Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯތްބަކުންދިން…5 ވަނަ ބައި

SomeOne Level 210 Stories
April 1, 2023 5 Mins Read
3 Comments

ފާހާނާކޮށްލުމަށްފަހު ބަދިގޭގެ ކަންކަން ނިންމާލާ ސިޓިން ރޫމް ފޮޅާލުމަށް ފިހިގަނޑު ނެގުނުކަން އަހަރެންނަށް އެނގުނެވެ. އެ އާއިއެކު ބޮލަށް އެރި އެނބުރުމާއިއެކު އަހަރެން ތަޅުން މައްޗަށް ވެއްޓުނެވެ. ހޭވެރިކަން ވީއިރު އަހަރެން އޮތީ ސިޓިން ރޫމް ސޯފާގައެވެ. އޭރުވެސް ޒިލާލް އިނީ އަހަރެން ބޮލުގައި ފެން އުނގުޅާށެވެ. ފުންމައިގެން ސޯފާމަތިން ތެދުވެވުނީ ގަތް ލަދެއްގެ ބޮޑުކަމުންނެވެ.

” އެހަށް މިތާ އިށީނދެބަލަ ހަމަޖެހިލަންދެން” އަހަރެންގެ ކޮނޑުގައި ހިފަހައްޓައި ސޯފާގައި ބައިންދަމުން ވާހަކަ ދެއްކީ ޒިލާލްއެވެ. ދެކޮޅު ހެދުމެއް ނެތި އަހަރެން ސޯފާގައި އިށީނދެލީ ބޮލަށް ބަރުވެފައި ހުރުމުންނެވެ.

“ރޭގަ ނުކެއީމަ ކަންނޭނގެ. ފެންވަރައިގެން ސައި ބޯލީމަ އޯކޭ ވެދާނެ” އަހަރެން މަޑުމަޑުން ބުނެލީމެވެ.

“ފެމެލީއަށް އަންގާލަން ވާނެ އެއްނު؟ މީހަކަށް ގުޅާލަދެންތަ؟ ޑޮކްޓަރަށ ދައްކާލަން ދާންވާނެ އީމް” ދެން ވެސް ވާހަކަ ދެއްކީ ޒިލާލްއެވެ.

” ނެތް ފެމެލީއެއް…އަހަރެންނަކީ ވަރަށް ބޮޑު އެކަނިވެރިއެއް” އަހަރެންނަށް ބޭ އިހްތިޔާރުގައި ރޮވުނެވެ.

“ހޭ..ލުކް އައިއެމް ސޮރީ…” ޒިލާލް އަވަސް އަވަހަށް މާފަށް އެދުނުއިރު އެ ސުވާލު ކުރެވުނީތީ ދެރަވިވަރު މޫނުމަތިން ފެނުނެވެ.

“އިޓްސް އޯކޭ.. އައިއެމް ގުޑް ނައު.. އެއޮއް 7 ޖަހަނީ.. މިދަނީ އޮފީހަށް ދާން އެނގޭ. ސައިބޮއްޗޭ..” ދެއްކުންތެރި ހީލުމަކުން ހީލަމުން ކަރުނަތައް ފޮހެލުމަށްފަހު ގޮނޑިން އަހަރެން ތެދުވީމެވެ. އަދި އަވަސް އަވަހަށް ކޮޓަރިއަށްވަދެ އޮފީހަށް ދިޔުމަށް ތައްޔާރުވާން ފެށީމެވެ.

