Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ލޯބިވެވުނީ 14

Lilac Level 1
February 2, 2024 6 Mins Read
6 Comments

“ދެން އަހަރުން އުޅޭނީ މާލޭގަ.. އެހެންވެ އަހަރުން އެންމެން މި އައީ.. ވީކަމެއްވީ.. އެކަން ހަނދާން ނައްތާލަން މަސައްކަތް ކުރަންވާނެ..” ލާމިއު ވަދީފާއަށް ހިތްވަރުދިނެވެ. “ތިއެއްނޫނޭ.. ބޭބީއަށް ކިޔާނެ ނަމެއް އިނގޭތަ؟” ޝާދިޔާ ވަރަށް ގަޔާވެލާފައި އަހައިލިއެވެ. “ޔައިލީ..”

 

*ސާދަވަނަ ބައި*

 

“އޭގެފަހުން އަހަރުމެން އެއްކޮށް މާލެ ބަދަލުވީ.. ގިނަ ދުވަހެއްނުވެ ނަދޫއަށް އަލާން ލިބުނީ އޭގެފަހުން އައިރާ.. ދެން ދީމާ..” ފާތުން އެވާހަކަ ކިޔާ ނިންމާލިއެވެ. “ދެން ކޮބާ ޔައިގެ ބައްޕަ މިހާރު؟؟” ޔައިލީއަށް އަދިވެސް އެ ސުވާލުގެ ޖަވާބެއް ނުލިބެއެވެ. “ޔައިލީ ލިބުނުތާ މަހެއްފަހުން އެ މަހުމޫދޭ ކިޔާ ޖަނަވާރު ކާރު އެކްސިޑެންޓެއްގަ މަރުވީ..” ހަމަޖެހިލާފައި ހުރެ ރިއާޝާ ބުންޏެވެ. “ކާރު އެކްސިޑެންޓެކޭ!!” ޔައިލީއަށް އެކަންވީ ކުޑަ ޝޮކަކަށެވެ. “މާ ހައިރާންވާނެ ކަމެއް ނެތް.. އޭނަ އަމިއްލައަށް ބުއި ބޮނޑިއެއް އެއީ.. ގަވައިދާ ހިލާފަށް ވިއްޔާ ކާރު ދުއްވަމުން ދިޔައީ.. ވާންވީ ގޮތޭ އެއީ.. އޭނަ ހީކުރީތަ ވަދީއަށް އެ ހާލު ޖައްސާފަ އަރާމުގަ އުޅެވޭނެކަމަށް؟؟ ނޫޅެވުނެއްނު…” ޝާދިޔާއަކަށް މަޑަކުން ނުހުރެވުނެވެ. “ޝާދީ.. ތިހާވަރަށް އޭނައާ ނުބެހިބަލަ ދެން.. ވާރަވު ވެއްޖެއްނު.. އެކަން ހަނދާން ނައްތާލަބަ ދެން..” ހަކީމް ޝާދިޔާއަށް ބުންޏެވެ. ނަމަވެސް އޭނަގެ އަންހެނުން އުޅޭ ވައްތަރުން ހަކީމްއަށްވެސް ހުރީ ހެވިފައެވެ. މިކަމުން ޔައިލީއަށް އެއްވެސް އަސަރެއްކުރިހެނެއް ހިޔެއްނުވެއެވެ. ނަމަވެސް އައީ ރުޅިއެވެ. އައި ރުޅީގައި އަތުގައި އޮތް ފޮޓޯ ވީދާ ކުދިކުދިކޮށްލިއެވެ. އެވަރުން ނުވެގެން ފާހަނައަށްގޮސް އެ ގަނޑުތައް ފްލަޝްކޮށްލިއެވެ. އެކަމާ ހުރިހާ އަންހެންވެރިން ހުރީ ފަހުރުވެރިވެފައިކަން މޫނުމަތިން ފެންނަމުންދިޔައެވެ. މިކަމުން އެކަނިވެސް މަހުމޫދަށް ކުރާ ނަފުރަތު އެނގިގެންދެއެވެ.

