ފަރީޝާ އައިލީންނާ ވާހަކަދައްކާ ކުއްޖާ މަސަލަސް ކުރުމުން، އައިލީންގެ ރުއިން މުޅިން ހުއްޓުނެވެ.
“ދަރިފުޅު ވަރަށް ރުއިންތަ މަންމި ހޯދަން؟” ވީޑިއޯ ކޯލުގައި އިނދެ އައިލީން ކައިރި ފަރީޝާ އަހާލިއެވެ. އެވަގުތު ފަރީޝާއަށް އާނއެކޭ ބުނުމުގެ ގޮތުން އައިލީން ބޯޖަހާލިއެވެ. “މަންމި ދާނަން އިނގޭ ވަރަށް އަވަހަށް އިންޝާﷲ” ފަރީޝާ އައިލީންގާތު ބުނެލިއެވެ. “ދަރިފުޅު ކައިފިންތަ؟” ފަރީޝާ އަނެއްކާވެސް އަހާލިއެވެ.އެވަގުތު އައިލީން ބަލައިލީ އާތިފާ ދިމާލަށެވެ.
އައިލީން އާތިފާ ދިމާލަށް ބަލާލުމުން ފަރީޝާ އެސުވާލު އާތިފާ ކޮށްލިއެވެ. “ތެދެއް އާތިފް؟ އައިލީން ކައިފިތަ؟” ފަރީޝާ ސުވާލުކުރުމުން އާތިފަށް ޖެހުނީ ހަގީގަތަށް ކިޔައިދޭށެވެ.އެހެންކަމުން އައިލީން ފަރީޝާ ހޯދަން ވަރަށް ރުއިކަމަށާއި، ކާންދޭން ޖެހުނީވެސް ވަރަށް އުދަނގުލުން ކަމަށް އާތިފް ބުނެލިއެވެ.އަދި އައިލީން ކެއީ ވަރަށް މަދުން ކަމަށްވެސް ބުންޏެވެ.
“އެހެންވީމަ ދަރިފުޅު ވާނެކާން އިނގޭ އެހެންނޫނީ މަންމި ދެރަވާނެ” ފަރީޝާ އެހެންބުނުމުން އައިލީން ކާނީ ފަރީޝާ ވީޑިއޯ ކޯލުގައި އިނދެގެން ކަމަށް ބުނެލިއެވެ. “އޯކޭ މަންމި ފޯނު ނުބާއްވާ މިއިނީ ބަލަން ދަރިފުޅު އުޅޭ ކާން” ފަރީޝާ އެހެންބުނުމުން ކާން އައިލީން އެއްބަސްވިއެވެ. ފަރީޝާއަށް ވީޑިއޯކޯލު ކޮށްގެން އިނދެ އާތިފް އައިލީންނަށް ކާންދިނެވެ. “އާޗާ ކޮބާ އަނެއްކާވެސް އަނގަޔަށްލާ އަވަހަށް…ދަރިފުޅު ރަނގަޅަށް ހަފައިގެން ކައްޗޭ އިނގޭ ލޯބީ” އައިލީންނަށް ފަރީޝާ ބުނެލިއެެވެ.
އައިލީން ކިޔަމަންތެރިކަމާއެކު ފަރީޝާގެ ބަަހަށް ކަމުންދިޔައެވެ.ފަރީޝާއާ އައިލީން ވާހަކަދައްކާތަން ބަލަން އިން އާތިފަށް ހީވަމުންދިޔައީ ފަރީޝާ އެވާހަކަދައްކަނީ އޭނާގެ އުފަންދަރިއަކާ ހެނެެވެ.އެހާވެސް އޭނާގެ ބަސްތައް އޯގާތެރިއެވެ.އައިލީން ކައިގެން ނިދިއިރުވެސް ފަރީޝާ ފޯނުކަނޑާނުލާ އިނެވެ.އައިލީން ހަމައަކަށް އެޅުމުން ފަރީޝާގެ ހިތަށް ވަރަށްބޮޑު ލުއެއް ލިބިގެންދިޔައެވެ.