އޮފީހަށް ދިޔަނަމަވެސް މަސައްކަތާއި ގަޔާވާ ގޮތެއް ނުވިއެވެ. ގައިގެ ހަކަތަ ދަށްވެ ވަރުބަލިވާ ކަހަލަ އިސްސާސެއް ކުރެވެމުންދާތީއެވެ. ބޮލަށް އެނބުރުން އެރުންވެސް ރަނގަޅެއްނުވިއެވެ. ވަރަށް ހިތްވަރުކޮށްފައި ޝިޒާންއަށް ގުޅާލީ އިތުރަށް ގުޅާނޭ މީހެއް ނެތުމުންނެވެ. 3 ފަހަރު ގުޅުމުންވެސް ފޯނު ނުނެގުމުން ދަބަހަށް ފޯނުލުމަށް ފަހު ގެއަށް ދިއުމަށް ނުކުތީ އިތުރަށް އޮފީހުގައި އިނުމަށް އުނދަގޫވުމުންނެވެ. އޮފީހުން ނުނުކުމެވެނީސް އަނެއްކާވެސް ބޮލަށް އެނބުރުންއަރައި ވެއްޓެން އުޅުނުހެން ހީވުމާއިއެކު ދޮރުކައިރީ އިށީނދެވުނެވެ. ނަސީބު ރަނގަޅުކަމުން އެވަގުތަކީ  ހައިފާ ބްރޭކަށްދާން ބޭރަށް ނުކުތްވަގުތެވެ. ހައިފާގެ އެހީތެރިކަމާއިއެކު އަހަރެން އޭޑީކޭ ހޮސްޕިޓަލަށް ގެންދެވުނެވެ.

ހައިފާއަކީވެސް 7 މަހުގެ ކުޑަ ކުއްޖެއް ގެންގުޅޭ މީހަކަށްވުމާއިއެކު އަހަރެން ހައިފާ ގެއަށް ފޮނުވާލީ ޝިޒާން އެބަ އާދޭކަމުގައި ބުނެ ދޮގުހެދުމަށްފަހުއެވެ.ނަމަވެސް ހަޤީޤަތަކީ އަހަރެން ޝިޒާންއަށް 4 ފަހަރު ގުޅިއިރުވެސް ފޯނު ނިވާލާފައި އޮތްކަމެވެ.އެކަނި އެމެޖެންސީ ރޫމުގައި އޮތްއިރު ހިތަކަށް ކުރެވެމުން ދިޔަ ހިތްދަތި އިހްސާސްތަކަކީ ދުލުން ކިއެއްތަ ގަލަމަކުންވެސް ބަޔާންކުރެވޭފަދަ އިހްސާސްތަކެއް ނޫނެވެ.

“އީމާން ދޯ؟ ލޭގެ ޓެސްޓްތަކެއް ހަދަން ފޮނުވާލައިފިން. ލޮލުންނާއި އަތްތިލައިންވެސް ފެންނަން ހުރި ނިޝާންތަކުން ހީވޭ ލޭ މަދުހެން. ވަރަށް ބޮޑަށް ހުދުވެފަ ހުރީ. ކޮން އިރަކު ޕީރިއެޑްވީ؟ ކުރިން މިހެންވިތަ؟ ” އަހަރެން ބެލުމަށް އައި ޑޮކްޓަރުގެ ސުވާލު ފުންޏެއް އަމާޒުވިއެވެ.

“ލޭ އަޅާކަށް ނުޖެހޭ އެކަމަކު ތެލެސީމިއާ ކެރިއަރ އެއްވީމަ ލޭ ދައްކޮށް ހުންނަނީ ޢާންމުކޮށްވެސް. ލާސްޓް މަންތް ކުރީކޮޅު ޕީރިއެޑްވި. މި މަހުވެސް ކުރީކޮޅު ލައިޓް ބްލީޑިން ހުރި.” އަހަރެން ޖަވާބުދިނީ ސީދާ ޑޮކްޓަރުގެ ސުވާލުތަކަށެވެ.

“އެހެންވީމާ ރިޕޯޓްތައް ލިބުނީމަ ބަލާލާފަ ޑިސްޗާރޖް ކުރާނީ. ކޮބާ ރިލޭޓިވް؟ ފްރެޝް ޖޫސް ކަހަލަ އެއްޗެއްވިޔަސް ބޯލައްޗޭ”  ޑޮކްޓަރުގެ ސުވާލަށް ޖަވާބެއް ނުދީ ހަމައެކަނި “ލައްބަ” އަކުން އަހަރެން ނިންމާލީމެވެ.