 

އަނެއްކޮޅުން ހުރިހާ ކުދިންތައް ތިބީ ދެންމެ ކިޔައިދިން ވާހަކައިން އަނގަހުޅުވިފައެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ؟ އެމީހުންގެ މަންމައާއި ބައްޕަމެން އެ ފާޑަކަށް އުޅޭނެކަމެއް އެމީހުން ހިތަކަށްވެސް ނާރުވައެވެ. އައިރާއަށް އެންމެ އަޅާއިގަތް ތަންކޮޅަކީ ނަދާ ދައްތައާއި ލާމީ ބޭބޭ އުޅުނުގޮތެވެ. އަލާންވެސް އެވައްތަރަށް އުޅޭ ސަބަބު މިއެނގުނީ އަދި ކިރިޔާއެވެ. އާއިލާގެ ފަރާތުން ވާރުތަވެފައިވާ ކަމެއްތާއޭ ހިތާހިތުން ކިޔާލިއެވެ. އަމިއްލައަށް ހުރެ ދެފަރާތަށް ބޯ ހޫރުވާލިއެވެ. “ކީއްވި ޑަމްބޯ؟؟ އިންޑިއާ މީހުން ހަދާހެން ދެފަރާތަށް ބޯތަޅުވަނީ ތި؟” އަލާންއަށް އެތަން ފެނިގެން އައިރާއަށް ޖެއްސުމެއްކޮށްލިއެވެ. “ކޮންމެ ކަމެއްވިޔަސް މާކަނައަށް ކީއް؟؟” އައިރާ ކަޅި އަޅާލަމުން ބުންޏެވެ. “އޭލުން މާކަނާ ވަލަށް ދެލަވާނެ..” ރޯކަމަށް ހެދެމުން ތުއިވެލާފައި އަލާން މޫނުގައި އަތް އަޅާލިއެވެ. އަދި ގިސްގެ އަޑުވެސް ލައްވާލިއެވެ. “ދެން މާކަނާގަނޑޫ!!! ތިހާ އެކްޓު ބޮޑުކުރާކަށް ނުވާނޭ..” އައިރާ ފެލިގަތެވެ. އެއަޑަށް އެންމެން އެދިމާލަށް އެނބުރުނެވެ. އައިރާ ލަދުގަތެވެ. ނަމަވެސް ނުވާކަމަށް ހަދާފައި ދަތުރު ނުދަންހޭ އަހައިލިއެވެ. އާނއެކެވެ. ވާހަކައަށް ގެއްލިފަ ތިއްބާ ގަޑި ދިޔަގޮތެއްވެސް ނޭނގެއެވެ. އެންމެންވެސް އަވަސް އަރުވާލާފައި އެއްޗެހިތަށް ހިފައިގެން ދާން ހިނގައިގަތެވެ. ޒިލާލްއާ ދީމާއާ ދެމީހުން ވެގެން ހުރިހާ ކުދިންތައް ގޮވައިގެން އުޅުނެވެ.

 

ދަތުރުދާން ހަމަޖެހިފައިވާ ރަށަށް ދެވުނީ މެންދުރުވެސް ވީފަހުންނެވެ. ނަސީބަކުން އެއީ ވަރަށް މަޑު ދުވަހެކެވެ. އެތަނަށް ދިޔައީ އާކިންއަށް ވަރަށް ފަހުން ލިބުނު ސަފާރީ ލޯންޗެއްގައެވެ. ލަސްކުރުމެއްނެތި އެންމެންވެސް އެއްޗެހި ބޭލުމުގައި އުޅުނެވެ. އެރަށަކީ ހިތްގައިމު ރަށެކެވެ. މުއްސަނދި ބައެއްނަމަވެސް އެއްވެސް ބޮޑާކަމެއްގެ ނިޝާނެއްވެސް ނެތެވެ. އެމީހުންގެ ދަރިންނަށްވެސް ދަސްކޮށްދިނީ އެގޮތެވެ. ހުރިހާ ފިރިހެނުންތައް އެމީހެއްގެ އަންހެނުންނާއި ދަރިން ބޭލުމުގައި އުޅުނެވެ. އާކިންވެސް ޔައިލީ އަތްދަނޑިމައްޗަށް އުފުލާލައިގެން އެއްގަމަށް ގެންދިޔައެވެ. ހަމަ އެގޮތަށް ދީމާއާ ޒިލާލްވެސް ކަންކުރިއެވެ. އަނެއްކޮޅުން އަލާން އޭނަގެ ކޮއްކޮ އާލިއާ ބެލުވުމަށްފަހު އަނބުރާ ދާ ހިޔާލެއް ނުކުރިއެވެ. އެ ލޯންޗުގައި ހުރީ އައިރާ އެކަންޏެވެ. “މާކަނާގަނޑޫ!!! އާދޭ ހަމަ މިހާރު އިރާ ބަލާ!!!!” އައިރާ ދެފައިތަޅަމުން ހަޅޭއްލަވައިގަތެވެ. އެއަޑު ވަރަށް ރީއްޗަށް އެއްގަމުގައި ތިބި މީހުންނަށް އިވުނެވެ. އެންމެނަށްވެސް ހެވެންފެށުނީ އަލާންއާއި އައިރާގެ ސަކަރާތާހެދިއެވެ. ބޮޑުވީމަވެސް އުޅެނީ ކުޑަކުދިން އުޅޭހެންނެވެ.

