Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވިންދޭ ތީ މަގޭ -2

ner Level 1
July 25, 2023 6 Mins Read
0 Comments

ފާހަނައިގެން ދޮރާ ފޫޓެއްހާ ކައިރިއަށް އާދެވުމާއެކު އަމާނާ ހުއްޓުން އެރިއެވެ. ފަައިގައި ހޭކުނީ ދިޔާ އެއްޗެކެެވެ. ކަނާއަތު ފައި މައްޗަށް ހިއްލާލުމަށްފަހު ފަޔަށް ފަރުވާތެރިކަމާއެކު ބަލާލިއެވެ. އަނދިރިކަމުގެ ތެރޭގައި އެއްޗެއް ދެނެއްނުގަނެވުނެވެ. ޝަހާދަތް އިނގިލި ފައިގައި ޖައްސާލުމަށްފަހު ނޭފަތާ އިނގިލި ކައިރިކޮށްލިއެެވެ. ހިތުގައި ދުވެލި ޝައްކުގެ އޮއެވަރާއެކު މީހާ ބިރުން ތުރުތުރު އަޅައިގަތެވެ. ވަސްދުވުމުގެ ހިއްސު ސަލާމަތުން ހުއްޓާ އަމިއްލަ ނަފްސަށް އޮޅުވާލެވޭނީވެސް ކިހިނެއްހެއްޔެވެ؟

ބިރުން ދެތިން ފިޔަވަޅު ފަހަތަށް އަޅާލެވުނެވެ. އެވަގުތު ބޯ ދޮރުފޮތިތައް ފޫ އަޅުވާލަމުން ވިދުވަރުގެ އަލި ކޮޓަރީގެ ތެރެއަށް ފެތުރިގަތެވެ. އެއީ އޭނާގެ ނަސީބުކަމެއް ނުވަނަ ބަދުނަސީބުކަމެއް ނިންމާކަށް އަމާނާއަކަށް ނޭނގުނެވެ. ޝައްކު ޔަގީނަށް ބަދަލުވިއެވެ. މުށިތައްމަތީ ހުރީ ލޭތަށް ފެނި އަމާނާގެ ބޮލަށް އެނބުރުން އަރައިގަތެެވެ. އަމިއްްލަ ނަފްސު ހިފަހައްޓާލަމުން މޭގާ އަމާނާ އަތް އަޅާލީއެވެ. އަޑުވީއްލާ ރޯން ފެށުނީ ބޭއިހްތިޔާރުގައެވެ. ދެލޯ ހުއްޓިފައިވަނީ ފާހަނައިގެ ދޮރާ ހަމާލަށް ދެމެމުންގޮސް ހުއްޓިފައިވާ ލޭގެ ކޯރަށެވެ.

“މަންމާ.” ރޮއެގަންނަމުން އަމާނާއަށް ގޮވާލެވުނެވެ. އަޑުގައިވީ މަޑު ތުރުތުރު އެޅުމެކެވެ.

“އައްމީ..” ވާރޭގެ ހަމާލާތައް މަޑުވެލި ވަގުތު ފާހަނައިގެ ތެރެއިން އޭނާއަށް ގޮވާލިހެން އަމާނާއަށް ހީވިއެވެ. ކަރުނަވީ ދެލޯ އެދިމާލަށް ހުއްޓައިލިއެވެ. އެއީ ހީވިހީވުމެއް ކަމަށް ނިންމަން އަމާނާގެ ނަފްސު ތައްޔާރެއް ނޫނެވެ. ދެވަނަ ފަހަރަށް އޭނާއަށް ގޮވާލާ އަޑު އެހުމަށް ކަންފަތް ހުޅުވާލިއެވެ.

