގެ މެދުގައިވާ ހުރިހާ ބީރައްޓެހިކަން ފިލާ ހިގައްޖެ އެވެ. އަނބުރާ އޮސްޓްރޭލިޔާއަށް ދިޔައިރު ފެންނަ މީހުނަށް ހީވަނީ އެތަކެއް ދުވަހު ލޯބީގެ ގޮތުން ގުޅިފައިވާ ޖޯޑެއް ހެނެވެ. އެންމެންގެ ކުރިމަތީގައި ނިކަން ލޯބިން ދެމީހުންް އުޅެއެވެ. ޖަންނަތު ވެސް ބަލަމުން ދިޔައީ ޒައިދާންއާއި އެކު އުޅެވޭތޯއެވެ. އޭނާގެ ހިތުގައިވާ އެއްޗެއް މީހަކަށް ނާނގައެވެ. ކިތަންމެ ހަދާން ވިޔަސް އެވާހަކަތަައް ނުދައްކައެވެ. އެކަކާވެސް ނުދައްކައެވެ. އޭނަ ހަދާން ނެތުނީއެއް ނޫނެވެ. ދެރަނުވަނީއެއްވެސް ނޫނެވެ. ކެތްތެރި ކަމާއެކު ޒައިދާންގެ އަނބެއްގެ ރޯލު އަދާކުރެވޭތޯ މަސައްކަތް ކުރަމުންް އޭނަ ދިޔައެވެ.
ޖަންނަތު އިންތިޒާރު ކުރަމުން ދިޔައީ ޒައިދާން އެއަރޕޯރޓުން ހުރިހާ ކުދިން ގޮވައިގެން އަންނާނެ އިރަކަށެވެ. ޖަންނަތު ހުރީ ގޭގައި ކުޑަ ޕާރޓީއެއް ތައްޔާރުކޮށްލައިގެނެވެ. ޔަޒަން އުފާކޮށްލަން ކޭކެއް ވެސް ޖަންނަތު ވަނީ އަޅާފަ އެވެ. ކޭޓަރިން ކޯސް ހެދިފަހުން އެކަހަލަ ކުޑަ ޕާރޓީއެއް ބާއްވާކަށް ޖަންނަތުއަށް އުނދަގުލެއް ނޫނެވެ.
ކާރުގެ އަޑު އިވުމާއި އެކު ޖަންނަތު އަވަހަށް ދޮރާދިމާއަށް ދުއްވައި ގަތެވެ. އެވަގުތު ކާރު އައިސް ގޭޓުން ވަންނަނީ އެވެ. ކާރު ހުއްޓާލުމާއި އެކު ކުރީ ސީޓުން ޔަޒަން ފުންމާލައިގެން ޖަންނަތުއާއި ދިމާލަށް ދުއްވައި ގަތެވެ. ޔަޒަން ހިނިތުން ވެލައިގެން އައި އިރު މެދުގެ އެއްދަތް ނެތްކަން ޖަންނަތުއަށް ފާހަގަ ކުރެވުނެވެ.
“މަންމާ،” ޔަޒަން އައިސް ޖަންނަތު ގައިގައި އޮޅުލައިގަންނަމުން ބުންޏެވެ. ޖަންނަތުއަށް ބުނަންވެސް ނޭނގޭ އިހުސާސްއެއް ވެގެން ދިޔަ އެވެ. އެއީ މައިވަންތަ ކަމުގެ އިހުސާސް އެވެ. ހަމަ އަޑުން ޔަޒަން މަންމަ ކީއަޑު ފޯނުން އިވުނު އަޑަށް ވުރެން އެތައް ހާސް ބައެއް ތަފާތެވެ. ޖަންނަތު ޔަޒަންގެ ކޮލަށް ބޮސް ދިނެވެ. މައިވަންތަ ކަމުގެ ލޯބި ހިތުތެރޭ އުތުރި ގަތެވެ.
“ދަރިފުޅާ،” ދެއަތުން ޔަޒަންގެ މޫނުގައި ހިފަހައްޓާލައިގެން ޔަޒަންގެ މޫނަށް ބަލަން ޖަންނަތު ހެވިފައި ހުއްޓެވެ. “މިހާރު އެއް ދަތް ވެސް ނެތެއްނު.”
“ބޯޅަ ކުޅެނިކޮން އަބީބެ ޖެހި ބޯޅައަކުން ދަތް ވެއްޓުނީ.” ޔަޒަން ހީލަމުން ބުންޏެވެ. އަބީގެ ނަން އަޑު އިވުމުން ޖަންނަތުގެ ހިތުގެ ނާރުތަކަށް ބާރުވެލައިގެން ދިޔައެވެ. ނަމަވެސް އެކަން ހާމަ ނުކުރަން ވެގެން ޖަންނަތު ޔަޒަންގެ ކޮލުގައި ހިފާލި އެވެ. ޔަޒަންގެ ހަންގަނޑުވެސް ވަނީ ކޮންމެވެސް ވަރަކަށް އަނދާފަ އެވެ. އެކަން ވެސް ޖަންނަތުއަށް ފާހަގަ ކުރެވިގެން އެކަމާވެސް ސުވާލު ކުރި އެވެ. “އެހެންނު ވާނީ… ކޮންމެ ދުވަހަކު ބޯޅަ ކުޅެ ނިމިގެން އަބީބެއާ އެއްކޮން މޫދަށްވެސް ދާން ޖެހޭ ވިއްޔަ.” ޔަޒަން ހެވިފައި ބުންޏެވެ.
“އަބީބެއާ އެއްކޮންތަ އަބަދު އުޅެނީ؟” ޖަންނަތުއަށް ނުހުރެވިގެން އަހާލިއެވެ. އެވަގުތު އެހެން އެންމެން ވެސް ފޮށިތަކާ އެއްޗިހި ހިފައިގެން އައިސް ގެއަށް ވަންނަނީ އެވެ.
“އާން މަންމާ… އަބީބެ ވަރަށް މަޖަލޭ… މަންމައަށް އިނގޭތަ…” ޔަޒަން އަނގަ ހުއްޓާ ނުލާ ވާހަކަ ދައްކަމުން ދިޔަ އެވެ. އޭނާގެ ކޮންމެ ވާހަކައެއްގައި އަބީ އުޅެއެވެ. ޖަންނަތު ގަޔާވެގެން ޔަޒަންގެ ހުރިހާ ވާހަކަތަކެއް އަޑުއަހަމުން ދިޔަ އެވެ.
ޔަޒަންއަށް ތައްޔާރުކޮށްފައިވާ ޕާރޓީ ފެނުމުން އިތުރަށް އުފާވި އެވެ. އަދި ނިކަން ހެވިފައި އައިސް ކޭކުފަޅަން އުޅުނެވެ.
އާޔަތުގެ މޫނުމަތިން ޖަންނަތުއަށް ފެނުނީ ނުތަނަވަސް ކަމެވެ. މާޔޫސް ކަމެވެ.
“އާޔާއަށް ކިހިނެއް ވެފަ އެހެރީ؟” އާޔަތުގެ މޫނު މިލާފައި ވުމުން އާޒަތު ގާތު ޖަންނަތު އެހި އެވެ.