 

“ގޮސްދާނަން.. އެކަމް ޑަމްބޯ ވާނެ މިރޭ ސައިކު ރައިޑަކަށް ދާން އަހަންނާއެކު..” ލާނެތް ރާގަކަށް އަލާން ބުންޏެވެ. “ވަޓް!!! އަރ ޔޫ ޖޯކިން؟؟ ނުދާނަން!!” އައިރާ ދެކޮޅުހެދިއެވެ. “އޯކޭ! އެހެންވެއްޖިއްޔާ ތިތާ ހުރޭ މިއަދު ހަތަރުދަމު! ދަނީ..” އެހެން ބުނެފައި އަލާން އެއްގަމަށް ދާން ހިނގައިގަތެވެ. “އޯކޭ ފައިން!! އިރާ ދާނަމޭ!! ދެން އާދެބަ އިރާ ބަލާ.. އިރާ ބިރުގަނޭ އެބަ..” ބަލިގަބޫލުކޮށްފައި އައިރާ މަޑުމަޑުން ބުންޏެވެ. އެއާއެކު އަލާންގާތަށްއައީ ނުލަފާ ހިންޏެކެވެ. އަލާން ހުރީ އައިރާއާ ފުރަގަސްދީގެން ކަމުން އަލާން މޫނަށް ޖައްސަމުންދިޔަ ވައްތަރުތަކެއް އައިރާއަކަށް ނުފެނެއެވެ. އެހެންކަމުން އައިރާއަށް ފެނުމުގެކުރިން މޫނުމައްޗަށް ސީރިއަސްކަން ގެނުވާފައި އައިރާގޮވައިގެން އެއްގަމާދިމާލަށް ދިޔައެވެ. ދިޔައީވެސް އައިރާއަށް ‘ޕިގީ ބެކް ރައިޑެއް’ ދެމުންނެވެ. ނަމަވެސް އެއްގަމާ ހަމައަށް ނުދެވެނީސް އައިރާ އަލާންގައިގާ ބާރަށް ހިފަހަށްޓަމުން އައިރާ އަލާން ގައިމައްޗަށްއަރައި އަލާން ގަންބާލިއެވެ. އަދި ފުންމާލާފައި އެއްގަމަށް އެރިއެވެ. އޭރު އައިރާވަނީ އެއްކޮށްހެން ތެމިފައެވެ. ވަކި ހިސާބަކަށްގޮސްފައި އައިރާ ފަހަތްބަލާލީ އަލާން މައްޗަށް އަރާއަޑު ނީވުމުންނެވެ. ބަލާލިއިރު އަލާން އަދިވެސް މައްޗަކަށް ނާރައެވެ. ފަސްގަނޑު މަޑު ހިސާބެއްކަން ފާހަގަވީ އަދި ކިރިޔާއެވެ. އަޑިއަށް ގަނބާނެކަން އެނގުނީ ދެނެވެ. އެއާއެކު އައިރާއަށް ތެޅިގަނެވުނެވެ. “މާކަނާ!!” ވަރަށް ފާޑަކަށްހުރެ އައިރާ ގޮވައިލިއެވެ. ނަމަވެސް އަލާންގެ ހިލަމެއްވެސް ނުވެއެވެ. މަޑުމަޑުން މޫދާދިމާލަށް އައިރާ ދިޔައެވެ. ކަކުލާހަމައަށް އަނެއްކާވެސް ތެންމާލިއެވެ. އެއްވެސް ދިމާލަކުން އަލާން ފެންނާކަށް ނެތެވެ. އައިރާ ހާސްވާންފެށިއެވެ. ބިރުގަންނަން ފެށިއެވެ. “މަންމާ!!!!” އައިރާއަށް ބާރަކަށް ހަޅޭއްލެވުނީ އައި ދިމާލެއްނޭނގި އަލާން އައިރާ މޫދަށް ވައްޓާލުމުންނެވެ. ދެމީހުންވެސް އެއްފަހަރާ ވެއްޓުނެވެ. “ތިހެން ހެދީމަ މިރޭ އަދި މަ ބޮޑުވަރުވާނެ އިނގޭ ޑަމްބޯ.. ކިރިޔާއޭ ލޮނު ނުބޮވުނީ!” އެއްގަމަށް އަރަމުން އަލާން ބުންޏެވެ. “ހެވޭ!! މާކަނާ ނުޖެހޭނެ ދޯ ތިހެން ހަދާކަށް.. ކިރިޔާއޭ…” އައިރާ ޖުމުލަ ފުރިހަމަނުކޮށް ހުއްޓާލިއެވެ. “ކިރިޔާއޭ؟ ކިރިޔާ ކިނެއްނުވީ؟” އައިރާއާ ކަޅި ހަމަކުރަމުން އަލާން ބުންޏެވެ. އައިރާ އަލާންއާ ދިމާލަށް ދޫ ނެރެލިއެވެ. އަދި އަލާންއަށްވުރެ ކުރިން އެއްގަމާ ދިމާލަށް ދުއްވައިގަތެވެ. އަލާންވެސް ބަލަންނުހުރެ އައިރާ ފަހަތުން ދިޔައެވެ.

