Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވަކިވީ ލޯބިން 5

Naira Level 1
June 27, 2023 9 Mins Read
6 Comments

 

ނަރުސްކުދިން ދައްކަމުންދިޔަ މަގުން ލާފައި ގޮސް ބަލިމީހުން ތިބޭ އެނދުތަކާއި އަރާހަމަވުމާއިއެކު އަހަރެންގެ ފައިން ވާގި ދޫވެގެންދިޔަކަަހަލައެވެ. ހަށިގަނޑުގެ ބާރުވެރިކަން ދޫވެގެންދިޔަވަގުތު ފަހަތުން މީހަކު އައިސް ހިފަހައްޓާލިކަމުގެ އިޙުސާސް ކުރެވުނެވެ. އެ ނަރުސްކުއްޖާގެ އަތުގައި ހިފާ ބާރުކޮށްލައިގެން ހުރެ ކޮންމެ ފިޔަވަޅެއް ނެގުނީ ނުހަނު އުނދަގޫކަމާއިއެކުގައެވެ.

ކިތަންމެ ޤަބޫލުކުރަން އުނދަގޫވިޔަސް އައިސީޔޫގެ ބަލި އެނދުގައި އެތައް ހޮޅިތަކަކާއި ގުޅާލެވިފައި އޮތް މީހަކީ އަހަރެންގެ ލޯބިވާ ކޮއްްކޮ ނޫން ދެވަނަ މީހެއްނޫނެވެ. އާޝާލްގެ ހިތުގެ ހަރަކާތްތައް މެޝިނުން މޮނީޓަރކުރަމުންދިޔައިރު ނޭވާލަމުންދިޔައީ އޮކްސިޖަން މާސްކްއެއްގެ އެހީގައެވެ. ހެދިހުރި އެރީތި ހަށިގަނޑު މުޅިންހެން ހީނަރުވެފައިވީއިރު މެރިފައިވީ ދެލޮލުގެ ކައިރީގައި ކަޅުދާއިރާއެއް ހެދިފައިވެއެވެ. މޫނުމަތި އަަނަރޫފުވެ ތުންފަތް ހިކިފައިވީގޮތުން ގިނަދުވަސްތަކެއް ބަލި އެނދުގައި ހޭދަކޮށްފައިވާފަދައެވެ.

“ޢާޝާލް…” އަހަރެން ކިތަންމެ ހިތްވަރުކޮށްގެން ހުއްޓަސް އަޑުވީއްލާ ރޮވުނެވެ. އެއަޑު އިވިގެން ނޫންކަމެއްވެސް ނޭނގެއެވެ. މެރިފައިވާ އެސްފިޔަތައް ކުޑަކޮށް ތަޅުވާލަމުން ޢާޝާލް ވަރުބަލިގޮތަކަށް ދެލޯ ހުޅުވާލިއެވެ. އެއާއިއެކު އަނގަހަރަކާތްކޮށްލިޔަސް އޮކްސިިޖަން މާސްކް އަޅާފައި އޮތުމުން ބުނި އެއްޗެއް ސާފެއްނުވިއެވެ. ބޮޑަށް ހީވީ އަހަރެންގެ ނަމުން ގޮވާލިހެންނެވެ. އަހަރެން ލަސްފިޔަވަޅުތަކެއްގައި އާޝާލްއާއި ގާތްވެލަމުން ވާހަކަދެއްކޭނެހެން އޮކްސިޖަން މާސްކް ތިރިކޮށްލަދިނީމެވެ. އެވަގުތު އާޝާލް އަހަރެންގެ އަތުގައި ވަރަށް ބާރަށް ހިފަހައްޓާލިއެވެ.

“އަޝްވާ… އަހަރެން ހާދަ އުންމީދެއްކުރީމޭ އަޝްވާ އަންނާނެކަމަށް…. ދެން އަހަރެމެން ދޫކޮށްފައި ނުދައްޗޭ…” ސީދާ އަހަރެންގެ މޫނަށް ނަޒަރު ހުއްޓާލައިގެން އޮވެ އުނދަގޫކަމާއިއެކު އާޝާލް ވާހަކަދެއްކިއިރު ލޮލުގެ ހިމަކޮޅުންލާފައި އައި ކަރުނަތައް ބާލީހާއި ދިމާލަށް ހިނދެމުންދިޔައެވެ. އޭރުވެސް އާޝާލް އަހަރެންގެ އަތުގައި ހިފަހައްޓާލައިގެން އޮތީ އަހަރެންގެ ފަރާތުން ޔަޤީންކަމެއް ނުލިބެނީސް ދޫނުކޮށްލަން ފަދައެވެ.

“އަހަރެން ނުދާނަމޭ… ދެން އިހަށް ވާހަކަ ނުދައްކާ އަރާމުކޮށްލާ…” ފެންކަޅިވަމުންދިޔަސް ނުރޯން ހިތްވަރުކުރަމުން އަހަރެން އާޝާލްގެ ބޮލުގައި ފިރުމާލަމުން އޮކްސިޖަން މާސްކް ރަނގަޅުކޮށްދޭން ފެށީމެވެ.

“ނޫން… އަަހަރެން ބޭނުން ބައިވަރު ވާހަކަ ބުނަން… މިހާރު ނުބުނިއްޔާ ފަހުން ނުބުނެވިދާނެ…” އަހަރެން ކުރަމުންދިޔަ ކަންތަކަށް ހުރަސްއަޅަމުން އާޝާލް އަަހަރެންގެ އަތުގައި ހިފަހައްޓާލިއިރު އެލޮލުން ފެނުނީ އާދޭހެވެ. ދިރުންނެތިފައިވާ ކޮއްކޮގެ ލޮލާއި ނަޒަރު ހަަމަވެގެންދިޔުމާއިއެކު އަހަރެންގެ ކެތްތެރިކަންވެސް ކޮޅުންލައިގެންދިޔަފަދައެވެ. ވަގުތުން އަހަރެންގެ ބަޑި ފަޅައިގެންދިޔައިރު އާޝާލްގެ ގައިގައި ބައްދައިގަނެވުނެވެ. އޭރު އާޝާލްވެސް ރޮނީއެވެ.

“އަޝްވާ… އަހަންނަށް މައާފުކުރޭ… އަހަންނަށް މަައާފުކުރޭ… އަހަންނަށް އިނގޭ އަޝްވާ ދިޔައީ ކީއްވެކަން… އަހަންނަކަށް ކުޑަކޮށް ވެސް ނޭނގެ އަޝްވާ ލޯބިވަނީ…” ގިސްލުމެއްގެ ތެރެއަށް އާޝާލްގެ އެންމެ ފަހު ބަސްތައް އޮބިގެންދިޔައިރު އަހަރެން ހުއްޓުން އަރައިގެންދިޔައެވެ. އެވަގުތު ނަރުސްކުއްޖަކު އައިސް އަހަންނާއި ޢާޝާލް ދުރުކުރުވިއިރުވެސް އަހަންނަށް ހުރެވުނީ ހުއްޓުންއަރާފައެވެ. އާޝާލްއާއި ދިމާލަށް އަހަންނަށް ބަލާލެވުނީ ޝައްކުގެ ނަޒަރަކުންނެވެ. އާޝާލްއަށް އިނގެން އަހަރެން ބޭނުންނުވާކަމެއް ޢާޝާލްއަށް އިނގިފައިވާކަމުގެ ސިހުމާއިއެކުގައެވެ. އެކަމަކު އެވާހަކަ ޢާޝާލްގެ ކަންފަތާއި ހަމަޔަށްދާނީ ކާކުގެ ފަރާތުން ހެއްޔެވެ؟ އަހަންނަށް ޔަޤީންވަނީ އަހަރެންގެ ސިއްރުތަކަށް ހިންދު ފަރުވާތެރިވާނެކަމެވެ. އަނެއްކާ ސައިފްގެ ފަރާތުން އާޝާލްއަށް އިނގުނީކީ ނޫންބާވައެވެ؟