ވެފައި ހުރި ބަނޑުހައިކަމާއިއެކު އަހަރެންވެސް އޮތީ އެއްޗެއް ކާލަން ބޭނުންވެފައެވެ. އެހެންކަމުން ތެދުވެ އެނދުމަތީ އިށީނދެލީ ނަރުސް ކުއްޖެއް އައިސް ވަންނާނެ އިރަކަށް އިންތިޒާރުކުރަމުންނެވެ. މާ ގިނައިރުތަކެއް ނުވެ ލޭބަލަން ނަރުސް  ކުއްޖެއްއައިސް ވަނެވެ. ލޭބަލާނިމުމަށްފަހު އެނބުރި ދިޔުމުގެ ކުރިން އަހަރެން އެ ނަރުސް ކުއްޖާއަށް ގޮވާލީމެވެ.

“ސިސްޓަރ….ކޭން ޔޫ ރި މޫވް ދިސް އައިވީ ފޯރ އަ ވައިލް.. އައި ވޯންޓު ބައި ސަމްތިން ޓު އީޓް” އަހަރެން އަތަށް ގުޅާފައި އިން އައިވީ ނައްޓާލަ ދިނުމަށް އިނގިރޭސި ބަހުން އަހަރެން އެދުނީ އެ ނަރުސް ކުއްޖާއަކީ ދިވެއްސަކަށް ނުވާތީއެވެ.

“ޔޫ އަރ ޓޫވީކް ޓު ވޯކް…ޑޯންޓް ޔޫ ހޭވް އަ ރިލޭޓިވް” އް  ނަރުސް ކުއްޖާ އައިވީ ނައްޓާލުމަށް ފަސް ޖެހުނީ އަހަރެންގެ ހަކަތަ ދަށްވުމުންކަން އަހަރެންނަށް އެނގެއެވެ.

“އައި އެމް އަން އޭބަލް ޓު ޓޯކް ޓު މައި ފެމިލީ ޔެޓް. ޕްލީސް…..” އަހަރެން އާދެހުގެ ރާގަކަށް އަނެއްކާވެސް ބުނެލީމެވެ.

“އައިވިލް ހެލްޕް ޔޫބައި ސަމްތިން..އައިވިލް ސެންޑް އެން އެޓެންޑެންޓް… އައިކާންޓް ލެޓް ޔޫ ވޯކް…..ވަޓް ވުޑް ޔޫ ލައިކް ޓު ހޭވް”

“އެނީ ތިން ވުޑް ބީ އޯކޭ…. ތެންކިޔޫ ސޯ  މަޗް ސިސްޓަރ” އަހަރެން ޝުކުރުން ފުރިގެންވާ ހިތަކާއެކު ވޮލެޓުން ސަތޭކަ ރުފިޔާ ނަގާ އެ ނަރުސް ކުއްޖާއަތަށް ދިނީމެވެ. އަދި އެ ނަރުސް ކުއްޖާ ދިޔަތާ 15 ވަރަކަށް މިނެޓް ފަހުން ޖޫސް ތަށްޓަކާއި ސޭންޑްވިޗްއަކާއިއެކު ފެން ފުޅިއެއް އަދި 2 ދޮންކެޔޮވަށް ހިފައިގެން މީހަކު އައިސް ވަދެ ބާކީ ލާރިއާއިއެކު މޭޒުމަތީ ބަހައްޓައިދިނެވެ. އަހަރެން އެ މީހާއަށް ޝުކުރުއަދާކުރުމަށްފަހު އެނދުގައި އިށީދެ އެ ގެނައި ތަކެތި ކާންފެށީމެވެ.

ވެފައި ހުރި ވަރުބަލިކަމާއިއެކު ނިދުނު އިރެއްވެސް އަހަރެންނަށް ނޭނގެއެވެ. އަހަރެންނަށް ހޭލެވުނީ ޑޮކްޓަރު އައިސް ގޮވުމުންނެވެ.

