Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވިންދޭ ތީ މަގޭ-3

ner Level 1
July 26, 2023 6 Mins Read
0 Comments

ނިދީގެ ފުންކަމުގެ ތެރޭގައި އޮތް އަމާނާ ދެފަހަރަކަށް ލޯ ތަޅުވާލިއެވެ. ނިދީގައި އޮވެ ކޮންމެވެސް އެއްޗެކޭ ކިޔާލިއެވެ. ކައިރިގައި މީހަކު އުޅޭހެން ހީވުމާއެކު އަތް ހަރަކާތް ކޮށްލީ ދުރަށްދާށޭ ބުނާފަދަ ގޮތަކަށެވެ. އިންތިހާއަށް ނިންޖަށް ބޭނުންވެފައިވުމުން ދެލޯ ހުޅުވާލަން އަމާނާ ބޭނުންނުވާފަދައެވެ. ކުއްލިއަކަށް އިހްސާސް ކުރެވުނު ފިނި ކަމާއެކު އަމާނާ ދެލޯ ހުޅުވާލިއެވެ. އޭނާގެ މޫނާ ނުހަނު ކައިރިން ފެނުނު ސޫރައަކުން ފުންމައިގެން އަމާނާ ތެދުވެއްޖެއެވެ. ގޮނޑިން ތެދުވެވުނު ބާރުކަމުން ގޮނޑި ފަހަތަށްޖެހި އެނދުގެ އެއްފަރާތުގައި ހުރި ކަބަޑުގައިި ގޮޮނޑިން ޖެހުނެވެ. އެއާއެކު ތަނުގެ ހިމޭންކަން ފުނޑު ވެގެން ހިނގައްޖެއެވެ.

ޝާލް.” ހައިރާން ކަމާއެކު ބޮޑުކޮށްލެވިފައިވާ އަމާނާގެ ހޭޒަލް ދެލޯ ޝާލްގެ މޫނަށް ހުއްޓާލިއެވެ. ހިނިއައިސްފައި ޝާލް އޭނާގެ އަނގަމަތީ އަތް އަޅާލިއެވެ. ވަށް މޫނަކާ އަލި ހަންގަނޑެއް ޝާލް މިލްކުކޮށްފައި ވާއިރު ހުންނަލެއް ކުރު ކަމުން އޭނާ ހީވާނީ އުމުރަށް ޅަހެންނެވެ.

“ދެން ހަމަ ތި ނޫން ގޮތަކަށް ނޭނގޭތަ އުޅޭކަށް. ވަރަށް ފޫހިވޭ.” އަމާނާ ކުސްތަޅާލަމުން ޝާލަށް ލޯ އަޅާލިއެވެ.

ނަޒޫ ދައްތަ ބުނެބަލަ. އެވަރު ނުކުރިއްޔާ އައްމިއަށް ހޭލެވޭ ކަމަށްވޭތަ ދުވަހަކުވެސް؟” ޝާލް އޭނާގެ ނަފްސު ދިފާއު ކުރަމުން ވާހަކަ ދެއްކިއެވެ.

“ދެން ޝާލްގަނޑޫ.” ގޮނޑި ހިފައިގެން އައިސް ކުރިން ގޮނޑި ހުރި ތަނުގައި އަމާނާ ބަހައްޓަމުން އެނދުގައި އޮތް ސާދާއަށް ބަލާލިއެވެ. ހިނިއައިސްފައި އޭނާގެ ހަރަކާތްތަކަށް ބަލަން މާމަ އޮތްތަން ފެނުމުން އަމާނާއަށްވެސް ހީލެވުނެވެ. މާމާގެ ގާތަށް ޖެހިލަމުން މާާމަގެ ބޮލުގައި އަމާނާ ފިރުމާލިއެވެ.

“ކޮބާ މާމަ ކިހިނެއް؟ އޯކޭތަ؟” އަމާނާ އަހާލިއެވެ. އައިވީ ފުޅި ހުސްވާން ކައިރިވެފައި ހުރުމުން މާލަސްތަކެއް ނުވެ ފޮނުވާލާނެވެ.

“އޯ އެމް ޖީ އައްމީ.” ބަސްތަަަކަށް ހުއްޓަމުން ޝާލް ގޮވާލީ ބާރަށެެވެ. ނިތަށް ރޫތައް އަރުވާލަމުން އަމާނާ ބަލާލިއިރު ޝާލް އައިސް އޭނާގެ ގައިގައި ހިފާ ތަޅުވައިގަންނަނީއެވެ.