“ސިސްޓަރ…” އިރުކޮޅެއްވާންދެން އަހަރެމެން ދެބެންގެ ދެމެދަށް ވެރިވެގެންދިޔަ ހަމަހިމޭންކަމަކަށްފަހު އާޝާލް އެތަނުގައި އެހީތެރި އަކަށް އުޅުނު ނަރުސްކުއްޖަކަށް ގޮވާލިއެވެ. އެދެމެދުގައި ސިއްރުން ދެކެވިގެންދިޔަ ވާހަކަކޮޅަކަށްފަހު އެ އަންހެންކުއްޖާ އައިސީޔޫ ތެރެއިން ގޮސް އެހެން ބަަޔަކަށް ވަދެ ނިވާވިއެވެ. އޭރު އަހަންނަށް އިނދެވުނީ އެހީތެރިޔާގެ ގޮނޑީގައި އިށީންގޮތަށް އާޝާލްގެ އަތް ގެނެސް ނިއްކުރީގައި ޖައްސާލައިގެންނެވެ. މިފަދަ ކަމަކަށް އުންމީދުވެސް ނުކޮށް ހުއްޓާ ކޮއްކޮ މިފަދަ ހާލެއްގައި އޮތްތަން ފެނުމުން އަހަންނަށް ހަދާނެގޮތް ހުސްވިިކަހަލައެވެ. އިތުރުމީހަކު ބުނެދިނުމަކާއިނުލާވެސް އާޝާލް ގެ ހާލަތުގެ ނާޒުކްކަމާއި ސީރިޔަސްކަން އަހަންނަށް ނަގައިގަނެވުނެވެ. އެއްވެސް މީހަކަށް ނޭނގުނަސް އާޝާލްގެ އެންމެ ބޮޑު ސިއްރުވެސް އަހަންނަށް ވަންހަނާވެފައެއް ނުވެއެވެ. އެއީ އާޝާލްއަށްޓަކައި އަހަންނަށް ސައިފްދޫކޮށްލަން މަޖުބޫރުވި ސަބަބެވެ.

އިރުކޮޅެއްގެފަހުން ކަންފަތުގައި ޖެހިގެންދިޔަ ތުއްތުކުއްޖެއްގެ ރުއިމުގެ އަޑާއިއެކު އަހަންނަށް އިސްއުފުލާ ބަލާލެވުނެވެ. އޭރު ނަރުސް ކުއްޖަކު ފިޔާތޮށިކުލައިގެ ރަޖާއެއްގެތެރޭގައި އޮތް ތުއްތު ކުއްޖަކު އުރާލައިގެން އައިސް އަހަރެމެންނާއި އަރާހަމާވީއެވެ. އާޝާލްއަށް ނަޒަރެއްދެމުން އެކުއްޖާ އަހަރެންގެ އަތަށް އެ ތުއްތުކުއްޖާ ދިއްކޮށްލައިފިއެވެ.

“އައިޝަތު އީޝް ބިންތި ސައިފް… އަހަރެމެންގެ ދަރިފުޅު…” ނުހަނު ފަރުވާތެރިކަމާއިއެކު ނަރުސްކުއްޖާގެ އަތުގައި އޮތް އެތުއްތު ދަރިފުޅު އުރާލުމާއިއެކު އާޝާލް ބުނެލި އަޑު އިވުނެވެ. އެވަގުތު އަހަރެންގެ ލޮލުން ފައިބައިގެންދިޔަ ކަރުނަ ތިއްކެއް އެމަޑުމަޑު ކޯތާފަތުގައި ބީހިލިއެވެ. ނޭނގިހުއްޓާ އަހަންނަށްވެސް ބޮޑުދައިތައަކަށްވުމުގެ ނަސީބު ލިބުނީއެވެ. އަހަރެން އުންމީދުކޮށްގެން ހުރި ފަދައިން ޢާޝާލް މަންމައަަކަށްވިޔަސް އަހަރެން ބޭނުންވީފަދަ އުފާވެރި ދިރިއުޅުމެއް ކޮއްކޮއަކަށް ނުލިބުނެވެ. އެކަމަކު އާޝާލްގެ ހާލަތު އެފަދަ ނާޒުކް ފައްތަރަަކަށް ވެއްޓެން މެދުވެރިވި ސަބަބަކީ ކޮބާހެއްޔެވެ؟ ހަތަރު އަހަރު ކުރީން އަހަރެން ފުރައިގެންދިޔައިރު އާޝާލް ހުރީ ހެޔޮހާލުގައެވެ. ބަރާބަރަށް ބޭސް ބޭނުންކޮށްގެން ސިއްހަތަށް ބަލައިގެން އުޅޭހާ ހިނދެއްގައި އާޝާލްގެ ފުރާނައަށް ނުރައްކާނުވާނެކަމުގެ ޔަޤީންކަން ޙުދު ޑޮކްޓަރުވެސް ދިނެވެ. ހަތަރު އަހަރުތެރޭގައި ކަންތައްތައް ބަދަލުވެގެންމިދިޔައީ އަހަރެން ހީވެސްނުކުރާފަދައަކުންނެވެ. އެ މުއްދަތުގައި އާއިލާއާއި ދުރުން އުޅެވުނީތީ ފުރަތަަމަ ފަހަރަށް އަހަންނަށް އަމިއްލަ ނަފްސު ކުށްވެރިކުރެވޭގޮތްވިއެވެ.

“އަޝްވާއަށް އިނގެއެއްނު އަަހަންނަށް ވަގުތުނެތްކަން… ވެދާނެ އަހަރެން މިއަދާއި ހަމަޔަށްވެސް މިއޮތީ އަހަންނަށް އަޝްވާ ފެންނަން ކަމަށްވެސް… އަހަރެން ނެތްދުވަހަކުންވެސް އީޝްއަކީ އަޝްވާގެ އަމިއްލަ ދަރިއެއްކަމަށް ދެކިގެން ވަރަށް ލޯބިން ބަލައިދެއްޗޭ… އަހަރެން ވަރަށް ލޯބިވޭ އީޝްއާއި ސައިފްދެކެވެސް… އަހަރެން މިދުނިޔެމަތީން އަހަރެން އެންމެ ލޯބިވާ ދެމީހުން އަޝްވާގެ އަތް މައްޗަށް ދޫކޮށްމިދަނީ އަޝްވާއަށް ވަރަށް އިތުބާރުކުރާތީވެ… އަހަރެންގެ ހިތުގައި އެކަކާއިމެދުވެސް ޝަކުވާއެއްނެތް… ވަކިވެގެންދާނީ ވެސް އެންމެންނަށްޓަކައި ލޯބިން ފުރިފައިވީ ހިތަކައިގެން…” ދުރަށް މޫނު އަނބުރާލައިގެން އޮވެ ޢާޝާލް ދައްކަމުންދިޔަ ކޮންމެ ވާހަކަ އަކާއިއެކު އަހަރެންގެ ކެތްތެރިކަން އިމްތިހާނުކުރަމުންދިޔަކަަހަލައެވެ. ވަގުތުން އާޝާލްގެ އަތުގައި ހިފާ ބާރުކޮށްލެވުނީ އެ ވާހަކަތައް އަޑުއަހާނެހާ ހިތްވަރު އަހަރެންގެ ހަށިގަނޑުގައި ނެތުމުންނެވެ.