“މަންމާ އެބަ އުޅެންތަ؟” ހިއްވަރުކޮށްލާފައި ފާހަނައާ ދިމާލަށް އަމާނާ ހިނގައިގަތެވެ. ދޮރާ ކައިރިވަމުންދާ ވަރަކަށް ހިތުގެ ހިނގުން އަވަސްވަމުންދިޔައެެވެ. ދޮރުގެ ދާރާގައޖ ހިފަހައްޓާލަމުން ފާހަނައިގެ ތެރެއަށް އަމާނާ ބަލާލިއެވެ. އަނދިރީގެ ތެރެއަށް ލޯ ހޭނެން ވަގުތުކޮޅެއް ނެނގިއެވެ. މަޑުމަޑުން ލޯ ހޭނެމުން ދިޔަ ވަރަކަށް ފާހަނައިގެ ދޮރު ކައިރީ އެއްފަރާތުގައި މީހަކު އިށީންދެގެން އިންހެން އަމާނާއަށް ހީވިއެވެ.

“އައްމީ.” އެއީ މަންމަކަން ނިންމަން ނޭނގިފައި ހުއްޓާ ނަޒްރާ އަތް އުފުލާލަމުން އަމާނާއަށް ގޮވާލިއެވެ. ހަރަކާތްތައް އަވަސްކޮށްލަމުން އަމާނާގޮސް އޭނާގެ މަންމަގެ އަތުގައި ހިފާލިއެވެ. އެއާއެކު އަމާނާގެ ބަޑި ފަޅައިގެން ހިނގައްޖެއެވެ. ނަޒްރާގެ ކަރުގައި އޮޅުލައިގަންނަމުން ގިސްލަގިސްލާފާ ރޯންފެށުނެވެ.

“ދަރިފުޅާ މާމަ.” އަމާނާގެ ބުރަކަށީގައި ފިރުމާލަމުން ނަޒްރާގެ އަމާނާ ދުރުކޮށްލިއެވެ. ދަރިފުޅުގެ އަތް ކަރުން ނައްޓުވާލުމަށްފަހު އެއަތުގައި ނަޒްރާ ހިފާލިއެވެ. މަންމަގެ އަތުގައިވީ ފިނިކަން އިހްސާސްވުމާއެކު އަމާނާ ރަނގަޅަށް މަންމައަށް ބަލާލިއެވެ. މަންމަގެ އުނގުމަތީ މާމަ އޮތްހެން ހީވުމާއެކު އަމާނާ ދުރަށްޖެހިލިއެވެ.

“މާމައަށް ކިހިނެއްވީ؟” ކުޑަކަކޫ ޖައްސާލައިގެން މާމަގެ ކައިރީ އިށީންދެލަމުން މާމަގެ އަތުގައި އަމާނާ ހިފަހައްޓާލިއެވެ. ފިނިވެފައި އޮތް އަތުގައި ވިންދު ހުރިތޯ ބަލާލެވުނީ މާމަގެ ހަރަކާތެއް ނެތްހެން ހީވުމުންނެވެ.

” ދޭބަލަ މަރުކަޒަށް ގުޅަން.” އަމާނާގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ނަޒްރާ ބުނެލިއެވެ. ހާލަތުގެ ސީރިއަސްކަން އަމާނާއަށް ވިސްނުންފަދައެވެ. އިތުރު ސުވާލެއް ނުކޮށް އަަމާނާ ތެދުވިއެވެ. ކިތަންމެ ބިރުގަނެ ޖެހިލުންވިއަސް މަންމައާއި މާމަގެ ހައްގުގައިވެސް މިވަގުތު ހިއްވަރު ގަދަކުރަންޖެހެއެވެ.

