Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވަކިވީ ލޯބިން 13

Naira Level 1
July 20, 2023 8 Mins Read
9 Comments

“ބުނާނެ ލޯބިވެޔޭ… އެކަމަކު އަހަރެން އެހެން މީހަކާއި ކައިވެނިކުރަންވެސް ވަރިހަމަކޮށްލައިގެއްނު އެެހުރީ…” ސިޑިން ފައިބައިގެން ދަމުންވެސް އަަހަންނަށް ސައިފްއާއި ދިމާލަށް ކުދިކިޔުނެވެ. ސައިފްއަށް ނޭނގުނަސް ސައިފް ކަންތައްކުރިގޮތުން އަހަރެންގެ ހިތުގައި ޖެހިފައިވިއެވެ. ޒިހާންއާއި އަަހަރެންގެ ކައިވެނި ސަކަރާތެއްގެ ގޮތުގައި ސައިފް ނަގާނެކަމަކަށް އަހަރެން ހިޔެއްނުކުރަމެވެ. މިމަޅިން އަހަރެން ސަލާމަތްކުރަން ސައިފް އަތުކުރިއޮޅާލާނޭކަމަށް އަހަރެން ހީކުރީމެވެ. އެކަމަކު އެންމެފަހު ވަގުތާއި ހަމަޔަށްވެސް ހުރިހާކަމެއް ސަކަރާތެއްގެ ގޮތުގައި ނަގަން ހުރިއިރު ސައިފްގެ ފަރާތުން އަހަރެން ދެކެން ބޭނުންވީފަދަ ސީރިޔަސްކަމެއް ނުފެނުނެވެ. ސައިފް ދައުވާކުރާ ފަދައިން އަހަރެންދެކެ ސައިފް ލޯބިވާކަމާއިމެދުވެސް ފުރަތަަމަ ފަހަރަށް އަހަންނަށް ޝައްކު އުފެދުނެވެ.

“އަޝްވާ އަވަހަށް ދޭ… ބޭރުގައި މަޑުކޮށްގެން އެބަހުރި… މަންމަ މިއައީ ދެކުދީންނަށް ކޮފީ ގެންގޮސްދީފައި…” ހުސް ތަބަކެއް ހިފައިގެން ގޭގެ ދޮރުން ވަދެގެން އައި މަންމައަށް އަހަރެން ފެނުމާއިއެކު ނުހަނު ބޮޑަށް ހެވިފައި ހުރެގެން އަހަރެންގެ ކައިރިއަށް އައެވެ. މަންމަގެ އުފާވެރިކަމުން އަލަތު ކައިވެނީގެ ހަޤީގީ އުފާވެރިކަން ހާސިލްކުރެވިގެން އުޅޭ އަރޫޝަކީ ޙުދު މަންމަފަދައެވެ. އަހަރެންގެ ކައިވެންޏަށް މަންމަ އިންތިޒާރުކުރާވަރު އިހުސާސްކުރެވެމުން އަހަންނަށް ކުށްވެރި އިޙުސާސްތަކެއް ކުރެވުނެވެ. މަންމަމެން އެދޭފަދަ ޖަވާބެއް އަަހަންނަށް ޒިހާންއަށް ދެވޭނެކަމެއް ނޭނގެއެވެ.

ހަނދުވަރު ރީތި ރެއެއްކަމުން ހަނދުވަރުގެ ރިހި އަލީން ގޯތިތެރެ ދިއްލާލައިފައި އޮތެވެ. ރޭގަނޑުގެ ރާނީ ހަނދުވެސް މެދު އުޑުގައި ބަބުޅަމުންދިޔައީ އެތައް ތަރިތަކެއްގެ ވިދުން ފަޑުކޮށްލަމުންނެވެ. ޖެހެމުންދިޔަ ވަޔާއި އެއްވަރަށް ބިޔަގަސްތަކުގެ އޮފިތައް ހެލެމުން ދިޔައިރު ބިމަށް އެޅިފައިވާ ކޮކާ ހަނދުވަރުގެ އަލިތައް އެކި ގޮތްގޮތަށް ހަރަކާތްކުރަމުންދިޔައެވެ. ލޯބިވެރީން އެންމެން ބޭނުންވާނޭ އަދި ލޯބިވެރީންނަށް އެންމެ އެކަށީގެންވާފަދަ ހިތްގައިމު އަދި ހަމަހިމޭން މާހައުލެކެވެ. އެކަމަކު ހިތްނޭދޭ މީހަކާއިއެކު މިފަދަ މާހައުލެއްގައި ވަގުތު ހޭދަކުރުމަކީ ހިތަށް ލިބޭނެ ވޭނެކެވެ.

ގޯތިތެރޭގައި ދުއްވާލެވިފައި އޮތް ގަލުގެ ވޯކްވޭ މަތީން ހިނގާލައިފައި އައިސް ގަސްތަކުގެ ތެރޭގައި ކޮފީ ބޯން ތިބެވޭގޮތަށް ތައްޔާރުކުރެވިފައި ހުރި މޭޒުކައިރީގައި މަޑުކޮށްލިއިރުވެސް އަހަރެންގެ ހިތް ދެފަރާތަށް ކިރެމުންދިޔައެވެ. އޭރު އެ ހަޓުގެ ތެރޭގައި އަހަންނަށް ފުރަގަސްވާނެހެން މީހަކު މަޑުކޮށްލައިގެން ހުއްޓެވެ. ކަޅުކުލައިގެ ޖީންސްއަކާއި ވަޅުފެހިކުލައިގެ ޓީޝާޓެއްގައި ޒިހާން އިންއިރު އަހަންނަށް ފަހަތުންވެސް ދަންނަގޮތެއް ހީވިއެވެ. އެކަމަކު އެހެން ވާންވީ ސަބަބެއް ނޭނގުނެވެ. މަތީ ސާނަވީގެ ކިޔެވުން ނިމިގެން މިހޭދަވެގެންދިޔަ ދިގު އަހަރުތަކުގައި އަހަންނާއި ޒިހާން ބައްދަލުވެފައެއްނުވާނެއެވެ.

