ވަކިވީ އަސަރާ މަންޒަރު…3
ޝާނީ ސިޑިން މައްޗަށް އަރަނިކޮށް މަތިން ފޭބި ޝާނީގެ ކޮއްކޮ ނިޝާ ކައްސާލައިގެން ވެއްޓެން ދިޔަ ވަގުތު އެއްލި އަތުން ހިފުނީ ޝާނީ ލައިގެން ހުރި ހެދުމުގައެވެ. އެއާއެކު ޝާނީ އަރިއަޅާލިއެވެ. ނިޝާގެ ނަސީބު ރަނގަޅު ކަމުން ނިޝާއަށް ދަގަނޑުގައި ހިފެހެއްޓުނެވެ. ނަމަވެސް ޝާނީ އަށް ނުހިފެހެއްޓިގެން ވެއްޓުނެވެ.
ހޮސްޕިޓަލަށް ދިޔައިރު ޑިޔުޓީގައި ކަށީގެ ޑޮކްޓަރަކަށް ހުރީ މާއިޒްއެވެ. ފަޔަށް ތަދުވާ ވަރުން ފުރަތަމަ ޝާނީއަށް މާއިޒްއާ މެދުވެސް ވިސްނާ ނުލެވެއެވެ.
އެކްސްރޭ ނެގުމަށް ފަހު ޖެހީ ތަދު ކަނޑުވާ އިންޖެކްޝަނެކެވެ. އެކްސްރޭ ލިބުމުން މާއިޒް އައިސް އެ ބަލާފައި ކައްޓަށް ގެއްލުމެއް ނުވާކަމަށް ބުންޏެވެ. އިންޖެކްޝަންގެ ސަބަބުން ތަދު ނުވި ނަމަވެސް އޭރު ޝާނީގެ ފައި އޮތީ ވަރަށް ބޮޑަށް ދުޅަ ވެފައެވެ.
“ތީ އާދައިގެ ކުއްޖެއް ނޫން ދޯ؟” މާއިޒް ބޭސް ސިޓީގައި ލިޔަމުން އަހާލިއެވެ.
“ކީއްވެ ތިހެން ތި ބުނީ؟” ޝާނީ އަހާލިއެވެ. އެހާ ކައިރީގައި މާއިޒް ހުރުމުން ޝާނީގެ ވިންދު އަވަސް ވިއެވެ.
“އަބަދުވެސް ތިއުޅެނީ ކޮންމެސް ތަނަކުން ވެއްޓިގެން ވިއްޔަ، އަނެއްކާ ކޮންމެ ފަހަރަކުވެސް އަނިޔާވަނީ ފަޔަށް، އެއްފަހަރުވެސް އެހެން ތަނަކަށް ތަދެއް ނުވޭތަ؟” މާއިޒް ހީލާފައި އެހިއެވެ.
ޝާނީ ކައިރިއަށްވެސް ހިނި އައެވެ.
“ނޫނޭ، ހުރިހާ ތަނަކަށްވެސް ތަދުވޭ. އަބަދުވެސް، ކިތަންމެ ބައިވަރު މީހުން ތިއްބަސް ވެއްޓޭނީ އަހަރެން، މިރޭވެސް ކޮއްކޮ ވެއްޓެން ދިޔައިރު އަހަރެންގެ އަތުގަ ހިފަން އުޅެނިކޮށް އެންމެ ފަހުން ހަމަ އަހަރެން ވެއްޓުނީ، އޭނައެއް ނުވެއްޓޭ!” ޝާނީ އެރޭ ވީގޮތް ކިޔާދިނުމުން މާއިޒް ކައިރިއަށްވެސް ހިނި އައެވެ.
“އެކްސިޑެންޓްސްއާ ޓްރަބްލްއާ ވަރަށް ފްރެންޑްލީ ކުއްޖެއް ދޯ؟” މާއިޒް ބުންޏެވެ.
ޝާނީ އެއްޗެއް ނުބުނެ ހީލިއެވެ.
“ތިހާވަރަށް ވެއްޓޭ އިރުވެސް ފްރެކްޗަރއެއް ނުވޭދޯ ނަސީބަކުން؟” މާއިޒް އެހިއެވެ.
“އަދިއެއް ނުވޭ…” ޝާނީ ޖަވާބު ދިނެވެ.
“އެހެން ވިއްޔާ ތީ އަޖައިބެއް…” މާއިޒް ބުނެލިއެވެ.
“މިރޭ ގެޔަށް ދެވޭނެތަ؟” އިރުކޮޅެއް ފަހުން ޝާނީ އަހާލިއެވެ.
“ކީކޭ؟” ޝާނީ ބުނި އެއްޗެއް މާއިޒް އަކަށް ނުވިސްނުނެވެ.