“ވަޓް؟” ޝާލްގެ އަތް ދުރަށްލަމުން އަމާނާ އަހާލިއެވެ. ޝާލް އަނެއްކާވެސް އޭނާ ކުރިން ބުނިހެން ތަކުރާރު ކޮށްލިއެވެ.

“ޕިޖާމާސްގައި އައްމި މިތާ. އައި ކާންޓް ބިލީވް.” އަމާނާ އަނގަމަތީ އަތް އަޅާލިއެވެ. ހާސްވެފައި ހުރިވަރުން އެއްޗެހި ބަދަލުކުރަން ހަނދާންނުވީއެވެ. ލައިގެން އާދެވުނީ ނިދަންލާ ޓީޝާޓުކޮޅާއި ހަރުވާޅެވެ. މިހާއިރުވީއިރުވެސް އެކަން އިހްސާސްނުވީތީ އަމިއްލަ ނަފްސަށް ކުދި ކިޔުނެވެ.

“ދަރިފުޅު ގެއަށް ގޮސްލާފަ އެއްޗެހި ބަދަލުކޮށްގެން އަންނަންވީނު. މިގަޑީ ނޫޅޭނެ މީހަކު މަގުމަތީ.”  ނަޒްރާގެ ވާހަކައަށް ޝާލްވެސް އެއްބަސްވެލިއެވެ. މާމަ ކައިރީ އަވަހަށް އަންނާނެކަމަށް ބުނަމުން އަމާނާ ގެއަށް ދާން ނިކުތެވެ.

މަރުކަޒުގެ ދޮރުން ނިކުމެ އެއްފަރާތުގައި ބާވާފައި އޮތް ވާރޭ ކޯޓު އަމާނާ ނެގިއެވެ. އަމާާނާގެ އަތުގައި އޮތް ވާރޭ ކޯޓަށް ބަލާލުމަށްފަހު އަމާނާގެ މޫނަށް ޝާލް ބަލާލިއެވެ. ކޯޓު ގަޔާ ދުރަށް ފޮޅާލުމަށްފަހު އަމާނާ އެ ލާންފެށިއެވެ. ޝާލް ދެފަރާތަށް ބޯ ހޫރުވާލިއެވެ.

“ވާރޭއެއް ނުވެހޭ.” ޝާލް ހުރީ އަމާނާގެ ހަރަކާތްތަކުން ނަގަންވީ މާނައެއް ނޭނގިފައެވެ. އުނަގަނޑުގައި އަތް ވިއްދާލައިގެން އަމާނާގެ ހަރަކާތްތަކަށް ބަލަން ޝާލް ހުރިއިރު އެ ދޮލުލުގެ ތެރޭ ވީ ހައިރާންކަމެވެ. ޝާލާއި ދިމާލަށް ބަލާލުމަށްފަހު އަމާނާ ހަމައެކަނި ހަދިޔާކުރީ ހިނިތުންވުމެކެވެ. އިތުރު އެއްޗެކޭ ބުނަން ނޫޅެ ރޭގައި ހިފައިގެން އައި ކުޑަ ނިއުޅާލުމަށްފަހު ގެއަށް ދިއުމަށް ހިނގައިގަތެވެ.

“އަވިދެނީކީ ނޫން ވިއްސާރަ ވެހެނީކީ ނޫން. ދެން ކީއްކުރާ ކުޑައަކާ ރެއިން ކޯޓެއްތަ؟ މީހަކު އަޖައިބެއް ނުވާނެތަ އަޅެ.” އަވަސް ފިޔަވަޅުތަކެއްގައި ހިނގަމުންދިޔަ އަމާނާއާ އެއްހަމައެއްގައި ހިނގުމަށް ޝާލް ޖެހުނީ ދުވާށެވެެ. ކުދި އަވަސް ފިޔަވަޅުތަކެއް އަމާނާ ނަގަމުން ދިޔައިރު ދޭތެރެއަކުން ޝާލް އަމާނާގެ އަތުގައި ހިފާލައެވެ. ނަމަވެސް ފިޔަވަޅުތައް މަޑުޖައްސާލުމުގެ ހިޔާލެއް އަމާނާ ނުގެންގުޅެއެވެ. މަގުގެ ދެކޮޅަށް ބަލަމުން އަމާނާ ކުރިއަށް ހިނގަމުންދިޔައިރު މީހަކަށް ފެނިދާނެތީ މީހާ ހުރީ ސިހިސިހިއެވެ.