“އީމާން ގެ ބައެއް ޓެސްޓް ތަކުގެ ނަތީޖާ ލިބިއްޖެ. އެޗް ބީ ވަރަށް ދަށް. 5.0. ޔޫ ނީޑް އިމީޑިއެޓް ބްލަޑް ޓްރާންސްފިޔުޝަން. ޔޫ އަރ “ބީ” ޕޮޒިޓިވް. މިކޮޅުން ބްލަޑް ބޭންކުންވެސް އެބަ ބަލާ ލޭ ހުރިތޯ.. ތިކޮޅުންވެސް 2 ޑޯނާރ ހޯދާލާތި. އޯލްސޯ މި ކޮޅުގަ އެޑްމިޓްވެލަން ޖެހޭނެ. ބޭރުގަ އިންނާނެ އެޑްމިޝަން ޑެސްކް” ޑޮކްޓަރު ދިޔުމާއިއެކު އަހަރެން އަވަސް އަވަހަށް ފޯނުނަގައި ޝިޒާންއަށް އަނެއްކާވެސް ގުޅަން ފެށީމެވެ. ނަމަވެސް ފޯނު އަދިވެސް އޮތީ ނިއްވާލާފައެވެ. ގޮތް ހުސްވުމާއިއެކު ބަފައިބެއަށް އަހަރެން ގުޅާލީ ޝިޒާން ގޭގައި އުޅޭތޯ ބަލައިލުމަށެވެ. އެންމެ ރިންގަކުން ބަފައިބެ ފޯނު ނެގިއެވެ.

“އީމާން ރަނގަޅުތަ؟ ކިހިނެއްވެ ތި ގުޅާލީ” ބަފައިބެ ފޯނު ނެގުމާއި އަހަރެންގެ ހާލު އަހާލީތީ އުފާކުރީމެވެ.

“އާދެ! މި… ޝިޒާން ފޯނަށް ނުގުޅޭތީ” ކުޑަކޮށް އަޅައިގަންނަމުން ކަހަލަ ގޮތަކަށް އަހަރެން ބުނެލީމެވެ.

” ހެނދުނު ފްލައިޓުން ލަންކާއަށް ދިޔައީ.. ނުބުނޭތަ އީމާން ކައިރީގަ؟ ހަފްތާއެއް ފަހުން އަންނާނެ..ކަމެއް ބޭނުންވީތަ؟” ބައްފައިބެ ސުވާލު ފަށްޗެއް އެއްފަހަރާ އަހަރެންނާ ކުރިމަތި ކުރުވިއެވެ.

“އުނހު.އެހެނެއް ނޫން. ފޯނަށް ނުގުޅޭތީ ބަލާލީ… ވައިބަރއިން ގުޅާލާނަން…. ވަރަށް ސަލާމް” އަހަރެން އަވަހަށް ފޯނު ބޭއްވުމަށްފަހު ވައިބަރ އޮން ކޮށްލާ ޝިޒާން އަށް މެސެޖެއް ފޮނުވާލީމެވެ.

“ހެއި. ކޭން ޔޫ ގިވް މީއަ ކޯލް އޭޒް ސޫން އޭޒް ޔޫ ދިސް؟”

އަދި އެއަށް ފަހު “މޯލްޑިވްސް ބްލަޑް ޑޯނާރސް” ގްރޫޕް ހުޅުވާލުމަށްފަހު ވަރަށް އަވަހަށް ބީ ޕޮޒިޓިވް ލޭ ބޭނުންވާ ކަމަށާއި ލޭ ދެވޭނެ މީހަކު ހުރިނަމަ ގުޅާލަދިނުމަށް އެދި އަހަރެންގެ ނަންބަރު ޖަހާލުމަށްފަހު އަހަރެން އޮށޯވެލީ އެޑްމިޓްވާން ކަންކުރާނޭ ގޮތަކާއި މެދު ވިސްނާށެވެ.

މެސެޖް ޖަހާލިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އަހަރެންނަށް ފޯނުކޯލެއް އައެވެ.

“އީމާން؟… އީމާން އަށްތަ ތި ލޭ ހޯދަނީ؟” އެކޮޅުން އިވުނީ މާ ދަންނަ އަޑެއް ނޫންނަމަވެސް ވާހަކަ ދެއްކުމުގައި ރަށްޓަހިގޮތެއް ހުށްޓެވެ.

