ލޮތްބަށްޓަކައި 5
ރަނގަޅު މަގޭ މަންމައާ ލައިރާގެ ބައްޕަ އިނުމަކުން އަދި މަށެއް ލައިރާގެ ބޭބެއަކަށް ނުވާނެ. އައި އޭމް ޔުއާރ ބްރަދާރ ބި ކޯޒް ހީ އިޒް މައި ފާދާރ ޓޫ”
***
ލަހުފާން ރީމާ އާއި ކައިވެނި ކުރީ ރީމާގެ ބައްޕައަށް ލަހުފާންގެ ބައްޕައަށް ކުރި ވަޞިއްޔަށް ފުރިހަމަ ކުރުމަށެވެ. ރީމާ އާއި ލަހުފާން ކައިވެނި ކުރިއިރު ލަހުފާންގެ ހިތުގައި ރަނިކަން ކުރަމުން ދިޔައީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ލާރާއެވެ. ލާރާ އާއި ލަހުފާންއަކީ ދެމީހުން ހަނދާން ހުންނަންފެށީން ސުރެއްވެސް ދެ އެކުވެރިންނެވެ. އުމުރުން ދޮށިވަމުން ދިޔަ ވަރަކަށް ދެމީހުންގެ ގުޅުން ވަރުގަދަ ވަމުން ގޮސް ދެމީހުންގެ ހިތުގައިވެސް އެކަކު އަނެކަކަށް ލޯބި އުފެދުނެވެ. އެހެނަސް އެކުވެރިކަމަށް ބުރު އަރާފާނެތީ ދެމީހުން ކުރެ އެކަކަށް ވެސް ލޯބިވާކަން ހާމަކުރާކަން ނުކެރުނެވެ. ވަރަށް ހިތްވަރުކޮށްފައި ލަހުފާން ލޯބި ހުށަހެޅިތާ މަހެއް ނުވަނީސް ރީމާއާ ކައިވެނިކުރަން ޖެހުނެވެ.
ރީމާދެކެ ލޯބި ނުވި ކަމުގައި ވިއަސް އޭނާއާ ކައިވެނިކޮށް ފިރިއެއްގެ ހައިޞިއްޔަތުން އަދާ ކުރަން ޖެހޭ ވާޖިބުތައް ލަހުފާން އައި ބަރާބަރަށް އަދާ ކުރަމުންނެވެ. ކޮންމެސް ދުވަހަކުން ރީމާދެކެ ވެސް ލޯބިވެވޭނެ ކަމުގެ އުއްމީދުގައެވެ. އެ ދެމީހުންގެ ކައިވެންޏަށް އަލަތު ދަރިފުޅު ލިބުނު އިރުވެސް ލަހުފާން ހިތުގައި ރީމާއަށްޓަކައި ލޮތްބެއް ނުއުފެދުނެވެ. ލާރާ މަތިން ހަނދާން ނައްތާލަން ބޭނުންވިނަމަވެސް އެކަމެއް ވެސް ނުވިއެވެ. އެއާ ޚިލާފަށް ލާރާއަށްޓަކައި ހިތުގައިވި ލޯބި ފުންވަމުން ދިޔައެވެ. އެންމެ ފަހުން ދެމީހުންނަށް ވެސް ވަކިން ނޫޅެވުމާއެކު ލާރާއާ އިންނަން ބޭނުންވާ ކަން ހާމަކުރިއެވެ. ލާރާވެސް ހުރީ ކޮންމެ ގޮތަކުން ވިއަސް ލަހުފާންއާ އިންނަން ތައްޔާރަށެވެ. ލާރާއާ ކައިވެނިކުރަން އުޅޭކަން ލަހުފާން ރީމާ ގާތު ބުނުމުން ފުރަތަމަ ދެކޮޅު ހެދިއެވެ. ނަމަވެސް ލަހުފާން އޭނާ ދޫކޮށްފައި ވިއަސް ލާރާއާ އިންނާނަން ކަމަށް ބުނުމުން ދެއަންޏަބަށް އިނަސް މައްސަލައެެއް ނެތްކަމުގައި ބުންޏެވެ. އެހެނަސް އޭނާ ހިތުގެ އެންމެ އަޑިން ލާރާއަށް ނަފްރަތު ކުރިއެވެ.