ގެއާ ހަމާލަށް އާދެވުމާއެކު އަމާނާ ފުންނޭވާއެއް ދޫކޮށްލިއެވެ. އަތުގައި އޮތް ތަޅުދަނޑިން ދޮރުވަށި ހުޅުވަން އުޅުންއިރު ތަޅުދަނޑިއާއި ތަޅާ ދިމާނުވެގެން އަމާނާ ނުރުހުމުގެ އަޑެއް ލައްވާލިއެވެ. އަމާނާގެ ހަރަކާތްތަކަށް ބަލަން ހުރި ޝާލް ޕިސްޕިސް ލައްވާލިއެެވެ.

“އައްމީ. ނޭވާވެސް ނުލާތަ ތި ހުންނަނީ.” އަމާނާގެ އަތުން ތަޅުދަނޑި އަތުލަމުން ޝާލް ދޮރުވަށި ހުޅުވާލިއެވެ. އަވަސްކޮށްލަމުން އަމާނާ އެތެރެއަށް ދެމިގަނެއްޖެއެވެ. އަމާނާގެ ފަހަތުން ޝާލްވެސް ވަދެ ދޮރުވަށި ލައްޕާލިއެވެ.

“އަންނާނަން އިނގޭ ޗޭންޖްކޮށްލައިގެން. ހޭވް އަ ސީޓް.” ސިޓިންގްރޫމްގައި ހުރި ސޯފާއަށް އަމާނާ އިޝާރާތްކޮށްލިއެވެ. ޝާލް ސޯފާގައި އިށީނުމުން އަމާނާ ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއެވެ.

“ވެއިޓް. މާމަ..” ކޮޓަރީގެ ދޮރު ލައްޕާލިހެންނެއް ހީނުވެ އަމާނާ ކޮޓަރިން ނިކުމެއްޖެއެވެ. ހައިރާންކަމާއެކު ޝާލް ބަލާލިއެވެ.

“ޗޭންޖްވެސް ނުކޮށް ތި ނިކުތީ؟” ސޯފާއިން ތެދުވެ ޝާލް އަމާނާގެ ގާތަށް އައެވެ. އޭރު އަމާނާގޮސް އޭނާގެ މާމަގެ ކޮޓަރިއަށް ވަންނަނީއެވެ. ސާދާގެ ކޮޓަރީގެ ދޮރު ހުޅުވާލާ ބަލާލުމަށްފަހު ސިޓިންގްރޫމުގައި އެއްޗެހި ދޮންނަން ހާއްސަކޮށްފައިވާ ކޮޓަރިއަށް ވަދެ މޮއްޕު ހިފައިގެން އަމާނާ އައެވެ. ކޮޓަރީގެ މުށިތައްމަތީ ހިކިފައިވާ ލޭ ތަކާއި އަމާނާ ހިފައިގެން އައި މޮއްޕު ފެނުމުން އަމާނާ ކުރަން އުޅެނީ ކީއްކަން ޝާލަށް ނަގައިގަނެވުނެވެ.

“މަ ސާފްކޮށްލަފާނަން. އައްމި ދޭބަލަ ރެޑީވާން.” މޮއްޕުގައި ހިފަމުން ޝާލް އޭނާއާ ދިމާލަށް މޮއްޕު ދަމާލިއެވެ. ގަދަ ހެދުމެއްނެތި އަމާނާވެސް މޮއްޕުން ދޫކޮށްލިއެވެ.

*****************************

ސާދާ ގެއަށް ދޫކޮށްލީ މެންދުރުވާން ކައިރިވެފައި ހުއްޓައެވެ. އަނަސްވެސް ދެ ދުވަހުގެ ޗުއްޓީއެއް ނަގައިގެން ރަށަށް އައީ މަންމަ ބަލިކޮށް އުޅޭއިރު ދުރުގައި ހުންނަން އުނދަގޫވާތީއެވެ. ގޭގެ ހުރިހާ މެންބަރުން ހަމަވުމާއެކު ގެއަށް ދިރުމެއް ލިބުނެވެ. ގިނަ ދުވަސްތަކަކަށްފަހު ބައްޕަ ފެނުމުން އެންމެ ބޮޑު އުފާވެރިކަމެއް ލިބުނީ އަމާނާއަށެވެ.

