Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިންސާފު (ނުވަވަނަ ބައި)

Aayaa
Aayaa Level 410 Stories100 Login100 Comments
July 18, 2024 5 Mins Read
8 Comments
  1. “މަންހަލްއަށް ހަދަންޖެހޭ ގޮތް އަހަރެން ފަހުން ކިޔައިދޭނަން. އަހަރެންވެސް އެދުވަހުގެ ހަވީރު ދާނަން އެރަށަށް. މިވާހަކަތައް ވާނުއަށް އިންފޯމްކޮށްފަ ބައިންދާތި..” ޝަފްނާގެ ވާހަކަތައް މެދުކެނޑުނީ ފަހަތުން އޭނާއަށް މީހަކު ގޮވާލި އަޑު އިވިފައެވެ. ދެލޯ ބޮޑުވެގެން ދިއުމާއެކު އޭނާގެ އަތުގައި އޮތް ފޯނު ދޫވެގެން ވެއްޓުނެވެ. ހަމަޔަގީނުންވެސް އޭނާ ދެއްކި ވާހަކަތައް ފަހަތުގައި ހުރި މީހަކަށް މިހާރު އެނގޭނެއެވެ.

“މަންމާ..؟” ޝަޔަމް މަންމައަށް ގޮވާލިއެވެ. އޭނާ ކޮޓަރިން ބޭރަށް ނިކުތީ ކަރު ހިއްކައިގަނެފައި ހުރިވަރުން ފެން ބޯށެވެ. ކޮޓަރީގައި ހުރި ފެންޖަގަށް ފެން އަޅަން އެރޭ އޭނާއަށް ހަނދާން ނުވުމާއެކު ޖަގުގައި އެއްވެސް ވަރަކަށް ފެން ނެތުމުންނެވެ. ކުއްލިއަކަށް މަންމަ ފެނުމުން އޭނާއަށް ލިބިގެން ދިޔައީ ކުއްލި ހައިރާންކަމެކެވެ. ދެ ހަފްތާއަށް ފުރައިގެން ދިޔަ މީހަކު ތިން ދުވަސްވެސް ނުވަނީސް އަނބުރާ އައުމުންނެވެ.

“ޝަޔަމް.. ދަރިފުޅު..” ހާސްކަން ފޮރުވާ ހިނިތުންވެވޭތޯ މަސައްކަތް ކުރަމުން ޝަފްނާ ބުނެލިއެވެ.

“ހާދަ އަވަހަކަށް އައީ؟ ދެހަފްތާއަކަށް ނޫންތަ ދިޔައީ؟” ޝަޔަމްގެ ވާހަކަތައް ހުރިގޮތުން އޭނާއަށް އެއްވެސް ވާހަކައެއް އަޑު ނީވޭކަން ޝަފްނާއަށް އެނގުނެވެ. ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނީ އެހެންވެއެވެ.

“ހެހެ.. ކަމެއް ނުވޭ.. މާދަން އަނެއްދުވަހު ހަވީރު ޑޭޑް އަންނާނެ ޝަޔޫއާ މީޓްކުރަން..” އަވަސްއަވަހަށް ފޯނު ނަގަމުން އޭނާ ކޮޓަރިއަށް ވަދެގެން ދިޔައެވެ. ދެފަރާތަށް ބޯހޫރާލަމުން ޝަޔަމް ދިޔައީ ތިރީބަޔަށެވެ.

