Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯތްބަކުން ދިން……4 ވަނަ ބައި

SomeOne Level 210 Stories
March 27, 2023 5 Mins Read
2 Comments

މާގިނައިރުތަކެއް ނުވެ ޓެކްސީ ގޮސް ހުއްޓީ 11 ފަންގިފިލާގެ ޢިމާރާތެއް ކައިރިއަށެވެ. ޓެކްސީއަށް ލާރި ދެއްކުމަށްފަހު ފޮށި ނަގައި ގޭގެ ބެލް އަޅާލުމާއިއެކު އެތެރޭން ދޮރު ހުޅުވާލިއެވެ. ބޭރުން ކިތަންމެ ހާވެސް ފުރިހަމަ ގެއެކެވެ. ތިރީގައިވާ ގަރާޖުގައި 2 ކާރާއި ސައިކަލުތަކެއް ޕާކުކޮށްފައި އޮތެވެ. ލިފްޓަށް އަރާ 11 އަށް ފިތާލީމެވެ. ލިފްޓްގެ ގޮސް 11 ވަނަ ފަންގިފިލާއަށް ހުއްޓުމާއިއެކު ދޮރު ހުޅުވުނެވެ. އޭރު ކުރިމަތީގައި ހުރި އެޕާޓްމަންޓް ކުރިމަތީގައި އިސްކޮޅުން ދިގު ފިރިހެން ކުއްޖެއް ނުކުމެ ހުއްޓެވެ.

” އީމް؟” އަހަރެން ސިހުނީ އެހެން މީހުން ނުކިއާނަމަކުން އެ ކުއްޖާ މުޚާތަބުކުރުމުންނެވެ.

“އީމާން” އަހަރެން ރަނގަޅުކޮށްލައިދިނީމެވެ.

“ނޭނގޭނެ އެއްނު. ވައިބަރ ގަ އިނީ އީމް ޖަހާފަ ބޯއީ އިމޯޖީއެއް ވިއްޔަ. އެނީވޭސް މީ ޒިލާލް” އޭނާ ސަލާންކުރަން އަތްދިއްކޮށްލުމުން އަހަރެން ސަލާންކޮށްލީމެވެ. އަދި އެތެރެއަށް ވަނުމަށް ޒިލާލް ތަންދެއްކިއެވެ.

” ރެންޓް އިޒް 7ކޭ. ވޯޓަރ އެންޑް އިލެކްޓްރިސިޓީ ލާފަ. މިހިރީ ކިޗަން ފީލް ފްރީ ޓު ކުކް ޔުއަރ ސެލްފް. މިގޭގަ އުޅޭނީ ޒިލާ އެންޑް ބްރޯ. ދެން ޒިލާ ގާލް ފްރެންޑް ވިޒިޓް ކުރާނެ. ޢާންމުކޮށް ވަރަށް ސައިލެންޓް ވާނެ މިގެ. ފީލް ހޯމް.” ޒިލާލް އެގޭގެ އެކި ތަންތަން ދައްކަމުން ވާހަކަ ދައްކަމުން ދިޔައެވެ. އަހަރެން ހުރީ ޖައްސާލަން ބޭނުންވެފައެވެ.

“އާޔޫ އޯކޭ؟ ބްރޯ ބުނި ޔޫ ސައުންޑެޑް ވެރީ ޑިޕްރެސްޑްއޭ! ޔޫ ލުކް ލައިކް ޔޫ ވަރ އިން ސިކް ބެޑް ފޯ އޭޖަސް” ވާނީވެސް އެހެން ނޫންހެއްޔެވެ. މިއަދު ގެ ގިނަ ވަގުތު ދިޔައީ ލޮލުން ކަރުނަ ނުހިކިއެވެ. އެވަރަށް ރުއިމުގެ ސަބަބުން ދެލޯވެސް ވަނީ ރަތްވެ ދުޅަވެފައެވެ.

