“އާހހހހހހ…” ޒޯހާގެ ހަށިގަނޑަށް ފިނިވެގެން ދިޔައީ ފުން ކަނޑެއްގެ އަޑިއަށް ވެއްޓުމުންނެވެ، ދެން ފެނުނީ ފެނުގެތެރެއިން އަލިގަނޑެއް ފާޅުވިތަނެވެ. ބަލަބަލާ ހުއްޓާ އެ މީހާ އައިސް ޒޯހާގެ ހިމަ އުނަގަނޑުގައި ހިފާ ފެންގަނޑުގެ މައްޗަށް އެރިއެވެ. ޒޯހާ އަކަށް އޭނާގެ މޫނެއް ނުފެނެއެވެ. ނަމަވެސް އެ ކަސްރަތީ ހަށިގަނޑުގެ މީރުވަސް ދުވައެވެ، ހީވަނީ ވަރުގަދަ ހުވަނދެއް ނޭފަތުގައި ހަރުލާފައި ވާހެންނެވެ. ބާރުގަދަ ދެއަތެވެ.
ފުންމައިގެން ޒޯހާއަށް ހޭލެވި ދެންމެ ފެނުނީ ހުވަފެނެއްކަން ޔަގީންވެ ހިސާބަކަށް ހިނި އަންނަ ގޮތްވިއެވެ. “ޒޯ ،ދަރިފުޅާ ޒޯ ، ޒޯހާ” ނަޒީރާ ކޮޓަރީގެ ދޮރުފަތުގައި ޓަކިދޭން ފެށިއެވެ.
ޒޯހާ ދެލޯ ފުހަމުން ގޮސް ދޮރުހުޅުވާލިއެވެ. ” ޒޯ ނިދަނީތަ އަދިވެސް؟ މިހާރު ފަތިސް ނަމާދަށް ބަންގި ގޮވިތާ ކޮން އިރެއްމިވީ؟ ” ނަޒީރާ ނަމާދު ކުރާ ދޮޅި އަޅައިގެން އައިސްހުރެ ބުނެލިއެވެ.
“ނޫނޭ މަންމާ، ޒޯ މި ހޭލީ ދެންމެގަ، މިދަނީ ނަމާދު ކުރަންދާން މިހާރު” ފާހާނައާއި ދިމާލަށް ހިނގައިގަންނަމުން ޒޯހާ ބުނެލިއެވެ. ” ނަމާދު ކޮއްލައިގެން ދަރިފުޅު އާދޭ ކާގެއަށް އިނގޭ މަންމަ މިދަނީ ހެނދުނު ސައި ހަދަންވެގެން” ޒޯހާ ފާހާނައިގައި އުޅޭތީވެ ނަޒީރާ ތަންކޮޅެއް ބާރަށް ބުނެލަމުން ކޮޓަރީގެ ދޮރު ޖަހާލިއެވެ. ނަމާދުކޮށް އަވަދިވެގެން ޒޯހާ ތިރިއަށް ފޭބި އިރު ނަޒީރާ އުޅުނީ އޭނާ ހެނދުނު ޑިއުޓީއަށް ދިޔުމުގެ ކުރިން ނާސްތާ ތައްޔާރު ކުރެވޭތޯއެވެ. ނަޒީރާ އަކީ އެރަށުގެ ހޮސްޕިޓަލްގައި އުޅޭ ހީވާގީ ސީނިއަރ ނަރުހެކެވެ. މަންމަ އުޅޭ ގޮތް ފެނުމުން ޒޯހާ ވެސް އަތްމަތި އަވަސްކޮށް ދިނުމަށް ކައިރިއަށްގޮސް އެހީވެދޭން ފެށިއެވެ.
“މަންމާ، ސަނާ މިކޮޅަށް އައިސް އެބަ އުޅެއެއްނު؟” ހަޑިވެފައި ހުރި ތަށިތަށް ދޮންނަމުން ޒޯހާ ބުނެލިއެވެ. ސަނާ އަކީ ޒޯހާއާއި އެއް ވަޒީފާއެއްގައި ބޭންކުގައި މަސައްކަތް ކުރަމުން އަންނަ ކުއްޖެކެވެ. އަދި ސަނާގެ އާއިލާ އަކީވެސް އެއް ރަށަކަށް ނިސްބަތްވާ ބައެކެވެ. އޮފީހުން ތަންކޮޅެއް އަވަހަށް ސަނާއަށް ޗުއްޓީ ދިނުމުގެ ސަބަބުން ސަނާވެސް އާއިލާ އާއި އެކު ޗުއްޓީ ހޭދަ ކޮއްލަން އައީއެވެ.
