- “ޝަފްނާ.. ލިއާމް..” އޭނާ ހަރު އަޑުން ބުނެލިއެވެ. އޭރު އެމޫނުމަތީގައި ވީ ދެނެގަންނަން އުނދަގޫ އަސަރެކެވެ.
“ހަމްދާން..” ޝަފްނާ ލާނެތް ގޮތަކަށް ކިޔާލިއެވެ. ލިއާމްއަށް އިޝާރާތް ކޮށްލުމާއެކު އޭނާ ދިޔައީ ހަމްދާންއާ ދިމާއަށެވެ. ފަހަތަށް ފިޔަވަޅު އެޅިކަމުގައި ވިއަސް ލިއާމް ހަމްދާންއާ އެއްހަމައެއްގައި މަޑުކޮށްލިއެވެ. ދެލޯ ބޮޑުކޮށްގެން ހަމްދާން ލިއާމްގެ މޫނަށް ބަލަން ހުއްޓެވެ. ހުށިޔާރުވެ ހުރި ލިއާމް ހަމްދާންގެ ކަރު ކައިރިއަށް އޭނާގެ ކަނާއަތް ގެންދިއުމާއެކު ދެން ފެނުނީ ހޭ ހުސްވެގެން ކާޕެޓް މައްޗަށް ހަމްދާން ވެއްޓުނު ތަނެވެ.
ދުނިޔެ ނިދާ ހަމަހިމޭން ވެއްޖެއެވެ. ދެލޯ މަރައިގެން އެނދުގައި އޮތް ޝަޔަމް މަޑުމަޑުން ތެދުވިއެވެ. ފާރުގައި ހަރުކޮށްފައި ހުރި ގަޑި ބަލައިލުމާއެކު މަޑު ފިޔަވަޅުތަކެއްގައި އައިސް ކޮޓަރިން ބޭރަށް ނިކުމެވޭ ދޮރު ކައިރީ ހުއްޓިލިއެވެ. ކުޑަކޮށް ދޮރު ހުޅުވާލުމާއެކު އެދޭތެރެއިން ލޯ ޖައްސާ ސިޓިންރޫމްގެ ތެރެއަށް ނަޒަރެއް ދިނެވެ. ބޮޑު ސޯފާގައި ނިދާފައި އޮތް ޖާވިދު އޭނާއަށް ފެނެއެވެ. ޝަފްނާ މާލޭގައި ނެތުމުން އެކަމުގެ ބޭނުން އެންމެ ރަނގަޅަށް ހިފައިފިތާއެވެ. އޭނާ ނިދާފައި އޮތް ސޯފާ ކައިރީގައި ހުރި ކުޑަ މޭޒުމަތީގައި އޮތް ކަޅުކުލައިގެ ފޯނު ޝަޔަމްގެ ލޮލުގައި އަޅައިގަތީ އެވަގުތެވެ.
ލިބުނު ރަނުގެ ފުރުސަތު ދޫކޮށްލާކަށް އެއްގޮތަކަށްވެސް ޝަޔަމް ބޭނުމެއް ނުވިއެވެ. ދަންވަރުވިއަސް ގުޅާ ގަޑިއެއްގައި ޔަޒްދާން ފޯނު ނަގާނެކަމީ އޭނާއަށް ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ. ބިމަށްވެސް ނޭނގޭހާ މަޑުން ހިނގާފައި އައިސް ޝަޔަމް ހުއްޓުނީ ތިރިއަށް ދެވެން އޮތް ސިޑި ކައިރީގައެވެ. ގޭގެ މައިދޮރު ރީތިކޮށް ފެންނަން ހުއްޓެވެ. އެތެރޭގައި ހުރި ދޮރުވާނު އިނީ ގޮނޑިއެއްގައި އިށީނދެ ނިދި ޖެހިފައެވެ. ދެދަތްޕިލަ ދައްކައިގެން ހެވިފައި ހުރެ އޭނާ އައިސް ހުއްޓިލީ ޖާވިދު ކައިރީއެވެ. ދެތިން ފަހަރަކު ލޯ ކައިރިން އަތް ހޫރުވާލީމާވެސް ކަހާތަން ހިރުވާނުލިއެވެ. އޭނާ އެއޮތީ ފުން ނިންޖެއްކަމުގައި ނިންމަމުން ޝަޔަމް މޭޒުމަތީގައި އޮތް ފޯނު ނަގާ ކޮޓަރިއަށް ދިއުމަށް އެނބުރުނެވެ.
