ތިޔަ ލޯބީގައި… 23
އައިސްފައިވި ގަދަ ރުޅިއާއެއްކޮށް އޭނައަށް ރޮވެމުންވެސް ދިޔައެވެ. ކުއްލިއަކަށް ކޮޓަރީގެ ދޮރުމަތިން ބިއްލޫރި އެއްޗެއް ވެއްޓި ތަޅައިގެންދިޔަ އަޑަށް ސިހިފައި ދެމީހުނަށް އެދިމާއަށް ބަލައިލެވުނެވެ. ދެލޯބޮޑުވެ ގަނޑު އަރައިފައި އެތަނުގައި ހުއްޓިހުރި ޝަޔަމް ފެނުމުން ދެމީހުންނަށްވެސް ހާސްކަން ވެރިވެގެންދިޔައެވެ. “ޝަޔޫ..” ކަންބޮޑުވެފައި ވައިއަޑުން ސައިނާއަށް ގޮވައިލެވުނެވެ.
ބޭރުގައި އިނދެ މާބޮޑަށް ފިނިވާން ފެށުމުން ޝަޔަމް ގެއަށްވަނީ އިތުރަށް އެބެންޗްގައި އިނުމަށް އޭނާއަށް ކެތްނުވުމުންނެވެ. ބަދިގެއަށްވަދެ އަމިއްލަ އަށް ހޮޓް ޗޮކްލެޓެއް ހަދައިގެން އޭނާގެ ކޮޓަރިއަށް ދިއުމަށް ޝަޔަމް މިސްރާބުޖެހިއެވެ. އެހެނަސް ސައިނާގެ ކޮޓަރި އާއި ހަމައަށް އައި ވަގުތު އިވެންފެށި ވާހަކަތަކުން އެތަނުގައި އޭނާގެ ދެފައި ތަތްލިކަހަލައެވެ. އިތުރަށް އެންމެ ފިޔަވަޅެއްވެސް ކުރިއަށް އެޅުމަށް އޭނާ ނުކުޅެދުނެވެ. އިވެމުންދިޔަ ވާހަކަތަކަކީ ދުވަހެއްގެ ކޮޅުންވެސް އިވިދާނެކަމަށް ޝަޔަމް ހީކުރިފަދަ ވާހަކަތަކެއްނޫނެވެ. ލިބުނު ޝޮކުގައި އަތުގައިހުރި ބިއްލޫރި ޖޯޑު އަތުން ދޫވެ ވެއްޓުނުކަމެއްވެސް ޚުދު އޭނާ ނުދެނަހުއްޓެވެ. ވަށައިގެން ހިނގަމުންދިޔަ އެއްވެސްކަމެއް ޝަޔަމްއަށް އިހުސާސުނުވާފަދައެވެ. ދެލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަ އޮހޮރެމުންދިޔަކަންވެސް އޭނާއަށް ނޭނގެއެވެ. ޖެހިއެތިގަނޑެއްހެން ހުރިއިރު ނުހައިކްގެ ހަނދާންތައް އައިސް ވަށައިގެން އޭނާ ފިއްތަމުންދިޔަ ކަހަލައެވެ. އެދަރަޖައަށް އަޒްހަރު ނުހައިކްދެކެ ނުރުހުންވެދާނެކަމަށް ޝަޔަމް ފަހަރެއްގައިވެސް ހީނުކުރެއެވެ. އެފަދަ އަނިޔާވެރި އިންސާނަކަށް އޭނާގެ ލޯބިވާ ބައްޕަ ވެދާނޭ ހިތަށްވެސް ނާރައެވެ. އެސްފިޔަ ޖަހައިލަންވެސް ހަނދާންނެތި އަޒްހަރުގެ މޫނަށް ބަލަމުންދިޔައިރު އެދުލުން ބޭރުވި ކޮންމެ ލަފުޒެއް ޝަޔަމްގެ ކަންފަތްބުޑުގައި ގުގުމަމުން ދިޔައީ އޭނާގެ ނަފުސަށްވެސް އުނދަގޫވާވަރަށެވެ.
“ބައްޕާ..” ޝަޔަމްގެ އަޑުގައިވެސްވީ ރިހުމެވެ. ހުއްޓުންއަރައިފައި އަޒްހަރުގެ މޫނަށް ބަލަންހުރެ ޝަޔަމްއަށް އޭނާއަށް ގޮވައިލެވުނީ އެވާހަކަތަކަކީ ހަގީގަތުގައިވެސް ތެދެއްތޯ އަހައިލާފަދަ ގޮތަކަށެވެ. ޝަޔަމްއަށް ބަލަހައްޓައިގެން ހުރެފައި އަޒްހަރު އެމޫނުން ނަޒަރުވަކިކޮށްލުމާއެކު އެހިތުގައި ބުރުޖަހަމުންދިޔަ އެތައްް ސުވާލެއްގެ ޖަވާބު އެއްފަހަރައި އޭނާއަށް ލިބުނުކަހަލައެވެ. އިޚްތިޔާރުން ބޭރުގައި ތެޅިފައިއޮތް ޖޯޑުގެ ބިއްލޫރިކޮޅުތަކަށްވެސް ބަލައިލުމެއްނެތި ޝަޔަމް އެތެރަށްވަނެވެ.
“ޝަޔޫ ބަލައިގެން…” ތެޅިގަނެފައި ސައިނާއަށް ބުނެލެވުނެވެ. އެހެނަސް އެއަޑުވެސް ޝަޔަމްއަށް ނީވޭފަދައެވެ. ބިއްލޫރިކޮޅަކުން ފައި ކުޑަކޮށް ޒަޚަމްވެފައިހުރިއިރު އެވޭންވެސް އޭނާއަށް އިހުސާސުނުކުރެވޭފަދައެވެ.
“ކީއްވެ؟ ކީއްވެ ބައްޕަ އެގޮތަށް ކަންތައްކުރީ؟ އެއްފަހަރުވެސް އަޅުގަނޑު ވާނެ ދެރައާއި ކުރާނެ ހިތާމަ ބައްޕަގެ މިހިތަށް އިހުސާސުނުވީތަ؟ ނޫނީ އަޅުގަނޑު ހިތާމަކުރާތީ އެކަމުން ބައްޕައަށް ޚާއްސަ އުފަލެއް ލިބެނީތަ؟ އެެވަރުގެ ބޮޑު ދެރައެއް.. ކޮންފަދަ މަޖުބޫރުކަމެއް.. ނުހައިކް..” ޝަޔަމްގެ އަޑުބެދޭގޮތްވުމުން އޭނާ ހުއްޓައިލިއެވެ. ރޮވޭވަރުން ވާހަކަދައްކަންވެސް އޭނާއަށް ދަތިވަމުންދިޔައެވެ.
“އަހަރެންމީ ކަލޭގެ ބައްޕައަަށްވާއިރު އަހަރެން ވަކި ކަލެއަށް ދެރަގޮތެއް އެދޭނެތަ؟ އަހަރެން ކަންތައްކުރީ އަހަރެންނަށް ވިސްނުނު އެންމެ ރަނގަޅު ގޮތަކަށް..” އިރުކޮޅަކު ހިމޭނުން ޝަޔަމްއަށް ބަލަން ހުރުމަށްފަހު އަޒްހަރު ބުނެލިއެވެ.
“އެވަރިހަމަތަ މީހެއްގެ ފުރާނަ ދުއްވައިލައިގެން ވިއަސް..” ޝަޔަމްގެ އަޑުގައި ކުއްލިއަކަށް ރުޅިވެރިކަން އެކުލެވިގެންދިޔައެވެ. ނިތަށް ރޫއަރައިގެންދިޔައިރު އަޒްހަރު ކަންތައްކުރިގޮތުން އޭނާއާއިމެދުގައި ޝަޔަމްގެ ހިތުގައި ފޫހިކަން އުފެދުނެވެ.
“އާން.. ވަރިހަމަ.. ކޮންމެ ގޮތެއް ހަދައިގެންވިއަސް އަހަރެންގެ ބޭނުން ފުދޭނަމަ އެކަމެއް ކުރާކަށް އަހަރެން ފަހެއް ނުޖެހޭނަން..” ޝަޔަމްއާއި ދިމާއަށް ފިޔަވަޅެއް އަޅައިލަމުން އަޒްހަރު އަޑުހަރުކޮށް ބުނެލިއެވެ. އެހެނަސް ދެވަނަ ސިކުންތުގައި އޭނާ ހުއްޓުންއެރީ އެދެމެދަށް ވަންނަމުން ސައިނާ އަނެއްކާވެސް އަޒްހަރުގެ މޫނުމަތީގައި ޖެހުމުންނެވެ. “ސައިނާ.” އަޑުގެ ނެތްތަނަށް އަޒްހަރު ހަޅޭއްލަވައިގަތެވެ. ސައިނާގެ އަމަލުތައް ހުރިގޮތުން އަޒްހަރުގެ ރުޅިގަނޑު ކެކި އަރައިގަތެވެ.
“ޚަބަރުދާރު.. ތީކީ އަހަރެން ލޯބިވެގެން ކައިވެނިކުރި އަޒްހަރެއް ނޫން.. އޭނާ އެހައި ހިތްނުބައެއްނުވާނެ.. އަނިޔާވެރިއެއްނުވާނެ.. ތިހާ އަމިއްލަ އެދުން ބޮޑެއްނުވާނެ.. ކަލޭ ތިހުރީ ތަންދޮރުވަކިނުވާވަރަށް މޮޔަވެފަ.. ތިއަކަށް ލޯތްބެއް ނުކިޔާނެ.. އަމިއްލަ ދަރިފުޅުގެ އުފަލާމެދު ނުވިސްނި މީހަކު އެހެންމީހަކާއި މެދުގައިވެސް ނުވިސްނާނެ..” ހުއްޓުމެއްނެތި ސައިނާގެ ދެލޮލުންވެސް ކަރުނަ ފައިބަމުން ދިޔައެވެ. އަޒްހަރުގެ ރުޅިވެރި ނަޒަރުން އެހިތަށް ތަދުވިނަމަވެސް އެއަށްވުރެ ފުން އަސަރެއް އަޒްހަރު ކަންތައްކުރިގޮތުން އެހިތަށް ކޮށްފައިވެއެވެ.
