Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޤުރުބާން ވުމީ މިހިތުގެ އުފާ 41 ވަނަ ބައި

aasi
aasi Level 3100 Stories10 Stories
April 18, 2024 17 Mins Read
0 Comments

ނިކަން އަވަހަށް ތައްޔާރު ވެގެން އެންމެނަށް މާލެ ދެވުން އިރު އިރުއޮއްސި އަނދިރި ވެއްޖެ އެވެ. ދިޔަ ގޮތަށް އެންމެން ވެސް ދިޔައީ ހޮސްޕިޓަލަށެވެ.

ހޮސްޕިޓަލަށް ދެވުމުން ލިބުނީ ވަރަށް ވެސް ހިތާމަވެރި ހަބަރެކެވެ. ކުޑަ މިނިޓުކޮޅެއް ކުރިން ޒައިދާން ދުނިޔެ ދޫކުރި ހަބަރެވެ. ޖަންނަތުއާއި ދެންތިބި އެންމެނަށްވެސް ލިބުނު ހަބަރުން ލިބުނީ ބޮޑު ސިހުމެކެވެ. އެއީ ގަބޫލު ކުރަން ދަތި ޙަބަރަކަށް ވިއެވެ. ޔަޒަންއަށް ލިބޭނެ ނިކަމެތިކަން ހިތަށް ވަނުމާއި އެކު ޔަޒަން ގައިގައި ބައްދަ ބައްދާފައި ޒައީމާ ރޯން ފެށި އެވެ. ޔަޒަން އެވަގުތު ހުރީ ޝޮކެއްގައެވެ. އޭނާއަށް ހުރީ ގަބޫލު ނުކުރެވިފައެވެ.

ހިދާޔާ އައިސް ޖަންނަތު ގައިގައި ފިރުމާލަމުން ހިތްވަރު ކުރުމަށް ބުންޏެވެ. އަދި ދާދި ކައިރީ ހުރި ގޮނޑިތަކުން ގޮނޑިއެއްގައި ޖަންނަތު ބޭންދިއެވެ. އެންމެންގެ ލޮލުންވެސް ކަރުނަ ފައިބަމުން ދިޔައެވެ. ޒައިދާން އަކީ އެންމެނަށްވެސް ހެޔޮ އެންމެނަށްްވެސް އެހީވާ އެކުވެރިއެއް ވިއްޔާއެވެ.

“އެންމެން އެއްޗިހި ގަނެގެން ލޯންޗަށް އަރަން އައީ… ޒައިދާން ވެސް އައީ އަޅުގަނޑުމެން ފަހަތުންނޭ…” އަހްޔާން ވީގޮތް ކިޔައިދޭން ފެށީ އޭނަގެ ބައްޕަ ނަސީރު ގާތުއެވެ. އެވަގުތު އެތަނަށް ނޫރުއާއި، މުޒައްފަރު އަދި ޒީނަތުއާއި އާލިޔާ ކައިރިވެލީ ވާހަކަ އަޑުއަހާށެވެ. “އެކަމަކު ކަމެއް ވާން ހުރިއްޔާ ކީއްކުރާނީ…” އަހްޔާން އެންމެނަށް ވަކިވަކިން ބަލައިލިއެވެ. “މަގުގެ ނުވަތަށް ދުއްވާފައައި ސައިކަލުން ނައްޓަށްވެގެން ލޮރީއުޅެނިކޮން މިކަމެއް މި ދިމާވީ، ސައިކަލުގަ އިނީ އަށާރަ އަހަރުވެސް ނުފުރޭ ކުޑަކުއްޖެއް… ޒިންމާ ނަގާނެ މީހެއް ނެތް… ހެދޭނެ ގޮތެއްނެތް. ކިހާދެރަ…” އަހްޔާންގެ އަޑުގައި ތުރުތުރު ލުމެއް ހުއްޓެވެ. އަޅުގަނޑަށް އެމަންޒަރު ފެނުނީ… އެވަގުތު އަޅުގަނޑުގެ ބޯއަނބުރައި ގަނެގެން ދިޔައީ… އަދިވެސް ރަގަޅެއް ނުވޭ.” އަހްޔާން ބުންޏެވެ.

“ހިތްވަރު ކުރޭ،” ނަސީރު އަހްޔާންގެ ބުރަކަށީ ފިރުމާލިއެވެ. “ދަރިފުޅު ތަނެއްގަ އިށީނދެބަލަ. ބައްޕަ އަންނާނަން ފެންފުޅިއެއް ހިފައިގެން.” ނަސީރު އެހެން ބުނެ ހިގައިގަތެވެ.

އަބްޔާންއަށް ނިދުނު ތަނާހެން ހޭލެވުނީ އަބްޔާންގެ ފޯނު ރިންގުވާ އަޑަށެވެ. ކަންނެތް ކަމާއެކު އެއްލޯ ހުޅުވާލަމުން ފޯނުނަގާ ބަލައިލި އެވެ. އޭރު ގަޑިން އެގާރަ ޖެހީ އެވެ. މާލޭ ގަޑިން އަށެއް ޖަހާނީ އެވެ. އަބްޔާން  ފޯނަށް ޖަވާބު ނުދީ ރުޅި އައިސްފައި ފޯނަށް ބަލަން އޮތެވެ. ފޯނު ކެނޑުނީ އެވެ. ކަނޑައެޅިގެން އަހްޔާންއަށް އެތާ ގަނޑިން ވީ އިރު އެނގޭނެ އެވެ. އަދި އެގަޑީގައި އަބްޔާން އޮންނާނީ ނިދާފަކަންވެސް އަހްޔާންއަށް އެނގޭނެ އެވެ. އަނެއްކާވެސް އަހްޔާން ގުޅަން ފެށި އެވެ. އަބްޔާން ފޯނު ނެގުމާއި އެކު އެއްޗެއް ނުބުނެވިގެން އުޅެނިކޮން ނަސީރު ވާހަކަ ދައްކަން ފެށި އެވެ.

“އަބީ، ދަރިފުޅު ހޭލާތަ؟” ނަސީރު ހާސް ވެފައި އެހި އެވެ.

“ބައްޕަތޯ؟” އަބްޔާންގެ ރުޅިގަނޑު ވަގުތުން މައިތިރިވިއެވެ. އެގަޑީގައި ބައްޕަ ގުޅާނީ ބޮޑުކަމެއް ޖެހުމުން ކަން އަބްޔާން ދެނެގަތެވެ.

“އަބީ… ދަރިފުޅަށް އެނގޭތަ؟… ޒައިދާން…” ނަސީރުއަށް ކުއްލިއަކަށް ހަބަރު ދޭން އުނދަގޫވިއެވެ.

“ކިހިނެއްތޯވީ؟” އަބްޔާން އަހާލި އެވެ. ބައްޕަގެ އަޑު ހުރި ގޮތުންނާއި ރާގު ހުރި ގޮތުން އަބްޔާންގެ ހިތް ތެޅެން ފެށިއެވެ.

“ޒައިދާން އެކްސިޑެންޓް ވީ.” ނަސީރު މަޑުމަޑުން ބުންޏެވެ.

“އޭނ… ކީކޭ؟” އަބްޔާންގެ ގައިމަތީ އަޅާފައިވާ ބޯ ރަޖާ އެއްކައިރި ކޮށްލަމުން އެނދުގައި އިށީނެވެ. “ކޮބައިތޯ މިހާރު؟ މާބޮޑު ގޮތެއް ނުވޭދެއްތޯ.” ނަސީރު ފޯނު ދިނީ މުޒައްފަރު އަތަށެވެ. ނަސީރުއަށް އެހަބަރުދޭކަށް ނުކެރުނެވެ.

“އަބީ.. ހީ އިޒް…” އެންމެ ހިތަވަރު ކޮށްގެން ހުއްޓާވެސް މުޒައްފަރަށް ރޮވެން ފެށުނެވެ. “އަބީ… ޒައިދާން އިޒް ނޯމޯރ…” މިފަހަރު މުޒައްފަރުގެ އަޑު ފަޅައިގެން ދިޔަ އެވެ. ކައިރީ ހުރި ނޫރު މުޒައްފަރު ކޮނޑުގައި ހިފަހައްޓާލިއެވެ.

“ވަޓް؟” އަބްޔާންއަށް ފުންމައިގެން އެނދުން ތެދުވެވުނެވެ. އެ ބުނި އެއްޗެއް އަބްޔާންއަށް ގަބޫލެއް ނުކުރެވުނެވެ.

“އަބީ… ޒައިދާން ނިޔާވެއްޖެ.” މުޒައްފަރުގެ އަޑު އައެވެ.

“ދޮގެއްދޯ؟” އަބްޔާން ހާސްވެފައި އެހި އެވެ. “ހަމަ ތެދެއްތަ ތީ؟” އަދިވެސް އަބްޔާން ހުރީ ގަބޫލު ނުކުރެވިފަ އެވެ. މުޒައްފަރުއަތުން ނޫރު ފޯނު އަތުލިއެވެ. އަދި ދުރަށް ޖެހިލަމުން އަބްޔާންއަށް ހުރިހާ ވާހަކައެއް ކިޔައިދޭން ފެށި އެވެ.

“އަބީ؟… ހެލޯ.. އަބީ؟ އަޑުއަހަންތަ ތި ހުރީ؟” ނޫރު ވާހަކަ ކިޔައިދީ ނިމުމުން އިރުކޮޅެއް ވީ އިރުވެސް އަބްޔާން އެއްޗެއް ނުބުނުމުން ނޫރު އަހަން ފެށި އެވެ.

“އާން… ޔާ.. ނޫރު.” އަބްޔާންގެ އަޑު އިވުނެވެ. “ކޮބާ ޖަންނައާ ޔަޒަންއާ؟” އަބްޔާންއަށް އަހާލެވުނެވެ.

“އެބަތިބި މިތާ…” މުޒައްފަރު ބުންޏެވެ. “ދެމީހުންވެސް… ވަރަށް ހިތްވަރުގަދަ،” އެއަށްފަހު ހަމަހިމޭން ވަގުތުކޮޅެއް ދިޔައެވެ. “އެކަމަކު… ” އިރުކޮޅެއް ފަހުން ނޫރު ބުންޏެވެ.

“އެކަމަކު ކިހިނެއްވީ؟” އަބްޔާން ބޮލުގައި އަތްކާތާލަމުން ބުނެވުނެވެ.

“ޖަންނަ ޕްރެގް. ސޯ ޔޫ ނޯ…” ނޫރު އިތުރަކަށް އެއްޗެއް ނުބުނެއެވެ. އަހްޔާން އަތަށް އޭނަގެ ފޯނު ދިނެވެ. އަހްޔާން އޭރު ލޯފޮހެލާ ހަމަޖެހިލައިފި އެވެ.

“އަހަރެން ޓިކެޓް ނަގަން މިދަނީ… އަހަރެން ދަންދެން މަޑުކުރެވޭނެތަ؟” އަބްޔާން އެހި އެވެ.

“އަބީ، ޔޫ ޝުޑް ސްޓޭ،” އަހްޔާން ބުންޏެވެ. “ފަތިސް ނަމާދު ފަހުން ޒައިދާން ވަޅުލާނެ، އަބީއަށް އެންމެ އަވަހަށް ވެސް އާދެވޭނީ މެންދުރުވާފަހުން… ސޯ ދެޓްސް ނޮޓް އަ ގުޑް އައިޑިއަރ.” އަހްޔާން ބުންޏެވެ.