އެރި އިރާއެކު ފޮށިތައް ހިފައިގެން ހަމްދާން އެޕާޓްމެންޓުން ނިކުތެވެ. އަތްދިގު އަޅި ކުލައިގެ ޓީޝާޓުގެ، މަތިން ލާފައި ހުރީ މަޑުމުށި ކުލައެއްގެ ކަކުލާ ހަމައަށް އަރާ ކޯޓެކެވެ. ކަޅުކުލައިގެ ޖީންސެއްގައި އޭނާ ފެންނަލެއް ތަފާތެވެ. ބޮލުގައި ތޮތްޕެއް އެޅިފައި އޮތްއިރު އަނގައާ ނޭފަތް ނިވާކޮށްފައި ވަނީ ކަޅު ކުލައިގެ މާސްކް އަކުންނެވެ. އޭނާގެ ދެލޯ ފޮރުވާލާފައިވަނީ ކަޅުކުލައިގެ އައިނަކުންނެވެ. އާންމުކޮށް އޭނާ ހެދުން އެޅުމުގެ ވައްޓަފާޅިއާ ތަފާތުކޮށް ހެދުން އަޅައިގެން ހުރުމުން އެކަކަށްވެސް އޭނާ ވަކިކުރާކަށް ނޭނގުނެވެ. ލިފްޓުން ނިކުތުމާއެކު ކުރިމަތިން ފެންނަން ހުރި، އިމާރާތުގެ ވެރިފަރާތަށް އެޕާޓްމެންޓުގެ ތަޅުދަނޑި ހަވާލުކުރުމަށްފަހު އޭނާ މިސްރާބު ޖެހީ އިމާރާތުގެ ޕާކިން އޭރިއާގައި އޮންނަ އޭނާގެ ކާރު ނެގުމަށެވެ.

“އަހަރެން މިދަނީ މިތަނުން، ޝަފްނާ.. ދެން ކަލެއަކަށް އަހަންނެއް ނުހޯދޭނެ..” ކާރު ސްޓާޓްކޮށްލަމުން ހެވިފައި އިނދެ ހަމްދާން އަމިއްލައަށް ވާހަކަދެއްކިއެވެ.

މެންދުރުގެ ކެއުން ނިންމާލުމަށްފަހު ޔަޒްދާން ނިކުތީ ޖަނބުރޯލުގަސް ދޮށުގައި އެލުވާފައި ހުރި އުނދޯލިތައް ކައިރިއަށެވެ. މަޑުމަޑުން އުނދޯލި ހެއްލާލަ ހެއްލާލަ އޭނާ އޮތީ ފުން ވިސްނުމަކަށް ގެއްލިފައެވެ. ވަށައިގެންވާ އެއްވެސް ކަމަކަށް އޭނާގެ ސަމާލުކަން ނުދެވޭކަން އެނގެނީ ޒަހީނާ އައިސް ކައިރީގައި މަޑުކޮށްލިކަންވެސް އޭނާއަށް ނޭނގުނީތީއެވެ. އިރުކޮޅެއް ވަންދެން ދަރިފުޅަށް ބަލަހައްޓައިގެން ޒަހީނާ ހުއްޓެވެ. އެއަށްފަހު އޭނާ އައިސް އިށީނީ ހަމަ އެޖަނބުރޯލު ގަސްދޮށުގައި ބަހައްޓާފައި ހުރި ޖޯލިފަތީގައެވެ.

“ދަރިފުޅާ..” އެހާ މަޑުމަޑުން ޒަހީނާ ގޮވާލުމުންވެސް ޔަޒްދާން ދިޔައީ ސިހިގެންނެވެ. ގަދަކަމުން ހިނިތުންވުމެއް ވެރިކޮށްލަމުން އޭނާ ހޫން ލައްވާލިއެވެ.

“ކިހިނެއްވެފަ ތިއޮތީ؟” ޒަހީނާ ސުވާލުކޮށްލިއެވެ. އެފަދައިން ކުރާނެކަމެއް ނެތިފައި ޔަޒްދާން ނޯންނާނެކަން އޭނާއަށް ރަނގަޅަށް އެނގެއެވެ.

“ކް.. ކަމެއް ނުވޭ..” އަވަސް އަވަހަށް ޔަޒްދާން ޖަވާބުދިނެވެ.

“އެކަމަކު ދަރިފުޅު ތިއީ މިގޮތަށް ކަމެއް ނެތިފަ އޮންނަ މީހެއް ނޫނެއްނު؟” ނުހަނު އޯގާތެރިކަމާއެކު ޒަހީނާ އަހާލިއެވެ.