“ތިކަހަލަ ވާހަކަ ނުދައްކަބަލަ އާޝާލް… އީޝްއަށްޓަކައިވެސް ބުނަން…. މާތް ﷲ ކޮއްކޮއަށް ދިގު އުމުރެއްދެއްވާށި…” ލޯކުރިމަތީ ގައި އާޝާލްގެ ހަޔާތުގެ ބައްތީގެ ހުޅުކޮޅު ކަނިވަމުންދިޔައިރުވެސް އަހަރެން އުއްމީދުކުރަން ހުއްޓާލާކަށް ބޭނުމެއް ނުވިއެވެ. އެންމެ ފަހު ވަގުތާއި ހަމަޔަށްވެސް މާތް ﷲގެ ރަހުމަތްފުޅުން އަހަރެން އުންމީދު ކަނޑައެއްނުލާނަމެވެ. މާތް ﷲ އަކީ ރަޙުމާނުވަންތަ ރަޙީމްވަންތަ ރަސްކަލާނގެއެވެ.

އެވަގުތު ހިތުގެ މޮނީޓަރުގެ އަޑު ބާރުވެގެންދިޔައިރު ނޭވާނުލެވިގެން ކަހަލަގޮތަަކަށް އާޝާލް ތެޅިފޮޅެން ފެށިއެވެ. ހިނދުކޮޅެއްގެތެރޭގައި މުޅި އައިސީޔޫތެރެވެސް އެލާޓަށް އައިއިރު އެންމެންގެ މޫނުމަތީން ފެނުނީ ހާސްކަމެވެ. ޑޮކްޓަރުންނާއި ނަރުހުންގެ ޓީމެއް ވަގުތުން އައިސް އާޝާލް ވަށައިލިއެވެ. ޑޮކްޓަރުގެ އިރުޝާދަށް ނަރުސްކުއްޖަކު އައިސް އަހަރެން ދުރަށް ގެންދަމުން އަތުގެ ތެރެއިން ދަރިފުޅު ނެގިއިރުވެސް އަހަންނަކަށް ނޭނގުނެވެ. އޭރު ދުވެފައި ކަހަލަގޮތަކަށް އައި މަންމައާއި ބައްޕައާއިއެކު ސައިއްތަވެސް އައިސީޔޫ ތެރެ އަށް ވަދެގަތީއެވެ. ވަކިހިސާބަކުން ނަރުސްކުދީން އެމީހުންވެސް ހިފަހެއްޓީއެވެ. އޭރު އަހަރެން ހުރީ އެއްވެސްކަމެއް ނަގައިގަނެވޭފަދަ ހާލެއްގައެއްނޫނެވެ. އައިސީޔޫތެރެއަށް ސައިފް ވަދެގެން އައިކަންވެސް އަހަންނަށް އިނގުނީ ސައިއްތަ ދަރިފުޅާއޭ ކިޔާ ބާރަށް ރޮއެގަތް އަޑުއިވުމުންނެވެ. ނަމަވެސް އަހަރެން ހުރީ އެއްވެސް ކަމަކަށް ސަމާލުކަންދެވޭފަދަ ގޮތަކަށްނޫނެވެ. ފާރަށް ލެގިލައިގެން އިސްޖެހިފައި ހުރިއިރު އަހަރެންގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ކަރުދޮށް ތެންމަމުންދިޔައެވެ. އެވަގުތު ކަންފަތުގައި ޖެހިގެންދިޔަ ހިތުގެ މެޝިން ހުއްޓިގެންދިޔަކަމުގެ އެލާޓުގެ އަޑާއިއެކު އަހަރެންގެ ހިތުގެ ހިނގުންވެސް ހުއްޓުމަކަށް އައިފަދައެވެ. ދަމާލެވިފައިވާ ފަރުދާގެ ފަހަތުން ޑޮކްޓަރު ނިކުމެގެން އައިރު އަަހަންނަށް ޑޮކްޓަރުގެ މޫނަށް ބަލާލެވުނީ ޑޮކްޓަރު ދޭން އުޅޭ ހަބަރު އިނގިހުރެއެވެ.

“މައާފުކުރައްވާ.. އަޅުގަނޑުމެން ވަރަށް މަސައްކަތްކުރީން.. އެކަމަކު ފުރާނަ ސަލާމަތެއް ނުކުރެވުނު…” ޑޮކްޓަރުގެ ޖުމްލަތައް ފުރިހަމަނުކުރެވެނީސް މުޅި އައިސީޔޫގެ ތެރޭގައި ރުއިމުގެ އަޑު ގުގުމާލައިގެންދިޔައެވެ. މަންމަގެ ގައިން ވަރުދޫވެގެން އަރި އަޅާލިއިރު ބައްޕަ ވަގުތުން މަންމަގެ ހަށިގަނޑުގައި ހިފަަހައްޓާލިއެވެ. ސައިއްތަވެސް ބާރުބާރަށް ރޮއެގަންނަމުން ސައިފްގެ ގައިގައި ހިފައިގަތެވެ.

އަހަންނަށް… އަހަންނަށް ވީ ގޮތެއް ނޭނގުނެވެ. ވަށައިގެންވީ އެއްވެސް މީހެއްގެ ހަރަކާތްތަކަކަށް އަހަންނަށް ސަމާލުކަމެއްނުދެވުނެވެ. އަދިވެސް އަހަރެންގެ ކަންފަތުގައި ގުގުމާލާފައިހުރީ އާޝާލްގެ ހިތުގެ ވިންދުންތައް ހުއްޓިގެންދިޔަ އަޑެވެ. ދެލޯ މަރާ ބާރުކޮށްލަމުން އަހަރެން ފަހަތަށް ޖެހެން ފެށީމެވެ. އައިސީޔޫއިން ނިކުމެވުމާއިއެކު އަހަންނަށް ވަގުތުން ބޭރަށް ދުއްވައި ގަނެވުނުއިރު ދެވޭ ނުދެވޭ ތަނެއްވެސް ނޭނގުނެވެ. އަހަރެންގެ ބޭނުމަކަށްވީ ހިނދުކޮޅަކަށްވެސް މިތަނާއި ދުރަށް ދިޔުމެވެ. މިއިޙުސާސްތަކާއި ދުރުވެލުމެވެ.