“ޒިހާން…” ހިތުގައި އުފެދިފައިވާ ޝައްކާއިއެކު އަހަންނަށް ޒިހާންގެ ނަމުން ގޮވާލެވުނެވެ. އެވަގުތު މޭޒުމަތީގައި މަންމަ އަތުރާފައި ހުރި ކޮފީތަށިތަކާއި ހެދިކާތަށިތައް ލޮލުގައި އަޅައިގަތުމުން އެވަގުތު އެތަނުގައި ޒިހާން ނޫން މީހަކު ނުހުންނާނެކަން އަހަންނަށް ޔަޤީންކުރެވުނުކަހަލައެވެ. ނަމަވެސް ލަސްލަހުން “ޒިހާން” ފަސްއެނބުރުމާއިއެކު އަހަރެންގެ ޔަޤީންކަން ވަޔަށް ބުރައިގެން ގޮސް މޫނުމަތީން ހައިރާންކަން ފާޅުވެގެންދިޔައެވެ.

“ސައިފް… މިތާ ކީއްތިކުރަނީ؟” އަހަރެންގެ މޫނުމަތީގައިވީ ހައިރާންކަން ފިލައިގެންދިޔުމާއިއެކު އަހަންނަށް ރުޅިވެރިގޮތަކަށް ސުވާލުކުރެވުނެވެ. އަދިިވެސް ސައިފްގެ ސަކަރާތްގަނޑު ނުނިމެނީކަމަށް ހީކުރެވިފައި އަހަރެން ވަކީން ބޮޑަށް ހިތްހަމަނުޖެހޭގޮތް ވިއެވެ. ނޫނީ އަހަރެންގެ ފަހު ބަސްތައް ފެނުމާއިއެކު ސައިފް ސީރިޔަސްވީބާވައެވެ؟ އެންމެފަހު ވަގުތު އަހަރެންގެ އެހެން މީހެއްގެ އަތްމައްޗަށް ދޫކޮށްލަން ކެތްނުވީހެއްޔެވެ؟

“އަޝްވާ ފޯނަށް ކިހިނެތް ހަދައިގެން ތިއުޅެނީ؟ އަހަރެން ހާދަ ވަރަކަށް ގުޅައިފީމޭ…” އަހަރެންގެ ސުވާލަށް ޖަވާބުދޭކަށް ސައިފް ނޫޅުނެވެ. އެއްއަތުން ފޯނު ހިފަހައްޓާލައިގެން ހުރެ އަހަންނާއި ގާތަށް އަންނަމުން ސައިފް އަހަންނާއި ސުވާލުކުރިއެވެ. އެއާއިއެކު އަހަރެންގެ އެތެރެހަށީގައި އަނދަމުންދިޔަ ހުޅުގަނޑު ރޯވެގެން އެރިކަހަލައެވެ.

“ކިހިނެތްވީ؟ އަދިވެސް ހިތްހަމަޖެހޭވަރަށް ސަކަރާތް ނުގަނެވެނީދޯ… އަހަރެން ހިޔެއްނުކުރަން ސައިފް ތިހެން ވާނެއެކޭ… ތީ ދޯ އަަހަރެންދެކެ ތިވާ ލޯތްބަކީ…” އައިސްފައި ހުރި ރުޅިއާއިއެކު އަހަރެންގެ ދުލުން އެބަސްތައް ބޭރުވެގެންދިޔައިރު އަަހަންނަށް ހުރެވުނީ ދެއަތުން ސައިފްގެ ޓީޝާޓުގައި ހިފާ ބޮޑިކޮށްލައިގެންނެވެ. އަަހަރެންގެ ލޮލުގައިވީ ރުޅިވެރިކަމާއިއެކު ލޮލުގެތެރޭގައި ކަރުނަ ތިކިތައް ވިދަމުންދިޔައެވެ. ކަރާއި ހަމައިން ސައިފްގެ ޓީޝާޓަށް ވާންވެފައިހުރިއިރު އެ ހައިރާންކަމުން ފުރިގެންވީ ނަޒަރު ހުރީ އަހަރެންގެ މޫނަށް ހުއްޓިފައެވެ.

“އަނހަ… މިހާ އަވަހަށް ގަޔަށް އަތްލާ ހިސާބަށް ދިޔައީތަ؟ ބައްޕައަށް އަދި ހީވީ ބައްޕަގެ މި ނިންމުމާއިމެދު އަޝްވާ ވަރަށް ހިތްހަމަޖެހޭނެކަމަށް….” އެވަގުތު ފަހަތުން ބައްޕަގެ އަޑުއިވުމާއިއެކު އަހަންނަށް ވީގޮތެއްވެސް ނޭނގުނެވެ. އަހަރެންގެ ހަށިގަނޑަށް ކަރަންޓް ޝޮކެއް އައިކަހަލައެވެ. ވަގުތުން ސައިފްގެ ޓީޝާޓުން ދޫކޮށްލެވުނުގޮތަށް ސައިފްގެ ފަހަތަށް ވަދެވުނީ ބައްޕައާއި ކުރިމަތިލާނޭ ގޮތެއް ނޭނގިގެންނެވެ.

“އަޝްވާ… ދަރިފުޅު އާދެބަަލަ…” ބައްޕަ އެވަގުތު ފުންނޭވާއެއް ދޫކޮށްލަމުން އަހަރެންގެ ނަމުން ގޮވާލިއިރު އަހަރެން ހީކުރި ގޮތާއި ހިލާފަށް އެއަޑުގައި ރުޅިވެރިކަމެއްނެތެވެ. އަހަންނަށް އަތުން އިޝާރާތްކޮށްލަމުން މޭޒު ވަށައިގެން އަތުރާފައިވާ ގޮނޑިތަކާއި ދިމާލަށް ބައްޕަ ދިޔައިރު ނުކެރިފައި ހުރެވެސް އަހަރެން ބައްޕަގެ ފަހަތުން އައީމެވެ. މޭޒާއި ގޮނޑިއެއް ދުރުކޮށްލުމަށްފަހު އެ ގޮނޑީގައި އަހަރެން ބޭންދުމަށްފަހު އަހަންނާއި ކުރިމަތިލައިގެން އެހެން ގޮނޑިއެއްގައި އިށީންނަމުން ބައްޕަ އަހަރެން ގެ ދެއަތުގައި ހިފަހައްޓާލިއެވެ.

