މަޤުރިބު ނަމާދު ކުރުމަށްފަހު ޒޯހާގެ ކަމަކީ އިޝާ ވަގުތު ޖެހެންދެން ޤުރުއާން ކިޔަވަން އިނުމެވެ. އިޝާ ނަމާދު ކޮށްގެން ފެންވަރައިގެން ނިކުމެ، އަލަމާރި ހުޅުވާލުމަށްފަހު ޒޯހާ ލާނެ ހެދުމެއް ހޯދަމުން ދިޔައެވެ. އެންމެ ފަހުން ގަދަ ނޫ ކުލައިގެ ކަކުލާހަމަޔަށް ދާ އަތް ދިގު ހެދުމެއް ނަގާ ޒޯހާ ހިތްހަމަޖެހޭ ވަރަށް ފަރިވެލިއެވެ. ލައިގެންހުރި ހެދުމުން ޒޯހާގެ ހިމަ އުނަގަނޑާއި ރީތި ބައްޓަން ފާޅުވޭވެ ހުއްޓެވެ. ރީތިވެގެން ގޭގެ ދޮރުމައްޗަށް ނިކުމެ ޒޯހާ ދެތިން ފަހަރަކު ސަނާގެ ނަންބަރަށް ގުޅާލިއެވެ. ނަމަވެސް ސަނާ އެންމެ ފަހަރަކުވެސް ފޯނު ނުނަގައެވެ. އެހެން ކަމަށް ވުމުން ޒޯހާ ހިނގައިގަތީ ތުނޑިއަށް ނިކުމެވެން ހުރި ގޯޅިއާއި ދިމާލަށެވެ. ރަށުގެ މަގުތައް އޭނާއަށް ނޭގުނަސް ސާފުކޮށް އޭނާ ދާންވި މަގު އޭނާއަށް ފަހުމު ވަމުން ދިޔައެވެ. ހީވީ މީހަކު އޭނާއަށް މަގުތަށް ކިޔާ ދެމުންދިޔަ ހެނެވެ. ފަރިތަ ކަމާއިއެކު ޒޯހާއަށް ގޮސް ހުއްޓެވުނީ ތުނޑިއާއި ދިމާލުގައި އޮތް ދޮންވެލި ފަސްގަނޑާއި ދިމާލުގައެވެ. ހަނދު އޭގެ މަޤާމު އެންމެ ފުރިހަމައަށް އަދާ ކުރަމުން ދިޔަ ރެޔެކެވެ. ޒޯހާ ގޮސް އިށީނދެލީ އެދިމާލުގައި ހިޔާ އެޅިފައިވާ ބޮޑު ރުކެއްގެ ދަށުގައެވެ. އިށީނދެގެންހުރެ އެތައް ފޮޓޯއެއް ޒޯހާގެ ފޯނަށް ރައްކާ ކުރަމުން އޭނާ ގެންދިޔައެވެ.
“މިގަޑީގައި އަންހެން ކުއްޖަކު އެކަނި އައިސް މިތާގަ އިނުމަކީ އެހާ ރަނގަޅު ކަމެއް ނޫނެއްނު؟” ފަހަތުން އައިސް ޖެހުނު އަޑަކުން ޒޯހާ އަށް މީގެ ކުރިންވެސް އެ އަޑު އިވިފައިވާހެން ހީވިއެވެ. އެނބުރި ފަހަތަށް ބަލާލި އިރު ފެނުނީ މިއަދު ގޯޅީގައި ހުއްޓިލައިގެން ހުރި ޒުވާނާއެވެ. ލައިގެންހުރި އަތްދިގު ކަޅު ޓީޝާރޓް އާއި ކަޅު ޖީންސްގައި އިތުރަށް ރީތި ކަމަށް ދައްކައެވެ. ޒޯހާއަށް ކަޅި ޖަހާވެސްނުލާ ބަލަން ހުރެވުނީ އެހާ ފުރިހަމަ ރީތިކަމެއް ލިބިފައިވާ ފިރިހެނެއް ހަޔާތުންވެސް އޭނައަށް ފެނިފައި ނުވާތީއެވެ.
“ނޫޙު” ސަލާމަށް އަތް ދިއްކޮއްލަމުން އެ ޒުވާނާ ބުނެލިއެވެ. ޒޯހާވެސް އަތް ދިއްކޮއްލީ ސަލާމް ކޮއްލުމުގެ ގޮތުންނެވެ.
