4 އަހަރުފަސް….
ކަނޑުގެ ބާނީތައް ކަފަމުން ބާރު ދުވެއްޔެއްގައި ދުއްވާފައި އައި ލާންޗް ރަށުގެ ފަޅުތެރެއަށް ވަދެގެންދިޔުމާއިއެކު ލަސްލަހުން ތަގުޅިކޮށްލެވިފައިވާ ދެލޯ ހުޅުވާލަމުން ލާންޗްގެ ކުޑަދޮރުން ފެންނަމުން ރަށުގެ މަަލަމައްޗަށް އަހަރެން ނަޒަރު ހިންގާލީމެވެ. މި ވޭތުވެދިޔަ ހަތަރު އަހަރުއެކުވެގެން ރަށަށް އައިސްފައިވަނީ ނުހަނު ބޮޑު ބަަދަލުތަކެކެވެ. ކުރީން އަހަރެމެން ހިތްފަސޭހަކަން ލިބިގަންނަމުންދިޔަ ރަށުގެ ފެހިކަން ފަނޑުވެ ތަރައްޤީގެ ކުލަވަރު ބަލާލި ކޮންމެ ދިމާލަކުންވެސް ފެންނަމުންދިޔައެވެ. ކޮނޑު ގައި އޮތް އަތްދަބަސް ރަނގަޅުކޮށްލަމުން ރަށުގެ ފަސްގަނޑުގައި އަޅާލި ފުރަތަމަ ފިޔަވަޅާއިއެކުވެސް އަހަރެންގެ ހިތަށް ފިނިވެލައިގެން ދިޔައެވެ. ރަށަށް އައިސްފައިވާ ބަދަލުތަކާއި އެއްވަރަށް ހަތަރުއަހަރުތެރޭގައި އަހަރެންގެ ދިރިއުޅުންވެސް ބަދަލުވެފައިވީވަރު އިޙުސާސްކުރެވުނު ފަދައެވެ.
މީގެ ހަތަރުކުރީން އަހަރެންގެ ހަޔާތަށް އައި އެންމެ ހިތްދަތި ރެއަށްފަހު އަހަރެން ރަށުން ފުރައިގެންދިޔައީ އެއްވެސް މީހަކަށް އަންގާ ލުމެއްނެތިއެވެ. އޭގެ ދުވަސްކޮޅެއްކުރީން ބޭރުން އިތުރަށް ކިޔެވުމަށް އަހަންނަށް ލިބިފައިވީ ފުރުސަތުގެ ބޭނުން ހިފަން އަހަރެން ނިންމީ ކުއްލިގޮތަކަށެވެ. ކިޔެވުމަށް ސިކުނޑިދޫކޮށްލުމަށްވުރެ ބޮޑަށް އަހަރެން ހުރީ ރަށުގެ މާހައުލާއި ދުރަށް ގޮސް އެކަހެރިވެލަން ބޭނުންވެފައެވެ. ދިރިއުޅުމުގައި ކުރިމަތިލާންޖެހުނު އެތައްކަމަކަށްފަހު އަހަރެން ހުރީ ދިރިއުޅުގެ ބުރަކަމުން ދުރުހެލިވާނޭ ފުރުސަތެއް ނުލިބިފައެވެ. އަމުދުން އެންމެ ފަހުވަގުތު ސައިފްގެ ކުރިމަތީގައި ހުރިހާކަމެއްހެން ހާމަވެގެންދިޔުމުން އަހަރެންގެ ކެތްތެރިކަން ކޮޅުންލީ ކަހަލައެވެ. ހުރިހާކަމެއް އިނގޭހާލު ސައިފްގެ ކުރިމަތީގައި އުޅުމަކީ ފަސޭހަކަމަކަށް ނުވާނެ ކަން އަހަންނަށް އެނގުނެވެ. އަދި އެއީ ސައިފްއަށް ދެވޭނޭ ވޭނެއްކަން އަހަރެންގެ އަމިއްލަ ނަފްސުވެސް އަހަންނަށް ހަނދާން ކޮށްދިނެވެ. ދެހިޔާލެއްގައި ހުރެފައިވެސް އެންމެ ފަހުވަގުތު އަހަރެން އެ ނިންމުން ނިންމީ ސައިފްއަށްޓަކައެވެ. އިތުރުވޭނެއް އުފުލަން ސައިފްއަށް ޖައްސާނެހާ ހިތްވަރު އަހަރެންގެ ހަށިގަނޑުގައި ނެތުމުންނެވެ. އާޝާލްއާއި ސައިފްގެ ކައިވެނީގެ މާމުއި ހަނދުގެ ދުވަސްތައް ހޭދަކުރުމަށް ރިސޯޓްއަކަށް ފުރުމުގެ ތައްޔާރީތަކުގައި އެންމެން އަވަދިނެތިގެން އުޅުނު ދުވަސްވަރުގެ ފައިދާ ނަގާ އަހަރެން އެންމެންގެ ލޯމަތީން އުމުރަށް ގެއްލުނީއެވެ.
