“މަންމާ.. ކިހިނެއްތަ އަޅުގަނޑު އަފްލާކް ގާތު ހުރިހާ ވާހަކައެއް ކިޔާދޭނީ؟ އަފްލާކް ގަބޫލުކުރާނެކަމެއް ވެސް ނޭނގެއެއްނު.. މަންމާ، އަޅުގަނޑަކަށް ނުކެރޭނެ ބުނާކަށް… ސަމީމައްތަމެން އެއްބަސްވިޔަސް އަފްލާކްއަށް ހަގީގަތް އެނގޭ ދުވަހުން އަޅުގަނޑު ބާކީ ކުރާނީ… މަންމަ ޕްލީޒް އަޅުގަނޑަށް ހަގީގަތް ކިޔާދޭން މަޖުބޫރުނުކުރޭ.. އަޅުގަނޑަށް އަފްލާކް ގާތު ހުރިހާ ވާހަކައެއް ބުނުމުގެ ހިތްވަރެއް ނުލިބޭނެ…” ޔަނާލް ރަޒީނާގެ އަތުގައި މަޑުމަޑުން ހިފާލިއެވެ. ދެލޮލުގައި ވިދަމުންދިޔަ މުތީތަކެއް ފަދަ ކުދި ކަރުނަތިކިތައް ފެނިފައިވެސް ރަޒީނާގެ ހިތަށް ތަދުވެލިއެވެ. އޭނާވެސް އިނީ ފެންކަޅިވެފައެވެ. އަމިއްލަ ދަރިފުޅު އެޙާލުގައި އުޅޭތަން ބަލަން ކެތްވާނީ ކޮން މަޔަކަށް ހެއްޔެވެ؟
“ކޮން ވާހަކައެއް؟ ކޮން ހަގީގަތެއްތަ؟…” އެވަގުތު އެތެރެއަށް ވަދެގެން އައި އަފްލާކް އަހާލި ސުވާލުން ދެމީހުންނަށް ސިހިފައި ދޮރާއި ދިމާލަށް ބަލައިލެވުނެވެ. ކުޑަކޮށް ހުޅުވިފައިވާ ދޮރު ކައިރީ ހުއްޓިލައިގެން ހުރި އަފްލާކް ފެނުމުން ޔަނާލްއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ވަގުތުން ލޮލުގައި ބޮނޑިވެފައި ހުރި ކަރުނަތައް އޭގެ މަޤާމު ދޫކޮށް ފައިބައިގަތެވެ.
އަފްލާކް ހުރީ ދެޖީބަށް އަތްޖަހާލައިގެން ދެބުމަ ކައިރިކޮށްލައިގެންނެވެ. މޫނުމަތީގައިވާ އަސަރުތަކުން އެކަނިވެސް ހުރިހާ ވާހަކައެއް އަޑުއިވުނުކަން އެނގުނެވެ. ޔަނާލްއަށް އިތުރަށް އެތަނުގައި މަޑުކުރާނެ ހިތްވަރެއް ނުލިބުނެވެ. އޭނާ ދުވެ ގޮސް ކޮޓަރިއަށް ވަތް ތަން ބަލަން ރަޒީނާ ހުރީ ހުއްޓުން އަރާފައެވެ. އަފްލާކް ވެސް ހުރީ މިވަނީ ކީއްކަން ނޭނގިފައެވެ.
“އަފްލާކް.. ދަރިފުޅާ މިގަޑީގަ މިތާ ކީއްކުރަނީތަ؟..” މޫނުމަތީގައިވާ ހިތްދަތިކަމުގެ އަސަރުތައް ފޮރުވާލަން ރަޒީނާ ކުޅަދާނައީއެވެ. ހިނިތުންވެލަމުން އަފްލާކް ގާތު އިށީނުމަށް އެދުނެވެ.
“މަންމަ ބުނެގެން މިއައީ.. ދައްތަގެ ފޯނު ބޭއްވިފަ އޮތީމަ..” އަފްލާކް ރަޒީނާގެ ކުރިމަތީގައި ހުއްޓިލަމުން ފޯނު ދިއްކޮށްލިއެވެ. ރަޒީނާ އަވަސް އަވަހަށް ފޯނު ދަމައިގަތެވެ. ހީވީ އޭގައި އޮތް އެއްޗެއް އަފްލާކްއަށް ފެނިދާނެތީ އުޅުނުހެނެވެ. އަފްލާކް އިރުކޮޅަކަށް ހުއްޓުން އެރިއެވެ. ފުރަތަމަ ފަހަރަށް އެހިތުގައި ޝައްކުގެ އޮއެވަރެއް ހިނގާލިއެވެ. އޭނާއަށް ނޭނގޭ ބޮޑު ސިއްރެއް ވާކަމަށް ހިތް ބުނަންފެށިއެވެ.
