އާތިފް ފޯނުބޭއްވިތާ ވިހި މިނެޓުވެސް ހަމަނުވަނީސް ލޯޔަރު އެތަނަށް އައެވެ.އަދި އާތިފްގެ އަތުން އެ ލިޔުން ނެގިއެވެ. “ކިހާ ދުވަހެއް ވާނެ ތި ހަމަޖެހެން؟” އާތިފް އަހާލިއެވެ. “ދެބޭފުޅުންގެ ވެސް ސޮޔާ އިނގިލީގެ ނިޝާން ލިބުނީމަ އަވަސް ވާނެ..ލަފާކޮށްފަ ބުނަންޏާ ހަފްތާއެއްތެރޭ ނިމޭނެ..އެހެންނަމަވެސް މީތި އެއަށްވުރެވެސް އަވަސްވޭތޯ އަޅުގަނޑު މަސައްކަތް ކުރާނަން” ލޯޔަރު އެހެންބުނެ އާތިފަށް އަވަސް ޝިފާއެއް މިންވަރުކޮށްދެއްވުން އެދި އެތަނުން ނިކުތެވެ.
ލޯޔަރު ދިއުމުން އަނެއްކާވެސް ފަރީޝާއާ އާތިފް އެކަނިވިއެވެ. “ވިޔާމް މިތަނަށް ވަނުމަށް ފަރީޝާ ބޭރަށް ނިކުމެލާނަން…އޭނަ އެބައިން ބޭރުގަ” ބޭރުގައި ވިޔާމް އިންކަން ހަނދާންވުމުން ފަރީޝާ ބުނެލިއެވެ.ފަރީޝާ ނިކުމެ ވިޔާމަށް ވަނުމަށް ބުނެލިއެވެ.ވިޔާމް އާތިފް ކައިރިއަށް ވަދެ އޭނާއަށް އަވަސް ޝިފާއެއް ދެއްވުން އެދި، އާތިފާ ކުޑަކޮށް ވާހަކަދައްކާލިއެވެ.
*********
ވަގުތުތައް ހިނގަމުންގޮސް އިރުއޮއްސި އަނދިރިވީއެވެ.ނަމަވެސް އާތިފް ހޮސްޕިޓަލުން ދުލެއްނުކުރެއެެވެ.ވަގުތުތައް ދާވަރަކަށް އާތިފްގެ ހާލަތު ދިޔައީ އިތުރަށް ގޯސްވަމުންނެވެ.
އެނދުގައި އޮތް އާތިފަށް އޭނާ ދެން ސަލާމަތެއް ނުވާނެކަމުގެ އިހުސާސްކުރެވެން ފެށިއެވެ.އެއާއެކު އިރާކޮޅު އޭނާ ލިޔުނު ލިޔުންކޮޅު ފަރީޝާއަށް ދޭން ނިންމިއެވެ.އެލިޔުމަކީ އޭނާއަށް ފަރީޝާގެ ކުރިމަތީ ހާމަނުކުރެވުނު ހުރިހާ ހަގީގަތެއް ވާ ލިޔުމެވެ.އެހެންކަމުން ނަރުހަކު އެތަނަށް ވަންނަންދެން އާތިފް އިންތިޒާރުކުރަމުން ދިޔައެވެ.
އާދައިގެ މަތިން އާތިފްގެ ހާލަތު ބަލަން ނަރުހަކު އެކޮޓަރިއަށް ވަނެވެ.އަދި އާތިފް ޗެކުކުރުމަށްފަހު އޭނާ ނިކުމެގެންދިޔައީ ބޭރުގައި އިން ފަރީޝާއަށް ގޮވާ އެތެރެއަށް ވަނުމަށް ބުނުމަށްފަހުގައެވެ.ނަރުސްމީހާ އެތެރެއަށް ވަންނާށޭ ބުނުމުން ފަރީޝާއާ ވިޔާމް އެކަކު އަނެކަކަށް ބަލާލިއެެވެ.ގޮނޑިން ތެދުވެ އާތިފް އޮތް ކޮޓަރިއަށް ފަރީޝާ ވަނެވެ.އަދި އެނދު ކައިރިއަށް ޖެހިލުމަށްފަހު ވީކީއްތޯ މަޑުމައިތިރި ކަމާއެކު ފަރީޝާ އާތިފް ގާތު އަހާލިއެވެ.
“ފަރީޝާ ދެން އާތިފް ސަލާމަތްވާނެހެން ހިއެއްނުވޭ…އާތިފަށް ފަރީޝާ ހިތްހަމަ ނުޖެހޭފަދަ ކަމެއް ކުރެވިފާވާނަމަ މާފަށް އެދެން” ކުރިއަށްވުރެ ބަލި އަޑަކުން އާތިފް ވާހަކަދައްކަމުން ދިޔައެވެ.އާތިފް އެހެންބުނުމުން އޭނާގެ އަތުގައި ހިފާލުމަށްފަހު، އެހެން ނުބުނުމަށާއި އާތިފް ރަނގަޅުވާނެކަމަށް ފަރީޝާ ބުންޏެވެ.
“އާތިފް ބޭނުންވޭ މިއަދު ފަރީޝާއަށް ހުރިހާ ހަގީގަތެއްވެސް ކިޔައިދޭން..އެހެންނަމަވެސް ދުލުން ކިޔައިދެވޭހާ ހިތްވަރެއް މިއަދަކު އާތިފްގެ ނެތް..އެހެންވެ ހުރިހާ އެއްޗެއްވެސް އާތިފް ހުންނާނީ މިއަދު އިރާކޮޅު ލިޔެފަ” އެހެންބުނެ އޭނާ ބޯއަޅައިގެން އޮތް ބާލީސް ދަށަށް މިއަދުލި ގަނޑުކޮޅު އާތިފް ނެގިއެވެ. “ތި ބާލީސްދަށަށް ލިތަން ދެކުނިން…ކޯއްޗެއްތޯ އަހަންވެސް އުޅުނިން އެކަމަކު އަޅާނުލީ” އެކަރުދާސް ފެނުމުން ފަރީޝާ ބުނެލިއެވެ.
“މިއަދު ނަރުހެއް މިތަނަށް އައުމުން އެބޭފުޅާ އަތުން ގަލަމަކާ ކަރުދާސްކޮޅެއް ހޯދައިގެން ލިޔުނީ” އާތިފް ބުނެލިއެވެ. “ތަންކޮޅެއް ކުރިން ފަރީޝާ އެހީމެއްނު އާތިފަށް ބަދަލު އައީ ކީއްވެހޭ…މިއަދު އެސުވާލަށް ފަރީޝާއަށް ޖަވާބުލިބޭނެ” އާތިފް އެހެންބުނެލިއިރު އޭނާގެ އަޑުގައި ހިތާމަވެރިކަމެއްް އުފެދިފައިވެއެވެ.
ތުރުތުރު އަޅާ ހާލު ކަރުދާސްކޮޅު އާތިފް ދިއްކޮށްލުމުން، އޭގައިވާ އެއްޗެއް ކިޔާލަން އިންތިހާއަށް ބޭނުންވެފައިވާ ފަރީޝާ ވަގުތުން އޭގައި ހިފިއެވެ.ކަރުދާހުގައި ފަރީޝާ ހިފާލުމާއެކު އާތިފަށް ދެލޯ މަރާ ފިއްތާލެވުނެވެ.އަދި އެވަގުތު އޭނާގެ ލޮލަށް ޖަމާވެފައިހުރި ކަރުނަތައް ފައިބައިގެން ދިޔައެވެ.
“ފަރީޝާއަށް،
އަހަރެން މިއަދު މިލިޔުން މިލިޔަނީ އަހަރެން ނެތިގެންދިޔަސް ފަރީޝާ ވާނުވާއެއްގައި ބަހައްޓަން ބޭނުންނުވާތީއެވެ.އެތައްް ދުވަހެއް ވަންދެން އަހަރެންގެ ހިތުތެރޭގައި ރައްކާކޮށްގެން ގެންގުޅުނު ހުރިހާ އެއްޗެއް މިއަދު މި ބޭރުކޮށްލަނީ ހަށީގައި ނެތް ހިތްވަރުވެސް ނެރިގެންނެވެ.ފަރީޝާއާ ފުރަތަމަ ބައްދަލުވި ދުވަހުވެސް ފަރީޝާގެ ރަނގަޅުކަން އަހަންނަށް އެނގުނެެވެ.އަދި ފަރީޝާއާއެކު އުޅެންފެށި، އައިލީންނާ ދޭތެރޭގައިވެސް ފަރީޝާ ބެހެއްޓި އޯގާތެރިކަން ފެނި ފަރީޝާގެ ހިތަކީ އޯގާތެރި ހިތެއްކަން އަހަންނަށް ޔަގީންކުރެވުނެވެ.ފަރީޝާގެ ފަރާތުން އަހަންނަށް ފެންނަމުންދިޔައީ އައިލީންގެ މަންމަގެ ފަރާތުން އަހަރެން އެންމެ ދެކެން ބޭނުންވި ސިފަތަކެވެ.އަހަންނަށް ފަރީޝާގެ ފަރާތުން ހިތްހަމަ ނުޖެހޭ އެއްވެސް ސިފައެއް ނުފެނެއެވެ.އޭގެ ބަދަލުގަ އަހަންނަށް ފެންނަމުންދިޔައީ އައިލީންނަށްވެސް ފަރީޝާ ވަމުންދިޔަ އޯގާތެރިކަމާއި ދެމުންދާ ލޯތްބެވެ.ގެވެހިކަމާއި ސާފުތާހިރުކަމެވެ.މިހެންގޮސް ރަނގަޅު ހުރިހާ ސިފައެއް ފަރީޝާގެ އެބަހުރިއެެވެ.ގަލަމުން ބަޔާންކޮށްދޭންވެސް އުދަނގުލެވެ.
ކަންމިހެން އޮތުމާއެކު އަހަންނަށް ފަރީޝާދެކެ ތަފާތު އިހުސާސެއް ކުރެވެން ފެށިއެވެ.އަބަދު ތިހިޔާލް ކުރެވުމާއި، ތި އަޑު އަހާ ހިތްވުމުގެ އިތުރުން ތިމޫނު އަބަދުވެސް ދެކެން ބޭނުންވާން ފެށިއެވެ.އެހެންއެގޮތަށް ވާންފެށުމުން އެކަމުގެ ސަބަބަކީ ކޮބާ ބާވައޭ އަހަރެންގެ ހިތަށްއެރިއެވެ.އެހެންނަމަވެސް ސަބަބެއް ވިސްނާ ވިސްނާވެސް އަހަންނަކަށް ނޭނގުނު….ނަމަވެސް މި އިހުސާސަކީ އައިލީންގެ މަންމަ ފިޔަވައި އެހެން އަންހެނަކާ ދޭތެރޭ ކުރެވުނު އިހުސާސެއް ނޫންކަމުން އަހަންނަށް ފަރީޝާދެކެ ލޯބި ވެވެނީކަމަށް ގަބޫލުކުރެވެން ފެށިއެވެ.” އެހިސާބަށް ކިޔާލުމަށްފަހު ފަރީޝާ ހައިރާންކަމާއެކު އާތިފާ ދިމާލަށް ބަލައިލިއެވެ.އަދި އަނެއްކާވެސް އެލިޔުން ކިޔަންފެށިއެވެ.
“އަހަންނަށް ފަރީޝާދެެކެ ވެވެނީ ލޯބިކަން އެނގުނު ހިސާބުން އެކަންް ހުއްޓުވޭތޯ އަހަރެން ވަރަށް މަސައްކަތް ކުރީމެވެ.އެތައް ގޮތަކުން ހިތާއި ސިކުނޑިއަށް އަހަރެން ވިސްނައިދިނީމެވެ.ނަމަވެސް އެދެވޭ ނަތީޖާއެއް ނުލިބުނެވެ.އެންމެފަހުން އަހަރެން ނިންމީ ފަރީޝާ އަހަރެންގެ މީހަކަށް ހެދުމަށެވެ.ފަރީޝާ ގާތުން ކައިވެންޏަށް އެދޭށެވެ.އެއީ އައިލީންނަށްވެސް ތިއަށްވުރެ ރަނގަޅު ދޮންމަންމައެއް އާތިފަށް ހޯދައި ނުދެވޭނެތީއެވެ.
ފަރީޝާ ގާތު ކައިވެންޏަށް އެދެންވެގެނާއި ލޯބިވާ ވާހަކަ ހާމަކުރަން އެއްރޭ އާތިފް މަސައްކަތް ކުރީމެވެ.ނަމަވެސް ހިތްވަރެއް ނުލިބުނެވެ.އެހެންނަމަވެސް ޖެހިގެން އައި ދުވަހު އެކި ގޮތްގޮތަށް ފަރިތަކުރުމަށްފަހު އެކަންތައް ފަރީޝާއަށް އަންގަން އާތިފް ނިންމީމެވެ.ފަރީޝާ ވިޔާމާ ދިމާވި ވާހަކަ ކިޔައިދިން ދުވަހަކީ އާތިފް ފަރީޝާގާތު އިންނަން އަހަން އުޅުނު ދުވަހެވެ.ނަމަވެސް ވިޔާމްގެ ވާހަކަ ފަރީޝާ ކިޔައިދިނުމުން އާތިފަށް ދެން ފުރުސަތެއް ނޯންނާނެކަން އެނގުނެވެ.އެހެންކަމުން ކިތަންމެ ހިތާމައެއް މިހިތަށް ލިބުނު ނަމަވެސް، ފަރީޝާދެކެ ވެވުނު ލޯބި މިހިތުގައި ކަފުންކުރަން ޖެހުނީއެވެ.
ފަރީޝާދެކެ ވާލޯބި ހުއްޓޭތޯ އެދުވަހުން ފެށިގެން އަމަލީގޮތުންވެސް އެކަމަށް މަސައްކަތް ފެށީމެވެ.ފަރީޝާ ފެންނަން ހުއްޓަސް ނުފެންނަކަމަށް ހަދަންފެށީ އެހެންވެގެނެވެ.ތިދެލޮލަށް ބެލުން މުޅިން ހުއްޓާލީވެސް އެހެންވެގެނެވެ.ފަރީޝާއާ ބަހެއް ނުބަނަނީވެސް އެހެންވެގެނެވެ.” ލިޔުންކޮޅު ކިޔާ ނިމުނު ފަރީޝާގެ ދެލޯ ފެންކަޅިވެގެންދިޔައެވެ.ހިތާމަވެރި އަޑަކުން އޭނާ އާތިފަށް ގޮވާލިއެވެ.
“އާނ ފަރީޝާ އާތިފަށް ފަރީޝާދެކެ ލޯބިވެވިއްޖެ” އާތިފް އެހެންބުނިއިރު އޭނާގެ ލޮލުންވެސްް ކަރުނަތައްަ ފައިބަމުން ދިޔައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.






Wow!hama best ingey?
keep it up?❤