“ފަރީޝާ ކާހިތެއްނެތް މަންމާ…ވިޔާމަށް ވާގޮތެއް އެނގިގެން ނޫނީ އަރުތެރެއިން އެންމެ އެއްޗެއްވެސް ނުދިރޭނެ” ފަރީޝާ ބުނެލިއެވެ. “އެކަމަކު ތީކީ ރަނގަޅުގޮތެއްނޫން…އަމިއްލަ ނަފްސަށްވެސް ބަލަންވާނެ” ވިޔާމްގެ މަންމަ އޯގާތެރިކަމާއެކު ފަރީޝާއަށް ވިސްނައިދިނެވެ.އެހެންނަމަވެސް ވިޔާމް ހާލަތު އެނގުމުގެ ކުރިން އެއްވެސް އެއްޗެއް ނުކެވޭނެކަމަށް ފަރީޝާ ތަކުރާކުކޮށް ބުންޏެވެ.
**********
ވަގުގުތައް ހިނގަމުންގޮސް ވިޔާމް ހޭއަރާނެކަމަށް ޑަކުޓަރުން ލަފާކުރި ވަގުތު ފަހަނައަޅާ ދިޔައީއެވެ.ނަމަވެސް ވިޔާމްގެ އެއްވެސް ޚަބަރެއް ފަރީޝާމެނަކަށް ނުލިބެއެވެ.އެހެންކަމުން އިމަރޖެންސީ ކޮޓަރީގައި ފަރީޝާ ޓަކިޖެހިއެވެ.ނަރުހަކު ދޮރުހުޅުވާލުމާއެކު އޭނާގާތުން ވިޔާމްގެ ހާލަތު ފަރީޝާ އޮޅުންފިލުވިއެވެ. “ސޮރީ އަދިވެސް އޭނަ ހޭނާރާ” ނަރުސް މީހާ ބުނެލިއެވެ. “އެކަމަކު ޑަކުޓަރު ބުނި މިހާއިރު ހޭއަރާނޭ” ފަރީޝާ ނުތަނަވަސްވެފައި ބުނެލިއެެވެ. “ޔާ ބަޓް…އޭނަ ހޭއަރާނެ ވަގުތެއް މިވަގުތު ބުނެދޭން ދަތި” ނަރުސް އެހެންބުނެ ދޮރުލެއްޕިއެވެ.
ނަރުސްމީހާގެ އެބަސްތަކުން ފަރީޝާ ހާސްވެ ނުތަނަވަސް ވާންފެށިއެވެ.ގޮނޑީގައި އިން ވިޔާމްގެ މަންމަ ގާތަށްގޮސް ކަންވީގޮތް ފަރީޝާ ކިޔައިދިނެވެ.އެއާއެކު މަންމަވެސް ހިތް ނުތަނަވަސްވާން ފެށިއެވެ.ކިތަންމެ ޖެހިލުންވެ ހިތް ނުތަނަވަސް ވިޔަސް ވިޔާމަށް އިންތިޒާރުކުރުން ނޫންގޮތެއް ފަރީޝާމެނަށް ނެތުމުން، ވިޔާމް ހޭއަރާނެ އިންތިޒާރެއްގައި އެމީހުން ތިއްބެވެ.
ވިޔާމްގެ ޚަބަރެއްނުވެ ދާކޮންމެ ސިކުންތެއް އެމީހުން މުޅިން ހާސްކޮށްލައެވެ.އިމަރޖެންސީއިން ޑަކުޓަރަކު ނޫނީ ނަރުހަކު ނިކުންނަ އިރަށް ވިޔާމް ހޭއަރާފިތޯ ފަރީޝާ އަަހައެވެ.އެގޮތުގައި އެއްގަނޑިއިރު ފާއިތުވެގެން ދިޔައިރުވެސް ވިޔާމްގެ ޚަބަރެއް ނުވުމުން، ފަރީޝާ މުޅިން ހާސްވިއެެވެ.ނިއްކުރި މަތިން އޮށްދާހިއްލާ މުޅި ހަތަރެސްފައިން ތުރުތުރު އަޅަންފެށިއެވެ.އެހާލުގައިވެސް އޭނާ ދެފައި އެއްތާނކު ނުޖައްސާ އިމަރޖެންސީ ކޮޓަރި ބުޑުގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ.
