Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތިޔަ ލޯބީގައި… 22

Nau Level 910 Stories100 Comments500 Comments100 Stories100 Login1K Comments
October 13, 2022 13 Mins Read
0 Comments

މޯޅިއަކަށް ދެމިލަމުން ދެލޯ ހުޅުވައިލި ލަމްޔާގެ މޫނުމަތީގައިވީ ހިތްހަމަޖެހުމުގެ ކުލަވަރެވެ. ގާތުގައި އަރާމު ނިންޖަކުން ނިދިފައިއޮތް ޒާއިންގެ މޫނަށް ލޯބިވެތި ނަޒަރަކުން ބަލައިލުމާއެކު ރޭގެ ހަނދާންތައް އައިސް އޭނާ ވަށައިލިއެވެ. ލަތުވެތި ހިނިތުންވުމަކާއެކު ތުންފަތުގައި އޭނާއަށް ދައިގަނެވުނެވެ. މަޑުމަޑުން ޒާއިންއާއި ގާތްވެލަމުން އެފަންއިސްތަށިކޮޅުގައި ލަމްޔާ އަތްހިންގައިލިއެވެ. އަދި ޒާއިންގެ ކޮލުގައި ލުއިކޮށް ބޮސްދެމުން އެނދުން ފައިބައިގެން ތާޒާވެލުމަށްޓަކައި ފާޚާނާ އާއި ދިމާއަށް ލަސްލަހުން ހިނގައިގަތެވެ.

ތައްޔާރުވެލައިގެން ލަމްޔާ ސިޑިން ފައިބައިގެން އައިއިރު ބޮޑުކޮޓަރީގެ ސޯފާއެއްގައި މެގަޒިނެއް ހިފައިގެން ތޮއިބާ އިނެވެ. ލަމްޔާ ފެނުމާއެކު ހިނިތުންވެލަމުން އޭނާގެ ގާތަށް އައުމަށް ތޮއިބާ ބުނެލިއެވެ.

“ދަރިފުޅު މިއަދު ބަލީތަ؟ މާލަހުން ހޭލައިގެން އައީމަ.. އެހެންނާ ފަތިސް ނަމާދުކޮށްލައިގެން ކޮފީއެއް ބޯލަންވެސް ނުކުންނާނެ..” ގާތުގައި އިނށީން ލަމްޔާގެ ކޮނޑުގައި ފިރުމައިލަމުން އޯގާތެރިއަޑަކުން ތޮއިބާ ބުނެލިއެވެ.

“ނޫން.. ރޭގަ.. މާ ލަހުން.. ނިދުނީމަ..” ލަމްޔާގެ ޖަވާބުއިވި ތޮއިބާ އެއީ މައްސަލައެއް ނޫނޭ ބުނެލީ ނުހަނު ލޯބިންނެވެ. ޒާއިންއާއި ކައިވެނިކޮށްގެން އެގެއަށް ލަމްޔާ ބަދަލުވިދުވަހުން ފެށިގެން އޭނާއަށް ނުލިބުނު އަންހެން ދަރިއެއްގެ ނިއުމަށް ފުރިހަމަވެފައިވާ ކަހަލައެވެ. އަމިއްލަ ދަރިއަކު ފަދައިން އޭނާ ލަމްޔާދެކެ ލޯބިވެއެވެ. ލަމްޔާގެ ކުދިކުދި ކަންކަމަށްވެސް އޭނާ ސަމާލުކަން ބަހައްޓައެވެ.

“ދެން ދޭ ސައިބޯން.. އެހައިގިނައިރު އެއްޗެއް ނުކައި ހުންނާކަށްނުވާނެ..” އަތުކުރީގައިއޮތް ގަޑިއަށް ބަލައިލަމުން ތޮއިބާ ބުނެލިއެވެ. ވަގުތުން އޭނާ ސައިބޯނީ ޒާއިން ހޭލީމައިކަމުގައި ލަމްޔާއަށް ބުނެލެވުނީ ހިތުގައި އެކަން އޮތްލެތް ބޮޑުކަމުންނެވެ. އެވަގުތު ސިޑިބަރީގެ އެންމެ މަތީ ހަރުފަތާއި ހަމައަށް އައިސް ހުއްޓިލި ޒާއިންފެނި ތޮއިބާ ނިތްއަރުވައިލިއެވެ.

“ނަސީބެއްނު ތިދަރިވެސް އަވަހަށް ހޭލައިގެން އައިކަން.. އެހެންނޫންނަމަ ދަރިފުޅު ޖެހޭނީ މެންދުރުވާއިރުވެސް އެއްޗެއް ނުކައި ހުންނަން..” ސިޑިން ފައިބައިގެން އައިސް އައިސްހުރި ޒާއިންއަށް ބަލަންއިނދެ ތޮއިބާ ދިމާކޮށްލިއެވެ.

ޒާއިންއަަށް ހޭލެވުނީ އެނދުމަތީގެ ހުސްކަން އިހުސާސުވެގެންނެވެ. ހޭލެވުމާއެކު ފުންމައިގެން އޭނާއަށް ތެދުވެވުނީ ލަމްޔާ ކޮޓަރީގައި ފެންނަން ނެތުމުންނެވެ. ސައިޑް ޓޭބަލް މަތީގައިއޮތް ފޯނުން ގަޑި ބަލައިލަމުން އަވަސް އަވަހަަށް ފެންވަރައި ތާޒާވެލައިގެން އޭނާ ތިރިއަަށް އައީ ލަމްޔާގެ މޫނު ދެކިލާހިތްވެފައިހުރިލެއް ބޮޑުކަމުންނެވެ. ރެޔަށްފަހު އެހިތުގައި ލަމްޔާއަށްޓަކައި އޮތް ލޯބިވަނީ އެތައްގުނައެއް އިތުރުވެފައެވެ. އެންމެ ހިނދުކޮޅަކުވެސް ލަމްޔާއާއި ދުރުގައިހުރުން އޭނާއަށް ދަތިވެފައިވާކަހަލައެވެ.

ޒާއިން ފެނުމާއެކު ސައިބޯން ދިއުމަަށް ލަމްޔާ އެދުނެވެ. ބޯޖަހައިލި ނަމަވެސް އޭނާ އައިސް ތޮއިބާގެ އަނެއްފަރާތުގައި އިނށީނުމުން ތެދުވަން އުޅެފައިވެސް ލަމްޔާވެސް އަލުން އިނށީނީއެވެ. “މަންމާ.. އަހަރެން ބޭނުން ވާހަކައެއް ބުނަން..” ތޮއިބާގެ މޫނަށް ބަލައިލި ޒާއިންގެ އަޑުގައިވީ ސީރިއަސްކަމެވެ. އަވަހަށް ބުނާށޭ ބުނަމުން ތޮއިބާ އޭނާގެ ހުރިހައި ސަމާލުކަމެއް ޒާއިންއަަށް ހުއްޓައިލިއެވެ.

“އަހަރެން.. ބޭނުން އޮފީހަަށް ޖޮއިން ކުރަން.. ބައްޕަގެ ވިޔަފާރިއާ ހަވާލުވާން.. އެނގޭ އެހުރިހައިކަމަކާއި ގުޅޭ މާބޮޑު އެއްޗެއް އަހަރެންނަށް ނޭނގޭކަން.. އެހެންވިޔަސް ދަސްކުރަންވެސް އަހަރެން މިހުރީ ތައްޔާރަަށް.. އަނެއްކާ ސުހޭލްބެވެސް ހުންނާނު އަހަރެންނަަށް ބުނެދޭން.. ކީކޭ މަންމަ ބުނަނީ؟” އިވުނު ވާހަކަތަކުން ބުނާނެ އެއްޗެއްވެސް ފުރަތަމަ ތޮއިބާގެ ސިކުނޑިއަކަަށް ނުވިސްނުނެވެ. ޒާއިން އަމިއްލައަށް ފެނިގެން އެޒިންމާ ނަގައިފާނެކަމަކަށް ތޮއިބާ ހިއެއްނުކުރެއެވެ. އެހެނަަސް ޒާއިންގެ ދުލުން އެވާހަކަތައް އަޑުއިވި ތޮއިބާއަށް ހިނިތުންވެލެވުނީ ލިބުނު އުފަލަކުންނެވެ. އޭނާގެ ދަރިފުޅުވެސް ޒިންމާދާރު މީހަކަށް ވާން މަސައްކަތްކުރަނީކަން ވިސްނި ހިތާއިހިތުން ޝުކުރުވެރިވެވުނެވެ.

“ވަރަަށް ރަނގަޅު ޚިޔާލެއް.. ތިއީ މަންމަ އަބަދުވެސް ދެކޭ ހުވަފެނެއް.. ދަރިފުޅު ބައްޕަގެ ވިޔަފާރިއާ ހަވާލުވުމަކީ ބައްޕަގެވެސް ވަރަށް ބޮޑު އުއްމީދެއް..” އުފަލުންގޮސް ޒާއިންގެ ގައިގައި ތޮއިބާއަށް ބައްދައިލެވުނެވެ. އޭނާގެ ހުވަފެން ހަގީގަތަކަށް ހެއްދެވި ރަސްކަލާނގެއަށް ހިތުގެ އެންމެ ފުންމިނުން ޝުކުރުވެރިވެވުނެވެ.

*****

އަތުގައި އޮތް ލިޔުމަަށް ޝަޔަމް ބަލައިލީ ގަބޫލުނުކުރެވިފައެވެ. އެލިޔުން ކިޔައިލަމުން ކުރިމަތީގައިހުރި ނުހައިކްގެ މޫނަށް ޝަޔަމް ނަޒަރު ހުއްޓައިލިއިރު އެމޫނުމަތީގައިވީ ނުރުހުމުގެ އަސަރުތަކެވެ. ނުހައިކްއަަށް ކުއްލިއަކަަށް މިއައިސްގެން އުޅޭ ބަދަލުތަކާމެދު ހައިރާންވާހައިވެއެވެ.

އެރޭގެ އެބައްދަލުވުމަށްފަހު ދެމީހުން ދިމާވީ ދެދުވަސްފަހުން އޮފީހުންނެވެ. އެރޭގެ އެތައްއިރަކު އެކަމާއި ވިސްނައި ފިކުރު ހިންގުމަށްފަހު ހަމަޖެހިގެން ނުހައިކް އާއި އިތުރަށް އެވާހަކަދައްކަން ޝަޔަމް ހުރީ ނިންމައިގެނެވެ. ނަމަވެސް އޮފީހަށް އައީއްސުރެ ނުހައިކްގެ ފަރާތުން ފެންނަމުންދިޔައީ ބީރަށްޓެހިކަމެވެ. އެފަދައިން ނުހައިކްގެ އަމަލުތައް ހުންނަންޖެހޭނެ އެއްވެސް ސަބަބެއް އުޅެއުޅެވެސް ޝަޔަމްއަކަށް ނުވިސްނުނެވެ.

ހިތްހަމަނުޖެހުން ފައުޅުވަމުންދިޔަ ޝަޔަމްގެ މޫނުމަތިން ހިތްދަތިކަމުގެ އަސަރު ފައުޅުވެލީ އަނެއްކާވެސް އޭނާގެ އަތުގައިއޮތް ލިޔުމަަށް ނަޒަރު ހުއްޓުމުންނެވެ. ލިޔުން މޭޒުމައްޗަށް ޖަހަމުން ގޮނޑިން އޭނާ ތެދުވިއެވެ.

“ސީރިއަސްލީ ނުހައިކް؟ ކިހިނެއްތަ ވެގެން ތިއުޅެނީ؟ ކޮބާތަ ނުހައިކްގެ މައްސަލައަކީ؟ ފުރަތަމަ އަހަރެންނާ އޮތް ގުޅުން ކަނޑައިލީ.. ކައިވެނި ނުކުރުވޭނޭ ބުނީ.. ދެން މިހާރު… މިހާރު އޮފީހުންވެސް ކެނޑެންތަ ބޭނުންވަނީ؟” ޝަޔަމްގެ އަޑުގައި ނުރުހުމާއި އެއްވަރަަށް ވޭންވެސް އެކުލެވިފައިވިއެވެ.

ޝަޔަމްގެ ސުވާލުތަކަަށް ދޭނެ ޖަވާބެއް ނުހައިކްގެ އަތުގައެއްނެތެވެ. އެތަނުން ކެނޑި ޝަޔަމްގެ ދިރިއުޅުމުން ދުރަށް ދިއުމަކީ ޚުދު އޭނާވެސް ބޭނުންވިގޮތެއް ނޫނެވެ. ނަމަވެސް މިއަދު އޭނާއަށް މިނޫން އެއްވެސްގޮތެއް ނެތެވެ.

މާޔޫސްކަމުން ފުރިފައިވި ޝަޔަމްގެ ދެލޮލަަށް ނުހައިކްގެ ނަޒަރު އަމާޒުވުމާއެކު އެހިތުގައިވި ރިހުން ގަދަވެލިއެވެ. ބުނާނެ އެއްޗެއް ނުވިސްނުމުން ފުންނޭވާއެއްލަމުން ނުހައިކް މަޑުމަޑުން ބޯޖަހައިލިއެވެ.

“ކީއްވެހޭ؟ އަހަރެން މިއަހަނީ ކީއްވެހޭ؟ ނުހައިކްއަށް ކީއްވެތަ ޖަވާބެއް ނުދެވިގެން ތިއުޅެނީ؟” ނުހައިކްގެ ފަރާތުން ޖަވާބެއް ނުލިބުމުން ޝަޔަމް ރުޅިގަދަވާގޮތްވިއެވެ. އަތުގައިއޮތް ގަނޑު މޭޒުމައްޗަށްޖަހަމުން އިންތަނުން ޝަޔަމް ތެދުވިއެވެ. އަދި ހަރުކޮށް ހިނގައިފައި އައިސް ނުހައިކްގެ ކުރިމަތީގައި މަޑުކޮށްލަމުން ހަށަންބަނދެލިއެވެ. ސީދާ ނުހައިކްގެ މޫނަށް ބަލަމުންދިޔައިރު އޭނާގެ ޖަވާބަކަަށް ޝަޔަމް އިންތިޒާރުކުރަމުން ދިޔައެވެ.

“ސަބަބު ބުނުން ކޮންމެހެން މުހިންމެއްނޫން.. ޝަޔަމް އެސިޓީ ކިޔަންވީނު.. އޭގަ އިންނާނެ އަހަރެން ކެނޑެންބޭނުންވާ ސަބަބު ރީތިކޮށް ބަޔާންކޮށްފަ. އެޔަށްވުރެ އިތުރަށް އަހަރެން ބުނަން ބޭނުންވާ އެއްވެސް އެއްޗެއް ނެތް.. ސޯ ޕްލީޒް.. ތި ޑްރާމާގަނޑު ހުއްޓާލާ..” ލައިގެންހުރި ފަޓުލޫނުގެ ޖީބަަށް ޖަހައިލެވިފައިވި ދެއަތް މުށްކަވައި ނުހައިކް ބާރުކޮށްލީ އެފަދަ ބަސްތަކެއް ބުނުމަށް ހިތްވަރު ހޯދުމުގެ ގޮތުންނެވެ.

ނުހައިކްގެ ބަސްތަކުން ޝަޔަމްގެ ހިތް ކޮށައި ކުދިކުދިކޮށްލި ކަހަލައެވެެ. އެފަދަ ގޮތަކަށް ދުވަހަކުވެސް ނުހައިކް އޭނާ އާއި މުހާތަބުކޮށްފާނޭ ޝަޔަމް ހިއެއްނުކުރެއެވެ. ހަމަޖެހިގެން ނުހައިކް އާއި ދަށްކަން ހިތުލި ހުރިހައި ވާހަކައެއް ޝަޔަމްގެ ހިތުންފިލިކަހަލައެވެ. ދެލޮލަށް ބޮނޑިވެގަތް ކަރުނަތަކާއެކު ޝަޔަމްއަށް ފަހަތަށް ފިޔަވަޅެއް އަޅައިލެވުނެވެ. އިތުރަށް އެއްވެސް ވާހަކަތަކެއް ދައްކައި ހެދުމުގެ އެއްވެސް ބޭނުމެއް އެބައޮތްހެއްޔެވެ؟ ނުހައިކްގެ ބަސްމަގާއި ރާގުހުރިގޮތުން އޭނާ ޝަޔަމްއާއި އެއްވެސް ވާހަކައެއްދައްކައި ގުޅުމެއް ބާއްވަން ބޭނުންނުވާކަން އޭނާއަށް އެނގިއްޖެއެވެ.

ނުހައިކް އަށް ފުރަގަސްދެމުން ޝަޔަމް ލޮލުން ފައިބަން ތައްޔާރުވެފައިހުރި ކަރުނަތައް ގަދަކަމުން ދިރުވައިލިއެވެ. ނުހައިކްގެ ކުރިމަތީގައި އެންމެ ކަރުނަތިއްކެއްވެސް އޮހޮރުވާކަށް އޭނާ ބޭނުމެއްނުވެއެވެ. އޭނާގެ ހިތަށް އަސަރުކޮށްފައިވީ ވަރާއި އޭނާގެ ބަލިކަށިކަން ނުހައިކްގެ ކުރިމަތީގައި ހާމަކުރާކަށް އޭނާގެ ހިތެއް ނޭދެއެވެ.

“ނުހައިކް.. ދޭ މިތަނުން.. އެހުރީ ވަތް ދޮރު.. އެންމެ ރަނގަޅީ.. ދެން ދުވަހަކުވެސް.. އަހަރެން ފެންނަ ހިސާބަކަށްވެސް ނައިއްޔާ.. ނުހައިކްއަށް.. އުނދަގޫކުރާކަށް.. އަހަރެންވެސް ދެން އިރާދަކުރެއްވިއްޔާ ނުދާނަން.. އަންނަ ހަފުތާގެ ހޯމަ ދުވަހު އިރާދަކުރެއްވިއްޔާ އަހަރެން ފުރާނަން.. އަހަރެން އެދެނީ.. ކޮންމެ ތަނަކު، ކޮންމެ ހާލަކު އުޅުނަސް ނުހައިކްއަށް އަބަދުވެސް ހެޔޮގޮތް މިންވަރުކުރެއްވުމަށް..” ޝަޔަމްގެ ފަހު ބަސްތަކާއެކު އެދެލޮލުން ހިފެއްޓުމެއްނެތި ކަރުނަ އޮހިގަތެވެ. ހަމަހިމޭންކަމާއެކު އެކަރުނަތައް އޮހޮރެން ދޫކޮށްލައިގެންހުރިއިރު އޭނާގެ މޭގެތެރޭގައިވި ހިތް ފިސްފިސްވަމުން ދިޔައެވެ.

ޝަޔަމްގެ ބަސްތައް ރުވާފައިއައި ތީރެއްހެން ހެރުނީ ސީދާ ނުހައިކްގެ ހިތަށެވެ. އިހުސާސުކުރެވިގެންދިޔަ ވޭނުން އޭނާއަށް މޭގައި މަޑުމަޑުން ފިރުމައިވެސްލެވުނެވެ. އިތުރުއެއްޗެއް ބުނާނެހައި ހިތްވަރެއް ނުހައިކްގެ ނެތުމުން އިރުކޮޅަކު އެތަނުގައި ހުރުމަށްފަހު އެތަނުން ދިއުމަށް އޭނާ ހިނގައިގަތެވެ. ދޮރާއި ހަމައަށް ގޮއްސައި ފަހުފަހަރަށް ފަސްއެނބުރި އޭނާއަށް ފުރަގަސްދީގެންހުރި ޝަޔަމްއަށް ބަލައިލިއެވެ. ހިތްވަރުކުރި ނަމަވެސް އެވަގުތު އެދެލޮލުންވެސް ކަރުނަ ތިއްކެތް ވެއްޓުނެވެ. ފުންނޭވައެއްލަމުން އަވަސް އަވަހަށް ދޮރުހުޅުވައިލުމަށްފަހު ނުހައިކް އެތަނުން ނުކުތެވެ.

ކެބިންގެ މޭޒުމަތީގައިހުރި އޭނާގެ ސާމާނުތައް ފޮށްޓަކަށް އެޅުމުގެ މަސައްކަތުގައި ނުހައިކް އުޅެނިކޮށް ދޮރުގައި ޓަކިޖަހައިލަމުން ހިޔާމް އެތެރަށް ވަނެވެ. ނުހައިކް އޮފީހުން ކެނޑުނީކަމުގެ ޚަބަރު އޭނާގެ ކަންފަތާއި ހަމައަަށްވެސް ފޯރީއެވެ. އެތެރެއަށް ވަނުމާއިއެކު ބާރު ހިނގުމެއްގައި ހިޔާމް އައިސް ނުހައިކްގެ ކުރިމައްޗަށް މަޑުކޮށްލިއެވެ.

“ނުހައިކް.. ކިހިނެއްވެގެން މިއުޅެނީ؟ ކީއްވެގެން ކުއްލިއަކަށް އޮފީހުން ވަކިވަން ތިއުޅެނީ؟ ކޮބާ މައްސަލައަކީ؟ އަހަރެން ގާތު ބުނެބަލަ.. ކަމެއް ދިމާވިނަމަ އެކަމަށް ހައްލެއް ހޯދަންވެސް އެނގޭނީ އޭރަށްދޯ..” ހިޔާމްގެ އަޑުގައި ކަންބޮޑުވުމުގެ އިތުރުން ހިތްހަމަނުޖެހުންވެސް އެކުލެވިފައި ވިއެވެ. އެވާހަކަތަކުން ނުހައިކް ލުއިކޮށް ހިނިތުންވެލިއެވެ. އަދި މިއީ އޭނާ ވަރަށް ވިސްނުމަށްފަހު ނިންމި ގޮތެއްކަމުގައި ބުނެލިއެވެ. ހިޔާމްގެ ކޮނޑުގައި ޖަހައިލަމުން އޭނާނެތަސް މިއޮފީހުގެ ކަންކަން ދާގޮތް ރަނގަޅަށް ބެލެހެއްޓުމަށް ނަސޭހަތްތެރިވިއެވެ. ނުހައިކްގެ ނިންމުން ބަދަލުކުރުމަށް ހިޔާމް ވަރަށް މަސައްކަތްކުރިއެވެ. އެހެނަސް އެކަން އޭނާއަށް ކާމިޔާބުވާގޮތެއް ނުވިއެވެ.

ނުހައިކް ނުކުތުމާއެކު ލަސްފިޔަވަޅުތަކެއްގައި އައިސް ޝަޔަމްއަށް ގޮނޑީގައި އިށީނދެވުނެވެ. މޭޒުމަގައި އުޅަނބޮޑިކޮޅު ވިއްދައިލަމުން ދެއަތުގެ ތެރޭގައި މޫނު ފޮރުވައިލެވުނެވެ. ހިތްހަމަނުޖެހިފައިވިއަސް އެއަށްވުރެ އެހިތަށް ކުރަމުންދިޔަ އަަސަރު މާބޮޑެވެ. ހިތުޖެހިފައި ޝަޔަމްއަށް ރޮވެންފެށިއެވެ. ހަޔާތުގައި ފުރަތަަމަ ފަހަރަށް ބޭނުންވި އެއްޗެއް ނުލިބި އަތުން ބީވުމުން އެކަމާއި ކުރިމަތިލާނެގޮތެއް އޭނާއަކަށް ނުވިސްނުނެވެ. މިވަގުތު އޭނާ ހުރީ މީހެއްގެ އެހީއަށް ބޭނުންވެފައެވެ. ނަމަވެސް އޮފީސްވަގުތު ގެއަށްދާން ބޭނުން ނުވުމުން ހިތްވަރުކޮށްފައި ދުވަހުގެ މަސައްކަތްތަކާއިވެގެން ކުރިއަށް ދިއުމަށް ޝަޔަމް އުޅެގަތެވެ. މަސައްކަތުގައި މަޝްއޫލުވުމުން ފަހަރުގައި އެހިތަށް ހެރެމުންދިތަ ތޫނު ކަށިތަކުން ހިނދުކޮޅަކަށްވިއަސް ސަލާމަތްވެވިދާނޭ ހިތައެވެ.

ހަވީރުގެ ވަގުތު އޮފީސް ނިންމައިލުމަށްފަހު އޮފީސް ތަޅުލަމުން ޝަޔަމް ނުކުތްއިރު އާދިލް ކާރުގައި ޝަޔަމްގެ އިންތިޒާރުގައި އިނެވެ. މަޑުހިނގުމެއްގައި އައިސް ޝަޔަމް ކާރަށް އަރަން ފަހަތު ދޮރު ހުޅުވައިލިއިރު ޖެހިގެންއިން ސީޓުގައި ފޯނާއި ކުޅެންއިން ޖިޔާފެނި ހުއްޓުންއަރާގޮތްވިއެވެ. އެއްވެސް އެއްޗެއް ބުނުމެއްނެތި ޝަޔަމް ކާރަށް އަރައި ހަމަޖެހިލުމާއެކު އާދިލް ކާރު ދުއްވައިލިއެވެ.

“ރޯމިއޯ އެންޑް ޖޫލިއެޓްއަށް އަނެއްކާ ކިހިނެއްވެގެން މިއުޅެނީ؟ އަޑުއެހިން ރޯމިއޯ އޮފީހުން ކެނޑުނު ވާހަކަ.. އަނެއްކާ.. ދެމީހުން ދެމެދު މައްސަލައެއް ޖެހުނީތަ؟” އަތުގެ ނިޔަފަތިތައް ރީތިކޮށްލަމުން ޖިޔާ މަލާމާތްކޮށްލިއެވެ. ޖިޔާގެ ވާހަކަތައްހުރިގޮތުން ޝަޔަމް ދެފަރާތަށް ބޯހޫރުވައިލަމުން ސީޓުގައި ހަމަޖެހިލައި ދެލޯމަރައިލިއެވެ. މިވަގުތު ޖިޔާ އާއި އެއްވެސް ބޭކާރު ވާހަކަތަކެއް ދައްކާކަށް ޝަޔަމްގެ އެއްވެސް މޫޑެއްނެތެވެ.

“ޝަޔަމް ނުބުންޏަސް އަހަރެންނަށް ހުރިހައިކަމެއްވެސް އެނގޭ.. ހަހަ.. މޮޅުދޯ އަހަރެން.. ކުރިންވެސް ބުނީމެއްނު ނުހައިކް އެއީ ރަނގަޅުމީހެއް ނޫނޭ.. ޝަޔަމް ހީކުރާކަހަލަ މާތްމީހެއް ނޫނޭ.. އަހަރެންނަަށް އޭރުވެސް އެނގޭ ތިހެންކަންވާނީ.. އެހެންވެއޭ އަހަރެން ކުރިންވެސް ޝަޔަމް ގާތު އެހެންބުނީ..” ޖިޔާ ދައްކަމުންދިޔަ ވާހަކަތަކުން ޝަޔަމްއަށް އުނދަގޫވަމުން ދިޔައެވެ. ނިތަށް ރޫއަރުވައިލަމުން ދެލޯ ހުޅުވައިލުމަަށްފަހު ޝަޔަމް ޖިޔާއަށް ބަލައިލިއެވެ.

“ޝަޓް ޔޯ ޑިސްގަސްޓިންގް މައުތް ޖިޔާ.. އަހަރެން ނޫޅެން ޖިޔާގެ ތި ކޫސަނި ވާހަކަތައް އަޑުއަހާ ހިތުންނެއް.. އަހަރެންގެ ވަގުތުތައް އެއަށްވުރެ މާ އަގުބޮޑު.. އެެހެންވީމަ ތިބޭކާރު ވާހަކަތައް ނުދައްކާ އަނގަމަޑުންލައިގެން އިނދޭ..” ހިތްހަމަނުޖެހިފައި ޝަޔަމް ބުނެލިގޮތުން ޖިޔާގެ މޫނަށް ޖައްސައިލި ވައްތަރު އާދިލް އަށް ފެނުނެވެ. އޭނާގެ ތުންފަތުގައިވެސް ހިނިތުންވުމެއް ދުވެލީ ޝަޔަމްގެ ވާހަކަތަކުން ޖިޔާއަށްވީގޮތް ފެނިފައެވެ.

“ހުއް.. ކަލެއަަށް ތިވީ ހަމަ ވާންވީގޮތް.. ތިދެމީހުންނަށް ދުވަހަކުވެސް އެކުގައެއް ނޫޅެވޭނެ.. ކަލެއަށް ދުވަހަކުވެސް ނުހައިކް އެއް ނުލިބޭނެ..” ރުޅިވެރިކަމާއެކު ޖިޔާ ހަޅޭލަވައިގަތެވެ.

“އެއީ ޖިޔާގެ އަތްމަތީގަ އޮންނަ ކަމެއްނޫން.. ޖިޔާ ނިންމަންޖެހޭ ނިންމުމެއްވެސް ނޫން.. ކަލެއަކަަށްނޫން އެނގޭނީ ކާކަށް ކާކުކަމެއް ލިބެންޖެހޭނީ.. އެއީ ކަލެއަަށްވުރެ މާ ބާރުގަދަ ފަރާތަކުން ނިންމަވާ ނިންމެވުމެއް.. އެހެންވީމަ ކަލޭގެ ދުލުން ތިބޭރުކުރާ ބަަސްތަކުން އަހަރެންގެ ހިތަަށް ކުޑަވެސް އަސަރެއް ކުރާނޭ ހީނުކުރާތި.. އެއަށްވުރެ ބޮޑަށް އަހަރެންގެ ވެެރިރަސްކަލާނގެއަށް އަހަރެން އިތުބާރުކުރަން.. މިއީ އަހަރެންނަށް ކުރިމަތިކުރެއްވި އިމްތިހާނެއް.. އަހަރެންނަށް އޮތީ ކެތްތެރިވުން.. އިރާދަކުރެއްވިއްޔާ އަހަރެންގެ ތަގުދީރުގަ އަހަރެންނަށް ލިބެންއޮތް އެއްޗެއް އެއްވެސް މީހަކަށް ނިގުޅައެއް ނުގަނެވޭނެ.. ނުހައިކްގެ ނަން ލިޔުއްވަައިފައިވަނީ އަހަރެންނަށްކަމަށްވާނަމަ އިރާދަފުޅުން ނުހައިކް ލިބޭނީވެސް އަހަރެންނަށް.. ޖިޔާ ހުރޭ ތިއަނގަގަނޑު މައިތިރިކޮށްގެން ބަލަން..” ގެ ކައިރިއަށް ކާރު މަޑުކޮށްލުމާއެކު ޖިޔާއަށް ބަލައިލުމެއްނެތި ޝަޔަމް ކާރުން ފޭބިއެވެ. އަދި ކޮނޑުގައި އަޅުވައިލަައިފައިއޮތް ދަބަސް ރަނގަޅުކޮށްލަމުން އަވަސް ހިނގުމެއްގައި ގޮސް ގެއަށްވަނެވެ. ޝަޔަމްގެ ވާހަތައްހުރިގޮތުން ޖިޔާގެ ލޭކެކިގަތެވެ. ދަތްކުނޑިވިކައިލަމުން ކުރިމަތީގައިހުރި ސީޓުގައި ފައިން ޖެހިއެވެ. ސިހިފައި އާދިލް ބަލައިލުމާއެކު ކަޅިއަޅައިލަމުން އޭނާ އާއި ދިމާއަށްވެސް ހަޑިހުތުރު ބަސްތަކެއް ބުނެލަމުން ޖިޔާ ކާރުން ފޭބިއެވެ.

*****
ޖެހިގެންއައި ހަފުތާގައި ޝަޔަމް ބުރަކޮށްލައިގެން އުޅުނީ ނުހައިކްގެ މަގާމާއި އޮފީހުގެ އެހެންވެސް މަގާމުތަކަށް މީހުން ހަމަޖެއްސުމުގައެވެ. އޭނާއަށް އިތުބާރުކުރެވޭފަދަ މީހުން އެކި މަގާމަށް ނެގިއެވެ.

ފުރާދުވަސް އައިސް ޖެހުނުއިރު އޮފީހުގައި ހަމަޖައްސަންޖެހޭ ހުރިހައިކަމެއް ޝަޔަމް ނިންމައިލިއެވެ. ނުހައިކްއަށްފަހު އޭނާއަށް އެންމެ އިތުބާރުކުރެވޭ މީހަކީ ހިޔާމްކަމުން އެތަނުގެ ހުރިހައިކަމެއް ބެލެހެއްޓުން އޭނާ ހަވާލުކުރީ ހިޔާމް އާއިއެވެ.

އޭނާގެ ހަޔާތަށްއައި ކޮޅިގަނޑު މުހުސިނާއާއި ހިއްސާކޮށްލެވުމުން ޝަޔަމްގެ ހިތަށްވަނީ ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިފައެވެ. މުހުސިނާގެ ހިތްވަރުދިނުމުގެ ބަސްތަކުން ޝަޔަމްއަށް ވަނީ ދިރިއުޅުމާއިގެން ކުރިއަށް ދިއުމަށް އައު ހިތްވަރެއް ލިބިފައެވެ. ހިތަަށް ތަދުވި ނަމަވެސް ބަލިކަށިވެ ހިތްވަރުއެލުވައިލާކަށް ޝަޔަމް ބޭނުމެއްނުވެއެވެ.

ޝަޔަމް ފުރުވުމަށްޓަކައި މުހުސިނާވެސް އެއަރޕޯޓަަށް އައެވެ. މާމަ ދަރިފުޅު ކުރަމުންދިޔަ ހިތާމަތަކުން މުހުސިނާގެ ހިތަަށްވެސްވަނީ މާޔޫސްކަން ވެރިވެފައެވެ. ޗެކިންއަށްފަހު އެއަރޕޯޓުގައި ތިބިއިރުވެސް ދޭތެރެދޭތެރެއިން ޝަޔަމްއަށް ހިތްވަރުގެ ބަސްތައްބުނެ އޭނާގެ އުއްމީދު އައުވާނެފަދަ ވާހަކަތައް މުހުސިނާ ދެއްކިއެވެ. މާމަގެ ވާހަކަތަކަށް ފަނޑުގޮތަކަށް ހިނިތުންވެލުން ފިޔަވައި އެއްވެސް ބަހެއް ޝަޔަމްގެ ދުލުންނެއް ބޭރެއް ނުވެއެވެ. ދޭތެރެ ދޭތެރެއިން މީހުން ވަދެނުކުމެ ހަދަމުންދިޔަ ދޮރާއި ދިމާއަށް ޝަޔަމްގެ ނަޒަރު ހުއްޓެއެވެ. ނުހައިކް ނާނާނެކަން އެނގުނަސް އޭނާއަަށް އުއްމީދުކުރެވެމުން ދިޔައެވެ. ހަމަ ކޮންމެ ވަގުތަކުވެސް ނުހައިކް އައިސް އޭނާ ގާތުގައި ނުދިއުމަށް ބުނެފާނޭ ހީވަނީއެވެ. އެކަމަށް އޭނާގެ މުޅި ހިތާއި ރޫހުވެސް އެދެމުންދިޔައީ ކެތްކުރަންދަތިވާ ވަރަށެވެ.

ބޯރޑިންގްއަށް ގޮވައިލުމާއެކު ފުންނޭވާއެއްލަމުން ޝަޔަމްއަށް އިސްޖަހައިލެވުނެވެ. އުުއްމީދު ފުނޑުފުނޑުވެ ހިތްހަލާކުވެފައިވާހާލު އޭނާ އެތަނުން ދިއުމަށް މިސްރާބުޖެހިއިރު އެހިތުގައިވީ އެންމެފަހުން އޭނާ ފުރުވަން ނުހައިކް އައި ދުވަހުގެ ފޮނި ހަނދާންތަކެވެ. އެހަނދާންތަކުން އަމިއްލަ ހިތް ޒަޚަމްވަމުންދިޔައިރު އެދެލޮލުން ހިތަަށްކުރަމުންދިޔަ ފުން އަސަރު އެއްވެސް ފޮރުވުމެއްނެތި ފައުޅުވަމުން ދިޔައެވެ. ބޯރޑިންގްއަށް ވަދުމުގެކުރިން އަނެއްކާވެސް ޝަޔަމްއަަށް ވަށައިގެން ހޯދައިލެވުނެވެ. ނުހައިކްގެ ކުޑަވެސް އަސަރެއް ފެންނަންނެތުމުން ތުންފިއްތައިލެވުނެވެ. ހިނިތުންވެފައި އޭނާއަަށް ބަލަންހުރި މުހުސިނާއަަށް ހަނާއަޅައިލަމުން ޝަޔަމް އެތެރެއަށްވަނެވެ.

ފްލައިޓްގެ ގޮނޑީގައި އިނށީނުމަަށްފަހު ކުޑަދޮރުގައި ޝަޔަމް ބޯޖައްސައިލިއެވެ. ވަށައިގެން ހިނގަމުންދިޔަ އެއްވެސް ކަމަކަަށް ޝަޔަމްގެ ޝައުގެއްނެތްކަހަލައެވެ. ފުންޚިޔާލަކަށް ގެނބިފައިއިނދެ ލޮލުގެ ހިމަކޮޅުން ވެއްޓުނުކަރުނަތިކި އޭނާ ފުހެލިއެވެ.

ބާރު ސްޕީޑްގައި ޕްލައިޓް މައްޗަަށް އަރަމުންދިޔަވަރަކަށް ތިރިން ފެންނަމުންދިޔަ މަންޒަރުތައް ކަނިވަމުންދިޔައެވެ. ކުޑަދޮރުގެ ބޭނުން ފެންނަމުންދިޔަ މަންޒަރަށް ގެއްލިފައިއިނދެ ކުޑަދޮރުގެ ބިއްލޫރިގަނޑުގައި ޝަޔަމް އަތްޖައްސައިލިއެވެ.

“ގުޑް ބާއި.. އަހަރެން ވަރަަށް ލޯބިވޭ.. އަބަދުވެސް ލޯބިވާނީ ނުހައިކް ދެކެ.. އިންތިޒާރުކުރާނަން.. ކޮންމެވެސް ދުވަހަކުން ތިލޯބިލިބޭނެކަމަށް..” މަޑު އާހެއްގެ އަޑު ޝަޔަމްގެ ތުންފަތް ފޫއަޅުވައިލައިފައި ނުކުތީ އެހިތުގެ ހާލު ބަޔާންކޮށްދެމުންނެވެ. މެރިގެންދިިޔަ ދެލޮލުގެ ތެރެއިން ކަރުނައިގެ މުތީތަަށް އޮހިގަތީ އިތުރަށް އެކަރުނަތައް ހިފެހެެއްޓުމަށް އެސްފިޔަތަަށް ނުކުޅެދުމުންނެވެ.

އެއަރޕޯޓުގެ ބޭރުގައި އެއްފަރާތު ޕާރކްކޮށްފައިއޮތް ޓެކްސީއެއްގެ ކައިރީ ހުއްޓިލައިގެން ނުހައިކްހުރީ ދެންމެ ނައްޓައިލި ފްލައިޓަށް ނަޒަރު ހުއްޓައިލައިގެންނެވެ. ވާހަކައިގެ ތެރެއިން ހިޔާމްގެ ފަރާތުން ނުހައިކްވަނީ ޝަޔަމް ފުރަން ނިންމައިފައިއޮތް ފްލައިޓްގެ މައުލޫމާތު ހޯދައިފައެވެ. ޝަޔަމްއާއި ބައްދަލު ނުކުރިއެއްކަމަކު އެތަނަށް ނުހައިކް އައީ އެންމެފަހު ވަގުތުވެސް ޝަޔަމްގެ ގާތުގައިވުމަށް އޭނާގެ ހިތް އެދުނުވަރުންނެވެ.

ކަނިވަމުންދިޔަ ފްލައިޓަށް ބަލަހައްޓައިގެންހުރިއިރު ޝަޔަމްގެ ރައްކައުތެރިކަމަށް އެދި ނުހައިކްއަށް ދުޢާކޮށްލެވުނެވެ. އަދި ކޮންމެވެސް ގޮތަކުން ހުރިހައި ހަގީގަތެއް ޝަޔަމްއަށް ހާމަވުމަށް އޭނާގެހިތް އެދުނެވެ. ލޯކުރިމަތިން ފްލައިޓް ގެއްލުމާއެކު ފުންނޭވާއެއްލަމުން ނުހައިކް އިސްޖަހައިލިއެވެ. އެހިނދު އަނބުރައި ޝަޔަމް އޭނާގެ ހަޔާތަށް ގެނެސްދެއްވުންއެދި ތަކުރާރުކޮށް ނުހައިކްއަށް ދުޢާކޮށްލެވުނެވެ. އެދުވަހަކާއި ޖެހެންދެން ކޮންމެ ހާލެއްގައި ނަމަވެސް އިންތިޒާރުކުރަން ނުހައިކް ނިންމިއެވެ.

*****
ޝަޔަމް ގޭތެރެއަށް ވަދެގެން އައިއިރު ސޯފާގައި ފައިލެއް ހުޅުވައިލައިގެން ލިޔުންތަކެއްބަލަން އަޒްހަރު އިނެވެ. ސާރާ އޭނާގެ ހައްޔަރުން ދޫކޮށްލުމަށްފަހު ދެދުވަސްތެރޭ ފުރައިގެން އަޒްހަރު އެނބުރިއައީ މާލޭގައި އުޅެނިކޮށް ޝަޔަމްއަށް އޭނާ ފެނިދާނެތީއެވެ. ދާދި ގާތުން އިވުނު ފިޔަވަޅުތަކެއްގެ އަޑުން އިސްއުފުލައިލައި އަޒްހަރު ބަލައިލިއެވެ. މާޔޫސްކަން ފައުޅުވަމުންދިޔަ ޝަޔަމްގެ މޫނު ފެނުމުން އަޒްހަރުގެ ތުންފަތުގައި ކާމިޔާބީގެ ވިހަ ހިނިތުންވުމެއް ދުވެލިއެވެ.

“ދަރިފުޅާ.. ހާދަ އަވަހަކަށް އެނބުރި ތިއައީ.. އޮފީހުގެ ކަންކަން ރަނގަޅުތަ؟” ފައިލު މޭޒުމަތީގައި ބާއްވަމުން އަޒްހަރު އަހައިލިއެވެ. މަޑުމަަޑުން ޝަޔަމް ބޯޖަހައިލިއެވެ.

“އާދޭ ބައްޕަ ގާތު މިތަނުގަ އިނށީދެލަން.. ކިހިނެއްވެފަތަ ދަރިފުޅު ތިހުރީ..؟ ހީވަނީ އެތައްްދުވަހަކު ބަލިއެނދުގަ އޮވެފަ ތެދުވެ އުޅޭ މީހެއްހެން.. މުޅި މޫނުމަތިވެސް މިލާފައެއްނު ތިހުރީ.. ތީ އެހެންނާ ދަރިފުޅު ހުންނަގޮތެއްވެސް ނޫން..” އަޒްހަރު މަަަސައްކަތްކުރަމުންދިޔައީ ވީހައިވެސް އާދައިގެ ގޮތަކަށް ވާހަކަދެއްކުމަށެވެ. އޭނާގެ ވާހަތަކުން ޝަޔަމް އާއި މެދުގައި ކަންބޮޑުވެފައި އިންކަން ފައުޅުވަމުންދިޔައެވެ. އެހައި ދުވަސްފަހުން އަޒްހަރު އެމޭރުމުން ވާހަކަދެއްކުމުން ޝަޔަމްގެ ހިތަށް އިތުރަށް އަސަރުކުރިއެވެ. ދުވެފައި އައިސް ތިރީގައި އިނށީނަމުން އަޒްހަރުގެ އުނގުގައި ބޯއަޅައިލިއެވެ. އެއާއެކު ހުރިހައިއިރު ހިތުތެރޭގައި ފޮރުވައިގެންހުރި އުދާސްތައް ބޭރުކޮށްލުމަށް އޭނާގެ ނަފުސު އެދުނެވެ. ބާރަށް ރޮއެގަންނަމުން އަޒްހަަރުގެ އުނަގަނޑުގައި ވަށައިލެވިފައިވި ދެއަތް ޝަޔަމް ބާރުކޮށްލިއެވެ.

“ބައްޕާ… ނުހައިކް.. އަޅުގަނޑު ދޫކޮށްލައިފި..” އަޒްހަރު އެގުޅުމަށް ނުގަބޫލުކަން އެނގޭއިރުވެސް ހިތުގެ ހާލު ޝަޔަމްއަށް އަޒްހަރުގެ ކުރިމަތީގައި ބަޔާންކޮށްލެވުނެވެ. އަޒްހަރުގެ ގާތްކަމަށް އޭނާ ބޭނުންވެފައިވީ ވަރުންނެވެ. އެހިތުގަައި އަޅަމުންދިޔަ ވޭން ޝަޔަމްގެ ގިސްލުމުން އެކަނިވެސް ހާމަވަމުންދިޔައެވެ. ޝަޔަމްގެ މިކުއްލި ހަރަކާތުން ބުނާނެ އެއްޗެއް ނޭނގި ގުޑިލަންވެސް ނުކެރިފައި އަޒްހަރު އިންއިރު އެވޭނީ ގިސްލުން އޭނާގެ ކަންފަތްދޮށުގައި ގުގުމަމުން ދިޔައީ ހިނދުކޮޅަކަށްވިއަސް އޭނާގެ ސިކުނޑީގެ ބާރު ދަށްކޮށްލަމުންނެވެ. ޝަޔަމް ކޮންމެ ގޮތަކަަށް ބަދަލުވި ނަމަވެސް އޭނާ ޝަޔަމްދެކެ ލޯބިވެއެވެ. ހުރި ހަމައެކަނި ދަރިއަށްވީއިރު އޭނާގެ ނަޒަރުގައި އޭނާ ކުރި ކޮންމެ ކަމެއްކުރީ ޝަޔަމްއަށް ރަނގަޅަކަށެވެ. އެހެނަސް އެހިނދުކޮޅު ޝަޔަމްގެ ގިސްލުންއިވި އޭނާގެ ސިކުނޑީގެ މައްޗަށް ހިތް ގަދަވެގަންނަން މަސައްކަތްކުރަމުންދިޔަ ކަހަލައެވެ. ދެފަރާތަށް ބޯހޫރުވައިލަމުން އުނގުގައި ބޯއަޅައިގެންއޮތް ޝަޔަމްއަށް އޭނާއަށް ބަލައިލެވުނެވެ.

“ތިކަމާ ދަރިފުޅު ހަގީގަތުގަ އުފާކުރަންވީ.. ކިހައިރަނގަޅަށް ތިވީ.. ބައްޕަ އޭރުވެސް ބުނީމެއްނު ހަޔާތުގެ ބައިވެރިޔާއަށް ނަގަންވާނި ތިމާއާއި އެއްފަންތިއެއްގެ މީހެކޭ.. އޭރަށް ތިކަހަލަ ކަމެއް ދިމައެއްނުވާނެ.. އޭރުވެސް ދަރިފުޅު ބައްޕަގެ ވާހަކަ އަޑުއެހިނަމަ.. ނުހައިކް އެއީ ދަރިފުޅާ އެއްގޮތަކަށްވެސް އެކަށީގެންވާ މީހެއްނޫން..” ޝަޔަމް ގަޔާއި ދުރުކޮށްލަމުން އެދެލޮލުން އޮހޮރެމުންދިޔަ ކަރުނަތަށް އަޒްހަރު ފުހެލައިދިނެވެ. އަޒްހަރުގެ ވާހަޖަތަކަށްދޭނެ ރައްދެއް ޝަޔަމްއަށް ނުވިސްނުމުން ނޯށްދަމައިލަމުން މަޑުމަޑުން ބޯޖަހައިލިއެވެ.

“އެކަމަކު.. އަޅުގަނޑު.. ވަރަށް ލޯބިވޭ..” އިސްޖެހިފައިން ޝަޔަމް ބުނެލިއަޑަށް އަޒްހަރުގެ ނިތަށް ރޫއަރައިގެން ދިޔައެވެ. “ދިރުއުޅުމަށް ހަމައެކަނި ލޯބިވެގެން ނުފުދޭނެ..” ބޭނުންނުވިއަސް އަޒްހަރުގެ އަޑުގައި ހިތްހަމަނުޖެހުން އެކުލެވިގެންދިޔައެވެ. އިރުކޮޅަކު އަޒްހަރަށް ބަލަން އިނުމަށްފަހު އިންތަނުން ތެދުވަމުން ކޮޓަރިއަށް ދިއުމަށް ޝަޔަމް ހިނގައިގަތެވެ. އެވަގުތު އަޒްހަރު އޭނާއަށް ގޮވައިލި އަޑު އިވިފައި ހުއްޓި ޝަޔަމް ބަލައިލިއެވެ.

“ބައްޕަބުނީ.. ދަރިފުޅު ތިގެނައި ބަދަލެެއް އަމިއްލަ ނަފުސަށް ގެނައީ ނުހައިކްގެ ހިތް ރުއްސާކަށްނު.. އެކަމަކުވެސް އޭނަ އެވަރު ނުދަތެއްނު.. އެހެންވީމަ.. ދެން ތިބުރުގާ ނަގައި ތިގޮތަށް ހެދުންއެޅުން ހުއްޓައިލަންވީނު..” ސީރިއަސްކަމާއެކު ޝަޔަމްއަށް ބަލަހައްޓައިގެންއިނދެ އަޒްހަރު ބުނެލިއެވެ. އެވާހަކަތަކުން ޝަޔަމްއަށް ސިހުން ގެނުވިއެވެ. ހިނދުކޮޅެއްކުރިން އަޒްހަރުގެ ފަރާތުން ފެނުނު އޯގާތެރިކަން އެއަޑުން ނެތިގޮއްސިއެވެ.

ފުންކޮށް ދެތިން ނޭވައިލަމުން އަމިއްލަ ނަފުސު ހިޞާރުކުރަމުންދިޔަ ރުޅިވެރިކަން މަތަކުރުމަށް ޝަޔަމް މަސައްކަތްކުރިއެވެ. އެހެނަސް އޭނާއަށް އޭނާއަށް ކާމިޔާބެއްނުވިއެވެ. “އަޅުގަނޑު ބަދަލުވީ ވަކި ނުހައިކްއަށްޓަކައެއްނޫން.. މިއީ އަޅުގަނޑުގެ އަމިއްލަ ނަފުސަށްޓަކައިކުރި ކަމެއް.. ދުވަހަކުވެސް އެކަކު ބުންޏަސް އިންޝާ ﷲ އަހަރެން މިބުރުގަލެއް ނުނަގާނަން.. އަދި މިގޮތަށް ހެދުން އެޅުމެއްވެސް ނުހުއްޓާނަން..” ޝަޔަމްގެ ވާހަކަހުރިގޮތުން އަަޒްހަރުވެސް ރުޅިއަންނަގޮތް ވިއެވެ. ހިތްހަމަނުޖެހިފައި އިންތަނުން އޭނާ ތެދުވިއެވެ.

“އަހަރެން ރީތިކޮށް ބުނީމަ ބުނާ އެއްޗެއް ކަލެއަށް އަޑުނީވެނީތަ؟” ޝަޔަމް އާއި ދިމާއަށް ފިޔަވަޅެއް އަޅައިލަމުން ހަރުއަޑުން އަޒްހަރު ބުނެލިއެވެ. އެދިމާއަށްއައި ސައިނާއަށް އެއަޑުއިވުމުން ހައިރާންވެފައި ހިނގުންބާރުކޮށްލީ ވެގެންއުޅޭގޮތެއް ބަލައިލުމުގެ ނިޔަތުގައެވެ. އެއްފަރާތުގައި ރޮވިފައިހުރި ޝަޔަމްއާއި އޭނާއަށް ބަލަހައްޓައިގެން ރުޅިގަދަވެފައިހުރި އަޒްހަރުފެނި ސައިނާ ސުވާލުއުފެދޭގޮތްވިއެވެ. ޝަޔަމް އައީ ކޮންއިރަކުކަމެއްވެސް ނޭނގެއެވެ. ނަމަވެސް ދެމީހުންގެ މޫނުމަތިންވެސް ފައުޅުވަމުންދިޔަ ކުލަވަރުން އޭނާއަށް ނޭނގި އެތަނުގައި ބޮޑުކަންތައްގަނޑެއް ހިނގައިފިކަން ސައިނާގެ ހިތްބުނެލިއެވެ.

ސައިނާ ފެނުމާއެކު އަޒްހަރުގެ ރުޅިވެރި ނަޒަރު އޭނާއަށް އަމާޒުވިއެވެ. “ކަލޭގެ މިހުރި ދަރިއަށް ވިސްނައިދީބަލަ.. އަހަރެން މިހާރު ބޯގޮވާވަރު ވެއްޖެ.. އެފާޑަށް ހެދުންއަޅައިގެން ހުއްޓައި އެކަކުވެސް އޭނާއާއި ކައިވެނިކުރާކަށް ނުރުހޭނެ.. ހީވަނީ އެހެންމީހުންގެ ކުރިމަތީގައި އަހަރެމެންގެ ޤަދަރު ނުވެއްޓިގެންތެޅޭ މީހެއްހެން..” ދަތްކުނޑިވިކައިލަމުން އަޒްހަރު ސައިނާއާއި ދިމާއަށް ހަޅޭއްލަވައިގަތެވެ.

“ތީގަ އަހަރެން ކީއްތަކުރާނީ؟ ބޮޑުވެފައިހުރި އަންހެންދަރިއެއްގެ ގަޔަށް ބޮލަށް އަހަރެންނަށް އެރޭތަ؟” އަޒްހަރުގެ ރާގުހުރިގޮތުން ސައިނާވެސް ހިތްހަމަނުޖެހޭގޮތްވިއެވެ.

“އަހަރެން އަދި ބޭނުމެއްނޫން ކައިވެންޏެއްކުރާކަށް..” ދެމީހުނަށް ވަކިވަކިން ބަލައިލަމުން އެހެން ބުނެލުމަށްފަހު އެތަނުން ދިއުމަށް ޝަޔަމް ދުއްވައިގަތެވެ. އެއްދިމާއަކުންވެސް އޭނާއަށް ހަމަޖެހުމެއްނެތީ ހެއްޔެވެ؟ މިހާރަކަށް އައިސް އަޒްހަރުގެ އަމަލުތައްް ހުންނަގޮތުން ޝަޔަމްގެ ހިތަށް ހާދަ އަސަރެއްކުރެއެވެ. އެއީ އެންމެ ކުޑަދުވަހުން ފެށިގެން އޭނާދެކެ އިންތިހާއަށް ލޯބިވި ބައްޕަ ބާއޭވެސް ހިތަށް އަރައެވެ.

“ތާހިރެއްނު.. އާން ހުރޭ އުމުރު ހުސްވެ މުސްކުޅިވަންދެން ކައިވެނިނުކޮށް.. އެކަމަކު ތިގޮތަށް ކިތަންމެ ދުވަހަކު ހުއްޓަސް ނުހައިކްއެއް ނާންނާނެ ކަލޭ ހޯދާކަށް..” އަޑުގެ ކޮޅަަށް އަޒްހަރު ހަޅޭއްލަވައިގަތެވެ. އެއަޑު ސާފުކޮށް ޝަޔަމްއަށް އިވުނެވެ. ދެލޯމަރައި ބާރުކޮށްލެވުނީ ހިތަށް އަރައިގެންދިގަ ތަދަކުންނެވެ. އޭނާގެ ހާލު އެންމެ ބޮޑަށް އެނގެންބޭނުންވި ފަރާތްތަކަށް އެއިން އެއްވެސްކަމެއް އިހުސާސުނުކުރެވުނީތީ ޝަޔަމްގެ ހިތުގައިޖެހުނެވެ. ކޮޓަރިއާއި ހަމައަށް އާދެވުމާއެކު އަވަސްއަވަހަށް ކޮޓަރިއަށްވަދެ ދޮރުޖަހަމުން ޝަޔަމް އައިސް އެނދުމައްޗަށް ވެއްޓިގަތެވެ.

ހިތްހަމަނުޖެހިފައި އަޒްހަރަށް ބަލައިލަމުން ސައިނާވެސް ޝަޔަމްގެ ފަހަތުން ދިއުމަށް ހިނގައިގަތެވެ. ކިތަންމެ ރުޅިއެއްއަޔަސް އެފަދައިން ޝަޔަމް ހިތާމަކުރާތަން ބަލަންހުންނާކަށް އޭނާއަށް ކެތެެއްނުވެއެވެ. ކޮންމެވެސް އެއްޗެއްކިޔައި ޝަޔަމް ހިތްހަމަޖައްސައިލުމުގެ ނިޔަތުގައި އޭނާއައިސް ޓަކިޖަހައިލަމުން މަޑުމަޑުން އެކޮޓަރީގެ ދޮރުހުޅުވައިލިއެވެ. އެހިނދު ރޮމުން ގިސްލަމުންދިޔަ ހާލު ނަމާދަށް އަރައިހުރި ޝަޔަމްފެނި ދެލޯބޮޑުކޮށްލަމުން އަވަސް އަވަހަށް ސައިނާ ދޮރުލައްޕައިލިއެވެ. ލަސްހަރަކާތަކާއެކު ދޮރުގައިލެގިލަމުން އޭނާއަށް މަޑުމަޑުން މޭގައި ފިރުމައިލެވުނެވެ. ޝަޔަމް ނަމާދުކުރަމުންދިޔަތަންފެނި އޭނާއަށް އެކުރެވުނު އިހުސާސު ބަޔާންކުރަން ޚުދު އޭނާވެސް ނުކުޅެދުނެވެ. މުޅިހަށިގަނޑަށް އަރައިގެންދިޔަ ފިނިގަނޑާއެކު ގުޑިލަންވެސް ނޭނގިފައި އިރުކޮޅަކު ސައިނާއަށް ހުރެވުނެވެ. ދެލޯމަރައި ފުންނޭވައެއް ދޫކޮށްލަމުން މީހާ ހަމަޖެހިލުމަށްފަހު ލަސްލަހުން އެތަނުން ދިއުމަށް ސައިނާ ހިނގައިތެވެ.

ހިތަށް ކުރަމުންދިޔަ ވޭނުން ކެތްނުވެގެން އެންމެފަހުން ވުޟޫކޮށްލުމަށްފަހު ޝަޔަމް ނަމާދަށްއެރީ އެހިތުގެ ހާލު އޭނާގެ ވެރިރައްބު ފިޔަވައި އެހެން އެއްވެސްފަރާތަކަށް އިހުސާސުނުވާނެކަން އެނގުމުންނެވެ. ޚުދު އޭނާ ލޯބިން ބަލައިބޮޑުކުރި މައިންބަފައިންގެ ފަރާތުންވެސް ފެނުނީ ނުރުހުމާއި ދުރުކަމެވެ. އެންމެ ބޭނުންވި ދުވަހު އެމީހުންވެސް އޭނާއަށްކުރީ މަލާމާތާއި ފުރައްސާރައެވެ. ކޮންފަދަ ނާއިންސާފުވެރި ދުނިޔެއެއް ހެއްޔެވެ؟ ލޮލުން ފައިބަމުންދިޔަ ވޭނީ ކަރުނަތަކާއެކު ދެއަތް އުފުލައިލަމުން އެހިތުގެ ކޮންމެ އެދުމެއް ފުއްދަވައިދެންވުންއެދި ޝަޔަމް ދުޢާކުރަން ފެށިއެވެ.

*****
ދުވަސްތައް އޭގެ ހަލުވިމިނުގައި ފާއިތުވަމުން ދިޔައެވެ. ހަޔާތަށް އައިސްފައިވި ބޮޑު ތޫފާނުން އަރައިގަންނާނެގޮތެއް ނޭނގި މާޔޫސްވެފައި ނުހައިކް ދިރިއުޅުމާއިގެން ކުރިއަށްދިޔުމަށް މަސައްކަތްކުރަމުން ދިޔައެވެ. ދެލޮލުގައި ނުފިލާ ރިހުމެއް އުފެދިފައިވީއިރު ހަޔާތުގެ ހުސްކަން އޭނާގެ ހިތަށް އުނދަގޫކުރަމުން ދިޔައެވެ. އެހެން އޮފީހަކުން ވަޒީފާއެއް ލިބުނު ނަމަވެސް ނުހައިކްގެ ހިތަށް އެއްވެސް ހަމަޖެހުމެއް ނުލިބެއެވެ. އަބަދު ޝަޔަމްގެ ޚިޔާލުތަކަށް ގެއްލި އޭނާގެ ހާލެއް އެނގޭހިތުން ކެތްމަދުވެފައި ހޭދަކުރެވޭ ވަގުތުތަށްވަނީ ގިނަވެފައެވެ. ކެއުން ބުއިމާއި ދުރުވެ ގިނަވަގުތު މަސައްކަތުގައި މަޝްއޫލުވެ އުޅުންވަނީ ނުހައިކްގެ އާދައަކަށް ވެފައެވެ.

ނުހައިކް އުޅެމުންދިޔަގޮތާއި މެދުގައި ސާރާގެ ފިކުރުވަނީ ބޮޑުވެފައެވެ. މޫނުމަތިން އަބަދުމެ ފައުޅުވާންހުންނަ މާޔޫސްކަން ސާރާގެ ހިތަށް އުނދަގޫކުރަމުން ދިޔައެވެ. ނުހައިކްގެ ހާލާއިމެދުގައި ކަންބޮޑުވެ އޭނާ ހިތާމަނުކުރާ އެންމެ ދުވަހެއްވެސް ނުދާނެއެވެ. ވީވަރަކުން ނުހައިކްއަށް ހިތްވަރުދީ އޭނާއަށްޓަކައި ހުރުމަށް ސާރާ މަސައްކަތްކުރެއެވެ. އަބަދުމެ ސާރާގެ ދުޢާތަކުގައި އޭނާގެ ދަރިފުޅުގެ ގެއްލިފައިވި އުފާވެރިކަން އަނބުރައި ގެނެސްދެއްވުން އެދެވެންފެށިއެވެ. ސާރާގެ ކުރިމަތީގައި ނުހައިކް ހަމަޖެހޭގޮތް ދެއްކި ނަމަވެސް ދަރިޔެއްގެ ހިތުގެ ހާލު މަޔަކަށް އޮޅޭނެހެއްޔެވެ؟ ހުރިހައިކަމެއްވެސް ރަނގަޅުވާނެކަމަށް އޭނާއަށް ކުރެވެނީ އުއްމީދެވެ. އެއުއްމީދުގައި ކުރިއަށް ދިއުމަށް އޭނާވެސް ހިތްވަރުކުރަމުންދިޔައީ ނުހައިކްގެ އަތުގައި ހިފައިގެންހުރެއެވެ.

*****

ދުވަސްތައް ހަފުތާތަކަށް، ހަފުތާތަށް މަސްތަކަށް ބަދަލުވަމުންދިޔައިރު ޝަޔަމްގެ ހާލުވެސް ނުހައިކްއާއި ވަކި ތަފާތެއް ނެތެވެ. ގިނަވަގުތު މަސައްކަތުގައި މަޝްއޫލުވެ އޭނާގެ ވަގުތުތައް އެގޮތުގައި ހޭދަކުރަމުން ދިޔައެވެ. އެކަނިވެއްޖެ ކޮންމެ ވަގުތެއްގައި ޝަޔަމްގެ ސިކުނޑީގައި ރަސްކަންކުރަމުން ދިޔައީ ނުހައިކްގެ ޚިޔާލުތަކެވެ. އެހިތާމަތަށް ހިތުން ފުހެލަން އުނދަގޫވެ ކަރުނައިގެ ކަނޑުގައި އޭނާ ޣަރަގުވެގެންދިޔަސް ހިތްވަރުގެ ބަހެއް ބުނެލާނެ މީހެއްވެސް ނުވެއެވެ. އަޒްހަރުގެ ފަރާތުން ދުރުކަން ފިޔަވައި ޝަޔަމްއަށް އެހެން އެއްވެސް އެއްޗެއް އިހުސާސެއްނުވެއެވެ. ޝަޔަމް ފެނިއްޖެ ކޮންމެ ވަގުތެއްގައި އޭނާ ހެދުންއަޅާ ގޮތާއި ބެހި މަލާމާތާއި ފުރައްސާރަކުރުންތައް އޭނާގެ ލޯބިވާ ބައްޕަގެ ފުށުން ތަހައްމަލުކުރަން އޭނާއަށްވަނީ ޖެހިފައެވެ. މުޅި ގޭތެރޭގެ އުފާވެެރިކަމާއި ހަމަޖެހުންވަނީ ގެއްލިފައެވެ. އަޒްހަރު ހުރީ ކޮންމެ ގޮތަކުންވިއަސް ޝަޔަމްގެ ބުރުގާ ބާލުވައި އޭނާގެ ކައިވެނި ގަދަކަމުންވިއަސް ކުރުވަން ބޭނުންވެފައެވެ. އަޒްހަރުގެ ގޮތުގައި އޭނާ ހިފަހައްޓަމުންދިޔައިރު ގޭގެ ނޯކަރުންގެ ފަރާތުންވެސް އަޒްހަރުގެ އަމަލުތަކާއިމެެދުގައި ނުރުހުން ފައުޅުކުރަމުން ދިޔައެވެ. އެހެނަސް އެނުރުހުންތެރިކަމާއި ޝަޔަމްއަށްޓަކައި ހަމްދަރުދީ ފައުޅުކުރަމުން ދިޔައީ ހަމައެކަނި އެމީހުންގެ މެދުގައެވެ. އިސްވެ އެއްޗެއް ބުނާކަށް ހަމަހިލާ އެކަކަށްވެސް ނުކެރެއެވެ.

މިހުރިހައިކަމެއް ގޭތެރޭގައި ހިނގަމުންދިޔައިރު ސައިނާގެ ފަރާތުން ފެންނަމުންދިޔައީ ހަމަހިމޭންކަމެވެ. އަޒްހަރުގެ އެއްވެސް އަމަލެއްގައި ސައިނާ އެއްބާރުލުން ނުދޭތީ އެކަމާއި އަޒްހަރުވަނީ ސައިނާދެކެވެސް ނުރުހިފައެވެ. އޭނާ ދެކޭގޮތުގައި ސައިނާއަށް ޝަޔަމްގެ ވިސްނުން ބަދަލުކުރެވެން ޖެހޭނެއެވެ. ނަމަވެސް ސައިނާ އެއްވެސް އެއްޗެއް ޝަޔަމްއާއި ދިމާއަށް ބުނާތީ އަޒްހަރު ނުދެކެއެވެ.

ޝަޔަމް ނަމާދުކުރިތަން ފެނުނު ދުވަހުންފެށިގެން ސައިނާގެ ނަފުސަށްވަނީ ނޭނގޭ އެތައްގޮތްތަކެއް ވެފައެވެ. ޝަޔަމްގެ އުޅުމާއި މެދުގައި ނުރުހުން ފައުޅުކޮށް ހިތްހަމަނުޖެހެން ބޭނުންވިއަސް އެކަމެއް އޭނާއަކަށް ނުވެއެވެ. އޭގެ ބަދަލުގައި ޝަޔަމް ގޭގައި ހޭދަކުރާ ވަގުތުތަކުގައި ސިއްރު ސިއްރުން އޭނާގެ އުޅުމަށް ސައިނާ ދިޔައީ ފާރަލަމުންނެވެ.

ގޭގެ ބަގީޗާތެރޭގައި އިނދެ ޝަޔަމް ޤުރުއާނުގެ މާތް ކަލިމަތަކާއި އޭގެ މާނަ ކިޔަމުންދާއިރު ޝަޔަމްއަށް ނުފެންނާނެހެންހުރެ އެއަޑު އެހުމުގައި ސައިނާ ވަގުތުތައް ހޭދަކުރެއެވެ. އޭނާއަށް އެފަދައިން ކަންތައްކުރެވެނީ ކީއްވެކަން ނޭނގުނަސް އެކަމުން އެހިތަށް ހަމަޖެހުން ލިބެމުންދިޔައެވެ. ގޭގައި އަޒްހަރު ނެތްވަގުތެއްނަމަ ޝަޔަމްގެ ކޮޓަރިން އަބަދު އިވިއިވި ހުންނަ ޤުރުއާނުގެ އަޑަށް އޭނާގެ ނަފުސުއާދަވަމުންދިޔައެވެ. ނޭނގުމުގެ ތެރޭގައިވެސް އެކަންކަމަށް އޭނާގެ ހިތްޖެހެމުންދިޔައެވެ. މުޅި ރޫޙަށް ލިއްބައިދޭ ހަމަޖެހުމުގައި ސިކުނޑީގެ ބުރަކަން ނެތިދެއެވެ.

އަޒްހަރު ގޭގައި ނެތްވަގުތެއްކަމުން ކޮޓަރީގައި ޚިޔާލަކަށް ގެއްލިފައި އެނދުގައި ސައިނާ އޮތެވެ. އެކިކަންކަމާއި މެދުގައި ފިކުރުހިންގެމުން ދިޔައިރު ޝަޔަމްގެ އަމަލުތަކުގެ ސަބަބުން ކުޑައިރު މުހުސިނާއާއި އެކުގައި ނަމާދުކުރި ދުވަސްތަކުގެ ހަނދާންތައް އާވަމުން ދިޔައެވެ. ނުވެސްދެނެ ހުއްޓައި ލޮލުގެ ހިމަކޮޅުން ކަރުނަތިއްކެތް ވެއްޓުނެވެ. އެދުވަސްތަކުގައި މުހުސިނާ އޭނާއަށްދީފައިވި އަގުހުރި ނަސޭހަތްތަކުގެ މަތިން ހަނދާންވިއެވެ. އެނަސޭހަތުގައި އޭނާއަށް ކޮޅުފައިންޖެހިއްޖެކަމުގެ ކުށްވެރި އިހުސާސުން އޭނާގެ ހިތަށް ތަދުވެގެންދިޔައެވެ. އެވާހަކަތަކުގެ ތެދުކަން މިއަދު އޭނާގެ ލޯބިވާ ދަރިފުޅު ހާމަކޮށްދީފިއެވެ. ހުރިހައި ހިތާމައެއް އެކަނިމައި އެކަނި އުފުލަމުންދިޔައިރުވެސް އެދަރިފުޅު ކެތްތެރިވަމުންދާގޮތްފެނި އޭނާ ހުރީ ހައިރާންވެފައެވެ. ދުލުން އުފްވެސް ބުނެލާތީ އޭނާއަޑެއް ނާހައެވެ. އެހެނަސް އެދަރިފުޅުގެ މޫނުމަތީގައި ނުފިލައިހުންނަ އެރިހުން އޭނާއަށް ފެނެއެވެ. އެކަނިހުރެ ޝަޔަމް ކުރަމުންދިޔަ ހިތާމަވެސް އޭނާއަށް ސިއްރުވެފައެއް ނެތެވެ. ދަރިފުޅަށްޓަކައި ފުރަތަމަ ފަހަރަށް އެހިތުގައި ރިއްސައިލިއެވެ. ޝަޔަމްގެ އުފާވެރިކަން އެހެން ހުރިހައިކަމެއްގެ މައްޗަށް އިސްވެގެންދިޔައެވެ. އެމޫނުމަތިން ގެއްލިފައިފި ދިރުމާއި ހިނިތުންވުން އަނބުރައި ގެނައުމަށް އޭނާގެ ހިތް އެދެން ފެށިއެވެ. 9 މަސްވަންދެން އެބަނޑުގައި ޝަޔަމް އުފުލީ އޭނާއެވެ. އެދަރިފުޅަށްޓަކައި އޭނާވި ގުރުބާނީވެސް އެންމެ ރަނގަޅަށް އެނގޭނީ ޚުދު އޭނާއަށެވެ. ވީއިރު މިއަދު އެދަރިފުޅު އެހައިބޮޑު ހިތާމައެއް އުފުލަން ދޫކޮށްލެވޭނެހެއްޔެވެ؟

އިޚްތިޔާރުން ބޭރުގައި ލޮލުން އޮހޮރެމުންދިޔަ ކަރުނަތައް އަތުގެ ނުފުށުން ފުހެލަމުން އެނދުން ތެދުވެ ކޮޓަރިން ނުކުންނަން ސައިނާ ހިނގައިގަތެވެ. ކުދިފިޔަވަޅުތަކެއް އަޅަމުން އައިސް އޭނާ ގޭގެ ބެލްކަނީގައި ބަގީޗާތެރެ ފެންނާނެހެން މަޑުކޮށްލިއެވެ. ފިނިމޫސުމުގެ ދުވަސްތައްކަމުން މުޅި މާހައުލު ހީވަނީ ހުދުކުލައިގެ ސާލެއް އޮޅައިލައިގެން އޮތްހެންނެވެ. ކޮނޑުގައި އޮޅައިލައިފިވި ޝޯލް ރަނގަޅުކޮށްލަމުން ވަށައިގެން ސައިނާ ނަޒަރު ހިންގައިލިއެވެ. އެވަގުތު އޮހެންފެށި ސްނޯގެ ސަބަބުން މަންޒަރު އިތުރަށް ފުރިހަމަވެގެންދިޔައެވެ.

ދުރުގައިހުރި ލަކުޑި ބެންޗްގައި އިނށީދެ އެއްފަރާތަކަށް ގެއްލިފައިއިން ޝަޔަމް އޭނާގެ ލޮލުގައި އަޅައިގަތެވެ. އަބާޔާގެ މަތިން ފިނިން ސަލާމަތްވުމަށްޓަކައި އޭނާ ލައިގެން އިން ބޯކެހެރި ޖެކެޓް ޝަޔަމް އާއި ނުހަނު ގުޅެއެވެ. މާހައުލު ކިތަންމެ ހިތްގައިމު ނަމަވެސް ޝަޔަމްގެ މޫނުމަތީގައި ރަސްކަންކުރަމުންދިޔަ މާޔޫސްކަމާއި ހިތްދަތިކަން ފިލައިގެނެއް ނުދެއެވެ. ދެލޮލުން ފައުޅުވަމުންދިޔަ ހުސްކަން ކިތަންމެ ރީއްޗަކަށްވެސް ބަލައިފި މީހަކަށް ފާހަގަވާނެއެވެ. ޝަޔަމްގެ މުޅި ނަފުސަށް ވެރިވެފައިވި މަޑުމައިތިރިކަން ހުއްޓުންއަރައިފައި އެހެން އިންއިރު ފައުޅުވަމުންދިޔައެވެ. ފިނި މޫސުމަކީ ޝަޔަމް އެންމެ ގަޔާވާ ދުވަސްތައްކަމުގައިވިއަސް އަދު އޭރުގެ އެއްވެސް އުފާވެރިކަމެއް އޮހޮމުންދިޔަ ސްނޯގެ ސަބަބުންވެސް އޭނާގެ ފަރާތަކުންނެއް ނުފެނެއެވެ.

އިސްޖަހައިލަމުން ލޮލުން އޮހޮރެމުންދިޔަ ކަރުނަތައް ޝަޔަމް ފުހެލިތަން ރީތިކޮށް ސައިނާ ދުއްޓެވެ. ހިތަށް އިހުސާސުވެލި ތަދުން އޭނާއަށް މޭގައި ފިރުމައިލެވުނެވެ. އެދަރިފުޅުގެ ކޮންމެ ހަރަކާތަކުން ޒަޚަމްވެފައިވި އެހިތުގެ ހާލު ބަޔާންކޮށްދެމުންދާކަހަލައެވެ. ހިތަށްވެރިވަމުންދިޔަ ޚިޔާލުތަކުން ސައިނާގެ ދެލޮލަށްވެސް ކަރުނަތައް ބޮނޑިވެގަތެވެ. ޝަޔަމްއަށް ބަލަންހުއްޓައި އިސްއުފުލައިލަމުން ޝަޔަމް ވަށައިގެން ނަޒަރު ހިންގައިލިއެވެ. އެވަގުތު އޭނާއަށް ބަލަހައްޓައިގެން ބެލްކަނީގައި ހުއްޓިހުރި ސައިނާ އޭނާގެ ލޮލުގައި އަޅައިގަތެވެ. ގަދަކަމުން ހިނިތުންވެލަން ޝަޔަމް މަސައްކަތްކުރިއެވެ. އެހެނަސް ދިރުންގެއްލިފައިވި އެމޫނުމައްޗަށް ހިނިތުންވުން ގެނައުމުގައި އޭނާ ނުކުޅެދުނެވެ. އެތަންފެނި ސައިނާގެ ހިތުގައިވި ރިހުން އިތުރަަަށް ގަދަވެގެންދިޔައެވެ. އޭނާއަށް އަމާޒުވެފައިވި އެދެލޮލުން އެތައް ވާހަކައެއް އެއްފަހަރައި ޝަޔަމް ބުނެލިކަހަލައެވެ. އިތުރަށް އެމަންޒަރުބަލަން ކެތްނުވެ ލޮލުން އޮހޮރިގަތް ކަރުނަތަކާއެކު ފަހަތަށް ފިޔަވަޅެއް އަޅައިލަމުން އެތަނުން ދިއުމަަށް ސައިނާ އަވަސްވެގަތެވެ. ގޭތެރެއަށް ވަދެވުމާއެކު އަނގަމަތީގައި އަތް އަޅައިލަމުން ބާރަށް ދުވެފައި އައިސް އޭނާ ކޮޓަރިއަށް ވަނެވެ. ދޮރުޖަހަންވެސް ހަނދާންނެތި ކުރިމަތީގައިހުރެ ކޯޓު ބައިލަމުންދިޔަ އަޒްހަރު ފެނުމުން އެދިމާއަށް ސައިނާ ހިނގައިގަތެވެ.

“އަޒްހަރު..” ރޮވިފައި ސައިނާ ގޮވައިލިގޮތުން ފަހަތަށް އެނބުރިލަމުން ސުވާލުގެ ނަޒަރަކުން އަޒްހަރު ބަލައިލިއެވެ. “ކިހިނެއްވީ؟ ކީއްވެ ތިރޮނީ؟” ސައިނާގެ ދެކޮނޑުގައި ހިފައިލަމުން ކަންބޮޑުވެފައި އަޒްހަރު އަހައިލިއެވެ.

“ޕްލީޒް އަޒްހަރު.. އަހަރުމެންގެ ދަރިފުޅު ސަލާމަތްކުރޭ… އެދަރިފުޅު.. ހިތާމައިންގޮސް.. މަރުވެދާނެ..” އަޒްހަރުގެ ދެއަތުގައި ބާރަށް ހިފައިލަމުން ސައިނާ އާދޭހާއެކު ބުނެލިއެވެ. ވަގުތުން އަޒްހަރުގެ މޫނުމަތީގައި ރަސްކަންކުރަމުންދިޔަ ކަންބޮޑުވުމުގެ އަސަރުތައްފިލައި ހިތްހަމަނުޖެހުން ވެރިވެގެންދިޔައެވެ.

“ކޮން މޮޔަ ވާހަކަތަކެއް ސައިނާ ތިދައްކަނީ؟ އަހަރެން އޭނައަށް އެބަ ކަމެއްކުރަންތަ؟ ކާކުތަ ބުނީ އޭނާ ގާތު އެފާޑަށް އުޅޭށޭ..؟ މީހަކުބުނެގެންތަ އެކުރާ ހިތާމައެއް އެކުރަނީ؟” ސައިނާގެ އަތްފޮޅުވައިލަމުން އަޒްހަރު ބުނެލިއެވެ.

“ނޫން.. ތިހާ ހިތްހަރުނުވެބަލަ އަޒްހަރު.. އެއީ އަހަރުމެންގެ ލޯބިވާ ދަރިފުޅެއްނު.. އަަހަރުމެން ދެމީހުންގެހުރި ހަމައެކަނި ދަރިފުޅެއްނު.. ޝަޔަމްގެ އުފަލަށްވުރެ އެހެން އެއްވެސްކަމެއް އަހަރުމެންނަށް މުހިންމުވެގެން ނުވާނެ.. ޕްލީޒް.. ހިނގާ ނުހައިކްގެ ގާތަށްދާން.. އޭނާ ގާތު ސަލާންޖަހާ އާދޭސްކޮށްގެންވިއަސް އަހަރެން ބޭނުން ޝަޔޫގެ ލޯބި ޝަޔޫއަށް ހޯދައިދޭން.. އެހެން އެއްވެސްކަމެއް އަހަރެންނަކަށް މުހިންމެއްނޫން.. އެދަރިއުޅޭ ހާލު އެންމެ ރަނގަޅަށް އެނގޭނީ އަހަރެންނަކަށްނު.. ރަނގަޅަށް ކަނީކީނޫން.. ބޮނީކީނޫން.. ނިދަނީކީނޫން.. އެހެން އަބަދު އުޅެންވެއްޖެނަމަ އަހަރެމެންގެ އެލޯބިވާ ދަރިފުޅު ބަލިވެދާނެ.. އާދޭސްކުރަން.. އަޒްހަރުގެ ހިތަށް ހަމަ އެއްވެސް އަސަރެއް ނުކުރޭތަ؟” އަނެއްކާވެސް އަޒްހަރުގެ ގައިގައި ހިފައިގަންނަމުން ސައިނާ ބުނެލިއެވެ.

“ސައިނާ މޮޔަވީތަ؟ އަހަރެންތަ ދާންވީ އެފެންވަރެއްނެތް ބައެއްގެ ގާތަށް އާދޭސްކުރަން؟ ޗީ.. ހުވަފެނުންވެސް އަހަރެން ތިފަދަކަމެއް ނުކުރާނަން.. ޝަޔަމް އެފާޑަށް އެއުޅެނީ އަމިއްލައަށް.. ގޮތް ދައްކަންވެގެން.. އެހެންނޫނަސް ސައިނާ ތިބުނަނީ އަހަރެން އެހައިބުރަމަސައްކަތުން ކުރި ހުރިހައިކަމެއް ފަނުފުލުން ދުއްވައިލާށޭތަ؟” ރުޅިއައިސްގެންގޮސް އަޒްހަރު ރޫރޫއަޅަމުންދިޔައިރު އޭނާގެ އަޑުވެސް ހިނދެއް ހިނދަކަށް ބާރުވަމުން ދިޔައެވެ.

“ކީކޭ؟ ބުރަމަސައްކަތުންކުރި ކޮންކަމެއް؟ އަހަރެންނަކަށް ނުވިސްނުނު..” ނިތަށް ރޫއަރުވައިލަމުން ހިސާބަކަށް ހައިރާންވެފައި ސައިނާ އަހައިލިއެވެ.

“އާން.. ކަލެއަކަށް ނުވިސްނޭނެ.. އެހުރިހައިކަމަކާއި އުޅުނީ އަހަރެން ވިއްޔަ.. ބަލަ ޝަޔަމްގެ ހަޔާތުން ނުހައިކް ފައްސައިލީ އަހަރެންނޭ.. ކަލޭމެންނަށް ހީވަނީ އެއީ އޭނަ އަމިއްލައަށް ޝަޔަމްއާއެއްކޮށް އުޅެން ބޭނުންނުވެގެން ކުރިކަމެއްކަމަށްތަ؟ ހައް.. އެފިރިހެނާހުރީ ޝަޔަމް އާ ހަމަ ރަނގަޅަށްވެސް އަވަލަވާފަ.. އޭނަ ބޭނުންވެގެން ދުވަހަކުވެސް ޝަޔަމް ދޫކޮށެއްނުލާނެ..” ފުންކޮށްނޭވާލަމުންދިޔަ އަޒްހަރު ވިސްނައިނުލައި ހިތަށް އަންނަމުންދިޔަ ހުރިހައި އެއްޗެއް ދުލުން ބޭރުކުރަމުން ދިޔައެވެ. އަޒްހަރުގެ ވާހަކަތަކުން އިތުރަށް ސައިނާ ސުވާލުއުފެދޭގޮތްވިއެވެ. އެއްގޮތަކަށްވެސް އަޒްހަރު ބުނަމުންދިޔަ އެއްޗެއް އޭނާއަކަށް ނުވިސްނުނެވެ.

“އަޒްހަރު ކީކޭތަ ތިކިޔަނީ؟ ޝަޔަމްގެ ދިރިއުޅުމުން ނުހައިކް ފައްސައިލީއޭ؟ ކިހިނެއް؟ ކޮންްއިރަކު؟؟” ހައިރާންކަމާއެކު ސައިނާ އަނެއްކާވެސް އަހައިލިއެވެ.

” އާން.. ކަލޭ ހަގީގަތުގައިވެސް ހީކުރީ އެދުވަސްކޮޅު އަހަރެން ދިޔައީ ވިޔަފާރި ދަތުރަކު ކަމަށްތަ؟ ނޫން.. އަހަރެން ދިޔައީ ރާއްޖެއަށް.. ޖޯންގެ އެހީގައި ނުހައިކްއާއި އޭނާގެ އާއިލާގެ އެންމެ ކުދިކުދި ކަންކަމަށްދަންދެން އަހަރެން ހޯދިން.. އުޅޭ ނޫޅޭގޮތް ފާރަލައި ރަނގަޅަށްބެލިން..” އެދުވަސްތަކު ރާއްޖެ ދިއުމަށްފަހު އޭނާ ކަންތައް ކުރިގޮތް ބޮޑާވެލަައިފައި އަޒްހަރު ސައިނާއަށް ކިޔައިދެމުންދިޔައެވެ. ސާރާ ކިޑްނެޕް ކުރި ހިސާބުން ފެށިގެން ނުހައިކްއަށް މަޖުބޫރުކޮށް އޭނާ އާއި ޝަޔަމް ދުރުކުރުވިގޮތުގެ ވާހަކަތައްވެސް ކިޔައިދިނެވެ. އޭރު އޭނާގެ މޫނުމަތިން ކާމިޔާބީގެ ބޮޑާ ހިނިތުންވުމެއް ފައުޅުވަމުންދިޔައެވެ.

އިވުނު ވާހަކަތައް ގަބޫލުކުރަން ދަތިވެފައި ހުއްޓުންއަަރައިފައި ސައިނާއަށް ހުރެވުނީއެވެ. ހަރަކާތެއްވެސް ކޮށްލަން ހަނދާންނެތިފައިހުރިއިރު އޭނާގެ ސިކުނޑީގެ މަސައްކަތްކުރުންވެސް ހިނދުކޮޅަކަށް ހުއްޓިފައިވިކަހަލައެވެ. އަޒްހަރުގެ އަމަލުތައް އެދަރަޖައަށް ވެއްޓިގެން ހިނގައިދާނެކަމަކަށް ފަހަރެއްގައިވެސް ސައިނާއަށް ހީކުރެވިފައެއްނެތެވެ. އަޒްހަރު އެހައި ރަހުމުކުޑަވެ އަނިޔާވެރިވެދާނޭ ހުވަފެނުގައިވެސް ސައިނާގެ ހިތަށް ނާރައެވެ. މިހުރިހައިދުވަހު ކައިވެނިކޮށްގެން އުޅުނުއިރުވެސް އަޒްހަރުގެ އެސިފަތަކެއް ސައިނާ ނުދެކެއެވެ. އެހެންވީމައި އަދިވެސް އޭނާއަށް އަޒްހަރު ރަނގަޅަށް ދަސްނުވަނީތާއޭ އެވަގުތު ސައިނާގެ ހިތަށް އެރިއެވެ.

ރަނގަޅަށް ކަންކަންވިސްނި ހަރަކާތްކޮށްލެވުމާއެކު ދަތްކުނޑިވިކައިލަމުން ސައިނާ އަޒްހަރުގެ މޫނުމަތީގައި ޖެހިއެވެ. އެއްފަހަރާ ކުރެވިގެންދިޔަ އިހުސާސުތަކުން ބުނާނެ އެއްޗެއްވެސް ސައިނާގެ ސިކުނޑިއަކަށް ނައެވެ. އޭރު އައިސްފައިވި ގަދަ ރުޅިއާއެއްކޮށް އޭނައަށް ރޮވެމުންވެސް ދިޔައެވެ. ކުއްލިއަކަށް ކޮޓަރީގެ ދޮރުމަތިން ބިއްލޫރި އެއްޗެއް ވެއްޓި ތަޅައިގެންދިޔަ އަޑަށް ސިހިފައި ދެމީހުނަށް އެދިމާއަށް ބަލައިލެވުނެވެ. ދެލޯބޮޑުވެ ގަނޑު އަރައިފައި އެތަނުގައި ހުއްޓިހުރި ޝަޔަމް ފެނުމުން ދެމީހުންނަށްވެސް ހާސްކަން ވެރިވެގެންދިޔައެވެ. “ޝަޔޫ..” ކަންބޮޑުވެފައި ވައިއަޑުން ސައިނާއަށް ގޮވައިލެވުނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nau

Level 910 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

މަދަދުވެރިޔާ (19)

Next

މަދަދުވެރިޔާ (20)

Next
October 14, 2022

މަދަދުވެރިޔާ (20)

Previews
October 12, 2022

މަދަދުވެރިޔާ (19)



All Right Reserved!