“އެދެލޮލުން ކަރުނަ ފެންނަ ކޮންމެފަހަރަކު މިހިތަށް ހާދަ އަސަރެއްކުރެޔޭ މަންމާ…މިރޭވެސް އޭނަ ރުއި” ވިޔާމް ރޮމުން ބުނެލިއެވެ.ވިޔާމަށް ވަރަށް ބޮޑަށް ރޮވުނެވެ.އޭނާއަށް ރޮވުނުވަރުން ނޯށުންވެސް ފެން އަންނަން ފެށިއެވެ. “ދަރިފުޅު ތިހާ ދެރަވަންޏާ ދަރިފުޅަށް ކެންސަރުޖެހިފަ ހުރިވާހަކަ ފަރީޝާ ކައިރި ބުނަންވީނު” ވިޔާމްގެ ބޮލުގައި ފިރުމަމުން އޭނާގެ މަންމަ ބުނެލިއެވެ.މަންމަ އެހެންބުނުމުން ވިޔާމަށް ކެންސަރުޖެހިފައިވާކަން އެނގުނު ދުވަހުގެ ހަނދާން އޭނާއަށް އަާވިއެވެ.
**********
އެއީ މީގެ ހަތަރުއަހަރު ކުރިއެވެ.ވިޔާމް އަބަދުވެސް އޭނާގެ ބަނޑުގައި ދޭތެރެއަކުން ރިއްސާތީއުޅެއެވެ.ނަމަވެސް އޭރު މާބޮޑަށް ތަދުނުވާތީ އޭނާ އެކަން މާބޮޑުކަމަކަށް ނަހަދައެވެ.ވިޔާމްގެ ބަނޑަށް ދޭތެރެއަކުން ތަދުވާކަން ފަރީޝާއަށްވެސް އެނގެއެވެ.އެހެންނަމަވެސް އެއީ ބަނޑުގައި އުފެދިފައި އިން ޓިއުމަރެއްގެ ސަބަބުންވާްކަމެއް ކަމެއް އޭރު ވިޔާމަށްވެސް އަދި ފަރީޝާއަކަށްވެސްް ނޭނގެއެވެ.ވިޔާމް ބަނޑަށް ތަދުވެ އުޅޭތީ، އޭނާގެ ބަނޑުގައި ބޭސްހާކަދީ، ބަނޑުގައި ރިއްސުން ރަނގަޅުކުރަން އެކިވައްތަރުގެ ބުއިންތައް ހަދާފައި ފަރީޝާ ވިޔާމަށް ބޯންދެއެވެ.އެހެންނަމަވެސް އެދެވޭ ނަތީޖާއެއް ނުލިބުމުން ފަރީޝާގެ އެދުމުގެ މަތިން ވިޔާމް ޑަކުޓަރަށް ދެއްކިއެވެ.ރަށުގައި އެތެރެހައްޓަށް ވަރަށް މޮޅު ޑަކުޓަރެއް ހުރުމާއެކު، ވިޔާމް ދެއްކީ ރަށު ހޮސްޕިޓަލަށެވެ.
ޑަކުޓަރަށް ދެއްކުމުން ޓެސްޓުތަކެއް ހެދުމުގެ އިތުރުން ބަނޑުގެ ސްކޭނެއްވެސް ކުރިއެވެ.ހެނދުނު ޑަކުޓަރަށް ދެއްކުމަށްފަހު ނަތީޖާ ލިބުމުން ގުޅާނެކަމަށް ބުނެ ޑަކުޓަރު އެމީހުން ފޮނުވާލީ، ފަރީޝާ އަދި ވިޔާމްގެވެސްެ ފޯނު ނަންބަރު އަތުލުމަށް ފަހުގައެވެ.އެއީ ނަތީޖާ ލިބުމުން ގުޅުމަށާއި އަދި އެއްނަންބަރުން ފޯނު ނުނަގާފިނަމަ ދެވަނަ ނަންބަރަށް ގުޅުމަށެވެ.