އައިލީން ނިދުމުން ފަރީޝާގެ ކޯލު ކަނޑާލަން އާތިފް އުޅުނެވެ. “އާތިފް ފޯނު ކަނޑާނުލާ މަޑުކޮށްބަ…ފަރީޝާ ނޯމަލްކޮށް ގުޅާނަން ފޯނުނަގާބަ އާތިފާ ވާހަކަދައްކާލަން އެބަ ބޭނުންވޭ” ފަރީޝާ ބުނެލިއެވެ.ފަރީޝާ އެހެންބުނުމުން އާތިފް ބޯޖަހާލިއެވެ.އައިލީންގެ ކޮޓަރިން ނިކުމެ އާތިފް ބެލްކަންޏަށް ނިކުމެ އުނދޯލީގައި އިށީނެވެ.އެވަގުތު ފަރީޝާ ގުޅުމުން އޭނާ އެކޯލު ނެގިއެވެ.
“ހަލޯ އައިލީން އެވަރަށް ރުއި އިރުވެސް އެވާހަކަ ނުބުނެ އައިލީން ރަނގަޅޭ ބުނީ؟” ފަރީޝާ އަހާލިއެވެ.ފަރީޝާގެ އެސުވާލުން ކޮންމެވެސް ވަރަކަށް އާތިފް ނުތަނަވަސްވިއެވެ. “އާތިފަށް ބަދަލެއް އަތުވެއްޖެ ކޮންމެވެސް ސަބަބަކާހުރެ…ބުނެބަލަ ކިހިނެއްތަވީ؟…އެވާހަަކަ އެހިރޭ ކަމެއްނުވެޔޭ އާތިފް ބުންޏަސް ފަރީޝާއަށް އިނގޭ ކޮންމެވެސް ކަމެއްވެއްޖެ…ބުނީމަދޯ އިނގޭނީ…ކީއްވެތަ އައިލީންނާ ފަރީޝާއާ ދުރުކުރަން ތިމަސައްކަތް ކުރަނީ؟” ފަރީޝާ އެންމެފަހުން އޭނާގެ ހިތުގައިވާ އެއްޗެހިތައް ބޭރުކޮށްލިއެވެ.
ފަރީޝާ އެވަރަށް އަހަން ފެށުމުން އާތިފަށް ޖެހުނީ ހަގީގަތަށް ކިޔައިދޭށެވެ.ހަގީގަތް އަޑުނާހާ ފަރީޝާ ދުލެއްނުކުރާނެކަން އިނގޭތީއެވެ.އެހެންކަމުން ކަންވީގޮތް އާތިފް ފަރީޝާއަށް ކިޔައިދޭން ފެށިއެވެ.ފަރީޝާއާ އައިލީން ދުރުކުރަން އޭނާ މަސައްކަތް ކުރީ މާދަމާވެސް ފަރީޝާ އައިލީން ދޫކޮށްދިއުމުން އެކުއްޖާއަށް ފަރީޝާއާ ނުލާއުޅެން އާދަކުރުވަން ކަމަށާއި، ފަރީޝާވެސް އަމިއްލަ ހަޔާތަކާ އަމިއްލަ ދަރިއެއް ބޭނުންވާނެކަމާއި، އަބަދަކު ފަރީޝާވެސް އެމީހުންނާއެކު ނުހުންނާނެކަމަށް އާތިފް ބުނެލިއެވެ.އަދި އެކަން އެގޮތަށް ކުރިއަސް އޭނާގެ ހިތުގައި ފަރީޝާއަށްވެސް ވިޔާމަށްވެސް ކުޑަނަމަވެސް ހިތްބުރަކަމެއް ނެތްކަމަށް އާތިފް ބުންޏެވެ.
