ލޮލަށް ކަޅުކަން ވެރިވެގެން ދާން ފެށި ވަގުތު އަހަރެންނަށް ފެނުނީ ކުރީ ދުވަހު ފެނުނު ކުޑަކުއްޖާއެވެ. ނަމަވެސް ބިރުވެރި ސިފައެއްގައި ނޫނެވެ. ރީތި ދޮންދޮން ލޯބި ކުއްޖެއްގެ ސިފައިގައެވެ. މީހެއް އެސްފީނާ ޖެހޭހާ ރީތި ކުއްޖެކެވެ. އެކުއްޖާގެ ފަހަތުގައި ހުރި އަންހެނަކާ ފިރިހެނެކެވެ. ކުޑަ އުފާވެރި އާއިލާއެކެވެ. ރިވާ ލޭކް ގޭ ހުރި ދިމާލު ކުރިމަތީގައި އެމިހުން ހިނި އައިސް ހުއްޓިގެން ތިބި ތަނެވެ.
—
އެއީ ނަވާރަ ސަތޭކަ ފަސްދޮޅަސް ތިންވަނަ އަހަރެވެ. ރިވާ ލޭކްއަކީ އޭރުގައި ނަމަ ރުކުގެއެވެ. އެރަށުގައި އެންމެ ތަރައްޤީވެފައިވާ ގެއެވެ. އާއްމުކޮށް ފަނުން ހަދާފައި ހުންނަ ގޭގެޔާއި ހިލާފަށް ބޮޑު ގޭ ވަނީ އެޅިގަލުން ރާނާ ސިމެންތި ޖަހާފައެވެ. ގޭގެ ގޯތިތެރޭގައި ރިވަރ އެއްހެން ފެންގަނޑު ދެމޭގޮތަށް ފެންގަނޑެއް ހަދާފައިވެއެވެ. ގޭގެ ވަށާފާރު ރާނައި ދޮރާށި ހަރުކޮއްފައިވާ އެގޭގައި މާލެއިން އޭރު ފެންނަ އަދި ރަށްރަށުން އެހާ ނުފެންނަ ކަހަލަ އެތަކެއް އެެއްޗެއް ހުރެއެވެ. ނަމަވެސް އެގޭގައި ދިރިއުޅޭ ކުޑަ އާއިލާއަކީ މުއްސަނދި ވިޔަސް ބޮޑާ ބައެއް ނޫނެވެ. ދީންވެރި ހިތްހެޔޮ މީހުންނަށްވެފައި އެހެން މީހުންނަށް ކަމޭ ހިތައި އެހީވާ ބަޔެކެެވެ. ޔޫސުފް އަންހެނުން އައިމިނަ އާއި ލިބިފައިވާ އަންހެން ދަރިފުޅު ހަސްނާއާއިއެކު އެދެމަފިރިން އުޅެނީ ހިތްހަމަ ޖެހޭ އުފާވެރި ދިރިއުޅުމެކެވެ. ކުރުގޮތަކަށް ބުނާނަމަ މީހަކު ހަސަދަލާހާ ރަނގަޅު އާއިލާއެކެވެ. ނަމަވެސް އެކުޑަ އާއިލާގެ އުފާވެރިކަން ބަދަލުވެގެން ހަމަ ކުޑަކުޑަ އިރުކޮޅެއްގެ ތެރޭގައެވެ.
ހައަހަރުގެ ކުޑަކުޑަ ހަސްނާ އިނީ އޭނަގެ މަންމަ ކައިރީގައި ޖޯލީގައެވެ. އެކިއެކި މަޖާ ވާހަކަތައް އޭނަގެ މަންމައަށް ކިޔައިދެމުން މަޑުމަޑުން ދެފައި ހެއްލަމުން ދިޔަ އިރު އޭނަގެ އަތުގައި ކުޅެން ފަންކޮޅެއް އޮތެވެ. ކައިރީގައި އިން އޭނަގެ މަންމަ އައިމިނަ ހަސްނާ ކިޔަމުން ދިޔަ އެއްޗަކަށް ހީ ރައްދު ދެމުން ދިޔައެވެ. އޭރު އައިމިނަ ދިޔައީ އަތުގައި އޮތް ވަޅިން އިލޮށި ފޭއްސަމުންނެވެ.
