“ސައިފް…” ތަނަށްވެރިވެފައިވާ ފަނޑުއަލީގައި ސައިފްގެ މޫނުފެނި އަހަންނަށް ބުނެވުނެވެ. އެ މޫނުމަތިން ފެނުނީ ތަފާތު އަސަރުތަކެކެވެ.
“ސައިފް ދުރަށްދޭބަލަ… އާޝާލްއަށް ފެނިދާނެއޭ…” އަހަރެން ސައިފްގެ މޭގައި އަތްއަޅާ ދުރުކުރަން އުޅުނަސް ސައިފް ހުރީ ދޫކުރާކަހަލަގޮތަކަށްނޫނެވެ.
“އަޝްވާ ބުނެބަލަ… ކީއްވެ އެރޭ އަޝްވާގެ ބަދަލުގައި އާޝާލް އެތަނަށް އައީ؟” ސައިފްގެ އަޑުގައިވީ ޝަކުވާއެވެ.
“އިނގޭތަ… އާޝާލް ސެޑް ސީ ލަވްސް މީ… އެކަމަކު އަހަރެން ލޯބިވަނީ އާޝާލްދެކެއެއްނޫން… އަޝްވާއަށް އެކަން އިނގެއެއްނު…” ސައިފްގެ މޫނުން ބަޔާންކޮށްދޭންދަތި ވޭނެއް އަހަންނަށް ފެނުނެވެ.
“ނޫން ނޭނގެ… އަހަންނަށް ކީއްވެ އިނގެންވީ… މެރީކުރަން އުޅޭއިރު ކީއްކުރަން ލޯބިނުވާ ވާހަކަ ތި ދައްކަނީ..” އަހަރެން މަސައްކަތްކުރީ ކުރިންވެސް އަހަރެން ވާހަކަދައްކާގޮތަށް ވާހަކަތައް ބެހެއްޓޭތޯއެވެ.
“އަޝްވާ..” އާދޭސްކުރާފަދަ ގޮތަކަށް ސައިފް އަހަރެންގެ ނަމުން ގޮވާލިއިރު އެއަޑުގައިވާ ވޭނީ އަސަރު އަހަންނަށް ސިއްރެއްނުވިއެވެ.
“ސައިފް ޕްލީޒް ދޫކޮށްބަލަ… ލަސްވެޔޭ އެބަ.. މަންމަ މިހާރު ހޯދާނެ…” ސައިފްގެ އަތްދަށުން ސަލާމަތްވާންވެގެން އަހަރެން ބަހަނާއެއްދެއްކީމެވެ.
“އަޝްވާ ހީކުރީ ކޮންމެ ފަހަރަކު ބަހަނާދައްކާފައި ފިލޭނެކަމަށްތަ؟” އަހަރެންގެ ބަސްތައް އަޑުއެހުމެއްނެތި ސައިފް އިތުރަށް އެދެއަތުގެ ދާއިރާ ހަނިކޮށްލީއެވެ.
“ދޫކޮށްބަލަ.. ޅިޔަނާ ޕްލީޒް… އެހެން ނުބުނެގެންތަ ތިއުޅެނީ…” އަހަރެންގެ ޖުމްލައިން ސައިފްއަށް ސިހު މެއް ލިބުނެވެ. ވަގުތުން ފާރުގައި ވިއްދާލައިގެން ހުރި އަތް ނައްޓާލައިފައި ތިރިކޮށްލިއިރު އެއަތްވަނީ މުށް ކެވިފައެވެ. ސައިފްއަށް އެހެން ކިޔަންވުމުން އަހަރެންވެސް ދެރަވިއެވެ. ސައިފް އަހަރެންގެ ޅިޔަނަކަށް ވުމަކީ އަހަރެން ދުވަހަކުވެސް އުންމީދުކުރިކަމެއް ނޫނެވެ. އަހަރެން ފަސްދީފައި ހިނގައިގަތްތަނާ ސައިފް ގޮށްމުށްކަވާފައި އަތުން ފާރުގައި ޖެހިއެވެ. އަހަރެންގެ ދެލޯބޮޑުވެގެން ދިޔައެވެ.
“ޑެމިޓް އަޝްވާ… އައި ލަވް ޔޫ… އަހަރެން ލޯބިވަނީ އަޝްވާދެކެއޭ… އެކަން ނޭނގެނީތަ؟” ސައިފް އަހަރެންގެ އަތުގައި ހިފާ ސައިފްއާއި ދިމާލަށް އަނބުރުވާލައިފައި އަހަރެންގެ ލޮލަށް ނަޒަރުހުއްޓާލިއެވެ. އެ ރީތި ލޮލާއި ނަޒަރު ހަމަވެގެންދިޔައިރު ސައިފްގެ ދެލޮލުން އަހަންނަށް ލޯބިނޫން އެއްޗެއް ނުފެނުނެވެ.
“އަޝްވާ ޕްލީޒް… އަހަންނަށް އިނގޭ އަޝްވާވެސް އަހަރެންދެކެ ލޯބިވާކަން.. އަދިވެސް ވަގުތު އެބައޮތް… މިހުރިހާކަމެއް ހުއްޓާ ލައިފައި އަޝްވާ އަހަރެންގެ ގާތަށް އާދެބަލަ…” ލޯތްބާއިއެކު އަހަންނަށް ވިސްނައިދޭ ފަދަ ގޮތަކަށް ސައިފް ވާހަކަދެއްކިއިރު ސައިފް ގެ އަޑުގައިވީ ތަފާތު އަސަރެކެވެ. އަހަރެންގެ ހަށިގަނޑުގެ ލޯލިތައްވެސް ކޮއްޅަށް ޖެހިގެން ދިޔައެވެ.
