Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ލޯބިވެވުނީ 13

Lilac Level 1
January 30, 2024 7 Mins Read
8 Comments

“ޔައިގެ ބައްޕައަކީ ކާކު؟؟”

 

*ތޭރަވަނަ ބައި*

 

ޔައިލީގެ އެ ސުވާލާއެކު މުޅިތަން އެއްކޮށް އަޑުމަޑުވެގެން ދިޔައެވެ. ފާތުން ދިޔައީ އެއްލިގެންނެވެ. ތާރާ ބިންމަތީ ބެހެއްޓުމާއެކު ކޮޓަރިއަށް ދުވެފައި ދިޔައީ އެކުދިންނާއެކު ކުޅޭހިތްވެގެންނެވެ. އެންމެންވެސް ތިބީ ޔައިލީ ކުއްލިއަކަށް އެ ސުވާލު އެހުމުން ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ނަމަވެސް އެ ހިމޭންކަމުން ޔައިލީއަށް ވީ އުނދަގުލެވެ. “ފާންތާ!! އެއްޗެކޭ ބުނެބަ؟ ޔައިގެ ބައްޕައަކީ ކާކު؟؟” ޔައިލީއަށް ނުހުރެވިގެން އަނެއްކާވެސް އަހައިލިއެވެ.

 

“ޔައި ކީއްވެ ކުއްލިއަކަށް ތި ސުވާލު ކުރީ؟؟” ޔައިލީގެ މޫނުމަތިން ފެންނަމުން ދިޔަ ކުލަވަރުތަކުން ކޮންމެވެސް ކަމެއް ވެއްޖެކަން ފާތުންއަށް ފަހުމްވުމާއެކު ވަރަށް ފާޑަކަށް ހުރެ އެ ސުވާލު ކުރިއެވެ. ސުވާލަށް ޖަވާބު ދިނުމެއްނެތި ޔައިލީ އަތުގައި އިން އެއްޗެއް ފާތުންއަށް ދައްކާލިއެވެ. އެއާއެކު ފާތުންއަށް ހީވީ މުޅި ދުނިޔެ އެނބުރުނު ހެންނެވެ. އާނއެކެވެ. އެއީ ވަދީފާގެ ފޮޓޮއެކެވެ. އެ ފޮޓޯގައި ވަދީފާއާ ތަތްވެގެން ކަހަލަ ގޮތަކަށް އިން މީހާ ފެނީ ފާތުން ހީވީ ހަމަ ދެންމެދެންމެ ފަޅައިގެން ގޮސްދާނެހެންނެވެ. މޫނުވެސް އެކީ ރަތްވެގެން ދިޔައީ ފަޅި ސިކުންތެއްގެ ތެރޭގައެވެ. އެމަންޒަރު ފެނި މި ދެއްކުނީ ރަނގަޅު އެއްޗެއްއެއް ނޫންކަން ޔައިލީއަށް ރޭކައިލިއެވެ. އަދި ފާޑަކަށް ބިރުންހުރެ ފާތުންއަށް ގޮވާލިއެވެ. “ޔައިގެ ބައްޕަ ދޯ މީ؟؟”  “ޔައި ކޮންތާކު ހޯދި އެއްޗެއް ތީ؟” ޔައިލީގެ ސުވާލަށް ޖަވާބު ދިނުމެއްނެތި އަނެއްކާވެސް ފާތުން ކޮށްލީ ސުވާލެކެވެ. ހީކުރި ގޮތާ ހިލާފަށް ފާތުން ސުވާލުކުރީ މަޑުންނެވެ. ހީވަނީ ރުޅިގަނޑު މައިތިރިކުރަން އުޅޭހެންނެވެ. އެއާއެކު ޔައިލީއަށް ރޭގައި ފެނުނު ފޮތުގެ ވާހަކަ ބުންޏެވެ. “ޔައި އަސްލު ފަހުން އޭތި ހުޅުވަން ހަދައިގެން އޭގެ މަތިން އެއްކޮށް ހަނދާން ނެތުނީ.. ދެން ރޭގަ ފެނުނީމަ ހިތަށް އެރީ ބަލާލާނީއޭ.. އެކަމު ހިއެއް ނުކުރަން ޔައިއަށް މަންމަގެ މިކަހަލަ ފޮޓޯ ފެނިދާނެކަމަކަށް.. އަދި ހާއްސަކޮށް ބައްޕަގެ…”  “އެއީ ޔައިގެ ބައްޕައެއްނޫން!” އަޑު އައީ ޔައިލީގެ ފަހަތުންނެވެ. ބަލާލިއިރު ރިއާޝާ ހުރީ ފާޑަކަށް ޔައިލީއަށް ބަލާށެވެ. “ޔައިގެ ބައްޕައަކީ އެކަހަލަ މީހެއް ނޫން.. އެކަހަލަ ޖަނަވާރަކަށް ބައްޕަ ކިޔަންވެސް ހަރާމްވާނެ!! އެއީ ޔައީގެ ބައްޕައެއް ނޫން!!” ރިއާޝާގެ ލޮލުގައި ކަރުނަ ހުއްޓެވެ. “ޔައިއަކަށް ނޭނގޭނެ ޔައިގެ މަންމަ އުޅުނު ހާލެއް.. އޭނަ މަންމައަށް ކުރި އަނިޔާ.. އެއީ އިންސާނެކޭ ކިޔޭވަރަށް ވުރެވެސް މާ ނުބައި ނުލަފާ ޝައިތާނެއް..” ރިއާޝާ ކައިރީގައި ހުރި ޝާދިޔާހުރީ ހަމަ ރަނގަޅަށްވެސް ރޮވިފައެވެ. އެހެން ބުނުމާއެކު ނަދާއާއި ރިއާޝާއާއެކު ފާތުންއަށްވެސް ރޮވެންފެށުނެވެ. ހުރިހާ ފިރިހެންވެރިންވެސް ތިބީ އިސްޖަހައިގެންނެވެ. “ޔައި އަހާލަންތަ ވީގޮތް؟” ޔައިލީ މަޑުމަޑުން ފާތުންގާތު އަހައިލިއެވެ. އެއާއެކު ފާތުން ލޮލުގައި ހުރި ކަރުނަތައް ފޮހެލާފައި ޔައިލީގެ އަތުގައި ހިފައި ފާތުންގާތު ސޯފާގައި ބޭންދިއެވެ. އަދި ފުން ނޭވާއެއް ދޫކޮށްލިއެވެ.

