Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހަނދާންވޭ (9)

🥀lizzie🥀 Level 410 Stories100 Login
February 5, 2022 5 Mins Read
0 Comments

“ކޮބާތަ ޔަނާލް… ނާދޭތަ؟..” އެތެރެއަށް ވަތް ސަމީމާގެ ދުލުން ޔަނާލްގެ ނަން އަޑުއިވިފައި ސޯފާގައި ތިބި ތިންމީހުން ފުންމައިގެން ތެދުވިއެވެ. އަފްލާކްއަށް ވަދެގެން އައި އާއިލާ ފެނުމުން ހިންދިރުވާލަން ވެސް އުނދަގޫވެއްޖެއެވެ. ފުން ނޭވާއަކާއެކު ޒާލިކްއަށް ބަލައިލިއިރު އަލާޔާ އަދި ޒާލިކްގެ ނަޒަރުވެސް ވަނީ އޭނާއަށް ހުއްޓިފައެވެ.

“ނޫނޭ އެބައާދޭ.. މިތަނުން އެކުވެރިއެއް ފެނިގެން މަޑު..” “އަހާނ އެއޮއް އައީނު..” ރަޒީނާގެ ޖުމުލަ ފުރިހަމަ ނުވަނީސް ޔަލްވީ ވާހަކަދެއްކި އަޑަށް އެންމެންނަށް ދޮރާއި ދިމާލަށް ބަލައިލެވުނެވެ. އެވަގުތު ޔަނާލްގެ ދެފައި ހީވީ ގަނޑުވިހެންނެވެ. އޭނާއާއި ދިމާލަށް ހުއްޓިފައިވާ އެންމެންގެ ނަޒަރުތަކުގެ ތެރެއިން ވެސް އަފްލާކްގެ ފުން ކަނޑެއްފަދަ ދެލޯ ފެނިފައި ހިންދިރުވާލަން މަޖުބޫރުވެއްޖެއެވެ. އެތެރެހަށީގައި ދުވެލި ފިނި ރާޅާއިއެކު އޭނާ އިސްޖަހާލިއެވެ. މަންމަ އޭނާ ގޮވައިގެން އެއައީ މިގެއަށްހެއްޔެވެ؟

 

ކަޅުކުލައިގެ ކަކުލާ ހަމައަށް އަރާ ހެދުމަކާއި އައިސްބްލޫ ޖިންސެއް ލައިގެން ހުރިއިރު ރާޅުބާނި އިސްތަށިގަނޑު ފަހަތަށް އައްސާލާފައި އޮތެވެ. މޫނުމަތީގައި އެއްވެސް ވަރަކަށް މޭކަޕެއް ކޮށްފައިނުވާއިރުވެސް ހީވަނީ މޮޑެލްއެއް ހެންނެވެ. އަފްލާކް އެއޮއް ހުރިހާއިރު ބަލަހައްޓައިގެން އިނދެފައި ނަޒަރު ވަކިކޮށްލީ ޔަނާލް އިސްޖެހުމުންނެވެ.

“އަހާނ ޔަނާލް ދަރިފުޅާ.. އަވަހަށް އާދޭ.. ލަދުން ނުހުރެ އިށީނދެބަލަ.. މީ އަމިއްލަ ގެ ކަމަށް ހީކޮށްލާ އިނގޭ..” ޔަނާލްގެ އިސްޖެހިފައިވާ މޫނު ފެނުމުން ސަމީމާ ތެދުވެގެން ގޮސް ޔަނާލްގެ އަތުގައި ހިފަހައްޓާލައިގެން އައިސް ބޭންދީ އަފްލާކްގެ ކައިރީގައެވެ. ޔަނާލްއަށް ސިހިފައި ސަމީމާއަށް ބަލައިލެވުނުއިރު އޭނާ ކަމަކަށްނުހަދާ ގޮސް ރަޒީނާ ގާތު އިށީންނަނީއެވެ.