އަފްލާކް އިރުކޮޅަކު ހުރެލުމަށްފަހު ދަނީއޭ ބުނެ ގޮސް ގެއިން ނުކުންނައިރަށް ރަޒީނާއަށް ފުރަތަމަވެސް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. ހީވީ މިއޮއް ހުރިހާއިރު ނޭވާ ނުލައި ހުރިހެންނެވެ. އޭނާ ފޯނު ހިފައިގެން ގޮސް ދެން އުޅުނީ ވަގުތު ފާއިތުވާން ވާއިރަށް ނަމާދު ކުރެވޭތޯއެވެ.
“އެމީހުން އެދެއްކީ ކޮން ވާޙަކައެއްތަ؟ ކޮން ހަގީގަތެއްގެ ވާހަކައެއްތަ؟ ޔަނާލްއަށް ކަމެއްވީތަ؟ ކީއްވެތަ ރަޒީނައްތަ ބުނީ ޔަނާލް އަދިވެސް ލޯބިވަނީ އަހަރެން ދެކެއޭ؟ ލޯބިވާއިރު ޔަނާލް ވަކިވީ ކީއްވެތަ؟ ކޮން ވާހަކައެއްތަ އެންމެން އަހަރެންނަށް ސިއްރުކުރަނީ؟…” ކޮޓަރީގެ އެނދުގެ ތިރީގައި އަޅާފާއިވާ މަޑު ކާޕެޓު މަތީގައި އިށީނދެލައިގެން އިން އަފްލާކް އިނީ އެނދުގައި ބުރަކަށި ޖައްސާލައިގެންނެވެ. ސިކުނޑީގައި ދެންމެ ޔަނާލްއާއި ރަޒީނާ ދެއްކި ވާހަކަތައް އެނބުރެމުން ދިޔައިރު ޔަނާލްގެ ސޫރަވެސް ފަނޑުވުމެއްނެތި ސިފަވަމުންދިޔައެވެ. އެންމެ ފުރަތަމަ ބައްދަލުވީ ދުވަހު ދިން ހިނިތުންވުމެވެ. އޭގެ ފަހުން އެދެލޮލުން ފެނުނު ޝަކުވާއެވެ. ވަކިވީއިރު ދެލޮލުން ފެނުނު ތަރުޖަމާ ކުރަން ދަތި ކުލަވަރެވެ. މިއަދު އެދެލޮލުން ފެންނަމުންދާ ވޭނެވެ. އަފްލާކްއަށް އަނެއްކާވެސް އޭނާގެ މާޒީގެ ތެރެއަށް ފީނާލެވުނެވެ.
*****************
“އޯހް ނޯ… ނަންވެސް އަހާކަށް ހަނދާނެއްނެތް..” ގެއަށް ވަދެވަދެ ހުރި އަފްލާކްއަށް ކުއްލިއަކަށް ހަނދާންވި ކަމެއްހެން ބުނެލެވުނެވެ. އޭނާ ދަތްތަކަށް ބާރުކޮށްލަމުން އިސްތަށިގަނޑަށް ވާންކޮށްލިއެވެ. ހުސްވެސް އޭނާގެ މޮޔަކަމުން ވާހާ ކަންތަކެވެ. “އެކަމަކުވެސް.. ދެން ފެނުނީމަ އިނގޭނެއެއްނު.. ނޯ ނީޑް ޓު ވޮރީ.. އެކުއްޖާ ބުނި ކޮލެޖުން ދިމާވާނޭ.. އައި ޖަސްޓް ހޯޕް އައި ފައިންޑް ހާރ އަގެއިން ސޫން..” އަފްލާކް އަމިއްލަ ހިތާއި މުޚާތަބުކޮށްލިއިރު އެތުންފަތުގައި ދުވެލާފައިވަނީ އެންމެ ރީތި ހިނިތުންވުމެކެވެ.
އޭގެ ފަހުން ދެދުވަސް ފާއިތުވެގެން ދިޔައިރު އަފްލާކްއަށް އެރީތި ޖިންސުއްލަޠީފެއް ނުފެނުނެވެ. ކޮލެޖަށް ދާން ބުރައަކަށްވެފައިވާ އަފްލާކްއަށް އެދެދުވަހުގެ ކޮލެޖު ގަޑިތައްވީ އެންމެ މުޙިންމު ވަގުތުތަކަށެވެ. އެހެންނަމަވެސް އޭނާގެ ނަސީބުގައި ދެން އެކުއްޖާއާއި ބައްދަލުވުމެއް ނެތީކަންނޭނގެއެވެ.