“މިރޭ އަހަރެންނަށް ގެޔަށް ދެވޭނެހޭ؟” ހީލާފައި ޝާނީ އެހިއެވެ.
“އެހާ ވަރަށް ގެޔަށް ދާން ބޭނުންތަ؟” ޝާނީއާ ދިމާއަށް ބަލާލަމުން މާއިޒްވެސް ހީލާފައި އެހިއެވެ.
މާއިޒް ކައިރީގަ ހުންނަންޏާ ހޮސްޕިޓަލުގަ އޮވެދާނަމޭ ބުނަން ޝާނީ ހިތަށް އެރިއެވެ. ނަމަވެސް އެއްވެސް އެއްޗެއް ނުބުނެއެވެ. ކަންފަތުލާ އެއްޗާ ކުޅެން ފެށީ ބުނާނެ އެއްޗެއް ނުވިސްނުމުންނެވެ.
މާއިޒްއަށް ޝާނީއާ ދިމާއަށް ބަލަން ހުރެވުނެވެ. ކުރިމަތިން ޝިފްޒާ ފެނުނެވެ. ހަމަ އެ ގޮތަށް ކަންފަތުލާ އެއްޗާ ކުޅެން އިންދައެވެ. މާއިޒްއަށް ޝާނީގެ އަތުގަ ހިފާ ކަންފަތާ ދުރު ކޮށްލެވުނީ އެއްވެސް އިޚްތިޔާރަކާ ނުލައެވެ. ޝާނީގެ އަތުގަ ހިފެހެއްޓި ގޮތަށް މާއިޒް ދޫކޮށެއް ނުލައެވެ.
މާއިޒްގެ އެހަރަކާތުން ޝާނީ އިނީ ހަދާނެ ގޮތެއް ނޭނގިފައެވެ. މާއިޒް އޭރުވެސް ހުރީ ޝާނީއަށް ބަލާށެވެ. ދެމީހުންވެސް ސިހުނީ އެއްޗެއް ވެއްޓުނު އަޑަށެވެ. މާއިޒްގެ ޚިޔާލުން ޝިފްޒާ ފޮހެވުނެވެ. ކުރިމަތީ އިން ޝާނީގެ މޫނު ފެނުނެވެ.
މާއިޒްއަށް ހީވީ ޝިފްޒާ މާއިޒްގެ ކުރިމަތީ ހުރެފަ ގެއްލުނު ހެންނެވެ. އެހެން ފަހަރަށް ވުރެން ބޮޑަށް ޝިފްޒާ މަތިން ހަނދާން ވިއެވެ. އެއްވެސް އެއްޗެއް ނުބުނެ މާއިޒް ނުކުތެވެ.
އެވަގުތު މާއިޒްއަށް ވީ ގޮތް ޝާނީއަށް ފެނުނެވެ. އެ މޫނު މައްޗަށް ވެރިވި ހިތާމައިގެ އަސަރު ޝާނީއަށްވެސް ފާހަގަ ކުރެވުނެވެ. ނަމަވެސް އެކަމުގެ ސަބަބެއް ނުވިސްނުނެވެ.
ދެގަޑިއެއްހާ އިރު ފަހުން ޝާނީ ގެޔަށް ދާން އުޅެނިކޮށް މާއިޒް އައެވެ. އެ ހުރިހާ އިރު ޝާނީ ހޭދަ ކުރީ މާއިޒްއާ މެދު ވިސްނާށެވެ. މާއިޒް ޝާނީގެ ފަޔާ ބެހޭ ގޮތުން ދެތިން ސުވާލެއް ކޮށްލިއެވެ. ޝާނީ ދިން ޖަވާބާ މެދު ހިތްހަމަޖެހޭ ވަރު ވުމުން ގެޔަށް ދާން ހުއްދަ ދިނެވެ.
“ސޮރީ!” އިރުކޮޅެއް ފަހުން މާއިޒް ބުންޏެވެ.
“އަހަރެންގެ އަތުގަ ހިފީމަތަ؟ ނޫނީ… އެއްޗެއް ނުބުނެ ދިޔައީމަތަ؟” ޝާނީ އަހާލިއެވެ.