 

“އެންމެ ކުޑައިރުންވެސް ފެށިގެން ޔައިގެ މަންމަ އުޅުނީ އެކަނި.. މަންމައާއި ބައްޕަވަނީ ވަދީ ވަރަށް ކުޑައިރު ނިޔާވެފަ… އޭރު ވަދީގެ މަންމަމެނާ އަހަރުމެންގެ މަންމަމެންވެސް ވަރަށް ގާތްވާނެ.. އެހެންވެ ފާންތަގެ މަންމަ ވަދީ ގެންގުޅުނީ އަމިއްލަ ދަރިއެއްހެން.. އެދުވަސްކޮޅު ފާތުން އަހަރުންނާވެސް ދިމާވީ… އޭގެ ފަހުން އަހަރުމެން އުޅުނީ އެކުގަ.. އޭރު ޝާދިވެސް ރިއާ ވެސް އުޅޭނެ.. ޔައިގެ މަންމައަށް ޔައިގެ ބައްޕަ ފެނުނުއިރު ވާނީ ގާތްގަނޑަކަށް 19 އަހަރު.. އެދުވަސްކޮޅު އަހަރުންނަކަށް ނުވެސް އިނގޭ އެއީ ކާކުކަމެއްވެސް.. ރަށު މީހެއްނޫންކަން އެނގުން.. އެއީ އަހަރުން ރަށުގަ އުޅުނު ދުވަސްވަރު….” ފާތުން ކިޔައިދޭން ފެށިއެވެ.

 

..24 އަހަރު ކުރި..

ހިތްގައިމު ރަށެކެވެ. ރީތި ހުދު ދޮންވެލި ގޮނޑުދޮށްތަކުގެ ވެރިއެކެވެ. މޫދުވެސް ޖަވާހިރުތަކެއްހާ ވިދައެވެ. ނޫކުލައިގެ ބޮޑު އުޑުމައްޗަކު ވިލާރޮއްޖެއްވެސް ނެތެވެ. ދޫނިތައް ގޮވަމުންދެއެވެ. ޖެހެމުންދިޔަ ހިތްގައިމު ވަޔާއެކު ގަސްތައްވެސް ނަށަމުންދިޔައެވެ. އެއީ މެންދުރުގެ ހޫނުގަދަ ވަގުތެވެ. ނަމަވެސް އެ ރަތްދަގަ އަވިން ބޮޑެތި ބިޔަ ގަސްތައް އެންމެނަށް ހިޔާކޮށްދެއެވެ. އޭރުގައި ހުންނަ ރިޔާ ދޯނިތައްވެސް ދިޔައީ އެ އުފާވެރި ދުވަހުގައި ބައިވެރިވަމުންނެވެ. އެ ހޫނުގަދަ ވަގުތުގައިވެސް ކުދިން ތިބީ ގޮނޑުދޮށުގައި ކުޅޭށެވެ. މުޅިންވެސް އިވެނީ ސަކަރާތް ޖަހާ އަޑެވެ. އަންހެންވެރިން ތިބީ ފަންގިވިދެ ރޯނުވެށުމުގައެވެ. އަނެއް ކުދިބަޔަކު ފަސްއޮށް ކުޅެއުޅެއެވެ. އޭގެތެރެއިން އެކަކީ ވަދީފާއެވެ. ވަދީފާއާއެކު ރިއާޝާ، ފާތުން، ނަދާ އަދި ޝާދިޔާވެސް ފަސްއޮށް ކުޅެން ތިއްބެވެ.

 