 

“ދެކުދިން ތަންކޮޅެއް ބަލައިގެން އުޅެބަ.. ކުޑަކުދިން އުޅޭހެން ނޫޅެބަލަ..” ނަދީމް ބުންޏެވެ. “އެބުނާހެން.. ތާރާމެންނަށްވުރެ ތިދެމީހުން މާ ކުޑައޭ.. ބޮޑުވެބަލަ ދޯ..” ޒިލާލްވެސް ހެމުން ބުންޏެވެ. އެހެން ބުނުމުން އެންމެންވެސް ހޭންފެށިއެވެ. “މީހުންނާ އިންނަންވީމަވެސް ތިވައްތަރައްތަ އުޅެނީ؟” ލާމިއު އިތުރުކޮށްލިއެވެ. “އިންނާށޭ!! އެލަންއާ އިންނާނެ މީހުން ބައިވަރު.. އެކަމް ހިޔެއްނުވެ މިހިރަފެންނަ ޑަމްބޯއަށް އިންނާނެ މީހަކު ވާނެހެނެއް ދުވަހަކުވެސް.. އެހުރީ ހުރި ވައްތަރު ވިއްޔާ! ހަހަހަ ފެންނަ މީހަކު ބިރުންގޮސް ހޭނެތޭނެ..” އަލާންއަށް އައިރާއާ ނުބެހިއެއް ނުހުރެވުނެވެ. “ހެވޭ!! އިރާ ނޫޅެން މީހަކާ އިންނާކަށް..” އައިރާގާތަށް ރުޅިއައެވެ. “އޭ ޑަމްބޯ ހަމަޖެހޭ.. ތިހެން އުޅެނިކޮށް މަށާ އިންނަންޖެހިދާނެ އިނގޭ..” އަލާން އިތުރަށް އައިރާއާ ދިމާކޮށްލިއެވެ. “ދުނިޔެއިން މީހުން ހުސްވިޔަސް މި އިރާއެއް ތި މާކަނާއަކާ ނީންނާނަން.. އެކަން ހަނދާން ބަހައްޓައްޗޭ.. މާކަނާ ނޫން މީހަކާ އިންނާނީ.. އަޑުއިވިއްޖެތަ؟” އަލާންއާ ދިމާލަށް ޝަހާދަތް އިނގިލި ދިއްކުރަމުން އައިރާ ބާރަކަށް ބުންޏެވެ. “އެހެންތަ؟ އެ ހެޔޮ ދޯ ބަންގާޅިއަކާ އިންނަންޖެހުނަސް.. ހަހަހަ” އަލާން އެންމެ ފަހުގެ ހަމަލާ ފޮނުވާލާފައި ދުއްވައިގަތެވެ. އެއާއެކު އައިރާގެ ބަޑިފަޅައިގެން ދިޔައެވެ. އަދި އަލާން ފަހަތުން ދުވަންފެށިއެވެ. އަތުފުރާ ވެލި ހިފައިގެންނެވެ. އެދެމީހުންގެ ސަކަރާތުގެ ސަބަބުން ހުރިހާ ކުދިންތައްވެސް ހުރީ ވަރެއްގެ ފޯރިއެއް އަރާފައެވެ.

 