“މަންމަ މާ ބޮޑަށް ފިކުރު ކުރަނީ ހެން ހީވަނީ. އަނެއްކާ ނަފްސާނީ ޑޮކްޓަރަށް ދައްކާލަން ދާންވީ ކަންނޭނގެ. އެކަންތަކާ މާ ބޮޑަށް އެ ވިސްނަނީ” ކޮޓަރީގައި ހުސްވެފައި ހުރި ފެންފުޅި ހިފައިގެން ބަދިގެއަށް އައި އަމާނާގެ ފިޔަވަޅުތައް މަޑު ޖެހިލިއެވެެ. ބަދިގޭގެ ދޮރު ކައިރީ އެއްފަރާތުގައި މަޑުކޮށްލަމުން އެތެރެެއިން ދައްކަމުން ދިޔަ ވާހަކައަށް ސަމާލުވިއެވެ.

“އަހަންނަށްވެސްހީވަނީ ތިހެން. މަންމަ ކައިރީ އެ މީހުންނާ މެދު ނުވިސްނާށޭ ބުންޏަސް ކީއްކުރާނީ..” ނަޒްރާގެ ވާހަކައަށް އަނަސްވެސް އެއްބަސްވިއެވެ. މަންމަގެ ކަންތައްތަކާ އެނާއަށް އަބަދުވެސް ފިކުރުކުރެއެވެ. ކަންތައަތައް ދުމާވެފާ ހުރި ގޮތުން އެ ހިޔާލުތަކާ އެ ހަނދާންތަކާ ދުރުވާން މަންމައަށް އުނދަގޫވާނެކަން އަނަސް ދަނެއެވެ.

“ބޭކާރު ބަޔަކާމެދު ވިސްނުމުގެ މާނަައެއްވެސް ނެތެއްނު އެކަމަކު.” ގޮނޑި ދަމާލުމަށްފަހު ނަޒްރާ ތެދުވި އަޑު އިވުމާއެކު އަމާނާ ހިނގައިގަތީ ކޮޓަރިއާ ދިމާލަށެވެ. ކޮޓަރީގެ ދޮރު މަޑުމަޑުން ލައްޕާލުމަށްފަހު އެނދުގަައި އަމާނާ ގޮސް އިށީނެވެ. ހިޔާލުތަކުގެ ފުންކަނޑުގެ ތެރެއަށް ނަފްސު ގެނބެން މަދު ސިކުންތުކޮޅެއްވެސް ނުނެގިއެެވެ. އަތުގައި އޮތް ހުސްފުޅި ފަައިގެ ފަލަމަސްގަނޑުގައި ވިއްދާލުމަށްފަހު ފުޅީގެ މަތިގަނޑުގައި ދަތްދޮޅީގައި ޖައްސާލިއެެވެ.

މަންމަމެން އެ މާނަ ކުރާ “އެމީހުންނަކީ” ކޮންބައެއް ބާވައެވެ. އެންމެ ކުޑައިރުއްސުރެއް “އެމީހުންގެ” ވާހަކައަކީ ގޭތެރޭ އަޑުއިވޭ ވާހަކައެކެވެ. ދުވަހަކުވެސް އެމީހުންނަކީ ހަގީގަތުގައި ކޮންބައެއް ކަމެއް އަމާނާއަސް ދެނެގަނެފަކައެއް ނެތެވެ. ހިތުގައި އުފެދޭ ޝައްކުތަކާއި އަޑުއިވޭ ވާހަކަތަކުން އަމާނާއަށް ޔަގީނާ ގާތަަށް ހީވަނީ އެއީ މާމަ އާއި ކޮންމެވެސް ގުޅުމެއް އޮތް ބައެއްހެންނެވެ. ކިތަންމެފަހަރަކު ބައްޕަ އާ އެ ސުވާލު ކޮށްފާނަމޭ އަމާނާގެ ހިތަށް އަރައެެެވެ. ނަމަވެސް ކަޅާއި ހުދުގެ ދުވަސްތަކުގެ ތެރެއިން ދުވަހެއް ހަނދާންވެފައި ފަސްޖެހެވެނީއެވެ. ބައްޕަ އެހާ ގަދައަށް ރުޅިއައިސްފައި ހުއްޓާ އެނޫން ދުވަހަކު އަމާނާ ދެކިފައެއް ނެތެވެ.