އަނދިރިކަމަކަށް ގެނބިފައިވާ ކޮޓަރިތެރޭގައި އެންމެންނާއި އެކަހެރިވެގެން އަހަންނަށް އިނދެވުނީ ކިހާއިރެއްވާންދެންކަމެއްވެސް އަހަންނަަކަށް ނޭނގުނެވެ. އޭރު ހޮސްޕިޓަލު ތެރެއިން ނިކުމެގެންއައިގޮތަށް އަހަރެން މިއިނީ އަމިއްލަ ކޮޓަރިތެރޭގައި ބަންދުވެގެންނެވެ. ކޮޓަރީގެ ފާރަށް ލެގިލައިގެން ދެކަކޫ ގެނެސް މޭގާއި ޖައްސާލައިގެން އިންއިރު އަހަރެންގެ ހަށިގަނޑުގައި ރޯލާނެހާ ހިތްވަރުވެސް ނެތްފަދައެވެ. ދާދިކުޑަހިނދުކޮޅެއްގެ ތެރޭގައި ހިނގާދިޔަ ހުރިހާކަމެއް ނަގައިގަންނަން އަަހަރެންގެ ސިކުނޑި ނުކުޅެދިފައިވިއެވެ. ލޯ މައްޗަށް ފެނުނު އެއްވެސް ކަަމަކީ ހަޤީގަތެއްކަމުގައި ގަބޫލުކުރަން އަމިއްލަ ހިތްވެސް ދެކޮޅު ހަދަމުންދިޔައެވެ.

މުޅިކޮޓަރިތެރެއަށް ވެރިވެފައިވާ ހަމަހިމޭންކަމުގެ ތެރެއިން ގުގުމަމުންދިޔައީ ޤުރުއާނުގެ މޫރިތި އާޔަތްތަކުގެ އަޑެވެ. މަޑުމަޑުން ގޭތެރެ އަށް މީހުން ގިނަވެ ގިސްލުމުގެ އަޑު ބާރުވަމުންދިޔައެވެ. އެންމެންގެ އަޑުތައް ކޮޓަރިއާއި ހަމަަަޔަށް ފޯރަމުން ދިޔައީ އެކަތިގަނޑަކަށް ވަމުންނެވެ. ޤަބޫލުކުރަން ކިތަންމެ ދަތިވިޔަސް އަބަދުގެ އަބަދަށް މިވަގުތީ ދުނިޔެ ދޫކުރުމަށްފަހު އާޝާލް ދާއިމީ މަންޒިލަށް ދަތުރު ކުރީއެވެ. މޭގައި އުފެދިގެންދިޔަ ތޫނު ރިހުމާއިއެކުވެސް އަހަރެންގެ ލޮލަކަށް ކަރުނައެއްނައެވެ. އަހަރެންގެ ކަންފަތްދޮށުގައި މިވަގުތު ވެސް ގުގުމަމުންދިޔައީ އާޝާލްގެ އެންމެ ފަހުގެ ބަސްތަކެވެ. ލޮލަށް ސިފަވަމުންދިޔައީ އާޝާލްގެ ހިތުގެ ވިންދުތައް ހުއްޓިގެންދިޔަ ގޮތެވެ.

“އާހް… އާޝާލް… ނޫން… ނޫން…” ކަންފަތްމަތީގައި ދެއަތްއަޅަމުން އަހަންނަށް ހަޅޭލަވައިގަނެވުނެވެ. ވަށައިގެން އިވެމުންދާ އަޑުތައް އަހަން ބޭނުމެއްނޫނެވެ. އެއީ ހަޤީގަތްކަމަށް ޤަބޫލުކުރާކަށް އަހަރެންގެ ނަފްސު އެއްބަހެއްނުވެއެވެ. އޭރު ބޭރުން ދޮރުގައި ބަޔަކު ތަޅަމުންދިޔަނަމަވެސް އެއަޑުވެސް އަހަރެންގެ ކަންފަތާއިހަމަޔަށް ނުފޯރާފަދައެވެ. ނޫނީ އިވުނަސް ނީވޭކަމަށް ހަދައިގެން އަހަރެން އިނީ ކޮޓަރީގެ ހަތަރުފާރުގެ ތެރެއިން ނިކުމެ ހަޤީގަތާއި ކުރިމަތިލާން ބޭނުންނުވީތީއެވެ.

“އަޝްވާ… ދަރިފުޅާ… މިދޮރު ހުޅުވަބަލަ… އަޝްވާ…” ކޮޓަރީގެ ދޮރުގައި ތަޅަމުންދިޔަ އަޑާއިއެކު ކޮޓަރީގެ ބޭރުން ބޮޑުދައިތަ މިންނާގެ އަޑުއިވުނެވެ. ހިނދުކޮޅަކަށް ބޮޑުދައިތަގެ އަޑު މެދުކެނޑިގެންދިޔުމަށްފަހު ދެން އިވުނީ ތަޅުވަޅަށް ތަޅުދަނޑި ޖެހި އަޑެވެ. އިރުކޮޅެއްގެތެރޭގައި ކޮޓަރީގެ ދޮރުހުޅުވިގެންދިޔުމާއިއެކު ބޮޑުދައިތަ މިންނާ ވަދެގެން އައީ އަހަރެންގެ ތުއްތަ މިރްޒާއާއިއެކުގައެވެ. ކޮޓަރިތެރޭގައިވީ އަނދިރިކަމަށް ލޯހިންގާލަމުން ބޮޑުދައިތަ ބޮކިތައް ދިއްލާލުމާއިއެކު އަހަންނަށް އަނެއް ފަރާތަށް މޫނު އަނބުރާ ލެވުނެވެ. ގިނައިރުތަކެއްވާންދެން ރޮއެފައިހުރުމުން ބޮކީގެ ހުދުއަލިކަމުގައި ދެލޯ ރަނގަޅަށް ހުޅުވާލަންވެސް އަހަންނަށް ދަތިވިއެވެ.

“ދަރިފުޅާ… ކިހާއިރެއްވާންދެން ކޮޓަރިތެރޭގައި ތިގޮތަށް ބަންދުވެގެން އިންނާނީ… ބޮޑުދައިތައަށް އިނގެޔޭ އަޝްވާ ދެރަވާނެވަރު… އެކަމަކު މިވަގުތު އަޝްވާ ތިހެން އުޅުނީމަ މަންމައަށްވާނީ ކިހިނެތް… މިހާރު އަޝްވާ ނޫނީ ކާކު ހުރީ މަންމަމެންނަށް ހިތްވަރު ދޭން…” ބޮޑުދައިތަ އަހަންނާއި އެއްހަމައަކަށް ތިރިވަމުން އަހަރެން ގެނެސް މޭގައި ޖައްސާލަމުން ބޮލުގައި ފިރުމަންފެށިއެވެ. އޭރު ފެންކަޅިވެފައި އަހަރެމެންނާއި ދިމާލަށް ބަލަހައްޓައިގެން ތުއްތަ ހުއްޓެވެ.