މާއިޒްއަށް ދޭނެ ޖަވާބެއް ނޭނގުނެވެ. ދެމީހުން ވެސް އެކަކު އަނެކަކަށް ބަލަން ތިއްބެވެ. އެވަގުތު ދެމީހުންނަށްވެސް ތަފާތު އިހްސާސްތަކެއް ކުރެވުނެވެ. ޝާނީ ބަލަން އިން ގޮތުން މާއިޒް ޝާނީއާ ކައިރިވެލާ ހިތް ވިއެވެ. ޝިފްޒާގެ ފަހުން އެނޫނީ މާއިޒްއަށް އެކަހަލަ ކަމަކާ މެދު ވިސްނިފައެއްވެސް ނުވެއެވެ. ޝާނީ މާއިޒްގެ ހިތާ އެގޮތަށް ކުޅެލަނީ ކިހިނެއްބާއޭ މާއިޒް ހިތަށް އެރިއެވެ. އެހިތުގައި އަދިވެސް ވިންދު ޖަހަނީ ހަމަ އެކަނި ޝިފްޒާއަށް ޓަކައެވެ. ނަމަވެސް ޝާނީ ފެނުމުން މާއިޒްއަށް އެވާ ގޮތެއް މާއިޒްއަކަށް ނުވިސްނުނެވެ. އެގޮތަށް ޝާނީއާ މެދު، އަދި އެނޫން ކުއްޖަކާ މެދުވެސް ވިސްނާކަށް މާއިޒް ބޭނުމެއް ނޫނެވެ. އަވަހަށް ޝާނީއާ ދުރުވާން ބޭނުންވީ އެހެން ވެގެންނެވެ. އެވަގުތު ޝާނީގެ އެދުންވެސް މާއިޒްއަށް ވިސްނުމާ އެކީއެވެ.
“ވެދާނެ މީ އަޑު އަހަން ބޭނުން ޖަވާބު ނޫން ކަމަށްވެސް، އަހަރެން މާފަށް އެދުނީ ފުރަތަމަ ތިކުރި ސުވާލުގެ ޖަވާބުގަ” މާއިޒް ބުންޏެވެ.
“މާއިޒްއަށް ކިހިނެއް އެނގެނީ ތީ އަހަރެން އަޑުއަހަން ބޭނުން ޖަވާބު ނޫން ކަމެއް؟” ޝާނީ އަހާލިއެވެ.
“ނޫންތަ؟” މާއިޒް ވެސް ކޮށްލީ ސުވާލެކެވެ.
ޝާނީ ޖަވާބެއް ނުދެއެވެ.
“އަހަންނަށް އެނގޭ އެކަން، އެނގުނު ގޮތެއް ކީށް ކުރަން ބަލަނީ؟” ޝާނީ އެއްޗެއް ނުބުނުމުން މާއިޒް ބުންޏެވެ.
“އަހަންނަށް އެނގޭ އަހަންނަށް މި ފީލް ވާހެން މާއިޒްއަށް ވެސް ވާކަން” ޝާނީ ބުނެލިއެވެ. ދެންމެ މާއިޒް ޝާނީއާ ދިމާއަށް ބަލަން ހުރި ގޮތުން މާއިޒްއަށް ވެސް ޝާނީ ފެނުމުން ގޮތްތަކެއް ވާކަން ޝާނީއަށް ވިސްނުނެވެ. މާއިޒްއަށް ބުނާނެ އެއްޗެއް ނުވިސްނުނެވެ. މާއިޒް ދަންނަ އެހެން އަންހެން ކުދިންނާ ޝާނީ ހާދަ ތަފާތޭ މާއިޒް ހިތަށް އެރިއެވެ.
“ޕޮއިންޓަކީ ތިއެއް ނޫން” މާއިޒް ބުނެލިއެވެ.
“ނޫންތަ؟” މާއިޒް ކުރި ސުވާލު ޝާނީވެސް ކޮށްލިއެވެ.
މިފަހަރުވެސް ދޭނެ ޖަވާބެއް މާއިޒްއަކަށް ނުވިސްނުނެވެ. އެހެންވެ މާއިޒް އައީ ރުޅިއެވެ.
“ދެން ހެޔޮ!” މާއިޒް ބުންޏެވެ.
“އޯކޭ!” ޝާނީ ވެސް ބުނެލިއެވެ.
އޭގެ ފަހުން ދެ ހަފްތާ ވީ އިރުވެސް މާއިޒް އުޅުނީ ހާސް ކަމެއްގެ ތެރޭގައެވެ. ޝާނީއާ މެދު ވިސްނަން ބޭނުން ނުވިނަމަވެސް ވިސްނެއެވެ. ގިނަ ދުވަސް ވީ ވަރަކަށް ބޮޑަށް ވިސްނެއެވެ. މާއިޒްއަށް ހަދާނެ ގޮތެއް ނުވިސްނުނެވެ. ޝާނީއާ ދިމާ ނުވާކަން ނަސީބެކޭ މާއިޒް ހިތަށް އަރައެވެ.
ނަމަވެސް ދެމީހުން އަނެއްކާވެސް ބައްދަލު ވާން އޮތީއެވެ.