ލާރާ އާއި ލަހުފާން ކައިވެނި ކުރިތާ އަހަރެއްވީ ފަހުން ލައިރާ ލިބުނެވެ. ލަހުފާން އޭނާގެ ދެ އާއިލާ ގެންގުޅުނީ ވަކިންނެވެ. އޭނާއަށް ގިނަ ވަގުތު ހޭދަކުރެވެމުން ދިޔައީ ލާރާއާއެކުއެވެ. ލައިރާއަށް އޭނާގެ ބައްޕަގެ އެހެން އާއިލާއެއް އޮންނަކަން ނޭންގުނުކަމުގައި ވިއަސް ރީމާގެ ދެކުދިންނަށް އެކުދިން ބައްޕަގެ އެހެން އާއިލާއެެއް އޮންނަކަން ރީމާ ވަނީ ކިޔާދީފައެވެ. ލައިރާ އައި ލަބާން އުފަންވެފައި ވަނީ ގާތްގާތުގައެވެ. ލަބާންއަށް މަހެއް ނުވެ އުޅެނިކޮށް ލައިރާ ލިބުނެވެ. ދެކުދިންނަށް ވެސް އެއްވަރަކަށް ވަގުތު ދެވޭތޯ ލަހުފާން މަސައްކަތް ކުރިއެވެ. ރީމާދެކެ އިޝްޤީ ލޯބި ނުވިކަމުގައި ވެސް ރީމާގެ ފަރާތުން ލިބުނު ދެކުދިންދެކެ ވެސް އިންތިހާއަށް ލަބާން ލޯބިވެއެވެ. ލައިރާ އާއި އެދެކުދިން ތަފާތެއް ނުކުރެއެވެ.
ބައްޕަގެ ދުލުން ހަޤީޤަތް އަޑު އިވުމުން ވެސް ޤަބޫލު ކުރަން ލައިރާއަށް ދަތިވިއެވެ. ދޮންމަންމަ އޭނާދެކެ އެހާ ރުޅި އަންނަ ސަބަބު އޭނާއަށް ވިސްނުނީ އަދި ކިރިޔާއެވެ. ލައިރާ ސިކުންތެއް ވެސް މަޑު ނުކޮށް އަނބުރާ ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ.
ލަހުފާން ހިތްހަމަނުޖެހިފައި ހުރެ ލަބާންއަށް ބަލާލިއެވެ. “ކޮންމެސް ދުވަހަކުން ލައިރާއަށް ހަޤީޤަތް އެނގެން ޖެހޭނެ” އެހެން ބުނުމަށްފަހު ލަބާން ވެސް ދިޔައެވެ. ފުން ނޭވައެއް ދޫކޮށްލުމަށްފަހު ލަހުފާންއަށް ބޮލުގައި އަތް އަޅާލެވުނެވެ. ލަބާން ވެސް އެބުނީ މުޅިއަކުން ދޮގު ވާހަކައެއް ނޫނެވެ. ރުމާން އައި ލަބާންއަކީ ލައިރާގެ އެއްބައްފާ ބޭބެއިން ކަން ލައިރާއަށް އެނގެން ޖެހެއެވެ. އޭނާ ނެތްދުވަހަކުން ވެސް ލައިރާ ބަލަން ތިބީ އެދެކުދިންނެވެ.
ލައިރާ ކޮޓަރީ ދެތިން ފަހަރު ޓަކި ޖެހުމަށްފަހު ލަބާން އެތެރެއަށް ވަނެވެ. އެނދުގެ ހެޑްބޯޑުގައި ލެގިގެން ދެފައި ވަަށްކޮށްގެން ލައިރާ އިނެވެ. ހުއްޓުމެއް ނެތި އޭނާގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. ލަބާން ވަނުމާއެކު އިސްޖަހާލީ ލަބާން ކުރިމަތީ ރޯން ބޭނުންނުވުމުންނެވެ. ލަބާންއަކީ އޭނާގެ އެއްބަފާ ބޭބެކަން އެނގުނު ނަމަވެސް ލަބާންއާ މެދު ލައިރާ ދެކޭ ގޮތް ބަދަލެއް ނުވެއެވެ.