“ދަރިފުޅު ބޭނުންނުވާނަމަ މިއީ ނުދައްކާ ވާހަކައަކަށްވެސް ހެދިދާނެ… އެކަމަކު ބައްޕަ އެދެން އަދިވެސް އެއްފަހަރު އަޝްވާ ވަރަށް ރަނގަޅަށް ވިސްނާލަން… ދަރިފުޅު ޒިހާންއާއި ކައިވެނިކުރަން އެއްބަސްވީމަވެސް ބައްޕައަށް ޒިހާން ގާތު އެ ވާހަކަ ބުނަން ބޭނުންނުވެފައި ހުރެވުނީ އެއީ ދަރިފުޅު ހިތާއި ދެކޮޅަށް ނިންމި ނިންމުމެއްކަން އިނގޭތީ… އެހެންހުއްޓާ ސައިފް ބައްޕަ ކައިރީގައި ދަރިފުޅުގެ ކައިވެންޏަށް އެދުނީ… ބައްޕަ ވަރަށް އުފާވި… ސައިފްއަކީ ބައްޕަމެން އަބަދުވެސް ދަރިއެއްފަދައިން ދެކެމުން އައި ކުއްޖެއް… އަދި އީޝްއަށް އެންމެ ރަނގަޅުގޮތަކަށްވާނީވެސް ދަރިފުޅުމެން ދެކުދީން ގުޅުން… ބައްޕައަށް އިނގޭ ބައްޕަގެ މިދަރިފުޅުގެ އަބަދުގެވެސް ހުވަފެނަކީ ސައިފްގެ އަނތްބެއްގެ ގޮތުގައި ދިރިއުޅުމުގެ ބާކީ އޮތްބައި ހޭދަކޮށްލުންކަން… އެކަމަކު ބައްޕައަށް ކުށްހީއެއްދޯ މިކުރެވުނީ…” ބައްޕަގެ ކޮންމެ ޖުުމްލައަކާއިއެކު އަހަރެންގެ ހައިރާންކަން އިތުރުވަމުން ގޮސް އެސްފިޔަ ޖަހާލަންވެސް ހަނދާންނެތުނެވެ. ދެލޯބޮޑުކޮށްލަމުން ސައިފްއާއި ދިމާލަށް ބަލާލެވުނެވެ. އޭރު ސައިފް ހުރީ ފާރުބުރިއަށް ލެގިލައިގެން ބައްޕަ ދައްކަމުންދިޔަ ވާހަކަތައް އަޑު އެހުމުގައެވެ. އަހަރެން ބަލާލުމާއިއެކު ދެއަތުން ކަންފަތުގެ ފޫޅުގަނޑުގައި ހިފާލުމަށްފަހު ވައި އަޑުން ސޮރީއޭ ބުނެލިއެވެ.

“އަޅުގަނޑަށް މައާފުކުރޭ ބައްޕާ… އަޅުގަނޑަށް މާބޮޑަށް އަޝްވާ ރުޅިއަރުވާލެވުނީ… އަޝްވާއަކަށް ނޭނގޭނެ މިރޭ އަޝްވާއާއި ބައްދަލުކުރާނީ އަޅުގަނޑުކަމެއް…” ބައްޕަގެ އަޑުގައިވީ މާޔޫސްކަން އަހަންނެކޭ އެއްފަދައިން ސައިފްއަށްވެސް ފާހަގަކުރެވުނީ ކަންނޭނގެއެވެ. އަހަރެމެންނާއި ކައިރިއަށް އަންނަމުން ކުރުގޮތަކަށް ކަންތައްވީގޮތް ބައްޕައަށް އޮޅުންފިލުވައިދިނެވެ. އެއާއިއެކު އަހަންނަށް ބަލާލަމުން ބައްޕަ ލުއިގޮތަކަށް ހީލިއެވެ.

“ބައްޕަގެ މިމޮޔަ ދަރިފުޅަށް މައާފުކޮށްދެއްޗޭ ސައިފް… ކުޑައިރުވެސް އަޝްވާގެ ސިކުނޑިއަށްވުރެ އަތް އިސްވާނެ… ދަރިފުޅުމެން ދެކުދީން ވާހަކަދައްކައިގެން ކައިވެނިކުރާނޭ ތާރީހެއް ނިންމާ އިނގޭ… އެހާ ގިނަދުވަސްވާންދެން ކައިވެނިނުކޮށް ތިބޭކަށް ބައްޕައަކަށް ނުފެނޭ…” އަހަރެމެން ދެމީހުންގެ ބޮލުގައި ފިރުމާލަމުން ބައްޕަ ދެއްކި ވާހަކަތަކާއި އަހަންނާއި ސައިފްވެސް އެއްބަސްވީމެވެ. ރައްޓެހިވެގެން ދުވަސްތައް ބޭކާރުކުރާކަށް އަހަރެމެންވެސް ބޭނުމެއްނޫނެވެ. ސައިފްއާއިއެކީ ޖަވާޖީ ހަޔާތް ފަށަން އަހަރެން ކެތްމަދުވެފައިވެއެވެ. އެހެންނޫނަސް ލޯބިވެރީން ގޮތުގައި ދުވަސްތައް ހޭދަކުރަން އަހަރެމެން ދެމީހުންނަކީ މިހާރު ފުރާވަރުގެ ޒުވާން ކުދީންނެއްނޫނެވެ. އަމުދުން އިތުރަށް އަހަރެމެންގެ ލޯތްބަށް ވަގުތު ބޭނުންވާވަރަށްވުރެ ބޮޑަށް އެތައް އަހަރެއްކުރީން އަަަހަރެމެން ދެމީހުންނަށް ވަނީ އެކަކު އަނެކަކު ދަސްވެފައެވެ.

އަހަރެމެންނަށް ވަގުތުދެމުން ބައްޕަ ގެއަށް ވަންނަން ހިނގައިގަތުމާއިއެކު އަހަރެންގެ ނަޒަރު ވަގުތުން ސައިފްއަށް ހުއްޓުނެވެ. ދަތްކުނޑިވިކާލައިގެން ހުރެ ސައިފްއާއި ދިމާލަށް ދާންފެށުމާއިއެކު ސައިފް އަމިއްލަ ސަލާމަތް ހޯދަމުން ބޯމަތީގައި އަތްހުރަސްކޮށްލިގޮތަށް ފަހަތަށް ޖެހެންފެށިއެވެ.