” ކުޑަކޮށް ބަލި. ރެސްޓް ކޮށްލަން ބޭނުން. އައި ވޮންޓް ޑިސްޓަރބް ޔޫ ގައިޒް. ހަމަ ކުރިންވެސް އުޅުނު ހެން އުޅެވޭނެ. އައި ވޮންޓް ލެޓްޔޫ ގައިޒް ފީލް ދެޓް އައިމް ހިޔަރ..” އެ އެޕާޓްމަންޓަށް ނަޒަރު ހިންގާލުމުން އިހްސާސްކުރެވުނީ ވަރަށް ޒަމާނީ ގޮތެކެވެ. ބޮޑު ޓީވީއަކާއި އެކު ޕްލޭސްޓޭޝަންއެއް ހުރިއިރު، އެއްކަނުގައި ޓްރެޑްމިލްއަކާއި ޖިމް ސާމާނުގެ އިތުރުން ޕަންޗިން ބޭގްއެއް އަޅުވާލާފައި ހުއްޓެވެ. ސިޓިން ރޫމްގައިވާ ސޯފާއިން އެކަނިވެސް އެތަނުގެ ހައިބަތު ދައްކުވައިދެއެވެ. ކުޑަ ދޮރުކައިރީ ސްޓޭންޑެއްގައި 2 މަކާއޯ އިން އިރު ބޮޑު މަސްޓޭންކަކާއި ގިނަ ޢަދަދެއްގެ ގަސް ސިޓިން ރޫމުގައި ހައްދާފައި ހުއްޓެވެ. އަހަރެންގެ ސަބަބުން އެމީހުންގެ ޕްރައިވެސީ ގެއްލޭކަށް އަހަރެން ބޭނުމެއް ނުވިއެވެ.

“ހެހެހެ.. ނޯ ވޮރީސް އީމް. މަ ކިއާނީ އީމް އެނގޭ. ޑޯންޓް މައިންޑް ޕްލީސް. ފީލް ހޯމް ހަމަ. މީނީ ކޮޓަރި. ރެންޓް ދެނިކޮށް އޯކޭވާނެ.” ކައިރި ކައިރީގައިހުރި ދެކޮޓަރިން އެއްކޮޓަރީގެ ދޮރުހުޅުވާލަމުން އަހަރެން ވަންނަން ތަންދެއްކިއެވެ.

” ރެސްޓް ވެލް. ބައިދަވޭ.. ވީ ހޭވް ފިލްޓާޑް ވޯޓަރ އިނ ދެޓް ވައިޓް ޓެޕް ޓު ޑްރިންކް”. ސިޓިން ރޫމް ތެރޭގައި އައި އިން ހުދު އިސްކޫރަކަށް އިޝާރާތްކޮށް ޒިލާލް ބުނެލިއެވެ. އަހަރެން ހީލީމެވެ.

“ޓްރާންސްފަރ ކުރަން އެކައުންޓް ނަންބަރ ފޮނުވާލަދީ  އެނގޭ” ދޮރު ލައްޕާލަމުން އަހަރެން ބުނެލީމެވެ.

“ޔެސް މޭމް” އަތުން ގޮތެއް ހަދާލަމުން ޒިލާލް ބުނެލިއެވެ. ޒިލާލްގެ ސަކަ މިޒާޖުން ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނު ކަހަލައެވެ.

ކޮޓަރިއަށް ވަދެ އެނދުގައި ޖައްސާލުމަށްފަހު ޒިލާލް ފޮނުވި ނަންބަރަށް ހަތް ހާސް ރުފިޔާ ފޮނުވާލާފައި ތެންކިޔު ޖަހާލީމެވެ. އަދި އަވަސް އަވަހަށް އިންބޮކްސް ހުޅުވާލީ މެސެޖެއް އައިސް އިނުމުންނެވެ. މޮޅީގެ ސާލުން ނިވާވެވުނީ އެ މެސެޖަކީ ޝިޒާން ގެ މެސެޖަކަށް ނުވުމުންނެވެ. ހިތާހިތުން އުރީދޫއަށް އެއްޗެހި ކިޔާލެވުނެވެ.

އަހަރެންނަށް ނިދުނީވެސް ޝިޒާންގެ ފޯނުކޯލެއްގެ އިންތިޒާރުގައި އޮއްވައެވެ. ޝިޒާންއަށް ގުޅާލުމަށް އެތައް ފަހަރަކު ހިތްއެދުނު ނަމަވެސް ފޯނު އެއް ފަރާތްކޮށްލާފައި ބޭއްވީ ޝިޒާން ގުޅާނޭކަމަށް އަމިއްލަ ނަފްސަށް އޮތް އިތުބާރެއްގެ ބޮޑުކަމުންނެވެ.