“ހިނގާ ތިރިއަށްދާން… ކޮއްކޮގެ މޫނު ދެކެން… މިހާރު ކޮއްކޮގެ މޫނު ނުފެނިއްޖެއްޔާ އަޝްވާ ފަހުން މާދެރަވާނެ….” ބޮޑު ދައިތަ އަހަންނަށް ލޯތްބާއިއެކު ވިސްނައިދެމުން އަހަރެން ތެދުކުރަން މަސައްކަތްކުރުމާއިއެކު ތުއްތަވެސް އައިސް އަހަރެންގެ އަތުގައި ހިފެހެއްޓިއެވެ. ބޮޑުދައިތަމެންނާއި ދެކޮޅުހަދާހާ ހިތްވަރެއް އަހަރެންގެ ގަޔަކު ނެތެވެ. އަހަރެންގެ ދެ ފަރާތުން ތުއްތަ އާއި ބޮޑުދައިތަ ހިފަހައްޓާލައިގެންހުރިއިރު އަހަންނަށް ކޮޓަރީގެ ދޮރާއި ހަމަޔަށްވެސް ދެވުނީ އެދެމީހުންގެ ބާރުގައި ކަހަލަ ގޮތަކަށެވެ. އަމިއްލަ ފިޔަވަޅެއްނަގާނެހާ ހިތްވަރެއްވެސް އަހަރެންގެ ހަށިގަނޑަކު ނެތެވެ. ތުއްތަމެންގެ އެހީތެރިކަމުގައި ސިޑިން ފައިބަމުންއައިސްފައި އެންމެ ފަހު ހަރުފަތާއި ހަމައިން އަހަރެން ހުއްޓުންއެރިއެވެ. ސިޓިންރޫމްގެ މެދުގައި ބަހައްޓާފައިހުރި މޭޒުމަތީގައި ހިނަވާ ކަފުންކޮށް ފައި އޮތް އާޝާލްގެ ހަށިގަނޑު ބާއްވާފައި އޮތްއިރު ގޭތެރެއަށް ޖަމާވެފައިވާ މީހުންތަކުގެ ތެރެއިން ފެންނަން އޮތީ އާޝާލްގެ ފައިލާ ކޮޅެވެ. އެދިމާލުގައި ސައިފް މަޑުކޮށްލައިގެން ހުރީ ނުހަނު ބޮޑަށް އިސްޖެހިފައެވެ. އަހަރެންގެ ހިތްދަތިކަމުގެ ނަަޒަރު ސައިފްގެ މޫނުން ތިރިއަށް އާޝާލްއާއި ދިމާލަށް ދަތުރުކުރުމާއިއެކު މުޅި ހަށިގަނޑަށްވެސް ފިނިވެލައިގެންދިޔަކަހަލައެވެ. މަޑުމަޑުން ތުއްތަގެ އަތުން ދޫކޮށްލެވުނު ގޮތަށް އެދިމާލަށް ހިނގައިގަނެވުނީ ލަސްފިޔަވަޅުތަކެއް ގައެވެ.

އެއްވެފައިވާ މީހުންގެ ތެރެއިން އައިސް އާޝާލް ބާއްވާފައި އޮތް މޭޒާއި ގާތްވުމާއިއެކު އަހަރެންގެ ގައިދުގައިވީ ކަރުނަތައް ދޫވެގެން ދިޔަކަހަލައެވެ. ކޯތާފަތްމަތި ތެންމާލި ކަރުނަތަކާއިއެކު އަހަރެންނަށް ދެލޯމަރާލެވުނެވެ. ހުދުކަފުނުގެ ތެރޭގައި އާޝާލް ހިނިތުންވެ ލައިގެން އޮތްގޮތުންވެސް ދެންމެދެންމެއަކު ލޯހުޅުވާލަފާނެފަދައެވެ. އެ މޫނުމަތީގައިވަނީ މަލަކޫތީ ރީތިކަމެވެ. ހަމަ ހަޤީގަތުގައިވެސް އާޝާލް އަހަރެމެންނާއި ވަކިވެގެންދިޔައީ ހެއްޔެވެ؟ ކޮއްކޮގެ އެ ރީތި ހިނިތުންވުމާއިއެކު އެ އޮމާން އަޑު އަހާލުމުގެ ނަސީބު އަހަންނަށް ދެން ހަމަ ނުލިބޭނެބާވައެވެ؟ ސިކުނޑިއަށް އަރާފައިބަމުންދިޔަ ކޮންމެ ބަހަކާއިއެކު އަހަރެންގެ ލޮލުން ކަރުނަަތައް އޮހެމުން ދިޔައެވެ. އަޑުވީއްލާ ނުރުއިމަށް އަހަރެން ނުހަނު ބޮޑަށް މަސައްކަތްކުރަމުންދިޔައީމެވެ.

“އަޝްވާ…” އެވަގުތު ފަހަތުން ކޮންމެވެސް މީހަކު އޯގާތެރިކަމާއިއެކު އަހަރެންގެ ކޮނޑުގައި އަތްބޭއްވުމުން އަހަންނަށް ފަސްއެނބުރި ބަލާލެވުނެވެ. އަހަރެންގެ ފަހަތުގައި މަޑުކޮށްލައިގެން ހުރި ހިންދު ފެނުމާއިއެކު އަހަންނަށް އިތުރަށް އެންމެ ވަގުތުކޮޅަކުވެސް ކެތްކޮށް ގެންނެއް ނުހުރެވުނެވެ. ވަގުތުން ހިންދުގެ ގައިގައި އޮޅުލައިގަތްގޮތަށް އަހަންނަށް އަޑުވީއްލާރޮއެގަނެވުނެވެ. ހޮސްޕިޓަލްއިން އާޝާލް ފެނުނުވަގުތައްފަހު އަަހަރެންހުރީ އެފަދަ ގާތްކަމަކަށް ބޭނުންވެފައެވެ. އަމިއްލަ މައިންބަފައިންގެ ފަރާތުންވެސް ދުރުހިލޭކަން އިޙުސާސް ކުރެވިފައިހުއްޓާ ހިންދު ފެނުމުން އަހަރެންގެ ކެތްތެރިކަން ކޮޅުންލީއެވެ. އޭރު ހިންދު އަހަރެންގެ ބުރަކަށީގައި ފިރުމާލަ ފިރުމާލަ ހުރި އިރު އަހަންނަށް ނޭނގުނީ ސައިފްގެ ނަޒަރު އަހަރެމެންނަށް ހުއްޓިފައި ހުރި ކަމެވެ. އޭރު އަހަރެން މަސަލަސްކުރަން މަސައްކަތް ކުރަމުން ހިންދު މީހުންތަކުގެ ތެރެއިން ޖާގަ ހޯދަމުން އަަހަރެން ގޮވައިގެން އެތެރެއަށްވަދެގެން ދަނީއެވެ.

ކަށުކަމާކެމީގެ އެންމެހާ ކަމެއް ނިމި އާޝާލްގެ ހަށިގަނޑު ވަޅުލާގޮތަށް ހަމަޖެހުނީ އެދުވަހުގެ އަސުރުނަމާދަށްފަހުއެވެ. އެވަގުތު ޖެހުނު އިރު އެކަކުގެ ގައިގައިވެސް ކަމެއްކުރާނެހާ ހިތްވަރެއްނެތެވެ. މަންމަގެ ހާލަތު ވަކީން ގޯހެވެ. އާޝާލްގެ ހަށިގަނޑު ގެއަށް ގެނައިއިރު އަނބުރައިގޮތަށް ހޭނާރާއޮވެފައި ދެތިން ފަހަރު ހޭވެެރިވުމުންވެސް މަންމައަށް ރުއިންނޫންކަމެއް ނުކުރެވުނެވެ. ކޮންމެފަހަރަކުވެސް ހޭވެރިކަންވުމަށްފަހު ހަމަނުޖެހޭ ވާހަކަތަކެއް ދެއްކުމަށްފަހު މަންމަގެ ހަބަރު ހުސްވަނީއެވެ. އޭރުއްސުރެ ބޮޑުދައިތައާއި މަންމައާއި ގާތްބައެއް އަވަށްޓެރިން މަންމައަށް ހޭހަންކޮށްދެން އުޅެމުންދިޔަސް އެކޮޓަރިއާއި ހިސާބަށް ދާނެހާ ހިތްވަރެއް އަހަންނަކަށް ނުލިބުނެވެ. ކާކޮޓަރިއަށް އައިގޮތަށް ހިންދުގެ ކޮނޑުގައި މޫނު ފޮރުވާލައިގެން އަހަންނަށް އިނދެވުނީ ހަރަކާތްހުސްވެފައެވެ.

