ލޯތްބަކުންދިން-26
ކޯޓުން ގެއަށް އައިސް ވަތްއިރުވެސް ޒިވާ އޮތީ ނިދާފައެވެ. އެހެންކަމުން އަހަރެން އަވަސް ވެގަތީ ޒިވާ ހޭލަންވާއިރަށް ގޭތެރެ ކުނިކަހާލާ ހަދާލެވޭތޯއެވެ. ގޭގެ މައި ދޮރަށް ފުރަގަސްދީގެން ކުނިކަހަން ހުއްޓައި ސިއްސައިގެން ދިޔައީ ފަހަތުން މީހަކު އައިސް ކޮނޑުގައި ހިފުމުންނެވެ. ކުއްލި ހަރަކާތަކާއިއެކު ފަސް ބަލާލެވުނު ހިނދު ދެލޯ ބޮޑުވީ ހައިރާން ވީވަރުންނެވެ.
“ޝިޒާން!” އަހަރެންނަށް ހަމައެކަނި ބުނެވުނީ އެހެންނެވެ. ޝިޒާން އެއްވެސް އެއްޗެއް ނުބުނެ އެނބުރި ގޮސް ނިދާފައި އޮތް ޒިވާ ނަގާ އުރާލިއެވެ. އެއާއިއެކު ޒިވާ ހޭލިއެވެ.
” ދަރިފުޅު! ޑެޑީ މިސްޑް ޔޫ ސޯ މަޗް” ޝިޒާން ޒިވާ ގައިގައި ބައްދާލާ ކޮލަށް ބޮސްދިނެވެ.
“ޝިޒާން މިކޮޅުގަ ކީއްކުރަނީ؟ ކޮންއިރަކު އައީ؟” އަހަރެން ހިތް ބިރުގަންނަން ފެށިއެވެ. އަހަރެން ފަހަތުން މިކޮޅަށްވެސް ޝިޒާން އައީބާވައެވެ. ކުއްލިއަކަށް އަހަރެންނާ ޒިވާ ދެކެ ޝިޒާން މިހާ ލޯތްބެއްވެގެން މިއުޅެނީ ކީއްވެބާވައެވެ. އަހަރެންމެން ދެ މީހުން ދޫކޮށްލި އިރު އެ ލޯބި ކޮބާ ބާވައެވެ. ހިތާހިތުން އެދެވެމުން ދިޔައީ ޝިޒާން އެއައި ކުރުދަތުރެއްގައިކަމުގައިވުމަށެވެ.
” މާ ގިނައިރެއް ނުވޭ އަދި… އަނެއްހެން ކަމެއް ކުރާކަށް ނޫން…ހަމަ ދުވަސްކޮޅަކަށް އައިސްލީ” ޝިޒާން ހުރީ ވަރަށް ހަމަ ޖެހިލާފައެވެ.
“އެކަނިތަ؟” އެ ސުވާލުކުރިއިރުވެސް ޖަވާބު އަހަރެންނަށް އެނގެއެވެ. ނަމަވެސް ޝިޒާން ނޫނެކޭ ބުނާނެނަމައޭ ދުޢާކުރެވުނެވެ.
” އާނ.. އެކަނި….” އަހަރެން ކުޑަކޮށް ހާސްވިއެވެ. ޝިޒާން އައްޑޫއަށް އައުމުގެ މަޤްޞަދަކީ ކޮބައިބާވައެވެ.
“ކިހިނެއް މިގެ ހޯދީ؟ ކާކު ދޮރުހުޅުވީ؟” އަހަރެން އުޅޭ ތަނެއް ޝިޒާން ކައިރީ ބުނެވުނު ހަނދާނެއް އަހަރެންގެ ނުވެއެވެ. އެހެން ނޫނަސް ޝިޒާން ކައިރިން ސަލާމަތްވާން އައި މީހަކު އުޅޭތަނެއް ނުބުނާނޭ ނޫންހެއްޔެވެ. ދެން އަނެއްކާ ގެއަކީ ސެކިޔުރިޓީ ލޮކް ލާފައި ހުރި ގެއެކެވެ. ގެއަށް ވަދެވޭނީ މީހަކު ވެއްދުމުންނެވެ. މިގެ ޢިމާރާތްކޮށްފައި ހުރީ މީހަކަށް ފާރުމަތިންވެސް އެރޭކަހަލަ ގޮތަކަށް ނޫނެވެ.