“ޒޯހާ” ހިނިތުންވެލަމުން ޒޯހާ ބުނެލިއެވެ.
“މިތާގަ އިށީނދެލިއަސް އެންމެ ރަނގަޅުތަ؟” ނޫޙު ވަރަށް ރަނގަޅަށް ޒޯހާގެ މޫނަށް އަރާ ފައިބަމުންދާ ކުލަތައް ދެނެގަންނަމުން އަހާލިއެވެ.
“ޔެސް، ޝުއާރ” ޒޯހާއަށް ހިންދިރުވާލަމުން މަޑުމަޑުން ބުނެލެވުނެވެ. ޖާދޫވި ފިރިހެންވަންތަ އަޑެކެވެ. އެ އަޑު މީގެ ކުރިންވެސް އިވިފަ ވާހެން ޒޯހާއަށް ހަމަ ހީވަނީއެވެ. ނަމަވެސް އަހާލަން ނުކެރިފައި ޒޯހާއަށް ހުރެވުނީއެވެ.
ނޫޙު، ޒޯހާގެ ކައިރީގައި އިށީނދެލުމަށްފަހު ވަރަށް ރަނގަޅަށް ޒޯހާގެ މޫނަށް ބަލާލިއެވެ. ހީވަނީ ނުފެންނަ ރީތި ކަމެއް ފެނިގެން އުޅޭ ހެންނެވެ، އެންމެ ހިނދުކޮޅަކަށްވެސް ނޫޙުގެ ލޯ ޒޯހާއަކާއި ވަތްކެއް ނުކުރެއެވެ. އެނބުރި ޒޯހާ ބަލާލިއިރު ނޫޙުގެ ދެލޯ ހީވަނީ ދިއްލިފައި ހުރިހެނެވެ. ގަދަ ނޫ ކަނޑެއް ފަދައެވެ. ވަރުގަދަ ކަޅު ބުމަޔަކާއި ލޯ ހިޔާއެޅިފައިވާ ދިގު އެސްފިޔަތަކުންވެސް އިތުރަށް އެ ސިހުރުވީ ދެލޯ ފުރިހަމަ ކުރަން އުޅޭ ކަހަލައެވެ. ބަލާ ބެލުމުން ރާއްޖޭ މީހެއްހެންވެސް އޭނާ ހީނުވެޔެވެ.
“ޒޯހާ މިތާގަ އެކަނި ކީއްކުރަނީ؟” ނޫޙު އަހާލިއެވެ. “ރައްޓެހި ކުއްޖަކާއި އެކީގަ އަންނަން އުޅުނީ އެކަމު އޭނާ ފޯނެއް ނުނަގާ، މި ކަހަލަ މަންޒަރު ޒޯ އަށް ވަރަށް ކަމުދޭ އެހެންވެ މިތާ އިށީނދެލައިގެން މިހުރީ” ހަނދަށް ބަލާލަމުން ޒޯހާ ހިނިތުން ވެލަމުން ބުނެލިއެވެ.
“އަހަންނަށްވެސް ވަރަށް ކަމުގޮސްފި” ނޫޙު، ޒޯހާގެ މޫނަށް ބަލަން ހުރެފާ ބުނެލިއެވެ. ދެމީހުން އެކި ވާހަކައިގައި ތިބުމަށްފަހު އެގާރަ ޖަހަން އުޅެނިކޮށް ޒޯހާ ގެއަށް ދާންޖެހޭ ވާހަކަ ބުނެލިއެވެ.
“ޒޯހާ ދެން ފެންނާނެތަ؟” ނޫޙު ވަރަށް ނުކެރިފައި ހުރެ އަހާލިއެވެ.
“ނަމްބަރު ބޭނުންތަ؟ އޭރުން ނޫޙު ބޭނުން ކޮންމެ އިރެއްގައިވެސް ދިމާކޮއްލެވިދާނެ” ތިރީ ތުންފަތުގައި ދަތް އަޅާލަމުން ޒޯހާ ބުނެލިއެވެ.
“އަހަރެން ޒޯހާގެ ގެ ކައިރިއަށް ގޮސްދާނަން، އެ ގޮތް އެންމެ ރަނގަޅުތަ؟” އެއް ބުމަ މައްޗަށް އަރުވާލަމުން ނޫޙު އެއްސެވެ.