ފަރީޝާ އުޅޭގޮތުން އޭނާ ސަކަރާތްވާހެން ވިޔާމްގެ މަންމައަށް ހީވާންފެށުމުން، ފަރީޝާގެ އަތުގައި ހިފާ އޭނާގެ ގާތުގައި ބޭންދިއެވެ.އެއާއެކު ފަރީޝާ ވިޔާމްގެ މަންމަގެ ކޮނޑުގައި ބޯއަޅާލިއެެވެ. “ވިޔާމް ހޭއަރާނެދޯ މަންމާ؟” ނޭވާކުރުވެފައިވާ ފަރީޝާ ނުތަނަވަސްކަމާއެކު އަހާލިއެވެ. “ހޭއަރާނެ ރަނގަޅުވާނެ އިންޝާﷲ” ވިޔާމްގެ މަންމަވެސް ހުރީ ވަރަށް ޖެހިލުންވެފައެވެ.އެހެންނަމަވެސް އެކަން ފަރީޝާއަށް ސިއްރުކުރަމުން ބުނެލިއެވެ.
*********
އެއްގަނޑިއިރު ފާއިތުވެގެން ގޮސް ތިރީސް މިނެޓް ހިނގީއެވެ.ނަމަވެސް ފަރީޝާމެނަށް ލިބެނީ ހަމަ އެއްޖަވާބެކެވެ.ވިޔާމް ހޭނާރާ ވާހަކައެވެ.އެހެންކަމުން ވިޔާމް ހޭއަރާތޯ ފަރީޝާގެ އިތުރުން ވިޔާމްގެ މަންމަ ދިޔައީ ކެނޑިނޭޅި ﷲ ގެ ހަޟްރަތުގައި ދުޢާ ކުރަމުންނެވެ.އެއްގަނޑިއިރާ ތިރީސް މިނެޓް ހަމަވެ އިރުކޮޅެއްވީތަނާ ނަރުހަކު އިމަރޖެންސީ ކޮޓަރިން ނިކުތުމަށްފަހު ވިޔާމްގެ ނަމުން ގޮވާލިއެެވެ.އެވަގުތު ފަރީޝާ އެނަރުހަށް ބޯޖަހާލުމަށްފަހު، އޭނާގެ ގާތަށް ދިޔައެވެ.
ނަރުސް ބުނާނެ އެއްޗެއް ނޭނގޭތީ ފަރީޝާމެނަށް ނޭވާ ހިފަހައްޓާލަން ޖެހުނެވެ. “ކޮންގްރާ…ވިޔާމް ހޭއަރާފި” ހިނިތުންވުމަކާއެކު ނަރުސްމީހާ އެހެންބުނެލުމުން، ނޭވާ ހިފަހައްޓައިގެން ހުރި ފަރީޝާ ފުންކޮށް އެނޭވާ ބޭރަށް ދޫކޮށްލީ ﷲ އަށް ހަމްދުކުރަމުންނެވެ. ވިޔާމް ހޭއެރިވާހަކަ ބުނުމުން ފަރީޝާއަށްވެސް އަދި ވިޔާމްގެ މަންމައަށްވެސް އުފަލުން ހިނިތުންވެވުނެވެ.
“ވިޔާމް ކިހިނެއް؟ ބައްދަލުކުރެވޭނެތަ؟” ފަރީޝާ އެއްނޭވާއިން އަހާލިއެވެ. “ވިޔާމްގެ ހާލަތު ރަނގަޅުވަމުން އަންނަނީ…ހަދަންޖެހޭ ޓެސްޓުތައް ހެދުމަށްފަހު، ވިޔާމާ ބައްދަލުކުރެވޭނެ” ނަރުސް އެހެންބުނެ އެތެރެއަށް ވަނުމުން ފަރީޝާ އުފަލުން ވިޔާމްގެ މަންމަގެ ގައިގައި ބައްދާލިއެވެ. “މަންމަ ބުނީމެއްނު ﷲގެ އިރާދަފުޅުން ރަނގަޅުވާނޭ” ފަރީޝާގެ ބޮލުގައި ފިރުމާލަމުން ވިޔާމްގެ މަންމަ ބުނެލިއެވެ.