“މިފަހަރު މަ ނަދޫއަށްވުރެ މަތި ކުރާނަން.. ބަލަން ހުންނައްޗޭ!” ހެވި ދިއްލިފައިން ވަދީފާ ބުންޏެވެ. “ކޮންމެ މީހަކު ކޮންމެ ކަމެއްކުރިޔަސް މީނައަކަށް ނޭނގޭނެ.. އެއަށްވުރެ މާބޮޑަށް މީނަ މީނީ އިޝްގުގަ ޖެހިފަ… ހަހަހަ!” ނަދާގެ ކޮނޑުގައި އަތްއަޅާ ކޮއްޕާލަމުން ރިއާޝާ ބުންޏެވެ. “އެހެންނު ވާނީ.. މީހަކާ އިންނަން ވިއްޔާ އެ އުޅެނީ.. ވަރުގަދަ ލޯބިވެރިއެއްނު ނަދޫއަށް ލިބިގެން ތިއުޅެނީ..” ޝާދިޔާ ނަދާއާ ދިމާކޮށްލިއެވެ. “އިއްޔެގަވެސް ނަދޫ އުޅުނު ގޮތް ދޯ.. ހަހަހަ… ހީވީ ދީވާނާވެފަ ހުރި މީހެއްހެން… ލާމީ!! އަހަރެން ލާމިދެކެ ވަރަށް ލޯބިވޭ.. އަހަރެން ލާމިއާ އިނދެގެން 10 ކުދިން ހޯދަންބޭނުންވިޔަސް އަހަރެން މިހުރީ ތައްޔާރަށް..” ރާގުލާފައި ދެއަތް ޖޯޑުކޮށްލަމުން ރިއާޝާ ކިޔަމުންދިޔައެވެ. އެ ހުރިހާ އެއްޗެއް ކިޔަމުން ދިޔައިރު ނަދާވަނީ ލަދުންގޮސް މޫނު އެއްކޮށް ރަތްވެފައެވެ. ބިންފަޅާފައި އަޑިއަށް ދެވޭނަމައޭވެސް ހިތަށް އެރީ ކިތައްފަހަރު ކަމެއްވެސް ނޭނގެއެވެ. “އައްދޭ!! ހާދަ ލަދެކޭ ތި ގަތީ ރަންކޮޅާ.. އަދި ނީންދެވިގެން ތިއުޅެނީ.. އިނދެގެން އަދި ކިހާ ވަރެއްވާނެބާ ހަހަހަ…” ހެމުންހެމުން ފާތުން އިތުރަށް ނަދާ ލަދުގަނުވާލިއެވެ. ފާތުން އިނީ 5 އަހަރުގެ ލީނާ އުނގައްލައިގެންނެވެ. އެއީ ފާތުންއާއި ނަދީމް އިނދެގެން ލިބުނު ފުރަތަމަ ދަރިއެވެ. އެ ހުރިހާ ސަކަރާތާއެކު ފަސްއޮށުގެ ފޯރި ދިޔައީ ގަދަވަމުންނެވެ.

 

“ލަދުންގޮސް މޫނު ނުދެއްކޭވަރު ކުރާނަން..” ނަދާގެ ކަންފަތް ކައިރީގައި ހުއްޓުނު ލާމިއު މަޑުމަޑުން ބުންޏެވެ. ނަމަވެސް އެއަޑު އިވުނުކަން އެނގުނީ އެންމެންގެ ހޯބޯ ލެއްވުމުގެ އަޑު އިވެންފެށުމުންނެވެ. “ދެން ލާމީ!! ތިކަހަލަ ވާހަކަ ދައްކާކަށް ނުވާނު..” މަޑުމަޑުން ނަދާ ބުންޏެވެ. “ކީއްވެ ނުދެއްކެންވީ… މަގޭ ވާންއުޅޭ އަނބިމީހާއެއްނު ތީ.. އެހެންމަ ނެތެއްނު މީގަ ވަކި މައްސަލައެއް..” ނަދާގެ ކޮނޑުގައި ދަތްދޮޅި ޖައްސާލަމުން ލާމިއު ބުންޏެވެ. “ތިއެއްނޫނޭ.. ހަމަ އެހާ ގިނަ ކުދިން ހޯދަން ބޭނުންތަ؟” ނުހުރެވިގެން އެންމެފަހުން ލާމިއު އަހައިލިއެވެ. ކުޑަ ހުނުމަކާއެކުއެވެ. އެއާއެކު ނަދާ ދެން ލާމިއޫ އޭ ކިޔާ ލާމިއުގަޔަށް ވެލި ފުންޏެއް އުކާފައި ލާމިއު ފައްސާލިއެވެ. އެވަރުންވެސް ލާމިއު ދިޔައީ ހެމުންނެވެ. “މަންމާ!!” ނަދީމް އަތުގައި ހިފައިގެންހުރި 3 އަހަރުގެ އިފާ ދުވެފައިގޮސް ފާތުންގެ އުނގަށް އެރިއެވެ. އަދި ފާތުންގެ ކޮލަށް ބޮސްދީފައި ލީނާއާއެކު ވެލިކުޅެން ދިޔައެވެ. އޭރު ޝާދިޔާގެ ފިރިމީހާ ހަކީމް ހުރީ އެމީހުންގެ 2 އަހަރުގެ ފުރަތަމަ ދަރިފުޅު ލާރާގެ އަތުގައި ހިފައިގެންނެވެ. ލާރާވެސް ދުވެފައި ދިޔައީ ލީނާއާ އިފާއާއެކު ކުޅޭށެވެ. މަޑުކުރުމެއްނެތި ރިއާޝާގެ ފިރިމީހާ އަކްމަލް ރިއަޝާގައިގާ ފަހަތުން ބައްދާލިއެވެ. އެއީ މީގެ ދެ ހަފްތާކުރިން އިން ދެމީހުންނެވެ. ފިރިހެންވެރިންތައް އިތުރަށް މަޑުކުރުމެއްނެތި ލާމިއުއާ ދިމާކުރަމުން ހިނގަމުންދިޔައެވެ.

