ވިޔާމާއި އޭނާގެ މައިންބަފައިން އިންޑިއާއަށްދާން ފުރިއެވެ.ފުރަންދިޔަ މަގުމަތީގައިވެސް ވިޔާމަށް ދެފަރާތް ބެލެނީ ފަރީޝާ ފެނިދާނެކަމަށެވެ.އަނެއްކޮޅުން ފަރީޝާ ވަޒީފާއަށް ގޮސް މަޑުމަޑުން މާލޭގައި ދިރިއުޅުން ކުރިއަށް ގެންދިޔައެވެ.
*************
އިންޑިއާއަށް ދެވުމާއެކު ވިޔާމްމެން ފުރަތަމަވެސް އަވަސްވެގަތީ ޑަކުޓަރަށް ދެއްކުމަށެވެ.އެގޮތުން އިންޑިއާގައި، ކެންސަރު ބައްޔަށް އެންމެ ރަނގަޅޭ ގިނަމީހުން ބުނާ ޑަކުޓަރުގެ ގާތަށްް ވިޔާމާއެކު އޭނާގެ މައިންބަފައިންވެސް ދިޔައެވެ.ވިޔާމް ދިއުމުން ޑަކުޓަރު އޭނާ ބަލާ ޓެސްޓުތަކެއް ހެދިއެވެ.ވިޔާމްގެ ބައްޔަކީ ބޮޑު ބައްޔަކަށްވެފައި، އޭނާ މިހާރު ހުރީ އެބަލީގެ ނުރައްކާތެރި ސްޓޭޖެއްގައި ކަން ހެދި ޓެސްޓްތަކުން ޑަކުޓަރަށް އެނގުނެވެ.އެހެންނަމަވެސް ވިޔާމްގެ ހާލަތު އެހާ ސީރިއަސް އިރުވެސް، އެހެން ބަލިމީހުންނާއި ޚިލާފަށް ވިޔާމް ހިނގާބިނގާވެ އުޅެ، ބޭރުފުށުން ބަލީގެ އެއްވެސް އަލާމަާތެއް ވިޔާމްގެ ނުފެންނާތީ ޑަކުޓަރު އެކަމާ ވަރަށް ހައިރާންވިއެވެ.އެކަމާ ދޭތެރޭ ބުނާނެއެއްޗެއް ޑަކުޓަރަކަށް ނޭނގުނެވެ.
މާލޭގައި ވިޔާމް ދެއްކި ޑަކުޓަރުވެސް ބުނިފަދައިން، އޭނާގެ ބަނޑުގައި ކެންސަރު އުފެދިފައިވަނީ ނުރައްކާތެރި ހިސާބެއްގައި ކަމުނ،ް އޭނާއަށް އޮތް ފުރުސަތު ވަރަށް ކުޑަކަމަށް މިޑަކުޓަރުވެސް ވިޔާމް ގާތު ބުންޏެވެެ.އެވިރުވަން ބެލިއަސް އެއީވެސް ވިޔާމަށް އެހާ ރައްކާތެރި ކަމަކަށް ނުވާނެކަމަށް ޑަކުޓަރު ބުންޏެވެ.އެހެންނަމަވެސް ވިޔާމްމެން ބޭނުންނަމަ އޮޕޮރޭޝަން ކުރެވިދާނެކަމަށް ޑަކުޓަރު އޭނާ ގާތު ބުންޏެވެ.އެހެންނަމަވެސް އޮޕޮރޭޝަނަކީ ނުރައްކާތެރި އަދި ސަލާމަތްވާނެ ކަމުގެ އުންމީދު ކުޑަ އޮޕޮރޭޝަނެއް ކަމުން، އެކަން ކުރެވެންއޮތީ ވިޔާމަށް ކަމެއްވިއަސް ހޮސްޕިޓަލުން އެއްވެސް ޒިންމާއެއް ނުނަގާނެ ކަމުގެ އެއްބަސްވުން ފޯމުގައި ވިޔާމް ސޮއިކުރުމަށްފަހުގައި ކަމަށްވެސް ޑަކުޓަރު ބުންޏެވެ.