“އެކަމު އަހަރެން ދަންދެން މަޑެއް ނުކުރެވޭނެތަ؟” އަބްޔާން ބޭނުންވީ ދާށެވެ.

“އަބީ، ޒައިދާންގެ ހަށިގަނޑަށް ވެފައޮތް ވަރުން އެހާ ގިނައިރު ބޭއްވުން ރަގަޅެއް ނުވާނެ…” އަހްޔާން ބުންޏެވެ.

އަބްޔާން މަޑުމަޑުން އެނދުގައި އިށީނެވެ. ޔަޒަންގެ އުފަންދުވަހުގެ ހަފުލާއަށް ދިއުމަށް އެވަރަށް ޒައިދާން އެދުމުންވެސް އަބްޔާން ވަނީ ބަހަނާ ދައްކާފަ އެވެ. މިހެން ވާނެ ކަމެއް އިނގޭނީ ކިހިނަކުން ހެއްޔެވެ. ޒައިދާންގެ މޫނުވެސް ފަހުވަގުތު އަބްޔާންއަށް ނުފެނުނީއެވެ. އަބްޔާންގެ ހިތަށް ވަރަށް އަސަރު ކުރިއެވެ. ފެންކަޅިވަމުން އައި ދެލޯ އަބްޔާން ފޮހެލި އެވެ.

“އަބީ… އާރ ޔޫ އޯކޭ؟” އަހްޔާން އެހިއެވެ. އަބްޔާން ހޫން ލައްވާލިއެވެ. “ބޭއްވީ އިނގޭ. ފަހުން އަދި ގުޅާލާނަން.” އަހްޔާންބުންޏެވެ.

“އޯކޭ، ޓޭކް ކެއަރ.” އަބްޔާން މަޑުމަޑުން ބުނެލި އެވެ. އަބްޔާން މުޅި މޫނުގައި އަތްކާތާލަމުން ފުން ނޭވާއެއް ލިޔެވެ. ޒައިދާންގެ ހިޔާލުތައް އަބްޔާންގެ ސިކުނޑިއަށް ވެރިވާން ފެށި އެވެ. ޒައިދާންއާއި އެކު ހޭދަކޮށްފައިވާ އުފާވެރި ވަގުތު ކޮޅުތައް އެކި ދިމަދިމާއިން އައިސް އަބްޔާންގެ ސިކުނޑީގައި ފިލްމެއްހެން ފެންނަން ފެށި އެވެ. ލޮލަށް ގިނަވަމުން އައި ކަރުނަތައް އަތުގެ ނުފުށުން ފޮހެލަމުން އަބްޔާން ތެދުވި އެވެ. އަބްޔާންއަށް އިތުރަށް ދެން އެރޭ ނުނިދޭނެކަން އިނގުމުން އަބްޔާން ކޮޓަރިން ނިކުމެގެން ގޮސް ކޮފީއެއް ގިރާލި އެވެ. ބެލްކަންޏަށް އަބްޔާން ނުކުމެ ޖަންނަތުއާއި މެދު އަބްޔާން ވިސްނާލި އެވެ. އެހާ އުފަލުގައި އާއިލާއެއް ބިނާ ކުރަމުން ދިޔަ ދެމަފިރިންގެ ދިރިއުޅުން މުޅިން ހަލާކުވެގެން އެ ދިޔައީ އެވެ. ކޮންމެ މީހަކު ނަމަވެސް ދެރަވާނެތާ އެވެ.

އެއީ ރަށުގެ އެންމެނަށް ވެސް އައި ވަރަށް ހިތްދަތި ދުވަހެކެވެ. ރަށުގެ ވަރަށް ގިނަ މީހުން ޒައިދާންގެ މޫނު ބަލާ ކަށުނަމާދުގައި ބައިވެރިވުމަށް މާލެ އައެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ. ޒައިދާންއަކީ ރަށުގައި ހުރި އެންމެ ހިތްހެޔޮ މީހުނަށް އޯގާތެރި އެހާމެ އެހީތެރި ފިރިހެނެކެވެ. ރަށުގެ އެންމެގެ އިހުތިރާމް ލިބިފައިވާ ޒުވާނެކެވެ. ޒައިދާން ނިމިދިޔައީ ހުކުރު ދުވަހެއްކަމުން އެންމެންގެ ދޫތަކުންވެސް ޒައިދާންއަށް ދުޢާކުރަމުން ދިޔައެވެ. ހުކުރު ދުވަހު މުޢުމިނެއްނޫނީ މަރުނުވާނޭ ކަމަށް ބައެއް މީހުން ބުނަމުން ދިޔައެވެ.

ޒައިދާން ދުނިޔެ ދޫކުރިތާ މަސްތަކެއް ވެއްޖެއެވެ. އެންމެން ހަމައަކަށް އެޅުން ނަމަވެސް ޒައިދާންގެ ވާހަކަ ދޭތެރެއަކުން އެންމެންވެސް ދައްކައެވެ.

މިހާރު ޖަންނަތު އިނީ ދުވަސް ފުރި ވިހަން ކައިރި ވެފަ އެވެ. ޒައިދާން ނެތުމުން އެކަމުގެ އިހުސާސް އަބަދުވެސް ވެއެވެ. އަދި ބަނޑުބޮޑުވެފައި ވުމުން ޒައިދާންގެ އޯގާތެރިކަމާ އަޅާލުންމަތިން ޖަންނަތު ވަރަށް ހަދާން ވެއެވެ. ނަމަވެސް ކިތަންމެ ވަރަށް ޒައިދާން މަތިން ހަދާން ވިޔަސް ކުރާނީވެސް ވަކި ކީއްހެއްޔެވެ. ޖަންނަތުގެ ކުދިންނަށް ޒައިދާން ނެތްކަމުގެ އިހުސާސް ވިޔަ ނުދިނުމަށް އެތައް މަސައްކަތެއް ޖަންނަތު ކުރެ އެވެ. އެކުދިންނާ އެކު ކުޅެ ހަދަ އެވެ. އަތިރިމަތީ ގޮނޑިއެއްގައި އިށީދެގެން  ބޮޑު ބަނޑާ އެކުވެސް ކުދިންނަށް ބޯޅަ އެއްލާ ހަދަ އެވެ. ހަގަށް ތިބި ދެބެން މިހާރު މާވަރަކަށް ޒައިދާންގެ ވާހަކަ ދައްކާ ނަހަދަ އެވެ. ނަމަވެސް ޔަޒަން އަބަދު އޭނަ ބައްޕަ މަތިން ހަދާން ކުރެ އެވެ. ޖަންނަތު ޔަޒަންއަށް ދޭ ލޯބި އިތުރު ކުރިއެވެ. އަމިއްލަ ދަރިންނަށް ވުރެންް ބޮޑަށް ކޮންމެ ކަމެއްގައިވެސް ޔަޒަންއަށް އިސްކަންް ދިނެވެ.

ޖަންނަތުއާއި ހިދާޔާއާއި ދެމީހުން ތިބީ ހިރުދު ގަސްދޮށުގަ އެވެ. ޔަޒީދުއާއި ޔާނާއާއި ދެބެން އެތާ ކުޅެން ތިއްބެވެ. ޖަންނަތު އެތާ މަޑުކޮށްލައިގެން އިނީ ޔަޒަން ޓިއުޝަނުން އަންނަން ދެނެވެ. ޔަޒަން މިހާރު އެކަނި ބައިސްކަލުގައި ތަންތަނަށް ގޮސް ހަދަ އެވެ.

“އެޔޮއްގެން އަންނަނީ ޔަޒަން.” ހިދާޔާ ދުރުން ޔަޒަން އަންނަތަން ދައްކާލި އެވެ. “ވަރަށް ރަގަޅު ކުއްޖެއް އެއީ… އޭނަ ބައްޕަހެން އެކަނިވެރި ޔަތީމު ނިކަމެތި ކުއްޖަކަށް އޭނަވެސް…”

“ނޫން… ތިހެން ނުބުނޭ ހިދާޔާއްތާ… އޭނަ މަންމަ އަދި އެބަހުރި… އޭނަ އެކަނިވެރިއެއް ނުވާނެ… އެއީ އަހަރެންގެ ދަރިއެއް. ތިހެން ނުބުނޭ.” ޖަންނަތު ހިތްހަމަ ނުޖެހިފައި ބުންޏެވެ. ހިދާޔާ ޖަންނަތުއަށް ބަލައިލާފައި ފުންނޭވާއެއް ލިޔެވެ.

ޔަޒަން އައިސް އެމީހުން ތިބި ހިސާބަށް މަޑުކޮށްލި އެވެ. ގޮނޑީގައި އިށީނދެގެން އިން ޖަންނަތު ތެދުވީ އަވަހަށް ޔަޒަންއަށް ކާއެއްޗެއް ދޭން ދާށެވެ. ނަމަވެސް ޖަންނަތު ތެދުވި ތަނުން ބަނޑަށް ރިހުން އަންނަން ފެށީ ކުއްލިއަކަށެވެ.

“އައްދޯތް… މަންމާ!” ޖަންނަތުއަށް ބަނޑުގައި ހިފަހައްޓާ ލެވުމާއިއެކު ބުނެވުނެވެ. ހިދާޔާ އަވަހަށް ޖޯލިން ތެދުވެގެން ޖަންނަތު ކައިރިއަށް އައެވެ. ޔަޒަންވެސް ބައިސްކަލު ވައްޓާލައިފައި އައިސް ޖަންނަތުގެ އަތުގައި ހިފެހެއްޓި އެވެ.

“ޖަންނާ… ރިހުންއަންނަނީތަ؟” ހިދާޔާ ޖަންނަތުގެ އަނެއް އަތުގައި ހިފަހައްޓާލަމުން ސުވާލު ކުރި އެވެ. ޖަންނަތު ބޯޖަހާލި އެވެ. އެވަގުތު ފަރުޒާނާއަށް ވެސް ގެއިން ބޭރަށް ނުކުމެވުނެވެ. ހިދާޔާ ފަރުޒާނާއަށް ހަނާ އަޅާލުމާއި އެކު ފަރުޒާނާ ވެސް ދުވެފައި ކަހަލަ ގޮތަކަށް އައިސްފި އެވެ.

“އެކޮއެ… ޔަޒަން ކޮއްކޮމެން ގާތު މަޑުކުރޭ… ވިދޫޝިކާ ގާތު ވެސް ބުނެގެން ޔަޒަން ވެސް ކައިގެން ހުރޭ. ހިދާޔާއްތަމެން މިދަނީ މަންމަ ގޮވައިގެން ސިއްޚީ މަރުކަޒަށް.” ހިދާޔާ ޔަޒަން ގާތު އެހެން ބުނަމުން ފަރުޒާނާއާއި ދެމީހުން ވެގެން ޖަންނަތު ގޮވައިގެން ސިއްހީ މަރުކަޒާ ދިމާއަށް ހިގައި ގަތެވެ.

 

ޒައީމާއާއި ސާރާ އައިސް މަރުކަޒަށް ވަނެވެ. އޭރު ޖަންނަތުވީ ވިއްސަން ވައްދާފަ އެވެ. މުޒައްފަރުއާއި ނޫރު ވެސް އައިސް ވަނީ އެވަގުތު އެވެ.