 

“އެހެމް.. ވަރަށް ގިނިގަދަ ވެއްޖެދޯ މިތާ؟؟” ވަދީފާއަށް ނުހުރެވިގެން އެންމެފަހުން ބުނެލިއެވެ. “ސާބަހޭ ވަދީ.. ތީ ވަރަށް މޮޅު މީހެއް ތިކަހަލަ ވާހަކަ ދައްކަން.. ކުޑަމިނުން ރަނގަޅު މީހެއް ހޯދަން އުޅެނީއެއްވެސް ނޫން… އެހެން ބުނީމަ ބުނާނީ ނޫޅެމޭ މީހަކާ އިންނާކަށް.. ދެން ތިހެން މުޅި އުމުރު ދުވަސް ހުސްކުރާނީއެއް ނޫން ދޯ.. މުސްކުޅިވެ ގައިބާރު ދެރަވާދުވަހު އަޅާލާނެ ކުދިންވެސް ބޭނުންވާނެ ދޯ..” ފާޑަކަށް ހިތްހަމަ ނުޖެހިފައިހުރެ ނަދާ ބުންޏެވެ. “އާނއެކޭ މަ ނޫޅެމޭ މީހަކާ އިންނާކަށް.. މަށަށް ކަމުދާ މީހަކު ނެތް އަދިއެއް.. ބެލުމަށް އެކަނި ބަލާފައެއްނޫން ކަމުދާންވާނީ.. އެހެންނޫނަސް އަދި ދުވަސް އެބަހުއްޓެއްނު.. ދެން އެ ވާހަކަ ނުދައްކާ.. މަ މިދަނީ ދާން.. ބަނޑުހައިވެއްޖެ..” ފަރުވާކުޑަ ރާގަކަށް ވަދީފާ އެހެން ބުނެފައި ތެދުވެ ގައިގެ ވެލި ފޮޅާލިއެވެ. އަދި އެތަނުން ދާން ހިނގައިގަތެވެ.

 

އަތުން ވެލިފޮޅަމުން ވަދީފާ ހިނގަމުންދިޔައީ ކުރިބެލުމެއްނެތިއެވެ. އެހެން ހުރެފައި ކުއްލިއަކަށް އައިތަނެއް ނޭނގި މީހަކު އައިސް ވަދީފާގައިގާ ޖެހި ވަދީފާ ބިންމައްޗަށް ވެއްޓުނެވެ. ޖެހުނުގޮތަކުން އެވަގުތު ފުލަށް ތަދެއްވެސް އެރިއެވެ. ހުރީވެސް ލޯމަރައި ބާރުކޮށްގެންނެވެ. މަޑުމަޑުން އިސްއުފުލާލައި އަނގަހުޅުވާލީ އޭނާ ވައްޓާލި މީހާއާ ދިމާލަށް ފަތިވަރެއް ގޮވާލަން ކަމަށެވެ. ނަމަވެސް އަނގައިން އެއްވެސް ބަހެއް ނުނިކުތީ ކީއްވެކަމެއް ވަދީފާއަކަށްވެސް ނޭނގުނެވެ. އެ ޖާދޫވީ ލޮލަށް ގެއްލިގެންދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. ކަޅުކަންގަދަ ބުމައެކެވެ. ދޮން ހަންގަނޑެކެވެ. އާދައިގެ ވަރަކަށް މަތިމަސް ފަޅާފައިވެއެވެ. އިސްކޮޅުން ދިގެވެ. ބިޔަ ހަށިގަނޑެކެވެ. ތެމިގެން ހުރުމުގެ ސަބަބުން ހީވަނީ ދެންމެ މޫދަށް އެރިގެން އައި ހެންނެވެ. އެ ހުރިހާ ކަމެއް ފާހަގަކުރިއިރު ވަދީފާ އަދިވެސް ތެދުވާކަށް ނޫޅުނެވެ. ތެދުވާނީވެސް ކިހިނެތް ހެއްޔެވެ؟ އެ މީހާގަޔަށް ބަލަންފެށިގޮތަށް އަދި އެންމެ ފަހަރަކުވެސް އެސްފިޔަ ޖަހައިނުލައެވެ.

 

“ތަނަކަށް ތަދުވިތަ؟” އެ މީހާ ވަދީފާއާ ދިމާލަށް އަތްދިއްކޮށްލަމުން ބުންޏެވެ. ފިރިހެންވަންތަ ބަރު އަޑެކެވެ. ވަދީފާހުރީ އެ ވަރުގަދަ އަތުގައި ހިފަންވީކަމެއް ނުހިފަންވީކަމެއް ނޭނގިފައެވެ. އެހެން ހުރެފައި މަޑުމަޑުން އެ އަތުގައި ހިފާލިއެވެ. “ނޫން ނުވެ..” ވަދީފާއަކަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އެމީހާ މަޑުމަޑުން ހިނިތުންވެލިއެވެ. އަދި ވަދީފާ ހަމައަކަށް އަޅުވާލާފައި އިތުރު އެއްޗެކޭ ބުނުމެއްނެތި އެތަނުން ދިޔައެވެ. “އޭއި ވަދީ!! ކޮން ހިޔާލެއްގަ؟؟” ފާތުން ވަދީފާއަށް ގޮވާލިއެވެ. “ކަމެއްނުވެ…” ބުނެވުނު އެއްޗެއްވެސް ނޭނގި ވަދީފާ ދުވެފައި ކަހަލަގޮތަކަށް އެތަނުން ދިޔައެވެ. ބާކީ ތިބި މީހުންތައް ސުވާލު މާކެއްގެ ތެރޭގައި ބަހައްޓާފައެވެ.

