ކުއްލިއަކަށް ކުޑަކުއްޖަކު އައިސް އެގޮތަށް ބައްދާލުމުން ފަރީޝާއަށް ލިބިގެންދިޔައީ ބޮޑު ހައިރާން ކަމެކެވެ.ވަގުތުން ފަރީޝާއަށް ބަލައިލެވުނީ އެކުޑަ އަންހެންކުއްޖާއާ ދިމާލަށެވެ.
“ކޮއްކޯ” އެކުއްޖާ މަޑުމަޑުން ގަޔާ ދުރުކޮށްލަމުން ފަރީޝާ ގޮވާލިއެވެ.އެވަގުތު މައުސޫމު ކުޑަކުޑަ މޫނު އުފުލާލުމަށްފަހު ކުޑަކުޑަ ދެލޮލުން ފަރީޝާއާ ދިމާލަށް އެކުއްޖާ ބަލައިލިއެވެ.
ހިކިކޮށްހުރި ކުޑަކުޑަ އެއަންހެންކުއްޖާ އަކީ ގައިގެ ކުލަ އަލިކޮށްހުރި ކުއްޖެކެވެ. ބަލާބެލުމަށް ހީވަނީ ދެއަހަރުގެ ކުއްޖެއް ހެނެވެ.ތުނި ފަން އިސްތަށިކޮޅު ދެފަރާތަށް އައްސާލައިފައިވާއިރު، ނިއްކުރިމައްޗަށް ކޮށާފައިވުމުން އެކުއްޖާގެ ލޯބިކަން އިތުރަށް ފާހަގަވެއެވެ.
“މާޝާﷲ” ކުއްޖާ ބަލާލުމާއެކު ފަރީޝާއަށް ބުނެވުނެވެ.އެލޯބި ލޯބި ކުއްޖާއަށް ބަލަހައްޓައިގެން މިނެޓެއްވަރު ފަރީޝާއަށް އިނދެވުނެވެ.
އެވަގުތު މަންމާއޭ ކިޔާ އަނެއްކާވެސް އެކުއްޖާ ފަރީޝާގެ އުނގުގައި ބޯއަޅާލިއެވެ. “މަންމާއޭ” ކިޔާ ކުއްޖާ ގޮވާލުމުން ފަރީޝާގެ ހިތަށް ލިބިގެންދިޔައީ ބަޔާންކޮށްދޭން ވެސް ނޭނގޭ އިހުސާސެކެވެ.
ކުއްޖާއަށް ބަލަން އިން ފަރީޝާއަށް، އެކުއްޖާއަކީ ކޮންމެވެސް ދެމަފިރިއެއްގެ ޅަފުރާނައެއްކަން އެނގެއެވެ. އެހެންކަމުން އެކުއްޖާ ގާތު މަންމަ ކޮބާތޯ ފަރީޝާ އަހާލިއެވެ.
ކުއްޖާއަށް ފަރީޝާ ކީއެއްޗެއް ނޭނގޭ ފަދައެވެ.ފަރީޝާގެ އުނގުގައި ބޯއަޅާލައިގެން ހުރި އެކުއްޖާ ދިޔައީ ފަރީޝާގެ އަތްދަބަހުގައި އެލުވާފައި އިން މަލާ ކުޅެމުންނެވެ.ކުޑަކުޑަ އިނގިލިތަކަކުން މަލާ ކުޅެމުންދިޔަ މަންޒަރު ފަރީޝާއަށް ފެނުމުން ބޭއިޚްތިޔާރުގައި ނަމަވެސް ފަރީޝާއަށް ހިނިތުންވެވުނެވެ.
