ނަޖާ (ދިހަ ވަނަ ބައި)
ފާޔާޒް ފުއާދަށް ހިއްވަރު ދިނުމުގެ ގޮތުން ކޮނޑުގައި ހިފާލިއެވެ. އަދި ހުރިހާ ކަމެއްވެސް މާތް ﷲގެ އިރާދަފުޅުން ރަގަޅު ވަމުންދާނޭ ކަމަށް ބުނުމަށްފަހު ހޮސްޕިޓަލުން ނުކުތުމަށް މިސްރާބު ޖެހިއެވެ.
ޖީބުގައިވާ ފޯނު ރިންގުވާން ފެށުމުން ފާޔާޒް ފޯނު ނެގިއެވެ. އެ ކޮޅުން އެގުޅީ ނާއިފެވެ. “ހަލޯ!… އަވަހަށް އާދެބަލަ…. މަށަށް މިއިންވެސްޓިގޭޝަންގެ ދެވަނަ ޓާގެޓް އެނގިއްޖެ….މަމީނީ ފަޔާޒް ކާރުކައިރީ…”
ފަޔާޒް ނާއިފްގެ ކޯލު ކަނޑާލުމަށްފަހު ހަލުވި ފިޔަވަޅުތަކެއްގައި ފަޔާޒުގެ ކާރު ޕާރކު ކޮށްފައިވާ ޒޯނަށް ދިޔުމަށް ހިނގައިގަތެވެ.
މީޑިޔާގެ ސަމާލުކަމަށް
ރޭގަނޑުގެ ނިދިން މަޚްރޫމްވެފައި ފަޔާޒް ގެއްލިފައި އޮތީ ސީލިންގްގައި ހަރުކޮށްފައިވާ ފަންކާއަށް ބަލާށެވެ. ނިދޭތޯ ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް ނިދޭގޮތެއް ނުވިއެވެ. މުޅި ދުވަސް ފަޔާޒް ހޭދަ ކުރީ ޝިޔާނާގެ ކޭސް އަނބުރާލެވޭނެ މަގެއް ފެނޭތޯއެވެ.
ފޭސްބުކް އަދި ޓްވީޓާއަށްވެސް ފޯނުން ވަންނަން އުޅެފައި ފޯނު ބޭއްވީ މުޅި ސޯޝަލް މީޑިޔާގަވެސް މި ދެކެވެނީ އެ ވާހަކަ ކަމުން، ބުނެދޭން ނޭނގޭ އުނދަގޫތަކެއް ހިތަށް މެދުވެރިވާތީއެވެ. ފަޔާޒް މިހާރު ކަންބޮޑުވަނީ ތިން ދުވަސް ފަހުން ބާއްވަން ހަމަޖައްސާ ނިއުސް ކޮންފަރެންސްގައި ދޭނެ ޖަވާބެއް އަދި ނޭނގޭތީއެވެ. އެނބުރެމުންދާ ފަންކާގެ ފިޔަތަކަށް ބަލަހައްޓައިގެން އޮއްވާ ފަޔާޒްގެ ދެލޮލަށް ނިދި ބަރުވެ ދެ ލޯ މެރިއްޖެއެވެ.
އާދީއްތަ ދުވަސްކަމުން ހަފްތާ ބަންދުވި ދެދުވަހަށް ބަލާފައި މަގުތަކުގެ ކާރުބާރު ބޮޑުކަން ފާހަގަ ކުރެވުނެވެ. ފަޔާޒަށް އޮފީހަށް އާދެވުނު އިރު ހުރީ ހެނދުނު 8:45 ވެފައެވެ. އޮފީސް ކާޑު ނަގާ މެޝިންގައި ޖައްސާ ލުމަށްފަހު ކެބިންއަށް ދާން ހިނގައިގަތެވެ.
ހަމަ ނިދި ނުލިބޭތީ ފަޔާޒް ހުރީ ކޮފީއެއް ބޭނުންވެފައެވެ. ކެބިންގެ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއި އެކު ތަފާތުކަމެއް ފާހަގަވިއެވެ. ފަޔާޒުގެ ގޮނޑީގައި މީހަކު އިށީނދެގެން އިނެވެ. އެމީހަކު އިނީ ގޮނޑި ފަހަތަށް އަނބުރައިގެން ކަމުން އެއީ ކާކުކަމެއް ނޭނގެއެވެ. ފަޔާޒް ހުރީ މިފެންނަ މަންޒަރުން އަޖައިބުވެ އަދި ވަރަށް ހިތް ހަމަނުޖެހިފައެވެ. އޭނާއަށް ނޭނގި އޭނާގެ ކެބިންތެރެއަށް މީގެކުރިން ދުވަހަކުވެސް މީހަކު ވަދެފައެއް ނުވެއެވެ.