“އާނ ސަނާމެން ގެ ހުންނާނީ މިތާ ވަރަށް ކައިރީގަ، މަންމަ އާއި އެއްކޮށް ރޭގަ ޒޯ ބަލާވެސް ދިޔަ ސަނާގެ މަންމަ. އެއްކަލަ ޖަމްޝީދާއޭ ބުނީމެއްނު. ރޭގަ ސަނާއަށް ނާދެވުނީ ކޮއްކޮ ބަލަންވެގެންނޭ ބުނީ” މޭޒުމަތި ސާފު ކޮއްލަމުން ނަޒީރާ ބުނެލިއެވެ.
“ޒޯ! ” ބާރުބާރަށް ގޭދޮރުމަތީގައި ހުރެ ސަނާ ގޮވާލިއެވެ. “ސަނާ! އޯ މައި ގޯޑް” ދެކުދިން އެއްފަހަރާ ބާރުބާރަށް އަޑުގަދަ ކޮއްލަމުން އައިސް ބައްދާލިއެވެ. “ސަނާ ކައިރިއަށް ދާންވެގެން އަދި ޒޯ މިއުޅެނީ، ސަނާއަށް ޒޯ ގެނައިން އެއްޗެއް” ޒޯހާ ވަރަށް އުފަލުން ހުރެ ސަނާ އަތުގައި ހިފާލައިފާ ބުނެލިއެވެ.
“ހެހެހެ… ދެކުދިން ދޭބަ ކޮޓަރިއަށް، ޒޯ މަންމަ މިދަނީ ޑިއުޓީއަށް ދާން އިނގޭ” ނަޒީރާ ހީލަމުން ބުންޔެވެ.
“ވޯހ ގާރލް، މީ ކުޑަވަރެއްގެ ގަނޑުވަރެއްތަ؟ ސީރިއަސްލީ ޒޯ، އަހަރެންގެ ކޮޓަރިވެސް މިހާ ރީތި ވާނެ ނަމަ ދޯ” ސަނާ އަންތަރީސްވެފައި ހުރެ ދެފަރާތަށް ބޯހޫރުވަމުން ބުނެލިއެވެ.
“ހެހެހ ދޯ. ބައްޕަ ވެސް ޒޯ އެންމެ ބޭނުންވި ގޮތަށް ކޮޓަރި ހަދާދީފަ މިހުރީ” ދަބަހުގެ ޒިބު ހުޅުވާލަމުން ޒޯހާ ބުނެލިއެވެ.
“މީ އަހަރެންނަށްތަ؟ ” ސަނާދެލޯ ބޮޑުކޮއްލައިގެން ހުރެ އޭނާގެ އަތުގައިއޮތް ވަރަށް އަގުބޮޑު ޒަމާނީ ގޫޗީ ގަޑިއަކަށް ބަލަމުން ބުނެލިއެވެ. “އާނ ޒޯ ހަނދާން އެބަ ހުއްޓޭ، ސަނާ ބުނީމެއްނު އެއް ދުވަހު ފިހާރައަކަށް ވަދެފަ، ސަނާ އަށް އެންމެ ކަމުދާ ވައްތަރު ގަޑިއެކޭ އެއީ، އެހެންވެ ސަނާއަށް ޒޯ އައި އިރު ގެނައި ހަދިޔާ ތީ” ސަނާގެ މޫނަށް ބަލަން ހުރެފައި ޒޯހާ ބުނެލިއެވެ. “އައި ލަވް އިޓް ޒޯ” ބާރުބާރަށް ބުނެލަމުން ޒޯހާ ގައިގައި ސަނާ ބައްދާލިއެވެ.
ދެމީހުން ފޫހިކަމެއްނެތި އެކި ސަކަރާތުގައި އުޅެމުން އެންމެ ފަހުން ފިލްމެއް ބަލަން އެއްބަސް ވެއްޖެއެވެ. އަދި ސަނާ މެންގެ ގެއަށް ޕޮޕްކޯރން ހަދަންދާން ބޭރަށް ނިކުތެވެ.