“ނޫޙު އަށް އިނގޭތަ ޒޯ މެން ގެ ހުންނަތަން؟” ހައިރާންވެފައި ހުރި ޒޯހާ އަހާލިއެވެ.
“އާނ، މިކަހަލަ ކުޑަކުޑަ ރަށެއްވީމަ އިނގޭނެއްނު” ދުރަށް ނަޒަރު ހުއްޓާލައިގެން ހުރެ ނޫޙު ބުނެލިއެވެ.
“އެކަމު އަހަރެން ރަށަށް މިއައީ އަދި އަލަށް” ހައިރާން ވެފައިހުރެ ޒޯހާ ބުނެލިއެވެ.
“އަހަރެން ބޭނުން ޒޯ އަށް ހުރިހާ ވާހަކައެއް ކިޔައިދޭން، ވަގުތު ޖެހުމުން ހުރިހާ އެއްޗެއްވެސް ޒޯ އަށް ކިޔާދޭނަން” ސީރިއަސްވެލާފައި ނޫޙު ބުނެލިއެވެ.
ހަޤީގަތް ބަލަން ބޭނުން ނަމަވެސް ޒޯހާ ހިޔާރު ކުރީ ކެތް ކުރުމަށެވެ، އަދިވެސް ނޫޙު ދުށުމަށް އެދޭތީ ހިނިތުންވެލަމުން މަޑުމައިތިރިކަން ހިޔާރުކުރީއެވެ.
ދޮންވެލިގަނޑު މަތިން ތެދުވެ ޒޯހާގެ ހެދުން ފޮޅާ، ދިޔުމަށް ތައްޔާރު ވެލިއެވެ.
“ހަމަ ދަނީތަ؟” ހިނިތުންވެލަމުން ނޫޙު އަހާލިއެވެ. އެއީ ރީތި ހިނިތުންވުމެކެވެ. ބަލާ މީހެއް ފޫހި ނުވާނެއެވެ. ޒޯހާ މުޅިރޭ އެއްކޮށް ނޫޙު ކައިރީގައި މަޑުކުރަން ބޭނުންވިއަސް މަންމަ އެކަނި އޮތް ވާހަކަ ބުނެލީ ހިތްމަތީގައި އަތް އަޅާލުމަށް ފަހުގައެވެ.
ފަހަތަށް އެނބުރި ހިނގައިގަންނަން އުޅުނު ތަނާ ޒޯހާގެ އަތުގައި ނޫޙު ހިފެހެއްޓިއެވެ.
“އަދި ފެންނާނެ ކަމަށް އުއްމީދުކުރަން” ފުން ނަޒަރަކުން ބަލަންހުރެފައި ނޫޙު ބުނެލިއެވެ.
ލަދު ގަތް ވަރުން ޒޯހާގެ ދޮން ކޯތާފަތް މައްޗަށް ޖަންބު ކުލައަރާލިއެވެ. އެމަންޒަރު ނޫޙުއަށް ވަރަށް ރީތި މަންޒަރަކަށް ވިއެވެ. ހިތުގައި ރައްކާކޮއްލުން ނޫން އިތުރު ގޮތެއް ނެތެވެ. އެ މައުސޫމް އަންހެން ކުއްޖާ އޭނާގެ ހިތާ ކުޅެލައިފިއެވެ. އެންމެ ފުރަތަމަ ދުވަހު ފެނުނު ދުވަހެކޭ އެއްފަދައިންނެވެ. މިހާރު އޭނާ އައިސް އެހުރީ އޭނާގެ ލޯބި ހާސިލް ކުރުމަށެވެ.
ހިނިތުންވެލަމުން ޒޯހާ ގެއާއި ދިމާލަށް މިސްރާބު ޖެހިއެވެ، އަދި އެއްފަހަރު ފަހަތަށް ބަލާލިއިރު ހުއްޓިގެން ނޫޙު ހިނިތުންވެލައިގެން ހުއްޓެވެ. ޒޯހާގެ ހިތަށް ބުނެދޭން ނޭގޭ ފިނިކަމެއް ލިބެމުން ދިޔައެވެ. ދުވަހަކުވެސް އެ ޅަ ހިތް އެހެން މީހެއްގެ ލޯއްބަށް އެދި ނުގޮވައެވެ. މީ ލޯބީގެ ފެށުމެއްބާއެވެ؟
ޒޯހާއަށް ގެއަށް ވަދެވުމާއިއެކު ފޯނު ރިންގުވާން ފެށިއެވެ. “ހެލޯ ޒޯ، ވަރަށް ބޮޑަށް މާފުކުރޭ އިނގޭ، އަހަންނަށް ނިދުނީ ރީތި ވެގެން ހުރެފައި، ނޭގެ ވީ ގޮތެއްވެސް” ސަނާ އެއްފަހަރާ ހުރިހާ އެއްޗެއް ކިޔަން ފެށިއެވެ.
