ލޯތްބަކުން ދިން… 6ވަނަ ބައި
“ތި މީހުންނަށް ޝުކުރުއަދާކުރާނޭ ގޮތެއްވެސް ނޭނގޭ! ތި މީހުން ނެތް ނަމަ މިއަދު އަހަރެންނަށް ޖެހޭނޭ ހާލެއް އިހްސާސްވެސް ކުރަން އުނދަގޫ! ދުވަހަކުވެސް ތިޔަ ހެޔޮކަން އަހަރެން ހަނދާން ނައްތައެއް ނުލާނަން” އަހަރެންނަށް ވާހަކަ ދެއްކުނީވެސް ރޮމުން ރޮމުންނެވެ.
“ދެން މާ ސެންޓި ނުވެބަ! އަހަރުންނަށްވެސް ރޮވިދާނެއޭ” ޒިލާލް މަސައްކަތްކުރީ އަހަރެން ހެއްވާލެވޭތޯއެވެ.ހަމަ އެވަގުތު ކޮޓަރި ދޮރުގައި ޓަކި ދިން އަޑު އިވުނެވެ. އެއާއިއެކު ޝިފާ ތެދުވެގެންގޮސް ދޮރު ހުޅުވިއެވެ.
“ދޮންބެ” ޝިފާ އެހެން ބުނިއިރު މީހަކު ދޮރުން އެތެރެއަށް ވަންނަނީއެވެ. އެއީ ދެވަނަ މީހެއް ނޫނެވެ. ބޭރުން އެމެޖެންސީ ރޫމް ދޮރުމަތިން އަހަރެންގެ ނަޒަރު ހުއްޓުނު ޒުވާނާއެވެ. އަހަރެން ކުޑަކޮށް ލަދުގަތެވެ.
“ހައި. ޒިވިއަލް އެނގޭ. ރޭގަ ދިމާވީ މަށާ” އެ ޒުވާނާ އެތެރެއަށް ވަދެ ސަލާމްކޮށްލިއެވެ.
“ސޮރީ އެންޑް ތެންކިޔު” އަހަރެންނަށް ހަމައެކަނި ބުނެވުނީ އެވަރަށެވެ.
” އީމް އާއި ދިމާވީ ކޮންއިރަކު؟ މަށަށްވުރެ ކުރިން ނިދަން ވަތް އީމް” ޒިލާލް ވާހަކަ ދެއްކީ ޒިވިއަލްއަށް ނިސްބަތްކޮށްފައެވެ.
” އާނ! އެއީ ތަންކޮޅެއް ދަންވިފަހުން ގެއަށް ދެވުނީ.. އީމާން ހުރީ ފުޅިއަކަށް ފެންއަޅަން. ވަގެއްކަމަށް ހީކޮށްފަ ކަންނޭނގެ ހަޅޭއްލަވައިގަތީ” ރޭގެ ހާދިސާ ކިޔާދިން އިރު އަހަރެން އޮތީ އިތުރަށް ގަތްލަދުން ރަތް ވެފައެވެ.
“ވަގެއް ކަމަކަށް ނޫން.. އަނދިރިވީމާ ބިރުގަތީ” އަހަރެން މަޑުމަޑުން ބުނެލީމެވެ.
“ނައު ޑޯންޓްސޭ އީމް ތޯޓް ބްރޯއަކީ ޖިންނިއެކޭ” ޒިލާލް އެބުނީ ސީދާ އަހަރެންނަށް ހީވިގޮތަށް ނަމަވެސް އަހަރެން އިތުރު އެއްޗެއް ނުބުނަމަވެ. އެއާއިއެކު އެންމެން އެއްފަހަރާ ހޭންފެށިއެވެ.
“އޭ މިދަނީ ކާން އެނގޭ ވިލް ބްރިންގް ސަމްތިން ފޯޔޫ އީމް. ލެޓްސް ގޯ” ޒިލާލް ޝިފާގެ އަތުގައި ހިފައިގެން ކޮޓަރިން ނުކުތްތަނާ ޑޮކްޓަރާއި ނަރުހެއް އައިސް ވަނެވެ. އެ އާއިއެކު ޒިވިއަލް ވެސް ނުކުތުމަށް ހިނގައިގަތްނަމަވެސް މަޑު ޖެހެލީ ޑޮކްޓަރު ވާހަކަ ދެއްކުމުންނެވެ.