އެދުވަހުގެ ހަވީރު ފަރީޝާގެ ފޯނަށް ނުދަންނަ ނަންބަރަކުން ގުޅަންފެށިއެވެ.އެވަގުތު ފޯނު އޮތީ ކޮޓަރީގައިކަމުންނާއި ވިޔާމްވެސް އެނދުގައި އޮތް ވަގުތަކަށްވާތީ ފަރީޝާގެ ފޯނު ރިންގުވި އަޑު ވިޔާމަށް އިވުނެވެ.ނުދަންނަ އެނަންބަރުން ދެވަނަފަހަރަށް ފަރީޝާގެ ފޯނަށް ގުޅުމުން ވިޔާމް ނެގިއެވެ.އެއީ އެވަގުތު ފަރީޝާހުރީ ބަދިގެތެރޭގައި ކަމަށްވާތީއާވެސް އެކުގައެވެ.ގުޅީ ޑަކުޓަރެވެ.އެދުވަހު ޑަކުޓަރު ވާހަކަދެއްކީ ފަރީޝާ ކަމަށްހީކޮށް ވިޔާމާއެވެ.
“ހަލޯ ވަރަށް އަވަހަށް ހޮސްޕިޓަލަށް ދުރުވެލައްވާ…ތިބޭފުޅާގެ ފިރިމީހާ ވިޔާމްގެ ނަތީޖާ ލިބިއްޖެ..ހީ އިޒް ވެރީ ސީރިއަސް..ރަނގަޅީ ވިޔާމް ކައިރި އަދި މިވާހަކަ ނުބުނެ ތިބޭފުޅާ ދުރެވެލެއްވިއްޔާ” ފޯނު ނެގުމާއެކު ވިޔާމަށް އަނގައިން ނުބުނެވި އުޅެނިކޮށް ޑަކުޓަރު އެއްނޭވާއިން އެހެންބުނެ ފޯނު ކަނޑާލިއެވެ.
ޑަކުޓަރު ސީރިއަސްކަމެކޭ ބުނުމުން ވިޔާމްގެ ހިތް ނުތަނަވަސްވިއެވެ.އެހެންނަމަވެސް އެއީ ކޮންމެކަމަކަށްވިއަސް ފަރީޝާއަށް އަންގައިގެން އޭނާ ހާސްކުރަން ބޭނުންނުވާތީ ވިޔާމް އެދުވަހު ފަރީޝާއަށް ނޭނގޭގޮތަށް ހޮސްޕިޓަލަށްދާން ނިންމިއެވެ.އޭނާ ހޮސްޕިޓަލަށް ދިޔައީ ޑަކުޓަރުގެ އެކޯލު ފަރީޝާގެ ފޯނުން ފުހެލުމަށްފަހުގައެވެ.އެހެންކަމުން ޑަކުޓަރު ގުޅިކަމެއް ފަރީޝާއަކަށް ނޭނގެއެެވެ.
ހޮސްޕިޓަލަށް ވިޔާމް ދިއުމުން ޑަކުޓަރު ވަރަށް ހައިރާންވިއެވެ.އެހެންނަމަވެސް ވިޔާމް އައުމުން އޭނާއަށް ހަގީގަތް ކިޔައިދިނުން ނޫންގޮތެއް ނެތުމުން ޑަކުޓަރު ކިޔައިދޭންފެށިއެވެ.ވިޔާމްގެ ބަނޑުގައި އިނީ ޓިއުމަރެއް އުފެދިފައިކަމަށާއި، އެޓިއުމަރުވަނީ ކެންސަރަށް ބަދަލުވެފައިކަމަށް ޑަކުޓަރު ބުންޏެވެ. އަދި އޭތި އުފެދިފައިވަނީ ބަނޑުގެ ނުރައްކާތެރި ހިސާބެއްގައި ކަމުން ސަލާމަތްވުމަށް އޮތީ ފިފްޓީ ފިފްޓީގެ ޗާންސެއްކަމަށްވެސް ޑަކުޓަރު ބުންޏެވެ.ކީމޯ ތެރެފީ ރާއްޖެއިން ބޭރުން ނަގައިގެން އެވިރުވަން މަސައްކަތް ކުރިނަމަވެސް އެކަމުންވެސް މާބޮޑު ގެރެންޓީއެއް ނުދެވޭނެކަމަށް، އޭނާގެ ތަޖުރިބާގެ އަލީގައި ޑަކުޓަރު ވިޔާމަށް ބުނެދިނެވެ.ޑަކުޓަރުގެ އެބަސްތަކުން ވިޔާމް ދެރަވެ ޖެހިލުންވިއެވެ.އޭނާއަށް ދެރަވިވަރުންގޮސް ޑަކުޓަރުގެ ކުރިމަތީގައި ރޮވުނެވެ. ވިޔާމް ރޯންފެށުމުން ޑަކުޓަރު އޭނާއަށް ހަމްދަރުދީވިއެވެ.