އެދެމީހުންގެ ކުޅިގަނޑު ބަލަން ދުރުގައި ހުރި ގޮނޑިއެއްގައި އިށީންދެގެންއިން ޔައިލީހުރީ ފުން ވިސްނުމެއްގައެވެ. އެހެން ހުއްޓާ އާކިން ފަހަތުން އައިސް ޔައިލީގެ ކޮލަށް ބޮސްދިނެވެ. “ހާދަ ފުން ވިސްނުމެއްގަ. ކީއްވީ؟” ޔައިލީގެ މަޑުމައިތިރިކަމުގެ ސަބަބުން އާކިންއަށް އުނދަގޫ ނުވާފަހަރު ވަރަށް މަދެވެ. އެހެންވެ ކޮންމެފަހަރަކުވެސް ޔައިލީގެ ސިކުނޑީގައިވާ އެއްޗެއް ދެނެގަންނަން އާކިން މަސައްކަތްކުރެއެވެ. “ކަމެއްނުވެ.. މަންމައާ ދޭތެރޭ ވިސްނާލެވުނީ.. ހިތަށްއަރާ މަންމަ ހުރިނަމަ ކީއްހޭ ވާނީ މިގަޑީ.. މަންމަވެސް ވަރަށް އުފަލުގަދޯ އުޅޭނީ؟” ޔައިލީ މަޑުމަޑުން ބުންޏެވެ. އާކިންވެސް ޔައިލީގާތު އިށީންދެލިއެވެ. “ޔައިއަށް އިނގޭދޯ އެމީހެއްގެ ވަގުތު ޖެހުނީމަ އެމީހެއްގެ ފުރާނަ ގެންދަވާނެކަން؟ ދިރިތިބީންނަށް ކުރެވޭނެކަމަކީ އެމީހުންނަށްޓަކައި ހެޔޮ ދުއާކުރުން.. އަހަރުން އުންމީދު ކުރާ ބައިވަރު ކަންކަން ނުވެދާނެ.. ބަޓް ދެޓްސް ލައިފް.. އަޕްސް އެންޑް ޑައުންސްވެސް އަންނާނެ.. އަހަރުމެން ޖެހޭނެ ހިތްވަރުކޮށްފަ ކުރިއަށްދާން.. ވީކަމެއްވީ.. އެންޑް ވީ ކާންޓް ޗޭންޖް ދެޓް..” އެހެން ބުނެފައި އާކިން ޔައިލީގެ ބޯ ގެނެސް އާކިންގެ ކޮނޑުގައި ބާއްވާލިއެވެ. ދެން ހޭދަވީ ހިމޭންކަމުގެ މިނެޓުކޮޅެކެވެ. “ހިނގާ މޫދަށް އެރެންދާން” އާކިން ވިސްނާލަން ހުރެފައި ބުންޏެވެ. “ދެން މިގަޑިއަކު ނޫން ދޯ؟” ޔައިލީ ހުރީ މޫދަށް އެރޭހިތަކުންނޫނެވެ. ނަމަވެސް އާކިން ޔައިލީ އަތުގައި ހިފައިގެން މޫދާދިމާލަށް ދުއްވައިގަތެވެ. “އާކްކް!!!!” ޔައިލީ ގޮވަގޮވަ ހުއްޓާ އާކިން ޔައިލީއާއެކު މޫދަށް ފުންމާލިއެވެ. ދެން އިވެންފެށީ ދެމީހުންގެ ހުނުމުގެ އަޑެވެ. މުޅި ދުވަސް އެއްކޮށް ހޭދަވެގެންދިޔައީ މަޖަލާ ސަކަރާތުގައިކަން ފެންނަމީހަކަށްވެސް އިނގޭނެއެވެ.

 

ދަތުރު ނިންމާފައި އެންމެން މާލެދިޔައީ އުފާވެރި ހިނިތުންވުންތަކަކާއެކުއެވެ. އެ ލޯންޗުގައި ފެންވަރާތަންތަން ހުރުމުން އެންމެންވެސް އެތަނުން ފެންވަރާ ރީތިވެލިއެވެ. ގެއަށްދިޔަ މަގުމަތީގައި ޔައިލީއަށް މާދުރުން އައްޔާޝް ފެނުނެވެ. ޔައިލީގެ ހިތުގައި ބިރުވެރިކަން ވަށާލިއެވެ. ފާއިތުވި ފަސްއަހަރު ތެރޭގައި އެތަން މިތަނުން ޔައިލީއަށް އައްޔާޝް ފެނިފައިވެއެވެ. އެކަނި ހުންނަ ވަގުތެއްގައިވިޔަސް މީހުންނާއެކު ހުއްޓަސްމެއެވެ. އެހެން އެއްވެސް މީހަކަށް އެކަން ފާހަގައެއް ނުވެއެވެ. މިއާއެކު ޔައިލީގެ ހިތުގައި އެތަކެއް ސުވާލުތަކެއް ފުނިޖެހިގެންދަނީ އައްޔާޝް އެއްވެސް ކަމެއް ނުކޮށް ދުރުގައި ބަލަހައްޓަން ހުންނާތީއެވެ. އާކިންގާތު އެ ވާހަކަ ނުބުނަން ހުންނަ ސަބަބަކީވެސް އެއީއެވެ. ނަމަވެސް ޔައިލީއަށް ނޭނގުނުކަމަކީ އެ ވާހަކަ ނުބުނުމުގެ ސަބަބުން އަންނަން އޮތް ބޮޑު ކޮޅިގަނޑު އިތުރަށް ވަރުގަދަ ވާނޭކަމެވެ.

