ވިންދޭ ތީ މަގޭ
ބުރުއްސައިގެން އައި ވާރޭގެ ތިކިތައް މޫނުގައި ޖެހުމުން އަމާނާ ދިޔައީ ސިއްސައިގެންނެވެ. އަތުން މޫނު ފޮހެލުމަށްފަހު ހައިރާންކަމާއެކު ހުޅުވާފައި ހުރި ކުޑަދޮރަށް ބަލާލިއެވެ. ކަންފަތުގައި އަޅައިގެން އިން ހެޑްސެޓް ނައްޓުވާލުމަށްފަހު ކިޔަވަން އިން މޭޒު ދޮށުން ތެދުވެގެން ގޮސް ކުޑަދޮރު ކައިރީ މަޑުކޮށްލިއެވެ. ފުރާޅަށް ވާރޭގެ ތިކިތައް ދެމުންދިޔަ ހަމަލާތަކުގެ އަޑާއި ޖެހިމުންދިޔަ ބާރު ވައި ރޯޅިތަކުގެ އަޑު އިވުނީ ދެނެވެ. ކުޑަދޮރުގެ ދާރާގައި އަތް އަޅުވާލަމުން ގުދުވެލާފާ އަމާނާ އުޑަށް ބަލާލިއެވެ. އުޑުމަތީ ރަސްކަން ކުރަމުންދާ ވާރޭ ވިލާތަކުން ރޭގަނޑުގެ އަނދިރިކަން ދެގުނަ ކޮށްފައިވާ ފަދައެވެ. ވާރޭ އިތުރަށް ބޯކޮށްލި ވަގުތު ވިދާލިވިދުވަރުގެ އަލި ފެނުނީ އެގޮތަށް އޮއްވައެވެ. އަވަސްއަވަހަށް އެތެރެއަށް ދެމިގަންނަމުން ކުޑަދޮރު ލައްޕާލިއެވެ. އޭރު މީހާ ހުރީ ކޮންމެވެސް ވަރަކަށް ތެމިފައެވެ. ދޮރުފޮތިގަނޑު ކަހާލުމަށްފަހު އެނދުމައްޗަށް އަމާނާ ވެއްޓިގަތެވެ. ގުގުރީގެ އަޑަށް އިންތިޒާރުކުރަމުން ކަންފަތުގައި ބާލިސް އަޅާލިއެވެ.
ޖެހި ބާރު ގުގުރީގެ އަޑާއެކު އަމާނާއަށް ހަޅޭއް ލަވައިގަނެވުނެވެ. ވިއްސާރައަކީ އޭނާ އެއްއިރެއްގައިވެސް ގަޔާވެވުނު އެއްޗެއް ނޫނެވެ. ހާއްސަކޮށް ވިދާ ގުގުރަންޏާ އެކަންވަނީ ބޮޑު ވޭނަކަށެވެ. ދެވަނަ ފަހަރަށް ވިދާލުމާއެކު ފުންމައިގެން އަމާނާ ތެދުވެއްޖެއެވެ. ދުވެފާ ކަހަލަަ ގޮތަކަށްގޮސް ކިޔަވާ މޭޒުމަތީ ބާވާފައި އޮތް ފޯނުނަގާ މުށު ތެރެއަށްލިއެވެ. ދެލޯ ބޮޑުކޮށްލައިގެން އިނދެ ފޯނުން ފްލެޝް ލައިޓް ޖައްސާލިއެވެ. ކަރަންޓް ކެނޑިދާނެ ކަމުގެ ބިރު ހިތުގައި އޭރުވަނީ ވަކި ހިއްޕާފައެވެ. ނަފްސު އެކަމަށް ތައްޔާރު ކުރަމުން އަމާނާ ހިނގައިގަތީ ކޮޓަރިން ނިކުންނާށެވެ. އެކަނި މިފަދަ ވިއްސަރަ ރެޔަކު އިންނަން ވެއްޖެއްޔާ އޭނާ މޮޔަވެދާނެއެވެ.