މާމަގެ ކޮޓަރިން ނިކުމެ އާމާނާ ނަޒްރާގެ ކޮޓަރިއަށް ވަނެއެވެ. އަނދިރީގެ ތެރެއަށް ލޯ ހޭނުމުން ފާރުގައި އަތްކާތަމުން ކޮޓަރީގެ މެދެެއްހާ ހިސާބުގައި ހުރި އެނދާ ހަމަައަށް އަމާނާ ދިޔައެވެ. ގޮދަޑީގައި އަތްޖެހުމާއެކު ހަރަކާތްތައް އަމާނާ އަވަސްކޮށްލިއެވެ. މަންމަ އަބަދުވެސް ފޯނު ބާއްވާނީ ބާލިސް ދަށުގައި ކަން އިނގޭތީ ފުރަތަމަވެސް އަމާނާ ބެލީ ބާލިސް ދަށެވެ. ބާލިސް ހިއްލާލުމަށްފަހު ބާލިސް ދަށުގައި އަތްހާކާލީ ފޯނު އަތުގައި ޖެހޭތޯއެވެ. ހީކުރެވުނު ގޮތަށް ފޯނު އޮތީ މަންމަ ނިދަން ބޯ އަޅާ ބާލިސް ދަށުގައެވެ. ފޯނު ދިއްލާލުމަށްފަހު ފްލެޝް ލައިޓް ޖައްސާލިއެވެ.

ފޯނު ހިފައިގެން އަމާނާގެ ފުރަތަމަ މިސްރާބަކަށްވީ ސިޓިންގްރޫމްގައި ހުރި ކަރަންޓް ސާކެޓެވެ. ސާކެޓް ވެއްޓިފައި ހުރި ތަން ފެނުމާއެކު ގޮނޑިއެއް ހިފައިގެން އައިސް އެރިއެވެ. ކަރަންޓުގައި ޖެހިދާނެ ކަމުގެ ބިރު އަމާނާގެ ހިތުގައި އޮތެވެ. ހިތުގައި އޮތް ބިރު އެއްފަރާތްކޮށްލަމުން ސާކެޓް ނެގިއެވެ. ގޭތެރެ އަލިވެގެންދިއުމާއެކު އަމާނާގެ ހިތުގައި ބިރުވެރިކަމުގެ ބައްތި ކަނިވެލިއެވެ.

“މަންމާ މަންމާ.” ފޯނުން މަރުކަޒަށް ގުޅުމަށަފު ކަންފަތުގައި އަމާނާ ޖަހާލިއެވެ. ފޯނުގައި ހިފަހައްޓާލައިގެން ހުރެ މަންމަގެ ކައިރިއަށް ދިއުމަށް އަމާނާ ހިނގައިގަތެވެ. ފާހަނައިގެ ދޮރުމައްޗަށް އެރިއިރު މަންމަ މާމަގެ މެދުހަށީގައި ހިފާ ނަގަން މަސައްކަތް ކުރާތަން ފެނުމާއެކު ކަންފަތާ ކޮނޑާ ދޭތެރޭ ފޯނު ހިފަހައްޓާލަމުން އަމާނާވެސް މަންމައަށް އެހީތެރި ވެދިނުމަށް އަވަސްވެލިއެެވެ. މަންމައާ ދެމީހުންވެގެން މާމަ ގެންގޮސް ބާއްވާލިއެވެ. މާމަގެ ހަށިގަނޑުގެ ނިކަމެތިކަމާއެކު އަމާނާއަށް އެކަން އުނދަގުލެއް ނުވިއެވެ. އޭރު ފޯނުގެ އަނެއްކޮޅުން ހަލޯއޭ ގޮވާ އަޑު އިވެއެވެ.

“އަނީސް މެންގެއަށް އެމްބިއުލާންސް ފޮނުވަދީފާނަންތަ؟ ވަރަށް އަވަހަށް..ލައްބަ ހިރިގޭ ސާދައްތަ މެންގެއަށް.ވަރަށް އަވަހަށް ޕްލީޒް” ފޯނުން ވާހަކަ ދައްކަމުންދިޔައިރު އަމާނާގެ ނަޒަރު ހުއްޓިފާ ހުރީ މާމަގެ މޫނަށެވެ. ނިތްކުރިމަތިން ތަންގަނޑެއް ފަޅައިގެން ގޮސް މޫނު މައްޗަށްވެސް ލޭތައް ފައިބާފައި ހުއްޓެވެ. ތުވާލި ކޮޅަކުން ފަޅައިގެން ގޮސްފައި ހުރި ތަނުގައި ނަޒްރާ ހިފަހައްޓައިގެން ހުރިއިރު އަނެއް އަތުން މޫނުގައި ހުރި ލޭތައް ދިޔައީ ސާފު ކުރަމުންނެވެ. މަންމައަށް ބަލާލަމުން މާމަގެ ބޮލުގައި ފެޅިގައި ހުރި ތަން އަމާނާ ދައްކާލީ އަތުގެ އިޝާރާތުންނެވެ. ނަޒްރާ ދެފަރާތައް ބޯ ހޫރުވާލީ ވީ ގޮތެއް ނޭނގެއޭ ބުނާ ފަދައަކުންނެވެ. މިވަގުތު މަންމައާ އިތުރު ސުވާލެއް ނުކޮށް އަމާނާ މަޑުކޮށްލިއެވެ. މަންމަގެ ހާލަތުވެސް ރަނގަޅު ނޫންހެން އޭނާއަށް ހީވާތީއެވެ.