” އައްސަލާމު ޢަލައިކުމް.. ” ގޭގެ ދޮރާށި ހުޅުވާފައި މީހަކު ވަނުމުން އައިމިނަ ސަލާމް ބަލައިގަނެ ކުރަމުން ދިޔަ މަސައްކަތް ހުއްޓާ އެމީހައަށް އިސްކަން ދިނެވެ. ގާތުގައި އިން ހަސްނާގެ ނަޒަރުވެސް ހުރީ އެދިމާއަށެވެ.
” އައިމިނަ. ކޮބާ ޢަލީ؟ ” ދޮރުން ވަން ރަށު ކަތީބު ހަސަންފުޅު އައިމިނަ ކުރެ އެހިއެވެ.
” ޢަލީ އަދި މަހަކުން ނުދުރުވެޔޭނޫންތޯ؟ މިހާރު އެކަމަކު އަންނަން އުޅޭނެ. ކިހިނެތްތޯވީ ކަތީބު؟” އައިމިނަ އުނގުމަތީގައިވި ކުނިތައް ބިން މައްޗަށް އަޅާލަމުން ފެހިކުލައިގެ ލިބާސް ރީތިކޮއްލިއެވެ. އަދި ތެދުވެ ހަސަންފުޅުއާއި ކުރިމަތިލިއެވެ.
” މިއީ މާލޭގެ ވެރިއެއް ފޮނުވައިގެން ޢަލީއާއި ވާހަކައެއް ދައްކަން އޮތީމައި… ” ހަސަންފުޅު އޭނަ އައި ބޭނުން ބުންޏެވެ. މާލޭގެ ވެރިޔެކޭ ބުނުމުން އައިމިނަ ހިސާބަކަށް ކަންބޮޑުވިއެވެ. މާލޭގެ ވެރިއެއް ވަރަށް މުހިންމު ކަމަކު ނޫނީ ނާންނާތީވެއެވެ.
” ކަތީބު…؟ ” ޢަލީ މަހުން އައިސް ގެއިން ވަންތަނާ ކަތީބު ހުރި ތަން ފެނިގެން އޭނަ ހިސާބަކަށް ހައިރާންވިއެވެ. އަދި ކަތީބުގެ އެއްކައިރިން ރެކިގެން އަތުގައި އޮތް މަސްތައް ބަދިގެ ފަރާތައް ލުމަށްފަހު އަތް ދޮވެގެން އައިސް އޭނަ ހަސަންފުޅުގެ ގާތުގައި މަޑުކޮއްލިއެވެ. އަދި ޖޯއްޔަށް ކަތީބުކުރެ އިށީންނަން އިޝާރާތްކުރުމުން އައިމިނަ ފަންތައް އެއްކައިރިއަށް ޖައްސާލުމަށްފަހު ހަސްނާ ގޮވައިގެން ގޭތެރެއަށްވަނެވެ.
” ޢަލީ… އަހަރެންނަށް އެނގޭ މިއީ ތިކުޑަ އާއިލާ އުޅެން ބިނާ ކުރި ގެއެއްކަން. އަދި ޢަލީގެ ބައްޕަގެ ގެކަން ވެސް. އައިމިނަ މިރަށް ނޫންކަންވެސް. އެކަމަކު މިގެ މިއީ މާލޭގައި ހުރި ސަރުކާރުގެ ވެރިއެއްކަމަށްވާ ފަރީދުއަށް ވަރަށް މުހިންމު ގެއަކަށްވެއްޖެ. ރާއްޖޭގައި އުތުރުގެ ރަށެއްގައި އެންމެ ރީތިކޮށް ހަދާފައި އިން ގެޔަށްވީމައި. އަނެއްކާ ބިންކޮޅު އިންތަން ރަނގަޅު. އޭނަ ސިޓީއަކުން އަންގާފައި ބުނެފައި އެބަ އޮތް މިގެ އޭނައަށް ވިއްކުމަށް. ޢަލީ ބޭނުން އަގަކަށް. އެހެންވެ އެކަމާ މިއައީ.” ހަސަންފުޅު އޭނަ އައި ބޭނުން ބުނެދިނެވެ.