“ސޮރީ.. މިފަހަރަކު ނޫން…” ޗުސް ތަޅަމުން ވާހަކަދެއްކި އަޑު އިވުނީ ޖާވިދެވެ. މޫނުމައްޗަށް ވައްތަރެއް ޖައްސާލަމުން ޝަޔަމް ތުންފަތުގައި ދަތް އަޅާލިއެވެ. ފުރަގަހަށް ފޯނުލަމުން އޭނާ ޖާވިދާ ވީފަރާތަށް އެނބުރިލިއެވެ. ސޯފާގައި އޮތް މީހާ ހުރީ ކޮޅަށް ތެދުވެ ހަށަން ބަނދެލައިގެންނެވެ. އެފަދަ ކަމަކަށް އުންމީދުނުކޮށް ހުރި ޝަޔަމް ދިޔައީ ސިއްސައިގެންނެވެ.
“ކިހިނެއްވީތަ؟” އެއް ފަރާތަކަށް ތުންފަތް ދަމައިގެން ޖާވިދު ހުރުމުން ޝަޔަމް ނުރުހުންވެ ހުރެ އަހާލިއެވެ.
“ގެނޭ ފޯނު..” ޖާވިދު ބަލަން ހުރީ ސީދާ ޝަޔަމްގެ ލޮލަށެވެ. އެބެލުމުގެ ސަބަބުން ކުށްވެރިކަން އިހުސާސްވެ ޝަޔަމް ތުން ދަމާލިއެވެ. ދެބުމަ ގޮށްޖަހައިގެން ހުރެ ޖާވިދު އަތަށް ފޯނު ލައިދިނެވެ. އޭނާ އެއްވެސް ހަރަކާތެއް ނުކުރުމުން ޝަޔަމް ކުސްތަޅަމުން ކޮޓަރިއަށް ވަދެ ދޮރު ޖެހިއެވެ.
ގަޑިއަށް ބަލަން ހުރެ ޝަފްނާ ދެކޮޅަށް ދެކޮޅަށް ހިނގާލަ ހުއްޓެވެ. ލިއާމް ހަމަ ޖެހިލާފައި ގޮނޑިއެއްގައި އިށީނދެ އިނެވެ.
“ހާދަ އިރެކޭ މިވަނީ. ގައިމުވެސް ދިހަ މިނެޓު ވެއްޖެ..” ޝަފްނާ ބުންޏެވެ.
“އެ ހޭލަނީ..” ހެވިފައި އިނދެ ލިއާމް ބުނެލިއެވެ.
މަޑުމަޑުން ދެލޯ ހުޅުވާލުމާއެކު ހަމްދާންއަށް ހުރިހާ މަންޒަރެއްވެސް ފެނުނީ ފުސްކޮށެވެ. ދެތިން ފަހަރަކު އެސްފިޔަ ޖަހާލުމަށްފަހު ދެލޯ ހުޅުވާލުމާއެކު ފެނުނީ ލިއާމްގެ ލާނެތް ހިނިތުންވުމެވެ. އަމިއްލަ މީހާ އިން ހާލަތާމެދު ވިސްނާލެވުނީ އެހިނދުއެވެ. ދެއަތާ ދެފައި ވަނީ ބަނދެވިފައެވެ. އަނަގަޔަށް އޮތީ ފޮތިގަނޑެއް ވައްދާފައެވެ.
“ގުޑް މޯނިންގް.. ވަޓްސް އަޕް؟” ހަމްދާންގެ ލޯ ކުރިމަތީގައި އަތް ހޫރުވާލަމުން ލިއާމް ބުންޏެވެ. ޝަފްނާވެސް އައިސް އޭނާ ކުރިމަތީގައި ހުއްޓުނެވެ. ވާހަކަދައްކަން ބޭނުންވެގެން ހަމްދާން ކަރުބުޑުން އަޑު ލައްވަމުން ދިޔައެވެ. ޝަފްނާ ބަލައިލުމާއެކު ލިއާމް ހަމްދާންގެ އަނގައަށް ވައްދާފައި އޮތް ފޮތިގަނޑު ނެރުނެވެ.