ދަބަހުގައި އޮތް ފޯނު ނަގަމުން އަަހަރެން ވަށައިގެން ނަޒަރު ހިންގާލީމެވެ. ފޯނާއިއެކު ބޭނުންކުރަމުންދިޔަ ނަންބަރުވެސް ބަދަލުކޮށް ފައިވުމުން ރަށަށް އައިސްފައިވެސް އަހަންނަށް ގުޅާނެ މީހަކުވެސް ނޭނގުނެވެ. މިވޭތުވެގެންދިޔަ ހަތަރު އަހަރުގެ ތެރޭގައި އަހަރެން އެއްވެސް މީހަކާއިމެދު އޮތް ގުޅުން ދަމަހައްޓާކަށް މަސައްކަތެއްނުކުރަމެވެ. ހިތާއިދެކޮޅަށް މަންމަމެންނާއި ވެސް ގުޅުން ކަނޑާލީ އެއްވެސް ގޮތަކުން ސައިފްގެ ވާހަކައެއް މިކަންފަތާއި ހަމަޔަށް ފޯރިޔަދޭން ބޭނުންނުވީތީއެވެ. ހަމަ އެހެންމެ ސައިފްގެ މަތީން ހަނދާން ނައްތާލުމަށްފަހު ކިޔަވުން ފުރިހަމަކޮށްގެން ކޮންމެވެސްދުވަހަކުން މަންމަމެން ގާތަށް އައުމުގެ އަޒުމުގައެވެ. އެންމެންނާއި ދުރުގައި ވިޔަސް އަހަރެން ކުރާ ކޮންމެ ދުއާއެއްގައި މަންމަމެންނާއި އާޝާލް ބައިވެރި ކުރީމެވެ. މަންމަމެން ހެޔޮހާލުގައި ލައްވާ އާޝާލްއަށް އުފާވެރި ޒަވާޖީ ހަޔާތެއް މިންވަރުކުރައްވާ ސައިފްއަށް އުފާވެރިކަން ދެއްވުމަކީ އަހަރެންގެ އަބަދުގެވެސް ދުޢާއެވެ.
އެއްއަތުން ދަބަސް ހިފަހައްޓާލައިގެން އަނެއް އަތުން ފޮށިދަމަމުން އައިސް ކާރަށް އެެރިއިރު ބަނދަރުމަތީ އުޅެމުންދިޔަ މީހުންގެ ނަޒަރުތައް އަހަންނަށް ހުއްޓިފައިހުއްޓެވެ. ރަށުގެ ދުވަސްވީމީހުން ވަކިކުރަން އިނގުނަސް އެހާ ދުވަސްފަހުން ރަށަށް އާދެވުމުން އަލަށް ރަށުގެ އާބާދީއަށް އިތުރުވެފައިވާ ޅަފުރާގެ ކުދީންކޮޅު ވަކިކުރާކަށް ނޭނގުނެވެ. ނުވީތާކަށް ކާރަށް އެރިއިރު ކާރުގައި އިނީވެސް އަހަންނަށް ބީރައްޓެސެކެވެ. އެކަމުން ހީކުރިގޮތާއި ހިލާފަށް އަހަންނަށް ހިތްހަމަޖެހުމެއްލިބުނެވެ. މިވަގުތު އަހަރެން ހުރީ ދަންނަ އެއްވެސް މީހަކާއި ކުރިމަތިލާން ބޭނުންވާފަދަ ހާލަތެއްގައެއް ނޫނެވެ.