މަންމައާއި މާމަ އެމްބިއުލާންސްގައި ދިއުމުން އަމާނާ އަވަސްވެގަތީ ދޮރުތައް ތަޅުލުމަށްފަހު އޭނާވެސް މަރުކަޒަށް ދިއުމަށެވެ. މާމަގެ ކޮޓަރިއަށް ވެއްޓުނު އޭނާގެ ފޯނު ނަގާ ހުޅުވޭތޯ ކުރި މަސައްކަތް ވީ ބޭކާރެވެ. ފޯނުގެ ޗާޖަރު ހޯދުމަށްފަހު ގަޔަށް ވިއްސާރަ ކޯޓު އަމާނާ މަހާލިއެެވެ. ހުރިހާ ދޮރެއް ތަޅުލެވުނުކަން ޔަގީންކޮށްލިއެވެ. ގެއިން ނިކުތުމުގެ ކުރިން ދޮރުވަށީގެ މަތި ހިޔާކޮށްފައި ހުރި ބައިގެ ވަކަރުގައި އަޅުވާފާ ހުރި ކުޑަތަކުގެ ތެރެއިން ކުޑައެއް އަމާނާ ނެގިއެވެ.

މަގުމައްޗަށް ނިކުތްއިރު ވާރޭ އޮތީ ތުނިކޮށްލާފައެވެ. ކުޑަ ހުޅުވުމުގެ ހިޔާލު އަމާނާ ދޫކޮށްލިއެވެ. ހިތް އަވަސްވެފައި ހުރިލެއް ބޮޑުކަމުން އަމާނާ ބެލީ ވީހާވެސް އަވަހަަކަށް މަރުކަޒާ ހަމައަށް ދެވޭތޯއެވެ. މަންމައާއި މާމަގެ ހާލެއް ނޭނގޭތީ އެ ހިތް ތެޅި ފޮޅެނީއެވެ. ތަނބިކަށްޓަށް ވުރެ މައްޗަށް ހުރި ފެންގަނޑުތަކަށް އެރެވުން އިރުވެސް އަމާނާގެ ފަރުވަލެއް ނެތެވެ. އެހުރިހާ ކަމަކަށް ސަމާލުކަން ދެވޭވަރަށްވުރެ އަމާނާގެ ހާސްކަން ބޮޑެެވެ.

މަގުގެ އެއްފަރާތުން ލާފާ ދަނިކޮށް އަމާނާގެ ފައި ކައްސާލިއެވެ. ގެއެއްގެ ފާރުކައިރީ ހުރެވުންކަން އެއީ އޭނާގެ ނަސީބެވެ. ފާރުގައި އަތް ޖައްސާލަމުން ނަފްސު ހިފަހައްޓާލިއެވެ. ބޯ ގޮސް ޖެހުނީ ފާރުގައި ހަރުކޮށްފައި ހުރި ގޭގެ ނަން ބޯޑުގައެވެ. ކުޑަކޮށް ތަދު އިހްސާސްވިއެވެ. ބޮލުގައި އަތް އުނގުޅާލަމުން އެ ނަަން ބޯޑަށް އަމާނާ ބަލާލިއެވެ.