“ކަމެއް ނުވެއޭ މަންމާ.. ދެން ކަންކަމާމެދު ވިސްނާލަން އޮއެވުނީ..” މަންމައަށް ދޮގު ނެހެދޭނެކަން އެނގޭއިރުވެސް ޔަޒްދާން ބުނެލިއެވެ.

“އަނެއްކާ މަންމަގެ ދާންވެސް ދިރިއުޅުމެއް ފަށަން ވިސްނަނީތަ؟ ކަމުދާ ކުއްޖެއް ފެނުނީތަ؟” ދިމާކޮށްލާ ރާގެއްގައި ޒަހީނާ ބުންޏެވެ. މަންމާއޭ ކިޔާ ޔަޒްދާން ދިގުކޮށް ގޮވާލިއެވެ.

“އަހަރެން ދެން މީހަކާ އިނދެގެން ދިރިއުޅުމެއް ފެށީމަ މަންމަ ބަލާނީ ކާކުތަ؟ އެހެންނޫނަސް އަދި ނުގެންގުޅެމޭ އެކަހަލަ ހިޔާލެއް..” އިރުކޮޅެއް ވަންދެން ހިމޭނުން އިނދެފައި އޭނާ ބުނެލިއެވެ.

“ހޫން. މަންމައަށް ހަމަ ރަނގަޅަށް ވެސް ހީވަނީ ޔަޒްދާންއަށް ކަމުދާ ކުއްޖެއް ފެނުނީހެން. މަންމަމެން ތިދުވަސް ތަޖުރިބާ ކޮށްފައޭ މިވަރުވެފަ މިތިބީ.. މީހުންގެ އިހުސާސްތައް ދެނެގަންނަން މަންމަމެން މާ ކުޅަދާނަވާނެ…” ކޮންމެސް ގޮތަކުން އޭނާގެ ހިތުގައި އޮތް އެއްޗެއް ނެރެފައި ނޫނީ މަންމަ ނުދާނެއޭ ޔަޒްދާންގެ ހިތަށް އެރިއެވެ.

“އަހަރެން ލޯބީގެ ކުޅިގަނޑު ކުޅެން ފަށައިފިއްޔާ މަންމަ އެކަނިވެދާނެއްނު..” ޔަޒްދާން ރައްދުގައި ބުނެލިއެވެ. މަންމަގެ ވިސްނުން ހުރީ ކިހިނެއްތޯ ބަލައިލަން އޭނާ ބޭނުންވާ ވަރުންނެވެ.

“ހެހެ. މަންމައަށް ފަސޭހައެއްނު ވާނީ ދަނބިދަރިއެއް ލިބުނީމަ. ފޫހިވެފަ އެކަނި އިންނާކަށް ނުޖެހޭނެ. އަނެއްކާ މާމަ ކިޔާނެ ދުވަހެއް ލިބިއްޖެއްޔާ މަންމަ ކިހާ އުފާވާނެ..” ހިނިތުންވެފައި އިނދެ ޒަހީނާ ވާހަކަދެއްކިއެވެ. މަންމަ އެފަދަ ދުވަހަކަށް ކިހާ އިންތިޒާރެއް ކުރާކަން ޔަޒްދާންއަށް ޔަގީންވެއްޖެއެވެ.

އިތުރު އެއްޗެއް އޭނާ ނުބުނުމުން ޒަހީނާ ބަދިގެއަށް ގޮސް ފޯއް ތަބަށް ހިފައިގެން އައިސް އަނެއްކާވެސް ޖޯލީގައި އިށީނެވެ. ޔަޒްދާން ހިޔާރުކުރީ ހިމޭންކަމެވެ.

“މަންމާ.. ޝަފްނާއްތަގެ އެހެން ކުއްޖެއްވެސް ހުރޭތަ؟” ޔަޒްދާން ކޮށްލި ސުވާލާއެކު ޒަހީނާ ކޮށި އަރައިގަތެވެ.