ދަތްކުނި ވިކާލުމަށް ފަހު ފުންނޭވާއެއް ދޫކޮށްލުމަށް ފަހު އަހާލިއެވެ. “ތީ ކާކު؟…”
ފަޔާޒްގެ ބަރު އަޑުން މި ޢިބާރާތް އަޑުއިވިގެން އެ ގޮނޑީގައި އިން ޒުވާނާ ފަޔާޒާއި މޫނު ދިމާވާ ގޮތަށް ގޮނޑި އަނބުރާލިއެވެ. މޫނުމަތީގައި އެއްވެސް ހާސްކަމެއް ނެތެވެ. ލުއި ހިނިތުން ވުމަކާއި އެކީ އޭނާ ފަޔާޒްގެ މޫނަށް ބަލަހައްޓައިގެން ހުއްޓެވެ.
“ކިހިނެއްވީ؟؟…. ފަޔާޒް ނައިސްގެން މީނީ…” ތުއި ގޮތަކަށް ވާހަކަ ދައްކަމުން ގޮނޑިން ތެދުވީ ވަރަށް ރީތި އަންހެން ކުއްޖެކެވެ.
ފަޔާޒަށް އެއީ ކާކުކަން އެނގުނެވެ. އޭނާ ހުރީ ވަރަށް ރީތިކޮށް ހެދުން އަޅާފައެވެ. އަތްކުރު ހުދު ގަމީހަކާއި، ކްރީމް ކުލައިގެ ސްކިނީއަކާއި އެކު ރަތްކުލައިގެ ހައިހީލްސަށް އަރާފައި ހުރި އިރު އެ ޒުވާނާ ވަރަށް ޗާލެވެ. އިސްތަށިގަނޑުވަނީ ދިވެހިން ބޮލުހުޅިޖަހާ ގޮތަށް އެއްފަރާތަށް މުޅި އިސްތަށިގަނޑު ގެންގޮސް އިސްތަށިގަނޑުގެ ކޮޅާހަމައަށް ގަތާލާފައެވެ.
ފަޔާޒުގެ ފަހަތުން އައިސް ދޮރާއި ހަމަކުރި ނާއިފް ހުރީ އެ ބީރައްޓެހި އަންހެން ކުއްޖާ ފެނި ވާނުވާ ނޭނގިފައެވެ. ހަމަ ޔަގީނުންވެސް އެއީ މީގެ ކުރިން ނާއިފް ދުށް ކުއްޖެއްނޫނެވެ. ހިތުގައި އެތައް ސުވާލުތަކެއް ފެންމަތި ވަމުން ދާތީ ނާއިފް ހުރީ ހިމޭނުން ވާނުވާ އެނގެންދެން ދޮރު ކައިރީ މަޑުކޮށްލައިގެންނެވެ.
ފަޔާޒް ކުރިއަށް ޖެހިފައި އެ ޒުވާނާއާއި ސަލާމްކޮށްލިއެވެ. “ރިފޫ…. އަހަރެން ހިއެއް ނުކުރަން ތިހާ އަވަހަށް އަންނާނެ ކަމަކަށް” ފަޔާޒު މިހެން ބުނުމުން ރިފްދާ ޖަވާބު ދިނެވެ. “ހޫން…. ހަމަ ކެތް ނުވެގެން މިއައީ… ފަޔާޒް ގުޅީމަ އެންމެ ސިކުންތެއްވެސް މަޑުކޮށްލަން ބޭނުން ނުވީ”
ފަޔާޒްއާއި އެ ޒުވާނާއާއި ދެމެދުގައި ވާ ގާތްކަން ފެނި ނާއިފަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ފާޔާޒްއާއި ސަމާސާކޮށް ވާހަކަ ދައްކާ ކުއްޖެއް ނުފެންނަތާ އެތަކެއް އަހަރުވެއްޖެއެވެ.