” އެކަމަކު ކަތީބު ކިހިނެތް؟ ތިހެން އަދި ބުންޏަކަސް މިގެއެއް ނުދެވޭނެ. މިއީ އަހަރެންގެ އާއިލާގެ ގެދޮރު. ހަސްނާވެސް އުޅެ ބޮޑުވާން ހުރިތަން. ކިތަންމެ ރުފިޔާއެއް ދިނަސް އަހަރެންނަކަށް ތިކަމަކާ އެއްބަހެއް ނުވެވޭނެ… އެހެންނޫނަސް ބައްޕަގެ ވަސިއްޔަތެއް މިއީ. މިގެ ރަނގަޅު ގޮތުގައި އެތަކެއް ދަރިދަރި ކޮޅަކަށް ބޭނުންކުރެވުން. ” ޢަލީ ނުރުހުންވެފައި އިނދެ ޖަވާބުދިނެވެ.
” ޢަލީ ތިއީ ދެއޮޑި އޮތް މީހެއް. ހެސްކިޔާފަ އެހާ ފައިސާ އެބަ ލިބޭ މަހަށް އޮޑިއެއްދާ ކޮންމެ ފަހަރަކު. ގެ ވިއްކާލިޔަސް ހަމަ އޭގެ އިތުރަށް އޮޑިން ވެސް ފައިސާ ލިބޭނެއެއްނު. އޭރުން މާގިނަ ދުވަހެއްނުވެ މާލެ ބަދަލުވެ ހަސްނާއަށް ރަނގަޅު ތައުލީމްވެސް ދެވޭނެ. އަނެއްކޮޅުން ވެރިޔަކު ބުނެފިއްޔާ ދެކޮޅު ހެދުން ރަނގަޅުކަމަކަށް މަށަކަށް ނުފެނޭ… މަށަށް އިނގޭ ޢަލީ ތިއީ ވަރަށް ރަނގަޅު މީހެއްކަން. އުއްމީދުކުރަން އަދި ވިސްނުން ބަދަލުވާނެކަމަށް ” ހަސަންފުޅު އޭނަގެ ނުރަވެފައިވާ ބޮލުގައި އަތް ހާކާލަމުން ބުންޏެވެ.
” ކަތީބް! މިއީ ނުވާނެކަމެއް ކަމަށް ބުނޭ އެމީހެއް ކައިރީ. ދެން މަށަށް ވަރަށް ރަނގަޅު ތި ވާހަކަ ދައްކަން ދެން މިގެޔަށް ނައިއްޔާ… ” ޢަލީ ހަޅޭލަވައިގަނެފައި ގޭތެރެއަށްވަދެ ދޮރު ޖެހިއެވެ. މައި ކޮޓަރީގައި އިން ހަސްނާ އަވަސް އަވަހަށް ދުވެފައި ގޮސް އޭނަގެ މަންމަގެ އުނގަށް އެރި އިރު ދެލޯ ކަރުނުން ފުރި ބަންޑުންވަނީއެވެ. ޢަލީ ރުޅިއައިސް ހުރި ތަނެއް މީގެ ކުރިން ދުވަހަކުވެސް ހުސްނާއަށް ނުފެންނާތީ އެކަން އާކަމަކަށްވީމައެވެ.
” ޢަލީ… ތި ރުޅިމަޑު ކޮއްބަލަ… ކަތީބް ކީކޭތަ ބުނުއްވީ؟ ” އުނދޯލީގައި އިނދެގެން އައިމިނަ ހަސްނާ ބޮލުގައި ފިރުމަމުން ޢަލީކުރެ އެއްސެވެ.
” މިގެ ވިއްކާށޯ… މާލޭގެ ކޮންމެސް މީހަކަށް… އަހަރެން ބުނިން ކިތަންމެ ބޮޑު އަގަކަށްވެސް މިގެ ނުވިއްކޭނޭ. މިއީ ނުވާނެ ކަމެކޭ…. މިގެއަކީ އަހަރެންނަށް ހާދަ ދުވަހަކުން ހެދުނު ގެއެކޭ… ހަސްނާ ނުލިބިގެން އެތައް އަހަރެއް ވޭތުވެގެން ދިޔަ ފަހުން މިގެ ހެދުނުތަނާއި ހެން ހަމަ ހަސްނާ ލިބުނީ ވެސް. ހަސްނާއަކީ އަހަރެމެންގެ ދެލޮލުގެ ނޫރު. މިގެ މިއީ ހަސްނާ އުޅެ ބޮޑުވާން ހުރި ތަން. މުސްތަޤުބަލުގައި ދަރިންގެ ދަރިދަރީން އުޅެން ހުރި ތަން… ބައްޕަގެ ވެސް ވަސިއްޔަތެއް. މިނޫން ތަނެއް އޭނައަށް ހަމަ ނުފެނުނީތަ ގަންނަން…؟ ” ޢަލީ ރުޅިއައިސްފައި ހުރި ވަރުން އޭނާ ދިޔައީ ފުންނޭތަކެއް ލަމުންނެވެ.