“އޯޝަން ބޯލްސް.” އަމާނާގެ ދެތުންފަތް ލަސްލަހުން ހަރަކާތް ކޮށްލިއެވެ. ހިނދުކޮޅަކަށް ހުރިހާ ކަމެއްގެ މަތިން އަމާނާ ހަނދާން ނެތުން ފަދައެވެ. ކަރު މައްޗަށް އުފުލާލަމުން ދެބުރިއަށް ހުރި އެ ގެއަށް އަމާނާ ބަލާލިއެވެ. އަލި ކަމެއް ނެތް އެ ގެ ފެންނަނީ އަނދިރި ކިއްލާއެއް ފަދައިންނެވެ. ދަނގަޑު ދޮރާށީގައި ލެވިފައިވަނީ ބޮޑު ތަޅެވެ. މި ގެ ފެންނަ ކޮންމެ ފަަހަރަކު އެ ހަނދާންތައް އާވަނީއެވެ. ކުލައެއް ނެތް ހުވަފެންތަކެއް ދެކެވެނީއެވެ. މާޒީގެ ދުވަސްތައް އިއާދަ ވުމަށް އެދެވެނީއެވެ. ދެފަރާތައް އަމާނާ ބޯ ހޫރުވާލީއެވެ. އެ ހުރިހާ ކަމެއް ބޮލުން އެއްފަރާތްކޮށް އެއްލާލާ ފަދަގޮތަކަށެވެ. އިސްޖަހާލުމަށްފަހު އަމާނާ ކުރިއަށް ހިނގައިގަތެވެ. މިފަދަ ވިއްސާރަ ރެއަކު މާޒީގެ ރީތި ހަނދާންތައް އާކުރަން ޖެހުމަކީ އަމާނާއަށް ފަސޭހަ ކަމެއް ނޫނެވެ. ހުރިހާ ކަމެއް ހަނދާން ނައްތާލާ އައު ދިރިއުޅުމަކަށް މަރުހަބާ ކިޔަން ބޭނުންވިއަސް އަމާނާއަށް އެކަންވަނީ ނާކާމިޔާބުވެފައެވެ.

މަރުކަޒަށް ވަތްއިރު އިމެޖެންސީ ފަރުވާދޭ ކޮޓަރީގެ ބޭރުގައި ނަޒްރާ ހުއްޓެވެ. ފާރުގައި ލައްގަނެލައިގެން ހަށިގަނޑުގެ ހުރިހާ ބާރެއް ފާރަށް ދޫކޮށްލައިގެން ނަޒްރާ ހުރި ގޮތް ފެނި އެދިމާލަށް އަމާނާ ހިނގައިގަތެވެ.

“މަންމާ.” ކޮނޑުގައި އަމާނާ އަތް ބާއްވާލުމާއެކު ތެޅިގަތްފައި ނަޒްރާ ބަލާލިއެވެ. ނަޒްރާގެ ލޮލުގައިވީ ރަތްކަމުން މަންމަ ރޮއެފާ ހުރިކަން އަމާނާއަށް އިނގުނެވެ. ނަޒްރާގެ ކޮނޑުގައި ހިފާ ގަޔާ ކައިރިކޮށްލައިގެން ހުރެ އަމާނާ ހިނގައިގަތީ ކުރި މަތީ ހުރި ގޮނޑިބަރިއާ ދިމާލަށެވެ. މަންމަ ގޮނޑީގައި ބޭނދުމަށްފަހު ޖެހިގެން ހުރި ގޮނޑީގައި އަމާނާ އިށީނެވެ. މަންމަގެ އަތުގައި ހިފާލުމަށްފަހު އެ އަތަށް އަމާނާ ފިއްތާލިއެވެ.