“ކޮން އެއްޗެއްތަ ކަލޭމެން ބޭނުންވެގެން ތިއުޅެނީ؟ މިހާ ދުވަސްފަހުން މަގޭ ހޯދަން އައީ ކީއްވެތަ؟” މާނޭވާ ލަމުން ހަމްދާން ވާހަކަދެއްކިއެވެ.
“ކަލެއަށް އެނގޭ އެއްޗެއް ކިޔައިދީބަލަ. އެހާ ދުވަސްވާ އިރު ވަރަށް ގިނަ ކަންކަންވެފަ ހުންނާނީ ދޯ. އަޑުއެހިން ކަލޭ އަންހެނުންވެސް ކަލޭ ދޫކޮށް ދިޔަ ވާހަކަ.. ހެހެ..” މަލާމާތުގެ ރާގުގައި ޝަފްނާ ވާހަކަދެއްކިއެވެ.
“ކިހާ ދެރަކަމެއް. އޭނާ ދިޔަފަހުން މިހާރު ކޮންޒަމާނެއް ވެއްޖެ. ކަލޭ ކުރިމަތީގައެއްނު އޭނާ ނިކުމެގެން ދިޔައީވެސް.” ހަމްދާންގެ އަޑަށް ވެރިވީ ފޫހިކަމެވެ. ކުރީގެ އަނބިމީހާގެ ވާހަކަދައްކެއްކުމުން އޭނާގެ ގާތަށް އަންނަނީ ފާޑެއްގެ ރުޅިއެކެވެ.
“އެނޫނަސް ކަލޭގެ ފެމެލީއެއް އޮވެއެއްނު. މަންމައަކާ ބައްޕައެއް ނެތަސް، ފާޑެއްގެ ސައިކޯ ކޮއްކޮއަކާ އޭނާގެ ފިރިމީހާއާ ދެކުދިން. ސައިކޯއަށް ކުރަން އެނގުންހާވެސް ކަމަކީ ދެލޯބިވެރިން ދުރުކުރުވުން..” ޝަފްނާގެ ވާހަކަތައް މެދުކަނޑާލަން ޖެހުނީ ހަމްދާން ހަޅެއް ލަވައިގަތުމުންނެވެ.
“ހުއްޓާލާ. އަހަރެންގެ ކޮއްކޮއަކީ އަޚްލާޤު ރަނގަޅު ކުއްޖެއް. އޭނާއާ ކަލެއާ އުޑާ ބިމާހާ ތަފާތުވާނެ. އެނގިއްޖެތަ؟” ހަމްދާން ރުޅިއައިސް އިނދެ ހަރު އަޑުން ބުންޏެވެ.
“ކާމް ޑައުން.” ޝަފްނާ އައިސް ހަމްދާންގެ މޫނުމަތީގައި މަޑުމަޑުން ފިރުމާލުމާއެކު އޭނާ މޫނު އަނބުރާލިއެވެ.
“މަށަށް އެނގެއޭ ސާހިލް އުޅެނީ މިތަނުގައިކަން. ދެން ނުފޮރުވާ ހުރިހާ ކަމެއް މަށަށް ކިޔައިދީބަލަ..” ދުރުގައި ހުރި ލިއާމް ހަމްދާންގެ ފުރަގަހުން އައިސް ކަންފަތް ދޮށުގައި ސިއްރެއް ބުނެލާ ފަދައިން ބުނެލިއެވެ. ހަމްދާންގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ.
“އޭނާ.. އޭނާ އެބަ އުޅޭތަ މިތަނުގައި؟ ތައިލޭންޑުގަ؟” ފަހަތަށް މޫނު އަނބުރާލަމުން ހަމްދާން ސުވާލުކުރިއެވެ.
“ނޭނގޭކަމަށް ހަދާނެ ކަމެއް ނެތް..” ޝަފްނާ ބުންޏެވެ.
“ﷲ ގަންދީ ހުވާކޮށްފައި ބުނަން. އަހަންނަކަށް ނޭނގެ އޭނާ އުޅޭކަމެއް..” ހަމްދާންގެ މޫނުމަތިން ހައިރާންކަން ފާޅުވާން ހުއްޓެވެ.