“ސައިފް މޮޔަވީތަ؟ އޭރުން އާޝާލްއަށް ވާނެގޮތާއިމެދު ވިސްނާލަބަލަ…” އިރުކޮޅެއްގެ ހިމޭންކަމަކަށްފަހު އަހަރެން ހިތްހަމަނުޖެހިފައި ހުރިގޮތަކަށް ވާހަކަދެއްކީމެވެ.
“އެންމެފަހަރަކުވެސް އަހަންނަށްވާނެގޮތަކާއިމެދު އަޝްވާ ވިސްނާލަބަލަ… އަޝްވާއާއި އަހަރެން އެކަކު އަނެކަކު ދެކެ ލޯބިވާއިރު ކައިވެނިކުރުން އެއީ އާޝާލްއަށްވެސް ދެވޭ ދެރައެއް…” ސައިފް ވާހަކަދެއްކީ އަހަންނަށް ވިސްނައިދޭފަދަ ގޮތަކަށެވެ.
“ކޮންއިރަކުތަ އަހަރެން ބުނީ ސައިފްދެކެ ލޯބިވެޔޭ… އަހަރެން ދެކެނީ ތީ މަގޭ ބެސްޓް ފްރެންޑްގެ ގޮތަށޭ… އަހަރެންގެ ފަރާތުން ކޮން އިޝާރާތެއްވެގެން ސައިފް އަހަރެންދެކެ ލޯބިވީ…” އަމިއްްލަ ހިތުގައި އަތްއަޅާލައިފައި އަހަރެން ހަޔާތުގައިވެސް ފުރަތަމަ ފަހަރަށް ސައިފްއަށް ދޮގެއް ހެދީމެވެ. އަދި އެއީވެސް އެންމެ ދޮގު ނުހަދަންވީ ކަންތަކުގައެވެ.
“ދޮގު ހުސްދޮގު… އަޝްވާ ބުނޭ ތިއީ ދޮގެކޭ… އަހަންނަށް އިނގެޔޭ އަޝްވާ ވާލޯބި… ތިދެލޮލުން އެކަން ހެކިވޭ…” ސައިފްވާހަކަ ދެއްކިގޮތުންވެސް އަހަރެން ބުނި ބަސްތަކުން އަސަރުކުރިވަރު ހާމަވިއެވެ.
“އާނ.. އަހަރެން ލޯބިވޭ… މިދެލޮލުން ލޯބިވެސް ފެނޭ… އެކަމަކު އެއީ ސައިފްއަށްޓަކައެއްނޫން… އަހަރެން ވަރަށް ލޯބިވާ އެހެން މީހަކު އެބަހުރި… އަހަރެމެން ދެމީހުން މިއުޅެނީ ވަރަށް އަވަހަށް ކައިވެނިކުރަން… ﷲގެ އިރާދަފުޅާއިއެކު އާޝާލްގެ ކައިވެންޏަށްފަހު އަހަރެމެން ކައިވެނިކުރާނަން…” އެގޮތަށް ވާހަކަ ދައްކަން ވުމުން އަހަރެންގެ ހިތަށް ކިތަންމެވަރަކަށްވެސް ތަދުވިއެވެ. އަނދިރި ތަނެއްގައި ހުރެވުނުކަމީ އަހަރެންގެ ނަސީބެވެ. ނޫންނަމަ އަހަރެންގެ މޫނުމައްޗަށް ވެރިވަމުންދިޔަ ކުލަވަރުންވެސް އަހަރެން ދޮގު ހަދަނީކަން ސައިފްއަށް އިނގުނީހެވެ. އެއްއިންސާނެއްގެ ހިތުގައި ހިނގާ ސުއޫރުތަށް އަނެއް އިންސާނަކަށް ވަންހަނާ ވެފައިވުމުގައި ހިކްމަތެއްވާކަން އަހަންނަށް ފުރަތަމަފަހަރު ގަބޫލު ކުރެވުނެވެ.
“އަޝްވާ ދޮގުހަދަނީ… ބުނެބަލަ އަހަރެންދެކެ ލޯތްބެއްނުވޭތަ؟” ސައިފް އަހަރެންގެ މޫނުގައި ހިފަހައްޓާ ލުމަށްފަހު އަހަރެންގެ ލޮލާއި ހަތަރުކަޅި ހަމަކުރިއެވެ.
“އާނ.. ނުވޭ…” އަހަރެން ދުރަށް ބަލަހައްޓައިގެންހުރެ ޖަވާބުދިނީމެވެ.