މިއަދަކީވެސް އުޑުމަތި ބަނަކޮށް އޮތް ދުވަހެކެވެ. ޖެހޭ ތެތްފިނި ވައިރޯޅިން ގައިން ހީބިހި ނަގައިގެންދެއެވެ. ފިނިކަމުން ކޮލެޖު ތެރޭގައި ހުރީ ހީޓަރުވެސް ޖައްސާފައެވެ. ކާރު ޕާކުކޮށްލަމުން ނިކުމެގެން އައި އަފްލާކްގެ މޫނުމަތީގައި ހިނިތުންވުމުގެ އަސަރެއްނެތެވެ. އޭނާގެ ހިތާއި ސިކުނޑީގައިވަނީ އެކުއްޖާއެވެ. އެންމެ ފެނިލުމަކުން ފަނޑުވުމެއްނެތި ކުރެހިފައިވާ އެރީތި ޙޫރުލްޢީނެވެ. މަޑުމަޑުން ދެޖީބަށް އަތްޖަހައިގެން ހިނގަމުންދިޔަ އަފްލާކް ހުއްޓުން އެރީ މީހެއްގެ ގައިގައި ޖެހުމުންނެވެ. އަވަސް އަވަހަށް މަޢާފަށް އެދެމުން އެކުއްޖާގެ އަތުން ތިރިއަށް ދޫވި ފޮތްތަށް ނަގައި އަތުތެރެއަށް ލާދިނެވެ. އެވަގުތު އޭނާއަށް ސިހިފައި އަތްދަމައިގަނެވުނެވެ. ހީވީ ކަރަންޓުގައި ޖެހުނުހެންނެވެ. ކުރިމަތި ބަލައިލިއިރު ލޯބި ހިނިތުންވުމަކާއެކު އެހުރީ އޭނާ ބައްދަލުކުރަން ބޭނުންވި ކުއްޖާއެވެ. މިދެދުވަހުގެ ނިދި ނަގާލައި ބައްދަލުވާނެކަމަށް އުންމީދުކުރި އޭނާގެ ހިތުގައި ފުރަތަމަ ވިކާލި ސޫރައެވެ. އެހިތުގައި އެންމެ ފުރަތަމަ އައު ވިންދެއް ޖަހާލީ އެއަންހެން ކުއްޖާއަށްޓަކައެވެ.
“ހޭއި..” ޙިޔާލުތަކުގެ ތެރޭ ހުރި އަފްލާކްއަށް ހަމަބިމަށް އާދެވުނީ އެކުއްޖާގެ ޖާދުވީ އަދު ކަންފަތުގައި ޖެހުމުންނެވެ. ހީވީ ކަންފަތުގައި މަޑުމަޑު ނާނާއެއް އެޅުވުނުހެންނެވެ. އިޚުތިޔާރެއްނެތި ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.
“ހޭއި…” އަފްލާކްވެސް ހިނިތުންވެލަމުން އިސްނަގައި ސަލާމަށް އަތްދިއްކޮށްލިއެވެ. އެވަގުތު އެއަންހެން ކުއްޖާ ރަކި ހިނިތުންވުމަކާއެކު ސަލާމް ކޮށްލިއެވެ. “ވޯހް.. ސޮފްޓް ހޭންޑް…” އަފްލާކްގެ އަނގަގަދަކަމާއެވެ. ހިތަށް އައި އެންމެ ފުރަތަމަ ޖުމުލަވެސް ބޭރުވީއެވެ. އޭނާ ކުޑަކޮށް ދޫނެރިލަމުން ދެދަތްޕިލަ ދޭތެރޭގައި ފިއްތާލިއެވެ. އޭރު އެއަންހެން ކުއްޖާ ހުރީ ރަކިވެފައެވެ. ކޯތާފަތަށް މަޑު ޖަންބުކުލައެއް ވެރިވެފައިވާއިރު ހީވަނީ ބްލަޝްކޮޅެއް އުނގުޅާލާފައިވާހެންނެވެ.
“ހެހެހެ… މިދެދުވަހު ވަރަށް ހޯދިންތަ؟..” އެކުއްޖާ ސީދާ އަފްލާކްގެ ދެލޮލަށް ބަލަހައްޓައިގެން ހުރެ އަހާލިއެވެ. އެއަޑުގައި ޖެހިލުންވުމެއްނެތެވެ. އަފްލާކްއަށް ފުރަތަމަވެސް ޖަހާލެވުނީ ހިނިގަނޑެކެވެ.