“ޑޭމްއިޓް..” ފާރުގައި އެއްއަތުން ޖަހާލަމުން ޝަފްނާ ބުނެލިއެވެ. ލިއާމް ޝަފްނާއަށް ބަލަން ހުއްޓެވެ.
“އެއް މިނެޓް.. ކަރަންޓް އަންނާނެ..” އަތުކުރި ގަޑިއަށް ބަލައިލަމުން ލިއާމް ހާސްވެފައި ހުރެ ބުނެލިއެވެ. ބިންމަތީގައި އޮތް އަތްދަބަސް ނަގަމުން ޝަފްނާ އެޕާޓްމަންޓުން ނިކުންނަން ހިނގައިގަތެވެ. ސޯފާގައި އޮތް ފޯނު ނަގަމުން ލިއާމް ޖިންސްގެ ޖީބަށް ކޮށްޕާލިއެވެ. ބޮލުގައި އަތް ޖައްސާލާ ހަމްދާންއަށް ހަނާ އަޅާލިއެވެ. ދިއްލާފައި އިން އުއްބައްތީގެ ހުޅުކޮޅަށް ފުމެލުމާއެކު އޭނާ އޭތި ވައްޓާލަމުން ނިކުމެގެން ދިޔައީ ހަމްދާން އެއިންގޮތަށް ބައިންދާފައެވެ. އައި ގަދަ ރުޅިއެއްގެ ސަބަބުން ހަމްދާން ކަރުބުޑުން ހަޅެއް ލަވައިގަތް އަޑު މުޅި އެޕާޓްމަންޓުގައި ގުގުމައިގެން ދިޔައެވެ.
ކާރުގައި އިށީނދެ އިނދެ ޝަފްނާ ހަމަޖެހިލަން މަސައްކަތް ކުރިއެވެ. ލިއާމް ކާރުގެ ދޮރު ހުޅުވާލުމަށްފަހު ސީޓުގައި އިށީނީ އެވަގުތެވެ.
“ޑޭމްއިޓް. ޑޭމްއިޓް. ސާހިލް އުޅޭ ވާހަކަ އޭނާ ކައިރީ ބުނަންޖެހޭތަ؟ ދެން މިޖެހުނީ ހަމްދާން ފަހަތުން އޭނާ ދާ ކޮންމެ ތާކަށް ދާން..” ލިއާމްއާ ދިމާއަށް ޝަފްނާ ހަޅެއް ލަވައިގަތެވެ.
“ތިކަން ކުރަން ޖެހޭނީވެސް މަށަކަށްނު؟ ޝަފްނާ ކޮންމެހެން ރުޅިގަދަ ވާކަށް ނުޖެހޭނު؟” ލިއާމްވެސް ހިތްހަމަނުޖެހުނެވެ.
“އެދެމީހުން ދިމާ ވެއްޖެއްޔާ ޔަގީން މިފަހަރު ކޯޓަށް މައްސަލަ ހުށައަޅާނެ. އޭރަށް ކުޑަގޮޅިއަށް ދާން ޖެހޭނީ ކަލެއެއް ނޫނޭ..” ޝަފްނާގެ ރުޅި މަޑުވާ ގޮތެއް ނުވިއެވެ. ލިއާމް ބަހެއް ބުނުމެއް ނެތި ކާރު ދުއްވާލީއެވެ. “އެންމެ އަވަހަކަށް ފުރާ ފްލައިޓަކުން ރާއްޖެ ދާން ޓިކެޓު ނަގާފަ ބާއްވާތި. މިކޮޅުގަ ހުރުމުގެ ބޭނުމެއް ނެތެއްނު ދެން..”