“އާދެ! ކޮން ބޭފުޅެއްތޯ ތީ؟…” އެކޮޅުން އިތުރު އެއްޗެއް ނުބުނެ ފޯނު ކަނޑާލުމާއިއެކު އަހަރެންގެ ސިކުނޑި ސުވާލުމާކު ތަކަކުން ފުރުނެވެ. ނަމަވެސް މާގިނައިރުތަކެއް ނުވެ އަހަރެންގެ ފޯނަށް އަނެއްކާވެސް ފޯނެއް އަންނަންފެށުމުން ފޯނު ނަގާ ބަލާލީމެވެ. ގުޅަނީ ޒިލާލްއެވެ. އިރުކޮޅަކު ފޯނަށް ބަލަހައްޓައިގެން އޮތުމަށް ފަހު ފޯނު ނަގާ “ހަލޯ” އޭ ބުނެލީމެވެ.

“އީމް.. ތެދެއް އޭޑީކޭގަތަ؟ ކޮންބައެއް ތިބީ؟ ކިހިނެއްވީ؟ އާޔޫ އޯކޭ؟”

” އަނެއްހެން އޯކޭ.. ލޭ މަދުވެގެން ލޭ އަޅަން ޖެހިގެން…ބަޓް ހޫ ޓޯލްޑް ޔޫ؟” މަޑުމައިތިރި ކަމާއިއެކު އަހަރެން ޖަވާބު ދިނީމެވެ.

“ދޮންބެ ބުނީ..ލޭ ހޯދާ ގްރޫޕެއްގަ އީމާން ކިޔާ ކުއްޖެއް ލޭ ހޯދަން ޖަހާފަ އެބައިނޭ. ޑައިލް ކޮށްލި އިރު އިޓްސް ޔޫއޭ.. ހީ އިޒް އޮންދަވޭ އެނގޭ ވިތް އަ ފްރެންޑް ލޭ ދޭން…ބައިދަވޭ ކޮން ރޫމެއްގަ؟” ޒިލާލްގެ ޖަވާބުން އެ ގުޅީ ކާކުކަން އަހަރެންނަށް އެނގުނު ނަމަވެސް ޒިލާލްގެ ދޮންބެއާ އަދި ބައްދަލުވެފައި ނުވާތީ ސީދާ އެއީ ކާކުކަމެއް ނޭނގެއެވެ. ނަމަވެސް ރޭގައި ސިޓިންރޫމްއިން އެދިމާވީ ޒިލާލްގެ ދޮންބެއާއިކަން ޝައްކާއި ގާތަށް ޔަޤީންވިއެވެ.

“އަދި އެމެޖެންސީ ރޫމްގަ…” އަހަރެން ޖަވާބު ކުރުކޮށްލީމެވެ.

ޒިލާލްއާއި އިތުރު އަންހެން ކުއްޖެއް އައިސް އަހަރެންގެ އެނދުކައިރިއަށް ހުއްޓުނީ ފޯނު ބޭއްވިތާ ގަޑިއެއް ހާއިރު ފަހުންނެވެ. އެގަޑިއަކީ ނަރުސް ކުއްޖެއްވެސް އައިސް ވަތް ވަގުތެވެ.

“ރިލޭޓިވްސް ހިޔަރ ދޯ؟ އެޑްމިޝަން ކަންކަން ނިމިއްޖެތޯ؟ ޑޯނަރ ކްރޮސް މެޗް ނިމިއްޖެ…އެއްބޭފުޅެއް ބްލީޑް ކުރަނީ މިހާރު… ޓްރާންސްފިޔުޝަން ފެށޭނީ އެޑްމިޓް ކުރެވުނީމަ”

” މި ނިންމާލަނީ ސިސްޓަރ! ޖަސްޓް ފައިވް މިނެޓްސް” ޖަވާބުދިނީ ޒިލާލްއެވެ.

“ކީއްވެތަ ގުޅާ ނުލީ؟ އެނީވޭ އައިތިންކް އައިނޯޔޫ ނައު.. އަންނާނަން އެޑްމިޝަން ނިންމާފަ.. ބައިދަވޭ މީ ޝިފާ.. ޒިލާގެ ވަތުކިބަ…” އެއްލޯ  މަރާލަމުން ޒިލާލްބުނެލިއެވެ.