އާތިފްގެ ވާހަކަތައް އަޑުއަހަން އިން ފަރީޝާއަށް ދެރަވިވަރުން ގޮސް ރޮވުނެވެ. “އާތިފަށް ހީވަނީތަ ފަރީޝާ އައިލީން ދޫކޮށްލާނޭ…ކުރިންވެސް ބުނިހެން އަައިލީންނަކީ ފަރީޝާގެ އަމިއްލަ ދަރިއެއް…ފަރީޝާ ދެކެނީ އެގޮތަށް..އަމިއްލަ ދަރިއެއް ބޭނުންވާނީ އައިލީންނަކީ އަމިއްލަ ދަރިއެއް ކަމަށް ނުދެކޭނަމަތާ…މިތަނަށް އަންނަން މިޖެހުނީ މަޖުބޫރުވީމަ…ފަރީޝާ ނުބުނަން އެންމެ ފަހަރަކުވެސް އައިލީން ދޫކޮށްފަ ވިޔާމާއެކު ދާނަމެކޭ…ފަރީޝާއަކަށް އައިލީންވެސް ވިޔާމްވެސް ދޫކުރެވޭކަށް ނެތް…ފަރީޝާ އައިލީންދެކެ ވަރަށް ލޯބިވޭ…އައިލީން ކައިރި އަންނާނަމޭ ފަރީޝާ ބުނީ އަންނާނެތީ…އައިލީންނާ ދުރަށް ދަންޏާ އާތިފް ތިބުނިގޮތް ފަރީޝާ ހަދާނެ އައިލީންނަށް ފަރީޝާ ނުގުޅާނެ ކިތަންމެ ބޭނުންވިޔަސް…މިތާ ފަރީޝާ ހުއްޓަސް އައިލީންމަތިން އަބަދުވެސް ހަނދާންވޭ” ފަރީޝާއަށް ވަރަށް ބޮޑަށް ރޮވުނެވެ.
ފަރީޝާ ރޯންފެށުމުން އާތިފްގެ ހިތުގައި ޖެހުނެެވެ. “ފަރީ އާތިފަށް މާފުކުރޭ” ކުށްހީއެއްގެ މައްޗަށް އާތިފަށް ކަންތައް ކުރެވުނު ގޮތާމެދު ފަރީޝާގެ ކިބައިން އާތިފް ދެރަވެ މާފަށް އެދުނެވެ.ހުރިހާ ވާހަކައެއް އާތިފް ކިޔައިދިން އިރުވެސް އެހިތުގައި ފަރީޝާއަށް ދެވުނު ލޯބީގެ ވާހަކަ ބުނާނެ ހިތްވަރެއްް އާތިފަކަށް ނުލިބުނެވެ.
“ކޮބާ މިހާރު ވިޔާމް؟” ފަރީޝާއާ ވާހަކަދައްކާލުމަށްފަހު ވިޔާމްގެ ވާހަކަ އާތިފް އަހާލިއެވެ. “އޮޕޮރޭޝަން ރޫމުގަ..ދެގަނޑިއިރު ގާތްގަނޑަކަށް ވާނޭ ޑަކުޓަރު ބުނީ އޮޕޮރޭޝަނަށް” ފަރީޝާ ބުނެލިއެވެ.”އެހެންތަ ވިޔާމަށް ސަލާމް ބުނައްޗޭ” ކޯލު ކުރުކޮށްލަމުން އާތިފް ބުނެލިއެވެ.
ފަރީޝާގެ ކޯލު ބޭއްވުމާއެކު އާތިފް ހިތްހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ.ފަރީޝާ އައިލީން ދޫނުކޮށްލާނެކަން އެނގުމުން އެހިތަށް ލިބިގެންދިޔައީ ބުނެދޭން ނޭނގޭ ހިތްހަމަޖެހުމެކެެވެ.