” އިޓްސް އޯކޭ.. ޔޫ ކޭން ވެއިޓް” ޑޮކްޓަރު އެހެން ބުނުމާއިއެކު ޒިވިއަލް ގޮސް އެނދުގެ އަނެއް ފަރާތުގައި ކޮޅަށް ހުއްޓުނެވެ.
“ކިހިނެތް މިހާރު އިމާން؟” ފުރަތަމަވެސް ޑޮކްޓަރު އަހާލީ ހާލު ކިހިނެއްތޯއެވެ.
“އަލްހަމްދުލިﷲ. މިހާރު ބެޓަރ” އަހަރެން ޖަވާބުދިނީމެވެ.
” ހުރިހާ ބްލަޑް ރިޕޯޓްއެއް ލިބިއްޖެ. ޗެބް ބީ ދައްވުން ފިޔަވާ އިތުރު މައްސަލައެއްނެތް” ޑޮކްޓަރުގެ ވާހަކަ ނުނިމެނީސް ދެވަނަ ފަހަރަށް ﷲ އަށް ހަމްދުކުރެވުނެވެ.
“އެންޑް ކޮންގްރަޗުލޭޝަންސް. ޔޫ އަރ އެކްސްޕެކްޓިން” އަހަރެންނަށް އިތުރު ސިހުމެއް ނުލިބުނީ އެކަން އަހަރެންނަށް އެނގޭތީއެވެ. އަހަރެން ޝިޒާންމެން ގެއިން ނުކުތް ދުވަހު ޓެސްޓްކުރީ ޢާންމުކޮށް ވާގޮތަށް ޕީރިއަޑް ނުވާތީއެވެ.ނަމަވެސް އެ ޚަބަރުން ޒިވިއަލް އަށް ސިހުންގެނުވިކަން މޫނުމައްޗަށް އަރާފައިބަމުން ދިޔަ ކުލަވަރުން އަހަރެންނަށް އެނގުނެވެ.
“ގިނައިން މޭވާ ކާންވާނެ. މާބަނޑުއިރު ލޭދަށްވުމަކީ މަންމައާއި ދަރިފުޅަށްވެސް އޭގެ ގެއްލުން ވާނޭކަމެއް. މާދަމާ ހެނދުނު އިންނާނެ ސްކޭންއެއް. ވިލް ސީޔޫ އާފްޓަރ އިޓް” ޑޮކްޓަރު ނުކުންނަން ހިނގައިގަތުމުން ތެންކިޔުއޭ ބުނެލީމެވެ. އެއިރުވެސް ޖެހި ބުދެއްހެން ޒިވިއަލް އަހަރެންނާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ.
“ތެންކިޔު ފޯ ޑޮނޭޓިން ބްލަޑް. ތި މީހުންގެ ހިތް ހެޔޮކަން އަބަދުވެސް ހަނދާން ކުރާނަން. އެންޑް ވަރަށް ބޮޑަށް މަޢާފަށްވެސް އެދެން ބޭނުން ތި މީހުންނަށް ބުރަޔަކަށް ވެވުނީތީ” އަހަރެން ފާޅުކުރީ އަހަރެންގެ ހިތެވެ.
“ނޫނޭ. އިޓްސް ނޮޓް އަ ބާޑަން. މަރުހަބާ އެނގޭ މަންމަ އަކަށް ވާން އުޅޭތީ! އަންނާނަން ބޭރަށް ނުކުމެލާފަ” ޒިވިއަލް އަވަސް އަވަހަށް ބޭރަށް ނުކުމެގެން ދިޔުމާއިއެކު ފޯނު ނަގައި ބަލާލީ ޝިޒާން އަހަރެންގެ މެސެޖަށް ރިޕްލައި ކޮށްފައި އިންތޯއެވެ. ނަމަވެސް އަހަރެންގެ ހިތަށް މާޔޫސީކަން ގެނުވީ އަހަރެން އުންމީދުކުރިފަދައިން ޝިޒާން ގެ މެސެޖެއް ލިބިފައި ނެތުމުންނެވެ.