“ހޯދަން އުޅޭ މީހަކަށް އުނދަގުލެއް ނުވާނެދޯ ހޯދާކަށް. އީމާން ކިތަންމެ ދުރަށް ދިޔަސް ހުރިތަނަކުން ހޯދާނަން. ދެން މި ގެއަށްވަނީ ކިހިނެއްތޯ.. ނަސީބު ރަނގަޅީ އޭ ބުނެވޭނީ…. އީމާން އަށް ގުޅަން ފޯނު ނެގިތަނާ މީހަކު ދޮރުހުޅުވާލާފައި ނުކުތީމަ މި ވަނީ.. އެހި ކާކުތޯ..މަ ބުނިން ޒިވާ ބައްޕައޭ” ޝިޒާން ގެ ކިބައިން ސަލާމަތް ނުވާނޭކަމުގެ އިންޒާރެއް އަހަރެންނަށް ދިންކަހަލައެވެ.
ޝިޒާން ޒިވާ ގޮވައިގެން އިށީނުމުން އަހަރެން ކުރަންހުރި މަސައްކަތާއިގެން ކުރިއަށް ދިޔައީމެވެ. ނަމަވެސް ހިތުގައިވީ ފޫހިކަމެވެ. ކަންބޮޑުވުމެވެ. ޝިޒާންގެ ބަދަލުގައި ޒިވިއަލް އައިނަމައޭ ހިތަށްއެރިއެވެ.
ޝިޒާން އެދުވަހުގެ ބާކީ ބައި އެއްކޮށް ހޭދަކުރީ އަހަރެންގޭގައެވެ. ޒިވާ ކައިރީގަ އާއި ސޯފާގައި ޓީވީ ބެލުމަށެވެ. އަހަރެން ކާ ކޮންމެ ގަޑިއަކު ޝިޒާންއަށް ކާން ގޮވަމެވެ. ޝިޒާން އެރޭ ގެއިން ދިޔައީ ނުވައެއް ޖަހާ ބޮޑުވިފަހުންނެވެ. ކިތަންމެ އުނދަގޫ ވީނަމަވެސް ދާށޭ ބުނާކަށް އަހަރެންނަކަށް ނުކެރުނެވެ.
ޖެހިގެން އައި ދުވަހުގެ ފަތިހުގެ އަލިކަންވީ ޝިޒާން އަހަރެމެން ގޭގައި ހުއްޓައެވެ. ފަތިހު އައިސް ޒިވާ ގޮވައިގެން ބޭރަށް ހިނގާލަން ދިޔައެވެ. އަހަރެން ބޭނުން ނުވިނަމަވެސް ޒިވާއަށް އެގޮތް ރަނގަޅުވާނޭކަމުގައި ދެކެވުނެވެ. ކޮންމެކަމެއް ކޮންމެ ގޮތަކަށް ވީ ނަމަވެސް އެއީ ޒިވާގެ ބައްޕައެވެ. ޒިވާ ދުނިޔެއަށް އައިފަހުން ޒިވާއަށް ޝިޒާން ގޯހެކޭ ނުބުނާނަމެވެ. ބައްޕައެއްގެ ގޮތުގައި ޝިޒާން ރަނގަޅެވެ.
އެދުވަހު ޒިވާ ބަލާ ސާރާ އައިއިރުވެސް ޝިޒާން އިނީ ޒިވާ މޭމަތީ ބާއްވައިގެން ސޯފާގައެވެ. އަހަރެން ސާރާއަށް ޝިޒާން ތަޢާރަފްކޮށްދިނީމެވެ. ނަމަވެސް އަހަރެން ކަންތައްބޮޑުވީ ސާރާ އެވާހަކަ ޒިވިއަލް ކައިރީ ބުނާނޭކަން ޔަޤީންވާތީއެވެ. ޒިވިއަލް އަށް ގޯސް އެއްޗެއް ހީވެދާނެތީއެވެ. އަހަރެންނަށް އުންމީދު ކުރެވުނީ ސާރާ އެވާހަކަ ބުނުމާއިއެކު ޒިވިއަލް އަހަރެންނަށް ގުޅާނޭ ކަމަށެވެ..ނަމަވެސް ކަންތައް ވީ އަހަރެން އުންމީދުކުރިގޮތަކަށެއް ނޫނެވެ. އައްޑޫއަށް އައިފަހުން އަހަރެންނަށް މިހާރު ޒިވިއަލް ނޭނގޭ ކަހަލައެވެ.ނޫނީ ޒިވިއަލް މާބޮޑަށް ބަދަލުވީއެވެ.