ޒާލިކް އަދި އަލާޔާ އިނީ ހައިރާންވެގެން ގޮސް އަނގަ ހުޅުވިފައެވެ. ސަމީމާ ޔަނާލް އެހާ ގާތްކޮށްލައިގެން އެއުޅެނީ ހުރިހާ ވާހަކައެއް އިނގޭތީބާއެވެ؟ ދެމީހުން އެހައިރާންކަން މަތީ ތިބެ އަފްލާކްއަށް ބަލައިލިއިރު އަފްލާކްގެ ތުންފަތް މަތީގައިވި ހިނިތުންވުން ފެނި ދެހިތަށްވެސް ހަމަޖެހުން ގެނެސްދިންކަހަލައެވެ. ފުން ނޭވާއަކާއެކު ދެމީހުން ދެމީހުނަށް ބަލައިލިއެވެ. ހަތަރުކަޅި ހަމަވެ، ސިކުންތެއްވެސް ނުވަނީސް ދެމީހުން ދުރުބަލާލައިފިއެވެ. އެތަން ފެނުނީ ދެމީހުންގެ ވާތްފަރާތުގައި ހުރި ސޯފާގައި އިން އަލާންއަށެވެ. އޭނާ ހިނިއައިސްފައި އިންދާ އަލާޔާ ބަލާލައިފިއެވެ. ދެވަނަ ސިކުންތުގައި އެމޫނުމަތިން އަނެއްކާވެސް ފެނިގެން ދިޔައީ ހައިރާންކަމެވެ. އަލާންއަކީ ޔަނާލްގެ އާއިލާހެއްޔެވެ؟ އޭނާއަށް އެކަމެއް ނޭނގޭހެއްޔެވެ؟

“އޯ.އެމް.ޖީ އެލެން…..” ވާހަކައިގައި ޖެހިފައި ތިބި ސަމީމާ އަދި ރަޒީނާވެސް ސިހިގެން ދިޔައީ އަލާޔާގެ އަޑުންނެވެ. ދެމީހުން އެކަކު އަނެކަކަށް ބަލައިލަމުން އަލާޔާއަށް ބަލައިލިއިރު އޭނާ އިނީ ދަތްތަށް ދައްކާލައިގެންނެވެ. އަލާންއަށް ބަލަހައްޓައިގެން އިނދެފައި އޭނާއަށް އެހެން ބުނެވުނީވެސް ބާރަށްކަން އެނގުނީ އެންމެންގެ ނަޒަރު އޭނާއަށް އަމާޒުވުމުންނެވެ. ވަގުތުން ދެ ކޯތާފަތަށް ޖަންބުކުލަ ވެރިވިއެވެ.

“އަލާޔާ ދަންނަންތަ އަލާން؟..” ސަމީމާ ޙައިރާންކަން މަތީ އިނދެ އަހާލި ވާހަކައިން ޒާލިކްއަށްވެސް އެމޫނަށް ބަލައިލެވިއްޖެއެވެ. އެވަގުތު ހަނދާންވީ އެއްދުވަހު އަލާޔާ ބުނެލި ވާހަކައެވެ. “އެހެންނޫނަސް އަލޫ ލޯބިވާ ކުއްޖެއް ހުރެޔޭ…” އެއްދުވަހު ވާހަކައިގެ ތެރޭން އޭނާ އަފްލާކް ގާތު އަލާޔާ ސެޓުކޮށްދޭށޭ ބުނި ބުނުމުން އަލާޔާ ދިން ޖަވާބަކީ އެއީއެވެ. އަނެއްކާ އެދުވަހު އަލާޔާ އެހެން ބުނީ ހަޤީޤަތުގައިވެސް ކުއްޖެއްދެކެ ލޯބިވެގެން ހެއްޔެވެ؟ “ބަޓް ޝީ ސެއިޑް އިޓް ވޯޒް ލާކް…” ޒާލިކް އަމިއްލަ ނަފްސަށް އިވޭވަރަށް ބުނެލިއެވެ. އަނެއްކާ އަލާންއަކީ… “ނޯ ވޭސް ޒާލިކް… އަލާންއަކީ އަލާޔާގެ ކާކުކަމެއް ނޭނގެނީސް މޮޔަނުވެބަލަ… އެހެންނޫނަސް ޒާލިކްއަށް ކޮން ކަމެއްތަ އަލާޔާ ކޮންމެ މީހަކާ ގުޅުން ބޭއްވިޔަސް… އިޓްސް ނަން އޮފް ޔޯ ބިޒްނެސް..” ޒާލިކްގެ ސިކުނޑި އޭނާއަށް ވިސްނާދިން ކަހަލައެވެ.