އަހަރެން ބަނޑު ބޮޑުކަން އެނގިހުރެވެސް އެދުވަހު ޝިޒާންކައިރީ ނުބުނެވުނީތީ އަހަރެން ދެރަވާން ފެށިއެވެ. އެކަމަކު އެދުވަހު އަހަރެން ޝިޒާންކައިރީ އެވާހަކަ ބުނާނީ ވެސް ކިހިނެއްހެއްޔެވެ. އަހަރެން ނުކުތް އިރުވެސް ޝިޒާން ގޭގައި ނެތެވެ. ގެއިން ނުކުތް ފަހުން ރަނގަޅަށް ވާހަކައެއް ނުދެއްކެއެވެ.މިފަދަ އުފާވެރި ހަބަރެއް ދޭން އަހަރެން ބޭނުންވީ ދެމީހުން އެކުއެކީ ތިބެއެވެ. ނަމަވެސް އަހަރެން ގަސްތުކުރީ ދެން އިތުރަށް މިކަން ސިއްރުނުކޮށް ޝިޒާންއަށް އެންގުމަށެވެ. އެހެންކަމުން ފޯނު ނަގާ ދެވަނަ މެސެޖެއް ލިޔެލީމެވެ.
“އައި އެމް ސޮރީ ގެއިން ނުކުމެގެން އަންނަން ޖެހުނީތީ. އެކަމަކު އަހަރެން އަނބުރާ ޝިޒާންމެންގެއަށް ދާން ބޭނުން. އައި ތިންކް ވީ ކޭން ވޯކްދިސް އައުޓް. ވީ ހޭވް އަ ރީޒަން.. ޕްލީސް ކޯލް މީ” ހިތާ ދެކޮޅަށްވެސް އެގެއަށް އަނބުރާދާން އަހަރެން ވިސްނީ އަހަރެމެންނަށް ލިބެން އުޅޭ ދަރިފުޅުގެ ހައްޤުގައެވެ.
ޒިލާލްމެންގެނައި ކާތަކެތި ކައި ނިންމާލުމަށްފަހު ޒިލާލް އާއި ޝިފާއާއި ދެމީހުންވެސް ނިދަން ފޮނުވާލެވުނީ އެތަށް އާދޭހެއް ކޮށްގެންނެވެ. ދެމީހުންނަކީވެސް ވަޒީފާއަށް ދާ ދެމީހުންކަމަށް ވުމާއިވެސް އެކުގައެވެ. އެ ދެ މީހުން ދިޔުމުން އޮފީހަށް ސަލާން ރިޕޯޓުކޮށްލުމަށްފަހު ނިދާލުމަށް ހިތުލައިގެން އޮށޯވެލީ މަޑުމަޑުން ބަނޑުގައި ފިރުމާލަމުންނެވެ. “ދަރިފުޅާ”….
އަހަރެންނަށް ދެން ހޭލެވުނީ ދަންވަރުއެވެ. ގުޅާފައި ހުރި ލޭޕައިންޓް ހުސްވެފައި ހުރުމާއިއެކު އެ ނައްޓާލުމަށް ނަރުސް ކުދިން މަސައްކަތް ކުރަނިކޮށެވެ.
ލޭ ޕައިންޓް ނައްޓާލުމުން އަހަރެން އެނދުން ތެދުވެލީ ފާޚާނާކޮށްލުމަށް ބޭނުންވާތީއެވެ. އެނދުން ތެދުވެ މަޑުމަޑުން ފާޚާނާއާއި ދިމާއަށް ހިނގައި ގަތީމެވެ. ނަމަވެސް ބޮލަށް އެނބުރުން އެރުމާއިއެކު އަހަރެން އަރިއަޅާލިއެވެ. ނުވެއްޓި ސަލާމަތްވީ މީހަކު އަހަރެން ގައިގައި ހިފެހެއްޓުމުންނެވެ. އޭރި ޒިވިއަލް ހުރީ އަހަރެންގެ ކޮނޑުގައި ހިފަހައްޓާލައިގެން އޭނާގެ ހަށިގަނޑުގައި އަހަރެން ޖައްސާލައިގެންނެވެ.
“މާ ގިނައިރު އޮށޯވެ އޮވެފައި ތެދުވީމަ ކަންނޭގެ.” މަޑުމަޑުން ޒިވިއަލް ގެ އެހީތެރިކަމާއިއެކު ފާހާނާއާއި ހަމައަށް ގެންގޮސް ދިނުމަށްފަހު އޭނާ ބޭރަށް ނުކުތެވެ.
” ބަލައިގެން އުޅެއްޗޭ. ތަޅު ނުލާތި” ބޭރުން ދެންވެސް އިވުނީ ޒިވިއަލްގެ އަޑެވެ.
ޒިވިއަލް އައީ ކޮންއިރަކުބާއެވެ. އަހަރެންނަށް ނުފެނުނީ ކީއްވެބާއެވެ.