“ޒީނަތުއާއި، އާޔަތުއަށް ވެސް އަންގަބަލަ.” ހިދާޔާ ނޫރު ކައިރީ ބުންޏެވެ. ނޫރު ބޯ ޖަހާލަމުން ފޯނުގެ ފިއްތަކަށް ފިތަމުން ބޭރަށް ނުކުތެވެ.

ވިއްސަކަށް މިނިޓު ފަހުން ޑޮކްޓަރ ހަލަފް ނުކުތެވެ. ހަލަފްގެ މޫނުމަތިން ފެންނަން ހުރީ ނުތަނަވަސް ކަމެވެ. މީހާ ހުރީ ދާހިތްލާފަ އެވެ. ހިދާޔާ ފެނުމުން ހަލަފްއަށް ބޯ ހޫރާލެވުނެވެ.

“ކިހިނެއްވީ؟ އަނެއްކާ ޖަންނައަށް ކަމެއްވީތަ؟” ހަލަފް ބޯ ހޫރާލިތަން ފެނުމުން ހިދާޔާ ސުވާލު ކުރިއެވެ.

“ޖަންނަ އޯކޭ އެކަމަކު ބޭބީ…” ހަލަފް ހިދާޔާއަށް ބަލައިލިއެވެ. “ބޭބީގެ ކަރުގައި ފޫޅު އޮޅިފައި އޮތުމުން ބޭބީ ސަލާމަތް ނުކުރެވުން… ސޮރީ.” ހަލަފް އިސްޖަހާލިއެވެ.

ހިދާޔާއާއި ޒައީމާ ޖަންނަތު ކައިރިއަށް ދިޔައިރު ޖަންނަތުއަށް ރޮވެނީއެވެ. ޒައިދާން ނިޔާވި ދުވަހު ނުރޯވަރަށް މިއަދު ޖަންނަތު ރޮއެފިއެވެ. ދަރިއަކު ވަކިވެގެން ދިއުމަކީ މަޔަކަށް ކެތް ކުރެވޭނެ ކަމަކަށް ނުވާނެއެވެ. ޖަންނަތު ގެއަށް ގެނައި ފަހުން ވެސް ދޭތެރެއަކުން ޖަންނަތުއަށް ރޮވެއެވެ. އެދުވަހު އާޔަތު ރަށަށް އައެވެ. އޭރުވެސް ޖަންނަތު ހަމައަކަށް ނޭޅެއެވެ. އޭނައަށް ހަމަ ރޮވެނީއެވެ. ހިދާޔާއާއި ޒައީމާއާއި ދެމީހުން އެތައް ނަސޭހަތެއް ދިނުމުންވެސް ޖަންނަތުއަށް ބަދަލެއް އައި ހެނެއް ހިޔެއް ނުވެއެވެ.

“ދެން ތުއްތަ ތިވަރަށް ނުރޮއެބަލަ…” އާޔާތު އައިސް އެނދުގެ މަގަތުން އިށީންނަމުން ބުންޏެވެ. “ތުއްތައެއްނު ބުނަނީ ކޮންމެ ކަމެއްވެސް ވާނީ ރަގަޅަށޭ… އެގޮތަށް ވިސްނަބަލަ…” އާޔަތު ބުންޏެވެ.

“ހާދަ ބޮޑޭ އެސޮރު، އާޔާއަކަށް ނުފެނޭނު… ހީވަނީ ޔާނާހެން… ހަމަ އެގޮތަށް ދޮން ފުށްގަޑެއްހެން އޮތީ…” ޖަންނަތު އެހެން ބުނެފައި އަނެއްކާވެސް ރޯން ފެށިއެވެ. “އަހަރެން ގެންގުޅެލަންވެސް ނުލިބުން…” ޖަންނަތުގެ ތުންފިތުނެވެ. ހިތް ފަޅައިގެންް ދާވަރަށް ޖަންނަތުގެ ހިތަށް އަސަރު ކުރިއެވެ. އާޔަތު ޖަންނަތުގެ އަތުގައި ހިފާލިއެވެ. އެތަކެއް ނަސޭހަތް ދިނެވެ. ދެން ތިބި ކުދިންނަށް ޓަކާވެސް ހިތްވަރު ކުރުމަށް އެދެމުންދިޔައެވެ.

*    *    *    *    *    *    *    *

ދެ އަހަރު ފާއިތުވެގެން ހިގައްޖެ އެވެ. އެތައް ކަމެއްވެ ނިމިގެން އެއްދުވަސްކޮޅެއް ތެރޭ ހިގައްޖެ އެވެ. ޖަންނަތުއާއި ކުދިންވެސް ޒައިދާންއާއި ނުލާ އުޅެން ފަރިތަވެއްޖެ އެވެ. ޔަޒަން ވެސް ޒައިދާންގެ ވާހަކަ މިހާރު މާގިނައެއްކޮން ނުދައްކަ އެވެ.

ގްރީން ވިލާގެ ބިއްދޮށް ފަރާތުގައި  ނަސީރުގެ ބެލުމުގެ ދަށުން ތިން ކޮޓަރީގެ ދެ އެޕާރޓްމެންޓް ހަދާފައި ވެއެވެ. އަހްޔާންއާއި ލުއި އެއްކޮން ރާއްޖެ ބަދަލުވާ ވާހަކަ ބުނުމާއި އެކު ނަސީރު ވަނީ އެތަން ހަދަން ފަށާފަ އެވެ. ދެ އެޕާރޓްމެންޓް ހެދީ ކީއްކުރަންތޯ ހިދާޔާ ސުވާލު ކުރުމުން ނަސީރުގެ ޖަވާބަކަށްވީ އަހްޔާންއަށާއި ދެން އެތަން ބޭނުން ވެގެން އަންނަ ކުއްޖަކަށް ހެދި ތަނެއް ކަމުގަ އެވެ. އެއީ އާލިޔާ ވިޔަސް އަބްޔާން ވިޔަސް މައްސަލައެއް ނެތެވެ.

އަހްޔާންއާއި ލުއީ އެއްކޮން ރާއްޖެ ބަދަލު ވާތީ އެކަމާ އެންމެ އުފާވެގެން އުޅެނީ ޖަންނަތުގެ ދެބެންނެވެ. ލުއި އޭރު ރަށުގައި ހުރި ދުވަސްކޮޅު އެކުދިންނާ އެކު އުޅެ އުޅެ އެކުދިން ތިބީ ލުއިދެކެ އިންތިހާއަށް ލޯބި ޖެހިފަ އެވެ.

ޔަޒަންގެ އޯލެވެލް ފެށޭތީ ހަގަށް ތިބި ދެބެން ވީހާ ގިނައިން ހިދާޔާ މެންގޭގައި ބޭތިއްބޭތޯ ޖަންނަތު ބެލި އެވެ. ޔަޒަންގެ ކިޔެވުމަށް އުނދަގުލެއް ވެދާނެތީ އެވެ. ހިދާޔާ ވެސް އެކުދިން ގެންގުޅެނީ އަމިއްލަ މާމަދަރިން ފަދައިން ވިއްޔާޔެވެ. އެހެންކަމުން އެގެއަށް ފޮނުވާލާފައި އެތައް އިރެއް ވިޔަސް ޖަންނަތު ޖެހިލުމެއް ނުވެ އެވެ. އެކުދިން ރަގަޅަށް ބަލާނެ ކަމުގެ އިތުބާރު ޖަންނަތުއަށް އޮވެ އެވެ.

ފޫހި ފިލުވާލުމަށް ހަވީރު ގަޑީ ހެދިކާގެ ބާވަތްތައް ހެދުމަކީ މިހާރު ޖަންނަތުގެ އާދަ އެކެވެ. ސީ ބްރީޒް ރެސްޓޯރެންޓަށް ވެސް ޖަންނަތު ހަދާ ހެދިކާ ލާން ފެށި އެވެ. މިހާރު ރަށުގައި ބާރަށް ހިގާ ތަނަކީ ސީ ބްރީޒް ރެސްޓޯރެންޓެވެ. ލީކްސް ރެސްޓޯރެންޓް ބާވެ އެތަނަށް ވަންނަ މީހުންވެސް މިހާރު މަދެވެ.

އެތައް ބަދަލުތަކެއް ރަށަށް ވެސް އައިސްފި އެވެ. ވަލާ ދިމާލުންވެސް ގަސް ކޮށާ ގޯތި ދީ މީހުންގެ ގެވަޅުތައް ވަނީ ހަދަން ފަށާފަ އެވެ. މަޑުމަޑުން ރަށަށް ތަރައްގީ އަންނަމުން ދިޔަ އެވެ. އިތުރު ގެސްޓް ހައުސްތަކާއި ރެސްޓޯރެންޓް އަދި ބޭކަރީތައް ވެސް ރަށުގައި މިހާރު ގިނަ ވެއްޖެ އެވެ. ވަޒީފާއަށް އަންނަ ކައިރި ރަށްރަށުގެ ބީރައްޓެހިން ވެސް ރަށުގައި އިތުރުވެފައި ވެއެވެ.

ސީ ބްރީޒް ހުރިހާ ތަނެއް ހިނގުމާ މިހާރު ހަވާލުވެގެން އުޅެނީ ކަލީމް އެވެ. އެއީ ޒައިދާންގެ އެންމެ ދުވަސްވީ އެންމެ ވަފާތެރި މުވައްޒިފެވެ. ޔަޒަން ބޮޑުވެ ވިޔަފާރީއާއި ހަމައަށް އަންނަން ދެން ހުރިހާކަމެއް ކަލީމް ކޮށްދޭނެ ކަމަށް ޒައީމާގާތު ކަލީމް ވަޢުދު ވިއެވެ. ކަލީމްގެ އާއިލާއާއި އެކު ގެސްޓް ހައުސްގައި ދިރިއުޅެން ފަށާފައިވާއިރު ބަރާބަރަށް އެތަންތާނގެ ހިސާބުތަކާއި ކަންކަން ދާގޮތް ޒައީމާއާއި ޖަންނަތުއަށް ކޮންމެ މަހަކު ކިޔައިދީ ދައްކާ ހަދަ އެވެ. ކަލީމުގެ އަމާނާތްތެރި ކަމާއި އިހުލާސްތެރިކަމާ މެދު ޖަންނަތުއާއި ޒައީމާ ތިބެނީ ވަރަށް ހިތްހަމަ ޖެހިފަ އެވެ.

ހިދާޔާގެ ނިކަން ގާތް ރައްޓިއްސެއްގެ އަންހެން ކޮއްކޮ، ޖީލާން ހިދާޔާ ކައިރިއަށް ދިރިއުޅެން އައީ އޭނާގެ އާއިލާގައި ހުރި ހަމަ އެކަނި އެއްބަނޑު ދައްތަ ދުނިޔެ ދޫކުރުމުންނެވެ. ހިދާޔާގެ އެހާ ގާތް ރައްޓެއްސެއް ދުނިޔެ ދޫކުރުމާއި އެކު އެފުން ހިތާމައިގައި ބައިވެރިވެ ހިދާޔާ ޖީލާން ގޮވައިގެން އައީ އެހާ ޅަ އަންހެން ކުއްޖެއް އެކަނި އުޅެން ދޫކޮށްލަން ނުކެރިގެންނެވެ. ޖީލާންއަކީ ނުހަނު ރީތި ކަމެއް ލިބިފައިވާ ކުއްޖެކެވެ. ހަމުގެ ކުލަ އެހާ ދޮންއިރު ޅަދޮޅު ހަށިގަނޑެއް ލިބިފައި ވެއެވެ. ރާޅުބާނީ ދިގު އިސްތަށި ގަނޑަކާއި ނިކަން ކަޅުކަން ގަދަ ކަޅިރަވައެއް ލިބިފައިވާ ދެލޮލުންވެސް ޒުވާން ފުރައިގެ ފިރިހެން ކުދިންގެ ހިތް ލެނބިގެން ދާނެ އެވެ. އާލިޔާއަށް ވުރެން ހަގު ނަމަވެސް ޖީލާންގެ އުމުރަކުން ޅަކަމެއް ނޭނގެއެވެ.