“އަޝްވާ ތިބުނަނީ ތެދަކަށްވާނަމަ ކީއްވެ އެންމެ ފަހަރަކުވެސް އަހަރެންނާއި ހަތަރުކަޅި ހަމަކުރަން ނުކެރިގެން ތިއުޅެނީ؟ އަހަރެންގެ ދެލޮލަށް ބަލާފައި އެންމެ ފަހަރަކުވެސް ބުނެބަލަ…” ސައިފް އަހަރެންގެ ދަތްދޮޅީގައި ހިފާ އިސްނެގުވިއެވެ. ސައިފްގެ ލޮލާއި ހަތަރުކަޅި ހަމަވިއިރު އެލޮލުގައިވީ އަސަރަކުން އަހަރެން އެލޮލުގެ ތެރެއަށް ގަންބާލިއެވެ. އަބަދުވެސް ލާނެތްކަމާއި އުފާވެރިކަން ނަށަނަށާ ހުންނަ ލޮލުގެ ތެރެއިން ފެނުނީ ހާސް ހިތާމައެވެ. އެދެލޮލުގައިވާ ހުސްކަން ފެނި އަހަރެންގެ ހިތުގައި ރިއްސާލިއެވެ. ކުށްވެރިޔަކީ އަހަންނޭ ހިތް ބުނެލިހިނދު ކިތަންމެހާވެސް ދެރަވިއެވެ. އާނއެކެވެ. ސައިފްގެ ހިތުގެ އަނިޔާވެރިއަކީ އަހަންނެވެ. އަނދިރިކަމާއި އަހަރެން ނިވާވެފައިވުމުން އަހަރެންގެ ހިތް ވަންހަނާވެފައިވިޔަސް އަލިކަމުގައި ސައިފްގެ ދެލޮލުން ހުރިހާ އަސަރެއް ހުރީ ހާމަވާށެވެ. ކިތަންމެ ފަހަރަކު ސައިފްދެކެ ލޯބިވާވަރު ފާޅުކުރުމަށް އަހަރެންގެ ހިތް ބާރުއެޅިއެވެ. ސައިފްގެ މޭގާއި ބޯއަޅާ ލޯބިވާ ވާހަކަ ބުނަން އިންތިހާއަށް ބޭނުންވިއެވެ. ނަމަވެސް އާޝާލްއަށްޓަކައި އަހަރެންގެ ހިތުގެ ހާލު ސިއްރުކޮށް ދޮގުހަދަން މަޖުބޫރުވިއެވެ. އަހަރެން ބުނެލާ އެންމެ ލަފްޒަކުން އާޝާލްގެ ހިތް ހަލާކުވެދާނެއެވެ. ހުވަފެންތައް ފުޑުފުޑުވެދާނެއެވެ.
އަހަރެންގެ ނިމުން ބަދަލެއް ނުކުރަމެވެ. ސައިފްއާއި ދުރަށް ދާނީ އަހަރެންނެވެ. އާޝާލްއެއް ނޫނެވެ. ހަށިގަނޑު ގައި ނެތް ހިތްވަރުލާފައި ސައިފްއާއި ހަތަރުކަޅި ހަމަކުރިއިރު އަހަރެންގެ ހިތް ރޮނީއެވެ. ކުރެވެން މިއުޅެވޭކަމުގެ ބޮޑުކަމާއި ފަހުން އެކަމުން ލިބިދާނެ ނަތީޖާ، ތަކުރާރުކޮށް އަހަރެންގެ ނަފްސު އަހަންނަށް ހަނދާންކޮށްދިނެވެ.
“އަހަރެން ސައިފްދެކެ… ލޯތްބެއް ނުވޭ…” ސައިފްއާއި ހަތަރުކަޅި ހަމަކޮށްލައިގެން ހުރެ އަހަރެން އިއްވާލިއިރު އަހަރެންގެ ލޮލަށް ކަރުނަތަށް ބޮޑިވަމުންދިޔައެވެ. އަހަރެންގެ ދެލޯ ސާފުކޮށް ސައިފްއަށް ފެނުނުނަމަ އަހަރެންގެ ހިތުގެ ހާލަތު ބޭޒާރުވިއެވެ. އަނދިރީގައި ހުރެވުނުކަމީ އަހަރެންގެ ނަސީބެވެ. ނޫންނަމަ ލޮލުން އޮހެން ތައްޔާރުވަމުންދިޔަ ކަރުނަތައްވެސް އަހަންނަށް ކެހިދިނީހެވެ.
ސައިފްގެ ދެލޮލުން ފެނުނީ އަހަރެން ބުނި ވާހަކަ ގަބޫލުނުކުރާކަމުގެ އަސަރުތަކެވެ. ކަރުނަ އޮހެމުންދިޔަ ލޮލުންވެސް ސައިފްގެ ހިތް ކުދިކުދިވެފައިވާވަރު އަންގައިދިނެވެ. ދެފަރާތަކަށް ބޯހޫރާލުމަށްފަހު ސައިފް ފަހަތަށް ޖެހެންފެށިއެވެ. އަހަރެންގެ ދުލުން އެބަސްތައް އަހަން ސައިފް އުންމީދުނުކުރާކަން ސާފުކޮށް މޫނުން ހުރީ ފެންނާށެވެ. އަހަންނަށް ކެތްކުރެވުނީ އެހާ ހިސާބަށެވެ. ހަލުވި ފިޔަވަޅުތަކެއްގައި އަހަރެން ގޮސް ގެއަށްވަނީ އިތުރަށް ސައިފް ކުރިމަތީ މަޑުކުރާނެ ހިތްވަރު ނުލިބުމުން ނެވެ. އިތުރަށް ސައިފް ކުރިމަތީ ހޭދަވެގެންދާ ކޮންމެ މިނެޓަކާއިއެކު ބޭޒާރުވެގެންދާނީ އަހަރެންގެ ހިތެވެ. ސައިފްގެ ކުރިމަތީ ހާމަވެގެންދާނީ އަހަރެންގެ މަޖުބޫރީ ހާލަތެވެ.