ފަތިހު 4:30 ގައި ފޯނު އެލާމުވުމާއި އެކު ހޭލެވުނެވެ. އަހަރެން އަވަސްވެގަތީ ޝިޒާންގެ މެސެޖެއް އިންތޯ ބަލާލުމަށެވެ. އަހަރެންނަށް އިތުރު މާޔޫސްކަން ގެނުވީ ޝިޒާން މެސެޖެއްނެތްތާގައި ގުޅާލާފައިވެސް ނެތުމުންނެވެ. ވީ ދެރައިން ބޭ އިޚްތިޔާރުގައި ޝިޒާންގެ ނަންބަރަށް ގުޅާލެވުނެވެ. އެތަށް އިރަކު ރިންގުވުމަށްފަހު ފޯނު ރިންގު ކެނޑެން އުޅެނިކޮށް އެކޮޅުން ޝިޒާންގެ އަޑު އިވުނެވެ.

“ހަލޯ” ޝިޒާންގެ އަޑުގައިވަނީ ނިދީގެ އަސަރެވެ.

“ހަލޯއޭ؟ އަހަރެން މެސެޖަށް ރިޕްލައި ނުކުރީ ކީއްވެ؟ އަހަރެންނަށް ގުޅާނުލީ ކީއްވެ؟ އަހަރެން ކައިރިއަށް ނައީ ކީއްވެ؟” ރޮމުން ރޮމުން އަހަރެންގެ އިތުގެ އުދާސްތައް ބޭރުކުރަންފެށުނެވެ.

” އަހަރެން ގުޅާނީ ކީކޭ ކިއާފަތަ އީމާން؟ ކަންތައް ކިތަންމެ ގޯސްވިޔަސް ،އަހަރެންނަށް ކޮންމެ އެއްޗެއް ބުނެވުނަސް ހިއެއްނުކުރަން ތިހާ ފަސޭހައިން އީމާން އަހަރެންނާ ދުރަށް ގޮސްދާނެއެކޭ! އަހަރެން ހީކުރީ ހުރިހާ ކަމެއްގެ މައްޗަށް އީމާން ކެތްތެރިކަން އިސްކޮށް އަހަރެންދެކެ ވާލޯބި ދައްކަދޭނެކަމަށް”

ޝިޒާން ގެ ކޮންމެ ބަހެއް އަހަރެންގެ މެޔާ އަމާޒުވީ ތޫނު ހަންޖަރެއް ފަދައިންނެވެ.

“އަހަރެން އެއް އަހަރުވަންދެން މިވީ ޤުރުބާނީ ޝިޒާން ހަނދާން ނައްތާލީތަ؟ ކިތަންމެ ނިކަމެއްޗަސް އަހަރެންވެސް ދިރިއުޅުމުގަ ފޮނި ހުވަފެންތަކެއް ދެކުނީމޭ! ތި އާއިލާ ކިތަންމެ ފުދުންތެރިއަސް އަހަރެންގެ ހުރިހާ ކަމެއް ހަމަޖައްސަމުން މިއައީ އަމިއްލަ މަސައްކަތުން. ޅީ ދަރިއަކަށްވުރެ ބޮޑަށް ތިގޭ މީހުން އަހަރެން ދެކުނީ ގޭގަ މަސައްކަތްކުރަން ގެނެސްހުރި މީހެއްގެ ގޮތުގަ. އެކަމަކު މަދު ފަހަރެއްގަ ނޫނީ އަހަރެން ޝަކުވާ އެއް ނުކުރަމެއްނު! އެކަމަކު މިއަދު އަހަރެންނަށް ޝިޒާން ދެކެ ލޯބިވެސް ވެވުނު ކަމަކަށް ނުވި” އަހަރެންނަށް ގިސްލެވެން ފެށުނެވެ. އިރުކޮޅެއްގެ ހަމަ ހިމޭންކަމަކަށްފަހު ދެންވެސް ވާހަކަ ދެއްކީ އަހަރެންނެވެ.