“ނޭނގެ މަށަކަށް… އެ ފެކްޓްރީއަށް ގޮއްސައައި ފަހުން ވެފަހުންނަ ގޮތެއް އެއީ… އަހާއަހާ ވެސް ނުއެއް ބުނި.” އާޒަތު ބުންޏެވެ. “އުޅޭ ފެންކިޔަވާފަ އަޅަމާ… ފަހަރެއްގާ ޖިންނިއެއް އަވަލެވީ ކަމަށްވެސް ވެދާނެ.” އާޒަތު ލާނެތް ރަގަކަށް ބުންޏެވެ. އެވަގުތު ޖަންނަތުގެ ހިތް ބިރުން ތެޅިގަތެވެ. އަދި ހަމަ ތެދެއްހޭ އަހާލެވުނެވެ. އާޒަތު ކައިރިއަށް ހިނިއައެވެ.
ޖަންނަތު އަވަހަށް އާޔަތު ކައިރިއަށް ދިޔަ އެވެ. އާޔަތު އޭރު ފޮށި ހިފައިގެން ގޮސް އޭނަގެ ކޮޓާރިއަށް ވަންނަނީ އެވެ.
“އާޔާ… ކިހިނެއްވެފަ ތިހިރީ…” އާޔަތުއަށް ބަލައިލަމުން ޖަންނަތު އެހި އެވެ. އާޔަތު އެއްޗެއް ނުބުނެ ކޮޓަރިއަށް ވަނީ އެވެ. އަދި ޖަންނަތު ކޮޓަރިއަށް ވަދެވަދެ ހުއްޓާ ޖަންނަތު މޫނުމައްޗަށް ދޮރުވެސް ލެއްޕި އެވެ. އެއީ އާޔަތު މީގެ ކުރިން ދުވަހަކުވެސް އުޅުން ގޮތެއް ނޫނެވެ. ޖަންނަތު ހައިރާންވެފައި އެހުރިގޮތަށް ހުއްޓެވެ. އަނެއްކާ އާޒަތު އެބުނީ ތެދެއްބާ އެވެ. އަހަރުމެންގެ އާޔާއަށް ޖިންނި ކަމެއް ޖެހުނީ ބާއެވެ. ޖަންނަތުގެ މުޅި ގައިން ހީބިހި ނަގައިގެން ދިޔަ އެވެ.
ދެތިން ދުވަސް ވީ އިރުވެސް އާޔަތުގެ އުޅުމަކަށް މާބޮޑު ބަދަލެއް ނާދެ އެވެ. އެހެން ކަމުން ޖަންނަތު ބޭނުންވީ ނަފްސާނީ މީހަކަށް އާޔަތު ދައްކާށެވެ. ޒައިދާން ގާތު ޖަންނަތު އެވާހަކަ ދެއްކި އިރު އާޔަތު ހުރީ އަޑުއަހާށެވެ.
“އާޔާ،” ޔަޒަން އާއި އެކު މޭޒުކައިރީ ފިލާވަޅު ހަދަން އިން އާޔަތުއަށް ޖަންނަތު ގޮވާލި އެވެ. އަދި ހިފައިގެން ހުރި ޖޫސް ތަބަށް މޭޒުމަތީ ބަހައްޓާލި އެވެ. “މިއަދު ހަވީރު ތައްޔާރުވައްޗޭ… އާޔާ ގޮވައިގެން ތާކަށް ދާން ވެގެން.” އާޔަތުއަށް ޖޫސް ތައްޓެއް ދެމުން ޖަންނަތު ބުންޏެވެ.
“ތުއްތާ… އަހަރެން ބޭނުމެއްނޫން ދާކަށް…” އާޔަތު ޖޫސްތަށި މޭޒުމަތީ ބަހައްޓާމުން ބުންޏެވެ. “ތުއްތާ އަހަރެން ބއްޔެއް ނޫނޭ… ސައިކޯ ކަމެއްވެސް ނުޖެހޭ… އަހަރެން ތުއްތަ ކައިރީ މިވާހަކަ ކިޔައިދޭންވެސް ބޭނުން… އެކަމަކު ކިޔައިދޭކަށް އަހަންނަކަށް ނުވެސް ކެރޭނެ.” އާޔަތު އިސްޖަހާލި އެވެ.
“ކިޔައިދޭން ނުކުރެންޏާ ލިޔަން ކެރޭނެނު… ގަނޑެއްގަ ލިޔެފަ މިތާ ބާއްވަބަލަ.” ޖަންނަތު ހިނިތުން ވެލަމުން ބުންޏެވެ. އާޔަތު ޖަންނަތުއަށް ބަލައިލި އެވެ. އަދި ދެހިޔާލެއްގައި އިނދެފައި އޭނަ ގެންގުޅޭ ނޯޓު ފޮތް ނެގީ ޖަންނަތުއަށް ހުރިހާ ވާހަކައެއް ލިޔުމަކުން ކިޔައިދޭން ހިތުލައިގެނެވެ.
“އާޔާ… މިޔޯ؟” އެވަގުތު މޭޒުމަތީ އޮތް އާޔަތުގެ ފޯނަށް ވައިބަރ މެސެޖެއް އައި ވަގުތު ފޯނު ދިއްލުން އިރު ސްކްރީންއަށް އަރާފައި އިން ފޮޓޯ ދައްކާލަމުން ޖަންނަތު އެހި އެވެ. އާޔަތު ލޯ ބޮޑުކޮށްލާފައި ޖަންނަތުއަށް ބަލައިލި އެވެ. އަދި ކުއްލިއަކަށް ފޯނު ނަގައިގެން ދުވެފައި ގޮސް ކޮޓަރިއަށް ވަނެވެ. ޖަންނަތުއަށް އާޔަތުގެ ހަރަކާތް ފެނި ހައިރާންވެފައި ހުއްޓެވެ.
“އާޔާއާ… އަބީއާ… އަނެއްކާ…؟” ޖަންނަތު ސުވާލު އުފެދިފައި ހުރެ މޭގައި އަތްޖައްސާލެވުނެވެ. އެއްފަހަރާ އެތައް ހިޔާލުތަކެއް ޖަންނަތުގެ ހިތަށް އަރަމުން ދިޔައެވެ. ހިތަށް ރިހުމެއް އަންނަހެން ވެސް ހީވިއެވެ. “އެކަހަލަ ގުޅުމެއް އަބީ އާޔާއާ ބާއްވަ ފާނެބާ؟… އަނެއްކާ ކުރީގެ އުޅުމަށް އަބީ ބަދަލުވީބާ؟… އާޔާ އެކަމު…”
“އޭ ލަވް،” ޒައިދާން އައިސް ޖަންނަތު ފުރަގަހަތުން ހުއްޓިލަމުން ގޮވާލި އެވެ. “ކިހިނެއް ވެފަ ތިހިރީ؟”
“ޒައިދާން،” ޖަންނަތުގެ އަނގައިން އެވާހަކަތައް ބޭރުވާން އުޅުނެވެ. ނަމަވެސް ޖަންނަތު ފަސް ޖެހުނެވެ. “އަން، ޖޫސް ތައްޓެއް ބޯލާ.” ޒައިދާން ފާޑަކަށް ޖަންނަތުއަށް ބަލައިލާފައި ޖޫސް ތަށީގައި ހިފި އެވެ.