ޝިޒާން އައުމުން ސާރާ ޒިވާ ގެންދާވަރު މަދުވިއެވެ. ޝިޒާން އިންނާތީ ނުކުރެނީކަންނޭނގެއެވެ. ޝިޒާން ގޭގައި ހޭދަކުރާވަގުތު ގިނަވެ ދެމީހުންގެ ދޭތެރޭގައި ވާހަކަ ދެއްކޭވަރުވެސް އިތުރުވިއެވެ. މި ދުވަސްކޮޅިގެ ތެރޭގައި ޝިޒާން އަހަރެންނާއި ގާތްވާން އުޅޭކަމުގެ އިހްސާސެއް ކުރެވެން ފެށިއެވެ. ބަދިގޭގައި އުޅޭއިރު އައިސް ޒިވާ އުރައިގެން ކާ މޭޒު ދަށުގައި އިނދެއެވެ. ޒިވާ ނެޕީ ބަދަލުކޮށް ބައެއް ފަހަރު ރީތިކޮށް ހަދައެވެ. ބައެއް ދުވަސް ދުވަހު ޒިވާ އާއި ހަވާލުވެ އަހަރެން އަރާމުކުރަން ފޮނުވާލަން އުޅެއެވެ. އަހަރެން ޝިޒާންއާއި އިނދެގެން އުޅުނުއިރުވެސް އަލާނުލާވަރަށް އަޅާލައެވެ. ރޭގަނޑު ޒިވާ ނިދުމުންވެސް ޓީވީ ބަލަން އިންނަން ފެށިއެވެ. ބައެއް ފަހަރު ދުއްވާލަން ދާންވެސް އެދެންފެށިއެވެ. މީގެން ކޮންމެ ކަމަކުންވެސް އަހަރެންނަށް ކުރަމުންދިޔައީ ބަޔާންކުރަންދަތި އުނދަގުލެކެވެ. ދުވާލުގެ ބޮޑުބައިއެއްކޮށް އަހަރެމެންގޭގައި ހޭދަ ކުރާއިއރު މާލޭގައި އިން ޝިޒާންގެ އަނބިމީހާ މަތިން ހަނދާން ނައްތާލާފައިވާ ކަހަލައެވެ. ކިތަންމެ ފަހަރަކު ރޭޒަލް ކޮބައިތޯ އަހާލަން ހިތަށްއަރައެވެ.ނަމަވެސް އަހަރެން އުޅެނީ އެކަނިކަމަށްވެފައި ޝިޒާންއާއި އަރާރުންވާނެހާ ހިތްވަރު ނެތުމުން ކެތްތެރިކަމާއިއެކު ޝިޒާން ދާނޭ ދުވަހަކަށް އިންތިޒާރުކޮށްކޮށްހުރީއެވެ. ނަމަވެސް އަހަރެންނަށް އަނގަމަޑުލައިގެން ހުރެވުނީ ދެތިން ހަފްތާއަށެވެ.
އެއް ދުވަހެއްގެ މެންދުރު އަހަރެން ސޯފާގައި އިށީނދެލައިގެން ޓީވީ ބަލަން އިނީ ޝިޒާން ޒިވާ ގޮވައިގެން ކޮޓަރީގައި އޮތީމައެވެ. އަހަރެން އެހެން އިންދައި ނިދި ޖެހުނު އިރެއްވެސް ނޭނގެއެވެ. އަހަރެންނަށް ހޭލެވުނީ މީހަކު އަހަރެންގެ ބޮލުގައި ފިރުމާކަމުގެ އިހްސާސެއްކުރެވިގެންނެވެ. ދެލޯ ހުޅުވާލެވުމާއިއެކު ޝިޒާން ގެ އަތްފޮޅާލާ ސޯފާއިން ތެދުވެ ދުރަށް ހިނގައިގަތީމެވެ. އަހަރެން ގައިގައި ޝިޒާން އަތްލަން އަހަރެންނަށް ނުރުހެވުނެވެ.
“ކިހިނެތްވީ؟ އަހަރެން ނޫޅެމޭ އީމާންއަށް ކަމެއް ކުރާކަށް.. ނިދިފައި އޮތްލެއް ލޯބިކަމުން ކުރީގެ ހަނދާން އާވީ…” ޝިޒާން ބެލީ ސަލާމަތްވާނޭ ގޮތެކެވެ.
“ހެވޭ! އަހަރެންގައި ޝިޒާން އަތްލާކަށް އަހަރެން ބޭނުމެއް ނޫން.. ތީ މީހެއްގެ ފިރިއެކޭ” އަހަރެންނަށް އެހެން ބުނެވުނީ ފުދޭ ވަރަކަށް ބާރަށެވެ.