އާޝާލްގެ ކަށުކަމާކެމީގެ ހުރިހާކަމެއް ނިމެމުންދިޔައިރު ހުރިހާ ކަމެއްގައިހެން އިސްނަގައިގެން އުޅެމުންދިޔައީ ބައްޕައާއި ސައިފްއެވެ. އެހެންމީހުންނަށްޓަކައި ލޮލުން ކަރުނައެއް ވައްޓާލުމެއްނެތި ބައްޕަ ހިތްވަރުކުރަމުންދިޔަސް ބައްޕައަށް ކޮށްފައިހުރި އަސަރު އަހަންނަ ކަށް ސިއްރެއްނުވިއެވެ. ބައްޕަގެ މޫނާއި ދެލޮލުންވެސް އާޝާލްގެ ވަކިވެދިޔުމާއިމެދު ހިތާމަކުރާވަރު އަހަންނަށް ސާފުކޮށް ފެނުނެވެ. ބައްޕައެކޭ އެއްފަދައިން ސައިފްގެ ހަރަކާތްތަކުގައިވެސްވީ ބުނެދޭން ނޭނގޭފަދަ ހަމަހިމޭންކަމެކެވެ. އެ ހުރިހާއިރެއްވެގެންދިޔައިރުވެސް ސައިފްގެ ލޮލުން އެންމެ ކަރުނަައެއް ވައްޓާލިތަނެއްވެސް އަހަރެން ނުދެކެމެވެ. އަމިއްލަ އިހުސާސްތައް އޮބަހައްޓާލައިގެން ހުރެ ހުރިހާ ކަމެއްކުރަމުންދިޔައިރު ސައިފްއެކޭ މީހަކު ޗާބީދީފައިހުރި ބުދެކޭ އެއްވެސް ތަފާތެއްނެތެވެ.

އާޝާލްގެ މައްޗަށް ކަށުނަމާދުކުރެވި ވަޅުލައި ވަގުތުޖެހުނުއިރުވެސް މަންމަ ހަމަޔަކަށް ނޭޅޭތީ ބޮޑުދައިތަމެންނަށްވެސް ޖެހުނީ މަންމަ ކައިރީގައި ގޭގައި މަޑުކުރާށެވެ. ސައިއްތަވެސް ރޯވަރުން ސަހަރާއަށް ގެންދަން ބައްޕަމެންނަކަށް އެއްބަހެއްނުވެވުނެވެ. ބައްޕަ އަހަން ނަށް ހުއްދަނުދިނަސް ހިންދުއާއި ސައިފްގެ ދޮންތަ ޝުޢާއާއިއެކީގައި ކަށުނަމާދުގައި ބައިވެރިވާން އަހަރެން ދިޔައީމެވެ. ކޮއްކޮގެ މައްޗަށް އަދާކޮށްދެވެންއޮތް އެންމެ ފަހުގެ ކިފާޔަތުގެ ފަރުޟުގައި ބައިވެރިނުވެ ދޫކޮށްލަން އަހަންނަށް ޤަބޫލުނުވެވުނީއެވެ. އަސުރު ނަމާދަށްފަހު ޖަމާއަތުގައި އާޝާލްގެ މައްޗަށް ކުރެވުނު ކަށުނަމާދަށްފަހު އަހަރެމެން މިސްކިތުން ނިކުތްއިރު މިސްކިތުގެ ގޯތިތެރެއިން ނެރެގެން އާޝާލްގެ ސަންދޯށް ސަހަރާއާއި ދިމާލަށް ގެންދަނީއެވެ. ބާރުބޮޑުވަމުންދިޔަ އަަހަރެންގެ ހަށިގަނޑަށާއި ހިތަށް ކެތްކޮށްލެވުނީ އެވަގުތާއި ހަމަޔަށެވެ. މަޑުމަޑުން ލޯމައްޗަށް އަނދިރިވަމުންގޮސް ދެންވީ ގޮތެއް އަހަންނަކަށްވެސް ނޭނގުނެވެ.

އާޝާލް ނިޔާވިފަހުން ތިންދުވަސް ފާއިތުވެގެންދިޔައިރުވެސް އަހަރެންގެ ހަށިގަނޑުގައި ތެދުވެ އުޅެލާނެހާ ވަރެއްނެތެވެ. ރަނގަޅަށް ނުކެވުމުގެ އިތުރުން ހަމަނިދި ނުލިބޭތީވެ އަހަރެންގެ ހަށިގަނޑުގައި ހުންނަނީ ނުފިލާފަދަ ވަރުބަލިކަމެކެވެ. އެއްވެސް ވަރަކަށް ކޮޓަރިން ނިކުންނަން ބޭނުންނުވެފައި އަަހަންނަށް އަބަދުހެން އޮވެވުނީ އެނދުގައި އޮށޯވެލައިގެން ދެލޯ މަރާލައިގެންނެވެ. އާއިލާ މީހަކު އަޔަސް އެއްވެސް މީހަކާއި ވާހަކަދައްކާކަށްވެސް އަަހަރެން ބޭނުމެއްނުވެއެވެ. އެއްވެސް މީހަކާއި ކުރިމަތިލުމެއްނެތި ހިމޭންކަމާއިއެކު ލޯމަރާލައިގެން އޮތަސް ކޮންމެ ވަގުތަކުވެސް އަހަރެންގެ ގާތުގައި ކޮންމެވެސް އެކަކު ހުރެއެވެ. ބޮޑުދައިތަމެން، ދެބެންގެ ދެދަރި ކުދީން ނޫނީ ހިންދުއެވެ. ބައްޕަވެސް ބައެއްފަހަރު ކޮޓަރިއަށް ވަދެ އަހަރެން ކައިރީގައި އިށީދެލައިގެން އިނދެއެވެ. އެއިން ކޮންމެ ވަގުތަކުވެސް އަހަންނަށް ނަސޭހަތްދީ ހިތްވަރުގަދަ ކުރަން ބާރުއަޅައެވެ. މަރުވެގެންދާ މީހުންނާއިއެކީ ދިރިތިބިމީހުން ވަޅުނުލެވޭނޭކަމާއި މަރަކީ އަހަރެމެންނަށް ބާރުފޯރުވޭނޭކަމެއް ނޫންކަން އަހަންނަށް ވިސްނައިދޭން މަސައްކަތްކުރެއެވެ. އާޝާލްގެ ނެތިވެދިޔަޔަސް އަހަރެން ގެ ދިރިއުޅުން ހުއްޓާނުލުމަށް އެދޭއިރު އެއަޑުގައިވީ ހިތްދަތިކަން އިޙުސާސްވެފައިވެސް އަހަންނަށް ރޮވެއެވެ.