“މަންމާ..” ހާސްވެފައި ޔަޒްދާން މަންމައަށް ގޮވާލިއެވެ. އޭނާ އުޅުނީ މަންމަގެ ގާތަށް ދާށެވެ. އެހެނަސް ޒަހީނާ އަތުގެ އިޝާރާތުން މަޑުކުރާށޭ ބުނެލިއެވެ.

“ކިހިނެއްވީ؟ އޭނާގެ އެހެން ކުއްޖެއް ހުންނަނީތަ؟” ކޮށިއެރުން ހުއްޓުމާއެކު ޒަހީނާ އަވަސްވެފައިވާ ހިތަކާއެކު ސުވާލުކުރިއެވެ.

“ނޭނގެ.. ޝަޔޫއާއެކު އެގޭގައި އެހެން ކުއްޖެއްވެސް އުޅުން..” ޔަޒްދާން ބޭނުންވީ މަންހަލްއަކީ ޝަފްނާގެ ދަރިއެއްތޯ ބަލާށެވެ.

“ކިހާ ވަރެއްގެ ކުއްޖެއް؟ ވަރަށް ކުޑަ ކުއްޖެއްތަ އަނެއްކާ؟” ޒަހީނާ ބުންޏެވެ.

“މިދިޔަ އަހަރު އޭލެވެލް އެ ނިންމާލީ. ޝަޔޫއަށް ވުރެ އެއްއަހަރު ކުޑައީ..” ޔަޒްދާން އޮޅުން ފިލުވައިދިނެވެ.

“ޝަޔަމްއަށް ދެ އަހަރުގައި އެމީހުން ވަކިވީ. މަންމައަކަށް ހިޔެއްނުވޭ އެއީ ޝަފްނާގެ ދަރިއަކަށް ވާނެހެން.” ފުން ނޭވާއެއް ދޫކޮށްލަމުން ޒަހީނާ ބުނެލިއެވެ.

“އަންހެން ކުއްޖެއްތަ؟ ކޮން ނަމެއް ކިޔަނީ؟” ޒަހީނާ އިނީ ވަރަށް ޝައުގުވެރިވެފައެވެ.

“ހުމް.. މަންހަލް ކިޔަނީ.. ވަރަށް މަޑުމަޑުން ހުންނަ ކުއްޖެއް.. ޝަޔޫއަށްވުރެ ކުޑަކޮށް ކުރުކޮށް ހުންނަނީ..” މަންހަލް ހުންނަ ގޮތް އޭނާ ސިފަކޮށްދިނެވެ.

“އަނެއްކާ އެކުއްޖާދެކެ ލޯބިވެވުނީތަ؟” ސަމާސާ ގޮތަކަށް ޒަހީނާ ސުވާލުކުރިއެވެ.

“ނޭނގެ.. މަންމައަށް އޯކޭވާނެތަ އަހަރެން އެކުއްޖާއާ ކައިވެނި ކުރިއަސް؟” ޔަޒްދާން އަހާލިއެވެ. ވަރަށް ފަރުވާތެރިކަމާއެކު ދަރިފުޅުގެ މޫނަށް ބަލަން އޭނާ އިނެވެ.

“ކައިވެނި ކުރާނެ މީހެއް ނިންމާނީ ދަރިފުޅު. މަންމަ އެކަމަކާ ނުބެހޭނަން. އެކަމަކު އެކުއްޖާއަކީ ޚުލްޤު ހެޔޮ ކުއްޖަކަށް ވާންވާނެ. މަންމައާއެކު ގޭގެ މަސައްކަތްކޮށްލާ ހެދޭނެ ކުއްޖަކަށް ވާންޖެހޭނެ. ކައިވެނި ކުރަންވާނީ އަމިއްލަ ނަފްސަށް މިއީ ރަނގަޅު ނިންމުމެއްކަން ޔަގީންވީމަ.” ހިމޭންކަމާއެކު ޒަހީނާ ބުނެލިއެވެ. “މަންމަ ބުނެދީފާނަން އަދި އެއްވާހަކަ. ޝަފްނާއާ ކުރިމަތިލާ ކާމިޔާބު ހޯދުމަކީ ފަސޭހަކަމެއް ނޫން.. ދޮންބެ އުޅުން ހާލު އެންމެގާތުން ފެނުނީ މަންމައަށް..”