**********
ވިހި މިނެޓްފަހުން ވިޔާމާ ބައްދަލުކުރަން ވަނުމުގެ ހުއްދަ ޑަކުޓަރު ދިނެވެ.އެތަނަށް ވަދެވެނީ ފަހަރަކު މީހަކަށް ކަމުން، ފުރަތަމަ ވިޔާމާ ބައްދަލުކުރަންވަނީ ފަރީޝާއެވެ.ވިޔާމް އޮތް އެނދާ އަރާހަމަވުމާއެކު ފަރީޝާ ވިޔާމަށް ގޮވާލިއެވެ. “ކިހިނެއް؟ ތަނަކަށް ތަދުވޭތަ؟” ވިޔާމްގެ ގާތުގައި އިށީންދެލުމަށްފަހު އޭނާގެ އަތުގައި ހިފާލަމުން ފަރީޝާ އަހާލިއެވެ.ފަރީޝާގެ އެސުވާލަށް ވިޔާމް ދެފަރާތަށް ބޯހޫރާލިއެވެ. “ކިރިޔާ ބިރުންގޮސް މަރުނުވީ…އަހަރެމެން މުޅިން ބިރުގަންނަވާލާފައެއްނު ތިއޮތީ..ގަސްތުގަ ހޭނާރާ އޮވެ” ވިޔާމްގެ އަތުގައި ބާރަށް ހިފާލަމުން ސަކަގޮތަކަށް ފަރީޝާ ބުނެލިއެވެ.ފަރީޝާ އެހެންބުނުމުން ވިޔާމް ހިނިއައެވެ.ފަރީޝާ ވިޔާމާް ވާހަކަދައްކާލުމަށްފަހު، ވިޔާމްގެ މަންމައަށް ވިޔާމާ ބައްދަލުވުމުގެ ފުރުސަތު ދިނުމުގެ ގޮތުން ނިކުތެެވެ.ފަރީޝާ ނިކުތުމުން ވިޔާމްގެ މަންމަ ވަނެވެ.ދެމީހުންވެސް ވިޔާމާ ބައްދަލުވެ އޭނާގެ ހާލަތު ރަނގަޅުކަން ފެނުމުން ތިބީ ވަރަށްބޮޑަށް ހިތްހަމަޖެހިފައެވެ.
*******
އައިލީން މަތިން ހަނދާންވާވަރުން ފަރީޝާ އަނެއްކާވެސް އާތިފަށް ގުޅާލިއެވެ.މިފަހަރު އާތިފް ވަރަށް އަވަހަށް އެކޯލަށް ޖަވާބުދިނެވެ.އައިލީން ކޮބައިތޯ ފަރީޝާ އެހުމުން އޮތީ ނިދާފައި ކަމަށްބުނެ، އައިލީން ނިދާފައި އޮތް ފޮޓޯއެއް ފަރީޝާއަށް އޭނާ ވައިބަރ ކޮށްލިއެވެ.އައިލީން ނިދާފައޭ އާތިފް ބުނުމުން ފަރީޝާ އެކޯލު ކުރުކޮށްލިއެވެ.އަދި އައިލީންގެ ފޮޓޯއަށް މާޝާﷲ ޖަހާ ތައުރީފުކޮށްލުމަށްފަހު، ވިޔާމްގެ އޮޕޮރޭޝަން ކާމިޔާބުވި ވާހަކަ އާތިފާ ފަރީޝާ ހިއްސާކުރިއެވެ.
***********
ވިޔާމްގެ ހާލަތު އަންނަނީ ރަނގަޅުވަމުންނެވެ.ކުރެވިފައިވާ ބޮޑު އޮޕޮރޭޝަންގެ ސަބަބުން ލަކުނު ފަސޭހަވާން ދުވަސް ނަގާނެކަމަށް ޑަކުޓަރު ބުންޏެވެ.އެހެންނަމަވެސް ވިޔާމްގެ ހާލަތު ރަނގަޅުކަމުން އެމީހުން ވިޔާމް ޕްރައިވެޓް ކޮޓަރިއަކަށް ބަދަލުކުރިއެވެ.އެއީ ފަރީޝާމެންގެ ވެސް އެދުމުގެ މަތިންނެވެ.