************
ވަގުތުތައް ހިނގަމުންދިޔައެވެ.ފަރީޝާއާ ވިޔާމްގެ މަންމަ، ވިޔާމް ނެރޭނެ އިންތިޒާރެއްގައި ތިއްބެވެ.އިރުއިރުކޮޅާ ރަށުގައި ތިބި އޭނާގެ ދޮންތައާ ބައްޕަވެސް ވިޔާމްގެ ހަބަރު ބަލަން ގުޅައެވެ. ފަސް މިނެޓުން ވިހި މިނެޓުން ވަގުތު ހިނގަމުންގޮސް، ބަރާބަރު އެއްގަނޑިއިރާ ތިރީސް މިނެޓް ހަމަވީތަނުން އޮޮޕޮރޭޝަން ކޮޓަރިން ޑަކުޓަރު ނިކުތެވެ.ޑަކުޓަރު ނިކުތްތަން ފެނުމުން ގޮނޑީގައި ތިބި ފަރީޝާއާއި ވިޔާމްގެ މަންމަ ފުންމައިގެން ތެދުވެ ޑަކުޓަރާ ދިމާާލަށް ދިޔައެވެ.
“ހީކުރިވަރަށްވުރެ އޮޕޮރޭޝަނަށް ދިޔަ ވަގުތު ކުޑަ..އޮޕޮރޭޝަން ކާމިޔާބުކަމާއެކު ނިމިއްޖެ..ނަމަވެސް ކުރިއަށް އޮތީ ރިސްކުބޮޑު ވަގުތުކޮޅެއްކަމުން ވިޔާމްގެ ހާލަތު އަދި ބުނަން ދަތި…މިހާރު ވިޔާމް އޮތީވެސް ހޭނެތިފަ…ހޭއަރާނީ ލަފާކުރެވޭ ގޮތުގަ ސާޅީސް މިނެޓާ ފަސްދޮޅަސް މިނެޓުން…އިރުކޮޅަކުން އިމަރޖެންސީއެއް ވިޔާމް ގެންދާނެ” ހާލަތު ފަރީޝާމެނަށް ޑަކުޓަރު ތަފްސީލުކޮށް ކިޔައިދިނެވެ.
“ވިޔާމާ ބައްދަލުވެވޭނެތޯ” ފަރީޝާއަށް އަހާލެވުނެވެ. “ނޫނޭ އަދި ބައްދަލުކުރުން މާރަނގަޅެއް ނުވާނެ..ވިޔާމް ހޭއެރުމަށްފަހު ބަލަންޖެހޭ ކަންތައްތައް ބެލުމަށްފަހު ގާތްމީހުންނަށް އޭނާގެ ގާތަށް ޒިޔާރަތް ކުރެވޭނެ” އެތަނުން ދަމުން ޑަކުޓަރު ފަރީޝާއަށް ބުނެލިއެވެ.ޑަކުޓަރު ދިޔަތާ ފަސްމިނެޓް ނުވަނީސް ނަރުހުން ވިޔާމް އޮޕޮރޭޝަން ކޮޓަރިން ނެރުނެވެ.އެނދުގައި ހޭވެރިކަން ނެތް ވިޔާމް ފެނުމާއެކު އެދިމާލަށް ފަރީޝާއާ ވިޔާމްގެ މަންމަ އަވަހަށް ދިޔައެވެ.އަދި ނަރުހުންގެ ފަހަތުން އެމިީހުންވެސް އިމަރޖެންސީ ކޮޓަރިއާ ދިމާލަށް ދިޔައެވެ.
އިމަރޖެންސީ ކޮޓަރިއަށް ވިޔާމް ވެއްދުމުން ފަރީޝާއާ އޭނާގެ މަންމަ އަނެއްކާވެސް އެތާ ދޮރުމަތީގައި ވިޔާމަށް އިންތިޒާރުކުރުން ކުރިއަށް ގެންދިޔައެވެ. “ދަރިފުޅާ ދޭ އެއްޗެއް ކާލަން…މިތަނަށް އައީސުރެ އަނގަޔަށް އެއްޗެއް ނުލައެއްނު ތިއިނީ….މިހާރު ކިހާ ވަގުތެއް ފާއިތުވެއްޖެ މިތާނގަ” ފަރީޝާއަށް ވިޔާމްގެ މަންމަ ބުނެލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.






mi vhk vareh neh hama, keep it up,
thanks dear?