“ޔެސް މޯމް… އެލެން ނޭނގި ހުންނާނެތަ… ހީ އިޒް..” އަލާޔާ އެންމެ ފަހު ޖުމުލަ ފުރިހަމަނުކޮށް ހުއްޓާލާފައި ޒާލިކްއަށް ބަލައިލިއެވެ. އެވަގުތު ޒާލިކް ބަލަން އިނދެފައި މޫނަށް ފާޑެއްގެ ވައްތަރެއް ޖައްސާލަމުން ދުރުބަލާލިއެވެ. ޒާލިކްގެ ހިތް ތެޅިގަތީ އެޔެއް މިޔެއް ބަލާފައެއްނޫނެވެ. ޖަވާބު އަޑުއަހަން ކެތްމަދުވެ އިނދެވެސް އެމޫނަކުން އެކަމެއް ނުދެއްކިއެވެ. އޭރު އެހެން އެންމެން ޝައުގުވެރިވެފައި އަލާޔާއަށް ބަލަހައްޓައިގެން ތިއްބެވެ. ކޮންމެ މޫނެއްގައިވެސް ވީ ސުވާލުމާކެކެވެ. މިއޮއް ހުރިހާއިރު އިސްޖަހާލައިގެން އިން ޔަނާލްވެސް އިނީ އަލާޔާގެ ޖަވާބު އެހުމަށް ކެތްމަދުވެފައެވެ.

“ހީ އިޒް މައި ބެސްޓީ…” އަލާޔާ އެންމެފަހުން ހިނިގަނޑަކާއެކު ބުނެލި ޖުމުލައިން އަލާންގެ ވެސް ހިނިގަނޑު ފަޅައިގެން ދިޔައެވެ. ޒާލިކްގެ އަނގަ ސަކަރާތްވީއިރު ޔަނާލްއަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. އަފްލާކް އިނީ ހިނިއައިސްފައެވެ. ދެންތިބި މީހުންގެ މޫނުމަތިންވެސް ފެނިގެންދިޔަ ކުލަވަރުން އެއީ އެއްވެސް ވަރަކަށް އެމީހުން ހީކުރި ޖަވާބެއް ނޫންކަން އެނގިގެންދިޔައެވެ. ނަމަވެސް އެ އެންމެންގެ ތުންފަތްމަތިން ފެނިގެން ދިޔައީ ހިނިތުންވުމެވެ. ދެއާއިލާ ގުޅިފައިވާކަން ހާމަވާ އިތުރު ހެއްކެކެވެ.

އެވަގުތު ސަމީމާ އަދި ރަޒީނާ އެކަކު އަނެކަކަށް ބަލައިލަމުން ހިނިތުންވެލިއެވެ.

“ހުރިހާ ކުދިން ސައިބޯން ދާން ހިނގާ… މަންމަމެން ދައްކަން އޮތް ވާހަކަ ސައިބޮއެގެން އައިސް ދައްކާނީ ދޯ ރަޒީ… އޭރަށްނު ރަނގަޅަށް ވިސްނޭނީވެސް..” ސަމީމާ އެންމެ ފަހު ޖުމުލަ ލާނެތް ކަމާއެކު ބުނެލަމުން ރަޒީނާގެ އަތުގައި ހިފާލަމުން ގޮސް ކާކޮޓަރިއަށްވަނެވެ. ފަހަތުން ދެންތިބި އެންމެން މަޑު ހިނގުމެއްގައި އައިއިރު އަފްލާކް، ޔަނާލް، އަލާޔާ، އަދި ޒާލިކްގެ މޫނުމަތީގައިވީ ހައިރާންކަމެވެ. އަލާން ހިނިއައިސްފައި އެންމެންގެ މޫނަށް ބަލަމުން ހިނގަމުން އައިއިރު ހުރީ ބަނޑަށް ހީހިއެވެ. އެމީހުންނަށް އަދިވެސް ވާގޮތެއް ނޭނގޭހެއްޔެވެ؟

އެންމެން އެކި ވާހަކައިގައި ތިބެ ސައިބޮއެ ނިންމާލިއިރު އެތަނުގައިވަނީ އުފާވެރި މާޙައުލެކެވެ. އަލާޔާ، އަފްލާކް އަދި ޒާލިކް ޙައިރާންވީ ސަމީމާ ޔަނާލް އެހާ ގާތްކޮށްލައިގެން އުޅޭތީއެވެ. ހީވަނީ އަމިއްލަ ދަރިއަކާއި ވާހަކަދައްކާހެނެވެ. އެކަމާ އަފްލާކް ހިތްހަމަޖެހިފައި އިންއިރު އަލާޔާ އަދި ޒާލިކް އިރުއިރުކޮޅާ އަފްލާކްއަށް ބަލައިލައެވެ. ޔަނާލް އިނީ މިވަނީ ކީއްކަން ނޭނގިފައެވެ. އަފްލާކްގެ މަންމަ އޭނާދެކެ ލޯބިވާވަރު ފެނި އުފާވީނަމަވެސް މިއަދު އެކަމުން އެއްވެސް ފައިދާއެއް ކުރާނެހެއްޔެވެ؟

