” ވެލް ކަމް ޓު ހޯމް އޭ ބުނީމައި އަދިވެސް ކަލެޔަކަށް ނޭނގުނުތަ؟ ނޫނީ ނޭނގޭކަމަށް ހަދަނީތަ؟ ކުރިން ނުކުރެވުނު ކަންކަން މިފަހަރުވެސް ކާމިޔާބެއް ނުވާނެ! އަހަރެންނާ ކުޅެން ނަހަދާތި! ” ހަތަރުކަޅިވެފައިވާ އެއެއްޗެއްގެ އަތް އަހަރެންގެ ކަރަށް ކުރިޔަށްވުރެ ބާރު ކުރަމުން ދިޔައެވެ. އެއެއްޗެއްގެ ގައިން ދުވަމުން ދިޔަ ފާދިޔަގެ ވަސްވެސް ފަހަރަކަށްވުރެ ފަހަރެއް ދިޔައީ ގަދަވަމުންނެވެ.
“ މިހާ ފަސޭހައަކުން އަދި މަރުވާވަރެއް ނުކުރާނަން! ” ނޭވާ ނުލެވިގެން އަހަރެން ތެޅިގަންނަން ފެށުމުން ބަރު ހިނިގަނޑަކާއިއެކު އެއެއްޗެއް ގެއްލިއްޖެއެވެ. އަހަރެންނަށް ކެއްސަމުން ބިންމައްޗަށް ތިރިވެވުނެވެ. އަހަރެންނަށް މި ފެންނަނީ ކޮން ކަންތައްތަކެއް ހެއްޔެވެ؟ އަހަރެންނަށް މިކުރެވެނީ ކުށް ހީތަކެއް ހެއްޔެވެ؟ ނޫނީ މިއީ ހަމަ ހަޤީޤަތް ހެއްޔެވެ؟ އެހެން ވެއްޖެކަމަށް ވަންޏާ މިއެއްޗެހިތައް އަހަރެން ފަހަތުން އަޅައިގަނެގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟ އަހަރެންނަށް ކުރެވުނީ ކީއްހެއްޔެވެ؟
—
” ތިއިން އެއްވެސް ކަމެއް ހިނގާ ދިޔަ އިރު ކީއްވެ އަހަރެންނަށް ކުރިން ނޭންގީ؟ ” މުހުސިން ހިސާބަކަށް ހިތްހަމަ ނުޖެހިފައި އަހަރެންނާ ސުވާލުކުރިއެވެ. މުހުސިންއާއި އަހަރެން ތިބީ މުހުސިންގެ ގޭގެ ބޭރުގައި ހުރި އުނދޯލީގައެވެ. ދާދި ގާތުގައި އިން ގޮނޑީގައި ރާހިލްވެސް އިނެވެ. އޭރު ގަޑިން ހަވީރު ފަހެއް ޖަހަނީއެވެ.
” މަށަށް ކޮންމެވެސް ކަމެއް ވެއްޖެހެން ހީވެއްޖެޔޭ ހައްވައިދީ ދެން ތިގެޔަށް ނުދާނެ ވާހަކަ ކުރިން ދުވަހު ގުޅާފައި ބުނި ފަހުން… ” މުހުސިން އަހަރެންނާ ދިމާއަށް އެހެން ބުނުމުން ރާހިލް ވެސް އަހަރެންނާ ދިމާއަށް ބަލާލިއެވެ.
” އަހަރެންނަކަށް ވެސް ނޭނގޭ… މިރަށަށް އައި ފަހުން މިހާރު ހަފްތާއެއް މިވަނީ. މިރަށަށް އަންނަން ކީފަހުން މަންމަ ވެސް ހުންނަނީ އަހަރެންދެކެ ރުޅިއައިސް. އެނގޭ އަހަރެންގެ ބައްޕައަކީ މިހިސާބުގަނޑު މީހެއްކަން. އެކަމަކު މިރަށު މީހެއްކަމެއް ނޭނގޭ. ބައްޕައާއި ބެހޭ މާގިނަ މައުލޫމާތެއް އަދިވެސް އަހަރެންނަކަށް ނޭނގޭ… ބައްޕަ އަހަރެންގެ މަންމަ ވަރިކޮއްލާފައި ދިޔަ ކަން އެނގޭ. އެކަމް އަދި އަދަށް ދާންދެން ވެސް އެކަމުގެ ސަބަބެއް ނޭނގުނު.. އެކަމަކު ތެދުތެދަށް ބުނަންޏާ އަހަރެންނަށް ހީވާ ގޮތުން މިކަމުގައި މިއުޅެނީ މުޅިން އެހެން ކަމެއް ކަންނޭނގެ…. އެހެން ނޫނަސް މިދިޔަ ދުވަސްތަކުގެ ތެރޭގައި އަހަރެންނަށް އުނދަގޫކޮށް އަހަރެންނަށް އަނިޔާ ކުރަން އުޅޭ އެއްޗެހީގެ ބޭނުމެއް އޮންނާނެތާ….” އަހަރެންނަށް ހީވާ އެއްޗެއް މުހުސިން ގާތުގައި ބުނީމެވެ. ބިރުގަނެފައި ހުރި ވަރުން ހަދާނެ ގޮތް ހުސްވެގެން ހިނގާދިޔަ ހުރިހާ ކަމެއްވެސް ޖެހުނީ މުހުސިނާއި ރާހިލްއަށް ކިޔާދޭށެވެ. އެކަނި ހުރެގެން އަހަރެން ވިސްނަންވެއްޖެޔާ އަހަރެންގެ ޕޭޝެންޓުން ކަހަލަ މީހަކަށް ވެދާނެތީއެވެ. މާލޭ ފުރަން އެތައް ފަހަރަކު ހިތައް އެރިޔަސް ހައްވައިދީ ބުނި ވާހަކައަކުން އަހަރެންނަށް އެކަމެއްވެސް ކުރާކަށް ނުކެރުނެވެ.