މަގުގެ އެއްފަރާތަކަށް ވެސް ނުބަލާ ފޯނާއި ކުޅެމުން ސަނާގެ ފަހަތުން ދިޔަ ޒޯހާއަށް ތުނޑިއަށް ނިކުމެވެން ހުރި ގޯޅި ކަންމަތީގައި ހުއްޓިގެންހުރި ޒުވާނެއް ފެނުނެވެ. ހީވީ ވައިރޯޅިއެއް އައިސް އޭނާ ކައިރީގައި އެއްޗެއް ބުނެދޭން އުޅޭހެނެވެ. އޭނާހުރީ ފުރަގަހަށް ހުއްޓިގެން ދެ ޖީބަށް އަތްޖަހާލައިގެން ކަމަށް ވުމުން އޭނާގެ މޫނެއް ޒޯހާއަށް ރަނގަޅަށް ފެންނަ ގޮތެއް ނުވިއެވެ. ނަމަވެސް އޭނާގެ އިސްކޮޅާއި ހަށިގަނޑު ރަނގަޅަށް ފާހަގަވެއެވެ. ލައިގެން ހުރި ތުނި އަތްދިގު ފެހި ޓީޝާރޓްއާއި ގަދަމުށި ކުލައަކަށްދާ ޝޯރޓްސް އާއެކު ވަރަށް ރީތި ކަމަށް ދައްކައެވެ. ކުރުކޮށް ކޮށާލެވިފައިވާ ތުނބުޅިން އިތުރު ފިރިހެންވަންތަ ކަމެއްދައްކާ ދެއެވެ. ބިޔަ ހަށިގަނޑެކެވެ. އިސްކޮޅުން ދިގުވެފައި އެހާމެ ފިރިހެންވަންތަ އެވެ. “ބޮޑީ ބިލްޑް ކުރާ މީހެއްބާ؟” ޒޯހާގެ ހިތަށް އެރިއެވެ. ޒޯހާއަށް ހަމަ އެ މަގުގެ ކަންމަތީގައި ހުއްޓިގެން ހުރެވުނީ އެޒުވާނާ އާއި ދިމާލަށް ބަލަހައްޓާށެވެ.
ބިމުގައި ޒޯހާގެ ދެފައި ހަރުލާފައިވާ ކަހަލައެވެ، އެ ޒުވާނާ ފަހަތަށް އެނބުރިލިއެވެ. ޒޯހާ ހިޔާލީ ދުނިޔެއަކަށް ގެއްލިފައިވާ މީހަކު ފަދައިން އިނީ އެ ޒުވާނާ އާއި ދިމާލަށް ބަލަހައްޓައިގެންނެވެ. ގަދަ ނޫ ދެލޮލެވެ. އެހާދުރުގައި ހުރި އިރުވެސް އެޒުވާނާގެ ދެލޯހީވަނީ ގަދަ ނޫ ކުލައަކުން ދިއްލިފާވާހެނެވެ. ސަފާޔާ ޑައިމަންޑްއެއް ފަދައެވެ. އޭނާ ޒޯހާއަށް ބަލަންހުރި ނަޒަރުން ޒޯހާގެ ނަފްސު ފޫ އަޅުވާލި ފަދައެވެ. އެހާވެސް ތޫނު ނަޒަކެވެ. ކަންފަތާއި ހަމަޔަށް ދިގުވެލާފައިވާ ކަޅު ކުލައެއްވާ އިސްތަށިކޮޅުވެސްވަނީ އެންމެ ޒަމާނާއި އެއްގޮތަށް ސްޓައިލް ކޮއްލެވިފައެވެ. އަލިވެގެންވާ މޫނުގައިވާ، ތަނަވަސް ނިތްކުރި މަތީގައި ވަޔާ އިސްތަށިކޮޅެއް ސަމާސާ ކުރަމުން ދިޔައެވެ. ޒޯހާ ބަލަން ހުއްޓާ އެ ޒުވާނާ އޭނާއަށް ހިނިތުންވެލިއެވެ. ފުރިހަމަ ހިނިތުން ވުމެކެވެ. ފުރަތަމަ ނަޒަރުން މީހަކަށް ހިތް ކިޔާނަމަ ޒޯހާގެ ހިތް އަމިއްލަ އަތުން ކައްސާލާއިފިއެވެ.
“ޒޯ! ބަލަ ޒޯހާ!” ހިޔާލަކަށް ގެއްލިފައި ހުއްޓާ ސަނާ ގޮވާލުމުން ޒޯހާ ދިޔައީ ސިއްސައިގެންނެވެ. ސަނާގެ އަޑު މާ ދުރުން އަންނާތީ އެނބުރި ބަލާލިއިރު ސަނާހުރީ އެމީހުންގެ ގެ ކައިރީގައި މަޑުކޮއްގެންނެވެ.