ޑަކުޓަރުގެ އެބަސްތަކުން ވިޔާމް ބަލައިލީ ކައިރީގައި ތިބި އޭނާގެ މައިންބަފައިންނަށެވެ.ގޮތް ހުސްވެފައިތިބި އެމީހުންގެ މޫނުތަކުން ފެންނަނީ މާޔޫސްކަމެވެ.ވިޔާމަށްވެސް ލިބިގެންދިޔައީ މާޔޫސްކަމެކެވެ.އެހާ ނުރައްކާތެރި އަދި ސަލަމާތްވުމުގެ ފުރުސަތުކުޑަ އެއޮޕޮރޭޝަން ކުރާކަށް ވިޔާމަކަށްވެސް އަދި އޭނާގެ މައިންބަފައިންނަކަށްވެސް ގަބޫލެއް ނުވެވުނެވެ.އެހެންކަމުން އޭނާ ތަކުރާރުކޮށް ޑަކުޓަރު ގާތު ޔަގީންކަމާއެކު ފަރުވާ ލިބޭނެ އެހެންގޮތެއް ނީންނާނެތޯ ސުވާލުކުރިއެވެ.ްޑަކުޓަރުގެ ޖަވާބަކަށްވީ، ޔަގީން އެހެންގޮތެއް އިންނަމަ އެކަންކުރާނަން ކަމަށާއި ހަމައެކަނި ވިޔާމަށް އޮތްގަތަކީ މިއީކަމަށެވެ.އޮޕޮރޭޝަން ކުރަން އެއްބަސް ނުވެވުމުންނާއި އޭނާއަށް ލިބޭނެ އިތުރުފަރުވާއެއްވެސް ނެތުމާއެކު، މާޔޫސްކަމާއިއެކު ވިޔާމް އެތަނުން ދާން ނިިކުތެވެ.ކިތަންމެ ދެރަވި ނަމަވެސް މަންމަމެން ކުރިމަތީގައި ހަމަޖެހެން ވިޔާމް މަަސައްކަތްކުރިއެވެ.އެހެންނަމަވެސް އޭނާހުރީ ދެރަވެފައިކަން އެމީހުންނަށް އެނގުނެވެ.
ގެއަށްދާން ކާރަށް އެރުމާއެކު ވިޔާމްގެ މަންމަ ފެށީ ރޯށެވެ.އޭނާގެ ހަގު ދަރިފުޅަށް ފަރުވާއެއް ނުލިބުމުންނެވެ.މަންމަ ރޯކަން އެނގުމުން ކުރީ ސީޓުގައި އިން ވިޔާމްގެ ދެލޮލުންވެސް ކަރުނަތައް ފައިބާން ފެށިއެވެ.
************
އިންޑިއާއަށް ކުރި ދަތުރު ކުރުކޮށްލުމަށްފަހު ވިޔާމްމެން މާލެއައެެވެ.އަދި ރަށަށް ދާން ފުރަން އުޅުނެވެ.ރަށަށްދާން ފުރަން މާލެގައި ހުރިއިރުވެސް ފަރީޝާ ފެނޭތޯ ވިޔާމް ވަރަށް ބެލިއެވެ.ނަމަވެސް އޭނާ އެނބުރި ރަށަށް ދިޔައީ ފަރީޝާވެސް ނުފެނި އަދި އޭނާއަށް ޝިފާެއެއްވެސް ނުލިބިއެވ.ެ
*******
ފަރީޝާ ދިރިއުޅުން ކުރިއަށް ގެންދިޔައެވެ.އެހެންނަމަވެސް ދަރިއަކު އޭނާ ބޭނުންވާ ބޭނުންވުމަށް ކުޑަނަމަވެސް ބަދަލެއް ނާދެއެވެ.އޭނާ ކިތަންމެހާވެސް ދަރިއަކު ބޭނުމެވެ.އެހެންނަމަވެސް ދެން އިތުރަށް ލޯބީގެ ގުުޅުމެއް މީހަކާ ބާއްވަން ފަރީޝާ ފަސްޖެހެއެވެ.ނިކަން ސީދާ ސާދާކޮށް ފަށާ ދިރިއުޅުމެއްވެސް، އޭގެ ފަހުގެ މަންޒިލަށް ވާސިލްވުމުން ގަދަފަދަ ތޫފާނުގެ ކޮޅީގައި ޖެހިގަންނާނެގޮތް އޭނާއަށް ނޭނގޭތީއެވެ.ވިޔާމާއެކު ފެށި ހަޔާތުގެ ދަތުރަށްވެސްވީ އެހެންކަމުން އޭނާ ޖެހިލުންވަނީއެވެ.އެހެންނަމަވެސް ދަރިއަކަށް އެދި އޭނާގެ ހިތް އިންތިހާއަށް ރޮނީއެވެ.