ރަށުގެ ހިރަފުސް ބޯވެފައިވާ މަގުތަކުގައި ދުއްވާފައި އައި ކާރުގެ ދުވެލި މަޑުވަމުންގޮސް “އޮއޭސިސްގެ” ކުރިމައްޗަށް ހުއްޓިގެން ދިޔުމާއިއެކު ދޮރާއްޓާއި ގާތަށް އިން ކާރުގެ ދޮރުފަތް ހުޅުވާލަމުން އަހަރެން ކާރުން ފޭބީމެވެ. އޭރު ޑްރައިވަރު ކާރުން ފައިބައިގެން އަހަރެން ދަބަހާއި ފޮށި ކާރުން ބާލައިދީފިއެވެ. ފޮށީގެ އަތްގަނޑު ދިގުކޮށްލަމުން އަހަރެންގެ ހިންދެމިލުމާއިއެކު ފުރަތަމަވެސް ނަޒަރު ދަތުރުކުރީ ސައިފްމެންގެ ގެއާއިދިމާލަށެވެ. އަަހަންނަށް ހުރެވުނު ދިމާލުން ދެގެ ވަކިކޮށްފައިވާ ފާރު ނުހަނު ރީތިކޮށްފެނެއެވެ. ކުރީން ތެޅިގަލުން ރާނާފައި ހުރި ތިރި ފާރު އެޅިގަލުން އުސްކޮށްފައި ހުރީ ދެގޭގެ އެތެރެ ނުފެންނަ ވަރަށެވެ. އަހަރެންގެ ލޯތެމޭގޮތްވިއެވެ. އަހަންނާއި ސައިފްގެ ލޯބީގެ ހަނދާނުން އެއްރަމްޒު ފޮހެވިގެން ދިޔައީއެވެ. އެ ފާރުގެމަތީގައި ތިބެގެން އަހަންނާއި ސައިފް ހާދަ އުފާވެރި ހަނދާންތަކެއް ރައްކާކުރީމެވެ. މިއަދު އެ ހުރިހާކަމެއް މާޒީގެ ތެރޭގައި ފޮރުވިގެންދިޔައީއެވެ.
ލޮލަށް ގިނަވެދާނެހެން ހީވި ކަރުނަތައް ހިންދާލަމުން އަހަރެންގެ ގޭގެ ދޮރާއްޓާއި ކުރިމަތީލީމެވެ. އެއާއިއެކު ދާދި ދެންމެއަކާއި ޖެހެން ދެން އަހަރެންގެ މޫނުމަތީގައިވީ ކުލަވަރު ބަދަލުވެގެންދިޔަކަހަލައެވެ. ވަގުތުން ދޮރާށީގެ އަތްގަނޑުގައި ހިފާ އެތެރެއަށްވާހެން ކޮއްފާ ލެވުނެވެ. އަތުގައިހުރި ބަރު ފޮށިތަކާއިއެކު ގޭގެ ގޯތިތެރެއަށްވަދެގެންދިޔަ ވަރަކަށް އަހަރެންގެ ހައިރާންކަން އިތުރުވަމުންދިޔައެވެ. ގޯތިތެރޭގެ އެކި ދިމާލުގައި ވިނަގަސްތައް ބޯވެފައިވީއިރު ގޭގެ ފަސްގަނޑު ފޮރުވިފައިވީ މުރަނަވެފައިވާ ހިކި ފަތްތަކުންނެވެ. މަންމަ އެންމެ ލޯބިން ގެންގުޅޭ މާގަސްތައްވެސް މޯޅިވެފައިވާއިރު މުޅި ގޯތިތެރެ ފަޅުތަނެއްފަދައެވެ. އަަހަރެން ހައިރާންވިއެވެ. މަންމަގެ ސާފުތާހިރުކަމާއި ގަސްތަކަށް ފަރުވާތެރިކަން ބަހައްޓާވަރު އަހަންނަށް އިނގެއެވެ. ކޮންމެ ދުވަހަކު ދެއިރަށް ގޭދޮށް ކުނިކަހާ ސާފު ކުރާވަރުން އަހަންނާއި އާޝާލްވެސް މަންމައާއި ދިމާކޮށް އުޅެމެވެ. ވުމާއިއެކު ލޮލަށް ފެންނަ މުންދިޔަ މަންޒަރުގެ ތެދުކަމާއިމެދުވެސް އަހަންނަށް ޝައްކުއުފެދުނެވެ.