 

އޭގެފަހުން ދެދުވަސް ވެއްޖެއެވެ. ވަދީފާގެ އުޅުމަށް ބޮޑެތި ބަދަލުތަކެއް އައެވެ. އެކަން އޭނަގެ އެކުވެރިންނަށް ފާހަގަނުވެ ނުދިޔައެވެ. އެކަމާ ވަދީފާގާތު ސުވާލުކުރުމުން އެންމެފަހުން ވަދީފާ އެއްކަލަ މީހާގެ ވާހަކަ ކިޔައިދިނެވެ. “ހަހަހަ.. ކަމުދާ މީހަކު ނެތޭ ކިޔާފަ މުޅި ރަށްގަނޑުތެރޭ ދުވެދުވެފަ ބަލާބަ މިހާރު އުޅޭގޮތް.. ހަހަ.” ފާތުންގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. އެއާއެކު ބާކީ ތިބި މީހުންވެސް ހޭންފެށިއެވެ. “ސާބަސް.. ތިމީހުން ކައިރީ އެއްޗެއް ބުނެވޭކަށްވެސް ނޯވެއޭ..” ވަދީފާ ހުރީ ފާޑަކަށް ކަޑަވެފައެވެ. “ހްމްމް ތިއެއް ނޫނޭ.. ކާކުތަ މަގޭ ބޯހަރު ކުއްޖާގެ ހިތް އަތުލައިގެން އުޅެނީ..” ވަދީފާގެ ކޮލުގައި ހިފާލަމުން ޝާދިޔާ ބުންޏެވެ. “ނޭނގެ ކާކުކަމެއް.. އިނގޭހާވެސް އެއްޗަކީ އެއީ ރަށު މީހެއް ނޫންކަން..” ވަދީފާ ކިޔައިދިނެވެ. “މަށަށް އެނގިއްޖެ ތި ކިޔާ މީހާ.. އެއީ ލާމިގެ ރައްޓެއްސެއް.. މާލެ މީހެއް އެއީ.. އޭނަ ދާނެ އެގެއަށް ކާން ވަރަށް ގިނައިން..” ނަދާ ބުންޏެވެ. “މާ ރަނގަޅަކަންނު މި ދިމާވީ.. ނަދޫ ބުނާތި ލާމި ކައިރީ އޭނަގެ ރައްޓެހި މީހާދެކެ ވަދީއަށް ލޯބިވެވިއްޖޭ..” ރިއާޝާ ބުންޏެވެ. “ޔަގީނެއްނު.. މަ އެގެއަށް ގޮއްސަ ބުނާނަން..”  “އުހޫން.. އެހެން ހަދާނެ ކަމެއްނެތް..” ނަދާގެ ޖުމުލަ ފުރިހަމަ ވިޔަނުދީ ވަދީފާ ބުންޏެވެ. “ކޮން އުހޫން އެއް ކިޔާކަށް.. ހަމަ މިހާރު މިދަނީ ބުނަން..” އެހެން ބުނެފައި ނަދާ ދުއްވައިގަތެވެ.

 

އެދުވަހު ނަދާގޮސް އެވާހަކަ ލާމިއުގާތު ބުނުމުން ވަދީފާ ވަރަށް ލަދުގަތެވެ. އެވަގުތު އެމީހާވެސް ހުއްޓެވެ. ނަމަކީ މަހުމޫދުކަންވެސް އެނގުނީވެސް އެދުވަހުއެވެ. އެދެމީހުންނަކީ އެއް މިޒާޖެއްގެ ދެމީހުން ކަމަށްވާތީ ދެމީހުން އެކުވެރިވާކަށް މާ ގިނަ ވަގުތެއް ބޭނުމެއްވެސް ނުވިއެވެ. އެދުވަސްފަހުން ވަދީފާއާ މަހުމޫދު ގާތް ރަހުމަތްތެރިންނަށްވިއެވެ. އެވެސް ވަދީފާގެ އެކުވެރިންގެ ފުރިހަމަ އެއްބާރުލުމާއެކުއެވެ. އެގޮތަށް ގާތްއެކުވެރިންގެ ގޮތުގައި އުޅޭތާ ހަވަރަކަށް މަސްފަހުން މަހުމޫދު ވަދީފާގާތު އިންނަން އެހިއެވެ. ދެވަނަ ވިސްނުމަކާނުލާ ވަދީފާ އާނއެކޭ ބުނެ އެއްބަސްވިއެވެ. ނަމަވެސް އެކަމާ ވަދީފާގެ އެކުވެރިން ފާޑަކަށް ކަންބޮޑުވިއެވެ. އެއީ އަދި ދިމާވިތާ މާގިނަދުވަހެއްނުވެ އިންނަން އެއްބަސްވީތީއެވެ. އަދި އަމުދުން މާލެމީހަކާއެވެ.