” އީމާން ބޭނުންނަމަ އަހަރެން ރޭޒަލް ވަރިކޮށްފާނަން…” ޝިޒާން ކޮޅަށް ތެދުވެގެން އަހަރެންނާއި ދިމާއަށް ހިނގައިގަތެވެ.
“ނޫން ޝިޒާން.. ޒިވާއަށްޓަކައިވެސް އަހަރެމެންގެ ގުޅުމެއް ބާއްވަން ބޭނުމިއްޔާ މަށާ ކައިރި ނުވޭ” އަހަރެން އެހެން ބުނުމާއިއެކު ޝިޒާން ހުއްޓުނެވެ.
” ކިތައް ފަހަރަށް އަހަރެން މި ބުނަނީ އަހަރެން ޝިޒާންއެއް ބޭނުމެއް ނޫނޭ! އެހެން ނޫނަސް ރޭޒަލް އާއި އިނީ އަހަރެން ބުނެގެން ނޫން.. މަށާ ހެދި ވަރިކޮށްގެންވެސް ނުވާނެ…ޝިޒާން ރޭޒަލް ވަރިކުރިއަސް މަށެއް ޝިޒާންއަކާ ނީންނާނަން! އަހަރެން މަޑުމަޑުން އެއްޗެއް ނުބުނެ މިހުންނަނީ ޒިވާއަށްޓަކައި. އެކަމަކު ތިކަހަލަ ވާހަކަ ދައްކަން އަހަރެންނަށް ރަނގަޅީ މިގެއަށް ނައިއްޔާ” އަހަރެންނަށް ރޮވެން ފެށުނެވެ.
” އީމާން ތިހާވަރު ވާކަށް ނުވޭނު! ކިތަންމެވަރެއް ކުރިއަސް އަހަރެން އީމާންދެކެ ލޯބި ނުވާކަމަށް ނުހެދޭނެ.. ދެން ތިބުނަނީ މަށަކާ ނީންނާނަމޭ؟ އީމާން އެހެންމީހަކާ އިންނަންދެންވެސް އަހަރެން އުންމީދު ގެއްލުވައެއް ނުލާނަން! އީމާން މީހަކާ އިނދެފިއްޔާ ދެން ޤަބޫލުކުރާނަން ހަޤީޤަތުގައިވެސް އީމާން އަހަރެން ބޭނުން ނުވާކަމަށް! އެދުވަހަކާއި ހަމައަށްވެސް އިންތިޒާރު ކުރާނަން… ” ޝިޒާންގެ ކޮންމެ ބަހެއް އަހަރެންގަޔަށް ހެރެމުންދިޔައީ ތޫނު ބިއްލޫރިތަކެއް ހެންނެވެ.
“ޝިޒާން ތިކުރަނީ ބޭކާރުކަމެއް.. ކިތަންމެ ދުވަހަކު ތިހެން ހުއްޓަސް އަހަރެން ޝިޒާންއެއް ބޭނުމެއްނޫން… މި ގުޅުން ހަޑިކުރަން ނަހަދާ އަހަރެންނަށް ރަނގަޅީ ޝިޒާން ވީ އެންމެ އަވަހަކަށް ފުރައިގެން ދިޔުން…މިހާރު މިތާ ހުންނަތާ މަހަކާއި ގާތްވަނީ.. ނުވާކަމަކަށް އިންތިޒާރު ކުރުމަށްވުރެ މާ ރަނގަޅުވާނެ ހަލާލު އަނބި މީހާއަށް ލޯބިދީ ރަނގަޅަށް އުޅެން” އަހަރެންގެ ރުޅިމަތަކޮށް ޝިޒާންއަށް ވިސްނައިދެވޭތޯ ދެންވެސް ކުރިމަސައްކަތްވީ ބޭކާރެވެ.
“އަހަރެން މިއައީ އަނބުރާ ހުސްއަތާ ދާކަށް ނޫނޭ! އީމާންއާއި ޒިވާ ވެސް ގޮވައިގެން ދާން” ޝިޒާން ނުކުންނަންދަމުން އަހަރެން ކަންފަތް ކައިރީ އެހެންބުނެލީ ވަރަށް ހަމަޖެހިލާފައެވެ. އަހަރެންނަށް ރޯންފެށުނެވެ. ޝިޒާންގެ ކިބައިން ސަލާމަތްވުމެއް ނެތްކަން އިހްސާސްކުރެވުމުންނެވެ. ބޮލަށްބަރުވާން ފެށިއެވެ. ޒިލާލް ނޫނީ ޒިވިއަލް ހުރިނަމައޭ ހިތަށްއެރިއެވެ. ޤައިމުވެސް އަހަރެންމިހާ އެކަނިވެރިއެއް ނުވީހެވެ. ހިތްވަރުދޭނެއެވެ.