ޖީލާން އުޅެން ހިދާޔާ ދިނީ އަހްޔާން ކޮޓަރި އެވެ. އަދި ޖީލާންއަށް އަމިއްލަގޭގައި އުޅޭހެން އުޅެވޭނެކަމަށް ހިދާޔާ ޖީލާންއަށް އެންގި އެވެ. ނަމަވެސް ރޭނގަޑު ބޭރަށް ގޮސް އުޅުން ޖީލާންއަށް ހިދާޔާ މަނާ ކުރި އެވެ.

އަހްޔާންއާއި ލުއީ ރާއްޖެއައިސް އެދުވަހު ރަށަށް އަންނަ ވާހަކަ އޮތީ ބުނެފަ އެވެ. އެވާހަކަ އަޑު އިވުނީން ސުރެން ޔަޒީދުއާއި ޔާނާއާއި ދެބެން ހީވަނީ އެހެން ކަމެއް ހެނެވެ. ދެގެ ދޭތެރޭ ދެބެން ދުވެލަ ދުވެލަ ތިއްބެވެ. ލުއިމެން ނައިސްގެން އެކުދިން އުޅެނީ ލަސްވެގެންނެވެ. އަހްޔާންއާއި ލުއި އަންނަ ހަބަރު ލިބުމުން ހަވީރަށް ބޮޑުކޮން ސައި ހަދަން ހިދާޔާ ނިންމި އެވެ. އެހެން ކަމުން ޖަންނަތުވެސް އެދުވަހު ހަވީރަށް ހެދިކާ ހެދީ ގިނައިންނެވެ. އެތަނުން އެއްބައި ހިދާޔާމެންގެއަށް ގެންދިއުމަށް ޖަންނަތު ތައްޔާރު ކޮށް ވިދޫޝިކާ އަތައް ދީފައި އެ ފޮނުވާލި އެވެ.

“މަންމީ… އައިއްސި އައިއްސި.” ޔާނާއާއި ޔަޒީދުއާއި ދެބެން ދުވަމުން އައިސް ގެއަށް ވަދެފައި ބުންޏެވެ. “އަލުން މިދަނީ އިނގޭ.” ޖަންނަތުއަށް އެއްޗެއް ނުބުނެ ވެނީސް ދެބެން އަނެއްކާ އެގެއާ ދިމާލަށް ދުއްވައި ގަތެވެ.

ހެދިކާގެ އަނެއްބައި ރެސްޓޯރެންޓުން ބަލައި އައުމުން ހަވާލުކުރުމަށް ވިދޫޝިކާ ގާތު ބުނެފައި ޖަންނަތު ފާހާނާއަށް ވަދެ ފެންވަރާލި އެވެ.

ޖަންނަތު އައިސް ގްރީން ވިލާއަށް ވަންއިރު ގޭތެރެ ވަނީ ހަލަބޮލި ވެފަ އެވެ. އަހްޔާންއާއި ލުއި ސޯފާގައި ތިބި އިރު ޖީލާން ވެސް އެމީހުނާ އެކު އެތާ އިނެވެ. ހިދާޔާ ހީވަނީ އަތްމަތި އަވަސްކޮށްލާފައި ހުރި އިރު އެހެންފަދަ ކަމެއް ހެނެވެ. ދެއީދު އެއްފަހަރާ އައިސްގެން އުޅޭ މީހެއް ހެން ހިދާޔާ އުޅެ އެވެ.

ޖަންނަތު ފެނުމުން ލުއީއާއި އަހްޔާން ވެސް ދެއްކީ ޖަންނަތު ހިކިފައި ހުރުމުން އެވާހަކަ އެވެ. އެމީހުން އެންމެ ފަހުން ރާއްޖެ އައި އިރު ޖަންނަތު ހުރީ ބަނޑުބޮޑުވެފަ އެވެ. އަދި އެހާ ފަލަވެސް ވެފަ އެވެ. ޖަންނަތު އައިސް ކާން ހަދާފަ ހުރި މޭޒު ކައިރީ މަޑުކޮށްލި އެވެ.

“މިއަދު މޭޒު ކުޑަވީނު.” ހިނިތުން ވެލަމުން ޖަންނަތު ބުންޏެވެ.

“އާން… ގޭ އެންމެން ހަމަ ވީމަ ވާނީ މިހެން.” ހިދާޔާ ނިކަން އުފާވެލާފައި ބުންޏެވެ.

“ލުއިދައްތަ އަންނާތީ ދެފައި އެއްތާ ހަރުނުލާ އުޅުން ދެމީހުން މިހާރު ކޮބާ؟” ޖަންނަތުއަށް އެކުދިން ނުފެނުމުން އަހާލި އެވެ.

“މިއަދު އެކޮޓަރީގަ ކުޅުން ފަތުރައިގެން އުޅޭ ދުވަހެއް.” އަބްޔާންގެ ކޮޓަރިއާއި ދިމާއަށް އިޝާރާތް ކޮށްލަމުން ހިދާޔާ ނިކަން ފާޑަކަށް ހިނިތުން ވެލަމުން ބުންޏެވެ. އަދި ބޭރުގޭތެރެއަށް ނުކުމެ އެންމެނަށް ސައިބޯން އައުމަށް ގޮވަން ފެށި އެވެ.

ޖަންނަތު ގޮސް އަބްޔާން ކޮޓަރި ދޮރު ހުޅުވާލި އެވެ. ޖަންނަތުއަށް ހުއްޓުންއަރާފައި އިރުކޮޅަކު ހުރެވުނީ އެވެ. އެކޮޓަރީގައި ޔަޒަންއާއި ޔަޒީދު ތިބީ ހަމަ އެކަނި ސޯޓު ލައިގެނެވެ. ބިންމަތީ ވެއްޓިގަނެގެން އޮތް އަބްޔާން ވެސް އޮތީ ހުސްގަޔާ އެވެ. އެވަގުތު އެތާގައި ރެސްލިން މެޗެއް ކުރިއަށް ދަނީ އެވެ. ކުޑަކުޑަ ފަސް އަހަރުގެ ޔާނާ އެނދުމަތީ އިނދެގެން ގުނަމުން ދިޔަ އެވެ.

“ޔެސް… ޔަދީމެން މޮޅުވީ.” ޔަޒީދު ގޮވާލި އެވެ.

“މަންމީ..” އެނދުގައި އިން ޔާނާއަށް ޖަންނަތު ފެނިގެން ގޮވާލި އެވެ. ގޮވާލުމާއި އެކު އެންމެން އެއްފަހަރާ އެދިމާލަށް ބަލައިލި އެވެ. އަބްޔާން ވެސް ޖަންނަތުއަށް ބަލަމުން މަޑުމަޑުން ތެދުވި އެވެ. “ތޮއްބެއާ ދޮންބެއާ މޮޅުވީ… އަބީބެ ދައްވީ.” ޔާނާ ޖަންނަތު ކައިރިއަށް އައިސް ބުންޏެވެ. ޖަންނަތު ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެގޮތަށް އަބީ ފެނުމުން ޖަންނަތު ހުރީ ހާސްވެފައެވެ.

“ހޫ އިޒް ދިސް؟” އަބްޔާން ޖަންނަތުގެ މޫނަށް ބަލަން ހުރެ އެހިއެވެ.

“އަބީބެއަށް ނޭގޭތަ… ޔަދީމެންގެ މަންމިއޭ ތީ.” ޔަޒީދު ބުންޏެވެ. އޭރުވެސް އަބްޔާން ހުރީ ޖަންނަތުއާއި ދިމާއަށް ބަލަހައްޓައިގެނެވެ. ޔަޒަން ފާޑަކަށް ބަލަން ހުއްޓެވެ. ޔަޒަންގެ ތުންފަތަށް ވަނީ ހިނިތުންވުމެއް ވެރިވެފައެވެ. ޔަޒަންއަށް ވެސް ވަނީ އަބްޔާންއާއި ޖަންނަތުގެ ލޯބީގެ ވާހަކަ ތުންތުން މަތިން ރަށުތެރެއިން އިވިފައެވެ. ނަމަވެސް ޔަޒަން ޖަންނަތުއާއި އެކަހަލަ އެއްވެސް ވާހަކައެއް ނުދައްކައެވެ. ޔަޒަން މަޑުމަޑުން ކޮޓަރިން ނުކުތެވެ. ޔަޒަން ފަހަތުން ޔަޒީދު ނުކުތުމުން ޔާނާވެސް އެނދުމަތިން ފުންމާލައިގެން ދިޔައެވެ. ޖަންނަތުވެސް އަވަހަށް ދާން ދޮރާއި ދިމާއަށް ހިނގައި ގަތެވެ.

“ޖަންނާ؟…” އަބްޔާން ގޮވާލުމުން ޖަންނަތުއަށް ހުއްޓުން އެރިއެވެ. އޭރު ޖަންނަތުގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ. އަބްޔާން އެނދުމަތީ ގުޅައަކަށް އޮތް އޭނަގެ ޓީ-ޝާރޓް ނެގި އެވެ. “ކިހިނެއް؟” އަބްޔާން ހިނިތުން ވެލަމުން މަޑުމަޑުން އަހާލި އެވެ. ޖަންނަތުގެ ތެޅިތެޅި އޮތް ހިތް ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުންދިޔައެވެ. ޖަންނަތު މަޑުމަޑުން ކޮލާ ދިމާއަށް ވެއްޓިފައި އޮތް އިސްތަށިކޮޅު ކަންފަތް ދަށަށް ލަމުން އަބްޔާންއަށް ބަލައިލިއެވެ. ކަރު ހިކިފައި ވުމުން އަޑުވެސް ނުނިކުމެފައި ޖަންނަތުއަށް ހުރެވުނީއެވެ. އަބްޔާން އަނެއްކާވެސް ސުވާލު ކޮށްލިއެވެ. ނަމަވެސް ޖަންނަތުއަށް އޭގެ ޖަވާބެއް ނުދެވުނެވެ.

“އަބީ ކިހިނެއް؟” ހިތްވަރު ކޮށްފައި ޖަންނަތުއަށް ވެސް އަހާލެވުނީ ސުވާލެކެވެ. އަބްޔާން ކައިރިއަށް ލާނެތް ހިންޏެއް އައިސްފައި ހުރެ ޖަންނަތުއަށް ބަލައިލި އެވެ.