ގޭތެރޭގައި ކުރަންޖެހޭ ކަންތައްކޮށް ނިންމާލުމަށްފަހު މަންހަލް މަޑުމަޑުން ހިނގާލާފައި އައިސް ކޮޓަރިއަށް ވަނެވެ. ދޮރު ތަޅުލެވުނުކަން ޔަގީންކޮށްފައި އޭނާ އައިސް އިށީނީ ކިޔަވާ މޭޒު ކައިރީގައެވެ. ހުޅުވާލެވިފައި އޮތް ވާހަކަފޮތް ނަގަމުން ގޮނޑީގައި ލެނގިލިއެވެ. އެއީ އޭނާ ކުރާނެކަމެއް ނޭނގި ފޫހިވެގެން، ކޮޓަރީގެ ކަބަޑުތައް ހާވަނިކޮށް ފެނުނު ފޮތެކެވެ. ދެތިން ސޮފްހާ ކިޔާ ނިންމާލެވުނަސް ވާހަކައިގައި ވީގޮތް އޭނާއަކަށް ނޭނގުނެވެ. އިނދެވުނީ ހިޔާލުތަކަށް ގެއްލިފައެވެ. ކިޔެނީ ކޮން އެއްޗެއް ކަމެއްވެސް ނޭނގުނެވެ. ވިސްނެނީ އޭނާއަށް ޖެހިފައިވާ ހާލަތާ މެދުއެވެ. އެންމެފަހުން އޭނާ ފޮތް ލައްޕާލިއެވެ. މޫނުގައި އަތް އުނގުޅާލަމުން މޭޒުމަތީގައި ބޯ ޖަހާލިއެވެ.
އެހެނަސް އެހެން އޮއެވުނީ ދެތިން މިނެޓެއް ވަންދެނެވެ. ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލި އަޑު އިވުނެވެ. ފުންމައިގެން އޭނާ ތެދުވިއެވެ. ހިތް ނެގިނެގިފައި ޖެހެން ފެށިއެވެ. ހަރަކާތެއް ކޮށްލަން ނޭނގިފައި އިންދާ އަނެއްކާވެސް ޓަކި ޖަހާލި އަޑު އިވުނެވެ. މަޑުމަޑުން ހިނގާލާފައި ގޮސް މަންހަލް ދޮރު ކައިރީގައި ހުއްޓި ފުން ނޭވާއެއް ދޫކޮށްލިއެވެ. އަނެއްކާވެސް ޓަކި ޖަހާލި އަޑު އިވުމާއެކު އޭނާ ދޮރު ހުޅުވާލިއެވެ. ދޮރު ކުރިމަތީގައި ހުރީ ‘ޒޭކް’ގެ ނަމުން މުހާތަބު ކުރާ މީހާއެވެ.
“މިރޭ ކައްކާނެ ކަމެއް ނެތް. ރެސްޓޮރަންޓަކުން ކަނީ..” ކުޑަކޮށް ހިނިތުންވެފައި އޭނާ ބުނެލިއެވެ. ގެއަށް އައިސްގެން އުޅޭ ދެ ސޮރު ތެރެއިން މަންހަލްއަށް ކިރިޔާވެސް ހިތްހެޔޮކަމަށް ފާހަގަކުރެވެނީ އެސޮރެވެ. އެހެންވެ އޭނާވެސް ލުއި ހިނިތުންވުމެއް ހަދިޔާ ކޮށްލުމަށްފަހު ބޯ ޖަހާލީއެވެ. އޭނާ ހިނގައިގަތުމުން އަވަސް އަވަހަށް ދޮރު ލައްޕާލުމަށްފަހު ތަޅުލިއެވެ. ބާރު ބާރަށް ތެޅެމުން ދިޔަ ހިތާ ދިމާލުގައި ކަނާއަތް ޖައްސާލުމަށްފަހު އޭނާ ދޮރުގައި ލެނގިލިއެވެ.
އަބަދުވެސް ގެއަށް ބޭނުންވާ ވަރަށް އެއްޗެހި ރައްކާކޮށްފައި ހުރެއެވެ. ހުސްވާން ވާއިރު ކޮންމެވެސް ގޮތަކުން އެއެއްޗެއް ހުންނާނީ ގެއަށް އައިސްފައެވެ. އެކަމާ ގުޅޭ ގޮތުން އޭނާ ސުވާލެއް ކުރަން ބޭނުން ނުވަނީ އެއީ ޝަފްނާ ކުރާކަމެއްކަން އެނގޭތީއެވެ. ގޭތެރެ ފޮޅާ، މޮޕުލާ، ކުނިކެހުމަކީ އޭނާއަށް ކޮންމެ ދުވަހެއްގެވެސް މަޖުބޫރު ކަންކަމެވެ. ފާއިތުވެ ދެތިން ދުވަހު ގެއަށް އައިސްގެން އުޅޭ ‘މެހެމާނުން’ގެ ތިންއިރުގެ ކެއުން ތައްޔާރު ކުރަނީ އޭނާއެވެ. މީހަކު ނުބުންޏަސް އޭނާ އެމީހުންނަށް ކަންތައް ކޮށްދެނީ ޝަފްނާގެ ފަރާތުން އަނިޔާއެއް ލިބެން ބޭނުންނުވާތީއެވެ. ނަސީބަކުން ދުވަހަކުވެސް އޭނާ ކުރާ ކަންތައް ކަމުނުދާތީ އެމީހުން ޝަކުވާއެއް ނުކުރެއެވެ. އޭނާއާ ގާތްވާން އެއްރޭވެސް އެމީހުން މަސައްކަތް ނުކުރާތީއާއެކު އޭނާއަށް ލިބިފައި ވަނީ ނުހަނު ބޮޑު ހިތްހަމަ ޖެހުމެކެވެ.