އޭގެ ހަފްތާއެއް ފަހުން އާޔަތުގެ ކުރިން ހުރި މާޔޫސްކަން ފިލާފައިވާހެން ޖަންނަތުއަށް ފާހަގަ ކުރެވުނެވެ. އެހެން ކަމުން އާޔަތުއާއި ވާހަކަ ދައްކާލަން ޖަންނަތު ގޮސް އާޔަތު ކޮޓަރިއަށް ވަނެވެ. އޭރު އާޔަތު އިނީ ދެފައި ވައްކޮށްލައިގެން އެނދުގައި އިށީދެގެންނެވެ. އުނގުގައި ލެޕްޓޮޕު ބައިންދައިގެން ކޮންމެވެސް އެއްޗެއް ހަދަނީ އެވެ. ޖަންނަތު ވަނުމުން އާޔަތު އަވަހަށް ލެޕްޓޮޕް ލައްޕާލަމުން ޖަންނަތުއަށް ބަލައިލި އެވެ. ޖަންނަތު އައިސް އެނދުގެ މަގަތުން އިށީނެވެ. އަދި ވަރަށް ރަގަޅަށް އާޔަތުއަށް ބަލައިލި އެވެ.
“އާޔާ… ތުއްތަ ކައިރީ އެއްވެސް ވާހަކައެއް ބުނަން ބޭނުންތަ؟ ބުނީމެއްނު ބުނަން ބޭނުންވާ ވާހަކައެއް އޮތް ވާހަކަ..”
“ތުއްތާ… އޭރު އަހަރެން ކަމަކާ ދެރަވެފަ ހުރީމަ އެހެން ބުނެވުނީ… ދެން މިހާރު އޯކޭވެއްޖެ. އަޅާނުލާ.” އާޔަތު އެއްގޮތަކަށް ވެސް ޖަންނަތު ގާތު އެވާހަކަ ބުނާކަށް ބޭނުމެއް ނޫނެވެ.”ނަތިން ޓު ވޮރީ.” އާޔަތު ހިނިތުން ވެލަމުން ބުންޏެވެ.
“އާރ ޔޫ ޝުއަރ؟” ޖަންނަތު އާޔަތުގެ ދަތްދޮޅީގައި އަތްޖައްސާލަމުން އެހި އެވެ. އާޔަތު ލޯމަރާލަމުން ބޯ ޖަހާލި އެވެ. “ފޯނުގަ އަބީގެ ފޮޓޯ؟” ޖަންނަތުގެ ޖުމްލަ ފުރިހަމަ ނުވަނީސްް އާޔަތު ވާހަކަ ދައްކަންް ފެށިއެވެ.
“އޯހ، އަބީބެގެ ފޮޓޯ ދޯ… އަބީބެ ވަރަށް ސަޅިއެއްނު. ހީވަނީ ފިލްމުސްޓާރެއްހެން. އެހެންވެ ކުއްްޖެއްް ޖޭކުރަން ކަމަށް އެފޮޓޯ އޭރު ފޯނަށްް ލައިގެން އުޅުނީ.” ވަރަށް ވިސްނައިގެން އާޔަތު ބުންްޏެވެ.
“ކޮން ކުއްޖެއް ޖޭކުރަން އަނެއްކާ؟” ޖަންނަތު ދިމާކޮށްލިއެވެ. ޖަންނަތުގެ ހިތުގައި އޮތް ވަހުމް ފިލައިގެން ދިޔައެވެ.
“އެއީ ޖަސްޓް ސަމްވަން… ނޮޓް ސަމްވަން ސްޕެޝަލް.” އާޔަތު ހިނިތުން ވެލިއެވެ. “ސީރިއަސްް ކަމެއް ވިއްޔާ ތުއްތަ ކައިރީއެއްނު ބުނާނީ އެންމެ ކުރިންވެސްް.” އާޔަތު ޖަންނަތުގެ އަތުގައި ހިފާލިއެވެ. ޖަންނަތު ހިނިތުން ވެލިއެވެ.
އެއީ ފިނި މޫސުމުގެ އެންމެ ފަހު ދުވަސް ކޮޅެވެ. ޔުނިވާރސިޓީ އިން ނިމިގެން އާޔަތު އައިސް ގެއަށް ވަނެވެ. އޭރު ގޭތެރެ ވަރަށް ހަމަ ހިމޭނެވެ. އެކަކުވެސް ފެންނާކަށް ނެތެވެ. ޒައިދާން ވެސް ފެންނަން ނެތުމުން އާޔަތު އައިސް ބަދިގެއަށް ވަދެ ފެންފޮދެއް ބޯލައިގެން ގޮސް ޔަޒަން ކޮޓަރި ދޮރު ހުޅުވާލި އެވެ. އެތަނުގައި އެކަކުވެސް ނެތުމުން ގޮސް ޖަންނަތު ކޮޓަރީގައި ޖަހާލި އެވެ. އަޑެއް ބަޑެއް ނީވުމުން އާޔަތު ހައިރާން ވެފައި ހުރެ މަޑުމަޑުން ދޮރު ހުޅުވާލި އެވެ. އާޔަތުއަށް އެތެރެއަށް ދުއްވައި ގަނެވުނީ ޖަންނަތު ބިންމަތީ ފަތުރާފައި އޮތް ކާޕެޓު މަތީ އޮށޯވެ އޮތުމުންނެވެ. ޖަންނަތު އޮތީ ވެއްޓިފައި ކަމެއް ބިންމަތީ އޮށޯވެލައިގެން ކަމެއް ނޭގެ އެވެ.
“ތުއްތާ، ތުއްތާ… އާޔަތު ތިރިވަމުން ގޮވާލި އެވެ. ޖަންނަތުގެ ހަބަރެއް ނުވުމުން އާޔަތު ކަންބޮޑު ވިއެވެ. “ތުއްތާ… ތުއްތާ..” އާޔަތު އިށީނދެފައި ޖަންނަތުގެ ކޮލުގައި ކުޑަކޮން ޖަހާލަމުން ގޮވާލި އެވެ. އެވަރުން ވެސް ޖަންނަތުއަށް ހަބަރެއް ނުވި އެވެ. އާޔަތު އަވަހަށް ފޯނު ނަގާ ޒައިދާންއަށް ގުޅާލި އެވެ.
ޒައިދާން ހުރީ އެގޭ މަތީ ބެލްކަނީގައި ސިނގިރޭޓެއް ރޯކޮށްގެން އެ ބޯށެވެ. އެވަގުތު ފޯނުވާން ފެށުމުން ޒައިދާން ޖީބުން ފޯނުނަގާ ބަލައިލި އެވެ. އާޔަތު ގެއަށް އައި ކަމެއް ނޭގި ހުރެ ޒައިދާން ފޯނުނެގި އެވެ. އާޔަތު ދިން ހަބަރުން ޒައިދާންއަށް ވީ ގޮތްވެސް ނޭގުނެވެ. އަވަހަށް ސިނގިރޭޓް ބޭރަށް އެއްލާލުމަށްފަހު ހުރިބާރެއް ލާފައި ދުއްވައި ގަތެވެ.
ޒައިދާން އައިސް އެކޮޓަރިއަށް ވަންއިރު އާޔަތު އިނީ ކަކޫ ޖަހައިގެން އިށީނދެގެން ޖަންނަތުއަށް ގޮވާށެވެ. ޒައިދާން އައިސް ޖަންނަތުއަށް ގޮވާލާފައި ޖަންނަތު އުފުލާލައިގެން ގެނެސް އެނދުގައި ބޭއްވި އެވެ.
“ހިނގާ ހޮސްޕިޓަލަށް ގެންދަން.” ކަން ބޮޑުވެފައި ހުރި އާޔަތު ބުންޏެވެ. ޒައިދާން ވެސް ހުރީ ހާސްވެފަ އެވެ. ކުއްލިއަކަށް ޖަންނަތުއަށް އެވީ ގޮތެއް ނޭގެ އެވެ. އެނދު ކައިރީ ހުރި ކުޑަ ކަބަޑު މަތީ ހުރި ފެން ފުޅިން ފެންފޮދެއް އަތަށް އަޅާލުމަށް ފަހު ޖަންނަތުގެ މޫނަށް ޒައިދާން ބުރުއްސާލި އެވެ. އެހެން ދެތިން ފަހަރަކު ހަދާލިތަނާ ޖަންނަތު އެސްފިޔަ ތަޅުވާލާފައި ލޯ ހުޅުވާލި އެވެ.