”ހުންނަ ނުބައިކަން ދެކިބަލަ… ސައިފްއާއިހެދި ލަދުން ހަލާކުވާވަަރުވެއްޖޭ… ބައްޕަ ހީކުރާނީ ކީކޭކަމެއްވެސް ނޭނގެ… އަމިއްލައަށް ހުރިހާކަމެއް ނިންމާލައިގެން ނުވެސް ބުނެއޭ…” ބާރު ފިޔަަވަޅުތަކެއްގައި ގޮސް ސައިފްގެ މޭމަތީގައި ގޮށްމުށުން ތަޅައިގަންނަމުން އަަހަރެން ޝަކުވާކުރީމެވެ. އޭރު ސައިފް ބޯމަތީގައި އަތްހުރަސްކޮށްލައިގެން ހުރިގޮތުން އަަހަންނަށް ކުޑައިރު މަތީން ހަނދާންވާ ގޮތްވިއެެވެ. ރުޅިވެރިކަން ދައްކާލައިގެން ހުއްޓާވެސް އަހަންނަށް ހެވުނެވެ. ކުޑައިރު ކިރިޔާ ކަމަކާއި ހިތްހަމަނުޖެހުނަސް ސައިފްގެ އިސްތަށިގަނޑަށް ދަމާ ހެދުމަކީ އަހަރެންގެ އާދައެކެވެ. އަންހެންކުއްޖެއްކަމަކު އަހަރެންގެ ރުޅިވެެރި އެތައް ހަމަލާއަކާއި ކުޑައިރު ސައިފް ކުރިމަތިލާންޖެހުނެވެ. އެންމެ ފުރަތަަމަ ކަމަކަށް ހަމަހުގައި އަހަރެންގެ ދަތްތައް ނިކުތުމުން އެދަތްތަކުގެ ތޫނުކަންވެސް ފުރަތަމަ އަހަރެން ދައްކާލީ ސައިފްއަށެެވެ.

“ބައްޕަ ބުނީ ތެދެކޭ… އަޝްވާ ފުރަތަމަ ތިއަތް އިސްކުރުން ދޫކޮށްލާފައި އެހެން މީހުން ދައްކާ ވާހަކަ އަޑުއަހަން ވެއްޖެއްނު… އަަހަރެން ކިތައްފަހަރު ގުޅިން…” އަހަރެންގެ ދެއަތުގައި ހިފާ ސައިފްއާއި ގާތަށް ދަމައިގަންނަމުން ސައިފް ވާހަކަދެއްކިއެވެ. އަހަރެމެންގެ ދެމީހުންގެ ދެމެދުގައި ވައިރޯޅިއެއްވެސް ދައުރުނުކުރާނެހާ ކައިރީގައި ތިބެވުނުކަން އިޙުސާސް ކުރެވުމުން އަހަރެންގެ ހިތް ބާރުބާރަށް ތެޅެންފެށިއެވެ. ސައިފްގެ ފުން ދެލޮލުން އަހަންނާއި ދިމާލަށް ބަލަހައްޓައިގެން ހުރިގޮތުން އަހަރެންގެ ހުރިހާ ހިއްސުތަކެއްހެން ހިލުވާލިކަހަލައެވެ.

“އިއްޔެ އަހަރެން ބައްޕައާއި ވާހަކަދެއްކިން… އަހަންނަށް އިނގޭ އަޝްވާއަށް ބައްޕަ ކައިރީގައި ބުނަން ނުކެރޭނެކަން… އަހަރެން އަސްލު ބޭނުންވީ އަޝްވާއަށް ސަޕްރައިޒެއްދޭން… އެހެންވެ ނުބުނީ… މަންމަ ގާތުގައިވެސް އަޝްވާއަށް ސިއްރުކުރަން އެދުނީ… އެކަމަކު އަޝްވާގެ ތިހުންނަ ރުޅިއަކާއިހެދި ކަމެއްކުރެވޭވަރެއްނޫނެއްނު…” އަހަރެންގެ ނޭފަތުގެ ކުރީގައި ހިފާލަމުން ސައިފް އަހަންނާއި ދިމާކޮށްގަތެވެ. އޭރު އަހަންނަށް ހުރެވުނީ ލަދުން އިސްޖަހާލިގޮތަށް އިސްއުފުލާ ސައިފްގެ މޫނަށްވެސް ބަލާލަން ނުކެރިފައެވެ.

“އަޝްވާ ހީނުކުރައްޗޭ މިއީ އަހަރެން ސަކަރާތަކަށް ކުރާކަމެކޭ… އަހަރެން އަސްލުވެސް އަޝްވާދެކެ ވަރަށް ލޯބިވޭ… އަހަރެންގެ ހަޔާތުގައި ބާކީ މިއޮތް ދުވަސްތައް އަޝްވާއަށްޓަކައި ހޭދަކޮށްލަން ބޭނުންވާ މިންވަރަށް… އިނގެއެއްނު…” އަހަރެންގެ ދަތްދޮޅީގައި ހިފާ އުފުލާލަމުން ސައިފް ވާހަކަދެއްކިއިރު އެދެލޮލުންވެސް އެ ބަސްތަކުގެ ތެދުކަން ހާމަކޮށްދިނެވެ. އެލޮލުގައި އެވާ އަސަރުތަކަކީ މީގެ ކުރީން އެއްވެސް މީހަކަށްޓަކައި ސައިފްގެ އެދެލޮލުން ފާޅުވި އަސަރުތަކެއްނޫނެވެ. އެ ނަޒަރުން އެކަނިވެސް އަހަރެންގެ ހިތުގެ ތެޅުން އަވަސްކުރުވާ ނާރުތަކުގައި ލޭހިނގުން ހަލަބޮލިކުރުވިއެވެ.

އަލަތު ދެ ލޯބިވެރީންފަދައިން އެއްވެސް ފޫހިކަމެއްނެތި އެރޭ އަހަރެމެން ދެމީހުން ހޭދަކުރީ އެކަކު އަނެކަކުގެ އަތުގެތެރޭގައެވެ. ވައުދާއި އަހުދުކުރަމުން މުސްތަޤުބަލަށް ކުރެވެމުންދިޔަ އުންމީދުތަކާއިއެކު އަަހަރެމެންގެ ލޯބީގެ ގުޅުން އާރޯކުރުމުގައެވެ. މެންދަންވުމުން ސައިފްއާއި ވަކިވުމަށްފަހު ކޮޓަރިއަށް އައިގޮތަށް މޭމަތީގައި ބާލީސް ބާއްވާލައިގެން ހިޔާލުގެ ދުނިޔެއެއްގައި ފީނަން އަހަންނަށް އޮވެވުނެވެ. ދިގު އިންތިޒާރަކަށްފަހު އެންމެފަހުން އަހަރެންގެ ހުވަފެންތައް ސީދާވާ ވަގުތު ކުޑަތަންވަނީއެވެ. މި ވަގުތު މި ދުނިޔެމަތީގައި އަހަރެންގެ ވަރުގެ ނަސީބުގަދަ ކުއްޖަކު ވާނެކަމަކަށް އަަހަރެން ޤަބޫލެއް ނުކުރަމެވެ.