ހޮސްޕިޓަލަށް ގޮސް ޑަކުޓަރަށް އަނެއްކާވެސް ދައްކާލަން ފަރީޝާގެ ހިތަށްވެސް އެރިއެވެ.އެހެންނަމަވެސް ޑަކުޓަރަށް ދެއްކިއަސް އޭނާއަށް ކުއްޖަކު ލިބޭނީ މީހަކާ އިނދެގެންކަމުން އެކަން ކުރުމުގެ ވިސްނުން ފަރީޝާ ދޫކޮށްލިއެެވެ.އެހެންނަމަވެސް އޭނާގެ ހިތުގައި ކުޑަކުދިންނަށް އޮތް ލޯބި އެތާޒާ ކަންމަތީގައި އޮތެވެ.
މަގުމަތިން ކުޑަކުއްޖަކު ފެންނައިރަށް އެކުއްޖާއަށް ހިނިތުންވެލާ ނޫނީ ކޮންމެވެސް ސަމާސާއެއް ފަރީޝާ ކޮށްލައެވެ.ނޫނިީ އޭނާގެ އަތުގައި އެއްޗެއް އޮންނަ ވަގުތެއްނަމަ އެއެއްޗެއް ފެންނަ ކުޑަކުއްޖަކަށް ދިއްކޮށްލައެވެ.ބައެއްފަހަރު ލޯބިން ކުޑަކުދިންގެ ކޮލުގައިވެސް ފަރީޝާއަށް ހިފާލެވެއެވެ.ފަރީޝާ ކިތަންމެ ލޯބިން ކުޑަކުދިންނަށް ސަމާސާކޮށް އެއްޗެހިދީ އަދި އަތްލިއަސް، ބައެއް މައިންބަފައިން އެކަމާ އޭނާދެކެ ހިތްހަމަ ނުޖެހެއެވެ.ވާނީވެސް އެހެންތާއެވެ.އެެއްވެސް މައިންބަފައިންނެއް އެމީހުންގެ ދަރިންގެ ގައިގައި ނުދަންނަ ބީރައްޓެއްސެއް އަތްލާކަށް ހިތްހަމައެއް ނުޖެހޭނެއެވެ.އަދި ނުދަންނަ މީހަކު ދޭއެއްޗެއްގައި ހިފާކަށްވެސް ބޭނުމެއްނުވާނެއެވެ.އެހެންކަމުން މަދު މީހަކު ފިޔަވައި ގިނަމީހުން އޭނާ ދިއްކޮށްލާ ލުއިކާނާ ޕެކެޓްފަދަ އެއްޗެހީގައި އެމީހުންގެ ދަރިން އަތްޖެއްސުވިޔަކަ ނުދެއެވެ.
ކަންމިހެން އޮތަސް މިހާރު ފަރީޝާގެ ހިތުގެ ހަމައެކަނި ހަމަޖެހުމަކީ ކުޑަކުދިންނެވެ.ކުޑަކުދިން އުޅޭ ލޯބިގޮތް ފެނުމުން އޭނާގެ ހިތަށް ވަރަށްބޮޑު ހަމަޖެހުމެއް ލިބިގެންދެއެވެ.އެހެންކަމުން ކޮންމެދުވަހަކުވެސް ޑިއުޓީ ނިންމާލުމަށްފަހު ފަރީޝާ ދާންފެށީ އޭނާގެ ގެއާކައިރީގައި ހުންނަ ކުޑަކުދިން ކުޅޭ ޕާކަށެވެ.ކޮންމެދުވަހަކުވެސް އެތާ އެތައް ވަގުތެއް ފަރީޝާ ހޭދަކުރެއެވެ.ފަރީޝާގެ ކަމަކީ އެތާ އިނދެ ކުދިންއުޅޭ ލޯބި މަންޒަރު ބެލުމެވެ.އެއީ އޭނާއަށް ބަލާ ފޫހިނުވާނެ މަންޒަރުތަކެކެވެ.އެލޯބި ކުުޑަކުޑަ ތުންފަތްތަކުން ހިނިތުންވުން ފެންނަކޮންމެ ފަހަރަކު ފަރީޝާއަށް އިހުތިޔާރަކާނުލާ ހިނިތުންވެވެއެވެ.އެކުދިން އެއްއުނދޯލިން އަނެއް އުނދޯއްޔަށް އަރ،ާ ދުވެ ސަކަރާތްޖަހާ މަންޒަރުތަކަކީ ފަރީޝާއަށް ހަމައެކަނި މިހާރު އޮތް ހިތްހަމަޖެހުމެވެ.