“ކޮބާ ރަޒީ ދެން މިއަދުގެ އެންމެ ޙާއްސަ ކަންތައް ކިޔާލަދޭންވީނު މިކުދިންނަށް.. ޔަގީން އަދިވެސް އެތިބެނީ ވާ ގޮތެއް ނޭނގިފައިކަން…” ސަމީމާ ހިނިއައިސްފައި އިނދެ ބުނެލިއެވެ. އޭރު އެންމެން ތިބީ ސޯފާގައެވެ. ދިގުކޮށް ހުރި ސޯފާގައި ސަމީމާ އިނީ ރަޒީނާ ކައިރީގައެވެ. އަނެއް ފަރާތުގައި ޔަލްވީ އިނދެފައި ދެން އިނީ ޔުނާންއެވެ. ޔުނާންގެ އުނގުގައި ޔުއާން އިށީނދެލައިގެން އިންއިރު އެލާނެތް ކުއްޖާ މިއަދު އިނީ ވާހަކަވެސް ނުދައްކައެވެ. ކުރިމަތީ ވަކިން ހުރި ސޯފާގައި ޔަނާލް އަދި އަލާން ތިބިއިރު ދެން އިން ދިގު ސޯފާގައި އިނީ އަފްލާކްއާއި ޒާލިކްއެވެ. އަލާޔާ އިނީ އަފްލާކް އިން ފަޅީގެ އަތްގަނޑުގައި އިށީނދެލައިގެންނެވެ.

“މަންމަމެން ވަރަށް ކުޑައިރުއްސުރެ މީ އެންމެ ގާތް ދެރަޙުމަތްތެރިން… އަބަދުވެސް ހުރިހާ ކަމެއް އެކަކު އަނެކަކާ ހިއްސާކުރަން… މިވީ ދެއަހަރުތެރޭ ދެމީހުން ބައްދަލުނުވިޔަސް އަބަދުވެސް ގުޅައިގެން ނަމަވެސް ވާހަކަދައްކަން.. އަދި ވަރަށް ކުޑައިރުއްސުރެ މަންމަމެން ނިންމާފަ އޮތް ނިންމުމެއް މީ.. އެކަމަކު އެއްވެސް މަޖުބޫރުކަމެއް ނޯންނާނެ އިނގޭ… އަފްލާކް.. ޔަނާލް… މަންމަމެން ދެމީހުން އަދި ދެކުދިންގެ ބައްޕަމެންވެސް ވަރަށް އެދޭކަމެއް މީ… ދެއާއިލާވެސް ވަރަށް ރުހޭ ކަމެއް… އެކަމަކު ދެކުދިން މިކަމަށް ނުރުހޭނަމަ ނޫނެކޭ ބުނެވޭނެ.. ކުރިންވެސް ބުނިހެން އެއްވެސް މަޖުބޫރުކަމެއް ނޯންނާނެ…” ސަމީމާ މިހާ ހިސާބަށް ބުނެފައި ހުއްޓާލަމުން އަފްލާކް އަދި ޔަނާލްއަށް ބަލައިލިއެވެ. ޔަނާލްގެ މޫނުމަތިން ހައިރާންކަން ފެނިގެން ދިޔައިރު އަފްލާކްގެ މޫނުމަތިން ފެނިގެންދިޔައީ ގަބޫލުނުކުރެވޭ ފަދަ ކުލަވަރެކެވެ. ބުނަން އުޅުނު ވާހަކަ ފަހުމުވީ ކަންނޭނގެއެވެ.

“އަފްލާކް… ޔަނާލް… މަންމަމެން ބޭނުންވަނީ ދެކުދިން ކައިވެނިކުރަން…” ރަޒީނާގެ ދުލުން ދެން ނިކުތް ޖުމުލަ އަހާފައި ދެމީހުން ދިޔައީ ފާޑަކަށް އެއްލިގެންނެވެ. އަލާޔާ އަދި ޒާލިކްގެ މޫނުމަތިން ހައިރާންކަމުގެ ކުލަވަރު ފެނުނުއިރު ދެންތިބި މީހުންގެ މޫނުމަތިން ފެނުނީ ހިނިތުންވުމެވެ. ހީވާ ގޮތުން އެމީހުންނަށް މިވާހަކަ އެނގެއެވެ.