ފަރީޝާއަށް އެކަން ނާންގާ ފޮރުވައިދިނުމަށް އެދި ޑަކުޓަރުގެ ގާތުގައި ވިޔާމް އެދުވަހު ރޮއެ އާދޭސްކުރިއެެވެ.ވިޔާމް ރޮއެފައި އެވަރަށް އާދޭސްކުރުމުން އެކަން ކުރުމަށް ޑަކުޓަރު އެންމެފަހުން އެއްބަސްވިއެވެ.ހޮސްޕިޓަލުން ގެއަަށްދިޔުމުގެ ކުރިން ބަނދަރުމަތީގަައި އިނދެ ވިޔާމް ވަރަށް ރުއެވެ.ކައިވެނިވިތާ އަހަރެއް ކިރިޔާ ހަމަވީތަނާ، އަދި ވިޔާމްމެނަށް ދަރިއަކުވެސް ނުލިބި އުޅެނިކޮށް ދުނިޔޭގައި އޭނާ ހުރުމުގެ އުންމީދު ގެއްލުމުން ވިޔާމްގެ ހިތަށް ދުވަހަކުވެސް ނުކުރާހާ އަސަރު އެދުވަހު ކުރިއެވެ.އޭނާ ދެރަވަނީ މަރުވެދާނެތީއެއް ނޫނެވެ.އޭނާ ދެރަވަނީ ފަރީޝާ ރޮއްވާފައި ދުނިޔެއިން ވަކިވެދާން ޖެހިދާނެތީއެވެ.
ކިތަންމެ ވަރަކަށް ވިޔާމް ރުއި ނަމަވެސް އޭނާ އެދުވަހު ގެއަށްދިޔައީ މުޅިން ހަމައަކަށް އެޅިގެންނެވެ.ވިޔާމްގެ އެދުމުގެމަތިން ޑަކުޓަރު އަނެއްކާވެސް އެރޭ ފަރީޝާގެ ނަންބަރަށް ގުޅިއެވެ.އެފަހަރު ފޯނު ނެގީ ފަރީޝާއެވެ.އެވަގުތު ކައިރީގައި ވިޔާމްވެސް އިނެވެ.ވިޔާމްގެ ނަތީޖާ ލިބުނުވާހަކަ ބުނެ އެބަލާ އައުމަށް ޑަކުޓަރު ފަރީޝާއަށް އެންގިއެވެ.
އެރޭ ފަރީޝާއާ ވިޔާމް ހޮސްޕިޓަލަށް ދިޔައެވެ.ވިޔާމްގެ އެދުމުގެމަތިން ހަގީގަތް ސިއްރުކުރަމުން ޑަކުޓަރު ފަރީޝާ ކައިރިބުނީ ވިޔާމްގެ ހަށިގަނޑުގައި ފެންމަދުވުން ނޫން މާބޮޑު މައްސަލައެއ،ް ހެދި ސްކޭނުންވެސް އަދި ޓެސްޓުތަކުންވެސް ފެންނަން ނެތްކަމަށެވެ.އެހެންކަމުން ގިނައިން ފެންގިނަ މޭވާއާާ، ފަތާއި ތަރުކާރިފަދަ ދުޅަހެޔޮ ކާނާ ބޭނުންކުރުމަށްބުނެ ވިޔާމްމެން ފޮނުވާލިއެވެ.ޑަކުޓަރުގެ އިރުޝާދުގެ ދަށުން ފަރީޝާ ވިޔާމަށް ކާންދެމުންދިޔައެވެ.ފަހަކަށްއައިސް ބަނޑަށް ތަދުވާ ވާހަކަ ވިޔާމް ނުދައްކާތީ ފަރީޝާ ހީކުރީ ވިޔާމްގެ އެބަލި ރަނގަޅުވީ ކަމަށެވެ.