“ހޯދާތޯ ބަލަން ދޯ ކޮލެޖަށް ނައީ؟..” އަފްލާކްވެސް ބަދަލުގައި ކޮށްލީ ސުވާލެކެވެ. އެކުއްޖާ ޖަވާބުދޭން އަނގަ ހުޅުވާލާފައިވެސް އެއްވެސް އެއްޗެކޭ ނުބުންޏެވެ. ބަދަލުގައި ހަދިޔާކޮށްލީ ލުއި ހިނިތުންވުމެކެވެ.
“އައިމް ޔަނާލް.. ޔޫ ކޭން ކޯލް މީ ޔަނާ އޯރ ޔަންނު އިޒް އޯކޭ..” ޔަނާލް އަމިއްލަ ތަޢާރަފެއްދިނެވެ. އެވަގުތު އަފްލާކްއަށް ހީވީ މުޅި ދުނިޔެ ރަންވިހެންނެވެ. އެންމެފަހުން އެއަންހެން ޖިންސުއްލަޠީފްގެ ނަންވެސް އެނގުނީއެވެ.
“އައިމް އަފްލާކް.. ކޯލް މީ ލާކް..” އަފްލާކްވެސް ލުއި ހިނިތުންވުމަކާއެކު އަމިއްލަ ތަޢާރަފެއްދިނެވެ. އެވަގުތު ބެލް ޖެހި އަޑަށް ދެޒުވާނުން ސިހިފައި އަވަހަށް ކޮލެޖަށް ވަނެވެ. ދެމީހުންގެ ނަސީބުކަމެއް ނޭނގެއެވެ. ފުރަތަމަވެސް ދާންޖެހުނީ އެއްކުލާހަކަށެވެ.
“ކީއްވެތަ މިދެދުވަހު ނައީ؟..” ދެވަނަބަރީގައި ޔަނާލްގެ ގާތުގައި ހުރި ގޮނޑީގައި އިށީންނަމުން އަފްލާކް ސުވާލުކޮށްލިއެވެ. އެވަގުތު ޔަނާލްއަށް ފާޑަކަށް އިސްޖެހުނެވެ. ތުންފަތުގައި ދަތްއަޅާލަމުން އޭނާ ހިނިތުންވާން މަސައްކަތްކުރިއެވެ. އެހެނަސް އެހާ ކައިރީގައި އަފްލާކް އިނުމުން އެހިތް ތެޅެމުންދިޔައީ ނުހަނު ބާރުމިނުގައެވެ. އޭނާ ހިނިތުންވާން ކުރި މަސައްކަތްވެސް ވީ ބޭކާރެވެ.
“ބަލިވީ…” ޔަނާލްގެ އަޑު ނިކުތީ ނުހަނު މަޑުންނެވެ. ޚުދު އަފްލާކްއަށް ވެސް އެއަޑު އިވުނީ ކިރިޔާއެވެ. އޭނާ އަވަސް އަވަހަށް ކިހިނެތްވީހޭ އަހާލިއެވެ.
“ތެމުނީތަ ބަލިވީ..” މިފަހަރު ޔަނާލް ދިން ޖަވާބުން އަފްލާކްއަށް ހިނިގަނޑު ކޮންޓްރޯލެއް ނުވިއެވެ. އޭނާ އަނގަމަތީގައި އަތްއަޅައިގެން އިނދެ ހެމުން ދިޔައިރު ޔަނާލް އިނީ ރަކިވެފައެވެ. އެދުވަހު ބަލިނުވާނެޔޭ ކިޔައި ގަދަދެއްކި މީހާ މިދެދުވަހު އުޅުނީ ހުންއައިސް، ރޯގާ ޖެހިގެންނެވެ. އެކަމަކު އެއީ ޔަނާލްވެސް ޙައިރާންވި ކަމެކެވެ. އޭނާ ވާރެއާއި ތެމުމަށްފަހު ބަލިވި ފުރަތަމަ ފަހަރެވެ.