 

“އެއީ ދެން މައްސަލައެއްތަ؟ ނަދޫވެސް އެ އިނީނު.. ދެމީހުން ލޯބިވަންޏާ ދެން ކީއްކުރަން މަޑުކުރަނީ.. އަހަރުން ދެމީހުން މިހާރު ވަރަށް ރަނގަޅަށް ދަސްވެއްޖެ.. ދެން މަހޫ ބުނީ އިނދެގެން ރަށުގައޭ އުޅޭނީ.. އަހަންނާއެކު.. ދެން ނެތެއްނު މީގަ މައްސަލައެއް.. އަހަރެން ހީކުރީ ތިމީހުން އަހަންނަށް ހިތްވަރު ދޭނެކަމަށް..” ވަދީފާވެސް ހުރީ ހިތްހަމަނުޖެހިފައެވެ. “އެހެނެއް ނުބުނަމެއްނު ވަދީ.. އެކަމު ވަދީ ތިހާ އިންނަން ބޭނުމިއްޔާ އަހަރުން ނެތިން އިތުރު އެއްޗެކޭ ބުނާކަށް.. ދެމީހުންވެސް ލޯބިވޭ.. ދެން ތިހެން ނުހުރެ އިންނާނެ ތާރީހެއް ހަމަޖައްސާ..” ވަދީފާ ހިތްހަމަޖައްސާލުމަށްޓަކައި ޝާދިޔާ ބުންޏެވެ. ހިތުގައި ގާގަނޑެއް ބާއްވައިގެންނެވެ.

 

އޭގެ ދެހަފްތާފަހުން ވަދީފާއާ މަހުމޫދު އިނެވެ. އެދުވަހަކީ ދެ އީދު އެއްފަހަރާ އައި ދުވަހެކޭވެސް ބުނެވިދާނެއެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ؟ ރިއާޝާ އިނީ އޭނަގެ ފުރަތަމަ ދަރިއަށް ބަލިވެއެވެ. މިކަމުގެ ސަބަބުން އެންމެންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދިނެވެ.

 

ވަދީފާއާއި މަހުމޫދު އުޅުނީ ވަރަށްވެސް ލޯބިންނެވެ. އެދެމަފިރިންނަކީ އެކަކު އަނެކަކުގެ ހައްގުތައް އަދާކުރުމުގައި ނަމޫނާ ދެމަފިރިންނެވެ. އިނދެގެން އެ ދެމީހުން އުޅުނީ ވަކިން ގެއެއް އަޅައިގެންނެވެ. ނަމަވެސް ތިންމަސްދުވަސްތެރޭ އެ ހުރިހާ ކަމެއް ބަދަލުވެގެން ދިޔައީ ވަދީފާ ބަނޑުބޮޑުވި ހިސާބުން ފެށިގެންނެވެ. މަހުމޫދުގެ އުޅުމަށް ބޮޑެރި ބަދަލުތަކެއް އަންނަންފެށިއެވެ. ގެއަށް އަންނަ ގަޑިތައް ލަސްވެ ބޭރުގައި އުޅޭލެއް ގިނަވިއެވެ. އެކަން އިތުރަށް ގޯސްވެގެން ދިޔައީ ވަދީފާ އެ ވާހަކަ ރިއާޝާމެންގާތު ބުނުމުންނެވެ. “މަ ކަލެއަށް ނުކޮށްދެނީ ކޮންކަމެއްތަ؟ މީހުންކައިރީ މަގޭ ފާޑުފާޑުގެ ވާހަކަ ދައްކާކަށް ލަދެއްނުގަނޭތަ؟ އޭނ.. ބަލަ މަމީ ކަލޭގެ ފިރިމީހާއޭ.. މާ މައްޗަށް ނޭރިގެން ނޫޅޭތި..” މަހުމޫދު ބާރަކަށް ވަދީފާގެ ކަންކަށިމަތީގައި ޖެހިއެވެ. އެއާއެކު ވަދީފާއަށް ބާރަކަށް ރޮވެންފެށުނެވެ. ނަމަވެސް އެ އަޑުއަހާނެ އެކަކުވެސް އެތާކު ނެތެވެ. ވަދީފާއަށް އެއްޗެކޭ ނުބުނެވެނީސް މަހުމޫދު އެތަނުން ދިޔައެވެ.

 

