ވިޔާމް ކާތައްޓަށް ބަލަންއިނދެ ކެއުން ކުރިއަށް ގެންދިޔައެވެ. “ވިޔާމް ފަރީޝާ މާލެދާން މިއުޅެނީ” ފަރީޝާ ބުނެލިއެވެ.ފަރީޝާ އެހެންބުނުމާއެކު ވިޔާމް ކޮށިއެރިއެވެ.އެވަގުތު ފަރީޝާ އަވަހަށް ވިޔާމަށް ފެންތަށި ދިއްކޮށްލިއެވެ.
“މާލޭގަ ކޮންތާކު ހުންނަން؟” ފެންފޮދެއް ބޯލުމަށްފަހު، ވިޔާމް އަހާލީ އާދައިގެ ރާގަކަށެވެ. “ވަޒީފާއަކަށް ވަދެ ތަނެއް ކުއްޔަށް ނަގައިގެން އުޅޭނީ” ފަރީޝާ ބުނެލީ ވިޔާމަށް ބަލަންއިނދެއެވެ. އެވަގުތު މަލާމާތުގެ ހިނިގަނޑެއް ވިޔާމް ޖަހާލިއެވެ. “މާލެގޮސް އުޅޭނެހާ ފެންވަރު ފަރީޝާ ގައިގައި އެބަހުރިތަ؟…އެތަނަށް ދާބޮނޑިން ވަޒީފާއެއްވެސް ނުލިބޭނެ…އަތުގަ ލާރި ނެތި ކިހިނެއް ތަނެއް ކުއްޔަށް ނަގަނީ؟…އޯ ނޫނިއްޔާ ރުފިޔާ ބޭނުންވަނީދޯ؟….ކިހާވަރެއް ދޭންވީ؟…ދިހަހާސް؟…ތިރީސްހާސް؟…ފަންސާސްހާސް؟” ވިޔާމް މަލާމާތުގެ ރާގަކަށް އަހާލިއެވެ.
“ނޫން ރުފިޔާ ބޭނުންވެގެންނޫން…ފުރަންއުޅޭ ވާހަކަ ބުނެލަންވެގެން…ފަރީޝާ އަތުގަ އެބަހުރި ދެތިންމަހަށް އެތަނުގަ އުޅެވޭވަރަށް ރުފިޔާ އެއްވެފަ…ފަރީޝާ މިދޭތެރެއިން ދުވަހަު މުސާރައަށް އަލަށް ރަށަށް ބަދަލުވި ބައެއްގެ، ގެ ސާފުކޮށްދެން ދިޔައިން” ފަރީޝާ ބުނެލިއެވެ.ފަރީޝާ އެހެންބުނުމުން ވަގުތުކޮޅަކަށް ފަރީޝާއާ ދިމާލަށް ބަލަން ވިޔާމް އިނެވެ. “އެހެންވެ އެވާހަކަ ބުނެލަންވެގެން އަދި ވަރި…” ފަރީޝާއަށް ބުނެވުނީ އެހިސާބަށެވެ. “ފޯމު ނަގާ އަހަރެން ސޮއިކުރާނަން…އަހަންނަށް ވަރިހަމަ ފަރީޝާ ރާއްޖެއިން ބޭރަށް ދިޔަޔަސް، އަހަރެން ބޭނުމެއްނޫން ބަލާކަށް” ކާން އިން ބަތްތަށި ބެހެއްޓުމަށްފަހު، ފެންތަށީގައި ބާކީހުރި ފެންފޮދު ބޯލުމަށްފަހު ވިޔާމް އެތަނުން އަވަހަށް ނިކުމެގެން ދިޔައެވެ.