“ތުއްތާ..” އެނދުގެ ބިއްދޮށަށް އަރާ އިން އާޔަތު ޖަންނަތު ގައިގައި ބައްދާލަމުން ގޮވާލީ ޖަންނަތު ލޯ ހުޅުވުމުން އެކަމާ ވީ އުފަލުންނެވެ.
“ކިހިނެއްވީ ޖަންނާ؟” ޒައިދާން ވެސް އެނދުގެ ކައިރި ފަށުގައި އިށީނދެލަމުން އެހި އެވެ.
“ތަންމަތި އަޅާލާފަ ތެދުވަން އުޅެނިކޮން އެނބުރުން އަރައިގެން ނޭގެ ވީގޮތެއް… މިހާރު ވަރަށް އެނބުރުން އަރާ… އަހަންނަށް ހީވަނީ މިހާރު ރަގަޅަށް ނުކެވޭތީ ވާގޮތެއްހެން… ނުކާތީ ކަންނޭގެ ކާއެއްޗިހިން ނުބައި ވަހެއް ދުވަނީވެސް … އަބަދު އެނބުރުންއަރާ ހޮޑުލަވާފަ ހުންނަނީ.” ޖަންނަތުއަށް ވަމުން ދާގޮތް ޖަންނަތު ކިޔައި ދިނެވެ. ޒައިދާން ފުންކޮން ޖަންނަތުއަށް ބަލަން އިނދެފައި އެއްޗެއް ބުނަން އުޅެފައި އާޔަތުއަށް ބަލައިލި އެވެ. ޖަންނަތުއަށް ވާގޮތް ޒައިދާންއަށް ލަފާކޮށްލެވުނެވެ. އާޔަތު އެތާ އިނުމުން ބުނަން އުޅުން އެތި ފަހަށް ބޭއްވި އެވެ.
“ތުއްތަ ރަގަޅަށް ނުކާތީ ވައި އަރައިގެން ތި އުޅެނީ… ޑޮކްޓަރަށް ދައްކާލަން ދާންވީނު.” އާޔަތު ބުނެލި އެވެ. “މިއަދު އަހަރެން ޔަޒަންގެ ކަންތައް ކޮށްލާނަން.”
“ތައްޔާރުވާން ވީނު.” ޒައިދާން ވެސް ބޯ ޖަހާލަމުން ތެދުވަމުން ބުނެލި އެވެ. “ޑޮކްޓަރަށް ދައްކާފަ ޓެސްޓް ހެދީމަ ވާގޮތެއް އިނގޭނީ.”
އާޔަތު ޖަންނަތު ތައްޔާރުވާން ވަގުތު ދެމުން އެކޮޓަރިން ނުކުތެވެ.
“ޖަންނާ… ނުހީވޭތަ އުފާވެރި ހަބަރެއް ލިބެން އުޅޭހެނެއް؟” ޒައިދާން އައިސް ޖަންނަތުގެ އުނަގަނޑުގައި ހިފާ ކައިރިއަށް ދަމާލަމުން ޖަންނަތުގެ މޫނާ މޫނު ކައިރިކޮށްލަމުން އެހި އެވެ.
“ކޮން އުފާވެރި ހަބަރެއް؟” ޖަންނަތު ހައިރާން ވެފައި އެހި އެވެ. ޖަންނަތުއަށް ވާނުވާއެއް ވެސް ނޭގެ އެވެ.
“ހެހެހެ… ޖަންނަ ޕްރެގްހެން އަހަންނަށް ހީވަނީ… ޖަންނައަކަށް ނޭގޭތަ؟” ޒައިދާން ޖަންނަތުގެ ނޭފަތުގައި އިނގިލި ކުރި ޖައްސާލަމުން އެހި އެވެ.
“ނޭނގެ…” ޖަންނަތު ވިސްނާލި އެވެ. “އެކަމު ވެދާނެ ދޯ…” ޖަންނަތު އޭނާގެ އަމިއްލަ ބަނޑުގައި އަތް ޖައްސާލިއެވެ.
“ވެއްޖެއްޔާ ކިހާ އުފާވެރި… ހިނގާ ޓެސްޓް ހަދާލަން ދާން…” ޒައިދާން އެ ހުރިގޮތަށް ހުރެ ބުނެލި އެވެ.
ޔަޒަންއާއި އާޒަތު ޓީވީ ބަލަން ތިއްބެވެ. އާޔަތު ކަންތައް ބޮޑުވެގެން އުޅެނީ ޑޮކްޓަރަށް ދައްކަން ދިޔަ މީހުންގެ ހަބަރެއް ނުވެގެނެވެ. އިރުކޮޅަކާ ދެކޮޅަށް ހިނގާލާފައި އައިސް އާޒަތު ކައިރީ އިށީނދެ އެވެ.
“ސާބަހޭ އާޔާ… ތިހާ ހާސް ނުވެބަލަ.” އާޒަތުއަށް އުނދަގޫވެގެން ބުންޏެވެ.
“ހާސް ވާނެނު… ތުއްތަ އެއީ ނުލާހިކު ބަލި ނުވާ މީހެއް… ކުއްލިއަކަށް އެހެން ބަލި ވީމަ އަހަރެން ހާދަ ބިރެއް ގަނެޔޭ… އެބުނީ ވިއްޔަ ނުވެސް ކެވޭ ވާހަކަ… ” އާޔަތު ކަންބޮޑުވެފައި ބުންޏެވެ.
“އަދި ތިހާ ހާސްވެ ކަންބޮޑު ވާކަށް ނުވޭނު…” އާޒަތު އެހިސާބަށް ބުނިތަނާ ކާރުގެ އަޑު އިވުނެވެ. އާޔަތު ދުވެފައި ބޭރަށް ނިކުތީ އެމީހުން އައިކަން ޔަގީން ވީމަ އެވެ. އާޒަތުވެސް އިން ތަނުން ތެދުވެ ދޮރާއި ދިމާލަށް ހިނގައި ގަތެވެ.
“ކިހިނެއްވީ؟ ޑޮކްޓަރ ބުނީކީކޯ؟” އާޔަތު އައިސް ޖަންނަތުއާއި ސުވާލު ކުރަން ފެށި އެވެ. ޖަންނަތުއާއި ޒައިދާން އެކަކު އަނެކަކަށް ބަލައިލާފައި ހިނިތުން ވެލަމުން އެތެރެއަށް ވަނެވެ.
“ކީކޭ ޑޮކްޓަރ ބުނީ.” އާޒަތު ވެސް ސުވާލު ކޮށްލި އެވެ.
“ބުނެބަލަ ކީކޭތަ ބުނީ؟” އާޔަތު އަނެއްކާ ވެސް ސުވާލު ކޮށްލި އެވެ. ޖަންނަތުއާއި ޒައިދާން އެއްޗެއް ނުބުނެއެވެ. ދެމީހުން ހިތުންވެލައިގެން އައިސް ސޯފާގައި އިށީނެވެ.