“ކިތައްފަހަރު ނަޒްރާ ކައިރީ ބުނާނީ އެމީހުންގެ ވާހަކަ ނުދައްކާށޭ. އެއީ އަހަރެމެންނާ ގުޅުން ހުރި ބައެއް ނޫން.” އެ ދުވަހު ނަޒްރާއާ ދިމާލަށް އަނަސް ބުނި ޖުމްލަ އަމާނާގެ ހިތުގައިވަނީ ބިންވަޅު ނެގިފައެވެ. އެއީ އުމުރުން އެންމެ އަށް އަހަރުގައެވެ. ޝާލްއާއެކު އެގޭގައި ކުޅެން ހުރުމަށްފަހު ގެއަށް އައި ވަގުތު ކަންފަތުގައި ޖެހުނު ބައްޕަގެ އެ ރުޅިވެރި ބަސްތައް އަދިވެސް ހިތުން ފިލައިގެން ނުދެއެވެ. އެނޫނީ ދުވަހަކުވެސް ބައްޕަ މަންމައާ ދިމާއަށަ އަޑުލީ ތަނެއް އަމާނާ ދެކިަފައެއް ނެެތެވެ.

“ބައްޕާ އަޅެ ކޮންކަމެއްތަ ތި ފޮރުވަނީ؟ އައި ވޮނަ ނޯ.” އަމާނާ ފުން ނޭވާއެއް ދޫކޮށްލިއެވެ. އުއްްޑުން އެނދުމައްޗަށް ވެއްޓިގަތުމަށްފަހު ފިޔަތައް ނޭންގޭހާ ބާރަށް އެނބުރެމުން ދިޔަ ފަންކަލަށް ނަޒަރު ހުއްޓާލިއެވެ.

***********************

ޝޯލަށް އެންމެ ފަހު ޕިން ޖަހާލުމަށްފަހު ލޯގަނޑުން އަމިއްލަ ސޫރައަށް އަމާނާ ބަލާލިއެވެ. އެއްވެސް މޭކަޕެއް ނެތް އެ ދިގު މޫނު ސާދާވެފައި ރީއްޗެވެ. އިސްފިިޔަތައް ބޯ އެ ބޮޑު ދެލޮލުގެ ތެރޭވީ ތަފާތު ވިދުމެކެވެ. ރީތިވާ މޭޒުމަތީ އޮތް ފޯނުގެ ސްކްރީން ދިއްލުންތަން ފެނުމާއެކު ލޯގަނޑުން ނަޒަރު ވަކިކޮށްލަމުން ފޯނަށް އަމާނާ ބަލާލިއެވެ. އެރޭ ފޯނު ވެއްޓި ޖެހުނު ގޮތުން ސްކްރީނުން ބޮޑުބައެއްގައިވަނީ ރެނދުލާފައެވެ. ޑިސްޕްލޭ ނުދިޔަކަން އެއީ އަމާނާގެ ނަސީބެވެ.

“ދެން އަބަދުވެސް ހަދާނީ ތިހެން.” ފޯނަށް އައިސްފައިވާ ޝާލްގެ މެސެޖް ފެނުމުން އަމާނާއަށް ތުންފިއްތާލެވުނެވެ. ޝަކުވާތައް ހިތުގެ ތެރޭ ބޮނޑިވެލިއެވެ. އިނގިލިތައް ފޯނުގެ ކީބޯޑުގައި ހަރަކާތްކޮށްލަމުން ޝާލަށް މެސެޖްކޮށްލިއެވެ.

“ދެން މަ ގަސްތަކު ނޫނޭ. މިއަދު އޮފް ދޭނަމޭ ކިޔާފަ ދޮގު ހެދީ. ސައްތާރު ހީވަނީ މަގޭ މޫނު ބަލާހިތުން އުޅޭހެން.” ޝާލްގެ މެސެޖް ކިޔާލުމާއެކު އަމާނާއަށް ހީގަނެވުނެވެ. ޝާލް ފެންނަން ނެތަސް މިވަގުތު ޝާލްގެ މޫނުގެ ކުލަވަރު ހުންނާނެ ގޮތް ހިތަށްއަރާފާ ހެވުނީއެވެ.

“ދެން ދޮގު ހަދާފަ ކޮންމެހެންނެއް ލޯބިވާ ސައްތާރު ބޮލަށް ޖަހާނެކަމެއް ނެތް.” ކޮންމެފަހަރަކުވެސް ދެމީހުން އެއްކޮށް ކަމެއް ރާވާފިއްޔާ ޝާލަށް އާދެވޭ ކަމަކަށް ނުވާނެއެވެ. ސާދާ ގޮވައިގެން އަތޮޅު ހޮސްޕިޓަލަށް ދާ ވާހަކަ ބުނުމުން އެންމެ ފޯރީގައިވެސް އުޅުނީ ޝާލެވެ. މަސައްކަތް ކުރާ ކެފޭއަށް ސަލާމް ބުނެފާވެސް އަމާނާއާއެކު މިއަދު ދާނެ ކަމަށް ޝާލް ބުނީ އިތުބާރާއެކުއެވެެ. ނަމަވެސް އެހެން ފަހަރުތަކެކޭ އެއް ގޮތަށް އެންމެ ފަހުވަގުުތު ޝާލަށް ދެވޭ ގޮތެއް ނުވިއެވެ.