ކުއްޖާގެ ފަރާތުން ޖަވާބެއް ނުލިބުމުން ޕާކުތެރެއަށް ފަރީޝާ ނަޒަރު ހިންގާލިއެވެ.އެވަގުތު އިސްކޮޅުން ދިގު، ހިކިކޮށްހުރި ޒުވާން ފިރިހެނަކު ދުވެފައި ފަރީޝާއާ ދިމާލަށް އަންނަ މަންޒަރު އޭނާއަށް ފެނުނެވެ.އެޒުވާނާ ލައިގެންހުރި ބެގީކުރި ގަމީހާއާއ،ި ފަޓްލޫނުގެ އިތުރުން، އަރައިގެންހުރި ބޫޓާއ،ި ކަރުގައި އޮތް ދިގު ޓައި ފެނި، އެއީ ކޮންމެވެސް ތަނެއްގައި ވަޒީފާ އަދާކުރާ މީހެއްކަން ފަރީޝާއަށް އެނގުނެވެ.
ދުވެފައި އައި އެޒުވާނާ، ފަރީޝާގެ އުނގުގައި ބޯއަޅާލައިގެން ހުރި ތުއްތުކުއްޖާ ގަޔާ ކައިރިކޮށްލަމުން ދަރިފުޅާއޭ ކިޔާ ބައްދާލުމަށްފަހު، ފުންނޭވާއެއް ދޫކޮށްލިއެވެ.ޒުވާނާގެ ހަރަކާތްތައް ހުރިގޮތުން އޭނާއަށް އޭނާގެ ދަރިފުޅު ގެއްލުނީކަން ފަރީޝާއަށް އެނގުނެވެ.
“އަޅުގަނޑު މިތާ އިންދާ ބޭބީ އައިސް އުނގުތެރެއަށް ވަނީ…އަޅުގަނޑު ދުރުކޮށްލަން މަސައްކަތްވެސް ކޮށްލިން އެކަމަކު އަނެއްކާވެސް ވަނީ އުނގުތެރެއަށް….މަންމަ ކޮބާތޯ ވެސް އެހިން އެކަމަކު ޖަވާބެއް ނުލިބުން” ޒުވާނާ އެއްޗެކޭ ހީކޮށްފާނެތީ ފަރީޝާ ކަންވީގޮތް ކިޔައިދިނެވެ.
“އެހެންތަ؟…އަޅުގަނޑަށް އޮފީސް ފޯނެއް އައިސްގެން ފޯނަށް ޖަވާބުދޭން ވަގުތުކޮޅަކަށް ދަރިފުޅާ ދުރަށްޖެހިލާފަ ދެން އެނބުރި ބަލާލިއިރު ފެންނަން ނެތުމުން މިހޯދަނީ” އޭނާވެސް ކަންވީގޮތް ފަރީޝާއަށް ކިޔައިދިނެވެ.
“ދަރިފުޅު ކިރިޔާއެއްނު ބައްޕަ ހާޓް އެޓޭކެއް ނުޖެހުނީ…ދެން އެހެން ނުހަދައްޗޭ އިނގޭ ލޯބީ..ހިނގާ އަވަހަށް ގެއަށްދާން” އެހެންބުނެ ކުއްޖާ އުރާލަން އޭނާގެ ބައްޕަ އުޅުނެވެ.
އެވަގުތު ކުއްޖާ “ނޯ” އޭ ބުނެ، ފަރީޝާ ކައިރިއަށް އައިސް އަނެއްކާވެސް އޭނާގެ އުނގުތެރެއަށް ވަނެވެ.
“ދަރިފުޅާ ހިނގާ ދެން ދާން މިހާރު ވަރަށް ލަސްވެއްްޖެ” ކުއްޖާގެ ބައްޕަ ކުއްޖާ ގެންދަން މަސައްކަތް ކޮށްލަމުން ބުނެލިއެވެ.
ކުއްޖާ ގެންދަން އުޅެން ފެށުމުން އެކަމާ ދެކޮޅުހަދާ އިތުރަށް އެކުއްޖާ ފަރީޝާގެ ގައިގައި ހިފާ ބާރުކޮށްލީ، ފަރީޝާއާ ދިމާލަށް “މަންމި ބަލާ” އޭ ބުނަމުންނެވެ.