ޒަހީނާ ޖޯލިފަތިން ތެދުވެގެން ގޭތެރެއަށް ގޮސް ވަނެވެ. ހިޔާލުތަކުގައި ޖެހިފައި ޔަޒްދާންއަށް އޮއެވުނީއެވެ. ސިކުނޑިއަށް ލިބުނީ އިތުރު ބޮޅެކެވެ. ހުސްނުވި ފިކުރުތަކާއި ޖަވާބެއް ނެތް ސުވާލުތަކެކެވެ.

ޔަޒްދާން ސިހިގެން ދިޔައީ ސައިކަލެއް ބަރުގޮނު އަޅާލި އަޑު އިވުމާއެކު ޖީބުގައި އޮތް ފޯނު ވައިބްރޭޓްވާން ފެށުމުންނެވެ. ފައުޒާންގެ ނަން ފެނުމާއެކު ވަގުތުން ފޯނު ރިސީވްކޮށްލިއެވެ. ނަމަވެސް އޭގެ ކުރިން އޭނާ ފޯނު ކަނޑާލުމާއެކު އަނެއްކާވެސް އިވުނީ ބޭރުން ސައިކަލެއްގެ ބަރުގޮނު އަޅާލި އަޑެވެ. ފުން ނޭވާއެއް ދޫކޮށްލާ އޭނާ މިސްރާބު ޖެހީ ބޭރަށެވެ. ފައުޒާންއާއެކު ސައިކަލު ކައިރީ ހުއްޓިހުރި އައިޒިން ފެނުމާއެކު ޔަޒްދާންއަށް ލިބުނީ ހައިރާންކަމެކެވެ. އޭރުގައި ދެމީހުން އަރާރުން ވުމަށްފަހު، މުހިންމު ކަމެއްވެގެން ނޫނީ އައިޒިން ވާހަކަ ނުދައްކަން ހުރެފައި މިއަދު ކުއްލިއަކަށް އައުމުންނެވެ. އައިޒިން ހުރީ ފޯނަށް ގެއްލި ހުސްވެފައެވެ. ފައުޒާން އައިޒިންއަށް ބަލައިލުމަށްފަހު ފުން ނޭވާއެއް ދޫކޮށްލިއެވެ.

“ހިނގާ ކޮފީއަކަށް..” ފައުޒާން ބުންޏެވެ. ޔަޒްދާން ފޯނު ނަގާ ގަޑި ބަލައިލިއެވެ. އަސުރަށް ގޮވަން ބާކީ ހުރީ އެންމެ މިނެޓެކެވެ.

“ނަމާދަށް ދާން ހިނގާ ފުރަތަމަ. އެބަ އަންނަން..” ޔަޒްދާން ގޭތެރެއަށް ވަދެގެން ގޮސް އޭނާ ފުރަތަމަ ކަމަކަށް ސައިކަލު ތަޅުދަނޑި ނެގީއެވެ. އެއަށްފަހު މަންމައަށް ގޮވާލުމަށްފަހު ބޭރަށްދާ ވާހަކަ ބުންޏެވެ. ދުވަހަކުވެސް މަޔަކަށްވުރެ ދަރިއަކު ބޮޑު ނުވާނެތާއެވެ.