 

އެރޭ ރޭގަނޑު އައިރާ އަލާންއާއެކު ސައިކަލު ދުއްވާލަން ދިޔައެވެ. އެވެސް އަލާން ކީވަރުންނެވެ. އަދި މިއަދު ވީ ކަންތަކުންނެވެ. އެހެންނޫނީ އެއީ ދުވަހަކުވެސް މީހަކާއެކު ފިނިބުރުޖަހަންދާ މީހެއް ނޫނެވެ. ތަނަކަށް ދާން ނޫނީއްޔާ ސައިކަލަކަށް ނާރާނެއެވެ. ހާއްސަކޮށް ފިރިހެންކުދިންނާއެކުއެވެ. ނަމަވެސް އަލާންގެ ސަބަބުން އައިރާގެ މި އާދަވެސް އެއްކޮށް ބަދަލުކޮށްލައިފިއެވެ. ބަރާބަރު ދެ ގަޑިއިރު ވަންދެން ސައިކަލު ދުއްވުމަށްފަހު ދިޔައީ ރެސްޓޯރެންޓަކަށެވެ. އެތަނަށް ގޮއްސަވެސް މިއަދު މޫދުގައި ވީކަންތަކަށް އައިރާ ދިޔައީ ފާޑުކިޔަމުންނެވެ. އަލާންވެސް ދިފާއުގައި ދެތިން ހަތަރު ބަސް ބުނެލާފައި ނޫނީ ދުލެއް ނުކުރެއެވެ. އެހެންހުރެފައި ދޭތެރެއިން އަލާން އައިރާއާ ކޮންމެވެސް ޖެއްސުމެއް ކޮށްލަފާނެއެވެ. އަނެއްކޮޅުން އައިރާދިޔައީ އެއަށްވުރެ މާ ވަރުގަދަ ކަންތައް ކުރަމުންނެވެ. އެ ޖެއްސުންތަކަށް ދުވަހަކުވެސް ހުއްޓުމެއް އަންނާނެހެނެއް ހިޔެއްނުވެއެވެ. ކައިނިމިގެން ދެމީހުންނަށް ރަނގަޅަށް ހަމަޖެހިނުލެވެނީސް އަނެއްކާ ސައިކަލު ދުއްވަންދިޔައެވެ. އެކަމު މިފަހަރު ސައިކަލު ދުއްވީ އައިރާއެވެ. ދެމީހުންނަށްވެސް ވަނީ ފާޑެއްގެ ފޯރިއެއްއަރާފައެވެ. ބާރު ސްޕީޑުގައި އައިރާ ދުއްވަމުންދިޔައިރު ބިރެއްގެ ތަންފުކެއްވެސް އައިރާގެ ނެތްކަމެވެ. އަނެއްކޮޅުން އަލާންގެ ފުރާނަ ކިރިޔާ ހުރިކަމެވެ. އަނގައިން ހޮޑުރަހަލީހެންވެސް ހީވިއެވެ. އައިރާގާތު މަޑުން ދުއްވަން ބުނެވުނީ ކިތައްފަހަރު ކަމެއްވެސް ނޭނގެއެވެ. މުޅި ރޭ ހޭދަވެގެންދިޔައީ އެކަހަލަ ގޮތަކަށެވެ. ފަހުންފަހުންއައިސް އަލާންއަށްވެސް އެ ރައިޑު ވަރަށް މަޖާވެގެންދިޔައެވެ. އަދި އިތުރަށް ބާރަށް ދުއްވަން އައިރާގާތު ބުނަންވެސް ބުންޏެވެ. ކަމެއް ވީހެނެއްވެސް ހިޔެއްނުވެއެވެ. މުޅި މާލެ އެއްކޮށް ކުޑަކޮށްފައި އެވަރުންވެސް ހިތްނުފުރިގެން ހުޅުމާލެއަށްވެސް ދިޔައެވެ. ވަގުތު ގިނަވެގެން ފޭސް 2 އަށްވެސް ދިޔައެވެ. ގެއަށްވެސް ދިޔައީ 1 ޖަހައި ބޮޑުވިފަހުންނެވެ.