“އިށީނދެ ބަލަ އޭރުންނެއްނު ބުނެވޭނީ.” އާޔަތުއާއި އާޒަތު ކައިރީ ޒައިދާން ބުނެލި އެވެ. އޭރުވެސް ޔަޒަން އިނީ ޓީ.ވީ އިން ދައްކާ ކާޓޫނަކަށް ގެއްލި ހުސްވެފައެވެ. ޒައިދާން ޔަޒަންއަށް ބަލައިލާފައި ރިމޯޓް ނަގާ ޓީވީ ނިވާލި އެވެ.
“އަޅެ… އެންމެ އިމްޕޯރޓަންޓް ތަންކޮޅު އަންނަނިކޮން…” ޔަޒަން ހިތްހަމަ ނުޖެހިގެން ޒައިދާންއަށް ބަލައިލަމުން ބުންޏެވެ.
“ބައްޕަ މިއުޅެނީ މާ އިމްޕޯރޓަންޓް ވާހަކައެއް ބުނަން ވެގެން… ޔަޒަން އުފާވާނެ ކަހަލަ ވާހަކަ އެއް.”
އެންމެން ޒައިދާންއަށް ބަލަން ތިއްބެވެ. ޒައިދާން ބުނަން އުޅެނީ ކީކޭ ކަމެއް ނޭގިފައި އެންމެން ތިބީ ކެތްތެރި ވެގެނެވެ.
“ޔަޒަން… ޔަޒަން ދޮންބެއަކަށް ވާން އުޅެނީ.” ޒައިދާން ބުންޏެވެ. ޒައިދާންއަށް އަދި އެބުނި އެއްޗެއް ނޭގުނެވެ. ނަމަވެސް އާޔަތުއާއި އާޒަތު ފުންމައިގެން ގޮނޑިން ތެދުވި އެވެ.
“އަސްލުތަ… އޯ މައި ގޯޑް… އަސްލުތަ…” އާޔަތު އުފަލުން ފުމެމުން ކަހަލަ ގޮތަކަށް އައިސް ޖަންނަތު އަތުގައި ހިފާ ނެގި އެވެ.
“ގޮންގްރެޓްސް ތުއްތާ…” އާޒަތު ވެސް އައިސް ޖަންނަތު ކައިރިއަށް ހުއްޓެމުން ބުނެލި އެވެ.
“ޔަޒަން ދޮންބެއަކަށް ވަނީ ކިހިނެއްތަ؟” ވާނުވާ ނޭނގިފައި ހުރި ޔަޒަން އެހި އެވެ.
“މިއޮތީ ޔަޒަންގެ ކޮއްކޮ… ޔަޒަންއަށް ކޮއްކޮއެއް ލިބެން އުޅެނީ.” އާޔަތު ޔަޒަންގެ އަތުގައި ހިފައިގެން ގެނެސް ޖަންނަތު ބަނޑުގައި އޭނާގެ އަތްް ޖައްސުވަމުން ބުންޏެވެ. ޔަޒަން ހިނިތުން ވެލަމުން ޖަންނަތުއަށް ބަލައިލި އެވެ.
“ޔަޒަން ދޫނި އުފާވޭތަ؟” ޖަންނަތު އަހާލި އެވެ. ޔަޒަން ބޯ ޖަހާލަމުން ހެވިފައި ހުރެ ޖަންނަތު އުނަގަނޑުގައި ބައްދައި ގަތެވެ. ޖަންނަތު ޔަޒަންގެ ބޮލުގައި ފިރުމާލި އެވެ.
އެގެއަށް އައި އެ އުފާވެރި ދުވަސް ފާހަގަ ކުރަން އެންމެން ގަސްތު ކުރީ ބޭރަށް ދާށެވެ. އޮސްޓްރޭލިޔާގެ އަގުބޮޑު ރެސްޓޯރެންޓެއް ކަމަށްވާ ޓެންސުޔާސް ރެސްޓޯރެންޓަށް އެންމެން ގޮވައިގެން ޒައިދާން ދިޔަ އެވެ. އެއީ އާޔަތުގެ ހުވަފެނެކެވެ. އެއީ އާޒަތު ވަރަށް އަންނަން ބޭނުން ވެފައި ހުރި ތަނެކެވެ. އެންމެންގެ ހިތަށް ވެސް ވަނީ އުފާވެރިކަން ވަދެފަ އެވެ. އެންމެ ބޮޑަށް ހިނިތުން ވެފައި ވަނީ ޔަޒަން އެވެ.
ދުވަސްތައް ވޭތިވަމުން ދިޔަ އެވެ. އަބްޔާން އުޅެނީ އާލިޔާ އަންނަން ވާއިރަށް އާލިޔާއަށް ތައްޔާރު ކުރާ ސެލޫން ނިންމާށެވެ. އާލިޔާއައިސް މަސައްކަތް ފެށޭވަރުކޮށްދޭން އަބްޔާން ބޭނުން ވެއެވެ. މަސައްކަތު މީހުން އަވަދި ނެތި މަސައްކަތް ކުރަމުންދާ ގޮތް ބަލަން އަބްޔާން ހުންނަ އިރު ދޭތެރެއަކުން ނޫރު އައިސް އަބްޔާން ކައިރީ މަޑުކޮށްލައިގެން ހުރެ އެވެ.
މިއަދު ވެސް ނޫރު އައިސް އަބްޔާން ކައިރީ މަޑުކޮށްލައިގެން ހުއްޓެވެ. އޭރު މަސައްކަތް ކުރާމީހުން ސަޔައް ދާން އަބްޔާން ކައިރިން ހުއްދަ ހޯދަނީ އެވެ. އަބްޔާން އެމީހުނަށް ހުއްދަ ދީފައި ނޫރުއާއި އެކު އައިސް ހިރުދު ގަސްތައް ދޮށުގައި ހުރި އުނދޯލި ޖޯލިތަކުން ޖޯއްޔެއްގައި ޖައްސާލި އެވެ.
“އަބީ… އިނގޭތަ ވާހަކައެއް؟”
“ކޮން ވާހަކަ އެއް؟”
“ޖަންނަ…” ނޫރުއަށް ޖުމްލަ ފުރިހަމަ ނުކުރެވުނެވެ.
“ޖަންނަގެ ވާހަކަ ތަކެއް އަހަރެން ކައިރީ ދައްކާނެ ކަމެއްނެތް. މަ މިހާރު އޭނަ މަތިންް ހަދާނެއް ނުކުރަންް.” އަބްޔާން ހިތްހަމައެއް ނުޖެހުނެވެ.
“އޯކޭ… އެކަމު ބުނަންތަ، ޖަންްނަ ބަނޑުބޮޑު.” ނޫރު ބުންޏެވެ.
އަބްޔާން ނޫރުއަށް ބަލައިލި އެވެ. ނޫރުގެ މޫނުމަތިން ފެންނަން ހުރި ސީރިއަސް ކަމުން އެވާހަކަ އޮޅުން ފިލުވަން އަބްޔާން ބޭނުން ވިއެވެ.
“ތީ ތެދެއްނޫން ދޯ؟” އަބްޔާންއަށް ގަބޫލެއް ނުކުރެވުނެވެ.