“މީ ފަޔާޒް އިންނަން އުޅޭ ކުއްޖާތަ؟ މަ އިންޓްރޮޑިއުސްވެސް ކޮށްނުދޭ… ބަލާބަލަ…” ނާއިފް އެދެމީހުންގެ ވާހަކަ މެދުކަނޑާލީ އޭނާއަށް ކަމެއް ސިއްރުން ކުރާކަން އެނގިގެން ބޮޑާހާކާ ފަދަ ގޮތަކަށެވެ.
“ހެހެހެ… އާން… ރިފްދާ މީ ނާއިފް… މަ އެބައުޅޭތަ މީހަކާ ނީންދެވިގެން…. މީ މަގޭ ވަރަށް ގާތް ފްރެންޑެއް…. މާލޭގަ ފުލުހުންގެ ތެރޭގައި މަސައްކަތް ކުރަނީ…. އަހަރެމެން ދެމީހުން އެކީގަ އޮސްޓްރޭލިޔާގަ ކިޔަވަން އުޅުނީ… އޭރުން ފެށިގެން ދެން ވަރަށް ކްލޯސް ފްރެންޑްސް…. ދޯ ރިފޫ…..” ފަޔާޒް ރިފްދާގެ ކުޑަ ތަޢާރަފެއް ދިނެވެ. އަދި ތިން އެކުވެރިން އެކީގައި ހެދުނުގެ ސަޔަށް ދިޔުމަށް ހިނގައިގަތެވެ.
*** *** *** *** *** ***
ހެނދުނުގެ ނާސްތާއަށް ފަހު މޭޒުމަތީ ހުރި ތަށިތައް ސާނިޔާ ނެގިއެވެ. އޭރު މަތީނު އިނީ ސޯފާގައި ހަމަޖެހިލައިގެން، ދުފާ ތަބައް އުނގަށް ލައިގެން ދުފާށެވެ. މިހެން ހުއްޓާ މަތީނުގެ ފޯނު ރިންގުވާން ފެށުމުން މޭޒުމަތީ ތަބައް ބެހެއްޓުމަށްފަހު ބެލްކަންޏަށް ނުކުމެ ތުނބުގައި ސިނގިރޭޓެއް ޖަހާލުމަށް ފަހު ލައިޓަރ ނަގާ އެ ސިނގިރޭޓު ރޯ ކޮށްލިއެވެ. އަދި ފޯނު ނަގާ ކަންފަތުގައި ޖަހާލިއެވެ.
“މަތީން…. މި އޮފީހުގެ ރިސެޕްޝަންގަޔާއި މާކެޓިންގް ބައިގައި މަސައްކަތް ކުރާނެ ދެ އަންހެން ކުދިން ވަރަށް ފަސޭހައިން ލިބިއްޖެ…. އެމީހުން ބުނީ ސެލެރީ އޯކޭޔޯ…. ޖީސީ ވެސް ހަދާފަ ތިބީ…. މިއަދުން ފެށިގެން އެކުދިން މިގެންނަނީ” ޝާޑަށް ހަވާލު ކުރި މަސައްކަތް ފުރިހަމަވުމުން މަތީނާ އެވާހަކަ އަވަހަށް ހިއްސާކޮށްލިއެވެ.
“އޯކޭ…. އަދިވެސް މިއުޅެނީ ސާނީ ހަމައަކަށް ނޭޅުވިގެން…. ތިކޮޅުން ހުރިހާ ކަމެއް ޝާޑް ބަލަހައްޓަމުން ދޭ… މަ އޮފީހަށް ޖައްސާލާނަން ހަވީރު ވީމާ…” މިހެން ބުނެ މަތީނު ފޯނު ކަނޑާލިއެވެ.
މަތީނު އިނީ ވަރަށް ފުން ޚިޔާލެއްގެ ތެރެއަށް ގެއްލިފައެވެ. އަވަސް އަވަސްކޮށް ސިނގިރޭޓް ދަމާ ހުސްކޮށްލިއެވެ. އަދި ބެލްކަނިން ބޭރަށް ފިލްޓަރ ބުރި ހޫރާލުމަށް ފަހު ފޯނު ނަގާ ނަންބަރަކަށް ޑަޔަލް ކުރިއެވެ.
އެކޮޅުން ފޯނު ނެގުމުން، ވަރަށް ހޫނު ގަދަކޮށް އެފޯނު ކޯލުގައި މަތީން ހުރިއިރު ފޯނުގައި ހުރެގެން ދައްކަމުން ދިޔަ ވާހަކަތައް ސާފުކޮށް އަޑު އިވޭ ހިސާބުގައި ސާނިޔާ ހުއްޓެވެ. އިވެމުން ދިޔަ ވާހަކަ ތަކުން ސާނިޔާއަށް އުނދަގޫތަކެއް ވާން ފެށިކަހަލައެވެ.