 

އޭގެ އަނެއް ދުވަހެވެ. އައިރާއަށް އޮފީހަށް ދާން ހޭލެވުނީ ތަންކޮޅެއް ލަހުންނެވެ. ހުސް އަލާންގެ ކަންތަކޭ ހިތަށް އަރައި އަލާންއާދިމާލަށް ކުދިކިޔަމުން އެއްކޮށް ތައްޔާރުވެ ނިންމާލިއެވެ. އަދި ސައިބުއިމެއްވެސްނެތި ބޭރަށް ނިކުތެވެ. ނަމަވެސް ހިތާމަހުއްޓެވެ. އައިރާގެ ސައިކަލަކު ޕެޓްރޯލެއްނެތެވެ. އެންމެންވެސްވީ ޑިއުޓީގައެވެ. ޓެކްސީއެއް ލިބޭތޯ މަޑުކޮށްކޮށް ނުލިބުމުން ނުގުޅަން ހުރެފައިވެސް އަލާންއަށް ގުޅައިލިއެވެ. އެންމެ ރިންގަކާއެކު އަލާން ފޯނުނެގިއެވެ. “އާނ މިދަނީ..” އެހެން އެކަނި ބުނެފައި އަލާން ފޯނު ކަނޑާލިއެވެ. އައިރާގާތަށް އައީ ރުޅިއެވެ. ވަރެއްގެ އިންސާނެކޭ ހިތަށްއެރިއެވެ. ދެކޮޅު ބަލަންހުރެފައި ދާން ހިނގައިގަތްތަނާ މާދުރުން އަލާން އަންނަތަން ފެނުނެވެ. “އަންނަން އެނގިއްޖެ؟” ރުޅިއައިސްފައިހުރެ އައިރާ އަހައިލިއެވެ. “އާނ.. ސައިބޮއެގެންތަ ތިދަނީ؟؟” އަލާން އެހެން އެހީ ލަހުން ދެވޭ ދުވަހެއްވެއްޖިއްޔާ އައިރާ ސައި ނުބޯނެކަން އިނގޭތީއެވެ. ހީކުރިގޮތަށް އެއްޗެކޭ ނުބުނެ އައިރާ ދެފަރާތަށް ބޯހޫރުވާލިއެވެ. އަދި އަރާށޭ ބުނެ ސައިކަލު ދުއްވާލިއެވެ. ދުއްވަމުންގޮސް ގޯޅިއެއްގައި އިން ފިހާރައެއް ކައިރިއަށް މަޑުކޮށްލިއެވެ. އަދި އައިރާގާތު މިތާ މަޑުކުރުމަށް ބުނެ ފިހާރައަށްވަނެވެ. އަލާން ފިހާރައިން ނިކުތީ ކޮތަޅަކަށް ދެ އެޕޯލޯ ކޭކާއި ޑެއިލީ ޗޮކްލެޓް ޕެކެޓެއް ލައިގެންނެވެ. މިތަންފެނި އައިރާއަށް އިހްތިޔާރަކާނުލާ ހިނިތުންވެވުނެވެ.

 