ނިދާފައި އޮތް ޝަފްނާއަށް ހޭލެވުނީ ފޯނު ރިންގުވާން ފެށި އަޑަށެވެ. ދެލޯ އުނގުޅާލަމުން އޭނާ ކަންނެތް ގޮތަކަށް ފޯނަށް ބަލައިލިއެވެ. ގުޅަނީ ލިއާމްއެވެ. މޫނުމައްޗަށް ފޫހިކަން ވެރިވެ ގަތުމާއެކު ޝަފްނާ ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ.
“މިރޭ ހައެއްގެ ފްލައިޓުން ޓިކެޓް ލިބިފަ އޮތީ.. ތިނެއް ޖަހާއިރު އަހަރެން ދާނަން ބަލައި..” ލިއާމް ބުންޏެވެ. އެއަށްފަހު ޝަފްނާއަށް އިތުރު އެއްޗެއް ބުނުމުގެ ފުރުސަތެއް ނުދީ ފޯނު ކަނޑާލީއެވެ.
ލިއާމްގެ ބައްޕައަކީ ތައިލޭންޑްގެ ވިޔަފާރިވެރިއަކަށް ވީތީ އޭނާ ގިނައިން އުޅޭނީ ތައިލޭންޑުގައި ބައްޕަގެ ގާތުގައެވެ. ނަމަވެސް މައިންބަފައިން ވަކިވުމަށްފަހު، މަންމައާއެކު ސޯޅަ އަހަރުގައި ރާއްޖެ އައިފަހުން އޭނާ ފަސް އަހަރުވަންދެން ރާއްޖޭގައި އުޅުނެވެ. ޝަފްނާއާ ދިމާވީ އޭރުގައެވެ. އޭގެފަހުން ދެމީހުންގެ ގުޅުން ބަދަހިވަމުން ގޮސް މިހާރު އެއީ ޝަފްނާގެ އެންމެގާތުން ގޭންގުގެ ކަންތަކުގައި އުޅޭ މީހާއެވެ.
ފުން ނޭވާއެއް ދޫކޮށްލަމުން ޝަފްނާ ގަޑި ބަލައިލިއެވެ. ހެނދުނު ދިހައެއް ޖަހަނީއެވެ. ޝަޔަމް ދެތިން ފަހަރަކު ގުޅާފައި އޮތެވެ. އެހެނަސް އެކަމަކަށް މާބޮޑު ސަމާލުކަމެއް އޭނާ ނުދިނެވެ. އަވަސްވެގަތީ ތާޒާ ވެލައިގެން ހެނދުނުގެ ނާސްތާ ނަގާށެވެ. އަންނާނަމޭ ބުނި ގަޑިއަށް ލިއާމް، ޝަފްނާ ބަލައި އައެވެ. އެދަތުރު ހޭދަވެގެން ދިޔައީ ހަމަހިމޭންކަމާއި އެކުގައެވެ. ޝަފްނާ ކާރުން ފޭބުމާއެކު ލިއާމް ދިޔައީއެވެ. ދިގު ދަތުރެއް ނިންމާލުމަށްފަހު ރާއްޖެއަށް އާދެވުނު އިރު ރާއްޖޭގެ ގަޑިން ދަންވަރު ބާރަ ޖަހައިފިއެވެ. ގެއަށް އާދެވުނު އިރު ހުރީ މެންދަމުން އަލިވެ ދެގަޑި ބައި ވެފައެވެ.