ލައިރާއަށް ހޭލެވުނީ އިރުގެ އަލި ލޮލަށް އެޅުމާއެކުއެވެ. އެނދުގެ ފަޑީގައި ލެގިގެން އިނދެ ނިދުމާއެކު ކަރަށް ވަނީ ނާރެއް އަރާފައެވެ. ރުއިމުގެ ސަބަބުން ދެލޯ ވަނީ ދުޅަވެފައެވެ. މޫނު ވެސް އޮތީ އެއްކޮށް ރަތްވެފައެވެ. ފޯނު ނަގާ ގަޑި ބެލުމަށްފަހު ސްކޫލަށް ދާން ތައްޔާރުވާން ތެދުވިއެވެ.
ރީތިވެގެން ސައިބޯން ލައިރާ ބަދިގެއަށް ވަން އިރު ދެ ކޮފީ ތަށި ގިރައިގެން ލަބާން ހުއްޓެވެ. އެތަނުން އެއް ތަށި ލައިރާއަށް ލަބާން ދިއްކޮށްލިއެވެ. ބަހެއް ބުނުމެއް ނެތި ލައިރާ ކޮފީ ތަށީގައި ހިފިއެވެ. ލަބާން ވާހަކަ ދައްކަން އުޅޭހެން ހީވުމާއެކި ލައިރާ އަވަހަށް ބަދިގެއިން ނުކުތެވެ.
ލައިރާ އޭނާ ދައްކާ ވާހަކަ އަޑުނާހާނެ ކަން ޔަޤީންވުމާއެކު ލަބާންއަށް މަޖުބޫރުވީ ލައިރާގެ ރައްކާތެރިކަން ޔަޤީން ކުރުމަށްޓަކައި އެހެން މަގެއް ހޯދާށެވެ. އޭނާ ބުނެގެންނޭ ކިޔާފަ ލައިރާ ވަކި ބަލައިގެން ރަށްކާތެރިކޮށް ނޫޅޭނެއެވެ. ކައުންޓަރު މަތީ އޮތް ފޯނު ނަގާ ކޮންޓެކްޓްސް ހުޅުވާލުމަށްފަހު އޭނާ ބޭނުންވާ ނަންބަރު ހޯދާލިއެވެ. މިނެޓެއް ހާއިރު ބަލަން ހުރުމަށްފަހު އެ ނަންބަރަށް މެސެޖު ކުރިއެވެ.
ލައިރާ ފަހަތުން ލަބާން ނައުމުން ހިސާބެއްގެ ހަމަޖެހުމެއް އޭނާއަަށް ލިބުނެވެ. ލަބާން ދައްކާ ވާހަކަ އަޑު އަހަން ބޭނުންނުވާކަން ވިސްނި އޭނާ ފަހަތުން އައުމުގެ ޚިޔާލުދޫކޮށްލުމުންނެވެ.
މަގުގެ ވަކި ހިސާބަކަށް ދެވުނުފަހުން މީހަކު އޭނާއަށް ފަރާލާހެން ލައިރާއަށް ހީވިއެވެ. މުޅި މަގަށް އަވަސް ނަޒަރަކުން އޭނާ ބަލާލިއެވެ. ސްކޫލަށް ދާ ކުދިންނާއި އެކުދިންގެ ބެލެނިވެރިން
ފިޔަވާ މަގުމަތިން އިތުރަށް ފެންނަނީ މަދު މީސްކޮޅެކެވެ.
ފިހާރައެެއްގެ އަސަކަނި ދަށުގައި ގަދަ ނޫކުލައިގެ ހުޑީއެއް އަދި ޖިންސެްް ލައިގެން ހުރި ޒުވާނާ ލައިރާ ލޮލުގައި އަޅައިގަތެވެ. އޭނާ ބަލާލުމާއެކުހެން އެ ޒުވާނާ ނިކަން އަވަހަށް އަނެއް ފަރާތަށް އެނބުރިއްޖެއެވެ. އެ ނުދަންނަ ޒުވާނާގެ ހަރަކާތްތައް ހުރި ގޮތުން ލައިރާ ކުޑަކޮށް ބިރުގަންނަ ގޮތްވިއެވެ. އޭނާ ބެލީ އެ ޒުވާނާއަށް ސަމާލުކަން ނުދީ އަވަހަށް ދެވޭތޯއެވެ. އެ ޒުވާނާ އަތުގައި އަޅާފައި އިން އަތުކުރީ ގަޑިފެނުމާއެކު އަނެއްކާވެސް ފަރުވާތެރިކަމާއެކު އެ ޒުވާނާއަށް ލައިރާ ބަލާލިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.