އިރުއޮއްސިގެންދިޔަފަހުން ވަގުތުކޮޅެއް ފާއިތުވެގެން ގޮސްފިއެވެ. ނަމާދު ވަގުތުކަމުން މިވަގުތު ގޭތެރޭގައި ތިބީ ދެފަރާތުގެ އާއިލާގެ އަންހެންވެރީންނެވެ. އެމީހުންވެސް މަންމަ އާއި ސައިއްތަ ކައިރީގައި ތިބި ވަގުތެއްކަމުން ސިޓިންރޫމްތެރެ އޮތީ ހަމަހިމޭންވެފައެވެ. ހިންދުގެ ބާރުއެޅުމުގައި އަހަރެން ކޮޓަރީން ނެރެގެން ގެނެސް ގަދަކަމުން ނަމަވެސް އަހަންނަށް އެއްޗެއް ދެވޭތޯ މަސައްކަތްކުރަމުން ދިޔައެވެ.

“އަޝްވާ… ދެން ކޮންމެވެސް އެއްޗެއް ކާލަބަލަ…. ރަނގަޅަށް އެއްޗެއް ނުކައި ނުބޮއެ އަޝްވާ ތިއުޅެނީ… ތިހެން އުޅެނިކޮށް އަނެއްކާ އަނބުރައިގަނެދާނެއެއްނު….” މޭޒުމަތީގައި ހުރި ފަނިތަށި ނަގާ އަހަރެންގެ ތުނބުގައި ޖައްސައިދެމުން ހިންދު ވާހަކަދެއްކީ އާދޭސްކުރާފަދަ ގޮތަކަށެވެ. ކޮންމެދުވަހު އޮފީސް ނިމިގެން އަންނަ ގޮތަށް ގެއަށް ދިޔުމެއްވެސްނެތި ގިނަދުވަސްދުވަހު ހިންދު އިންނަނީ އަހަރެންގެ ހިދުމަތުގައެވެ. މިވަގުތު ހިންދުފަދަ އެކުވެރިއަކު ނެތްނަމަ އަހަންނަށް ވާނޭގޮތެއްވެސް ނޭނގެއެވެ. އަހަންނަށް ހިންދުގެ މޫނަށް ބަލާލެވުނީ ޝުކުރުވެރިކަމުގެ ނަޒަރަކުންނެވެ. އެތައް އަހަރެއް ފަހުން އަހަރެން އެނބުރިއައިރު ވެސް ހިންދުގެ ހިތުގައި އަހަންނަށް ދެވިފައިވާ ގާތްކަމަކަށް ބަދަލެއްނާދެއެެވެ.

އެވަގުތު ސިޓިންރޫމްތެެރެއިން ބަރު ފިޔަވަޅުތަކެއްގެ އަޑުއިވެންފެށުމާއިއެކު އަހަންނާއި ހިންދުއަށްވެސް ކުޑަކޮށް ބޭރަށް އަރިވެލަމުން ބަލާލެވުނެވެ. ކާކޮޓަރިތެރެއަށް ސިޓިންރޫމްގެ ބަޔަކާއިއެކު ސިޑިބަރިވެސް ފެންނަން އޮންނާތީވެ ބާރު ހިނގުމެއްގައި ސިޑިއާއި ދިމާލަށްދިޔަ ސައިފް އަހަރެމެން ދެމީހުންނަށްވެސް ފެނުނެވެ. ބޭއިޙްތިޔާރުގައި ނަމަވެސް އަހަންނަށް ސައިފްއާއި ދިމާލަށް ބަަލަހައްޓައިގެން އިނދެވުނެވެ.

“ސައިފް… އާދެބަލަ…” ހިންދު ވަގުތުން ގޮނޑިން ތެދުވުމާއިއެކު އަހަންނަށް ހިންދުގެ އަތުގައި ހިފާ ބާރުކޮށްލެވުނެވެ. އަހަންނަށް ހިންދު ނުހުއްޓުވިގެން އުޅެނިކޮށް ސައިފްއަށް ގޮވާލުމާއިއެކު އަހަރެން ފިނިވެގެންދިޔަކަހަލައެވެ. ހުރިފިޔަވަޅުމަތީގައި ހުރެ ސައިފް ލަސްލަހުން ފަހަތަށް އެނބުރިލިއިރު އަަހަންނަށް ދެލޯމަރާލެވުނެވެ. ހިނދުކޮޅެއްފަހުން އަހަންނަށް ލޯހުޅުވާލެވުނުއިރު ސައިފްގެ ނަަޒަރު ސީދާވެފައިވީ އަހަރެންގެ މޫނަށެވެ. ރަތްވެފައިވާ ދެލޮލާއި މިލާފައިވާ އެ މޫނުމަތީގައިވީ އަސަރުތަކުންވެސް ސައިފް ބަސްމޮށުމަކާއި ނުލާވެސް އަހަންނާއި ވާހަކަދެއްކިފަދައެވެ. އިރުކޮޅެއްފަހުން އެ މޫނުދުރަށް އަނބުރާލިއިރު އެލޮލަށް ގިނަވެގެން އައި ކަރުނަތަކާއިއެކު އެއަތްމުށްކެވެމުންދިޔަތަން އަހަންނަށް ރީތިކޮށްވެސް ފެނުނެވެ. އެވަގުތު މަތީން ތުއްތު ކުއްޖެއްގެ ރުއިމުގެ އަޑުއިވިގެންދިޔުމާއިއެކު އިތުރަށް މަޑުކޮށްލުމެއްވެސް ނެތި ސައިފް ސިޑިން އަަރައިގެންދިޔައީ ދުވެފައިކަހަލަގޮތަކަށެވެ. އަހަންނަށްވެސް އެވަގުތު ހިންދުގެ މޫނަށް ބަލާލެވުނީ ހައިރާންކަމުގެ ނަޒަރަކުންނެވެ.

“ކޮންއިރަކު… ކޮންއިރަކު އީޝް ގެނައީ؟” ހިންދުގެ މޫނަށް ބަލާލަމުން އަހަރެން ހައިރާންކަމާއިއެކު ސުވާލުކުރީމެވެ. އާޝާލް ގެ މަރުގެ ހަބަރު ލިބުމާއިއެކު މިހާދުވަސްވަންދެން އަހަންނަށް މިހުރެވުނީ އެތުއްތު ދަރިފުޅުގެ މަތީންވެސް މުޅީންހެން ހަނދާންނެތިފައެވެ.