“މަންމާ… ވިސްނަން ދުވަސްކޮޅެއް ދެވިދާނެތަ؟…” ދެތިން މިނެޓު ވިސްނަން އިނދެފައި އެންމެފަހުން އަފްލާކް ބުނެލިއެވެ. ހަގީގަތުގައި އޭނާ ބޭނުންވީ އާނއެކޭ ބުނެ އެހިސާބުން ކައިވެނީގެ ކަންތައް ކުރިއަށް ގެންދާށެވެ. ވެގެންވާނަމަ މިވަގުތުވެސް އޭނާ ހުރީ ކައިވެނިކުރަން ތައްޔާރަށެވެ. ނަމަވެސް ޔަނާލްގެ ނުގަބޫލުގައި އޭނާ ކައިވެނިކުރާކަށް ބޭނުމެއްނުވެއެވެ. ޔަނާލް އޭނާ ދޫކޮށްލީވެސް އޭނާ ބޭނުންނުވެގެން ނޫންހެއްޔެވެ. އޭނާ ބޭނުންވަނީ ޖަވާބެއް ދިނުމުގެ ކުރިން ޔަނާލްއާއި ވާހަކަދައްކާލާށެވެ.

“އެންމެ ރަނގަޅު.. އެއްހަފްތާ ތެރޭގަ ދެކުދިން ވިސްނާފަ އެކަކު އަނެކަކާ ވާހަކަދައްކާލާފަ ޖަވާބެއް ދިނަސް އެންމެ ރަނގަޅު… އެކަމަކު ބުނަން.. މިކަމުގަ އެއްވެސް ކުއްޖަކަށް މަޖުބޫރުކަމެއް ނޯންނާނެ… ދެކުދިންވެސް ވިސްނާފަ ދެކުދިންނަށް އެންމެ ރަނގަޅު ނިންމުމެއް މަންމަމެންނަށް އަންގާލާ..” ސަމީމާ ހިނިތުންވެލަމުން ބުނެލިއެވެ. ޔަނާލްއަށް ދޫކޮށްލެވުނީ ހަމަޖެހުމުގެ ނޭވާއެކެވެ. އެއްހަފްތާ ތެރޭގައި އޭނާއަށް އަފްލާކްއާއި ވާހަކަދައްކާލުމުގެ ފުރުސަތު ލިބޭނެނޫންހެއްޔެވެ.

ގެއަށް އައިސް ވަތް ޔަނާލް ފުރަތަމަވެސް ސޯފާ މައްޗަށް ވެއްޓިގަތެވެ. ޔަލްވީ ޔުއާން އުރާލައިގެން ގޮސް ކޮޓަރިއަށް ވަތްއިރު އަލާންއާއި ޔުނާން ވީ މިސްކިތަށް ގޮހެވެ.

“މަންމާ.. އަޅުގަނޑު ބޭނުން މަންމައާއި ވާހަކަދައްކާލަން… މިވަގުތު..” ގޭތެރެއަށް ވަދެގެން އައި ރަޒީނާ ފެނުމުން ޔަނާލް ތެދުވެލަމުން ކައިރީގައި އިށީނުމަށް ބުނެލިއެވެ. ރަޒީނާ އައިސް ޔަނާލް ގާތު އިށީންއިރުވެސް ޔަނާލް ދައްކަން އުޅޭ ވާހަކަ އެނގޭކަހަލައެވެ. މޫނުމަތިން ފެނުނީ އެކަހަލަ ކުލަވަރެކެވެ.

“މަންމާ…. މަންމައަށް ހުރިހާ ކަމެއްވެސް އެނގިހުރެ ކީއްވެ؟..” ޔަނާލް އިސްދަށަށް ޖަހާލައިގެން އިނދެ ފުރަތަމަވެސް ކޮށްލީ ޝަކުވާއެވެ.