“މަންމާ…” ހިތަށްވެރިވަމުންދިޔަ ނުބައި ވަސްވާސްތަކުން ސަލާމާތްވާން ބޭނުންވެފައި ހުރިވަރުން ބާރުބާރަށް މަންމައަށް ގޮވާލަމުން އަހަރެން ސިޓިންރޫމްތެރެއިން ވަދެގެންދިޔައީމެވެ. އެވަގުތު ކާކޮޓަރިއާއި ދިމާލުން ތަށިތައް ހަލުވާ އަޑުއިވުުމުން އަހަރެންގެ ފިޔަވަޅުތައް ބެހެއްޓުނީ އެދިމާލަށެވެ. އަަވަސްފިޔަވަޅުތަކެއްގައި އަހަރެން ގޮސް ކާކޮޓަރިއާއި އަރާހަމާވުމާއިއެކު ސިންކު ކައިރީ ހުރި މީހަކުވެސް އަހަރެންގެ ހިލަންވެގެން ފަސްއެނބުރި ބަލާލީއެވެ.
“އަޝްވާ…” ދޮރުމަތީން އަހަރެން ފެނުމާއިއެކު ސައިފްގެ މަންމަގެ މޫނުމަތީން ފެނިގެންދިޔައީ ހައިރާންކަމެވެ. ދޮންނަން ހުރި ތަށި ބަރި ސިންކު ކަބަޑްމަތީ ބެހެއްޓިގޮތަށް އަހަންނާއިދިމާލަށް އައި ޔަޤީންނުވެގެން ކަހަލަގޮތަކަށެވެ.
“ސައިއްތާ.. ކޮބާ މަންމަމެން… އާޝާލްވެސް ނޫޅެނީތަ؟” ގޭތެރޭގައިވީ ފަޅުކަމަށް އާވެފައިހުރުމުން އަހަރެންނަށް ވަގުތުން ސުވާލު ކުރެވުނެވެ. މިހާދުވަސްފަހުން ރަށަށް އާދެވުމުން އަހަރެން ހީކުރީ ގޭތެރެއިން އާޝާލްގެ ކުދިވެރިންގެ އަޑުވެސް އިވޭނެކަމަށެވެ. ނުވީތާކަށް ގޭތެރެއިން މަންމަމެން ނުފެނުމުންވެސް ވިސްނާނޭގޮތެއް އަހަަންނަކަށް ނޭނގުނެވެ. އަހަރެންގެ ސުވާލުތަކާއިއެކު ސައިއްތަގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައިކަން އަހަންނަށް ފާހަގަކުރެވުނެވެ. ހުރި ފިޔަވަޅުމަތީގައިހުރެފައި އަހަންނާ އި ދިމާލަށް ބަލާލިއިރު ސައިއްތަގެ ދެލޯ ފެންކަޅިވަމުންދިޔައެވެ.
“އަޝްވާ ނުވެސް ދެނެހުރިންތަ؟” ލޮލަށް ގިނަވަމުން އައި ކަރުނަތައް ފުހެލަމުން ސައިއްތަ ވާހަކަދެއްކިއިރު އެއަޑު ކުރެހިގެން ދިޔައެވެ.
“ސައިއްތާ.. ކޮންމެކަމެއްތަ؟ ބުނެބަލަ… އަނެއްކާ އަހަރެންގެ މަންމަމެންނަށް ކަމެއްވީތަ؟” އަހަންނަށް އޭރު ހުރެވުނީ ސައިއްތަގެ ކޮނޑުގައި ހިފަހައްޓާލައިގެންނެވެ. ކޮންމެ ބަހަކާއިއެކު އަހަރެންގެ އަޑު ބާރުވަމުން އައިރު ދެލޮލުގައިވީ ކަރުނައެވެ.