“އޮއޭސިސް”އަށް އުފާވެރިކަން ގެނެސްދިނީ ކުރިއަށް ރޭވެމުންދިޔަ ކައިިވެންޏެވެ. ދެފަރާތުގެ އާއިލާގެ އެންމެންހެން ގެޔަށް ޖަމާވެގެން ކައިވެނީގެ ތައްޔާރީތަކުގައި އަވަދިނެތި އުޅެމުންދިޔައިރު ގޭތެރެއިން ހުނުމާއި ލާނެތް ސަކަރާތުގެ އަޑު ކަނޑައިގެން ނުދެއެވެ. ކޮންމެ މީހަކުހެން ކޮންމެވެސް ކަަމަކާއި ހަވާލުވެގެން އަވަދިނެތި އުޅެމުންދިޔައިރު ދުވަސްތައް އަރައިގެން ދިޔަގޮތެއްވެސް ނޭނގުނެވެ. ދުވަސްތައް ފާއިތުވެގެންގޮސް ކައިވެނިކުރެވޭ ދުވަސް ބޯމަތިވެގެން އައީ އަހަރެމެން ހީކުރި ވަަރަށް ވުރެވެސް އަވަހަށެވެ.

ހެނދުނުއްސުރެ ގޭތެރެއިން މީހުން މަދުވާ ވަގުތެއްނާދެއެވެ. އެރެއަށް ކުރެވެން އޮތް ކައިވެނީގެ އެންމެފަހުގެ ތައްޔާރީތަކުގައި އެންމެންހެން ހޭބޯރާނާރާ އުޅެމުންދިޔައެވެ. ރޭގަނޑު ކުޑަކެއުމެއްގެ ގޮތުގައި ބާއްވާން އަހަރެން ނިންމައިގެން ހުރި ވަލީމާ އެންމެ ފަހުވަގުތު ބޮޑު ޕާޓީއަކަށް ބަދަލުވެގެންދިޔައީ އަހަރެންގެ ހިޔާލަކާއިނުލައެވެ. އަހަރެންގެ ފުރަތަމަ ކައިވެނިކަމުން އެއްވެސް ކަމެއް އާދައިގެ ގޮތެއްގައި ދުއްވާލަން މަންމަމެން ބޭނުންނުވާކަަހަލައެވެ. ކައިވެނީގެ ސުފުރާމަތި ބަލަހައްޓާ، ކާޑުތައް ޕްރިންޓްކޮށް މެހެމާނުންގެ ލިސްޓު ފައިނަލް ކުރެވުނީވެސް މަންމަމެންގެ ބެލުމުގެ ދަށުންނެވެ. ގޮތްބޮޑުކުރަން އަހަރެން ބޭނުންނުވިޔަސް އަހަންނާއި ސައިފް މަންމަމެންގެ ހިޔާލާއި ދެކޮޅެއްނުހަދަމެވެ. މިއަދު މަންމަމެންގެ ހުރިހަމައެކަނި ދަރިއަކީ އަހަރެން ކަމުން އަހަރެން ބޭނުންވީ ހުރިހާ ކަމެއްވެސް މަންމަމެން ބޭނުންވާގޮތަކަށް ކުރިއަށް ގެންދަން ފުރުސަތުދޭށެވެ.

މެންދުރުވަނިކޮށް އަހަރެންގެ ބޮޑުދައިތަ މިންނާއާއި މިރްޒާގެ ކުދީންކޮޅު ގެއަށް އައުމުން އަހަރެން އެކުދީންނާއި އީޝް ހަވާލުކޮށްފައި ތިރިއަށް ފޭބީމެވެ. އޭރު ގޯތިތެރޭގައި ގޮނޑިތަކާއި މޭޒުތައް ޖަހާ ނިވިދިއްލޭ ބޮކިތަކުން ގޯތިތެރެ ޒީނަތްކުރަން ސައިފްއާއިއެކު ބޮޑު ގުރޫޕެއް ބޭރުގައި އުޅެމުންދިޔައެވެ. ސޯފާމަތީގައި ކާޑުތަކުގައި ނަން ހަރުކުރަން ޝުޢާއާއި ސައިފްގެ ދެބެންގެ ދެދަރި ކުދިންކޮޅެއް ތިއްބެވެ. ބަދިގެއާއި ދިމާލުގައި މަންމައާއި ސައިފްގެ މަންމަ އަދި ބޮޑުދައިތަ އުޅެމުންދިޔައިރު އަންހެންވެރިންގެ އޮލަ ވާހަކަތައް ސިޑިއާއި ހަމަޔަށް ފޯރާފައިއޮތެވެ. އަހަރެން ސިޑިން ފައިބަނިކޮށް ތެމިފޯވެގެން ހުރެ ސައިފް ގެއަށް ވަތްތަން ފެނުނެވެ. އެއްއަތުން ކޯކު ކޭހެއް އުފުލާލައިގެން ކާކޮޓަރިއަށް ދާތަން ފެނުމުން އަހަރެން ސައިފްއަށް ގޮވާލުމުގެ ބަދަލުގައި މަޑުމަޑުން ސިޑިން ފައިބައިގެން ތިރީގައި މަޑުކޮށްލީމެވެ.

“ސައިފް މިނެޓަކު ދެފަހަރު އަހަރެމެންނަށް ދަޅާއި ފުޅި ދިނުމުގެ ބަހަނާގައި މިތަނަށް އަޔަސް އަޝްވާއެއް ނުފެންނާނެ އިނގޭ… ދޮންދައްތަބެ ނުބުނޭތަ މަތީބަަޔަށް ފުޅިއަރުވަދޭކަށް؟” ސައިފް ކާކޮޓަރިއަށް ވަނުމާއިއެކު އެތެރެއިން ބޮޑުދައްތަމެން ސައިފްއާއި ދިމާކޮށްގަތް އަޑުއިވުނެވެ.

“ސައީދާ… ސައިފް ހީވަނީ އަހަރެންގެ ދަނބިދަރިއަކަށްވާން ނަދުރު ބުނެގެން އުޅޭހެން… ނަސީބު ކަންދިމާކުރިގޮތުން އަހަރެންގެ އާޝާލްއަށްފަހު އެދިމާކުރީ މަގޭ އަޝްވާއާ ވިއްޔަ…” ބޮޑުދައިތަމެންނާއިއެކު އޮލަވާހަކައެއްގައި ޖެހިފައި އިން މަންމަވެސް ސައިފްއާއި ދިމާކުރި އަޑު އިވުނެެވެ. ކާކޮޓަރިތެރޭގައި ވަމުންދިޔަކަމެއް ނުފެނުނަސް އަހަރެންގެ ގާތަށް ހިނިއައެވެ. މަންމަމެން ދިމާކުރުމުން ސައިފްގެ އަނގަ ހުތްވެފައި ހުންނާނެގޮތް ހަނދާންވެފައިވެސް ކެތްތެރިކަމެއްނެތި ސައިފް ކާކޮޓަރީން ނިކުންނާނެ ވަގުތެއްގެ އިންތިޒާރުގައި ހުރެވުނެވެ.