ވިޔާމަށް ކެންސަރު ޖެހިފައިވާކަން އެނގުނު ހިސާބުން އޭނާ ވިސްނަމުން ދިޔައީ ފަރީޝާ ފަކީރު ވާނެ ދެރައަކާ މެދުގައެވެ.ވިޔާމްގެ ހަޔާތުގެ ނިމުން ގާތްވިއަސް، ފަރީޝާއަށް ދުނިޔޭގެ ދިރިއުޅުން ހޯދައިދޭން ވިޔާމް ބޭނުމެވެ.އެހެންކަމުން ވިޔާމް ނިންމީ އޭނާއާ ދޭތެރޭ ފަރީޝާގެ ހިތުގައި ރުޅިވެރިކަމާއި ނަފުރަތު އުފެއްދުމަށެވެ.އެގޮތަށް ހެދުމުން ފަރީޝާއަށް ވިޔާމާ ވަކިވާން ފަސޭހަވާނެތީއެވެ.އެހެންނޫންނަމަ ވިޔާމް ކިތަންމެ ބަލިވިޔަސް ފަރީޝާ އޭނާ ދޫނުކުރާނެކަން އިނގޭތިީއެވެ.އަދި އިސްވެ ވިޔާމަށް ފަރީޝާ ވަރިކުރަން ނުކެރޭތީއާވެސް އެކުގައެވެ.
ވިޔާމަށް ކެންސަރުޖެހިފައިވާކަން އޭނާގެ އާއިލާމީހުންނަށް އެންގިއެވެ.އެެހެންނަމަވެސް އެކަން ފަރީޝާކައިރި ނޭންގުމަށް އެމީހުންނަށް އޭނާ އާދޭސްކުރިއެވެ.ވިޔާމަށް ކެންސަރުޖެހިފައިވާކަން އެނގުމުން އެންމެންވެސް ވަަރަށް ދެރަވިއެވެ.އަދި ވިޔާމްގެ އެދުމުގެމަތިން ފަރީޝާއަށް އެމީހުން އެކަން ސިއްރުކުރިއެވެ.
ވިޔާމަށް ކެންސަރުޖެހިފައިވާކަން އެނގުނުފަހުން އޭނާ ގެންދިޔައީ ފަރީޝާ އޭނާގެމަތިން ފޫހިކުރުވާނެގޮތަކާމެދު ވިސްނަމުންނެވެ. އެދުވަސްކޮޅަކީ ދަރިއެއް ބޭނުންވެގެން ފަރީޝާ އުޅުނު ދުވަސްވަރު ކަމުން ވިޔާމަށް ހިޔާލެއް އައެވެ.އެއީ ހޮސްޕިޓަލަށްގޮސް ފަރީޝާގެ ޓެސްޓް ހެދުމަށްފަހު އޭނާއަށް ދަރިން ލިބުނަސް، ނުލިބޭގޮތަށް ޓެސްޓުގެ ނަތީޖާ ބަދަލުކުރުމެެވެ.އެއީ ފަހަރެއްގައި ދަރިން ނުލިބެންޏާ ފަރީޝާާ ވިޔާމާ ވަކިވެދާނެތީއެެވެ.ވަސީމާގެ ރަހުމަތްތެރި އަންހެނުންގެ ހާއްސަ ޑަކުޓަރެއްގެ އެހީގައި ވިޔާމް ބޭނުންވާގޮތަށް ނަތީޖާ ބަދަލުކުރެވިދާނެކަން ކަށަވަރުވިއެވެ.އެހެންކަމުން ވިޔާމް އެދުނީ އޭނާގެ މައިންބަފައިން ގާތު ފަރީޝާ ހުންނަތަންތާ މާމަ ދަރިއަކު ބޭނުންވާ ވާހަކަ އެމީހުން ދެއްކުމަށެެވެ.ވިޔާމް އެދުނުގޮތަށް ވިޔާމްގެ ފަރާތުން މާމަ ދަރިއަކު ލިބޭތަން ދެކެން ބޭނުންވާ ކަމަށްބުނެ އޭނާގެ މައިންބަފައިން އެވާހަކަ ދައްކަންފެށިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.





