ހަނދަކީ ކަލާ ކަމުގާވިޔަސް 13
ފެންވަރައި ނިމިގެން، ތުވާލި އޮޅާލައިގެން ހަމްނާ ނުކުތެވެ. އޭރު ތެތް އިސްތަށިގަނޑު ވަނީ ދޫކޮށްލެވިފައެވެ. ހަމްނާ އާޒާދު ކައިރިއަށް ގޮސް މަޑުކޮށްލިއެވެ. އާޒާދު އޮތީ ދެލޯ މަަރައިގެން، ނިތްކުރިމަތީގައި އަތް ބާއްވާލައިގެނެވެ. އެކަމަކު ނިދާފައި އޮތްހެނެއް ހިއެއް ނުވެއެވެ. ހަމްނާ ލަދު އެއްފަރާތްކޮށްފައި އާޒާދު ކައިރީގައި އިށީނެވެ. އަދި އާޒާދުގެ އަތުގައި މަޑުމަޑުން އިނގިލި ހިންގައިލިއެވެ.
ހަމްނާ، އާޒާދުގެ އިޝާރާތަކަށް ބަލަބަލައި އިންދައި އާޒާދު ކުރިކަމަކުން ހިތް ގެނބިގެން ދިޔައެވެ. އާޒާދު ހަމްނާގެ އަތް ދުރަށްޖައްސައިލީއެވެ. އަދި ހަމްނާގެ ތެތް އިސްތަށިގަނޑުން އާޒާދުގެ މޫނުމައްޗަށް ފައިބަމުން ދިޔަ ފެންތިކިތަކުން ސަލާމަތްވުމަށް ދުރަށްޖެހިލިއެވެ. މިކަމުން ހަމްނާއަށް ލިބުނު ކުއްލި ސިހުމާ އެއްވަަރަށް އެހާ ލަދުވެސް ގަތެވެ. އާޒާދު ހަމްނާއާ ކައިރިވާކަށް ބޭނުމެއް ނުވެއެވެ. އެހެންކަމުގައި ވާނަމަ، މި ކައިވެނީގެ ޙަޤީޤީ މަޤްސަދަކީ ކޮބައިބާއެވެ؟
ޖެހިގެން އައިދުވަހު އާޒާދުގެ އުޅުން ހުރިގޮތުން، ރޭގައި ވީ ކަންތައް އޭނާގެ ހަނދާނުގައި ނެތް ފަދައެވެ. ނުވަތަ އެކަމެއް އޭނާ ކުރީ ނިދީގެ ތެރެއިންނެވެ. އަމުދުން އެވާހަކަ ދައްކާކަށް ހަމްނާ ބޭނުމެއް ނޫނެވެ. އެހެންކަމުން އޭނާވެސް އާދައިގެ މަތިން އުޅެމުން ދިޔައެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް ހަމްނާގެ ވިސާ ހަމަޖެހި، ދެމަފިރިން އިނގިރޭސިވިލާތަށް ފުރައިފިއެވެ. ދިގު ދަތުރަކަށްފަހު، މަންޒިލަށް އާދެވުމާއެކު ހަމްނާ ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އެ މާޙައުލު، އޭނާ ހީކުރި ވަރަށްވުރެ ވެސް މާ ރީތީއެވެ. އާޒާދުގެ ޕެންޓްހައުސް އެޕާޓުމެންޓަށް ވަދެގެން އައިއިރު ހަމްނާއަށް ހީވީ ހުވަފެނެއްގެ ތެރެއަށް ވަދެވުނު ހެނެވެ.
މުޅި އެޕާޓުމެންޓު ވަށައިގެންވީ ބޯ ބިއްލޫރިގަނޑުން ބޭރު ފެންނަމުންދިޔައިރު، މަންޒަރު އިތުރަށް ފުރިހަމަ ކޮށްދެނީ، ބޭރުން ފެންނަމުންދާ ވިލާތަކުންނެވެ. އެއީ 68 ވަނަ ފަންގިފިލާއަށް ވާތީ، މަގުމަތި އެއްވެސް ވަރަކަށް ނުފެނެއެވެ. އޭގެ ބަދަލުގައި، ބަލައިލި ކޮންމެ ދިމާއަކުން ފެންނަނީ ދުންފިންޏެވެ.
އާޒާދު ދަބަސްތައް ބަހައްޓަން ކޮޓަރިއަށް ވަނުމުން، ހަމްނާ ހިނގާލާފައި ނުކުތީ ރޫފްޓޮޕަށެވެ. އެތާނގައި ޕްރައިވެޓް ޕޫލަކާއި، ގަސްތައް އިންދާފައި ވާތަން ފެންނައިރު، އެއީ އެކަނި މާ އެކަނި މީހަކު ދިރިއުޅެމުން އައި ތަނެކޭ ހީނުވެއެވެ. މުޅި ތަނަށް ނަޒަރު ހިންގައިލުމަށްފަހު ހަމްނާ އެތެރެއަށްވަދެ ދޮރު ކަހައިލީ ހީކަރުވާން ފެށުމުންނެވެ.
އޭގެ އިރުކޮޅެއް ފަހުން އާޒާދު އައިސް ސޯފާގައި އިށީނީ ދެ ކޮފީ ތަށި ހިފައިގެނެވެ. “ރޫމްތައް ބަލައިފިންތަ؟” ހަމްނާއަށް ކޮފީތަށްޓެއް ދެމުން އާޒާދު ސުވާލުކޮށްލިއެވެ. “އަސްލު ތިން ރޫމްގެ ތަނެއް ހިފީ މަންމަމެން ބައެއް ފަހަރު ޗުއްޓީއަށް އައިސް ހުރެވޭނެ ގޮތަށް. ދެން އަނެއް ރޫމް އަހަރެންގެ ސްޓަޑީ ރޫމަކަށް ހަދާލީ. ހަމް އަށް ވެސް އެ ރޫމް ބޭނުންކުރެވޭނެ އިނގޭ”.
ހަމްނާ ބޯޖަހާލާފައި ބުނީ އަދި ކޮޓަރިތައް ބަލާނުލެވޭ ކަމަށެވެ. އެހެނަސް މި ގެއާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށް ބުނަމުން، ހަމްނާ އިޝާރާތްކޮށްލީ ޕޫލަށެވެ.
“ބޭނުންތަ ޕޫލަށް އެރެން؟” އާޒާދު ކުއްލިއަކަށް މިހެން އަހައިލިއިރު، ހަމްނާގެ މޫނުން ނަޒަރު ވަކިކޮށް ނުލައެވެ.
“ނޫން. ވަރަށް ހީކަރުވާނެ މިގަޑީގަ…” އާޒާދު ސަމާސާކުރަނީ ކަމަށް ހީކޮށް ހަމްނާ ޖަވާބުދިނެވެ. އަދި އާޒާދު ބަލަން އިން ގޮތުން ލަދުން އިސްޖަހައިލިއެވެ.
“ހޫނުފެނަށް ޗޭންޖުކޮށްލީމަ އޯކޭ ވާނެ. އާދެބަލަ.” އާޒާދު ތެދުވެ ކޮފީތަށި މޭޒުމަތީގައި ބެހެއްޓިއެވެ. އަދި އެއް އަތުން ހަމްނާ ނަގައި ކޮޅަށް ބަހައްޓައި، އޭނާއާއެކު އައުމަށް އިޝާރާތްކޮށްލިއެވެ. ހީކަރުވައިގަނެފައި ހުއްޓަސް، ދެކޮޅު ހަދާކަށް ހަމްނާއަކަށް ނުކެރުނެވެ.
އާޒާދު ޕޫލަށް އެރުނީ ޓީޝާޓު ބޭލުމަށްފަހުގައެވެ. އެކަމަކު ހަމްނާ އޭރުވެސް ހުރީ ބުރުގާ އަޅައިގެނެވެ. އެރެން ނޭރެން ދެ ހިޔާލެއްގައެވެ. އާޒާދު ޕޫލުގެ ފެން ހޫނުފެނަށް ބަދަލުކޮށް، މިހާރު ހީކަރުނުވާނެ ކަމަށް އަތުގެ އިޝާރާތުން ދެއްކިއެވެ. އެކަން ޔަޤީންކޮށްލަން ވެގެން ހަމްނާ ދެފައި ޕޫލުގެ ތެރެއަށް ލިއެވެ. އެއީ ތެދެކެވެ. ފެން ހުރީ އެންމެ ރަނގަޅު ހޫނު މިނުގައެވެ. ހަމްނާއަށް ރަނގަޅަށް ގޮތެއް ނުނިންމިގެން އުޅެނިކޮށް އާޒާދު އޭނާގެ އަތުގައި ހިފައި ލުތްކެއް ޖަހައިލިގޮތުން ޕޫލު ތެރައަށް ވެއްޓުނީ ނިކަން ފަސޭހައިންނެވެ. އެއާއެކު ދެމީހުން އެކުގައި ހޭންފެއްޓިއެވެ.
ހަމްނާ ޕޫލުގައި އެކިގޮތްގޮތަށް ހަރަކާތް ކުރަމުން ދަނިކޮށްޖ ޖެހިލި ފިނި ވައިރޯޅިއަކާއެކު އަނެއްކާވެސް ކުޑަކޮށް ހީކަރުވާން ފަށައިފިއެވެ. މިތަން ފެނި އާޒާދު އައިސް ފަހަތުން ބައްދައިލި ގޮތުން ހަމްނާއަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. އޭނާ އާޒާދުއާ ދިމާއަށް މޫނު އަނބުރައި، ހަތަރުކަޅި ހަމަ ކޮށްލިއެވެ. އެވަގުތު އެ ދެމެދަށް ވެރިވި ހޫނެއްގެ ސަބަބުން ހަމްނާ ހީކެރުވުން ވެސް ހުއްޓިއްޖެއެވެ.
އެކަމަކު އެ ޖާދުވީ ވަގުތުކޮޅު ދެމިގެންދިޔައީ މަދު ސިކުންތުކޮޅަކަށެވެ. އާޒާދު ކުއްލިއަކަށް ހަމްނާއާ ދުރުވެލީ، ކޮންމެވެސް އެއްޗެއް ހަނދާންވެގެން ފަދައިންނެވެ. މޫނުވެސް އަނެއް ފަރާތަށް އަނބުރާލައި، ޕޫލުން އަރަން އަވަސްވެގަތެވެ. ހަމްނާ ހުރީ ވާނުވާ އޮޅުންނުފިލާތީ، އާޒާދު އެއްޗެކޭ ބުނާނެ އިރެއްގެ އިންތިޒާރުގައެވެ.
“މިދަނީ ފެންވަރާލަން. ހަމް ވެސް ނިމުނީމަ އާދޭ އިނގޭ. ވަރަށް ބަނޑުހައި ދޯ” އާޒާދު ދެއްކީ މުޅިން އެހެން ވާހަކައެކެވެ. ހަމްނާގެ ރައްދަކަށް ވެސް މަޑުނުކޮށް، އޭނާ އެތާ ހުރި ތުވާއްޔަކުން ގައި ހިއްކަމުން ގޭތެރެއަށް ވަދެގެން ގޮސްފިއެވެ.
އަނެއްކޮޅުން ހަމްނާގެ މޫނުމަތީގައި ވަނީ ބޮޑު ސުވާލު މާކެކެވެ. އާޒާދު އޭނާއާ ކައިރިވާން މިހާ “ބިރު” މި ގަންނަނީ ކީއްވެގެން ހެއްޔެވެ؟ މި ސުވާލުގެ ޖަވާބު އާޒާދު އަމިއްލައަށް ރުހިގެން ކިޔައިދޭންދެން ހަމްނާ އިންތިޒާރު ކުރާނެއެވެ.
ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ހަމްނާއާއި އާޒާދު ކިތަންމެ ލޯބިން އުޅުނަސް، ނިދާ ކޮޓަރީގައި އެއީ ދެ ބީރައްޓެހިންނެވެ. އެދުވަހު ޕޫލުގައި ހިނގި ފަދަ އެތައް ކަމެއް އެ ފަހުން ތަކުރާރު ވިޔަސް، އަދިވެސް އާޒާދުގެ ފަރާތުން އެކަމުގެ ޙަޤީޤަތެއް ނޭނގެއެވެ.
ހަމްނާ ބަރާބަރަށް ޔުނިވާސިޓީން މެޑިސިން ކިޔަވަމުން ދިޔައިރު، އެތަނަށް ލައިދީ ގެނެސްދީ ހަދަނީ އާޒާދެވެ. އާޒާދު ބައެއް ރޭރޭ ހޮސްޕިޓަލުގައި ވަރަށް ދަންވަންދެން ވެސް އުޅޭއިރު، ފުރަތަމަ ދުވަސްކޮޅު އެކަނި ގޭގައި އިންނަން ޖެހޭތީ ހަމްނާ ބިރުގަތަސް، މިހާރު އެ ބިރު ފިލައި ގޮސްފިއެވެ. ރާއްޖެއާ ޚިލާފަށް މިއީ ވަރަށް އަމާން ހިސާބުގަނޑެކެވެ.
އެހެން އުޅެނިކޮށް، އެއްފަހަރަކު ސްނޯގެ ބޮޑު ތޫފާނެއް ކުރިމަތިވެގެން، ޔުނިވާސިޓީތަކާއި ގިނަ ތަންތަން ބަންދުކުރިއެވެ. ނަޞާރާއިން ފާހަގަކުރާ ކްރިސްމަސް ވެސް ދިމާވަނީ އެދުވަސްކޮޅާ ކަމަށް ވާތީ، ޔުނިވާސިޓީތަކުން ދަރިވަރުންނަށް އެއް މަސް ދުވަހުގެ ޗުއްޓީއެއް ދޭޭން ނިންމިއެވެ. އެކަމާ އުފަލުން ހަމްނާ ހުރީ ރާއްޖެއަށް ދެވޭނެ ކަމުގެ އުންމީދުގައެވެ. މަންމައާއި ބައްޕައާ ބައްދަލުނުވެ އެހާ ގިނަ ދުވަސްވުމުން، އެމީހުން މަތިން ވަރަށް ބޮޑަށް ހަނދާންވެފައެވެ.
ހަމްނާގެ އެދުމުގެ މަތިން އާޒާދުވެސް ހޮސްޕިޓަލުން ކުރު ޗުއްޓީއެއް ނެގިއެވެ. އެކަމަކު އޭނާއަށް ލިބުނީ އެންމެ ހަފްތާއެކެވެ. އެހެނަސް، ހަމްނާ ހިތްހަމަޖައްސައިލުމުގެ ގޮތުން ރާއްޖެ ދާން އޭނާ ނިންމިއެވެ. އޭނާގެ މައިންބަފައިންނަށް ހަމްނާ ތަޢާރަފު ކޮށްދޭން މިއީ އެންމެ ރަނގަޅު ދަނޑިވަޅުކަމުގައި ވެސް ވާނެތާއެވެ.
ރާއްޖެ ދާން އާޒާދު އެއްބަސް ވިއިއިރު އޭނާގެ ޝަރުތެއް އޮތެވެ. އެއީ އެކޮޅަށް ގޮސްފައި ހުންނަން ޖެހޭނީ އޭނާގެ އުފަން ރަށުގައި، އޭނާގެ މައިންބަފައިން ކައިރީގައެވެ. އެކަމަކު ހަމްނާ މަންމަމެން ކައިރިއަށް ވެސް ޒިޔާރަތް ކުރާނެ ކަމަށް އާޒާދު ވަޢުދުވިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