ފޯނު ބޭއްވުމަށްފަހު މަތީނު ގޭތެރެއަށް ވަންނަން އެނބުރިލި އިރު ކުރިމަތީގައި ކަޅިޖަހާނުލާ ބަލަހައްޓައިގެން އިން ސާނިޔާ ފެނުމުން ކަންބޮޑުވިއެވެ. ސާނިޔާގެ ލޮލުތެރޭން ކަރުނައިގެ ވިދުން ފެންނަން ހުއްޓެވެ.
“ސާނިޔާ….. މިހުރިހާ ކަމެއްވެސް އަހަރެން މިކުރަނީ އަހަރެންނަށް ވިސްނޭ އެންމެ ރަގަޅަކަށް….. ސާނިޔާ ހާސްނުވޭ…. އަހަރެން މި އާއިލާއަށް ދެރަގޮތެއް ވިޔަކަ ނުދޭނަން” ސާނިޔާ ހިތް ހަމަޖައްސައިދޭން މަތީނު ވަރަށް މަސައްކަތް ކުރިއެވެ.
ސާނިޔާ އިސްއޮބާލުމަށް ފަހު އޭނާގެ ކޮޓާރިއާއި ދިމާލަށް މިސްރާބުޖެހިއެވެ. ކާމޭޒާއި އަރާ ހަމަވުމުން ފިޔަވަޅު މަޑުކޮށްލިއެވެ. މޭޒުމަތީ ހުރި ވަޅިސެޓަށް ބަލަން ހުރުމަށް ފަހު އެ ވަޅި ސެޓު ނަގާ ބަދިގޭ ސިންކާ ދިމާލަށް ހޫރާލިއެވެ. މަތީނަށް މި މަންޒަރު ފެނުމުން ސާނިޔާއާއި ހަމައަށް ދުވެފައި އައެވެ. މަތީނަށް ސާނިޔާއާއި އަރާ ހަމަ ނުކުރެވެނީ ސާނިޔާ ދުވެފައިގޮސް އޭނާގެ ކޮޓަރިއަށް ވަދެ ބާރަށް ދޮރުފަތް ޖެހިއެވެ.
ކޮޓަރި ތަޅުގައި އައިސް މަތީނު ހިފާލިއެވެ. ދޮރު ހުރީ ތަޅުލާފައި ކަމުން މަތީނު ޖެހުނީ ސާނިޔާ ދޮރު ހުޅުވާނެ އިރެއްގެ އިންތިޒާރުގައި ބޭރުގައި މަޑުކުރާށެވެ.
**** **** **** **** ****
މިއަދަކީ މި ހާދިޘާ ހިނގި ފަހުން ތިންވަނަ ދުވަހެވެ. މުއާޒުގެ މަރުގެ ވާހަކައަކީ ޓީވީގެ އެކި ޗެނަލްތަކުގެ ފަލަ ސުރުޚީގައި ދެކެވެމުން އަންނަ މަޝްހޫރު ބިރުވެރި ހާދިޘާއެކެވެ. ދޭ ދޭ ދެމީހެއް ޖުހުނަސް މިހާރު ދެކެވެނީ މުއާޒް މަރާލެވިފައިވާ ރަހުމްކުޑަ ގޮތުގެ ވާހަކައެވެ. މިފަދަ ޢަމަލެއް އަންހެނެއް ކޮށްފައިވާތީވެ އެންމެންވެސް ތިބެނީ ހައިރާންވެ އަންތަރީސް ވެފައެވެ. ރާއްޖޭގައި މީ މިފަދަ ހާދިޘާއެއް ދިމާވި ފުރަތަމަ ފަހަރުކަމަށް ވާތީވެ، ގިނަ ބައެއްގެ އަމާޒަކަށް ވެގެންދަނީ ތަޙުޤީޤު ކުރުމަށް ފަހު ފުލުހުންގެ ޖަވާބަށެވެ.