ޝާނީ އޮފީހުން ގެޔަށް އަންނަނިކޮށް އެކްސިޑެންޓެއް ވިއެވެ. ހޮސްޕިޓަލަށް ގެންދެވުނީ އިމަރޖެންސީ ކޮށެވެ. މާއިޒް ގޭގައި އުޅެނިކޮށް ހޮސްޕިޓަލުން ގުޅައިގެން ދިޔައިރު އެއީ ޝާނީ ކަމެއް މާއިޒްއަކަށް ނޭނގެއެވެ.
އިމަޖެންސީ ރޫމަށް މާއިޒް ވަން އިރު އަނބުރައިގެންފައި އޮތް ޝާނީ ފެނުމުން ބުނެދޭން ނޭނގޭ ގޮތެއް މާއިޒްއަށް ވިއެވެ. އަވަހަށް އުޅެވުނީ ޝާނީއަށް ފަރުވާ ދޭށެވެ.
ޝާނީއަށް ހޭލެވުނީ ދެގަޑިއެއްހާ އިރު ފަހުންނެވެ. އޭރު ޝާނީގެ އަތުގަ އޮތީ ޕްލާސްޓަރ އަޅާފައެވެ. ބޮލުގަ ބެންޑޭޖް އަޅާފައެވެ. ގައިގެ އެތަން މިތަނުގަ ބޭސް އަޅާފައެވެ.
ޝާނީ ކައިރީގަ ހުރި ގޮނޑީގައި ޝާނީގެ ބައްޕަ ޒާހިރު އިނެވެ. އެނދުގައި ނިޝާ އިނެވެ. ޝާނީ ފެންފޮދެއް ބޯލައިގެން އޮށޯވެލި ތަނާ ޝާނީގެ ދޮންބެ ނާސިފް މާއިޒްއާ އެކީ އައިސް ވަނެވެ.
މާއިޒް ޝާނީއާ ސުވާލުތަކެއް ކުރަން ފެށިއެވެ. އަދި ވީގޮތް ކިޔާ ދިނެވެ. ޝާނީގެ ވައަތުގެ ކަށިގަނޑުގައި ރެނދު ލާފައި ވާ ކަމަށާއި، ނިތްކުރި މަތިން އިންޗިއެއް ހާތަން ފަޅައިގެން ދިޔުމުން ފަހާފައިވާ ކަމަށާއި، އެކިތަންތަން މަށައިގެން ގޮސްފައިވާ ނަމަވެސް އިތުރު ބޮޑު އަނިޔާއެއް ނުވާކަމަށް ބުންޏެވެ.
ދެމީހުން ކުރެ އެކަކުވެސް ދެ ހަފްތާއެއްހާ ދުވަސް ކުރިން ދެކެވުނު ވާހަކަޔާމެދު އެއްވެސް އެއްޗެއް ނުބުނެއެވެ. އަދި އޭގެ ކުރިން ދެމީހުން ދިމާވެފަ ވީ ވާހަކައެއްވެސް ނުބުނެއެވެ.
“ތީ ކުރީ ދުވަހުވެސް ތުއްތަގެ ފައި ބެލި ޑޮކްޓަރު ދޯ؟” ކުއްލިއަކަށް ނިޝާ އެހިއެވެ. “ދޯ ތުއްތާ؟” އެކަކުވެސް އެއްޗެއް ނުބުނުމުން ނިޝާ ޝާނީ ކައިރި އަހާލިއެވެ.
“ސިޑިން ވެއްޓުނު ދުވަހުވެސް—” ޝާނީއާ މާއިޒް އެއްފަހަރާ ބުންޏެވެ. އެއާއެކު ދެމީހުން އެކަކު އަނެކަކަށް ބަލާލާފައި ހީލިއެވެ.
“އެހެންތަ؟” ޒާހިރު އަހާލިއެވެ. “ޝާނީއާ ޑޮކްޓަރުންނާ ދިމާ ވާނެތާ! އަބަދުވެސް ކޮންމެވެސް ތަނަކުން ވެއްޓިގެން ޝާނީ އުޅޭނީ” ޒާހިރު ބުންޏެވެ.
އިރުކޮޅެއް ފަހުން ނާސިފްއާ ނިޝާ ގެޔަށް ދިޔައެވެ. ޝާނީއަށް ނިދުމުން ޒާހިރުވެސް އިރުކޮޅަކަށް ބޭރަށް ނިކުމެލިއެވެ. ގެޔަށް ދިޔުމުގެ ކުރިން ޝާނީ ޗެކް ކޮށްލަން މާއިޒް އައީ އެވަގުތުއެވެ. މާއިޒްއާ އެކީ އައި ނަރުސް ޝާނީގެ ބްލަޑް ޕްރެޝަރއާ ހުން ބަލާލާފައި ނޯޓްކޮށްލާފައި ދިޔައެވެ. އޭރު ޝާނީއަށް ހޭލެވިއްޖެއެވެ.