“މިހިރީނު ފެންނަން. ރަގަޅެއްނު.” އަބްޔާން އަމިއްލަ ހަށިގަނޑާއި ދިމާއަށް އިޝާރާތް ކޮށްލަމުން ހިނިތުން ވެލި އެވެ. ޖަންނަތު އަބްޔާންގެ ހަށިގަނޑަށް ބަލައިލިއެވެ. އަދި ރަކިވެގެން އަބްޔާންއަށް ބަލައިލާފައި ހިނިތުން ވެލި އެވެ. އިތުރަކަށް ޖަންނަތުއަކަށް އެއްޗެއް ބުނާކަށް ނުކެރުނެވެ. އަބްޔާން ޖަންނަތުގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ހުއްޓެވެ. ކިތަންމެ އެއްޗެއް ބުނަން އަބްޔާން ބޭނުންވިޔަސް ދުލުކުރިއަށް އިތުރަށް އެންމެ ލަފްޒެއްވެސް ނައެވެ. ޖަންނަތުއާއި ދިމާއަށް ބަލަހައްޓައިގެން ހުރެވުނީ އެވެ. އެސޫރައަށް ކުޑަވެސް ބަދަލެއް އައިސްފައި ނުވެއޭ އަބްޔާން ހިތަށް އެރި އެވެ. އިތުރަށް ރީތިވެފައި ފުރިހަމައެވެ. އެރީތިކަމާ ފަރިކަން އެމޫނުގައި ވެއެވެ. އަބްޔާން ބަލަން ހުރުމުން ޖަންނަތު އިސްޖަހާލި އެވެ. އެތަނުން ދާން ޖަންނަތު ބޭނުންވިޔަސް ނޭނގޭ ބާރަކުން ޖަންނަތު ހިފަހައްޓާފައިވާހެން ހީވެ އެވެ. “އަބީވެސް ސައިބޯން ދާންވީނު؟” ޖަންނަތު އެންމެ ފަހުން މަޑުމަޑުން ބުނެލި އެވެ.

އަބްޔާން އެއްޗެއް ނުބުނެ ޖަންނަތުއާއި ކައިރި ވެލި އެވެ. ޖަންނަތުގެ ހިތް އަވަސް ވުމާއި އެކު ދޮރާ ދިމާއަށް އެނބުރުނެވެ. “އެންމެން އެބަތިބި މަޑުކޮށްގެން،” ޖަންނަތު އަވަސް އަވަހަށް ބުންޏެވެ. އަދި ދޮރާދިމާއަށް ހިގައި ގަތެވެ. އަބްޔާން ޖަނަންތު ނިކުމެގެން ދިޔަ އިރުވެސް ބަލަން ހުއްޓެވެ. ޖަންނަތު ހުއްޓުވުމަށް އެހިތް ގޮވަމުން ދިޔައެއް ކަމަކު އެއްވެސް ހަރަކާތެއް ނެތިފައި އަބްޔާންއަށް ހުރެވުނީ އެވެ.

ޖަންނަތުގެ ޖަޒުބާތުތައް ފޮރުވަމުން ޖަންނަތުއައިސް ކާމޭޒު ކައިރީ ހުއްޓުނެވެ. ޖަންނަތުގެ މޫނަށް ހިދާޔާ ބަލައިލިއެވެ. އަބްޔާންއާއި ދިމާވުމުން ޖަންނަތުއަށް އެއްވެސް އަސަރެއް ކޮށްފިތޯ ހިދާޔާ ބަލަން ބޭނުންވީއެވެ. ނަމަވެސް ޖަންނަތުގެ މޫނުމަތިން އެއްވެސް އަސަރެއް ފާޅު ނުވުމުން ހިދާޔާ މާޔޫސްވިއެވެ. އޭރު އާލިޔާއާއި ހަލަފް ވެސް އައިސް މޭޒު ކައިރީ އިށީދެގެން ތިއްބެވެ.

“އޭ ޖަންނާ… ހާދަ ހިކިލާފަ ތިހިރީ.” އާލިޔާއަށް ޖަންނަތު އެފެނުނީ އެތައް ދުވަހެއް ފަހުންނެވެ. އާލިޔާ ހިދާޔާ ގާތަށް ވެސް އަންނަނީ ވަރަށް މަދުން ކަމަށްވާތީ ޖަންނަތުއާ ވެސް ދިމާނުވަނީ އެވެ. “އަސްލުވެސް… ޖަންނަ މިހާރު ހީވަނީ ހަމަ ކުރީގެ ޖަންނަހެން… ކުދިންތަކެއްގެ މަންމަ ހެނެއް އެއްގޮތަކަށްވެސް ހިޔެއް ނުވޭ… ޖަންނަ ފެނުނީމަ އަހަރެން ވެސް ކުއްޖެއް ހޯދާހިތް ވެއްޖެ.”

“ނޯ… ނޯ… ނޯ.. އަދި ތިކަމެއް ނުވާނެ.” އާލިޔާ އެހެން ބުނުމާއި އެކު ހަލަފް ބުންޏެވެ.

“މިހާރު ދެން ކުއްޖެއް ހޯދަން ވެއްޖެނޫންތަ…” ހިދާޔާ ބުނެލި އެވެ.

“އެކުދިންނަށް އިނގޭނީ އެކުދިންގެ އާއިލާ ބިނާކުރާނެ ގޮތެއް… ހިދާ އެކަމާ އަޅާނުލާބަލަ.” ނަސީރު ބުންޏެވެ.

ޖަންނަތު މޭޒުކައިރީ އިށީނެވެ. އެންމެން އެކިވާހަކަ ދައްކަމުން ދިޔައެވެ. އެވަގުތު އަބްޔާން އައިސް ޖަންނަތު ކުރިމަތިންވާ ގޮތަށް އިން ގޮނޑީގައި އިށީނެވެ.

“ހާދަ ބައިވަރެއް މަންމާ…” އަބްޔާން މޭޒުމައްޗަށް ބަލައިލަމުން ބުންޏެވެ.

“ކީއްތަވީ… ގޭ އެންމެން ހަމަވި ދުވަހު މިވަރުވެސް މަދެއްނޫންތަ؟” ހިދާޔާ ނިކަން ހެވިލާފައި އިނދެ ބުންޏެވެ. އަބްޔާން ބޯ ޖަހާލަމުން ހިނިތުން ވެލި އެވެ.

“މާމާ، މާމާ، ޔަދީއަށް އަދި ކޭކުކޮޅެއް ދީބަލަ.” ތަށި ހިފައިގެން ހިދާޔާ ގާތަށް ޔަޒީދު އައިސް ބުންޏެވެ. އަބްޔާން ހައިރާން ވެފައި ޔަޒީދުއަށް ބަލައިލާފައި ހިދާޔާއަށް ބަލައިލި އެވެ.

“މާމާޔޭ؟” ސުވާލު އުފެދިފައި އަބްޔާން އަހާލި އެވެ.

“އާން… އަހަރުމެންގެ ދަރިން ކުދިން ނުހޯދިއެއް ކަމަކު މާމަ ކިޔާނެ ކުދިން އަހަރުމެނަށް ލިބިފަ ތިބީ… ދޮގެއްތޯ ނަސީރު.” ހިދާޔާ ހެވިލާފައި ނަސީރުއަށް ދޯ ލަމުން ބުންޏެވެ.

“މިތިބީނު މާމަގެ ކުޑަކުޑަ ޔަދީއާ ޔާނާއާ ދޯ.” ހިދާޔާ ނިކަން ލޯބިން ކޭކުކޮޅެއް ޔަޒީދު ތައްޓަށް ލައިދެމުން ބުންޏެވެ. އަބްޔާން ބުމަ އަރުވާލަމުން ޖަންނަތުއަށް ބަލައިލި އެވެ. ޖަންނަތު އަބްޔާން ބަލައިލުމުން އިސްޖަހާލި އެވެ. “އެއްވެސް މީހަކަށް ނުކެރުން ވިއްޔަ މާމަ ދަރިން ހޯދާކަށް… ދުނިޔޭގަ ހުއްޓާ މާމަ ކިޔާނެ ކުދިންކޮޅެއް ހޯދައިގެން އަހަރުން މި އުޅެނީ.” ހިދާޔާ ބުންޏެވެ. އަބްޔާން ބޯ ޖަހާލަމުން ގޮނޑީގައި ލެނގިލި އެވެ.

އެހެން އިން އިރު އަބްޔާންގެ ނަޒަރު ޖަންނަތުއަށް ހުއްޓޭކަން ޖަންނަތުއަށް ފާހަގަ ކުރެވުނެވެ. ޖަންނަތުވެސް އަބްޔާންއަށް ދޭތެރެއަކުން ބަލާލަ އެވެ. ދެމީހުންގެ ހިތްވެސް އާދަޔާ ހިލާފަށް ތެޅެމުން ދިޔައީ ތަންކޮޅެއް ބާރަށެވެ. އެހާ ދުވަސް ކޮށްފައި ދެމީހުނަށް ދެމީހުން ފެނުން އިރުވެސް ސިފައަށް މާބޮޑު ބަދަލެއް އައިސްފައެއް ނެތެވެ. އެތައް ޒަމާނެއް ވަންދެން ޖަންނަތުގެ ހިތުގައި ފޮރުވާ ރައްކާކޮށްފައިވާ ލޯބީގެ އަލިކޮޅު ދިއްލެން ފަށައިފި އެވެ.

“އަބީ، ދަރިފުޅާ… ދެން އެކޮޅަށް ދަނީ ކޮން އިރަކު؟” ނަސީރު އަހާލި އެވެ.

“އަޅުގަނޑު ނުދާގޮތަށް މިއައީ… ލުއީގެ ގެ ވިއްކާލާ ވާހަކަ ދެއްކީމަ އަޅުގަނޑުވެސް އަވަހަށް ހުރިހާ ޕްރޮޖެކްޓް ތަކެއް ނިންމީ… އިތުރު އެއްޗެއް ނުނަގާ ކެނޑިގެން މިއައީ.” އަބްޔާން ބުންޏެވެ.

“ލުއީގެ ގެ ވިއްކާލީތަ؟” ނަސީރު ހައިރާން ވެފައި އެހި އެވެ.

“ލައްބަ ބައްޕާ… ލުއީ ބޭނުންވަނީ ދެން އެއްކޮން ރާއްޖޭގަ އުޅެން… އެހެންވެ ދެން ލުއީގެ މައިންބަފައިންގެ ވެސް އެދުމުގެ މަތިން ވިއްކާލީ.” އަހްޔާން ބުންޏެވެ. ނަސީރު ބޯ ޖަހާލި އެވެ.

“ދެން ރަށުގަ ތިބެގެން ކޮންކަމެއް ކުރަން ދަރިފުޅުމެން ވިސްނަނީ؟” ނަސީރު އަހާލި އެވެ.

“އަޅުގަނޑު ބޭނުންވަނީ ބައްޕައާ އެކު ވިޔަފާރި ކުރަން.” އަހްޔާން ބުންޏެވެ.

“އަބީ؟ ދަރިފުޅު؟” ނަސީރު އަބްޔާންއަށް ބުންޏެވެ.

“އަޅުގަނޑުވެސް…” އަބްޔާން ޖަންނަތުއަށް ބަލައިލި އެވެ. “އެކަމަކު އަޅުގަނޑަށް ޖޮއިން ކުރެވޭނީ ދިގު ޗުއްޓީއަކަށް ފަހު.” އަބްޔާން ބަލަން އިނުމުން ޖަންނަތު އިސްޖަހާލި އެވެ. “ވަރަށް ބުރަކޮން ދުވަސްތަކެއް ވަންދެން އުޅެވިއްޖެ. އެހެންވެ އަރާމުކޮށްލާފަ މަސައްކަތެއް ދެން ކުރެވޭނީ.”