ގެއަށްވަނީއްސުރެ އަހަރެންގެ ޒަމީރު ހުއްޓުމެއްނެތި ކުރަމުންދިޔައީ އެންމެ ސުވާލެކެވެ. “އަޝްވާ ކީއްތި ކުރީ؟ އަޝްވާ ކީއްތި ކުރީ؟” ނަމަވެސް އަހަރެން އަމިއްލަ ޒަމީރަށްވެސް ބީރުކަންފަތެއް ދިނީމެވެ. އާނއެކެވެ. އަހަރެންގެ ލޯބި އަމިއްލަ އަތުން ކަފުންކޮށް ވަޅުލީ އަހަންނެވެ. ލޯބި ވަންހަނާކޮށް ލޯބިވާގެ ހިތް ހަލާކުކޮށްލި ކުށްވެރިޔަކީވެސް އަހަންނެވެ. އަމިއްލަ ހުވަފެންތަކުގައި ހުޅުޖެހީވެސް އަހަރެންގެ އަމިއްލަ ދެއަތުންނެވެ.
އާޝާލްއާއި ދެމީހުން ވެޑިން ޑްރެސް ފަހާނެ ޑިޒައިންތަކެއް ބަލަން އިނދެފައި އަހަރެން ކޮޓަރިއަށް ވަތްތަނާ ހިންދު އަހަރެންގެ ފަހަތުން އައިސް ކޮޓަރިއަށްވަނެވެ. ހެނދުނުއްސުރެ ހިންދު އަހަންނާއި ވާހަކަ ދައްކަން ބޭނުންވެގެން ދަޑިވަޅަކަށް ބަލަބަލާ ހުންނަކަން އަހަންނަށް ފާހަގަކުރެވުނެވެ. އެންމެ އެކީ މަޝްވަރާކުރަން ތިބި ގަނޑީވެސް ހިންދުގެ ނަޒަރު ގިނަ ވަގުތު ފަހަރު ހުއްޓިފައި ހުރީ އަހަންނަށެވެ.
“މިތަނުން ކޮންކާރޑެއް ރީތީ؟” އަލަމާރިން އަހަރެން ނެގި ދެކާރޑް ހިންދުއަށް ދައްކާލަމުން އަހާލީމެވެ. އެއީ އާޝާލްގެ ކައިވެންޏަށް ގެނައި ފްރިންޓްތަކުގެ ތެރެއިން އަހަންނާއި އާޝާލްއަށް ރީތިވި ދެ ކާރޑެވެ.
“ތިވާހަަކަދައްކާކަށްނޫން އަހަރެން މިއައީކީ… އަޝްވާ ކީއްކުރަން ހިތަށް އަރައިގެން ތިއުޅެނީ…” ހިންދުގެ ފަރާތުން މާބޮޑު ޝައުގުވެރިކަމެއް ނުފެނުނުއިރު ހިތްހަމަނުޖެހިފައި ހުރެ ވާހަކަދެއްކިއެވެ.
“އާޝާލްއާއި ސައިފް ކައިވެނިކުރަން ހުރިހާ ކަމެއް ރާވާއިރު އަޝްވާއަށް ހަމަރަނގަޅަށް އިނގޭނެ ސައިފް ލޯބިވަނީ އަޝްވާ ދެކެކަން… އަޝްވާ ސައިފްދެކެ ލޯބިވާއިރު އަމިއްލަ ކަރަށް މަޅި ނުމޮހަބަލަ… ތިކަމުން ނިކުންނާނެ ނަތީޖާ ހަމަ ރަނގަޅަށް އިނގޭއިރު އަޝްވާ ތިހެން ކަންތައްކުރުމުގެ ބޭނުމަކީ ކޮބާ؟” ހިންދުގެ މޫނުމަތިން ފެނުނީ ހިތްހަމަނުޖެހުމުގެ އަސަރުތަކެވެ.
“އާޝާލް ސައިފްދެކެ ލޯބިވާތީ.. އާޝާލްއަށް އޭނާގެ ލޯބި ހޯދަދޭންވެގެން…” ކަރުނުން ފުރެމުންދިޔަ ދެލޮލުން އަހަރެން ހިންދުއަށް ބަލާލީމެވެ.
“އެހެންވެތަ ސައިފް ގާތު ބުނީ ލޯތްބެއްނުވެޔޭ…” ހިންދުގެ މޫނުމަތިން ތަފާތު އަސަރުތަކެއް ފެނިލިއިރު ފަހަތުން އައިސް އަހަރެންގެ ކޮނޑުގައި އަތްބާއްވާލިއެވެ.
“ހިންދު އަހަންނަށް ކިހިނެތް ކެރޭނީ މިދެއަތުން އާޝާލްގެ އުފާތަށް ފުޑުފުޑުކޮށްލަން.. އަހަންނަކީ އެހާ އަމިއްލަ އެދުންބޮޑު ދައްތައެއްނޫނޭ…” ލޮލުން އޮހެމުންދިޔަ ކަރުނަތަކާއިއެކު އަހަރެންގެ ހިތުގެ ހާލަތު ހިންދުއަށް ހާމަކުރީމެވެ.
“އަޝްވާ…” ހިންދު އަހަންނާއި ގާތަށް އަޅާލި ފިޔަވަޅާއިއެކު އަހަންނަށް ހިންދުގެ ގައިގައި އޮޅުލައިގަނެވުނެވެ.
