ލާރާގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ ރަތް ކުލައިގެ ކަރުދާސް ލާފައި އިން ކުޑަ ކުޑަ ފޮށީގައެވެ. ވިސްނާ ވިސްނާވެސް އެހަދިޔާ ދިންމީހެއް ލާރާގެ ހަނދާނަކަށް ނައެވެ. ލާރާ ފޮށި ނަގާ ބަލައިލި އިރު [ފޯރ މައި ޑިއަރ މާއިލް އެންޑް ލާރާ] ޖަހާފައި އިނެވެ. އެހެންކަމުން އެއީ ލާރާމެނަށް ލިބުނު ހަދިޔާއެއްކަން ލާރާއަށް އެނގުނެވެ. ހަނދާން ނެތުނީ ކަމަށް ބަލާ ލާރާ ފޮށި ހުޅުވާލިއެވެ. ފޮށިތެރޭގައި އޮތް އެތި ފެނިފައި ލާރާގެ ދެލޯ ބޮޑުވެގެން ދިޔައިރު ލާރާގެ މުޅި ހަށިގަނޑު ރޫރޫ އަޅަން ފެށިއެވެ.
[ލާރާ ކިހިނެތްވީ؟] ލާރާއަށް ވަމުންދާގޮތް ފެނި ހައިރާންވެ ހުރެ މާއިލް އެހިއެވެ. އެ ވަގުތު ހަމަ ބިމަށް އާދެވުނު މީހެއް ފަދައިން އަވަހަށް ފޮށި އެއްލާލަމުން ލާރާ ރޯން ފެށިއެވެ. މާއިލް އަވަހަށް ގޮސް ލާރާ ގައިގައި ލޯބިން ބައްދާލިއެވެ. ޙަދީޖާ ތެދުވެ ގޮސް އެ ފޮށި ނަގާ އޭގައި އޮތް އެއްޗެއް ބަލައިލިއެވެ. ޙަދީޖާވެސް އިސާހިތަކު ތުރުތުރު އަޅަން ފެށިއެވެ. [މަންމާ ކޯއްޗެއްތަ؟] މާއިލް އެއްސެވެ. [ދަރިފުޅުމެން އިހަށް ދޭބަލަ ކޮޓަރިއަށް] މާހިލްއާއި މައިރީން ބިރުގަނެދާނެތީ ޙަދީޖާ އަވަހަށް އެކުދިން ފޮނުވާލިއެވެ. [މަންމައަކަށް ސީދާ މި ކޯއްޗެއް ކަމެއް ބުނާކަށް ނޭނގެ. އިނގޭހާވެސް އެއްޗަކީ މިއަކީ ސިހުރު ހަދަން ގެންގުޅޭ އެއްޗެއްކަން. މިއަށް މިހުރީ ސިހުރު ހަދާފަކަމެއް ނުވަތަ ނޫންކަމެއް ބުނާކަށް ނެނގެ…] ޙަދީޖާގެ ވާޙަކައަށް މާއިލްގެ ދެލޯދިޔައީ ބޮޑުވެގެންނެވެ.
*********
[ސައި ހެދިއްޖެތަ ލޯބީ؟] ބަދިގެ ތެރޭގައި ރޮށިފިހަން ހުރި އީންގެ ގައިގައި ފަހަތުން ބައްދާލަމުން ވިޝާމް އެއްސެވެ. [އަދި ކިރިޔާ މިފެށުނީ އަދި އިރުކޮޅެއްވެދާނެ.. މާ ބަނޑުހައީތަ؟ ކޮފީ ތައްޓެއް ގިރައިދޭން؟] އީން އަހާލިއެވެ. [ހެހެ ނޫނޭ އިއްނު ސައި ހަދާލާ ސައި ހަދާ ނިމުނީމަ ދެމީހުން އެއްކޮށް ސައިބޯނީ] އީންގެ ކޮލަށް ލޯބިކޮއްލަމުން ވިޝާމް ބުނެލިއެވެ. [އަހާން މިގަޑީ ކާކުތަ މި ގުޅަނީ..] ޖީބުގައި އޮތް ފޯނު ރިންގުވާން ފެށުމުން ވިޝާމްއަށް ޝަކުވާ ކޮށްލެވުނެވެ. ފޯނު ނަގާ ބަލާލި އިރު މާއިލްގެ ނަން އިނުމުން ވިޝާމް އަވަހަށް ފޯނު ނެގީ މާއިލް މިގަޑީ ބޮޑު ކަމެއްވެގެން ނޫނީ ނުގުޅާނެކަން އިނގޭތީއެވެ. [ބްރޯ ކައޭ އަދިވެސް އެނދުމަތީތަ؟ އާދެބަލަ ދޮރުހުޅުވަން ދޮރު ކައިރީ މިހުރީ.. ވަރަށް ބޮޑު ކަމެއްވެގެން.. އަވަސް..!!] ސްޕީކަރަށް ލައިގެން ހުރުމުން މާއިލް ދެއްކި ވާހަކަ އީންއަށްވެސް އިނގުނެވެ. މާއިލްގެ އަޑުގައި ހުރި ހާސް ކަމުންނާއި، ގާތުން އިވެމުންދިޔަ ލާރާގެ މަޑު ގިސްލުމުގެ އަޑުން ވެސް ކުރަނީ ސަމާސާއެއް ނޫންކަން ދޭހަވެއެވެ. އީންއާއި ދިމާލަށް ބަލާލުމަށްފަހު ވިޝާމް ދުއްވައިގަތީ ދޮރު ހުޅުވުމަށެވެ. އީންވެސް އުނދުން ނިއްވާލުމަށް ފަހު ވިޝާމް ފަހަތުން ދުއްވައިގަތެވެ. ދޮރު ހުޅުވާލި އިރު ކުރިމަތީގައި ހާސްވެފައި ހުރި މާއިލްއާއި ރޮއެ ރޮއެ ދުޅަވެފައިވީ ލާރާގެ ދެލޯ ފެނި ވިޝާމްއާއި އީންގެ ހިތުގައިވެސް ރިއްސައިގަތެވެ. ކައިވެނި ކުރިތާ 24 ގަޑިއިރު ނުވަނީސް މިދެމަފިރިންނަށް މިލައިގަތީ ކޮންފަދަ މުސީބާތެއްބާއެވެ؟
މާއިލްގެ ވާހަކަ އަހާފައި އީންގެ އިތުރުން ވިޝާމްގެ މޫނުމަތީގައިވެސްވީ ހައިރާންކަމެވެ. ހިތް ނުބައި ވިޔަސް ސިހުރާ ހަމައަށް ދާކަށް ނުޖެހެއްނުން ހެއްޔެވެ؟ އައި ރުޅީގައި އަތް މުއްކަވާފައި ކައިރީ އިން ބިއްލޫރި މޭޒުގައި ވިޝާމް ޖެހިއެވެ. ތަޅައިގެން ނުދިޔަ ނަމަވެސް މޭޒުގައި ރެނދުލިއެވެ. [ވިޝާމް… ހަމަ ޖެހިބަލަ] ވިޝާމް އަތުގެ މުލައްދަނޑީގައި ހިފަމުން އީން ބުނެލީ ހާސްވެފައެވެ. ރުޅި އަހިސްފި ނަމަ ކޮންމެފަދަ ކަމެއްކުރަންވެސް ވިޝާމް ފަހަކަށް ނުޖެހޭނެކަން އީންއަށް އެނގެއެވެ. [އިއްނު ބުނެބަލަ މަ ހަމަޖެހޭނެ ގޮތެއް؟ ތިހެދި މީހަކީ އަންހެނެއް ނަމަ އޭނާ މާއިލްދެކެ ލޯބިވަނީއޯ. ފިރިހެނެއް ނަމަ ލާރާ ދެކެ ލޯބިވަނީއޯ.. އޯކޭ މީހަކަށް މީހަކުދެކެ ލޯބި ވެވިދާނެ… އެކަމަކު އެލޯބި ނުލިބި އެހެން މީހަކަށް އެލޯބި ލިބުނީމަ އޭގެ މާނައަކީ ސިހުރު ހާހޫރަ ހަދައިގެންވެސް އޭނާ ހޯދާށެކޭ ނޫން… ދެން ޖެހޭނީ އެމީހަކަށްޓަކާ އުފާކޮށް މޫވް އޮން ކުރަން. މީ ތަންކޮޅެއް ބޮޑުވަރު.. ނޯ ނޯ ނޯ ތަންކޮޅެއްވެސް ނޫން މީހަމަ ބޮޑުވަރު.. ދިސް އިސް ޓޫ މަޗް އައި ސްވެއާރ ޓު ގޮޑް] އަހިސް ހުރި ރުޅިން ވިޝާމްގެ ދޮން މޫނުވެސް ދިޔައީ ރަތްވަމުންނެވެ.
[ވިޝާމް ހަމަ ޖެހިބަލަ.. ޔޭސް އީވެން އައި ބްލީވް ދިސް އިސް ޓޫ މަޗް.. އެކަމަކު އަދި ނޭނގެއެއްނުން މިއަށް ހުރީ ހަމަ ސިހުރު ހަދާފަކަމެއް ނުވަތަ ނޫންކަމެއް؟ އިހަށް ހަމަ ޖެހިބަ.. ހިނގާބަ މަށާއި އެކު އިބްރާހިމްބެ މެންގެއަށް ދާން.. އެއީ ލާރާ މަންމަމެންގެ ވަރަށް ގާތް އެކުވެރިއެއް. ހީ ވިލް ނޯ] މާއިލްގެ ބަހަށް ބޯ ޖަހާލަމުން މާއިލް އާއިއެކު ވިޝާމް އިބްރާހިމްބެމެން ގެއަށް ދިޔައެވެ. އީން ރޮމުން ދިޔަ ލާރާ ހަމައަކަށް އެޅުވޭތޯ މަސައްކަތް ފެށިއެވެ.