“އެންމެ ރަގަޅު… ޔާން ވެސް ކުޑަ ޗުއްޓީއެއް ނަގާފަ ޖޮއިންް ކުރަން ވީނު… ޔާންއަށް ވެސް ރަށަށް ތިއާދެވުނީ ކިހާ ދުވަހެއް ފަހުން.” ނަސީރު ބުންޏެވެ. އަހްޔާން ބޯ ޖަހާލަމުން އެއްބަސް ވެލި އެވެ.

ޖަންނަތު ތެދުވެގެން ގޮސް ދުފާ އެއްޗިހި އަޅާފައި ހުރި ތަބަށް ނެގި އެވެ. އާލިޔާއާއި ހަލަފް ސޯފާގައި އިށީދެގެން ތިއްބެވެ. އަހްޔާން އައިސް ސޯފާގައި އިށީންނަމުން ދުފާތަބަށް ދިއްކޮށްލުމަށް ޖަންނަތުކައިރީ އެދުނެވެ. ޖަންނަތު އެދޭން އުޅެނިކޮން ފަހަތުން އައި އަބްޔާން އޭގައި ހިފި އެވެ. އެވަގުތު އަބްޔާންގެ އިނގިލިތައް ޖަންނަތުގެ ކަނާތު ފުށަތުން ޖެހުމާއި އެކު ދެމީހުނަށް ވެސް އެކަކު އަނެކަކަށް ބަލައިލެވުނެވެ. އަދި ހަމަ އެސިކުންތު ކޮޅުގައި ކަރަންޓުގެ ރާޅުބާނީއެއް ދެހަށިގަނޑަށް ވެރިވެގެން ދިއުމާއި އެކު ދެމީހުނަށް ވެސް ތަބަށް ދޫކޮށްލެވުނީ އެވެ. ތަބަށް ވެއްޓި ތަބަކުގައިވާ ހުރިހާ އެއްޗެއް މުޅި ތަނަށް ބުރައިގެން ދިޔައީ އެވެ.

ޖަންނަތުއާއި އަބްޔާންއަށް އިރުކޮޅަކު އެތަން ބަލަން ހުއްޓުން އަރާފައި ތިބެވުނީ އެވެ.

“ކިހިނެއް ތިހެދީ؟” އަހްޔާން ބުންޏެވެ.

“ޖަންނަތު އަވަހަށް އިށީނދެ އެތަން ސާފުކުރަން ފެށި އެވެ. އަބްޔާންވެސް އިށީނދެ ހޮވަން ފެށި އެވެ. އަހްޔާންއާއި ދެންތިބި މީހުން އެކަކު އަނެކަކަށް ބަލައިލާފައި ބުމަ އަރުވާލަމުން ހިނިތުން ވެލިއެވެ.

“ޖަންނަ ކަންތައް؟” އަބްޔާން ޖަންނަތުއާއި ދިމާއަށް މަޑުމަޑުން ބުންޏެވެ.

“އަބީއާ ހެދި.” ޖަންނަތު ލޯ އަޅާލަމުން އަބްޔާންއާއި ދިމާއަށް ބުނެލި އެވެ.

“ޖަންނަ އަށް ބަދަލެއް ނާދެ…” އަބްޔާން ހިނިތުން ވެލައިގެން ޖަންނަތުއާއި ދިމާއަށް ބަލަހައްޓައިގެން އިނެވެ. ޖަންނަތު އަވަހަށް ރަކިވެގެން ތަބައް ހިފައިގެން ބަދިގެއާއި ދިމާއަށް ދިޔަ އެވެ.

ރޭގަނޑު ސީބްރީޒް ރެސްޓޯރެންޓްގައި ހުރިހާ ފިރިހެންވެރިން ކޮފީއަކަށް ގޮސް ތިއްބެވެ. ރަށަށް އައިސްފައިވާ ބަދަލުތަކުގެ ވާހަކަ ދައްކަމުން ގޮސް ގެދޮރު ހަދާ ވާހަކަ ދައްކަން ފެށި އެވެ.

“އަބީ މެންގޭގަ ހަދާފަ އެހެރަ ދެ އެޕާރޓް މެންޓުން އެއްތާ ޔާނު ތި އުޅެނީ… އަނެއްތަން އެއީ ކާކަށް؟” ނޫރު ނިކަން މާނަވީ ގޮތަކަށް އަހާލި އެވެ.

“އެއީ ހަމަ ގައިމުވެސް އާލިޔާއަކަށް ނޫން… އާލިޔާ އެއުޅެނީ މިހާރުވެސް ވަކިން ނުލާހިކު ރީތިކޮން ހަދާފަ ހުރި ތަނެއްގަ ނޫންތަ؟” މުޒައްފަރު ބުންޏެވެ.

“އެއީ ބޭނުން ކުއްޖަކަށޭ ބައްޕަ ބުނުއްވީ.” އަހްޔާން ބުންޏެވެ.

“އަބީއެއްނު ދެން ހުރީ… އަބީ އަނެއްކާ… މީހަކާ އިންނަން އުޅެނީކީ ނޫންތަ؟” ނޫރު ލާނެތް ފާޑަކަށް ހިނިއައިސްފައި އިނދެ ބުނަމުން ދިޔަ އެވެ.

“އޭނަ އެއީ ސަލްމާން ޚާން… ފަންސާސް އަހަރުވާ އިރުވެސް ނޭގެ މީހަކާ އިންނާނެ ކަމެއް.” މޫސަ ވެސް އަބްޔާންއާއި ދިމާ ކޮށްލި އެވެ.

“އާން ތީ ތެދެއް، ނިކަން ބަލާ އަހަރުމެން މިހާރު މުސްކުޅިފާޑު ޖަހަން ފަށައިފި… އެކަމު މީނަ މި ހުންނަނީ ހަމަ އެއްސިފަ އެއްގަ އެއްގޮތަކަށް ސަލްމާނު ޚާނަށް ވުރެން ވަކި ދެރައެއް ނޫނެއްނު… ސިއްހަތައް ބަލައިގެން މީހަކަށް އުޅެވޭނީ ތިވަރަށް.” މުޒައްފަރު ބުނެލި އެވެ.

“ދެން ނެތޭ މާ ގިނަ ދުވަހެއް ދޯ އަބީ… އިންނަން ހުރި ކުއްޖާ ހުރީ މިހާރު ސޭލްގަ… ބޭނުން އިރަކު އަތުއަޅުވާލަންވީ… އެއްވެސް ފާރެއް ހުރަސްކުރާކަށް ވެސް ނުޖެހޭނެ.” ނޫރު ހީލަމުން ބުންޏެވެ.

“ނޫރު، ސްޓޮޕް،” އަބްޔާން އެންމެނާ ދިމާއަށް ބަލައިލާފައި މޭޒުމަތީ އިން ބިއްލޫރި ތައްޓަކާ ކުޅެލި އެވެ. “އަހަރެން އަދި މީހަކާ ނީނދެވިގެނެއް ނޫޅެން.”

“އަދިއެއް ނޫޅެން ދޯ.. އާން އިނގެޔޭ ދެން މާ އަވަސް އަރުވާލައިގެން ނޫޅުނަސް އެކަން ވާނެކަން ދޯ.” ނޫރު އެހެން މީހުނަށް ދޯ ލަމުން އަބްޔާންއާއި ދިމާ ކޮށްލި އެވެ.

“ކޮންމެ ގޮތެއް ވިޔަސް ކޮންމެސް ދުވަހަކުން އިރާދަކުރެއްވިއްޔާ އަހަރެން ވެސް އަދި މީހަކާ އިންނާނެތާ… އެކަމަކު ކިހިނެއް އިނގެނީ ދޯ… ހަމަ އެސްފިޔަ ޖަހާހާ އަވަހަށް ތަޤްދީރުގެ ކަންތައް ބަދަލުވަމުން އެދަނީ. މީހާ ހިތަށް ވެސް ނާރާ ހުންނަ ކަންތައް ވަމުން ބަދަލުވަމުން އެދަނީ… އެހެންވީމަ އެދުވަސް އައިމަ ތިމީހުނަށް ވެސް އިނގޭނެ… ދެން ބަލަން ތިބޭ ވާގޮތް.” އަބްޔާން ގޮނޑީގައި ހަމަޖެހިލަމުން ބުންޏެވެ. އެންމެން އެންމެނަށް ބަލައިލާފައި ބޯ ޖަހާލަމުން ނިތް އަރުވާލި އެވެ.

އަބްޔާންއާއި އަހްޔާން ގެއަށް އައީ ވަރަށް ލަސްވި ފަހުންނެވެ. އަހްޔާން އައިސް ބޭރުން ވަދެވޭ ގޮތަށް ހަދާފަ ހުރި އެޕާރޓްމަންޓަށް ވަނުމުން އަބްޔާން ބޭރު ޖޯލީގައި މަޑުކޮށްލި އެވެ. ޖޯއްޔައް އެއްފައި ނަގައިގެން އަބްޔާން ޖޯލީގައި އޮށޯވެލަމުން ބޮލުގައި އަތް ހާކާލި އެވެ. އަދި މުރަކަގޭ މަތީބުރިއަށް އަބްޔާން ބަލައިލި އެވެ. މަތިން އެއްކޮޓަރިން އަލިކަން ފާޅުވާން ހުއްޓެވެ. ޖަންނަތު އަދި ނުނިދަނީކަން އަބްޔާން ލަފާކޮށްލި އެވެ. އެގެއަށް ގޮސް ޖަންނަތުއާއި ވާހަކަ ދައްކާލަން އަބްޔާން ހިތަށް އެރި އެވެ. ނަމަވެސް ހިތް ކިތަންމެ ވަރަކަށް އެދެމުން ދިޔަސް ސިކުނޑިން އަބްޔާންގެ އެންމެ ގުނަވަނަކަށްވެސް އެ ހަބަރެއް ނުދިނެވެ. އެންމެ ފަހުން އިރުކޮޅަކު އެތާ އޮވެލާފައި ގެއަށްވަނީ ނިދި އަންނާތީ އެވެ.

ފަތިހަށް ހޭލަން އާދަވެފައިވާ އަބްޔާންއަށް ބަންގިގޮވަމުން ދިޔަ ގަޑިއަށް ހޭލެވުނެވެ. އަވަހަށް ތައްޔާރުވެލައިގެން މިސްކިތައް ދާން ނުކުތެވެ. އޭރު ނަސީރުވެސް މިސްކިތައް ދާން ނުކުންނަނީ އެވެ. ދެބަފައިން އެއްކޮން ގެއިން ނުކުތެވެ.

“ދަރިފުޅުހެން ޔާން ވެސް މިސްކިތައް ދާނެ ގޮތެއް ބުނެބަލަ… ޔާން އަޅުކަންތަކާ ހާދަ ދުރޭ.” ނަސީރު ދެރަވެފައި އަބްޔާން ގާތު ބުންޏެވެ.

“ޔާންއަށް ވިސްނުނީމަ އޯކޭ ވާނެ… ބައްޕަ ހާސްވެ ނުލައްވާ… އަޅުގަނޑު ޔާންއާއި ތިވާހަކަ ދައްކާނަން.” އަބްޔާން ބުންޏެވެ.