“ބައްޕަ ކައިރީ މަންމަ ބުނާނީ ކީކޭ؟ ބައްޕަ ބުނާނެ ދޯ މާމަ ނުބެލީއޭ.” އަމާނާ އެއްޗެކޭ ނުބުނަނީހެން ނަޒްރާ އޭނާގެ ހިތަށް އުނދަގޫ ކުރަމުންދާ ހިޔާލުތައް އަމާނާގެ ކުރިމަތީ ބަންޑުން ކޮށްލިއެވެ.

“ނޫން މަންމާ. ބައްޕަ ވިލް އަންޑަސްޓޭންޑް ފޯ ޝުއާ. ބައްޕައަށް އަންގައިފިންތަ.” މަންމަ ހިތްހަމަ ޖައްސައި ދިނުމަށް އަމާނާ ވާހަކަ ދެއްކިއެވެ. ހަގީގަތިގައި ވީ ކިހިނެއްކަމެއް ހުދު އަމާނާއަށްވެސް ނޭނގެއެވެ.

“އަދި ނުބުނަން. އައްމި ބުނެލާ.” އަތުގައި އޮތް ފޯނު ނަޒްރާ އަމާނާއަށް ދިއްކޮށްލިއެވެ. މަންމަގެ ކޮނޑުގައި ޖަހާލުމަށްފަހު ފޯނު ހިފައިގެން އަމާނާ ދުރަށް ޖެހިލިއެވެ. ބައްޕަގެ ނަންބަރަށް ގުޅުމަށްފަހު ފޯ ކަންފަތުގައި ޖަހާލިއެވެ. ރިންގާވާ އަޑު އިވެއެވެ. އެކޮޅުން ފޯނަށް ޖަވާބެއް ނުދެއެވެ. ދެފަހަރަށް ގުޅުމުންވެސް ފޯނުނުނެގުމުން ވެގެން އުޅޭ ގޮތް ކިޔާ ދިނުމަށްފަހު އަމާނާ ބައްޕައަށް މެސެޖް ކުރިއެވެ. ކޮންމެވެސް އިރަކުން ބައްޕައަށް މެސެޖް ފެންނާނެތާއެވެ.

“ބައްޕަ ގާތު ބުނެފިން.” ނަޒްރާއަށް ފޯނު ދިނުމަށްފަހު އަމާނާވެސް ކުރިން އިށީނދެގެން އިން ގޮނޑީގައި އިށީންދެއްޖެއެވެ. ނަޒްރާގެ ފަރާތުން ޖަވާބެއް ނައުމުން އަމާނާ ބަލާލިއިރު އެއް ދިމާލަކަށް ބަލަހައްޓައިގެން ނަޒްރާ އިނީ ފުން ވިސްނުމެއްގައެެވެ. އުނގުމަތީ ބާއްވާފައި އޮތް ނަޒްރާގެ އަތުގައި ހިފާ އަމާނާ މަޑުމަޑުން ތަޅުވާލިއެވެ. އެއާއިއެކު ދެފަހަރަކަށް އިސްފިޔަ ތަޅުވާލަމުން އަމާނާއަށް ނަޒްރާ ބަލާލިއެވެ.

“ބޮޑަށް ވިއްސާރަވާހެން ހީވާތީ މަންމަ ދިޔައިީ މާމަ ކޮޓަރިއަށް. އެތާ ކޮޓަރި ތެރޭ ހުރި ލޭ. މަންމަވެސް މާ ބޮޑަށް ހާސްވީ. އަނެއްކާ އެގަޑީ ކަރަންޓުވެސް ދިޔައީ. ދެން ނޭނގުނު މަންމައަށް ވެސް ހަދާނެ ގޮތެއް.” އަމާނާ ހިތުގައި ގިނަވަމުން ދިޔަ ސުވާލުތައް ނަޒްރާއަށް އިނގުނުފަދައެވެ. ކުރަކިވެފައިވާ އަޑުން ނަޒްރާ ކިޔާދިނެވެ.