އިރުކޮޅެއްގެތެރޭގައި ސައިފް ކާކޮޓަރިން ނިކުމެގެން އައިރު އެ މޫނު ރަތްވެފައިހުރިގޮތުންނާއި އަނގަޔަށް ހަދާލައިގެން ހުރި ގޮތުން އަހަންނަށް ހުނުން ހިފަހައްޓާލަން ޖެހުނެވެ. އަނގަމަތީގައި އަތްއަޅާލައިގެން ހުރެ ހުނުމުގެ އަޑު ބޭރުވިޔަނުދޭން މަސައްކަތްކުރަނިކޮށް ސައިފްގެ ނަޒަރު އަހަންނަށް ހުއްޓުނެވެ. ނަސީބަކުން އެވަގުތު ބޭރުގައި މަސައްކަތުގައި އުޅެމުންދިޔަ ކުއްޖަކު ސައިފްއަށް ގޮވާލުމުން އަހަންނާއި ދިމާލަށް އަންނާކަށް ސައިފްއަކަށް ފުރުސަތެއްނުލިބުނެވެ. ވަގުތުން ބޭރު ދޮރާއި ދިމާލަށް ހިނގައިގަތީ އިންޒާރުގެ ނަަޒަރަކުން އަހަރެންގެ މޫނަށް ބަލާލާފައެވެ. ސައިފް ނިކުމެގެންދިޔަތާ ކުޑައިރުކޮޅެއްގެ ތެރޭގައި އަހަރެންގެ ފޯނު ވައިބްރޭޓްވިއެވެ.

“ހޭނެކަމެއްނެތް އިނގޭ… މިރޭ އަދަބު އޮންނާނެ…” ރުޅިވެރި އިމޯޖީއަކާއިއެކު ސައިފް ފޮނުވާފައި އިން މެސެޖް ކިޔާލުމާއިއެކު އަަހަންނަށް ދުލުގެ ކޮޅުގައި ދައިގަނެވުނެވެ. ހިތުގެ ވިންދުތައް އަވަސްވެގެންދިޔައިރު ދެކޯތާފަތަށްވެސް ހޫނުވެލައިގެން ދިޔަކަހަލައެވެ.

އިރުއޮއްސިގެން އައިރު ކުރިއަށްވުރެ ބޮޑަށް ގޭތެރެ ހަލަބޮލިވެއްޖެއެވެ. ދެފަރާތުގެ އާއިލާ އެންމެންހެން ކައިވެނިކުރެވޭ ވަގުތަށް ތައްޔާރުވެގެން ގެއަށް އެއްވެގެން ތިބިއިރު އެންމެ ފަހަށް ހުރި ކުދި މަސައްކަތްތައް ނިންމުމުގައި ބޮޑެތި މީހުން އުޅެމުން ދިޔައެވެ. ކުދިވެރީންނާއި ޒުވާންކުދިންކޮޅު އެއްވެފައި އޮތީ އަހަރެންގެ ކޮޓަރިއަށެވެ.

ޑްރެސިން ޓޭބަލްކައިރީގައި އަހަރެން ރީތިވާން އިންއިރު ހަލަބޮލިވަމުން އައި ބޮޑުކޮޓަރީގެ އަޑުތައް ކޮޓަރިއާއި ހަމަޔަށްވެސް ފޯރާފައި އޮތެވެ. މޭކަޕްކޮށްދެން އައިސް ހުރި ކުއްޖާ އަހަރެންގެ މޫނުމަތީގައި ފިހިތައް ހިންގަމުންދިޔައިރު އަހަރެން އިނީ މައްޗަށް މޫނު އުފުލާލައިގެން ދެލޯ މަރާލައިގެންނެވެ. އެނދުމަތީގައި ކުޅެން އިން ޢީޝްގެ ކައިރީގައި ތިބެގެން މަނާލްމެން އަހަންނާއި ދިމާކުރަމުން ދިޔަޔަސް އަހަރެން އިނީ އަޑުނީވޭކަމަށް ހަދައިގެންނެވެ. އަހަރެން ރައްދެއް ދީފިނަމަ އެމީހުންގެ ފޯރި އިތުރަށް ގަދަވާނެކަން އަހަންނަށް އިނގެއެވެ. އަހަންނަކީވެސް ހަލަބޮލި މިޒާޖެއް ލިބިފައިވާ އަންހެންކުއްޖެއްކަމުން އެމީހުން އަހަރެން ކުރިމަތީގައި ކޮންމެ ފަދަ އެއްޗެއްވެސް ކިޔާކަށް ފަހެއްނުޖެހޭނެއެވެ.

“އަޝްވާ… އަޅެ އަހަރެން ހާދަ އުފާވެއްޖެއޭ… ނާފިޒްއާއި ކައިވެނިކުރިރޭވެސް އަހަރެން މިހާ އުފަލެއްނުވޭ ހުވާ…” މޭކަޕްކޮށްދޭން ހުރި ކުއްޖާ އޭނަގެ މަސައްކަތް ނިމިގެން އެއްފަރާތަކަށް ޖެހިލުމާއިއެކު ހިންދު ފަހަތުން އައިސް އަހަރެންގެ ގައިގައި ބައްދާލިއިރު އެލޮލުގައި އުފާވެރިކަމުގެ ކަރުނަވިއެވެ. ހެޔޮހިތަކުން ހިންދު އަހަރެންގެ ކޮންމެ އުފަލެއްގައި ބައިވެެރިވާން ހުންނަގޮތް ފެނުމުން އަހަރެންގެ ހަޔާތުގައި ހިންދުފަދަ އެކުވެރިއަކު ހުރީތީވެ އަހަންނަށް ހިތާއި ހިތުން ޝުކުރުވެރިވެވުނެވެ. ގޮނޑިން ތެދުވިގޮތަށް އަހަންނަށް ހިންދުގެ ގައިގައި ބައްދާލެވުނެވެ. އެވަގުތު އަހަރެންގެ ލޮލަށް ކަރުނައައީ އާޝާލްގެ މަތީން ހަނދާންވެފައެވެ. އަހަރެންގެ ހަޔާތަށް އަންނަ އެންމެ ހާއްސަ ރޭގައި އަހަންނާއި އެންމެ ގާތުގައި ޢާޝާލް ހުންނާނެކަމަށް އަހަރެން އަބަދުވެސް އުންމީދުކުރީމެވެ.