” ދެން އައްމީ… އައްމިއަށް އޭނަ ސެޓްކޮށްދީފާނަން ތިހެން ކިޔަންޏާ.” ރުޅިވެރި އިމޯޖީއަކާއެކު ޝާލް ރައްދުގައި ލިޔެލިއެވެ. އަމާނާއަށް ބާރަށް ހީގަނެވުނެވެ.

“ޔާ ރައްބި ނޫން. މަށަށް ހެޔޮ މަށަށް ހެޔޮ”  ފޯނު މޭޒުމަތީ ބޭއްވުމަށްފަހު އެނދުމަތީ އޮތް އަތްދަބަހުގަިއ ގެންދަން ޖެހޭ ސާމާނުތައް ހަމަތޯ އަމާނާ ޔަގީންކޮށްލިއެވެ. އޭރުވެސް އެ ތުންފަތްމަތީ ވީ ހިނިތުންވުން ފަނޑުވެގެން ނުދެއެވެ. ފޯނު ވައިބްރޭޓްވާ އަޑަށް ހުއްޓުމެއް ނައުމުން އަމާނާ ދެފަރާތައް ބޯހޫރުވާލިއެވެ. ޝާލްގެ މެސެޖްތައް ދެން ނުހުއްޓޭނެކަން އަމާނާއަށް އިނގެއެވެ.

މާމައާއެކު ވެއިޓިންގް އޭރިއާގެ ގޮނޑި ބަރިއެއްގައި އަމާނާގޮސް އިށީނެވެ. މާމަގެ އަތުގައި ހިފާލައިގެން އިނދެ ރޫޖެހިފައިވާ އެ އަތް ތިލައިގައި މަޑުމަޑުން ފިރުމާލިއެވެ. އޭރު ނަޒްރާއާއި އަނަސް ކައުންޓަރު ކައިރީ މެމޯ ކޮޅު ހެއްދުމަށް ހަރަކާތްތެރި ވަމުންދިޔައެވެ. ދުރުގައި ތިބި މަންމައާއި ބައްޕައަށް ބަލާލުމަށްފަހު އަމާނާ މާމަގެ މޫނަށް ބަލާލިއެވެ. މާމަގެ ނަފްސަށް ވެރިވެފައިވީ ހިމޭންކަމެވެ. އެތައް ހާސް ކަމަކަށް އެއްފަހަރާ ސާދާ ވިސްނާ ފަދައެވެ.

“ޔޫ ކާންޓް ކެޗް މީ. ލާލަލާލާ.” ސާދާއާއި ދިމާލަށް ބަލަން އިން އަމާނާގެ ސަމާލުކަން ހޯދީ ކުރިމަތިން ލާފާ ދިޔަ އަންްހެން ކުއްޖާއެވެ. ފަސްވަރަކަށް އަންހެން ކުއްޖާ ދިޔައީ ގޮނޑީގެ ތިރިއަށް ވާނެހެން މުށިތައް މަތީ އޮތް އަމާނާގެ ހެދުމުގެ ފަސްބަޔަށް އަރާފައެވެ. ހެދުން ކުޑަކޮށް ހިއްލާލުމަށްފަހު ހެދުމުގެ ފަސްބައި ތިރީގައި ނުކޭތެނެހެން އަމާނާ ހިއްލާލިއެެވެ. އޭރު ހަމަ އެއުމުރުގެ ފިރިހެން ކުއްޖެއް ދުވަމުން އެ އަންހެން ކުއްޖާއާ ދިމާލަށް އާދެވެ. ބައިބޯވެފައިވާ ހޮސްޕިޓަލްގެ ތެރޭ ތިބި އެއްވެސް ބަޔަކަށް އެކުދިންގެ ސަމާލުކަމެއް ނެތެވެ. އަމިއްލަ ދުނިޔެއްގައި ތިބި ފަދައެެވެ.