“ބޮލުގަ ރިއްސާތަ؟” މާއިޒް އަހާލިއެވެ. ޝާނީ މަޑުމަޑުން ބޯ ހަލުވާލިއެވެ. “އެންމެ ފަހުން ނުވެ އޮތް ކަންތައްވެސް ވީދޯ؟” މާއިޒް އަހާލިއެވެ. މާއިޒް ބުނި އެއްޗެއް ޝާނީ އަކަށް ނުވިސްނުނެވެ.
“ކީކޭ ތި ބުނީ؟” ޝާނީ އަހާލިއެވެ.
“ފްރެކްޗަރ” ޝާނީގެ އަތް ދައްކާލަމުން މާއިޒް ބުންޏެވެ.
އެކަކުވެސް ވާހަކަ ނުދައްކާ އިރުކޮޅެއް ދިޔައެވެ.
“މިރޭ ގެޔަށް ދެވޭނެ، ޕްލާސްޓަރ ނަގަން އަންނާނީ ހަތް ދުވަސް ފަހުން، އެކަމަކު ރިއްސަންޏާ ދައްކާލަން ވާނެ.” މާއިޒް ބުންޏެވެ.
“ތަދު ނުވަންޏާ—؟” ޝާނީ އަހާލިއެވެ.
ހަތް ދުވަސް ފަހުން ޕްލާސްޓަރ ނަގަން…”
“އޭގެ ފަހުން؟” މާއިޒް ބުނަން އުޅުނު އެއްޗެއް ފުރިހަމަ ނުވަނީސް ޝާނީ އަހާލިއެވެ.
މާއިޒް ޝާނީއާ ދިމާއަށް ބަލާލިއެވެ.
“ހީވަނީ ބޮލަށް ކޮންމެސް ވަރެއްގެ ގެއްލުމެއް ލިބިއްޖެހެން” ހީލާފައި މާއިޒް ބުންޏެވެ.
“ކޮން ކަހަލަ ގެއްލުމެއް؟” ޝާނީ އެހިއެވެ.
“ކޮންމެސް ކަމެއް ވެއްޖެ!” ޝާނީ ދައްކަން އުޅޭ ވާހަކަ ކޮންމެވެސް ވަރަކަށް ވިސްނުނު ނަމަވެސް މާއިޒް އެކަން ނޭނގޭ ކަމަށް ހެދިއެވެ. މާއިޒް ވާހަކަ ދެއްކީ ސަމާސާ ރާގަކަށެވެ.
“ނުފެންނަ ކަހަލަ… ދޯ؟” ޝާނީ ވާހަކަ ދެއްކީ ސީރިއަސް ވެފަ އިނދެގެންނެވެ.
މާއިޒްވެސް ސީރިއަސް ވެފައި ޝާނީއާ ދިމާއަށް ބަލާލިއެވެ. އަދި އެއްޗެއް ނުބުނެ އިރުކޮޅަކު ހުއްޓެވެ.
“އަހަރެން ހީކުރީ… ތި ހިޔާލު ދޫކޮށްލަފާނެ ކަމަށް” މާއިޒް ބުންޏެވެ.
ޝާނީ އިސްޖަހާލާފައި ކަންފަތުގައި ލައްވާފައި އިން އެއްޗާ ކުޅެން ފެށިއެވެ. އެއާއެކު މާއިޒްގެ މޫޑް ބަދަލުވިއެވެ. ގަސްތަކާ ނުލައި ޝާނީގެ އަތް ދުރު ކޮށްލަން އަތް ދިއްކޮށްލެވުނެވެ. ނަމަވެސް އެކަން އިހުސާސް ވުމާ އެކީ އަތް ތިރިކޮށްލިއެވެ.
“ކީށްވެތަ ތިހެން ތި ހަދަނީ؟ ކަންފަތުލާ އެއްޗާ ތި ކުޅެނީ؟” މާއިޒް އަހާލިއެވެ.
މާއިޒް އެހެން އެހުމުން ޝާނީ އަތް ތިރި ކޮށްލިއެވެ.
“ނޭނގެ، އެއީ ހަމަ ކުރެވޭ ކަމެއް. ކިހިނެއްވީ؟ އަހަރެން އެހެން ހަދާތީ މާއިޒްއަށް އުނދަގޫ ވަނީތަ؟” ޝާނީ އެހިއެވެ.
“އެއީ… އެހެން ކުއްޖަކުވެސް ވަރަށް ގިނައިން ކުރާ ކަމެއް، އޭނަ މަތިން ހަނދާން ވީ” މާއިޒް ބުންޏެވެ.
“ކާކު؟” ޝާނީ އަހާލިއެވެ.