ފާޚާނާކޮށް ނިންމާލުމަށްފަހު ދޮރު ހުޅުވާލާ ބޭރަށް ނުކުތްއިރުވެސް ދޮރުމަތީގައި ކޮޅަށް އޭނާ ހުއްޓެވެ. އަހަރެންގެ ލޮލުގައި އަޅައިގަތީ އެނދުވަށައިގެން ދަމާފައިވާ ފަރުދާއެވެ. އަހަރެންނަށް ޒިވިއަލް ނުފެނުނީ އަހަރެން އޮންނަ އެނދު ވަށައިގެން ހުރި ފަރުދާ ދަމާފައި ހުރުމުންނެވެ.
މަޑުމަޑުން ގޮސް އެނދުގެ ވަށައިގެންވާ ފަރުދާ ކަހާލުމަށްފަހު އެނދަށް އަރައި އިށީނދެލީމެވެ. އަދި އިސްވެ ފުރަތަމަ ފަހަރަށް ވާހަކަ ދެއްކީމެވެ.
“ކައިފިންތަ؟ ކީއްވެ ގެއަށްނުގޮސް ތީނީ؟ އައިވިލްބީ އޯކޭއޭ”
“ކަމެއް ނުވޭ. ދެން ހަމަ މަޑުކޮށްލީ.. އުނދަގޫވީތަ އިނީމަ؟” ޒިވިއަލް ވާހަކަ ދެއްކީ ސީދާ އަހަރެންގެ މޫނަށް ބަލަން އިނދެއެވެ. އަހަރެންނަށް ކޮންމެވެސް ވަރަކަށް އުނދަގޫވެސްވިއެވެ.
“އުނހު އެހެނެއްނޫން. ތެދައް ބުނަންޔާ ނުވެސް ދަންނަ މީހެއް ކައިރީ ތިހެން ނިދި ގެއްލުވާލާފަ ހޭލާ އިނީމަ”
“ކިހިނެއް އެނގެނީ ނުދަންނަ ކަމެއް” ޒިވިއަލްގެ ޖަވާބުން އަހަރެން ހައިރާންވިއެވެ. ތެދެކެވެ. ޒިވިއަލް ފުރަތަމަ ފެނުމުންވެސް ދަންނަ މީހެއް ކަހަލަ އިހްސާސްއެއްކުރެވުނެވެ. އެކަމަކު ކޮންތާކުންބާއެވެ.
“މީގެ ކުރިން ދިމާވިހެން ހީނުވާތީ.. އެކަމަކުވެސް އަހަރެންގެ އަމިއްލަ މީހުންކަމުގައި އަހަރެން ދެކޭ މީހުންނަށްވުރެ ތިމީހުން މާ ހެޔޮ..ތެންކިޔު ފޯ އެވްރީ ސިންގަލްތިންގް” އަހަރެން ވާހަކަ ދައްކަމުން ފޯނު ބަލާލީ ގަޑިން ވީއިރެއް ބަލާލުމަށެވެ. ނަމަވެސް އަހަރެން ހިތް އުފަލުން ފޮޅުނީ ޝިޒާން ގެ މެސެޖެއް އައިސް އިނީމައެވެ.
“ދެން މަޑު މަޑުން ދަންނަމުންދާނީ! އިފް ޔޫ ޑޯންޓް މައިންޑް ކޮބާ ހަސްބަންޑް؟ އޯ މޭބީ ބޭބީގެ ބައްޕަ” ޒިވިއަލް ދައްކަމުން ދިޔަ ވާހަކައަށް މާ ބޮޑު ޝައުގުވެރިކަމެއް ނުދެވިއިނީ ޝިޒާން ފޮނުވި މެސެޖް ކިޔާފައި ލިބުނު ކުއްލި ސިހުމެއްގެ ސަބަބުންނެވެ.