އަސުރު ނަމާދުކޮށްގެން ތިން މީހުން މިސްކިތުން ފޭބިއެވެ. އެހުރިހާ އިރުވެސް އައިޒިން ހުރީ ވާހަކައެއް ނުދައްކައެވެ. ޔަޒްދާންވެސް އައިޒިން ވާހަކަދައްކާތޯ ހުރީއެވެ. ހަމަހިމޭން ދަތުރަކަށްފަހު ތިން މީހުން ވަނީ ބަނދަރުމަތީ ހުންނަ ކުޑަ ހޮޓަލަކަށެވެ. ފުދޭވަރަކަށް މީހުންވެސް އޮތެވެ.

“ކިހިނެއްވީތަ؟” ތިން ކޮފީއަށް އޯޑަރު ކުރުމަށްފަހު އެމީހުން އައިސް އިށީނީ ހުސްކޮށް ހުރި މޭޒެއްގައެވެ. އައިޒިން އޭރުވެސް އިނީ ފޯނަށް ގެއްލި ހުސްވެފައެވެ.

“އޭ ކަލޭ ދެން ތިފޯނު ބާއްވަބަލަ..” ފައުޒާން އައިޒިންގެ ފޯނު ޖަހައިގަތެވެ. އައިޒިން ދެލޯ އަޅާލީއެވެ.

“ހޫމް. ކިހިނެއްވީތަ؟ ކަލޭ ދޯ ފައުޒާން ބޮލަށް ވަދެގެން ތިއުޅެނީ.” ޔަޒްދާންއަށް ފަހުމްވިއެވެ.

“އެގޮލާ އެއުޅެނީ ކަމެއް ކޮށްގެން. އަހަރުމެން އެކަކަށްވެސް ނާންގާ.. ރޭގަ..” ލާނެތް ރާގަކަށް ފައުޒާން ބުނެލިއެވެ.

“މަ ދެން އެވާހަކަ ފަތުރަމުން ރަށުގަ ދުވަން ޖެހޭތަ؟” އައިޒިން ރާގަކަށް ބުނެލިއެވެ.

“އެސޮރު ރޭގަ ޕްރޮޕޯސް ކުރީ.. އަންގާވެސް ނުލާ..” ފައުޒާންއަށް އަނގަ ބަންދުކޮށްގެން ނީނދެވުނެވެ. ޔަޒްދާން ދެލޯ ބޮޑުކޮށްލިއެވެ.

“އޭ ކަލޭ ގަދަ ކޮށްފި އިނގޭ. މަގޭ މުސްކުޅިވާ އިރުވެސް މިހުންނަނީ އިންނާނެ މީހެއް ނުވެފަ.. ކޮންގްރެޓްސް!” އެކުވެރިޔާއަށް ޔަޒްދާން މަރުހަބާ ކިޔެވެ.

“ދެން ކަލެއަށޭ އޮތީ؟ ކޮބާ ރީތި މަންޖެގެ ހަބަރެއްނުވޭތަ އަދި؟” އައިޒިން ޔަޒްދާންގެ ކޮނޑުގައި ޖަހާލިއެވެ. ފައުޒާންވެސް ދޮގެއްނޫނޭ ކިޔާ އޭނާއާ ދިމާކުރަން ފެށިއެވެ.

“އޭނާ ރަށުގައެއްނު ވާނީ.. ޝަޔޫގެ ހަބަރެއްވެސް ނުވޭ..” ޔަޒްދާން ހިނިތުންވެލިއެވެ.

“ދެން އުޅޭ ރަށު މަންޖެއެއް ހޯދަން.. ފިރުޝާވެސް މިހާރު މަރުކަޒަށް ބަދަލުވެގެން އުޅެނީ. ކަލޭގެ ފިރުޝާ..” ފައުޒާން ބުންޏެވެ.

“ކަލޭ އަނގަމަޑުން ލައިގެން އިނދެބަލަ.. މަނޫޅެމޭ އިންނާނެ މީހެއް ނުވެގެން..” ޔަޒްދާން ރުޅި އައިކަމަށް ހެދިއެވެ. ކުއްލިއަކަށް އައިޒިންއާ ފައުޒާން ބާރަށް ހޭންފެށިއެވެ. ޔަޒްދާން އިނީ ވާނުވާ ނޭނގިފައެވެ.

“ކަލޭ ހަމަ އަސްލަށްވެސް ހީކުރީ އެސޮރު ޕްރޮޕޯސްކުރީ ކަމަށްތަ؟” ފައުޒާންއަށް ހެމުން ވާހަކަދެއްކުނީ ވެސް އެތަށް އިރެއް ވީފަހުންނެވެ.

“ޖެއްސުމެއް ނުކުރެވޭތާ ވަރަށް ޒަމާން ވެއްޖެއްނު. މަގޭގެ ބޮޑު ބޮލުގެ ބޭނުން ކުރީއޭ..” އައިޒިން ލާނެތް ފާޑަކަށް ބުންޏެވެ. ބޮލުގައި އަތް އަޅާލަމުން ޔަޒްދާން ފުން ނޭވާއެއް ދޫކޮށްލިއެވެ. ފައުޒާންއާ އައިޒިން ފަށައިގަތީ އެމީހުންގެ އަބަދުގެވެސް ޒުވާބެވެ. އެހިޔާލު ހޯދި މީހަކީ ތިމަންނައޭ ކިޔަމުންނެވެ.

“އަސްލުވެސް އޭނާ ވަރަށް އަވަހަށް އިންނަން އެއުޅެނީ. ރޭގަ މީޓު ކުރަން ގޮސްތިއްްބާ ޚާލިދުބެއަށް ފެނިގެން ބަވާލީ..” އެޒުވާބުން ފައުޒާން ބަލިވެދާނެހެން ހީވީމާ އޭނާ ބުނެލިއެވެ.

“ހޫންް. އެނގިއްޖެ މިހާރު. މާށާ ނުލާ ކަލެއަށް އެކަން ނުވަނީ ދޯ..” ޔަޒްދާން އައިޒިންގެ ކޮނޑުގައި ޖަހާލިއެވެ.

އާދައިގެ މަތިން ފަތިހުގެ ބަންގީގެ ކުރިން މަންހަލް ނިދި އެއްފަރާތް ކުރުމަށްފަހު ތެދުވިއެވެ. ފާހަނައަށް ވަދެ ތާޒާ ވެލާ ވުޟޫކޮށްގެން ނިކުމެ އިރުކޮޅެއް ވަންދެން ޤުރުއާން ކިޔަވަން އިންދާ ބަންގީގެ އަޑާއެކު މުޅީ ފަޒާ ހަމަހިމޭންކޮށްފިއެވެ. ގޮވަމުން ދިޔަ ކާޅާ ކޮވެލީގެ އަޑު މަޑުވެލިއެވެ. ބަންގި ނިމުމާއެކު، ބަންގި ދުޢާ ކިއުމަށްފަހު ފަތިސް ނަމާދުގެ ސުންނަތް ކުރަން އޭނާ ފެށިއެވެ.