ތުރުތުރު އަޅާހާލު ފޯނު ނަގާ ޒިވިއަލްއަށް ގުޅާލެވުނެވެ. ހަދާނެގޮތެއް ނޭނގިގެންނެވެ. މީހެއްގެ އެހީތެރިކަމެއް ބޭނުންވުމުންނެވެ.
“ހެލޯ” އެންމެ ރިންގަކުން ޒިވިއަލް ފޯނު ނެގިއެވެ. ނަމަވެސް އަހަރެންނަށް އެއްވެސް އެއްޗެއް ނުބުނެވުނެވެ. ދުލުގައި ކަސްތޮޅު އެޅުނު ކަހަލައެވެ.
” އީމާން.. ރޮނީތަ؟ ކިހިނެއްވީ؟” އަހަރެންނަށް އޭރުވެސް ރުއިން ހުއްޓާނުލެވުނެވެ.
” ޝިޒާންކަމެއްކުރީތަ؟ ކިހިނެއްތަ ވީ؟ އީމާން..” ޒިވިއަލް ސުވާލަކަށްފަހު ސުވާލެއް ކުރަމުންދިޔައެވެ. އަހަރެންނަށް ހީކުރެވުނި ގޮތަށް ސާރާ އޮތީ ޝިޒާން އައި ވާހަކަ ޒިވިއަލްކައިރީ ބުނެފައެވެ. ނަމަވެސް އަހަރެންނަށް އެއްވެސް އެއްޗެއް ބުނޭވޭގޮތެއް ނުވިއެވެ. އެންމެ ފަހުން ފޯނު ކަނޑާލީމެވެ. އަހަރެން ފޯނު ކަނޑާލިތާ ކުޑައިރުކޮޅެއް ތެރޭގައި ޒިލާލް ގުޅަންފެށިއެވެ. ކަރުނަ ފޮހެލާފައި ފޯނަށް ޖަވާބުދިނީ އަހަރެން ފޯނު ނަގަންދެން ޒިލާލް ގުޅާނޭކަން އެނގޭތީއެވެ.
” އީމް.. ތެދެއް ކިހިނެއްވިއްޔޭ؟ ދޮންބެ ބުނި އީމް ދެންމެ ގުޅިއޭ ވާހަކައެއް ނުދެއްކިއޭ”
” ތި ދެމީހުން މާބޮޑަށް މިސްވީ… މާ ބޮޑަށް އެކަނިވީ” އަހަރެން ހެދީ މުޅިއަކުން ދޮގެކޭ ނުބުނެވޭނެއެވެ.
” ދޮގު ނަހަދަބަލަ އީމް.. ޝިޒާން ދިޔައީދޯ؟ ކަމެއް ކުރީތަ؟” ޒިލާލް އަހަރެންބުނިއެއްޗެއް ޤަބޫލެއްނުކުރިއެވެ.
” ޝިޒާން އުޅޭތަ ދުވަސްކޮޅެއްވެއްޖެ..ކަމެއް ނުކުރެ..އެކަމަކު ދުވަހަކުވެސް އެކަމުން ސަލާމަތް ވާނެހެން ހިއެއްނުވޭ!” އަހަރެންނަށް ބުނެވުނުއެއްޗެއް ވިސްނާލެވުނީ ފަހުންނެވެ.
“އޭ ޒިވާ ހޭލައިފި.. ގުޅާނަން އެނގޭ ފަހުން” އަހަރެން އަވަސް އަވަހަށް ފޯނުބޭއްވީ އިތުރު އެއްޗެއް ބުނެވިދާނެތީއެވެ. އަހަރެން ހިތްވަރުކުރަން އެބަޖެހެއެވެ. ދިރިއުޅުމަކީ ހަނގުރާމައެއްކަން ކުޑައިރުއްސުރެ އަހަރެންނަށް އިހްސާސްވެއެވެ. މި ހަނގުރާމައިން ކާމިޔާބުވޭތޯ މަސައްކަތްކުރަން ހުރީ ހަމަ އަހަރެންނެވެ. އަބަދަކު މީހުންނަށް އުނދަގުލަކަށްވެގެން ނޫޅެވޭނޭ ނޫންހެއްޔެވެ.