“އޯކޭ ޝިޒާން. އަހަރެންދެން އިތުރަށް ޝިޒާންއަށް އުނދަގުލެއް ނުކުރާނަން. ޝިޒާން އަމިއްލަ ނަފްސު ހަމައަކަށް އެޅި އަހަރެން ކައިރިއަށް އަންނަންދެން އިންތިޒާރު ކުރާނަން.” އިތުރު އެއްޗެއް ބުނުމުގެ ފުރުޞަތު ނުދީ އަހަރެން ފޯނު ކަނޑާލީމެވެ. އަދި ހަމަޖެހެލުމަށްޓަކައި ފާހާނާއަށްވަދެ ޝަވަރު ދޫކޮށްލުމަށްފަހު ހިތްހަމަޖެހެންދެން ރުއީމެވެ. ލޮލުން އޮހޮރެމުން ދިޔަ ކަރުނަތައް ފެންތިކިތަކާއިއެކުވަމުން ދިޔައިރު އަހަރެންގެ އިހްސާސްތައް އަޑު އަހާލާނޭ މީހަކު ނެތުމުން އިތުރަށް ދެރަވިއެވެ. “މަންމާ!” މަޑު މަޑުން މަންމައަށް ގޮވާލެވުނީ އެ އަތުގެ ހިމާޔަތްތެރިކަން ބޭނުންވިލެއް ބޮޑުކަމުންނެވެ.

ފެންވަރާލައި ނަމާދުކޮށްލުމުން ހިތަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުނުކަހަލައެވެ. ހަމައެއާއިއެކު ބަނޑުހައިކަމުގެ އިހްސާސްވެސް ކުރެވެން ފެށިއެވެ. އެހެންކަމުން ބޭރަށް ނުކުމެ ބޯދިއްކޮށްލީ ގޭގައި މީހަކު އުޅޭތޯ ބަލާލުމަށެވެ. ނަސީބުކަންދިމާކުރިގޮތުން ސިޓިން ރޫމްހުރީ ހުސްކޮށެވެ. އަހަރެން ބޭރަށް ނުކުމެ ބަދިގޭގެ ކަބަޑުތައް ހުޅުވާ ބަލާލީ ކާލާނެ އެއްޗެއް ފެނޭތޯއެވެ. ބަދިގޭގެ ކަބަޑު ތަކުގައި ކެއްކުމަށް ބޭނުންކުރާ ގިނަ ސާމާނު ހުއްޓެވެ. އޭގެތެރެއިން ބައެއްތަކެއްޗަކީ އަހަރެންނަށްވެސް ނޭނގޭ އެއްޗިއްސެވެ. އަވަސް އަވަހަށް ތަށްޓަކަށް ފުށްކޮޅެއް އަޅާލުމަށްފަހު ފުށްމޮޑެ ރޮށި ފިހެލީމެވެ. އަދި ކަބަޑުން ބޭކެޑް ބީންސް ދަޅެއް ނަގާ ތައްޔާރުކޮށްލީމެވެ. ހަމަޖެހިލައިގެން މޭޒުކައިރީ އިނދެ ސައިބޮއެ ނިންމާލުމަށްފަހު ކޮޓަރިން ގަނޑުކޮޅަކާއި ސަތޭކަ ރުފިޔާ ހިފައިގެން ނުކުމެ ނޯޓެއް ލިޔެލުމަށް ފަހު ސަތޭކަ ރުފިޔާއާއިއެކު ކާމޭޒުމަތީގައި ބޭއްވީމެވެ.

“ސޮރީ އައި ޔޫސްޑް ޔުއަރ ގްރޮސަރީސް. އައި ވޯޒް ސްޓާވިން ☹. އައިލެފްޓް ސަމް ފޯ ޔޫ ގައިޒް ޓޫ. ހޯޕް ޔޫވުޑްލައިކް. ހިޔަރ އިޒް 100 ބަކްސް ފޯ ވަޓް އައި ޔޫސްޑް”

އަހަރެން އަނެއްކާވެސް އެނބުރި ކޮޓަރިއަށްވަނީ ދުވަހަކީ ހޮނިހިރު ދުވަސްކަމަށްވެފައި އޮފީހަށްދާން ނުޖެހޭތީއެވެ.އެކަނިވެރިކަން ފިލުވާލުމަށް އަހަރެން އިހްތިޔާރުކުރީ 2020 ވަނަ އަހަރު އެލެކްސިސް ޑާރިއާ ލިޔެފައިވާ “ޔޫ ހެޑް މީ އެޓް ހޮލާ” ވާހަކަ ފޮތެވެ.