“ޖަންނަ ބަނޑުބޮޑު.” ނޫރު ބުންޏެވެ. “މިއަދު އެފް ބީގަ އާޔަތު ޖަހާފަ އިން އެއްޗަކުން ޒިޔާދާ ގުޅާފަ އެހީމަ އިނގުނީ… ހީވަނީ މިހާރު ބަނޑަށް ތިންމަހަށް ވުރެން ގިނަ ވެއްޖެ ހެނޯ… ”
އަބްޔާން އަނގައިން ނުބުނެ ނޫރުއާއި ދިމާލަށް ބަލަހައްޓައިގެން އިނެވެ. ނޫރު އެދިން ހަބަރުން އަބްޔާންގެ ހިތުގެ އަޑިޔާއި ހަމައަށް އަސަރު ކޮށްފި އެވެ. ޖަންނަތުއަށް ޓަކައި މަޑުކޮށްގެން އަބްޔާން ހުރީ ކުޑަ އުންމީދަކާއި އެކު އެވެ. ނަމަވެސް މިއަދު އެވެސް އެދިޔައީ އެވެ. އަބްޔާންގެ ހިތަށް ކުރި އަސަރުން މުޅި މީހާގެ ހިއްސުތަކަށް އެކަމުގެ އަސަރު ކޮށްގެން ދިޔަ އެވެ. އަބްޔާން އިސް ޖަހައިގެން އިނދެފައި ބޮލުގައި އަތް ހާކާލި އެވެ.
“އަބީ، އާރ ޔޫ އޯކޭ؟” ނޫރު އަބްޔާންއަށް ބަލައިލަމުން އެހި އެވެ. އަބްޔާން ބޯ ޖަހާލަމުން ނޫރުއަށް ބަލައިލާފައި ފަނޑު ހިނިތުންވުމެއް ދިނެވެ.
“ޔަޒަން ވަރަށް އުފާވާނެ ދޯ… ޒައިދާން އަކީ ވަރަށް ނަސީބު ގަދަ މީހެއް.” އަބްޔާން ބުނެލި އެވެ. އެ އަޑުގައިވާ ވޭނާއި، މާޔޫސްކަން ކޮންމެ މީހަކަށް ވެސް ފާހަގަ ވާނެ އެވެ. އެހިތަށް ކޮށްފައިވާ އަސަރުވެސް ދެނެގަންނާކަށް އުނދަގުލެއް ނުވާނެ އެވެ.
“އަބީ… ދެން އަބީވެސް ލައިފްއެއް ފައްޓަން ވިސްނަންވީ… ތިހެން މުޅި ހަޔާތް ދުއްވާލުމަކީ މޮޔަ ކަމެއް.” ނޫރު ބުނެލި އެވެ. އަބްޔާން ނޫރުއަށް ބަލައިލާފައި ބޯ ޖަހާލި އެވެ. މިއަދު ދެން އިތުރަށް މަސައްކަތް ކުރާ ހިތެއް ވެސް އަބްޔާން ނެތެވެ. މަސައްކަތު މީހުނަށް މިއަދު ޗުއްޓީދޭން އަބްޔާން ނިންމި އެވެ.
އަބްޔާން އައިސް ކޮޓަރިއަށް ވަދެ އެނދުމައްޗަށް ވެއްޓި ގަތެވެ. ކޮންމެ ގޮތަކަށް ކަންތައް ވިޔަސް އޭނަ ހީކޮށްގެން ހުރީ ކޮންމެވެސް ދުވަހަކުން ޖަންނަތު ލިބޭނެ ކަމަށެވެ. އޭނާ ކެތްކުރީ ކުޑަކުޑަ އުންމީދެއް އެހިތުގައި ބާއްވައިގެނެވެ. ނަމަވެސް އެ އުންމީދުވެސް މިއަދު އެދިޔައީ އެވެ. އޭނަ ދެން ކެތް ކުރާނީ ކިހިނެއް ހެއްޔެވެ. އޭނަ ޤުރުބާން ނުވަނީ ކާކަށް ހެއްޔެވެ. އޭނަ މަންމައަށެވެ. އޭނަގެ އެކުވެރިޔާއަށެވެ. އަދި މުޅި ދުނިޔޭންވެސް އޭނަ އެންމެ ލޯބިވި ލޯބިވެރިޔާ އަށެވެ. މިއަދު އޭނަ ވީ ޤުރުބާނީގެ އެއްވެސް އަގެއް އެބަވޭ ހެއްޔެވެ. އޭނައަށް ލިބުނު އުފަލެއް އެބަ އޮތް ހެއްޔެވެ. އާނ އެކެވެ. ގައިމުވެސް އޭނަގެ އެކުވެރިޔާއާއި އޭނަ އެންމެ ލޯބިވި މީހާއަށް ހަޔާތުގެ ހުރިހާ އުފަލެއް ދެވިއްޖެ އެވެ. އެއަށް ވުރެން ބޮޑަށް އޭނައަށް ކޮށްދެވޭނީ ކޮންކަމެއް ހެއްޔެވެ. އެމީހުން އުފަލުގައި ތިބުމުން އޭނަވެސް އުފާވެ އެވެ.
އަބްޔާން ވިސްނަމުން ދިޔަ އެވެ. ބޮލުގައި ރިހުމެއް ވެސް އުފެދެމުން ދިޔަ އެވެ. އެހާވަރަށް ހިތަށް ތަދުވަމުން ދިޔަ އެވެ. އެނދުގައި އޮތް އިރު ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ދެލޮލުގެ ދެފަރާތު އަރިމަތިން ފައިބައިގެން ގޮސް ބާލީހަށް އެޅެމުން ދިޔަ އެވެ. ދެން ޖަންނައަށް ޓަކައި މަޑުކޮށްގެން މުޅި ހަޔާތް ބަރުބާދު ވާކަށް އަބްޔާން ބޭނުމެއް ނޫނެވެ. ކޮންމެވެސް ގޮތަކުން އެ ހިޔާލުތަކާއި ދުރަށްދާން އަބްޔާން ބޭނުމެވެ. އަބްޔާން މޫނާއި އެކު ލޯ ފޮހެލި އެވެ.
އާލިޔާ ނިމިގެން ނާންނަނީސް ފުރައިގެން ދާން އަބްޔާންގެ ހިތް އެދެން ފެށި އެވެ. ހަދަމުންދާ ސެލޫން ނިމުނުހާ އަވަހަކަށް އޭނަ ފުރާނީ އެވެ. އެރަށުގައި ހުރުމުން އެހަނދާން ތަކާ ދުރަކަށް ނުދެވޭނެެވެ. އޭނައަށް ފެންނަ އެންމެ ރަގަޅު ގޮތަކީ ރަށާއި ދުރަށް ދިއުމެވެ. މަންމަވެސް މިހާރު އެކަންޏެއް ނުވާނެނޫން ހެއްޔެވެ. އަރީކާ ވެސް ގޭގައި އުޅޭނެ ނޫން ހެއްޔެވެ.
އާޔަތު ފޭސް ބުކަށް ވަދެ ރައްޓެހިން ފޮނުވާފައިވާ ޕޯސްޓުތައް ބަލަން އިނެވެ. “ހައި” ކުއްލިއަކަށް މެސެންޖަރ އިން އައި މެސެޖެއް ސްކްރީނަށް އެރި އެވެ. އާޔަތު އެ ހުޅުވާލި އެވެ. އެއީ މިމްރާޚް އެވެ. ދެ ފިކުރެއްގައި އިނދެފައި އާޔަތު ވެސް ޖަވާބު ދިނެވެ. މިމްރާޚް ވާހަކަ ދައްކަން ފެށި އެވެ. އާޔަތު ވެސް މިމްރާޚްގެ ވާހަކަތަކަށް ޖަވާބު ދެމުން ދިޔަ އެވެ. އާޔަތު ހީކުރި ގޮތާއި ހިލާފަށް މިމްރާޚަކީ މާ އެކުވެރި މީހެކެވެ. ވާހަކަ ދެއްކި ވަރަކަށް މިމްރާޚްގެ ގޮތް އާޔަތުއަށް އިނގެމުން ދިޔަ އެވެ. މިމްރާޚްގެ ވާހަކަ ހުރިގޮތުން މިމްރާޚްއާއި ގަޔާވެވިއްޖެއެވެ.