އެގޮތުގައި 9 މަސް ހޭދަވެގެން ދިޔައެވެ. ވަދީފާ ހީވީ ހިތާމައިގެ ތަސްވީރެއްހެންނެވެ. މުޅި މީހާ އެއްކޮށް ހިކިއްޖެއެވެ. ދުވަހަކަށްވުރެ ދުވަހެއް މަހުމޫދުގެ އުޅުމަށާއި މިޒާޖަށް ބަދަލުއައެވެ. މީގެން އެއްކަމެއްވެސް ވަދީފާގެ އެކުވެރިންނަކަށް ހިޔާލެއް ނުކުރެވެއެވެ. އެހެން ސިއްރުކޮށްގެންހުއްޓާ ކަންތައް ހީވެސް ނުކުރާހާ މައްޗަށް ދާންފެށިއެވެ. ވަދިފާ ކުރިމަތީގައި ތަންތަނުން އަންހެންކުދިން ގެންނަންފެށިއެވެ. މިކަމަށް ކެތްނުކުރެވިގެން އެންމެފަހުން މަހުމޫދާ ވާހަކަދައްކަން ވަދީފާ ނިންމިއެވެ. ނަމަވެސް އެއީ ކުރެވުނު ވަރަށް ދެރަކަމެކޭ ހިތަށް އެރީ އެކަންވެ ނިމުނުފަހުންނެވެ. “މަ އެންމެ ކުރިންވެސް ވަދީފާގާތު ބުނެފައޮންނާނީ މަ ކުރާ ކަންކަމާ ނުބެހި ހުންނާށޭ.. ކީއްވެތަ އަޑުނީވެގެން ތި އުޅެނީ.. މަ ބުނެފަ އޮންނާނީ މަ ކުއްޖަކު ބޭނުންނުވާ ވާހަކަ.. އެހެން ބުނެފައޮއްވާ..”  “އެއީ އަހަރުމެންގެ ބާރުގެ ދަށުގަ އޮތް ކަމެއްނޫންދޯ މަހޫ ތިހެންކިޔާކަށް!!” ވަދީފާ ހަޅޭއްލަވައިގަތެވެ. “ދެން އެހެންވެއްޖިއްޔާ ތި ކުއްޖާ ވައްޓާލާ!!” މަހުމޫދު އެއަށްވުރެ ބާރަށް ހަޅޭއްލަވައިގަތެވެ. އެއާއެކު ވަދީފާގެ ބަސްހުއްޓުނެވެ. މަޑުމަޑުން ފަހަތަށް ޖެހެންފެށުނެވެ. މަހުމޫދުގެ ރުޅިގަނޑު ފަޅައިގެންދިޔައެވެ. “ތިހުރީ ވަރިކޮށްފަ!!!” އެހެން ބުނެފައި މަހުމޫދު ދިޔައީ ކޮޓަރިއަށެވެ. ވަދީފާގެ ދުނިޔެ ހީވީ އަނދަވަޅަކަށް ވެއްޓުނުހެންނެވެ. ކުއްލިއަކަށް ވަދީފާ ދުވެފައި މަހުމޫދުގެ ފައިމައްޗަށް ތިރިވިއެވެ. “މަހޫ.. އާދޭސްކޮށްފަ މިބުނީ.. އަހަންނަށް ތިހެން ނުހަދާ.. ހެޔޮނުވާނެ.. މި ލިބެންއުޅޭ ދަރިއަށްޓަކައިވިޔަސް މަޑުކޮށްބަލަ.. މަހޫ!!!” ވަދީފާ ރޯންފެށިއެވެ. ނަމަވެސް މަހުމޫދު އެއަށް ދިނީ ބީރު ކަންފަތެކެވެ. ދަބަހަށް އެއްޗެހި އަޅާފައި މަހުމޫދު އެގެއިން ނިކުމެގެން ދިޔައެވެ. ރޮއެރޮއެ ގައިގެ ވަރު ހުސްވެގެންކަން ނޭނގެއެވެ. ވަދީފާ އަނބުރައިގަނެގެން ބިންމައްޗަށް ވެއްޓުނެވެ. ބަނޑަށް އެވަގުތު އެރި ތަދާއެކު ވަދީފާ ހޭނެތުނެވެ.

 

************

 

ހޭލެވުނުއިރު ކައިރީގައި ރިއާޝާ، ނަދާ އަދި ފާތުން ކަރުނަވީ ލޮލަކާއެކު ވަދީފާއަށް ބަލަން ތިއްބެވެ. އޮވެވުނީ ހޮސްޕިޓަލުގައިކަންވެސް އެނގުނީ ދެނެވެ. ނަމަވެސް އެއަށްވުރެ ބޮޑަށް ވަދީފާގެ ސަމާލުކަން ދަމައިގަތީ ތިރިވެފައި އިން ބަނޑަށެވެ. އެއާއެކު ވަދީފާކޮޅަށްޖެހުނެވެ. ހާސްވެ މޫނުގައި ދަތިކި ދައުރުވާންފެށީ ހީވެސް ނުކުރާހާ އަވަހަށެވެ. ލޮލުން ހޯސްލާފައި ކަރުނަ ފައިބަންފެށިއެވެ. ފުން ނޭވާތަކެއްލާން ފެށިއެވެ. “ވަދީ އޭއި ހަމަޖެހިބަލަ…” ވަދީފާގެ ބުރަކަށީގައި ފިރުމަމުން ފާތުން ބުންޏެވެ. “މަގޭ ދަރި.. މަގޭ ދަރިފުޅުކޮބާ؟؟” ރޮމުން ވަދީފާ ބުންޏެވެ. “ވަދީ… ހާސްނުވެބަ… މިއޮތީއޭ ދަރިފުޅު.” އެތަނަށް އައި ރިއާޝާ ބުންޏެވެ. ރިއާޝާހުރީ ތުއްތު ކުއްޖެއް އުރައިގެންނެވެ. އެތަންފެނި ވަދީފާއަށް އަނެއްކާވެސް ރޮވެންފެށުނެވެ. އުފާވާންވީކަމެއް ނޫނީ ދެރަވާންވީކަމެއް ނޭނގެއެވެ. ނަމަވެސް އެ ހިޔާލުތަކާ ދުރަށްދެވި މޫނުގައި ހިނިތުންވުމެއް ދުވެލީ އެ ތުއްތު ފުރާނަ އުރާލެވުމާއެކުއެވެ. އެވަގުތު އަކްމަލްއާއި ލާމިއު ހަކީމް އަދި ނަދީމްވެސް އެތަނަށް އައެވެ. އަކްމަލް ހުރީ 2 މަހުގެ އާކިން އުރައިގެންނެވެ. ނަދާހުރީ 7 މަހުގެ ބޮޑު ބަނޑަކާއެކުއެވެ. ފާތުންވެސް އަދި ޝާދިޔާވެސް ބަނޑުބޮޑެވެ.