“ޝިފާ.. ޔޫ ވެއިޓް އިނގޭ އީމް ކައިރީގަ.. ޒިލާ އެބަ އަންނަން..” ޒިލާލް ނުކުމެގެން ބޭރަށް ދިޔައީ އަހަރެން އެޑްމިޓްކުރުމުގެ ކަންކަން ނިންމާށެވެ. ޝިފާވެސް އަހަރެން ކައިރީ ހުރި ގޮނޑީއެއްގައި އިށީނދެ އަހަރެންނާ ވާހަކަ ދައްކަން ފެށިއެވެ.

އެޑްމިޝަންގެ ކަންކަން ނިމުމާއިއެކު އަހަރެން ރޫމަށް ބަދަލުކުރުމަށް ނަރުސްކުއްޖެއް އައެވެ. ހިނގާފައިވާ ދިޔުމަށް ހުއްދައަށް އެދުމުން އެކަމަށް ނަރުސް ކުއްޖާ އިންކާރުކުރިއެވެ.

އަހަރެން ޕްރައިވެޓް ކޮޓަރިއަށް ގެންދިޔުމަށް އެމެޖެންސީ ރޫމުން ނެރުނު ވަގުތު، އެމެޖެންސީ ރޫމް ބޭރުގައި ތިބި މީހުން އަހަރެންގެ ލޮލުގައި އަޅައިގަތެވެ.އޭގެ ތެރެއިންވެސް ވަކި މީހަކަށް އަހަރެންގެ ނަޒަރު ހުއްޓުނުވެ.ގާތްކަމެއް އިހްސާސްކުރެވިގެންނެވެ. ލޮލުކޮޅަށް ގޮސް އެމީހާ ގެއްލެންދެން އަހަރެން ބަލަންއޮތީމެވެ. އެމީހަކަށްވެސް އަހަރެން ބަލަމުންދިޔަކަން އެނގޭނެއެވެ. ލަދުވެތިކަމެއް އިހްސާސްކުރެވުނީވެސް މާފަހުންނެވެ.

ކޮޓަރިއަށް ގެނެވުމާއި އެކު ލޭގުޅުމުގެކަންކަން ނަރުސް ކުއްޖެއް އައިސް ނިންމާލިއެވެ.

” ވީ ހޭވް ރިސީވްޑް ޕެންޑިން ބްލަޑް ޓެސްޓްސް. ޑޮކްޓަރ ވިލް ކަމް އެންޑް ޓޯކްޔޫ..” ނަރުސް ކުއްޖާ ނުކުންނަން ދަމުން އިނގިރޭސިން ބުނެލީ ލޭގެ ޓެސްޓްތަކުގެ ނަތީޖާ ލިބުނު ވާހަކައެވެ. ނަމަވެސް ޑޮކްޓަރު އައިސް ކިޔައިދޭންވީ ކީއްވެބާއެވ.. ކަމެއް ގޯސް ވީބާއެވެ. އަހަރެންގެ ހިތް ނުތަނަވަސް ވިއެވެ.

“އިޒް އެވްރީތިން އޯކޭ”؟ ހުރިހާކަމެއް ރަނގަޅުތޯ އަހާލެވުނީ ބޭއިޚްތިޔާރުގައެވެ.

“ޔެސް.ޔެސް.. ނަތިން ޓު ވޮރީ..ޖަސްޓް ޓޭކް ކެއަރ އޮފް ޔުއަރ ސެލްފް”  ނަރުސް ކުއްޖާ ނުކުމެގެން ދިޔުމާއިއެކު ޒިލާލް އާއި ޝިފާއައިސް އަހަރެން ކައިރީގައި އިށީނެވެ.

“އީމް.. ކަމެއް ވެއްޖެއްޔާ އަހަރެމެންނަށް ގުޅާލަބަ… އަހަރެމެންގެއަށް އީމް އައި ކޮންޑިޝަން އިން ވީ ނޯ ހުރިހާކަމެއް ރަނގަޅު ނޫންކަން. އެޓް ލީސްޓް އަހަރުމެންގޭގަ ތި ހުންނަ ދުވަސްކޮޅު ވީ ކޭން ހެލްޕް ޔޫ…” ބޭ އިހްތިޔާރުގައި އަހަރެންނަށް ރޮވުނެވެ.