އެ ދުވަހު މެންދުރު ޝިޒާން ދިޔަގޮތަށް ދެންއައީ އިރުއޮއްސުނު ފަހުންނެވެ. ގެއަށް އައިސް ވަތްއިރު އެއްވެސް ކަމެއް ވީ ހެންވެސް ހިއެއްނުވެއެވެ. ގެއަށް ވަނުމާއިއެކު އަހަރެންނަށް ގޮވާލާ ޒިވާ އުރައިގެން މައްޗަށްއެރީއެވެ. ފަހުން ޒިވާ ރޯންފެށުމުން ގެނެސް އަހަރެން އަތަށް ޒިވާ ދީފައި ގޮސް ސޯފާގައި އިނީއެވެ. އަހަރެން ޒިވާގެންގޮސް ރީތިކޮށް ނިންދަވަން ބާއްވައިގެން އޮއްވައި ނިދުނީއެވެ. ދެން ހޭލެވުނީ އެގާރަވެސް ޖެހިފަހުންނެވެ. އޭރު ވެފައި ހުރި ބަނޑުހައިކަމާއިއެކު ތިރިއަށް ފޭބީ އެއްޗެއް ކާލުމަށެވެ. އޭރުވެސް ޝިޒާން ޓީވީ ބަލަން އޮތެވެ.
“ނުދަންތަ އަދިވެސް” ޝިޒާން ފެނުމާއިއެކު އަހަރެންނަށް އަހާލެވުނީ އެހެންނެވެ.
” މި ޑޮކިޔުމެންޓްރީ ނިމެންދެން އޮވެވުނީ” ޝިޒާންގެ ލޯ އޭރުވެސް ހުރީ ޓީވީއާއި ދިމާއަށެވެ.
” މި އުޅެނީ ނޫޑްލްސް ކައްކަން.. ކާނަންތަ؟” އަހަރެން އެހެން އަހާލީ ޝިޒާން ވީމައެއް ނޫނެވެ. ކޮންމެ މީހަކު ވިޔަސް އަހަރެން ކާގަޑީގައި ހުރިނަމަ އެ މީހަކަށް ކާން ދަޢުވަތު ދޭނަމެވެ.
“އާނ.. ވަރަށް ބަނޑުހައި” ޝިޒާން އަހަރެންނާއި ދިމާއަށް ބަލާލަމުން ބުނެލިއެވެ.
މިއަދު ހިނގި ހާދިސާއަށްފަހު އަހަރެން ޝިޒާންއާއި މެދު ދެކެވުނު ގޮތް އަނެއްކާވެސް ބަދަލުވިއެވެ. ވޭތުވެދިޔަ ދުވަސްކޮޅު ޝިޒާންއާއި ދެމެދު ރަށްޓެހިކަން އުފެދިގެން ދިޔައީ ޝިޒާންވެސް އަހަރެންނާ އިންނަން ބޭނުންވާ ކަހަލަ ވާހަކައެއް ނުދައްކާތީއެވެ. ނަމަވެސް ރޭޒަލް ވަރިކުރާނެ ވާހަކައާއި އަހަރެންނާއި ޒިވާ ގޮވައިގެން ނޫނީ މާލެ ނުދާނޭކަމަށް ބުނުމުން ޝިޒާންގެ މަޤްޞަދު އެނގި ސާފުވިއެވެ. އެކަމަކު މިވަގުތު ވަކި ހަދާނޭގޮތެއް ނުވިސްނޭތީ ހަނުހުރުން އިސްކުރީއެވެ. ނަމަވެސް އަހަރެންގެ މި ހަނުހުރުންވެސް ޝިޒާން މާނަކުރީ މުޅިން ގޯސްކޮންނެވެ.
ކައިނިންމައިގެން ޝިޒާން ގެއަށް ދާން ނުކުންނަން ހިނގައިގަތުމުން އަހަރެންވެސް ފަހަތުން ހިނގައިގަތީ ގޭ ދޮރު ތަޅުލުމަށެވެ. ނަމަވެސް ދޮރާއި ހަމައަށް ދެވުމާއިއެކު ޝިޒާން އަހަރެން ފާރާލައި ހައްޔަރުކޮށްލީ ކުއްލި ހަރަކާތަކާއިއެކުއެވެ. ދެއަތްވެސް ފާރުގައި ޖައްސާ ހިފަހައްޓާފައިވުމުން ގުޑުވާލެވޭނޭ ގޮތެއްވެސް ނުފެނުނެވެ. ޝިޒާން ކުރަން އުޅޭކަމެއް ނޭނގޭ ހާލު ހިތްބިރުގަނެ ރޯން ފެށުނެވެ.