“އީމް!” އަހަރެންނަށް ކުއްލި ސިހުމެއް ގެނުވީ ޒިލާލް ދެ ފަހަރަކު ދޮރުގައި ޖަހާލާ އަހަރެންގެ ނަމުން ގޮވާލުމުންނެވެ. ފޮތް ބޭއްވުމަށް ފަހު ތެދުވެ އިސްތަށިގަނޑު ރަނގަޅުކޮށްލަމުން ދޮރު ހުޅުވާލީމެވެ.

” އޭ ހިނގާ ނޫޑުލްސްގަނޑެއް އަނބުރާލަމާ؟ އެންޑް ތެންކްސް ފޯ ދަ ބްރޭކްފާސްޓް. 100 ރުފިޔާގެ ޓިޕްއެއް އިންނާނެ ޓީވީ ކައިރީ އިން ދަޅުގަ. އޭގަ ހުންނާނީ ބަދިގެ ބަޖެޓް. ފީލް ފްރީ ޓު  ޔޫޒް ފޯ ގްރޮސަރީސް” ޒިލާލްގެ އެ ސަކަ މިޒާޖަކީ ހިތަށް ލިބޭ ހަމަޖެހުމެއްހެން ބައެއް ފަހަރު އިހްސާސްކުރެވެއެވެ. މި އަންނަނީ އޭ ބުނަމުން ދޮރު ލައްޕާލަމުން ގަޑި ބަލާލީމެވެ. އޭރު ގަޑިން 12ގަޑި ބައިވަނީއެވެ.

 

އެ ދުވަސް ފާއިތުވެގެންދިޔައީ ބުނެދޭން ނޭނގޭ ފޫހި ކަމަކާއި އެކުގައެވެ. މައިދައިތަމެންގެ ނަފްރަތާއެކުވެސް އެމީހުންނަށް އަހަރެން ޚިދުމަތް ކޮށްދެމުން ދިޔައީ ލޯތްބާއިއެކުއެވެ. ކައިވެނީގައި ވޭތުވެގެންދިޔަ އެއް އަހަރު ތެރޭގައި މަދު ދުވަހެއްގައި މެނުވީ ޝިޒާންއަށް ކޮށްދެމުން އައި ކަންކަން، މާލޭގައި ހުރެ ނުކޮށްދެވި ދިޔަ ފުރަތަމަ ދުވަސްކަމުން ތަފާތު އުނދަގުލެއް އިހްސާސްކުރެވެމުންދިޔައެވެ. އެރޭގެ ނިދިން މަހްރޫމްވެ އެތަށް އިރަކު ފުރޮޅު ފުރޮޅި އޮތީ އިރުއަރާނޭ ވަގުތެއްގެ އިންތިޒާރުގައެވެ. އޮފީހަށް ނުކުމެ މަސައްކަތުގައި އުޅެލުމުން ކޮންމެވެސް ވަރަކަށް ހިތާމަތަކާއި ދުރުވެވިދާނޭ ކަމުގެ އުންމީދުގައެވެ.