“ދޭ ކޮޓަރީގައި ދަބަސްތައް ބަހައްޓާފައި ސައިއްތައާއިއެކު ދާން ތައްޔާރުވެލައިގެން އަންނަން…” ސައިއްތަ އަހަރެން ދެކޮނޑުގައި ފިރުމާލަމުން ބުނެލިއިރު އެއަޑުގައި މަޑުމައިތިރިކަން އެކުލެވިގެންވިއެވެ. ސައިއްތަގެ އަޑުގައިވީ އަސަރަކުން އިތުރަށް ސުވާލުކުރާކަށް އަހަންނަކަށް ނުކެރުނެވެ. މަންމަގެ ބަސްޤަބޫލުކުރި ކުޑަކުއްޖެއްފަދައިން ދެއަތުން ދަބަސްތައް އުފުލާލައިގެން އަަހަރެން ސިޑިއާއި ދިމާލަށް ފިޔަވަޅުތައް ބެހެއްޓީމެވެ.
މަތީބަޔަށް ދެވެން އިންނަ ސިޑިބަރީން އަރައިގެންގޮސް އަހަރެންގެ ކޮޓަރިއާއި އަރާހަމާވުމާއިއެކު ބޭއިޙްތިޔާރުގައިވެސް އަަހަންނަށް އާޝާލްގެ ކޮޓަރިއާއި ދިމާލަށް ނަޒަރެއްދެވުނެވެ. އަހަރެން ފުރައިގެންދިޔައިރު އާޝާލްގެ ދެމަފިރިން މިގޭގައި އުޅުނަސް ފަހުން ސައިފްމެންގެ ގެއަށް ބަދަލުވީކަންނޭނގެއެވެ. މިހާރު ސައިފްވެސް ހުންނާނީ ލޯބި ލޯބި ތުއްތުކުއްޖެއްގެ ބައްޕައަަކަށްވެފައި ކަންނޭނގެ އެވެ. އެހިޔާލުން އެކަނިވެސް އަހަރެންގެ މެޔަށް ބާރުވެލައިގެންދިޔަކަހަލައެވެ.
އަމިއްލަ ނަފްސު ހަމަޔަކަށް އަޅުވާލަމުން އަހަރެން ކޮޓަރީގެ ތަޅުގައި ހިފާ ހުޅުވާލީމެވެ. އަތުގައި ހުރި ފޮއްޓާއި ދަބަސް އެއްފަރާތެއް ގައި ބަހަައްޓަމުން އަހަންނަށް ވަށައިގެން ކޮޓަރިތެރެއަށް ނަޒަރު ހިންގާލެވުނެވެ. ހަތަރު އަހަރު ތެރޭގައިވެސް އެ ކޮޓަރިތެރެއަށް އެއްވެސް ބަދަލެއް އައިސްފައެއްނުވެއެވެ. އެ ކޮޓަރީގައި ވީ ކޮންމެ އެއްޗަކުންވެސް އަހަންނަށް މާޒީ ހަނދާން ކޮށްދޭފަދައެވެ. އަހަރެން ސައިފްދެކެ ވީ ލޯތްބާއި އެ ލޯބި އާޝާލްއަށްޓަކައި ޤުރުބާންކުރަން ޖެހުމުން އޮހޮރި ކަރުނަަތަކަށް މިކޮޓަރީގައިވީ ކޮންމެ އެއްޗެއްހެން ހެކިވާނެއެވެ.
“އަޝްވާ…” ތިރީގައި ހުރެފައި ސައިއްތަ ގޮވާލި އަޑުއިވުމާއިއެކު އަހަރެން ގެނބެމުންދިޔަ ހިޔާލުގެ ދުނިޔެއިން ބޭރުވެވުނު ފަދައެވެ. ލޮލުން އައިސްފައިވާ ކަރުނަތައް ފުހެލިގޮތަށް ކޮނޑުގައި އޮތް އަތްދަބަސް ރަނގަޅުކޮށްލަމުން ކޮޓަރިން ނިކުމެގެން އައީމެވެ. އޭރު ސައިއްތަ ހުރީ ސިޑިކައިރީގައި މަޑުކޮށްލައިގެންނެވެ. އަހަރެން ފެނުމާއިއެކު އެއްޗެކޭ ބުނުމެއްނެތި ގޭގެ މައިދޮރާއި ދިމާލަށް ސައިއްތަ ހިނގައިގަތެވެ.