” މި ނޫން ގޮތަކަށް އީމާން އަހަރެން ވާހަކަ ދައްކާނެ ފުރުޞަތެއް ނުދޭނެ” ޝިޒާން އެހެން ބުނިއިރުވެސް އަހަރެން މަސައްކަތް ކުރަމުން ދިޔައީ އެތަނުން ސަލާމަތްވެވޭތޯއެވެ.
” ދޫކޮށްލާ ޝިޒާން” ރޮމުން ރޮމުން ދޫކޮށްލުމަށް އެދި އާދޭސް ކުރަމުން ދިޔައީމެވެ. ނަމަވެސް އަހަރެން ގެ އަޑަށް ބީރުކަންފަތެއް ދިނުމަށްފަހު ޝިޒާން އަހަރެންގެ ނިތްކުރިއަށް ބޮސްދިނެވެ.
“ހެޔޮނުވާނެ.. އަހަރެންނަށް ތިހެން ނަހަދާ” އަހަރެން ހިތް ބިރުގަންނަން ފެށިއެވެ.
” ޢަހަރެން އީމާންއަށް އެއްވެސް ކަމެއް ނުކުރާނަން… ހަމަ އެކަނި ބޭނުންވީ ތިޔަ މޫނަށް ބޮސް ދޭން.. އަހަރެންނަށް އަދިވެސް އީމާން ބެލެވެނީ އަތްބެއްގެ ގޮތުގަ.. ހެޔޮ ނުވާނެ އީމާން.. އަލުން އަހަރެންގެ ހަޔާތަށް އާދޭ.. ތިޔަ ދެމީހުންނާ ނުލާ އަހަރެން މޮޔަވެދާނެ… މިހެން ގަދަ ދައްކާފަ އުޅުނަސް އަހަރެންގެ ހިތަށްވެސް ހާދަ ތަދުވެޔޭ.. ކުރެވުނު މޮޔަކަމަކުން އީމާން ގެއްލުނަސް އަހަރެން އީމާން ބޭނުން… ވަރަށް ބޭނުން… އީމާންއައި ނުލާ އަހަރެން ކިހިނެއް އުޅޭނީ؟ ރޭޒަލް ދެކެ ލޯބިވެވޭތޯ މަސައްކަތް ކުރާކަށް ބޭނުމެއްވެސް ނޫން! އަހަރެން ބޭނުމީ އީމާން.. ޕްލީޒް” ޝިޒާންގެ ދެލޯ ފެންކަޅިވިއެވެ. އޭރުވެސް އަހަރެންނަށް ރޮވެއެވެ.
” އަހަރެން ދޫކޮށްލާ ޕްލީޒް…” ދެންވެސް އަހަރެންނަށް ބުނެވުނީ އެހެންނެވެ.
” އަތުން ދޫކޮށްލާނަމޭ! އެކަމަކު އަހަރެންގެ އާދޭސް އަޑުއަހާދީ! ދެމީހުންނަށްވެސް ރަނގަޅުވާނީ މިގޮތޭ! ޕްލީޒް” އަހަރެންދެންވެސް އެއްޗެއް ނުބުނެވި ރޮމުން ދިޔައީމެވެ.
“މާދަން މާލެ ދާން ޖެހިއްޖެ! އަންނާނަން އީމާން ބަލާ މެންދުރު! އީމާން ނުގޮސްފިއްޔާ ޒިވާ ގޮވައިގެން ދާނީ! އޭރުން އީމާން އަށް މަޖުބޫރު ވާނެ އަންނަން” ޝިޒާންގެ އަޑު ކުއްލިއަކަށް ބަދަލުވެގެން ދިޔައެވެ. ކުރިންހުރި މަޑުމައިތިރި ހިތާމަވެރި އަޑުގެ ބަދަލުގައި ހަރުކަށި ގޮތެއް އެ އަޑުގައި އެކުލެވުނެވެ. އެ ދިން އިންޒާރުން އަހަރެންގެ ހަތަރެސްފައިން ހީބިހި ނަގައިގެން ދިޔައެވެ. އަހަރެންނަށް ހީވީ ހަމަ ރަނގަޅަށެވެ. އަހަރެންނާއި ހަމައަށް އަންނަން ޝިޒާން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ. އަހަރެން އެއްވެސްއެއްޗެއް ނުބުނުމުން ޝިޒާން އަހަރެން ދޫކޮށްލާފައި ދިޔައީއެވެ. އަހަރެންނަށް މަޑުމަޑުން ތަޅުންމަތީ އިށީނދެ އަޑުން އަޑުނަގައި ރޯންފެށުނެވެ. އަހަރެން ދެން ހަދާނީ ކިހިނެއްހެއްޔެވެ. ޒިވާ އަހަރެންނާއި ވަތްކެއް ނުކުރެވޭނެއެވެ. އަހަރެން ޒިވާ ގޮވައިގެން ފިލާނީއެވެ. މިއޮއްބޮޑު އައްޑޫއިން ޝިޒާންއަށް އަހަރެން ނުހޯދޭނެއެވެ. އެކަމަކު ޝިޒާން ނުފުރައިފިއްޔާ ހަދާނީ ކިހިނެއްހެއްޔެވެ؟ ނޫނީ ގެއްލިގެން ފުލުހަށް ރިޕޯޓުކޮށްފިއްޔާ އަހަރެން ހާދަ ލަދެއް ގަންނާނެއެވެ. ކޮންމެކަމަކުންވެސް ވަގުތީ ހައްލެއް ލިބިދާނެއެވެ. އެކަމަކު މިކަމުން އަހަރެން އުމުރުދުވަހަށް ސަލާމަތްވާން ބޭނުމެވެ.