“ހަނދާންކޮށް މި ބޯތި އޮފީހަށްގޮސް.. އިނގޭ ޑަމްބޯ؟” ސީރިއަސް ވެލާފައި އަލާން އެ ކޮތަޅު އައިރާއަތަށް ދިނެވެ. އެ ކޮތަޅުގައި ހިފަމުން އައިރާ ބަސްއަހާ ކުޑަކުއްޖެއްފަދައިން ބޯޖަހައިލިއެވެ. އަދި ސައިކަލު ފަހަތަށްއެރިއެވެ. “ޑަމްބޯ ކީއްވެ މާ ހެވިފަ ތިހުރީ މިއަދު؟ މަ ބިރުގަނޭ އިނގޭ އެބަ ތިހެން ހެވިފަ ހުރީމަ… ހީވަނީ ކަމެއް ރާވައިގެން އުޅޭހެން!! ދެން ނުބަލަބަ ތިހެން.. އަހަރެން ލަދުގަނެއްޖޭ!” ތުއިވެލާފައި އަލާން އެހެން ބުންޏެވެ. އެއާއެކު އައިރާއަށް ހަމަބިމަށް އާދެވުނެވެ. ކުރެވުނު ހިޔާލަށް އަމިއްލައަށް މަލާމާތް ކުރިއެވެ. ނުވާކަމަށް ހަދާފައި އަލާންގާތު އަވަސްކުރުމަށް ބުންޏެވެ. އެއާއެކު ސައިކަލު ދުއްވަމުން އޮފީހާ ދިމާލަށް މިސްރާބުޖެހިއެވެ. އެ ގޯޅިގަނޑުން މަޖީދީ މަގަށް އަޅާލި ވަގުތެވެ. އެވަގުތަކީ ގަވައިދާ ހިލާފަށް ދުއްވަމުންދިޔަ ޕިކަޕެއް އެމަގުންއައި ވަގުތެވެ. އެ ޕިކަޕުއައީ ސީދާ އަލާންއާ އައިރާއާ ދިމާލަށެވެ. އަލާންއަށް އޭގެން ރެކެވޭކަށް ވަގުތެއްނުލިބުނެވެ. އައީވެސް އެހާ ބާރަށެވެ. ސައިކަލު ކޮންޓްރޯލުން ނެއްޓުނެވެ. ދެވަނަ ސިކުންތުގައި އަލާންއަށް އިވުނީ އައިރާގެ ހަޅޭކުގެ އަޑާއެކު އަލާންއަށް ގޮވިއަޑެވެ. އެ ޕިކަޕުގައި ސައިކަލުޖެހި އަލާންއާ އައިރާ ދިޔައީ ވިއްސައިގެންނެވެ. ސައިކަލު މާދުރުގައި އިން ގަހެއްގައިޖެހި ފުނޑުފުނޑުވިއެވެ. ލޯ ހުޅުވާލި ވަގުތު އެ ޕިކަޕުގައި އިން މީހާ ދުވެފައި ދާތަން ފުސްކޮށްފެނުނެވެ. އަލާންއަކަށް ވީނުވީއެއް ނޭނގުނެވެ. ގަޔަކު ވަރެއްނެތެވެ. އޮތީވެސް ބަނޑުވަތަށެވެ. މުޅިގައިގާވަނީ ހުސްލެޔެވެ. ނަމަވެސް ތަދެއް އިހުސާސެއްނުވެއެވެ. ހުރިހާތަނެއް ފެންނަނީ ފުސްކޮށެވެ. ނަމަވެސް މީހުންގެ އަޑުއިވެއެވެ. އެވެސް ކުޑަކޮށެވެ. ދެފަރާތަކަށް ކަޅި ހިނގާލިވަގުތު މާ ދުރުގައި ވެއްޓިފައި އޮތް އައިރާ ލޮލުގައި އަޅައިގަތެވެ. އައިރާގެ ހެދުން ވަކިނުކުރެވޭވަރަށްވަނީ ލެއިން ފޯވެފައެވެ. އޮތީ ގުޅައަކަށް ޖެހިފައެވެ. އެ ހާލުގައިވެސް އަލާން އުޅުނީ އައިރާގާތަށް ދާށެވެ. ނަމަވެސް ކުރެވުނު އެއްކަމެއްވެސް ނެތެވެ. ކުރެވުނިހާވެސް ކަމަކީ އެދިމާލަށް އަތްދިއްކޮށްލުމެވެ. މަޑުމަޑުން އަލާން އަނގަ ހަރަކާތްކޮށްލިއެވެ. އެވަގުތު އަނގައިން ބަޑިޖަހާފައި ލޭފައިބަން ފެށިއެވެ. “އައިރާ..” އެއާއެކު ނެގިއަތްވެސް ވެއްޓި އަލާންގެ ހަބަރު ހުސްވިއެވެ.

 

ނުނިމޭ!

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Lilac

Level 1

Just a girl who is badly in love to read and write stories. Also, a girl who gets inspired by all sorts of ideas and willing to touch everyone's hearts with beautiful stories <3✨

Other Articles

Previous

އުމުރަށް ތިޔަ ނަމުގާ ފިދާވުން އެދެނީ 6

Next

ނަފްސަށްޓަކައި.

Next
February 4, 2024

ނަފްސަށްޓަކައި.

Previews
February 2, 2024

އުމުރަށް ތިޔަ ނަމުގާ ފިދާވުން އެދެނީ 6

6 Comments!

  1. imko 💕💕 says:
    February 3, 2024 at 7:14 pm

    Mi part vex varha reethi Masha Allah
    Unmeedhu kuran next part kiyaalan libeeney kama
    Lysm 💞💞

    1. Quinn Lilac says:
      February 4, 2024 at 7:34 am

      Thankiu imko.. And glad you liked it 😊

  2. Enterrnitiii says:
    February 4, 2024 at 2:03 pm

    Iboooooo this is soo good. Inthizaaringgg for the next. 💞

    1. Quinn Lilac says:
      February 5, 2024 at 10:40 am

      Thankiu boooooo😘 Dhn Anna part faharehgaa Las vedhaane… But thnx so much. Glad you enjoyed it😊

  3. Anonymous says:
    June 30, 2024 at 4:16 pm

    Avahah next part nereba please, so curious about it 😥😤

  4. his gurll says:
    August 7, 2024 at 3:23 pm

    ibaa, kba? nimunee tha vhk liye? i was hoping las vaane vhk bunefa inas GC nimaafa upload kuran fashaane kamah. so, when are you going to upload the next part?

Comments are closed.

Next Episodeލޯބިވެވުނީ 15←


All Right Reserved!