“އަޝްވާ… އަމިއްލަ ހިތް ކަތިނުލާ ފަހުން އަޅާވޭން މާބޮޑުވާނެ… އަދިވެސް ވަގުތު އެބައޮތް… މިއީ ކަންކަން ހަމަޔަކަށް އަޅުވަންވީ ވަގުތު…” ހިންދު އަހަރެންގެ މޫނަށް ނަޒަރުހުއްޓައިލައިގެން ހުރެ އަހަންނަށް ވިސްނައިދޭން މަސައްކަތްކުރިއެވެ.
“ނޫން ހިންދު… އަހަރެން ބުނާ އެންމެ ބަހަކުންވެސް އާޝާލްގެ ލޯބި ގެއްލިދާނެ… އެހެންވާކަން އަހަރެން ނޭނދެން…” އަހަރެން ހިންދުގެ އެދުމާއި ދެކޮޅު ހެދީމެވެ.
“އަޝްވާ… އެކަމަކު…” ހިންދު ވާހަކަދައްކަން އުޅުމާއިއެކު އަހަރެން ހުރަސްއެޅީމެވެ.
“ހިންދު ޕްލީޒް… އިތުރަށް އަހަރެންގެ ނިންމުން ބަދަލުކުރަން ނޫޅޭ…” އަހަރެން ހިންދުއަށް ފުރަގަސް ދިނީމެވެ.
“ހިންދު.. އަހަންނަށް ކަމެއްކޮށްދެންޏާ މިވާހަކަތައް ސައިފްއަށް ކިޔައިނުދޭތި… ސައިފްއަށް މިކަން އިނގުމަށްވުރެ ނޭނގޭހާލު އަހަންނަށް ނަފްރަތުކުރުންވެސް މާ ރަނގަޅު…” ހިންދު ފަހަތުން އައިސް އަހަރެންގެ ކޮނޑުގައި އަތްލުމާއިއެކު އަހަރެން ހިންދުގެ އަތުގައި ހިފައިލައިގެން ހުރެ ވާހަކަދެއްކީމެވެ. ހިންދުއަށް ވާހަކަދެއްކުމުގެ ފުރުސަތު ނުދޭންވެގެން އަހަރެން އަވަސްފިޔަވަޅުތަކެއްގައި ނިކުތީމެވެ. ކޯރިޑޯއިން ހިނގާފައިދަނިކޮށް އާޝާލްގެ ކޮޓަރިން އަންނަމުންދިޔަ ލަވަ އަޑުއިވި އަހަރެން ލޮލުގައި ހިފަހައްޓަމުންދިޔަ ކަރުނަތަށް ކޯތާފަތްމައްޗަށް ފޭބިއެވެ.
“ވަކިވީ ލޯބިން ރީތި ގޮތުގައި
ކީ ވަދާއޭ ރަންއަލީގާ…
ނޭނދޭ ނޭނދޭ ދުރުގައި ހުންނަން…
ފޫހިކަންވޭ ބިންމަތީގައި…
ވައުދޭވީ އެކިރޭރޭ ހިޔާލްގެ ރަން ދުނިޔޭގާ…”
އެއިން ކޮންމެ ލަފްޒެއްވެސް އަހަރެންގެ ހިތުގެ އެންމެ ފުންމިނާއި ކުޅެލިއެވެ. އާނއެކެވެ. އަހަރެން ސައިފްއާއި ވަކިވެގެން މިދަނީ ލޯބިންނެވެ.
ކަލަންޑަރުން ދުވަސްތައް ކެނޑެމުންދިޔައީ އަހަރެންގެ ހިތަށް މާޔޫސްކަން ގެނެސްދެމުންނެވެ. އާޝާލްގެ ކައިވެނިކުރާ ދުވަސް އައިސް ޖެހުނުއިރު އެ މޫނުމަތިން އުފާވެރިކަން ނޫނީ ނުފެނެއެވެ. ނަމަވެސް ސައިފް މޫނުމަތިން ފެންނަނީ ހިތާމައެވެ. ކައިވެނީގެ ފޯރީގައި އުޅުނު ދެ އާއިލާއަށް އެކަން ފާހަގަނުވިޔަސް އަހަންނަށް ކިތަންމެ ރަނގަޅަކަށްވެސް އެކަން އިޙުސާސް ވިއެވެ. ދުރުދުރުން އުޅޭއިރު ވެސް ސައިފްގެ ކަޅި އަހަންނާއި އަމާޒުވާ ކޮންމެ ފަހަރަކުވެސް އެދެލޮލުން ފެންނަނީ ނިމުމެއް ނެތް ޝަކުވާތަކެވެ. ލޯބިވީމާ އެ ލޯބީގެ ބަަަދަލު ލިބޭ ގޮތަކީ މިއީތޯ ތަކުރާރުކޮށް ސައިފް އަހަންނާއި އެ ސުވާލުކުރިފަދައެވެ. ކިތަންމެ ފަހަރަކު އަހަރެން ވާ ލޯބި އަންގަދީފާނަމޭ ހިތަށް އެރިއެވެ. ސައިފް އަހަރެންގެ މައްޗަށް ނަފްރަތުކުރާތީ އަހަންނާއި ދުރުދުރުން އުޅޭކަން އެއީ ނަސީބެކެވެ. އެހެންނޫންނަމަ އަހަރެންގެ ހިތުގެ ހާލު ސައިފްއަށް ސިއްރުނުވީހެވެ.