ހުއްޓުންއަރާފައި އަހަރެންނަށް ފާރުކައިރީ އިނދެވުނީ ގޭ ދޮރު ލައްޕަންވެސް ހަނދާން ނެތިފައެވެ. ދޮރު ހުޅުވިފައި ހުރިކަންވެސް އެނގުނީ މީހަކު ދޮރުމަށްޗަށް އެރިކަމުގެ އިހްސާސެއް ކުރެވިގެންނެވެ. އިސް އުފުލާ ދޮރާއި ދިމާއަށް ބަލާލެވުމާއިއެކު އިންތާ އިނދެ އަނެއްކާވެސް އަޑުން އަޑުނަގާ ރޯންފެށުނެވެ.
” ޝްޝްޝް.. ހުއްޓާލާ…” ޒިވިއަލްވެސް މުށިތައްމަތީ އިށީނދެ އެ ބިޔަ ހަށިގަނޑުގެތެރޭގައި އަހަރެން ބޮނޑިކޮށްލިއެވެ.
(ނުނިމޭ)
***********************************
ނޯޓު: 27 ވަނަ ބައި އިންޝާﷲ ބުރާސްފަތި ދުވަހު އެންމެ ލަސްވެގެން ކިޔާލަން ލިބޭނެ! ދަތުރަކަށް އަރަން ޖެހޭތީ ފަހަރުގަ ބުދަ ދުވަހަށް ކިޔާލަން ނުލިބިދާނެ!
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
12 Comments!
Comments are closed.


Zivial and eem aa dhekudhin gulhey dhen eyrun shizan hunnan hama jeheynee
Finallyyy…. Zivial came!!!! E Shizaan ey kiyaa meehaa e hury hama rangalhanves moya vefa. And OMG!!!! Love this part toooo. I just hope Zivial, Eem and Zivaa protect kuraane kamah. Curiously waiting for the next part.. love u someone
Alhe eem zivial aa innaane nama. Omg mi prt vrh reethi. Hama speechless. Zivial haadha loaibey.
Anyways next part ah inthizaaru kureveyy 💟
OMG EEM BUNAA NAMA DHW LOABI VAA VAAHAKA ZIVIAL KAIRYY… CANT WAIT TO READ THE NEXT PART… ❤️
Varah salhi avahah upload kohlahchey
expect kury zivial kamah but shizaan e.
but no problem finally zivial ves aisi.
waiting for thursday
Alhe eem zivial AA innaane nama.Omg mi part vrh reethi.hama speechless.Zivial haadha loaibey.
Anyways Next part ah inthizaaru kireveyy💞
Finally sizaan is going to mal’e. I think zivial don’t give zivaa to sizaan.
Zivial is love to eem child and also eem.
When is eem married 💖
Wow amazing Masha Allah v v v reethi v inthizaarukuran mi stry ah
vaahaka varah reethi…furathama partun feshigen shauguverikan gehluna nudhi hifahahtaalevifai….
zivial is finally in addu hodaan vy meet veytho… someone e ge huna thane bunedheebala….hehehehe
dhen vaahaka up vaane dhuvas liyefa ineema thank you ehnv kome dhuvahaku nujehey balaakah. ekam ves inthizaaru kurevey varah
Awwn 💕
I am so glad
Hi all,
I am back :)!
I can’t thank you guys enough for the love and support you guys have been showering me with!
It was amazing to see somany “someone’s” in the comment sections😂😂😂!
I read all the comments in all the previous episodes i missed leaving a acomment on!
Thank you so much!
Keep reading!
P.s. 27th vana episode submitted 🙂
Ahah
Someone is backk!!
Curiously waitinn!? <3333