ނަމަވެސް ދަންވަރު އެކެއް ޖެހީވެސް ނުނިދި އޮއްވައެވެ. އެހެންކަމުން އަހަރެން ގަސްތުކުރީ ފެންވަރާލައިގެން އަލުން ނިދޭތޯ މަސައްކަތްފެށުމަށެވެ. ފެންވެރުމުން ކޮންމެވެސް ވަރެއްގެ އަރާމެއް ހަށިގަނޑަށް ލިބިދޭނޭކަމާއި އޭރުން ފަހަރުގައި ނިދިދާނޭކަމުގައި ހިތް ބުނަމުން ދާތީއެވެ. ބޯ ދޮވެ ފެންވަރާލައިގެން ނިދުމުގެ ކުރިން ފެންފޮދެއް ބޯލުމަށް ފުޅި ނެގިއިރު ފެން ފުޅި ހުސްވެފައި ހުރުމާއިއެކު، ލައިގެން ހުރި ސޯޓާއި ޓީޝާޓާއިއެކު ސިޓިންރޫމަށް ނިކުތީ އެގަޑީގައި ސިޓިން ރޫމްއިން މީހެއްގެ ހިލަމެއް ނުވާތީއެވެ.ފުޅިއަށް ފެން އެޅުމަށްފަހު ކޮޓަރިއާއި ދިމާއަށް ދިޔުމަށް ނެގި ފުރަތަމަ ފިޔަވަޅާއިއެކު ހުއްޓުން އެރީ ދޮރުމަތީގައި ހުރި ކަޅު ހިޔަނި ފެނުމުންނެވެ.ކެހިފައިވާ ކުޑަދޮރުގެ ފޮތިގަނޑުން ފާޅުވާ ފަނޑު ހަނދުގެ އަލިކަމެއް ފިޔަވާ އިތުރު އަލިކަމެއް ސިޓިންރޫމްގައިނުވެއެވެ. ގަތް ބިރާއިއެކު އަޑުގައި ނެތްކޮޅަށް ހަޅޭއްލަވައި ގަނެވުނެވެ. ނަމަވެސް އެ ހިޔަނި ހަލުވިކަމާއިއެކު އައިސް އަހަރެންގެ އަނގަމަތީގައި އަތްއެޅިއެވެ. އިތުރަށް ހަޅޭއްލަވާނެ ފުރުޞަތުވެސް ނުދީއެވެ. ގަތްފައިހުރި ބިރެއްގެ ސަބަބުން އަހަރެންގެ ހަތަރެސް ފައި ތުރުތުރު އަޅައެވެ. އަތުގައި އޮތް ފެންފުޅިވެސް ބިންމައްޗަށް ވެއްޓުނެވެ.

“ހަޅޭއްނުލަވަބަ! ތަންގަނޑު މީހުން ހޭލަފާނެ! މަމީ ވަގެއް ނޫނޭ!” އެ “ހިޔަނި” ވާހަކަ ދެއްކުމުން އެއީ އިންސާނެއްކަން އަހަރެންނަށް އެނގުނެވެ.ނަމަވެސް އަހަރެން ގަތްފައި ހުރި ބިރު ފިލައިގެންދާ ގޮތެއްނުވެއެވެ. އެ މީހަކު މަޑުމަޑުން އަހަރެންގެ އަނގަމަތިން އަތްނެގީ އަހަރެން ދެން ހަޅޭއްނުލަވާނޭކަމުގެ ކޮންމެވެސް ޔަޤީންކަމެއް ލިބުމުން ކަންނޭނގެއެވެ. އެމީހަކު ތަޅުދަނޑި ޖަހައި ޒިލާލްމެންގެ ކޮޓަރި ހުޅުވާލުމަށްފަހު އެ ކޮޓަރިއަށްވަދެ ދޮރު ލެއްޕިއެވެ. އަހަރެން އެ ހުރި ގޮތަށް އިރުކޮޅަކު ގަނޑުވެފައި ހުރެވުނެވެ. އަދި މަޑުމަޑުން ގޮސް ކޮޓަރިއަށްވަދެ ދޮރު ލައްޕައި ތަޅުލީވެސް ތެޅެމުން ދިޔަ ހިތަކާއިއެކުއެވެ. ހަމަ ޔަޤީނުންވެސް އެއީ ޒިލާލްއެއްނޫނެވެ. އެމީހެއްގެ މޫނު ރަނގަޅަށް ނުފެނުނު ކަމުގައިވީނަމަވެސް، އެއީ ޒިލާލްއަށްވުރެވެސް އިސްކޮޅުން ދިގު ހެދިހުރި ފުރިހަމަ ހަށިގަނޑެއްގެ ވެރިއެކެވެ.