************
(މިހާރު)
ޕާކުތެރޭ ހުރި އަށީގައި އިށީންދެގެެން ހިޔާލަކަށް ގެއްލިފައި އިން ފަރީޝާއަށް ހޭވެރިކަން ވިއެވެ.މާހައުލު އަނދިރިވެ ކުދިންތަކުގެ އަޑުތައް ކެނޑި މުޅިތަން ހިމޭންވާން ފެށިއެވެ.ލޮލުގައިވާ ކަރުނަ ފުހެލުމަށްފަހު، ފަރީޝާ ފޯނުނަގާ ވަގުތު ބަލައިލިއެވެ.އޭރު އިރުއޮއްސި ފަހެއްޖަހާ ބޮޑުވީއެވެ.އެހެންކަމުން އަވަހަށް އަތްދަބަަސް ކޮނޑުގައި އަޅުވާލުމަށްފަހު ފަރީޝާ އޭނާގެ ގެއާ ދިމާލަށް މިސްރާބުޖެހިއެވެ.
ޖެހިގެން އައި ދުވަހުވެސް ޑިއުޓީ ނިންމާލުމަށްފަހު ފަރީޝާ ޕާކަށް ވަނެވެ.ދުވަހަކީ ހުކުރުދުވަސްކަމުން ހަފްތާގެ އެހެން ދުވަސްތަކާ ޚިލާފަށް، މިއަދު ޕާކުތެރޭގައިވަނީ މީހުން ގިނަވެފައި ވެއެވެ.ކިތަންމެ މީހުން ގިނަވިއަސް ދިމާލެއް ހޯދާލުމަށްފަހު، ފަރީޝާ އިށީނެވެ.އަދި އޭނާގެ އާދައިގެމަތިން ޕާކުގައި ތިބި ކުދިން ކުޅޭ މަންޒަރުބަލަން އިނެވެ.މާލޭގައި ފަރީޝާ އުޅޭތާ މިހާރު އަހަރެއްވީއެެވެ.އެހެންނަމަވެސް ޕާކަށް އައުން އެއީ އޭނާ އަބަދުވެސް ކުރަމުން އަންނަ އޭނާގެ އާދައެކެވެ.
ވަގުތުތައް ހިނގަމުންދިޔައެވެ.މާހައުލު ފިނިވެ އަނދިރިވާން ފެށިއެވެ.އެއާއެކު މީހުންތައް އެމީހުންގެ ދަރިންތައް ގޮވައިގެން ގެއަށްދާން ޕާކުން ނިކުންނަން ފެށިއެވެ.މީހުންތައް މަދުވެ މުޅި އެޕާކުގައި މިހާރުވަނީ ދެތިންމީހެކެވެ.އެހެންކަމުން ފަރީޝާވެސް އެތަނުންދާން ބެންޗުން ތެދުވަން އުޅުނެވެ.އެވަގުތު ކުޑަ އަންހެންކުއްޖެއް ދުވެފައި އައެވެ.އަދި މަންމާއޭ ކިޔާ ފަރީޝާގެ އުނގުތެރެއަށް ވަދެ އޭނާގެ އުނަގަނޑުގައި އެތުއްތުކުއްޖާ ބައްދާލިއެެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.






can’t wait for ep 41 ?☺️??