ވިޔާމް ނިކުމެގެންދާ މަންޒަރުބަލަން ފަރީޝާ އިނީ ފެންކަޅިވެފައެެވެ.ފަރީޝާ ކޮންމެތަނަކަށްދިޔަސް، ކޮންމެގޮތަކަށް އުޅުނަސް ވިޔާމްގެ ފަރުވާލެއްނެތްކަން އޭނާގެ ވާހަކައިން ފަރީޝާއަށް އެނގުމުން އެކަމާ އޭނާ އަދި ވަކިން ދެރަވިއެވެ.ފަރީޝާ މާލެ ނުގޮސް މަޑުކުރުމަށް އެންމެފަހަރަކަށް ނަމަވެސް ވިޔާމްގެ ދުލުން ބުނާއަޑުއަހަން ފަރީޝާ ނުހަނު ބޭނުންވެއެވެ.ނަމަވެސް އެބަހެއް ވިޔާމްގެ ދުލުން ނީވޭނެކަން ފަރީޝާއަށް ޔަގީނެވެ.އެހެންކަމުން ލޯފޮހެ ހަމައަކަށްއެޅިލުމަށްފަހު، ތަށިތައްދޮވެ ކޮޓަރިއާ ދިމާލަށް ފަރީޝާ ހިނގައިގަތެވެ.
*********
ހެނދުނުވުމާއެކު ވަރިވުމަށްއެދި ހުށަހަޅާ ފޯމު ނެގުމަށްފަހު އެހިފައިގެން ފަރީޝާ ކޮޓަރިއަށް ވަނެވެ.އަދި އެފޯމު ފުރާލިއެވެ.ފޯމު ފުރާ ނިމުމުން އޭތި މޭޒުމަތީގައި ބާއްވާލުމަށްފަހު، ވަރިއާ ދޭތެރޭގައި ފަރީޝާ ކުޑަކޮށް ވިސްނާލިއެވެ.ފަސްއަހަރު ހޭދަވި ކައިވެނި ނިންމާލަން ޖެހުމުން އޭނާ ވަރަށް ދެރަވިއެވެ.
ވަގުތުތައް ހިނގަމުންދިޔައެވެ.ރޭގަނޑުވެ އަނދިރިވުމާއެކު އެންމެންގެ ހިލަން ކެނޑި މުޅިތަން ހިމޭންވިއެވެ.ކޮޓަރީގައި އިން ފަރީޝާ މޭޒުމަތީގައި އޮތް ވަރިފޯމަށް ބަލަހައްޓައިގެން އިންދާ މީހަކު ކޮޓަރިދޮރުގައި ޓަކިޖެހިއެވެ.ފަރީޝާ ދޮރުހުޅުވާލުމާއެކު ދޮރުމަތީގައި ވިޔާމް ހުރިތަން ފެނުނެވެ.އޭނާ ފެނުމާއެކު ފަރީޝާ ހީކުރީ އޭނާ އެއައީ ފަރީޝާ ކައިރި ނުދިއުމަށްބުނެ އާދޭސްކުރަން ކަމަށެވެ.
“ކޮބާ ފޯމު ނެގީތަ؟” ފުރަތަމަވެސް ވިޔާމް އަހާލި ވަރިފޯމުގެ ވާހަކައެވެ.ވިޔާމްގެ އެސުވާލުން ފަރީޝާ މާޔޫސްވިއެވެ.އަދި އޭނާއަށް އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. “ކޮބާ ފޯމު؟ ކޮންތާކު އަހަރެން ސޮއިކުރަންވީ؟” ކޮޓަރިއަށް ވަންނަމުން ވިޔާމް އަހާލިއެވެ.އެވަގުތު މޭޒުމަތީގައި އޮތް ފޯމު އޭނާއަށް ފަރީޝާ ދައްކާލިއެވެ.
ފަރީޝާ ފޯމު ދެއްކުމާއެކު ވިޔާމް އެފޯމާ ދިމާލަށް ދިޔައެވެ.އަދި ފޯމު ކައިރީގައި ބާއްވާލައިފައިވާ ގަލަން ނަގާ ސޮއިކުރަން ތައްޔާރުވިއެވެ.އޭނާއަށް ފަހު ފުރުސަތު ދިނުމަށްއެދި ފަރީޝާ ގާތު ވިޔާމް އާދޭސްކުރާނެނަމައޭ އެވަގުތު ވިޔާމަށް ބަލަން، ދެރަވެފައި ހުރި ފަރީޝާގެ ހިތަށްއެރިއެެވެ.