“ޔޫ ކާންޓް ހައިޑް. އައި ވިލް ފައިންޑް ޔޫ.” އެކުޑަ ފިރިހެން ކުއްޖާ ބުނެލިއެވެ. އަޑުގަދަ ވެފައިވާ ހޮސްޕިޓަލްގެ ތެރެއިންވެސް އެ ތުއްތު އަޑު އަމާނާގެ ކަންފަތުގައި ޖެހުނެވެ. ފަރުވާތެރިކަމާއެކު އެކުޑަކުއްޖާއާ ދިމާލަށް ބަަލަހައްޓައިގެން އަމާނާ އިނެވެ. ހިނިތުންވެލާފާ ހުރިލެއް ބޮޑުކަމުން އެ ކުއްޖާގެ ރީތި ދެލޯވެސް ނަށާފަދައެވެ. އެންމެފަހަރަކުވެސް އޭނާއާ ދުރަށް ދުވަމުން ދިޔަ އަންހެން ކުއްޖާގެ ގައިން ނަޒަރު ވަކިކޮށްނުލައެވެ.

އާމާނާ ބަލަހައްޓައިގެން އިންދާ މީހުންގެ ގައިން ރެކެމުން ގޮސް އެއަންހެން ކުއްޖާއާ އަރާ ހަމަކޮށް ކޮނޑުގައި އަތްތިލަ ބާއްވާލިއެވެ. އެއާއެކު ދެކުދިން ދުވުން މަޑުކޮށްލިއެވެ. އެކަކު އަނެކަކުގެ މޫނަށް ބަލާލުމަށްފަހު ހީގަނެއްޖެވެ. އަމާނާއަށްވެސް ދެތުންފަތް ދަމާލެވުނީ ބޭއިހްތިޔާރުގައިއެވެ. ސިނކުޑީގައިިވާ މަންޒަރުތަކުގައި މަޑުމަޑުން ކުލަ ޖެހެން ފެށިއެވެ. އޭނާގެ ކުޑައިރުގެ ހަނދާންތަކެވެ. އުފާވެރިކަމާއި ހިތްހަމަޖެހުމުގެ ދުވަސްތަކެވެ. އެގޮތަށް ދުވެ ސަކަރާތްޖެހި ދުވަސްތަކެވެ. ނަމަވެސް ވަގުތާއި ހާލަތު ބަދަލުވިއިރު އޭނާއާއެކު ކުޅެ ސަކަރާތްޖެހި “ޕްރިންސް” ގެއްލިއްޖެއެވެ. އަހުދާއި ވައުދުތައް ބީވެއެއްޖެއެވެ. ޝޯލްގެ މަތިން އަމާނާ ކަރުގައި އަޅާފައި އޮތް ފަށުގައި އަތް ޖައްސާލިއެވެ. އެއީ އެކުގައި ހޭދަކުރެވުނު އެންމެ ފަހު ދުވަހުގެ ހަދާނެވެ. އެ ފަށް ދުވަހަކުވެސް ކަރާ ވަކިނުކުރާނެ ކަމުގެ ވައުދުގެ މަތީ އަދިވެސް އަމާނާ ހުރީ ސާބިތުވެއެވެ.

“ކޮބާ މާމަ ގޮވައިގެން ދަމާ” ސާދާގެ އައިޑީ ކާޑު އަތްދަބަހުގެ ތެރެއަށް ލަމުން ނަޒްރާ ބުނެލީ ހަލުވިކޮށެވެ. އައިޑާ ދަބަހަށް ލުމަށްފަހު ޒިބު ދަމާލަމުން އަމާނާއަށް ނަޒްރާ ބަލާލީ އަމާނާގެ ފަރާތުން ޖަވާބެއް ނުލިބުމުންނެވެ. ކަރާ ހިސާބުގައި އަތް ބާއްވާލައިގެން އަމާނާ އިން ގޮތުން ނަގަންވީ މާނައެއް ނަޒްރާއަކަށް ނޭނގުނެވެ.

“އައްމީ..” އަމާނާގެ ކޮނޑުގައި ނަޒްރާ އަތްބާއްވާލުމާއެކު ތެޅިގަނެފައި އަމާނާ ބަލާލިއެވެ. ހައިރާންކަން އެކުލެވޭ މަންމަގެ މޫނު ފެނުމުން އަމިއްލަ ނަފްސު އަމާނާ ހަމައަކަށް އަޅުވާލިއެވެ.

“ކީކޭ މަންމާ.” ހަމަޖެހިލަމުން އަމާނާ ސުވާލުކޮށްލިއެވެ. އޭރު ފޯނު ކަންފަތުގައި ޖަހާއިގެން ހުރެ އެ ދިމާލަށް އަންނަމުން ދިޔަ އަނަސަށް އަމާނާ ނަޒަރެއް ދިނެވެ.