“ކަލޭ ހުރޭ އަނގަމަޑުން ލައިގެން. މީހުސް ކަލޭގެ ކަންތައް.. ކަލޭ އޭނަށް ހިތްވަރުދެނީކަން މިހާރު އަހަރެންނަށް ޔަގީން.. ދުވަހަކުވެސް އެގުޅުމަށް އަހަރެން ނުރުހޭނަން.. ޝަޔަމް ޖެހޭނީ އަހަރެންނާ އެފިރިހެނާއާއި ތެރެއިން ކޮންމެސް އެކަކު ޚިޔާރުކުރަން..” ސައިނާގެ އޭނާ އާއި ދުރަށް ޖައްސައިލަމުން ޝަޔަމްގެ މޫނަށް އަޒްހަރު ބަލައިލިއެވެ. މުޅިކޮޓަރި ތެރެއަށް ވެރިވެގެންދިޔަ ހަމަހިމޭންކަމާއެކު ވަގުތު މަޑުޖެހިގެންދިޔަފަދަ އިހުސާސެއް ސައިނާއަށް ކުރެވުނެވެ. އެކަކު އަނެކެއްގެ މޫނަށް ބަލަހައްޓައިގެންތިބި ޝަޔަމްއާއި އަޒްހަރާއި ދިމާއަށް ބަލަން ސައިނާއަށް ހުރެވުނީ ނޭވާހިފަހައްޓަައިލައިގެންނެވެ. ޝަޔަމްގެ ނިންމުން އަންނާނެ ގޮތެއް ނުވިސްނޭތީ ބުނާނެ ބަހެއްވެސް ސައިނާގެ ސިކުނޑިއަކަށް ނުވިސްނުނެވެ. ދެމީހުނަށް ނަޒަރު ހިންގަމުންދިޔައިރު ނޭވާލުމަށް ދަތިވަމުންދާހެންވެސް އޭނާއަށް ހީވަމުންދިޔައެވެ.
“އަދިވެސް ބައްޕަ ގޮތް ދޫކުރާކަށް ނުވޭތަ؟ އަޅުގަނޑު ކުރީ ކުށެއްކަމަކަަށް ގަބޫލެއް ނުކުރަން.. ލޯބި ވުމަކީ ކުށެއްނޫނޭ ބައްޕާ.. ލޯތްބަކީ ވަކި ފަންތިއެއްގެ ވަކި ބަޔަކަށް އޮތް އެއްޗެއް ނޫނޭ ބައްޕާ.. ބައްޕަ އެއްފަހަރުވެސް ވިސްނާލަބަލަ..” ފުންނޭވާއެއް ދޫކޮށްލަމުން އާދޭހާއިއެކު ޝަޔަމް ބުނެލީ އަޒްހަރަށް ވިސްނައިދިނުމުގެ ގޮތުންނެވެ. އެހެނަސް ހިތްހަމަނުޖެހިފައި އަޒްހަރު މޫނު އަނބުރައިލިގޮތުން ޝަޔަމް ދައްކާ އެއްވެސް ވާހަކައެއް އަޑުއެހުމުގެ އެއްވެސް ޝައުގެއް އަޒްހަރުގެ ނެތްކަން ވިސްނި އޭނާ އިސްޖަހައިލިއެވެ.
“އެންމެ ރަނގަޅު.. ދުވަހަކުވެސް ބައްޕަ ތިފަދަ ގޮތަކަށް މީހަކަށް އަނިވެރިވެދާނެކަމަށް އަަޅުގަނޑު ހިއެއްނުކުރަން.. އެހެންވިއަސް.. މިއަދު.. ބައްޕަ އެފަދަ ނުބައި އަމަލެއް ކުރާކަށްވެސް ފަސްނުޖެހޭނެކަން އަންގައިދީފި.. އަޅުގަނޑު ނުހައިކްދެކެ ވަނީ ތެދުވެރި ލޯތްބެއް.. ބައްޕަ ބުނީ ރަނގަޅަށް.. ދުވަހަކުވެސް އަމިއްލަ އިޚްތިޔާރުގަ ނުހައިކް އަަޅުގަނޑުދުލެއް ނުކުރާނެ.. އަޅުގަނޑުވެސް.. ދުވަހަކުވެސް.. ނުހައިކް ދޫކޮށްލާކަށް ބޭނުމެއްނޫން.. އަނދިރިވެފައިވި އަޅުގަނޑުގެ ހަޔާތް އަލިކޮށްދިން ފަރާތަކީ އެއީ.. އެއަތުން ދޫކޮށްލާކަށް ނެތިން.. ހަޔާތުގެ ބައިވެރިއަކަށް އަޅުގަނޑު ޚިޔާރުކުރީ ހަމަ އެންމެ ރަނގަޅު ފަރާތް.. ބައްޕަ އެކަން ގަބޫލުނުކުރާނަމަ އެކަމުގަ އަޅުގަނޑަށް ކުރެވޭނެ އެއްވެސްކަމެއްނެތް.. އަޅުގަނޑުދެން މިގޭގަ އެންމެ ހިނދުކޮޅަކުވެސް ހުންނާކަށް ބޭނުމެއްނޫން..” ބުނަން ބޭނުންވި ހުރިހައި އެއްޗެއް ބުނެލުމަށްފަހު އެތަނުން ދިއުމަށް ޝަޔަމް ހިނގައިގަތެވެ. ދެލޯބޮޑުވެ އެދިމާބަލަން ހުރި އަޒްހަރު އެކޮޓަރިން ޝަޔަމް ނުކުތުމާއެކު އޭނާގެ ފަހަތުން ދިއުމަށް އުޅެގަތެވެ. ފަހަރެއްގައިވެސް އޭނާ ދޫކޮށް ޝަޔަމް ނުހައިކް ޚިޔާރުކޮށްފާނެކަމަށް އަޒްހަރު ގަބޫލެއް ނުކުރެއެވެ. ރުޅިއައިސްގެންގޮސް މީހާ ފަޅައިގެންދާންވަރު ވެފައި ހުއްޓައި އޭނާގެ މަގަށް ހުރަސްއެޅީ ސައިނާއެވެ. ޮކޮޓަރީގެ ދޮރާއި އަޒްހަރާއި ދެމެދަށް ހަލުވިކޮށް އައިސް ސައިނާ ވަނެވެ.
“ނޫން އަޒްހަރު.. މިއަދު ޝަޔަމް ހުއްޓުވުމުގެ އެއްވެސް ބާރެއް އަޒްހަރަށް ލިބިގެނެއްނުވޭ.. އެހެންވީމަ އޭނާ ފަހަތުން ދިއުން ހުއްޓާލާ.. ޔޫ ހެވް ކްރޮސްޑް ޔުއަރ ލިމިޓްސް..” އަޒްހަރުގެ މޭގައި ދެއަތްވިއްދައި ދުރަށް ކޮށްޕައިލަމުން ސައިނާ ބާރަށް ބުނެލިއެވެ.
“ސައިނާ މޮޔަވީތަ.. ދުރުގައި މައިތިރިވެގެން ހުރޭ.. އެހެންނޫނީ..” ދަތްކުނޑިވިކައިލަމުން އަޒްހަރު ހަޅޭއްލަވައިގަތެވެ.
“އެހެންނޫނީ… ކީއްވެ ތިހުއްޓާލީ.. އެޖުމުލަ ފުރިހަމަކޮށްބަލަ.. އެހެންނޫނީ އަހަރެން މަރައިލާނީތަ؟ އެގޮތްވެސް މާހިތަށް ފަސޭހަ.. އަހަރެންގެ ދަރިފުޅުގެ ހައްގުގަ ގުރުބާންވާންވެސް ތައްޔާރު.. ޝަޔަމްގެ މަންމައަށް ވުމަކުން އަހަރެން އެދަރިދެކެވަނީ އަމިއްލަ އެދުމުން ފޯވެފައިވި ލޯތްބެއްނޫނޭ..” އަޒްހަރަށް އެންމެ ތަންފުކެއްވެސް ދޫކުރާކަށް ސައިނާ ބޭނުމެއްނުވެއެވެ. ޝަޔަމްގެ އުފަލަށްޓަކައި ކޮންމެފަދަ ހަނގުރާމައެއް ކުރަންވެސް އޭނާ ތައްޔާރަށް ހުރިފަދައެވެ.
“ކަލޭ ތިއުޅެނީ އަހަރެންގެ އަތުން ބޮނޑިއެއް ބޯހިތުންތަ؟” އަތްމުށްކަވައިލަމުން އަޒްހަރު ލޯހިމަކޮށްލިއެވެ.
“އަހަރެންގެ ދަރިފުޅު ދެން އިރާދަކުރެއްވިއްޔާ އެއްވެސްކަމަކާއި އެކަނި ކުރިމަތިލާކަށް ނުޖެހޭނެ.. އެދަރިފުޅުގެ ގާތުގަ އަހަރެން އަބަދުވެސް ހުންނާނަން.. އަޒްހަރަށް އަހަރެންގެ ސަބަބުން ތިހައި އުނދަގޫވަނަ ޝަޔަމްއާ އެއްކޮށް އަހަރެންވެސް މިގެދޫކޮށް ހިނގައިދާނަން..” ސައިނާގެ އަރުތެރެ ބެނދިގެންދިއުމާއެކު ގިސްގެ މަޑު އާހެއް ބޭރުވެގެން ދިޔައެވެ. ފަޅިސުކުންތެއްވެސް އެތަނުގައި ހުންނާކަށް ސައިނާ ބޭނުމެއްނުވިއެވެ.