ފަޔާޒު ހުރީ އޭނާގެ ކެބިން ތެރޭ މި އިންވެސްޓިގޭޝަންގެ ޓީމާއި އެކު ހިނގާ މަޝްވަރާ ބައްދަލުވުމެއްގައެވެ. ބައްދަލުވުން ނިންމާލުމަށްފަހު ޕްރިންޓް ކުރެވިފައިވާ ގަނޑުތަކެއް ދެ ފައިލަށް ލައްވާލުމަށް ފަހު ފަޔާޒަށާއި ނާއިފަށް އައިންތު ދިއްކޮށްލިއެވެ. އެއަށްފަހު މި ޓީމްގައި ހިމެނޭ ފަސް ޒުވާނުން އެކީގައި ހިނގައިގަތީ ޕޮލިސް ހެޑް ކުއާރޓާސްގައި ހުންނަ ކޮންފަރެންސް ރޫމާއި ދިމާލަށެވެ.
ކޮންފަރެންސް ރޫމްގެ ދޮރު ހުޅުވާލި ވަގުތު އެތެރޭގައި ތިބި މީހުންނަށް ފަޔާޒް ކަޅި ހިންގާލިއެވެ. ދޮރާއި ދިމާލަށް ހުރީ ފަޔާޒްމެން އިށީނުމަށް މޭޒާއި ގޮނޑި ޖަހާފައެވެ. މިޓީމް ތިބުމަށް ހަމަޖެހިފައިވާ ގޮނޑިތަކުގެ ކުރިމައްޗަށް ވާ ގޮތަށް ޖަހާފައިވާ ގޮނޑިތަކުގައި ގިނަ އަދަދެއްގެ ރިޕޯޓަރުންނާއި ނޫސްވެރިން އިށީނދެގެން ތިއްބެވެ.
އިށީނުމަށް ހަމަޖެހިފައިވާ ގޮނޑިތަކުގައި އިށީނީ ފަޔާޒާއި ނާއިފެވެ. އައިންތުއާއި ފަޒްނާ އަދި ރިފްދާ މަޑުކޮށްލީ އެއް ފަރާތެއްގައެވެ. މޭޒުގައި ހަރުކުރެވިފައިވާ މައިކް ސްޓޭންޑާއި ކައިރި ވެލަމުން ފަޔާޒް ރިފްދާއަށް ބަލާލިއެވެ. ހިތްވަރު ދިނުމުގެ ގޮތުން ރިފްދާ ބޯޖަހާލުމަށް ފަހު ހިނިތުންވެލިއެވެ.
“އަޅުގަނޑުމެންގެ އިންވެސްޓިގޭޝަން ޓީމް، މި ބައްދަލުކޮށްލީ ތިޔަ ބޭފުޅުންނަށް މުޙައްމަދު މުއާޒް މަރާލިކަމަށް އިއުތިރާފްވުމުން ހައްޔަރު ކުރެވުނު އާމިނަތު ޝިޔާނާ ފުއާދުގެ ތަޙުޤީޤު މަރުހަލާ އޮތް ހިސާބެއް ތިޔަ އެންމެހާ ބޭފުޅުންނާއި ހިއްސާކޮށްލުމަށް….” ފުލުހުންގެ މީޑިޔާ އޮފިސަރ ވާހަކަ ދައްކަން ފެއްޓިއެވެ.
“ދެން އަޅުގަނޑު މިހަވާލު ކޮށްލަނީ މި ތަޙުޤީޤު މަރުހަލާގައި އިސްކޮށް ހަރަކާތް ތެރިވާ ޑިޓެކްޓިވް އޮފިސަރ، އަޙްމަދު ފަޔާޒަށް” މީޑިޔާ އޮފިޝަލް މިހިސާބަށް ބުނުމުން ފަޔާޒް ކަރުކެހިލުމަށް ފަހު ވާހަކަ ދައްކަން ފެށިއެވެ.
“ޝިޔާނާ މިކަން ކުރިގޮތުގެ ބަޔާނެއް ދީފައިވޭ، މި މައްސަލަ ޕީޖީއަށް އަދި ނުފޮނުވެނީސް ޝިޔާނާގެ ޞިއްޙީ ޙާލަތު ގޯސްވެ އެކަމުގެ ސަބަބުން އޭނާއަށް ދޭންޖެހޭ ފަރުވާ ސަރުކާރުގެ ފަރާތުން ދެމުން މިދަނީ…. ލިބިފައި ހުރި ހެކިތަކުން އުފެދޭ އިތުރު ސުވާލުތަކެއް ހުރި ނަމަވެސް… މަސައްކަތް މިހިސާބަށް ދިޔަ އިރު މިވަނީ ހުއްޓުމަކަށް އައިސްފައި… ޝިޔާނާ ހޭ އަރަންދެން އަދި މި މަޑުކޮށްލަނީ….” ފަޔާޒު މިހިސާބަށް ވާހަކަ ހުއްޓާލުމުން ދެން ވާހަކަ ދައްކަން ފެއްޓީ ނާއިފެވެ.