“ޔަނާލް.. ދަރިފުޅު މިހާރު ދެން ކައިވެނިކުރާ އުމުރަށް އަޅައިފިޔޭ… އަދި މަންމައަށް އެނގޭ މިހާރުވެސް ދަރިފުޅު ލޯބިވަނީ އަފްލާކް ދެކެ ކަން… ވީއިރު މަންމަ ބޭނުމެއްނުވާނެ ދޯ ދަރިފުޅު އެހެން ކުއްޖަކާ ގުޅޭތަން ބަލާކަށް… ޔަނާލް، ކައިވެންޏަކީ ވަރަށް މާތް ގުޅުމެއް… ކުޅޭ ކުޅިވަރެއްނޫން… ޔަނާލް އެންމެ ފަހަރަކު އަފްލާކް ގާތު ތެދަށް ބުނިނަމަ މަންމައަށް ޔަގީން އަފްލާކް މިއަދުވެސް ދަރިފުޅާ ގުޅެން ހުންނާނީ ތައްޔާރަށްކަން… ދަރިފުޅު އަފްލާކް ގާތު ލޯބިނުވެޔޭ ބުނެ ގުޅުން ނިންމާލީމަ މަންމަ ވަރަށް ދެރަވި… އެކަމަކު ދެއަހަރު މަންމަ މިމަޑުކުރީ ދެކުދިންނަށް ވިސްނިގެން ނަމަވެސް އަނެއްކާ ގުޅޭތޯ… ސަމީމާއަށްވެސް މަންމަ ހުރިހާ ހަގީގަތެއް ކިޔައިދިނިން… ސަމީމާވެސް ބޭނުންވަނީ ޔަނާލް އަފްލާކްއަށް ހަގީގަތް ކިޔާދޭން…” ރަޒީނާ ޔަނާލްގެ ބޮލުގައި މަޑުމަޑުން ފިރުމާލަމުން ދެއްކި ވާހަކައިން ޔަނާލް ފެންކަޅިވިއެވެ. އެއީ އޭނާވެސް މިއަދު ހިތަށްއަރާ ކަމެކެވެ. އެދުވަހު އަފްލާކްއަށް ހަގީގަތް ކިޔާދެވުނު ނަމައެވެ.

“މަންމާ.. ކިހިނެއްތަ އަޅުގަނޑު އަފްލާކް ގާތު ހުރިހާ ވާހަކައެއް ކިޔާދޭނީ؟ އަފްލާކް ގަބޫލުކުރާނެކަމެއް ވެސް ނޭނގެއެއްނު.. މަންމާ، އަޅުގަނޑަކަށް ނުކެރޭނެ ބުނާކަށް… ސަމީމައްތަމެން އެއްބަސްވިޔަސް އަފްލާކްއަށް ހަގީގަތް އެނގޭ ދުވަހުން އަޅުގަނޑު ބާކީ ކުރާނީ… މަންމަ ޕްލީޒް އަޅުގަނޑަށް ހަގީގަތް ކިޔާދޭން މަޖުބޫރުނުކުރޭ.. އަޅުގަނޑަށް އަފްލާކް ގާތު ހުރިހާ ވާހަކައެއް ބުނުމުގެ ހިތްވަރެއް ނުލިބޭނެ…” ޔަނާލް ރަޒީނާގެ އަތުގައި މަޑުމަޑުން ހިފާލިއެވެ. ދެލޮލުގައި ވިދަމުންދިޔަ މުތީތަކެއް ފަދަ ކުދި ކަރުނަތިކިތައް ފެނިފައި ރަޒީނާގެ ހިތަށް ތަދުވެލިއެވެ. އޭނާވެސް އިނީ ފެންކަޅިވެފައެވެ. އަމިއްލަ ދަރިފުޅު އެޙާލުގައި އުޅޭތަން ބަލަން ކެތްވާނީ ކޮން މަޔަކަށް ހެއްޔެވެ؟

“ކޮން ވާހަކައެއް؟ ކޮން ހަގީގަތެއްތަ؟…” އެވަގުތު އެތެރެއަށް ވަދެގެން އައި އަފްލާކް އަހާލި ސުވާލުން ދެމީހުންނަށް ސިހިފައި ދޮރާއި ދިމާލަށް ބަލައިލެވުނެވެ. ކުޑަކޮށް ހުޅުވިފައިވާ ދޮރު ކައިރީ ހުއްޓިލައިގެން ހުރި އަފްލާކް ފެނުމުން ޔަނާލްއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ވަގުތުން ލޮލުގައި ބޮނޑިވެފައި ހުރި ކަރުނަތައް އޭގެ މަޤާމު ދޫކޮށް ފައިބައިގަތެވެ.

 

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

🥀lizzie🥀

Level 410 Stories100 Login

Other Articles

Previous

ފުރިހަމަ ހަނދުވަރު 2

Next

އުދާސް ދެވަނަ ބައި

Next
February 5, 2022

އުދާސް ދެވަނަ ބައި

Previews
February 5, 2022

ފުރިހަމަ ހަނދުވަރު 2



All Right Reserved!