އާދައިގެމަތިން ފަތިހު ހޭލެވުނުނަމަވެސް ލޮލުން ނިދީގެ އަސަރު ފިލުވައެއް ނުލެވުނެވެ. ހަމަ ނިދި ނުލިބުމުގެ ސަބަބުން އިހްސާސްކުރެވެމުންދިޔަ ވަރުބަލިކަމާއިއެކުވެސް އެނދުން ތެދުވެ ރީތިވެލުމަށްފަހު ފޯނު ބަލާލީ ޝިޒާންގެ މެސެޖެއް ނުވަތަ ކޯލެއް ވިޔަސް އިންތޯއެވެ. ހިތް އުފަލުން ފުރުނީ ދެ ގަޑިއިރު ކުރިން ޝިޒާން ފޮނުވާފައި އިން “މިސް ޔޫ” މެސެޖް ފެނިފައެވެ. އަހަރެންވެސް އަވަސް އަވަހަށް ” މިސް ޔޫ ޓޫ” ޖަހާފައި ރިޕްލައި ކޮށްލީމެވެ. އަދި ޝިޒާން އަހަރެން ބަލާ އަދި އަންނާނޭ ކަމުގެ އުންމީދު އާލާވެގެން ދިޔައެވެ.

ފާހާނާކޮށްލުމަށްފަހު ބަދިގޭގެ ކަންކަން ނިންމާލާ ސިޓިން ރޫމް ފޮޅާލުމަށް ފިހިގަނޑު ނެގުނުކަން އަހަރެންނަށް އެނގުނެވެ. އެ އާއިއެކު ބޮލަށް އެރި އެނބުރުމާއިއެކު އަހަރެން ތަޅުން މައްޗަށް ވެއްޓުނެވެ. ހޭވެރިކަން ވީއިރު އަހަރެން އޮތީ ސިޓިން ރޫމް ސޯފާގައެވެ. އޭރުވެސް ޒިލާލް އިނީ އަހަރެން ބޮލުގައި ފެން އުނގުޅާށެވެ. ފުންމައިގެން ސޯފާމަތިން ތެދުވެވުނީ ގަތް ލަދެއްގެ ބޮޑުކަމުންނެވެ.

” އެހަށް މިތާ އިށީނދެބަލަ ހަމަޖެހިލަންދެން” އަހަރެންގެ ކޮނޑުގައި ހިފަހައްޓައި ސޯފާގައި ބައިންދަމުން ވާހަކަ ދެއްކީ ޒިލާލްއެވެ. ދެކޮޅު ހެދުމެއް ނެތި އަހަރެން ސޯފާގައި އިށީނދެލީ ބޮލަށް ބަރުވެފައި ހުރުމުންނެވެ.

“ރޭގަ ނުކެއީމަ ކަންނޭނގެ. ފެންވަރައިގެން ސައި ބޯލީމަ އޯކޭ ވެދާނެ” އަހަރެން މަޑުމަޑުން ބުނެލީމެވެ.

“ފެމެލީއަށް އަންގާލަން ވާނެ އެއްނު؟ މީހަކަށް ގުޅާލަދެންތަ؟ ޑޮކްޓަރަށ ދައްކާލަން ދާންވާނެ އީމް” ދެން ވެސް ވާހަކަ ދެއްކީ ޒިލާލްއެވެ.

” ނެތް ފެމެލީއެއް…އަހަރެންނަކީ ވަރަށް ބޮޑު އެކަނިވެރިއެއް” އަހަރެންނަށް ބޭ އިހްތިޔާރުގައި ރޮވުނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

SomeOne

Level 210 Stories

Other Articles

Previous

ލޯބިވެވުނީ 4

Next

ބަދަލުވި އާދަ

Next
March 29, 2023

ބަދަލުވި އާދަ

Previews
March 26, 2023

ލޯބިވެވުނީ 4

2 Comments!

  1. Lovely 🌹 says:
    March 30, 2023 at 7:21 pm

    Can u upload it faster????

    1. SomeOne says:
      April 1, 2023 at 11:38 am

      Hey Lovely, Thanks for the patience. I try my best to. Apologies for the delays 🙁

Comments are closed.

Next Episodeލޯތްބަކުންދިން…5 ވަނަ ބައި←


All Right Reserved!