 

“މަ.. މަހޫ.. ކޮބާ؟؟” ތުރުތުރުލާ އަޑަކުން ވަދީފާ އަހައިލިއެވެ. “އޭނަ އައިއްސި މާލެއަށް މީގެ ދެގަޑިއިރު ކުރިން…” ނަދީމް ޖަވާބު ދިނެވެ. “ވަދީ.. ދެން އޭނަ ހޯދަން އުޅޭނެކަމެއް ނެތް.. އެވަރުގެ މީހަކު ދުނިޔެހުރުމަށްވުރެވެސް ނެތިއްޔާ ރަނގަޅީ..” ހަކީމް ބުންޏެވެ. “ނުވެސް އުޅެން ހޯދާކަށް.. އޭނަ އެ ދިޔައީ އަހަރެން ވަރިކޮށްފަ.. އެހެންނޫނަސް އަހަންނަށް އެއަށްވުރެ މާ އަގުބޮޑު ޖަވާހިރެއް ލިބިއްޖެ..” އުނގުގައި އޮތް ކުއްޖާގެ ބޮލަށް ބޮސްދެމުން ވަދީފާ ބުންޏެވެ. “އަހަރުން މިތިބީ މާލޭގަތަ؟” މަޑުމަޑުން ވަދީފާ އަހައިލީ ކުރިން ނަދީމް މަހުމޫދު މާލެ އައިއްސިއޭ ބުނީމައެވެ. “އާނ.. އަހަރުން ވަދީ ގޮވައިގެން ކުއްލިކޮށް އައީ މާލެއަށް.. ތިގެއަށް ދިޔައިރު މުޅި ތަޅުންގަނޑޫމަތީގަ ހުރީ ހުސް ލޭ.. އަހަރުން ބިރުން ކުރާނެ ކަންތައް ހުސްވެފަ ތިބީ.. ނަސީބަކުން ލާމިމެން އައީ އެގަޑިއަށް.. ކީއްވެ އަހަރުންކައިރީ އެ ވާހަކަ ކުރިން ނުބުނީ؟؟ ބުނީމެއްނު ފަހުން ރަނގަޅުވިއޭ..” ނަދާ ވީގޮތް ކިޔައިދިނެވެ. އަދި އިތުރަށް އޮޅުން ފިލުވަން ވަދީފާއާ ސުވާލު ކުރިއެވެ. “ނުކެރުނީ.. މަހުމޫދު ބޭނުމެއްނުވި މި ދަރިފުޅެއް.. ބުނީ ވައްޓާލާށޭ.. އެހެން ކިޔާފަ އަހަންނަށް ބިރުދެއްކީ.. މީހުންގާތު ފާޑުފާޑުގެ ވާހަކަ ދައްކަނީއޭ ކިޔާފަ..” ވަދީފާގެ އަޑު މަޑުވިއެވެ. “ދެން އަހަރުން އުޅޭނީ މާލޭގަ.. އެހެންވެ އަހަރުން އެންމެން މި އައީ.. ވީކަމެއްވީ.. އެކަން ހަނދާން ނައްތާލަން މަސައްކަތް ކުރަންވާނެ..” ލާމިއު ވަދީފާއަށް ހިތްވަރުދިނެވެ. “ތިއެއްނޫނޭ.. ބޭބީއަށް ކިޔާނެ ނަމެއް އިނގޭތަ؟” ޝާދިޔާ ވަރަށް ގަޔާވެލާފައި އަހައިލިއެވެ. “ޔައިލީ..”

 

ނުނިމޭ!

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Lilac

Level 1

Just a girl who is badly in love to read and write stories. Also, a girl who gets inspired by all sorts of ideas and willing to touch everyone's hearts with beautiful stories <3✨

Other Articles

Previous

އުމުރުގާ ކަލާޔާ އެކު-7

Next

އުމުރަށް ތިޔަ ނަމުގާ ފިދާވުން އެދެނީ 6

Next
February 2, 2024

އުމުރަށް ތިޔަ ނަމުގާ ފިދާވުން އެދެނީ 6

Previews
January 30, 2024

އުމުރުގާ ކަލާޔާ އެކު-7

8 Comments!

  1. Anonymous says:
    January 30, 2024 at 9:53 am

    next part kn irakun mashallah vrh reethi

    1. Quinn Lilac says:
      January 30, 2024 at 12:10 pm

      Thank you😊

  2. imko 💕💕 says:
    January 30, 2024 at 7:13 pm

    Mi part vex varha reethi Masha Allah
    My dad also doing that to my mum
    My dad is divorced to my mum
    I am so sad
    But I am younger age my dad was divorced
    Unmeedhu kuran next part kiyaalan libeeney kama

    1. Quinn Lilac says:
      January 31, 2024 at 6:40 pm

      Thanks imko.. glad u enjoyed it 😊

  3. Someone from hulhumale phase 2 says:
    January 31, 2024 at 11:42 pm

    Mi imko are seykeh baa??? Ehenyya hurihaa vaahaka akah eba comment kurey viyya 🙄🙄…

  4. Someone from hulhumale phase 2 says:
    January 31, 2024 at 11:42 pm

    Mi imko akee seykeh baa??? Ehenyya hurihaa vaahaka akah eba comment kurey viyya 🙄🙄…

  5. Anonymous says:
    February 8, 2024 at 10:45 am

    Nice

    1. Quinn Lilac says:
      February 12, 2024 at 8:08 am

      Thanks😊

Comments are closed.

Next Episodeލޯބިވެވުނީ 14←


All Right Reserved!