ހަނދަކީ ކަލާ ކަމުގާވިޔަސް 15
އާފްރީން ދިޔުމުން އަނެއްކާވެސް ހަމްނާ އެކަނި ވިއެވެ. އާފްރީން އޭނާ ކައިރީގައި މަޑުކޮށްލާށޭ ކިޔައި އޭނާ އެތާ ބައިންދާފައި ދިޔުމުން ހީވީ، އާޒާދު މަންމަމެން އުޅޭ ތަނަށް ދިޔުމުގެ ހުއްދަ، ހަމްނާ ކަހަލަ “ބީރައްޓެއްސަކަށް” ނެތީ ހެނެވެ. ކިތަންމެ ދެރަ ނުވާން އުޅުނަސް، ހަމްނާ އިނީ މާޔޫސްވެފައި ކަން މޫނުން އެނގެއެވެ.
އާފްރީން ވަދެފައި ވެސް އެތައް އިރެއް ވީ ފަހުން ބަޔަކު މީހުން ވާހަކަ ދައްކާ އަޑު އިވިގެން، ކަރު އެލިފައި އިން ހަމްނާ ސޯފާގައި ތެދަށް އިށީނދެލީ އަދަބުވެރިކަން ފާޅުކުރާށެވެ. އޭރު އަލީ ހާރޫން ކުރީގައި ހުރެގެން، އޭނާގެ އަނބިދަރިންނާއެކު އަންނަ މަންޒަރު ފެނިގެން ހަމްނާ ވަގުތުން ކޮޅަށް ތެދުވިއެވެ. އެމީހުން އެ އައީ ވަރަށް ބޮޑު މަޝްވަރާއެއް ކޮށްފައި ކަން، އެންމެންގެ މޫނުމަތިން ވަކިވަކިން އެނގެން ހުއްޓެވެ. އާޒާދުގެ އަތުގައި ހިފަހައްޓާލައިގެން ހުރި އަންހެން މީހަކީ ހަމްނާގެ މައިދައިތައެވެ. ހައުސްކޯޓެއް ލާފައި ހުރިއިރު، ބޯ ނިވާކޮށްފައިވަނީ ފަށުވި ފޮތީގެ ބޮޑު ބުރުގާއަކުންނެވެ. ހަމުގެ ކުލައަށް ބަލާލުމުން، އާޒާދާއި އާފްރީން އަށް ލިބިފައިވަނީ މަންމަގެ ދޮންކަން ކަން މާ ސާފުކޮށް އެނގިގެން ދެއެވެ. އާފްރީން މަންމަގެ ކައިރީގައި ހުރިއިރު، ދެމައިންނަށްވުރެ ބޮޑަށް ހީވަނީ ދެބެއިން ހެނެވެ. އެހާވެސް ވައްތަރުވެފައި، ޒުވާނެވެ.
ޝާއިރާ، ހަމްނާއާ ހަތަރުކަޅި ހަމަކޮށްލީ، ކައިރިއަށް އައިސްފައެވެ. މައިދައިތަގެ މަރުހަބާގެ ބަހަކަށް ކެތްމަދުވެފައި ހުރި ހަމްނާ އަނެއްކާވެސް މާޔޫސްވެގެން ދިޔައީ، އަނގައިން ބުނުމުގެ ބަދަލުގައި ހަމްނާއަށް ނިތް އަރުވާލާފައި ބަދިގެއާ ދިމާއަށް މިސްރާބު ޖެހުމުންނެވެ. ޝާއިރާގެ ހިނިތުންވުންވެސް ހީވަނީ މަސްނޫއީ ހިނިތުންވުމެއް ހެނެވެ. ދެން އިތުރަކަށް ހަމްނާއާ ދިމާއަށް ބަލާވެސް ނުލިއެވެ. އެތަން ފޫބައްދަން އާފްރީން އުޅުނުތަން ހަމްނާއަށް ފާހަގަވިއެވެ. “މަންމަ ކުޑަކޮށް ބަލިވެ އުޅެނީ. ހިނގާބަލަ ތިމީހުންގެ ރޫމް ދައްކާލާނަން! އަހަރެން ހުންނާނެ ވަރަށް ރޮމޭންޓިކް ޑެކަރޭޝަން އެއް ކޮށްލާފަ”.
އާފްރީން ސިޑިން މައްޗަށް އަރަން ފެށުމުން އާޒާދު ހަމްނާގެ ބޮލުގައި ފިރުމާލާފައި، އާފްރީންއާއެކު ދިޔުމަށް އިޝާރާތްކޮށްލިއެވެ. “އަހަރެމެން ކާނީ އިރުކޮޅަކުން ދޯ. އެކަމަކު ބަނޑުހައިވަންޏާ ބުނާތި އޭރުން ބިލާލް ލައްވާ ކޮޓަރިއަށް ކާއެއްޗެހި ފޮނުވާނަން.” އާޒާދު މިހެން ބުނީ ކިތަންމެ ލޯބިން ކަމުގައި ވިޔަސް، އޭގައި ފޮރުވިފައިވި މާނަ ނަގައިގަންނަން ހަމްނާއަށް އުނދަގުލެއް ނުވިއެވެ. މައިދައިތަމެންނާ އެއް ސުފުރާއެއްގައި ކެއުމުގެ ހުއްދަ ހަމްނާއަށް ނެތީއެވެ. އެހެނަސް އެކަން ފާޅުކުރުމުގެ ބަދަލުގައި، ހަމްނާވެސް ނޭނގޭ ކަމަށް ހަދާލީ މަސްލަހަތަށް ބަލާފައެވެ. އަނެއްކާ އާޒާދު ކައިރީގައި ޝަކުވާ ކޮށްގެން، މައިދައިތަގެ ކުރިމަތީގައި ހަމްނާގެ އަގު އިތުރަށް ވެއްޓޭކަށް އޭނާ ބޭނުމެއް ނޫނެވެ. ހަމްނާ ބޭނުންވަނީ އޭނާގެ ކެތްތެރިކަމާއި އަދަބުވެރިކަން އިސްކޮށް، އެކަމުން މައިދައިތަމެންގެ ލޯބި ހޯދާށެވެ.
ހަމްނާއާއި އާފްރީން، މަތީގައި ހުރި ކޮޓަރިތަކާ ދިމާއަށް ދިޔައިރު، އާޒާދު ނުކުމެގެން ދިޔައީ ކޮންތާކަށް ކަމަށް ނޭނގެއެވެ. އެ ސުވާލު އަހާލާނެ ފުރުސަތެއްވެސް ހަމްނާއަކަށް ނުލިބުނެވެ. އާފްރީން އެތަނުން ކޮޓަރިއެއްގެ ދޮރު ހުޅުވައިލުމުން، ހަމްނާ އޭނާއާއެކު އެތެރެއަށް ވަނެވެ. ރަސްކަލަކު ދިރިއުޅޭހާ ރީތި، ތަނަވަސް އެ ކޮޓަރި އަކީ އާޒާދުގެ ކޮޓަރިކަމަށް އާފްރީން ބުންޏެވެ. ކިންގް ސައިޒު އެނދާ ދިމާ މަތީގައި ޗާންދަލިޔާއެއް ހަރުކުރެވިފައި ހުރިއިރު، އެއް ބިތުގައި އެއްކޮށް ހުރީ ފުޅާ ލޯގަނޑެކެވެ. އަނެއް ބިތުގައި ބޮޑު ސިންގާ އަލަމާރިއެއް ހުރިއިރު، ކުޑަވަރެއްގެ ބެލްކަނީއެއް ވެސް ހުއްޓެވެ. މުޅި ކޮޓަރި ފަރުމާ ކުރެވިފައިވަނީ ކަޅާއި ރަން ކުލައިގެ ތީމަކުންނެވެ.
“ކަމުދޭތަ؟” ލާނެތް ގޮތަކަށް އެނދާ ދިމާއަށް ބަލަމުން އާފްރީން އެއްސެވެ. މުޅި އެނދުމަތި ފޮރުފިވައި ވަނީ ރަތް ފިނިފެންމަލުގެ ފިޔަތަކުންނެވެ. އަދި މުޅި ކޮޓަރި ވެސް އެއްވަސް ވެފައިވަނީ ފިނިފެންމަލުގެ މީރު ވަހުންނެވެ. ހަމްނާ އެއްޗެއް ނުބުނެ އިސްޖަހައިލީ ރަކިވެގެންނެވެ.
“ދެން އަހަރެން ދަނީ. ފަހަރި ފްރެޝް ވެލައިގެން ތިރިއަށް އާދޭ ކާން. އެހުރީ ލަގެޖުތައް.” އާފްރީން ހީނލާފައި ނުކުމެގެން ދިޔައެވެ.
އަލީ ހާރޫނާއި ޝާއިރާ ކާމޭޒުދޮށުގައި ތިބިއިރު، ތަނަށް ވެރިވެފައި ވަނީ ހަމަހިމޭންކަމެވެ. ދެމަފިރިން ކެއުމަށް އިންސާފުކުރަމުން ދިޔަ ކަމުގައި ވިޔަސް، މޫނުމަތިން ފެންނަނީ ކޮންމެވެސް ކަމަކާ ނުރުހުންވެފައި ވާ މަންޒަރެވެ. އެގޮތުން، އަލީ ހާރޫނަށްވުރެ ބޮޑަށް ޝާއިރާ ކޮންމެވެސް ކަމަކާ ހިތްހަމަނުޖެހިފައި ހުރި ހެން ހީވެއެވެ.
“ދެން އަހަރެމެން ވަކި ކީކޭ ބުނާނީ؟ އަހަރުތަކެއް ފަހުން ވިޔަސް މީހަކާ އިންނަން ނިންމީތީ ޝުކުރު ކޮށްލައިގެން ތިބުން ނޫން ގޮތެއް ނެތް”، އިރުގަނޑަކަށް ދެމިގެންދިޔަ ހަމަހިމޭންކަމަށް ނިމުމެއް ގެނައީ އަލީ ހާރޫނެވެ.
“އެ ހެޔޮ ދޯ ކޮންމެ ފާޑެއްގެ މީހަކަށް ވިޔަސް؟” ފިރިމީހާއަށް ލޯ އަޅައިލަމުން ޝާއިރާ ބުނެލީ ނިކަން ހަރުކަށި ރާގެއްގައެވެ.
“އިހަށް އަދި ގޮތެއް ނިންމަން މާ އަވަހެއްނު. އެކުއްޖާގެ މިޒާޖު އެނގެންދެން މަޑުމަޑުން އިނދެބަލަ”، އަލީ ހާރޫނު ހީވަނީ އަނބިމީހާއަށް ވިސްނައިދޭން މަސައްކަތް ކޮށްކޮށް ވަރުބަލިވެފައި އިންހެނެވެ.
“އެއީ ކޮން އަތޮޅަކަށް ނިސްބަތްވާ ބައެއްކަން އެނގޭނު! އެ އަތޮޅު މީހުން ނިކަން މަކަރުވެރިވާނެ. ހަރާންކޯރު ވާނެ. މުދާގަނޑެއް ލިބެން އޮތް ދިމާލަކުން ދަމައިގަންނާނެ. އަހަރެންގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު އެކަހަލަ މަކަރުވެރި އަންހެނެއްގެ ދަށުވިޔަ ދޭކަށް މަށަކަށް ދުލެއް ނުކުރެވޭނެ. އާޒާދުއަކީ އިޝްގީ ލޯބީގަ ޖެހިއްޖިއްޔާ ކޮންމެފަދަ ކަމެއްވެސް ކުރަން ކެރޭ މީހެއްކަން އަލީ ހާރޫނަށް ވެސް އެނގޭނެ! ޔާސްމީން ކަންތަކުގަ ވެސް އަމިއްލައަށް މަރުނުވީ ހަމަ ކިރިޔާ! އަނެއްކާ އެކުއްޖާއާ ޔާސްމީނާ ހީވަނީ…” ޝާއިރާ އޭނާގެ ކަންބޮޑުވުންތައް، ފަތިވަރެއްހެން އަމުނަމުން ދަނިކޮށް އަލީ ހާރޫނު އަތުގެ އިޝާރާތުން ހުއްޓާލަން އަމުރުކުރިއެވެ.
“ތި ދެން ކޮން ވާހަކައެއް؟ މީގެ އަށެއްކަ އަހަރު ކުރީގެ ވާހަކައެއް ފަށަފަށައިގެން ދެއްކުމުގެ ބޭނުމަކީ ކޮބާ؟ އަހަރެމެންގެ ދަރިފުޅު އެހުރީ ބޮޑުވެ ތަސައްރަފު ފުރިފަ. ކޮށްފަ ނުކުރަންވީ ކީއްކަން އޭނައަށް އެނގޭނެ. އޭނަ ދެކެ ޝާއިރާ ތިހާ ލޯބިވަންޏާ އޭނަގެ ނިންމުންތަކަށް އިހުތިރާމު ކޮށްބަލަ. އޭނަ އެހާ ކުއްލިގޮތަކަށް، އަހަރެމެން ނުވެސް ދަންނަ ކުއްޖަކާ ކައިވެނިކުރީމަ އަހަރެންވެސް ހިތްހަމައެއް ނުޖެހޭ. އެކަމަކު މަށަށް އެނގޭ މަގޭ އާޒާދު ގޯސް ނިންމުމެއް ނުނިންމާނެކަން. ގައިމު ޝާއިރާއެއް ނޫންތަ ދެރަވަގެން އުޅުނީ މިއޮއްހާ ދުވަހު، އާޒާދު މީހަކާ ނީނދެ އެހެން އެކަނިވެރިކޮށް އުޅޭތީ؟ ދެން މީހާރު ތީ ކޮންކަމެއް”، އަލީ ހާރޫން ދެފަރާތަކަށް ބޯ ހޫރާލިއެވެ.
ޝާއިރާ އުލާއި ސަމްސާ ވަރަށް ބާރަށް އޭނާގެ ތަށީ ތެރެއަށް ދޫކޮށްލިއެވެ. “ޝަމްސުއްނިސާގެ ޝަހުލާއާ އޭނަ އިންނަން އެއްބަސް ވިނަމަ މިހެންނެއް ނުވީހެއްނު!” ހަރުކަށި ގޮތަކަށް ގޮނޑިން ތެދުވެގެން ޝާއިރާ ދިޔައެވެ. ޝާއިރާގެ ނުރުހުމުގެ ހަގީގީ ސަބަބަކީ އެއީ އެވެ.
ޝާއިރާ އެންމެ ކުޑައިރުންފެށިގެން އެންމެ ގާތް އެކުވެރިޔާގެ މަގާމުގައި ހުރި ޝަމްސުއްނިސާގެ އަންހެން ދަރިފުޅާ، ޝާއިރާގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅުގެ ކައިވެނި ވެގެންދިޔުމަކީ އެ ދެ އެކުވެރިންނަށް ދަރިން ލިބުނީއްސުރެ ދެކެމުން އައި ހުވަފެނެކެވެ. ޝަމްސުއްނިސާއަކީ ވެސް ޝާއިރާ ފަދަ ޤަދަރުވެރި، މުއްސަނދި އާއިލާއެއްގެ މީހެކެވެ. އެހެންނަމަވެސް، ދެ އެކުވެރިންގެ ހުވަފެން ބިލާހަކަށް ވެގެންދިޔައީ، އާޒާދު އެހެން އަންހެން ކުއްޖަކާ ހިތާވެ އިންނަ ހިސާބަށް ދިޔުމުންނެވެ. އޭރުވެސް ޝާއިރާ އެކަމާ ނުހަނު ދެކޮޅެވެ. އެތައް ގޮތަކުން ދަރިފުޅަށް ވިސްނައިދެވޭތޯ ބެލިއެވެ. ނަމަވެސް، ޔާސްމީން ނޫން މީހަކާ ނީންނާނެ ކަމަށް އާޒާދު ދިޔައީ މަންމައާ ދެކޮޅަށް ގޮންޖަހަމުންނެވެ. އެންމެފަހުން ދަރިފުޅުގެ އުޅުމަށް ބަދަލު އައިސް، ނުކައި ނުބޮއެ އުޅޭ ހިސާބަށް ދިޔުމުން މައިލަގޮނޑިއަށް ކެތް ނުވެގެން އެ ކައިވެންޏަށް ރުހުން ދޭން މަޖުބޫރުވީއެވެ. އާޒާދު ޔާސްމީނާ އިނދެގެން އެގެއަށް ގެނައުމުން، ހަ މަސް ވަންދެން ޅީދަރިފުޅާ އަނގައިން ނުބުނެ ޝާއިރާ އުޅުނެވެ. އެއް ސުފުރާމަތިން ނުކާ ތާނގައި، ޔާސްމީން ފެންނަ ހިސާބަށް ވެސް އަންނަން ބޭނުންނުވިއެވެ. ގިލަންވެރި ހާދިސާއެއްގައި ޔާސްމީން މި ދުނިޔެއާ ވަކިވުމުންވެސް، މައިދައިތައެއްގެ ފަރާތުން ފެންނާނެ ފަދަ ހިތާމަވެރިކަމެއް ޝާއިރާގެ ފަރާތަކުން ނުފެނުނެވެ. އޭނާ ދެރަވިޔަސް ވީ، ދަރިފުޅުގެ ހާލާމެދުގައެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.



Vrhhh salhi mi vaahaka keep up the good work ummeedh kuran vaahaka ehkkoh nimen dhen genes dheyne kammah
Mi vaahaka varah reethi.. if possible thankolheh dhigu koh genesdhevidhaane tha? Waiting for the next partt.. 🥰
Masha Allah vrh reethi ♥️.. vaahaka genesdhenee kondhuvas thakugatha??