“އިރާދަކުރެއްވިއްޔާ މާމަ ރަނގަޅުވާނެ މަންމާ.” މަންމައަށް ހިއްވަރު ދިނުމުގެ ގޮތުން އެހެން ބުނިނަމަވެސް އާމާނާގެ ހިތުގެ ހަމަޖެހުންވެސްވީ ގެއްލިފައެވެ. ހިތާހިތުން ދުއާ ކުރެެވެނީ މާމަ ހެޔޮ ހާލުގައި ވުމަށެވެ.

އިމެޖެންސީ ރޫމްގެ ދޮރު ހުޅުވުމާއެކު އަމާނާއަށް ކޮޅަށް ތެދުވެވުނެވެ. މަންމައަށް ވުރެ ކުރިން ދޮރާ ދިމާލަށް ހިނގައިގަނެވުނީ މާމަގެ ހާލު އޮޅުންފިލުވަން ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ.

“ޕޭޝެންޓް އަނެއްހެން ސްޓޭބަލް. މިގަޑީ އައިވީއެއް ގުޅާލާފަ ބާވާލަން މިއުޅެނީ. އަނެއްހެން ބޯފަޅައިގެން ގޮސްފަ ހުރުން ފިޔަވާ އިތުރު މައްސަލައެއް ނެތް” އެމެޖެންސީ ރޫމުން ނިކުތް ނަރުސް ކުއްޖާ ސާދާގެ ހާލު އޮޅުންފިލުވާދިނެވެ. ހިނިތުންވެލަމުން ފަހަތުގައި ހުރި މަންމަގެ މޫނަށް އަމާނާ ބަލާލީ ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލަމުންނެވެ.

ސާދާ ބާވާފައި އޮތް އެނދުގެ ދެފަރާތުގައި އަމާނާއި ނަޒްރާ ތިއްބެވެ. ނިދިފައި އޮތް މާމަގެ މޫނަށް އަމާނާ ބަލަހައްޓައިގެން އިނީ ލޯބިވެތި ނަޒަރަކުންނެވެ. އައިވީ ގުޅާފައި އޮތް އަތް ނޫން އަނެއް އަތުގައި އަމާނާ ހިފާލުމަށްފަހު އަމިއްލަ ނިތްކުރީގައި މާމަގެ އަތް އަމާނާ ޖައްސާލިއެވެ.

“މަންމަ ކީއްވެ މާމަ ގޮވައިގެން ފާހަނައިގަ އިނީ؟” ސާދާގެ މޫނުން ނަޒަރު ވަކިކޮށްލަނުން ނަޒްރާއަށް އަމާނާ ބަލާލަމުން އަހާލިއެވެ. ކަން ހިނގިގޮތް އޮޅުން ފިލުވަން އަމާނާ ހުރީ އިންތިހާއަށް ބޭނުންވެފައެވެ.

“މަންމަ މާމަގެ ކޮޓަރިއަށް ދިޔައިރު މާމަ އޭރު ފާހަނައަށް ވަންނަނީ. އެތާ މުށިތައް މަތީ ހުރި ލޭތައް އޭރުވެސް. ހީވަނީ މާމަ ކައްސާލީހެން. މަންމަ އަވަސްކޮށްލައިގެން ކިރިޔާ ގޮސް މާމަގެ ގައިގާ ހިފަހައްޓާލެވުނީ. މާމަ ހޭނެތިގެން ވެއްޓިއްޖެ. މަންމަވެސް ހާސްވިވަރުން ނޭވާލާން އުނދަގޫވީ އެގަޑީ. ދެން މަންމައަށްވެސް މާމަ ހިފަހައްޓައި ނުލެވިގެން ވެއްޓުނީ ފާހަނަ ތެރެއަށް. އެގަޑީ ކަރަންޓު ދިޔައީވެސް. ކުއްލިއަކަށް ކަރަންޓު ކެނޑުނީމަ މަންމަ މާ ބޮޑަށް ހާސްވީ. އައްމި އައި އިރު އަދި އެހާ ގިނައިރެއް ނުވާނެ.” އެއްދިމާލަކަށް ބަލަހައްޓައިގެން އިނދެ ނަޒްރާ ކިޔާދިނެވެ.