އިރުމެދުޖެހެމުން އައި ވަގުތުކަމުން މަގުތައްވަނީ ގަދައަވީން ދިއްލާލާފައެވެ. އިރުވައިމޫސުމުގެ ދުވަހެއްކަމުން ދުނިޔެމަތީގައި ވައިރޯޅި އެއްގެ އަސަރުވެސްނެތި ފަޒާގައިވީ ދިލަހޫނުކަމެކެވެ. ރަށުގެ ބައެއް މަގުތަކުގައިވީ ބިޔަ ގަސްތައް ކެނޑުމަށްފަހު ތާރުއަޅާފައިއޮތުމުން މަގުތައް ވަކީން ހޫނުކަމަށްދައްކައެވެ. ރަށުގެ ބޮޑުމަގުން ހިނގަމުންދިޔައިރު ދެފަރާތުން ފެންނަމުންދިޔަ އުސްއިމާރާތްތަކާއި ތަރައްޤީގެ ކުލަތަކަަށް ނަޒަރު ދެވޭވަރަށްވުރެ ބޮޑަށް އަހަރެންގެ ހިތް ތެޅެމުންދިޔައެވެ. ދޭތެރެއަކުން އަހަރެންގެ ކުރީގައި ހުރެގެން ހިނގަމުންދިޔަ ސައިއްތަގެ މޫނަށް ބަލާލެވެނީ އެތައް ސުވާލެއް ދޫމައްޗަށް ގެންނަން ބޭނުން ވެފައިހުރެެއެވެ. ނަމަވެސް މިއީ ސައިއްތަގެ ފަރާތުން ކަންތައް އޮޅުންފިލުވަން އެންމެ ރަނގަޅު މާހައުލު ނޫންކަަމަށްވާތީވެ އަހަރެން ކެތްކޮށްލައިގެން ހުރީއެވެ.
ވަކިހިސާބަކުން ސައިއްތަގެ ފިޔަވަޅުތައް ހުއްޓިގެންދިޔުމާއިއެކު އަހަރެންނަށް އިސްއުފުލާ ކުރިމަތީން ފެންނަމުންދިޔަ އިމާރާތާއި ދިމާލަށް ބަލާލެވުނެވެ. ކުރިއާއި ހިލާފަށް ތިންފަންގިފިލާއަށް އިމާރާތް މައްޗަށް ނަގާފައިހުރިގޮތުން އެއީ އަހަރެން އެތައް ދުވަހެއް ވާންދެން މަސައްކަތްކުރި އަތޮޅު ހޮސްޕިޓަލްކަންވެސް އަހަންނަށް އިނގުނީ ހޮސްޕިޓަލްގެ ނަންބޯޑު ލޮލުގައި އަޅައިގަތުމުންނެވެ. އެއާއިއެކު އަހަރެންގެ ހަށިގަނޑަށް ފިނިވެލައިގެންދިޔައިރު ސައިއްތަގެ މޫނަށް ބަލާލެވުނީ ސުވާލުގެ ނަޒަރަކުންނެވެ.
“އާދޭ ސައިއްތައާއިއެކު….” އަހަރެން ފިނިވެފައިހުއްޓާ ސައިއްތަ އަހަރެންގެ އަތުގައި ހިފިގޮތަށް ހޮސްޕިޓަލްގެ ތެރެއަށް ވަދެގެން ދިޔައެވެ. ހޮސްޕިޓަލްގެ ބޮޑު ރިސެޕްޝަން ހުރަސްކޮށް މަތީ ފަންގިފިލާތަކަށް ދެވެން އިން ލިފްޓުތަކާއި ދިމާލަށް ދިޔައިރު ތިރީގައި ތިބި އެތައްބައެއްގެ ނަޒަރު އަހަރެންގެ މޫނަށް ހުއްޓިފައިވިއެވެ. އެހެންނުވާންވީ ސަބަބެއް ނެތެވެ. ގިނަ ދުވަސްތަކެއްވާންދެން މި ހޮސްޕިޓަލްގައި މަސައްކަތްކޮށްފައިވުމުން އަހަންނަކީ ހޮސްޕިޓަލްގައި މަސައްކަތްކުރާ އެންމެންހެންވެސް ދެކެ ފަރިތަ މޫނެކެވެ. އަހަންނަށް ނޭނގުނީ އެހެން ފަހަރުތަކާއި ހިލާފަށް އެއިން ކޮންމެ މީހެއްގެ ނަޒަރުގައި އަަހަންނަށްޓަކައި ހަމްދަރުދީގެ އަަސަރުތައް އެކުލެވިގެންވީ ސަބަބެކެވެ.