“މާމަ ގޮވައިގެން ދާން ހިނގާށޭ. އައްމި ތަނަކަށް ތަދުވަނީތަ؟” ސާދާގެ އަތުގައި ހިފައިގެން އަމާނާ ތެދުވަމުން ދެފަރާތައް ބޯހޫރުވާލީ ނޫނެކޭ ބުނަމުންނެވެ. ޝައްކުގެ އޮއެވަރެއް ނަޒްރާގެ ހިތުގައި ދަތުރުކުރިނަމަވެސް އިތުރު ސުވާލެއް ނުކޮށް ލިފްޓާ ދިމާލަށް ހިނގައިގަތީ އަމާނާއާ ފަހުން ސުވާލުކުރަން ނިންމައިގެންނެވެ. ލިފްޓާ ހަމައަށް މާމަގެ އަތުގައި ހިފަހައްޓައިގެން ހުރެ އަމާާނާ އައެވެ. ހަތްދިހައިން މަތިވެފައި ހުރިނަމަވެސް އެ އުމުރުގެ އެހެންމީހުންނާ އަޅާ ބަލާއިރު ސާދާ ފެންނަނީ ވަރުގަދަ ކޮށެވެ. އަމިއްލައަށް ހިނގާބިނގާވެ އަމިއްލަ ޒަރޫރީ ކަންކަންވެސް ކުރަނީ އަމިއްލަ އަށެވެ.

ލިފްޓުގެ ދޮރު ލެއްޕެމުން ދަނިކޮށް ލިފްޓުގެ ތެރެއަށް ވަދެގެން އައީ އެއްކަލަ ދެކުދިންނެވެ.  އެކުދިންގެ ފަަހަތުން އިތުރު ދެ އަންހެނުންވެސް ލިފްޓުގެ ތެރެއަށް ވަނެވެ. ހީވާގޮތުން އެއީ އެ ދެކުދިންގެ މަންމައެވެ. އާމާނާއަށް ފުރަގަސްދެމުން އަމާނާގެ ކުރިމަތީ އެެދެކުދިން ހުއްޓިލިއެވެ. ދެކުދިންގެ އަތް ޖޯޑުކޮށްލިއެވެ. އެކުޑަ އަންހެންކުއްޖާގެ އަތަށް އެ ފިރިހެން ކުއްޖާ ފިއްތާލިއެވެ. އިރުއިރުކޮޅާ އެ އަންހެންކުއްޖާގެ މޫނަށް ބަލާލައެވެ. ފިރިހެން ކުއްޖާގެ ހަރަކާތްތަކަށް ސަމާލުކަމެއް ދިނުމެއްނެތި އެ އަންހެން ކުއްޖާ ދިޔައީ ހިސާބު ނަންބަރުތައް ބާރަށް ކިޔަމުންވެ. އެންމެފަހުން އެ ފިރިހެން ކުއްޖާވެސް އެ އަންހެންކުއްޖާއާ ބައިވެރިވެ ގުނަންފެށިއެވެ.

އެ ދެކުދިންގެ ހަރަކާތްތަކަށް އަމާނާއަށް ފަރުވާތެރިކަމާއެކު ބެލުނެެވެ. ލިފްޓުގެ ތެރޭ ހޭދަވި އެ މަދު ވަގުތުކޮޅުތެރޭ އެ ކުޑަ ދެހިތުގެ ތެރޭ އުފެދެމުން އެއަންނަ އިހްސާސްތަކަކީ ކޮބައިކަން އަމާނާއަށް އިނގުނެެެވެ. ނަމަވެސް އެ އިހްސާސްތަކަށް ދޭނެ ނަމެއް އެދެކުދިންނަށް ނޭނގޭނަކަން އަމާނާއަށް ޔަގީނެވެ. ހުދު އޭނާއަށްވެސް ވީ އެހެންނެވެ. ހިތުގައިވީ ފުން ޖަޒުބާތުތަކަށް ލޯބީގެ ނަން ދެވުނުއިރު އޭނާގެ ލޯބި މާދުރަށް އޮޔާލާ ގޮސްފިއެވެ. މަންޒިލް ނޭނގޭ ދިގު ރާސްތާއަކަށް ގެއްލިއްޖެއެވެ.

ތީ ނޭވާ އޭ މަގޭ

ވިންދޭ ތީ މަގޭ

ހިތާ ފުރަނައިގެ ދިރުމޭ

ތީ ނޫންހޭ ރޭދުވާ މަގޭ

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ner

Level 1

Other Articles

Previous

ރާނީ 13

Next

ރާނީ 14

Next
July 27, 2023

ރާނީ 14

Previews
July 26, 2023

ރާނީ 13



All Right Reserved!