“ސާބަސް ޒޯ! ކޮންތަނަކަށް ގެއްލިފަ ތި ހުންނަނީ؟ އަހަރެން މިވީހާއިރު މި އަންނަނީ އެކަނިން ވާހަކަ ދައްކަމުން، ޒޯ ޖަވާބެއް ނުދޭތީ ބަލާލިއިރު ތި ހުރީ މާދުރުގަ ގޮސް. ދެންވެސް އާދެބަލަ އަވަހަށް” ސަނާ ނިތްކުރި މަތީގައި އަތް އަޅާލަމުން ގޮވާލިއެވެ. އެނބުރި އަނެއްކާވެސް ޒޯހާއަށް ބަލާލެވުނީ ގޯޅިތެރޭގައި ހުއްޓިގެންހުރި ޒުވާނާ ފެނޭތޯއެވެ. ނަމަވެސް އޭނާ ފެންނާކަށް ނެތެވެ.
“އެ ދިޔައީ ކޮންތަނަކަށްބާ؟” ޒޯހާ މޫނުމައްޗަށް ގޮތެއް ހަދާލުމަށްފަހު ހިތާހިތުން އަހާލެވުނެވެ.
“ޒޯހާ!” އަނެއްކާވެސް ސަނާ ގޮވާލިއެވެ.
ޒޯހާ މަޑުމަޑު ދުވުމެއްގައި ގޮސް ސަނާއާއި އަރާ ހަމަ ކުރިއެވެ. “އޭއި ސަނާ! މި ރަށުގަ ސަޅި މޫދެއް އޮވޭތަ؟” ހިޔާލަކަށް ގެއްލިފައިހުރެ ޒޯހާ އަހާލިއެވެ. “އާނ އޮންނާނެ ތުނޑި ކައިރީގައި ވަރަށް ރީތި ފަސްގަނޑެއް، އެކަމަކު އެއްވެސް މީހަކު ނުދާނެ އެދިމާލަށް” ޖަވާބުގައި ސަނާ ބުނެލިއެވެ.
“އެއީ ކީއްވެ؟” ޒޯހާ ވަރަށް ހަމަޖެހިލާފައި އަހާލިއެވެ.
“ނޭގެ އެ ދިމާލުގައި ވަރަށް ޖިންނި އުޅެޔޭ ކިޔަނީ، ވަރަށް ނާމާން ވާނެޔޯ. ކޮންމެވެސް ކުއްޖެއް ޖިންނި މޮޔަވެސް ކޮއްލި ކަމަށް ވަނީ” ދެލޯ ބޮޑުކޮއްލަމުން މަޑުމަޑުން ސަނާ ބުނެލިއެވެ. “އޯ ކަމޯން ސަނާ ތިއުޅެނީ އަހަރެން ބިރުގަންނަވަންތަ؟ އަހަރެން ބޭނުން މިރޭގައި އެތަނަށް ދާން. ސަނާ އަށް ވެސް އިނގޭނެ ޒޯ އަށް އެކަހަލަ ތަންތަން ކަމުދާ ވަރު” ސަނާގެ އަތް މަތީގައި ޖަހާލަމުން ޒޯހާ ބުނެލިއެވެ.
“އޯކޭ، ދެން ރަށަށް އަލަށް އައި ކުއްޖެއް ވީމަ ވާނެ ދޯ ހުރިހާ ތަނެއްވެސް ދައްކާލަން” ސަނާ ސަމާސާ ކޮއްލަމުން ބުނެލިއެވެ.
“އަނހަ ޒޯހާތަ؟ އާދޭ މިގެއަށް އައިފަހަރުން އެއްޗެއް ކާލައިގެން ދާންވާނީ” ޖަމްޝީދާ ބުނެލިއެވެ.
“ނޫން މަންމާ، އަހަރެމެން މިދަނީ ޒޯ މެންގެއަށް ޕޮޕްކޯރން ހަދައިގެން ފިލްމެއް ބަލަން ދާން، އެހެންނޫނަސް ޒޯ ދެން މިގެއަށް ގިނަ ގިނައިން އަންނާނެއްނު، ދޯ ޒޯ” ސަނާ ޒޯހާއަށް ބަލާލަމުން އެއްލޯ މަރާލިއެވެ. ކޮންމެވެސް އެއްޗެއް ކިޔާފަ އޭނަގެ މަންމަ ހަމަޖައްސާލުމުގެ ނިޔަތުގައެވެ. ސަނާއަކީ ސަކަ މިޒާޖެއްގެ ކުއްޖެކެވެ. އަބަދުވެސް ހުންނާނީ ކޮންމެވެސް ސަމާސާއެއް ކޮއްލަ ކޮއްލައެވެ. “އެއީ ތެދެއް ދައްތާ، ދެން މިގެއަށް ގިނަ ގިނައިން އަންނާނެއްނު” ހިނިތުން ވެލަމުން ޒޯހާ ބުނެލިއެވެ. ޒޯހާއަކީ މާލޭގައި އުޅެ ބޮޑުވެފައިވާ މުއްސަނދި ކުއްޖަކަށްވިއަސް އޭނާގެ ކިބައިގެ އެއްވެސް ބޮޑައި ކަމެއް ނުވެއެވެ. އަޙުލާގު ރަނގަޅު ހިތްތިރި ކުއްޖެކެވެ. އުމުރުން ނަވާރަ އަހަރުން ފެށިގެން އޭނާ އަމިއްލައަށް މަސައްކަތް ކޮއްގެން އުޅެން ދަސްކޮއްފިއެވެ.