“މަންމިއޭ؟…މީ އައިލީންގެ މަންމިއެއް ނޫނޭ” ކުއްޖާއަށް ވިސްނައިދެެވޭތޯ އޭނާގެ ބައްޕަ މަސައްކަތް ކުރިއެވެ. “ނޯ މީ ކޮއްކޮގެ މަންމި” ތުއްތު ޅައަޑަކުން އެކަމާ ދެކޮޅުހަދަމުން އެކުއްޖާ އޭނާގެ ބައްޕައަށް ބުނެލިއެވެ.
“ތެދެއް ކޮއްކޯ މީ ކޮއްކޮގެ މަންމިއެއް ނޫނޭ..ކޮއްކޮގެ މަންމީ ވީ ގޭގައޭ…އަވަހަށް ދޭ ބަސްއަހައިގެން ގެއަށް…ތީ ވަރަށް ބަސްއަހާ ކުއްޖެއްނު” ކުއްޖާއަށް ވިސްނައިދެވޭތޯ ފަރީޝާވެސް މަސައްކަތް ކުރަމުން ބުނެލިއެވެ.އެހެންނަމަވެސް އެކުއްޖާ ދިޔައީ ފަރީޝާއަކީ އޭނާގެ މަންމަ ކަމަށް ބުނަމުންނެވެ.
“ބަލާ މިހާރު އެއްވެސް ކުއްޖެއް ނެތެއްނު ޕާކުގައެއް…ހުރިހާ ކުދިން އެދިޔައީ މިހާރު ބަންދުކުރާ ވަގުތުޖެހުނީ” އެޒުވާނާ ބުނެލިއެވެ.ކުއްޖާގެ ބައްޕަ އެހެންބުނުމުން އެކުއްޖާ ޕާކުތެރެއަށް ބަލައިލިއެވެ.އަދި އަނެއްކާވެސް ފަރީޝާގެ ގައިގައި ހިފާ ބާރުކޮށްލައިގެން ހުއްޓެެވެ.
“ދަރިފުޅޫ ދައްތަ އެއިނީ ލަސްވެފަ…ދައްތަގެ ބޭބީ ކައިރިއަށް ގެއަށްދާން ބޭނުންވެފަ ދައްތަ އެއިނީ” ކުއްޖާގެ ބައްޕަ ކުއްޖާއަށް ވިސްނައިދެމުން ބުނެލިއެވެ.
އޭނާ އެހެންބުނުމުން އެކުއްޖާ ފަރީޝާއާ ދިމާލަށް ބަލައިލިއެވެ. “ނޯ މީ ކޮއްކޮގެ މަންމި..ކޮއްކޮ ދާނީ މަންމި ގޮވައިގެން…ހިނގާ މަންމި ދާްން” ފަރީޝާގެ އަތުގައި ހިފާލަމުން އެކުއްޖާ ބުނެލިއެވެ.
ކުއްޖާ ވާހަކަދައްކާ ޅަގޮތުންނާއި ފުރިހަމައަށް ވާހަކަދައްކަން ނޭނގޭތީއާއެކު އެއީ ވަރަށް ކުޑަކުއްޖެއްކަން ފަރީޝާއަށް އެނގުނެވެ.އެހެންކަމުން އެކުއްޖާއަށް ވިސްނައިދިނުމަކީ އެމީހުންނަށް ވީ އުދަނގުލަކަށެވެ.
“މަންމީ ހިނގާ ދާން މަންމީ” ފަރީޝާގެ އަތަށްހިފާ ދަމަމުން ކުއްޖާ ބުނެލިއެވެ.އެވަގުތު ފަރީޝާގެ ދެލޮލަށް ކަރުނަ ޖަމާވިއެވެ.އެހެންނަމަވެސް އަވަހަށް އެކަރުނަތައް އޭނާ ހިންދާލިއެވެ.