“މާމަ ފާހަނައަށް ދާން ވެގެން ކަންނޭނގެ ދޯ އެތެދުވީ. ދެން މަންމަ އެހާ ނުވިސްނާ އެކަމާ. މާމަ އޯކޭ އޭ.” އަމިއްލަ ނަފްސަށްވެސް އަމާނާ ވިސްނައިދިނީ އެފަދައިންނެެެވެ.

ދަންވިވަރަކަށް އަމާނާގެ ދެލޮލަށް ނިދި ސަވާރުވާން ފެށިއެވެ. އާ ފުރި ފުރި އަނގަޔަށް ތަދުވާފެށުމުން އަތުން ދެކޯ މަސާޖު ކޮށްލިއެވެ. އެނދުގެ އަތުގެ އުޅަނބޮށި ވިއްދާލުމަށްފަހު ދަތްދޮޅި ދަަށަށް އަމާނާ އަތް ލައްވާލިއެވެ. މަންމަގެ ހާލަކީީ ކޮބައިތޯ ބަލާލިއިރު ޖެހި ބުދެއްފަދައިން ފަދައިން މަންމަ އިން ތަން ފެނުމުން އެގޮތަށް އިނދެވޭނެ ކަަމަށް އަމާނާވެސް ނިންމިއެވެ. ތެދުވެ ހިނގާލަން ބޭނުންވިއަސް ނަފްސަށް ވެރިވެފައިވީ ކަންނެތްކަން އެކަން ކުރުމަށް އަމާނާއަށް މަނާކުރަނީއެެވެ. ދެފަހަރަކަށް އާ ފުރެލުމަށްފަހު ލޮލަށް ގިނަވި ފެންތައް އަތުން އަމާނާ ފޮހެލިިއެވެ. އެއް އަތް ދަމާލުމަށްފަހު އެ އަތުގެ މަތީ އެންމެފަހުން އަމާނާ އޮށޯވެއްޖެއެވެ. ނިިންޖަށް ބަލިވެފައި އަމާނާގެ އިސްފިިޔަތައް މަޑުމަޑުން ލެއްޕުނެވެ. ފުންނިދީގެ ތެރެއަށް އަމާނާ ގެނބުނެވެ.

**************************************************

ނިދީގެ ފުންކަމުގެ ތެރޭގައި އޮތް އަމާނާ ދެފަހަރަކަށް ލޯ ތަޅުވާލިއެވެ. ނިދީގައި އޮވެ ކޮންމެވެސް އެއްޗެކޭ ކިޔާލިއެވެ. ކައިރިގައި މީހަކު އުޅޭހެން ހީވުމާއެކު އަތް ހަރަކާތް ކޮށްލީ ދުރަށްދާށޭ ބުނާފަދަ ގޮތަކަށެވެ. އިންތިހާއަށް ނިންޖަށް ބޭނުންވެފައިވުމުން ދެލޯ ހުޅުވާލަން އަމާނާ ބޭނުންނުވާފަދައެވެ. ކުއްލިއަކަށް އިހްސާސް ކުރެވުނު ފިނި ކަމާއެކު އަމާނާ ދެލޯ ހުޅުވާލިއެވެ. އޭނާގެ މޫނާ ނުހަނު ކައިރިން ފެނުނު ސޫރައަކުން ފުންމައިގެން އަމާނާ ތެދުވެއްޖެއެވެ. ގޮނޑިން ތެދުވެވުނު ބާރުކަމުން ގޮނޑި ފަހަތަށްޖެހި އެނދުގެ އެއްފަރާތުގައި ހުރި ކަބަޑުގައިި ގޮޮނޑިން ޖެހުނެވެ. އެއާއެކު ތަނުގެ ހިމޭންކަން ފުނޑު ވެގެން ހިނގައްޖެއެވެ.

“ޝާލް.”

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ner

Level 1

Other Articles

Previous

ރާނީ-12

Next

މާޒީ 1

Next
July 26, 2023

މާޒީ 1

Previews
July 25, 2023

ރާނީ-12



All Right Reserved!