ދެބަފައިން މިސްކިތުން އައި އިރު ހިދާޔާ ހުރީ ކޮފީ ގިރާފަ އެވެ. އަބްޔާން އެތަނުން ކޮފީ ޖޯޑެއް ހިފައިގެން ގޭދޮރުމަތީ ހުރި ޖޯއްޔަށް ނުކުތެވެ. އޭރު މުރަކަގޭދޮށް ކުނިކަހަން ޖަންނަތު އޮތެވެ. އަބްޔާން އެދިމާލަށް ބަލަހައްޓައިގެން އިނެވެ. ޖަންނަތުގެ ކޮންމެ ހަރަކާތަކަށް އަބްޔާން ބަލަމުން ދިޔަ އެވެ. އަބްޔާންގެ ހިތުގައިވާ ލޯބި އުތުރެމުން ދާން ފެށި އެވެ. އެވަގުތު ޖަންނަތު ކައިރިއަށް ދިއުމަށް ހިތް އެދެން ފެށި އެވެ. ނަމަވެސް ހަމަ ހިލާ ތަނެއް ވެސް ގުޑުވާނުލާ އެހެން އިނެވެ. އިރުކޮޅަކުން އެގޭ ތެރެއިން ޔަޒަންއާއި ޔަޒީދު ނުކުތެވެ. ދެބެންވެސް ތިބީ ސްކޫލް ޔުނީފޯމްގަ އެވެ. ޖަންނަތު ޔަޒީދުގެ ގިރުވާން ރަގަޅު ކޮށްލި އެވެ. އަދި ޔަޒަންގެ ބޮލުގައި ފިރުމާލަމުން ކޮންމެވެސް އެއްޗެއް ބުނިތަން ފެނުނެވެ. އިރުކޮޅަކުން ޔަޒަން އޭނަގެ ބައިސްކަލުގެ ފަހަތުގައި އިން މަޑި މަތީ ޔަޒީދު ބައިންދާލި އެވެ. އަދި ޔަޒަން ބައިސްކަލަށް އަރާ ދުއްވާލި އެވެ.

“ބާއި މަންމީ… ބާއި.” ޔަޒީދު ބާރު އަޑުން ގޮވާލި އެވެ.

“މޯނިންގ އަބީބޭ.” އަބްޔާން ހުރަސް ކުރަމުން ޔަޒަން ގޮވާލި އެވެ. އަބްޔާން ވެސް ކޮފީމަގު އެމީހުނާ ދިމާއަށް ދިއްކޮށްލަމުން ބޯޖަހާލި އެވެ.

ޔަޒަންމެން ދިޔަ ދިމާއަށް ބަލަން އިނދެފައި އަބްޔާން އަނެއްކާވެސް މުރަކަގެއާ ވީކޮޅަށް ބަލައިލި އެވެ. އެއްވެސް މީހެއް ފެންނާކަށް ނެތެވެ. އޭރު ޖަންނަތު ގެއަށް ވަދެއްޖެ އެވެ. އަބްޔާން ވެސް ތެދުވެގެން އައިސް ގެއަށް ވަނެވެ.

އަށެއް ޖަހަން އުޅެނިކޮން އަބްޔާންއާއި ނަސީރު މޭޒުދޮށުގައި ތިބީ ހެދުނުގެ ނާޝްތާ ކުރާށެވެ. ނަސީރު އާއި އަބްޔާން ދިޔައީ ވިޔަފާރީގެ ވާހަކަ ދައްކަމުންނެވެ.

“މާމާ! މާމާ!” ޔާނާ އައިސް ނިކަން ބާރަށް ގޮވާލި އެވެ. ބަދިގޭގައި އުޅުން ހިދާޔާ ނިކަން އަވަހަށް ފޮތިގަނޑަކުން އަތް ފޮހެމުން ނުކުތެވެ.

“އައީދޯ މާމަ ދޫނި.” ހިދާޔާ ޔާނާ އުރާލަމުން ބުންޏެވެ. އަދި ގޮވައިގެން އައިސް އަބްޔާން ކައިރީ ހުރި ގޮނޑީގައި ބެއިންދި އެވެ. “ކޯޗެއް ދަރިފުޅު ކާނީ؟”

“ރޮށި، ހަމަ ހުސް ރޮށި.” ޔާނާ ބުންޏެވެ.

“މީ އަދި ވަރެއްގެ މީހެކޭދޯ.” ހިދާޔާ ރޮއްޓެއް ނަގާ ތައްޓަކަށް ލައިދިނެވެ. “ދޫނި އެކަނިތަކާނީ؟” ޔާނާ ބޯ ޖަހާލި އެވެ.

“ކޮންމެ ދުވަހަކު މިގެއިންތަ ސައިބޮނީ؟” އަބްޔާން ޔާނާގެ ބޮލުގައި ފިރުމާލަމުން އެހި އެވެ.

“އާން، ކޮންމެ ދުވަހެއްގެވެސް އާދަ އެއީ… ޖަންނަ ރީތިކުރާއިރަށް ދުވެފަ އަންނާނެ މިގެއަށް. ޖަންނައާ އެއްކޮން ހެދުނު ނުކާނެ… މާމަ ދެކިލާފަ އެމަންޖެއަށް ކެވޭނީ ވެސް. މާމަ ދެކެ އެހާ ލޯބިވެޔޭ ދޯ މާމަ ދޫނީ” ހިދާޔާ ޔާނާގެ ކޮލުން ވަސްގަނެލަމުން ބުންޏެވެ. ހިނިތުން ވެލައިގެން ޔާނާ އިނެވެ. އަބްޔާން ހިނިތުން ވެލާފައި ނަސީރުއަށް ބަލައިލި އެވެ.

“ޔާނާ ސްކޫލަށް ނުދޭތަ؟” އަބްޔާން އަނެއްކާވެސް އަހާލި އެވެ.

“ޓެންގަ ޔާނާ ސްކޫލަށް ދަނީ.” ޔާނާ ބުންޏެވެ.

“އޭނަ ސްކޫލަށް ދާން ވަންދެކަށް މިގޭގަ އުޅޭނީ… ޖަންނަ އަންނާނެ ޔުނީފޯރމާ އެއްޗިހި ހިފައިގެން… މިގެއިން ފެންވަރާ ތައްޔާރުވާނީ ވެސް… ނުދާނެ ވިއްޔަ ގެޔަކަށް.” ހިދާޔާ ބުންޏެވެ.

“މަންމައަށް އޮޅުވެފަ ދޯ.” އަބްޔާން ބުންޏެވެ.

“އާން. އެންމެ ތުއްތު އިރުން ފެށިގެންވެސް ހަމަ މަންމައަށް ވަރަށް އޮޅު.” ހިދާޔާ ބުންޏެވެ.

“މީ ބުޅަލެއްތަ މާމާ؟ ޔާނާ މީ ބުޅަލެއްތަ؟” ޔާނާ ހިދާޔާއަށް ބަލައިލާފައި ބުންޏެވެ. އަބްޔާންއާއި ނަސީރު ހޭން ފެށި އެވެ.

“ނޫނޭ… ޔާނާ ތީ ބުޅަލެއްނޫން.” އަބްޔާން ހެމުން ހެމުން ބުންޏެވެ. ބުޅާ ނޫނަސް އޮޅުވެދާނެތާ…”

“ކުދިން އޮޅުވޭ ދޯ.” ޔާނާ އެހި އެވެ. އަބްޔާން ބޯޖަހާލި އެވެ.

ޔާނާ ސްކޫލަށް ދާން ވަންދެން އުޅުނީ އަބްޔާންއާ އެއްކޮނެވެ. ކުޅުމާއި ސަކަރާތް ޖެހުމުގަ އެވެ. ބައެއް ފަހަރު ޔާނާ ދައްކާ މަޖާ ވާހަކައަކުން އަބްޔާން ބާރަށް ހީގަންނަ އަޑު އިވިގެން ދެއެވެ.

ގަޑި ކައިރި ވާއިރަށް ޔާނާގެ އެއްޗިހި ހިފައިގެން ޖަންނަތު އައިސް އެގެއަށް ވަނެވެ. އަބްޔާން ކައިރީ ކާޕެޓް މަތީ ކުޅެން އިން ޔާނާ ދުވެފައި ޖަންނަތު ކައިރިއަށް އައެވެ.

“އަވަހަށް ހިނގާ ރެޑީވާން… ހޯދާހޯދާ މަންމައަށް ޔާނާގެ ފެންފުޅި ނުވެސް ފެނުން… ކޮންތާކު އެވީ؟” ޖަންނަތު ޔާނާ ގާތު އެހި އެވެ. “އިއްޔެ މިގެއަށް އައީ އެ ހިފައިގެންދޯ.” ޔާނާ ކޮނޑު އަރުވާލި އެވެ. ނޭނގެއޭ ބުނާ ގޮތަށެވެ.

“ޔާނާގެ ފެންފުޅި ކަންނޭގެ އަހަރެން ކޮޓަރީގަ އެބައޮތް.” އަބްޔާން ތެދުވެފައި އެދެމައިންނަށް ބަލައިލަމުން ބުންޏެވެ.

“އާން…” ޔާނާ ބާރަކަށް ބުނަން ފެށި އެވެ. “އަބީބެއާ އެއްކޮން ރެސްލިން ކުޅުން އިރު ޔާނާ ފެންބޯން ވެގެން އެކޮޓަރިއަށް ގެންދިޔައީ.” ޔާނާ ހަދާން ވެގެން ބުންޏެވެ.

“އެހެންތަ؟ ހިނގާ އަވަހަށް ރެޑީވާން އެންމެ ކުރިން.” ޖަންނަތު އަވަސް އަވަހަށް ޔާނާގެ ހެދުން ބާލުވައިގެން އާލިޔާ ކުރިން އުޅުން ކޮޓަރިއަށް ވަނެވެ. އެކޮޓަރި މިހާރު ހުންނަނީ ޖަންނަތުގެ ކުދިންނަށް ހާއްސަ ކޮށްފަ އެވެ. އަލަމާރީގަ ވެސް އެކުދިންގެ އެއްޗިއްސެވެ. އެނދުވެސް ހުންނަނީ ކުދިންނަށް ނިދޭގޮތަށް ފަޑި ހަރުކޮށްފަ އެވެ.

ޖަންނަތު ޔާނާ ރީތިކޮށްގެން އެނބުރުން ވަގުތު އަބްޔާން ފެންފުޅި ޖަންނަތުއަށް ދިއްކޮށްލި އެވެ. އެވަގުތު ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެން ދިއުމާއި އެކު ދެމީހުންގެ ހިތުގެ ވިންދު ބާރުވި އެވެ. އަބްޔާން އަވަހަށް އެއްޗެއް ނުބުނެ ފެންފުޅި ހަވާލު ކޮށްލާފައި ކޮޓަރިން ނުކުތީއެވެ.

“މަންމީ! މިއަދު އަބީބެއާ އެއްކޮން ސްކޫލަށް ދަންތަ؟” ޖަންނަތު ޔާނާ ގޮވައިގެން ދާން ނުކުތް އިރު ބޭރު ޖޯލީގައި އިން އަބްޔާން ފެނުމުން ޔާނާ ބުންޏެވެ. ޖަންނަތު އަބްޔާންއަށް ބަލައިލި އެވެ. އެވަގުތު ގޭތެރެއިން ހިދާޔާ ވެސް ނުކުތްވެ.

“ތެދެއް. އެމަންޖެ އަބީއާ އެކު ސައިކަލުގަ ފޮނުވަންވީނު؟ އޭރުން ދެން މިޔޮއް އަވި ގަނޑުގަ ހިނގާފަ ނުދިޔަސް ރަގަޅުވާނެނު.” ހިދާޔާ ބުންޏެވެ. އަބްޔާން ޖަންނަތުއަށް ބަލައިލީ ޖަންނަތު ދޭނެ ޖަވާބަކަށް އެދިގެނެވެ.