އަށިމަތީގައި އިން ފަރީޝާ ތެދުވެ ކުއްޖާގެ ކުރިމައްޗަށްވާގޮތަށް އުޑުފައިން އިށީނެވެ.އަދި ކުއްޖާގެ ދެކޮނޑުގައި ހިިފާ ވަރަށް ލޯބިން ގޮވާލިއެވެ. “އައިލީން ކޮއްކޯ..މީ ކޮއްކޮގެ މަންމިއެއް ނޫނޭ…މީ ދައްތައެކޭ އަވަހަށް ބަސްއަހަައިގެން ގެއަށްދޭ” ފަރީޝާ ލޯބިން ބުނެލިއެވެ.
“ނޯ ނޯ ނޯ ތީ ކޮއްކޮގެ މަންމި” ފަރީޝާގެ ވާހަކަ ކުރިމަރާލައި، އޭނާގެ ކަރުގައި ބައްދާލަމުން ކުއްޖާ ބުނެލިއެވެ.އެވަގުތު ފަރީޝާގެ ހިތަށް ފިނިކަމުގެ އިހުސާސެއް ކުރެވުނެވެ.
********
ވަރަށް އިރު ކުއްޖާގެ ބައްޕައާ ފަރީޝާއާ ދެމީހުންވެގެން ކުއްޖާއަށް ވިސްނައިދެވޭތޯ މަސައްކަތްކުރިއެވެ.އެހެންނަމަވެސް އެކުއްޖާ ގޮތެއް ދުލެއް ނުކުރިއެވެ.ފަރީޝާއަކީ އޭނާގެ މަންމަ ކަމަށާއި، ފަރީޝާ ގޮވައިގެން ނޫނީ ގެއަށް ނުދާން ކުއްޖާ ހުރީ ނިންމައިގެންނެވެ.އެހެންކަމުން ހަދާނެ އިތުރުގޮތެއް ނެތުމުން ކުއްޖާގެ ބައްޕަ، ކުއްޖާ ގަދަކަމުން ގެންދަން މަސައްކަތް ކޮށްލިއެވެ.
ޒުވާނާ އޭނާގެ ދަރިފުޅު އުރާލުމާއެކު، ކުއްޖާ ގަދަހަދާލުމަށްފަހު، ރޯންފެށިއެވެ.ކުއްޖާ ގަދަހަދާލުމާއެކު އޭނާގެ ބައްޕައަކަށްވެސް އެކުއްޖާ މަތައެއް ނުކުރެވުނެވެ.ބައްޕަގެ އަތުން ދޫވެ ރޮމުން، ދުވެފައި ފަރީޝާގެ ގާތަށް އެކުއްޖާ އައެވެ.އަދި އޭނާގެ ގައިގައި ބައްދާލިގޮތަށް މަންމީއޭ ކިޔާ ރޯންފެށިއެވެ.ތުއްތު ދެލޮލުން ކަރުނަ ފެނުމުން ފަރީޝާގެ ހިތަށް ވަރަށް އަސަރުކުރިއެވެ.
“ބޭބީގެ މަންމައަށް އައުމަށް އަންގަންވީނު…އޭރަށް ބޭބީއަށް ފަހަރެއްގަ ވިސްނިދާނެ…ކުޑަވީމަ ކިތަންމެވަރަކަށް ބުންޏަސް ބައެއްފަހަރު ނުވިސްނޭނެ” ފަރީޝާ ބުނެލިއެވެ. ފަރީޝާ އެހެންބުނުމާއެކު ޒުވާނާ އިސްދަށަށް ޖަހާލިއެވެ. “ބޭބީގެ މަންމައެއް ނުހުންނާނެ…..ވީ އާ ޑިވޯސްޑް” އެމީހާ ބުނެލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.






comment off kohlaafa inumun i cant reply to your comment on my previous episode…
here is part 41….hope you will like it…
and thanks for the comment widhaadhaa ismail ?
welcome ❤️keep it up @lamhus
Mi part ves varah reethi… ?⭐?❤️ ummydhu kuran next part mi ah vure dhigu kollaane kamah… ☺️ You are my favorite author lamhus ❤️❤️❤️❤️❤️
thanks dear ??
im trying to make it as long as i could thank you so much once again for the comment and the support?