“ތެދެއް އީމް. ޒިލާލްމެން ބޯއީސް ވީމާ ބުނަން ނުކެރުނަސް މިހާރު ޝިފާއާއިވެސް ރަށްޓެއްސެއްނު. ޔޫ ކޭން ޑައިރެކްޓްލީ ޓޯކްމީ..ޒިލާލްމެންގޭން ދިޔަޔަސް ޝިފާ ހަމަ ފްރެންޑޭ…އެކަމް ޕްލީޒް ޑޯންޓް ސަފަރ އެލޯން” އަހަރެންނާ ޝިފާ ބައްދަލުވީ އަލަށްނަމަވެސް ބީރަށްޓެހިކަމެއް އޭނާގެ ވާހަކައިގަ ނުވެއެވެ.

“ތި މީހުންނަށް ޝުކުރުއަދާކުރާނޭ ގޮތެއްވެސް ނޭނގޭ! ތި މީހުން ނެތް ނަމަ މިއަދު އަހަރެންނަށް ޖެހޭނޭ ހާލެއް އިހްސާސްވެސް ކުރަން އުނދަގޫ! ދުވަހަކުވެސް ތިޔަ ހެޔޮކަން އަހަރެން ހަނދާން ނައްތައެއް ނުލާނަން” އަހަރެންނަށް ވާހަކަ ދެއްކުނީވެސް ރޮމުން ރޮމުންނެވެ.

“ދެން މާ ސެންޓި ނުވެބަ! އަހަރުންނަށްވެސް ރޮވިދާނެއޭ” ޒިލާލް މަސައްކަތްކުރީ އަހަރެން ހެއްވާލެވޭތޯއެވެ.ހަމަ އެވަގުތު ކޮޓަރި ދޮރުގައި ޓަކި ދިން އަޑު އިވުނެވެ. އެއާއިއެކު ޝިފާ ތެދުވެގެންގޮސް ދޮރު ހުޅުވިއެވެ.

“ދޮންބެ” ޝިފާ އެހެން ބުނިއިރު މީހަކު ދޮރުން އެތެރެއަށް ވަންނަނީއެވެ. އެއީ ދެވަނަ މީހެއް ނޫނެވެ. ބޭރުން އެމެޖެންސީ ރޫމް ދޮރުމަތިން އަހަރެންގެ ނަޒަރު ހުއްޓުނު ޒުވާނާއެވެ. އަހަރެން ކުޑަކޮށް ލަދުގަތެވެ.

“ހައި. ޒިވިއަލް އެނގޭ. ރޭގަ ދިމާވީ މަށާ” އެ ޒުވާނާ އެތެރެއަށް ވަދެ ސަލާމްކޮށްލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

SomeOne

Level 210 Stories

Other Articles

Previous

ބަދަލުވި އާދަ

Next

ލޯބިވެވުނީ 5

Next
April 1, 2023

ލޯބިވެވުނީ 5

Previews
March 29, 2023

ބަދަލުވި އާދަ

3 Comments!

  1. ކިއުންތެރިއެއް says:
    April 5, 2023 at 2:29 pm

    .ވާހަކައިގެ މި ބައި ވެސް ގެނެސްދީފައިވަނީ ކިޔަމުންދިޔައިރު މިއީ އެއްވެސް ފުލޯކެއް ނެތް ހަގީގަތެކޭ ހީވާހައި ވެސް މޮޅަށް

  2. Mitsuha says:
    April 7, 2023 at 3:35 pm

    Masha Allah… Vvv reethi… Keep it up.. Dhen genes dhey parts thr mi part ah vure dhigu koh dheyne kamah umeedhu kuran… Good luck

  3. SomeOne says:
    April 10, 2023 at 12:52 pm

    Thanks for the positive comments. Time hunna gothun dhigu koh nulieveny. ekam IA will try

Comments are closed.

Next Episodeލޯތްބަކުން ދިން… 6ވަނަ ބައި←


All Right Reserved!