[އައްސަލާމު އަލައިކުމް..] މާއިލް އާއި ވިޝާމް [ސަންޝައިން] ގެއަށް ވަދެލަމުން ސަލާމް ގޮވާލިއެވެ.
[ވާލައިކުމް ސަލާމް.. އަނހާ ދެކުދިން.. ކޮންބުރެއް މިއޮއް ހެނދުނާ..؟] އިބްރާހިމްބެ ބޭރަށް ނިކުން އިރު ދޮރު ކުރިމަތީ ހުރި މާއިލްއާއި ވިޝާމް ފެނުމުން އިބްރާހިމްބެ އަހާލިއެވެ.
[އިބްރާހިމްބޭ… މިއައީ ވަރަށް ބޮޑު ކަމަކު..] އަތުގައި އޮތް ފޮށި އިބްރާހިމްބެއަށް ދިއްކޮށްލަމުން މާއިލް ބުނެލިއެވެ. [މާއިލް މިއީ ކޮންތާކުން ހޯދި އެއްޗެއް؟؟] ފޮށި ހުޅުވާލުމުން ފެނުނު އެތިން އިބްރާހިމްބެއަށް އަހައިލެވުނެވެ.
***********
[ދެންއަޅެ ލާރާ ހުއްޓާލަބަ… އިންޝާ ﷲ ހުރިހާކަމެއްވެސް ރަނގަޅުވާނޭ..] އީންގެ އުނގުގައި އޮވެ ރޮމުން ދިޔަ ލާރާގެ ކަރުނަތަށް ފުހެލަމުން އީން ބުނެލިއެވެ. [އިއްނޫ…އަހަރެން…ކި..ކިހިނެތް…އަޅެ.. އަހަރެން…އަހަ..އަހަރެންގެ….ކު..ކު…ކުށަކީ ކޮބާ؟ އަ..އަހަ…އަހަރެން…އާހްހް…] ގިސް ލެވޭ ވަރުން ލާރާއަށް ވާހަކަ ދެއްކެނީވެސް ކިރިޔަ ކިރިޔާއެވެ. އަބަދުވެސް ލާރާއަކީ ކިރިޔާ ރޯލިޔަސް ނޭވާ ހާސްވާ ކުއްޖެކެވެ.. އެހާއިރު ރުއިމުން ލާރާގެ ނޭވާވެސް ވަނީ ކުރުވެފައެވެ.
*********
އޭތި ފެނުމުން އިބްރާހިމްބެ މޫނު މަށްޗަށް އެރި ކުލަވަރުންވެސް މާއިލްއާއި ވިޝާމްގެ ބިރުވެރިކަން ދެގުނަވިއެވެ. އެއީ ކިހިނެތް ލިބުނު އެއްޗެއްކަން މާއިލް ކިޔައިދިނެވެ. އިބްރާހިމްބެ ދޫކޮށްލީ ފިނި ނޭވާއެކެވެ. މިއީ ބޮޑު ވާހަކައެކެވެ. މިވާހަކަ މާއިލް ގާތުގައި ބުނާނީވެސް ވަކި ކިހިނެތް ހެއްޔެވެ؟ ނަމަވެސް ބުނުން ވަރަށް މުހިއްމެވެ.
[މާއިލް.. މިއީ ދެމަފިރިން ދުރުކުރުމަށް ސިހުރު ހެދުމުގައި ގެންގުޅޭ ބާވަތެއް….] އިބްރާހިމްބެގެ އަޑު ކިތަންމެ މަޑުވިޔަސް މާއިލްއަށާއި ވިޝާމްއަށް އެއަޑު އިވުނީ ހޮނު ގުގުރިއެއް ފަދައިނެވެ.
(ނުނިމޭ)
ނޯޓް: ވާހަކަ ނުލިޔެވި ލަސްވީތީ ހުރިހާ ކިޔުންތެރިން ކިބައިން މަޢާފަށް އެދެމެވެ.. އަޅުގަނޑުގެ ބަލި ހާލަތު ހުރި ގޮތުން ހަށިގަނޑު ތުރުތުރު ލާތީވެ ލިޔަން އުނދަގޫވާތީވެ ދޭތެރެ ދޭތެރެއިން ލަސްވެދާނެ ވާހަކަވެސް ހިތާމަޔާއިއެކު ބުނެލަމެވެ.. ހޯޕް ޔޫ އޯލްވިލް އަންޑާރސްޓޭންޑެ..
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.







Heyyy Shiherr
Vrh reethi mi part maasha allah❤❤❤
Alheyy dhen vaany kihinehba🤔
Waiting curiously for the next part❤❤
Shafakallah.. get well soon dear❤❤
Lyssm💜🦋
Mi part varah reeti !
Aneh part ah inthi zaaru kuraanan !
Hope u recover soon ! 🙂
LY Sis ❤️
mi part vx vrh reethi ..next part ah wait kuraanan……. get well soon gurll…lysm my fannn