“ހަވީރު މިންނާއްތަމެން ގެނައީ… އަޝްވާއަށް ނިދިފައި އޮތީމަ ނުގޮވީ… މިވަގުތު އީޝްވެސް ކައިރީގައި ހުރެގެން ކަންނޭނގެ ސައިފްވެސް ހަމަޔަކަށް އެޅޭނީ… އަހަންނަކަށް ހިޔެއްނުވޭ އޭނަ ރަނގަޅުހެނެއް…” ހިންދު އަހަރެންގެ ސުވާލަށް ޖަވާބުދެމުން ވާހަކަދެއްކީ އަހަރެންގެ ހިތުގައި އޮތް އެއްޗެއް އެނގިގެން ކަހަލަގޮތަކަށެވެ. އާޝާލްގެ މޫނު ދެއްކުން ކުރިއަށް ދިޔަ ވަގުތުވެސް ސައިފްގެ ހާލަތު ރަނގަޅު ނޫންކަން އަހަންނަށް އިނގުނެވެ. ސައިފްގެ އެދެލޮލުން ކަރުނައެއް ވައްޓާނުލާ ކެތްކުރިގޮތުން އަހަރެން ވެސް ހައިރާންވިއެވެ. ސައިފްގެ އެކުވެރިޔަކު ނިޔާވިދުވަހުވެސް ސައިފް ރުއިވަރު އެންމެ ގާތުން ފެނުނީ އަހަންނަށެވެ. އާޝާލްއަކީ އަދި ސައިފްގެ އަނބިމީހާއެވެ. އެދެމެދުގައި ލޯބި ނެތަސް އެކީގައި ހޭދަވެގެންދިޔަ ހަތަރު އަހަރަކީ ކުރުމުއްދަތެއް ނޫނެވެ. ސައިފް އަށް ޢާޝާލްދެކެ ލޯބިނުވެވުނަސް ދެމަފިރިންގެ ގޮތުގައި އަހަރުތަކެއް ހޭދަކުރީތީވެ އެހިތުން ޢާޝާލްއަށް އިޙުތިރާމާއި ޤަދަރުދެވިފައި ވާނެއެވެ. ޢާޝާލްއަކީ ސައިފްއަށް ކިޔަމަންތެރި އޯގާތެރި އަނތްބަަކަށްވާނެކަން އަހަންނަަށް ޔަޤީނެވެ. އަދި މިހާރު ސައިފްގެ ހިތް އޮތް ގޮތެއް ޔަޤީންކަމާއިއެކު ބުނާކަށް އަހަންނަކަށް ނޭނގެެެއެވެ. ބައެއް ހާލަތުގައި ލޯތްބަކީ ބަދަލުވެސް ވާ އެއްޗެކެވެ.

“ހިންދު… އަަހަރެން ބޭނުން ހިތްވަރުކުރަން… ޢީޝްއަށްޓަކައިވެސް… އެދަރިފުޅަކީ މިދުނިޔެމަތީން ޢާޝާލް އަހަންނާއި ހަވާލުކޮށްފައި ދިޔަ އަމާނާތެއް…” ހިންދުގެ އަތުގައި ހިފާލައިގެން އިނދެ އަހަންނަށް ބުނެވުނީ ފެންކަޅިވެފައި އިނދެއެވެ. މިއަދު އެތުއްތު ދަރިފުޅު ގެ މައެއްގެ ޒިންމާ އުފުލަން ހުރި ހަމައެކަނި މީހަކީ އަހަންނެވެ. ފެންކަޅިވެފައި ހުރެ އަހަރެންގެ ބޮލުގައި ފިރުމާލަދެމުން ހިންދު ވެސް ބޯޖަހާލީ އަހަރެންގެ ބަސްތަކާއި އެއްބަސްވަމޭ ބުނާފަދަ ގޮތަކަށެވެ.

އެވަގުތު މަތީބައިން ސައިއްތަ ވަރަށް ބާރަށް “ދަރިފުޅާއޭ” ކިޔާ ރޮއެގަތް އަޑަށް އަަހަންނާއި ހިންދުވެސް ސިހިގެންދިޔައެވެ. އެއް ފަހަރު ހިންދުގެ މޫނަށް ނަޒަރެއްދިންގޮތަށް އަހަރެން ގޮނޑިން ފުންމާލަމުން ކާކޮޓަރިން ބޭރަށް ދުއްވައިގަތީ ތެޅިތެޅި އޮތް ހިތަކާއި އެކުގައެވެ. ތުއްތު ޢީޝްއަށް ކަމެއްވީކަމުގެ ބިރުވެރިކަމުގައި އަހަރެން ނޭވާލާންވެސް ހަނދާންނެތުނުކަހަލައެވެ. ސިޑިއާއި ދިމާލަށް ދުވެފައި ދަމުންވެސް މަންމަ ކޮޓަރީގެ ދޮރުހުޅުވިފައި ހުރިތަން ފެނުމުން އަވަހަށް ކައިރިވެ ދޮރު ލައްޕާލެވުނީ މަތީގައި ހިނގައިގެން އުޅޭ އެއްވެސް ކަމެއް މަންމައަށް އިނގެން ބޭނުންނުވީތީއެވެ. އޭރު އަހަރެންގެ ފަަހަތުން ދުވެފައި ކަހަލަގޮތަކަށް ހިންދުވެސް އަންނަމުންދިޔައެވެ.

ސިޑިބަރިން އަރައިގެން ގޮސް ޢާޝާލްގެ ކޮޓަރީގެ ދޮރުމައްޗަށް އެރުނުއިރު ސައިފް އެއްއަތުން ޢީޝް އުރާލައިގެން އަނެއް އަތުން ބޭބީ ބޭގް ހިފަހައްޓާލައިގެން ހުރެ ދޮރާއި ދިމާލަށް އަންނަނީއެވެ. އޭރު ދޮރުމަތީގައި ރޮވިފައިހުރެވެސް ސައިއްތަ ސައިފްއަށް ހުރަސް އަޅަމުންދިޔައެވެ. އެންމެ ނަޒަރަކުންވެސް އަހަންނަށް ކަންތައްތައް ވަމުންދާގޮތް ނަގައިގަނެވުނުފަދައެވެ. އެއާއިއެކު ލިބުނު ސިހުމުގައި އަހަންނަށް އަނގަމަތީގައި އަތްއަޅާލެވުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Naira

Level 1

A keen reader of dhivehi stories. And reading lead me to write one. Author of Vakivee Loabin & Beeveema.

Other Articles

Previous

ލޯތްބަކުންދިން-30

Next

ހިތް އެދޭގޮތް ބޭނުންވެއެވެ 4

Next
June 29, 2023

ހިތް އެދޭގޮތް ބޭނުންވެއެވެ 4

Previews
June 27, 2023

ލޯތްބަކުންދިން-30

6 Comments!

  1. Ifoo says:
    June 27, 2023 at 9:53 pm

    Vv reethi Mi part vs… Unmeedhu kuran veehaa vs avahah aneh part kiyaalan libeyne kamah 😊

    1. Naira says:
      June 27, 2023 at 10:56 pm

      Thank you. Will upload the next part soon

  2. Naira says:
    June 27, 2023 at 10:55 pm

    Eid mubaarak to everyone. This is the eid hadhiya from me to you. I have made this part extra long. Hope you all will like this part. Sorry for the delay and feel free to leave a comment.

  3. leesh says:
    June 28, 2023 at 12:33 pm

    vrh reethi

    1. Naira says:
      June 29, 2023 at 3:37 pm

      Thank you

  4. imko says:
    June 29, 2023 at 7:52 pm

    Nice story
    I like your story
    Today is my wadding anniversary
    Also pregnant
    My husband don’t know my pregnant

Comments are closed.

Next Episodeވަކިވީ ލޯބިން 6←


All Right Reserved!