ތިންވަނަ ފަންގިފިލާއަށް ލިފްޓު ހުޅުވިގެންދިޔުމާއިއެކު އަހަރެން ކުރިއަށްދިޔައީ ސައިއްތަގެ ފަހަތުގައި ހުރެގެންނެވެ. ލަސް ފިޔަވަޅު ތަކެއްގައި އައިސް އައިސީޔޫއާއި އަރާހަމާވަމުންދިޔަވަަރަކަށް އަހަރެންގެ އަތްފައި ފިނިވެ ހިތުގެ ތެޅުން ބާރުވަމުން ދިޔަކަމުގެ އިޙުސާސެއްކުރެވެމުންދިޔައެވެ. މަޑުމަޑުން އައިސް އައިސީޔޫގެ ކުރިމަތީގައި އެހީތެރިން މަޑުކޮށްލައިގެން ތިބޭ ސަރަހައްދާއި އަރާހަމާ ވުމާއިއެކު އަހަރެން ފެންކަޅިވާންފެށިއެވެ. އެހާ ދުވަސްފަހުން އެންމެ ލޯބިވާ ދެމީހުން ހެޔޮހާލުގައި ތިބިތަން ފެނުމުން ހިތަށް ލިބުނީ ބުނެދޭންވެސް ނޭނގޭފަދަ ހިތްހަމަޖެހުމެކެވެ.
“ސުދާ…” ސައިއްތަ ގޮވާލުމާއިއެކު އެހީތެރިންގެ ގޮނޑިބަރީގައި މަޑުކޮށްލައިގެން ތިބި މަންމައާއި ބައްޕަ އަހަރެމެން ތިބި ދިމާލަށް ބަލާލިއެވެ. އެއާއިއެކު ބައްޕަގެ ލޯ ފެންކަޅިވެގެންދިޔަތަން އަހަންނަށް ފެނުނެވެ.
“ސައީދާ ކީއްކުރަން އަޝްވާ ގޮވައިގެން މިތަނަށް ތިއައީ…” މަންމަގެ ލޮލުން ކަރުނަ ފާޅުވިޔަސް ބޭރުފުށުން ދެއްކީ ހަރުކަށިކަމެވެ. ވަގުތުން އަަހަންނާއި ދުރަށް މޫނު އަނބުރާލިއިރު ބައްޕަ މަންމަގެ އަތުގައި ހިފާލިތަން އަހަންނަށް ފެނުނެވެ.
“ޕޭޝަންޓްގެ އެހީތެރިޔަކަށް މިވަގުތު އެތެރެއަށް ވަދެވިދާނެ…” އެވަގުތު އައިސީޔޫ ތެރެއިން ނަރުސްކުއްޖަކު ނިކުމެ މަންމަމެންނާއި ވާހަކަދެއްކި އަޑަށް އަހަންނަށް އަލުން ހުރެވުނު މާހައުލަށް އަލުން ސަމާލުކަންދެވެން ފެށުނެވެ. މަންމަމެން ހެޔޮ ހާލުގައި ތިބިތަން ފެނުމުން ހިތަށް ލިބުނު ހަމަޖެހުމެއްގެ ބޮޑުކަމުން މިހުރެވުނީ ހޮސްޕިޓަލެއްގައިކަންވެސް ހިނދުކޮޅަކަށް އަހަރެންގެ ހަނދާނުން ކައްސާލީއެވެ. ވަގުތުން އަހަރެންގެ ސުވާލުގެ ނަޒަރު މަންމަގެ މޫނަށް ދަތުރުކުރިއެވެ. އޭރު އެތެރެއަށް ވަންނަންވެގެން މަންމަ ގޮނޑިން ތެދުވީއެވެ. އެވަގުތު ބައްޕަ މަންމަގެ އަތުގައި ހިފަހައްޓާލަމުން ލޮލުން ސައިއްތައަށް އިޝާރާތްކޮށްލިއެވެ.