“އަދި ބުންޏެއްނު ބަލި ނުވާނޭ.. ހަހަހަހ… ސީރިއަސްލީ ޔޫ އާރ ސޯ ފަނީ.. އެދުވަހު ހަމަ އަސްލަށް އެހެން ބުނީ ގަދަދައްކާލަންތަ؟..” އަފްލާކްއަށް ހެވޭވަރުން ވާހަކަވެސް ދެއްކުނީ އެހާ ހާލުންނެވެ. އޭރު ޔަނާލް އިނީ ދެތުންފަތް އޫކޮށްލައިގެންނެވެ. އަފްލާކް އެހާވަރަށް ހޭތީ އޭނާ އިނީ ލަދުގެންފައެވެ. ދެން އަޅެފަހެ މީހަކަށް އެއްޗެއް ބުނެވިގެން އެވަރަށް ހޭން ވެދާނެހެއްޔެވެ؟
“ހޫމމ ހެވޭ ދެން.. އަސްލު ޔަންނުވެސް ވަރަށް ޙައިރާންވި.. އަލަށް ވާރެއާއި ތެމުނުފަހުން މި ބަލިވީ… އިޓްސް ދި ފަސްޓް ޓައިމް އައި ސްވެއަރ..” ޔަނާލް އޭނާގެ އަތުގެ އިނގިލިތަކާއި ކުޅެލަމުން ބުނެލިއެވެ. އަފްލާކް އެހާ ގާތުގައި އިނުމުން ނޭނގޭ އުދަގުލެއްވަނީއެވެ. ބަލާކަށް ނުކެރެއެވެ. ހަތަރުކަޅި ހަމަކޮށްފިއްޔާ އެލޮލުގައިވާ ބާރަކުންވެސް ޔަނާލްގެ ހަށިގަނޑުން ހީބިހި ނަގައިގެންދެއެވެ.
“ހެހެހެ އޯކޭ އޯކޭ ގަބޫލުކޮށްފިން.. ވެދާނެ އެދުވަހު އަހަރެން ބަލިނުވޭހޭ އެހީމަކަމަށްވެސް..” އަފްލާކް ފޮތް ނަގަމުން ޔަނާލްއަށް ވެސް އިޝާރާތްކޮށްލިއެވެ. އޭރު ޕްރޮފެސަރ ކުލާހަށް ވަންނަނީއެވެ. އެހިސާބުން ދެމީހުން ވާހަކަ ކުރުކޮށްލުމަށްފަހު ކިޔެވުމަށް ސަމާލުކަން ދެވޭތޯ ބެލިއެވެ.
އަފްލާކް އަދި ޔަނާލްގެ އެކުވެރިކަން ފެށިގެންދިޔައީ އެހިސާބުންނެވެ. ދެމީހުން އެކަކު އަނެކަކާއި އެތައް ވާހަކައެއް ހިއްސާކުރިއެވެ. ދިރިއުޅުމުގެ އެންމެހާ ކަންކަމާއި އާއިލީ ގުޅުންތަކެވެ. ދެމީހުންގެ ހިތުގައިވެސް އުފެދެމުން އައި އިހުސާސްތައް ފޮރުވަމުންދިޔައީ އެކުވެރިކަމަށް ބުރޫ އަރާފާނެތީއެވެ.
މެންދުރުގެ އެންމެ އަވިބާރު ވަގުތެވެ. އިރުގެ ގަދަހޫނުން ހަށިތަކަށް ވަރުބަލިކަން ގެނުވަމުންދިޔައެވެ. ކޮލެޖުގެ ދެކުނު ފަރާތުގައި ހަދާފައިވާ ކުޑަ ބަގީޗާގެ ބެންޗެއްގައި އަފްލާކް އަދި ޔަނާލް އިށީނދެގެން ތިއްބެވެ. އަމިއްލަ ވާހަކައިގައި ތިބި ވަރުން ދެމީހުންނަށް ވެސް ހުއްޓެމުންދިޔަ ލޯތަކެއް ނުފެނެއެވެ. އެއަށްވުރެ ވާހަކަ މާ ބޮޑަށްވެސް ވާހަކައިގެ ފޯރިގަދައީ ކަންނޭނގެއެވެ. ޔަނާލް ސިހުނީ އޭނާ ފޯނު ރިންގުވުމުންނެވެ. އޭނާ ފޯނުނަގައި ބަލައިލަމުން ހިނިތުންވެލިތަން ފެނި އަފްލާކްގެ ހިތުގައި ޝައްކެއް ހިނގާލިއެވެ. އެވަގުތު ޔަނާލް ފޯނު ނަގަމުން ބޭބެއޭ ބުނެލިއެވެ. އަފްލާކް ހިނިއައީ ދެނެވެ. އޭނާ ހިނިއައިސްފައި އިނދެ މަޑުމަޑުން ބޯޖަހާލުމުން ޔަނާލް ތެދުވެގެން ގޮސް ހުއްޓިލީ ތަންކޮޅެއް ދުރުގައެވެ.
އިރުކޮޅަކު ބެންޗުގައި އިނދެފައި ޔަނާލް ނައިސް ލަސްވެގެން އެދިމާލަށް ބަލައިލި އަފްލާކްގެ ދެބުމަ ގޮށްޖެހުނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