ދެކުދިން ޕޮޕްކޯރން ހިފައިގެން ދިޔައީ ޒޯހާ މެންގެއަށެވެ. ދިޔަ މަގުމަތީގައިވެސް ތުނޑިއަށް ނިކުމެވެން ހުރި ގޯޅިއަށް ޒޯހާ ބޯދިއްކޮށް ހެދީ އެ ޒުވާނާ ފެނޭތޯއެވެ. “ކޮންއެއްޗެއްތަ ޒޯ ތިހޯދަނީ؟” މަގުމަތިން ދަމުން އަނގަޔަށް ޕޮޕްކޯރން ކޮޅެއްލަމުން ސަނާ އެއްސެވެ. “އެއްޗެއް ނޫން، ހަމަ ރީތި ވީމަ ބަލާލީ” އެހެން ބުނެލިއިރު ޒޯހާގެ ތުންފަތް މަތީގައިވި މައުނަވީ ހިނިތުންވުމެއް ސަނާ އަކަށް ނުފެނެއެވެ.
ޒޯހާއާއި ސަނާއާގެ ދުވަސް އެއްކޮށްހެން ހޭދަވީ ފިލްމްބަލާ ކޮންމެވެސް އެހެން ސަކަރާތެއް ޖެހުމުގައެވެ. ހަވީރު ފަސް ގަޑި ބައިވެ ބޮޑުވި ފަހުން ނަޒީރާ ޑިއުޓީގައި އުޅެފަ އައިސް އެ ވަރުބަލި ކަންމަތީގައި އޮށޯތީއެވެ. ސަނާވެސް ރޭގަނޑު އިޝާ ނަމާދު ކޮއްގެން ގުޅާނަމޭ ބުނެ ގެއަށް ދިޔައެވެ. “މަންމާ، ތިހެން ވަޒީފާގަ އުޅެފަ އައިސް އަބަދުވެސް ނުކައިތަ ނިދަނީ؟” ޒޯހާ މަންމަ އަށް ހަމްދަރުދީވެ އަހާލިއެވެ. ނަޒީރާވެސް ބޯ ޖަހާލީ އާއެކޭ ބުނުމުގެ ގޮތުންނެވެ.
“ނުކާ އޮންނާކަށް ނުވާނެ މަންމާ، ހިނގާ ކާން، ޒޯ އާއި ސަނާ އާއި ވެގެން ހުންނާނެ ކައްކާފަ، އަޅުގަނޑަށް ހީވެސްވި މަންމަ ނުކައޭ ހުންނާނީ” ހިނިތުންވެލަމުން ޒޯހާ ބުނެލިއެވެ. ނަޒީރާ ހިތާހިތުން ﷲ އަށް ޙަމްދު ކޮއްލީ އެކަހަލަ ވިސްނޭ ދަރިޔަކު ނަޒީރާއަށް ދެއްވީތީއެވެ. މަޑުމޮޅި ގޮތަކަށް ހިނގާލާފައި ދިޔަ ނަޒީރާގެ ފަހަތުން ޒޯހާ ދިޔައީ ކާގެއަށެވެ. ކެޔުމަށްފަހު ޒޯހާގެ އެދުމަށް ނަޒީރާ ދިޔައީ ރެސްޓް ކޮށްލުމަށެވެ. އަދި އެރޭގައި ޒޯހާ، ސަނާއާއިއެކު ބޭރަށް ދާނެ ވާހަކަވެސް ޒޯހާ ކުރިއަށް ބުނެލިއެވެ.
****************************
Hello. Kudakoh kiyuntherin confuse vedhaanetheeve information eh update kohlan vegen, vaahakaige mihaaru kuriyah midhany zoha ge maazy. Hope you like it
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