“ހެހެ.. މާފުކޮށްފީމޭ ސަނާ، އިންފެކްޓް އައި އެންޖޯއިޑް އަ ލޮޓް ޓުނައިޓް” އިސް ޖަހާލަމުން ލަދުން ހުރެ ޒޯހާ ބުނެލިއެވެ.
“ނަސީބެއްނު. އަހަރެން ހީކުރީ ޒޯ ހުންނާނީ ރުޅިއައިއްސަ ކަމަށް” ފުން ނޭވައެއް ލަމުން އަނެއްކޮޅުން ސަނާ ބުނެލިއެވެ.
ދެމީހުން އެކި ވާހަކައިގައި ތިބުމަށްފަހު، ޒޯހާ ނިދަން އޮށޯތުމަށް ތައްޔާރުވިއެވެ. ނޫޙުގެ ވާހަކަ ސަނާކައިރިއަކު ޒޯހާ ނުބުނެއެވެ. ބައެއްފަހަރު ސަނާ އަނގަ ގަދަވެގެން މަންމަ ހުންނަތަނަކު ގައިވެސް ބުނެފާނެ ކަމުގެ ބިރާއެވެ.
ހެދުން ލައިގެން ސަނާ ފާހަނައިން ނިކުމެގެން އެނދަށް އަރަން އައިރު ކުޑަދޮރު ހުރީ ހުޅުވާލާފައެވެ. ހަނދުގެ ފުރިހަމަކަން މަތީގައި އޭގެ ރަސްކަން ކުރަމުން ދިޔައެވެ. ނަމަވެސް ޒޯހާ ހައިރާންވީ ކޮންމެ ރެއަކު ނިދަންއެރުމުގެ ކުރިން ކުޑަދޮރު ހުޅުވިފައި ހުންނާތީއެވެ. ކުޑަދޮރު ކައިރިއަށް ހުއްޓި ހަނދަށް ބަލަން ފެށުމުން ނޫޙު ސިފަވާން ފެށިއެވެ. ނޫކުލަކަން ގަދަ ވެގެންވާ ދެލޮލަށް ގެނބިގެން ދާން ޒޯހާ ބޭނުންވިއެވެ، ކޮންފަދަ ރީތި ކަމެއް ލިބިފައިވާ ސޫރައެއްހެވެ. އޭނާ ޒޯހާގެ ހިތާއި ޒަމީރު އެއްކޮށް ހިޞާރު ކޮއްލި ކަހަލައެވެ. “ނޫޙު” ދެލޯ މަރާލުމަށްފަހު ޒޯހާއަށް ސިފަކޮށްލެވުނީ ނޫޙުގެ ސޫރައެވެ. ޒޯހާގެ ހިއްސުތަކާއި ނޫހު ކުޅެލައިފިކަން ޔަގީނެވެ. ކުޑަދޮރުން އައިސްވަން ފިނި ވައިރޯޅިއާއި އެކު މާ ގިނަ އިރެއް ނުވެ ޒޯހާ ކުޑަދޮރު ލައްޕާލިއެވެ. ލޯ މަރާލަމުން ޒޯހާއަށް ހިނިތުން ވެލެވުނީ ނޫޙު އޭނާ ކައިރީގައި އެންމެ ފަހުގަޑީގައި ބުނެލި އެއްޗަކުންނެވެ. ތަފާތު މީހެކެވެ. ޒޯހާއަށް މާ ބޮޑަށްވެސް އެ ތަފާތުކަން ކަމުގޮސްފިއެވެ.
ޒޯހާ އެނދުގައި އޮށޯތުމަށްފަހު، ނޫޙުގެ އެކި ހިޔާލު ތަކުގައި އޮއްވާ ނިދި ޖެހުނު ގޮތެއްވެސް ނޭގުނެވެ. ދެން ހޭލެވުނީ ފަތިސް ނަމާދަށް ފޯނު އެލަރމް ވާން ފެށުމުންނެވެ.
***************************
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