ގަޑިއަށް ބެލުމެއްނެތި އޭނާ ފޯނު ނަގާ ކީޕެޑްގައި ނަންބަރުތަކެއް ޖަހާލުމަށްފަހު ގުޅާލިއެވެ. ދެތިން ރިންގަށްފަހު އެކޮޅުން ފޯނު ނެގި އަޑުއިވުމާއެކު ޝަފްނާ ވާހަކަދައްކަން އުޅުނެވެ. އެހެންވިއަސް ޖަހާފައި ހުރި ލަވައެއްގެ އަޑު ގަދަކަމުން އޭނާއަށް ޖެހުނީ ފޯނު ކަންފަތާ ދުރުކޮށްލާށެވެ.
“ހެލޯ..؟” ލަވައިގެ އަޑު ކުޑަކޮށް މަޑުވެލުމާއެކު އެކޮޅުން މީހަކު ވާހަކަދެއްކި އަޑު އިވުނެވެ.
“މާދަން ފަތިހަށް ފުރަން ރެޑީވާތި. ލޯންޗު ހަމަޖައްސާފަ ބާއްވާނީ. ހަނދާންކުރާތި ސީސީޓީވީ އެއް އެމަގަށް ވާގޮތަށް އިންނާނެ. ކުރާކަމެއް ބަލައިގެން ކުރަން ޖެހޭނީ. ޕްލޭންއަކީ ކޮބައިކަން އަހަރެން އިތުރަށް ކިޔައިދޭކަށް ބޭނުމެއް ނޫން.” ބޭކާރު ވާހަކަތައް ދެއްކުމުގެ ބަދަލުގައި ޝަފްނާ ސީދާ މައުޟޫއަށް ދިޔައެވެ.
“މަންހަލްއަށް ހަދަންޖެހޭ ގޮތް އަހަރެން ފަހުން ކިޔައިދޭނަން. އަހަރެންވެސް އެދުވަހުގެ ހަވީރު ދާނަން އެރަށަށް. މިވާހަކަތައް ވާނުއަށް އިންފޯމްކޮށްފަ ބައިންދާތި..” ޝަފްނާގެ ވާހަކަތައް މެދުކެނޑުނީ ފަހަތުން އޭނާއަށް މީހަކު ގޮވާލި އަޑު އިވިފައެވެ. ދެލޯ ބޮޑުވެގެން ދިއުމާއެކު އޭނާގެ އަތުގައި އޮތް ފޯނު ދޫވެގެން ވެއްޓުނެވެ. ހަމަޔަގީނުންވެސް އޭނާ ދެއްކި ވާހަކަތައް ފަހަތުގައި ހުރި މީހަކަށް މިހާރު އެނގޭނެއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.




މިބައި ލަސްވި ކަމަށް ޓަކައި ކިޔުންތެރިންގެ ކިބައިން މަޢާފަށް އެދެން! އަޅުގަނޑު މިދިޔަ ހަފުތާގައި މާލެދިޔައީމަ ވާހަކަ އަޕްލޯޑު ނުކޮށްލެވުނީ..
☺️🤍!މިޕާރޓްވެސް ކަމުދާނެ ކަމަށް އުންމީދު ކުރަން
It’s ok
Mi part ves v Reethi masha allah
Curiously waiting for next part
Keep it up
Thank you for your support, cutie girl! 😊🤍
Heyyy Aayaaaa… V reethi mi part ves. Curiously Waiting for the next! 😊😘
Hello Mr. Right! Thank you!😅🤍
Mi part ves vv reethi masha allah 🥰
Thank you so much Maya! 😊🤍
Alheyy manhal ah koachehtha emyhun e hadhanee? I’m sooo curious rn. Btw which grade are u in. 10 nimuneetha? Cuz there’s qaumee kuru vaahaka liyumuge mubaaraatheh and maybe u should participate 😊 uk, cuz ur really good at writing stories Masha allah ❤️🫶
Her life is full of trouble! 😭
Really? School in thi mubaarai thakuga baiveri kuran noolhe ey.. amilla gothun baiveri veveyne baa?? 🤔
Btw Thank you Someone, for your support!😊🤍