ކޮންމެ ދުވަހަކު ހެން މިހާރު މިމްރާޚްއާއި އާޔަތު ވާހަކަ ދައްކަ އެވެ. އެންމެ ފަހުން މިމްރާޚްގެ މެސެޖު ތަކަށް އިންތިޒާރުވެސް ކުރެވެން ފެށި އެވެ. އެންމެ ފަހުން ފޯނު ނަންބަރު ވެސް އެކަކު އަނެކަކަށް ބަދަލުކޮށް ވައިބަރ އިންވެސް ވާހަކަ ދައްކަން ފެށުނެވެ. މިހާރަކަށް އައިސް އާޔަތު އަބަދުވެސް ހުންނަނީ ހެޑްސެޓް ޖަހައިގެނެވެ. އަބަދާއި އަބަދު ދެމީހުން ތިބެނީ ވާހަކައިގަ އެވެ. ފިލާވަޅު ހެދިޔަސް މަސައްކަތެއް ކުރިއަސް ދެމީހުން ތިބެނީ ވައިބަރ އިން ގުޅިފަ އެވެ. މުޅި ދުވަހު އެކަކު އަނެކަކު ކުރާކަންތައް މިނިޓަކުން މިނިޓަކުން އިނގެ އެވެ. ހަމަ އެކަނި ފޯނު ބޭއްވިފައި އޮންނަނީ ޗާރޖު ހުސްވުމުންނެވެ. ދެމީހުންގެ ގުޅުން ދުވަހެއް ދުވަހަކަށް ބަދަހިވަމުން އަޔަސް ދެމީހުން ކުރެން އެކަކުވެސް ލޯބި ހުށައަޅާކަށް ނޫޅެ އެވެ. އަދި ލޯބީގެ އެއްވެސް ވާހަކައެއް ދައްކަނީ އެއްވެސް ނޫނެވެ.
ދުވަސްތައް މާޒީއާއި އެކުވަމުން ދިޔަ އެވެ. އާލިޔާ އައުމުގެ މަސް ދުވަސް ކުރިން އަބްޔާން ސިންގަޕޫރަށް ފުރި އެވެ. ޑިގްރީ ނިންމާ މާސްޓާރސް ވެސް ހަދައިގެން އަނބުރާ އަންނަން އަބްޔާން ވަނީ ނިންމާފަ އެވެ. އަބްޔާން ގޮސް ހުރީ އަހްޔާންއާއި ލުއީއަށް ލުއީގެ އާއިލާ މީހުންގެ ފަރާތުން ހަދިޔާއަށް ލިބުނު ގޭގަ އެވެ. އެއީ ތިން ކޮޓަރީގެ ކުޑަ ގެއެކެވެ.
ޖަންނަތު ވިހައިގެން ޒައީމާ އޮސްޓްރޭލިޔާއަށް ދިޔަ އެވެ. ޖަންނަތުގެ މަންމަގެ މަގާމުގައި މިހާރު ހުރީ ޒައީމާ ކަމަށް ޒައީމާ ބުންޏެވެ. ޒައީމާ ވެސް ޖަންނަތު ދެކެ ދަރިއަކު ފަދައިން ލޯބިވެ އެވެ. ޖަންނަތުއަށް ލިބުނު ފިރިހެން ދަރިފުޅަށް ނަން ކިޔަން ޒައިދާން އުޅުނެވެ. ޔަޒަންއާއި ގުޅޭ ނަމެއް ކިޔަން ޒައިދާން ނިންމި އެވެ.
“ޔަޒީދު ހަޑިތަ؟” ޖަންނަތު ވިސްނާލަން އޮވެފައި ބުނެލި އެވެ.
“ތިނަން ރީތި… ޔަޒަންއާ ވެސް ގުޅޭދޯ.” ޒައިދާން ބުނެލި އެވެ. ޖަންނަތު ހިނިތުން ވެލި އެވެ. އެއީ އަބްޔާންއާއި ޖަންނަތުގެ ދަރިންނަށް ކިޔަން އަބްޔާން ހިޔާލުކުރި ނަންތަކު ތެރޭން ނަމެކެވެ. ޖަންނަތު ވިސްނާލަމުން އެދުވަސް ހަދާނަށް އައެވެ. އެހިތުގެ އެއް ދިމާލުގައި އަދިވެސް އަބްޔާންގެ ލޯބި ރައްކާކޮށްފައި އޮތެވެ. އެލޯބި ދެން އެކަކަށްވެސް ނުފެންނާނެ އެވެ. އެލޯބި ފޮރުވާފައި ވަނީ މާ ފުނުގަ އެވެ. އޭގެ ހިލަމެއް މީހަކަށް ނުވާހާ ފުން މިނުގަ އެވެ.
ޔަޒީދު ލިބިގެން ދެއަހަރު ނުވަނީސް އަނެއްކާވެސް ޖަންނަތު ބަނޑުބޮޑު ވެއްޖެ އެވެ. މިފަހަރު ޖަންނަތުއަށް ލިބުނީ އަންހެން ކުއްޖެކެވެ. މިފަހަރުވެސް ނަމެއް ދިނީ ޖަންނަތުއެވެ. ޔާނާގެ ނަން ޖަންނަތު ކީ އެއީވެސް އަބީގެ ހަދާނުގަ އެވެ.
ދުވަސްތައް ފައިތުވަމުން ގޮސް އާޔަތުއާއި އާޒަތު ކިޔަވާ ނިމިއްޖެ އެވެ. ޒައިދާން ބޭނުންވީ އެމީހުން ނިމުމުން އެންމެން ރަށަށް ބަދަލުވާށެވެ. މިފަހަރު ޖަންނަތުވެސް ދެކޮޅެއް ނުހަދަ އެވެ. އެހާ ދުވަސް ވުމުން މިހާރު ހުންނާނީ ހުރިހާ ކަމެއް ހަމައަކަށް އެޅިފައި ކަމުގައި ޖަންނަތު އުންމީދު ކުރި އެވެ. އެމީހުން ރަށަށް ދިޔަ ދުވަހު ވަރަށް ގިނަ މީހުން އެމީހުނާއި ބައްދަލު ކުރަން އައެވެ. ހާއްސަކޮން ޖަންނަތުއާއި ބައްދަލު ކުރަން ރަށުގެ ކުދި ބޮޑު ގިނަ މީހުންތަކެއް މުރަކަގެއަށް އައެވެ. ޖަންނަތު ދެކެ ލޯބިވާ އެތަކެއް މީހުން އެރަށުގައި އުޅެ އެވެ.
“ޖަންނަތުގެ ދޮށީ މީހާ ވައްތަރީ ޒައިދާންއާ… ހަގުމީހާ ވައްތަރީ ޖަންނައާ… ދޯ މޫނިސާ.” ހަދީޖާ އިނީ ޖަންނަތުގެ ކުޑަމީހާ އުނގަށް ލައިގެނެވެ.
“އާން… ނިކަން ލޯބި.” މޫނިސާ އެއްބަސް ވެލަމުން ބުނެލި އެވެ. ހަދީޖާއާއި މޫނިސާ އެގެއިން ނުކުތް ތަނާހެން ހިދާޔާ އާއި ނަސީރު އައިސް އެގޭ ދޮރުމަތީ މަޑުކޮށްލި އެވެ.