ކޮޓަރީގެ ދޮރުން ކިރިޔާ ނިކުމެވުނު ކަމެވެ. ހޮނުގުގުރީގެ އަޑާއެކު ޖެހި ބާރު ގުގުރިން މުޅި ގެއިން ކަރަންޓު ކެނޑިއްޖެއެވެ. ކިތަންމެ ވަރަކަށް އެކަމަށް ތައްޔާރު ވެގެން ހުރިނަމަވެސް ލިބުނު ސިހުމާއެކު އަމާނާއަށް ހަޅޭއް ލަވައިގަނެވުނީ ކަރު ފަޅައިގެންދާހާ ބާރަށެވެ. ފޯނާއެކު ދެއަތުން ދެ ކަންފަތުގައި އަތް އަޅާލެވުނީ އިހްތިޔާރާކާ ނުލައެވެ. ފިނިވެފައި ހުރި މީހާ އިތުރަށް ފިނިވެ ރޫރޫ އަޅާލިއެވެ. ހިއްވަރުކޮށްފައި ސިޓިންގްރޫމް ތެރެއަށް އަލިކުރަމުން އަމާނާ ހިނގައި ގަތީ މަންމަގެ ކޮޓަރިއާ ދިމާލަށެވެ.
ގިނަ މީހުންތަކެއް އުޅޭ ގެއަކަށް ނުވާތީ ގޭތެރޭ ވީ މަރުފަދަ ހިމޭންކަމެކެވެ. އެ ހިމޭންކަމަށް ހޭނިފައިވިނަމަވެސް މިރޭ އަމާނާއަށް އެކަމުން އުނދަގޫވިއެވެ. މަންމައާއި ބައްޕަގެ ހުރި ހަމައެކަނި ކުއްޖާއަށް ވުމުން ބޮޑުވަމުން އައި އިރުވެސް އެއްކޮށް ގޭތެރޭ ދުވެ ސަކަރާތް ޖަހާނެ ކުއްޖެއް ނުހުރެއެވެ. ބައްޕައަކީ ރިސޯޓުގައި މަސައްކަތް ކުރާ މީހަކަށްވާތީ ގިނަވަތު ގޭގައި ތިބެން ޖެހެނީ މަންމައާއި އަމާނާއާއި އޭނާގެ މާމަ އެކަންޏެވެ. ގޭގެ ހަމައެކަނި ދިރުމަކީ އޭނާގެ މާމައެވެ.
“މަންމާ” ދޮރުގައި ޓަކި ޖަހާލަމުން އަމާނާ ގޮވާލިއެވެ. ވިއްސާރަ ވެއްޖެއްޔާ މަންމަ އާއްމުކޮށްވެސް އޭނާގެ ކޮޓަރިއަށް އަންނާނެކަން އަމާނާއަށް އިނގެއެވެ. ގުގުރާ ވިދަންޏާ އެކަނި އޮންނަން އަމާނާ ބިރު ގަންނާނެކަން މަންމަ ހަނދާން ނުނެތޭނެ ކަމުގެ ޔަގީންކަން އަމާނާއަށް އޮތެވެ. މިރޭ މަންމަ އެ ކޮޓަރިއަށް ނައުމުން ހިތްވަނީ ނުތަނަވަސްވެފައެވެ. ނުބައި އިންޒާރުތައް ހިތުގެ ތެރޭ ކޮޅުކޮޅަށް ދުވަމުންދިޔައެވެ.
“މަންމާ. ހުޅުވާފަތަ؟” ދެފަހަރަށް ދޮރުގައި ޖަހާލުމުންވެސް ދޮރު ނުހުޅުވުން މަޑުމަޑުން އަމާނާ ދޮރު ހުޅުވާލިއެވެ. ކޮޓަރި ތެރެ ބަލާލިއިރު މަންމަ ފެންނަން ނެތުމުން މަންމަވާނީ މާމަ ކޮޓަރީގައިކަން ޔަގީން ކުރަމުން އަމާނާ ފިޔަވަޅުތައް ބެހެއްޓީ ޖެހިގެން ހުރި ކޮޓަރިއާ ދިމާލަށެވެ.
އެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލުމަށްފަހު ދޮރު ހުޅުވާލިއެވެ. ކޮޓަރި ތެރޭގައިވީ އަނދިރިކަމެވެ. ފޯނުން އަލިކޮށްލުމަށްފަހު ކޮޓަރީގެ ތެރެއަށް އަމާނާ ބަލާލިއެެވެ. ހައިރާންކަމާއެކު ދެބުމަ ގާތް ކޮށްލެވުނީ މާމަ އޮންނަ އެނދުގައި މާމަ ނެތުމުންނެެވެ. ހާސްކަމުގެ ތެރެއަށް އިތުރު ހާސްކަމެއް އިތުރުވިފަދައެވެ. ހިތުގެ ތެެޅުން އަވަސްވެލިއިރު ކަމެއް ގޯސްވެއްޖެކަން މުޅި ނަފްސުވެސް އަންގައިދެމުންދިޔައެވެ. ކޮޓަރީގެ ތެރެއަށް އަޅާލި ފިޔަވަޅާއެކު އިހުނަށްވުރެއް ބޮޑަށް ވިދާލިއެވެ. ސިއްސައިގެންގޮސް އަމާނާއަށް ތެޅިގަނެވުނެވެ. އަތުގައި އޮތް ފޯނު ދޫވެ ޓައިލްސްތަކުގެ މަތީގައި ޖެހުނު އަޑުއައީ ޖެހި ބާރު ގުގުރީގެ އަޑާ އެކުއެކީއެވެ. ފޯނު ނިވި ކޮޓަރީގެ ތެރެއަށް ކަނު އަނދިރިކަން ވެރި ވެެއްޖެއެވެ. ގުޑާލަންވެސް ނޭޭނގިފައި އަމާނާއަށް އިރުކޮޅަކު ހުރެވުނެވެ. ހިތުގައިވީ ބިރުުވެރިކަން އުތުރި އަރަމުންދިޔައިރު އަމާނާގެ ދެލޯ ފުރެމުންއައީ ތާޒާ ކަރުނައިންނެވެ. މަންމަވެސް މާމަވެސް ފެންނަން ނެތުމުން ވަސްވާސްތަކުން އެ ހިތް ފުރެމުންދިޔައެވެ. ވަހުމްތަށް ނަފްސު ވަށާލައިފިއެވެ.
“މަންމަަ..” އަމާނާއަށް ހަދާނެ ގޮތް ހުސްވިއެވެ. ގިސްލެވެން ފެށުނެވެ. ފިނިވެފައި ހުރި މީހާ ދަލުން ތެތްމާލައިފިއެެވެ. އަނދިރީގެ ތެރެއަށް މަޑުމަޑުން ލޯ ހޭނުމުންދިޔައެވެ. ހުރި ފިޔަވަޅުމަތިން ގުޑާލަން ނުކެރިފައި ހުއްޓާ ފާހަނަ ދޮރު ހުޅުވާފަ ހުރިހެން އަމާނާއަށް ހީވިއެވެ. ދެފައި މުށިތައް މަތީ ކާއްތަމުން ކަހަލަ ގޮތަކަށް އަމާނާ އެ ދިމާލަށް ދާންފެށިއެވެ.
ފާހަނައިގެން ދޮރާ ފޫޓެއްހާ ކައިރިއަށް އާދެވުމާއެކު އަމާނާ ހުއްޓުން އެރިއެވެ. ފަައިގައި ހޭކުނީ ދިޔާ އެއްޗެކެެވެ. ކަނާއަތު ފައި މައްޗަށް ހިއްލާލުމަށްފަހު ފަޔަށް ފަރުވާތެރިކަމާއެކު ބަލާލިއެވެ. އަނދިރިކަމުގެ ތެރޭގައި އެއްޗެއް ދެނެއްނުގަނެވުނެވެ. ޝަހާދަތް އިނގިލި ފައިގައި ޖައްސާލުމަށްފަހު ނޭފަތާ އިނގިލި ކައިރިކޮށްލިއެެވެ. ހިތުގައި ދުވެލި ޝައްކުގެ އޮއެވަރާއެކު މީހާ ބިރުން ތުރުތުރު އަޅައިގަތެވެ. ވަސްދުވުމުގެ ހިއްސު ސަލާމަތުން ހުއްޓާ އަމިއްލަ ނަފްސަށް އޮޅުވާލެވޭނީވެސް ކިހިނެއްހެއްޔެވެ؟
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