މާއިޒް އެއްޗެއް ނުބުނެ ހުއްޓެވެ. ޝިފްޒާގެ ޚިޔާލަށް ގެއްލިފައެވެ.
“މާއިޒް…؟” ޝާނީ ގޮވާލިއެވެ. މާއިޒް ސިހިފައި ޝާނީއަށް ބަލާލިއެވެ.
“ސަންޑޭގަ…” ޝާނީގެ އަތަށް އިޝާރާތް ކޮށްލަމުން މާއިޒް ބުންޏެވެ. އަދި އިތުރު އެއްޗެއް ނުބުނެ ނިކުތެވެ.
މާއިޒް ދިޔުމުން ޝާނީ ދެރަވިއެވެ. ޝާނީއަށް މާއިޒްދެކެ ލޯބި ވެވިއްޖެކަން ވިސްނުނެވެ. ޝާނީގެ ހިތުގަވާ އެއްޗެއް މާއިޒްއަށްވެސް ކޮންމެވެސް ވަރަކަށް އެނގޭހެން ޝާނީއަށް ހީވެއެވެ. އަދި މާއިޒްގެ ހިތުގަވެސް ޝާނީއާ މެދު ކޮންމެވެސް ކަހަލަ އިހްސާސް ތަކެއް ވާހެންވެސް ޝާނީއަށް ހީވެއެވެ.
ޝާނީއަށް ނުވިސްނެނީ މާއިޒް ޝާނީއާ ދުރުވާން އުޅޭ ސަބަބެކެވެ. ގައިމުވެސް މާއިޒް ބައެއް ފަހަރަށް ޝާނީއާ ދިމާއަށް ބަލާލަނީ ޑޮކްޓަރެއް ބަލިމީހަކާ ދިމާއަށް ބަލާ ބެލުމުން ނޫންކަން ޝާނީއަށް އެނގެއެވެ. އަދި މާއިޒްގެ ލޮލުގައިވާ ހިތާމައިގެ އަސަރު ވެސް ޝާނީއަށް ފާހަގަ ކުރެވެއެވެ. އެ ހިތާމައިގެ ސަބަބަކީ ކޮބާބާއޭ ޝާނީ ހިތަށް އަރައެވެ.
އެލޯބި ކާމިޔާބު ވާނެ ކަމުގެ އުންމީދެއް ޝާނީއަކަށް ނެތެވެ. ޝާނީ ލޯ މަރާލިއެވެ. ދެރަވިއެވެ. ރޮވުނެވެ. ނަމަވެސް ހިތްވަރު ދޫކޮށް ނުލާން ޝާނީ އަޒުމް ކަނޑައެޅިއެވެ.
މާއިޒް ގެޔަށް ދިޔަ ގޮތަށް ކޮޓަރިއަށް ވަދެ އެނދުގައި އޮށޯތެވެ. ޝާނީގެ ހިތުގައި މާއިޒްއާ މެދު ވާ އިހްސާސްތައް މާއިޒްއަށް ވިސްނުނެވެ. ޝާނީގެ އެދުންވެސް މާއިޒްއަށް އެނގެއެވެ. ޝާނީއާ ކައިރި ވުމުން މާއިޒްގެ ހިތަށްވެސް ގޮތްތަކެއް ވެއެވެ. ޝާނީއާ މެދު މާއިޒްގެ ހިތުގައިވެސް ޖާގައެއް އުފެދެން ފެށިއެވެ. ޝާނީ ފެންނަ ކޮންމެ ފަހަރަކު ޝާނީއާ ކައިރިވާ ހިތް ވެއެވެ. އެންމެ ދެތިން ފަހަރު ފެނުނު ކުއްޖަކާ މެދު އެހާ ހާއްސަ ގޮތަކަށް ދެކެވެން ފެށުނީ ކީށްވެ ބާއޭ މާއިޒްގެ ހިތަށް އެރިއެވެ. މިވީ އެއް އަހަރު ތެރޭ އެއްވެސް އަންހެން ކުއްޖަކު ފެނުމުން ނުވާ ގޮތެއް ޝާނީ ފެނުމުން މާއިޒްގެ ހިތަށް ވާންވީ ކީށްވެ ބާއެވެ. ޝާނީގެ ކިބައިގައި ހުރީ ކޮން ހާއްސަ ސިފައެއް ހެއްޔެވެ. އެހެން ކުދިންނާ ޝާނީއާ ހުރި ތަފާތަކީ ކޮބާ ހެއްޔެވެ. ހަމަ އެކަނި ތަފާތަކީ ޝާނީއަށް މާއިޒްގެ ހިތާ ކުޅެލެވުނު ކަމެވެ.