އިރުއޮއްސިގެން އައިރު ގޭތެރެ ވަނީ ހަލަބޮލިވެފައެވެ. ދެފަރާތުގެ އާއިލާ އެންމެން ކަހަލަގޮތަކަށް ގެއަށް އެއްވެފައިވާއިރު އެންމެން ވެސް އަވަދިނެތި އުޅެނީ ކައިވެނިކޮށްދޭ ވަގުތު ގާތްވާންވާއިރަށް ހުރިހާ މަސައްކަތެއް ނިންމާލެވޭތޯއެވެ.
ޑްރެސިން ޓޭބަލް ކައިރީ އާޝާލް އިންއިރު ހުދުކުލައިގެ ވެޑިން ޑްރެސްގައި އާޝާލް ފެންނަނީ ވިދާ ބަބުޅާ ތަރިއެއްހެންނެވެ. މޫނު މަތީގައި ކޮށްފައިވާ ލުއި މޭކަޕްއިން ރީތިކަން ދެގުނަވެފައިވެއެވެ. އާޝާލް މޭކަޕްކޮށްދީ ނިމުމާއިއެކު އަހަރެން އައިސް އާޝާލް ގައިގައި ބައްދާލީމެވެ. އެވަގުތު ލޮލުން ކަރުނައައީ ދެރަވެގެން ކަމެއް ނޫނީ ކޮއްކޮގެ ކައިވެނި ކުރެވޭތީ އުފަލުން ކަމެއް އަހަންނަކަށް ނޭނގުނެވެ.
އާޝާލްގެ ފަހަތަށް ދެމިފައިވާ ދިގު ވެޑިން ޑްރެސް ހިއްލައިލަދީގެން އާޝާލްއާއިއެކީ ތިރިއަށް ފޭބިއިރު ތައްޔާރުވެގެން ސައިފްވެސް އާއިލާއާއިއެކު އަތުވެއްޖެއެވެ. އަހަރެންގެ ނަޒަރު ފުރަތަމަވެސް ހުއްޓުނީ ސައިފްއަށެވެ. ހުދުކުލައިގެ ފަޓްލޫނާއި ކޯޓްގައި ހުރިއިރު ސައިފްގެ ފިރިހެންވަންތަކަމާއި ފުރިހަމަކަމުން އެހެން ދިމާލެއް ބަލާލާކަށްވެސް އަހަރެން ބޭނުމެއްނުވިއެވެ. ނޭނގިހުއްޓާ އަހަރެންގެ ލޮލަށް ކަރުނަތައް ގިނަވާންފެށިއެވެ. މިރޭގެ ފަހުން ސައިފް އެހެންމީހެއްގެ ހައްގަކަށްވެގެންދާނޭކަން ހަނދާންވެފައި ހިތުގައި ރިހެން ފެށީ އިންތިހާއަށެވެ.
އާޝާލް ފެނިގެން އެންމެން ތައުރީފުކޮށްލި އަޑަށް ސައިފްގެ ނަޒަރުވެސް އަހަރެމެންނާއި ދިމާލަށް ހުއްޓުނެވެ. އެވަގުތު ލާނެތް ފުރައިގެ ޒުވާނުންތައް ސައިފްއާއި މައްލަވަކުރަން ފެށިއެވެ. އެމީހުންނަށް ނޭނގުނީ އެވަގުތުވެސް އާޝާލްގެ ބަދަލުގައި ސައިފްގެ ނަޒަރު ހުއްޓިފައިހުރީ އާޝާލްގެ ހެދުމާއި ނިވާވެގެން ހުރި އަހަންނަށްކަމެވެ. އެ ތޫނު ދެލޮލުން އެވަގުތުވެސް އަހަރެންގެ މޫނުން ކަމެއް ދިރާސާކުރަން އުޅުނު ފަދައެވެ. އެ ރީތި ލޮލާއި ނަޒަރު ހަމަވިއިރު އެ ލޮލުގައި ފުރަގަހުގައި ފޮރުވައިފައިވާ ވޭނާއި އުދާސް ތައް އަހަންނަށް ކިތަންމެ ރަނގަޅަކަށްވެސް ފެނުނެވެ. ނަމަވެސް އިނގިހުރެ އަހަރެން ނޭނގޭކަމަށް ހެދީމެވެ.
ކައިވެނީގެ މަޖިލީސް ފެށިގެންދިޔުމާއިއެކު މުޅި ބޮޑު ކޮޓަރިތެރެއަށް ހަމަހިމޭންކަމެއް ވެރިވެގެންދިޔައެވެ. ރީތިގޮތަކަށް ފަރުމާ ކުރެވިފައިވާ މޭޒުކައިރީ ސައިފްއާއި އާޝާލް ތިބިއިރު އަހަރެންގެ ނަޒަރު ސައިފްގެ މޫނުން ނެއްޓުނު އެންމެ ވަގުތުކޮޅެއްވެސް ނައެވެ. ސައިފް އެހެން މީހެއްގެ ހައްޤަކަށްވާ ވަގުތު ކުޑަތަން ވަމުން އަންނައިރު އަހަރެންގެ ހިތް ތެޅެމުންދިޔައީ އިންތިހާއަށެވެ. ސައިފްގެ ދުލުން އަހަރެން ނޫން އަންހެންކުއްޖު އަނތްބެއްްގެ ގޮތުގައި ގަބޫލުކުރާއަޑު އަހަން އަހަރެންގެ ހިތަކަށް ކެތެއްނުވާނެއެވެ. އެ ހިޔާލުން އެކަނިވެސް އަހަރެންގެ ލޮލުން ކަރުނަ އޮހުރާލުމުގައި ކާމިޔާބުކުރިއިރު އަމިއްލަ ބަދުނަސީބު ކަމާއިމެދު ހިތާހިތުން ޝަކުވާ ކުރެވުނެވެ. މިއަދު ސައިފްގާތުގައި ކައިވެނީގެ ހުދު ހެދުމުގައި އިން އަންހެންކުއްޖަކީ އަހަރެންކަމަށްވީނަމަ އަހަރެންހާ ނަސީބުގަދަ ކުއްޖަކު މި އުޑުގެ ހިޔާ ދަށުގައިވެސް ނުވީހެވެ.
