Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހަނދަކީ ކަލާ ކަމުގާވިޔަސް 14

Aishasha Level 310 Stories100 Login
October 28, 2025 4 Mins Read
1 Comment

ރާއްޖެ ދާން އާޒާދު އެއްބަސް ވިއިއިރު އޭނާގެ ޝަރުތެއް އޮތެވެ. އެއީ އެކޮޅަށް ގޮސްފައި ހުންނަން ޖެހޭނީ އޭނާގެ އުފަން ރަށުގައި، އޭނާގެ މައިންބަފައިން ކައިރީގައެވެ. އެކަމަކު ހަމްނާ މަންމަމެން ކައިރިއަށް ވެސް ޒިޔާރަތް ކުރާނެ ކަމަށް އާޒާދު ވަޢުދުވިއެވެ. ހަމްނާ އެކަމަށް ރުހި ޤަބޫލެވެ. އެއާއެކު، ރާއްޖެ ދާން ވާއިރަށް ބާޒާރުކުރަން ދެމަފިރިން އަވަސްވެގަތެވެ. ދެފަރާތުގެ އާއިލާއަށާއި ގާތް މީހުންނަށް ހަދިޔާ ގަނެފައި ފޮށީގައި އަންނައުނު ލާން ވެސް ޖާގަ ލިބުނީ ކިރިޔާއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފްލައިޓް ޖެއްސިއިރު،  ހަމްނާގެ ހިތަށް ވެރިވީ ބުނެދޭން ނޭނގޭ އުފާވެރިކަމެކެވެ. އިނގިރޭސިވިލާތުގައި ކިތަންމެ ތަނަވަސް، ކިތަންމެ ރީތި ގެއެއްގައި ދިރިއުޅުނު ނަމަވެސް، އެއީ ބީރައްޓެހި ފަސްގަނޑަކަށްވުމުން ކުރެވެނީ ތަފާތު އިޙުސާސެކެވެ. އެކަމަކު އަމިއްލަ ފަސްގަނޑުގައި ފައިޖެހުމުން، މުޅި މާޙައުލު މަރުހަބާ ކިޔާ ކަހަލައެވެ. ދެމަފިރިން ހުޅުލެއިން ބަލާ ކާރުގައި އައީ އާޒާދުގެ މާލޭގައި ހުންނަ ގެ ބަލަހައްޓަން ހަވާލުކޮށްފައި ހުންނަ މީހާއެވެ. ނަމަކީ ރުޝްދީއެވެ. ރުޝްދީއަކީ ދެބައިއުމުރުގެ ފިރިހެނެކެވެ. އެދުވަހު އާޒާދު ހަމްނާއަށް ރުޝްދީ ތަޢާރަފްކޮށްދެމުން ބުނީ، މާލޭގައި ހުންނައިރު ކިތަންމެ ކުޑަކުޑަ ކަމެއް ދިމާވިޔަސް ރުޝްދީއަށް ގުޅައިލުމުން ހައްލު ލިބޭނެ ކަމަށެވެ. އަދި އެއީ އާޒާދުގެ ބައްޕަގެ އަރިހުގައި ވެސް ވަފާތެރި ކަމާއެކު ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރި، ވަރަށް އިތުބާރުކުރެވޭ މީހެއް ކަމުގައި ބުންޏެވެ.

މާލޭން އާޒާދު ގަނެފައިވާ ބިން 10 ބުރިއަށް ނަގާފައި ހުރިއިރު،  އެތަނުން އެއް ފަންގިފިލާ ޙާއްސަކުރެވިފައި ވަނީ އާޒާދު އާއި އެ އާއިލާގެ އެހެން ބަޔަކު ނަމަވެސް ދަތުރުވަރެއްގައި އައިސް ތިބުމަށެވެ. ހަމަ އެގޮތަށް، ރުޝްދީގެ އާއިލާ ދިރިއުޅުމަށް ވެސް އެޕާޓުމަންޓެއް ހާއްސަކުރެވިފައިވެއެވެ. ބާކީ  ހުރި ފަންގިފިލާތައް ވަނީ ކުއްޔަށް ދީފައެވެ. އާޒާދުގެ މި ގެ ވެސް ވަކި ދެރައެއް ނޫނޭ ހަމްނާގެ ހިތަށް އެރިއެވެ. ގައިމުވެސް އޭނާ މާލޭގައި އުޅުނުއިރު ކުއްޔަށް ހުރި ތަނަށްވުރެ ހާސްބައި ރީތިވެފައި ތަނަވަހެވެ.

އެރޭ މާލޭގައި މަޑުކުރުމަށްފަހު،  ޖެހިގެން އައި ދުވަހުގެ ހެނދުނު ވައިގެ މަގުން އާޒާދުގެ ރަށަށް ފުރިއެވެ. އަތޮޅުގެ އެހެން ރަށެއްގައި އޮންނަ އެއާޕޯޓަށް ފްލައިޓު ޖެއްސުމުން، އާޒާދުގެ ރަށަށް ދިޔައީ ލޯންޗެއްގައެވެ. ލޯންޗު އެ ރަށު ފަޅަށް ވަނުމާއެކު، ބަނދަރުމަތީގައި ބަޔަކު މީހުން ހޭލަމޭލަ ވާތަން ފެނިފައި ހަމްނާ ކުޑަކޮށް ހާސްވެއްޖެއެވެ. އާޒާދުގެ މައިންބަފައިން އެދެމީހުންނަށް މަރުހަބާ ކިޔަން އައިސް ތިބޭނެޔޭ ހިތަށް އެރުމުން، އެމީހުންނާ ބައްދަލުވާ ފުރަތަމަ ފަހަރަށް ވާތީއެވެ. ލޯންޗުން ރަނގަޅަށް ނުފޭބިގެން އުޅެނިކޮށް، ކަޅު ބިއްލޫރި ޖަހާފައިވާ ކާރެއް އައިސް މަޑުކޮށްލިތަން ފެނުނެވެ. އާޒާދު ރަށަށް ފައިބައި، ހަމްނާގެ އަތުގައި ހިފައި ބާލުވައިދިން ތަނާހެން އެތާ ތިބި މުސްކުޅި ފުރައިގެ ބަޔަކު އައިސް ސަލާންގަލާން ކޮށް ވާހަކަދައްކަން ފެށުމުން ހަމްނާ ހީކުރީ އެއީ އާޒާދުގެ ބައްޕަ ކަމަށެވެ.

ލޯންޗުން ފޭބި ގޮތަށް ހަމްނާ ޖެހި ބުދެއްހެން ހުއްޓި ހުރިތަން ފެނިފައި، ތަންކޮޅެއް ދުރުގައި ރަށު ބަޔަކާ ވާހަކައިގައި ހުރި އާޒާދު ހަނާ އަޅައިލިއެވެ. ހަމްނާ ހިނގާލާފައި އާޒާދު ކައިރިއަށް ދިޔުމުން، މިއީ ތިމަންނަގެ އަންހެނުންނޭ ކިޔާފައި އެތާ ތިބި އެންމެންނަށް އާޒާދު ހަމްނާ  ތަޢާރަފުކޮށްދިނެވެ. އެއާއެކު، ކޮންމެ މީހަކުވެސް ހަމްނާގެ ފައިގެ ބޮޑުވާ އިނގިލިން ފެށިގެން ނިއްކުރިއާ ހަމައަށް ބަލައިލީ ނިކަން ފަރުވާތެރިކަމާއެކުގައެވެ. އޭގެތެރެއިން އެއްބަޔަކު ކަޅި ޖަހާވެސް ނުލައި ހަމްނާގެ މޫނަށް ބަލަހައްޓައިގެން ހުރިގޮތުން ހީވީ ގޮތް ނޭނގޭ މަޚުލޫޤެއް ފެނިގެން ބަލާހެނެވެ. މިތަންކޮޅު އަޅައިގަތީ ހަމްނާއަށް އެކަންޏެވެ. އާޒާދު އޭރުވެސް ނިކަން ހެވިފައި އެމީހުންނާ ވާހަކަދައްކަމުން ދިޔައެވެ. އިރުކޮޅެއްފަހުން، ކުރިން ކައިރި ކުރި ކާރުން ފައިބައިގެން އައި މީހަކު، އާޒާދުގެ ކަންފަތް ދޮށުގައި އެއްޗެއް ބުނުމުން، އާޒާދު ހަމްނާ ގޮވައިގެން ކާރަށް އަރަން ހިނގައިގަތެވެ.

އާޒާދުމެން ގެއާ ހަމައަށް ދެވުނުއިރު، ހަމްނާ އަޅައިގެން ހުރި އަވިއައިނު އުފުލައިލައިން އޭނާއަށް މަޖުބޫރުވިއެވެ. ސަބަބެއް ނެތިއެއް ވެސް ނޫނެވެ. އެރަށުގެ ބަނދަރުން ފެށިގެން މިހިސާބަށް އައިއިރު ފެނުނީ މެދުފަންތީގެ، އާދައިގެ ގެތަކެވެ. އެކަމަކު މި ގެ ހީވަނީ ގަނޑުވަރެއް ހެނެވެ. ބޭރުގައި ހުރި ބަގީޗާ އެކަނި ފެނުނަސް މީހަކު އާޝޯހު ވާނެއެވެ. މި ފެންވަރުގެ ގެއެއް، ރާއްޖެތެރޭ ރަށެއްގައި ހުރެދާނެ ކަމަށް ހަމްނާ ހީވެސް ނުކުރެއެވެ.

ގޭޓު ހުޅުވުމުން، ކާރު ވަދެގެން ގޮސް މަޑުކުރީ ބަގީޗާގެ އެއްފަރާތުގައި އޮތް ހުސް ޕާކިންގ ޖާގައިގައެވެ. އެތާނގައި އަދި އިތުރު ކާރެއްވެސް އޮތެވެ. ގޯތިތެރޭގެ އެކި ތަންތަނަށް ހަމްނާގެ ނަޒަރު ދަތުރުކުރަމުން ދިޔަސް، އޭނާއަށް އިންތިޒާރުކުރެވެމުން ދިޔައީ އާޒާދުގެ މައިންބަފައިން ނުކުމެގެން އައިސް މަރުހަބާ ކިޔާނެ އިރަކަށެވެ. އަވިބާރު ކަމުން ބަނދަރު މައްޗަށް ނާދެވުނަސް، ގޭގެ ދޮރާ ހަމައިން ހޫނު މަރުހަބާއެއް ކިޔާނެ ކަމަށް ހަމްނާގެ ހިތް ބުނަމުން ދިޔައެވެ. އެކަމަކު ކަން ވީ އެހެނަކުން ނޫނެވެ. ގޭތެރެއަށް ވަންނަ މައިދޮރުން ވަދެގެން އައިއިރުވެސް، އިތުރު މީހެއްގެ ހިލަމެއް ނުވެއެވެ.

ސަންގުމަރުމަރު މުށިން ތަޅުންއަޅާފައިވާ ސިޓިންގ ރޫމަށް ވަދެގެން އައިއިރު، ފަށުވި ސޯފާ ގޮނޑިތައް ފެންނަން ހުއްޓެވެ. މިގޭ އެތެރެވެސް ހަމަ ހީވަނީ ޝާހީ އާއިލާއެއް ދިރިއުޅޭ ތަނެއް ހެނެވެ. ބޮޑު ޓީވީން ފެށިގެން، މޭޒުމަތީގައި ބަހައްޓާފައި ހުރި ގަސްމުށްޓަށް ދަަންދެން ވެސް އާދައިގެ ފެންވަރުގެ އެއްޗެއް ނެތެވެ. ހައްތާ ވެސް އަގުބޮޑެތި ސާމާނެވެ. އެވަގުތު ކީއްވެގެން ކަމެއް ނޭނގެއެވެ. މިއީ ހަމްނާއާ އެކަށިގެންވާ މާހައުލެއް ނޫނޭ އަމިއްލަ ހިތް ބުނަން ފަށައިފިއެވެ.

ހަމްނާމެންގެ ފޮށިތައް ހިފައިގެން ޑްރައިވަރު އެރީ އެތާ ހުރި ބޮޑު ސިޑިބަރިން މައްޗަށެވެ. އާޒާދު ހަމްނާގެ އަތުގައި ހިފައިގެން ސޯފާގައި އިށީނެވެ. “ވެލްކަމް ހޯމް ވައިފް.”

“އަނހާ ބައްޕަގެ ދޮންކަލޯ މިއޮއް އައީނު!”  ތަންކޮޅެއް އެކޮޅުގައި ކަނޑާފައި ހުރި ދޮރަކުން ނުކުމެގެން އައި، ހުދު ތުނބުޅީގެ ވެރި އަލީ ހާރޫން ބުނެލި އަޑަށް އާޒާދު ވަގުތުން ދެފައިމައްޗަށް ތެދުވިއެވެ. އަދި ބައްޕަގެ ގައިގައި ނުހަނު ލޯބިން ބައްދައިލިއެވެ. އޭރު ބަފައިބެގެ އިސްތިޤުބާލުގައި ހަމްނާވެސް ކޮޅަށް ތެދުވެއްޖެއެވެ. “ހިނގަބާލަ މަންމަ ކައިރިއަށް. ދަރިފުޅު ނައިސްގެން މަންމަ ހީވަނީ އެހެން ކަމެއް ހެން!” އާޒާދުގެ ބުރަކަށީގައި ފިރުމަމުން، ކުރިން ނުކުތް ދިމާއަށް އަލީ ހާރޫން ހިނގައިގަތެވެ. ހަމްނާއަށް ހީވީ މީހަކު އޭނާގެ މޫނުމަތީގައި ތަފާއްޔެއް އަޅުވައިލިހެނެވެ. އޭނާއަށް ގޮވައިނުލި ތާނގައި، ފެނުނު ކަމަށްވެސް ނުހެދިއެވެ. މިއީ އެހާ ލޯބިވާ ދަރިފުޅުގެ އަނބިމީހާއާ އަލަށް ދިމާވުމުން ބައްޕައަކު ކަންތައް ކުރާނެ ގޮތް ހެއްޔެވެ؟ ހަމްނާ ވީ ދެރައަކުން ސޯފާގައި އިށީނދެ އިސްޖަހައިލިއެވެ.

“އޯ އެމްޖީ! އިޒް ދެޓް މައި ސިސް-އިން-ލޯ؟؟” ސިޑިބަރިން އިވުނު އަޑަކުން ހަމްނާ ދިޔައީ ސިއްސައިގެނެވެ. އޭރު އިސްތަށިގަނޑު ހުޅިޖަހަމުން އަންހެންކުއްޖަކު ސިޑިން ފައިބައިގެން ނިކަން ބާރަށް އަންނަތަން ފެނެއެވެ. ބަލާބެލުމަށް ހަމްނާއާ ދާދި އެއް އުމުރެކެވެ. ރަތް ދޮންކަމެއް ލިބިފައިވާއިރު، އާޒާދު އާ ވައްތަރު ކަމެއް އެބަހުއްޓެވެ. މިއީ އާޒާދު މީގެކުރިން އަބަދު ދައްކާ އޭނާގެ ހުރި ހަމައެކަނި އެއްބަނޑު އެއްބަފާ ފުރާނަކަން ހަމްނާއަށް ނަގައިގަނެވުނެވެ. މިއީ އާފްރީން އެވެ. ހަމްނާއަށް އެއްޗެއް ބުނާނެ ފުރުސަތެއް ވެސް ނުދީ އާފްރީން އައިސް ހަމްނާގެ ގައިގައި ބައްދައިލީ، ނުފެނި ޒަމާން ވެފައިވާ ގާތް އެކުވެރިޔަކު ފެނުނު ފަދައިންނެވެ. އާފްރީންގެ މި ގާތްކަން ފެނިފައި، ބަފައިބެ ކަންތައްކުރި ގޮތުގެ މަތިން ވެސް ކުއްލިއަކަށް ހަނދާން ނެތިއްޖެއެވެ.

މަގޭ ބާބީ ފޮޓޯތަކަށްވުރެ މާ ރީތި!” އާފްރީން ހަމްނާއަށް ތަޢުރީފު ކޮށްލުމުން ހަމްނާ ލަދުން އިސްޖަހައިލިއެވެ. “އައްދެ އައްދެ! ހާދަ ލަދުފުޅެއް ތި ގަތީ. މިއީ ދޮންބެއެއް ނޫން އިނގޭ އަނެއްކާ ވައްތަރު ގޮތެއް ހުއްޓަސް” އާފްރީން ސަމާސާކުރަން ފެށުމުން ހަމްނާގެ ހިނި ވެސް މަތައެއް ނުވިއެވެ.

ހަމްނާއާއި އާފްރީން އޮލަ ވާހަކައިގައި ތިއްބައި، އަނެއް ފަރާތުގައި ހުރި ދޮރުން މީހަކު ނުކުމެގެން އައިސް، މެންދުރުގެ ކެއުން ތައްޔާރުވެއްޖެކަން އިޢުލާނުކުރީ ނުހަނު އަދަބުވެރިކަމާއެކުގައެވެ. ބަލާބެލުމަށް އެއީ ބިދޭސީއެއް ކަމަށް ހަމްނާއަށް ނަގައިގަނެވުނެވެ. އެއާއެކު އެ މީހާ ދެން މިސްރާބުޖެހީ އާޒާދުމެން ދިޔަ ފަޅިއަށެވެ.

“އެއީ ބިލާލް. މި ގޭގަ އުޅޭ ކައްކާއެއް. ފަހަރި ބަނޑުހައިވެފަ ހުރިއްޔާ ހިނގާ އަވަހަށް ކާންދާން!” އާފްރީން ހަމްނާގެ އަތުގައި ހިފައި ތެދުވާން އުޅުމުން ހަމްނާ މަޑުޖެހިލިއެވެ.

“އެންމެން ހަމަވީމައެންނު ކާން ދާން ވާނީ. ކޮބާ މަންމަމެން؟” ހަމްނާ ލޯ ހިންގައިލީ ބިލާލު ވެސް ދިޔަ ދިމާއަށެވެ. ހަމަ އެވަގުތު ބިލާލު ނުކުމެގެން އަންނަތަން ފެނުނެވެ.

“ބިލާލް! ކޮބާ މަންމަމެން؟ އެބަ އާދޭތަ؟” އާފްރީން ބިލާލް އާ ސުވާލުކޮށްލިއެވެ. ބިލާލް ބޮލުގެ އިޝާރާތުން އާނއެކޭ ބުނެފައި ބަދިގެއަށް ވަނެވެ. އެހެންނަމަވެސް، ބިލާލް ދިޔަތާ އެތައް މިނިޓެއް ފާއިތުވެގެން ދިޔައިރުވެސް އާޒާދުމެންގެ ހިލަމެއް ނުވިއެވެ. މިކަމާހުރެ ހަމްނާގެ ހިތުގައި ސުވާލުތައް ދިޔައީ ފުނިޖެހެމުންނެވެ. ހަމްނާ ދެކިލަން އާޒާދު މަންމަގެވެސް އެއްވެސް ޝައުގުވެރިކަމެއް ނެތީ ހެއްޔެވެ؟ “ފަހަރި އިހަށް މަޑުކުރައްޗޭ. އެބަ އަންނަން އެމީހުން ގޮވައިގެން”. އާފްރީން ތެދުވިއެވެ.

އާފްރީން ދިޔުމުން އަނެއްކާވެސް ހަމްނާ އެކަނި ވިއެވެ. އާފްރީން އޭނާ ކައިރީގައި މަޑުކޮށްލާށޭ ކިޔައި އޭނާ އެތާ ބައިންދާފައި ދިޔުމުން ހީވީ، އާޒާދު މަންމަމެން އުޅޭ ތަނަށް ދިޔުމުގެ ހުއްދަ، ހަމްނާ ކަހަލަ “ބީރައްޓެއްސަކަށް” ނެތީ ހެނެވެ. ކިތަންމެ ދެރަ ނުވާން އުޅުނަސް، ހަމްނާ އިނީ މާޔޫސްވެފައި ކަން މޫނުން އެނގެއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Aishasha

Level 310 Stories100 Login

Other Articles

Previous

ހަނދަކީ ކަލާ ކަމުގާވިޔަސް 13

Next

ހިތުގެ ރިހުން (40)

Next
October 28, 2025

ހިތުގެ ރިހުން (40)

Previews
October 28, 2025

ހަނދަކީ ކަލާ ކަމުގާވިޔަސް 13

One Comment

  1. Aharen says:
    October 30, 2025 at 7:40 pm

    Heyy.. I love this storyy.. when next?? 🥰😊

Comments are closed.

Next Episodeހަނދަކީ ކަލާ ކަމުގާވިޔަސް 15←


All Right Reserved!