“ނުރޮއްްޗޭ… ޕްލީޒް…” އެވަގުތު ހިންދު އަހަރެންގެ އަތުގައި ހިފާ ފިއްތާލަމުން އެހެންމީހުންނަށް ނޭނގޭނެހެން އަހަރެންގެ ލޮލުން އައިސްފައިވާ ކަރުނަތައް ފުހެލަދިނެވެ. ހިންދުގެ ބަސްތައް ގަބޫލުކޮށްގެން ގަދަކަމުން ނަމަވެސް އަހަރެން ހިނިތުންވެލީމެވެ. އެތައް ދުވަހެއްފަހުން އެންމެންގެ ހަޔާތަށް އައިސްފައި މިވާ މި އުފާވެރި ރޭ އަހަރެންގެ ކަރުނަތަކުން ހަރާބުވެގެންދާކަށް އަހަރެންވެސް ބޭނުމެއްނޫނެވެ. އަހަންނެކޭ އެއްފަދައިން މިފަދަ ދުވަހެއްގައި މަންމައާއި ބައްޕަ އަދި އާއިލާގެ އެހެންމީހުންވެސް ކޮއްކޮ މަތީން ނުހަނު ބޮޑަށް ހަނދާންވާނެކަން އަހަންނަށް އިނގެއެވެ. އެކަމަކު އެކަން ދެއްކުމެއްނެތި އަހަންނަށްޓަކައި ހިނިތުންވެލައިގެން އެންމެން ތިބިއިރު އެމީހުން އަހަންނަށްޓަކައި ކުރަމުން އެދާ ހިތްވަރު ފެނަށް ދުއްވާލާކަށް އަހަރެން ބޭނުމެއްނޫނެވެ.

“ތުއްތާ… ކޮންމެވެސް މީހަކު ވަރަށް އެބަ ތުއްތައަށް މެސެޖްކުރޭ…” އެވަގުތު ފަނަރަ އަހަރުގެ މައިރާ އަހަރެންގެ ފޯނު ހިފައިގެން އައުމުން އަހަރެން ހިންދުއާއި ދުރުވެލިގޮތަށް މައިރާއާއި ގާތަށް ދިޔައީމެވެ. މައިރާގެ އަތުން ފޯނު ނަގާ ބަލާލުމާއިއެކު އަހަންނަށް ދެފަރާތަށް ބޯހޫރާލެވުނެވެ. ވަގުތުން އަހަންނަށް ދޮރާއި ދިމާލަށް ދެވުނީ އަހަރެން ނުފެންނަނީސް ސައިފް މައިތިރިނުވާނެކަން އިނގޭތީއެވެ.

“އޭނ… ސައިފްއާއި ދެމީހުން ސިއްރުން ގަނޑި ކިޔައިގެން ދާނެކަމެއްނެތް… ސައިފް ކައިރީ ބުނޭ އަދި ކުޑައިރުކޮޅެއްވާންދެން ކެތްކޮށްލެވޭތޯ ބަލާށޭ…” އަހަރެން ދޮރާއި ދިމާލަށް ދާތަން ފެނުމާއިއެކު އެންމެ ލާނެތްކޮށް އުޅޭ މަނާލް އެނދުން ފުންމާލައިގެން އައިގޮތަށް އަހަރެން ހުއްޓުވަން މަސައްކަތްކުރިއެވެ.

“އަހަރެން ނުގޮސްފިއްޔާ ސައިފް މިކޮޓަރިއަށް އަންނާނެ އިނގޭ… އެހެންނޫނަސް މަން ބުނީ ވެޑިން ޑްރެސްގައި ސައިފްއަށް ނުފެންނާށޭއެއްނު… އަދި މިހިރީ ތައްޔާރުވެސްނުވެ…” އޭރުވެސް އަހަރެން ހުރީ ފެންވަރައިގެން ނިކުމެ މޭކަޕްކުރަންވެގެން ލީ ފަސޭހަ ދޫ ޓީޝާޓާއި ހަރުވާޅުގައެވެ. ހަރުގައި ކައިވެނި ހެދުން އަޅުވާލާފައި އިންއިރު ގަހަނާތައް ހުރީ ފޮށިން ނެގިގޮތަށް ޑްރެސިން ޓޭބަލްމަތީގައެވެ.

“އަވަހަށް އަންނާތި އިނގޭ… ގާޒީން އައުމުގެ ކުރީން ތިރިއަށްދާންވާނެ…” ހިންދު އައިސް އަަހަރެންގެ އަތުގައި ހިފަހައްޓާލަމުން އެދުނެވެ.

“ހޫމް… ލަހެއްނުވާނަން… ހިންދު އަހަރެން އަންނަންވާއިރަށް މި ބޭކާރު އެންމެންތައް ކޮޓަރިން ނެރެލާތި…” ހިންދުއަށް މުހާތަބުކޮށް އަހަރެން ބާރަށް އެހެން ބުނެލީ މަނާލްމެންނަށް އިއްވާލަންވެގެންނެވެ. އެއާއިއެކު އަހަރެން ދޮރުން ނިކުންނަން ދިޔައިރު މަނާލްމެން ކުދިކިޔަމުންދިޔަ އަޑުއިވުނެވެ.

ހަލުވި ފިޔަވަޅުތަކެއްގައި އަހަރެން ސައިފް ހުރި ކޮޓަރިއާއި ދިމާލަށް ދިޔައިރު ނަސީބަކުން ކޯރިޑޯގައި އިތުރު މީހަކު ފެންނާކަށް ނެތެވެ. އޭރުވެސް ތިރީބައިގައި އާއިލާ އެންމެންގެ އަޑު ގުގުމާލައިފައި އޮތެވެ. އެއިން މީހެއްގެ ލޮލުގައި އަހަރެން އަޅައިގަނެދާނެއަތީ ކޯރިޑޯ ހުރަސްކޮށްފައި ދިޔައީ ހިމޭން އަވަސް ފިޔަވަޅުތަކެއްގައެވެ. އެއްވެސް މީހަކަށް ފާހަގަނުކުރެވޭނެހާ ހަލުވިކޮށް ސައިފް ހުރި ކޮޓަރިތެރެއަށް ވަދެގަތް ގޮތަށް އަހަރެން ދޮރުފަތް ލައްޕާލީމެވެ.