ކައިވެނީގެ ހުތުބާ ލައިދެމުންދިޔައިރު އަހަންނަށް ކަރުނަތައް ހިންދާލައިގެން ކެތްކޮށްލެވުނީ ވަރަށް ވަރުން ނެވެ. ސައިފްގެ ނަޒަރު އޭރު އަހަންނާއި އަމާޒުވެފައިވީގޮތުން އަހަރެންގެ ކެތްތެރިކަން ކޮޅުން ލައިގެން ދާގޮތްވިއެވެ. ސައިފްގެ ހައިރާންކަމުން ފުރިގެންވާ ދެލޮލުން އަހަރެންގެ ހިތުގެ އެންމެ ފުން މިނަށް ވާސިލްވާން މަސައްކަތްކުރާފަދައެވެ.
އަހަރެންގެ ކަރުނަތައް ހުއްޓުވުނީ ހުތުބާ ނިމެންދެންނެވެ. ގާޒީ އަބި ހިބަކޮށްދޭން ފެށުމާއިއެކު އަހަރެން އޮބަހައްޓަމުން އައި ކަރުނަ ތަކަށް ކެތްނުވެގެން ކޯތާފަތުން ތިރިއަށް ލޫދިގަތެވެ. އެއާއިއެކު އަނގައިން އަޑު ބޭރުވެދާނެއަތީ އަހަރެން އަވަހަށް އަނގަމަތީގައި އަތްއަޅާލަމުން އަވަސް ފިޔަވަޅުތަކެއްގައި ސިޑިން މައްޗަށް އެރީ އިތުރަށް އެންމެ މިނެޓަކުވެސް އެތާގައި ކެތްނުވާނޭކަން އިނގޭތީ އެވެ. ސައިފްގެ ދުލުން އެ ލަފްޒު އަޑުއަހަން ހިތް ނޭދޭވަރުންވެސް މެއެވެ. އޭރު ގާޒީ ތަކުރާރުކޮށް އަނބި ގަބޫލުތޯ އަހަމުންދިޔައިރު ސައިފް އިނީ ހުއްޓުން އަރާފައެވެ.
ސިޑިން އަރާ ނިވާވަންދެން އަހަރެންގެ ކަރުނަތައް ހިފެހެއްޓުނީ ވަރަށް ވަރުންނެވެ. ކޮޓަތިތެރެއަށް އަޅާލި ފިޔަވަޅާއިއެކު ދެކަކޫ މައްޗަށް ތިރިވެގަންނަމުން ބާރުބާރަށް ރޮއެގަނެވުނީއެވެ. މިއަދު އެ ކަރުނަތައް ހުއްޓު ވާނެހާ ވަރެއް އަހަރެންގެ ހަށިގަނޑަކު ނެތެވެ. ހިތާމަތައް ވަންހަނާކޮށްގެން ހުރެ ހުރެ އަހަރެން ވަރުބަލި ވެއްޖެއެވެ. ހިތް އެދުނީ ވޭތުވެދިޔަ ހުރިހާ ދުވަސްތަކަކަށް ވާވަރަށް ރޮއެ ހިތާމަކުރުމަށެވެ. އަހަރެންގެ ދިރިއުޅުމަށް ކަޅު ވިލާގަނޑެއް އެޅިގެންދިޔައިރު ކަރުނަތައް ހުއްޓުވައިގެން ހުރުމުގެ ބޭނުމެއް މިއަދަކު ނެތެވެ. ދެން ދުވަހަކު އަހަންނަށް ހިނިތުންވެލާނެހާ ހިތްވަރެއް ނުލިބޭނެއެވެ.
“އަޝްވާ…” ހިންދު ފަހަތުން އަހަރެންގެ ކޮނޑުގައި އަތްބާއްވާލަމުން މޮޅިވެރިގޮތަކަށް ގޮވާލިއެވެ. އެއާއިއެކު އަހަރެން ތެދުވެ ހިންދު ގައިގައި ބައްދައިގަތްއިރު އަމިއްލަ ބަދުނަސީބާއިމެދު ޝަކުވާކުރެވުނެވެ.