“މި ހިއްސާ ކޮށްލެވުނީ މިހާރު ކަންތައް ގޮސް ފައިވާ ހިސާބު… އިތުރު ސުވާލެއް އެބަ އޮތްތޯ؟…”
ކުރިމަތީގައި އިށީނދެގެން ތިބި ސާޅީސް މީހުންގެ ތެރެއިން ތިން މީހަކު އަތް އުފުލާލިއެވެ. އެވަގުތު ނާއިފް އެންމެ ކުރީ ސީޓުން ސުވާލުކުރުމަށް އެދިގެން ހުރި ޒުވާނާއަށް ފުރުސަތު ދިނެވެ.
“ޝިޔާނާއަކީ މީހަކާއި އިނދެގެން، 4 އަހަރުގެ ކުއްޖެއްވެސް ހުރި އަންހެނަކަށް ވެފައި…. އެގެޔާ ހިސާބަށް އެޒުވާނާއަށް ދެވިފައި އޮތުމުންނާއި،… ޝިޔާނާއާއި މުއާޒާ ދެމެދުގައި އޮތް ގުޅުމަކީ އުފެދޭ ވަރަށް ބޮޑު ސުވާލެއް…”
ފަޔާޒް އޭނާގެ އަތުގެ އިނގިލިތައް މުއްކަވާލިއެވެ. އަދި ޖާވާބު ދިނުމަށް މައިކާއި ކައިރިވެލިއެވެ. “އާން… އޭނާގެ 4 އަހަރުގެ ކުއްޖެއް ހުރޭ… މުއާޒަކީ ޝިޔާނާގެ ފިރިމީހާ މަތީނުގެ އެކުވެރިއެއް… މި ގުޅުން ފިޔަވާ އިތުރު ގުޅުމަކާ ބެހޭ ގޮތުން މަޢުލޫމާތެއް އަދި ނުލިބޭ….”
“ޝިޔާނާ އަކީ މަސްތުވާތަކެތި ބޭނުން ކުރާ ކުއްޖެއްތޯ؟” ދެވަނަ ސުވާލު ކުރީ ނޫސްވެރިންގެ ސަފުގެ އެންމެ ފަހަތުގައި ހުރި އަންހެން ރިޕޯޓަރެކެވެ.
“ޝިޔާނާ ހައްޔަރުކޮށްގެން ގެންދިޔުމަށްފަހު ހެދި އެއްވެސް ޓެސްޓަކުން މަސްތުވާ ތަކެއްޗަށް ޕޮސިޓިވް ވެފައެއް ނެތް…. އަދި އެ އެޕާރޓްމަންޓް ޗެކްކޮށް ބެލިބެލުމުންވެސް އެކަހަލަ އެއްވެސް އެއްޗެއް ފެންނަން ނެތްކަން ފާހަގަ ކޮށްލަން…” ދެވަނަ ސުވާލަށް ވެސް ޖަވާބު ދިނީ ފަޔާޒެވެ.
“ޝިޔާނާއަށް ސިއްހީ ފަރުވާ ބޭނުންވީ ކޮންކަހަލަ ކަމަކާއި ގުޅިގެންތޯ؟”
މިސުވާލުކުރުމާއި އެކު ފަޔާޒް ގަނޑުވި ކަހަލައެވެ. ފަޔާޒަށް ޖަވާބުދޭން ވަރަށް އުނދާގޫވިއެވެ. މިކަން ނާއިފަށް ފަހާގަވުމުން ލަސްނުކޮށް އެ ސުވާލަށް ޖަވާބު ދިނެވެ.
“ޝިޔާނާ އަށް ވަނީ ސްޓްރޯކެއް ޖެހިފައި…. މިހާރު މިދަނީ އެކަމަށް ހަދަން ޖެހޭ ޓެސްޓުތަކާއި މެޑިކަލް އެހެނިހެން ފަރުވާ ދެމުން…. އަދި ޝިޔާނާ ހޭ ނާރާތީވެ މިކަމަށް އަދި އެއްޗެކޭ ބުނަން ވަރަށް އުނދަގޫ….”