“ވިޔާމް..މަޑުކޮށްބަ..ތީގަ ސޮއިކުރުމުގެ ކުރިއަށް ފަރީ ބުނެލަން ބޭނުންވާ ވާހަކަ އަޑުއަހާލަދީ ޕްލީސް…އެއީ ތީގަ ސޮއިކުރުމަށްފަހު ވިޔާމް އަޑެއްނާހާނެހެން ހީވަނީ” ސޮއިކުރަން ހާއްސަކޮށްފައިވާ ތަނުގައި ގަލަމުގެ ތުނޑު ވިޔާމް ޖައްސާލިތަނާ ފަރީޝާ ކުއްލިއަކަށް ބުނެލިއެވެ.އެވަގުތު ސޮއިކުރަން ގުދުވެގެންއޮތް ވިޔާމް ސީދާވެލުމަށްފަހު ފަރީޝާއަށް ބަލައިލިއެވެ. “އާނ…ސޮއިކުރުމަށްފަހު ދައްކަންޖެހޭނެ އަދި އަޑުއަހަންޖެހޭނެ ވާހަކައެއްވެސް ނޯންނާނެ ބުނަން ބޭނުންވާ ވާހަކައެއް އަވަހަށް ބުނޭ އެހާ ޓައިމެއްނެތް” ވިޔާމް ބުނެލިއެވެ.
ވިޔާމް އެހެންބުނެ ފަރީޝާއާ ދިމާލަށް ބަލަންހުއްޓެވެ.ފަރީޝާ ވަރަށް ރަނގަޅަށް ވިޔާމަށް ބަލައިލިއެވެ. “ވިޔާމް ވިޔާމްތީ ފަރީގެ ހަގީގީ ލޯބި…ފަރީޝާ ވިޔާމްދެކެ ވަރަށް ވަރަށް ލޯބިވޭ…” ފަރީޝާ ފެންކަޅިވިއެވެ.އޭނާގެ އަރުތެރެ ބެނދޭގޮތްވިއެވެ.ނަމަވެސް ހިތްވަރުކޮށްފައި ވާހަކަ ކުރިއަށް ގެންދިޔައެވެ. “ދޮންމަންމަގެ ނުލަފާ އަނިޔާވެރިކަމުން ފަރީ ސަލާމަތްކޮށްދިން މީހަކީތީ..އެކަމަށް ފަރީޝާ އަބަދުވެސް ވިޔާމަށް ޝުކުރުވެރިވަން…ފަރީޝާގެ އެދުމަކީ ވިޔާމް ފަރީޝާއަށް ހިތްބުރަ ނުކުރުން…ނަތާޝާއާ ތިދެމީހުންނަށް ރަނގަޅު ހަޔާތަކަށް އެދެން” އެންމެ ފަހުޖުމުލަ ބުނި ވަގުތު، ކިތަންމެ ހިފަހައްޓަން މަސައްކަތް ކުރިނަމަވެސް ފަރީޝާގެ ދެލޮލުން ކަރުނަތައް މަޑުމަޑުން ފައިބައިގަތެވެ.
“ނިމުނީ؟” ފަރީޝާގެ ވާހަކަތައް އަޑުއަހަން އޭނާއާ ދިމާލަށް ބަލަންހުރެލުމަށްފަހު ވިޔާމް އަހާލިއެވެ.ވިޔާމްގެ ރާގުގައި ވަނީ އާދައިގެ ގޮތެކެވެ.އޭނާ ފަރީޝާ ވަރިކުރަން ޖެހުމުން ދެރަވާހެނެއް ހިއެއްނުވެއެވެ.ވިޔާމްގެ ދެލޮލުން އެންމެ ކަރުނަތިއްކެއްހާ ހިސާބުވެސް ފަރީޝާއަކަށް ނުފެނުނެވެ.ވިޔާމް އެހެން އެހުމުން ފަރީޝާ އިސްދަށަށް ޖަހާލިއެވެ.އެވަގުތު ފޯމުގައި ސޮއިކުރަން ވިޔާމް އުޅުނެވެ.ވިޔާމް ފޯމުގައި ސޮއިކުރިއިރު އެމަންޒަރު ބަލަން ފަރީޝާ ހުރީ ފެންކަޅިވެފައެވެ.ފޯމުގައި ސޮއިކުރުމާއެކު ވިޔާމް އަވަހަށް އެތަނުން ނިކުތެވެ.ވިޔާމް ނިކުތުމާއެކު ފަރީޝާއަށް ވަރަށް ބޮޑަށް ރޮވުނެވެ.އޭނާ ފަރީޝާއާ ދޭތެރޭގައި އެއްވެސްކަހަލަ އިހުސާސެއް މިހާރަކު ނެތްކަން ފަރީޝާއަށް މިރޭ އެނގިއްޖެއެވެ.