“އާން ދާންއުޅޭ.. އަހަރެންނަށް ޖެހިފައިއޮތް ބޮޑު ބަލާވެރިކަމެއް.. މިހާރު ހަމަޖެހިލައިގެން އަހަރެންނަށް ކަމެއް ކުރެވެނީކީވެސް ނޫނޭ ކަލޭގެ އެދަރިޔާހެދި.. ބޮޑު އުނދަގުލެއް.. މިގެ ފަސާދަނުކޮށް ދަންޏާމުންދޭ..” ގޮތްދޫކޮށް ބަލިގަބޫލުކުރާކަށް އަޒްހަރު ބޭނުމެއް ނުވިއެވެ. އެބަސްތަކުން ހިތަށް ތަދުވިއެއްކަމަކު އެކަން ގަބޫލުކޮށް ދެރަވާކަށް އޭނާގެ ނަފުސުގެ ފަޚުރުތަނެއް ނުދިނެވެ. ދެބުމަގޮށްޖަހައިލަމުން އަލަމާރީގެ ބިއްދޮށުގައިހުރި ކުޑަ ފޮށްޓަށް ސައިނާ ހެދުންތައް އަޅަމުންދިޔަ މަންޒަރުބަލަން އަޒްހަރު ހުއްޓެވެ. އިރުއިރުކޮޅާ ދަތްކުނޑި ވިކައިލަމުން ދެއަތް މުށްކަވައިލައެވެ. ކަންތައްތައްވަމުން މިދަނީ އޭނާ ހީކުރިގޮތަކަށް ނޫނެވެ. ސައިނާ އެފަދައިން އޭނާއާއި ދެކޮޅަށް ތެދުވެދާނެކަމަށް އަޒްހަރު ހިއެއްނުކުރެއެވެ.
ބޭނުންވާ ސާމާނުތައް ފޮށްޓަށް އަޅައި ނިމުމާއެކު ފޮށިލައްޕައިލަމުން އަޒްހަރަށް ބަލައިލުމެެއްވެސްނެތި އެކޮޓަރިން ނުކުންނަން ސައިނާ ހިނގައިގަތެވެ. އަޒްހަރުގެ ވިހަގަދަ ބަސްތައް އޭނާގެ ހިތަށް ހެރުނީ ތޫނު ޚަންޖަރެއްފަދައިންނެވެ. އެންމެ ފަހަރަކުވެސް އަޒްހަރު ގޮތްދޫކުރާނެ ނަމައޭ ސައިނާގެ ހިތަަށްއެރީ ކިތަށްފަހަރު ކަމެއްވެސް ނޭނގެއެވެ. ލޯބިވާ ފިރިމީހާއާއި އެފަދައިން ވަކިވެގެން ދިއުމަކީ ޚުދު އޭނާވެސް ބޭނުންވާގޮތެއް ނޫނެވެ. އެހެނަސް އަޒްހަރުގެ އަމަލުތަކާއި ބަސްތައް އެގޮތަށް އަމަލުކުރުމަށް އޭނާއަށް މަޖުބޫރުކޮށްފިއެވެ. ނޯށްދަމައިލަމުން ކޮޓަރިން ސައިނާއަށް ނުކުމެވުނީ ފޮށިދަމަމުން އައި ޝަަޔަމްގެ ކުރިމައްޗަަށެވެ. ސައިނާ ހިފައިގެންހުރި ފޮށްޓަށް ޝަޔަމްއަށް ބަލައިލެވުނީ ހައިރާންކަމާއެކުއެވެ. އެއާއެކު ކޮޓަރީގެ މެދެއްހައި ހިސާބުގައި ހުއްޓިހުރި އަޒްހަރާއި ދިމާއަށް ޝަޔަމްއަށް ބަލައިލެވުނެވެ.
“މަންމާ..” ގަބޫލުނުކުރެވިފައި ވައިއަޑުން ޝަޔަމްއަށް ގޮވައިލެވުނެވެ. “ހިނގާދާން.. މަންމަވެސް ޝަޔޫއާ އެއްކޮށްދާނަން..” ޝަޔަމްގެ އަތުގައި ހިފައިލަމުން ސައިނާ މަޑުމަޑުން ބުނެލިއެވެ. އެއަޑުގައިވި ހިތްދަތިކަން ޝަޔަމްއަށް ފާހަގަނުވެއެއްނުދިޔައެވެ.
“ބައްޕާ.. މަންމަ..” އަޒްހަރަަށް ބަލައިލަމުން އެއްޗެއް ބުނުމަށް ޝަޔަމް މަސައްކަތްކުރިއެވެ.
“ކޮންމެހެން އަހަރެންނަށް ބައްޕަ ކިޔާނެކަމެެއްނެތް.. ކަލޭ ބޭނުންވި ކަންތައް ތިވީނު.. ކަލެއާ އެއްކޮށް އެއްބާރުލުންދޭނެ އިތުރު މީހެއްވެސް ތިއޮތީ ވެފައެއްނު.. މިހާރު ހުންނާނީ ނިކަން އުފާވެފަ.. ކޮންމެހެން ދެރަވާކަމަށްހެދި ލޮލުން ބޭކާރު ކަރުނަތަކެެއް ބާލާނެކަމެއްނެތް.. މިތަނުން ދާންއުޅޭ..” ޝަޔަމްގެ ޖުމުލަ ފުރިހަމަ ނުވަނީސް އަޒްހަރުގެ ބާރު އަޑު މުޅި އެހިސާބުގައި ގުގުމައިގެން ދިޔައެވެ. ގަނޑުވެފައި އަޒްހަރަށް ދެލޯބޮޑުކޮށްލަމުން ބަލަންހުރި ޝަޔަމްގެ އަތުގައި ހިފައިލަމުން ބާރުބާރަށް ސައިނާ ހިނގައިގަތެވެ. އޭރުވެސް އިވުނު ވާހަކަތަކުން ގަބުވެފައި ޝަޔަމް ހުއްޓެވެ. އޭނާ ހިނގަމުންވެސް ދިޔައީ ސައިނާގެ ބާރުންކަހަލައެވެ. ދެލޮލުން ހޯސްލައިފައި ކަރުނައިގެ ކޯރެއް ފައިބަމުންދިޔައިރު އަޒްހަރުގެ ވިހަގަދަ ޖުމުލަތައް އޭނާގެ ކަންފަތްބުޑުގައި ގުގުމަމުން ދިޔައެވެ.
“ސައިނާ..” ގޭގެ މައިދޮރާއި ހަމައަށް އާދެވުނު ވަގުތު ފަހަތުން އަޒްހަރު ގޮވައިލިއަޑަށް ހުއްޓެމުން ސައިނާ ބަލައިލިއެވެ. އަޒްހަރުގެ އަޑުގައިވި މަޑުމައިތިރިކަމަކުން ހިތަށް ކުޑަކުޑަ އުއްމީދެއް ލިބިގެންދިޔައެވެ. އެފަދަ ގޮތަކަށް އޭނާ އާއި ޝަޔަމް ދިޔަނުދޭނެކަން ސައިނާއަށް އޭރުވެސް އެނގެއެވެ.
ސައިނާގެ ދެލޮލުން ފައުޅުވަމުންދިޔަ އުއްމީދުގެ ކުލަވަރުފެނި އަޒްހަރު މޫނަށް ވައްތަރެއް ޖައްސައިލިއެވެ. “ހީނުކުރާތި އަހަރެން ކަލޭ މިހުއްޓުވީ ނުދާށޭ ބުނެ އާދޭސްކުރަންކަމަށް.. އަހަރެން ބޭނުންވަނީ ހަމަ އެންމެ ވާހަކައެއް ބުނެލަން.. މިގޭގެ ދޮރުން ސައިނާ ބޭރުވުމަށްފަހު ތީ އަހަރެންގެ އަންބެތް ގޮތަކަށް އަހަރެން ނުދެކޭނަން.. އަހަރެންދެކެ އެހައި ލޯބިވާ މީހެއްނަމަ އަހަރެންގެ ކޮންމެ ކަމެއްގައި އެއްބާރުލުން ދިނީސް.. އަހަރެން ދޫކޮށްފަ ދިއުމުގެ އެއްވެސް ހިތްވަރެއް ނެތީސް.. އެހެންވީމަ އަހަރެން ގަބޫލެއް ނުކުރަން މިހުރިހައި ދުވަހު ސައިނާ އަހަރެންދެކެވީ ހަގީގީ ލޯބިކަމަކަށް.. ތިދޮރުން ބޭރުވުމަށްފަހު ސައިނާ ވަރިކުރުމުގެ ހުރިހައިކަމެއް އަހަރެން ހަމަޖައްސާނަން.. ފޯމުގަ ސޮއިކުރަން ތައްޔާރުވެގެން ހުންނާތި..” ލައިގެންހުރި ފަޓުލޫނުގެ ދެޖީބަށް އަތްޖަހައިލަމުން ބޮޑާގޮތަކަށް އަޒްހަރު ބުނެލީ ހިތުން އެފަދައިން ކަންތަށް ކުރުމަށް ސައިނާއަށް ނުކެރޭނޭ ހީކޮށެވެ.
އަޒްހަރުގެ ވާހަކަތަކުން ހިނދުކޮޅަކަށް ހުއްޓުންއެރިނަމަވެސް ފުންނޭވައެއް ދޫކޮށްލަމުން ސައިނާ މަޑުމަޑުން ބޯޖަހައިލިއެވެ. ހިތަށް އިހުސާސުކުރެވެމުންދިޔަ ވޭން މޫނުމަތިން ފައުޅުނުކޮށްވޭތޯ އޭނާ ހިތްވަރުކުރަމުން ދިޔައީ ގާތުގައިހުރި ލޯބިވާ ދަރިފުޅަށްޓަކައެވެ. އަދު އެންމެ ފިޔަވަޅެއްވެސް ފަހަތަށް ޖެހޭކަށް ސައިނާ ބޭނުމެއްނުވެއެވެ. ކޮންމެފަދަ ގުރުބާނީއެއް ވެގެންވިއަސް އޭނާގެ ލޯބިވާ ދަރިފުޅުގެ ލޯބި އެދަރިފުޅަަށް އޭނާ ހޯދައިދޭނެއެވެ.
ސައިނާގެ އެކުޑަކުޑަ ހަރަކާތުން އަޒްހަރުގެ މޫނުމަތީގައިވި ހިނިތުން ފިލައިގެންދިޔައެވެ. ސައިނާ އެއްބަސްވެދާނެކަމަށް އަޒްހަރަށް ހީވެފައި ނެތީއެވެ. އަނެއްކާވެސް ބަލިވީ އޭނާގެ ކޮޅުކަން ވިސްނި އަޒްހަރު ދަތްކުނޑި ވިކައިލަމުން ޝަޔަމްއަށް ބަލައިލިއެވެ.
“ކަލޭވެސް ހަނދާންކުރާތި.. މިގެއިން ނުކުތުމަށްފަހު އެނބުރިއައިސްގެން ނުވާނެ.. ކަލޭގެ ބައްޕަ ކަލެއަށް މަރުވެފައިވީކަމަށް ބަލައި ތިދާމީހެއްގެގާތަށް ދޭ.. އަހަރެންވެސް ގަބޫލުކުރާނީ އެގޮތަށް.. އަހަރެންގެ އަންބަކުވެސް އަދި ދަރިއަކުވެސް ނުހުންނާނެ..” ޝަޔަމްއާއި ދިމާއަށް ޝަހާދަތްއިނގިލި ދިއްކޮށްލަމުން އަޒްހަރު ހަޅޭއްލަވައިގަތެވެ. އެމަންޒަރުބަލަން ބަދިގޭގައިތިބި ނޯކަރުން ކަންބޮޑުވެފައި އެކަކު އަނެކަކަށް ބަލައިލިއެވެ.
އަޒްހަރުގެ ބަސްތަކުން ޝަޔަމްގެ ހިތްވަރު އެލޭގޮތްވިއެވެ. ހިތަށް ތަދުވިއަސް ލޯބިވާ ބައްޕަ އެއީ ނެތްމީހެއްކަމުގައި ދެކި އެތަނުން ދިއުމަށް ޖެހިލުންވިއެވެ. ސައިނާގެ އަތުތެރޭގައިވި ޝަޔަމްގެ އަތް ދޫޖެހިލިވަގުތު އެއަތުގައިހިފައި ސައިނާ ބާރުކޮށްލިއެވެ. އަދި މަޑުމަޑުން ޝަޔަމްގެ އަތްތިލައަށް ފިތައިލިއެވެ.
“ލޯތްބަަށްޓަކައި ކުރަމުންތިދާ ހަނގުރާމައިގަ މިހިސާބަށް އައިސް ފަސްނުޖެހޭ.. ހިތްވަރުއެލުވާނުލާ.. އެކަކުނެތަސް މަންމަ އަބަދުވެސް ހުންނާނީ ޝަޔޫއާ އެކު..” ލޯބިން ޝަޔަމްގެ މޫނަށް ބަލައިލަމުން އެއަތަށް ސައިނާ އަނެއްކާވެސް ފިތައިލީ ހިތްވަރުދިނުމުގެ ގޮތުންނެވެ. އަދި ފަހުފަހަރަށް އަޒްހަރަށް ބަލަައިލަމުން ޝަޔަމްގެ އަަތަށް ދަމައިލުމަށްފަހު ގެއިން ނުކުންނަން ހިނގައިގަތެވެ. ގޭގެ ދޮރުން ބޭރުވުމާއެކު ކަރުނަވީ ދެލޮލުން ފަސްއެނބުރި ޝަޔަމް އަޒްހަރަށް ބަލައިލީ އެންމެ ފަހުފަހަރު ބަލައިލާފަދަ ގޮތަކަށެވެ. އެބެލުމުގައިވީ ވޭނާއި ކެކުޅުމާއި އާދޭހާއި ޝަކުވާއެވެ.
ދޮރުމަތީގައި އެދެމީހުނަށް ބަލަހައްޓައިގެންހުރި އަޒްހަރު ޝަޔަމް ބަލައިލުމާއެކު ރުޅިއައިސްފައި އަތުގެކޮޅަށް ދޮރުޖެހިއެވެ. ވިސްނައިގެންހުއްޓެއްކަމަކު އެއަޑުން ޝަޔަމްއަށްވެސް ސިހުން ގެނުވިއެވެ. ގާތުގައިހުރި ސައިނާ އެންމެ ފަހަރަކުވެސް ފަސްއެނބުރި ބަލައެއްނުލިއެވެ. ކަށީގައިނެތް ހިތްވަރު ލޯބިވާ ދަރިފުޅަށްޓަކައި ކުރަމުންދިޔައިރު އެނބުރި ފަހަތަށް ބަލަންވެއްޖެނަމަ އެހިތްވަރު އެލިދާނެތީ ސައިނާ ހާސްވެފައިހުރި ކަހަލައެވެ.
ޝަޔަމްގެ އަތުގައި ހިފައިގެން ބާރަށް ހިނގަމުންދިޔަ ސައިނާއަށް އޭނާއަށް ބަލައިލެވުނެވެ. ނުބުންޏަސް މިވަގުތު އެމަންމަގެ ހިތަށް ކުރާނެ އަސަރު ޝަޔަމްއަށް ވިސްނެއެވެ. އޭނާއަށްޓަކައި އެމަންމަ ވަމުންއެދަނީ ކޮންފަދަ ބޮޑު ގުރުބާނީއެއްހެއްޔެވެ؟ މިއީ ފަހަރެއްގައިވެސް ޝަޔަމް ބޭނުންވިގޮތެއް ނޫނެވެ. އެހެނަސް ހާލަތު އެފަދައިން ނިޔާކުރުމުން ކަންތައްކުރާނެގޮތެއް ޚުދު އޭނާއަށްވެސް ނޭނގެއެވެ. އަޒްހަރު ކަންތައްކުރިގޮތުން އޭނާގެ ހިތުގައިވަނީ ވަރަށް ބޮޑަށް ޖެހިފައެވެ. ނުހައިކް އުޅުނު ހާލު ހިތަށް އެރިއަސް ޝަޔަމްގެ ހިތުގައި ރިއްސައިގަނެއެވެ. އެނބުރި ނުހައިކް ގާތަށް ދާންބޭނުންވީ އެކަންޏެވެ. އަޒްހަރު ކުރި ކުށެއްގެ ސަބަބުން އިތުރަށް އެދެހިތަށް އަނިޔާލިބެން އޭނާ ބޭނުންނުވީއެވެ. ނަމަވެސް އޭނާގެ އެނިންމުމުގައި ސައިނާ ބައިވެރިވެ އެއްބާރުލުންދޭނެ ކަމަކަށް ޝަޔަމް ހިއެއްނުކުރެއެވެ. އަދި އެފަދަގޮތަކަށް އޭނާގެ ލޯބިވާ މައިންބަފައިންގެ ކައިވެންޏަށް ނިމުން އަތުވެދާނޭ ހިތަށްވެސް ނާރައެވެ. ސިކުނޑިއަށް ބަރުވަމުންދިއުމާއެކު ޝަޔަމްއަށް ފުންނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލެވުނެވެ.
އޭނާގެ އަމިއްލަ ކާރާއި ހިސާބަށް އާދެވުމާއެކު ޝަޔަމް ސައިނާއަށް ބަލައިލިއެވެ. ޝަޔަމްއަށް އެއްވެސް ބެލުމެއްނެތި ސައިނާ ކާރުގެ ޑިކީ ހުޅުވައިލަމުން އޭނާގެ ކުޑަ ފޮށްޓާއި ޝަޔަމް ގެނައި ފޮށި އަރުވަން އުޅެގަތެވެ. އެތަންބަލަން ނުހުރެ ސައިނާއަށް އެހީވުމަށް ޝަޔަމް އަވަސްވެގަތެވެ. ކާރުގެ ޑިކީ ލައްޕައިލަމުން ޝަޔަމް ސައިނާގެ އަތުގައި ހިފައި އެހުރިތަނުގައި ހުއްޓުވިއެވެ.
“މަންމާ.. އަދިވެސް ވަގުތު އެބައޮތް.. މަންމަ ބޭނުންނަމަ ބައްޕަ ގާތަށް ދިއުމަކުން އަޅުގަނޑުގެ އެއްވެސް މައްސަލައެއްނެތް.. އަޅުގަނޑުގެ ސަބަބުން މަންމަގެ އުފާވެރި ކައިވެނި ރޫޅޭކަށް ނޭދެން..” ސައިނާގެ އަަތަށް ބާރުކޮށްލަމުން އިސްޖެހިފައިއިން ޝަޔަމް މަޑުމަޑުން ބުނެލިއެވެ. އެއާއެކު ސައިނާގެ ނަޒަރު ޝަޔަމްގެ މޫނަށް ހުއްޓުނެވެ.
“މަންމަ މިއައީ ހިތުން ރުހުމުން.. އެނބުރި ދާކަށްނެތިން.. އަޒްހަރެއްކަމަކު އެކުރީ ވަރަށް ބޮޑު ކުށެއް.. އެކަމަކު އަޒްހަރު އެކަން ގަބޫލުކުރާކަށް ބޭނުމެއްނުވޭ.. ގޮތް ދޫކުރާކަށް ބޭނުމެއްނުވޭ.. އަހަރުމެންގެ ވަކިވެދިއުމަކީ ފަހަރެއްގަ.. އަޒްހަރަށް ރަނގަޅަށް ކަންކަމާއިމެދު ވިސްނައިލަންލިބޭ ފުރުސަތަކަށްވެސް ވެދާނެ..” އަނެއްއަތް ޝަޔަމްގެ އަތްމަތީގައި ބާވައިލަމުން ސައިނާ ހިނިތުންވެލަން މަސައްކަތްކުރިއެވެ. އެކަން ކާމިޔާބުނުވުމުން އެހެން ދިމާއަކަށް ނަޒަރު ބަދަލުކޮށްލިއެވެ. އިތުރަށް ސައިނާގެ ވާހަކަތަކާ ވިއްދައި އެއްޗެއް ބުނަން ޝަޔަމް ބޭނުންނުވުމުން އޭނާ ގާތުގައި ކާރަށް އެރުމަށް ބުނަމުން ޝަޔަމްވެސް ހިނގައިގަތެވެ.
މަޑުމަޑުން ވެހެމުންދިޔަ ސްނޯގެ ތެރޭގައި މަޑު ދުވެއްޔެއްގައި ޝަޔަމް ކާރު ދުއްވަމުންދިޔައީ އެގެއާއި މާދުރުނޫން ހިސާބެއްގައިހުރި ހޮޓަލަކާއި ދިމާއަށެވެ. ކާރުގައި ތިބިއިރު ދެމީހުންގެ ނަޒަރުވެސް އަމާޒުވެފައިވީ މަދުމަދުން މީހުން ހަރަކާތްތެރިވަމުންދިޔަ މަގުމައްޗަށެވެ. ހަމަހިމޭންކަމުގައިތިބެ ދެމީހުންވެސް ވިސްނަމުންދިޔައީ ދާދި ދެންމެއަކު ހިނގައިދިޔަ ހާދިސާތަކާއިމެދުއެވެ. ދޭތެރަކުން ސައިނާއަށް ޝަޔަމް ބަލައިލިއަސް އެއްވެސް އެއްޗެއް ނުބުނެއެވެ.
ހޮޓެލްގެ ކުރިމަތީގައި ކާރު މަޑުކޮށްލަމުން ދެމީހުން އޭގެއިން ފައިބައި ފޮށިތައް ޑިކީއިން ނަގަމުން ހޮޓެލަށް ވަންނަން މިސްރާބުޖެހިއެވެ. ސައިނާ ބޭނުންވުމުން ދެމީހުނަށްވެސް ޝަޔަމް ހިފީ އެއްކޮޓަރިއެވެ. ހޮޓެލްގެ ސްޓާފަކު އެމީހުންގެ ފޮށިތައް ކޮޓަރިއަށްލަމުން ކޮޓަރީގެ ކީކާޑު ޝަޔަމްއާ ހަވާލުކޮށްލުމަށްފަހު އެތަނުން ދިޔައެވެ.
“އޮފީހުގެ ކަންކަން ހަމަޖައްސާލާފަ ދެދުވަސްފަހުން ފުރޭނީ..” ކިންގް ސައިޒްގެ ބޮޑު އެނދުގެ އެއްފަރާތުގައި އިނށީދެއިން ސައިނާއަށް ބަލައިލަމުން ޝަަޔަމް ބުނެލިއެވެ. ސައިނާ ލަސްލަހުން ބޯޖަހައިލީ އެކަމަށް އެއްބަސްވުމުގެ ގޮތުންނެވެ. ތުންފަތުގައި ދަތްއަޅައިލަމުން ކޮޓަރިން ބޭރަށް ނުކުމެވޭގޮތަށް ހަދައިފައިހުރި ބެލްކަންޏަށް ޝަޔަމް ނުކުތެވެ. ވަށައިގެންވި ހުދުކަމަށް ނަޒަރުހިންގައިލެވުމާއެކު ފުންޚިޔާލަކަށް ޝަޔަމް ގެނބުނެވެ.
*****
އާދައިގެމަތިން އޮފީހުގެ މަސައްކަތްތައް ނިންމައިލުމަަށްފަހު ޒާއިން އައީ ހޮސްޕިޓަލަށެވެ. ކޮންމެ ދުވަހަކުވެސް ގެއަށްދިއުމުގެ ކުރިން ނަޒީމްގެ ގާތުގައި ވަގުތުކޮޅެއް ހޭދަކޮށްލުމަކީ ޒާއިން ގަވައިދުންކުރާ ކަމެކެވެ. ނަޒީމްގެ ހާލަތަށް އެއްވެސްކަހަލަ ބަދަލެއް ނާންނާތީ އެކަމާއި ޒާއިންއަށް ފިކުރުހިންގޭވަރު ގިނައެވެ. އެހެނަސް އެފަދަ ހާލަތްތަކަކީ ކެތްތެރިކަން ޚިޔާރުކުރަންޖެހޭ ވަގުތެއްކަން އޭނާއަށް ވިސްނެއެވެ.
ނަޒީމްގެ އެނދު ކައިރީގައިހުރި ގޮނޑީގައި އިނށީދެލަމުން އެނދުގައި ލޯމެރިފައިއޮތް ނަޒީމްގެ ހަށިގަނޑަށް ޒާއިން ނަޒަރު ހިންގައިލިއެވެ. ފާއިތުވެގޮސްފައިވާ ދުވަސްތަކާއެކު އެހަށިގަނޑުވަނީ ކޮންމެވެސް ވަރަކަށް އަނަރޫފަވެފައެވެ. ހިންދިރުވައިލަމުން ޒާއިން މަސައްކަތްކުރީ ލޮލަށް ބޮނޑިވެގަތް ކަރުނަތަައްވެސް ދިރުވައިލުމަށެވެ.
ނަޒީމްގެ އަތުގައި ހިފައިލަމުން އޭނާގެ ދެއަތްތެރެއަށްލައި ނަޒީމްގެ އަތްތިލަ ފިއްތައިލިއެވެ. އަދި މަޑުމަޑުންގެނެސް އޭނާގެ ނިތުގައި އެއަތްތިލަ ޖައްސައިލިއެވެ. ހިތަަށްވެރިވެގަތް ގަދަފަދަ އިހުސާސުތަކަކުން ކެތްނުވެ އެދެލޮލުން ކަރުނަ އޮހިގަތެވެ. ކިތަންމެ ބޭނުން ނުވިއަސް މާޒީގެ އެހިތި ހަނދާންތައް އަދިވެސް އޭނާއަށް އުނދަގޫކުރެއެވެ. އެހިތަށް ކުޑަވެސް ހަމަޖެހުމެއްލިބޭނީ ނަޒީމްގެ މައާފު އޭނާއަށް ލިބުނު ދުވަހަކުންނެވެ.
“ބައްޕާ… އަދި ކިހައި ދުވަހަކު އަހަރެން މިގޮތުގަ ކެތްތެރިވާންޖެހޭނެތަ؟ ބައްޕަ ތިހާލުގަ އޮންނަތަންދެކެން އަހަރެންނަށް ހާދަ އުނދަގުލޭ.. ބައްޕައަށް އެނގޭތަ ބައްޕަގެ މިދަރިފުޅުގެ ހިތަަށް އަސަރުކުރާވަރު.. ޕްލީޒް ބައްޕާ.. އަހަރެންނަށްޓަކާ.. އެނބުރިއާދޭ.. އައު ހިތްވަރަކާއެކު މިއެނދުން ތެދުވޭ.. އެދުވަހަކަށް އަހަރެން އެބަ އިންތިޒާރުކުރަންކަން ބައްޕަ ދަންނައްޗޭ.. އޭރު.. އޭރު އަހަރެންނަށް ބައްޕައަށް ނުދެވުނު ހުރިހައި އުފަލަކާއި ލޯތްބެއް އިރާދަކުރެއްވިއްޔާ އެދުވަހަކުން ދޭނަން.. އަހަރެން ބައްޕައަށް ވައުދުވަން.. ދުވަހަކުވެސް.. ބައްޕަ ހިތުޖެހި ދެރަވާނެކަމެއް ނުކުރާނަން.. ހެޔޮނުވާނެ އަހަރެންނަށް މައާފުކޮށްފަ އެނބުރި އަހަރެންގެ ގާތަށް އާދޭ.. ޕްލީޒް ޑޭޑް.. ޕްލީޒް..” ދެެއަތްތިލާގެ ތެރޭގައިއޮތް ނަޒީމްގެ އަތްތިލައަށް ފިތައިލަމުން ރޮވިފައި ޒާއިން ބުނެލިއެވެ. އެއީ ކޮންމެ ދުވަހަކުވެސް ނަޒީމް ގާތަށް އައުމަށްފަހު ޒާއިންގެ ހާލެވެ. ހިތުގައިވި ޝަކުވާއާއި ހިތާމަތައް ނަޒީމްގެ ގާތުގައި ބަންޑުންކޮށްލައެވެ. ތަކުރާރުކޮށް މައާފަށްއެދި ރޮއިއާދޭސްކުރެއެވެ. އެނބުރި އައުމަށް އޭނާއަށް އެދެވުނީ ކިތައްފަހަރުކަމެއްވެސް ނޭނގެއެވެ. އެތައްއިރެއް އެގޮތުގައި ހޭދަކުރުމަށްފަހު މެނުވީ ޒާއިން އެތަނުން ނުދެއެވެ.
ކޮޓަރީގައިހުރި ކުޑަދޮރުން އެތެރަށް އެޅިފައިވި އަލިފަނޑުވަމުންދާން ފެށުމުން އިރުއޮއްސެނީކަން ޒާއިންއަށް ވިސްނުނެވެ. އެތައްއިރަކު އެތައް ވާހަކަތަކެއް ދަންކަން އިނުމަށްފަހު މާޔޫސްކަމުގެ ފުންނޭވާއެއް ޒާއިންއަށް ދޫކޮށްލެވުނެވެ. ނަޒީމްގެ ފަރާތުން ކުޑަވެސް ހަރަކާތެއް ނުފެނުމުން ނާއުއްމީދާއެކު މިއަދުވެސް އިންތަނުން ޒާއިން ތެދުވިއެވެ. އަދި ނަޒީމްއަށް ބަލައިލަމުން ތުންފިއްތައިލުމަށްފަހު އެތަނުން ދިއުމަށް އުޅުނެވެ. ނަޒީމްއަށް ފުރަގަސްދިން ވަގުތު ކުއްލިއަކަށް އޭނާގެ އަތުގައި މީހަކުހިފިފަދަ އިހުސާސެއްކުރެވި ސިހިފައި ޒާއިން ފަހަތަށް އެނބުރި ނަޒީމަށް ބަލައިލިއެވެ. ވަގުތުން އޭނާގެ ދެލޯބޮޑުވެގެން ދިޔައީ ކުޑަކުޑަކޮށް ހުޅުވިފައިވި ނަޒީމްގެ ދެލޮލާއި އެދެލޮލުން އޮހޮރެމުންދިޔަ ކަރުނައާއި ވަރުދެރަ އެއަތުން މަޑުމަޑުން ޒާއިންގެ އަތުގައި ހިފައިގެންއޮތްގޮތް ފެނުމުންނެވެ. ތެޅިގަނެފައި ބައްޕާއޭ ގޮވައިލަމުން ނަޒީމްގެ އަތަށް ބާރުކޮށްލުމަށްފަހު އޭނާއާއި ދިމާއަށް ޒާއިން ގުދުވެލިއެވެ. އޭރު އޭނާއަށް ނޭނގޭހާލު އެދެލޮލުންވެސް ކަރުނައިގެ މުތީތައް ފައިބަމުންދިޔައެވެ. ލިބިފައިވި ކުއްލި ޝޮކުގައި ނަރުހަކަށް ނުވަތަ ޑޮކްޓަރަކަށް ގޮވައިލާކަށްވެސް ޒާއިންގެ ވިސްނުމަކަށް ނައެވެ. އެވަގުތު އެކޮޓަރީގެ ދޮރުހުޅުވައިލުމަށްފަހު އެތަނަށް ނަރުހެއްވަނީ ޒާއިންގެ ނަސީބަކަށެވެ.
ޒާއިންއަށް ހަމަހޭވެރިކަންވީ ދޮރުން އެތެރެއަށްވަތް ނަރުސްކުއްޖާ ފެނުމުންނެވެ. ނާރސްއޭ ކިޔައި އޭނާއަށް ގޮވައިލެވުނީ އިޚްތިޔާރުން ބޭރުއެވެ. އެނދުގައި ދެލޯ ހުޅުވައިގެންއޮތް ނަޒީމް ފެނުމުން ނަރުސްކުއްޖާވެސް އެލަރޓަށްއައިކަހަލައެވެ. ތެޅިގަންނަމުން އަވަހަށް ޑޮކްޓަރަށް އަންގަން އޭނާ އުޅެގަތެވެ.
ނަޒީމްގެ ކަންތައްތައް އެންމެ ގާތުން ބަލަމުންދިޔަ ޑޮކްޓަރ ކޮޓަރިއަށް ވަނުމާއެކު އެމީހުނަށް ފުރުސަތުދެމުން ޒާއިން ދުރަށްޖެހިލިއެވެ. ކޮޓަރީގެ އެއްފަރާތުގައި ހުއްޓިލަމުން ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފުހެލަމުން ފޯނު ނަގައި ތޮއިބާއަށް ގުޅައިލައި ކަންފަތުގައި ފޯނު ޖައްސައިލިއެވެ. އަދި ނަޒީމް ގާތުގައި ހަރަކާތްތެރިވަމުންދިޔަ ޑޮކްޓަރުންނާއި ނަރުހުންނަށް ބަލައިލަމުން އެކޮޓަރިން ނުކުމެ އެއްފަރާތުގައި މަޑުކޮށްލިއެވެ.
“މަންމާ.. ބައްޕަ.. ބައްޕަ..” ޒާއިންއަަށް ވާހަކަދެއްކުމަށް ދަތިވުމުން ހުއްޓައިލުމަށްފަހު ފުންނޭވާއެއްލައި މީހާ ހަމަޖެހިލަން މަސައްކަތްކުރިއެވެ. “ބައްޕައަށް ކިހިނެއްވީ؟” ތޮއިބާގެ ހާސްކަންއެކުލެވިފައިވި އަޑު ފޯނުގެ އަނެއްފަރާތުން އިވުނެވެ.
“ބައްޕަ.. ކޯމާއިން.. ހޭލައިފި..” ބަސްތައް ރަނގަޅަށް އެތުރުމަށްވެސް ޒާއިންއަށް ވަގުތު ނެގިއެވެ. އޭނާގެ ހިތް ބާރުބާރަށް ތެޅެމުންދިޔައިރު މީހާގެ މޫނުމަތިވެސް ދާތިކިތަކުން ބަބުޅަމުންދިޔައެވެ.
ދާދި ކުޑައިރުކޮޅެއްގެ ތެރޭގައި ދުވަމުންކަހަލަ ގޮތަކަށް އެދިމާއަށް އައި ތޮއިބާ އާއި ލަމްޔާ ފެނި ޒާއިންއަށް ހިނިތުންވެލެވުނެވެ. ބާރަށް ގޮސް ތޮއިބާގެ ގައިގައި ބައްދައިލަމުން އަނެއްކާވެސް ނަޒީމް ހޭލިވާހަކަ ތަކުރާރުކޮށް ޒާއިން ބުނެލިއެވެ. އަދި މިވަގުތު ޑޮކްޓަރުން އޭނާ ބައްލަވަމުންދަނީ ކަމުގައި ބުނެލިއެވެ. ލިބުނު ހަމަޖެހުމަކުން ޒާއިންގެ އަތުގައިހިފައި ބާރުކޮށްލަމުން އެމޭގައި ލައްވެލި ތޮއިބާއަށް ދެލޯމަރައި ބާރުކޮށްލެވުނެވެ. ލޮލުން އޮހުރެމުންދިޔަ ކަރުނަތަކާމެދު މިއަދު އެއްވެސް މީހެއްގެ ޚިޔާލެއް ފިކުރެއްނެތެވެ. އެއަށްވުރެ ލިބުނު ޚަބަރަކުން އެހިތްތަކަށް ލިބިފައިވި އުފާވެރިކަން މާބޮޑެވެ.
އިރުގަނޑެއްފަހުން ކޮޓަރީގެ ދޮރުހުޅުވައިލުމަށްފަހު ޑޮކްޓަރ ބޭރަށް ނުކުތެވެ. އަދި ޒާއިންގެ އާއިލާއަށް ބަލައިލަމުން ހިނިތުންވެލިއެވެ. އެއަށްފަހު ވަކިން ބައްދަލުކޮށްލަން ބޭނުންވާ ވާހަކަ ބުނުމުން އެންމެނަށް ބަލައިލަމުން ޒާއިން އިސްނެގިއެވެ. ޒާއިންއަށް އަތުން އައުމަށް އިޝާރާތްކޮށްލަމުން ޑޮކްޓަރ ހިނގައިގަތުމާއެކު ފަހަތުން އޭނާވެސް ހިނގައިގަތެވެ.
ޒާއިން ދިޔަދިމާއަށް ބަލަން ހުރުމަށްފަހު ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފުހެލަމުން މަޑުމަޑުން ތޮއިބާ އައިސް އެކޮޓަރީގެ ދޮރުހުޅުވައިލިއެވެ. އަދި ލަސްފިޔަވަޅުތަކެއްގައި ނަޒީމް އޮތް އެނދާއި ދިމާއަށް ހިނގަމުންދިޔައެވެ.
މީހެއްގެ ހިލަންވެ ނަޒީމް އެސްފިޔަތައް ތަޅުވައިލަމުން މަރައިގެންއޮތް ދެލޯ ހުޅުވައިލިއެވެ. ދާދި ގާތަށް އައިސް މަޑުކޮށްލި ތޮއިބާ ފެނުމުން ހިކިފައިވި އެތުންފަތް މައްޗަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. ނަޒީމް ބަލައިލިގޮތުން ތޮއިބާގެ ދެފައި ބިންމަތީގައި ތަތްލިކަހަލައެވެ. ގަނޑުވެފައި ކުރިއަށް އެންމެ ފިޔަވަޅެއްވެސް އަޅަން ނުކެރި އޭނާ އެހެން ހުންނަން ފެށުމުން ކަރުކެހިލަމުން ބަލި އަޑަކުން ނަޒީމް އޭނާއަށް ގޮވައިލިއެވެ. އެއާކު ހިފަހައްޓަމުންދިޔަ ކަރުނަތިކިތައް ތޮއިބާގެ ކޯތާފަތްމައްޗަށް އޮހޮރިގަތެވެ. ތުންފަތުގައި ދަތްއަޅައިލަމުން ތޮއިބާ އިސްޖަހައިލީ ކުށްވެރިއަކު ފަދައިންނެވެ.
“އަހަރެން ގާތަށް.. ނާނަންތަ.. ތިހުރީ؟” އުނދަގޫކަމާއެކު ނަޒީމް ވާހަކަދެއްކިއެވެ. އެއަޑު ކަންފަތުގައި ޖެހުމާއެކު ތޮއިބާގެ ތުންފަތް ދެމެދުން މަޑު ގިސްލުމެއްގެ އަޑު ބޭރުވެގެން ދިޔައެވެ.
“ތޮއިބާ..” އޭނާއާއި ދިމާއަަށް ތުރުތުރުއަޅަމުންދިޔަ އަތް ދިއްކޮށްލަމުން ނަޒީމް ގޮވައިލިއެވެ. އެއާއެކު ތޮއިބާއަށް އެންމެ ސުކުންތެއްވެސް ނަޒީމްއާއި ދުރުގައި ކެތެއް ނުކުރެވުނެވެ. ރޮއެގަންނަމުން އައިސް ނަޒީމްގެ އަތުގައި ހިފައި ބާރުކޮށްލިއެވެ. އަދި އެއަތް ތުންފަތުގައި ޖައްސައި ބާރުކޮށްލަމުން ތަކުރާރުކޮށް މައާފަށް އެދެންފެށިއެވެ. ތޮއިބާގެ އަޑުއިވި ނަޒީމް ލުއިކޮށް ހިނިތުންވެލިއެވެ.
“ތިވަރަށް.. މައާފަށް ނޭދުނަސް.. އަހަރެން.. މައާފުކޮށްފިން.. އަހަރެންގެ.. ހިތް ހެޔޮ..” ހިނިތުންވެފައި ނަޒީމް އޮތްއިރު ލޮލުގެ ހިމަކޮޅުން ކަރުނަތިއްކަކަށްފަހު ތިއްކެއް ފައިބަމުންދިޔައެވެ. ކޯމާގައި އޮތްއިރުވެސް ތޮއިބާ އާއި ޒާއިން ދެއްކި ކޮންމެ ވާހަކައެއް އޭނާއަށް އިޑުއިވި ހިތަށް އަސަރުކުރިއެވެ. އޭރުއްސުރެވެސް އެދެމީހުނަށްޓަކައި އޭނާގެ ހިތްހަލާލެވެ. ގޮނޑީގައި އިނށީދެ ރޮވިފައިއިން ތޮއިބާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތިކިތައް ލޯތްބާއެކު ނަޒީމް ފުހެލައި ދިނެވެ. އަދި ހިނިތުންވެލަމުން ދެފަރާތަށް މަޑުމަޑުން ބޯހޫރުވައިލީ ނުރޯރޭބުނާފަދަ ގޮތަކަށެވެ.
ޑޮކްޓަރުގެ ކޮޓަރީގައިހުރި މޭޒު ދޮށުގައި އޭނާއަށް ކުރިމަތިވާނޭހެން އިނށީދެ ޒާއިން އިނެވެ. ވަކިން ބައްދަލުކުރަން ބޭނުންވީ މުހިންމު ވާހަކައެއް ދައްކަން ކަމުގައި ޒާއިންއަށް ވިސްނުނެވެ. ނޭވާ ހިފަހައްޓައިލައިގެން އިންއިރު ޑޮކްޓަރ ދީފާނެ ކޮންމެފަދަ ޚަބަރަކަށްވެސް ތައްޔާރުވެގެން އިންކަހަލައެވެ.
“އަޅުގަނޑު ވަކިން ބައްދަލުކޮށްލަން ބޭނުންވީ ވަރަށް މުހިންމު ވާހަކައެއް ބުނެލަން.. ނަޒީމް މިތަނަށް ގެނެވުނީ ވަރަށް ނުރައްކާތެރި އެކްސިޑެންޓެއްގެ ޝިކާރައަކަށް ވެގެން.. އޭރު ލިބިފަހުރި ޒަޚަމްތައް ރަނގަޅުވިއަސް، އޭގެ ސަބަބުން ކޮށްފަ ހުރި ނޭދެވޭ އަސަރުތައް ފިލައިގެނެއްނުދޭ.. އެއެކްސިޑެންޓްގަ އެންމެ ބޮޑު އަނިޔާއެއްވެފައޮތީ ނަޒީމްގެ ފަޔަށް.. އޭގެ ސަބަބުން.. ނަޒީމްގެ.. އުނަގަނޑުން ތިރިވަނީ ވާގިނެތިފަ.. އެހެނަސް މިއީ ފިޒިއޮތެރެޕީގެ އެހީގަ އިރާދަކުރެއްވިއްޔާ ރަނގަޅުކުރެވޭނެ ކަމެއް.. ބޭނުންވަނީ ކެތްތެރިކަމާއި ހިތްވަރު.. މިވަގުތަކީ ނަޒީމްއަށް އާއިލާގެ ފަރާތުން އެންމެ ބޮޑަށް އެހީތެރިކަން ބޭނުންވާނެ ވަގުތު..” ހަށިފުރައި ނޭވާއެއްލަމުން ޑޮކްޓަރ އާމިރު އޭނާގެ ވާހަކަތައް ނިންމައިލުމަށްފަހު ފުންނަޒަރަކުން ޒާއިންގެ މޫނަށް ބަލައިލިއެވެ. އެމޫނުމަތިން ފައުޅުވަމުންދިޔަ ކަންބޮޑުވުމާއި ހާސްކަން އާމިރުގެ އެންމެ ފަހު ބަސްކޮޅުން ފުހެވިގެންގޮސް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ވެރިވިއެވެ. ކޮންމެފަދަ ހާލަކުންވިއަސް ޒާއިން ހުރީ އޭނާގެ ލޯބިވާ ބައްޕައަށްޓަކައި ގުރުބާންވާން ތައްޔާރަށެވެ. ކިތަންމެ ބޮޑު ބުރައެއްވެސް އެބައްޕައަށްޓަކައި އޭނާ އުފުލާނެއެވެ. ލުއިކޮށް ހިނިތުންވެލަމުން ޒާއިން ބޯޖަހައިލުމުން އާމިރުގެ މޫނުމަތިންވެސް ހަމަޖެހުމުގެ ކުލަވަރު ފައުޅުވެލިއެވެ. ކުރިއަށް މަޝްވަރާކުރަން ހަމަޖެހިފައިހުރި އެކި ވާހަކަތައް އޭނާ ފެށީ ދެނެވެ. ނަޒީމްއަށް ފަރުވާދިނުމުގެ ކަންކަން ކުރިއަށް ގެންދަންވީ އެކިގޮތްގޮތުގެ ވާހަކަ އާމިރު ޒާއިންއާއި ހިއްސާކުރިއެވެ.
ވަށައިގެން ކޮޓަރީގެ އެކި ދިމަދިމާއަށް ނަޒަރު ހިންގަމުންދިޔަ ނަޒީމްގެ މޫނުމަތިން ފޮރުވުމެއްނެތި ފައުޅުވަމުންދިޔަ ސުވާލު ތޮއިބާއަށް ވިސްނުނެވެ. އެއަތުގައި ފިރުމައިލަމުން ޒާއިން ވީތަން ތޮއިބާ އޮޅުންފިލުވައިދިނެވެ. ކުޑަކޮށް ބޯޖަހައިލަމުން ނަޒީމް ހިނިތުންވެލިއެވެ. އެވަގުތު ކޮޓަރީގެ ދޮރުގައި ޓަކި ޖަހައިލަމުން އެތެރެއަށް ޒާއިން ވަނެވެ. އޭނާގެ ފަހަތުން ލަދުންހުރެ ލަމްޔާވެސް ވަނެވެ. ނަޒީމްގެ ނަޒަރު ޒާއިންގެ މޫނުން ނެއްޓި އޭނާއަށް އަމާޒުވުމާއެކު ޖެހިލުންވެފައިހުރެ ލަމްޔާ ހިނިތުންވެލިއެވެ. ޒާއިންއާއި ލަމްޔާ އާއި ތިބިލެއް ގާތްކަމުން އެއީ ޒާއިންގެ އަނބިމީހާކަން ދެނެގަންނާކަށް ނަޒީމްއަށް މާގިނަވަގުތުތަކެއް ނުނެގިއެވެ. ފުޅާ ހިނިތުންވުމެއް އެތުންފަތްމަތީގައި ދެމިލިއެވެ.
އެނދުގައި އޭނާއަށް ބަލަހައްޓައިގެންއޮތް ނަޒީމް ފެނުމުން ޒާއިންގެ ދެލޮލަށް ކަރުނަތައް ޖަމާވެގަތެވެ. މިދުވަހަށްޓަކައި އޭނާ ކިހައި އިންތިޒާރެއް ކުރިހެއްޔެވެ؟ ނަޒީމް އާއި ދުރުގައި އޭނާއަށް ހުރެވުނީ ކުޑައިރުކޮޅަކުއެވެ. ދުވެފައިކަހަލަގޮތަކަށް އައިސް ގުދުވަމުން ނަޒީމްގެ ހަށިގަނޑުގައި ޒާއިން އޮޅުލައިގަތެވެ. އެއާއެކު ގިސްލަގިސްލާފައި އޭނާއަށް ރޮއެގަނެވުނެވެ. އެތައް ޒަމާނަކަށްފަހު ޒާއިންގެ ފުށުން އިހުސާސުވި ގާތްކަމެއްގެ ސަބަބުން ނަޒީމްގެ ހިތަށްވެސް އަސަރުކުރިއެވެ. ތުރުތުރުލަމުންދިޔަ ދެއަތުން ޒާއިން ވަށައިލެވުނީ ބޭއިޚުތިޔާރުގައެވެ. ލޯތްބާއެކު އެފަންއިސްތަށިކޮޅުގައި ފިރުމައިލެވުނެވެ. ނުރޯށޭ ބުނަން ބޭނުންވި ނަމަވެސް ހިތަށްކޮށްފައިވާ އަސަރެއްގެ ސަބަބުން އަޑުބޭރުވާގޮތެއް ނުވިއެވެ.
“ބައްޕާ… އަހަރެންނަށް މައާފުކުރޭ… ބައްޕަ ހިތުގަ ޖެއްސުނު ކޮންމެ ފަހަރަކަށް ތަކުރާރުކޮށް މައާފަށްއެދެން..” ގިސްލެވޭވަރުން ވާހަކަދެއްކުމަށް ޒާއިންއަށް އުނދަގޫވިއަސް ހިތްވަރުކޮށްފައި ނަޒީމްގެ ކިބައިން އޭނާ މައާފަށް އެދުނެވެ.
“ތީ އަދިވެސް.. ބައްޕަގެ.. ލޯބިވާ ޒާން.. ދުވަހަކުވެސް.. ދަރިފުޅު ބައްޕަގެ.. ކިބައިން.. މައާފަށް އެދޭކަށް ނުޖެހޭނެ..” ނަޒީމްގެ ދެލޮލުންވެސް ކަރުނަ އޮހޮރެމުންދިޔައިރު އެދެބަފައިންނަށް ފުރުސަތުދެމުން ތޮއިބާ ލަމްޔާގެ ގާތަށް ލެފިލިއެވެ. އޭރު އެދެމީހުންގެ ލޯވެސްވަނީ ކަރުނުން ފުސްވެފައެވެ.
ނަޒީމްގެ ވާހަކަތަކުން އެހަށިގަނޑުގައި ވަށައިލެވިފައިވި ޒާއިންގެ ދެއަތަށް އިތުރަށް ބާރުކޮށްލިއެވެ. ޒާއިންގެ އެއަމަލުން ނަޒީމްގެ ފުށުން ލުއި ހުނުމެއްގެ އަޑު ބޭރުވެގެންދިޔައެވެ. އަދިވެސް އެއީ ލޯބިން އޭނާ ގެންގުޅުނު ކުޑަކުޑަ ޒާންއޭ ހިތަށްއެރިއެވެ. ޒުވާންވިއަސް އޭރުގެ އެގޮތަކަށް އެއްވެސް ބަދަލެއް ނާދެއެވެ. އޭރުގެ އެކި ހަނދާންތައް ދެބަފައިން ވަށައިލަމުންދިޔައިރު ދެހިތްވެސް ލިބިފައިވި އުފަލަކުން ނަށަމުންދިޔަ ކަހަލައެވެ. ދުވަސްކޮޅަކަށް ދެލޯމެރިފައި ހުޅުވުނުއިރު އޭނާގެ ހާލަތު ބަދަލުކުރައްވައި އެހިތުގެ ދުޢާތަށް އެފަދައިން އިޖާބަވެދާނެކަމަށް ނަޒީމް ހިތަށްވެސް ނާރައެވެ. އެހެނަސް ގަދަ ކީރިތިވަންތަ ﷲ ގެ ކުޅަދުންވަންތަކަން ނިކަން ދެކިބަލާށެވެ. ހެޔޮހާލުގައި ހުރިއިރު އަބަދުމެ އޭނާކުރަމުންދިޔަ ދުޢާތައް މިއަދު އެވަނީ އެެދެލޯކުރިމަތީގައި އިޖާބަކުރައްވައިފައެވެ. އޭނާގެ ވެރި ރަސްކަލާނގެއަށްޓަކައި އެހިތްވަނީ ޝުކުރުން ފުރިފައެވެ.
އިރުގަނޑަކު އެގޮތުގައި ތިބުމަށްފަހު ޒާއިން މަޑުމަަޑުން ނަޒީމްގެ ގައިން އަތް ނަށްޓައިލަމުން ތެދުވިއެވެ. އަދި އަތުން މޫނުމަތި ފުހެލަމުން ހިނިއައިސްފައި ފަހަތަށް އެނބުރި ލަމްޔާއަށް ބަލައިލަމުން އަތް ދިއްކޮށްލައި އަންނާށޭ ބުނެލިއެވެ. ތޮއިބާ ގާތުގައި ހުރެފައި ލަމްޔާ ކުރިއަށްޖެހިލަމުން ޒާއިންގެ އަތުގައި ހިފިއެވެ. އެއާއެކު ލަމްޔާ ގެނެސް ގަޔާއި ކައިރިކޮށްލަމުން ޒާއިން ނަޒީމްއަށް ބަލައިލިއެވެ.
“ބައްޕާ.. މީ އަހަރެންގެ އަނބިމީހާ.. ލަމްޔާ..” ހިނިއައިސްފައި އެމީހުނަށް ބަލަންއޮތް ނަޒީމްއާއި ހަތަރުކަޅި ހަމަކޮށްލަމުން ޒާއިން ބުނެލިއެވެ. ދެކުދިންގެ މޫނަށް ވަކިވަކިން ބަލައިލި ނަޒީމްގެ ހިތް އުފަލުން ފުރިގެންދިޔައެވެ. އެދެމެދުގައިވި ލޯބި އޭނާއަށް ޒާއިންގެ އެކުޑަހަރަކާތުންވެސް ފަހުމްވެއްޖެއެވެ.
“މާޝާ ﷲ.. ވަރަށް ފުރިހަމަ.. ބައްޕަގެ ޒާން އާ ވަރަށް ގުޅޭ.. މާތް ﷲ ތިދެކުދިންގެ ކައިވެނީގައި ބަރަކާތްލައްވާށި..” ހިނިތުންވެފައިހުރި ލަމްޔާއަށް ބަލައިލަމުން ނަޒީމް ބުނެލިއެވެ. ނަޒީމްގެ ބަސްތަކުން ޒާއިން އާއި ލަމްޔާގެ މޫނުމަތި އިތުރަށް އުޖާލާވެގެން ދިޔައެވެ.
*****
ކަންބޮޑުވެފައި ކޮޓަރީގެ އެއްފަރާތުގައިހުރި ސޯފާގައި އިން ސައިނާއަށް ޝަޔަމް ބަލައިލިއެވެ. އަޒްހަރު ގުޅައިފައި އޭނާގެ ލޯޔަރު އަންނާނެ ވާހަކަ ބުނީއްސުރެ ސައިނާގެ ހިތް ނެގިނެގިފައި ޖެހެމުންދިޔައެވެ. ވާން މިއުޅެނީ ކިހިނެއްކަން އެނގޭއިރުވެސް އޭނާގެ ނަފުސު އެކަމަށް ތައްޔާރެއްނޫނެވެ. ހިތަަށް މާޔޫސްކަން ލިބިފައިވިއަސް އެކަން ޝަޔަމްގެ ކުރިމަތީގައި ފައުޅުކޮށް ޝަޔަމް އިތުރަށް ދެރަކުރުވާކަށް ސައިނާ ބޭނުމެއްނުވެއެވެ.
“މަންމާ..” ސައިނާގެ ގާތުގައި އިނށީދެލަމުން ޝަޔަމް މަޑުމަޑުން ގޮވައިލިއެވެ. ހިންދިރުވައިލަމުން ޝަޔަމްއަަށް ބަލައިލުމަަށްފަހު ގަދަކަމުން ސައިނާ ހިނިތުންވެލިއެވެ.
“ދަރިފުޅަށް އެނގޭތަ؟ މަންމައާއި ބައްޕަގެ ކައިވެންޏަށް ހަގީގަތުގަ މާމަ ވަރަަށް ނުރުހުން.. މިކައިވެންޏަކީ މާމަ ރުހިގެންކުރި ކައިވެންޏެއްނޫން.. އެކަމަކުވެސް.. ދުވަހަކުވެސް މަންމައަށް އެއްވެސް ކަމެއްގަ މަޖުބޫރުކޮށް މަންމަ ބޭނުންނުވާގޮތަކަށް ކަމެެއްކުރުވާކަން ނޫޅޭ.. އެހެނަސް އަބަދުވެސް ކުރިއަށްދާންވީ ހެޔޮމަގު މަންމައަށް ބުނެދިން.. ވިސްނައިދިން.. ބައްޕައާއި ކައިވެނިކޮށްގެން މިތަނަށް ދިރިއުޅުން ބަދަލުކުރިފަހުން އެހުރިހައިކަމެއް ހަނދާންނައްތައިލީ މަންމަ އަމިއްލައަށް.. އެގޮތަށް އުޅެން އޭރު ބޭނުންނުވީ.. ބައްޕައަކީވެސް އެފަދަ ވިސްނުމެއްހުރި މީހެއްނޫންވީމަ މަންމަ ބޭނުންވި ހުރިހައި މިނިވަންކަމެއް މަންމައަށް ލިބުނު.. އެކަމަކު.. މިހާރު މަންމައަށް އިހުސާސުވޭ.. މިހުރިހައި ދުވަހު މަންމައަށް އުޅެވުނީ ރަނގަޅަށްނޫންކަން.. މަންމަގެ ދެލޯ ހުޅުވައިދިނީ ދަރިފުޅު.. އެދުވަހު.. ދަރިފުޅު ނަމާދުކުރިތަން ފެނިފަ މަންމަގެ ހިތަށް ވީގޮތްވެސް ބުނެދޭކަށް ނޭނގެ.. ކީއްވެކަން ނުވިސްނުނަސް ދަރިފުޅުގެ އުޅުމަށް މަންމައަށް ފާރަލަން ފެށުނީ އެކަމަށް މަންމަގެ ނަފުސު އެދުނުވަރުން.. މިއަދު.. ދަރިފުޅާއެކު މިގޮތުގަ ސާބިތުވާން މަންމަ ބޭނުމީ.. ދަރިފުޅުގެ ހިތްވަރަަށްވާން.. އެނގޭ މިނިންމުމުގެ ސަބަބުން މަންމައަށް ހިތްދަތިކަމާ ކުރިމަތިލާން ޖެހޭނެކަން.. އެހެންވިއަސް.. އެއީ ކުޑަދުވަސްކޮޅެއްގެކަމެއް.. ހިތްވަރާއެކު ކުރިމަތިލާން ބޭނުން.. އެނގޭ ޝަޔަމް ބުނަން ތިއުޅެނީ ކީކޭކަން.. އެކަމަކު.. މަންމަ ފަހަތަށްޖެހޭކަށް ނެތިން..” ޝަޔަމްގެ އަތުގައި ހިފައިލައިގެން އިނދެ ސައިނާ ބުނެލިއެވެ. އެއަޑުގައި އެކުލެވިފައިވި މަޑުމައިތިރިކަން ޝަޔަމްއަށް އިހުސާސުވިއެވެ. އޭނާ އަބަދުވެސް މަންމައާއި އެކުގައި ހުންނާނަންކަމަށް ބުނެލަމުން ޝަޔަމް ސައިނާގެ ގައިގައި ބައްދައިލިއެވެ. ދަރިފުޅުގެ އެގާތްކަމުން ސައިނާގެ ހިތަށް ލިބިފައިވި ނުތަނަވަސްކަން ހިނދުކޮޅަކަށް ފިލައިގެންދިޔައެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.