ނާއިފް މި ބައްދަލުވުން ކުރުކޮށްލަން ނިންމިއެވެ. “އިތުރު ސުވާލެއް ނެތިއްޔާ ދެން މިހިސާބުން މި ކޮންފަރެންސް ނިންމާލާނަން… އިތުރު މަޢުލޫމާތު ލިބެމުން ދާ ވަރަކަށް ތިޔަ ބޭފުޅުންނާ ހަމަ މިމާހައުލުން ބައްދަލު ކޮށްލާނެ ވާހަކަ ދަންނަވާލަމުން މިއަދުގެ މި ނިއުސް ކޮންފެރެންސް މި ނިންމާ ލަނީ… މިތަނަށް ވަޑައިގެންދެއްވި ހުރިހާ ރިޕޯޓަރުންނާއި ނޫސްވެރިންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ….”
ވާހަކަ ނިންމާލުމަށް ފަހު ދެމީހުން އެކީގައި އެ ކޮންފަރެންސް ރޫމުން ނުކުތެވެ. އައިންތު މެންވެސް ފަޔާޒާއި އެކު ކެބިނަށް ދިޔުމަށް ފަހަތުން ހިނގައި ގެތެވެ.
**** **** **** **** **** ****
ކޮންފަރެންސް ނިމުމަށްފަހު ފަޔާޒްގެ ބޮލުގައި ރިހޭތީ މިސްރާބުޖެހީ ހޮސްޕިޓަލަށް ދިއުމަށެވެ. ކާރު ޕާކު ކުރުމަށްފަހު ހޮސްޕިޓަލަށް ދާން މަގު ހުރަސް ކުރި ވަގުތު ހޮސްޕިޓަލާ ކުރިމައްޗަށް ހުރި ދުވާރު މަތީ ފުއާދު މީހަކާއި ވާހަކަ ދައްކަން ހުރި މަންޒަރު ފެނުނެވެ. މަގު ހުރަސް ކޮށްލުމަށް ފަހު ކައިރީގައި ހުރި ގުލްޗަންޕާ ގަސް ދޮށުގައި މަޑުކޮށްލިއެވެ. ޖީބުގައިވާ ފޯނު ނަގާ އެއާކުޅެން ހުރީ ފުއާދު އެކަހެރިވާނެ ވަގުތެއްގެ އިންތިޒާރުގައެވެ.
ފުއާދާއި ވާހަކަ ދައްކަން އިނީ ފުއާދާއި ދާދި އެއް އުމުރެއްގެ ފިރިހެނެކެވެ. އެމީހާގެ ވާހަކައިގެ އަޑު ގަދަވެ ފުއާދާއި ދިމާލަށް އަތް އުކާ ހަރުކަށި ބަސްތައް ބުނަން ފެށުމުން ފަޔާޒް ފޯނު ޖީބަށްލާ އެ މަންޒަރަށް ސަމާލުކަން ދިނެވެ. އަދި މަޑު މަޑުން ހިނގާފައި އައިސް އެމީހުންނާއި އަރާ ހަމަކުރިއެވެ.
“އަހަރެންގެ ހުރި ހަމަ އެކަނި ފިރިހެން ދަރި ވިއްޔަ އޭނަ އެ މަރާލީ…. ޝިޔާނާއަށް އަހަރެން ބޭނުމީ މަރަށް މަރުގެ ބަދަލު ހިފަން…. ފުއާދާއި މަތީނުގެ ގާތްކަމާއި އެކުވެރިކަމަށް އަހަރެން ޤަދަރު ކުރަން… އެކަމަކު…. ދެން އަހަރެންނަށް ދުވަހަކުވެސް ތި އާއިލާއަށް ހިތް ހެވެއް ނުވެވޭނެ….. އެހާ ރަހުމް ކުޑަ ގޮތަކަށް އިންސާނެއްގެ ފުރާނަ ނަގާލާނީ ހާދަ ނުބައި ވީމައޭ….” މިހިސާބަށް ބުނެ އެމީހާ ފުރަގަސްދީ ހިނގައިގަތެވެ. އެމީހާގެ ވާހަކަތަކުން އެއީ މުޙައްމަދު މުއާޒްގެ ބައްޕަކަން ފަޔާޒަށް އޮޅުން ފިލިއެވެ.