“ހިންދު… ކީއްވެ އަހަންނަށް މިހެން މިވީ… އަހަރެން ހާދަ ލޯބިވެޔޭ ސައިފްދެކެ… އާޝާލްއަށްޓަކައި މިގޮތަށް ކަންތައް ކުރިޔަސް އަހަރެން ކެތްކުރާނީ ކިހިނެތް؟ ކިހިނެތް ސައިފްއާއި ނުލާ އަހަރެން އުޅޭނީ… އަހަރެންގެ ހިތްހަލާކުވެދާނެ… އެހެން މީހެއްގެ ހައްގެއްގެ ގޮތުގައި ސައިފް ހުންނަތަން ދެކުމަށްވުރެ ހިތްދަތިކަމެއްނުވާނެ…” އަހަރެންގެ ހިތުގެ ޝަކުވާތައް ފުރަތަމަ ފަހަރަށް އެހެންމީހެއްގެ ކުރިމަތީގައި ފާޅުކުރީމެވެ. އޭރު ހިންދު އަހަންނަށް ރޯނެ ފުރުސަތުދީގެން އަހަރެންގެ ބުރަކަށީގައި ފިރުމާލަ ފިރުމާލާ ހުއްޓެވެ. އަހަރެން ހިތަށް ކެތްނުވެގެން ހުރިހާ ކަރުނައަކާއިއެކު ހިތުގެ އުދާސްތައް ފާޅުކުރީމެވެ. އެގޮތުގައި އިރުކޮޅެއް ވޭތުވެގެންދިޔައިރު އަހަރެންގެ ކަރުނަތަކުން ހިންދުގެ ހެދުން ތެމިފޯވަމުންދިޔައެވެ.
އެވަގުތު އަހަރެންގެ ކޮޓަރިއާއި ދުރަށް އަޅަމުންދިޔަ ފިޔަވަޅުތަކެއްގެ އަޑުއިވިފައި އަހަންނަށް ވަގުތުން ހިންދުއާއި ދުރުވެވުނު އިރު ދެލޯ ބޮޑުކޮށްލެވުނެވެ. އަހަރެންގެ ފޯނު ވައިބްރޭޓްވީވެސް އެވަގުތުއެވެ. ސައިފްގެ މެސެޖެކެވެ. އަހަރެންގެ ހިތް ބާރު ބާރަށް ތެޅިގަތެވެ.
“ހުރިހާކަމެއްވެސް އިނގިއްޖެ… އެކަމަކު މިހާރު މާ ލަސްވެއްޖެ…” އެންމެ ފަހު ޖުމްލަ ކިޔާލުމާއިއެކު އަހަރެން ދުވެފައި ކަހަލަ ގޮތަކަށް ކޮޓަރިން ނިކުތީމެވެ. އަވަސްވެފައިވާ ހިތަކާއިއެކު މުޅި ކޯރިޑޯއަށް ނަޒަރު ހިންގާލެވުނެވެ. އޭރު ކޯރިޑޯ ނިމޭ ހިސާބުން ސައިފް ގޮސް އަހަންނާއި ނިވާވަނީއެވެ. އަހަރެންގެ ހިތުގައި އުތުރި އަރައިގެން ބިރުވެރިކަމާއި އެކު ތުރުތުރު އަޅަމުންދިޔަ އިނގިލި ތަކުން ސައިފްގެ ނަންބަރަށް ފިތާލެވުނެވެ. އެއާއިއެކު ސައިފްގެ ރިންގްޓޯންގެ އަޑު މުޅި ކޯރިޑޯގައި ގުގުމާލިއެވެ.
“އައުމާއިއެކީގައި މޭ ވިރިއްޖޭ…
ލޯބިން އެވީވަރު ސާފުވެއްޖޭ…
ވިޔަތީ ބަދަލު ރޯންހޭ ޤިލަނުގައިވީ…
ވައުދޭ އުވާލީ ރޫހް މަރާލީ…
ދުނިޔެއިން ވަކިވުން ބޭނުންވެއްޖޭ…
ސައިފްގެ މައި ޓިއުންގެ ގޮތުގައި އިވެންފެށި ލަވަޔާއިއެކު އަހަރެންގެ ގައިން ވަރުދޫވެގެން ކަހަލަގޮތަކަށް ޓައިލްސްތަށް މައްޗަށް ތިރިވެވުނެވެ. އަހަރެންގެ ހިތުގެ ހާލު ސައިފްއަށް ބޭޒާރުވެއްޖެއެވެ. އެކަމަކު އެއީ ވަގުތު ފާއިތުވީފަހުންނެވެ. އާޝާލްގެ ހައްގަކަށް ސައިފްވެ ނިމުނުފަހުންނެވެ.
“ވަކިވީ ލޯބިން ރީތި ގޮތުގައި…
ކީ ވަދާއޭ ރަން އަލީގާ…”
އަހަރެންގެ ދެލޯ ކަރުނުން ފުރެމުންދިޔައިރު ސައިފް ގޮސް ލޯމަތިން ނިވައިވިތަން ފެނުނީ ފުސްކޮށެވެ.
4 އަހަރުފަސް
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.

vrh salhi when next part?
Will be uploading soon Insha Allah
Kudhi kudhi mistake huttas vaahaka varah reethi. misaalakah andhireega ekakuge moonu mahchah vaa goiyy thah neygifa anekaage face ge kulavaru engun. ehen bayakah inthizaaru kurevey. Thank you!
Thank you.. will try my best to reduce the mistakes
Hii all. Hope you will like this part too. Your feedbacks are welcomed.
Keehve aashal he hahggakah said heshy Soo sad
When next part really can’t wait
Keehve aashal ge hahggakah said heshy Soo sad
When next part really can’t wait
enme kurinsureves story ge plot raavaafa inee.. thank you.. keep reading to find out more about ashwa and saif’s life
When next part
Next part submitted.. thank you