ލޯބިވާތީ…2
ކައިލް އަތިރިއަށް ދިޔައީ އައިރާ ފެންނާނެ ކަމުގެ އުންމީދެއް އޮވެގެނެން ނޫނެވެ.ނަމަވެސް ވެލިގަނޑުމަތީ އިށީދެލައިގެން ފޯނާ ކުޅެން އިން އައިރާ ފެނުމުން ބޭއިޙްތިޔާރުގައި ކައިލްއަށް ހީލެވުނެވެ.އަދި އައިރާ އާއި ދިމާލަށް ހިނގައިގަތީ ވާހަކަ ދައްކާލަން ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ.
….
ފޯނާ ދިމާލަށް ގެއްލިފައި އިން އައިރާއަށް ހޭވެރިކަމެއްވީ މީހަކު ކައިރިއަށް އައިސް ހުއްޓުމުންނެވެ.
“ހައި” އައިރާގެ ކުރިމަތީގައި ހުއްޓިލަމުން ކައިލް ބުންޏެވެ.
“ހޭއި..” އައިރާ ލަދުން އިނދެ ބުނެލިއެވެ.
“އޯކޭތަ އަހަރެން މިތާ އިށީނަސް؟” ކައިލް އަހާލިއެވެ. އައިރާ އެއްވެސް އެއްޗެއް ނުބުނެ މަޑުމަޑުން ބޯ ޖަހާލިއެވެ.
” އައިމް ކައިލް.. ވަޓްސް ޔުއަރ ނޭމް؟” ކައިލް އަމިއްލައަށް ތަޢާރަފްވަމުން އަހާލިއެވެ.
“އައިރާ..” ކައިލްގެ މޫނަށް ބަލަން އިނދެ އައިރާ ބުނެލިއެވެ.އެކި އެކި ވާހަކަ ދައްކަން ދެމީހުން ވެލިގަނޑު މަތީގައި ތިއްބެވެ.ކައިލް އަކީ ބ.އަތޮޅުގެ ރަށަކަށް ނިސްބަތްވާ ބާވީސް އަހަރުގެ ޒުވާނެކެވެ.މިރަށަށް އައިސްގެން އުޅެނީ ދިރާގުގެ ފަރާތުން އޮފީސް ދަތުރެއްގައި ކަމަށް ކައިލް ބުންޏެވެ.އެކިއެކި ވާހަކަ ދައްކަން ތިބުމަށްފަހު ދެމީހުން ވަކިވެގެން ދިޔައީ ހަވީރު ހަމަ އެތަނުން ބައްދަލުވާނެކަމަށް ބުނަމުންނެވެ.
އައިރާ ގެއަށް ދިޔައިރު އައިރާގެ މަންމަ ބަދިގެ ތެރޭގައި ހެނދުނުގެ ނާސްތާ ތައްޔާރު ކުރުމުގައި އުޅުނެވެ. އެހެން ކަމުން އައިރާވެސް އަތާއި ފައި ދޮވެލައިގެން ބަދިގެއަށްވަނީ މަންމައަށް އެހީތެރިވުމަށެވެ. ސައި ހަދައި ނިމުމުން އާއިލާގެ އެންމެން ހެނދުނުގެ ނާސްތާ ކޮށްލިއެވެ.ނާސްތާ ކޮށްލައިގެން އައިރާ އަވަހަށް ކޮޓަރިއަށް ވަނީ އޮފީހަށްދާން ތައްޔާރުވުމަށެވެ.
ކައިލް ގެއަށް އައިސް ފެންވަރައިގެން އޮފީހަށްދާން ތައްޔާރުވެލިއެވެ. ތައްޔާރުވެގެން ނިކުމެ އެކުވެރިޔާ ރާއިލްއަށް ގުޅާފައި ބަލައި އައުމަށް އެދުނެވެ.މާ ގިނަ އިރަކު މަޑުކުރާކަށް ނުޖެހުނެވެ.ރާއިލް ހުރީ ކައިލްމެން ގޭ ދޮރުމަތީގައެވެ. ކައިލް ސައިކަލް ފަހަތަށް އަރާ ހަމަޖެހިލުމުން ރާއިލް ސައިކަލް ދުއްވާލިއެވެ. ފަސްވަރަކަށް މިނުޓް ފަހުން ރާއިލް ސައިކަލު ހުއްޓާލީ އެރަށުގެ ދިރާގު އޮފީސް ކުރިމައްޗަށެވެ. ސައިކަލުން ފޭބުމަށް ފަހު އޮފީހަށް ވަނުމަށް ކައިލް އާއި ރާއިލް މިސްރާބު ޖެހިއެވެ.
…………………………………………………………………………………………………………………….
އޮފީސް ނިންމާލުމަށް ފަހު އައިރާ ގެއަށްދާން ނުކުތެވެ.އެވަގުތު އެމަގުންލާފައި ރާއިލް އަންނަތަން އައިރާއަށް ފެނުނެވެ.އެހެންކަމުން އައިރާ ރާއިލްއަށް ފެންނާނެހެން އަތުން ހަނާ އަޅާލިއެވެ.ރާއިލްއަށް މި މަންޒަރު ފެނުމުން ސައިކަލުން އައިސް އައިރާ ކައިރީގައި މަޑުކޮށްލިއެވެ.
” ރާއި އަހަރެން ގެއަށް ލައިދެވިދާނެތަ؟..” އައިރާ އެދުނެވެ.
“ތި އެއްވެސް ކަމެއް ނޫނެއްނު.އަވަހަށް އަރާ” ރާއިލް ބުނެލިއެވެ.