ނަމަވެސް އެއީ މާއިޒް ބޭނުން ވާ ގޮތެއް ނޫނެވެ. ޝިފްޒާ މަތިން ހަނދާން ވިޔަސް މާއިޒް އަދިވެސް ދެރަވެއެވެ. ރޮވެއެވެ. ބުނެދޭން ނޭނގޭ ރިހުމެއް މުޅި ހަށިގަނޑަށް ފެތުރެއެވެ. މޭގެ އެތެރެ ހުސްވެފަ އޮންނަ ކަހަލަ އިހުސާސެއް ކުރެވެއެވެ. ހަށިގަނޑުގެ އެއްބައި ހުސްކޮށް އޮންނަހެން ހީވެއެވެ.
މާއިޒް އަދިވެސް ޝިފްޒާދެކެ ލޯބިވެއެވެ. އެ ހަނދާންތައް ހިތުން ފިލުވާލާކަށް މާއިޒް ބޭނުމެއް ނުވެއެވެ. އެހެން އަންހެން ކުއްޖަކާމެދު ވިސްނާކަށްވެސް ބޭނުމެއް ނޫނެވެ. މުޅި އުމުރު ހޭދަ ކުރަން ބޭނުން ވަނީ ޝިފްޒާގެ ހަނދާނުގައެވެ.
ނަމަވެސް މާއިޒް ވިސްނާވެސް ނުލާ ހުއްޓާ ޝާނީ މާއިޒްގެ ހިތާ ކުޅެލައިފިއެވެ. އެ ހިތުގެ މައްޗަށް ބާރު ފޯރުވަން ފަށައިފިއެވެ. އެއީ މާއިޒް އެދޭ ގޮތެއް ނޫނެވެ. ޝާނީއާ މެދު ހިތުގައިވާ އިހްސާސްތަކުގެ ސަބަބުން މާއިޒްއަށް ހީވަނީ ޝިފްޒާއަށް ބޭވަފާތެރި ވެވޭ ހެންނެވެ.
މާއިޒްއަށް ހަދާނެ ގޮތެއް ނުވިސްނުނެވެ. ލޯމަރާލިއެވެ. އެއާއެކު ޝިފްޒާގެ މޫނު ފެނުނެވެ. މަޑުމަޑުން އެ މޫނު ބަދަލުވާން ފެށިއެވެ. ޝާނީގެ މޫނު ފެނުނެވެ. ކުއްލިއަކަށް މާއިޒް ލޯ ހުޅުވާލިއެވެ. ތެދުވެގެން ދިޔަ ގޮތަށް ގޮސް ޑްރެސިންގ ޓޭބަލް މަތީ ހުރި ހުރިހާ އެއްޗެއް އަތުން ޖަހާ އުކާލިއެވެ. އެކި އެއްޗެހި އެކި ދިމާއަށް ދިޔައެވެ. ބިއްލޫރި ފުޅިތައް މުށިތައް މައްޗަށް ވެއްޓުމާ އެކު ތަޅައިގެން ދިޔައެވެ.
ކޮޓަރި ދޮރު ހުޅުވާލާފައި މާއިޒްގެ ކޮއްކޮ މިންނާ އެތެރެއަށް ވަނެވެ.
“ދޮންބޭ، ކިހިނެއްވީ؟” މިންނާ އެހިއެވެ.
“ކަމެއް ނުވޭ…” މާއިޒް ބުންޏެވެ.
“ދޮންބެ ވެއްޓުނީތަ؟” މިންނާގެ ފަހަތުން ވަން މިންނާގެ ހަ އަހަރުގެ ދަރިފުޅު ޒާރާ އަހާލިއެވެ.
މާއިޒް ހީލިއެވެ. އަދި އަތުގެ އިޝާރާތުން ކައިރިއަށް އަންނަން ޒާރާ ގާތު ބުންޏެވެ. ޒާރާ އައުމުން މާއިޒް ޒާރާ އުރާލިއެވެ.
“ތަދުވިތަ؟ ލޭ އައިތަ؟ ހިނގާ ބޭސް އަޅަން…” ޒާރާ ބުންޏެވެ.
“ދޮންބެގެ ކުޑަކުޑަ ޑޮކްޓަރު ދޯ؟ ދޮންބެއަކަށް ތަދެއްނުވޭ، ލެއެއްވެސް ނާދޭ، ބޭސް އަޅާކަށްވެސް ނުޖެހޭ…” ޒާރާގެ ނޭފަތުގަ ހިފާލާފަ މާއިޒް ބުންޏެވެ. ޒާރާ ތެޅިފައި ހުރި ފުޅިތަކާ ދިމާއަށް ބަލާލިއެވެ.
“ދޮންބެދައްތަގެ ސެންޓްފުޅި ތެޅުނީތަ؟” ޒާރާ އަހާލިއެވެ.
