ތިޔަ ލޯބީގައި… 24
ޝަޔަމްގެ އަތުގައި ހިފައިލައިގެން އިނދެ ސައިނާ ބުނެލިއެވެ. އެއަޑުގައި އެކުލެވިފައިވި މަޑުމައިތިރިކަން ޝަޔަމްއަށް އިހުސާސުވިއެވެ. އޭނާ އަބަދުވެސް މަންމައާއި އެކުގައި ހުންނާނަންކަމަށް ބުނެލަމުން ޝަޔަމް ސައިނާގެ ގައިގައި ބައްދައިލިއެވެ. ދަރިފުޅުގެ އެގާތްކަމުން ސައިނާގެ ހިތަށް ލިބިފައިވި ނުތަނަވަސްކަން ހިނދުކޮޅަކަށް ފިލައިގެންދިޔައެވެ.
ކޮޓަރީގެ ދޮރުގައި މީހަކު ޓަކިޖަހައިލުމުން ސައިނާ އާއި ދުރުވެލުމަށްފަހު ހަމަޖެހިލަމުން ޝަޔަމް އިންތަނުން ތެދުވެގެން އައިސް ދޮރުހުޅުވައިލިއެވެ. އޭރު އަޒްހަރުގެ ލޯޔަރު ފައިލްތަކެއް ހިފައިގެން ދޮރުމަތީގައި ހުއްޓެވެ. ޝަޔަމް ފެނުމާއެކު އޭނާ އައި ބޭނުން ހާމަކޮށްލިއެވެ. ބޯޖަހައިލަމުން އެތެރެއަށް ވަނުމަަށް ބުނުމަށްފަހު ޝަޔަމް އެއްފަރާތަށް ޖެހިލިއެވެ.
ސައިނާއިން ސޯފާއާއި ވަކިން ޖެހިގެންއިން ސޯފާގައި ލޯޔަރު އިނށީދެ ހަމަޖެހިލަމުން އޭނާ ގެނައި ފައިލުން ގަނޑެއް ނަގަމުން ކުރިމަތީގައިހުރި ކުޑަ ބިއްލޫރި މޭޒުމަތީގައި ބާއްވައިލިއެވެ. އަދި ހުރިހައިކަމެއް އަޒްހަރު ބޭނުންވިފަދައިން ސައިނާއަށް އޮޅުންފިލުވައި ދިނުމަށްފަހު ވަރިވުމަށްއެދި އަޒްހަރު ފުރައި ސޮއިކޮށްފައިވާ އެފޯމުގައި ސައިނާވެސް ސޮއި ކުރުމަށް ބުނެލިއެވެ. ސައިނާއަށް އިތުރު އެއްވެސް ތަކުލީފެއް ނުޖެހޭނެކަމަށް ބުނެލިއެވެ.
ހިނދުކޮޅަކު ފަސްޖެހޭގޮތްވިއަސް ހިތްވަރުކޮށްފައި ސައިނާ ފުންނޭވާއެއްލަމުން ލޯޔަރު ދިއްކޮށްލި ގަލަމުގައި ހިފައި ވަރީގެ ފޯމުގައި ސޮއިކޮށްލިއެވެ. ތުންފަތް ތުރުތުރުއަޅައިގެންދިޔައިރު ލޮލަަށް ކަރުނަތައް ޖަމާވަން އުޅުނަސް އެކަރުނަތައް ދިރުވައިލުމުގައި ސައިނާ ކުރިހޯދިއެވެ. އެކަމުން އަވަދިވުމާއެކު އެގަނޑު ފައިލަށްލަމުން އެތަނުން ދިއުމަށް ލޯޔަރު ތެދުވިއެވެ. އެހުރިހައި އިރު ދުރުގައި އެމަންޒަރުތައްބަލަން ތުންފިއްތައިލައިގެން ޝަޔަމް ހުއްޓެވެ. އެއީ އެއްގޮތަކަށްވެސް އޭނާ ބޭނުންވިގޮތެއްނޫނެވެ. އެހެނަސް އެއްފަހަރުވެސް އޭނާ އާއިއެކުގައި އައުމަށް ސައިނާ ގާތުގައި ޝަޔަމް ނުބުނެއެވެ. އެއީ ސައިނާ އަމިއްލައަށް ނިންމި ނިންމުމަކަށްވާތީ އިތުރަށް އެކަމުގައި ސައިނާ އާއި ވާހަކަދައްކައި ނިންމުން ބަދަލުކުރުވަން މަޖުބޫރުކުރަން ޝަޔަމް ބޭނުންނުވީއެވެ.
*****
އޮފީހުގެ ހުރިހައިކަމެއް ހަމަޖެއްސުމަށްފަހު ޝަޔަމް އާއި ސައިނާއަށް ފުރޭގޮތްވީ ޖެހިގެން އައި ދުވަހުއެވެ. ފްލައިޓް ތެރޭގައި އިންއިރު ސައިނާގެ ކިބައިން ފައުޅުވަމުންދިޔަ މަޑުމައިތިރިކަން ޝަޔަމްއަށް އުނދަގޫކުރުވިއެވެ. ހިތްވަރުގެ ބަހެއް ބުނަންބޭނުންވިއަސް ބުނާނެ ވަކި އެއްޗެއް އޭނާގެ ސިކުނޑިއަކަށް ނައެވެ. މިވަގުތު ކޮންމެ އެއްޗެއް ބުނިނަމަވެސް ސައިނާގެ ހިތުގައިއަޅަމުންދިޔަ ވޭނަށް ލުޔެއް ނުލިބޭނެކަން އޭނާއަށް އެނގެއެވެ. ޚުދު އަމިއްލަ ހިތުގައި އަޅަމުންދިޔަ ވޭނަށް ލުޔެއް ހޯދާނެގޮތެއްވެސް ޝަޔަމްއަކަށް ނުވިސްނެއެވެ. މުޅިދަތުރުމަތި ޝަޔަމް ހޭދަކުރީ އެގޮތުގައި ވިސްނައި ފިކުރުކުރުމުގައެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ފްލައިޓް ޖެއްސުމާއެކު އޭގެއިން ފައިބަމުން ޝަޔަމް ފުންނޭވާއެއް ދޫކޮށްލިއެވެ. ކުޑަނަމަވެސް ހަމަޖެހުމެއް ހިތަށް ލިބުނީ ދެނެވެ. ލަގެޖްތައް ޓްރޯލީއަށް އަރުވަމުން އެރައިވަލް ގޭޓްއިން ނުކުމެ ޓެކްސީއެއް ހޯދުމަށް އޭނާ އުޅެގަތެވެ. ޝަޔަމްގެ ހަރަކާތްތަކަށް ބަލަންހުރި ސައިނާގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ކުޅެލީ ޝަޔަމް އުޅެމުންދިޔަގޮތް ފެނިފައެވެ. ޓެކްސީއެއް ލިބުމާއެކު ސައިނާއަށް ހަނާއަޅައިލަމުން އަވަހަށް އައުމަށް ޝަޔަމް ބުނެލިއެވެ. ކޮނޑުގައި އެޅުވިފައިވި އަތްދަބަސް މެޔާލައި ބާރުކޮށްލަމުން ސައިނާ ޝަޔަމްއާއި ދިމާއަށް މިސްރާބުޖެހިއެވެ.
ބޮޑުކޮޓަރީގައި ޓީވީއިން ދައްކަމުންދިޔަ ޕްރޮގްރާމަކަށް ގެއްލިފައި އިން މުހުސިނާއަށް ސިހިފައި ކޮޅަށް ތެދުވެވުނީ އެތެރެއަށް ވަދެގެންއައި ސައިނާ އާއި ޝަޔަމް ފެނިފައެވެ. ލިބުނު އުފަލަކުން ހުރެވުނުތަންވެސް އޭނާއަށް ނޭނގުނެވެ. ދުވެފައިކަހަލަ ގޮތަކަށް އައިސް ސައިނާގެ ގައިގައި ބައްދައިލަމުން ޝަޔަމްވެސް ގާތްކޮށްލިއެވެ.
“ދަރިފުޅުމެން އެކަނިތަ؟ ކޮބާ އަޒްހަރު؟” އެމީހުންގެ ފަހަތުން ދޮރާއި ދިމާއަށް ނަޒަރުހިންގައިލަމުން މުހުސިނާ އަހައިލިއެވެ. ވަގުތުން ސައިނާގެ މޫނުމަތީގެ ކުލަވަރު އޮއްސިގެންދިޔައެވެ. މަންމައަށް ދޮގެއްހަދަން ބޭނުން ނުވާތީ އޭނާއަށް އިސްޖަހައިލެވުނީއެވެ. ސައިނާއަށް ވީގޮތްފެނި މުހުސިނާ ޝަޔަމްއަށް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ. ތުންފަތުގައި ދަތްއަޅައިލަމުން މުހުސިނާގެ އަތުގައި ހިފައިލައިފައި ކޮޓަރިއަށް ދިއުމަށް ޝަޔަމް އެދުނެވެ. ކޮންމެވެސް ކަމެއް ވަރަށް ގޯސްވެއްޖެހެން މުހުސިނާއަށް ހީވީ އެދެމައިންގެ ހަކަރާތްތައް ހުރި ގޮތުންނެވެ. ކާކޮޓަރިތެރޭގައި ހަރަކާތްތެރިވަމުންދިޔަ އޭނާގެ އެއްބަނޑު އެއްބަފައި ދެދައްތައިންނަށް ބަލައިލަމުން މުހުސިނާގެ އަތުގައި ހިފައި ސައިނާ ކޮޓަރިއަށް ދިއުމަށް ހިނގައިގަތެވެ. އެމީހުންގެ ފަހަތުން ޝަޔަމްވެސް ހާސްވެފައިހުރެ ހިނގައިގަތެވެ.
ކޮޓަރިއަށް ވަދެވުމާއެކު ސައިނާ އެދުނީ އެކަނި މުހުސިނާއާއި ވާހަކަ ދައްކައިލަންކަމުން އެދެމީހުނަށް ބަލައިލުމަށްފަހު ބޯޖަހައިލައި ޝަޔަމް އެކޮޓަރިން ނުކުމެ އޭނާގެ ކޮޓަރިއަށް މިސްރާބުޖެހިއެވެ. ހާސްކަން ލިބިފައިވިއަސް މިވަގުތު ސައިނާއަށް ބޭނުންވާނީ މުހުސިނާގެ ހިތްވަރުކަންދަނެ އެމީހުނަށް އެފުރުސަތުދޭން އޭނާ ވެސް ބޭނުންވީއެވެ. ސައިނާ އެއައީ އޭނާގެ ހަޔާތުގައިވެސް ނިންމާނެ އެންމެ އުނދަގޫ ނިންމުން ނިންމައިފައިކަން ޝަޔަމްއަށް ވިސްނެއެވެ. ހިތަށް ތަދުވިއަސް ކުރިމަތިވި އިމްތިހާނަށް ކެތްތެރިވާން އޭނާ ބޭނުންވެއެވެ.
ޝަޔަމް ނުކުތުމާއެކު މުހުސިނާ ކޮޓަރީގެ ދޮރުލައްޕައި ތަޅުލިއެވެ. އެއާއެކު އެހުރިހައިއިރު ސައިނާ ހިފަހައްޓައިގެންހުރި ކަރުނަތައް އޭގެ މަގާމު ދޫކޮށް ކޯތާފަތްމައްޗަށް އޮހިގަތެވެ. ކަންބޮޑުވެފައި ރޮމުންދިޔަ ސައިނާގެ އަތުގައިހިފައިގެން އައިސް މުހުސިނާ އެނދުގައި އިނށީނެވެ. އަދި ތަކުރާރުކޮށް ވެގެންއުޅޭގޮތެއް ކިޔައިދިނުމަށް އެދެންފެށިއެވެ. ފަހަރެއްގައިވެސް ވީއެއްވެސްކަމެއް މުހުސިނާއަށް ސިއްރުކުރުމުގެ ޚިޔާލެއް ސައިނާގެ ނެތެވެ. ގިސްލެވެމުންދިޔަ ހާލު އެހިތުގެ ހުރިހައި އުދާހެއް ސައިނާ ބަންޑުންކޮށްލިއެވެ. އިވެމުންދިޔަ ވާހަކަތައް ގަބޫލުކުރަން ދަތިވެ މުހުސިނާއަށް އަނގަމަތީގައި އަތްއަޅައި ބާރުކޮށްލެވުނެވެ. އަޒްހަރު އެހައި ދަށުދަރަޖައަކަށް ވެއްޓިދާނޭ މުހުސިނާ ހިއެއްނުކުރެއެވެ. މިއަދު އޭނާގެ ދަރިފުޅަށްޓަކައި ސައިނާ ނިންމައިފައި އެއައި ނިންމުމަށް މުހުސިނާ އިހުތިރާމުކުރިއެވެ. އެފަދަ މީހަކާއިއެކު އުޅުމަށްވުރެ އެގޮތްވެސް ސައިނާއަށް މާރަނގަޅުވާނެކަމަށް އޭނާ ގަބޫލުކުރެއެވެ. ރޮވިފައިއިން ސައިނާ ގެނެސް ގަޔާއިލައި ބާރުކޮށްލަމުން ހިތްވަރުކުރުމަށް މުހުސިނާ ބުނެލިއެވެ. ﷲ އެއްވެސް މީހަކަށް، އެމީހަކަށް ނުއުފުލޭވަރުގެ ބުރައެެއް ނުޖައްސަވާނޭ ބުނެލަމުން ސައިނާގެ ނިތުގައި ބޮސްދީ ކެތްތެރިވުމަށް ނަަސޭހަތްތެރިވިއެވެ. ކެތްތެރިކަމުގެ މޭވާ އަބަދުވެސް ފޮނިވާނެކަން ހަނދާންކޮށްދިނެވެ.
މުހުސިނާގެ ވާހަކަަތަކުން ލިބުނު ހިތްވަރުގައި ލޮލުން ފައިބަމުންދިޔަ ކަރުނަތައް ސައިނާ ފުހެލިއެވެ. އޭނާ އެނިންމުން ނިންމީ ޝަޔަމްއަށްޓަކައިކަން އަމިއްލަ ނަފުސަށް ހަނދާންކޮށްދެމުން ބަލިކަށިނުވުމަށް އަމިއްލަ ނަފުސު ގާތުގައި ބުނެލިއެވެ. އޭނާގެ ހަގީގީ މަގުސަދު ހިތަށް އައުމުން މުހުސިނާގެ އަތުގައި ހިފައިލައި އެކަން ހާމަކޮށްލިއެވެ. ސައިނާ ބޭނުންވަނީ ވީހައިވެސް އަވަހަށް ނުހައިކްގެ އާއިލާ އާއި ބައްދަލުކުރާށެވެ. އެދެމެދުގައިވި ހުރިހައި ކުށްހީއެއް ފިލުވައި މައާފަށް އެދޭށެވެ. އަދި އެދަރިފުޅުގެ ލޯބި އެދަރިފުޅަށް ހޯދައިދޭށެވެ. ސައިނާގެ ވާހަކަތަކަށް މުހުސިނާ ތާއީދުކުރިއެވެ. ހެޔޮކަމެއް ކުރުމުގައި އިތުރަށް ލަސްކުރަންވީ ކީއްކުރަންހެއްޔެވެ؟ ހިތްހަމަޖެހިފައިހުރެ ސައިނާ އެކޮޓަރިން ނުކުމެ ޝަޔަމްގެ ކޮޓަރިއާއި ދިމާއަށް މިސްރާބުޖެހިއެވެ.
ކޮޓަރީގެ ދޮރުގައި ޓަކި ޖަހައިލަމުން ސައިނާ ދޮރު ހުޅުވައިލިއެވެ. ޓަކި ޖެހިއަޑަށް އެނދުގައިއޮތް ޝަޔަމް ފުންމައިގެން ތެދުވިއެވެ. ކޮޓަރިއަށް ވަތް ސައިނާ ފެނުމުން ބަލަހައްޓައިގެން އޭނާއަށް އިނދެވުނީއެވެ.
“ދަރިފުޅު.. މަންމަ މިއައީ ވާހަކައެއްބުނަން..” އެނދުގައި އިނށީދެ ހޭވިފައިވި ޝަޔަމްގެ ފަންއިސްތަށިގަނޑު އަތުން ރީތިކޮށްލައިދެމުން ސައިނާ ބުނެލިއެވެ. ލަސްލަހުން ޝަޔަމް ބޯޖަހައިލުމާއެކު ސައިނާ ވާހަކަދައްކަން ފެށިއެވެ.
“މާދަމާ ހަވީރު ނުހައިކް މެންގެއަށް ދާންކަމަށް މަންމަ މި ވިސްނަނީ.. މާމަ ވެސް ދާނެ.. ދަރިފުޅުވެސް އޭރަށްވާއިރަށް ތައްޔާރުވެގެން ހުންނައްޗޭ.. އިތުރަށް އެންމެ ދުވަހެއްވެސް ލަސްކުރާކަށް މަންމަ ބޭނުމެއްނޫން..” ޝަޔަމްގެ މުއުސޫމުކަމުން ފުރިގެންވި މޫނުގައި އަތުން ފިރުމައިލަމުން ލޯތްބާއެކު ސައިނާ ބުނެލިއެވެ. އެވާހަކަތަކުން ސިހިފައި ޝަޔަމްއަށް ސައިނާއަށް ބަލައިލެވުނެވެ. އެއާއެކު އެހިތުގެ ހިނގުން ކުއްލިއަކަށް އަވަސްވެގެން ދިޔައެވެ. ނުހައިކް ދެކިލުމަށްއެދި އޭނާގެ ހިތް ތެޅިފޮޅިގަތީ އޮބިނޯންނަވަރަށެވެ. އޭނާ ފެނުމުން ނުހައިކްއަށްވާނީ ކިހިނެއްބާއޭ އަމިއްލަ ނަފުސާ ތަކުރާރުކޮށް ސުވާލުކޮށްލެވުނެވެ.
ޖިޔާއަށް ޝަޔަމް އާއި ސައިނާ އައިސްގެންއުޅޭކަން އެނގުމުން ރުޅިއައިސްގެންގޮސް މީހާ ކެކިގަތެވެ. އަނެއްކާ ޝަޔަމް އާއި ނުހައިކް އަލުން ގުޅުނީބާވައޭ ހިތަށް އެރިއެވެ. ހިތަށް ވެރިވި ނުތަނަވަސްކަމަކުން އަވަސް އަވަހަށް ޚަބަރު އޮޅުންފިލުވައިލުމުގެ ނިޔަތުގައި އަޒްހަރަށް ގުޅައިލިއެވެ. އަޒްހަރުގެ ފަރާތުން ލިބުނީ މާހިތްހަމަޖެހޭފަދަ ޖަވާބެއްނޫނެވެ. އޭނާގެ ޝަޔަމް ކިޔާ ދަރިއެއްނުހުންނާނޭ ބުނެލީ ނިކަން ހަރުކަށިކޮށެވެ. އަދި ސައިނާއާއި ޝަޔަމްގެ އެއްވެސް ކަމެއްގައި އޮޅިގެންވެސް އޭނާއަށް ގުޅައިގެންނުވާނެކަމަށް އަޒްހަރު ބުނެލިގޮތުން ޖިޔާވެސް ޖެހިލުންވާގޮތްވިއެވެ. އަވަސް އަވަހަށް މައާފަށް އެދެމުން ފޯނު ކަނޑައިލިއެވެ. އިތުރު ހިތްހަމަނުޖެހުމަކާއި ކުރިމަތިލާންޖެހުމުން ޖިޔާގެ މޫޑު ގޯސްވާގޮތްވިއެވެ. ރުޅިއައިސްފައި އެނދުމައްޗަށް ވެއްޓިގަތްއިރު ބޮލުގައިވެސް މަޑު ރިހުމެއްވަނީ އުފެދިފައެވެ. އޭނާގެ ޕްލޭންތައް ނާކާމިޔާބު ވާންވީ އެއްވެސް ސަބަބެއް ވިސްނައި ވިސްނައިވެސް ޖިޔާއަކަށް ނޭނގުނެވެ. ދެން ކުރެވޭނެ އިތުރުކަމެއްވެސް ނެތެވެ. ހުރިހައިކަމެއްގައި އޭނާއަށް އެއްބާރުލުންދީ ހިތްވަރުދޭންހުރި މީހާވެސް އެދިޔައީއެވެ. އެހެނަސް އަޒްހަރަށް އެފަދަ ބޮޑު ބަދަލެއް އަންނަންވީ ސަބަބަކާއިމެދުގައި ޖިޔާ ވިސްނައިލިއެވެ. އަޒްހަރުގެ ވާހަކަތަކުން ހަތަރުއުދަރެސް ފެނުޖެހިފައިވާ މީހަކުފަދައިން ބޮލުގައި ހިފަހައްޓައިލައިގެން ޖިޔާ އޮތެވެ.
*****
ޖެހިގެންއައި ދުވަހުގެ ހެނދުނުގެ ހިތްގައިމު ވަގުތު ބުރަކޮށްލައިގެން ސައިނާ އުޅުނީ މުހުސިނާއާއި އެކުގައި ތަފާތު އެކި ވިޔަފާރިކުރުމުގައެވެ. އޮސްޓްރޭލިއާއިން އެނބުރި އައިއިރު މާގިނަ ހެދުންތަކެއް ސައިނާ ނުގެނެއެވެ. ސައިނާ އާއި އެކުގައި މުހުސިނާ އުޅުނީ އެކިކަންކަމުގައި ގޮތްފާޑު ކިޔުމުގައެވެ. ދެމައިންގެ ޚިޔާލުވެސް ހުރިހައިކަމެއްގައި ނިކަން އެއްގޮތެވެ. ހިތްހަމަޖެހޭވަރަށް ވިޔަފާރިކޮށްލެވުމުން އެނބުރި ގެއަށްއައުމަށް ދަތުުރުފެށިއެވެ. އޭރު ހުރީ މެންދުރުވާން ކައިރިވެފައެވެ. ހަވީރަށް ވާއިރަށް ނިކަން ފުރިހަމައަށް ތައްޔާރުވެލަން ސައިނާ ބޭނުންވެއެވެ. އޭނާ އަންނަމުންއައީ އެދުވަހު ހަވީރު ޝަަޔަމް ލާނެ ރީތި އަބާޔާއަކާއި އެޔާއިގުޅޭނެ ރީތި ޑިޒައިނެއްގެ ޝޯލެއްވެސް ގަނެގެންނެވެ. ހިތަށް ލިބިފައިވި ކުޑަ ހިތްހަމަޖެހުމުގައި ހިނދުކޮޅަކަށްވިއަސް އަމިއްލަ ހިތާމަތަކުގެ މަތިން ސައިނާ ހަނދާންނެތިފައިވާކަހަލައެވެ.
ދުވަހުގެ ގިނަ ވަގުތުތައް ޝަޔަމް ހޭދަކުރީ އޭނާގެ ކޮޓަރީގައެވެ. އެނދުމަތީގައި ފުންޚިޔާލަކަށް ގެއްލިފައި ޝަޔަމް އަށް އޮވެވުނީ ކިހައިއިރަކުކަމެއްވެސް ނޭނގެއެވެ. އަސުރު ނަމާދަށްފަހު ތައްޔާރުވަމުންދިޔައިރުވެސް ޝަޔަމް ހުރީ ހާސްވެފައެވެ. ނުހައިކްގެ ގެއަށް ދިއުމަށްފަހު ކަންތައްވާނެ ގޮތެއް ޚުދު އޭނާއަށްވެސް ނޭނގެއެވެ. އެކި ޚިޔާލުތަކުގައިހުރެ ޝަޔަމް ތައްޔާރުވެ ނިންމައިލިއިރު އޭނާގެ ހިތުގެ ހިނގުންވަނީ މިއިން ދުވަހަކުވެސް އަވަސްނުވާވަރަށް އަވަސްވެފައެވެ. ލޯގަނޑުން ފެންނަމުންދިޔަ އަމިއްލަ ސޫރައަށް ބަލަހައްޓައިގެން އޭނާއަށް އިރުކޮޅަކު ހުރެވުނެވެ. ތުރުތުރުލަމުންދިޔަ އަތުން ޝޯލް ރީތިކޮށްލަމުން ކޮޓަރިން ނުކުމެ ސައިނާގެ ކޮޓަރިއާއި ދިމާއަށް ޝަޔަމް މިސްރާބުޖެހިއެވެ. ދޮރުގައި ޓަކި ޖަހައިލުމަށް އަތްއުފުލައިލި ވަގުތު ދޮރުހުޅުވައިލި ސައިނާ ފެނިފައި ޝަޔަމްގެ ދެލޯ ބޮޑުވިއެވެ. ކަޅު އަބަޔާއަކާއިއެކު ކަޅު ކުލައިގެ ޝޯލްއަކުން ބޮލާއި މޭމަތި ނިވާކޮށްލައިފައިވީއިރު ސައިނާ އާއި ނުހަނު ގުޅެއެވެ. ހުއްޓުންއަރައިފައިހުރި ޝަޔަމް ދެތިން ފަހަރު އެސްފިޔަ ޖަހައިލަމުން ފުޅާހިނިތުންވުމަކާއެކު ސައިނާގެ ގައިގައި ބައްދައިލިއެވެ. ސައިނާގެ އެބަދަލު ޝަޔަމްއަށް ވަރަށް ކަމުދިޔައެވެ. ހިތްހަމަޖެހިފައި ސައިނާވެސް ދަރިފުޅުގެ ބުރަކަށީގައި ލޯތްބާއެކު ފިރުމައިލިއިރު އެނާގެ ހިތް އެދަރިފުޅުގެ އުފަލަށްއެދި ތަކުރާރުކޮށް ދުޢާކުރިއެވެ.
*****
ގޭގެ ބެލް ޖަހައިލިއަޑަށް ސާރާ އައިސް ދޮރުހުޅުވައިލިއެވެ. ހެވިދިލިފައިހުރި ލަމްޔާ ސާރާގެ ގައިގައި ބައްދައިލިއެވެ. ހިނިއައިސްފައި ދެމައިން އެތެރަށް ވަތްއިރު އެމީހުންގެ ފަހަތުން ޒާއިންވެސް އެތެރަށް ވަނެވެ. ލޯތްބާއެކު ޒާއިންއަށް ގޮވައިލަމުން ސައިބޯން ދިއުމަށް ސާރާ އެދުމާއެކު އެކަމުން ޒާއިން މަނާވެގަތީ ދެންމެ ސައިބޮއިގެން އައުމުންނެވެ. ސޯފާ ތަކުގައި އިނށީދެ ހަމަޖެހިލަމުން ވާހަކަދައްކަންފެށިތަނާ އަނެއްކާވެސް ގޭގެ ބެލް ޖައްސައިލިއަޑު އިވުނެވެ. ހައިރާންވެފައި ސާރާ އިންތަނުން ތެދުވާންއުޅުމުން ސާރާގެ އަތުގައި ހިފައި ހުއްޓުވުމަށްފަހު ހަލުވި ހިނގުމެއްގައި ލަމްޔާ އައިސް ދޮރުހުޅުވައިލިއެވެ. ކުރިމަތީގައިހުރި ދެއަންހެނުންގެ މެދުގައި އިސްޖެހިފައިހުރި ޝަޔަމް ފެނުމުން ލަމްޔާއަށް ހައިރާންކަމެއް ވެރިވިއެވެ. ޝަޔަމް ބުރުގާއެޅިކަމެއް އޭނާ ނުދެނަހުއްޓެވެ. އެފަދަ ވާހަކައެއް ނުހައިކްވެސް ނުދައްކައެވެ. އެހެނަސް ޝަޔަމް ފެނުމާއެކު ހިނިތުންވެލަމުން އޭނާގެ އަތުގައި ލަމްޔާ ހިފައިލިއެވެ. ފަހަތުން ކޮންބައެެއްތޯ ސާރާ ސުވާލުކުރަން ފެށުމުން އެމީހުންގާތުގައި އެތެރެއަށް ވަނުމަށް ލަމްޔާ އެދުނެވެ. ޖެހިލުންވެފައި ޝަޔަމް އެތެރެއަށް ވަތްއިރު އޭނާގެ ފަހަތުން ސައިނާ އާއި މުހުސިނާވެސް ވަނެވެ.
ސޯފާގައިއިން ސާރާއަށް ޝަޔަމް ފެނުމާއެކު އިންތަނުން ތެދުވެވުނެވެ. ކަންބޮޑުވުން ހިނދުކޮޅަކަށް އެމޫނުމަތިން ފައުޅުވެލިނަމަވެސް ނިކަން އަވަހަށް އެއަސަރުތައް ސާރާ ފަރުދާކޮށްލައިފިއެވެ. ޝަޔަމްއަށް ގޮވައިލަމުން އިނށީނަން އަންނަން ބުނިއިރު އަޒްހަރުގެ ބިރުވެރިކަމުން ފުރިގެންވި އަމަލުތަކާއި އިންޒާރުތައް ސާރާގެ ސިކުނޑިތެރޭގައި އެނބުރެމުންދިޔައެވެ. މެހެމާނުންނަށް ބޯލާނެ ފިނިއެެއްޗެއް ގެނައުމަށް ސާރާ ލަމްޔާގެ ގާތުގައި ބުނުމުން ހެވިފައި ބޯޖަހަިއލަމުން ބަދިގެއާއި ދިމާއަށް ލަމްޔާ ހިނގައިގަތެވެ. ގެއަށް މިއައި ބަޔަކާއިމެދުގައި ސުވާލު އުފެދިފައި ފަހަރަކު މީހެއްގެ މޫނަށް ޒާއިން ބަލަމުންދިޔައެވެ.
ސާރާ އިޝާރާތްކުރި ސޯފާގައި އިނށީދެ ހަމަޖެހިލަމުން ސައިނާ ފަރުވާތެރިކަމާއެކު ސާރާއަށް ބަލައިލިއެވެ. “ވަރަށް ބޮޑަށް މައާފުކުރާތި އަންގައިނުލާ ކުއްލިއަކަށް މިގޮތަށް އަންނަންޖެހުމުން.. ހަގީގަތުގަ އަހަރެން މިއައީ ވަރަށް ބޮޑު ބޭނުމަކު.. އެހެންވެ އިތުރަަށް އެންމެ ދުވަހެއްވެސް ލަސްކުރަން ބޭނުންނުވީމަ މިހެން އަންނަންޖެހުނީ..” ސާރާއަށް ބަލައިލަމުން ސައިނާ މަޑުމައިތިރިކަމާއެކު ވާހަކަދެއްކިއެވެ. ލުއިގޮތަކަށް ހީލަމުން އެއީ އެއްވެސް މައްސަލައެއްނޫންކަމުގައި ސާރާ ބުނެލިއެވެ.
“އަހަރެންގެ ބޭނުން ހާމަކުރުމުގެ ކުރިން އަހައިލެވިދާނެތަ ނުހައިކް ކޮބާތޯ..؟ އަހަރެން އެކުއްޖާއާއިވެސް ބައްދަލުކޮށްލަން ބޭނުން..” އަމިއްލަ ކުޑަ ތައާރަފެއްދިނުމަށްފަހު ހިތުގައި ބުރުޖަހަމުންދިޔަ ސުވާލު ސައިނާ ކޮށްލިއެވެ. ޝަޔަމްގެ ދެފަރާތުގައި އެއިނީ އޭނާގެ މަންމައާއި މާމަކަން އެނގުމުން ސާރާގެ ހިތަށް ކުޑަނަމަވެސް ހަމަޖެހުމެއް ލިބުނެވެ. އެހެނަސް އެމީހުން އައިސްތިބި ބޭނުމަކާއި މެދުގައި ސުވާލު އުފެދުނެވެ. އެވަގުތަކީ ތިންތަށި ޖޫސް ތަބަކަކަށްލައިގެން ލަމްޔާ އެތަނަށް އައި ވަގުތުކަމުން ސައިނާގެ ވާހަކަތައްް ކިތަންމެ ރީތިކޮށްވެސް އޭނާއަށް އަޑުއިވުނެވެ. ހިނިއައިސްފައިހުރެ ދޮންބެ ގޮވައިގެން އެބަ އަންނަންކަމަށް ބުނަމުން ހަލުވިހިނގުމެއްގައި ލަމްޔާ ނުހައިކްގެ ކޮޓަރިއަށް ދިއުމަށް އުޅެގަތެވެ. އެމީހުންގެ އަމަލުތައްހުރިގޮތުން ކޮންމެވެސްވަރަކަށް މިވާނުވަ ޒާއިންއަށް ފަހުމްވާގޮތްވިއެވެ. އެއާއެކު އޭނާގެ ތުންފަތުގައިވެސް ލާނެތް ހިނިތުންވުމެއް ކުޅެލިއެވެ.
“ދޮންބޭ.. ނިކަން އަވަހަށް މިދޮރުގަނޑު ހުޅުވަބަލަ..” ދޮރުގައި އަވަސް އަވަހަށް ޓަކިޖަހަމުން ލަމްޔާ ބުނެލިއެވެ. ލަމްޔާ ހީވަނީ ލައިނުގަނެގެންއުޅޭ މީހެއްހެންނެވެ. ހުރިހައި ދަތްތަކެއް ފެންނަވަރަށް ހިނިތުންވެލައިގެންހުރިއިރު ނުހައިކް ދޮރުހުޅުވައިލުމާއެކު އޭނާގެ އަތުގައި ހިފައިގެން ކޮޓަރިތެރެއަށް ދެމިގަތެވެ.
“ވަރަށް އަވަހަށް ރެޑީވެގެން ސިޓިންގްރޫމަށް ހިނގައިބަލަ.. ދޮންބެއަށްވީ ސަޕްރައިޒްއެއް އެބައޮތް..” ލަމްޔާ އުޅެމުންދިޔަ ގޮތުންނާއި ދައްކަމުންދިޔަ ވާހަކަތަކުން ސުވާލުއުފެދިފައި ނުހައިކްއަށް ހުރެވުނީއެވެ. ގުޑިވެސްނުލައި ނުހައިކް ހުންނަން ފެށުމުން ލަމްޔާގެ ޖޯޝް ގެއްލޭގޮތްވިއެވެ.
“ދޮންބެއަށް މިހާރަކަަށް އައިސް ތިހުންނަނީ ކިހިނެެއްވެފަތަ؟ ދޮންބެ ބަލީތަ؟ ކަމަކާ ވަރަށް ބޮޑު ހިތާމައެއް ކުރާހެންވެސް ބައެއްފަހަރު ހީވޭ.. މޫނުމަތީގައި އެއްވެސް ހިނިތުންވުމެއް ނުހުރޭ.. ކުރީގެ ސަކަގޮތްގަނޑު މުޅިން ގެއްލިއްޖެ.. އަބަދުވެސް ފެންނަނީ ސީރިއަސްވެފައި ހުންނަތަން.. ބަލާލަބަލަ ދޮންބެ ހަށިގަނޑުވެސް… ކުރިއަށްވުރެ ހިކިއްޖެ.. ވެގެންއުޅޭގޮތެއްވެސް ދޮންބެ ނުބުނޭ.. މިގެއަށް އަންނަކޮންމެ ދުވަހަކު މިއަނގަތެޅޭ.. އެކަމަކު އެދެވޭ އެއްވެސް ޖަވާބެއް ނުލިބޭ.. ދޮންބެ އުފާކޮށްލަދޭން އުޅުނަސް އެކަމެއްވެސް ކާމިޔާބެއްނުވޭ..” ހިތުގައިވި ޝަކުވާތައް ބޭރުކުރަމުންގޮސް ލަމްޔާގެ ދެލޯ ފެންކަޅިވުމުން އޭނާ އިސްޖަހައިލިއެވެ. ފުންނޭވާއެއްލަމުން ނުހައިކް ލަމްޔާގެ ބޮލުގައި ލޯބިން ފިރުމައިލިއެވެ. ލަމްޔާ އެބުނީ މުޅިއަކުން ދޮގެއްވެސް ނޫނެވެ. ޝަޔަމްއާއި ދުރުވުމަށްފަހު އޭނާގެ ހަޔާތުގެ ހުޅުކޮޅު ނިވުނުފަދައެވެ. ޝަޔަމްއާއި އެކުގައި އޭނާގެ ހިިނިތުންވުމާއި އުފާވެރިކަންވެސް ގެއްލިގެން ގޮއްސިއެވެ. އެދުވަހުންސުރެ ނުހައިކްގެ މުޅި ތަބީއަތަށްވަނީ ބޮޑު ބަދަލެއް އައިސްފައެވެ. އެއްވެސްކަމެއް ކުރާހިތްނުވެ ކެއުންބުއިމާވެސް މީހާ މަަޑުމަޑުން ދުރުވީއެވެ. އަބަދުމެ މަސައްކަތުގައި ގިނަވަގުތު އަރާމެއްނެތި ހޭދަކުރުމުގެ ސަބަބުން އެމޫނުމަތީގައި ނުފިލާ ވަރުބަލިކަމެއްވިއެވެ. މީހާ ހަމަޖެހިލާން ބޭނުންވިއަސް ސިކުނޑީގެ ހައިޖާނުގަނޑަކަށް އެއްވެސް ލުޔެއް ނުލިބެއެވެ. ސާރާގެ ހިތްވަރުގެ ބަސްތަކުން ދިރިއުޅުމާއިގެން ކުރިއަށް ދިއުމަށް އޭނާ މަސައްކަތްކުރިއަސް ފާއިތުވާ ކޮންމެ ދުވަހަކާއެކު އޭނާގެ ހިތްވަރުއެލި ބަލިކަށިވަމުންދާފަދަ އިހުސާސެއް ކުރެވެއެވެ.
ދެލޯމަރައިލުމަަށްފަހު އަމިއްލަ ނަފުސު ހަމައަކަށް އަޅުވައިލަމުން ނުހައިކް ލަމްޔާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފުހެލިއެވެ. އަދި ގަދަކަމުން ހިނިތުންވެލަމުން ލަމްޔާގެ ވާހަކަތަކުގައި ބައިވެރިވުމަށް އޭނާ ހިތްވަރުކުރިއެވެ.
“ދެން ރުއިން ހުއްޓާލަބަލަ ލަމް.. އޭރަށްނު ތި ސަޕްރައިޒް އެއް ބަލައިލަންވެސް ދެވޭނީ..” ލަމްޔާގެ ކޮލުގައި ނުހައިކް ހިފައިލިއެވެ. ލަމްޔާ އެހައިވަރަށް ބުނުމުން ހިތް ނޭދުނަސް ދެކޮޅުހަދަން އޭނާއަށް ނުކެރުނީއެވެ. މޫނުމަތި އަތުން ފުހެލަމުން ލަމްޔާ އަނެއްކާވެސް ހިނިތުންވެލިއެވެ. އަދި ވަރަށް އަވަހަަށް ރީތިވެލައިގެން ބޭރަށް އައުމަށް ބުނެލިއެވެ. “ކިހިނެއްވީ މާވަރަކުން ރީތިކުރުވަން ތިއުޅެނީ؟ އަނެއްކާ ބޭރަށް ދާންތަ؟” ހަރުގައިއޮތް ތުވާލި ގެނެެސް އޭނާގެ އަތުގެ ތެރެއަށް ލަމްޔާ ލުމާއެކު ނުހައިކް ސުވާލުކޮށްލިއެވެ. “އެއްވެސް ސުވާލަކަށް ޖަވާބެއް ނުދެވޭނެ.. ތިއުޅެނީ ސަޕްރައިޒް ފަނިކުރަން.. އަވަސްކޮށްގެން އާދޭ.. އޭރަށް އެނގޭނު..” ކޮޓަރިން ނުކުންނަންދަމުން އެއްލޯމަރައިލުމަށްފަހު ލަމްޔާ ބުނެލިއެވެ. ލަމްޔާ ޖެއްސި ވައްތަރުން ނުހައިކްގެ މޫނު މައްޗަށްވެސް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ.
ލަމްޔާ އެދުނުފަދައިން ފެންވަރައި ތާޒާވެލަމުން ތައްޔާރުވެލުމަށްފަހު ކޮޓަރިން ނުކުމެ ސިޓިންގްރޫމާއި ދިމާއަށް ނުހައިކް މިސްރާބުޖެހިއެވެ. އެދިމާލުން ބައިވަރުމީހުންތަކެއް ވާހަކަދައްކާ އަޑުއިވުމުން ނުހައިކް ހިނގުން ބާރުކޮށްލިއެވެ.
ސިޓިންގްރޫމްގެ މެދުގައިހުރި ސޯފާގައި އިނށީދެއިން ޝަޔަމް ފެނުމާއެކު ނުހައިކްގެ ފައި ބިންމަތީގައި ތަތްލިކަހަލައެވެ. ގަނޑުވެފައި، ހުރި ހިސާބުގައި ހުއްޓި އޭނާއަށް ހުރެވުނީ ފެންނަމުންދިޔަ މަންޒަރު ގަބޫލުކުރަން ދަތިވެފައެވެ. އޭނާގެ ދެލޯ މިހާރު އޭނާއަށް ކެހިދޭންވެސް ފެށީހެއްޔެވެ؟ ހަގީގަތެއްނެތް މަންޒަރުތައްްވެސް ދައްކަންފެށީ ހެއްޔެވެ؟ ގަބޫލުކުރަން ދަތިވީވަރުން ދެލޮލުގައިވެސް އަތްއުނގުޅައިލެވުނެވެ. އެވަގުތު އިސްއުފުލައިލަމުން ޝަޔަމް ނުހައިކްއަށް ބަލައިލިއެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެންދިޔަ ވަގުތު ލަސްލަހުން އިންތަނުން ޝަޔަމްއަށް ތެދުވެވުނެވެ. ޝަޔަމްގެ ކުއްލި ހަރަކާތާއެކު މުހުސިނާ އާއި ސައިނާގެ ނަޒަރުވެސް ނުހައިކްއާއި ދިމާއަށް ހުއްޓުނެވެ. ޝަޔަމްއާއި ނުހައިކްގެ މޫނަށް ވަކިވަކިން ބަލައިލި ސާރާއަށްވެސް ދެއަތް ދެއަތާއި މޮޑެލެވުނީ ބޭއިޚުތިޔާރުގައެވެ.
ހިފެހެއްޓުމެއްނެތި ޝަޔަމްގެ ދެލޮލުން އޮހޮރިގަތް ކަރުނަތައްފެނި ނުހައިކްގެ ނޭވާ ހޮޅީގައި ތާށިވިކަހަލަ އިހުސާސެއްކުރެވުނެވެ. އަދިވެސް އެމަންޒަރު ގަބޫލުކުރަން އުނދަގޫވެފައި އޭނާއަށް ހުރެވުނީއެވެ. ސުވާލުގެ ނަޒަރަކުން އެންމެންގެ މޫނަށް ބަލަމުންދިޔަ ލަމްޔާ އިންތަނުން ތެދުވެގެންގޮސް ނުހައިކްގެ އަތުގައި ހިފައިލަމުން އައުމަށް ބުންޏެވެ. އޭނާއަށް ވެފައިހުރިގޮތަކާއި މެދުގައި ސުވާލުކުރަމުން އެއަތުގައި ހިފައިގެން ގެނެސް ސާރާ އާއި ޖެހިގެންހުރި ހުސްތަނުގައި އިނށީނުމަށް ބުނެލިއެވެ. އިސްޖެހިފައި ނުހައިކް އިނށީންއިރު މަޑުމަޑުން އޭނާއަށް ކުރިމަތިވާނޭހެން ޝަޔަމްވެސް އިނށީދެ ހަމަޖެހިލިއެވެ. އިޚްތިޔާރުން ބޭރުގައި ލޮލުން އޮހޮރުނު ކަރުނަތައް އަތުގެ ނުފުށުން ފުހެލުމަށްފަހު ދުރަށް ނަޒަރު ހުއްޓައިލީ އަޒްހަރުގެ އަމަލުތައް ހަނދާންވެ ނުހައިކްއާއި ސާރާއަށް ބަލައިލަން ލަދުގަތްވަރުންނެވެ.
ޝަޔަމް އާއި ނުހައިކްއަށް ބަލައިލި ސައިނާ ކަރުކެހިލަމުން ނުހައިކް އަށް ގޮވައިލައި އޭނާގެ ހާލު އޮޅުންފިލުވިއެވެ. ހުވަފެނެއްގެ ތެރޭގައި އުޅެވޭހެން ހީވެ ނުހައިކް ޖަވާބުދިނީ މަޑުމަޑުންނެވެ. ދެކެވެން އުޅޭ ވާހަކައެއްގެ ޒާތުން ހިސާބަކަށް ޖެހިލުންވެފައިއިނދެ ސައިނާ ތުންފަތުގައި ދަތްއަޅައިލިއެވެ. އެހެނަސް އެހިސާބަށް އައިސް ހިތްވަރުއެލުވާލާކަށް އޭނާ ބޭނުމެއްނުވެއެވެ.
“އެންމެ ފުރަތަމަވެސް އަޒްހަރުގެ ފުށުން މިއާއިލާއަށް ކުރިމަތިވި ހުރިހައި ހިތްދަތިކަމަކަށް އަހަރެން މައާފަށް އެދެން.. އެއިން އެއްވެސް ކަމަކީ އަހަރެންނަށްވެސް އަދި ޝަޔަމްއަށްވެސް އެނގިގެންވި ކަމެއްނޫން.. އެހެންވިއަސް.. އަޒްހަރު ކުރި ކުށުގެ އިހުސާސު އަހަރެންނަށްވޭ.. ސާރާ އާއި ނުހައިކްގެ ކިބައިން މައާފަށް އެދެން ބޭނުންވަނީ އެހެންވެ..” ފަހަރަކު މީހަކަށް ބަލައިލަމުން ސައިނާ އޭނާގެ ވާހަކަތައް ފެށިއެވެ. ފުރަތަމަކޮޅު އޭނާވެސް އެގުޅުމަށް ނުރުހުނުކަން ހާމަކުރިއެވެ. އަދި އެދުވަހުން ފެށިގެން ހިނގި ހުރިހައިކަމެއްގެ ވާހަކަތައް ސައިނާ ކިޔައިދިނީ އަސަރާއެކުއެވެ. ޝަޔަމް އުޅުނު ހާލާއި އޭނާގެ ދަރިފުޅު ހަގީގަތުގައިވެސް ނުހައިކްދެކެ ވަނީ ތެދުވެރިލޯތްބެއްކަން ސައިނާ ހާމަކުރީ ނުހައިކްއަށް ބަލަން އިނދެއެވެ. އެހުރިހައިއިރު ހުއްޓުން އަރައިފައި ޝަޔަމްގެ މޫނަށް ނުހައިކް ބަލަމުންދިޔައިރު ޚުދު ޝަޔަމްގެ ހާލަކީވެސް އެއީއެވެ. ދެލޯ ފެންކަޅިވުމާއެކު ތުންފިއްތައިލަމުން ކަރުނަތައް ހިންދައިލުމަށް ދެމީހުންވެސް މަސައްކަތްކުރަމުންދިޔައެވެ. އެއްޗެއް ނުބުނި ނަމަވެސް ޝަޔަމްގެ އެންމެ ފެނިލުމަކުން ނުހައިކްގެ ހުރިހައި ހިތާމައެއް ފިލައިގެންދިޔަކަހަލައެވެ. އެހިތް އުފަލުން ނަށަމުންދިޔައިރު އެހިތުގެ ވެރި ރައްބަށް ޝުކުރުން ހިތްފުރެމުންދިޔައެވެ. މި ދުވަހަށްޓަކައި އޭނާ ކިހައި ދުޢާއެއް ކުރިހެއްޔެވެ. ކިހައި ދިގު އިންތިޒާރެއް ކުރިހެއްޔެވެ. މިއަދު މިވަނީ އެއިންތިޒާރުގެ ނިމުން އައިސްފައެވެ. އެހިތުގެ ލޯބި ކާމިޔާބުވާނެކަމުގެ ފެހި ސިގްނަލް ލިބިފައެވެ. ފަނޑު ހިނިތުންވުމެއް ނުހައިކްގެ ތުންފަތް މައްްޗަށް ވެރިވިއެވެ. އެމަންޒަރުފެނި ޝަޔަމްވެސް ލުއިކޮށް ހިނިތުންވެލިއެވެ. އަދިވެސް ކުރެވެމުންދިޔަ ލަދުވެތި އިހުސާސުގެ ސަބަބުން އެއްޗެއް ބުނުމަށް އޭނާ އިނީ ނުކުޅެދިފައެވެ.
“ހަގީގަތުގަ މިއަދު އަހަރެމެން މިއައީ ވަރަށް ބޮޑު އެދުމަކާއިގެން..” ގާތުގައި އިން ޝަޔަމްއަށް ނަޒަރެއްދެމުން މުހުސިނާ އިސްވެ ބުނެލިއެވެ. އެވާހަކައާއި އެއްބަސްވަމުން ސައިނާ ބޯޖަހައިލިއެވެ. އިވިގެންދިޔަ ވާހަކަތަކުން ސާރާއަށްވެސް ވަނީ އަސަރުކޮށްފައެވެ. ދެކުދިން އެކަކު އަނެކަކުދެކެ ވާ ލޯބި ކިތަންމެ ރަނގަޅަކަށްވެސް އޭނާ ދަނެއެވެ. އޭނާގެ ދަރިފުޅުވެސް ޝަޔަމްއާއި ވަކިން ހޭދަކުރީ ކޮންފަދަ ހިތްދަތި ދުވަސްތަކެއްކަން އެންމެ ރަނގަޅަށް އެނގޭނީ އޭނާއަށެވެ.
ސައިނާ މެންގެ ވާހަކަތަކުން ސުވާލުއުފެދި ވާނުވާނޭނގިފައި އިނީ ލަމްޔާއެވެ. އަޒްހަރު އެއާއިލާއަށް ދިނީ ކޮންހިތްދަތިކަމެއް ހެެއްޔެވެ؟ ކޮން އަނިޔާއެއް ހެއްޔެވެ؟ އެމީހުން ތަކުރާރުކޮށް މައާފަށް އެއެދުނީ ކޮންކަމަކަށް ހެއްޔެވެ؟ ސިކުނޑީގައި ސުވާލުތައް ބުރުޖަހަމުންދިއަސް ލަމްޔާ ހިމޭނުން އިނީ އެސުވާލުތައް ސާރާ އާއި ކުރަން ރަނގަޅު ވަގުތެއްގެ އިންތިޒާރުގައެވެ.
ތަނަށް ވެރިވެފައިވި ހަމަހިމޭންކަމާއެކު ފުންނޭވާއެއްލަމުން މުހުސިނާ ވާހަކަދައްކަން ފެށިއެވެ. “އަޒްހަރުގެ ސަބަބުން ވަރަށް ގިނަ ދުވަހު ލޯބިވި ދެހިތެއް ދުރުގައި ހޭދަކޮށްފި.. މިއަދު އަހަރެމެން މިތަނަށް އައިސް މިތިބީ.. އެދެހިތް ގުޅުވުމަށް އެދިގެން.. އަހަރެންގެ މާމަ ދަރިފުޅުގެ ކައިވެނި ނުހައިކްއާއި ކުރުވަން ބޭނުންވެގެން.. އެކަމުގެ ހުއްދައަށް އެދި.. އަހަރެންގެ ޝަޔަމްއަށް ނުހައިކްއަށްވުރެ ރަނގަޅު އެހެން ޒުވާނަކު ނުލިބޭނެކަން ޔަގީން.. ވެދިޔަތަން ވެދިޔައީ.. ދެން އިރާދަފުޅުން އެއްވެސް މީހެއްގެ ހިޔަނި އެދެކުދިންގެ ދިރިއުޅުމަށް ނޭޅޭނެކަމުގެ ޔަގީންކަންދެން.. ސާރާ ކީކޭތަ މިކަމަށް ބުނަނީ؟” މުހުސިނާގެ ދެލޮލުން ފައުޅުވަމުން ދިޔައީ އުުއްމީދުގެ ކުލަވަރެވެ. ސާރާ ދޭނެ ޖަވާބެއްގެ އިންތިޒާރުގައި ސައިނާ އިނީ ކުޑަކޮށް ހާސްވާގޮތްވެފައެވެ. އަޒްހަރުގެ ވޭންދެނިވި އަނިޔާތަކުގެ ސަބަބުން ސާރާ އެގުޅުމަށް ދެކޮޅުހަދާފާނެތީ އޭނާގެ ހިތް ބިރުގަނެފައިވަނީ އިންތިހާއަށެވެ.
އިސްޖެހިފައިއިން ޝަޔަމްއަށް ބަލައިލަމުން ސާރާ ދެން ބަލައިލީ އޭނާގެ ގާތުގައިއިން ނުހައިކް އަށެވެ. ލުއިގޮތަކަށް ހިނިތުންވެލަމުން އަޒްހަރުގެ ކުށުގެ ބުރަ ޝަޔަމްއާއި ސައިނާ އުފުލަން ނުޖެހޭނެކަމަށް ބުނެލިއެވެ. އަދި އޭނާ އެމީހުނަށް މައާފުކުރިކަމަށާއި އެމީހުންގެ އެދުމަށް ވަކި އެއްޗެއް ބުނަން އެނގޭނީ ނުހައިކްއަށް ކަމަށް ބުނެލިއެވެ. އެހެނީ އެއީ ނުހައިކްގެ ދިރިއުޅުމަށްވެފައި އޭނާ އަކީ އެއްއިރެއްގައިވެސް ދަރިންނަށް ކަންކަމަށް މަޖުބޫރުކުރި މީހަކަށް ނުވާތީއެވެ. އެކުއްޖެއްގެ ދިރިއުޅުން ކުރިއަށް ގެންދާނެގޮތެއް އެނގޭނީ ޚުދު އެކުއްޖަކަށެވެ.
ސާރާއަށް ބަލައިލި ނުހައިކް އަދިވެސް އިނީ ހުއްޓުންއަރައިފައެވެ. އެއްޗެއް ބުނަން ބޭނުންވެ އަރުތެރެއިން އަޑު ބޭރުނުވެފައެވެ. އެފަދަގޮތަކަށް ކުއްލިއަކަށް ޝަޔަމް ފެނުމުން އޭނާއަށް ލިބުނު ޝޮކް އަދިވެސް ފިލައިގެން ނުދެއެވެ.
ނުހައިކް ބަލައިލުމާއެކު ފެންކަޅިވެފައި އިން ސާރާ މަޑުމަޑުން ބޯޖަހައިލީ ހިނިތުންވަމުންނެވެ. ސާރާގެ އަމަލުން ނުހައިކްއަށް ހިތްވަރުދިންފަދައެވެ. އެއާއެކު ގާތުގައި އިން ލަމްޔާވެސް ނުހައިކްގެ ކޮނޑުގައި މަޑުމަޑުން ޖަހައިލަމުން ކަމޯން ދޮންބޭއޭ ބުނެލިގޮތުން ނުހައިކްއަށް ހެވުނެވެ. މީހަކާއި އިނދެ ދިރިއުޅުމެއް ފެށުމުންވެސް އޭނާގެ ކޮއްކޮ އަދިވެސް ބޮޑުނުވަނީބާވައޭ ހިތަށް އެރިއެވެ.
ހިތްއަވަސްވެފައި ނުހައިކް ޝަޔަމްއަށް ނަޒަރު ހުއްޓައިލިއެވެ. ޝަޔަމްގެ ދެލޮލުން ފައުޅުވަމުންދިޔަ ބޭގަރާރުކަންފެނި ނުހައިކްގެ ހިތަށް ފޮނިމީރުކަމެއް އިހުސާސުވިއެވެ. ހިތްވަރުކޮށްފައި ލޯތްބާއެކު ޝަޔަމްއާއި ހަތަރުކަޅި ހަމަކޮށްލިއެވެ. އެހިނދު އެހިތުގެ އެދުން ދުލުން ބޭރުކުރުމަށްއެދި ހިތް ތެޅިފޮޅިގަތެވެ.
“އަހަރެން.. މިހުރީ ޝަޔަމްއާ އިންނަން ތައްޔާރަށް.. އަހަރެންގެ އަންބެއްގެ ގޮތުގަ އަބަދުވެސް ދެކެންބޭނުންވީ ޝަޔަމް.. ޝަޔަމް ނޫން ދެވަނަ މީހަކު މިހަޔާތަށް ގެންނަން އެއްއިރަކުވެސް ބޭނުމެއްނުވި.. އަހަރެންނަށް އޭރު މަޖުބޫރުންވިއަސް ކަންތައްކުރެވުނު ގޮތަށް އެންމެންގެ ހާޟިރުގައި ޝަޔަމްގެ ކިބައިން މައާފަށް އެދެން.. އެހެނަސް.. އަހަރެން އަބަދުވެސް ޝަޔަމްއަށް އިންތިޒާރުކުރިން.. މިދުވަސް ދެއްކެވުމަށްއެދި ކެތްތެރިވީން..” ނުހައިކްގެ ކޮންމެ ޖުމުލައަކުން ޝަޔަމްގެ ދޮންކޯތާފަތަށް ރަތުގެ އެކި ކުލަ ފޭދެމުންދިޔައެވެ. އެހިތުގައިވި ލޯބި އިތުރަށް ފުންވެ ވަރުގަދަ ވިއެވެ. ދެލޮލަށް ބޮނޑިވެގަތް ކަރުނަތަކާއެކު އެތުންފަތް ފޫއަޅުވައިލަމުން މަޑު ހުނުމެއް ބޭރުވެގެންދިޔައެވެ. ލޮލުން އޮހޮރިގަތީ އުފާވެރިކަމުގެ ކަރުނަކަން ރަމްޒުކޮށްދިނީ އެލުއި ހިނިތުންވުމެވެ. ކަރުނައިގެ ތެރޭން ސައިނާއަށްވެސް ހިނިތުންވެލެވުނުއިރު ނުހައިކް އޭނާގެ ދަރިފުޅުދެކެވަނީ ކޮންފަދަ މަތިވެރި ލޯތްބެއްކަން އިހުސާސުކޮށްލެވުނެވެ. ޝަޔަމްގެ ގައިގައި ބައްދައިލަމުން ﷲ އެދެކުދިންގެ ހިތުގެ ދުޢާ އިޖާބަކޮށްދީފިއޭ އޭނާ ބުނެލީ އުފަލުން އިނދެއެވެ. ހެއްދެވި ފަރާތަށް ހަމްދުކޮށްލަމުން ވީ އެންމެ އަވަހަކަށް އެކައިވެނި ކުރުވަން ބޭނުންވާކަން ސައިނާ ހާމަކޮށްލިއެވެ. އެގޮތާއި ނުހައިކްގެ އާއިލާވެސް ގަބޫލުވިއެވެ. އިތުރަށް އެންމެ ދުވަހެއްވެސް ލަސްކުރާކަށް ސާރާވެސް ބޭނުމެއްނުވެއެވެ. އޭނާގެ ދަރިފުޅު ލައްކަދުވަހު ހިތާމަކޮށްފިއެވެ. ދެން އޮތީ އެދަރިފުޅު އުފަލުންހުރެ އަބަދުމެ ހިނިތުންވާންވީ ދުވަސްތަކެވެ.
ސައިނާމެން ދިއުމާއެކު ލަމްޔާގެ ސުވާލުތައް ސާރާ އާއި ނުހައިކްއާ އަމާޒުވާންފެށިއެވެ. އިތުރަށް އެކަންކަން ސިއްރުކުރަން ބޭނުން ނުވުމުން ނުހައިކް އަޒްހަރުކުރި ހުރިހައިކަމެއް ލަމްޔާއަށް ކިޔައިދިނެވެ. އޭރު ލަމްޔާއަށް ސިއްރުކުރީ އޭނާ ކަންބޮޑުވެދާނެތީކަމަށް ނުހައިކް ބުނެލިއެވެ. އެވާހަތަކުން ލަމްޔާއަށް ވަރަށް އަސަރުކުރިއެވެ. އޭނާއަށް ސިއްރުކުރުމުން ޝަކުވާކުރިއެވެ. ނަމަވެސް އިތުރަށް އެވާހަކަ ނުދެއްކީ ފާއިތުވެފައިވިކަމެއްގެ ވާހަތަކުން އިތުރު ނުތަނަވަސްކަމެއް ގެނުވަން ބޭނުންނުވުމުންނެވެ.
ލަމްޔާ އާއި ޒާއިން އެގެއަށް އައީ ހަގީގަތުގައި ނަޒީމްގެ ފަރުވާއަށް މެލޭޝިއާއަށް ފުރަން ނިންމި ވާހަކަ ބުނުމަށެވެ. އެހެނަސް ރަންކިޔާތާ ހަފުތާއެއްގެތެރޭގައި ނުހައިކް އާއި ޝަޔަމްގެ ކައިވެނިކުރެވޭގޮތަަށް ހަމަޖެހުމުން ޒާއިން ނިންމީ އެކައިވެނި ނިމުމުން ފުރާށެވެ. ލަމްޔާވެސް އެކައިވެންޏަށް މަޑުކުރަން ބޭނުންވާނެކަން ޒާއިންއަށް ވިސްނެއެވެ. އެގޭގައި އިރުކޮޅަކު މަޑުކޮށްލުމަށްފަހު އިރުއޮއްސެން ގާތްވުމުން ލަމްޔާ އާއި ޒާއިންވެސް ދިޔައީ ޖެހިގެން އަންނަ ދުވަހު ކައިވެނީގެ ކަންކަމަށް ތައްޔާރުވާން އަންނާނެކަމަށް ބުނަމުންނެވެ.
*****
ދުވަސްކޮޅެއްފަހުން ނަޒީމް ހޮސްޕިޓަލުން ދޫކޮށްލިއެވެ. އުނަގަނޑުންތިރި ވާގިނެތިފައިވުމުން ދުއްވާގޮނޑިއެއްގައި އިންނަން ޖެހުނަސް އޭނާގެ އެއްވެސް ޝަކުވާއެއްނެތެވެ. ތޮއިބާގެ ފަރާތުން ނިމުމެއްނުވާ ލޯތްބާއި އެއްބާރުލުން އޭނާއަށް ލިބެން ފެށުމުން ނަޒީމްގެ މޫނުމަތީގައި ނުފިލާ ހިނިތުންވުމެއް އަބަދުމެ ވެއެވެ. މިއީ އަބަދުވެސް އޭނާ ދެކެން ބޭނުންވިފަދަ ދުވަހެކެވެ.
ސާރާއަށް އެހީވުމަށް ނަޒީމް ގޮވައިގެން ތޮއިބާވެސް އެގެއަށް އާދެއެވެ. އޮފީހުން ކުޑަ ޗުއްޓީއެއްނަގައި ޒާއިންވެސް ގިނަވަގުތު ހޭދަކުރަމުންދިޔައީ ލަމްޔާއާއި އެކުގައި ސާރާމެން ގޭގައެވެ. ހޭބޮއިނާރާ އެންމެން އުޅެމުންދިޔައިރު އެމާހައުލުން ފެންނަމުން ދިޔައީ އުފާވެރިކަމާއި އެކުވެރިކަމެވެ. ކުޑަގޮތަކަަށް ކައިވެނީގެ ހަފުލާ ބާއްވަން ބޭނުންވިއަސް އެކަން އެގޮތަށް ނުވާނެކަން އެގޭތެރެއިން ބަލައިލި ކޮންމެ ދިމާލަކުން ފައުޅުވަމުންދިޔައެވެ.
*****
ކައިވެނީގެ ދުވަސް ގާތްވަމުންދިޔަވަރަކަށް ޝަޔަމްގެ ގޭތެރެއިންވެސް އެކިކޮޅުކޮޅަށް މީހުންދުވެ ހަރަކާތްތެރިވަމުންދާތަން ފެންނަމުންދިޔައެވެ. ޝަޔަމްއާއި ނުހައިކްގެ ކައިވެނީގެ ޚަބަރު ކަންފަތަށް އިވުނީއްސުރެ ޖިޔާ ހުންނަނީ މޫނު ކުނިކޮށްލައިގެންނެވެ. ހިތްހަމަނުޖެހި ރުޅިގަދަވެފައި އެއިން އެއްވެސްކަމެއްގައި ބައިވެރިނުވެ ގިނަ ވަގުތު އޭނާ ގެއިން ބޭރުގައި ހޭދަކުރަމުންްދިޔައެެވެ. އަޒްހަރުގެ ހަރުކަށިކަމާއި އޭނާ ގުޅުމުން ފޯނުވެސް ނުނެގުމުން އިތުރަަށް ހަދާނެ އެއްވެސްގޮތެއް ޖިޔާއަށް ނުވިސްނި އޭނާގެ ބޯވަނީ ފަޅައިގެންދާން ކައިރިވެފައެވެ. ކުރެވެނޭ މާބޮޑު ކަމެއް ނެތުމުން ޝަޔަމް ފެންނަ ކޮންމެ ފަހަރަކު މަލާމާތުގެ ދެތިން ބަހެއް ބުނެލުމަށްފަހު ޖިޔާ އެތަނަކުން ރައްކާވެއެވެ. ޖިޔާގެ ކޮންމެ ބަހުގެ ހަމަލާއަކަށް ޝަޔަމްވެސް އެއްޗެއް ބުނަނީ އަޒްހަރުގެ ފުށުން އެހުރިހައި ރޭވުމެއްގައި އޭނާއަށް އެއްބާރުލުންދިނީ ޖިޔާކަން އެނގުމުންނެވެ. ޖިޔާ ކިތަންމެ ނުރުހުނަސް އިރާދަފުޅުން މިކައިވެނި ކުރެވޭނޭ ޝަޔަމް ބުނެލަނީ ރީތި ހިނިތުންވުމަކާއެކުއެވެ. އާއިލާ މީހުންވެސް ޖިޔާގެ އަމަލުތައް ހުންނަގޮތްފެނި ސުވާލުކުރެއެވެ. އެހެނަސް އެއިން އެއްވެސް ސުވާލަކަށް ޖަވާބުދިނުން މުހިންމުކަމަކަށް ޖިޔާ ނުދެކެއެވެ. އަނގަހުޅުވަން ހަދައިގެން ބޭޒާރުވާނީ ޚުދު ތިމާކަން އޭނާ ދަނެއެވެ.
*****
މޭކަޕް ކުރުވަން ސެލޫންއަކުން އައިސްހުރިކުއްޖާ ރީތިގޮތަކަށް ޝަޔަމްގެ މޭކަޕްކޮށް ނިންމައިލަމުން އެމޫނަށް ނަޒަރު ހުއްޓައިލިއެވެ. ލަދުވެތިކަން ފައުޅުވަމުންދިޔަ އެދޮން މޫނާއި އޭނާކުރި ލުއި މޭކަޕް ނުހަނު ގުޅެއެވެ. އެކުއްޖާގެ މަސައްކަތް ނިމުމާއެކު ބުރުގާއަޅުވަން އައިސްހުރި ކުއްޖާ އޭނާގެ މަސައްކަތް ފެށިއެވެ. މޭމަތި ފޮރުވޭނޭހެން ނުހަނު ފަރިގޮތަކަށް ބުރުގާ އަޅުވައިދިނެވެ. ފަހަތުގައި އެމީހުންގެ މަސައްކަތްތައް ބަލަންހުރި ސައިނާގެ ދެލޯވަނީ ފެންކަޅިވެފައެވެ. އަންހެންދަރީގެ ކައިވެންޏަކީ ކޮންމެ މައަކަށްވެސް އިންތިހާއަށް އުފާވެރިކަން ގެނުވާނޭ ކަމެއްކަން ކަށަވަރެވެ. އެދުވަހު އެކުރެވޭ އިހުސާސުތަކަކީ ބަޔާންކުރަން ދަތިވާނެ އިހުސާސުތަކެކެވެ.
ކަރުނައިގެ ތެރޭން ހިނިތުންވެލަމުން ސައިނާ އައިސް އޭނާގެ އަތުގައިއޮތް ދިގު ލޭސް ފޮތިކޮޅު ޝަޔަމްގެ ބޮލުގައި އަޅުވައިފައިވާ ރިހިތާޖު ފެންނާނެފަދައިން އެބޮލުގައި ހަރުކޮށްލިއެވެ. ދުރަށް ފެތުރިގެންދިޔަ ހުދުކުލައިގެ ލޭސްފޮތިކޮޅުން އިސްޖެހިފައިވި ޝަޔަމްގެ ރީތިމޫނު އިތުރަށް ފުރިހަމަކޮށްދިނެވެ. ލޮލުން ފައިބަން ތައްޔާރުވެފައިވި ކަރުނަތައްް ކުޑަ ޓިޝޫކޮޅަކުން ފުހެލަމުން ޝަޔަމްގެ އަތުގައި ހިފައި ގޮނޑިން ތެދުވުމަށް އެހީތެރިވެދިނެވެ. އަދި ލޯތްބާއި ކުލުނާއެކު ޝަޔަމްގެ ނިތުގައި ސައިނާ ބޮސްދިނެވެ. މިދުވަސްދެކެން އޭނާގެ ގާތުގައި އަޒްހަރުވެސް ހުރިނަމައެވެ. އެވަގުތުކޮޅުގެ އުފާވެރިކަން ދެކިލުމަށް އެންމެ ފަހަރަކުވެސް އަންނާނެނަމައެވެ. އެމީހުންގެހުރި ހަމައެކަނި ދަރިފުޅު ހަޔާތުގެ އައު ބާބެއް ފަށަން ތައްޔާރުވަމުންދާއިރު އަޒްހަރުގެ ހެޔޮދުޢާވެސް އެދަރިފުޅަށް ލިބޭނެނަމައެވެ. ހިތަށް ވެރިވަމުންދިޔަ ޚިޔާލުތަކުން ސައިނާގެ ހިތުގައި ވޭންއެޅިއެވެ. އަޒްހަރު މަތިން މާބޮޑަށް ހަނދާންވާންފެށިއެވެ. ނަމަވެސް އެހުރިހައި އިހުސާސެއް ހިތުގައި ރައްކާކުރަމުން ޝަޔަމްއަަށްޓަކައި ސައިނާ ހިނިތުންވެލިއެވެ.
މީހެއްގާތު ނުބުންޏަސް ޝަޔަމްވެސް ސިއްރުން އޭނާގެ ލޯބިވާ ބައްޕަ މަތިން ހަނދާންކުރަމުން ދިޔައެވެ. ބައްޕައަށް ވިސްނިގެން އޭނާގެ ގާތަށް އަންނާނެނަމައޭ ހިތަށް އެރީ ކިތައްފަހަރުކަމެެއްވެސް ނޭނގެއެވެ. ހިތްދަތިވިއަސް އެކަން މީހަކަށް ދައްކަން ބޭނުންނުވީއެވެ. އަބަދުމެ އިޚްލާސްތެރިކަމާއެކު އެބައްޕަގެ މައްްޗަށް ކުރެވޭ ހޮޔޮދުޢާތަކުން ޝަޔަމް ފުއްދައިލީއެވެ. އެހެނަސް ކައިވެނި ކުރުމަަށް ހަމަޖެހިފައިވި މަންޒިލަށް ދެވުމުން އަޒްހަރުގެ މަތިން އޭނާ ހަނދާންވީ އިންތިހާއަށެވެ. އަޒްހަރު ގާތުގައި ހުރުމަށް އެދުވުނީ ކެތްނުވާވަރަށެވެ. ކައިވެނީގެ ވަގުތުގައި ކޮންމެ ކުއްޖެއްވެސް މަައިންބަފައިން ގާތުގައިވުމަށް އެދޭނެއެވެ. ޝަޔަމްއަށްވެސްވީ އެހެންނެވެ. ނަމަވެސް ދެފަރާތުގައި ތިބި ލޯބިވާ މަންމައާއި މާމަގެ ސަބަބުން ހިތަށް ވެރިވި ނުތަނަވަސްކަން ހިނދުކޮޅެއްގެ ތެރޭގައި ފިލައިގޮސްފިއެވެ.
ސާރާގެ ގާތުގައިހުރި ނުހައިކްއަށް ޝަޔަމް ފެނުމާއެކު އޭނާގެ ދެލޯބޮޑުވެގެން ދިޔައެވެ. އެސްފިޔަޖަހަައިލަންވެސް ހަނދާން ނެތިފައި އޭނާއަށް ބެލެމުންދިޔައީ ޝަޔަމްއާއި ދިމާއަށެވެ. މިރޭ ޝަޔަމްގެ ފުރިހަމަކަން އެތައްގުނައެއް އިތުރުވެފައިވާކަމަށް ދައްކައެވެ. ހުދުކުލައިގެ ދޫ ކައިވެނީގެ ހެދުން އެކި ޑިޒައިންތަކުން ފަރުމާކުރެވިފައިވީގޮތުންނާއި ކޮށްފައިވާ ލުއި މޭކަޕާއި ބޮލުގައިވި ރިހި ތާޖުން ޝަޔަމް ހީވަނީ ޝާހީ ރަސްދަރިކަނބަލެއްހެންނެވެ. އެފުރިހަމަކަށް ނުހައިކްގެ ހިތް ފިދާވެ ތައުރީފުކުރަމުން ދިޔައިރު ނުހައިކްގެ މޫނަށް އަރައިފައިބަމުންދިޔަ ކުލަވަރުން ޒާއިން އޭނާގެ އަލަތުކައިވެނީގެ ރޭމަތިން ހަނދާންވިއެވެ.
“ލަމްއަށް އެނގޭތަ؟ ކައިވެނީގެ ހެދުމުގަ އެންމެ ފުރަތަމަ ލަމް ފެނުނު ވަގުތު އަހަރެންނަށްވެސް ވީ ހަމަ އެފަދަގޮތެއް. އެސްފިޔަޖަހައިލަންވެސް ބޭނުމެއްނުވި.. އެރޭގެ އެވަގުތުކޮޅު އެކަނިވެސް ލަމް އަހަރެންގެ ހިތް ދީވާނާކޮށްލި..” ގާތުގައިހުރި ލަމްޔާގެ އަތަށް ސިއްރުން ފިތައިލަމުން އެކަންފަތްދޮށުގައި ޒާއިން ބުނެލި ވާހަކަތަކުން ލަމްޔާގެ މޫނު ރަތްވެގެންދިޔައެވެ. ހީލަމުން އޭނާއާއި ދިމާލަށް އެއްލޯމަރައިލި ޒާއިންގެ އަތުގައި މަޑުމަޑުން ލަމްޔާ ޖަހައިލިއެވެ.
ކަޅުކުލައިގެ ކޯޓު ފަޓުލޫނުގައިހުރި ނުހައިކްއަށް ޝަޔަމްގެ ލަދުވެތި ނަޒަރު އަމާޒުވުމާއެކު ނުހައިކް ބަލަންހުރިގޮތުން އިތުރަށް ލަދުގަންނަގޮތް ވިއެވެ. އެވަގުތު އެތަނަށް ވަދެގެންއައި ޣާޒީ އާއި ހެކިވެރިން ފެނުމުން މޭޒުދޮށުގައި އިނށީނުމަަށް ސާރާ ނުހައިކް ގާތުގައި ބުނެލިއެވެ. ނުހައިކްއާއި ޖެހިގެންހުރި ގޮނޑީގައި ޝަޔަމް އިނށީނުމާއެކު ދެހިތުގެ ތެޅުން އިންތިހާއަށް އަވަސްވެގެންދިޔައެވެ.
ކައިވެނީގެ މަޖިލީހާއި ވަލީމާ އޮތީ ސައިނާގެ ގޭގައެވެ. ބޭނުންނުވިއަސް މަންމަ މަޖުބޫރުކުރުމުން ފުސްމޫނާއެކު އެމަންޒަރުތައް ދެކެން ޖިޔާއަށްވެސް އެހަފުލާގައި ބައިވެރިވާންޖެހުނެވެ. ދަތްކުނޑިވިކައިގެން ދުރުގައި އެމަންޒަރުދެކެން ހުރިއިރު ރުޅިން މީހާ ހީވަނީ ރޫރޫއަޅާހެންނެވެ. ފުންނޭވާތަކެއް ލުމުންވެސް މީހާ ހަމަޖެހޭގޮތް ނުވުމުން އެހެންދިމާއަކަށް ޖިޔާ ނަޒަރު ބަދަލުކޮށްލިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.