ފުއާދުގެ ލޮލަށް ކަރުނަ ޖަމާވެ ބަރާވަމުން ދާ މަންޒަރު ފަޔާޒަށް ފެނުނެވެ. ލޮލުތެރޭގައި ވިދާ ބަބުޅަމުން ދާ އެ ކަރުނަތައް ހިފަހައްޓަން ފުއާދު ކިތަންމެ ބޭނުންވިކަމުގައި ވިޔަސް އެ ކަރުނަތައް ލޮލުގެ ދެމިޔަކަނުން އޮހޮރިގަތީ އެއްވެސް ހިފެހެއްޓުމެއް ނެތިއެވެ. ފުއާދުގެ ކޮނޑުގައި ހިފައިގެން ފަޔާޒު މިސްރާބު ޖެހީ އޭނާ ގޮވައިގެން ހޮސްޕިޓަލް ތެރެއަށް ވަނުމަށެވެ. ފުއާދުގެ އަގައިން ބަހެއް ބޭރުވީ އެމީހުންނަށް އައި.ސީ.ޔޫ ކުރިމައްޗަށް އާދެވުމުންނެވެ.
“ދެން އެންމެ ރަގަޅު ކޮއްކޮ ދިޔަޔަސް…. ބޭބެ މިތާ މަޑުކޮށްލާނަން…” ފުއާދު މިހެން ބުނުމުން ފަޔާޒް މަޑުނުކޮށް ހިނގައިގަތީ ޝިޔާނާ އެނދުމަތި ކުރެވިފައިވާ ކޮޓަރިއާއި ދިމާލަށެވެ.
ޝިޔާނާގެ ހާލު އަދިވެސް ހަމަ އެފަދައެވެ. ކިރިޔާ ލޯހުޅުވި، ހޭ އަރާ އިރަށް ސްޓްރޯކު ޖެހެނީއެވެ. އެހެން ކަމުން މިހާރު ޝިޔާނާ ބާއްވަނީ ނިދާ އިންޖެކްޝަން ޖަހާ ނިންދަވާފައެވެ. ފަސް ދުވަސް ވުމުން ކުރިން ކުރި ހުރިހާ ސްކޭންތަކާއި ޓެސްޓުތައް ތަކުރާރު ކުރުމަށް ޑޮކްޓަރުން ބުނެފައިވެއެވެ.
ކޮންމެ ދުވަހަކު ފަޔާޒް އެއްގަޑިއިރުގެ ވަގުތުކޮޅެއް ޝިޔާނާ އެޑްމިޓް ކުރެވިފައިވާ ކޮޓަރީގައި ހޭދަކުރެއެވެ. މަންޒަރު ބަލަން އުނދަގޫވިޔަސް، އޭނާ ބޭނުންވަނީ ހުރިހާ ވަގުތެއްގައިވެސް ޝިޔާނާ ގާތުގައި މަޑުކުރާށެވެ. ޓެސްޓުތައް ތަކުރާރުކޮށް އޭގެން ލިބޭނެ ނަތީޖާއެއްގެ އިންތިޒާރުގައެވެ. ޝިޔާނާގެ ދުލުން އެ ޙާދިޘާ ހިނގިގޮތް އަޑު އަހާލަން ބޭނުންވާތީއެވެ. ޝިޔާނާ މި މުސީބާތުން މިންޖުކުރާށެވެ.
= ނުނިމޭ =
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
16 Comments!
Comments are closed.





Nice
Varah furihama. Thakolheh kuru
Vrh reethii mi part vex…
Hiyvaru mi bahugai innaanee thaa sukuneh.. Alif sukuneh noon
Muaaz maraaly kihineh kameh genes dheefa eh nei.. rahum kuda ey kiyaafa nimmaalumuge badhalugai sifa koh dhinun himenumah edhen
thanks… 🙂
Awsum…waittin for next episode..
Varah salhii…
Thankolheh kureeee.
episode 9 ah vueh mi bai dhiguvaane… kiyaa hithun hureema kuruhen heevanee hen lafaa kurevenee… 🙂 enjoy reading
muaaz maraalaagen eulhenee shaaniyaahen heevaneee…. ?????????
Zai ah vex heevanii thihen..
Vvvvvvv reethe
v rythi BT susspence Maaa dhigy
dn mihaaru kudakoh readers ah vaanuvaa angaalaba…mibuny wat hpnd actually…
Varh furihama..
When is the next part. Vahaka varah interesting ??