މާއިޒް ބަލާލިއެވެ. ޝިފްޒާ އެންމެ ފަހުން ގެންގުޅުނު ސެންޓްފުޅި އެދުވަހާ ހަމައަށް ޝިފްޒާ ބެހެއްޓި ގޮތަށް ހުއްޓެވެ. ނަމަވެސް މިހާރު އެފުޅި އެއޮތީ ތެޅިފައެވެ. ކުދިކުދި ވެފައިވާ ބިއްލޫރި ކޮޅުތައް ފެނުމުން މާއިޒް ދެރަވިއެވެ. ޒާރާ ބަހައްޓާފައި އައިސް އެތަނުން ބިއްލޫރި ކޮޅެއް ނެގިއެވެ.
“ދޮންބޭ، އަތް ކެނޑިދާނެ…” ޒާރާ ބުންޏެވެ. މާއިޒް އެއްޗެއް ނުބުނެ މިންނާއާ ދިމާއަށް ބަލާލިއެވެ. މިންނާ ފިހިގަނޑު ހިފައިގެން އައިސް ބިއްލޫރިތައް ނަގަން ފެށިއެވެ.
“ދޮންބޭ، ކިހިނެއް ވީތަ؟” ބިއްލޫރިތައް ވަށިގަނޑަށް އަޅާލާފައި މިންނާ އަހާލިއެވެ.
“ނޭނގެ، އެއްގޮތަކަށްވެސް ނޭނގެ…” އިސްތަށިގަނޑުގައި އަތް ހާކާލަމުން މާއިޒް ބުންޏެވެ.
ހަތް ދުވަސް ފަހުން ޝާނީ ހޮސްޕިޓަލަށް ގޮސް ޕްލާސްޓަރ ނައްޓާލިއެވެ.
“ދެން ބަލައިގެން އުޅެއްޗޭ، މިހާރު ދެން މުޅި އުމުރަށް ވާވަރަށް އަނިޔާ ވެއްޖެއެއްނު؟” ޝާނީގެ އަތް ޗެކް ކޮށްލާފައި މާއިޒް ބުންޏެވެ.
“ހަފްތާއަކު އެއް ފަހަރު ކަހަލަ ގޮތަކަށް މިތަނަށް އައިސް އައިސް މިހާރު އެއްގޮތް ދޯ އަހަރެން މީ ދާއިމީ ބައްޔެއް ހުރި މީހެކޭ؟” ޝާނީ އަހާލިއެވެ.
“ނޫނޭ…” މާއިޒް ބުންޏެވެ. “ފޫހި ވެއްޖެ ދޯ މިހާރު މިތަން ދެކެ؟” އިރުކޮޅެއް ފަހުން މާއިޒް އަހާލިއެވެ.
މާއިޒް އެ ސުވާލު ކުރުމުން ޝާނީ ޖަވާބެއް ނުދީ އިނެވެ.
“ކީއްވެ އެއްޗެއް ނުބުނީ؟” މާއިޒް އެހިއެވެ.
“ދޭނެ ޖަވާބެއް ނޭނގުނީ” ޝާނީ ބުންޏެވެ. މާއިޒް ޝާނީއަށް ބަލާލިއެވެ.
“އެއީ ކީށްވެ؟” މާއިޒް އަހާލިއެވެ.
“އަހަރެން ހިތުގަ އޮތަ އެއްޗެއް ބުނެފިއްޔާ މާއިޒް ހިތްހަމައެއް ނުޖެހޭނެ” ޝާނީ ބުނެލިއެވެ.
“ހިތުގަ އޮންނަ އެއްޗެއް ބުނަން އެހާ ފަސް ޖެހޭ ކުއްޖެއްތަ ތީ؟ އަޅެ ބުނެބަލަ، ވާ ގޮތެއް އެނގިދާނެއެއްނު؟” ޝާނީ ބުނާ ކޮންމެ އެއްޗަކަށް ހިތާހިތުން ތައްޔާރު ވެލަމުން މާއިޒް ބުންޏެވެ. ނަމަވެސް ޝާނީ އެއްޗެއް ނުބުންޏެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
17 Comments!
Comments are closed.








Habeys….. 😀 😀 😀 😀 !!!!!!!
Nukko can u mail this story to me. Plxx ??
Yay i am first
v nice…
V reethi
nice
haadha salhiey…..m waiting 4next part
naic
Nice
mee kyvaahaka’eh but v reethi adhivxx hama kiyaa hiyy vany 🙂
🙂
Vvv salhi
Vvvvvvv reethi
When next part up kurany
vvv reethi avaha up kollachey
Me ethah faharaku genasfa vaa vaahaka eth name badhalhu kohgen thi genes dhenee thee konvahthareh aavaahaka nuliye vengna huttaalaa varah foohi
kobaa vahaka plz avaha up kolla dheebala