“އީމާން ތި ކަންތައް ކުރީ އެންމެ ރަނގަޅަށް. އައިކާންޓް ޓޭކް ޔޫ ބެކް. ނަތިން ވިލް ވޯކްއައުޓް. ދެއަރއިޒް ނޯ ރީޒަން. އީމާން އެދުނު ފަދައިން އެހެން މީހަކާ އަހަރެން އިނުމުގެ ކުރިން އީމާން ވަރިކޮށްދޭނަން. މާދަމާ ހެނދުނު އަހަރެން ރޭޒަލްއާއި އެބަ އިންނަން. ސޯ މިއަދުން ފެށިގެން އީމާންތީ އަހަރެންގެ އަތްބެއް ނޫން. މާލެ ގޮސް ވަރި ސާބިތުކޮށްދޭނަން. އެކަމަކު އަބަދުވެސް ހަނދާން ކުރާތި ތީ އަހަރެންގެ ފަސްޓް އަދި ލާސްޓް ލަވް. އަހަރެން މި އަދާކުރަނީ ދަރިއެއްގެ ޒިންމާ.ޓޭކް ކެއަރ” އުފާވެރި ޚަބަރެއް ދިނުމަށް ކުރި މަސައްކަތް ނިމިގެން ދިޔައީ ދެމީހުންގެ ކައިވެނީގެ ވާފަށް ކެނޑިގެންނެވެ.
“ނެތް…..” އަހަރެންނަށް ޒިވިއަލްގެ ސުވާލަށް ޖަވާބު ދެވުނީ ވަރަށްވެސް މަޑުންނެވެ. އެއާއިއެކު ނުހަނު ބާރަށް ރޯން ފެށުނެވެ. ކުއްލިއަކަށް ޒިވިއަލް ތެދުވެގެން އައިސް އަހަރެން އިށީނދެއިން އެނދު ކައިރީގައި ކޮޅަށްހުރެ އެ ހަށިގަނޑާލާ އަހަރެން ބޮޑިކޮށްލިއެވެ.
“ސޮރީ ފޯ އާސްކިން. ހާޓް ކުރާކަށް ނޫން އެހީ. ވަރަށް ބޮޑަށް ސޮރީ” ތަކުރާރުކޮށް މާފަށް އެދެމުން ދިޔަނަމަވެސް އަހަރެން އަނގައިން އެންމެ ބަހެއްވެސް ނުނިކުތެވެ. އަހަރެންނަށް ރޮވުނީ ޒިވިއަލް އެހެން އަހައިގެން ނޫންނަމަވެސް، އެކަން އަންގައިދޭނެ ހިތްވަރެއް އަހަރެންނަކަށް ނުލިބުނެވެ. އަދި ޒިވިއަލްގެ ހަށިގަނޑުން މޫނު ނިވާކޮށްގެން އިނދެ އަހަރެންގެ ލޮލުން ކަރުނަ ހުސްވަންދެން ރުއީމެވެ.
އިރުގަނޑަކަށްފަހު ކުއްލިއަކަށް ޒިވިއަލް ކޮށްޕާލުމަށްފަހު ފޯނު ނެގީމެވެ. އަދި ވަރަށް އަވަސް އަވަހަށް ފޯނު ނަގާ ޝިޒާންއަށް ވައިބަރއިން ގުޅަން ފެށީމެވެ. މި ގޮތަށް މި ގުޅުން ނިމޭކަށް އަހަރެން ބޭނުމެއްނޫނެވެ. ލިބެންއުޅޭ ދަރިފުޅަށްޓަކައިވެސް ހުރިހާ ކަމެއް ޤުރުބާންކޮށް ޝިޒާންގެ ދެވަނަ އަތްބެއްގޮތުގައި އިނުމަށްވެސް އަހަރެން ރުހޭނަމެވެ. އަހަރެންގެ ދަރިފުޅު ބައްޕައެއްގެ ލޯބިން މަހުރޫމްވާކަށް އަހަރެން ބޭނުމެއްނޫނެވެ.
“ހަލޯ” އެކޮޅުން ޝިޒާންގެ އަޑު އިވުނެވެ.
“ޝިޒާން. ތިހެން ނަހަދާ.. އަހަރެން ވަރި ނުކުރޭ… މާލެ އައިސް އަލުން ރުޖޫޢަ ކުރޭ.. އަހަރެންނަށް މައްސަލައެއްނެތޭ ރޭޒަލްއާ އިނަސް. މަންމަމެން ކައިރީގަ އުޅެން ތިގެއަށް ނުގެން ދިޔަސްވެސް މައްސަލައެއްނެތް. އެކަމަކު ޝިޒާންގެ ހަޔާތުން އަހަރެން ބޭރު ނުކުރޭ! ހެޔޮނުވާނެ” އަހަރެން ރޮމުން ވާހަކަ ދައްކަމުން ދިޔައިރު ޒިވިއަލް ހުރިކަންވެސް ހަނދާނެއް ނެތެވެ. އަހަރެންގެ ކުރިމަތިން ގޮސް ކޮޓަރިން ބޭރަށް ޒިވިއަލް ނުކުތީ އަހަރެން ދައްކަމުންދިޔައީ އަމިއްލަ ވާހަކައަށް ވުމުންކަމަށްވެސް ވެދާނެއެވެ.