“އަޝްވާ… ދަރިފުޅު ދޭ ސައިއްތައާއިއެކު އެެތެރެއަށް…” ބައްޕަ ވާހަކަދައްކަމުން ދެލޮލުގައި އިނގިލި ޖައްސާލަމުން ކަރުނަތައް ހިންދާލިއިރު އެއަޑުގައި ހިތްދަތިކަންވިއެވެ.
އެއްފަހަރު ބައްޕަގެ މޫނަށް ބަލާލަމުން އަނެއް ފަހަރު މަންމަގެ މޫނަށް ބަލަމުން ބުދެއްހެން ގަނޑުވެފައިހުރެ އަހަރެން ސައިއްތަގެ ފަހަތުން ދިޔައީމެވެ. ބައްޕައާއި މަންމަގެ މޫނުމަތީން ފެންނަ ކުލަވަރުންވެސް އަހަންނަށް ހަށިގަނޑުގައި އިންޒާރުގެ ސިގްނަލްތައް ދުވެލިކަހަލައެވެ.
“އާޝާލް.. ސައިފް… ނޫން…” ދޫމައްޗަށް ގެނެވުނު ދެނަމާއިއެކީވެސް އަހަންނަށް ދެފަރާތަށް ބޯހޫރާލެވުނެވެ. އެކަކަކީ އަހަންނާއި އެއްރަހިމަކުން އުފަންވެ ހަޔާތުގައި ކޮންމެ ދައުރެއްގައި އަހަންނާއިއެކު ހިއްސާކުރި އަހަރެންގެ ހަށިގަނޑުގެ އެއްބައިކަމުގައިވާ އަހަރެންގެ ލޯބިވާ ކޮއްކޮއެވެ. އަނެކަކަކީ ފުރާވަރު އުމުރުއްސުރެ އަހަރެން އެމީހެއްދެކެ ލޯބިވަމުން އައި އަހަރެން އަލަތު ލޯބިވެރިޔާ އެވެ. އަދި މަޖުބޫރުން ވަކިވާން ޖެހުނަސް މިއަދުވެސް އަހަރެންގެ ހިތުގައި ފެވިފައިވަނީ އެނަމެވެ. އެދެމީހުންހުރެ ކުރި އެކަކަށް ކަމެއްވިޔަސް އަހަރެން މޮޔަވެދާނެއެވެ. ހިޔާލުތަކުގައި ހުރެ އައިސީޔޫ ތެރެއަށް އަހަރެން ވަދެގެންދިޔައިރު ސައިއްތަ ދުރުގައި މަޑުކޮށް ލައިގެން ހުރި ތަން ފެނުނެވެ.
ނަރުސްކުދިން ދައްކަމުންދިޔަ މަގުންލާފައި ގޮސް ބަލިމީހުން ތިބޭ އެނދުތަކާއި އަރާހަމަވުމާއިއެކު އަހަރެންގެ ފައިން ވާގިދޫވެގެން ދިޔަކަަހަލައެވެ. ހަށިގަނޑުގެ ބާރުވެރިކަން ދޫވެގެންދިޔަވަގުތު ފަހަތުން މީހަކު އައިސް ހިފަހައްޓާލިކަމުގެ އިޙުސާސް ކުރެވުނެވެ. އެ ނަރުސްކުއްޖާގެ އަތުގައި ހިފާ ބާރުކޮށްލައިގެން ހުރެ ކޮންމެ ފިޔަވަޅެއް ނެގުނީ ނުހަނު އުނދަގޫކަމާއިއެކުގައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.

Hii all, hope you will like this part too
V reethi mibaives
Thank you
Vv reethi.. Aneh part kiyaalan libeynee Knirakun tha dhn
Thank you.. Insha Allah will submit next part tonight
when is next part
Insha Allah soon.