“ޖަންނަތު އެބައިން ތިތާ ބޭރު ސޯފާގަ… މިހާރު އަދި ހީވޭ ވަކިން ޗާލު ހެން.” މޫނިސާ އެހެން ބުނީ ހިދާޔާއަށް ޖެއްސުމަށެވެ. މިހާރު ރަށުގެ އެންމެނަށް ވެސް އަބްޔާންއާއި ޖަންނަތުގެ ނޭނގޭ ވާހަކައެއް ނެތެވެ.
ނަސީރުއާއި ހިދާޔާ ވަންއިރު ޔަޒަންއާއި ޔަޒީދު ތިބީ ބިންމަތީ އަޅާފައިވާ މެޓް މަތީ ކުޅޭށެވެ. އެކުދިން ކުޅޭ ތަނަށް ކަޅިއެއްލައިގެން ޖަންނަތު އިނެވެ. ނަސީރުމެން ވަނުމުން ޖަންނަތު ސޯފާއިން ތެދުވި އެވެ. އަދި ހިތްހެޔޮކަމާއި އެކު ހިނިތުން ވެލަމުން އެމީހުން ކައިރިއަށް ދިޔަ އެވެ.
“އެކޮއެ… ކިހިނެއްތަ؟” ނަސީރު ނިކަން ލޯބިން ޖަންނަތު ފެނުމުން އަހާލި އެވެ. ހިދާޔާއަށް ޖަންނަތު ފެނިފައި ބަލަން އިރުކޮޅަކު ހުރެވުނީ އެވެ. މޫނިސާ ބުނީ ތެދެކެވެ. ޖަންނަތު މިހާރު ވަކިން ރީއްޗެވެ. ދޮންވެފައި ރޫފަ ޖެހިލާފައި ހުރުމުން މިހާރު ހީވަނީ ރަނިކަބަލެއް ހެނެވެ. ޖަންނަތުގެ ރީތިކަން ފެނިފައި ހިދާޔާގެ ހިތަށް ވެސް އަސަރުތަކެއް ކުރުވި އެވެ.
“ރަގަޅު ނަސީރުބޭ… ދުރުވޭ އިށީންނަވާ…” ޖަންނަތު ގޮނޑި ދައްކާލަމުން ބުނެލި އެވެ.
“މީނީތަ ޖަންނަތުގެ ދަރިފުޅު؟” ނަސީރު ޔަޒީދު ދައްކާލަމުން އެހި އެވެ.
“އާން ތީ އަޅުގަނޑުގެ ދެކުދިން…” ޖަންނަތު އެކުދިންނަށް އިޝާރާތް ކޮށްލަމުން ބުންޏެވެ. “ޔަޒަން… ކޮއްކޮ ގޮވައިގެން އައިސް ނަސީރުބެއާ ސަލާން ކޮށްލަ ބަލަ.”
“އައްދެ… ޔަޒަން ހާދަ ބޮޑުވެއްޖެޔޭ މިހާރު…” ނަސީރު ބުނެލި އެވެ. ޔަޒަން ހީލި އެވެ. “މީ ކޮންނަމެއް ކިޔާ ކުއްޖެއް؟” ޔަޒީދުގެ ބޮލުގައި ފިރުމާލުމަށް ފަހު ޔަޒީދުގެ އަތުގައި ހިފާލަމުން ނަސީރު އެހި އެވެ.
“މީ ޔަދީދު…” ޔަޒީދުގެ ޅަ އަޑުން ނަން ބުނެލި އެވެ. ނަސީރު ޖަންނަތުއަށް ބަލައިލީ އެބުނި އެއްޗެއް ސާފު ނުވާތީ އެވެ.
“ޔަޒީދުޔޯ އެއީ..” ޖަންނަތު ހިނިތުން ވެލަމުން އޮޅުން ފިލުވައި ދިނެވެ.
“ތީ ކޮން ކުއްދެއް؟” ޔަޒީދު ނަސީރުއަށް ބުންޏެވެ.
“މީ ކާފަ…” ނަސީރު އަމިއްލަ މޭގައި އަތް ޖައްސާލަމުން ޔަޒީދު ގާތު ބުންޏެވެ. “ޔަޒީދުގެ ކާފަ މީ.”
ނަސީރުގެ އެ ޖުމްލައިން އަސަރުތަކެއް ޖަންނަތުއަށް ކުރިއެވެ. ނަމަވެސް ބުނާނެ އެއްޗެއް ނޭގިފައި ބަލަން ހުރެވުނީ އެވެ. ނަސީރު އަމިއްލައަށް އެކުދިން ލައްވާ ކާފަ ކިއުއްވަފާނެ ކަމަކަށް ޖަންނަތު ހިތަކަށް ނާރަ އެވެ.
“އެހެންވިއްޔާ މީ ޔަދީދުގެ މާމަ ދޯ..” ހިދާޔާ ދައްކާ ލަމުން ޔަޒީދު ބުންޏެވެ. ހިދާޔާއަށް ޔަޒީދުއާއި ދިމާއަށް ބަލަން އިނދެވުނީ އެވެ. ޖަންނަތުގެ ހިތް ބާރަށް ތެޅެމުންދިޔައެވެ. ޖަންނަތު ހުރީ ނޭވާ ހިފަހައްޓާލައިގެން ހިދާޔާ ބުނާނެ އެއްޗަކާއި މެދު ވިސްނާށެވެ.
ކުއްލިއަކަށް ޔަޒީދު އަތުގައި ހިފައި ކައިރިއަށް ހިދާޔާ ދަމާލި އެވެ. އަދި ޔަޒީދު ގައިގައި ބައްދާލަމުން ރޯން ފެށި އެވެ. ހިދާޔާއަށް މާމަ ކިއުމުން ވީ އުފަލުން ހިދާޔާއަށް ކެތެއް ނުކުރެވުނެވެ. އެވަގުތު އެތަކެއް ޖަޒުބާތުތަކެއް ހިދާޔާގެ ހިތަށް އަރާ ފައިބަމުން ދިޔަ އެވެ. ޖަންނަތުއާއި އަބްޔާން ދުރު ނުވިނަމަ މިއަދު އެއީ ހިދާޔާގެ އަމިއްލަ މާމަ ދަރީން ކަމުގައި ވީހޭ ހިދާޔާ ހިތަށް އެރި އެވެ. ޔަޒީދުގެ މޫނުގައި ފިރުމާފައި ބޮސް ދެމުން ހިދާޔާ ލޮލުން ކަރުނަ އޮއްސަމުން ދިޔަ އެވެ. ހިދާޔާ ދޮންދޭ ކޮންމެ ތަނެއް ޔަޒީދު އަތުން ފޮހެލަމުން ދިޔަ އެވެ. މީހުން ދޮން ދިނުމަކީ ޔަޒީދު މާ ގަބޫލު ކަމެއް ނޫނެވެ. ނަމަވެސް އެއީ މާމަ ކަމަށް ބުނުމުން ޔަޒީދުއަށް އެއްޗެއް ބުނަން ނުކެރިފައި އިނީ ކަންނޭގެ އެވެ.
ފެންކަޅިވެފައި އެމަންޒަރު ބަލަން ޖަންނަތުއަށް ހުރެވުނީއެވެ. ބުނާނެ އެއްޗެއްވެސް ޖަންނަތުގެ ދުލަކަށް ނައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.



Finally.