” މަށަށް ހިޔެއް ނޫން. ޔަޤީން! މިރޭ އަހަރެން ފާއިޒުބޭ މިގެޔަށް ގެނެވޭތޯ ބަލާނަން. އިޝާއަށް ގޮވުމުގެ ކުރިން މިގެޔަށް އަންނާތި… އިން ޝާ ﷲ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ… ” މުހުސިން އަހަރެންގެ ކޮނޑުގައި އަތްބާއްވާލަމުން ބުނެލިއެވެ. ރާހިލް ވެސް އެކަމާއި އެއްބައިވުމުގެ ގޮތުން ބޯޖަހާލަމުން ހިނިތުންވެލިއެވެ.
—
އަހަރެން ގެޔަށް ގޮސް ވަތް އިރު މުޅި ގޭގައިވަނީ ހަމަހިމޭންކަމެވެ. މިއަދު ކުއްލިއަކަށް ނަމާދު ކުރީމައި ހުރިހާ ކަމެއް ހައްލު ވެދާނެކަމަށް ހީވާތީ އަހަރެން އާއްމުކޮށް އުޅޭ ކޮޓަރީގެ ފާހަނައާއި ދިމާއަށް ހިނގައިގަތީމެވެ. ނަމަވެސް ކޮޓަރިއާ ހަމަޔަށް ނުދެވެނީސް ސިޓިންރޫމުން ފެނުނު އެއްޗަކުން އަހަރެންގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. ހަތަރެސްފައި ޖަހައިގެން އޮތް ފިރިހެންމީހާގެ ބޯ އޮތީ އަހަރެންނާ ދިމާއަށް އަނބުރައިގެންނެވެ. ގައިގެ އެއްބައި ތަންތަނުގެ ހަންގަނޑެއް ނެތެވެ. ހަންގަނޑު ނެތް ދިމާތަކުން ކަށިގަނޑު ފެންނަން ހުރި އިރު އެދިމާތަކުގައި ފުޅަވެސް އަޅާފައި ހުއްޓެވެ. އަނގައިން ލޭހުރި ސޮނި ބާލުވަމުން ދިޔަ އެމީހާ ހުރީ ހިނިއައިއްސައެވެ. ދެލޯ އެކަށް ކަޅުވެފައިވާ އެމީހާ އަހަރެންނާ ދިމާއަށް ކޮންމެވެސް އެއްޗެކޭ ކިޔަމުން އަހަރެންނާއި ދިމާއަށް މަޑު މަޑުން އަންނަން ފެށިއެވެ. އަހަރެން ހުރީ ހަރަކާތްވެސް ކުރަން ނޭނގިފައެވެ. ގައިގެ ހުރިހާ ހިއްސުތައް ވެސް ހުއްޓިފައިވާ ކަހަލައެވެ. އެމީހާ އައިސް އަހަރެންގެ ގައިގެ ވަށައިގެން އެނބުރެން ފެށި އިރު ވެސް އަހަރެންނަށް ހުރެވުނީއެވެ. ނަމަވެސް ކިޔަމުން ދިޔަ އެއްޗެއް އަަހަރެންނަށް ފަހުމްވިއެވެ. ކުޑަކުއްޖާއާއި އަންހެންމީހާއެކޭ އެއްފަދައިން އޭނަވެސް ބުނަމުން ދިޔައީ ވެލްކަމް ޓު ހޯމްއެވެ.
ގަޔަށް ކުޑަކަމު ދެވުނުކަން ވެސް އަހަރެންނަށް އެނގުނީ ފަޔަށް ހޫނުވާން ފެށުމުންނެވެ. ތަންވަޅު ބަލައި އެމީހާ އަހަރެންގެ ގައިމައްޗަށް ފުންމައިގެން އަރައި އަހަރެންގެ ލޮލާއި ދިމާއަށް އެމީހާ ފުންކޮށް ބަލާލިއެވެ. ލޮލަށް ކަޅުކަން ވެރިވެގެން ދާން ފެށި ވަގުތު އަހަރެންނަށް ފެނުނީ ކުރީ ދުވަހު ފެނުނު ކުޑަކުއްޖާއެވެ. ނަމަވެސް ބިރުވެރި ސިފައެއްގައި ނޫނެވެ. ރީތި ދޮންދޮން ލޯބި ކުއްޖެއްގެ ސިފައިގައެވެ. މީހެއް އެސްފީނާ ޖެހޭހާ ރީތި ކުއްޖެކެވެ. އެކުއްޖާގެ ފަހަތުގައި ހުރި އަންހެނަކާ ފިރިހެނެކެވެ. ކުޑަ އުފާވެރި އާއިލާއެކެވެ. ރިވާ ލޭކް ގޭ ހުރި ދިމާލު ކުރިމަތީގައި އެމިހުން ހިނި އައިސް ހުއްޓިގެން ތިބި ތަނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