ރާއިލް މިހެން ބުނުމުން އައިރާ ސައިކަލުގެ ފަހަތަށް އަރާ ހަމަޖެހިލިއެވެ.އެއާ އެކު ރާއިލް ސައިކަލު ދުއްވާލިއެވެ.
އައިރާ އާއި ރާއިލް އަކީ ވަރަށް ގާތް ދެ ރަޙުމަތްތެރިންނެވެ. އައިރާ ރާއިލްއާމެދު ދެކެނީ އެއްބަޑުއެއްބަފާ ބޭބެއެއްގޮތަށެވެ. ދެކުދިން އަބަދުވެސް އެކަކު އަނެކަކުގެ ހިތާމައެއްގެ އިތުރުން ކޮންމެ އުފަލެއްގައިވެސް ބައިވެރިވެއެވެ.އަދި މިހާރު ރާއިލްއަކީ އައިރާގެ އެންމެ ގާތް އެކުވެރިޔާ ޒާނާގެ ފިރިމީހާވެސްމެއެވެ.
އައިރާމެންގެ ގެއާ އަރާ ހަމަވުމުން ރާއިލް ސައިކަލު މަޑުކޮށްލިއެވެ.
“ތެންކްސް..” އައިރާ ސައިކަލުން ފޭބުމަށްފަހު ރާއިލްއަށް ބުންޏެވެ.
“އެނީޓައިމް..” ރާއިލް އައިރާއަށް ޖަވާބު ދިނުމަށްފަހު ގެއަށްދާން މިސްރާބު ޖެހިއެވެ.
އައިރާ ކޮޓަރިއަށްވަދެ އޭސީ ޖައްސާލިއެވެ.އަދި ވަރުބަލި ފިލުވާލުމަށްޓަކައި އެނދުގައި ފޯނު ކުޅެން އިށީނެވެ.އިރުކޮޅެއްވަންދެން އެހެން އިނުމަށްފަހު އައިރާ ފާހަނައަށްވަނީ ފެންވަރާލުމުގެ ބޭނުމުގައެވެ.
ފެންވަރައިން ނިކުމެ އައިރާ މެންދުރު ނަމާދު ކޮށްލިއެވެ.އެއަށްފަހު ބަދިގެއަށް ގޮސް ކަޕް ނޫޑްލް ތައްޓެއް ހަދާލައިގެން އައިސް ޓީވީ ކައިރީގައި އިށީނެވެ. ކުއްލިއަކަށް އައިރާ ހަނދާނަށް އައީ މިއަދު ހަވީރު ކައިލްއާއި ބައްދަލުކުރަން ވެފައިވާ ވަޢުދުގެ މަތިންނެވެ. އައިރާ ހިތްއަވަސް ވެފައި ގަޑިއާ ދިމާލަށް ބަލާލިއެވެ. އޭރު ގަޑިން މެންދުރު ދެގަޑި ބައިވަނީއެވެ. އަދި ވަގުތު އޮތަކަން އެނގުމުން އައިރާ ހަމަޖެހިލުމަށްފަހު ކެއުމާއިގެން ކުރިއަށް ދިޔައެވެ. ކައި ނިންމާލާފައި އައިރާ ކޮޓަރިއަށްވަނީ ތައްޔާރުވުމަށެވެ.
ކޮޓަރިއަށްވަދެ އަލަމާރި ހުޅުވާލާފައި ނޫ ކުލައިގެ އަތްދިގު ހެދުމަކާއި ހުދުކުލައިގެ ޖިންސްއެއް ނެގިއެވެ. އަދި ފެންވަރައިގެން އައިސް އައިރާ ރީތިވެލިއެވެ. އިސްތަށިގަނޑުގައި ރީއްޗަށް ފުނާ އެޅުމަށްފަހު އައްސާލިއެވެ.އަދި މަޑު ފިޔާތޮށި ކުލައިގެ ލިޕްސްޓިކް ފުޅިއެއް ނަގައި ތުންފަތުގައި ކާއްތާލިއެވެ. ޑްރެސިންޓޭބަލް މަތީގައި ހުރި ސެންޓުފުޅިން ގަޔަށް ސެންޓު ކޮޅެއް ބުރުވާލުމަށްފަހު އައިރާ ލޯގަނޑު ކުރިމަތީގައި ހުރެ ހީލިއެވެ.އައިރާގެ ރީތިކަމާމެދު ތަޢުރީފު ނުކުރާނެ އިންސިއެއް އަދި ޖިންނިއެއްވެސް ހުންނާނެހެން ހިޔެއް ނުވެއެވެ.އެހާމެ ރީއްޗެވެ.ލިބިފައިވާ މަޑުނޫކުލައިގެ ދެލޮލުގެ ސަބަބުން އައިރާ ހީވަނީ ބޭރުކުއްޖެއް ހެންނެވެ.އައިރާ އޭނާގެ އަމިއްލަ ސޫރައަށް ބެލުމަށްފަހު އަތް ދަބަސް ހިފައިގެން ބޭރަށް ނުކުތެވެ.
މަޑުމަޑުން ހިނގާލާފައި އައިރާ ދިޔައީ މިއަދު ހެނދުނު ކައިލްއާއި ދެމީހުން ބައްދަލު ކުރި ތަނަށް ދިޔުމަށެވެ. އަތިރިޔަށް ދިޔައިރު އެތާގައި އެކިފުރާވަރުގެ މީހުން އުޅެއެވެ. އެންމެންގެ ތެރެއިންވެސް އައިރާގެ ލޮލުގައި އަޅައިގަތީ ގަހެއްގައި ލެގިލައިގެން ހުރި ކައިލްއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.

Varau reethi mi part ves ?❤️?can’t wait for the next part
Varah reethi Maasha allah…
When is next
pretty soon insha allah..