“ނޫނޭ ހިދާޔައްތާ، ކުޑަ ނަގައިގެނޭ ދަނީ.” ޖަންނަތު ކުޑަ ހުޅުވާލަމުން ބުންޏެވެ.

“އަހަރެން ގެންގޮސްދީ ފާނަމޭ.” އަބްޔާން ޖޯލިން ތެދުވަމުން ބުންޏެވެ. އަދި ޖަންނަތު ނަގައިގެން ހުރި ކުޑަދަށަށް ވަނެވެ.

“ކޮން ކްލާހަކަށް ޔާނާ ދަނީ؟” އަބްޔާން ޖަންނަތު އުރުގައި އިން ޔާނާ އުރާލަމުން ޔާނާ ގާތު އަހާލި އެވެ. ޔާނާ ކޮނޑު އަރުވާލި އެވެ.

ޖަންނަތު ޔާނާގެ ކުލާސްބުނެފައި އަވަހަށް ދުރަށް ޖެހިލިއެވެ. ޖަންނަތުގެ އެ ހަރަކާތުން އަބްޔާން ހިނިތުން ވެލިއެވެ. ހިދާޔާ ނިކަން އުފަލުން ހިނިތުންވެފައި ހުރެ ގޭތެރެއަށް ވަނެވެ. އެދެމީހުން އަދި ގުޅޭނޭ ހިދާޔާގެ ހިތް ބުނަމުން ދިޔަ އެވެ. ނަމަވެސް ހިދާޔާއަށް އެވާހަކަ އެދެމީހުން ގާތު ދައްކާކަށް ނުކެރެ އެވެ. މިހާރު ޖަންނަތުގެ ހިޔާލު ހުންނާނެ ގޮތެއް ވެސް އިނގެނީއެއް ނޫނެވެ.

“ޔާނާގެ އާންޓީ އަކީ ވަސްމާ… އަބީއަށް އިނގޭނެ.” ސައިކަލަށް އެރުމާއި އެކު ޖަންނަތު ބުންޏެވެ. އަބްޔާން ޖަންނަތުއަށް މާނަވީ ގޮތަކަށް ބަލައިލި އެވެ.

“ޔަދީ މިހާރު ހުންނާނީ ނިމިގެން. އުނދަގޫ ނޫނިއްޔާ ގެނެސް ދެއްޗޭ؟” ޖަންނަތު އަބްޔާންއަށް ބަލައިލަމުން ބުންޏެވެ.

“ކީއްވެތަ އުނދަގޫ ވާންވީ؟” އަބްޔާން މާނަވީ ގޮތަކަށް ބަލައިލަމުން އެހި އެވެ. “ކޮން ކްލާހަކު ޔަދީ ހުންނާނީ؟”

“ޔަދީ ހުންނާނެ އައިސްތު މިސް މެން ކްލާހުގަ… ވަންނަ ތަނުން ދެވަނައަށް… ހާދީބެގޭ އައިސްތު އަބީއަށް އިނގޭނު.” އަބްޔާން އަނެއްކާވެސް ޖަންނަތުއަށް ބަލައިލި އެވެ.

“ރަށުގެ އެންމެން މަށަށް އިނގޭތަ؟” އަބްޔާން ޖަންނަތުއަށް ބަލަން އިނދެފައި އެހި އެވެ.

“އާން… އަބީ ނުދަންނަ އެ އުމުރުގެ އަންހެން ކުއްޖެއް މަދުވާނެ.” މާނަވީ ގޮތަކަށް ހިނިތުން ވެލަމުން ޖަންނަތު ބުނެލި އެވެ. އަބްޔާން ޖަންނަތުއަށް ބަލައިލާފައި ފާޑަކަށް އިނދެ ސައިކަލު އިސްޓާޓު ކޮށްލި އެވެ.

“އެއްޗެކޭ ދޯ ތިބުނީ؟” އަބްޔާން ޖަންނަތުއަށް ބަލައިލަމުން އެހި އެވެ.

“އަވަހަށް ދޭދެން… އެޔޮއްގެން ގަޑި ޖެހެނީ.” ޖަންނަތު ނޫން ކަމަށް ހަދާފައި އަވަހަށް ބުންޏެވެ. އަބްޔާން ފުންކޮން މިފަހަރު ޖަންނަތުއަށް ބަލައިލާފައި ސައިކަލު ދުއްވާލި އެވެ. އަބްޔާން ދިޔަ ދިމާއަށް ބަލަން ޖަންނަތު ހުރިއިރު ތުންފަތަށް ލުއި ހިނިތުން ވުމެއް ވެރިވެފައި ހުއްޓެވެ. އަދި ފުން ނޭވާއެއް ލަމުން ޖަންނަތު މިސްރާބު ޖެހީ މުރަކަގެއާ ދިމާއަށެވެ.

ސްކޫލް ދޮށުން އައިސް ޔަޒީދު ގެޔަށް ލާފައި އައިސް ސޯފާގައި އަބްޔާން ޖައްސާލި އެވެ. އަދި ފޯނު ނަގާ ފޯނާ ކުޅެން ފެށި އެވެ.

“ގުޑް މޯނިންގ.” ނުދަންނަ އަންހެން އަޑެއް އައުމުން އަބްޔާން ބޯ ހިއްލާލާ އެއީ ކާކުތޯ ބަލައިލި އެވެ. އެއީ އިއްޔެ މަންމަ އަބްޔާންއަށް ތަޢާރަފްކޮށްދިން ޖީލާން އެވެ. އަބްޔާން ބުމަ އަރުވާލަމުން ޖީލާންގެ ބޮލުން ފެށިގެން ފަޔާހަމައަށް އަބީ ބަލައިލިއެވެ. ރާޅުބާނީ ދިގު އިސްތަށި ގަނޑަކާއި ނިކަން ކަޅުކަން ގަދަ ކަޅިރަވައެއް ލިބިފައިވާ ދެލޮލެވެ. މަޑު ފިޔާތޮށި ކުލައެއްގެ ލިޕްސްޓިކެއް ހާކާއިފައިވާ އެ ރީތި ތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިކޮށްގެން ހުއްޓެވެ. ‘ކްރޯޕް ޓޮޕެއް’ ލާފައި ހުރި އިރު ޒުވާން ހަށިގަނޑުގެ ޅަދޮޅުކަން ފާޅުވާން ހުއްޓެވެ. ކުރު ސޯޓު ބުރިން ދޮންދޮން ދިގު ދެފައި ވަނީ ހާމައަށެވެ. ރީތި ކުއްޖެކެވެ. އަބްޔާން ހިތާހިތުން ޖީލާންއަށް ތައުރީފް ކޮށްލި އެވެ.

“ހަމަ އަނގައިންވެސް ނުބުނެ އެބައޮތެއްނު، އަހަރެން ގުޑް މޯނިންގ މި ކީ މިފާރާ ދިމާއަކަށް ނޫނޭ.” ޖީލާން އައިސް އަބްޔާން ކުރިމަތީ ހުރި އެކަކަށް އިނދެވޭ ސޯފާގައި އިށީންނަމުން ބުންޏެވެ. ސޯފާގައި އޮށޯވެ އޮތް އަބްޔާން ތެދުވެ ނިކަން ފުންކޮން ޖީލާންއަށް ބަލައިލި އެވެ.

“ޖީލާން…” އަބްޔާން އިންގޮތަށް އިނދެ ޖީލާންއަށް ބުންޏެވެ. “އެހެން ދޯ ކިޔަނީ.”

“ޖީ ކިޔަސް އޯކޭ. ރައްޓެހިން ކިޔާ އުޅެނީ ޖީ.” ޖީލާން އެއްފައި މައްޗަށް އަނެއްފައި އެއްލަމުން ބުނެލި އެވެ.

“އެހެން ވީމަ ތިބުނީ އަހަރެން މީ ރައްޓިއްސެކޭތަ؟”

“އެހެން ވެސް މާނަ ނެގިދާނެ.”

“މައްސަލައެއް ނެތް… ރައްޓިއްސެއް ވިއްޔާ ދެން ވާހަކަ ދައްކާ އުޅެންތާ ތި ޖެހުނީ.”

“އެއްގެއެއްގަ އުޅެންޏާ ރައްޓެހި ނުވެ ނޫޅެވޭނެނު.”

“އާން.. އެހެން ވާނީ…”

“ޖީ… އެކޮއެ..” ހިދާޔާ ބަދިގެ ފަރާތުން ގޮވާލި އަޑު އިވުނެވެ. “އަވަހަށް އާދޭ ސައިބޯން.”

“އަދިކިރިޔާ ސައިބޯން ތިއުޅެނީ؟” އަބްޔާން ޖީލާންއަށް ބަލައިލާފައި އެހި އެވެ.

“ޖީ އަކީ ނައިޓް ކުއްޖެއް. އެހެންވެ ލަހުން ހޭލެވެނީ.” ޖީލާން ބުނެލި އެވެ.

“ކަމުދާ ގޮތެއްނޫންތީ. އަވަހަށް މުސްކުޅިވާނެ ދުވާލު ގިނަވަގުތު ނިދާމީހުން.” އަބްޔާން ބުންޏެވެ. ޖީލާން މާނަވީ ގޮތަކަށް އަބްޔާންއަށް ބަލައިލި އެވެ.

“އަބީ ތިހެން ބުނާ މީހާ ކިހާ އިރަކު ހޭލަނީ؟” ޖީލާން ބޭނުންވީ އަބްޔާންއާ ދިމާކޮށްލާނެ ގޮތެއް ހޯދާށެވެ.

“އަހަރެން އަބަދުވެސް ހޭލަނީ ފަތިހު، ކިތަންމެ ލަހުން ނިދިޔަސް އަވަހަށް ނިދިޔަސް ފަތިހު ހޭލެވޭ.” އަބްޔާން ބުންޏެވެ.

“ކޮބާ؟” ހިދާޔާ އެތަނަށް އަންނަމުން ބުންޏެވެ. “ޖީ؟ އެކޮއެ ދެން އާދޭ އަވަހަށް ސައިބޯން.”

“މިދަނީ ހިދާޔާއްތާ!” ޖީލާން ސޯފާއިން ތެދުވެ ލައިގެން ހުރި މަތިކޮޅު ކުޑަކޮން ދަމާލާ ރީތިކޮށްލި އެވެ. އަދި ބޮލުގެ އިސްތަށިގަނޑުގައި އަތް ކާތާލަމުން ހިގައި ގަތެވެ. ބުޑު އަނބުރާލަމުން ފަރިގޮތަކަށް ހިނގާލާފައި ދިޔަ ޖީލާންއާއި ދިމާއަށް ބަލަހައްޓާއިގެން އަބްޔާން އިނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

aasi
Follow Me Written By

aasi

Level 3100 Stories10 Stories

Other Articles

Previous

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ(ސަތާރަވަނަ ބައި)

Next

ޤުރުބާން ވުމީ މިހިތުގެ އުފާ 42 ވަނަ ބައި

Next
April 20, 2024

ޤުރުބާން ވުމީ މިހިތުގެ އުފާ 42 ވަނަ ބައި

Previews
April 18, 2024

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ(ސަތާރަވަނަ ބައި)



All Right Reserved!