“އެހެންވެގެންތަ އާތިފަށް އެދުވަސްކޮޅު އެހާ ބަދަލެއް އައީ؟” ފަރީޝާއަށް އަހާލެވުނެވެ. ފަރީޝާގެ އެސުވާލަށް އާތިފް ބޯޖަހާލިއެވެ.އެވަގުތު ފަރީޝާއަށް ދެރަވެގެންގޮސް ރޮވުނެވެ.ފަރީޝާ ރޯތަން ފެނުމުން އާތިފަށްވެސް އިތުރަށް ރޮވުނެވެ. “ފަރީ އާތިފް ބޭނުންވޭ ސުވާލެއް ކޮށްލަން އެއަށް ތެދުވެރިކަމާއެކު ޖަވާބުދީފާނަންތަ؟” އާތިފް އުދަނގޫކަމާއެކު ބަލިގޮތަށް އަހާލިއެވެ.އާތިފް އެހެންއެހުމުން ލޯފުހެލުމަށްފަހު ސުވާލުކުރުމަށް ފަރީޝާ ބުނެލިއެވެ.
“އެދުވަހު ވިޔާމްގެ ހަގީގަތް ނޭނގި ހުއްޓާ އާތިފް ލޯބިވާ ވާހަކަ ބުނެ ފަރީޝާގެ ގާތުން ކައިވެންޏަށް އެދެފިނަމަ އިންނާނަންތަ؟” އާތިފް އަހާލިއެވެ. އާތިފްގެ އެސުވާލުން އޭނާއަާ ދިމާލަށް ވަގުތުކޮޅަކު ދެރަވެފައި ބަލަން ފަރީޝާ ހުއްޓެވެ. “ވިޔާމްގެ ހަގީގަތް އެނގުމުގެ ކުރިން ނަމަ އާތިފްގެ މީހަކަށް ވެވުނީސް ކަންނޭނގެ” ކުރި ސުވާލަށް ުތެދުވެރިކަމާއެކު ފަރީޝާ ޖަވާބުދިނެވެ.
“އަދި އެއް ސުވާލުކޮށްލާނަން…އާތިފާ އިނދެގެން އުޅެނިކޮށް ވިޔާމްގެ ހަގީގަތް އެނގިއްްޖެނަމަ އާތިފާ ދުރަށް ދާނަންތަ؟” އާތިފް އަނެއްކާވެސް ސުވާލެއް އެހިއެވެ. “އެހެންވެއްޖެނަމަ އެއީ ފަރީޝާގެ ހަޔާތުގަ ދިމާވާނެ އެންމެ އުދަނގޫ ކަމަށް ވެގެންދާނީ..ފަރީޝާއަށް ހެޔޮމީހަކަށް ފަރީޝާވެސް ހެޔޮވާނަންް…އެކަން އެހެންއޮތަސް މީހެއްގެ އަންބަކަށް ވުމަށްފަހު ދެން އެވީ އެމީހެއްގެ މީހަކަށްތާ އެހެންވުމުން…” ފަރީޝާ ބުނަން އުޅުނު ނަމަވެސް އާތިފް އޭނާ ހުއްޓުވިއެވެ.
“ދެން ހެޔޮ އިތުރަށް އެންމެ އެއްޗެއްވެސް ނުބުނޭ….ތިދުލުން އަހަންނަށް ކޮންމެވެސް ކަހަލަ ޗާންސެއް ލިބިދާނެއޭ ބުނުމުންވެސް މިހިތަށް ވަރަށް ބޮޑު ހަމަޖެހުމެއް ލިބިގެން ހިނގައްޖެ” ކޮންމެ ސިފައެއްގައި ވިޔަސް، ފަރީޝާގެ ދުލުން ވިޔާމްގެ ހަގީގަތް އެނގުމުގެ ކުރިންވިޔަސްް އާތިފަށް ފުރުސަތެއް އޮވެދާނެއޭ ބުނުމުން އާތިފްގެ މޮޅިވެރި ހިތަށް ވަރަށް ބޮޑު ހަމަޖެހުމެއް ލިބުމުން އާތިފް ބުނެލިއެވެ.
“އާތިފަށް ދުވަހު ކަމެއް ކޮށްދެންޏާވެސް ދެކަމެއް ކޮށްދީ….އެއީ އާތިފް ނެތަސް އާތިފް ފަރީޝާއަށް ދިން އެޕާޓުމަންޓު ދޫނުކޮށްލުން…ދެވަނަ ކަމަކީ މި ކަބަޑު ވަތްގަނޑުތެރޭގަ އޮންނާނެ ފޮއްޓަކަށްލާފަ އިން އަނގޮޓިއެއް..އޭތި ފަރީޝާގެ އިނގިލީގަ އަޅައިދީ” އާތިފް އެހެންބުނުމުން އެފޮށިނަގާ އޭގައިވާ އަނގޮޓިއަށް ފަރީޝާ ބަލައިލިއެެވެ. “ތީ ކައިވެންޏަށް އެދެން ފަރީޝާއަށް އާތިފް ގަތް އަނގޮޓިއެއް…އެކަން އާތިފަށް ނުވިއަސް އަބަދުވެސް އާތިފް އަތުގަ ތި ފޮށި އޮންނާނެ..އާތިފް ބޭރަށް ދިޔަސް ފަޓުލޫނު ޖީބުގަ ތިއޮންނާނެ” އަނގޮޓިއަށް ބަލަން ފަރީޝާ ހުރުމުން އާތިފް ބުނެލިއެވެ.
އާތިފް އެހެންބުނުމުން އޭނާއާ ދިމާލަށް މޮޅިވެރި ނަޒަރަކުން ފަރީޝާ ބަލައިލިއެވެ.އޭނާދެކެ ލޯބިވާ ދެމީހުން ހުރެ، އެދެމީހުންވެސް އޭނާދެކެ ތެދުވެރި ލޯބިވާކަން މިއަދު އެނގުމުން ފަރީޝާގެ ހިތަށް ލިބިގެންދިޔައީ ބަޔާންކޮށްދޭން ނޭނގޭ ހިތާމަވެރިކަމެކެވެ.
**********
އިތުރަށް ބުނާނެ އެއްޗެއް ނޭނގުމުން އާތިފާ ދިމާލަށް މޮޅިވެރިކަމާއެކު ބަލަހައްޓައިގެން ފަރީޝާއަށް ހުރެވުނެވެ.އެގޮތުގައި ފަސް މިނެޓް ފަރީޝާ ހުއްޓާ އާތިފް ކުއްލިއަކަށް ސަކަރާތްވާން ފެށިއެވެ.އޭނާގެ ހިތުގެ ވިންދާ އެއްޗެހި އަވަސްވެ، އޭނާގެ ގަޔަށް ގުޅާފައިވާ މެޝިނުތަކުން އެލާމް އަޅަންފެށިއެވެ.އެއަޑަށް ނަރުހުންތައް އެކޮޓަރިއަށް ދުވެފައި ވަދެގަތެވެ. ނަރުހުން އައިސް އާތިފަށް އަަވަސްފަރުވާދޭން ފެށިއިރުވެސް ފަރީޝާއަށް ގަނބުވެފައި ހުރެވުނެވ.ެ
އާތިފަށް އަވަސްފަރުވާ ފޯރުކޮށްދިނުމުން ކޮންމެވެސް ވަރަކަށް އޭނާ ހަމައަކަށް އެޅުނެވެ.އެހެންނަމަވެސް އޭނާގެ ހާލު އަދިވެސް ރަނގަޅެއް ނޫނެވެ. “ކިހިނެއްވީ؟” ނަރުހަކު ފަރީޝާ ގާތުން އަހާލިއެވެ. “ނޭނގެ އަޅުގަނޑު މިތާ ހުއްޓާ ކުއްލިއަކަށް ސަކަރާތްވީ” ހޭވެރިކަންވި ފަރީޝާ އަވަހަށް ބުނެލިއެވެ.
“ފަރީ” ފަރީޝާގެ އަތުގައި ހިފާލަމުން އާތިފް ބުނެލިއެވެ. އެވަގުތު ފަރީޝާ އާތިފް ދިން އަނގޮޓި އަޅާލިއެވެ. “ޝުކުރިއްޔާ” ފަރީޝާ އަނގޮޓި އެޅުމުން އާތިފް ޝުކުރުއަދާކުރިއެވެ. “އާތިފް ކުރިންވެސް ބުނިހެން ދެން އާތިފް ރަނގަޅުވާނެ ހެން ހިއެއްނުވޭ..” އާތިފަށް އެހިސާބަށް ބުނެވުނުތަނާ ވިޔާމް އެކޮޓަރިއަށް ވަތްތަން ފެނުނެވެ. ވިޔާމް ވަނުމުން ފަރީޝާގެ އަތުން އާތިފް ދޫކޮށްލިއެވެ.ފަރީޝާވެސް އަވަހަށް މޭޒުމަތީގައި އޮތް އާތިފް ލިޔުނު ލިޔުންކޮޅު ނަގާ ބޮނޑިކޮށްލުމަށްފަހު، ވިޔާމަށް ނޭނގޭނެހެން އޭތި އެއްލާލިއެވެ.
ފަރީޝާ އެގޮތަށް ކަންތައްކުރީ މަސްލަހަތަށްޓަކައެެވެ.އެއްވެސް މީހަކު އަމިއްލަ އަނބިމީހާދެކެ އެހެންމީހަކު ލޯބިވާކަން ނޭދޭނެ ފަދައިން ވިޔާމްވެސް އެގޮތް ބޭނުންނުވާނެކަން އެނގޭތީއެވެ.އެއީ ފަރީޝާވެސް ބޭނުންވާ ގޮތެއް ނޫނެވެ.އޭނާދެކެ ލޯބިވެ އެލޯބި ހާމަނުކުރެވި އަނެކާއަށް ދެރައެއް ލިބެން ފަރީޝާވެސް ބޭނުމެއް ނޫނެވެ.އެހެންނަމަވެސް ބައެއް އިހުސާސްތަކަކީ އަމިއްލަ ބާރުފޯރުވޭނެ އެއްޗިއްސެއް ނޫންތާއެވެ.
“ވިޔާމް ތީ ވަރަށް ނަސީބު ރަނގަޅު މީހަކު” ވިޔާމް ވަނުމުން އޭނާއަށް އާތިފް ބުނެލިއެވެ. އާތިފް ވާހަކަދެއްކީ ފުން ނޭވާތަކެއް ލަމުންކަމުން އޭނާއަށް ނޭވާލުމުގައި އުދަނގޫތަކެއް ވާކަން ފަރީޝާއަށްވެސް ވިޔާމަށްވެސް އެނގުނެވެ. “ބުރޯ އުދަނގޫވަނީތަ؟ ނަރުހަށް ގޮވަންވީދޯ؟” އެހެންބުނެ ނަރުހަކަށް ގޮވަން ވިޔާމް ދާން އުޅެނިކޮށް އާތިފް އޭނާ ހުއްޓުވިއެވެ.
“ނޫން މިހާރު ދެން މާ ލަސްވެއްޖެ…އަހަރެންގެ އަޖަލު ހަމަވަނީ…ވިޔާމް ފަރީޝާ އަހަރެންގެ ދަރިފުޅު އައިލީން ރަނގަޅަށް ބަލަހައްޓައިދޭތި…އަހަންނަށް އިނގޭ މިހެންބުނާއިރުވެސް ތިދެމީހުން އޭނަ ބަލާނެކަން…އައިލީންވެސް ތިދެމީހުންދެކެ ވަރަށް ލޯބިވޭ” އާތިފް އެހެންބުނުމުން ވިޔާމާ ފަރީޝާ ދުނިޔޭގައި ހުރިހާ ދުވަހަކު އައިލީންނަށް ދެރަގޮތެއް ނުވާނެކަމުގެ ޔަގީންކަން އާތިފަށް ވިޔާމް ދިނެވެ.
“އިނގޭ ތިކަން އެހެންވެގެން އަހަރެން މިއޮތީ ވަރަށް ހިތްހަމަ ޖެހިފަ….ފަރީޝާއަށް ގެއިން ފުލޯއެއް އާތިފް ދީފިން އެކަން މިހާރު އޮތީ ނިމުމުގެ މަރުހަލާގަ…އެކަން ނިމުމުން ލޯޔަރު ފަރީޝާއަށް ގުޅާނެ…ތިދެމީހުން އައިލީން ގޮވައިގެން މާލޭގަ އުޅޭ” އާތިފްގެ ލޮލުން ކަރުނަ އޮހޮރިގެންދިޔައެވެ.
“އައިލީންނާ ދޭތެރޭ ނުވިސްނާ އަހަރެމެންގެ އަމިއްލަ ދެލޯފަދައިން އައިލީން ރައްކާތެރިކުރާނަން” ފަރީޝާ ބުނެލިއެވެ. “އަހަންނަށް ކަމެއް ކުރެވިފައިވާނަމަ މާފުކޮށްދީ….އައިލީންގެ ބެލެނިވެރިކަން ހޯދަން ވަރަށް މަސައްކަތްކުރާތި” އާތިފް ބުނެލިއެވެ. “އާނ…ވަރަށް މަސައްކަތް ކުރާނަން…މާފަށް އެދެންޖެހޭވަރުގެ ކަމެއް އާތިފްގެ ފުށުން ނުފެނޭ” ފަރީޝާގެ އިތުރުން ވިޔާމްވެސް ބުނެލިއެވެ.
“ފަރީޝާ އަހަރެންގެ ކޮޓަރީގެ ޑުރެސިން ޓޭބަލްމަތީގަ އިންނާނެ ކުޑަ ފޮއްޓެއް އޭގަ ވާނެ ތަޅުދަނޑިއެއް..އެތަޅުދަނޑިން އަލަމާރި ހުޅުވާލާއިރު ފެންނާނެ ފޮއްޓެއް…އޭގަ ހުންނާނީ އޭނައާއެކު އަހަރެން ހޭދަކުރި ހިނދުކޮޅުތަކުގެ ކުރު ވީޑިއޯތަކެއް އެއީ އައިލީން ބޮޑުވުމުން އޭނައަށް ދައްކަން ކުރި ވީޑިއޯތަކެއް…އަދި އައިލީންގެ މަންމަ ފޮޓޯވެސް އޭގަވާނެ…އައިލީން ބޮޑުވެގެން ހަގީގަތް އެނގެން ބޭނުންވެއްޖެނަމަ ކިޔައިދީ…އަހަރެން އޭނަދެކެ ވާލޯބިވެސް ބުނެދޭތި…އަދި އައިލީންގެ މަންމަގެ ހަގީގަތާ ލީނާގެ ފޮޓޯވެސް ދައްކާތި” ފުން ނޭވާތަކެއް ލަމުން އާތިފް ބުނެލިއެވެ.
“އާނ ތިކަން ކޮށްދޭނަން..ދެން ވާހަކަނުދައްކާ އަރާމުކޮށްލާ އިރާދަކުރެވިއްޔާ އާތިފް ރަނގަޅުވާނެ” ފަރީޝާ ބުނެލިއެވެ.އެހެންނަމަވެސް އާތިފްގެ ހާލަތު ހައްތަހާ ދަށަށް ދާން ފެށިއެެވެ.އިސާހިތަކު އާތިފަށް ނޭވާ ނުލެވޭން ފެށިއެވެ.އެހެންކަމުން ނަރުހުން އަނެއްކާވެސް އާތިފަށް އަވަސް ފަރުވާދޭން ފެށިއެވެ.ނަމަވެސް މިފަހަރު އާތިފް ރަނގަޅެއް ނުވިއެވެ.އޭނާ ފަހު ނޭވާ ދޫކުރީ ނަރުހުން ފަރުވާ ދެނިކޮށް، އާތިފާ ފަރީޝާގެ ކުރިމަތީގައެވެ.މަރުވުމުގެ ކުރިން ފަހުފަހަރަށް ކަރުނުން ފުރިފައިވާ ނަޒަރަކުން އޭނާ ފަރީޝާއަށް ބަލައިލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.






Alheyy vrh vrh vrh rythi ingey ..but vrh sad athif maruvyma …. ??
I’m waiting for the next part ingey
Lysm
thanks dear?
Alhey haadha dhera ey dhw!?
Aathif maruvee?
Very nice dear❤
thanks dear?