“އީމާން… ހަމަ ޖެހިބަލަ… އަހަރެން ވަރަށް ވިސްނައިފިން. އަހަރެންނަށް މަންމަމެން ނުޤަބޫލު މީހަކާ އިނދެގެން ނޫޅެވޭނެ.. ކިތަންމެ ދުވަހެއް ވިޔަސް މަންމަމެން ދެކޭ ގޮތެއް ބަދަލެއް ނުކުރެވޭނެ.. ދެ މީހުންނަށްވެސް ދުވަހަކުވެސް ހަމަޖެހޭ ދިރިއުޅުމެއް ނުލިބޭނެ…ހަޤީޤަތް ޤަބޫލުކުރަން އެބަޖެހޭ އީމާން.. ކިހިނެތް އަބަދު އަރާރުން ވުމުގަ ނޫނީ ޒުވާބުކުރުމުގަ ހޭދަކުރާނީ؟” ޝިޒާން ގެ އަޑުގައިވަނީ މަޑުމައިތިރިކަމެކެވެ،
” ދެން އަހަރެމެންގެ ދަރިފުޅޯ؟ ޝިޒާން އަހަރެން ބަނޑު ބޮޑު.. މަންމަމެންވެސް އުފާވާނެ މާމަ ދަރިއަކު ލިބޭތީ” އަހަރެން ޖުމްލަ ފުރިހަމަ ނުވަނީސް ޝިޒާން ވާހަކަ ދައްކަން ފެށިއެވެ.
” އަހަރެންނަށް އިނގޭ އީމާން ޕްރެގްކަން. ދުށިން ޓެސްޓްކިޓް. މަންމަ ކައިރީވެސް ބުނިން. ދެ ކޮއްކޮ ކައިރީވެސް ބުނިން. އެއްވެސް މީހަކު އެހާ އުފަލެއް ނުވި. އަހަރެންނަށްވެސް ވާންވީ އުފާކަމެއް ދެރަކަމެއް ނޭނގެ. މިއޮއް މައްސަލަގަނޑު ތެރޭގަ ރަނގަޅު ގޮތުގަ ކުއްޖަކު ބަލާބޮޑު ކުރެވޭނެތަ؟ އީމާން ބޭނުންތަ ދަރިއެއް؟” އަހަރެންގެ ލޮލުން ކަރުނަ ހިކި ބުނެދޭން ނޭނގޭކަހަލަ ސިހުމެއް ލިބުނުކަހަލައެވެ. މިއީ އަހަރެން އެހާ ލޯބިން އުޅުނު ޝިޒާން ހެއްޔެވެ؟ މިހާ ބޮޑަށް ބަދަލު ވީ ކޮން އިރަކު ހެއްޔެވެ؟
“ކީކޭ ތިބުނީ؟” ޝިޒާން އެންމެ ފަހުން އެބުނި ޖުމްލަ ޤަބޫލު ނުކުރެވިގެން އަހަރެންނަށް އަހާލެވުނެވެ.
“ހަނދާންކޮށްދެވޭތޯ މިއުޅޭނީ ހަޤީޤަތާ ކުރިމަތިލާން ޖެހޭނެކަން…އަހަރެމެން ދެމީހުންނަށް ދުވަހަކުވެސް އެކުގަ އުފަލުގަ ނޫޅެވޭނެ. އީމާން ކިހިނެތް ކުޑަ ކުއްޖެއް ގޮވައިން އެކަނި އުޅޭނީ؟ އެހެންވެ މި އަހަނީ އީމާން ބޭނުންތޯ ހަމަ” އަދިވެސް ވާހަކަ ދައްކަމުން އެދަނީ ޝިޒާންކަމާއިމެދު އަހަރެންނަށް ޝައްކު ކުރެވުނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


މި ބައި ވެސް ލިޔެވިފައިވަނީ މޮޅަށް. ޝުކުރިއްޔާ، ސަމްވަން
ޝައުގުވެރިކަމާއިއެކު ވާހަކަ ކޮންމެދުވަހަކުވެސް ކިއާތީ “ކިޔުންތެރިއެއް” އަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން!