Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިންސާފު (ހަތްވަނަ ބައި)

Aayaa
Aayaa Level 410 Stories100 Login100 Comments
June 30, 2024 5 Mins Read
7 Comments

“ބާއި..” ފޯނު ކަންފަތާ ދުރުކޮށްލަމުން މަންހަލް, ކައިރީ ހުރި މީހާއަށް ފޯނު ދިއްކޮށްލިއެވެ.

ފެންވަރައިގެން ނިކުމެ ޔަޒްދާން ލޯގަނޑު ކުރިމަތީގައި ހުއްޓެވެ. ޓްރެކްސޫޓެއްގައި އެކަނި ހުރިއިރު އޭނާގެ ފުޅާ މޭމަތި އޮތީ ހާމައަށް ފެންނާށެވެ. އިސްތަށިގަނޑުން ފައިބަމުން ދިޔަ ފެންތިކިތައް އޭނާގެ ކޮނޑުގައި ޖެހިފައި ފައިބައިގެން ދަނީ ތިރިއަށެވެ. ޔަޒްދާން އޭނާގެ އަމިއްލަ ނަފްސަށް ނަޒަރު ހުއްޓާލައިގެން ފުން ވިސްނުމަކަށް ގެއްލިފައި ހުއްޓެވެ.

ހަމަ ހަގީގަތުގައިވެސް އޭނާ އަންހެން ކުއްޖަކަށް ހިތް ހުޅުވާނުލާ ހުންނަންވީ ހެއްޔެވެ؟ ނޫނެކެވެ. އޭނާވެސް ޒަވާޖީ ހަޔާތެއްފަށާ އޭނާގެ އަމިއްލަ ދަރިންނާއެކު އުފަލުގައި އުޅެން ބޭނުމެވެ. ހުދު އޭނާގެ މަންމަވެސް އޭނާގެ ފަރާތުން މާމަ ދަރިއެއް ލިބޭނެ ދުވަހަކަށް އިންތިޒާރު ކުރެއެވެ. ދެން ކީއްވެ ހެއްޔެވެ؟ ހިތަށް އައި ހުރިހާ ސުވާލަކަށް ޖަވާބުދޭކަށް އޭނާއަކަށް ނޭނގުނެވެ. އެހެނަސް އޭނާ އެންމެ ބޭނުންވީ އެސުވާލުތަކަށް ޖަވާބެކެވެ. މައްސަލަތަކަށް ހައްލެކެވެ.

ވިސްނަން ހުރެފައި އޭނާ ދެފަރާތަށް ބޯ ހޫރާލިއެވެ. އަތުގައި އޮތް ތުވާލިން ބޮލުގައި ހުރި ފެންތައް ހިއްކާލިއެވެ. އަލަމާރި ހުޅުވާލުމަށްފަހު ނެގި އަތްކުރު ޓީޝާޓް ބޮލަށް މަހާލަމުން ކޮޓަރިން ނިކުންނަން ދިޔައީ އިސްތަށިގަނޑުގައި އަތުން ފުނާ އަޅާލަމުންނެވެ.

“އަހަ ދަރިފުޅާ.. ކިހިނެއްވީ ތިއައީ؟ މަންމަ ބުނީމެއްނު އަރާމުކޮށްލާށޭ..” ބަދިގެއަށް ވަދެގެން އައި ޔަޒްދާން ފެނުމާއެކު ޒަހީނާ ވާހަކަދެއްކިއެވެ.

“ނިދަން އޮށޯތަސް ނުނިދޭނެހެން ހީވާތީ މިއައީ.. ކޮންއެއްޗެއް މެންދުރަށް ތިހަދަނީ؟” ބަދިގޭގައި ހުރި ތެލި ތަށިތަކަށް ބަލައިލަމުން އޭނާ ސުވާލުކޮށްލިއެވެ.

“ޒާހިރުބެ ކުރިން ދުވަހު ރެހި ކޮތަޅެއް ގެނެސްދީފަ ހުރީމަ ރެހި ތެލުލަން ކަމަށް މިއުޅެނީ.. ޖޫސް ތައްޓެއް ހަދައިދެންތަ؟” ތާހުން ނެގި ރެހިކޮޅު ތަށްޓަކަށް އަޅާލަމުން ޒަހީނާ ބުނެލިއެވެ.

“ނޫން.. މެންދުރު ދެން ކާނީ. ހެނދުނު ސައިބޮއެގެންނޭ އެކޮޅުން ފުރީ..” ކާމޭޒު ކައިރިއަށް ޔަޒްދާން ގާތްވެލިއެވެ. ގާނަން ފަށާފައި ހުރި ކެރެޓް ތަށިން ކެރެޓު ކޮޅެއް ނަގާ އަނަގަޔަށް އަޅާލިއެވެ. “މަންމާ، އަހަރެން ކެރެޓް ގާނައިދޭނަން..”

“އެންމެ ރަނގަޅޭ. ހަމަ ބައްޕަގެ ގޮތް ޔަޒްދާންއަށް ލިބިފައި ތިހުރީ. މަންމަ އެކަނި ބަދިގެއަށް ވަދެގެން އުޅެންޏާ އަތްގާތް ކޮށްދޭން އުޅޭނެ. މަންމައަށް ކުރެވޭނޭ ބުނީމަވެސް ގަބޫލެއް ނުކުރާނެ.. އެހެންވީމަ މަންމަ މިހުރީ ދަރިފުޅަށްވެސް ބަލި ގަބޫލުކޮށްގެން..” އަތްތިލަ އުފުލާލަމުން ހެވިފައި ހުރެ ޒަހީނާ ވާހަކަދެއްކިއެވެ.

“މަންމަ އެކަނި އުޅެން ވަރުބަލި ވާނެ ދޯ..” ގޮނޑީގައި އިށީންނަމުން ޔަޒްދާން ބުންޏެވެ.

“އެންމެ ދެމީހުން އުޅޭ ގެއެއްގަ މަންމަ ކޮން ވަރުބައްޔެއް ވާނީ؟ ނުލާހިކު މަދު މަސައްކަތެއް ކޮށްލަން މިހުންނަނީ..” ބާކީހުރި ރެހިކޮޅު ތާހަށް އަޅާލަމުން ޒަހީނާ ގާތްވެލީ ސިންކުގައި ހުރި ތަށިތައް ދޮންނާށެވެ. ޔަޒްދާންއަށް ނަޒަރެއް ދިން ވަގުތު އޭނާ ކެރެޓު ކަމުން ދިޔައީތީ އޭނާ ގާތަށް ހިނިއައެވެ. “ތި ކެރެޓު ކޮޅު ތަށްޓަށް ގިނަވާނެބާއޭ މަންމަ ހިތަށް އަރަނީ..”

“އޯކޭ އޯކޭ. ދެން ނުކާނަން.” މުށަށް ކެރެޓުކޮޅެއް ނަގާ އަނެއްކާވެސް އޭނާ އަނގަޔަށް އަޅާލިއެވެ. އަތުގައި އޮތް ދޭފަތް ހިފައިގެން ޒަހީނާ ހިނގައިގަތީ ޔަޒްދާންއާ ދިމާއަށެވެ. “ދެން ނުކާނަން.. ދެން ނުކާނަން.. އަސްލުވެސް ނުކާނަމޭ..”

ޒަހީނާ ޔަޒްދާންގެ ކައިރިއަށް ގޮސް މަޑު ޖެހިލިއެވެ. ދޭފަތް މަޅާލުމަށްފަހުވެސް އަނބުރާ އައީ ސިންކު ކައިރިއަށެވެ. ޔަޒްދާން ހެމުން އަނެއްކާވެސް ކެރެޓް މަށަން ފެށިއެވެ.

“ހޫނ، ޝަޔޫ މިހާރު ވަރަށް ބޮޑުވެއްޖެ ދޯ..” ޒަހީނާ ދެން ފެށީ ޝަޔަމްގެ ވާހަކައެވެ.

“އާން. މިހާރު އަދި ކުރިއަށް ވުރެވެސް އަނގަގަދަ. ހީވަނީ ހަމަ އަނގަގަދަ މިތުރުހެން. ޖެއްސުން ކުރާއިރުވެސް ހީވާނީ އެހެންކަމެއްހެން.. ހަމަ ފަހަރިގެ ކޮޕީ ޕޭސްޓެއް.. އެހާ ރުޅިވެސް ގަދަވާނެ.” ޔަޒްދާން ޝަކުވާކުރާ ފަދައިން ވާހަކަދެއްކިއެވެ.

“މިގޭގަ އުޅުނު އިރުވެސް އެހެންނެއްނު އުޅެނީ. ޔަޒްދާންއާވެސް ވަރަށް ރުޅި ހަދާލާފަ އުޅޭނެ. އެކަމަކު އެކަކަށްވެސް ޔަޒްދާންއާ ކައިރިވާކަށް ނުކެރޭނެ.” ޒަހީނާ ކުރީގެ ހަނދާންތައް އާކުރިއެވެ.

“އަޅެ ދެން ދޮންބެގެ ފަރާތުން އެދައިތައަށް ވާރުތަކުރީ ކޮން ސިފައެއްތަ؟” މަންމަގެ ގާތުން ޔަޒްދާން ސުވާލުކުރިއެވެ.

“އޭނާ ދެކެ ލޯބިވާ މީހުންނަށް ދެރަގޮތެއް ނުވާނެ އޭނާ ހުއްޓާ. އެއީ ދޮންބެގެވެސް ގޮތް. މަންމަ ކުޑައިރުވެސް ކުޅެން އުޅެނިކޮށް ކުއްޖަކު އެއްޗެއް ބުނެގެން ރޯން ފަށައިފިއްޔާ ދޮންބެ އަންނާނެ. މަޑުން ހުއްޓަސް އެކަހަލަ ގަޑި ގަޑީގައި ނިކަން އެއްޗެހި ގޮވާލާނެ އެކުދިންނާ ދިމާއަށް.. ހެހެ..” ޒަހީނާ ނިކަން ބޮޑަށް ހީލިއެވެ. ޅަދުވަހުގެ ހަނދާންތައް އާވުމާއެކު އޭނާގެ ލޮލުން ކަރުނަ ހިލެން އުޅުނެވެ.

ހަވީރު ވުމާއެކު ޝަޔަމް ދަބަސް ހިފައިގެން ކޮޓަރިން ނިކުތެވެ. ދުވަސްތަކަކަށް ފަހު ބޭރަށް ނިކުމެވޭތީ އޭނާ ހުރީ ހިސާބަކަށް އުފާވެފައެވެ. ޝަޔަމް ފެނުމާއެކު އެތެރޭގައި ހުރި ދޮރުވާނު ދޮރު ހުޅުވާލިއެވެ. ކަޅުކުލައިގެ ޕްރައިވެޓް ކާރު އޮތީ ޝަޔަމްގެ އިންތިޒާރުގައެވެ. ކާރު ކައިރީ ހުރި ޖާވިދު އައިސް ޝަޔަމް އަށް ދޮރު ހުޅުވާލަދިނެވެ. އޭނާއަށް ލޯ އަޅާލަމުން ޝަޔަމް ކާރުގެ ފަހަތު ސީޓަށް އަރާ އިށީނެވެ.

“މާލޭގައި ހުރި ފޮޓޯ ނަގާތަނަކަށް ދަނީ. ޝަޔަމް މޭމް..” ޑްރައިވަރު ސީޓަށް އަރާ ހަމަޖެހިލަމުން ޖާވިދު ބުނެލިއެވެ.

“ކޮންމެ ތަނަކަށް ދިޔައަސް..” މޫނަށް ވައްތަރެއް ޖައްސާލަމުން ޝަޔަމް ބުންޏެވެ.

“ތިއަށްވުރެ ގިނަދުވަސް ވަންދެން އަހަރެންގެ މަންމައަށް ހިދުމަތްކުރާ މީހަކު އަހަރެން ނުދެކެން..” ޝަޔަމް އަނެއްކާވެސް ބުނެލިއެވެ.

“ތިނޫނީ އަމިއްލަ މީހާގެ މަންމައާއި ބެހޭގޮތުން އެއްވެސް އެއްޗެއް ނޭނގޭ މީހެއްވެސް އަހަރެން ނުދެކެން.” ޖާވިދުގެ ވާހަކަ ހުންނަނީ އެފަދަ ގޮތެއްގައެވެ.

“އޭ މަށަށްވުރެ ގިނައެއްކޮށް ކަލެއަކަށް ނޭނގޭނެ. ކަލޭ މަންމަގެ ނަންވެސް ކުޑަމިނުން ކަލެއަށް އެނގޭތަ؟” ޖާވިދު ދަތްކުނޑި ވިކާލިއެވެ. އެބުނި ބަހަކާމެދު އޭނާ ގަޔާނުވި ފަދައެވެ.

“ޝަޔަމް ނޫނީ ގޮތްދޫނުކުރާ، އަމިއްލަ އެދުން ބޮޑު މީހެއް އަހަރެންގެ ހަޔާތުގައިވެސް ނުދެކެން. ނޭނގޭ ކަންކަމާ ނުބެހި ހުންނައްޗޭ.” އެއީ ޖާވިދުގެ އާދައެވެ. މިވީހާ ދުވަހު ޖާވިދުގެ އާއިލާއާއި ބެހޭގޮތުން ޝަޔަމް ހޯދަން ކުރި މަސައްކަތަށް އެއްވެސް އަލިކަމެއް ނުލިބެއެވެ. ވާހަކަ އޮޅުވާލާ އޭނާ ފެށީ ޝަޔަމްގެ ވާހަކައެވެ.

“ތިއަށްވުރެ ބޯހަރު މީހެއް މިދުނިޔޭގައި އުޅޭތަ؟ އަބަދުވެސް އަހަރެންނާ ޖައްސާލާފަ. ފޫހި މީހާ ގަނޑެއް. ހަމަ އަސްލުވެސް ޑެވިލްއެއް ވައްތަރު ޖަހަނީވެސް.” ލޫވާއިން ބޭރު ބަލައިލަމުން ޝަޔަމް ބުންޏެވެ. ޖާވިދު ރައްދެއް ނުދިނެވެ.

ހެދުން އަލަމާރި ތެރެއަށް ވަންގޮތަށް ތަނެއް ގުޑުވާލަންވެސް ނުކެރިފައި މަންހަލް އިނެވެ. އަސުރު ނަމާދުން ފޭބި ގޮތަށް ކޮޓަރީގެ ދޮރު ތަޅުލާ ބޮކި ނިއްވާލައިގެން އޭނާ އެއިނީ ބިރުންނެވެ. އެތަނުގައި އިނަސް އެމީހުން ބޭނުންވެއްޖެއްޔާ އެކޮޓަރިއަށް ވަންނާނެކަން އޭނާއަށް އެނގެއެވެ. ގެއަށް އައިސްގެން އުޅެނީ ކޮންބައެއްކަމެއްވެސް އޭނާއަކަށް ނޭނގެއެވެ. ހަމަގައިމުވެސް އެބަޔަކީ ޝަފްނާ ފޮނުވީމާ އައި ބައެއްކަން އޭނާއަށް ޔަގީންވެއެވެ.

އޭނާ އެމީހުންގެ ގާތުން ފިލަން ދާނީ ކޮންތަނަކަށް ހެއްޔެވެ؟ އެހީއަކަށް އެދި ގުޅާނީ ކާކަށް ހެއްޔެވެ؟ އެގާރަވަރަކަށް އަހަރު ވަންދެން އެރަށުގައި އުޅުނަސް އޭނާ ދަންނަ މީހުންނަށް ވުރެ ގިނަވާނީ ނުދަންނަ މީހުންނެވެ. އޭނާއަށް ފެނުނު ހުވަފެން މަތިން ހަނދާންވުމާއެކު ބިރުން ތުރުތުރު އަޅައެވެ. އަމިއްލަ ނިކަމެތި ހާލު އިހުސާސްވެ އޭނާގެ ލޮލުން ކަރުނަ ފައިބައިގެން އައެވެ.

ރޭގަނޑުގެ ކެއުން ނިންމާލުމަށްފަހު ޝަފްނާއާއެކު ޝަޔަމްވެސް އައިސް އިށީނީ ސޯފާގައެވެ. ޝަފްނާ އަތުގައި އޮތް ލެޕްޓޮޕް އިން ހުޅުވާލެވިފައި ވަނީ ޔުނިވާސިޓީއަށް ވަންނަން އެދޭ ފޯމެކެވެ. ޝަޔަމްގެ ކުރިމަތީގައި އިނދެގެން އޭނާ އެފޯމު ފުރާ ނިންމާލިއެވެ. ޝަޔަމް އެއްވެސް އެއްޗެއް ނުބުނެ އިނީއެވެ.

“މަންމަ އަހަރެން ގަދަކަމުން މިދާއިރާއަށް ތިވެއްދީ. ކިޔަވާކަށްވެސް އަހަރެން މަސައްކަތެއް ނުކުރާނަން..” ޝަޔަމް ފަހުބަސް އިއްވިއެވެ. އެކަމާ ގުޅޭގޮތުން އެއްޗެއް ޝަފްނާއެއް ނުބުނެއެވެ.

“މަމް މިއުޅެނީ މާދަން ތައިލޭންޑަށް ފުރަން. ވަން ވީކް ޗުއްޓީއެއް ނަގައިގެން. ޝަޔޫ ޔުނިވާސިޓީ ފެށެންވާއިރު އަންނާނަން.” އޭނާ ތައިލޭންޑަށް ފުރަން އުޅޭކަން ޝަޔަމްއަށް އަންގާލިއެވެ.

“އެއީ ކީއްކުރަން؟ މިނިސްޓްރީގެ ކަމެއްގައިތަ؟” ޝަޔަމް ސުވާލުކުރިއެވެ.

“ނޫން. މަމްގެ ޕާސަނަލް ކަމެއްގައި.. ޝަޔޫ ބޭނުމިއްޔާ ކުރިއަށް އޮތް މިނިވަން ދުވަހުގެ ރަސްމިއްޔާތަށް މަންމަ ދާނީ ޝަޔޫ ގޮވައިގެން.” ހިނިތުންވުމާއެކު ޝަޔަމްގެ އަތުގައި ޝަފްނާ ހިފާލިއެވެ.

“ނޫޅެން. ޕަބްލިކަށް އެނގޭކަށް ބޭނުމެއް ނޫން، މިއީ މަންމަގެ ދަރިއެއްކަން..” ޝަޔަމް އޭނާގެ މަންމަގެ އަތް ފޮޅުވާލިއެވެ.

“ޝަޔޫ ބޭނުން ގޮތެއް އޭގައި އޮތީ. މަމް ފޯސްއެއް ނުކުރާނަން.” ޝަފްނާގެ ވާހަކައިގައި އޯގާތެރިކަން ވެއެވެ.

“އަހަރެން ބޭނުން ބައްޕައާ ބައްދަލުކުރަން.” އިރުކޮޅެއް ވަންދެން އިނދެފައި ޝަޔަމް އެދުނެވެ.

“އެނބުރި މިކޮޅަށް އައިސް މީޓްކޮށްދޭނަން. އޯކޭ އެއްނު؟”ޝަފްނާ ބުންޏެވެ.

ދެމައިން ރޭގަނޑު ދިހައެއް ޖަހަންދެން ވާހަކަދައްކަން ތިއްބެވެ. ކަންތައްތައް ހިއްސާކޮށް އުޅޭނެ މީހެއް ނެތުމާއެކު ޝަޔަމްއަށްވެސް ދެބަސްވުމެއް ނެތި ވާހަކަދައްކަން އިނދެވުނީއެވެ.

ފަސްވަރަކަށް ގަޑިއިރުގެ ދިގު ދަތުރެއް ނިންމާލުމަށްފަހު ޝަފްނާއަށް ތައިލޭންޑަށް ދެވުނު އިރު ތައިލޭންޑުގެ ގަޑިން އިރުއޮއްސި ހައެއް ޖަހަނީއެވެ. އޭނާގެ އިންތިޒާރުގައި ކާރެއް އައިސް އޮތެވެ. ލުގޭޖް ހިފައިގެން އޭނާ އެރީ އެކާރަށެވެ.

“މިރޭ އަހަރެން ބޭނުން އޭނާ އުޅޭތަނެއް ބަލަން..” ޑްރައިވާ ސީޓުގައި އިން މީހާއަށް ނަޒަރެއް ދިން ގޮތަށް ޝަފްނާ ބުނެލިއެވެ.

“މިގަޑީގައިތަ ދަނީ އޭނާ ކައިރިއަށް؟” ކާރު ދުއްވާލަމުން އޭނާ ސުވާލުކުރިއެވެ. ޝަފްނާ އަނގައިން ‘ހޫން’ އަޅުވާލިއެވެ. “އޭނާއަށް އަހަރެން ފެނުން މޯލްއަށް ވަންނަނިކޮށް. އެހެންވެ ފިލީ..”

“ކީއްވެތަ ފިލަން ދޫކޮށްލީ.؟ އޭނާއޭ އަތުނުވެގެން މިއުޅެނީ..” ޝަފްނާގެ އަޑުން ނުރުހުންވެރިކަން ފާޅުކޮށްލިއެވެ.

“މިދިއަ ފަސްގަޑީރު އަހަރެން މިއުޅެނީ އޭނާ ފެނޭތޯ. އެކަމަކު ނުފެނުނޭ.” ޑްރައިވަރު ސީޓުގައި އިން މީހާވެސް ހިސާބަކަށް ހިތްހަމަ ނުޖެހުނެވެ.

“އޯކޭއޭ ދެން. އެންމެ ކުޑަމިނުން ހަމްދާން އުޅޭ ތަނެއް އެނގެއޭ ބުނެބަލަ..” ޝަފްނާ އަޑުމަޑު ކޮށްލިއެވެ.

“ހަމްދާން އުޅޭ ތަން އެނގޭ..” ހެވިފައި އިނދެ އޭނާ ބުނެލިއެވެ. ފުން ނޭވާއެއް ދޫކޮށްލަމުން ޝަފްނާ ސީޓުގައި ލެނގިލިއެވެ. “އޭނާ އުޅޭ ގެއަށް ދާންވެގެން މިދަނީ..”

އަތުގައި އޮތް ލެޕްޓޮޕުން ހުޅުވާފައި ހުރި ރިކޯޑިންތައް ފުހެލަމުން ކޮޓަރީގެ ކިޔަވާ މޭޒު ދޮށުގައި އިން މީހާ ތެދުވެލިއެވެ. ލެޕްޓޮޕް ލައްޕާލަމުން އޭނާ އޭތި ހިފައިގެން ދިޔައީ ބޮޑުކޮށް ހުރި ކްލޯސެޓް ކައިރިއަށެވެ. އެކްލޯސެޓްގެ ދޮރު ހުޅުވާލުމަށްފަހު ފަތް ޖަހާފައި ހުރި ގަމީސްތައް ދުރުކޮށްލިއެވެ. ކަޅު ކުލައިގެ ސޭފްގެ ކޯޑު ޖަހާލަމުން ސޭފްގެ ތެރެއަށް ލެޕްޓޮޕާއެކު ޕެންޑްރައިވް އެއްވެސް ލިއެވެ. ދެލޮލުން ފޭދިފައި ހުރި ކަރުނަތައް ފުހެލަމުން އޭނާ ހުއްޓިލީ ލޯގަނޑު ކުރިމަތީގައެވެ.

ދިގު އިސްކޮޅެއް ލިބިފައި ހުރި މީހެކެވެ. ލައިގެން ހުރީ އަޅި ކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓެކެވެ. ކުރުކޮށް ކޮށާލެވިފައިވާ އިސްތަށިގަނޑުގައި ހިސާބަކަށް ނުރަ ހުރުމުން އޭނާއަކީ ހަރު އުމުރުގެ މީހެއްކަން އެނގެއެވެ. މޫނުމަތިން ފެންނަން ހުރީ ހިތާމައިގެ ކުލަވަރެވެ.

ލޮލުގައި އޮތް ނަންބަރު އައިނު ނެގުމަށްފަހު އޭނާ ކިޔަވާ މޭޒުމަތީ އައިނު ބާއްވާލިއެވެ. ފަހަތަށް އެނބުރުމުގެ ކުރިން މުޅި މާހައުލަށް ވެރިވެގެން ދިޔައީ ކަނު އަނދިރިކަމެވެ. ފުން ނޭވާއެއް ދޫކޮށްލަމުން އޭނާ މޭޒުމަތީގައި އަތް ކާއްތާލިއެވެ. ނުހަނު އަވަހަށް ފޯނު ފެނުމާއެކު އޭގެ ފްލެޝް ލައިޓު ޖައްސާލުމަށްފަހު ކޮޓަރިން ބޭރަށް ދިއުމަށް މިސްރާބު ޖެހިއެވެ.

މަޑުމަޑުން އެކި ހިސާބުތަކަށް އަލިކުރަމުން އޭނާ މިސްރާބު ޖެހީ އެޕާޓްމަންޓުން ނިކުމެވޭ ދޮރު ކައިރިއަށެވެ. އެޕާޓްމަންޓަށް ވަދެގެން ސިޓިންރޫމުށް ވަދެވެން އިންނަ ކުޑަ ގޯޅިގަނޑަށް އެނބުރިލުމާއެކު ފްލެޝްލައިޓުގެ އަލި އެޅިގެން ދިޔައީ ދެމީހެއްގެ މޫނަށެވެ. ސިހިގެން ދިއުމާއެކު އޭނާ ފަހަތަށް ދެތިން ފިޔަވަޅު ޖެހިލިއެވެ. ކުރިމަތީގައި ތިބި ދެމީހުންވެސް ހިސާބަކަށް ހުއްޓުން އަރާފައި ތިބީއެވެ. އެއަށްފަހު އެކަކު އަނެކަކަށް ބަލައިލިއެވެ.

“ޝަފްނާ.. ލިއާމް..” އޭނާ ހަރު އަޑުން ބުނެލިއެވެ. އޭރު އެމޫނުމަތީގައި ވީ ދެނެގަންނަން އުނދަގޫ އަސަރެކެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Aayaa
Follow Me Written By

Aayaa

Level 410 Stories100 Login100 Comments

Other Articles

Previous

ތިޔަ ލޯތްބަށް އެދެވޭތީ… 4

Next

މަންމަ

Next
June 30, 2024

މަންމަ

Previews
June 30, 2024

ތިޔަ ލޯތްބަށް އެދެވޭތީ… 4

7 Comments!

  1. Cutie girl says:
    June 30, 2024 at 10:10 am

    Mi part vx v Reethi masha allah
    Can’t wait for next part

    1. Aayaa Aayaa says:
      June 30, 2024 at 2:53 pm

      Thank you so much cutie girl, for your support!! 😊🤍

  2. Hanyn says:
    June 30, 2024 at 6:14 pm

    I like this part too ❤️
    Next part please 🥰😙

    1. Aayaa Aayaa says:
      July 1, 2024 at 4:33 am

      Thank you Hanyn! I appreciate your support! 🤍😊

  3. Someone says:
    July 2, 2024 at 11:25 am

    Lovee the stories,, btw handhaan aky shayam ge dad tha? I’m trying to guess 😭😭😂😂

    1. Aayaa Aayaa says:
      July 3, 2024 at 6:35 am

      Thank you so much Someone 😊🤍
      Shayam ge dad engeyne 2/3 episodes fahun. Inthizaaru kollavaa!
      Aayaa eba visnan next week in feshigen part thah dhigu kollan. So eha dhigu inthizareh kollan nujeheyne!😁

  4. Someone says:
    July 5, 2024 at 10:59 am

    Aslu tha, so then who is this handhaan now, varah curious vejje 😭😂. Good luck on the next parts. Btw I think I’ll upload my story next week. Just letting u know.

Comments are closed.

Next Episodeއިންސާފް (އަށްވަނަ ބައި)←


All Right Reserved!