*********
ކޮޓަރިއަށް ވަތްގޮތަށް ފަރީޝާ ކުރިމަތީގައި ބޭރުނުކޮށް ހިފަހައްޓާލި ކަރުނަތައް ވިޔާމް ބޭރުކޮށްލިއެވެ.ވިޔާމް ހަމައެކަނި ލޯބިވި އަދި މިހާރުވެސް ލޯބިވާ އޭނާގެ އަނބިމީހާ ފަރީޝާއާ އުމުރަށް ވަކިވާން ޖެހުމުން އޭނައަށްވެސް އެކަންވީ ބޮޑު ހިތާމައަކަށެވެ.ވިޔާމް ރޯ މަންޒަރުބަލަން ނަތާޝާއާއި އޭނާގެ މަންމަގެ އިތުރުން ބައްޕަ ވެސް އެކޮޓަރިތެރޭގައި ދެރަވެފައި ތިއްބެވެ. “ކިހިނެއްވީ ކަންތައްތައް ދަރިފުޅާ…ފަރީޝާ ފޯމު ފުރާފިތަ؟” ވިޔާމްގެ މަންމަ އަހާލިއެވެ.
“އާނ ފަރީޝާ އޮތީ އެފޯމު ފުރާ ނިންމާފަ..އޭގަ އިނީ މާދަމާގެ ތާރީޚު ޖަހާފަ…އޭނަ މާދަން ފޯމުލާނެ މަންމާ…ފަރީ އެންމެފަހުން ބުނި ޖުމުލަ ދުވަހަކުވެސް މިހިތަކުން ފިލައިގެން ނުދާނެ…އޭނަ ބުނީ އަހަރެންދެކެ އޭނަ ވަނީ ހަގީގީ ލޯތްބޯ….އެހެންބުނުމާއެކު މިހިތަށް ލިބުނީ ބުނެދޭން ނޭނގޭ ހިތްދަތިކަމެއް…އެހެންނަމަވެސް އޭނަ ކުރިމަތީ އަހަރެން އެހިތާމަ ސިއްރުކޮށްގެން ހުރީ އެއްވެސްކަމެއް ނުވާކަމަށް ހަދައިގެން” ރޮމުން މަންމަގެ އުނގުގައި ބޯއަޅާލައިގެން އޮވެ ކަންތައްތައް ވީގޮތް މަންމައަށް ވިޔާމް ކިޔައިދިނެވެ.
“ދަރިފުޅާ ހެޔޮނުވާނެ ތިހެން އަބަދު ދަރިފުޅު ރޮއެހިތާމަ ކުރާމަންޒަރު ބަލަން މަންމަމެނަށް ކެތެއްނުވާނެ….ދަރިފުޅުގެ އެދުމުގެ މަތިން މަންމަމެން ފަރީޝާއަށް ގޯސްކޮށް ކަންތައް ކުރަނީވެސް…އަސްލު ފަރީޝާއަކީ ވަރަށް ރަނގަޅުކުއްޖެއް…ތިދެކުދިން އެކަަކު އަނެކަކުދެކެ އެހާ ލޯބިވޭ…ދަރިފުޅު ތިހާ ދެރަވަންޏާ ދެން އޭނައަށް ހަގީގަތް ކިޔައިދޭންވީނު ދަރިފުޅާ” ވިޔާމްގެ މަންމަ ބުނެލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.