******
ދުވަސްތައް ހިނގަމުންގޮސް ވިޔާމް ހޮސްޕިޓަލުގައި އޮންނަތާ މިއަދަށް ހަފްތާއެއް ވީއެވެ.ހަފްތާއެއް ނިމުނުއިރުވެސް ވިޔާމަށް ފަރީޝާ ވެދޭ އެހީއާ އަޅާލުން އޭގެ އެންމެފުރިހަމަ ދަރަޖައިގައި ވިޔާމަށް ލިބެމުންދިޔައެވެ.ފަރީޝާ ނުކައިހުއްޓަސް ވިޔާމަށް ގަނޑިން ގަނޑިއަށް ކާންދެއެވެ.ފަރީޝާ އޭނާގެ އަމިއްލަ ނަފްސަށްވުރެ ވިޔާމާ ދޭތެރޭ އަޅާލާ އޯގާތެރިވާތަން ފެނި ވިޔާމްވެސް ވިޔާމްގެ މަންމަވެސް، ފަރީޝާއާ ދޭތެރޭ ނުހަނު އުފާވިއެވ.ެ
ހެދި ޓެސްޓުތަކާ ނެގި ސްކޭންތަކުން، ވިޔާމްގެ ބަނޑުގައި މިހާރު ކެންސަރުގެ އެއްވެސް އަލާމާތެއްވެސް ނެތްކަމުގެ އުފާވެރި ޚަބަރި ޑަކުޓަރު ފަރީޝާމެނަށް ދިނުމުން، އެމީހުންނަށް ލިބިގެންދިޔައީ ބުނެދޭން ނޭނގޭ ހިތްހަމަޖެހުމެކެވެ.އެއީ އެތައް ޒަމާނެއް ވަންދެން އަޑުއަހަން ބޭނުންވެފައި ހުރި ޚަބަރެއްކަމުން ވިޔާމަށާއި ވިޔާމްގެ މަންމައަށް ލިބުނު އުފާވެރިކަން އެތައްހާސް ގުނައެއް އިތުރުވެގެންދިޔައެވެ.
*********
އެެއްހަފްތާއާ ތިންދުވަސްވެ، ލަކުނުވެސް މުޅިން ފަސޭހަވުމާއެކު ވިޔާމް ހޮސްޕިޓަލުން ދޫކޮށްލިއެވެ.ހޮސްޕިޓަލުން، ހިފައިފައިވާ ހޮޓަލަށް ދެވުނުއިރުވެސް އެމީހުންގެ މޫނުމަތިން ހިނިތުން ނުކެނޑެއެވެ.ޒަމާންގަނޑަކަށްފަހު ކަޅު ހަޔާތައް އަލިކަމެއް ލިބުމުން އުފާނުވާނީ ވަކި ކާކު ހެއްޔެވެ.ހޮޓަލަށް ދެވުމާއެކު ކައިގެން އެންމެންވެސް އަރާމުކުރިއެވެ.އަދި ހަވީރުވުމުން ވިޔަފާރިކުރަން ދާން އެމީހުން ތައްޔާރުވިއެވެ.
އެކި ފިހާރަތަކަށް ވަންނަމުން ގޮސް އަނެއްކާވެސް ކުޑަކުދިންގެ އެެއްޗެހި ވިއްކާތަނެއް ފެނުމުން އެތަނަށް ފަރީޝާ ވަނެވެ.އޭނާގެ ފަހަތުން ވިޔާމްމެންވެސް ވަނެވެ. “މިހެދުންކޮޅު ފެނުމުން އައިލީން މަތިން ވަރަށް ހަނދާންވޭ..ވަރަށް ގުޅޭނެ މިހެދުން އެކުއްޖާއަށް” ފިހާރައިގަ އެލުވައިފައިވާ ހެދުމެެއް ފެނިގެން ފަރީޝާ ބުނެލިއެވެ.
“ދަރިފުޅު ވަރަށް ލޯބިވާ ކުއްޖެއްދޯ އެއީ؟” ކުޑަކުދިންގެ އެއްޗެހިވިއްކާ ފިހާރައެއް ފެންނައިރަށް އެތަނަކަށްވަދެ އައިލީންނަށް ކޮންމެވެސް އެއްޗެއް ފަރީޝާ ގަންނާތީ ވިޔާމްގެ މަންމަ އަހާލިއެވެ. “އާނ…އައިލީންވެސް ވަރަށް ލޯބިވޭ…މަންމައަށް އައިލީންނާ ބައްދަލުވީމަ އެނގޭނީ އެކުއްޖާގެ ލޯބިކަން” ފަރީޝާ ބުނެލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.






Thankolhe dhigukoh liyanveenun parts if possible ?this part is also very nice ❤❤❤❤
Will try thanks dear ?
Comment nukurevenas baraabarah kiyan
Varah reethi??
Thanks dear ?