ދޮރުފަތް ޖެހިގެންދިޔަ އަޑު ކިތަންމެ މަޑުވިޔަސް އަލަމާރީގެ ލޯގަނޑު ކައިރީގައި ހުރެފައި ސައިފް ދޮރާއި ދިމާލަށް ބަލާލިއެވެ. ކަޅުކުލައިގެ ފަޓްލޫނާއި އަތްދިގު ހުދުކުލައިގެ ގަމީހެއްގައި ނުހަނު ރަސްްމީކޮށް ހުރިއިރު ސައިފްގެ ފިރިހެންވަންތަކަން ނުހަނު ބޮޑަށް ހާމަވެއެވެ. ފަންއިސްތަށިގަނޑު ޖެލްގެ އެހީގައި ނިއްކުރިމަތީން ހިއްލާލާފައިހުރިގޮތުން ތަފާތުކަމަށް ދައްކައެވެ. ނޭނގި ނަަމަވެސް އަހަންނަށް ހިތާހިތުން ސައިފްގެ ރީތިކަމަށް ތައުރީފުކޮށްލެވުނެވެ. އެވަގުތު ސައިފްވެސް އަަހަންނާއި ދިމާލަށް ބަލާލަމުން އެއްލޯ މަރާލިއެވެ.

“ސާބަހޭ ސައިފްއަށް… އަހަރެން ގެންނަންވެގެން ދައްކަން މި ނޫން ބަަހަނާއެއް ނުފެނުނީތަ؟” އެނދުމަތީގައި އޮތް ކަޅު ކުލައިގެ ހިމަ ޓައި ނަގައިގެން ސައިފްއާއި ގާތަށް ދަމުން އަހަރެން ކުދިކިޔައިގަތީމެވެ. ޓައި އަޅަން އެހީ ބޭނުންވާކަމުގެ ބަހަނާގައި ސައިފް އަހަރެން މިކޮޓަރިއަށް ގެނަޔަސް ސައިފް އަމިއްލައަށް ޓައި ހެޔޮވަރުކުރަން ނޭނގި ނުހުންނާނެކަން އަހަންނަށް އިނގެއެވެ. ޓައިއަކީ ސައިފްގެ ވަޒީފާގެ ރަސްމީ ހެދުން އެޅުމުގެ ބައެއްވެސްމެއެވެ.

“މީ ބަހަނާ ދައްކާފައި އަހަރެން އަޝްވާ ގެންނާނޭ ފަހު ފަހަރޭ… ޤާޒީ އަނބި ހިބަކޮށްދިނީމަ އަހަންނަކަށް ނުޖެހޭނެ އަޝްވާ ގެންނަން ދެން ބަހަނާ ހޯދާކަށް… އިނގޭދޯ… އަހަރެން ބޭނުންކަމެއްކުރުމުގެ ހުއްދަ މިރޭ ލިބޭނެކަން…” އަހަރެން ހިފަހައްޓައިގެން ހުރި ޓައީގެ އަނެއްކޮޅުގައި ހިފާދަމައިގަންނަމުން ސައިފް ބުނެލިއިރު އެލޮލުން ނުސިޔާނުކަން ފާޅުވިއެވެ. ސައިފްގެ ހިޔާލުތައް ހުރި މިސްރާބު ނަގައިގަނެވުމުންވެސް ލަދުންގޮސް އަހަރެންގެ މޫނު ރަތްވާވަރުވިއެވެ. ވަގުތުން ޓައީގެ އަނެއްކޮޅުން ދޫކޮށްލިގޮތަށް އަަހަންނަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ.

“އަން… މިހާރުއްސުރެ ވާންއުޅޭ ފިރިމީހާގެ ބަސްއަހަންވާނެ… ކައިވެނީގެ މަޖިލީހަށް ލަސްވާކަށް އަޝްވާވެސް ބޭނުމެއް ނުވެއެއްނު…” އަހަރެން ލަދުގަނެފައި ހުރިކަން އިނގިގެން އަަހަރެން އިތުރަށް ރަކިކޮށްލަން ސައިފް ބޭނުންވިކަހަލައެވެ. އަހަރެންގެ އަތުގެތެރެއަށް ޓައި ލައިދިން ގޮތަށް އަހަންނާއި ގާތަށް ޖެހެންފެށިއެވެ. އެވަގުތު ކޮޓަރީގެ ދޮރުހުޅުވިގެންދިޔަ އަޑަށް އަހަންނަށް ވަގުތުން ސައިފްއާއި ދުރަށްޖެހެވުނުގޮތެއްވެސް ނޭނގުނެވެ. ރަތްވަމުންދިޔަ ދޮން މޫނު ދޮރާއި ދިމާލަށް އަނބުރާލިއިރު ދޮރުމަތީގައި ސައިފްގެ މަންމަ ހެވިފައި ހުރިގޮތުންވެސް ސައިފްގެ މަންމައަށް ހުރިހާކަމެއް ފެނުނުކަން އަހަންނަށް އިނގުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Naira

Level 1

A keen reader of dhivehi stories. And reading lead me to write one. Author of Vakivee Loabin & Beeveema.

Other Articles

Previous

ލައިކާ

Next

ރާނީ 10

Next
July 20, 2023

ރާނީ 10

Previews
July 16, 2023

ލައިކާ

9 Comments!

  1. Naira says:
    July 20, 2023 at 8:39 pm

    Hii all. Finally it got uploaded. Hope you all will like this part too

  2. Ifoo says:
    July 20, 2023 at 10:34 pm

    Maasha allah… Vvv reethi Mi part.. Next part avahah upload kohdhehcey plxx

    1. Naira says:
      July 22, 2023 at 11:37 pm

      Thank you

  3. love imko 💖 says:
    July 21, 2023 at 7:43 am

    Masha Allah… Vvv reethi mi part.. next part avaha upload kohdhehcey plxx
    I love this story
    My sister also got married

    1. Naira says:
      July 22, 2023 at 11:37 pm

      Thank you

  4. Anonymous says:
    July 21, 2023 at 10:39 am

    Very nice story. Love this. Keep it up dear ❤️

    1. Naira says:
      July 22, 2023 at 11:38 pm

      Thank you. This means a lot to me

  5. Anonymous says:
    July 21, 2023 at 10:33 pm

    when is next part

    1. Naira says:
      July 22, 2023 at 11:39 pm

      Next part uploaded

Comments are closed.

Next Episodeވަކިވީ ލޯބިން – ފަހުބައި←


All Right Reserved!