މީހަކު ދޮރުގެ ތަޅުގައި ހިފާލިކަން މަންހަލްއަށް އިހުސާސްވިއެވެ. އޭރު އޭނާ އަދާކުރަމުން ދިޔައީ ފަތިސް ނަމާދުގެ ފަހު ރަކުޢަތެވެ. ހިތަށް ބިރުވެރިކަން ވެރިވެގަތުމާއެކު ހިތާހިތުން މާތްﷲގެ ހަޒްރަތުން ރައްކާތެރިކަމަށް އެދި ދެންނެވިއެވެ. ދެން އިވެން ފެށީ ތަޅުދަނޑި ކޮށްޕާލުމަށްފަހު ދޮރު ހުޅުވާލި އަޑެވެ. މަންހަލްގެ ހިތް ތެޅިގަތީ ވަކި ވަރެއް ބަލާފައެއް ނޫނެވެ. ނަމާދައިގެން ކުރިއަށް ދާންވީތޯ ނުވަތަ ނިންމާލަންވީކަން ނުވިސްނިފައި އޭނާއަށް ރުކޫޢުގައި އޮއެވުނީއެވެ. ކޮޓަރީގެ ތެރެއަށް ދެމީހަކު ވަތްކަމުގެ އިހުސާސް ކުރެވުނެވެ. އެއްފަރާތުން އޭނާގެ ގާތަށް ކައިރިވެލި މީހާ ހުރީ ކަޅުކުލައިން ނިވާވެގެންނެވެ. ފަހަތުގައި ހުރި މީހާ ރަބަރު އެއްޗެއް ގެންގުޅޭ އަޑު އޭނާއަށް އިވުނެވެ. އޭރު އޭނާ އިނީ ދެސަޖިދަ ދެމެދުގައެވެ. ދެވަނަ ފަހަރަށް އޭނާ ސަޖިދައަށް ދިޔަ ވަގުތު ފަހަތުގައި ހުރި މީހާވެސް އޭނާއާ ކައިރިވި ކަމުގެ އިހުސާސް ކުރެވުނެވެ. ދެމީހުންވެސް އޭނާގެ ފަހަތުގައި މަޑުކޮށް ތިރިވިއެވެ. ފިނި ފިނި އެއްޗެއް ކަރުގެ ކައިރިން އިހުސާސްވުމާއެކު އޭނާގެ ގައިން ވާގި ދޫވާކަމުގެ އިހުސާސް ވިއެވެ. އެއްފަރާތުން އޭނާގެ ގައިގައި ހިފާލިކަން އޭނާއަށް އެނގުނެވެ. އެހެނަސް ދެން ވީނުވީއެއް ނޭނގި ލޯ މެރުނީއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Aayaa
Follow Me Written By

Aayaa

Level 410 Stories100 Login100 Comments

Other Articles

Previous

ތިޔަ ލޯތްބަށް އެދެވޭތީ… 7

Next

ތެމި ވާރޭގައި ވީމޭ 21

Next
July 18, 2024

ތެމި ވާރޭގައި ވީމޭ 21

Previews
July 16, 2024

ތިޔަ ލޯތްބަށް އެދެވޭތީ… 7

8 Comments!

  1. Cutie girl says:
    July 18, 2024 at 1:22 pm

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up
    V interesting story eh
    V kiyaala hithun kiyani
    Love you

    1. Aayaa Aayaa says:
      July 19, 2024 at 5:35 am

      Thank you Cutie girl! 😊🤍

  2. Mr. Right says:
    July 18, 2024 at 4:42 pm

    Wowwwww Masha Allah…😍
    V kiyahithun kiyaa vaahaka eh.. v furihama adhi reethi!
    Aayaa ah kaamiyabah edhen!!☺️🎈🌼

    1. Aayaa Aayaa says:
      July 19, 2024 at 5:36 am

      Thank you Mr. Right! 😊🤍

  3. Sajuwa says:
    July 21, 2024 at 4:18 pm

    Nice
    Mi part ves vvv reethi Masha Allah ❤️
    Keep it up 👍🥰

    1. Aayaa Aayaa says:
      July 21, 2024 at 5:20 pm

      Thank you Sajuwa! 😊🤍

  4. Someone says:
    July 24, 2024 at 2:43 pm

    Oh No. Kihineh e hedhy, e meehun kairee buney namaadhu kuran thibey kudhinnaa undhagoo kuraakah nuvaane yey 😂😂. Mi part ves varah reethi. Masha Allah 😍😍😍

    1. Aayaa Aayaa says:
      July 27, 2024 at 6:07 am

      Thank you Someone! 😊🤍
      Aayaa bunaa gotheh nahadha ey emyhun.. Hama Shafna ‘Ma’am’ bunaa goeh hadhany! 🙁

Comments are closed.

Next Episodeއިންސާފު (ދިހަވަނަ ބައި)←


All Right Reserved!