” އިން ޝާ ﷲ މިގެއާއި މިބިމަކީ އަހަރެމެންގެ ތަނެއް…. ” ޢަލީ ހިނިތުންވެލަމުން އައިމިނައަށް ބަލާލުމުން އައިމިނަ ވެސް ހިނިތުންވެލިއެވެ.
” އަހަން… ބައްޕަގެ ދޫނިއަށް ރޮވުނީތަ؟ ބައްޕައަށް މާފުކުރޭ އިނގޭ… އަވަހަށް އާދޭ…. ” ޢަލީ ތިރިވެލަމުން ހަސްނާއާއި ދިމާއަށް އަތް ދިއްކޮއްލިއެވެ. އައިމިނަ އުނދޯލި މަޑު ޖައްސާލުމުން ހަސްނާ މަޑުމަޑުން ފޭބިއެވެ. އަދި ދުވެފައި އައިސް ޢަލީގެ އަތުތެރެއަށްވަނެވެ.
” ބައްޕަ މިފަހަރު މާލެ ދާ އިރު ދަރިފުޅު ކޯޗެއްތަ ބޭނުމީ؟ ” ޢަލީ ލޯތްބާއި އެކު ހަސްނާގެ ބޮޑު ކޮލުގައި ހިފާލަމުން ސުވާލުކުރިއެވެ. ހަސްނާ ހިނިގަނޑެއް ޖަހާލާފައި އޭނަގެ މަންމައާއި ދިމާއަށް ބަލާލިއެވެ.
” ހަސްނާ ބުނި ކޮންމެވެސް ފާޑެއްގެ ބިސްކޯދެއް ވާހަކަ. މިފަހަރު ބައްޕަ މާލެ އަންނަމުން އޭގެ އެއްޗެއް ގެނެސްދޭށޭ ބުނާށޭ ބުނީ ބައްޕަ ކައިރީގައި. ދޯ ދަރިފުޅު…؟ ” އައިމިނަ ހިނިއައިސް ހުރެ ދެބަފައިންގެ ގާތުގައި މަޑުކޮއްލިއެވެ.
” ތެދެއް ދަރިފުޅު؟ އެހެންވީ އިރު ކޮންމެވެސް އެއްޗެއްގައި ބައްޕައަށް އޭތި ހުންނަ ގޮތް ކުރަހާދީފައި ދެއްޗޭ އިނގޭ ބައްޕަ ދިއުމުގެ ކުރިން… ދަރިފުޅު ދެން ދޭ އިރުއޮއްސުމުގެ ކުރިން އަވަހަށް ފެންވަރައިގެން މަންމައާއި އެއްކޮށް ނަމާދުކޮށް ޤުރުއާން ކިޔަވަން. ބައްޕަ މިދަނީ މަސްކަނޑާފަ ފެންވަރައިގެން މިސްކިތައް ދާން… ” ޢަލީ ހަސްނާގެ ކޯތާފަތަށް ބޮސްދެމުން އޭނަ ބިން މަތީގައި ބަހައްޓާލިއެވެ.
—
ދެމަސް ފާއިތުވެގެން ދިޔައީ ހަލުވިކަން މަތީގައެވެ. ކޮންމެ މަހެއްގައި ގެޔަށް ބޭނުންވާ މުދާ ގަތުމަށް ފުރާ ދަތުރަށް ޢަލީ ފުރިތާ މަހެއް ވެއްޖެއެވެ. އައިމިނަ އާއި ހަސްނާއާ ދެމައިން އެކަނި އުޅެމުން ދިޔައެވެ. އެމިހުންވަނީ ޢަލީ ނެތަސް އެކަނި އުޅުމަށް އާދަވެފައެވެ.
—
ރޭގަނޑު ކެއުން ހެދުމަށް ހަނޑޫ ދޮންނަން ނިކުތް އައިމިނައަށް އޭނަގެ ހަރަކާތްތައް މަޑުކޮއްލަން ޖެހުނީ ފެނުނު އެއްޗެއްގެ ސަބަބުންނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

